އަރިއަތޮޅު ޙިމާޔަތްކޮށްފައިވާ ސަރަޙައްދުގައި މަރު، ޤަވާއިދުން ބުރަފަތީ ގާޑު އަޅުވާފައެއް ނެތް
މެނޭޖްމަންޓް ޕްލޭންގައި ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ލާޒިމުކޮށްފައި ހުއްޓަސް، ތަންފީޛެއް ނުކުރޭ.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
09 އޭޕްރިލް
ފުރަތަމަ ލަފާކުރި ގޮތާ ޚިލާފަށް މިދިޔަ ހަފްތާގައި ރަންގަލީ މަންޓާ ޕޮއިންޓްގައި މަރުވި ޖަރުމަނުގެ ފަތުރުވެރިޔާގެ ގައި މަތިން ބާރު ސްޕީޑްގައި ދޯންޏެއް ދުއްވާފައި ދިޔައީއެއް ނޫނެވެ. ފަހަތަށް ޖަހަނިކޮށް، ޑައިވް ބޯޓަކުން އޭނާ މޫދަށް ފުންމާލި ވަގުތު، ބޯޓުގެ ބުރަފަތީގައި އޮޅި ތާށިވީއެވެ.
އަރިއަތޮޅު ދެކުނު ބުރީގައިވާ މެރިން ޕްރޮޓެކްޓެޑް އޭރިއާގެ މެނޭޖްމަންޓް ޕްލޭންގެ ދަށުން ޑައިވިންގް ދޯނިތަކުގެ ބުރަފަތީގައި އަޅުވަން ލާޒިމްކޮށްފައިވާ ޕްރޮޕެލާރ ގާޑު ހުރީ އެޑައިވިންގް ދޯނީގައި އަޅުވާފައެއް ނޫނެވެ.
ފެހުރިއްސާއި އެންމަޑި (މަންޓާ ރޭ) ބަލާން ގިނަ ޢަދަދަކަށް ޑައިވް އަދި ސްނޯކްލް ކުރާ ފަތުރުވެރިން ފައިބާ މި ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަމާމެދު މިޙާދިސާއާ ގުޅިގެން ކަންބޮޑުވުން އުފެދުނެވެ. ނަމަވެސް އެސަރަޙައްދަށް ނިސްބަތްވާ ޑައިވަރުން އިއްތިފާޤުވަނީ އެކްސިޑެންޓް ހިނގީ ފަހަތަށް ޖަހަމުން ދަނިކޮށް "ހޮރައިޒަން 3" އިން ޑައިވަރު ފުންމާލުމުން ކަމަށެވެ.
"އޭނާ ބުރަފަތީގައި ޖެހި އޮޅިފައި އޮތްލެއް ބޮޑުކަމުން، ފުލުހުން އަންނަންދެން ދޯނި މީހުން މަޑުކޮށްގެން ތިބީ، ފޮޓޯއިން އެ ފެންނަނީ ފުލުހުން އައިސް ނެގި ފަހުން،" ޑައިވް ބޯޓެއްގެ ޑެކް މައްޗަށް ބޮޑީ ބޭގެއް ގެންދާ ތަން ފެންނަ ފޮޓޯއަކަށް ޢިޝާރާތްކޮށް "ބްލޫ ހޮރައިޒަން ގްރޫޕް"ގެ މުވައްޒަފަކު ޙިއްސާކުރި މެސެޖުގައި ވެއެވެ.
ޑައިވިންގް ދަތުރެއް ނިންމާލުމަށްފަހު، ސްނޯކަލް ކުރާން ބަޔަކު މޫދަށް ބާލަން އުޅެނިކޮށް، އެ ޑައިވަރު ފުންމާލީކަމަށްވެސް އެ މެސެޖުގައި ކިޔައިދީފައި ވެއެވެ.
ދަތެއް ވަތްކެއް ނެތް
ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ (ސަމްޕާ) އޮތީ އަރިއަތޮޅު ދެކުނު ބުރީ (އދ އަތޮޅު) ގައެވެ. އެއީ ރަންގަލީ ފަރުގެ ހުޅަނގު ދެކުނު ކަނާއި ދެމެދުގައިވާ ރަށްތަކުން ފަށައިގެން ދިގުރަށް ފަރާއި ހަމައަށް ކިލޯ މީޓަރަކަށެވެ. ޖުމްލަ ސަރަހައްދަކީ 5،610 ހެކްޓަރެވެ.

ގިނަ ދުވަހަކަށް އިންތިޒާރު ކުރަމުން އައި މެނޭޖްމަންޓް ޕްލޭނާއި އިޞްލާޙް ކޮށްފައިވާ ޒޯންކުރުމުގެ ހަމަތަކަށް ޢަމަލުކުރަމުން ފެށީ ފެބްރުއަރީ، 1 2025 އިން ފެށިގެންނެވެ. އެއީ ޓޫރިޒަމް މިނިސްޓްރީއާ އެއްކޮށްލުމުގެ ކުރިން، ވަކިން އެންވަޔަރަންމަންޓް މިނިސްޓްރީ އޮތްއިރު ކުރި އެންމެ ފަހުގެ އިޢުލާނެވެ.
އެ ޕްލޭންގައި ސްޕީޑް ލިމިޓްތަކެއް ކަނޑައަޅައި، ބުރަފަތި ގާޑު އެޅުވުމަށް ލާޒިމުކޮށްފައި ވެއެވެ. އަދި ސަންޕާގެ ތެރޭގައި ޑައިވް ނުވަތަ ސްނޯކްލިންގް ޙަރަކާތްތައް ހިންގާ ހުރިހާ އުޅަނދެއް ރަޖިސްޓްރީ ކުރަން ލާޒިމުކޮށްފައި ވެއެވެ. އެއްފަހަރާ ކޮންޓެކްޓް ޒޯނުގައި (ފެހުރިއްސާ 250 މީޓަރު ދުރުގައި) ހަޔަކަށް ވުރެ ގިނަ އުޅަނދު އަޅާފައި އޮވެގެން ނުވާނެއެވެ. އެއްފަހަރާ 60 އަށް ވުރެ ގިނަ މީހުން މޫދަށް ފައިބާ ތިބެގެން ނުވާނެއެވެ. ފަތުރުވެރިންނަށް މޫދަށް ފައިބާ ތިބެވޭނީ ގިނަވެގެން 15 މިނެޓު އިރެވެ.
އުޅަނދުތައް ޙިމާޔަތްކޮށްފައިވާ ސަރަޙައްދުގެ ތެރޭގައި ގަޑިއަކު 10 ނޮޓަށްވުރެ ބާރު ސްޕީޑެއްގައި މެނުވީ ދުއްވައިގެން ނުވާނެއެވެ. ފެހުރިހި ފަދަ ބޮޑެތި ކަނޑުގެ ދިރުންތަކާ 250 މީޓަރުގެ "ކޮންޓެކްޓް ޒޯން" ގެ ތެރޭގައި ދުއްވޭނީ 5 ނޮޓޫގައެވެ. އެފަދަ ބޮޑެތި ދިރުންތަކާ 50 މީޓަރުގައި ނަމަ 2 ނޯޓެވެ. އަދި 15 މީޓަރުގެ ތެރޭގައިނަމަ އުޅަނދު އޮންނާންވާނީ "ނިއުޓްރަލް" ގައެވެ.
ޑައިވް ނުވަތަ ސްނޯކްލް ކުރާ ހުރިހާ ސްޕީޑްބޯޓެއްގައި ތިން މަސް ދުވަހުގެ ތެރޭގައި ބުރަފަތި ގާޑު ހަރުކުރަން ޖެހޭ ކަމަށް ފުރަތަމަ ޕްލޭންގައި ވެއެވެ. ނަމަވެސް އޭޕްރީލް 30، 2025 ގައި ގެނައި އިސްލާޙަކުން އެ މުއްދަތު 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައި ވާއިރު، އުޅަނދުތަކާއި ކެޕްޓަނުންނާއި ފަޅުވެރިންނާއި ގައިޑުން ރަޖިސްޓްރީ ކުރުމުގެ މުއްދަތު ޖުލައި 31، 2025 ގެ ނިޔަލަށް އެއިޞްލާޙުން އިތުރުކޮށްދިނެވެ.
އެ މުއްދަތު ހަމަވިތާ މަހަކަށް ވުރެ ގިނަ ދުވަސް ވީއިރުވެސް ގާތްގަނޑަކަށް އެއްވެސް އުޅަނދެއްގައި ބުރަފަތީ ގާޑު ހަރުކޮށްފައެއް ނުވެއެވެ. ބައެއް ޑައިވް އޮޕަރޭޓަރުން މޯލްޑިވްސް އިންޑިޕެންޑެންޓަށް މަޢުލޫމާތު ދިނީ ސަލާމަތްތެރިކަމުގެ އެގާޑު ހަރުކޮށްފައި ނުވާ ކަމަށާއި، ދިވެހިރާއްޖެއަށް އެއީ އާ ކަމެއް ކަމަށެވެ.
ރޭންޖަރުން ޕެޓްރޯލް ކުރޭ، ނަމަވެސް ޤަވާޢިދު ގާވެފައި
ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ތަންފީޛުކުރުން ލާޒިމު ނަމަވެސް، ބުރަފަތީ ގާޑު ރާއްޖޭގެ ބާޒާރުގައި ލިބޭން ފެށުމުން އެހަރުކުރާން ފުރުޞަތު ދީ، ލުއިދީފައިވާ ކަމަށް ސަމްޕާގެ ރޭންޖަރަކު މިނޫހަށް ކިޔައިދެއްވިއެވެ.
"ގާޑް ރިކުއަރމަންޓްގެ ތަފްޞީލެއް ނޭނގެ. އަޅުގަނޑަށް ހީވަނީ ސުންގަޑި މިހާރު ފާއިތުވެއްޖެހެން. އެކަމަކު އެއީ ޙަޤީޤަތުގައި މިތަނުގެ ބާޒާރުގައި ޢާންމުކޮށް ލިބެން ހުރި އެއްޗެއް ނޫން، އެހެންވީމަ އަޅުގަނޑުމެން މިތިބީ ވައްތަރެއްގެ ވެއިޓިންގް ޕީރިއަޑެއްގައި،" ސަމްޕާ ހޮޓްލައިނަށް ގުޅުމުން ވާހަކަދެއްކެވި ރޭންޖަރުން މޯލްޑިވްސް އިންޑިޕެންޑެންޓަށް ކިޔައިދެއްވިއެވެ.
އެ ސަރަޙައްދުގައި ޙަރަކާތްތެރިވާ ގިނަ އުޅަނދުފަހަރު މިހާރު ރަޖިސްޓްރީވެ، ގައިޑުން ތަމްރީނު ކުރުމާއި ސެޓްފިކެޓް ދިނުމުގެ މަސައްކަތް ރޭވިފައިވާ ގޮތަށް ކުރިއަށްދާ ކަމަށް އެފަރާތުން މަޢުލޫމާތު ދެއްވިއެވެ. މާމިގިލީގައި ޤާއިމުވެ ތިބޭ ރޭންޖަރުންގެ ޓީމަށް ޕެޓްރޯލްކުރާނެ އުޅަނދެއް ދާދިފަހުން ލިބި، މިހާރު އެ ސަރަޙައްދުގައި ފޯރިމަރަން ދުއްވަން ފަށާފައިވާ ކަމަށް ވެސް ރޭންޖަރު އޮޅުންފިލުއްވައި ދެއްވިއެވެ.
ފެހުރިހި ތިލަވުމުން، އެސޮރުގެ ކައިރީގައި ތޮއްޖެހުމަކީ ގިނަ ދުވަސްތަކެއް ވަންދެން ޙައްލުނުވެ އޮތް މައްސަލައެއް ކަމަށާއި، އެކަން "ވަގުތުން ރަނގަޅު ނުވާނެ" ކަމަށް ދެކެވަޑައިންނަވާކަމަށް ވެސް ރޭންޖަރު ވިދާޅުވިއެވެ.
ޙިމާޔަތް އޮތީ ކަރުދާހުގައި
ސަމްޕާގެ ޙިމާޔަތް ކޮށްފައިވާ ސަރަޙައްދެއްގެ ގޮތުގައި ކަނޑައެޅީ ޖޫން 5، 2009 ގައެވެ. ފެހުރިއްސާއި އެންމަޑި ބަލަން އަންނަ ފަތުރުވެރިންގެ ޢަދަދު ގިނަވަމުން ދާއިރު، ޙިމާޔަތްކޮށްފައިވާ ސަރަޙައްދުގެ މެނޭޖްމަންޓު އޮތީ މާ ފަހަތުގައެވެ.
ސަންޕާ ގައި ޙަރަކާތްތެރިވާ ހުރިހާ އުޅަނދުތަކެއްގެ ބޯޓު ކެޕްޓަނުންނާއި ފަޅުވެރިން ރަޖިސްޓްރީ ކުރުމުގެ އިތުރަށް، ގައިޑުންވެސް ޓުވަރިޒަމް މިނިސްޓްރީގެ ސެޓްފިކެޓެއް ފުރިހަމަ ކުރަންޖެހެއެވެ. ފަތުރުވެރިން އަތުގައި ސްނޯކްލިން އަދި ޑައިވް ކުރުމުގެ ހުއްދަ އޮންނާން ޖެހެއެވެ. ކޮންމެ ހަ މީހަކަށް ގައިޑެއް ހުންނަން ޖެހެއެވެ.
ކޮންމެ ދުވަހަކު އަރިއަތޮޅަށް ދަތުރުކުރާ ކ މާފުށީގެ ޑައިވް ސެންޓަރަކާ ވާހަކަ ދެއްކުމުން އެނގުނީ ބުރަފަތީ ގާޑު އަޅުވާފައިވާ އެއްވެސް އުޅަނދެއް އެސެންޓަރަށް ނުއެނގޭކަމެވެ.
"މިދިޔަ އަހަރު، މި ޕްރޮޖެކްޓްގައި މީހުންގަނޑު ޙަރަކާތްތެރިކޮށް އުޅުނުއިރު، ރަޖިސްޓްރީ ނުކުރާ މީހެއްނަމަ މައްސަލަ ދިމާވާނެ." 'މާލެޑެވީ' އިން ވާހަކަދެއްކެވި އަލްކާ ވިދާޅުވިއެވެ. އޭރުގައި ފެހުރިހީގެ ދޮށުގައި ފަތައި، ފީނާ އުޅޭނެ ގޮތާ ބެހޭ ގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމަށާއި، ހޭލުންތެރިކަން އުފައްދާން ރާވައިގެން ސެޝަންތައް ކުރިއަށް ގެންދިޔަ ކަމަށާއި، ދަތުރުތަކުގައި ބައިވެރިވާ މީހުން ޓެސްޓެއް ހަދަން ޖެހުނު ކަމަށް ވެސް އޭނާ ކިޔައިދެއްވިއެވެ.
"މިހާރު އެފަދަ ރޭވުންތެރިކަމެއް، އިންތިޒާމެއް ނެތް. ފެންނަނީ ވަރަށް ހިތާމަވެރި މަންޒަރެއް."
އދ ދިގުރަށުގައި ހުންނަ "ފަރި ޑައިވް ސެންޓަރ"ގެ މެނޭޖަރު އަދި އިންސްޓްރަކްޓަރ އަޙްމަދު ފައިސަލް ބުނީ މީގެ 15 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ޑައިވްކުރާން ފެށި ފަހުން ސަމްޕާ މެނޭޖް ކުރުމަށް ކުރި ނާކާމިޔާބު މަސައްކަތްތައް ފެނިފައިވާ ކަމަށެވެ.
"ފުރަތަމަ ދުވަހުން ފެށިގެން ދެކުނު އަރިއަތޮޅު ކަނޑައަޅާފައިވަނީ ޙިމާޔަތްކޮށްފައިވާ ސަރަޙައްދެއްގެ ގޮތުގައި، އެކަމަކު އަބަދުވެސް އޮތީ މިގޮތަށް - އެމީހަކާ އެމީހެއް - މިތަނުގައި ހަމައެއް ލަމައެއް ނެތް،" އޭނާ އޮޅުންފިލުއްވައި ދެއްވިއެވެ. "ދޭތެރެ ދޭތެރެއިން ސަރުކާރުން މިކަންކަން ބަލަހައްޓައި، މެނޭޖް ކުރަން މަސައްކަތް ކުރި ނަމަވެސް މެނޭޖްމަންޓް އޮނިގަނޑެއް، ނިޒާމެއް ޤާއިމުވެފައިވާތަނެއް ނުފެނޭ،" އޭނާ ކިޔައި ދެއްވިއެވެ.
"ކަނޑުއަޑީގައި ފައިބާ އޮންނަ އިރު ބޯމަތިން ދޯނިތައް ދުއްވާފައިވާ ދާތަން ފެނޭ. އަޅުގަނޑަކަށް ހިއެއް ނުވޭ އެއިން އެއްވެސް ދޯންޏެއްގައި ބުރަފަތީ ގާޑު ހުރި ހެނެއް. އެއްވެސް މީހަކު އިސްނަގާކަށް ބޭނުމެއް ނޫން." އޭނާ ހިތްހަމަނުޖެހުމާއެކު ވިދާޅުވިއެވެ.
ޤަވާޢިދުތައް ހަރުކަށި ގޮތެއްގައި ތަންފީޛުކޮށް، ބެލެހެއްޓުން ހަރުދަނާކުރަން ހިތްވަރުދެއްވައި، ވާހަކަދެއްކެވި ނަމަވެސް، ފައިސަލްވެސް ވިދާޅުވީ ބުރަފަތީ ގާޑު އަޅުވަން ޝަރުޠުކުރާން ވާނީ ބާޒާރުން އެ ލިބޭނެ ގޮތް ހަމަޖެއްސުމަށް ފަހުގައި ކަމަށެވެ.
"ސުންގަޑި ފާއިތުވެއްޖެ ނަމަ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އުޅަނދުފަހަރު ޖޫރިމަނާ ކުރަން ޖެހޭނެ. ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ. އެކަމަކު އަޅުގަނޑަށް ވެސް ފެންނަނީ އެފަދަ (ބުރަފަތި ގާޑުފަދަ) އުފެއްދުންތައް ލޯކަލް މާކެޓުން ލިބުމުގެ ކުރިން އެކަން (ޝަރުޠު) ކޮށްގެން ނުވާނެ. އެންމެންނަކަށް އެ ރާއްޖެއިން ބޭރުން އޯޑަރުކޮށްގެންނެއް ނުގެނެވޭނެ" ފައިސަލް ވިދާޅުވިއެވެ.
"ޤަބޫލުކުރަން މިއީ ބޮޑު މައްސަލައެއްކަން؛ ހަމަ މިދިޔަ ހަފްތާގައި ހިތާމަވެރި އެކްސިޑެންޓެއް ދިމާވި. ކޮންމެ ސީޒަނެއްގައި ވެސް އެކަހަލަ އެކްސިޑެންޓެއް ހިނގާ. ތެދަށް ބުނާނަމަ އިތުރަށް ކަންބޮޑުވަނީ ބުރަފަތިން ޖެހި އެތައް ގިނަ ފެހުރިއްސަކަށް އަނިޔާވެ، ހާނިއްކަވަމުންދާތީ. ގިނަ ފެހުރިއްސަކަށް އަނިޔާވެފައިވާ ތަން ފެނޭ. މިތަނަށް ދެން އެސޮރުމެން ތިލަވުން ހުއްޓާލައިފީވިއްޔާ މި ވިޔަފާރިތަކަށް ވާނީ ކިހިނެއް؟" އޭނާ ސުވާލު އުފެއްދެވިއެވެ.
ފައިސަލް ސިފަކުރެއްވި ގޮތުގައި ފެހުރިހި ބަލަން ސްނޯކްލް ނުވަތަ ޑައިވް ކުރުމަކީ "ޖަންގަލީގެ ޤާނޫނު" ޢާންމުވެފައިވާ ހަލަބޮލި ކަންތައްގަނޑެކެވެ.
"ފެހުރިހި މިހިސާބަށް ތިލަވަނީ އަރާމުކޮށްލައި، ޓެމްޕަރޭޗަރ ރެގިއުލޭޓް (ފިނިހޫނުމިން ހަމަޖައްސަން) ކުރަން ބޭނުންވާތީ އާއި ޕްލެންކްޓަން ކާން ބޭނުންވާތީ. އެކަމަކު ފެހުރިހި ތިލަވީމާ މިވާދަޖަހަނީ އެސޮރު އޮތް ހިސާބަށް ފުރަތަމަ އާދެވޭނީ ކާކަށްތޯ، އެގޮތަށް އުޅެގަންނަ އިރު، އެއްވެސް މީހަކަށްވެސް އަދި އެހެން އެއްޗަކަށް ވެސް ފަރުވާލެއް ނުބަހައްޓާ،" ފައިސަލް ވިދާޅުވިއެވެ.
"އެހެންވީމަ އެސޮރުމެން ވެސް ރުޅި އަންނަނީ. މިދިޔަ އަހަރު އަހަރެމެންނަށް ފެނުނީ ފެހުރިއްސެއް ރުޅި އައިސް ފަތުރުވެރިންނާ ކުރިމަތިލިތަން. އެއީ އަހަރެން ދުވަހަކުވެސް ނުދެކޭ ކަމެއް". އޭނާ ވިދާޅުވިއެވެ.
ސަންޕާގެ މެނޭޖްމަންޓް ޕްލޭނާއި ސަލާމަތީ ފިޔަވަޅުތައް ތަންފީޛު ކުރުން ނާކާމިޔާބުވުމުގެ ސަބަބަކީ އެކަށީގެންވާ ވަޞީލަތް ނެތުމާއި، ނުކަތާވަރަށް ފަތުރުވެރިން ގިނަވުމެވެ. އަދި މިއީ ޙައްލުނުވެ، ދަހަރުވެ، ދިގުލާފައިވާ މައްސަލަ އެކެވެ.
މޯލްޑިވްސް އިންޑިޕެންޑެންޓް އިން މި ލިޔުން ޝާޢިއުކުރާ ވަގުތު ޖެހުނު އިރުވެސް ތިބީ އެންވަޔަރަންމަންޓް މިނިސްޓްރީއިން ލިޔުމުން ޖަވާބެއް ލިބޭނެކަމުގެ އިންތިޒާރުގައެވެ. އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީން ފޯނަށް ޖަވާބެއް ނުދެއެވެ.

