"ނުފެނުނަސް އިޙްސާސް ކުރެވޭ"

ފާތުން އެވަނީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްޞަ ޖަމްޢިއްޔާއެއް ޤާއިމުކޮށްފައި.

ކުރެހުމާއި ޑިޒައިން: ޑޮސެއިން

ކުރެހުމާއި ޑިޒައިން: ޑޮސެއިން

19 ގަޑިއިރު ކުރިން
ފާތުން އަކަށް ރޭސް ނިންމާ ރޮނގެއް ނުފެނެއެވެ.  މިއުޒިކާއި އެއްވެ ތިބި މީހުންގެ އަޑު އޭނައަށް އިވެމުން ދިޔައެވެ. ބާކީ 400 މީޓަރު އޮއްވާ، މިކަން ކުރެވޭނެއެކޭ ހީއެއް ނުވެޔޭ، ގައިޑް ދުވުންތެރިޔާ ގާތު ބުނަން ޖެހިއްޖެއެވެ.
އޭނާއަށް ފެށުނީ މާ ބާރަށެވެ. އައްޑޫގައި އެދުވަހުގެ ހެނދުނު ދުވުން ފެށިއިރު އޮތީ ހިސާބަކަށް ތެތްފިނިކޮށެވެ. ފާތުން ހުރީ ވަރަށް ޖޯޝުގައެވެ. ފުރަތަމަ ކިލޯމީޓަރުގައި ވެސް ޝިފާނާއަށް ދުވެވުނީ މާ ބާރަށެވެ. ދުވުން ނިމުމާ ކައިރި ވަމުން ދިޔަދިޔަހެން އިރު އަރަމުން، ހޫނު ގަދަވަމުން ދިޔައެވެ.ރޭސް ނިންމައިލެވޭނެކަމުގެ ހިތްވަރު ފާތުންއަށް ގައިޑް ދުވުންތެރިޔާ ލައިދެމުން ދިޔައެވެ. 
"ނިންމުނީމަ ވަރަށް އުފާވި. އެއީ ތަފާތު އިޙްސާސެއް. [އަހަރެން ހީކުރީ] މިއީ ނުކުރެވޭނެ ކަމެއް ނޫން. އަޅުގަނޑަށް މިކަން ވެސް ކުރެވިއްޖެ،'" ފާތުން ހަނދާން އާކުރިއެވެ. 
އެއީ 2018 ވަނަ އަހަރެވެ.ފަޠިމަތު އިބްރާހިމް ވެގެން ދިޔައީ ދިވެހިރާއްޖޭގައި 10 ކިލޯމީޓަރުގެ ދުވުމެއް ފުރިހަމަކުރި ފުރަތަމަ ލޮލުގެ ފެނުމުގައި ނުކުޅެދުންތެރިކަން ހުރި މީހާއަށެވެ. 
މީގެ އަހަރެއްހާ ދުވަސް ކުރިން ބޭންކް އޮފް މޯލްޑިވްސް އިން ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސްއަށް އެންގީ ލޮލުގެ ފެނުން ފަނޑު ފަސް ދުވުންތެރިއަކު، 5 ކިލޯމީޓަރު ފުރިހަމަ ކޮށްފިނަމަ، އެ ޖަމްޢިއްޔާއަށް 20،000 (1،300 އެމެރިކާ ޑޮލަރު) ރުފިޔާގެ އިނާމެއް އޮތް ކަމަށެވެ. ފާތުންއަކީ މި ޖަމްޢިއްޔާގެ ކޯ ފައުންޑަރއެކެވެ. 
ކުޑަ މަސައްކަތުން ގިނަ ބަޔަކަށް ފައިދާ ކުރުވަނިވި ކަމެއް ކުރެވޭން އޮތީމާ ފުރުސަތުގެ ބޭނުން ހިފައި، ދުވަން ފެށީކަމަށް ފާތުން ކިޔައިދިނެވެ.
އޭނާގެ އަމިއްލަ ނަފުސުގެ މައްޗަށް ޔަޤީނާއި އިތުބާރު ލިބުނީ ދިރާގު ރޯޑް ރޭހަކަށް ފަހުގައެވެ. އެތައް ބަޔަކު "އަހަރެންނަށްވުރެ ފަހުންވެސް ނިންމިޔޭ،" ހިތަށް އެރިއެވެ. ފާތުން ދެން ގުޅުނީ ދުވާ ކޮމިއުނިޓީއެއް ކަމަށްވާ އައި-ރަނަރސް އަށެވެ. ދުވުމަކީ ފާތުންއަށް ކުރެވިދާނެ ކަމެއްކަމަށް އައި-ރަނަރސްގެ ކޯޗު ބުނެދީ، ސާބަސް ދިނެވެ. ހަމައެކަނި ބޭނުންވަނީ ކުޑަ ހިތްވަރެއް ކަމަށް ކޯޗު ކިޔައިދިނެވެ. މަގުގައިވެސް ދުވަން ޖެހޭނެ ކަމާއި، އުޅަނދުތަކުގެ ތެރެއިން، އުނދަގުލުގައިވެސް ދުވަން ޖެހޭ ވަގުތުތަކެއް ވެސް ހުންނާނެކަމުގެ މައްޗަށް ވިސްނައި، އެ ޙަޤީޤަތް ޤަބޫލުކޮށް، ބަލައިގަނެގެން، ސިކުނޑި ތައްޔާރުކުރަން ކޯޗު ބުނެދިނެވެ. 
މިހާރު ދުވާއިރު، މިއުޒިކުގެ އަޑު ގަދަވެ، ރޭސް ނިންމާ ރޮނގު ކައިރިވުމުން ފާތުން އަކަށް ދެން ވަރުބަލިކަމެއް އިޙްސާސެއް ނުކުރެވެއެވެ.
"ކޮންމެ ދުވުންތެރިއަކުވެސް އެ ރިތްމަށް ތަޅަން މަސައްކަތް ކުރާނެ،" އޭނާ ކިޔައިދެއްވިއެވެ.. "ފިނިޝްގް ލައިން ފެނުމުން ވަރުބަލިކަން ހަނދާނެއް ނުހުންނާނެ. ދެން ހިފާނީ ނިންމާލަން. ސްޕްރިންޓްކޮށްފައި ހަމަ ނިންމާލަން." ފާތުން އޮޅުންފިލުއްވައި ދެއްވިއެވެ. 

ކުލަތައް

ފާތުން އުފަންވި އިރުވެސް ރެޓިނައިޓިސް ޕިގްމެންޓޯސާގެ އަސަރު ލޮލުގައި ހުރެއެވެ. އަސްލުގޮތުގައި ކުލަ ފެންނަ ހަނދާނެއް ނުހުރެއެވެ. އިރުގެ ރަންގު ކުލަވަރު ކެނޑި، ރޭ ވީމާ ސީދާ ލޮލަށް އަލިކޮށްގެން މެނުވީ އެއްވެސް އެއްޗެއް ނުފެނެއެވެ. ޢުމުރުން ދުވަސްވަމުން ދިޔަވަރަކަށް އޭނާގެ ލޮލުގެ ފެނުން ދެރަވަމުން ދިޔައެވެ. 
އޭނާގެ ދޮށީ ކޮއްކޮއަކީ ވެސް ލޮލުގެ ފެނުން ފަނޑު މީހެކެވެ. އެދެބެއިންގެ މަންމައަށް ފާތުންގެ ބަލީގެ ކަންތައް ދެެނެގަނެވުނީ ޢުމުރުން ގާތްގަނޑަކަށް ހަތަރު މަސް ވީއިރުއެވެ. ފާތުންގެ ގޭ މީހުން މިބައްޔާއި ނުކުޅެދުންތެރިކަން ދެކެނީ ދެރަވަރުކަމެއްގެ ގޮތުގައެއް ނޫނެވެ. ކުދިން ބޭރުގައި ކުޅޭނެ ވަގުތުތަކެއް ކަނޑައަޅައި، ކުޅިވަރުގައި ބައިވެރިވާން ދޫކޮށްލާފައި ތިބޭކަމަށާއި، ދުވަހަކުވެސް ފާތުން އެއްވެސް ކަމެއް ކުރުން ހުއްޓުވާފައި ނެތްކަމަށް އޭނާ ކިޔައިދެއްވިއެވެ. ނަމަވެސް އަނިޔާއެއް ވެދާނެތީ ބަލައިގެން އުޅޭން ހަނދާން ކޮށްދޭނެއެވެ. 
"އަޅުގަނޑުމެން ބޮޑުވީ ލޮލުގެ ފެނުމުގައި ނުކުޅެދުންތެރިކަމެއް ހުރީތީ ތަފާތުކުރުމުގެ ތެރޭގައެއް ނޫން،" ކަމަށާއި، އެހެން ކުދިންނެކޭ ތަފާތުކުރުމެއް ނެތި ކަމަށް ފާތުން ވިދާޅުވިއެވެ. 
ގިނަ ވަގުތު ކުޑައިރު ހޭދަވީ ބައްޕަ ފަރާތު ކާފައާ އެކު، ވަޑާމުގެ މަސައްކަތްތަކުގައި އެހީތެރިވުމުގައި ކަމަށް ފާތުން ކިޔައިދެއްވިއެވެ. އެއީ އަތުކީހާއި އެހެނިހެން އާލާތްތައް ބޭނުންކޮށްގެން ހިންގާ ޖިސްމާނީ މަސައްކަތް އެކުލެވޭ ކަމެކެވެ. މީގެއިތުރުން ރައްޓެހިންނާއެކު ބައިސްކަލު ދުއްވައި، އަމިއްލައަށް ފުރޮޅު ބަދަލުކުރުން ކަހަލަ މަސައްކަތްވެސް ފާތުން ކުރެއްވިއެވެ. އެޢިޝާރާތްކުރާ ބައެއް ރައްޓެހިންނަކީ އަހަރުތަކެއް ވަންދެން ޚިދުމަތް ކުރެއްވި މޯލްޑިވްސް ރެޑް ކްރެސެންޓްގެ އެކުވެރި ވޮލަންޓިއަރުންނެވެ.
މިއަދު ފާތުން މީހަކަށް ހެދީ މަންމަ ކަމުގައި އޭނާ ބުނެއެވެ. ފާތުން ބުނަނީ މަންމަ އޭނައަށް ވާނެކަން ޤަބޫލުކުރިކަމަށާއި، އެ ޖާގަ އުފައްދައި ދިންކަމަށެވެ. ބޮޑުވަމުން އައިއިރު މަންމަ ގާތު މީހުން ފާތުންއާ ބެހޭ ގޮތުން ވާހަކަދައްކައެވެ. އެކަމާ އަޅާނުލާށޭ ފާތުން މަންމަ ގާތު ބުނާނެއެވެ. އެއީ ހަމަ އެމީހުން ވިސްނާ ގޮތެވެ.
"އަޅުގަނޑަކީ ދުވަހަކުވެސް މީހުންގެ ނެގެޓިވް ކޮމެންޓްތައް އަޑުއަހާ މީހެއް ނޫން،" ފާތުން ވިދާޅުވިއެވެ.

ފިޔަވަޅު ގުނުން

މާލެއަށް ހިޖުރަކުރީމާ ހުރިހާ ކަމެއް ބަދަލުވެގެން ދިޔައެވެ. އަމިއްލަ ރަށް ޅ. ހިންނަވަރުގައި މަގުތަކުގައި ހިނގާ އުޅެވެއެވެ. ފިޔަވަޅު ގުނައިގެންނެވެ. އަދި ފެންނަ ފަނޑު މަންޒަރަށް ބަރޯސާކޮށްގެންނެވެ. ތޮއްޖެހިފައިވާ ފުރަ މާލޭގައި އަބަދުވެސް އުޅެން ޖެހުނީ މީހަކާ އެކުގައެވެ. 
"ސްޓްރެސް ވެގެން، ރާޅުގެ އަޑު އަހަން ބޭނުން ނަމަ ވެސް، އެކަހަލަ ކަންތައްތައް ވެސް އަމިއްލައަށް ކޮށްލާކަށް ނުދެވޭނެ،" ކަމަށާއި "އެކަނި ހިނގާލުމުގެ މިނިވަންކަން ނެތް،" ކަމަށް މާލޭގެ ދިރިއުޅުން ސިފަކޮށްދެއްވަމުން ފާތުން ވިދާޅުވިއެވެ. 
ފާތުން ސިފަކުރީ އޭނާގެ ސްކޫލް ދައުރަކީ ޙަޔާތުގެ އެންމެ ހިތާމަވެރި ދުވަސްތަކުގެ ގޮތުގައެވެ. އިންކްލޫސިވް ތަޢުލީމެއް، ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް ކިޔަވައިދިނުމުގެ ޚާއްޞަ ނިޒާމެއް ނުވަތަ ސިޔާސަތެއް ނެތެވެ. އެހެން މީހުން އަޑުގަދަކޮށް އެއްޗެހި ކިޔަމުން ދިޔައިރު އޭނަ އަޑުއަހަމުން ދިޔައެވެ. އެހެން އެއްވެސް ވަޞީލަތެއް ނުލިބުނެވެ.
ދެބެން ސްކޫލް ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެއެވެ. ގްރޭޑް 10 ފުރިހަމަ ނުކުރެވިގެން ކޮއްކޮއަށް ކުރިމަތިވި ގޮންޖެހުންތައް ފާހަގަވުމުން، ޖީސީއީ އޯލެވެލްގައި އިށީންނުމަކީ ކޮންމެހެން ޙާސިލުކުރަން ޖެހޭ ކަމެއްގެގޮތުގައި ފާތުން ނިންމެވިއެވެ. 
ގްރޭޑް 9 ގައި ކިޔެވުން ދޫކޮށްނުލެވުނީ ކިރިޔާކަމަށާއި، އޯލެވަލްގައި އިށީންދެވޭނެ ކަމާމެދު ޓީޗަރުންގެވެސް އުންމީދެއް ނެތް ކަމަށާއި، މުޅިން އެފުށުންވެސް އިވެނީ ނެގެޓިވް ވާހަކަތަކެއް ކަމަށް ކިޔައިދެއްވަމުން ފާތުން ވިދާޅުވީ ކުރިއަށް ދެވުނީ ހަތަރު ރައްޓެއްސަކު ދިން ހިތްވަރާއި، އެހީއިން ކަމަށާއި، އެކުދިންނާއެކު ކިޔަވަން ދިއުމަށް ފާތުންއަށް މަޖުބޫރު ކުރި ކަމަށެވެ. އެއީ ފާތުން އަށްވުރެ ދެ ގްރޭޑް މަތީ ކްލާހެއްގެ ކުދިންނެވެ.
"ކިޔަވާ ނިންމާފައި ދެން ފިލާވަޅުތައް އެކުދިން އަޅުގަނޑަށް ކިޔައިދޭނެ،" ކަމަށާއި، ތަޢުލީމެއް ނެތި މީހަކަށް ނުވެވޭނެ ކަމަށާއި، މީހުން ކިޔާހައި އެއްޗެއް އަޑުނާހައި، ސްކޫލަށް ގޮސް، ކިޔަވާން އެރައްޓެހިން ހިތްވަރުދީ، މަދަދުވެރިވިކަމަށް ފާތުން ކިޔައިދެއްވިއެވެ. 
ފާތުން އޯލެވަލް އިމްތިޙާން ފުރިހަމަ ކުރީ 2009 ވަނަ އަހަރެވެ.މިއީ ދިވެހިރާއްޖެއިން ޖީސީއީ އޯލެވެލްގައި ބައިވެރިވި ފުރަތަމަ ލޮލުގެ ފެނުމުގައި ނުކުޅެދުންތެރިކަން ހުރި ދަރިވަރެވެ. 
އޭނާގެ ލޯ އަނދިރިކަމަކީ ހުރަހެއް ކަމަށް އިޙްސާސް ކުރެވޭ ވަގުތުތަކާ ކުރިމަތިލާން ޖެހޭ ތަންވަޅުވެސް އަންނަކަން ފާތުން ފާހަގަކުރެއްވިއެވެ. ނަމަވެސް މިއީ ލޮލުގެ ފެނުން ފަނޑުވުމުގެ ސަބަބުން ނޫން ކަމަށާއި، އޭނަގެ ވަށައިގެންވާ ދުނިޔެ ބިނާވެފައި އޮތް ގޮތުގެ ކުރަންޖެހޭ އިޙްސާސެއްކަމަށް ފާތުން ކިޔައިދެއްވިއެވެ. މިސާލަކަށް ކިޔެވި ދުވަސްވަރު، ޓެކްސްޓް ފޮތްތައް އޯޑިއޯ ފައިލްގެ ގޮތުގައި ލިބިދާނެ ނަމައޭ ހިތަށް އެރިއެވެ. ދިވެހިރާއްޖޭގައި ޓެކްނޮލޮޖީގެ ގޮތުން ފެނުން ފަނޑު މީހުންނަށް އެހީތެރިވާނެ ގޮތްތަކެއް އިންތިޒާމުވެފައި ހުރިނަމައޭ ހިތަށް އެރިއެވެ. ނުވަތަ  ބްރެއިލް (ލޯއަނދިރި މީހުންގެ އަކުރު) އިން ކިޔަވަން ފަސޭހަތައް ލިބިފައި އޮތްނަމަ އޭވެސް ހިތަށް އެރިއެވެ. 

ދިރިއުޅުމެއް ބިނާކުރުން

ކަންތައްތައް ބަދަލުވީ ސްމާޓް ފޯނެއް ލިބުމުންނެވެ. "ރީޑް އަލައުޑް" (ބާރަށް ކިޔައި) އެޕްލިކޭޝަންތަކުގެ ސަބަބުން ފުރަތަމަ ފަހަރަށް އިނގިރޭސި ލިޔެކިޔުންތައް ފާތުންއަށް އަތްފޯރަށް ފަށްވިއެވެ. އެކަމަކު ދިވެހި ބާރަށް ކިޔައިދޭ ސޮފްޓްވެޔަރ އެއް ނެތެވެ. 
ޔޫއެންޑީޕީ އިން ހިންގާ މިޔަހެލި އިނޮވޭޝަން ކޭމްޕުގައި 2019 ވަނަ އަހަރު ފާތުން އާއި ލޮލުގެ ފެނުން ކޮށ ދިވެހި އެހެން މީހުން ވަނީ ބައިވެރިވެފައެވެ. ފާތުން ވެގެން ދިޔައީ 2020 ވަނަ އަހަރު ތާނަ އަކުރު ލެޓިނުން ލިޔާނެ ގޮތް ކަނޑައަޅައި، ސްކްރީން ރީޑަރ ސޮފްޓްވެއާ މެދުވެރިކޮށް ދިވެހި ލިޔެކިޔުންތައް ލިބޭނެ އެޕްލިކޭޝަނެއް ކަމަށްވާ ތާނަ މެލޯގެ ކޯ ފައުންޑަރަކަށެވެ. ފުރަތަމަ ފަހަރަށް އަމިއްލަ ބަހުން ލިޔެކިޔުންތައް ކިޔަން ފުރުޞަތު ލިބުނެވެ. 
މިހާރު އޭނާ ގެންގުޅޭ ކޮމްޕިއުޓަރުގައި އެންވީޑީއޭ ސްކްރީން ރީޑަރ ސޮފްޓްވެއާ އާއި ދިވެހި ބަހުން ގޫގުލް ވޮއިސް ސަރޗް ބޭުން ކުރެވެއެވެ. – އަދި މަޢުލޫމާތު ހޯދުމަށް އެއައި ޓޫލްސް ބޭނުން ކުރެއެވެ. އެހެން މީހުންނެކޭ އެއް ފަދައިން ޓިކްޓޮކް، ފޭސްބުކް، އަދި އިންސްޓަގްރާމް ބޭނުން ކުރެއެވެ. ލޮލުގެ ފެނުން ދަށްވުމަކީ "ދުނިޔޭގެ އުފާވެރިކަމުން" ގެއްލި، ބާކީވާންޖެހޭ ކަމެއް ނޫންކަމަށް ފާތުން ވިދާޅުވިއެވެ. 
ފާތުން ވިދާޅުވީ އޭނާގެ ހިތްވަރަކީ އޭނާ ތަޙައްމަލު ކުރި ކަންކަން އެހެން މީހުންނަށް ތަޙައްމަލުކުރާން ނުޖެހޭނެ ގޮތަށް ކަންކަން ބައްޓަން ކުރާން ބޭނުން ވުމެވެ. އޭނާގެ ކޮއްކޮއަށް ގްރޭޑް 10 ފުރިހަމަ ނުކުރެވުނު ތަން ގާތުން ފެނުނެވެ. އެ ދުވަސްވަރަކީ އިންޑިޔާ ނުވަތަ ޝްރީލަންކާގެ ޓީޗަރުން ގިނައިން ކިޔަވައިދޭން ތިބި ދުވަސްވަރެކެވެ. އެއްޗެތި ކިއުމާއި، އަދަބު ދިނުމާއި، ފަތިގަނޑު ޖެހުމާއި، ކަންފަތް އަނބުރާލުން ފަދަ އަދަބު ދީ އުޅުނު ދުވަސްވަރެވެ. 
"އަޅުގަނޑު ބޭނުމެއް ނޫން އެ ތަޖުރިބާތައް ލިބޭކަށް އެހެން މީހުންނަކަށް،" އޭނާ ވިދާޅުވިއެވެ. 
ފުރޮޅުލީ ގޮނޑި ބޭނުންކުރާ މީހުންނަށް އަތުން ގޮނޑި ކޮއްޕަން ނުޖެހި، މިއަދު މޮޓޯރައިޒްޑް ގޮނޑީގައި ރާސްއަޅާފައި ދެވޭތަން ފެނުމުން އުފާވާކަމަށްވެސް ފާތުން ވިދާުޅުވިއެވެ. "އަޅުގަނޑުމެންނަށް ވެސް ހަމަ އެގޮތަށް އުޅެވޭނެ. އަޅުގަނޑުމެންގެ ސްމާޓް ދަނޑި ޖައްސައިގެން ހިނގައި ހެދޭނެ ލައިން މަގުގައި ހުންނަން ޖެހޭ. މި ހުރިހާ ކަންކަމެއް ހަމަޖެހޭނީ، ސަމާލުކަމަށް އަންނާނީ ކޮންމެވެސް ބަޔަކު ތެދުވެ އެވާހަކަ ދައްކައިގެން،" އޭނާ ވިދާޅުވިއެވެ. 

އެ ފޯނު ކޯލު

އެކަން ފެށުނީ ނޭނގޭ ކޯލަކުންނެވެ. އެއްދުވަހަކު އިރުއޮއްސުނު ވަގުތު، ލޮލުގެ ފެނުން ފަނޑު އެހެން މީހަކު ފާތުން އަށް ގުޅިއެވެ. ފާތުން ހުރީ ހިސާބަކަށް އުނދަގޫ ވެފައެވެ. އަނބުރާ ގުޅާފައި އެމީހަކާ ދިމާލަށް އެއްޗެތި ކިޔައިިފިއެވެ. އެކަމަކު ދެމީހުން ވާހަކަ ދައްކަމުން ދިޔައެވެ. އެކުވެރިންނަށް ވެއްޖެއެވެ. 
ލޮލުގެ ފެނުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގްރޫޕަކުން ކޮންފަރެންސް ކޯލްތަކެއް ބާއްވަން ފަށައިފިއެވެ. އެއީ "ނަމޫނާ ކޮންފަރެންސް" ގެ ނަމުގައެވެ. ފާތުން އޭނާގެ ހުކުރު ދުވަސްތައް މި ކޮންފަރަންސް ކޯލުތަކަށް ހުސްކުރިއެވެ. އެކޯލުތަކުގައ ސިޓީ ލިޔާނެ ގޮތާއި، ފޯނު ބޭނުންކުރާނެ ގޮތުގެ މަޢުލޫމާތު ބަދަލު ކުރިއެވެ. އެކުގައި ލަވަކިޔުން ފަދަ ޙަރަކާތްތައް ކުރިއަށް ގެންދިޔައެވެ. 
"ހުކުރު ދުވަސް ދުވަހު އެހެން ވާހަކަ ދެއްކުމުގެ ތެރޭގައި އަޅުގަނޑުމެން އެންމެންނަށް ވެސް ވިސްނުނީ އެންޖީއޯއެއް އުފައްދަން ޖެހޭކަން،" ފާތުން ކިޔައިދެއްވިއެވެ. "ކުރިން އަޅުގަނޑުމެންގެ މަސައްކަތާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ވާހަކަ ދައްކައި، ވަކާލާތު އުފުލަމުންދިޔައީ ފަސް ޙިއްސުވެސް ސަލާމަތުން ތިބި މީހުން، އެމީހުންނަށް އަޅުގަނޑުމެންނަށް ކުރިމަތިވާ ގޮންޖެހުންތައް ކިޔައެއް ނުދެވޭނެ،" ފާތުން ވިދާޅުވިއެވެ. 
އެ ގްރޫޕުން ޖަމްޢިއްޔާ ރަޖިސްޓްރީ ކުރާން ދިޔައިމާ ކަމާބެހޭ ފަރާތްތަކުން ފުރަތަމަވެސް ކުރިމަތިކުރުވީ ސުވާލެކެވެ. ނުފެންނަ ބަޔަކަށް ޖަމްޢިއްޔާއެއް ހިންގޭނީ ކިހިނެއް ހެއްޔެވެ؟ ދެވަނަ ފަހަރަށް ކުރި މަސައްކަތުގައި ކާމިޔާބު ލިބުނެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ލޮލުގެ ނުކުޅެދުންތެރިކަން ހުރި ވަކިވަކި ފަރުދުން ފޯމު ފުރަން ފެށިއެވެ. އެންޖީއޯގެ އަމާޒު ސާފު ސީދަލެވެ: އަޅުގަނޑުމެންނަށް މިކަން ވާނެއެވެ. 
ބްލައިންޑް އެންޑް ވިޝުއަލް އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސް ފެށީ ކޮމްޕިއުޓަރ ކޯސްތަކާއި، އަސާސީ އިނގިރޭސި، ލެޓިން ކްލާސްތަކާއި، ފޯނު ބޭނުންކުރުމާއި، ފެނުމުގެ ދަތިކަން ހުންނަ މީހުންނަށް ދުވަހަކުވެސް ނުލިބޭ ހުނަރުތައް ދަސްކޮށްދިނުމަށް އަމާޒު ހިފައިގެންނެވެ، .
ޖަމްޢިއްޔާގެ މަސައްކަތް ބޮޑުވެ ފުޅާވެގެން ދިޔައެވެ. ބީވީއައިއެސްއެމް އިން މިހާރު މުޅި ރާއްޖޭގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގާއިރު، ލޮލުގެ ފެނުން ކޮށި މީހުން މުޖުތަމަޢުގެ ތެރޭގައި އެއްތަނުން އަނެއް ތަނަށް، ގޮސް އައިސްވެ، ދަތުރުކޮށް، އެމީހުންގެ ހައްޤުތަކާއި، ޤާނޫނާއި، ފުރުސަތުތައް ބޭނުންކުރާނެ ގޮތުގެ މަޢުލޫމާތު ޙިއްސާ ކުރެއެވެ.
"ޚާއްޞަކޮށް ކައިވެންޏާއި، ރޮމޭންޓިކް ދިރިއުޅުމުގައި އަޅުގަނޑުމެންނަށް ހުރަސްތައް ދިމާވޭ،" ކަމަށާއި، "އެމީހުން ވެސް ކައިވެނިކޮށްގެން ދަރިން ހޯދަން ބޭނުންވޭ." ކަމަށް ފާޓުން ކިޔައިދެއްވިއެވެ. 
ނުކުޅެދުންތެރިކަން ހުންނަ މީހުން ހިމެނޭ ގޮތަށް ރާއްޖޭގެ ފުރަތަމަ ޤައުމީ އެކްޝަން ޕްލޭން އެކުލަވާލުމުގައި އެހީތެރިވެދެއްވި ފާތުން މިހާރު ހުންނެވީ ބީވީއައިއެސްއެމްގެ ބޯޑު މެމްބަރެއްގެ ގޮތުގައެވެ. އަދި މާލޭގެ އިތުރު ހަ އެންޖީއޯއެއްގައި ވެސް މަސައްކަތް ކުރައްވައެވެ. މިއީ ރެޑް ކްރެސެންޓާ އެކު މަސައްކަތް ކުރެއްވި އަހަރުތަކުގައި ބިނާކުރި ގުޅުންތަކަކާއި ނެޓްވޯކެކެވެ. 

އެމީހުންނަށް ނޭނގޭ ކަމެއް

2021 ވަނަ އަހަރު ފާތުން ވަނީ ބީވީއައިއެސްއެމް މެދުވެރިކޮށް ޖިންސީ އަދި ދަރިމައިވުމުގެ ޞިއްޙަތުގެ ސެޝަންތައް ހިންގަން ފަށާފައެވެ. އެކަމަށް އޮތީ، އަސާސީ ފެންވަރެއްގައި ނުހަނު ބޭނުން ޖެހިފައެވެ. 
"34 ނުވަތަ 35 އަހަރުގެ މީހުންނަށް ނޭނގި އެބަ ހުރޭ ބޭބެއަކު އައިސް ނޭދެވޭ ގޮތުގައި ނުވަތަ ޖިންސީ ގޮތުން އަތްލީމާ، އެއީ ގޯހެއްކަން ނޫނީ މިއީ ޖިންސީ އަނިޔާއެއްކަން،" ފާތުން ކިޔައިދެއްވިއެވެ. 
އެސެޝަންތައް ކުރިއަށް ގެންދނަީ ގަޑިއެއްހާ އިރަށެވެ. ފުރަތަމަ ސެޝަން ރޭގަނޑު 11:30 އާ ހަމައަށް ދިގުލައި ދިޔައެވެ. އަންހެނުން ވާހަކަ ދައްކަމުން ދިޔައީ، އެމީހުންނަށް ދިމާވި ކަންތައްތައް ޙިއްސާ ކުރަމުން، ދުވަހަކުވެސް މީހަކު ޖަވާބު ނުދޭ ސުވާލުތަކެއްވެސް އަހަމުންނެވެ. ކައިވެނީގެ ޖިންސީ ގުޅުން ހިންގާ ގޮތެއް ބައެއް މީހުންނަކަށް ނޭނގެއެވެ. ލޮލުން ފެންނަ މީހުންނަށް އޮބްޒަރވޭޝަން އިން ދަސްވާ ކަންތައްތައް އެމަގުން ދަސްކުރުމުގެ ފުރުޞަތެއް ލޮލުގެ ފެނުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަކަށް ނެތެވެ. 
ފާތުން އަށްވެސް މިސެޝަންތަކުން ވަރަށް ކަންބޮޑުވަނިވި ކަމެއްވެސް ފާހަގަވިއެވެ. އަޑުއިވުމުގެ ދަތިކަން ހުންނަ އަންހެނުންނާއި ޑައުން ސިންޑްރޯމް އަދި އޯޓިޒަމް ހުންނަ އަންހެނުން ނުވިހާ އޮޕަރޭޝަން ގަދަކަމުން ކުރުވާފައިވާ މައްސަލަތަކެވެ. ނޭނގި ޔޫޓެރަސް (ރަހިމު) ނަގާފައިވާ މައްސަލަތަކެވެ. ފާތުން ވިދާޅުވީ މީހުން އެހެން ބައެއް ޤައުމުތަކުގައި ޢަމަލުކުރާ ގޮތެއް ކަމަށާއި ޖީލުތަކަކަށް މިމަގުން ޢަމަލުކުރަމުން ގޮސްފައިވާ ކަމަށެވެ. 
"މީހެއްގެ ރުހުމެއް ނެތި މީހެއްގެ ހަށިގަނޑުން ގުނަވަނެއް ނެގުމަށް އެއްވެސް ޤާނޫނެއްގައި ފޮޅުވަތެއްގެ މިންވަރުސް ކަނޑައަޅާފައެއް ނުވޭ،" އޭނާ ވިދާޅުވިއެވެ. 

އަހަރެންގެ ނަން

ފާތުން ވަނީ 2019 ވަނަ އަހަރު ފުރަތަމަ ހާފް މެރެތަން ފުރިހަމަކޮށް، އެ ރެކޯޑް މުގުރާލައިފަ އެވެ. ޤައުމީ ދިދަ ހިފައިގެން 2021 ވަނަ އަހަރު ބޭއްވި ޓޯކިޔޯ ޕެރަލިމްޕިކް ގޭމްސްގައި ދިވެހިރާއްޖެ ތަމްސީލު ކުރިއެވެ. އެއީ ދުވުމުގެ ކެރިއަރުގައި އެންމެ ފަޚުރުވެރިވި އެއް ވަގުތުކަމަށް ފާތުން ކިޔައިދެއްވިއެވެ. ހަމަ އެ އަހަރު ސްޕޯޓްސް ޑިވިޜަނުން "ރިވެލި ތަރި އެވޯޑް" ލިބިވަޑައިގެންނެވިއެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ ފަރުދުންގެ ހުނަރާއި ކާމިޔާބީތަކަށް ދޭ ޝަރަފެވެ.
12 މީޓަރުގެ ޑައިވް އަށްފަހު ވެސް ފާތުންގެ ހިތަށް އެރީ: މިއީ އަހަންނަށް ނުކުރެވޭނެ ކަމެއް ނޫނެވެ. ފުރަތަމަ ބިރުގަތް ނަމަވެސް މިހާރު އެ "އުދުހުން" ފަދަ އިޙްސާސަށް އިންތިޒާރު ކުރެވެއެވެ.
ޢާންމުކޮށް މީހުންނަށް ފަހުމުވާނެ ނަމަ ނުވަތަ އެނގޭނެ ނަމައޭ ހިތަށް ވަންނަނީ ކޮން އެއްޗެއްތޯ ސުވާލު ކުރުމުން ފާތުން ވިދާޅުވީ އެ މީހެއްގެ ނުކުޅެދުންތެރިކަން ފުރަތަމަ ފާހަގަކޮށްފައި، ދެން އެމީހެއްގެ ނަން ކިޔާ އާދަ ދޫކޮށްލާން އެދޭ ކަމަށެވެ. އަދި ލޮލުގެ ފެނުން ފަނޑު މީހުންގެ ކުރިމަތީގައި ޙަރަކާތުން ނުވަތަ ޢިޝާރާތުން ބައެއް މީހުން ވާހަކަ ދައްކައި ހަދާކަމަށާއި، އެކަމަކު އެހެން ހަދާނަމަ ލޮލަށް ނުފެނުނަސް، އިޙްސާސްކުރެވޭ ކަމަށް އޭނާ ކިޔައިދެއްވިއެވެ. 

މިނިވަން ނޫސްވެރިކަމަށް އެހީތެރިވުމަށް ޑޮނޭޓް ކޮށްދެއްވާ