ޚުލާސާގެ ވީޑިއޯއަށް އެތައް ސަތޭކަ ބައެއްގެ ނުރުހުން

ޚުލާސާއިން މަޢާފަށް ނުއެދޭ ތާނގައި، ވީޑިއޯ ނުވެސް ނެގި.

ކުރެހުމާއި ޑިޒައިން: ޑޮސެއިން

ކުރެހުމާއި ޑިޒައިން: ޑޮސެއިން

04 އޮގަސްޓް
”މުހަންމާ“ އޮޑިން ފޭބިގޮތަށް އޭނާގެ ބައްޕަގެ ގާތުގައި މިއީހޭ މާލެ އެހިއެވެ. އެއީ މާލެއަށް ކުޅަ މަލާމާލެތެކެވެ. އޭނާ ހުވަދޫން މާލެ އައީ ކިޔަވާށެވެ. ޖެހުނީ މާލެ މީހެއްގެ ގޭގެ ކުނިކެހުމާއި، އެހެނިހެން މަސައްކަތު އުޅޭށެވެ. ’ގެންގުޅޭ ކުއްޖެއް‘ގެ ގޮތުގައެވެ. މިއީ މީގެ ހަތަރު ދަހަރުކުރިން މަޝްހޫރު ކޮމީޑިޔަން ޔޫސުފް ރަފީޢު (ޔޫސޭ) އުފެއްދި ”ދިރިއުޅުމަކީ މިއީބާ؟“ ސީރީޒްގެ 1988 ގެ އެޕިސޯޑެއްގެ ޚުލާޞާއެވެ. 
ސަރުކާރަށް ތާޢީދުކުރާ ”ޚުލާސާ“ ނޫހުގެ ވީޑިއޯގައި ކޮޕީ ކޮށްފައިވަނީ އެ އެޕިސޯޑުގައި ޔޫސޭ ކުޅޭ ”މުހަންމާ“ ކިޔާ މިހާގެ ޑައިލޮގުގެ ތެރެއިން އެންމެ މަޝްހޫރު ތަންކޮޅެވެ. ހޮނިހިރު ދުވަހު ޢާންމުކުރި ވީޑިއޯގައި ދައްކަނީ ފުޅާކޮށް، ތާރުއަޅާފައި އޮތް ބޮޑުތަކުރުފާނު މަގުގެ ޖެޓީއިން މާލެ ފައިބާ ޒުވާނެކެވެ. އޭނާ ހުރީ މުންޑެއް ލައިގެންނެވެ. އެރިގޮތަށް ބުނެއެވެ؛ ”އައްޕާ މީބޫ މާލެ؟ ހައުދަހައިވާ ރީތި މަގަކޫ މީ،“ އެވެ.
ޔޫސޭ މަޝްހޫރުވެފައިވަނީ ކޮމެޑީގެ ތެރެއިން، އަދި އަމުދުން މަލާމާތުގެ ތެރެއިން ސިޔާސީ އަދި އިޖުތިމާޢީ މައްސަލަތަކަށް އަލިއަޅުވާން ކުޅަދާނަ، ޙާޟިރު ޖަވާބަށް ފަރިތަ އެކްޓަރެއް، ޕްރޮޑިއުސަރެއް އަދި ކޮމީޑިއަނެއްގެ ގޮތުގައެވެ. 
ތަފާތަކީ މިފަހަރު އެބުނުމުން މަލާމާތް ރައްދުވަނީ މާލެއަކަށް ނޫނެވެ. ރަށުން އައި ރަށްފުށުގެ މީހާއަށެވެ. އަދި ތަޢުރީފު އޮހެނީ މާލެއަށެވެ.
”މުހަންމާ“ އަށް އެޕިސޯޑުގައި މާލޭގެ ގެޔެއްގައި ގުލާނުކުރާން އުޅުމުގެ ވޭނާއި އުނދަގޫ ދިމާވާތަން ދައްކައެވެ. ރަށްފުށު މީހަކަ ވީމާ އޭނާއަށް ރައްދުވާ މަލާމާތާއި ފުރަސްހާރަ ދައްކައެވެ. ތަފާތުކުރުން ރީތިކޮށް ތަމްޘީލުކޮށްދެއެވެ. މުހަންމާއާއެކު އެގޭގައި އުޅޭ އަތޮޅުވެރިއެއްގެ ދަރިއަކު ލައްވައި އެއްވެސް މަސައްކަތެއް ނުކުރުވާ، މާ ޢިއްޒަތުގައި އެމީހާ އުޅޭތީ ދައްކައެވެ. މުހަންމާގެ ބައްޕައަށް އޭނާ ލައްވައި ކުރުވަނީ ގުލާނުކަން އެނގިގެން އެންމެފަހުން ގޮވައިގެން ރަށަށް އަންނަނީއެވެ.
ޚުލާޞާގެ ވީޑިއޯގައި ދައްކަނީ ލަފާގޮތަށް އަންހެނަކު އޭނާ ބަލާ އަންނަ ތަނެވެ. އެއަންހެނާ މުންޑުގައި ހުރި ޒުވާނާއަށް ބުނެއެވެ: ”ތިޔައީ މާ ކުރީގެ އެއްޗެކޭ؛ އަންމާ މީބޫ މާލެ އަކީ. ކޯއްޗެއް ލައިގެން ތިއުޅެނީ. ބާލަބަލަ. ކުރީ ޒަމާނު މީހުންހެން އެބަ އުޅެޔޭ!“ ޖަވާބުގައި އެޒުވާނާ ”ހައުދަހާވާ ރީއްޗޭ އެކަމު މިމަގު.“ ބުނަމުން މުންޑު ބާލައެވެ. އަޑިން ހުންނަނީ މަޑު ނޫ ކުލައެއްގެ ޖީންސެއް ލައިގެންނެވެ.
ސައިކަލަށް އޭނާ އެރީމާ އަންހެން މީހާ ދުއްވާލައެވެ. ”ކޮބާ މާލެ ތަރައްޤީވެފައި އޮތްވަރު ފެނިއްޖެދޯ“ އޭ ބޭރުމަގުން ދުއްވާލަން ގޮސް، މަޑުޖެހިފައި އެއަންހެން މީހާ ބުނެއެވެ. އެ ޒުވާނާ ހަތަރު ލޭނުގެ އެ މަގުގެ ފުރިހަމަ ކަމާމެދު އެއްބަސްވެ ތަޢުރީފު ކުރެއެވެ. ހަމަގައިމުވެސް މަގޭ މާލެ ފަރިވެފޮޅިއްޖެޔޭވެސް ބުނެއެވެ. ނިންމާލަނީ ދެން ރަށަކަށް ނުދާނަމޭ ބުނަމުންނެވެ.
ސޯޝަލް މީޑިޔާގައި އެތައް ސަތޭކަ ބަޔަކު މިވީޑިއޯއަށް ފާޑުކިޔަމުން ނުރުހުން ފައުޅުކުރަމުން ދިޔައެވެ. މުންޑު އަދި ހުވަދޫ ބަހުރުވައަށް ހަޖޫ ޖެހުން ގިނަ ބަޔަކު ކުށްވެރި ކުރިއެވެ. އަދި ރަށްފުށު ދެރަވަރުކުރުމާއި، އަތޮޅު ތެރޭގެ ރައްޔިތުންނަކީ ތަންދޮރު އޮޅުން ނުފިލާ ތިބި ބައެއްކަމުގައި ދައްކާން ކޮށްފައިވާ މަސައްކަތެއްގެ ގޮތުގައި، މިވީޑިއޯ ކުށްވެރި ކުރަމުން ދިޔަ މެއެވެ.
އެކްސްގައި މިވީޑިއޯ 3 ލައްކައެއްހާ މީހުން ބަލާފައި ވެއެވެ. އެތައް ޑަޒަނެއްގެ ކޯޓް ޓުވީޓު ލިބިފައި ވެއެވެ. އެތައް ސަތޭކަ ރިޕްލައި އެއް މީހުން ކޮށްފައި ހުއްޓެވެ. 
”އަނެއް ޖީލެއްގެ ބަޔަކު އަތޮޅު ތެރޭ މީހުންނަށް ހަޖޫ ޖަހަމުން ބޮޑުކުރަންވީ. މާލެއަށް އެންމެން ތޮއްޖައްސާފައި މަލާމާތް ކުރޭ. ކުޑަގޮނޑި އަދި އަނބުރާ ގެންނާނެ!“ އިނގިރޭސިބަހުން ލިޔެފައިވާ ޓުވީޓެއްގައި އެކަކު ބުންޏެވެ. 
މޯލްޑިވްސް އިންޑިޕެންޑެންޓުން ކޮމެންޓަކަށް ގުޅުމުން ޚުލާސާއިން ޖަވާބެއް ނުދެއެވެ.
ޚުލާސާ ގެ އޯވްނަރެއްކަނުގައިވާ ލުޖެއިނުالله ޒާހިރުއަކީ ރައީސް އޮފީހުގެ ސީނިއަރ ކޮންޓެންޓް ކްރިއޭޓަރެކެވެ. އޭނާއަކީ ޚުލާސާ ޕްރައިވެޓް ލިމިޓެޑްގެ އޯވްނަރެއްކަމުގައި ބިޒްނަސް ރެޖިސްޓްރީގައި 2024 އިން ފެށިގެން ލިސްޓުކޮށްފައިވާ މީހެކެވެ. ދެން ޚުލާސާ ޕްރައިވެޓް ލިމިޓެޑްގެ އަނެއް ޙިއްސާދާރަކީ އައިއާރްއީއެސްއެމް ޕްރައިވެޓް ލިމިޓެޑްއެވެ. މިކުންފުނީގެ އެއް ޙިއްސާދާރަކީ ލުޖެއިނުالله އެވެ. 
ސިޔާސީ ގޮތުން ރައީސް އޮފީހަށް ޢައްޔަންކޮށް، އަދި އިތުރު މަސައްކަތެއްގެ ގޮތުން ސަރުކާރަށް ތާޢީދުކުރާ މީޑިޔާ އައުޓްލެޓެއް ހިންގާ މީހުންކުރެން ލިޖެއިނުالله އަކީ އެކެކެވެ. ރައީސް އޮފީހުގެ ސީނިއަރ އަންޑަރ ސެކްރެޓަރީ އީމާން މުހައްމަދު ރަޝީދު އަކީ މެންދުރު ޓީވީގެ މެނޭޖިންގް ޑިރެކްޓަރެވެ.
މިވީޑިއޯއަށް އެންމެ ބޮޑަށް ފާޑުވިދާޅުވި އެކަކީ މަޝްހޫރު ޑިފެންސް ލޯޔަރ ޙަމްޒާ ލަޠީފެވެ. މިވީޑިއޯ ނަގައި، މަޢާފަށް އެދުމަށް އޭނާ ގޮވައިލެއްވިއެވެ. އޭނާ ކިޔުއްވި ފާޑުގައި، ވީޑިއޯގައި އައްޑޫ ބަހުރުވަޔާއި ހުވަދޫ ބަހުރުވަ އެއްކޮށްގެން، އުތުރުގެ ރާގަކަށް ވާހަަކަ ދައްކާ ކަން ފާހަގަކޮށްފައި ވެއެވެ. އަދި އަތޮޅު ތެރޭގެ މީހުންނަކީ ފެޝަނެއް ގޮތެއް ފޮތެއް ނެތް ގަމާރުން ކަމުގައި ދައްކާން އުޅޭކަންވެސް ފާހަގަކޮށްފައި ވޭމެއެވެ. 
ވަރަށް ގިނަ އަތޮޅު ތެރެއަށް ނިސްބަތްވާ މީހުންނަކީ މާލެއަށް މަޖުބޫރީ ޙާލަތުގައި ހިޖުރަކޮށްފައިވާ މީހުން ނަމަވެސް، އެމީހުންނަކީ މާލެއަށް އައުން އެކަށީގެންނުވާ، މާލޭގެ މޮޅާއި ފަސޭހަ ހޯދާން ދަހިލަވައިގަނެފައިވާ، މާލެއަށް ބަލާއަކަށް ވެފައިވާ ބައެއްކަމުގައި ދެކޭކަންވެސް ޙަމްޒާ ހިތާމަޔާއެކު ފާހަގަކުރެއްވިއެވެ. 
ޙަމްޒާ ވިދާޅުވީ މި ނަސްލީ އިމްތިޔާޒުގެ ގޮތްގަނޑު ސްކޫލް މާޙައުލަށްވެސް ފޭދި، ކުދިން ގަނާކޮށް ހަދާ ސަބަބެއްކަމުގައި މާލެއަށް ނިސްބަތް ނުވުން ވެފައިވާ ކަމަށާއި، އަތޮޅު ތެރޭގެ ގިނަ ކުދިންނަށް އެކުދިންގެ ބަހުރުވަޔާއި ރާގު ލަދު އެއްޗެއްކަމަށް ހަދާފައިވާ ކަމަށެވެ.
”ފަސޭހަ ގޮތެއް އޮތް. އެ ވީޑިއޯ ނެގުން. މަޢާފަށް އެދުން. ކުރިއަށް ދިއުން،“ އިނގިރޭސިބަހުން އޭނާ ލިޔުއްވި ޓްވީޓުގައި ވިދާޅުވިއެވެ. ނަމަވެސް އޭގެ ބަދަލުގައި ސަރުކާރު ޙިއްސަާވާ ގިނަ ކުންފުނިތަކެއްގެ ސްޕޮންސަރޝިޕުގައި ހިންގާ މިނޫހުން އެގޮތް ޚިޔާރުނުކޮށް، ކާކުން ނޭނގޭ އެކައުންޓުތަކުން ވީޑިއޯއަށް ފާޑުކީ މީހުންނާ ޖައްސާލުން އެއީ ފެންވަރުދެރަ، ހިތާމަވެރި ކަމެއް ކަމުގައި ޙަމްޒާ ފާހަގަކުރެއްވިއެވެ.
ފާޑުކީ ވަރަށް ގިނަ މީހުން ބުނެފައިވަނީ މާލެއަށް އަންނާން ޖެހުނީ ތަޢުލީމާއި، ޞިއްޙީ ފަރުވާ އަދި ވަޒީފާގެ ފުރުޞަތު ހޯދާން އެނޫން ގޮތެއް ނެތިގެން، މަޖުބޫރީ ޙާލަތުގައި ކަމަށެވެ. 
މިކަމާ ގުޅޭގޮތުން ކުރެއްވި ޕޯސްޓެއްގައި ކުރީގެ ރައީސް އަދި މިހާރު އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއަރޕާސަން ކަމުގައި ހުންނެވި މުޙައްމަދު ނަޝީދު ވިދާޅުވީ މާލޭގެ މަގުތަކުގައި ތާރު އެޅުމުން މާލެއަށް ދިމާވެފައިވާ މައްސަލަތަކަށް ލިބޭނެ ޙައްލެއް ނެތްކަމަށާއި، މާލޭގެ ޓްރެފިކް ޙައްލުކުރާން ސިޓީ ކައުންސިލަށް ފުރުޞަތު ދޭން ޖެހޭ ކަމަށެވެ.
ޙަމްޒާ ވިދާޅުވީ މަގު ފުޅާކުރުމުގެ މަޝްރޫޢު ނިންމާ، އެމްޓީސީސީއަށާއި، އެޗްޑީސީ އަދި ރައީސުލްޖުމްހޫރިއްޔާއަށް ތަޢުރީފާއި ސަނާގެ ބަސްތައް ރައްދުވާން ވީ މިދަނޑިވަޅު ޚުލާސާގެ ވީޑިއޯގެ ސަބަބުން ލިބެމުންދަނީ ނަފުރަތު ކަމަށެވެ. 
މާލޭގެ ގޭގެޔަށް ކިޔަވަން ފައިބާ ތިބި ވަރަށް ގިނަ ކުދިން އުޅޭން ޖެހިފައި އޮތީ ގުލާނުންގެ ގޮތުގައެވެ. ”ގެންގުޅޭ ކުދިން“ގެ ގޮތުގައި 2000 ގެ ކުރީކޮޅުގެ އަހަރުތަކާ ހަމައަށް މާލޭގެ ގޭގޭގައި ކިޔަވަން ކުދިން ރަށްރަށުން ބައިތިއްބާފައި ތިއްބެވެ. މިކަން މިހާރު ނުހިނގާ ނަމަވެސް، ފެންވަރު ރަނގަޅު ތަޢުލީމުގެ ބޭނުމަށް އެތައް ހާސް ކިޔަވާކުދިންނަކާއި މީހުންނެއް ރަށްރަށުން މާލެއައިސް، ކުދި ތަންތަންކޮޅުގައި، ބޮޑު ކުލި ދައްކައިގެން، ނުލާހިކު ޙާލުގައި އުޅޭން އޮތީ މަޖުބޫރު ވެފައެވެ. 

މިނިވަން ނޫސްވެރިކަމަށް އެހީތެރިވެދެއްވާ

ބިރެއްނެތި ޚަބަރު ގެނެސްދިނުމަށް އެހީތެރިވެދެއްވާ

އެއްފަހަރު ދެއްވާ

ނުވަތަ
މެމްބަރަކަށް ވެލައްވާމަހަކު $5 އިން ފެށިގެން