އިޓަލީގެ ދިރާސާވެރިންވަނީ ”ވައިކުޑަ ސައިންސް“ގެ ތުހުމަތު ދޮގުކޮށް، ދިވެހިންގެ ބައިވެރިވުން މަދުކަން ޤަބޫލުކޮށްފައި
މިލާނޯ ބިކޯކާ ޔުނިވަރސިޓީއިން ބުނަނީ ހަމައެކަނި މައްސަލައަކީ އިޓަލީ ބަސް ދަސްކުރަންޖެހުން ނޫންކަމަށް.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
12 ގަޑިއިރު ކުރިން
މިލާނޯ ބިކޯކާ ޔުނިވަރސިޓީއިން ފ. މަގޫދޫގައި ހިންގާ މެރިން ރިސާޗް އެންޑް ހަޔަރ އެޑިއުކޭޝަން ސެންޓަރާމެދު މިނޫހުގައި ޝާޢިއުކުރި ކަންބޮޑުވުންތަކާއި ފާޑުކިޔުންތަކަށް އެފަރާތުން ރައްދުދީފިއެވެ. ނަމަވެސް ދިވެހިންގެ ބައިވެރިވުން ހޯދާން އެކަށީގެންވާ މަސައްކަތްތަކެއް ނުހިންގޭކަން ޤަބޫލުކުރާ ކަމަށްވެސް އެފަރާތުން ބުނެފައިވެއެވެ.
މިދިޔަ މާޗް މަހު މޯލްޑިވްސް އިންޑިޕެންޑެންޓް އިން ޝާޢިއުކުރި ރިޕޯޓުގައި، އެސެންޓަރުން އެންމެ ދިވެހި ދަރިވަރަކުވެސް އަދި މިހާތަނަށް މާސްޓަރޒް ޕްރޮގްރާމް ފުރިހަމަކޮށްފައި ނުވާކަން ފާހަގަކޮށްފައި ވެއެވެ. މާސްޓަރޒް ޕްރޮގްރާމްގައި ބައިވެރި ދަރިވަރުން ބުނެފައިވަނީ އެންމެ ބޮޑު ގޮންޖެހުމަކީ އިޓަލީ ބަސް ދަސްކުރާން މަޖުބޫރުކުރުވުން ކަމަށެވެ. އަދި ދިވެހިންގެ ބައިވެރިވުމެއްް ނުލައި ދިރާސާތައް ރާވައި، ހިންގަމުންދާ ކަމަށް ދިވެހި މެރިން ބަޔޮލޮޖިސްޓުންނާއި ސެންޓަރުން ތަޢުލީމު ޙާޞިލުކުރުމަށް މަސައްކަތް ކުރި ދަރިވަރުން ބުނެއެވެ.
މޯލްޑިވްސް އިންޑިޕެންޑެންޓް އަށް ލިޔުމުން ފޮނުވި ރައްދެއްގައި ސެންޓަރުގެ ޑައިރެކްޓަރ ޕައޮލޯ ގައްލީ ލިޔުއްވާފައިވަނީ އެސެންޓަރު ހިންގަނީ މިލާނޯ ބިކޯކާ ޔުނިވަރސިޓީގެ އާރތު އެންޑް އެންވަޔަރަމަންޓަލް ސައިންސް ޑިޕާޓްމަންޓުގެ ދަށުން ކަމަށާއި، މާސްޓަރޒް ޕްރޮގްރާމާއި އެސެންޓަރުގެ ހިންގުމާއި އެއީ ވަކި ދެ ކަމެއް ކަމަށެވެ. މާސްޓަރޒް ޕްރޮގްރާމަކީ މިލާނޯ ބިކޯކާ ޔުނިވަރސިޓީއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގުޅިގެން ފެށި ޕްރޮގްރާމެއް ނަމަވެސް، މިހާރު އެ ކޯސް ކުރިއަށް ނުގެންދާ ކަމަށް އޭނާ ލިޔުއްވިއެވެ.
16 އަހަރު ކުރިން ޤާއިމުކުރި މިސެންޓަރުން މަގޫދޫއާއެކު ގިނަ ކަންކަމެއްގައި އެއްބާރުލައި، ޤައުމި ޔުނިވަރސިޓީ ހިމެނޭހެން ރާއްޖޭގެ ގިނަ ރަސްމީ މުވައްސަސާތަކަކާއި، މަދަނީ ޖަމްޢިއްޔާ/ޖަމާޢަތްތަކަކާއެކު މަސައްކަތް ކުރަމުންދާކަމަށް ގައްލީ ލިޔުއްވިއެވެ.
މިއާއެކު މިސެންޓަރަކީ މީހުން ދިރިއުޅޭ ރަށެއްގައި މިބާވަތުގެ ސެންޓަރެއް އެންމެ ގިނަ ދުވަސްތަކެއް ވާންދެން ހިންގިދާނެ ކަމުގެ ފުރިހަމަ ނަމޫނާއެއް ކަމަށާއި، ސެންޓަރުގެ މައިގަނޑު މަޤްޞަދަކީ ބެޗެލަރސް ނުވަތަ މާސްޓަރޒް ޕްރޮގްރާމްތައް ހިންގުން ނޫންކަމަށާއި، ނަމަވެސް ހުނަރާއި ޢިލްމު ދެފަރާތުގެ ދެމެދުގަިއ ބަދަލުކުރުމާއި، ދިރާސާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ދިވެހިރާއްޖޭގައި ކުރިއަށް ގެންދާ ބައިނަލްއަޤްވާމީ ދިރާސާތަކަށް ޖަގަހައެއްްގެ ގޮތުގައި ޙަރަކާތްތެރިވުން ކަމަށްވެސް އޭނާ ލިޔުއްވިއެވެ.
މާސްޓަރޒް ޕްރޮގްރާމް ކިޔަވަމުންދާ ދަރިވަރުންނަށް މިސެންޓަރުގައި މަސައްކަތު ބައްދަލުވުންތައް އަދި ސަމަރ ސްކޫލް ފުރިހަމަ ކުރުމުގެ ފުރުޞަތު ފަހިކޮށްދީފައިވާ ކަމަށާއި، އެހެންނަމަވެސް، މިސެންޓަރުގެ ޙަރަކާތްތަކުގައި ބައިވެރިވުމަކީ މާސްޓަރޒް ޕްރޮގްރާމް ފުރިހަމަ ކުރުމުގެ ޝަރުޠެއް ނޫންކަމަށާއި، ކިތަންމެ ދަރިވަރަކު މިސެންޓަރަށް ނައިސް މާސްޓަރޒް ޕްރޮގްރާމް ނިންމުމާ ހަމައަށް ދާ ކަމަށް ގައްލީ އޮޅުންފިލުއްވައި ދެއްވިއެވެ.
އިޓަލީ ބަސް ދަސްކުރާން ޖެހުން
ގައްލީ ވިދާޅުވާ ގޮތުގައި، އިޓަލީ ބަސް ދަސްކުރާން ޖެހެނީ މިލާނޯ ބިކޯކާ ޔުނިވަރސިޓީގެ ހުރިހާ ދަރިވަރުންނަށްވެސް 4 އީސީޓީއެސް ކްރެޑިޓް ކަށަވަރުކުރާން އިޓަލީ ބަސް ދަސްކުރަން މަޖުބޫރުވާ ގޮތަށް ސިޔާސަތަށް ގެނައި ބަދަލެއްގެ ސަބަބުން ކަމަށާއި، މި އައު އުޞޫލުގެ ދަށުން އިޓަލީ ދަރިވަރުން އިނގިރޭސި، ފަރަންސޭސި، ސްޕެއިން ނުވަތަ ޖަރުމަނު ބަސް ދަސްކުރާން ޖެހޭއިރު، ބޭރު ދަރިވަރުން އިޓަލީ ބަސް ދަސްކުރާން ޖެހޭ ކަމަށެވެ. މިއީ ހަމައެކަނި މެރިން ސައިންސް ޕްރޮގްރާމްގެ ދަރިވަރުންގެ މައްޗަށް އައި ޝަރުޠެއް ނޫންކަމަށް އޭނާ ލިޔުއްވިއެވެ.
މިއާއެކު، ބީ2 ލެވަލް އިން ބީ1 ލެވަލްއަށް ބޭރުގެ ދަރިވަރުން އޮޓަލީ ދަސްކުރާންޖެހޭ ގޮތަށް ލއުިތަކެއްވެސް ދީފައިވާނެ ކަމަށް ގައްލީ ކިޔައިދެއްވިއެވެ.
އޮންލައިންކޮށް މޯލްޑިވްސް އިންޑިޕެންޑެންޓް އަށް ދެއްވި ބަސްދީގަތުމެއްގައި ދިރާސާވެރިންކަމުގައިވާ ލޫކާ ފެއްލާޓީ އަދި ޑޭވިޑް ސަވޭސޯ، އެސެންޓަރުގެ އޮފިޝަލުންނާއެކު ވިދާޅުވީ 15 އަހަރުވީ އިރު ދިވެހި ދަރިވަރަކު ދަސްވެނި ނުވުމުގެ ހަމައެކަނި ސަބަބަކީ އިޓަލީ ބަސް ދަސްކުރާން ޖެހުންކަން ޤަބޫލު ނުކުރެއްވޭ ކަމަށެވެ. ”ތިޔަ ނޫހުގެ އާޓިކަލްގައި ބުނަނީ މައްސަލައަކީ އިޓަލީ ބަސް ދަސްކުރަން ޖެހުން ކަމަށް އެކަމަކު އެޔެއްނޫން ޙަޤީޤީ މައްސަލައަކީ. ޙަޤީޤަތަކީ ދަރިވަރުން ކޯސް ފުރިހަމަ ނުކުރިކަން، ނުކުރެވުނުކަން،“ ގައްލީ ވިދާޅުވިއެވެ.
މީގެއިތުރުން އިޓަލީ ބަސް ދަސްކުރާން މަޖުބޫރު ވާގޮަތަށް އުޞޫލަށް ބަދަލު ގެނައީ ޔުނިވަރސިޓީގެ ގަވަރުނަރުން ކަމަށާއި، ޔުނިވަރސިޓީގެ އޮންލައިން އާލާތްތަކުން އިތުރު ފީއަކާ ނުލައި އިޓަލީ ބަސް ދަސްކުރާން ބޭނުންވާ ފޮތްތަކާއި ލިޔުންތައް ބަލައި ހެދޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށް ފެއްލާޓީ އެބައްދަލުވުމުގައި އިތުރަށް ކިޔައިދެއްވިއެވެ.
ސަވޭސޯ ވިދާޅުވީ މެރިން ސައިންސް ޕްރޮގްރާމަށް އައު 60 ދަރިވަރުން އެންރޯލް ކޮށްފައިވާ ކަމަށާއި، އޭގެތެރެއިން 30 އިންސައްތަ ދަރިވަރުންނަކީ އިޓަލީ ނޫން އެހެން ޤައުމުތަކުން އަންނަ ދަރިވަރުން ކަމަށާއި، އޭގެތެރެއިން ގިނަ ދަރިވަރުން މާސްޓަރޒް ޕްރޮގްރާމް ފުރިހަމަ ކުރާ ކަމަށެވެ. ”ވަރަށް ދެރަވޭ 6 ކުދިންގެ ތެރެއިން ހަމަ އެންމެ ކުއްޖަކަށްވެސް ކޯސް ފުރިހަމަ ނުކުރެވުނީމާ، އަމުދުން އެހެން ޤައުމުތަކުގެ ކުދިން ފުރިހަމަ ކުރަމުންދާއިރު،“ ސަވޭސޯ ވިދާޅުވިއެވެ.
ހަމަ އެނޭވާގައި ދިސާރާވެރިންވަނީ މާސްޓަރޒް ޕްރޮގްރާމްގައިވެސް ރަނގަޅު ކުރާން ހުރި ކަންތައްތަކެއް ހުރިކަން ފާހަގަކޮށްފައެވެ. ”އަޅުގަނޑަށް ހީވަނީ މިއީ ބައިވަރު ގިނަ ސަބަބުތަކެއް އެކުވެ، ނުކުންނަ ނަތީޖާއެއް ހެން، ހަމަ ޔަޤީނުންވެސް މިއީ އެކީއެކަށް ދަރިވަރުންގެ މައްސަލައެއް ނޫން. ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދޭން އަމުދުން ކިޔެވުމުގެ ފުރަތަމަ އަހަރު ކޮންމެވެސް އިންތިޒާމެއް ހަމަޖައްސަން ޖެހޭކަން ޤަބޫލުކުރަން. އެކަމެއް ނުކުރެވޭ،“ ފެއްލާޓީ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ޢާންމުކޮށް އިނގިރޭސި ޕްރޮގްރާމްތަކުގައި ކިޔަވައިދޭ އުޞޫލާއި، އިޓަލީގެ ކިޔަވައިދިނުމުގެ ވައްޓަފާޅިއާ ދެމެދު ހުރި ތަފާތަކީވެސް ދަރިވަރުންނަށް ގޮންޖެހުމަކަށް ވެދާނެ ކަމެއްކަން ފާހަގަކުރިއެވެ.
އިންޞާފުވެރިއެއް ނޫން
ސެންޓަރުން ޢާންމުކޮށްފައިވާ ދިރާސީ ލިޔުންތަކާއި ކަރުދާސްތަކުގައި ދިވެހިންގެ ބައިވެރިވުން ނެތްކަމާ މެދުވެސް މި ނޫހުގެ ރިޕޯޓުގައި ކަންބޮޑުވުން ފައުޅުކުރީމެވެ. އަދި ޚާއްޞަކޮށް ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި، އެޤައުމުގެ ރައްޔިތުންނާ ބެއްސުމެއްނެތި ބޭރު ދިރާސާވެރިން އައިސް ތަޙްލީލުކޮށް ދިރާސާތައް ހިންގުމަށް ކިޔާ އުޅޭ ”ޕެރަޝޫޓް ސައިންސް“ (ވައިކުޑަ ސައިންސް) ގެ ގޮތުގައިވެސް މިނޫހުން ސެންޓަރުގެ މަސައްކަތްތައް ސިފަކޮށްފައި ވެއެވެ.
އެއީ ޙަޤީޤަތް ނޫންކަމަށާއި، އެސިފަކުރުން ”އިންޞާފުވެރިއެއް ނޫން،“ ކަމަށް ފެއްލާޓީ ވިދާޅުވިއެވެ. ”އަޅުގަނޑުމެން އެބަ މަސައްކަތް ކުރަމު، އަޅުގަނޑުމެން މިދަނީ ބަދަލުވަމުންދާ ދިވެހިރާއްޖޭގެ ކަންކަމާ އެއްކީލިވެ، އެކުގައި މަސައްކަތް ހިންގަން ހިންމަތް ކުރަމުން،“ އޭނާ ވިދާޅުވިއެވެ.
އެހެންނަމަވެސް ދިރާސާ ލިޔުންތަކާއި ކަރުދާސްތައް ތައްޔާރު ކުރުމުގައި އެކަށީގެންވާ ވަރަށް ދިވެހިންގެ ބައިވެރިވުން ހޯދާން މަސައްކަތް ކުރެވިފައި ނުވާކަން ޤަބޫލުކުރައްވާ ކަމަށާއި، މިހާރު އެގޮތް ބަދަލު ކުރަމުންދާ ކަމަށް ސެވޭސޯ ވިދާޅުވިއެވެ. ”އެންމެ ފަހުން އަޅުގަނޑުމެން ޝާޢިއުކުރި ކަރުދާސްތަކަށް ބައްލަވައިފީވިއްޔާ އެންމެ މަދުވެގެން އެއް ދިވެއްސަކު ހިމެނޭކަން ފެނިވަޑައިންނަވާނެ،“ އޭނާ ވިދާޅުވިއެވެ.
މިއާއެކު ގައްލީ ވިދާޅުވީ ކޮންމެ ލިޔުމެއް ނުވަތަ ކަރުދާހެއްގައިވެސް ބައިވެރިވާން ބޭނުން ދިވެހިން ތިބިތޯ އަބަދުވެސަް ހޯދާ އޮޅުންފިލުވާ ކަމަށާއި، ނަމަވެސް ޝައުޤުވެރިވާ ދިވެހިން ހޯދުމުގައިވެސް ދަތިތަކެއް އެބަހުރި ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ގިނަ މެރިން ބަޔޮލޮޖިސްޓުންތަކެއް ދިވެހިރާއްޖޭގައި ތިއްބަސް، ޤަވާޢިދުން ޕިއަރ ރިވިއުޑް ޖަރނަލް ތަކުގައި ޝާޢިއުކުރަމުން ނުދާކަމަށާއި މެރިން ބަޔޮލޮޖީ ދާއިރާގައި މަސައްކަތްކުރާ މަދު ބަޔަކު މެނުވީ ދިރާސާ ޝާޢިއުކޮށް ނުހަދާ ކަމަށެވެ.
2023 ގައި ސެންޓަރުން ޝާޢިއުކުރި ދިރާސާ ކަރުދާހެއްގައި، ދިވެހިރާއްޖެއިން ފުރަތަމަ ފަހަރަށް ބުލް ޝާކް (ގާނި މިޔަރު) ފެނިފައިވާކަމަށް ލިޔެފައިވާތީ، އެކަމާމެދު ރައްދުވި ކަންބޮޑުވުމަށް ރައްދުދީ ސެވޭސޯ ވިދާޅުވީ ސެންޓަރުން ބުނެފައިވާތީ ގާނި މިޔަރު ފެނިގެން އެކަން ރެކޯޑުކޮށް، ސައިންޓިފިކް ޕިއަރ ރިވިއުޑް ޖާނަލެއްގައި އެކަމާމެދު ރަސްމީކޮށް ލިޔެ ޝާޢިއުކުރީ ސެންޓަރުންކަމަށް ކަމަށެވެ. ރާއްޖޭގައި ގާނި މިޔަރު އުޅޭކަމަށް މެރިން ރިސަރޗް ސެންޓަރުންވެސް އަދި ދިވެހިރާއްޖޭގެ މިޔަރު މެނޭޖުކޮށް ބެލެހެއްޓުމާބެހޭ ޕްލޭންގައިވެސް އެބަ އޮތެވެ.
ދިރާސާތައް ބައިނަލްއަޤްވާމީގޮތުން ބަލައިގަންނަ ސެޓިފައިޑް ޖާނަލްތަކުގައި ޝާޢިއުނުކުރާ ނަމަ، ރަސްމީ ބަލައިގަތުން ދުނިޔޭގެ ފެންވަރުގައި އެދިރާސާއަކަށް ނޯންނާނެކަން އޭނާ ފާހަގަކުރެއްވިއެވެ. ”ލޯކަލް ފެންވަރުގައި ރިޕޯޓެއް ކޮށްފައި އޮތުމަކީ ސައިންސް ޖާނަލެއްގައި ޝާޢިއުކުރުމާ ވަރަށް ތަފާތު ކަމެއް. މުޅިން ދެކަމެއް،“ ސެވޭސޯ ވިދާޅުވިއެވެ.
ސެންޓަރުގެ ވެބްސައިޓު ދައްކާގޮތުން 16 މެންބަރުންގެ ޓީމުގައި އަދި 13 މެންބަރުންގެ ސައިންޓިފިކް ކޮމިޓީގައި ހިމެނެނީ އެންމެ ދިވެއްސެކެވެ. ”އަޅުގަނޑުމެން ނުހަނު އެދެން އެޢަދަދު އިތުރުވާން،“ ގައްލީ ވިދާޅުވިއެވެ. ފެއްލާޓީ ވިދާޅުވީ ބޯޑު އޮތީ ފުރިހަމައަށް ތަމްސީލުވާ ގޮތަށް ނޫން ކަމަށާއި، ވެބްސައިޓުވެސް އަދާއިހަމަކުރާން ޖެހިފައިވާ ކަމަށެވެ. އަދި އެމަސައްކަތް ޕްލޭން ކޮށްފައިވާ ކަމަށެވެ.
ކުރާ މަސައްކަތް
ސެންޓަރުން މިނޫހަށް ލިޔުމުން ފޮނުވި ރައްދުގައި މަސައްކަތު ބައްދަލުވުންތަކާއި، ޓްރެއިނިންގް ޕްރޮގްރާމްތަކާއި، ދިވެހިރާއްޖޭގެ އެކި މުވައްސަސާތަކާއެކު ހިންގާފައިވާ ޙަރަކާތްތަކުގެ ދިގު ލިސްޓެއް ހިމަނާފައި ވެއެވެ. އޭގެ ތެރޭގައި ޤަައުމީ ޔުނިވަރސިޓީގެ ދަރިވަރުންނަށް ހިންގާފައިވާ މަސައްކަތު ބައްދަލުވުންތައް އަދި އެޔުނިވަރސިޓީގެ ލެބޯރަޓޮރީގެ ފެންވަރު ރަނގަޅުކުރާން ދިން އެހީ ހިމެނެއެވެ. ރިޒޯޓުތަކުގެ މެރިން ބަޔޮލޮޖިސްޓުންނަށް ހިންގާފައިވާ ޓްރެެއިނިންގްތަކާއި މިނިސްޓްރީތަކާއި، ލޯކަލް ކައުންސިލްތަކާ ގުޅިގެން ހިންގާފައިވާ ފަރު ޙިމާޔަތްކުރުމުގެ ޕްރޮގްރާމްތައްފަދަ މަސައްކަތްތައްވެސް ހިމެނޭމެއެވެ.
ޢާންމުކޮށް މަސައްކަތު ބައްދަލުވުންތައް ހިންގާފައިވަނީ ދިވެހިންނަށް ޚާއްޞަކޮށްގެން އަދި އެއްވެސް ފޯއެއް ނެގުމަކައި ނުލައި ނުވަތަ ރަމްޒީ ފީއެއް ނަގައިގެންކަންވެސް ސެންޓަރުން ފޮނުވި ލިޔުމުގައި ވެއެވެ.
މަގޫދޫގައި ހިންގާފައިވާ ޙަރަކާތްތަކުގެ ތެރޭގައި އިޔާދަކުރުވަނިވި ހަކަތައާމެދު ހޭލުންތެރިކަން އުފެއްދުމާއި، ކުޑަކުދިންނަށް އަމާޒުކޮށް ހިންގާފައިވާ ތިމާވެއްޓާބެހޭ ހޭލުންތެރިކަން އުފެއްދުމާއި، ފަރު ދިރުވުމުގެ ޕްރޮގްރާމްތައް ލިސްޓުކޮށްފައި ވެއެވެ.
”2008 އިން ފެށިގެން ކިތަންމެ ސަރުކާރަކާއެކު އަޅުގަނޑުމެން މަސައްކަތް ކޮށްފިން،“ ގައްލީ ވިދާޅުވިއެވެ.
ކޮންމެ ގޮތެއްގައިވިޔަސް، ދިރާސާވެރިން ވިދާޅުވީ ދިވެހި ދިރާސާވެރިންނާއި އަދި މުވައްސަސާތަކާ އެކު ހުރި ގުޅުންތަކާއި އުޅުންތައް އިތުރަށް ހަރުދަނާކުރަން އެދޭ ކަމަށެވެ. ”އެންމެ މުހިންމު އެއް ކަމަކީ ސީދާ ކޮމިއުނީޓީއާއެކު ދިވެހިރާއްޖޭގައި ތިމާވެށީގެ ދިރާސާތައް ހިންގުން، އޭރުން އެކުގައި ތިބެ އެކުގައި ކުރިއަށް ދެވޭނީ،“ ފެއްލާޓީ ވިދާޅުވިއެވެ.
މިނިވަން ނޫސްވެރިކަމަށް އެހީތެރިވެދެއްވާ
ބިރެއްނެތި ޚަބަރު ގެނެސްދިނުމަށް އެހީތެރިވެދެއްވާ
އެއްފަހަރު ދެއްވާ
$
ނުވަތަ
މެމްބަރަކަށް ވެލައްވާމަހަކު $5 އިން ފެށިގެން
