ދިވެހިރާއްޖޭގައި ގްރެޖުއޭޓުވާން ފުރަތަމަ ދަސްކުރާން މިޖެހެނީ އިޓަލީ ބަސް

ކުރެހުމާއި ޑިޒައިން: ޑޮސެއިން
09 މާޗް
ދިވެހިރާއްޖޭގައި ހުންނަ ހަމައެކަނި ބޭރުގެ ޔުނިވާސިޓީ އިން ޑިގްރީ ޙާޞިލުކުރަން ބޭނުންނަމަ، އަޕަރ އިންޓަމީޑިއަޓް ފެންވަރަށް އިޓަލީ ބަސް ދަންނާން ޖެހެއެވެ. އިމްތިޙާނެއް ހަދައި، ފާސްވާން ޖެހެއެވެ. މީގެ 15 އަހަރު ކުރިން އިޓަލީގެ މެރިން ރިސާޗް އައުޓްޕޯސްޓް ހުޅުވި ފަހުން އެތައް ސަތޭކަ ބިދޭސީ ދަރިވަރުންނެއް އެތަނުގައި އުނގެނިއްޖެއެވެ. ސަތޭކައަށް ވުރެ ގިނަ ސައިންޓިފިކް ކަރުދާހެއް ތައްޔާރު ކޮށްފައި ވެއެވެ. އެ ކަރުދާސްތަކުގެ ތެރެއިން ދިވެއްސަކު މުޞައްނިފުންގެ ލިސްޓުގައި ހިމެނެނީ އެންމެ 5 ކަރުދާހުގައެވެ. އެންމެ ދިވެއްސެއްވެސް ގްރެޖުއޭޓު (ދަސްވެނި) ވެފައެއް ނުވެއެވެ.
ޔުނިވާސިޓީ އޮފް މިލާނޯ-ބިކޯކާގެ މެރިން ރިސާޗް އެންޑް ހަޔަރ އެޑިއުކޭޝަން (އެމްއޭއާރްއެޗްއީ) ސެންޓަރަކީ "ދިވެހިރާއްޖެ ދޫކޮށް ދާން ނުޖެހި، ދުނިޔޭގެ ފެންވަރުގެ ޔުނިވާސިޓީއެއްގައި ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދޭ" ތަނެއް ކަމުގެ ވަޢުދާއެކު ހުޅުވި ސެންޓަރެކެވެ. ހުޅުއްވައިދެއްވީ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި، ޖެނުއަރީ 29 ގައި ފ އަތޮޅުގެ 700 މީހުންގެ އާބާދީއެއް އޮންނަ މަގޫދޫގައެވެ.
މިއީ "މޫސުމަށް އަންނަ ބަދަލުތައް އެންމެ ފުރަތަމައަށް ތަޙައްމަލުކުރާ، ދުނިޔޭގެ އެންމެ ތަފާތު ޓްރޮޕިކަލް އިކޯސިސްޓަމްތަކުގެ ތެރެއިން އެއް އިކޯސިސްޓަމްގައި ކަނޑުގެ ދިރާސާތައް ކުރުމުގެ ފުރުސަތު ޔުނިވާސިޓީ އޮފް މިލާނޯ-ބިކޯކާގެ ދަރިވަރުންނަށް ލިބޭނެ އައުޓްޕޯސްޓް" އެކެވެ.
އެ ސެންޓަރުގައި ކޮންމެ އަހަރަކު ވެސް ބޭރުގެ އެހެން ޔުނިވާސިޓީތަކުގެ ދަރިވަރުންނާއި ދިރާސާވެރިން ޖަޒީރާގެ ކަނޑުގެ މާޙައުލުގެ މައްޗަށް ހޯދުންތަކާއި ދިރާސާތައް ހިންގައެވެ.
ބަހުގެ ޝަރުޠު
ދިވެހި ޑައިވް އިންސްޓްރަކްޓަރަކަށް ފުރަތަމަ ޙަރަކާތްތެރިވެފައި، މިހާރު ތިމާވެއްޓަބެހޭ ކޮންސަލްޓަންޓެއްގެ ޙައިޘިއްޔަތުން މަސައްކަތްކުރާ ޢާޒިމް މުސްތާޤް އޮސްޓްރޭލިއާ އިން ފުރަތަމަ ޑިގްރީ ނިންމައި، 2018 ވަނަ އަހަރު އެސެންޓަރުން ކުރިއަށް ގެންދިޔަ މާސްޓާސް ޕްރޮގްރާމަކާ ގުޅެން ނިންމިއެވެ.
"ބިކޯކާ ޔުނިވާސިޓީއާ ގުޅުނީ ދިވެހިރާއްޖޭގައި ހުރީމާ. ފުރަތަމަ ވަރަށް ސަޅި، ފެސިލިޓީގެ ޑިރެކްޓަރާއި ބައްދަލުކުރަން ދާން އެދުނީ،" އޭނާ އެ ހަނދާންތައް އާ ކުރިއެވެ. ކޯހުގައި ބައިވެރިވާން އެދި ހުށަހެޅުމުގެ މަރުޙަލާ ދިޔައީ ވަރަށް އޮމާންކޮށެވެ. މާލޭގައި މަސައްކަތްކުރާތީ، އޮންލައިން ކްލާހަށް ދިއުމުގެ ފުރުޞަތު އެކޯހުގައި ދޭކަމަށްޓަލައި އޭނާ ހުރީ ޝުކުވެރިކަމާއެކު އުފަލުންނެވެ.
"ޔުނިވާސިޓީ އިން ޕްރޮގްރާމާއި ޕްރޮފެސަރުންނާއި ފޯރުކޮށްދޭ ކޮންޓެންޓް ވަރަށް ސޮލިޑް. އެމީހުން ގެނައި ޕްރޮފެސަރުންނަކީ މި ދާއިރާގެ ލީޑިންގް މީހުން. ޔުނިވާސިޓީ ރޭންކިންގް އަށް ބަލާއިރު އެއީ މަތީ ރޭޓިންއެއް ލިބިފައިވާ ޔުނިވާސިޓީއެއް. ކުރިއަރަމުން އަންނަ ރަނގަޅު ޔުނިވާސިޓީއެއް. އެކަމަކު ޔުނިވާސިޓީގެ އޮނިގަނޑަކީ ވަރަށް އުނދަގޫ،" ޢާޒިމް ކިޔައިދިނެވެ.
ކޯވިޑް-19 ގެ ކުރިން ޔުނިވާސިޓީގައި އޮންލައިންކޮށް އުނގަންނައިދިނުމުގެ ވަޞީލަތްތައް ނެތްކަމަށް ޢާޒިމް ބުންޏެވެ: "ބައެއް ޕްރޮފެސަރުންގެ ވީޑިއޯ އޮފް ވެދާނެ. ބައެއް ޕްރޮފެސަރުންގެ ވީޑިއޯ އޮން ކޮށްފައި ހުރި ނަމަވެސް ސްލައިޑުތައް ނުފެނިދާނެ. ބައެއް ދުވަސް ދުވަހު ވީޑިއޯ އޯކޭ ވެދާނެ ނަމަވެސް އޯޑިއޯ ރަނގަޅަށް ސެޓް ނުވެ މީހުން ވާހަކަ ދައްކާ އަޑު އިވޭނެ." ބޭރު ބަހެއްގެގޮތުގައި އިނގިރޭސި ނުކިޔެވޭނެ ކަމަށާއި، ޚިޔާރުކުރާން ޖެހޭނީ އިޓަލީ ބަސް ކަމަށް ޓަސްލާފައި ޔުނިވާސިޓީގެ އީމެއިލެއް މެދުވެރިކޮށް އެންގި ކަމަށެވެ.
އާޒިމަށް ކޯސްތައް ފުރިހަމަ ކުރެވުނީ ކޮންޓެންޓް ނުވަތަ މަންހަޖު ބަލައިގެންނެވެ. މައްސަލަތައް ފެށުނީ ކިޔެވުމުގެ ދެވަނަ އަހަރުގައެވެ.
"ފެށުނީއްސުރެ ކޯހަށް ބޭރު ބަހުގެ ޝަރުޠެއް އޮތް، ނަމަވެސް އިނގިރޭސި ބަސް އިޚްތިޔާރު ކުރެވޭ، އެގޮތް ހަމަޖެހޭ - އެއީ އަހަރުމެންނަށް އިނގިރޭސި ބަހަކީ ބޭރު ބަހެއް. އެހެންވެ ފުރަތަމަ އަހަރު އެއްވެސް މައްސަލައެއް ނެތި ދިޔައީ.،" ކަމަށް އޮޅންފިލިުވައި ދެމުން އާޒިމް ބުނީ ދެން ފުރިހަމަ ކުރާން ޖެހުނު އިޓަލީ ބަހުގެ ކޯހަކީ ބީ2 ލެވެލް އެއް ކަމަށާއި، މިއީ ފޭރާން ހެޔޮ ލިޔުންތަކުގައި މައިގަނޑުގޮތެއްގައި ހުރި ވާހަކަތައް ދޭހަކޮށް، ވިސްނައި، އިޓަލީ ބަހުން ވާހަކަ ދައްކާ މީހުންނާ ރަނގަޅަށް މުޢާމަލާތްކޮށް، ފުޅާ ދާއިރާއެއްގައި މައުޟޫއުތަކުގައި ސާފު، ތަފްޞީލީ ވާހަކަ ދެއްކައި، ލިޔަންކިޔަން ޖެހޭ ބާވަތުގެ އަޕާރ އިންޓަމީޑިއަޓް ފެންވަރުގެ ކޯހެކެވެ.
"އަހަރުމެންނަށް ޖެހުނީ ކުރިން އެހެން އެއްވެސް އެއްޗެއް އުނގެނުމަކާ ނުލައި، އެފެންވަރުގެ ކޯހެއް ފުރިހަމަކުރަން. އިނގިރޭސި ބަސް ކިޔެވުން ނުހުއްޓުވައި، ކުރިއަށްދެވޭނެ ގޮތަކަށް އެދުނީމާ އެމީހުން މިބުނަނީ އިޓަލީ މީހުންނާއެކު މަސައްކަތް ކުރާ އިރު އިޓަލީ ބަހުން ވާހަކަދައްކަން ޖެހޭނެޔޭ. އެހެންވެ އޭ1 ފަދަ ތަންކޮޅެއް ލުއި ފެންވަރެއްގެ ކޯހެއް ހަދަން ހުއްދަ ދޭށޭ އެދުނީމާވެސް، އެމީހުން އެކަމަށް އެއްބަހެއް ނުވި." ޢާޒިމް ތަފްޞީލު ކޮށްދިނެވެ.
މިއާއެކު ކޯވިޑް19 ގެ ފުރަބަންދާއި ދިމާކޮށް ރާއްޖެއިން ބޭރުގައި ކިޔަވަން ޖެހޭ ސެމިސްޓަރުގެ ކަންކަން ހަމަޖައްސާން ޔުނިވާސިޓީއާ ކޯޑިނޭޓް ކުރުމުގައި ވެސް ނުހަނު ގިނަ ދައްޗާ ކުރިމަތިލާން ޖެހުނެއެވެ. އެކަމަކު އެންމެ ފަހުން އޭނާއަށް ކިޔެވުން ދޫކޮށްލަން މަޖުބޫރުވީ ސަބަބަކީ އިޓަލީ ބަސް ދަސްކުރާން ޖެހުމުގެ ޝަރުޠެވެ.
އާޒިމްއާ އެކު 2018 ވަނަ އަހަރު ޕްރޮގްރާމުގައި ބައިވެރިވި އިތުރު އެހެން ދަރިވަރަކު ވެސް ކިޔެވުން ދޫކޮށްލީ ހަމަ މި ސަބަބާހުރެއެވެ. އޭގެ ކުރީ އަހަރު ބިކޯކާ ގުޅުނު ދިވެހިރާއްޖޭގެ ހަތަރު ދަރިވަރަކު ވެސް ޕްރޮގްރާމް ފުރިހަމަ ކޮށްފައެއް ނުވެއެވެ.
"ނަޝީދުގެ ދުވަސްވަރު އެންމެ ފުރަތަމަ ފެށި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ބެޗްލަރ އޮފް އެންވަޔަރަންމަންޓަލް މެނޭޖްމަންޓް ޕްރޮގްރާމް ފުރިހަމަކުރީ ހަތަރު މީހަކު،" ނަން ނުޖެހުމަށް ޝަރުޠުކޮށް މޯލްޑިވްސް އިންޑިޕެންޑެންޓަށް މަޢުލޫމާތު ދެމުން އެއް ދަރިވަރަކު ބުންޏެވެ. "އެމްއެންޔޫ އިން ޑިގްރީ ޙާސިލު ކުރުމަށްފަހު އެމްއެންޔޫ އިން މާސްޓާސް ޕްރޮގްރާމެއް ފަށާތޯ ބަލަން މަޑުކޮށްގެން ހުއްޓާ އެންގީ ބިކޯކާ ޔުނިވާސިޓީއާ އެކު ޖޮއިންޓް މާސްޓާސް ޕްރޮގްރާމެއް ފެށޭނެ ކަމަށް،" ކަމަށެވެ.
އެކަމަކު އެކަމުގައި ކުރިއަށްދާންވީ ގޮތެއްގެ ސާފު އިރުޝާދު ދަރިވަރުންނަކަށް ފޯރުކޮށެއް ނުދެއެވެ. ދަރިވަރުންނަށް ޕްރޮގްރާމް އޮންލައިންކޮށް ފުރިހަމަ ކުރެވޭނެ ކަމަށް އަންގާފައިވީ ނަމަވެސް، އެންމެ ފަހު ސެމިސްޓާ އިޓަލީ އަށް ގޮސް ފުރިހަމަ ކުރަން ޖެހޭކަން އެނގުނީ އެހެން ދަރިވަރުންގެ ފަރާތުންނެވެ. ދެ ދަރިވަރަކު އެހިސާބުންވެސް ކިޔެވުން ދޫކޮށްލިއެވެ. އަނެއް ދެ ދަރިވަރުން މިލާނަށް ދިޔައީ ބޭރުގައި ކިޔަވަންޖެހޭ (ސްޓަޑީ އެބްރޯޑް) ސެމިސްޓަރަކަށެވެ. އެކަމަކު އިޓަލީ ބަހުގެ ޝަރުޠު އެ ދެ ދަރިވަރުންނަށްވެސް އެނގުނީ އެހެން ދަރިވަރުންގެ ފުށުންނެވެ.
"އަޅުގަނޑާއި އެހެން ދަރިވަރަކު އެތަނުގައި ތިން މަސް ނިންމާފައި އެނބުރި އައީ. އޭރު ތިބީ ގްރެޖުއޭޓްވާން ކައިރިވެފައި. ނަމަވެސް އިޓަލީ ކޯސް ފުރިހަމަ ނުކޮށް ގްރެޖުއޭޓް ނުވެވޭނެކަން އެނގުނީ،" އޭނާ ބުންޏެވެ. "އަހަރެން ބޭނުމެއް ނުވި އިތުރު ދެ އަހަރު އިޓަލީ ބަސް ދަސްކުރާކަށް، ފުލްޓައިމްކޮށް މަސައްކަތްކުރާ މީހެއްގެ ގޮތުގައި އެކަހަލަ ވަގުތެއް ނުލިބޭ." އޭނާ ކިޔައިދިނެވެ.
ވައިކުޑަ ސައިންސް
ހެރިއޮޓް-ވޮޓް ޔުނިވާސިޓީން އިންޓަނޭޝަނަލް މެރިން ސައިންސް އިން މާސްޓާސް އޮފް ސައިންސް ފުރިހަމަ ކުރި ޢާޒިމް މިހާރު މަސައްކަތް ކުރައްވަނީ ތިމާވެށީގެ ކޮންސަލްޓަންޓެއްގެ އިތުރުން މެރިން ސައިންސްވެރިއެއްގެ ގޮތުގައެވެ. މިލާނޯ-ބިކޯކާގައި ތަޖުރިބާ ކުރެވުނު ކަންކަމަކީ ބޮޑު މައްސަލައެއްގެ ކުދި ޢަލަމާތްތަކެއް ކަމުގައި އޭނާ ފާހަގަކުރެއެވެ.
"ބިދޭސީ މުއައްސަސާތަކާ ދިވެހިންގެ ގިނަ ކޯލަބްރޭޝަންތަކަކީ(އެކުގައި ހިންގާފައިވާ މަސައްކަތްތައް) ހުންނަނީ ނަމެއްގައި. އެއީ ބިކޯކާ ޔުނިވާސިޓީން ފެށި ކަމެއް ނޫން. އެކަމަކު އެއީ ބޮޑު މުއައްސަސާއެއް އަދި މިތަނުގައި ބިނާވެފައިވާ ހަމައެކަނި ބޭރުގެ ޔުނިވާސިޓީ. އެމީހުންގެ ކޮނޑުގައި ދިވެހިން ތަރައްޤީކުރަން މަސައްކަތްކުރުމުގެ ބޮޑު ޒިންމާއެއް އެޅިފައިވޭ،" އާޒިމް ބުންޏެވެ.
ވަރަށް ގިނަ ދިވެހި މުއައްސަސާތަކުންވެސް ޢަމަލުކުރަނީ މިހެން ކަމަށާއި، ދިވެހިރާއްޖޭގައި އެފަރާތްތަކުން ހިންގާ ގިނަ މަސައްކަތްތަކުގައި ދިވެހިން ބޭނުންކުރާ އިރު، ދިރާސާގެ ބައިގައި ދިވެހިން ނުހިމަނާ ކަމަށާއި، ބައިވެރި ކުރިޔަސް ކުރަނީ ނަމަކަށް ކަމަށާއި، "ވަރަށް މަދު ޖުއައްސަސާއެއް މެނުވީ ޙަޤީޤަތުގައި މި ދާއިރާއިން ދިވެހިން ތަރައްޤީ ކުރަން މަސައްކަތް ނުކުރޭ،" ކަމަށްވެސް އޭނާ ކިޔައިދިނެވެ.
ބިކޯކާ މަގޫދޫ އައުޓްޕޯސްޓުން ކާމިޔާބު ކަމާއެކު ދިރާސާތައް ހިންގާފައި އެބަހުއްޓެވެ.
2020 ވަނަ އަހަރު އެ ސެންޓަރުގެ ޑިރެކްޓަރު ޕްރޮފެސަރު ޕައޮލޯ ގަލީ ވަނީ މި ކާމިޔާބީތައް ފާހަގަކޮށް އޮޕް-އެޑެއް ލިޔުއްވާފައެވެ.
"2019 ވަނަ އަހަރު ސެންޓަރުގައި 43 ޕްރޮފެސަރުންނާއި ރިސާޗަރުންނާއި 223 ދަރިވަރުން އުނގެނުނެވެ. ސެންޓަރާ ގުޅުންހުރި މިފަދަ ފަރާތްތަކުން ބައިނަލްއަޤްވާމީ ޖާނަލްތަކުގައި 12 އާޓިކަލް ޝާޢިއުކޮށް، 15 ސައިންޓިފިކް ކޮންގްރެސްގައި ބައިވެރިވެ، ބައިނަލްއަޤްވާމީ ތިން އެކްސްޕެޑިޝަނެއްގައި ބައިވެރިވެ، 23 މާސްޓާސް ތީސީސް އަށް ސަޕޯޓްކޮށް، ޤައުމީ އަދި ބައިނަލްއަޤްވާމީ 17 އިވެންޓެއް އިންތިޒާމްކޮށްފައިވޭ،" އޭނާ ލިޔެފައިވެއެވެ.
މި މަރުކަޒުގެ ވެބްސައިޓުގައި 2017 އާއި 2021 އާ ދެމެދު ސައިންޓިފިކް ޖާނަލްތަކުގައި ޝާޢިއުކޮށްފައިވާ ހުރިހާ ސައިންޓިފިކް ޕަބްލިކޭޝަންތަކުގެ ތަފްޞީލީ ލިސްޓެއް ހިމަނާފައިވެއެވެ. މި މުއްދަތުގެ ތެރޭގައި ޝާޢިއުކޮށްފައިވާ ޖުމްލަ 91 ޕަބްލިކޭޝަންގެ ތެރެއިން ދިވެއްސަކު މުޞައްނިފެއްގެ ގޮތުގައި ލިސްޓުކޮށްފައިވަނީ އެންމެ ކަރުދާހެއް ގައެވެ. މުޙައްމަދު ޝިފާޙް ލިސްޓްކޮށްފައިވަނީ މާލޭގައި ނަރުދަމާއަށް ދޫކުރާ ފެން ތަޙްލީލުކޮށްގެން، ޤާނޫނާ ޚިލާފު މާއްދާތައް ބޭނުންކުރުން ޢާންމުވެފައިވާ މިންވަރުގެ ދިރާސާއެއްގައެވެ. އޭނާއަކީ އެދިރާސާގެ 12 މުޞައްނިފުން ކުރެން އެކަކެވެ. ސެންޓަރުގެ 16 މެމްބަރުންގެ ޓީމުގައި ހިމެނޭ އަދި 13 މެންބަރުންގެ ސައިންޓިފިކް ކޮމިޓީގައި ހިމެނޭ ހަމައެކަނި ދިވެއްސަކީ ވެސް ޝިފާހެވެ.
އެ ސެންޓަރުން ހިންގާހާ ދިރާސާއަކާ، ކުރިއަށްގެންދާހާ ހޯދުންތަކާ އެއްވަރަށް އެހެން އެއްވެސް ޤައުމެެއްގައި އެޔުނިވާސިޓީއަކުން މަސައްކަތް ކޮށް، ނަތީޖާއެއް ނުނެރެވެއެވެ. "މިހާ ގިނަ ޢިލްމީ ކަރުދާސްތައް އުފަންކުރުމަކީ އިންސްޓިޓިއުޓަކަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް. އެކަމަކު މިކަމުގައި ބައިވެރިވާ ދިވެހިންގެ އެހާ މަދު،" އޭނާ ހިތާމަޔާއެކު ފާހަގަކުރިއެވެ.
"އެމީހުންގެ ސައިންޓިފިކް ބޭނުންތަކަށް އަހަރެމެންގެ ޤުދުރަތީ ރައުސުލްމާލު ބޭނުން ކުރަމުން އެބަދޭ. އަދި ނަމަކަށް ދިވެހިން ބައިވެރި ކުރަނީ… މިއީ ޕެރަޝޫޓް (ވައިކުޑަ) ސައިންސަށް ވާ ހިސާބަކީ. އިންޑިޔާ ނުވަތަ އިންޑޮނީޝިޔާ ފަދަ ތަނެއްގައި ދިރާސާކުރުމަށް ވުރެ ދިވެހިރާއްޖޭގައި އެތައް ގުނައަކުން ފަސޭހަ. ނަގާ ސާމްޕަލްތައްވެސް ވަކި އިޖުރާޢަތުތަކެއްގެ ދަށުން އެބަ ރާއްޖެއިން ބޭރަށް ގެންދެވޭ. އެހެންނަމަވެސް، މިއޮތް ހާ ދުވަސް ވީ އިރު، އެމީހުންނަށް އެކަށީގެންވާ ވަރު ކުރެވިއްޖެތަ؟ އެންމެ ދިވެއްސަކު އަދި ޕްރޮގްރާމުން ފާސްނުވޭ.،" ޢާޒިމް ސުވާލު އުފައްދައި، ކިޔައިދިނެވެ.
ނަމަވެސް، ދިވެހިންގެ ބައިވެރިވުން ނެތް ކަމުގެ ފާޑުކިޔުންތައް މިފަހުން އަމާޒުވުމާ ގުޅިގެން ކޮންމެވެސް ވަރެއްގެ އިޞްލާހުތަކެއް އައިސްފައިވާ ކަމަށް ޢާޒިމް ފާހަގަކުރިއެވެ. ޕީއެޗްޑީ ޕްރޮގްރާމެއްގެ ފުރުޞަތު ދާދި ފަހުން ދިވެއްސަކަށް ވަނީ ހުށަހަޅާފައެވެ. މިދިޔަ އަހަރު ޝާޢިއުކުރި ހަތަރު ސައިންޓިފިކް ޕޭޕަރެއްގައި ދިވެހި އިތުރު ތިން ރިސާޗަރަކު މުޞައްނިފުންގެ ގޮތުގައި ލިސްޓްކޮށްފައިވީ ނަމަވެސް އެ ކަރުދާސް ވެބްސައިޓުގައި އަދި ހިމަނާފައެއް ނުވެއެވެ. މީގައި ހިމެނެނީ މިޔަރާއި ބެހޭ ދިރާސާ ކަރުދާހަކާއި، ކުޅިފާލައްބަތަކާ ބެހޭ ތިން ދިރާސާ ކަރުދާހެކެވެ.
2019 ވަނަ އަހަރު ބިކޯކާ ޔުނިވާސިޓީގެ އެއްބަސްވުން އިތުރު 10 އަހަރަށް އިތުރުކޮށްފައިވެއެވެ.
މޯލްޑިވްސް އިންޑިޕެންޑެންޓް މިލިޔުން ޝާޢިއު ކުރި އިރު ދިޔައީ ޔުނިވާސިޓީގެ ޖަވާބަކަށް އިންތިޒާރު ކުރަމުން ދިޔައެވެ.
ދިވެހިންނާ ގުޅިގެން
މޯލްޑިވްސް އިންޑިޕެންޑެންޓަށް މަޢުލޫމާތު ދެއްވަމުން މަގޫދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ ވަޙީދު ވިދާޅުވީ، ދިވެހިން ގްރެޖުއޭޓުވާ ޢަދަދު މަދު ނަމަވެސް، މަގޫދޫގައި އެ ސެންޓަރު ހުރުމަކީ އެ ރަށަށްވާ ރަނގަޅެކެވެ.
"ކައުންސިލުން ކޭޓަރިންގްއާ ޙަވާލުވެފައިވަނީ ބޮލަކަށް 45 އެމެރިކާ ޑޮލަރުގެ މަގުން. ކޮންމެ ބެޗެއްގައި މިތަނަށް އާދޭ 25 އާއި 45 އާ ދެތެރޭގެ ދަރިވަރުން. ކޮންމެ މަހަކު ގާތްގަނޑަކަށް ތިން ބެޗް ޒިޔާރަތްކުރޭ. ކޮންމެ އަހަރަކު އަށް މަސް ދުވަހުގެ މުއްދަތަށް މިތަނަށް އަންނަނީ. އެހެންވީމަ މި މުއްދަތަށް އެއީ ބޮޑު އަދަދެއް،" އޭނާ ވިދާޅުވިއެވެ.
"އޭގެ އިތުރުން އެމީހުން އަޅުގަނޑުމެންނަށް މަހަކު 3،500 އެމެރިކާ ޑޮލަރު ދައްކައި. އެއީ އަޅުގަނޑުމެން އެތަންތަން ބަލަހައްޓައި، އެމީހުން މިތަނުގައި ނެތް އިރުވެސް މަރާމާތު ކުރާތީ." އޭނާ އޮޅުންފިލުއްވައި ދެއްވިއެވެ.
އެސެންޓަރު ހުންނަ ޢިމާރާތަށް ނުވަތަ ގޯއްޗަށް ކައުންސިލުން ކުލި ނުނަގަނީ އެއީ ތައުލީމީ ބޭނުމަކަށް ބޭނުންކުރާ ތަނަކަށްވާތީ ކަމަށާއި، މަހަކު 3،500 އެމެރިކާ ޑޮލަރުގެ ފީގެ ދަށުން މުޅި އަހަރު ދުވަހުގެ މަރާމާތު އަދި ބެލެހެއްޓުން ހިމެނޭ ކަމަށްވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ކައުންސިލް ޢިމާރާތުގައި ސޯލާ ޕެނަލް ހަރުކުރުމުގައި ވެސް އެސެންޓަރުން އެހީތެރިކަން ފޯރުކޮށްދީފައި ވާއިރު، މަސްވެރިންނާއި ޓީޗަރުންނާއި ދަރިވަރުންނާއި ކައުންސިލްގެ މުވައްޒަފުން ހިމެނޭ ގޮތަށް މުޖުތަމަޢުގެ އެކި ފަރާތްތަކަށް ފުރުޞަތު ލިބޭހެން އެކްސްޗޭންޖް ޓްރިޕްތަކެއް ރާވައި، ހިންގާކަމަށްވެސް ކައުންސިލްގެ ރައީސް ޢަބްދުالله ކިޔައިދެއްވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ "އަޅުގަނޑަށް އެނގިފައިވާ ގޮތުގައި އެމީހުންގެ ލެބޯޓްރީ ޓެސްޓްތަކަށް ބޭނުން ކުރުމަށް ފުލުހުންގެ ޚިދުމަތާ އެކު އެއްބަސްވުންތަކެއް އެބަހުރި، އަދި ޤައުމީ ޔުނިވާސިޓީއާ ވެސް އެއްބަސްވުމެއް އެބަ އޮތް. އެމްއެންޔޫގެ ތިން ބެޗެއްގެ ދަރިވަރުން ފީލްޑް ވިޒިޓްތަކަށް ސެންޓަރަށް އައިސްފައިވޭ." ކަމަށެވެ.
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ލެކްޗަރާއަކު ވަނީ ކޮންމެ ބެޗެއްގައި 15 އާއި 20 ދަރިވަރުން ހިމެނޭ ގޮތަށް ތިން ބެޗެއްގެ ފީލްޑް ޓްރިޕްތައް ކުރިއަށް ގެންދާކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް ޖޮއިންޓް މާސްޓާސް ޕްރޮގްރާމަކީ "ކޮމިއުނިކޭޝަން ގެޕްސް" (މުޢާމަލާތްކުރުމުގައި ހުރި ދައްޗާއި ފަރަގު) އާއި ބޭރު ބަހުގެ ޝަރުޠުތަކުގެ ސަބަބުން ދިވެހި ދަރިވަރުންނަށް އުނދަގޫ ޕްރޮގްރާމެއް ކަމަށް ލެކްޗަރާ އެއްބަސްވެއެވެ.
ދިވެހި ދަރިވަރުން ގްރެޖުއޭޓުވާލެއް މަދުކަމާމެދު ސުވާލުކުރުމުން މަގޫދޫ ކައުންސިލްގެ ރައީސް ވިދާޅުވީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް ކަންބޮޑުވުން ޙިއްސާކޮށްފައި ވާނެ ކަމަށެވެ.
"ސްކޫލްތަކުގައިވެސް ގިނައިނ އިޝްތިހާރުކޮށް، މިފުރުޞަތުގެ ވާހަކަ ގިނަ ކުދިންނަށް އެންގުމަށް އަޅުގަނޑުވާނީ އެދިފައި. ކައުންސިލުން އެކުދިންގެ ހުރުމުގެ ކަންކަން ހަމަޖައްސާންށާ، އެހެން ހުރިހާ ކަމަކަށް ވެވުނު އެހީއެއް ވާނެ،" މަގޫދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
"ޖުމުލަގޮތެއްގައި، އަޅުގަނޑު ބުނާނީ މިތަން ހުރީމާ މަގޫދުއަށްވަނީ ފައިދާއޭ،" ނިންމާލަމުން ޢަބްދުالله ވިދާޅުވިއެވެ.

