އަމިއްލައަށް މަރުވާން އުޅުމުގެ ޙާދިސާއަށް އަހަރަކަށްފަހު: އާޔަގެ ފަރުވާގެ ދަތުރު

ކުރެހުމާއި ޑިޒައިން: ޑޮސެއިން
22 މެއި
ދަންނަ މީހަކު ނަފްސާނީ ބަލިމަޑުކަމެއް ތަޙައްމަލު ކުރަމުން ދާނަމަ ނޭޝަނަލް ހެލްތު ހެލްޕްލައިންގެ ނަންބަރު 1677 އަށް ގުޅުއްވާށެވެ. އިތުރު އެހީތެރިކަމުގެ މަގުތައް mhsgmv.org/get-help އިން ބެއްލެވޭނެއެވެ.
ޢުމުރުން 23 އަހަރު އާޔަ (އަޞްލު ނަމެއް ނޫން) އިމަރޖެންސީ ރޫމަށް އައިސް ވަނެވެ. އޭނާގެ ގައިގައި ބަލިމަޑުކަމެއްގެ ޖިސްމާނީ ނިޝާނެއް ބޭރުފުށަކުން ނުފެނެއެވެ. އައީ ކީއްވެ ކަމެއް ކިޔައެއް ނުދެވުނެވެ. އޭނާގެ ސިކުނޑިވަނީ އޭނާއަށް އެކަނި ފެނި ދެނިވާ އަޑުތަކާއި މަންޒަރުތަކުން ފުރި ބާރުވެފައެވެ. އަނގައިން ބުނެވޭ ވަރަށް ވުރެ ނަފްސާނީ ބުރަހެލިކަމާއި ވަރުބަލިކަން ބޮޑެވެ. އާޔަގެ ފަރާތުން ވާހަކަދައްކާން ޖެހުނީ ދައްތަ އަފާ (އަޞްލު ނަމެއް ނޫން) އެވެ. ”އޭނާ އަމިއްލައަށް މަރުވާން އުޅެފި،“ އަފާ ބުންޏެވެ.
ފަހަށް އެނބުރި ބަލާއިރު އެރޭ ވަކިން ޚާއްޞަގޮތެއްގައި ދެރަވެފައި ހުރިކަމަކަށް އާޔައަކަށް ފާހަގައެއް ނުވެއެވެ. ”އެކަން ކުރިއިރު ވަކިގޮތަކަށް މެންޓަލް ފްރޭމް ހުރިކަމެއް އެހެން ހަނދާނެއް ނެތް. އަހަރެން ހުރީ އަޞްލުގައި ވަރަށް އުފާވެރި ޙާލަތެއްގައި،“ މޯލްޑިވްސް އިންޑިޕެންޑެންޓުގައި އޭނާ ބުންޏެވެ.
”އަހަރެން ހާދަ ދެރަވެޔޭ. އަމިއްލައަށް މަރުވާނީއޭ. އެހެންނެއް ނޫން އެކަން ހިނގަނީކީ، ވިސްނެނީކީ،“ ކަމަށް ކިޔައިދެމުން އާޔަ ބުނީ ”މާދަމާ ހޭލަން ނުޖެހޭނެތީ އަހަރެން ހުރީ އުފަލުން، އަނެއް ދުވަހު ތެދުވިއިރު، ހަށިގަނޑުގައި ލޭ ހިނގަމުންދާ އަޑު އިވޭ. ލޯމަރައިލި ކޮންމެ ފަހަރަކު ހޮލޫސިނޭޓު ވޭ. އަޑުތައްވެސް އިވެމުންދިޔަ މުޅި ދުވަހުހެން،“ ކަމަށެވެ.
އަމިއްލައަށް މަރުވާން އުޅުމުގެ ހާދިސާއަށްފަހު، އާޔަ އޭނާގެ ދައްތައާ ވާހަކަ ދެއްކިއެވެ. މައިންބަފައިން ހާސްވެދާނެ ކަމަށް ދެބެއިންވެސް ތިބީ ބިރުންނެވެ. ދެބެއިން އެކުގައި ހޮސްޕިޓަލަށް ދިޔައީ ހުކުރު ދުވަހުގެ ހެނދުނު ބަހެއް ނަގައިގެންނެވެ. އިމަރޖެންސީ ރޫމްގައި އާޔަ އެނދުމަތި ކުރިއެވެ. އޭނާގެ ލޭގެ ޕްރެޝަރާއި އޮކްސިޖަންފަދަ ވައިޓަލްސް ޗެކު ކުރިއެވެ. އަދި އީސީޖީ ހަދައި، ހިތުގެ ވިންދަށް އަންނަ ބަދަލު މޮނީޓަރކުރަމުން ދިޔައެވެ.
އަފާ، ކަރުނުން ލޯފުރިގެން ހުރެ އެންމެ ފަހުން ޢާއިލާއަށް ޚަބަރު ކުރިއެވެ. މަންމަ ފުރަތަމަވެސް ބުނީ އާޔައަށް ވީގޮތް އެހެން މީހުންނަށް ކިޔައި ނުދޭށޭ އެވެ. ބޭރަށް ހިންގަނީކަމަށް ބުނާށޭއެވެ.
2025 ގެ ދިރާސާއަކުން ދައްކާގޮތުގައި، ނަފްސާނީ އެހީތެރިކަމަށް އެދޭން ފަސްޖެހޭ މައިގަނޑު އެއް ސަބަބަކީ އެފަދަ ބަލިމަޑުކަމެއް ހުރި މީހަކު ނަމަ، އެމީހަކާމެދު މުޖުތަމަޢުން ދެކޭ ގޮތެވެ. އެގޮތުން އެދިރާސާގައި ސުވާލުކުރި 32.6 އިންސައްތަ މީހުން ދުށީ ނަފްސާނީ ބަލިމަޑުކަމުގެ އަޞްލަކީ ދީންވެރިކަން ކުޑަވުން ކަމަށެވެ. 12 އިންސައްތަ މީހުން ދުށީ ފިނޑީ ކަމަށެވެ. ނަމަވެސް ނަފްސާނީ. ބަލިމަޑުކަމަކީ ޕްރޮފެޝަނަލުންގެ އެހީތެރިކަމާއެކު މުޅިން ފަސޭހަކުރެވިދާނެ ކަމެއްކަމަށް 94 މީހުން ދުށްޓެވެ.
މުޖުތަމަޢު ދެކޭގޮތަކީ ޖެހިލުންވާ އެއް ސަބަބެވެ. އަނެއް ސަބަބަކީ ނަފްސާނީ ބަލިމަޑުކަމާއި ޞިއްޙަތުގެ ނިޒާމެވެ. ހުރީ އެންމެ މެންޓަލް ހެލްތު ސެންޓަރެކެވެ. 1300 މީހުން ކިޔޫގައި ޑަކްޓަރަށް ނުދެއްކިފައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ލިސްޓުކޮށްފައި މިހާރުވެސް އެބަތިއްބެވެ. ޕްރައިވެޓް ކްލިނިކުތަކުން އާސަންދަ ފުރިހަމައަށް ލިބޭކަށް ނުހުރެއެވެ. ކަވަރުކުރަނީ ބައެކެވެ. އެކި ތާނގައި އެކި މިންވަރަށެވެ. ދައުލަތުންވަނީ ނިޒާމު އަލުން ބިނާކޮށްދޭނެ ކަމުގެ ވަޢުދު ވެފައެވެ. 2029 އާ ހަމައަށެވެ. އާޔައަށް އޮތީ މިހިނދަށް މިމިންވަރުން ފުއްދައިލާށެވެ.
އާޔަ އެރޭގެ ހަތަރުދަމު ހޭދަކުރީ ހޮސްޕިޓަލުގައެވެ. ޕްރޮފެޝަނަލެއްގެ އެހީއަށް އެދި، އިންތިޒާރުގައެވެ. ނަމަވެސް ހުކުރު ދުވަހު އެޑްމިޓުކުރި އާޔައާ އޮންކޯލުގައި ހުރި ސައިކިއޭޓްރިސްޓްއާ ބައްދަލުވާ ވަރުވީ ޖެހިގެން އައި ދުވަހުއެވެ. އެއީ ކުރު ބައްދަލުވުމެކެވެ. އެނދުމަތިކޮށްފައި އޮތް އާޔަ ގެޔަށް ދޫކޮށްލައިފިއެވެ.
އާޔަ ކާންޖެހޭ ބޭސް ޙަވާލުކުރީ ޢާއިލާގެ މީހަކާއެވެ. އޭނާގެ ޒިންމާއަކީ ބޭސްކާ ގަޑި ޖެހުނީމާ އާޔަ އަށް ބޭސް ދިނުމެވެ. ފޮލޯއަޕް އެޕޮއިންޓުމަންޓުތައް ހަމަޖެއްސިއެވެ. އޭގެ މަސްދުވަސް ކުރިން ވާހަކަދައްކަމުން ދިޔަ ތެރަޕިސްޓުގެ ކިބައިން ފަރުވާ ކުރިއަށް ގެންދާން ހޮސްޕިޓަލުން ބާރު އެޅިއެވެ. ”ދުވަސްކޮޅަކު ބެހެއްޓި ނަމައޭ އެތަނުގައި ހިތަށް އެރި، އެއް ދުވަހުން މުޅިން ރަނގަޅުވަނީއެއް ނޫން ވިއްޔަ،“ މިހާރުވެސް ނަފްސާނީ ބަލިމަޑުކަން ތަޙައްމަލު ކުރަމުންދާ އާޔަ ކިޔައިދިނެވެ. ތުރުތުރު އެޅުމާއި، ހިތް އަވަސްވުމާއި، އެންޒައިޓީއާއި، ފިކުރުތަކަށް ގޮސް ޣަރަގުވުމާއި، އެކަހެރިކަމުގައި ގިނަ ވަގުތު ހޭދަކުރުންފަދަ އެތައްކަމެއް އޭނާ ތަޖުރިބާ ކުރެއެވެ. މިކަންކަން މެދުނުކެނޑި 6 މަސް ދުވަހަށްވެސް ދެމި ހިނގައި ދެއެވެ.
”އަހަރެންގެ ނާރވަސް ސިސްޓަމް މުޅިން ގަޑުބަޑުވި. އަހަރެންނަކަށް ނޭނގޭ އެކަމަށް އެމީހުންނަށް ދެވޭނީ ކޮން ފަރުވާއެއް ކަމެއް. ކޮންމެ ގޮތެއްގައި ނަމަވެސް އަހަރު ދުވަސްވާންދެން އަހަރެން ހުރީ ތުރުތުރެއްގައި. ފުރަތަމަ ދެތިން ހަފްތާ އަދި އަމުދުން މާ ގޯސް.“ އާޔަ ކިޔައިދިނެވެ.
އާޔަ ފުރަތަމަ އައިޖީއެމްއެޗް ގެ ސައިކިއޭޓްރިސްޓަކަށް ދެއްކީ 2021 ގައެވެ. އޭރުގައި ޑަކްޓަރަށް ދެއްކީ ކޮވިޑް19ގެ ފުރަ ބަންދަށްފަހު ހަމަޔަކަށް ނޭޅިގެންނެވެ. ނަމަވެސް، އޭރުގައި ޑޮކްޓަރު ޑަޔޮގްނޯޒް ކުރީ ރަނގަޅަށް ނޫންކަމަށް ލަފާ ކުރެވޭކަމަށް އާޔަ ބުނެއެވެ. އާޔައަކީ އުނދަގޫ ކުޑައިރެއް ތަޙައްމަލު ކުރި ކުއްޖެކެވެ. ކުޑައިރުވެސް މީހުންނާ އެކުލަވައި ވާހަކަދައްކައި އުޅޭން އޭނާއަށް އުނދަގުލެވެ. އަޞްލު ބައްޔާއި ޙާލަތު ދެނެގަނެވުނީ މާފަހުންނެވެ.
އަމިއްލައަށް މަރުވާ އުޅުނު ޙާދިސާއަށްފަހު، އާޔަ ބުނީ، މަސްދުވަސް ވާންދެން އޮންލައިންކޮށް ތެރަޕީ ނެގިއެވެ. ”މުޅި ސެޝަންގައި އަހަރެން އިންނަނީ ރޯން،“ އޭނާ ކިޔައިދިނެވެ. އެހެންނަމަވެސް އޭނާގެ ކެކުޅުންތައް ސީރިއަސް ކަމެއްގެ ގޮތުގައެއް ތެރަޕިސްޓު ނުނަގައެވެ. އެޕޮއިންޓުމަންޓުތައް ވެސް މަޤުބޫލު ޢުޒުރެއް ނެތި ކެންސަލު ކުރަނީއެވެ. އެންމެ ފަހުން އާޔައަށް ޖެހުނީ އެތެރަޕިސްޓުގެ ފަރުވާއިން ވަކިވާށެވެ.
”އަހަރެންނަށް ފެންނަ ގޮތުގައި އޭނާގެ ސަބަބުން އަހަރެންގެ ރިކަވަރީ ބޮޑުތަނުން ލަސްވި. ޤަވާއިދަކުން ނުދެއްކޭ. ކެންސަލު ކރުާނެ އަބަދު. އެންމެ ފަހުން އަރައިރުމަކަށް ދާން ޖެހުނީ. އަހަރެންނަށް އިޙްސާސްވީ މީނާ އަހަރެންނަކާ އަޅައެއް ނުލައޭ. ކޮންމެ ގޮތެއްވިޔަސް ވަރިހަމައޭ. ކީއްވެހޭ ނިންމާލަން ބޭނުންވަނީ ތެރަޕިސްޓު އެހީމާ ބުނިން ޤަވާއިދުން ނުދެއްކޭތީއޭ. ޤަވާއިދުން ސެޝަންތައް ހަމަނުޖައްސަނީ އަހަރެން އޯކޭ ކަމަށް އޭނާއަށް ފެންނާތީއޭ ތެރަޕިސްޓް ބުނި. އެކަމަކު ކިހިނެއް އޭނައަށް އެގޮތަށް ނިންމޭނީ؟ މުޅި ސެޝަންގައި ނުހުއްޓި މަށަށް ރޮވެނީ،“ އާޔަ ތަފްޞީލު ކޮށްދިނެވެ.
އެހެން އުޅެމުންގޮސް އާޔައަށް ކަމުދާ ފަރުވާގެ މަރުކަޒެއް ފެނުނެވެ. އެއީ ތެރަޕީ ސެންޓަރ އެވެ.
”އަހަރެން ތެރަޕީ ސެންޓަރގެ ސައިކިއޭޓްރިސްޓަށް ދައްކަން ފެށިފަހުން ބޮޑު ތަނުން ރަނގަޅުވި. އަހަރެންގެ ހަށިގަނޑަށް ވަމުން މިދާގޮތް ސައިކިއޭޓްރިސްޓް ކިޔައިދިން. އޮޅުންފިލުވައިދިން. އެގޮތަށް ކުރިން މީހަކު ކިޔައިދިން ނަމައޭ އަހަރެން ހިތަށް އަރާ. ކީއްވެގެންކަން ތުރުތުރުލަނީ،“ އާޔަ ކިޔައިދިނެވެ.
އަމިއްލައަށް މަރުވާން އުޅުމުގެ ދިގުމުއްދަތުގެ އަސަރުތަކުން އާޔައަކަށް އަދިވެސް އަރައެއް ނުގަނެވެއެވެ. ދިވެހިރާއްޖޭގައި ނަފްސާނީ ފަރުވާގެ ޙާލަތު ރަނގަޅުވުމަކީ އާޔަގެ އުންމީދެވެ. ”އަބަދުވެސް ޑޮކްޓަރަކަށް ދައްކާއިރު، ސީރިއަސްކޮށް ނުނަގަފާނެކަމުގެ ބިރު އޮވޭ. ނަފްސާނީ ބަލިމަޑުކަމެއް ތަޙައްމަލު ކުރާ ކޮންމެ މީހަކަށްވެސް ހުންނާނީ މިފަދަ ކަމެއް ތަޖުރިބާ ކުރެވިފައި،“ އާޔަ ބުންޏެވެ. އާޔަ އިތުރަށް ބުނީ ރަނގަޅު، ހިތްހަމަޖެހޭ ތެރަޕިސްޓެއް ނުވަތަ ސައިކިއޭޓްރިސްޓެއް ހޯދެނީ ލައްކަ ދުވަހުން ކަމަށާއި، އެއީ އުނދަގޫ ދުވަސްތަކެއް ކަމަށެވެ. އަމުދުމުން ބަލިމަޑުކަމުގެ ތެރޭގައި ހުރެ އެކަން ކުރުމަކީ ނުހަނު ބުރަހެލި ކަމެއް ކަމަށެވެ. އަދި އެރަނގަޅު ފަރުވާއެއް ދޭނެ މީހާ އަތުނުޖެހިގެން މާޔޫސްކަމާއި ހިތްމަރުވުމާ ކުރިމަތިލާން ޖެހޭ ކަމަށެވެ. އަމިއްލަ ޖިސްމަށް އަނިޔާ ދިނުމުގެ ޚިޔާލުތަކަށް މި ޙާލަތު ބާރު ދޭ ކަމަށެވެ.
ކޮންމެ ގޮތެއްގައި ނަމަވެސް، އާޔަ އެދެނީ ފުރިހަމަ، އުފާވެރި ޙަޔާތެއް ދިރިއުޅޭށެވެ. ”ވަކި ހިސާބަކުން އަހަރެންނަށް ހީވީ އަހަރެންނަކަށް ދެން ނުވާނެ. މަރުވެ ދާށޭ އެދެނީ. ރަޙްމަތްތެރިކަމާއި ލޯބިވެރިކަމުގެ ގުޅުންތަކުގެ ރޮނގުގައި އުނދަގޫ ކަންކަމާ ކުރިމަތިވެ، ދަތި ނިންމުންތަކެއް ނިންމާން ޖެހުނަސް، އަހަރެން ބުނަމުން މިދަނީ އަމިއްލަ ނަފްސުގެ ގާތު: އެމީހެއްގެ ދިރިއުޅުން ބިނާކުރާނީ އެމީހެކޭ. އެއީ އެހެން މީހެއްގެ ޒިންމާއެއް ނޫނޭ،“ އާޔަ ޙިއްސާ ކުރިއެވެ.
އެހެންނަމަވެސް މިއީ އެކަނި ކުރެވޭން އޮތް ކަމެއް ނޫންކަން އާޔަ ދަނެއެވެ. އާޔަ ބުނީ ދަސްވި އެންމެ މުހިންމު އެއް ކަމަކީ ވަށައިގެން ސަޕޯޓް ސިސްޓަމެއް ޤާއިމުކުރުމުގެ މުހިންމު ކަން ކަމަށާއި، ކުރިން އަބަދުވެސް ރައްޓެހިކަމެއް ޤާއިމުކުރުމަކީވެސް އުނދަގުލެއް ނުވަތަ ނުވާނެ ކަމެއް ކަމުގައި ދުށީމު ކަމަށާއި، ނަމަވެސް، މިހާރު އޭނާ އަޞްލު ރައްޓެހިކަމުގައި ދެކެނީ މިނަފްސާނީ ބަލިމަޑުކަމުގެ އެޕިސޯޑުތަކުގައިވެސް ގާތުގައި، އެހީތެރިކަމުގައި ތިބޭނެ މީހުން ކަމަށެވެ. އަދި ތިމާގެ ނަފްސާނީ ޙާލަތު ގޯސްކުރާ މީހުން ޙަޔާތުން ބޭރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި އާޔަ ފާހަގަ ކުރިއެވެ. ބައެއް ފަހަރު އެއީ މަރާއި ދިރިހުރުމާ ގުޅިފައިވާ ކަމަކަށް ވެދާނެ ކަމަށްވެސް އޭނާ ބުންޏެވެ.
ދަންނަ މީހަކު ނަފްސާނީ ބަލިމަޑުކަމެއް ތަޙައްމަލު ކުރަމުން ދާނަމަ ނޭޝަނަލް ހެލްތު ހެލްޕްލައިންގެ ނަންބަރު 1677 އަށް ގުޅުއްވާށެވެ. އިތުރު އެހީތެރިކަމުގެ މަގުތައް mhsgmv.org/get-help އިން ބެއްލެވޭނެއެވެ.
މިނިވަން ނޫސްވެރިކަމަށް އެހީތެރިވެދެއްވާ
ބިރެއްނެތި ޚަބަރު ގެނެސްދިނުމަށް އެހީތެރިވެދެއްވާ
އެއްފަހަރު ދެއްވާ
$
ނުވަތަ
މެމްބަރަކަށް ވެލައްވާމަހަކު $5 އިން ފެށިގެން
