އަމިއްލައަށް މަރުވާ މީހުންގެ ޢަދަދު 10 އަހަރު ދުވަހު މަތިނުވާ މިންވަރަށް

2025 ގައި 35 މީހުން އަމިއްލައަށް މަރުވިއިރު، 500 މީހުން އަމިއްލައަށް މަރުވާން އުޅުނު.

ކުރެހުމާއި ޑިޒައިން: ޑޮސެއިން

ކުރެހުމާއި ޑިޒައިން: ޑޮސެއިން

09 ޖުލައި
ތިބާއަށް ނުވަތަ ތިބާ ދަންނަ މީހަކު އަމިއްލައަށް މަރުވުންފަދަ ކަމަކަށް ލެނބޭނަމަ، ނުވަތަ ނަފްސާނީ ޞިއްޙަތާމެދު ކަންބޮޑުވާނަމަ ނޭޝަނަލް މެންޓަލް ހެލްތު ހޮޓްލައިންގެ ނަންބަރު 1677 އަށް ގުޅުއްވާށެވެ. އެހީ ހޯއްދެވޭނެ އިތުރު މަގުތައް https://mhsgmv.org/get-help/ މިލިންކުން ބެއްލެވޭނެއެވެ.
ނިމިދިޔަ 2025 ގައި ދިވެހިރާއްޖޭގައި އަމިއްލައަށް މަރުވާ މީހުންގެ ޢަދަދު ހުރީ 35 ގައިކަން މޯލްޑިވްސް ޕޮލިސް ސަރވިސް އިން މި ނޫހަށް ދިން މަޢުލޫމާތުން އެނގިއްޖެއެވެ. 
މިއީ މިވޭތިވެދިޔަ ދަހަރު (ޑެކޭޑް) ގައިވެސް އެންމެ ގިނައިން މީހުން އަމިއްލައަށް މަރުވި ކަމަށް ރެކޯޑު ކުރެވުނު އަހަރެވެ. އަމިއްލައަށް މަރުވާ މީހުންގެ ޢަދަދުތައް މިނޫހަށް ލިބިފައިވަނީ 2016 އާއި 2025 އާ ދެމެދެވެ. 2024 ގައި އަމިއްލައަށް މަރުވީ 24 މީހުންނެވެ. އަދި 2025 ގެ 35 ގެ ޢަދަދަކީ އެ ދަހަރު އެންމެ މަދުން އަމިއްލައަށް މީހުން މަރުވި އަހަރުތަކުގެ ޢަދަދަށްވުރެ ދެގުނަ މިންވަރެކެވެ.
ދިވެހިރާއްޖޭގެ ޒުވާނުންގެ މެދުގައި ނަފްސާނީ ޞިއްޙަތުގެ ބަލިމަޑުކަމެއް ޢާންމުވެފައިވާ ކަމުގެ އަންދާޒާއަށް މި ޢަދަދުތަކުން ވާގި ދެއެވެ.
އަމިއްލައަށް މަރުވާން އުޅޭ މީހުންގެ ޢަދަދު މިއަހަރަކުވެސް މަދެއް ނޫނެވެ. މިއަހަރުގެ އޭޕްރީލްގައިވެސް 4 މީހުން އަމިއްލައަށް މަރުވިކަމަށް ބެލެވެއެވެ. އެހެނަސް، އޭޕްރީލް މަހުގެ 4 މަރެއް އެއީ އަމިއްލައަށް މަރުވުމުގެ ކޭސްތަކެއްގެ ގޮތުގައި ފުލުހުން ޢާންމުކޮށްފައެއް ނެތެވެ. 
އޭޕްރީލް މަހުގެ 4 މަރުގެ ވާހަކައިން ސުވާލު ކުރުމުން ފުލުހުން ވުނީ އަމިއްލައަށް މަރުވުމުގެ ކޭސްތަކާއި އަމިއްލައަށް މަރުވާން މަސައްކަތްކުރުމުގެ ކޭސްތަކުގެ ތެރެއިން ޖިނާޢީ މައްސަލައެއް ނެތް ކޭސްތައް ފައިލުކުރާނެ ކަމަށެވެ. އަމިއްލައަށް މަރުވިކަމަށް ބެލެވޭ ފަރާތެއްގެ ފޮޓޯ އޭޕްރީލް މަހުގެ ފަހުކޮޅު، ސޯޝަލް މީޑިޔަގައި ޢާންމުވުމާއެކު، އެބާވަތުގެ ތަކެތި ޝެއަރ ނުކުރުމަށާއި، ޢާންމު އިޖުތިމާޢީ މިންގަނޑުތަކާއި، ސަލާމަތާއި ރައްކާތެރިކަމަށް ރިޢާޔަތްކުރާން ފުލުހުން އިލްތިމާސް ކޮށްފައި ވެއެވެ. އަދި އެފަދަ ފޮޓޯއާއި ވީޑިއޯ ޙިއްސާކުރުމަކީ މުޖުތަމަޢަށް އެކަމުގެ ނޭދެވޭ އަސަރު ޢާންމުކޮށް އަދި ގުޅުންހުރި ޢާއިލާތަކަށް ޚާއްޞަކޮށް ފޯރާނެ ކަމެއްް ކަމަށާއި، ނަފްސާނީގޮތުން ނާޒުކު ޙާލަތުގައި ތިބި މީހުންގެ ޙާލު އިތުރަށް ގޯސްކުރުވައިދާނެ ކަމެއް ކަމަށް ބުނެފައި ވެއެވެ.
މީގެ އިތުރުން، އަމިއްލައަށް މަރުވާކަމުގެ ޚަބަރުތައް ގިނަ ވުމަކީ އެކަމަށް ހިތްވަރުލިބޭ ކަމެއްކަން ބައިނަލްއަޤްވާމީ ދިރާސާތަކުންވެސް އެނގޭ ކަމަށާއި، އަމުދުން މިކަން ޅަޒުވާނުންގެ މެދުގައި ފާހަގަވާ މިންވަރު ބޮޑު ކަމަށެވެ. 
މީޑިޔާއިން ކަވަރު ކުރުމުން އަމިއްލައަށް މަރުވާ މީހުންގެ ޢަދަދު ގިނަވާ ކަމަށް ފާހަގަވެފައި ވީނަމަވެސް، އެއީ ސީދާ ކިހިނަކުން ކުރާ، ކޮން ކަހަލަ އަސަރެއް ކަމާމެދު ޢިލްމީގޮތެއްގައި ބަޙުޘް ހިނގަމުން ދެއެވެ. ދިވެހިރާއްޖޭގައި ހުންނަ ޔުނިސެފްގެ ގޮފިން އޮފީހުން ޖޫން ފަހުކޮޅު ޝާޢިއުކުރި ލިޔުމެއްގައި ”ވެރްދަރ އިފެކްޓް“ އަށް ޢިޝާރާތް ކުރެއެވެ. ތަފްޞީލީ އަދި ޖަޒުބާތީ ގޮތެއްގައި އަމިއްލައަށް މަރުވުމުގެ ކޭސްތައް މީޑިޔާގައި ކަވަރު ކުރާ މިންވަރު އިތުރުވަނަމަ، އަމިއްލައަށް މަރުވުމުގެ ޢަމަލަތައް ގިނަވެއެވެ. ޚާއްޞަކޮށް އެ ކޭހެއްގައި ޝާމިލުވާ ފަރާތާ ދިރިއުޅުމުގެ ގޮތުން އެއްގޮތްކަން ބޮޑު ޒުވާނުންނެވެ. 
އަމުދުން ދިވެހިރާއްޖޭގައި މި އިފެކްޓްގެ އަސަރު ބޮޑެވެ. އެގޮތީ ރަށްތައް ކުޑަވެފައި، މުޖުތަމަޢު ގުޅި ލާމެހިފައިވާ މިންވަރުގެ ބޮޑުކަމުންނެވެ. އަދި ސޯޝަލް މީޑިޔަ ބޭނުންކުރުން ޢާންމުވެފައިވާ މިންވަރުންވެސް މެއެވެ. ޚަބަރެއް މުޅި ރާއްޖޭގައި ފެތުރޭން މާކަ ގިނަ އިރުތަކެއް ނުނަގައެވެ. 
ޔުނިސެފްގެ ލިޔުމުގައި ބުނަނީ ނޭދެވޭ އަސަރު ފޯރާލެއް ކުޑަވާ ގޮތަށްވެސް އަމިއްލައަށް މަރުވުމުގެ ކޭސްތަކުގެ ޚަބަރު ޢާންމު ކުރެވޭނެއެވެ. އެއަށް ކިޔަނީ ”ޕަޕަޖީނޯ އިފެކްޓް“ އެވެ. އެ ހަމައިން ބަލާއިރު، ނަފްސާނީ ބަލިމަޑުކަމުން އަރައިގަތުމުގައި ކާމިޔާބު ހޯދާފައިވާ އަދި ހޯދަމުންދާ ފަރާތްތަކުގެ ކޭސްތަކަށް ސަމާލުކަން ދީ، އެވާހަކަތައް ބޮޑަށް ފައުޅުކުރުން މުހިންމެވެ. 

ހިސާބުތަކުން ދައްކަނީ…

މިވޭތިވެދިޔަ 10 އަހަރަށް ބަލާއިރު، ނިމިދިޔަ 2 އަހަރު، އަމިއްލައަށް މަރުވާ އަދި މަރުވާން އުޅުމުގެ ކޭސްތައް ރެކޯޑު މިންވަރަކަށް އިތުރެވެ. 2025 ކުރިން އަމިއްލައަށް އަހަރަކު މަރުވަނީ 14 އާއި 20 އާ ދެމެދުގެ ޢަދަދެއްގެ މީހުންނެވެ.
އެންމެ ގިނައިން އަމިއްލައަށް މަރުވެފައިވަނީ ފިރިހެނުންނެވެ. ކޮންމެ އަހަރަކުވެސް މިހެންނެވެ. އެހެންނަމަވެސް ފުލުހުންގެ ހިސާބުކިތާބުގައި ކޭސްތަކުގައި ޝާމިލުވާ ފަރާތްތަކުގެ ޖިންސް އެނގޭނެ ފަދައިން ބައެއް ފަހަރު ފެންނާކަށް ނެތެވެ. އަދި އެހެނިހެން ތަފާސްހިސާބުގެ މައްސަލަ ފާހަގަވެފައި ވެއެވެ.
ޤާނޫނުލް ޢުޤޫބާތުގެ 113 ވަނަ މާއްދާގެ ދަށުން އަމިއްލައަށް މަރުވާން އުޅުމަކީ ކުށެކެވެ. ކުށް ޘާބިތުވެއްޖެނަމަ އެންމެ މަދުވެގެން 1 މަހާއި 6 ދުވަހަށް ޖަލަށް ލެވޭނެއެވެ. އެންމެ ގިނަވެގެން އަހަރު ދުވަހުގެ ޖަލު ޙުކުމެއް އަތުވެދާނެއެވެ. 
އެހެންނަމަވެސް، ޤާނޫނުލް ޢުޤޫބާތު ތަންފީޒުކުރުމުގައި ރިޢާޔަތްކުރަންވީ ކަންކަން ބަޔާންކޮށްފައިވާ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ މިންގަނޑުތަކަށް ބަލާއިރު އަމިއްލައަށް މަރުވާން އުޅުމުގެ ކުށުގައި ދައުވާ ކުރާނަމަ، އެފަރާތެއްގެ ނަފްސާނީ ޙާލަތު ރަނގަޅަށް ވަޒަންކުރާން ޖެހޭނެ ކަމަށާއި، އޭނާގެ ނަފްސާނީ ޙާލަތު ހުރިގޮތުން، ޢަމަލުތަކަށް ޖާމިނުނުވެވޭ ހިސާބެއްގައި ހުރުން އެކަށީގެންވާކަން ދަނެ، އެކަން ފަރުވާތެރިކަމާއެކު ބަލާން ވާނެ ކަމަށް ބުނެފައި ވެއެވެ. 
ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ތަރުޖަމާނު ޝަފީޢު އަޙްމަދު މި ނޫހުގައި ވިދާޅުވީ ޤާނޫނުލް ޢުޤޫބާތުގެ 113 ވަނަ މާއްދާގެ ބޭނުމަކީ އަމިއްލައަށް މަރުވުމުގެ ޢަމަލުތަކުން ދުރުކުރުން ކަމަށާއި، އެކަމަށް އަދަބު ދިނުން ނޫން ކަމަށެވެ. 
2014 ގައި ޤާނޫނުލް ޢުޤޫބާތަށް ޢަމަލުކުރަން ފެށި ފަހުން 113 ވަނަ މާއްދާގެ ދަށުން ދައުވާ އުފުލާފައިވަނީ އެންމެ މީހެއްގެ މައްޗަށެވެ. އެއީ ޑްރަގްގެ މައްސަލައެއްގައި ބަންދުކޮށްފައިހުރި ޤައިދީއެކެވެ. އޭނާ ހުރީ 25 އަހަރުގެ ޖަލު ޙުކުމެއްގެ ތުންފަތް މަތީގައެވެ. އެހެންވީމާ 113 ވަނަ މާއްދާއިން އުފުލި ދައުވާ އަނބުރާ ގެންދިޔައީއެވެ. 113 ވަނަ މާއްދާގެ ދަށުން އެއްވެސް މީހަކަށް ޙުކުމެއް އިއްވާފައެއް ނުވެއެވެ. ކުރީގެ ޤާނޫނުލް ޢުޤޫބާތުގެ ދަށުން އަމިއްލައަށް މަރުވާން އުޅުމުގެ ސަބަބުން ދައުވާ އުފުލާ، ބައެއް މީހުންގެ މައްޗަށް ޙުކުމްވެސް އިއްވާފައި އެބަހުއްޓެވެ.
ނޮވެންބަރުގައި ޝާޢިއުކުރި އޭޝިޔާ ފައުންޑޭޝަނާއި މޯލްޑިވްސް ނަރސަސް އެސޯސިއޭޝަންގެ ދިރާސާއަކުން ދައްކަނީ ދިވެހިރާއްޖޭގައި 13 އަހަރާއި 15 އަހަރުގެ ކުދިންގެ ކޮންމެ 6 ކުއްޖަކުން އެއް ކުއްޖަކު އަމިއްލައަށް މަރުވާން ސީރިއަސް ގޮތެއްގައި ވިސްނާފައިވާ ކަމަށެވެ. ކޮންމެ 7 ކުއްޖަކުން 1 ކުއްޖަކު އަމިއްލައަށް މަރުވާން އުޅެ، ސަލާމަތްވެފައި ވެއެވެ. އަދި ކޮންމެ 10 ދިވެއްސެއްގެ ތެރެއިން 3 މީހަކު ނަފްސާނީ ބަލިތައް ތަޙައްމަލު ކުރެއެވެ. 
މޯލްޑިވްސް އިންޑިޕެންޑެންޓުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން ހޯދާފައިވާ މަޢުލޫމާތުން އެނގެނީ ނަފްސާނީ ބަލިތައް ތަޙައްމަލުކުރާ 10 އަހަރާއި 19 އަހަރާ ދެމެދުގެ ކުދިންގެ ޢަދަދު 2015 އާއި 2014 އާ ދެމެދު ފަސްގުނަ އިތުރުވެފައިވާ ކަމަށެވެ. 692 އިން 3524 އަށެވެ.
މި ނޫހުން ނޭޝަނަލް ސެންޓަރ ފޮރ މެންޓަލް ހެލްތުގެ އެޕޮއިންޓުމަންޓް ޕޯޓަލް އޭޕްރީލްގައި ބެލި އިރު، އެޕޮއިންޓްމަންޓް ކިޔުގައި 1300 މީހުން އެބަތިއްބެވެ. ޕްރައިވެޓް ކްލިނިކްތަކުގެ ކިއުވެސް ދެތިންމަހަށް ދެމިފައި ވެއެވެ. 

ސަރުކާރުގެ ރަސްމީ ބަސް

ޖޫން 23 ވީ އަންގާރަ ދުވަހު ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރ ގީލާ ޢަލީ ވިދާޅުވީ 70،000 އަށް ވުރެ ގިނަ މީހުން 2023 އާއި 2025 އާ ދެމެދު ސައިކިއޭޓްރިކް ޑަކްޓަރުންނަށް ދައްކާފައިވާ ކަމަށާއި، އޭގެ ތެރެއިިން 45،000 މީހުން ނިސްބަތްވަނީ މާލެ ސަރަޙައްދަށް ކަމަށެވެ. 2024 ގައި ޤާއިމުކުރި މެންޓަލް ހެލްތު ހޮޓްލައިން އަށް 2025 ގައި އެކަނި 10،000 އަށްވުރެ ގިނަ ފޯންކޯލު ލިބިފައި ވެއެވެ. 
ނަފްސާނީ ޞިއްޙަތުގެ ޚާއްޞަ ހޮސްޕިޓަލެއް އަޅަން ހުޅުމާލެ އިން 10،000 އަކަ ފޫޓުގެ ބިމެއް އެކަށައަޅާފައިވާކަމަށް އޭޕްރީލް ގައި އިޢުލާން ކުރިކަން ފާހަގަކުރައްވާ، މިނިސްޓަރ ވިދާޅުވީ ނަފްސާނީ ޞިއްޙަތުގެ ފަރުވާ ހޯދާ މީހުން އެންމެ ގިނައީ މާލެ ސަަރަޙައްދުގައި ކަމުން، މިތާނގައި ހޮސްޕިޓަލު ހުރުމުގެ ބޭނުން ބޮޑު ކަމަށެވެ. އޭޕްރީލް މަހުގެ މަރުތަކަށްފަހު، ހަލުވިކޮށްފައިވާ ހޮސްޕިޓަލުގެ މަޝްރޫޢު ނިންމާލެވޭ ވަރުވާނެ ކަމަށް ލަފާކުރެވެނީ އަހަރު ދުވަހުން ކަމަށް އޭރު ރައީސް ޑރ މުޙައްމަދު މުޢިއްޒުވަނީ ވިދާޅުވެފައެވެ.
ގީލާ ޢަލީ ވިދާޅުވީ ވޭތިވެދިޔަ އަހަރުތަކުގައި ނަފްސާނީ ބަލިތަކުގެ ފަރުވާ އެކަށީގެންވާ ގޮތެއްގައި ފޯރުކޮށް ނުދެވޭ ކަމަށާއި، އެކަމުގެ ސަބަބަކީ ނަފްސާނީ ދުޅަހެޔޮކަމަށް ދިން ސަމާލުކަމުގެ ކުޑަ ކަމާއި، ކަމާބެހޭ ޚާއްޞަ ހޮސްޕިޓަލެއް ނެތުން ކަމަށެވެ. 
މިއަހަރުގެ އޭޕްރީލްގައި ހިނގި މަރުތަކަށްފަހު، ޢާންމުންގެ ސަމާލުކަން އަމިއްލައަށް މަރުވުމުގެ މަޢުޟޫއަށް އަމާޒު ވިއެވެ. ނޫސްވެރިންގެ ބައްދަލުވުމުގެއްގައި ވާހަކަދައްކަވަމުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރ ޢަލީ އިޙްސާން ވަނީ އަމިއްލައަށް މަރުވިކަމަށް ބެލެވޭ 18 އަހަރުގެ ކުއްޖެއްގެ ޕްރައިވެޓް ފޯން މެސެޖުތަކެއް ހާމަ ކުރައްވާފައެވެ. މިއީ ޒާތީ މަޢުލޫމާތުގެ ޙައްޤަށް އަރައިގަތުމުގެ ޢަމަލެއްގެ ގޮތުގައި ބުނެ، 10 މަދަނީ ޖަމްޢިއްޔާއަކުން އެކުވެ ކުށްވެރިކުރުމުގެ ނޫސް ބަޔާނެއް ޢާންމުކޮށްފައި ވެއެވެ. އެފަރާތްތަކުން ބުނީ މިނިސްޓަރު ކަންކުރެއްވި ގޮތުން އެހީ ހޯދާން ބޭނުންވާ ފަރާތްތަކުން ފަސްޖެހޭނެ ކަމަށެވެ.
ރައީސް މުޢިއްޒުވަނީ މިނިސްޓަރ އިޙްސާން އެ މަޢުލޫމާތު ހާމަކުރެއްވުން ދިފާޢު ކުރައްވާފައެވެ. އަދި އެކަން ކުށްވެރިވެސް ކުރެއްވި މެއެވެ. އެއްވެސް އެފަދަ މަޢުލޫމާތެއް ހާމަކޮށްގެން ނުވާނެކަމަށް ކަމާބެހޭ އޮފިޝަލުންނަށް އަންގަވާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި މިއަހަރުގެ ޖަނަވަރީ 1 އިން ފެށިގެން ނަފްސާނީ ފަރުވާގެ ޚަރަދު އާސަންދައިން ކަވަރު ކުރާ ގޮތަށް ހަމަޖައްސާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި އޭޕްރީލް 24 އާ ހަމައަށް 10،953 މީހުންނަށް އާސަންދައިގެ ދަށުން ނަފްސާނީ ފަރުވާ ފޯރުކޮށްދީފައިވާ ކަމަށް ވިދާޅުުވި މެއެވެ. 
ރައީސް އޮފީހުން އޭޕްރީލް 27 ގައި ޢާންމުކުރި ލިޔުމެއްގައި ބުނެފައިވަނީ ”ބޭރުގެ ލޯން އެހީގެ ދަށުން ލ. ގަމުގައި ތަރައްޤީކުރާ މެންޓަލް ހެލްތު ހޮސްޕިޓަލުގެ އިޖުރާޢަތްތަކަށް ގިނަ ވަގުތު ހޭދަވާނެތީ، މި އަހަރުގެ ބަޖެޓުގެ ނިއު ޕޮލިސީ އިނީޝިއޭޓިވް ތެރޭ ހިމަނުއްވައިގެން، މާލޭ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް ޤާއިމުކުރެއްވުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ކުރިއަށްގެންދަވާނޭ“ ކަމަށެވެ. 

މިނިވަން ނޫސްވެރިކަމަށް އެހީތެރިވެދެއްވާ

ބިރެއްނެތި ޚަބަރު ގެނެސްދިނުމަށް އެހީތެރިވެދެއްވާ

އެއްފަހަރު ދެއްވާ

ނުވަތަ
މެމްބަރަކަށް ވެލައްވާމަހަކު $5 އިން ފެށިގެން