ސުވާލާއި ޖަވާބު ރައީސް މުޙައްމަދު ނަޝީދާއެކު: ރޫޅާލަން ވިދާޅުވި ޕާޓީ ބޮލަރުވައިގެން ނުކުންނެވި ސަބަބުތައް
ބޮޑު ބަދަލާއި، ޑިމޮކްރެޓްސް އުފެއްދެވުމާއި، ރޫޅާލުމާއި، އެނބުރި ވަޑައިގަތުމުގެ މައްޗަށް ވާހަކަދެއްކެވި.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
07 މެއި
އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންގެ އިންތިޚާބު ބައްޓަންވަމުން އަންނަނީ 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓުގެ ވާދަވެރިކަމުގެ ބައެއްގެ ގޮތުގައެވެ. ވޯޓުލުން އޮތީ ޖޫން 12، 2026 ވާ އަންގާރަ ދުވަހުއެވެ. ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ތާޢީދާއެކު އެމަޤާމަށް ރައީސް މުޙައްމަދު ނަޝީދާ ވާދަކުރައްވަނީ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރުކަމަށް ދެ ދައުރަށް ހޮވިވަޑައިގެންނެވި ޢުމުރުން 32 އަހަރުގެ މީކައިލް އަޙްމަދު ނަސީމެވެ.
ރައީސް ނަޝީދު ނުކުމެވަޑައިގެން ހުންނެވީ އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ރައީސްޞާލިޙްގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލްއާ އެކުގައެވެ. އެދެބޭފުޅުންވަނީ ދިވެހިރާއްޖޭގެ ދުސްތޫރީ އޮނިގަނޑާއި، ވެރިކަމުގެ ނިޒާމަށް "ބޮޑު ބަދަލު"ގެ ނަމުގައި އިޞްލާޙުތަކެއް ހުށަހަޅުއްވާފައެވެ.
މޯލްޑިވްސް އިންޑިޕެންޑެންޓް އިން ރައީސް ނަޝީދާއެކު ބަސްދީގަތުމަކަށް އިށީނދެ، "ބޮޑު ބަދަލު"ގެ ހުށަހެޅުންތަކާއި، ޑިމޮކްރެޓްސް އުފެއްދުމާއި، އެމްޑީޕީ ރޫޅާލާން ވިދާޅުވި ވިދާޅުވުމާއި، އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމުގެ ވާހަކައިން ސުވާލު ކުރީމެވެ. އެމަނިކުފާނު އިނިގިރޭސިބަހުން ދެއްވި ޖަވާބުތަކުގެ ތަރުޖަމާ ތިރީގައި އެވަނީއެވެ.
އެމްޑީޕީގެ ވޯޓުން 2023 ގެ އިންތިޚާބުގައި، ޑިމޮކްރެޓްސް އިން 7 އިންސައްތަ ދަމައިގަތް. ރައީސް ޞާލިޙަށް ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެއްވުނީ އެކަމުގެ ސަބަބުން ކަމަށް އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ބުނި. އެކަމުގެ ޒިންމާ ނަންގަވަންތޯ އަދި މަޢާފަށް އެދިވަޑައިންނަވާން ބޭނުންފުޅުތޯ؟
އެމްޑީޕީއަށް ރިޔާސީ އިންތިޚާބު ގެއްލުނު ގޮތުގެ އެސެސްމަންޓެއް ހަދައިފި. އެކަން ވިއްޔަކީ ކޮންމެހެން ޑިމޮކްރެޓުން ކެންޑިޑޭޓަކު ނެރުނީމައެއް ނޫން. (އިލްޔާސް ލަބީބް) ޑިމޮކްރެޓްސްގެ ޓިކެޓުގައި އެމްޑީޕީގެ ވޯޓަރުންގެ 7 އިންސައްތަ ދަމައިގަތްކަމަށް ދެކެނީ ކުށްހީއެއް. އަޅުގަނޑުގެ ނަޒަރުގައި، އިލްޔާސް ވާދަނުކުރެއްވި ނަމަ، (ރައީސް ޑރ މުޙައްމަދު) މުޢިއްޒު އެއްބުރުން އެއިންތިޚާބު ކާމިޔާބު ކުރެއްވީސް.
މަނިކުފާނު ވިދާޅުވީމު އެމްޑީޕީ "ރޫޅާލާނަން" ކަމަށް. ދެ އަހަރުފަހުން ތިއުޅުއްވަނީ އެމްޑީޕީ ލީޑު ކުރައްވަން. އަނެއްކާވެސް ޕާޓީ ދޫކޮށްނުލާނެކަމަށް އެމްޑީޕީ މެންބަރުން އިތުބާރު ކުރާންވީ ކީއްވެގެންތޯ؟
އަޅުގަނޑު ގާނާގައި އިން އިރު ފެނުނީ އިންތިޚާބަކަށްފަހު އިންތިޚާބެއްގައި އެމްޑީޕީ ބަލިވަމުން ދިޔަ ތަން. އެކަމާ ވަރަށް ކަންބޮޑުވި. އެއީ ކޮންމެ ގޮތަކަށް ވިސްނިޔަސް، ކޮންމެ ވާހަކައެއް ދެއްކިޔަސް، އެމްޑީޕީއަކީ އަޅުގަނޑުގެ ދަރިއެއް. އަޅުގަނޑޫ ޢުމުރުން ގިނަ ބައި – 30 އާއި 40 ގެ އަހަރުތައް ގުނީ މިޕާޓީ ބިނާކުރަން. ޕާޓީ ގެއްލިގެން ދިއުމަކީ ނުވަތަ ޕާޓީ ރޫޅުމަކީ، ބަލިކަށިވުމަކީ ދިވެހި ޤައުމާއި ދިވެހި މުޖުތަމަޢުގެ މަޞްލަޙަތުތަކަށް އެންމެ ރަނގަޅު ގޮތް ނޫންކަމަށް ދެކެން.
އެހެންވީމާ، އެމްޑީޕީ މެންބަރުން އެކަން ޤަބޫލުކުރައްވާ. އަޅުގަނޑަށް ހުޅުވިފައިވާ އަތްތަކަކުން މަރުޙަބާ ވިދާޅުވަމުން އެގެންދަވަނީ. ދާ ހުރިހާ ތާކުން ފެންނަނީ އެމަންޒަރު. އަޅުގަނޑު ދިޔަގޮތްވެސް އެމީހުން ދަނޭ. އަދި އަޅުގަނޑު ދިޔައީކަމަށް ދުށުމަކީވެސް ރަނގަޅު ގޮތެއް ނޫން؛ އަޅުގަނޑަށް ދާން މަޖުބޫރުވީ. އެނގިވަޑައިންނަވާނެ، އެތަނުގައި އެހިނގިހާ ކަމަކާއި، ދެކެވުނު ވާހަކަތަކަށްފަހު، ހުރުމަކީ އަޅުގަނޑަކަށް ދެއުޅިއެއްވާ ކަމަކަށް، ގޮތަކަށް ނުވާނެ.
ދެއަހަރުވާންދެން މަނިކުފާނު ވިދާޅުވީމު 39000 މެންބަރުން އެމްޑީޕީގެ ރެޖިސްޓްރީ އިން ވަކިކުރިކަމަށް. ހޮނިހިރު ދުވަހު ވިދާޅުވީ އެއީ އިނގިލީގެ ނިޝާންގެ މައްސަލައެކޭ. ރާގު ބަދަލުކުރެއްވީ ކީއްވެގެންތޯ؟ ފައްޔާޒް އިސްމާޢީލް މިފަހަރު އަރިހުގައި ހުންނެވީމާތޯ؟
އަޅުގަނޑު ދެންނެވީ 39000 މެންބަރުން ވަކިކުރީ ކޮންމެހެން ފައްޔާޒް ސީދާ ބޭނުންވެގެން އޭނާއެއް ނޫނޭ. އެކަމަށް ދެއްކި ސަބަބަކީ އިނގިލީގެ ނިޝާންގެ ވާހަކައޭ. ހަނދުމަފުޅު ހުންނާނެ ކަންނޭނގޭ، ޤައުމީ މަޖިލީހުގައި އެކަމުގެ ވާހަކަ ދެކެވުނު ދުވަހު އަޅުގަނޑު އެތަނުން ނުކުމެގެން ދިޔައީ. އެކަމުގައި އަޅުގަނޑު ބައިވެރިވާން ބޭނުމެއް ނެތް. އެއީ ދެރަށްކޮށް ދިޔަ ކަމެއް.
ނަމަވެސް އެކަން ކުރީ އަޅުގަނޑު ޕްރައިމެރީއިން ބަލިކުރުން އިންޖިނިއަރ ކުރަން.
2024 ގެ މަޖިލިސް އިންތިޚާބުގައި ޑިމޮކްރެޓްސް އަށް ގޮނޑިއެއް ނުލިބޭ. ޑިމޮކްރެޓްސް އުފެއްދެވުމާއި، ވާދަކުރުމާއި، މިކަންކަމުން ލިބިވަޑައިގެންނެވި ފިލާވަޅުތަކަކީ ކޮބައިތޯ؟ އަމިއްލަފުޅު ސިޔާސީ ހިސާބުޖެއްސެވުމަށް އެކަމުން ދިން ތަޖުރިބާއަކީ ކޮބައިތޯ؟ އަދި އެމްޑީޕީގެ މެންބަރުން މަނިކުފާނުގެ ސިޔާސީ ހިސާބުޖެހުމަށް އިތުބާރު ކުރަންވީ ކީއްވެތޯ؟
(އިތުބާރު ކުރަންވީ) މި ޕާޓީއަށް އަޅުގަނޑު ގެނެސްދޭ ވެލިއު ސާފުވެވަޑައިންނަވާތީ. އެނގިވަޑައިންނަވާނެ، އެމްޑީޕީއަކީ ޕާޓީ ދޫކޮށްދާ ކިތަންމެ ބަޔަކު ބަލައިގަންނަ ޕާޓީއެއް. އެތައް ބަޔަކު ޕާޓީ ދޫކޮށް ގޮސްފައި، ގަދަޔަށް އައިސް އެބަ އުޅޭ. އެހެންވީމާ އަޅުގަނޑަކަށް ނުފެނޭ އެއީ އެމްޑީޕީގައި މާ އާދަޔާ ޚިލާފު ކަމެއް ކަމަކަށް. އެހެންވީމާ އެމްޑީޕީ މެންބަރުން ނޫޅޭނެ މީހަކު ގޮސްގެން މާ ދެރަވެގެންނެއް. އެކަމަކު ނުހަނު އުފާކުރާނެ މީހަކު އެނބުރި އައިމަ. އެތައް ބަޔަކު އަޅުގަނޑުމެންގެ ތެރެއިން ގޮސްފި. އަދި އެނބުރި އައިސްފި.
ފެކްޝަން ކޯޅުމުގެ އިތުރަށް، އެމްޑީޕީގެ މެންބަރުންނަށް ތިޔަ ހުށަހަޅުއްވަނީ ކޮންކަންކަމެއްތޯ؟ ޖޫން 12 ގެ އިންތިޚާބު ކާމިޔާބުކުރެއްވިއްޖެނަމަ، 2028 ގެ ރިޔާސީ އިންތިޚާބު ޖެހެންވާއިރަށް، ޕާޓީ އޮންނާން އެދޭ ގޮތުގެ މަނިކުފާނުގެ ތަޞައްވަރަކީ ކޮބައިތޯ؟ އަދި މަނިކުފާނުގެ ޗެއަރޕާސަންކަމުގެ ކާމިޔާބީ މިނެކިރުއްވާނެ ތަރާދަކީ ކޮބައިތޯ؟
ދިވެހިރާއްޖޭގެ އެންމެ ބޮޑު މުއައްސަސާއަކީ އެމްޑީޕީ. އެމްޑީޕީއަކީ ވަރަށް ވިލުންތެރި މުއައްސަސާއެއް. އަދި މިރާއްޖެއަށް އަޅުގަނޑުމެން ގެންނާން އެދޭ ބަދަލުތަކުގެ ސަވާރީއަކީ އެމްޑީޕީ. އެހެންވީމާ އެމްޑީޕީ ވަރުގަދަކުރުމަކީ ކޮންމެހެން ކުރާންޖެހޭ މަސައްކަތެއް. އެކަން މިކުރާން ޖެހެނީ، ޕާޓީއަށްޓަކައި އެކަންޏެއް ނޫން. މިޤައުމަށްޓަކައިވެސް މެ.
ދެން އޭގެ ބޭރަށް ޖެހިލާނަމަ، މިސާލަކަށް (ޝްރީލަންކާ ގެ) ރައީސް ޑިސަނަޔަކައާ ރައީސް މުޢިއްޒު މިއަދު (މެއި 5) ގައި އެބަ ބައްދަލުކުރައްވައި. ރައީސް ޑިސަނަޔަކަ ދެނެވަޑައެއް ނުގަންނަވާނެ ޕީއެންސީ އެއް. ނަމަވެސް އެމްޑީޕީ ދެނެވަޑައިންނަވާނެ ކަން އަޅުގަނޑަށް ޔަޤީން. އެގޮތަށް އެކަން އޮންނާނީ މިސަރަޙައްދުގެ ކޮންމެ ސިޔާސީ ލީޑަރަކާ ބައްދަލު ވިޔަސް.
އެހެންވީމާ އަޅުގަނޑަށް ފެންނަ ތަނުގައި، އެމްޑީޕީއަށް ބައިނަލްއަޤްވާމީ ފެންވަރުގައި – ދިވެހިރާއްޖޭގައި އެކަންޏެއް ނޫން – ސިޔާސީ ޙަރަކާތްތެރިކަމުގައި އުޅެވޭނެ، އަމުދުން އެއްވިސްނުމެއްގެ "ސިސްޓަރ ޕާޓީ" ތަކާއެކު. އަދި އަޅުގަނޑަށް ފެނޭ މިޕާޓީއަކީ ކުދި ޤައުމުތަކުގެ ސަފުން ގުނާއިރު، އެންމެ ވަރުގަދަ ސިޔާސީ ޖަމާޢަތްކަމުގައި. އެހެން ކުދި ޤައުމުތަކުގެ ސިޔާސީ ޕާޓީތަކާ އެމްޑީޕީއާ އަޅާކިޔުއްވައިފިނަމަ، މިސާލަކަށް ބާބޭޑޯސްގެ – މިދެންނެވީ 5 މިލިޔަނުން ދަށުގެ އާބާދީއެއް އޮތް ޤައުމުތައް، އަޅުގަނޑުމެންނަކީ ބަލައިގަނެފައިވާ ޙަރަކާތެއް، ޖަމާޢަތެއް. އަދި އަޅުގަނޑުމެންނަށް އެހެން ފަރާތްތަކަށް މިސާލަކަށް ވެވޭނެ.
މީގެ އިތުރުން، އަޅުގަނޑު ދެކެން މިއީ ހަމަނުޖެހުމުން އަރައިގަތުމުގެ ނުވަތަ ދުރުވުމުގެ މަގެއް ކަމަށް. މިސާލަކަށް ނަގަމާބަހީ ތަނެއް؛ ލީބިޔާ. ލީބިޔާއަށް ބޮން އެޅުމުގެ ބަދަލުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުން އެތަނުގައި އަޞްލުގައި ސިޔާސީ ޕާޓީއެއް ޤާއިމުކޮށްދޭންވީ.
އެނގިވަޑައިންނަވާނެ އަޅުގަނޑުމެން ސަރުކާރު ބަދަލުކުރިން. އަޅުގަނޑުމެން ދިގު ވެރިކަން ބަދަލުކުރީ ބޮން އަޅައިގެނެއް ނޫން. ނަމަވބެސް، ސިޔާސީ އޮނިގަނޑުތައް ބިނާކޮށްގެން، ވެރިކަން ޞުލްޙަވެރިކަމާއެކު ފުރޮޅާލުމުގެ އިންތިޒާމުތައް ޤާއިމުކޮށްގެން. އެހެންވީމާ އަޅުގަނޑު ދެކެނީ އަޅުގަނޑުމެން ބައިނަލްއަޤްވާމީ ދަނޑުގައި ކުރިއަށް ނުކުންނާންވީ ޤައުމުތައް ޑިމޮކްރެޓައިޒް ކުރުމުގެ މަސައްކަތުގައި. އަޅުގަނޑުމެންނަށް އެކަމުގެ އުކުޅުތަކާއި ގޮތްބާވަތް އެނގޭ. އަޅުގަނޑުމެންގެ ކެމްޕޭނުތަކަށް، ޙަރަކާތްތަކަށް ބައްލަވާލެއްވީމާ އެނގޭނެ، ނުކުންނަނީ ވަކި ހަމަތަކެއް، އުޞޫލެއް، ތަރުތީބެއްގެ ތެރެއިން ކަން، ސްޓްރަކްޗަރަލް ގޮތެއްގައި، އެހެންވީމާ ނަތީޖާ ނެރެވެނީ.
އެހެންވީމާ، އަޅުގަނޑު ދެކެނީ މިއީ ހަމައެކަނި ދިވެހި ރައްޔިތުންނަށް ފާގަތިކަން ގެނެސްދޭނެ ސިޔާސީ ޕާޓީއެއްގެ ގޮތަކު ނޫން. މިއީ އެހެން ޤައުމުތަކަށްވެސް، އެހެން ބައިވަރު ޤައުމުތަކަށްވެސް، ޑިމޮކްރެޓިކް ބަދަލު ގެނައުމުގައި އެހީތެރިވެދޭނެ ސަވާރީއެއްގެ ގޮތުގައި. މިއީ އެކްސްޕޯޓު ކުރެވޭން އޮތް ކަމެއް. އަޅުގަނޑު އެދެނީ އެމްޑީޕީއަކީ މުޅި ދުނިޔެއަށްވެސް ޑިމޮކްރެޓިކް ބަދަލު ގެނައުމުގެ މަސައްކަތް ހިންގާ ސަވާރީއަކަށް ވާން.
2028 ގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ތިބޭނީ ސަރުކާރުގައި. އެކަން އެބަ އެންމެންނަށްވެސް ސާފުވޭ. ނަމަވެސް އެހިސާބަށް ދާން އަޅުގަނޑުމެން އެބަ ހަރުދަނާވެ، ވަރުގަދަވާން ޖެހޭ. އިންތިޚާބެއްގެ ނަތީޖާ ކަށަވަރު ކަމާއެކު އެނގޭނީ ހަމަ އެއިންތިޚާބުގެ ވޯޓު ގުނީމާ. އެކަމަކުވެސް 2028 ހޯދުމަކީ މާކަށް އުނދަގޫ ކަމެއް ނޫންކަމަށް ދެކެން.
ނަމަވެސް އޭގެ ފަހަށް އޮތީ ކޮން ގޮތެއް؟ ދިވެހިރާއްޖެއިން ދުނިޔެއަށް ދެނީ ކޮން އެއްޗެއް؟ ހަމައެކަނި އިރާއި، މިރީތި ގޮނޑުދޮށްތަކާއި، ސާފު މޫދުތައް އެކަންޏެއް ނޫން. ހަމައެކަނި އަހަރުމެންގެ ޤުދުރަތީ ރީތިކަމާއި ޗާލޫކަމެއް ނޫން. ޞުލްޙަވެރިކަމާއި، ހަމަޖެހުމާއި، ޑިމޮކްރަސީއާމެދު އަހަރުމެންގެ މިހުރި ޤަބޫލުކުރުންތަކާއި، ފަލްސަފާ. އަޅުގަނޑަށް ފެންނަނީ މިކަންކަން އެކްސްޕޯޓުކޮށް، އެކަމުން ބޮޑު ފައިދާއެއް ދިވެހިރާއްޖެއަށް ހޯދިދާނެ ކަމަށް.
ބޮޑު ބަދަލުގެ މައިގަނޑު ނުކުތާއަކީ ދައުލަތުގެ އެންމެ މަތީ ވެރިޔާ، ސަރުކާރުގެ އެންމެ މަތީ ވެރިޔާގެ ރޯލުން ވަކިކޮށް، ދެކަފިކުރުން. މީކާއިލް ވިދާޅުވަނީ އެއީ މަތިން ތިރިއަށް އައިސްފައިވާ ޚިޔާލުތަކެއް ކަމަށް. ޢާންމުން ގާތުން ނާހާކަމަށް. އެކަމަށް ދެއްވާން އޮތް ރައްދަކީ ކޮބައިތޯ އަދި 2028 ގެ ކުރިން މި ބަދަލުތައް ގެނެވޭނެކަމުގެ ޔަޤީންކަން އޮތް މިންވަރަކީ ކޮބައިތޯ؟
އަޅުގަނޑު ކުރިންވެސް ދެންނެވިހެން މިއީ ސުން ކަރުދާހެއް. ޔަޢުނީ ފުރަތަމަ ދެލިކޮޕީއެއް. އެއްވެސް ޚިޔާލެއް ހިނގައިގަންނާން، ބަހުޘް އުފަންވާން، މަޝްވަރާ ހިންގާން، ޚިޔާލު ބަދަލުކުރެވޭ މަޢުޟޫއުގެ ނުކުތާތަކެއްގެ ސިފައިގައި ނަމަވެސް އެބަ ގަނޑަށް ތިރިވާންޖެހޭ. އޭގެ މާނައެއް ނޫން އެހުރިހާ ކަމެއް އެ އޮތްގޮތަށް ބަލައިގަންނަން ޖެހޭނެޔެކޭ. އެހެންވީމާ މަތިން ތިރިއަށް ކަމަށް އެބުނަނީ އޮޅުމަކުން. އެގޮތަކަށް ނޫން އެކަން އޮތިއްޔަކީ. އަޅުގަނޑުމެން ހަމައެކަނި ބުނެފައިވަނީ ކަށަވަރޭ، ބަދަލު ކުރަންޖެހެޔޭ، ބަދަލަކަށް ބޭނުމޭ. އެންމެންވެސް އެކަން ޤަބޫލުކުރޭ. އެކަން އަޅުގަނޑަށް އެބަ ފެނޭ.
އަޅުގަނޑު ދެކެނީ އެއީ ވަރަށް ބޮޑަށްވެސް ކުރެވޭނެ ކަމެއް ކަމަށް. އެނގިވަޑައިންނަވާނެ، އަޅުގަނޑުމެން ރައީސް މައުމޫން (ޢަބްދުލް ޤައްޔޫމް) ލައްވާވެސް ޤާނޫނު އަސާސީ އިޞްލާޙުކުރުވީމު. އަޅުގަނޑުމެންނަށް ސިޔާސީ ޕާޓީވެސް އުފެއްދުނު، އެތައް ބަޔަކު ޖޯޝާއެކު ސިޔާސީ ޞުލްޙަވެރި ޙަރަކާތަށްވެސް ނެރެވުނު، ޤާނޫނު އަސާސީ އިޞްލާޙު ކުރެވުނު އަދި މިނިވަން އިންޞާފުވެރި އިންތިޚާބެއް ބޭއްވުނު. އެހުރިހާ ކަމެއް ކުރާން ނެގީ ހަތަރު އަހަރު. މިހާރު ބަދަލުގެ ތަރަހަ މިވަނީ ޤާއިމުކުރެވިފައި. އެހެންވީމާ މިކަން އަހަރު ދުވަހުން ކުރެވެން ވާނެ. އަޅުގަނޑު ޤަބޫލުކުރަނީ ރައީސް މުޢިއްޒު އެބަދަލުތައް ތަންފީޒު ކުރައްވާނެ ކަމަށް.
މިނިވަން ނޫސްވެރިކަމަށް އެހީތެރިވެދެއްވާ
ބިރެއްނެތި ޚަބަރު ގެނެސްދިނުމަށް އެހީތެރިވެދެއްވާ
އެއްފަހަރު ދެއްވާ
$
ނުވަތަ
މެމްބަރަކަށް ވެލައްވާމަހަކު $5 އިން ފެށިގެން
