ނޫސްވެރިކަމުގެ މިނިވަންކަން ސްޕޮންސަރުންގެ އަތްދަށުވެފައި
ފަޅާއަރުވާ އެކައުންޓުތައް މިހާރު ސޯޝަލް މީޑިޔާގައި ޢާންމުވެއްޖެ.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
05 މެއި
މިއަހަރުގެ މާޗް 19 ވަނަ ދުވަހު ކުއަލަލަމްޕޫރު، މެލޭޝިޔާ އިން މާލެއަށް އައި ބަޓިކް އެއަރގެ ފްލައިޓެއްގެ ރާސްތާގެ މެދުތެރެއިން ފަސިންޖަރުންނަށް ހޭލެވުނީ މީހަކު ހަޅޭއްލަވައި، ޒުވާބު ކުރާ އަޑަށެވެ. ކެބިންގެ ލައިޓްތައް ދިއްލިއްޖެއެވެ. މެދު ޢުމުރުގެ ދިވެހި ފިރިހެނަކު މަސްތުވެގެން ހުރެ، ހަޅޭއްލަވަނީއެވެ. ރޯ އަވަގުރާނަ ގޮވައެވެ. އޭނާ ވަނީ ކެބިން ކްރޫއެއްގެ ދެ މީހަކަށް ޙަމަލާދީފައެވެ. އެޓެންޑެންޓެއްގެ ކަންކަށި މަތީގައި ޖެއްސެވެ. އޭނާގެ ގައިގައި ފައިންނާއި އަތުންވެސް ޖެއްސެވެ. އަންހެން އެޓެންޑެންޓެއްގެ ބަނޑުކޮޅުގައި ދެފައި ކުރުކޮށް ވީއްލާލިއެވެ. ތަކުރާރުކޮށް ކޮކްޕިޓާ ދިމާލަށް ދިޔައެވެ. އޭނާ ހިފަހައްޓާން މަސައްކަތްކުރި ރަޝިޔާގެ ފަސިންޖަރެއްގެ އަތުގައި ދަތްއަޅައި، ކަނޑާ ނެގިއެވެ.
"އެމީހާ ހާޅެއްލަވަމުން ދިޔައީ ޑިޕްލޮމެޓިކް ޕާސްޕޯޓެއް އޮތް ކަމަށާއި އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ބުނަމުން. ބިޒްނަސް ކްލާހުގައި އޭނާއާ އެކު ކުދިންނާއި، އަނބިމީހާ އަދި މައިންބަފައިންވެސް ތިބި. އެމީހުން ހާސްވެ، ކަންބޮޑުވެފައި ތިބި" ކަންތައްގަނޑު ހިނގިތަން ބަލަން ހުރި ފަސިންޖަރަކު މޯލްޑިވްސް އިންޑިޕެންޑެންޓް އަށް ކިޔައިދިނެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ބޯޓު ޖެއްސުމުން ބޯޓުން ފަސިންޖަރުންނަށް އަންގާފައި ވަނީ ގަޑުބަޑުހެދި މީހާ ފުލުހުންގެ ބެލުމުގެ ދަށުގައި މަތިންދާބޯޓުން ބާލާންދެން އިށީނދެ ތިބުމަށެވެ. ސުވާލު ކުރުމަށް އޭނާ އެއާޕޯޓުގައި، ފުލުހުންގެ ބެލުމުގެ ދަށުގައި ދެތިން ގަޑިއިރު ބައިންދާފައި ދޫކޮށްލީއެވެ.
އެމީހާ ދޫކޮށްލީ ޞިއްޙީ ސަބަބުތަކާ ހުރެ ކަމަށް ފުލުހުން މީޑިޔާއަށް މަޢުލޫމާތު ދީފައިވެއެވެ. އިތުރު ތަފްޞީލެއް ހާމައެއް ނުކުރެއެވެ. ބައެއް މީޑިޔާތަކުން ވަނީ މިޙާދިސާ ރިޕޯޓުކުރި ނަމަވެސް، އެމީހާގެ ނަން ހާމަކޮށްފައެއް ނެތެވެ. ދިވެހިރާއްޖޭގެ ސިވިލް އޭވިއޭޝަން ޤާނޫނާއި ޓޯކިޔޯ މުޢާހަދާގެ ދަށުން ބޮޑެތި ކުށްތަކެއްގެ ގޮތުގައި ބެލެވޭ ޢަމަލުތަކެއް މިމީހާ ކޮށްފައި ވީނަމަވެސް، ދޫކޮށްލީ ކީއްވެގެންތޯ އެއްވެސް މީހަކު ސުވާލެއް ނުކުރެއެވެ. މިއާ ޚިލާފަށް އާދައިގެ ދިވެހި ރައްޔިތުބންގެ މައްޗަށް ބަނގުރާ ބޭނުންކުރުމުގެ ދަޢުވާ ޤަވާއިދުން ކޯޓުތަކުގައި ދައުލަތުން އުފުލައެވެ.
މީޑިޔާގެ ވަޞީލަތްތަކުން ފަހަތަށްޖެހޭ ޖެހުމުގެ ބަދަލުގައި އެކަން ފޫބައްދަނީ ސޯޝަލް މީޑިޔާ އެކައުންޓުތަކެވެ. ބަޓިކް އެއަރގައިގެ ތެރޭގައި ފަސިންޖަރުން ނަގާފައިވާ ވީޑިއޯޓައް ޕޯސްޓްކޮށްފައިވަނީ 69،000 އަށް ވުރެ ގިނަ ފޮލޯވަރުން ތިބި، ކާކުކަން ހާމަނުކޮށް ހިންގާ އެކްސް އެކައުންޓެއް ކަމަށްވާ "ހަސަންކުރުސީ" އެވެ. ބަޓިކް އެއަރގައި އެހައިޖާނު ހިންގާފައިވަނީ ތެލުގެ ވިޔަފާރި ކުރާ ކުންފުންޏެއްގެ ޑިރެކްޓަރެކެވެ. އޭނާގެ ޑިޕްލޮމެޓިކް ޕާސްޕޯޓްގެ ފޮޓޯއެއްވެސް ހަސަންކުރުސީ ޢާންމު ކުރިއެވެ. އަދި އޭނާ ދޫކޮށްލަން ފުލުހުން ނިންމުމުގެ ފަހަތުގައިވަނީ އޭނާއާ ވެރިކަން ކުރާ ޕާޓީއާ ހުރި ގުޅުންކަމަށްވެސް ތުހުމަތުކޮށްފައި ވެއެވެ. ޓެކްސް ދެއްކުމަށްފަހު ލިބުނު ފައިދާގެ ގޮތުގައި 2021 ވަނަ އަހަރު އެކަނި އޭނާ ނިސްބަތްވާ ކުންފުންޏަށް 110 މިލިއަން (7 މިލިއަން އެމެރިކާ ޑޮލަރު) ގެ ލިބިފައިވާކަން ޢާންމުކޮށްފައިވާ ތަފާސްހިބުތަކުން ދައްކާ ކަމަށް ހަސަންކުރުސީ ހާމަކޮށްފައި ވެއެވެ. ހަސަންކުރުސީ ބުނަނީ ނޫސްތަކުން މިމީހާގެ ވަނަވަރު ސިއްރުކޮށްފައިވަނީ އޭނާ ނިސްބަތްވާ ވިޔަފާރިން މީޑިޔާތަކަށް ސްޕޮންސަރ ދީފައި ވުމެވެ.
އެކަމަކު އެމީހާ އަންހެން ކުރޫއަކަށް ޖިސްނީ ފުރައްސާރަ ކުރި ކަމަށް ހަސަންކުރުސީގެ އެކައުންޓުން ކޮށްފައިވާ ތުހުމަތަކީ ދޮގެެއްކަމަށް މޯލްޑިވްސް އިންޑިޕެންޑެންޓާ ވާހަކަ ދެއްކި މަންޒަރުދުށް މީހާ ބުންޏެވެ. "އެއީ ހިނގި ކަމެއް ނޫން. އަޞްލުގައި ކަން ހިނގާފައިވަނީވެސް ވަރަށް ގޯސްކޮށް، އިތުރަށް ވާހަކަ ހަދައިގެން ދެއްކުމުގެ ބޭނުމެއް ނެތް،" އޭނާ ބުންޏެވެ.
އޭނާވެސް ފާހަގަކުރީ ނަންހިނގާ މީޑިޔާތައް މިމީހާގެ ވާހަކަ ރިޕޯޓުކުރުމުން ފެޔަށް، ހަމަހިމޭން ވެފައިވާ ކަމެވެ. "ބޯޓުން ދަތުރުުކުރި އެހެން ޕެސެންޖަރަކުވެސް އެމަޢުލޫމާތު ތަފްޞީލުކޮށް މަޝްހޫރު ނިއުސްރޫމަކާ ޙިއްސާކުރި، އެއީ އޭނަ ޑިޕްލޮމެޓަކަށްވެފައި ފައިސާވެރިއަކަށްވާތީ ސަލާމަތްވެގެން ހިނގައިދާނެތީ އެކަން ރިޕޯޓުވެފައި އޮތުމުގެ ބޭނުމެއް. އެކަމަކު ވީކަމެއް ހަރާން. ރިޕޯޓެއް ނުކުރޭ،" މިނޫހާ ވާހަކަދެއްކި ފަރާތުން ކިޔައިދިނެވެ.
ކަންމިހެން ހުރުމާއެކު، ދިވެހިރާއްޖޭގެ މީޑިޔާ އައުޓްލެޓުތަކުން ސްޕޮންސަރުންގެ ދަށުވެ، ނަޒާހަތްތެރިކަން ގެއްލިފައިވާ މިންވަރު ހާމަވެއެވެ. ފާއިތުވި އަހަރުތަކުގައި ކާކުކަން ނޭނގޭ ގޮަތަށް ހިންގާ ސޯޝަލް މީޑިޔާ އެކައުންޓުތައް އެހާބޮޑަށް މަޝްހޫރުވުމުގެ މައިގަނޑު އެއްސަބަބަކީ ނޫސްމީޑިޔާތަކުން ވަކި ބައެއްގެ މަޞްލަޙަތުގައި، ވަކި ވާހަކަތަކެއް ރިޕޯޓުކުރާން ދެކޮޅު ހެދުންކަމުގައި ބެލެވެއެވެ. އެފަދަ އެކައުންޓުތަކުން ރަސްމީ ލިޔެކިޔުމުގެ ހެއްކާއި ޤަރީނާއާއެކު ވައްކަމާއި އެކިބާވަތުގެ ނުކިއްސަރު ކަންކަން ފަޅާއަރުވަމުން ދިއުން ޢާންމެވެ.
ލާމެހިފައި
300،000 އަށް ވުރެ މަދު އާބާދީއަކަށް ދިވެހިރާއްޖޭގެ މީޑިޔާތަކުން ޚިދުމަތްދޭ އިރު، އިޝްތިހާރު މެދުވެރިކޮށް އޮޕަރޭޝަންތަކަށް ފައިސާ ހޯދުން ވެފައި އޮންނަނީ ދަތި ކަމަކަށެވެ. މީޑިއާތައް ނުހަނު ބޮޑަށް ބަރޯސާވެފައިވަނީ ދައުލަތުގެ ވިޔަފާރިތަކުގެ އިޝްތިހާރު ނުވަތަ ސިޔާސީ ގުޅުން ހުރި ވިޔަފާރިވެރިންގެ މާލީ އެހީތެރި ކަމަށެވެ. އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) ގެ އެންމެ ފަހުގެ ސައުތު އޭޝިއާ ޕްރެސް ފްރީޑަމް ރިޕޯޓުގައި ފާހަގަކޮށްފައިވަނީ ހާމަކަން ބޮޑު ގޮތެއްގައި، ޒިންމާދާރުކޮށް، ބެލެހެއްޓޭނެ ނިޒާމެއްގެ ފާރަވެރިކަން ނެތި ނުވަތަ ފަންވަރާއި ފެންވަރަށް ރިޢާޔަތެއް ނެތި ދައުލަތުގެ ކުންފުނިތަކުން މީޑިޔާތަކަށް ފައިސާ ދެމުންދާ ކަމަށާއި، ސަރުކާރުން ނުޤަބޫލުވާ ލިޔުންތައް ނެގުމަށް އަދި ބަދަލުކުރުމަށް ނުވަތަ ސަރުކާރަށް ހުޝާމަދު ކުރުމަށް ނުވަތަ އިދިކޮޅު ފަރާތްތަކުގެ ޚަބަރުތައް ކަވަރު ނުކުރުމަށް އެޑިޓަރުންގެ މައްޗަށް ނުފޫޒު ހިންގަމުންދާ ކަމަށެވެ.
ރިޕޯޓާޒް ވިތައުޓް ބޯޑަރސްއިން މިމަހުގެ ޢާންމުކުރި ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެސްގައި 180 ޤައުމުގެ ތެރެއިން ދިވެހިރާއްޖެ ގިންތިކޮށްފައިވަނީ 108 ވަނައިގައެވެ. އައިއެފްޖޭ އިން ފާހަގަކުރި ކަންކަން މިރިޕޯޓުގައިވެސް ފާހަގަކޮށްފައި ވެއެވެ.
އުލަތުގެ ވިޔަފާރިތަކުގެ ކޮރަޕްޝަން އަމިއްލަ އެކްސް އެކައުންޓުން ކަވަރުކޮށްފައިވާ، މިނިވަން ކޮމެންޓޭޓަރެއް ކަމަށްވާ މިދުޢަމް ސަޢުދު ވިދާޅުވެފައިވަނީ ނޫސްމީޑިޔާތަކަކީ އިޖުތިމާޢީ ޚިދުމަތެއް ނުވަތަ އެންޖީއޯއެއް ނޫންކަމަށާއި، އެއީވެސް ވިޔަފާރިއެއްކަމުން، ވިޔަފާރިއަކަށް ދިމާވާނެ ހުރިހާ ދައްޗަކާއި އުނދަގުލެއް ނިއުސްރޫމްތަކަށްވެސް ދިމާވާނެކަމަށް ދެކެވަޑައިންނަވާ ކަމަށެވެ.
މިއަހަރުގެ އޭޕްރީލް މަހު ސޯޝަލް މީޑިޔާގައި ޢާންމުކުރި، ރަސްމީ އިދާރާތަކުން ޞައްޙަކަމަށް ކަށަވަރުކޮށްދީފައި ނުވާ ލިޔުމެއްގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ޑިސެމްބަރު 2025 އަށް އެއަހަރު ޖުމްލަ 66 މިލިއަން ރުފިޔާ، ޖުމުލަ 30 އައުޓްލެޓަކަށް ބަހާފައިވާކަން އެނގެއެވެ. އެއީ މަހެއްގެ މައްޗަށް ގާތްގަނޑަކަށް 5.5 މިލިއަން ރުފިޔާއެވެ. އެންމެ ޢަދަދު ބޮޑުކޮށް ލިބުނީ ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޓީމުގެ ގިނަ އިސްވެރިންގެ ބައިވެރިވުމާއެކު ހިންގާ އަމިއްލަ ޓީވީ ޗެނަލެއްކަމަށްވާ އެމްއެމްޓީވީ އަށެވެ. އެޓީވީއަށް މަހަކު 900،000 ރުފިޔާ އަދި އަހަރަކު 10.8 މިލިއަން ރުފިޔާ ދެއެވެ. ދައުލަތުގެ ބްރޯޑްކާސްޓަރު ޕަބްލިކް ސާވިސް މީޑިއާ އަށް ދެނީ 500،000 ރުފިޔާވެ. ހަމައެކަނި ޗާޕުކޮށްގެން ނެރޭ ނޫސްކަމަށްވާ "މިހާރު" އަށް މަހަކު 300،000 ދެއެވެ. އެންމެ ކުޑަ ކޮށް ލިބޭ ނޫހަށްވެސް މަހަކު 15،000 ރުފިޔާ ލިބެއެވެ. އެ ލިޔުމުގެ ޞައްޙަކަމާމެދު އެމްއޭސީއެލް އިން ޝައްކު އުފައްދާފައެއް ނެތެވެ.
2025 ވަނަ އަހަރުގެ ފެބްރުއަރީ މަހު "މިހާރު"ގެ އިސް ނޫސްވެރިއެއް ކަމަށްވާ މޫސާ ރަޝީދު ވަނީ އިޙްތިޖާޖުގައި އިސްތިޢުފާ ދެއްވާފައެވެ. އޮންލައިންކޮށް ލީކުވި އިސްތިޢުފާގެ ސިޓީގައި އޭނާ ތުހުމަތު ކުރައްވަނީ ނޫހުގެ އެޑިޓަރުން ރައީސް އޮފީހުން "އިރުޝާދު" އަންނަ ކަމަށާއި، ސަރުކާރަށް ފާޑުކިޔާ ލިޔުންތައް މަޑުޖައްސާ ނުވަތަ ނަގާން ޚުދު ރައީސްގުޅުއްވާފައިވާކަން އެނގިވަޑައިގެންފައިވާ ކަމަށެވެ. އަދި ފުން، ދިރާސާގެ މައްޗަށް ބިނާކޮށް ރިޕޯޓް ކުރުމުގެ ބަދަލުގައި "ކުދި ޚަބަރުތައް ހަދައި، ދިރިއުޅުމުގެ ވައްޓަފާޅިގެ ލިޔުންތައް އިތުރުކުރަން" މެނޭޖްމަންޓުން ނޫސްވެރިންނަށް އަނގާކަމަށް އޭނާ ލިޔެފައި ވެއެވެ.
މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ އެގްޒެކެޓިވް ޑިރެކްޓަރު ޖުނައިދު މުޙައްމަދު ވިދާޅުވީ 2022 ވަނަ އަހަރު އައިއެފްޖޭގެ އެންމެ ފަހުގެ ފެކްޓް ފައިންޑިންގް މިޝަންގެ ފަހުން ސިޔާސީ ނުވަތަ ވިޔަފާރީގެ ނުފޫޒު ބޮޑުތަނުން އިތުރުވެފައިވާ ކަމަށެވެ. މޯލްޑިވްސް އިންޑިޕެންޑެންޓް ގައި އޭނާ ވިދާޅުވީ "އޭގެ ފަހުން އަޅުގަނޑަށް ހީވަނީ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖޭ ބުނުމަކީ ދޮގަކަށް ނުވާނެ،" ކަމަށެވެ.
ޖުބްރާންޝަރީފް (އަޞްލުނަމެއް ނޫން) ގެ ނަމުން އެކްސްގައި ހިންގާ އެކައުންޓަކުން ވަނީހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ބެހޭ ލިޔެކިޔުންތަކެއް ލީކު ކޮށްފައެވެ. އޭނާ ބުނެފައިވަނީ މިކަމުގެ ޚަބަރު މަސްދަރުން ފުރަތަމަ ފޮނުވީ ނޫސްތަކަށް ނަމަވެސް، އެނޫސްތަކުން އެޚަބަރު ޖަހައިނުދިން ކަމަށާއި، އެޚަބަރު ޖަހައިފިނަމަ ފަރުނީޗަރު ފިހާރައަކުން ލިބޭންހުރި ސްޕޮންސަރއަށް ބުރޫއަރާނެކަމަށް އެންގި ކަމަށެވެ.
ޖުނައިދު ހުށަހެޅުއްވީ ފަރުވާގެ ގޮތުގައި ސްޕޮންސަރޝިޕް ޓްރާންސްޕޭރެންސީ އެވެ.
"އަޞްލުގައި މީޑިއާތަކަށް ބާރު އެބައޮތް - މީޑިއާ އަކީ ވަރަށް ވަރުގަދަ ވަސީލަތަކަށް ވާތީ - ނުފޫޒާ ލާމެހިފައިވާ ފަންޑިންގ އަށް ނޫނެކޭ ބުނުމާއި، ނުފޫޒު ބޭނުންކުރަން ހިފާ ކޮންމެ ފަހަރަކު އެކަމުގެ މަޢުލޫމާތު ޢާންމުކުރުމުގެ ބާރު ނޫށްތަކަށް އެބައޮތް. މިސާލަކަށް މިވެނި ޚަބަރެއް ނަގަން ބުނިކަން ނުވަތަ ބަދަލުކުރަން ބުނިކަން ހާމަކުރެވިދާނެ. ފުރަތަމަ ފަންޑިންގް ހޯދާއިރުވެސް އެޑިޓޯރިއަލް ނިންމުންތަކަށް ނުފޫޒު ފޯރުވިޔަ ނުދޭނެކަން ބުނެދީފައި އޮންނަންވާނެ، ސްޕޮންސަރދިނަސް ކަވަރޭޖާ ނުބެހެވޭނެކަން ސާފުކޮށްދޭން ޖެހޭނެ،" އޭނާ ވިދާޅުވިއެވެ.
ޖެނުއަރީ މަހު ސަރުކާރުން ވަނީ ރައީސް ޑރ މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންނެވި އައު ހިލޭއެހީގެ ސިޔާސަތުގެ ދަށުން އަމިއްލަ 37 މީޑިއާއަކަށް 28 މިލިއަން ރުފިޔާ ދޫކޮށްފައެވެ. މިހިލޭ އެހީއަށްފަހު ސަރުކާރު ޙިއްސާވާ ކުންފުނިތަކުން އިޝްތިހާރުތައް ހުއްޓާލީތޯ ނުވަތަ ނޫންތޯ ސާފެއް ނުވެއެވެ.
ނޫސްވެރިންނާ ޖެހިގެން
އައިއެފްޖޭއިން ކޮމިޝަންކޮށްގެން 11 އަތޮޅާއި ގްރޭޓަރ މާލެ ސަރަޙައްދުގައި ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ރާއްޖޭގައި ސިޔާސީ ބައިބައިވުންތަކުގެ ފަހަތުގައިވަނީ މީޑިޔާކަމުގައި 87 އިންސައްތަ ދިވެހިން ދެކެތެވެ. ގިނަ ބަޔަކު ޤަބޫލުކުރާގޮތުގައި ޓީވީ ސްޓޭޝަންތަކާއި ވެބްސައިޓްތަކުގެ މިލްކުވެރިކަމަކީ އޯވްނަރުންގެ ވިޔަފާރި ނުވަތަ ސިޔާސީ މަޞްލަޙަތައް ޕްރޮމޯޓުކުރުމުގެ ވަޞީލަތެއް ކަމަށް ދެކެތެވެ. ޓީވީ އަދި އޮންލައިން ނިއުސް އައުޓްލެޓްތަކުން ކަންބޮޑުކޮށްގެން ނުވަތަ ވަކި އަތަކަށް ޖެހިގެން މެނުވީ ޚަބަރުތައް ކަވަރުނުކުރާ ކަމަށް ގިނަ މީހުން ދެކެތެވެ.
ގާތްގަނޑަކަށް 70 އިންސައްތަ މީހުން ދެކެނީ ސޯޝަލް މީޑިޔާ އާއި އޮންލައިން އައުޓްލެޓްތަކުގައި ފޭކް ނިއުސް ޢާންމުވެފައިވާ ކަމަށެވެ.
ޖުނައިދު ސިފަކުރެއްވި ގޮތުގައި ރަސްމީ މީޑިޔާގެ ވަޞީލަތްތަކުން ބައެއް ބާވަތުގެ ކަންކަން ކަވަރު ނުކުރުމަކީ ނުރަސްމީ ޚަބަރުފަތުރާ ވަޞީލަތްތަކަށް ލިބޭ ބާރެއް ކަމަށެވެ. "ޢާންމުންނަށް މަޢުލޫމާތު ސޯޝަލް މީޑިއާ އިން ފެނޭ. މެއިން ސްޓްރީމް މީޑިއާ އިން ވެސް އެކަން ރިޕޯޓް ކުރާނެ ކަމަށް އުންމީދު ކުރެވޭ،" އޭނާ ވިދާޅުވިއެވެ. "އަދި ރަސްމީ މީޑިއާތަކުން ރިޕޯޓު ނުކުރީމާ، އެއީ ޝަރުޢީ ޢުޛުރެއްގެ ސަބަބުން ކަމުގައި ވިޔަސް ނުވިޔަސް، އެއީ މީޑިއާއަށް އިތުބާރު ނެތްކަމުގެ ޢަލާމާތެއްގެ ގޮތުގައި ދެކެވޭ،" އޭނާ އޮޅުންފިލުއްވައި ދެއްވިއެވެ.
އަމިއްލަ ނަމުގައި ޕޯސްޓް ކުރާ މިދުޢަމް ސަޢުދު ވިދާޅުވަނީ ބައެއް ނޫސްތަކުން ސަރުކާރި ޙިއްސާވާ ކުންފުނިތައް ޖަވާބުދާރީ ނުކުރުވަނީ ޤަސްދުގައި ނަމަވެސް، ގިނަ ނޫސްވެރިންގެ ކިބައިގައި އެކަމުގެ ޤާބިލުކަންވެސް ނެތީ ކަމަށެވެ. އެގޮތުން ނޫސްވެރިންނަކީ އޮޑިޓް ރިޕޯޓްތައް ބެލުމަށް ތަމްރީނު ލިބިފައިވާ ބައެއް ނޫން ކަމަށާއި، ބިޑު ކުރުމުގެ މަރުޙަލާތައް ހިނގާ ގޮތާއި، މާލިއްޔަތާބެހޭ ޤާނޫނާއި ޤަވާޢިދުތައް ހުރި ނެތްގޮތުގެ މައްޗަށް އަހުލުވެރިކަން ނެތްކަން އޭނާ ފާހަގަކުރައްވައެވެ. އަދި ބައެއް ނޫސްވެރިން ގުޅާފައި، އެނާ ހާމަކުރަމުންދާ މަޢުލޫމާތު ލިޔާނީ ކިހިނެއްތޯ އަހާ ކަމަށް މިދުޢަމް ވިދާޅުވިއެވެ. "ލިޔުން ލިޔުމަކީ ޓްވީޓެއް ފޮނުވުމާ އެއްވަރަށް ފަސޭހަ ކަމެއް ނޫން،" އޭނާ ވިދާޅުވިއެވެ.
ވަކިވަކި ނޫސްވެރިންގެ އިތުރުން އެޑިޓޯރިއަލް ޕޮލިސީ ކަނޑައަޅަނީ ސިޔާސީ ނުފޫޒުގެ ތެރެއިް ކަމަށްވެސް މިދުޢަމް ވިދާޅުވިއެވެ. "ހުރިހާ މެއިންސްޓްރީމް މީޑިއާއެއް ވެސް ގުޅިފައި ހުންނަނީ ބޮޑެތި ސިޔާސީ ޕާޓީތަކުގެ ތެރެއިން އެއް ޕާޓީއާ ނުވަތަ އަނެއް ޕާޓީއާ، އަބަދުވެސް،" ގިނަ އައުޓްލެޓްތައް ހަރަކާތްތެރިވަނީ "ސިޔާސީ ޕާޓީއެއްގެ ޕީއާރު ވިންގެއްގެ ގޮތުގައި" މިދުޢަމް ނުރުހުން ފައުޅުކުރެއްވިއެވެ.
މިދުޢަމް ފަދަ އަމިއްލަ ނަމުގައި ޕޯސްޓުކުރާ އެކައުންޓުތަކާއި ނަން ނުޖަހާ ލިޔާ ސިއްރުވެރި އެކައުންޓްތަކަށް ލިބޭ ސަމާލުކަން ތަފާތެވެ. މިދުޢަމްގެ މައްޗަށް މިސާލަކަށް އަބުރުގެ ދަޢުވާ ކުރެވިދާނެއެވެ. އޭނާގެ ތިން ޕޯސްޓަކާ ގުޅިގެން ގޭންގް މެމްބަރުން ކަމަށް ބުނާ މީހުންގެ ފަރާތުން ބިރުދެއްކުމުގެ ކޯލްތައް ލިބިފައި ވެއެވެ.
މަސްދަރުތައް ދާ ދިމާ
ޖުބްރާންޝަރީފް ވަނީ ރާއްޖެއިން ބޭރުގައި ތިބި ދިވެހި ދަރިވަރުންގެ ތެރެއިން ސަރުކާރުގެ ލޯނު ސްކީމުގައި ބައިވެރިވެ، ފައިސާ ލިބުން ލަސްވެ، ދަތިކަމާ ކުރިމަތިލާން ޖެހިފައިވާ ދަރިވަރުންގެ ސޯޝަލް މީޑިޔާ އެކައުންޓުތަކުން ކޮށްފައިވާ ޝަކުވާގެ ޕޯސްޓުތައް އެއް ލިސްޓަކަށް އެކުލަވައިފައެވެ. އަދި އެކިބާވަތުގެ ފޯމުތައް މެދުވެރިކޮށް އަދި ސީދާ މެސެޖުކޮށްގެން އެ މަޢުލޫމާތު އެއްކޮަށްފައެވެ. ގާތްގަނޑަކަށް 30 އަކަށް ދަރިވަރުން ފޯމު މެދުވެރިކޮށް މަޢުލޫމާތު ފޮނުވިއެވެ. އެމަޢުލޫމާތު މީޑިޔާ އަދި މަޖިލިސް މެންބަރުން ޙިއްސާކުރާނެކަން ފޯމުގައި ލިޔެ، އަންގާފައި ވެއެވެ.
އެއްކުރި އެ މަޢުލޫމާތުތަކަށް ބިނާކޮށް މީޑިޔާތަކުން ޚަބަރު ލިޔުނެވެ. މަޖިލިސް މެންބަރަކު އެލިސްޓު އަޞްލަކަށް ބަލައިގެން ހަޔަރ އެޑިއުކޭޝަން މިނިސްޓަރަށް ރަސްމީ ސުވާލު ހުށަހެޅުއްވިއެވެ. މައްސަލައަށް ކަވަރޭޖު ލިބުނެވެ.
"ގިނަ ދަރިވަރުންނާ ވާހަކަ ދެއްކި އިރު ނޫސްވެރިންނަށް އިތުބާރެއް ނުކުރޭ،" ޖުބްރާންޝަރީފް ބުންޏެވެ. "އެހެންވީމާ ނިންމީ ޕީޑީއެފްއެއްގެ ގޮތުގައި ކޮމްޕައިލޭޝަނެއް އުފައްދައި، ހުރިހާ ނޫސްވެރިންނާއި މެމްބަރުންނާ ޙިއްސާކުރަން،" މަޢުލޫމާތު އެއްކުރަން ވިސްނުން އައިގޮތް ޖުބްރާންޝަރީފް އޮޅުންފިލުވައި ދިނެވެ.
"މިސާލަކަށް ވަކި ނަރެޓިވް އަކަށް ފިޓްވާ ގޮތަށް ކަންކަން ފްރޭމް ކުރަން މަސައްކަތް ކުރާ، މިސޮޖިނިސްޓިކް (އަންހެނުން ދެރަވަރުކަމުގައި ދެކޭ) އަދި ޢާންމުކޯށް ގެއްލުން ދެނިވި ޕޯސްޓްތައް އިތުރުވާހެން ހީވަނީ،" ޖުނައިދު ވިދާޅުވިއެވެ. "އެއީ ރިޕޯޓިންގް މުޅިން ނެތިގެންނެއް ނޫން. އެކަމަކު މައްސަލައަކީ ލީކު ކުރާ ލިޔެކިޔުންތައް ނުވަތަ މި ލިޔެކިޔުންތަކުގެ މަސްދަރު މިޑިޔާތަކަކަށް ނުލިބޭމ އެހެންވީމާ އެ ވާހަކަތައް ރިޕޯޓް ކުރަނީ ކިހިނެއްތޯ ޔަޤީން ނުކުރެވި،" ޖުނައިދު ސުވާލު އުފެއްދެވިއެވެ.
އޭޕްރީލް މަހުގެ ކުރީކޮޅު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ދައުލަތުގެ ޓެކްސީ އެޕް ތަޢާރަފްކުރިތާ ގަޑިއިރެއްހާއިރުގެ ތެރޭގައި، "އެކްސް" ގައި ޙަރަކާތްތެރިވާ ޑިވެލޮޕަރ ކޮމިއުނިޓީން ވަނީ އޭގައިހުރި ސަލާމަތާއި ރައްކާތެރިކަމުގެ ދޯދިޔާކަން ފަޅާ އަރުވައިލާފައެވެ. އެ މަސައްކަތް ކުރިއަށް ގެންދިޔައީ ސޯޝަލް މީޑިޔާގައެވެ. ނޫސްވެރިކަމާ ގުޅުމެއް ނެތް ބައެވެ.
ޖުނައިދު ވިދާޅުވީ އެމްޓީސީސީގެ މައްސަލައަކީ ސޯޝަލް މީޑިޔާގައި ދެން ފެންމަތިވާ އެހެން އެބާވަތުގެ "ފަޅާއެރުންތަކާ" ޚިލާފު، އިސްތިސްނާ ކޭހެއް ކަމަށެވެ. "އަޅުގަނޑުމެންނަށް އަސްލު ފެނުނީ މޯލްޑިވްސްގެ ޑިވެލޮޕަރ ކޮމިއުނިޓީ އެއްތަނަކަށް އެއްވެ، އޯޕަން ސޯސް މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ހޯދުންތަކެއް ހޯދައި ބަލައި، ތަޙްޤީޤު ކުރިތަން،" އޭނާ ފާހަގަކުރެއްވިއެވެ. "އަޅުގަނޑަކަށް ހިއެއް ނުވޭ އެއީ ސޯޝަލް މީޑިއާގައި އަޅުގަނޑުމެންނަށް ފެނުނު އެހެން ބައެއް ލީކްތަކާ އެއްގޮތް ކަމެއް ކަމަކަށް." އޭނާ އިތުރު ކުރެއްވިއެވެ.
އެ ތަފާތަކީ ޞައްޙަކަން ކަށަވަރު ކުރެވުމެވެ. ޑިވެލޮޕަރ ކޮމިއުނިޓީން މަސައްކަތް ކުރަމުން ދިޔައީ ކިޔުންތެރިންނަށް އަމިއްލައަށް ޗެކް ކުރެވޭނެ މެޓީރިއަލް ފޯރުކޮށްދީގެންނެވެ.
ނޫސްވެރިންގެ ތެރޭގައި ހިމެނޭކަމަށް ޤަބޫލުކުރަންތޯ ޖުބްރާންޝަރީފާ ސުވާލު ކުރުމުން ބުނީ "އެޖޭސެންޓް" ކަމަށެވެ.
ސަރުކާރު ޖަވާބުދާރީ ކުރުވާ ބަޔަކުގެ ގޮތުގައި ނޫސްވެރިން މާނަކުރާނަމަ، އެކަމުގައި ޢާންމު ރައްޔިތުންވެސް ހިމެނޭނެ ކަން ފާހަގަކޮށް، ޖުބްރާންޝަރީފް ބުނީ "ޕްރެސްގެ ބައެއްގެ ގޮތުގައި އަމިއްލައަށް ދެކެން،" ކަމަށާއި "އެކަމަކު ޢާންމުކޮށް މާނަކުރާ ގޮތަކުން އަޅުގަނޑު ނުބުނާނަން އަޅުގަނޑަކީ ޕްރެސްގެ ބައެއް ކަމަށް." ކަމަށެވެ.
އަނެއް ފަރާތް
ޒާތީ ޙަމަލާތަކާއި ޑިލީޓް ޕޯސްޓްތަކާއި ޔަޤީން ނުކުރެވޭ ތުހުމަތުތަކުގެ މާޒީއެއް އޮތް ހަސަންކުރުސީ ގެ އެކައުންޓާމެދު ޖުބްރާންޝަރީފު ވަނީ ސުވާލު އުފައްދާފައެވެ. "ބެލެވެނީ އޭނާގެ ލޯޔަލިޓީތަކާއި ފޮރުވިފައިވާ އެޖެންޑާތަކެއް ހުރިކަމަށް،" ކަމަށާއި "އަހަރެންގެ އެކަހަލަ ކަމެއް ނެތް، އަހަރެންނަކީ ވަކި ފެކްޝަނެއްގެ މީހުންނާ ގުޅުން އޮންނަ މީހެއް ނޫން." ކަމަށް ޖުބްރާންޝަރީފު ބުންޏެވެ.
އޭނާ އިތުރަށް ބުނީ ކުރިއަށް އޮތް ތަނުގައި ހާމަކުރާ މަޢުލޫމާތެއް ނުވަތަ އުފުލާ ތުހުމަތެއް ނަމަ މަސްދަރަށް ބިނާކުރުމާއި، މަސްދަރަށް ޔަޤީންކަން ނެތްނަމަ އެކަންވެސް ފާހަގަކުރާނެ ކަމަށެވެ."މިސާލަކަށް އިއްޔެގެ އެޗްޑީސީ މައްސަލަ – ނެތް ބުނެވޭކަށް މަސްދަރަކީ ވަކި މިވެނި މީހެކޭ. އޭރުން އޭނަ ވަޒީފާއިން ވަކިކުރާނެ.،" އޭނާ ބުންޏެވެ.
"އަސްލުގައި ނަން ހާމަނުކޮށް ލިޔާ އެނޮނިމަސް މީހަކު ޖަވާބުދާރީއެއް ނުކުރެވޭނެ. ކޯޓަކަށް ނުގެންދެވޭނެ. ކޮންމެ އެއްޗެއް ބުނި ނަމަވެސް އެމީހުންނަށް އެއްވެސް އަސަރެއް ނުކުރާނެ،" ކަމަށާއި "އެންމެ ބޮޑު ކަމަކަށްވާނީ އެކައުންޓް ސަސްޕެންޑް ކުރުން. އެމީހުންނަށް ލައިފްއައިގެން ކުރިއަށް ދެވެނޭ. ދެން މިސާލަކަށް މީހެއްގެ ކޮއްކޮއަކަށް ނުވަތަ ކުންފުންޏެއްގައި ތުހުމަތެއް ކުރީ. އެ ތުހުމަތު އަބަދުވެސް ދެމިއޮންނާނެ. ކުރެވޭނެ ކަމެއް ނެތް." ޖުބްރާން ތަފްޞީލު ކޮށްދިނެވެ.
"އަހަރެންނަކަށް ހިއެއް ނުވޭ އެއްވެސް މީހަކު ނަން ނުޖެހޭ އެކައުންޓަކަށް އިތުބާރު ކުރަންވީ ހެނެއް. މިހެން މި ބުނަނީ ނަންނުޖަހާ ހިންގާ އެކައުންޓެއްގެ ހިންގާ މީހެއްގެ ގޮތުގައި ހުރެ. އިތުބާރު ކުރެވޭ ނަން ނުޖެހޭ އެކައުންޓެއް ނެތް. އެ އިތުބާރު ބިނާކުރެވޭނެ ކަމެއް (އަސާސެއް) ނެތް." ޖުބްރާން އިތުރަށް ބުންޏެވެ.
ހަސަންކުރުސީ އާ މެދު މިދުޢަމް ދެކޭގޮތް މިއާ ޚިލާފެވެ. ނަން ހާމަނުކުމާއި އަމިއްލަ ނަމުގައި ޕޯސްޓުކުރުމުގައި ތަފާތުތަކެއް ހުރިކަން ފާހަގަކުރައްވައި، މިދުޢަމް ވިދާޅުވީ އެދެގޮތުންކުރެ ޚިޔާރުކުރާނީ ނުވަތަ ދާނީ ކޮން ދިމާލަކަށްކަން މަސްދަރުތަކުން ނިންމަނީ މަޢުލޫމާތުގެ ބާވަތާއި ޒާތަށް ރިޢާޔަތްކޮށް، ހޯދާން ބޭނުންވާ ރައްކާތެރިކަމަށް ވިސްނައިގެން ކަމަށެވެ. އެކަމަކުހަސަންކުރޫސީ އަކީ "ބޮޓް އެކައުންޓެއް" ގެ ގޮތުގައި މުޅިން ސިފަކުރެވޭން ނެތްކަމަށް އޭނާ ވިދާޅުވއިެވެ.
"ތުހުމަތުތަކަކީ ތެދެއް ނޫން ކަމަށް ނިކުތް މައްސަލަތައް ވެސް އެބަހުރި. އެކަމަކު ހާމަކަން ކުޑަ ސަރުކާރަކާ އެކު، މިގޮތަށް މަޢުލޫމާތު ހޯދައި ޗެކްކޮށް ޔަޤީން ކުރުމަކީ ފަސޭހަ ކަމެއް ނޫން،" ހަސަންކުރުސީގެ ކޮރަޕްޝަން ފަޅާއަރުވައިލާ ޕޯސްޓްތަކުގައި ކުށްހުރެގެން އޭނާ އަމިއްލައަށް އިޞްލާޙްކޮށްފައި ހުރިކަން ފާހަގަކުރައްވައި، މިދުޢަމް ވިދާޅުވިއެވެ.
"އެހެންވީމަ އަޅުގަނޑު ނުދެކެން އަހަރުމެން ކެޓަގަރީއެއްގައި ތިބި ކަމަށް، އެކަމަކު އޭނާ އަކީ ވެސް އަހަންނަށް ވަރަށް ބޮޑު އިންސްޕިރޭޝަނެއް،" މިދުޢަމް ވިދާޅުވިއެވެ.
އޮނިގަނޑުގެ ސުވާލު
މިދިޔަ ހަފުތާގައި ފުލުހުން ވަނީ ރައީސް މުޢިއްޒު އާއި ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކާއި ޖިންސީ ގުޅުން ހިންގި ކަމަށް ބުނެ ރިޕޯޓެއް ނެރެފައިވާ މައްސަލައަކާ ގުޅިގެން "އަދަދު" ނޫހަށް ކޯޓު އޯޑަރެއް ހިފައިގެން ވަދެފައެވެ. މިއީ ގަޒްފު - ޤާނޫނާ ޚިލާފަށް ޒިނޭގެ ދޮގު ތުހުމަތު ކުރުމުގެ ޖިނާޢީ ދަޢުވާ - އަކާ ގުޅިގެން ނޫހެއްގެ އޮފީސް ރެއިޑުކޮށް، ކޮމްޕިއުޓަރުތަކާއި ސްޓޯރޭޖް ޑިވައިސްތައް ހިމެނޭހެން ސާމާނުތައް ގެންދިޔަ ފުރަތަމަ ފަހަރެވެ.
ރައީސް މުޢިއްޒު އަމިއްލަފުޅަށް އެޑިޓަރުންނާއި ނޫސްވެރިންނަށް ފޯނުކުރައްވައި، ޚަބަރުތަކަށް ބަދަލު ގެނައުމަށް ނުވަތަ އުނިކުރުމަށް ޑިމާންޑް ކުރައްވާކަމުގެ ޚަބަރު މިދިޔަ އަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅުވައި މޯލްޑިވްސް އިންޑިޕެންޑެންޓް އިން ރިޕޯޓު ކުރީމެވެ. މިއީ އެމަނިކުފާނު މޭޔަރަކަށް ހުންނެވިއިރުވެސް ޤަވާއިދުން ކުރެއްވި ކަމެކެވެ. "އަދަދު"ގެ އެޑިޓަރު ޙުސައިން ފިޔާޒް މޫސާ ވަނީ އެފަދަ އެއް ކޯލެއް ފުލުހުންނަށް ރިޕޯޓްކޮށްފައެވެ.
އޭގެ ފަހުން އައި އަހަރު ނޫސްވެރިންނާއި އައުޓްލެޓުތައް ތަބަޢަވާންޖެހޭ ހަރުކަށި ޤާނޫނެއް ތަޢާރަފު ކޮށްފައި ވެއެވެ. މިދިޔަ ސެޕްޓެމްބަރު މަހު ސަރުކާރުގެ ސުޕަމެޖޯރިޓީ އިން މޯލްޑިވްސް މީޑިޔާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ޤާނޫނު (ނޫސްވެރިން ބަހުރުވައިގައި ނަމަ "މީޑިއާ ކޮންޓްރޯލް ބިލް") އަވަސް އަރުވާލައިގެން 31 ދުވަހުން ފާސްކޮށްފައި ވެއެވެ.
އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ވަނީ ސަރުކާރަށް 9 ޑިމާންޑެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ މީޑިއާ ރެގިއުލޭޝަން ޤާނޫނު އުވައިލުމާއި، މީޑިޔާ ކޮމިއުނިޓީއާ މަޝްވަރާކޮށްގެން އެ ޤާނޫނު ބަދަލުކުރުމާއި، އަދަދުގެ ނޫސްވެރިންގެ މައްޗަށް އުފުލާފައިވާ ހުރިހާ ދަޢުވާއެއް އަނބުރާ ގެންދިއުމާއި، އެ ނޫހުގެ އެޑިޓަރުންގެ މައްޗަށް އޮތް ދަތުރުފަތުރު މަނާކުރުން އުވައިލުމަށާއި، ނޫސްވެރިކަން ޖިނާޢީ މައްސަލައެއްގެ ގޮތުގައި ނެގުން ހުއްޓައިލުމަށާއި، މޯލްޑިވްސް އިންޑިޕެންޑެންޓްެގެ ގަދަކަމުން ގެއްލުވައިލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟްވާން އާއި މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދާ ގުޅޭ ގޮތުން މަރުތަކާއި ގެއްލުވާލާފައިވާ މީހުންނާ ބެހޭ ރިޔާސީ ކޮމިޝަނުން އެކުލަވައި، ޢާންމުނުކޮށް ލަސްވަމުންދާ ރިޕޯޓު ޢާންމު ކުރުމަށާއި، ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރު ކުރާ މާއްދާތަކަށް ހެއްކާބެހޭ ޤާނޫނުން އުވައިލުމަށާއި، އަދި މީޑިއަށް ދޭހިލޭ އެހީގެ ނިޒާމު އިޞްލާޙުކޮށް "މިނިވަން، އިންޞާފުވެރި، އަދި ހާމަކަން ބޮޑު" ގޮތަކަށް އެނިޒާމު ބައްޓަން ކުރުމެވެ.
ފަސް އަހަރު ފަހުން ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ ޙާލަތު އޮންނާނެ ގޮތަކާ ގުޅޭގޮތުން ސުވާލު ދެންނެވުމުން، ޖުނައިދު ދެއްކެވީ ނިއުސްރޫމްތަކުގެ ވާހަކައެވެ.
"މިވަގުތު ކޮލިޓީއަށް ވުރެ ކުއަންޓިޓީއަށް ބޮޑު ޑިމާންޑެއް އެބައޮތް. އަޅުގަނޑު ދެކެން ބޭނުންވާ ކަމަކީ އަޅުގަނޑުމެން ލިޔާ ލިޔުންތަކުގެ ޢަދަދަށް ބެލުން ހުއްޓާފައި، ކޮލިޓީއަށް ބަލަން ފަށާ ތަން،" އޭނާ ލަފާދެއްވިއެވެ. "އިތުބާރު ގެއްލޭ ގިނަ ލިޔުންތަކަކީ ވަރަށް ކުރު، މާނައެއް ނެތް ލިޔުންތަކެއް - ބައެއް ފަހަރު އެއް ޓްވީޓެއް ނުވަތަ ދެތިން ޓްވީޓެއްގެ މައްޗަށް ބިނާކޮށް. ރާއްޖޭގެ ނޫސްވެރިންގެ ކިބައިގައި ޙަޤީޤަތުގައި އެއަށްވުރެ ފެންވަރު ރަނގަޅު މަސައްކަތެއް ކުރުމުގެ ޤާބިލުކަން އެބަހުރި. އެކަމަކު ދުވާލަކު ވަކި ޢަދަދަކަށް ލިޔަންޖެހުނީމާ ންވަރު ރަނގަޅު ނޫސްވެރިކަން އުފެއްދުމަށް ދަތިތަކެއް އެބައޮތް." ޖުނައިދު ވިދާޅުވިއެވެ.
ނަން ނުޖެހޭ އެކްސް އެކައުންޓް ހިންގާ ޖުބްރާންޝަރީފު ވެސް ބުނީ "ޕްރެސްއިން ރިޕޯޓް ނުކުރާ ވާހަކަތައް ގިނަ، ސަރުކާރުގެ މީޑިއާ ކޮމިޝަނުން ފިޔަވަޅު އަޅައިފާނެތީއެއް ނޫން، ސްޕޮންސަރުންގެ ސަބަބުން،" ކަމަށާއި "އެހެންވީމަ އަހަރެންނަށް ހީވަނީ ނޫސްވެރިކަމުގެ މިނިވަންކަމަށްޓަކައި ޕްރެސް ފުރަތަމަ ސްޕޮންސަރުގެ ކިބައިން މިނިވަންވާން ޖެހޭނެހެން." ކަމަށެވެ.
މިނިވަން ނޫސްވެރިކަމަށް އެހީތެރިވެދެއްވާ
ބިރެއްނެތި ޚަބަރު ގެނެސްދިނުމަށް އެހީތެރިވެދެއްވާ
އެއްފަހަރު ދެއްވާ
$
ނުވަތަ
މެމްބަރަކަށް ވެލައްވާމަހަކު $5 އިން ފެށިގެން
