ދެ އިންތިޚާބު އެއްކުރުމުގެ ބަޙުޘްގެ ވަކާލާތު ފަތުއަޑުކިޔާފައި ކުރިއަށް

ދެފަރާތުންވެސް ދައްކަމުންދާ ޙުއްޖަތްތަކާއި ސަބަބުތައް.

ކުރެހުމާއި ޑިޒައިން: ޑޮސެއިން

ކުރެހުމާއި ޑިޒައިން: ޑޮސެއިން

ސަރުކާރުން ބުނަނީ އެއްފަހަރާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކުރިއަށް ގެންދިޔައިމާ އެތައް މިލިޔަން ރުފިޔާއެއް ސަލާމަތް ކުރެވެއެވެ. އަދި ރިޔާސީ އިންތިޚާބަށް ހަ މަސް ދުވަސް ހިނގާ ފަހުން މަޖިލިސް އިންތިޚާބު ބޭއްވީމާ އަންނަ ސިޔާސީ ބުރޫއެރުމާއި ތަކުލީފު ކުޑަވާނެއެވެ. 
އިދިކޮޅު ފަރާތްތަކުން، މިއާ ޚިލާފަށް ބުނަމުންދަނީ ދެ އިންތިޚާބު އެއްތަން ކުރުމުގެ އަމާޒަކީ ސަރުކާރު ހިންގާ ޕާޓީ އިން އެއް ކެމްޕޭނަކުން ޤައުމުގެ ރިޔާސަތާއި މަޖިލީހުގެ ސުޕާރމެޖޯރިޓީ އަތުލައި ގަތުމެވެ. އަދި އެކަމަށްޓަކައި ދައުލަތުގެ ވަޞީލަތާއި، ފައިސާއާއި، ބިރުދެއްކުމުގެ ނުފޫޒުތައް ބޭނުންކޮށް، ދެ ބުރަށް އޮތް ސަރުކާރަށް ބަސްކިއުމުގެ ފުރުޞަތު، އެއް ބުރަކަށް ކުރުގަޅުވައި ލުމެވެ. 
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ލޯކަލް ކައުންސިލް އިންތިޚާބާއެކު އޭޕްރިލް 4، 2026 ގައި ލާ ވޯޓަށް މަސް ދުވަހަށްވުރެ ކުޑަވީއެވެ. އެ ފެންނަ ނުފެންނަ ވޯޓުގެ ކެމްޕޭނު ފަތުއަޑުކިޔާފައި ހިނގާން ފަށައިފިއެވެ. ރައީސް ޑރ މުޙައްމަދު މުޢިއްްޒު ހޮނިހިރު ދުވަހުގެ ރޭ ބޭއްވި އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެކި ދުވަސްވަރު އެކި އިންތިޚާބު ބޭއްވީމާ ޤައުމީ އެއްބައިވަންތަކަމާއި ހަމަޖެހުމަށް ބުރޫއަރާ ކަމަށެވެ.
ވިދިގެން އައި ދުވަހު އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ އެކި ޕާޓީއާއި ފިކުރުގެ ބޭބޭފުޅުންގެ ނޫސްވެރިންގެ ބައްދަލުވުމުގައި، ދެ އިންތިޚާބު އެއްކުރުމާ ދެކޮޅަށް ވޯޓުލާން ނަޞޭޙަތްތެރިވަމުން ދިޔަތަން ފެނުނެވެ. އަދި މައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވަނީ "ނޫން" ކެމްޕެއިން ވަރުގަދަކޮށް، ހުޅުމާލޭގައި ޕިކަޕް އެއްވުމެއް ބާއްވައި، މާލޭގެ އެކި ހިސާބުތަކުގައި ދެއިންތިޚާބު އެއްކުރުމާ ދެކޮޅު ކެމްޕޭނުގެ ބެނާރ ދަމާފައެވެ.
މިއީ 2007 ގައި ދިވެހިރާއްޖޭގައި އޮންނާން ފެންނަނީ ރިޔާސީ ނިޒާމެއްތޯ ނުވަތަ ބަރުލަމާނީ ނިޒާމެއްތޯ ބަލާން ނެގި ރިފަރެންޑަމްގެ ފަހުން، ނަގާ މިބާވަތުގެ ފުރަތަމަ ވޯޓެވެ. 
ތިރީގައި ގެނެސްދީފައި އެވަނީ ދެ އިންތިޚާބު އެއްކުރުމަށް އަދި ވަކި ކޮށް ބާއްވަން ދެފަރާތުން ދައްކާފައިވާ ވާހަކަތަކާއި، ސަބަބުތަކާއި، ޙުއްޖަތްތަކެވެ.

އިޞްލާޙުތަކުން އަންނާން އުޅޭ ބަދަލު

ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހު ބޭއްވުމަށް ޤާނޫނު އަސާސީއަށް އިޞްލާޙު ގެންނާން ހުށަހެޅީ ސަރުކާރުންނެވެ. މިހާރު އޮތް ތަރުތީބުގެ ދަށުން މަޖިލިސް އިންތިޚާބު އޮންނަނީ ރިޔާސީ އިންތިޚާބަށްފަހު ހަ މަސް ދުވަހުގެ ތެރޭގައެވެ. ޢާންމުކޮށް ރިޔާސީ އިންތިޚާބު އޮންނަނީ ސެޕްޓެމްބަރު މަހުގައެވެ. ނޮވެންބަރު މެދު ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ހުވައިކުރައްވާނެއެވެ. މަޖިލިސް އިންތިޚާބު އޮންނަނީ އޭޕްރީލް މަހުގައެވެ.
ހުށަހަޅާފައިވާ ބަދަލު ފާސްވެއްޖެނަމަ، މިހާރު މެއި މަހު ފެށޭ ރައްޔިތުންގެ މަޖިލީހުގެ ދައުރު، އޭގެ ކުރީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުގެ ފެށެނެއެވެ. މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖްލިސްގެ ފަސް އަހަރުގެ ދައުރު ހަ މަސް ދުވަހަށް ކުރުވާނެއެވެ. އަދި ދެއިންތިޚާބު އެއް ދުވަހެއްގައި ފުރަތަމަ އޮންނާނީ 2028 ގައެވެ. 
މަޖިލިސް ޗުއްޓީގައި އޮއްވާ މިބިލު ހުށަހެޅުއްވީ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާޙް، ޖެނުއަރީ 3 ގައެވެ. ޖެނުއަރީ 5 ގައި ދުވަހު ދައުރުން ބޭރު ޖަލްސާއެއް ބާއްވަން ހަމަޖެހިފައިވާ ކަމަށް މަޖިލީހުގެ މެމްބަރުންނަށް އެންގިއެވެ. އެ ދުވަހުގެ ހެނދުނު ބިލަށް ބަޙުޘް ކޮށްފައި، މެންދުރު ފަހު ކޮމެޓީއަށް ފޮނުވިއެވެ. ޢާންމުންގެ ޚިޔާލު ހޯދާން ދަޢުވަތު ދިނީ ޖެނުއަރީ 15 ގެ މެންދުރުން އަނބުރާ 2 ގެ ކުރިންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެ ބިލު ފާސްކުރީ ފެބްރުއަރީ 9 ގައި، ފަސް މިނެޓު އިރަށް ދެމިގެންދިޔަ ބައްދަލުވުމެއްގައެވެ. ޖެހިގެން އައި ދުވަހު ޖުމުލަ 93 މެންބަރުން ތިއްބަވާ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ބިލު ފާސްކުރިއެވެ. އެތަޅުމުގައި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ނިސްބަތްވެވަޑައިންނަވާ 75 ގޮނޑި މެންބަރުން ތިއްބަވައެވެ. މިއީ ޤާނޫނު އަސާސީއަށް ބަދަލު ގެންނާން ބޭނުންވާ ތިންބައިކުޅަ އެއްބައި އަޣުލަބިއްޔަތަށް ވުރެވެސް ގިނަ ޢަދަދެއްގެ ގޮނޑިއެވެ.
އޭގެ ހަފްތާއެއް ފަހުން ރައީސް މުޢިއްޒު ވަނީ ފެންނަ ނުފެންނަ ވޯޓު ނަގާން ރިޔާސީ ޤަރާރެއް ނެރުއްވާފައެވެ. އޭޕްރީލް 4 ގައި ވޯޓުލާ މީހުންގެ އަޣުލަބިއްޔަތުން އެ ހުށަހެޅުމަށް ދެކޮޅު ހަދައިފިނަމަ، މަޖިލީހުން ފާސްކުރި ބަދަލުތައް ބާޠިލު ވީއެވެ. 
ފެބްރުއަރީ 19 ވަނަ ދުވަހު އެމްޑީޕީގެ ޤައުމީ މަޖިލީހުން ފާސްކުރީ ދެ އިންތިޚާބު އެއްކުރާން ނުފެންނަކަމަށާއި، އެކަމަށް ޤައުމީ ފެންވަރުގެ ކެމްޕޭނެއް ހިންގާން ފެށުމަށެވެ. އެ ޕާޓީއިން ބުނަނީ މިދުސްތޫރީ ބަދަލުތަކުގެ ފަހަތުގައި ފޮރުވިފައިވާ އެޖެންޑާއެއް އޮތްކަމަށާއި ޢާންމުންގެ މަޝްވަރާ އަދި ހޭލުންތެރިކަން އުފެއްދުމުގެ މަސައްކަތް އެކަށީގެންވާގޮތުގައި ހިންގިފައި ނުވާ ކަމަށާއި، ކުރުގަޅުވާލައިގެން މިބަދަލު ގެނައުމުގެ ބޭނުމެއް ނުފެންނަ ކަމަށެވެ. 
ހޮނިހިރު ދުވަހުގެ ރޭ ބޭއްވި އެއްވުމެއްގައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ޤާނޫނު އަސާސީއަށް ބަދަލުގެންނާން ސަރުކާރުން ހުށަހަޅާފައިވާ ކަންމައްޗަށް ގޮންޖައްސަވާފައެވެ. ދެ އިންތިޚާބު އެއްކޮށްލުމަކީ ރައީސް މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ކަމެއް ނޫން ކަމަށާއި، ވެރިކަމަށް އަންނަނީ "ރައްޔިތުންނަށް ވަޢުދުތަކާއި މެނިފެސްޓޯއަކާ އެކު"ގައި ކަމަށެވެ. 
ދެއިންތިޚާބު އެއްކުރަނީ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ ބުނުމަށް ރައްދު ދީ ސަރުކާރުން މިހާރު ބުނަމުން ގެންދަނީ ދެ އިންތިޚާބު :"އެއް  އިންތިޚާބަކަށް ހަދައި، އެއް ކުރަނީއެއް ނޫން" ކަމަށާއި "އެއް ދުވަހެއް ގައި ދެ އިންތިޚާބު ވަކިވަކިން ބާއްވަނީ،" ކަމަށެވެ. 

ޚަރަދު ކުޑަކުރުމުގެ ޙުއްޖަތް

މަޖިލީހުގެ ތަޅުމަށް ޖަނަވަރީގައި ބިލު ހުށަހަޅުއްވަމުން މެޖޯރިޓީ ލީޑަރު ފަލާޙް ވިދާޅުވީ އެއް ދުވަހެއްގައި ދެ އިންތިޚާބު ބާއްވައިގެން ބަޖެޓުން 80 މިލިއަން (5.1 މިލިއަން އެމެރިކާ ޑޮލަރު) ރުފިޔާ ސަލާމަތް ކުރެވޭނެކަމަށެވެ. އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީށް ފުއާދު ތައުފީޤް ކުރިން ލަފާކުރެއްވި ގޮތުގައި އިންތިޚާބުތައް އެއްކޮށްލުމުން ގާތްގަނޑަކަށް 150 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެއެވެ.
އަދި ލޮޖިސްޓިކަލް ބުރަތައް ކުޑަވާނެ ކަމަށް ވެސް ފަލާޙް ފާހަގަކުރެއްވިއެވެ. ވޯޓު ފޮށިގެ ގޮތުގައި ހިދުމަތްދޭ ސްކޫލްތައް ބަންދުކުރުމުގެ ފުރުސަތު މަދުވާނެ އެވެ. އިލެކްޝަންސްގެ އޮފިޝަލުން ހޯދައި ތަމްރީނު ކުރަން ޖެހޭނީ އެންމެ ފަހަރަކު އެވެ. ވޯޓު ފޮށިތަކާއި ތަކެތި ގެންދިއުމުގެ މަސައްކަތް އެއްކޮށްލާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޕޮލިޓިކަލް ސައިންސްގެ ދިރާސާތަކާ ޙަވާލާދީ ސަރުކާރަށް ތާޢީދުކުރާ މީޑިޔާ ޗެނަލް އެމްއެމްޓީވީ އިން ބުނީ ދައުރުގެ މެދުން އިންތިޚާބުތައް ބޭއްވީމާ ބަޖެޓުތައް ފަރުމާކޮށްފައި ހުންނަނީ މުޅިން އެއިންތިޚާބުތަކަށް އަމާޒުކޮށްގެން ކަމަށާއި، ދެ އިންތިޚާބުގެ ދޭތެރޭގައި ބޭކާރު ޚަރަދުތައް ކުރާން ސަރުކާރަށް ސިޔާސީގޮތުން މަޖުބޫރުވާވުން އިންތިޚާބުތައް އެއްކޮށްލުމުން ހުއްޓޭނެ ކަމަށެވެ.
އެކަމަކު ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު ފަރާތްތަކުން ވަނީ ޚަރަދު ކުޑަކުރުމުގެ ޙުއްޖަތް މުޅިން ނަފީކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ކުރީގެ ނާއިބް ރައީސް އީވާ ޢަބްދުالله ވިދާޅުވީ ޚަރަދުކުޑަކުރުމުގެ ވާހަކައަކީ މަލާމާތެއް ކަމަށާއި، އަޞްލު މަޤްޞަދަކީ ދައުލަތުގެ ހުރިހާ ވަޞީލަތްތަކެއް - ބަޖެޓާއި، ވަޒީފާތަކާއި ކޮންޓްރެކްޓްތައް - ބޭނުންކޮށްގެން ވެރިކަން ހިންގުމުގެ ބާރާއި، އެެވެރިކަން ޖަވާބުދާރީކޮށް، ޤާނޫނު ހެދުމުގެ ބާރު އެއްބުރުން ދަމައިގަތުން ކަމަށެވެ. އަސދި އެކަމަށް ކުރަންޖެހޭ ޚަރަދު ކުޑަކޮށް، ޕީއެންސީގެ ޖީބަށް ލުއިކުރުން ކަމަށެވެ.  
"ޙަޤީޤަތުގައި ދައުލަތުގެ ހަރަދު ކުޑަކުރަންށޭ ކިޔާފައި ކުރަން އެއުޅޭ ކަމަކީ ސަރުކާރު ހިންގާ ޕާޓީއަށް، ސަރުކާރަކަށް ވެސް ނޫން، ސަރުކާރު ހިންގާ ޕާޓީއަށާއި ރައީސުލްޖުމްހޫރިއްޔާގެ ޕާޓީއަށް ކެމްޕެއިންކުރަން ޚަރަދު ކުޑަކުރަނީ. އެ ކުރަން އެއުޅޭ ކަމަކީ އެއްފަހަރާ އެއްބުރުން، އެއްފަހަރާ ދެ ބާރު އެއް ކެމްޕެއިނަކަށް ހަރަދުކޮށްގެން ނަގަން ފަސޭހަކުރަނީ،" އީވާ ވިދާޅުވިއެވެ.
ސަރުކާރުގެ ނިޔަތާމެދު ސުވާލު އުފައްދާފައިވާ ފާޑުކިޔުންތެރިންގެ ވާހަކަތައް ގުގުމަމުން އީވާ އިތުރަށް ވިދާޅުވީ އިންތިޚާބަކީ ޑިމޮކްރަސީއެއްގެ އެންމެ މުހިންމު އަސާސްކަމަށާއި، އެއީ ރައްޔިތުންގެ އަތުގައި އޮންނަ ބާރެއް ކަމަށާއި، ފުރަތަމަ ޚަރަދު ކުޑަކުރާން ފަށަން ޖެހެނީ މިބާރު ހަނިކޮށްގެން ނޫންކަމަށެވެ. އޭގެ ބަދަލުގައި ގޮތެއް ބަލައި ނުލައި ވަޒީފާ އުފައްދައި، ބަހަމުންދާ ސަރުކާރު ކުންފުނިތަކާއި، ގިރިޓީ މަޝްރޫޢުތަކާއި، ހައްދެއްނެތި ޢައްޔަންކުރަމުންދާ ސިޔާސީ ޢައްޔަނީން މަދުކޮށްގެން ޚަރަދު ކުޑަކުރުން ވިސްނުން ބޭނުންތެރި ކަމަށް އޭނާ ވިދާޅުވިއެވެ. 
ސަރުކާރުގައި މިވަގުތު އެކަނިވެސް 400 އަށް ވުރެ ގިނަ ޑެޕިއުޓީ މިނިސްޓަރުން ތިބިއިރު އެއިން 30 މަޤާމު އުވާލިޔަސް 60 މިލިއަން ސަލާމަތްވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި މަޖިލިސް މެމްބަރު ޙަސަން ލަޠީފް ފާހަގަކުރެއްވިއެވެ. ކޮންމެ ޢީދަކަށް ސަރުކާރުން 50 މިލިއަން ޒީނަތްތެރިކުރުމަށާއި، ބޮކިފަތި ދެމުމަށާއި، ހަވާ އަރުވާން ޚަރަދު ކުރާކަންވެސް އެނޭވާގައި އޭނާ ފާހަގަކުރެއްވިއެވެ.
ޖެނުއަރީ މަހު މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން ހަނިމާދޫ ދާއިރާގެ މެންބަރު އަދި މިހާރު އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ކަމުގައި ހުންނެވި ޢަބްދުލްޣަފޫރު މޫސާ ވަނީ ލޯކަލް ގަވަރމަންޓް މިނިސްޓްރީގެ ޕަބްލިކް ވޯކްސް ޑިވިޝަނަށް 500 މުވައްޒަފުން ހޯދާން ނިންމާފައިވާކަން ފާހަގަކުރައްވާފައެވެ. ކުރީގެ ވެރިކަމުގައި ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތަށް ޚަަރަދުކުރީ 11 ބިލިއަން ރުފިޔާ ނަމަވެސް، އެމިންވަރު މިހާރު 17 ބިލިއަން ރުފިޔާއަށް އަށް ބޮޑުވެފައިވާ ކަންވެސް ފާހަގަކުރެއްވިއެވެ. 

ޑިމޮކްރެޓިކް ޖަވާބުދާރީވުން

މިދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުޢިއްޒު ވަނީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓު ލާން ނުކުންނަ މީހުންގެ މެދުގައި އޮތް 10 އިންސައްތައިގެ ފަރަގަށް ޢިޝާރާތް ކުރައްވާފައެވެ.  އެއްދުވަހު ދެ އިންތިޚާބު ބޭއްވީމާ ވޯޓުލާން ނުކުންނަ މީހުންގެ ނިސްބަތް ބޮޑުތަނުން އިތުރުވާނެ ކަމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 
ވެރިކަން ކުރާ ޕާޓީގެ އެހެން ލީޑަރުން ވަނީ މި ޙުއްޖަތް ތަކުރާރު ކުރައްވާފައެވެ. 
ދެ އިންތިޚާބު އެއްކޮށްލުމާ ދެކޮޅު  މީހުން ބުނަނީ އެއް ދުވަހަކު ވޯޓު ލާނަމަ، އެއް ޕާޓީއަކަށް ދެ އިންތިޚާބުގައި ވޯޓުލުން ގާތް ކަމަށާއި، މިކަމުގެ ސަބަބުން އަލަށް އިންތިޚާބުވާ ރައީސަކަށް ތަބަޢަވާ މަޖިލީހުގެ ސުޕަމެޖޯރިޓީއެއް ހޯދަން މިހާރަށް ވުރެ ފަސޭހަވެގެންދާނެ ކަމަށެވެ.
އަދި އެ ފަރާތްތަކުން ބުނަނީ ދެ އިންތިޚާބުގެ ދެމެދަށް މުއްދަތެއް ލާފައި އެވަނީ ޤަސްދުގައި ކަމަށާއި، އެއީ ޤާނޫނީ އަސާސީގެ އަސާސީ ބައްޓަމާއި، ފަރުމާގެ ބައެއް ކަމަށެވެ. 2008 ގައި ތަސްދީޤުކުރި ޤާނޫނު އަސާސީ އެކުލަވާލި ރައްޔިތުންގެ ޚާއްސަ މަޖްލިހުގައިހިމެނިވަޑައިގެންނެވި ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ އެޤާނޫނު އަސާސީ އެކުލެވި މެންބަރުން ޤަސްތު ކުރެއްވީ ރައްޔިތުންގެ މަޖިލިސް ހޮވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ޕާފޯމަންސް މިނެކިރުމުގެ ފުރުޞަތު ރައްޔިތުންނަށް ދިނުމަށް ކަމަށެވެ. 
"މީނައަކީ ޑިކްޓޭޓަރު ވައްތަރަށް ދާން އުޅޭ މީހެއްތޯ، ކިހިނެއްތޯ، މިއީ ވަޢުދު ފުއްދާނެ މީހެއްތޯ، މިއީ ކޮން ކަހަލަ ވެރިޔެއްތޯ ވިސްނާލަން ވެސް ޖާގަ ލިބެޔޭ. ހަތަރުފަސް މަސް ތެރޭ އަޞްލު ކުލަ ފެންނަން ފަށާނެ. އެ ކުލަ ފެނި މީނައަކީ ހިފަހައްޓަން ޖެހޭ މީހެއްކަން ނުވަތަ އިސްރާފުކުރާނެ މީހެއްކަން އެނގޭ ކަމަށްވަންޏާ ރައްޔިތުން ބޮޑަށް އިޚްތިޔާރު ކުރާނީ އޮޕޮޒިޝަނަށް ބޮޑަށް ބުރަވެ ތިބެ އޮންނަ މަޖިލީހެއް،" މާރިޔާ ވިދާޅުވިއެވެ.
ޤާނޫނު އަސާސީގެ ޑްރާފްޓިންގް ކޮމިޓީއަށް ފަންނީ ލަފާދެއްވުމުގައިވެސް ޙަރަކާތްތެރިވެ ވަޑައިގެންނެވި ޙަސަން ލަޠީފު ދެ އިންތިޚާބު ވަކިކޮށް، ދުވަސް މެދަށް ލާފައި ބާއްވާ ގޮތަށް ތާވަލުކޮށްފައިވަނީ ޤަސްދުގައިކަމަށް ހެކި ދެއްކެވުމުގެ ގޮތުން ޢިޝާރާތް ކުރެއްވީ މިނިވަން މުއައްސަސާތަކުގެ ދައުރުގެ މުއްދަތު ބަހާފައިވާ ޒާތަށެވެ. އެ މުއައްސަސާތަކުގެ މެންބަރުކަމުގެ މުއްދަތުތައް ހަމަވާ ގޮތަށް އޮތީ އެކީ އެކަކަށް ނޫނެވެ. އެކި ދުވަސްވަރު، އެކި މަޤާމުގެ ދުވަސް ހަމަވެ، އަލުން ނަގަން ޖެހޭ ގޮތަށެވެ. ނަތީޖާއަކީ ހުރިހާ މުއައްސަސާއެއްގެ ކޮންޓްރޯލް ސަރުކާރުގެ އަތަށް ނެގިޔަ ނުދިނުންކަމަށް ޙަސަން ލަޠީފު ވިދާޅުވިއެވެ. 
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވެސް ވާހަކަދެއްކެވީ ދެ އިންތިޚާބު އެއް ދުވަހަކަށް ހެދުމާ ދެކޮޅަށެވެ. އެގޮތުން ވެރިކަމަށް ވަޑައިގެން، ފުރަތަމަ ދުވަސްތަކުގައި ރައީސަކަށް ދަށް ނަތީޖާއެއް މެނުވީ ނުދެއްކެވުނު ނަމަ،  މަޖިލިހަށް އިދިކޮޅު މެންބަރުން ހޮވައިގެން ޖަވާބުދާރީ ކުރުވޭނެ ކަމަށާއި، އިންތިޚާބުތައް އެއްކޮށްލުމުން ރިޔާސީ ބާރުގެ މައްޗަށް ރައްޔިތުންނަށް މި އޮތް ޖަވާބުދާރީ އިޚްތިޔާރާއި ފުރުޞަތު ގެއްލޭ ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ. 
މިހުރިހާ ވާހަކައެއް މުޤާބިލުގައި ސަރުކާރުން ޢިޝާރާތް ކުރަނީ ފާއިތުވެ ދިޔަ ދެ އިންތިޚާބީ ދައުރުގައި؛ 2019 އަދި 2024 ވަނަ އަހަރު ގައިވެސް ރިޔާސީ އިންތިޚާބު ކާމިޔާބުކުރި ޕާޓީއަށް ޖެހިގެން އައި އަހަރުގެ އޭޕްރީލް މަހު ބޭއްވި މަޖިލިސް އިންތިޚާބުގައި ސުޕަމެޖޯރިޓީ ލިބިފައިވާ ކަމެވެ.
މިދިޔަ ހަފްތާގައި ރައީސް ޞާލިޙް އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން، ދެ އިންތިޚާބު އެއް ދުވަހަކަށް ހެދުމުގހެ ފެންނަ ނުފެންނަ ވޯޓު ސިފަކުރައްވާފައިވަނީ "ޤާނޫނު އަސާސީއަށް ގެންނަ ބަޣާވާތެއް" ކަމަށެވެ.ދެ އިންތިޚާބު އެއްކުރުމުގެ ފައިދާ އޮތީ ސަރުކާރަށް ކަމަށާއި، ވެރިކަން ހިންގާ ފަރާތް ޖަވާބުދާރީ ކުރުވުމުގެ ފުރުޞަތު މުޅިން ގެއްލި، ރައްޔިތުންގެ މަޖިލިސް ސަރުކާރު މަޖިލިހަށް ވެނިމި ދާނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. 

ދުސްތޫރީ ފަރުމާއާއި ބައިނަލްއަޤްވާމީ މިންގަނޑުތައް

ގާނޫނު އަސާސީ އެކުލަވާލި މީހުން ގަސްތުކުރީ އިންތިހާބު ވަކިން ބާއްވަންތޯ ނުވަތަ ނޫންތޯ މިވަނީ އެންމެ ބޮޑަށް ވާދަކުރާ އެއް ނުކުތާއަކަށް ވެފައެވެ. އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ބިލް މުރާޖައާ ކުރާ މަޖިލީހުގެ ކޮމިޓީގައި ވިދާޅުވީ ގާނޫނު އަސާސީ އެކުލަވާލިއިރު ދެ އިންތިހާބު ދުރުކޮށް ބެހެއްޓުމުގެ ވިސްނުމެއް ދުވަހަކުވެސް ނެތް ކަމަށެވެ. މިހާރު އޮތް ހަ މަސް ދުވަހުގެ ފަރަގަކީ ރިޔާސީ ޕާފޯމަންސް ވަޒަންކުރުމަށް އެކަށީގެންވާ މުއްދަތެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މާރިޔާ މިކަމާ ދެކޮޅު ހެދިއެވެ. "ބައްދަލުވަމުންދާ ކަންކަމަކީ ވަކި ދެ ކަމެއް،" ޝިދާތާ ވިދާޅުވި އެވެ. "އެކަކީ ދެ އިންތިހާބު އެއްކޮށް ބާއްވަންވީތޯ ނުވަތަ ނޫންތޯ. މިއީ ހަ މަސް، ހަތަރު މަސް، ދެ މަސް ދުވަހުގެ މަޝްވަރާއެއް ނޫން." އެކަމަނާ ވިދާޅުވީ ދެ އިންތިހާބު އެއްފަހަރާ ބޭއްވުމަށް ހާއްސަ މަޖްލިސްގެ މެންބަރުން ދުވަހަކު ވެސް މަޝްވަރާ ނުކުރާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަޙްމަދު ނާޒިމް ހުކުރު ދުވަހުގެ ރޭ ޕީއެންސީގެ ރެލީއެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ އިންޑޮނޭޝިއާ، ތުރުކީ، ސީޝެލްސް، އަދި ލެޓިން އެމެރިކާގެ ބައެއް ޤައުމުތަކުގައިވެސް އެއްދުވަހަކު ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު ބާއްވައި ކަމަށެވެ. 
މިހާރު ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބާ ދެމެދު އޮތް 6 މަސް ދުވަހުގެ ބުރަށް އެޅުނީ  2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ފަހު ޤާނޫނުތައް އެކުލަވާލުމުގައި ލަސްތަކެއް ވުމުން، 2009 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބު މެއި މަހަށް ފަސްކުރަން މަޖުބޫރުވިކަމުންކަން ނާޒިމް ހަނދާން ކޮށްދެއްވިއެވެ. "ދެ އިންތިޚާބު އެއްކޮށް ނުބޭއްވުމަކީ ދުވަހަކުވެސް ޤާނޫނު އަސާސީ އެކުލަވާލި މީހުންގެ ވިސްނުމެއް ނޫން،" އޭނާ ވިދާޅުވިއެވެ.

ސިޔާސީ ހަމަޖެހުން

ރައީސް މުޢިއްޒު އާއި ޕީއެންސީގެ ލީޑަރުން ގެންދަވަނީ މިހާރު މިއޮތް އިންތިޚާބީ ތާވަލަކީ ޤައުމީ އެއްބައިވަންތަކަމާއި ހަމަޖެހުމަށް އޮތް ހުރަހެއްގެ ގޮތުގައި ސިފަކުރައްވަމުންނެވެ. 6 މަސް ދުވަހުގެ ފަރަގެއްގައި ދެ ޤައުމީ އިންތިޚާބެއް ބޭއްވުމަކީ އެއްބައިވަންތަކަމަށް ބުރޫއަރާ ކަމެއް ކަމަށާއި، ސިޔާސީ ކެމްޕޭން ދިގުދެމިގެންދާ މުއްދަތުގެ ސަބަބުން ފުރަތަމަ 6 މަސް ދުވަހަށް ވެރިކަން ޕެރެލައިޒް ވެގެންދާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެއެވެ.
އެއްފަހަރާ ދެ އިންތިޚާބު ބާއްވައިގެން "ޤައުމަށް އަންނާނެ ސަލާމަތާއި ޞުލްޙަޔާއި ހަމަޖެހުމާ އެކު" އެއްބައިވަންތަކަމުގެ ނޭވާއެއް ލެވޭނެ ކަމަށް މެޖޯރިޓީ ލީޑަރު ފަލޙް އެޖަލްސާގައި ވިދާޅުވިއެވެ. އެމްޑީޕީ އިން މި އިޞްލާޙްތަކާ ދެކޮޅު ހެދީ މަޖިލީހުގެ ދައުރު ކުރުކޮށްފިނަމަ ޕާޓީގެ ދިހަވަރަކަށް މެމްބަރުންނަށް ހަ މަސް ދުވަހުގެ މުސާރަ ގެއްލޭނެތީ ކަމަށާއި، ސަރުކާރު ހިންގާ ޕާޓީގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ހެޔޮފުޅުކަމާއި، އިޚްލާޞްތެރިކަމުން އެ ހަ މަސް ދުވަހުގެ މުސާރަ ޤުރުބާން ކުރައްވާން ތައްޔާރަށް ތިިއްބެވި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން ތަކުރާރުކުރަމުންދާ އެއްބައިވަންތަކަމުގެ ޙުއްޖަތަށް ސީދާ ވާހަކަދައްކާފައެއް ނުވެއެވެ. އެކަމަކު އީވާ ޢަބްދުالله ފާހަގަކުރެއްވި ގޮތުގައި ހުށަހަޅާފައިވާ އިޞްލާޙްތަކަކީ އިދާރީ ގޮތުން ގެންނަ ކުޑަކުޑަ ބަދަލެއް ނޫންކަމަށާއި، ޤައުމުގެ މުޅި ޑިމޮކްރެޓިކް ނިޒާމު ތަރުތީބުވެފައިވާ ޠަބީޢަތަށް ގެންނަ ބަދަލެއް ކަމަށެވެ. 
ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް މުޢިއްޒު ވަނީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުން އެމަނިކުފާނުގެ ވެރިކަމަށް ހުރަސްއެޅި ކަން ފާހަގަކުރައްވާފައެވެ. އަދި ނަތީޖާއެއްގެ ގޮތުން ސަރުކާރުން ކުރާން ބޭނުންވި ކިތަންމެ ކަމެއް ފަހަށްޖެހުނުކަމާއި، އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާން އުޅުނުކަންވެސް ފާހަގަކުރެއްވި މެއެވެ.  
ރައީސް މުޢިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރަސްމީކޮށް މަޖިލީހަށް ހުށައަޅާފައި ނުވާ ނަމަވެސް، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ވޮޝިންގްޓަން ޕޯސްޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޤާނޫނު ހަދާ މަޖިލީހުގެ އަޣްލަބިއްޔަތު އޭރު އޮތް އެމްޑީޕީގެ މެންބަރުން ވަނީ 2024 ވަނަ އަހަރުގެ ކުރީކޮޅު ރައީސް މުޢިއްޒު މަޤާމުން ވަކިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް، އެމްޑީޕީ އާއި ޑިމޮކްރެޓުންނަށް ނިސްބަތްވެވަޑައިންނަވާ މަޖިލިސް މެމްބަރުންގެ ތާޢީދާއި ވޯޓު ހަމަކުރާން މަސައްކަތް ކޮށްފައެވެ. އަދި އެނޫހުން ހޯދާފައިވާ އެތެރޭގެ ލިޔުމެއް ބުނާގޮތުން، އިދިކޮޅުން ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތު ހޯދާން 40 މެމްބަރުންނަށް (އޭގެ ތެރޭގައި ރައީސް މުޢިއްޒުގެ އަމިއްލަފުޅު ޕާޓީގެ ބައެއް މެމްބަރުން ހިމެނޭ ގޮތަށް) ރިޝްވަތު ދިނުމަށެވެ. އެ މަސައްކަތް އެންމެ ފަހުން ރޫޅިގެން ދިޔައީ އެމްޑީޕީއަށް ނިސްބަތްވެވަޑައިންނަވާ 11 މަޖިލިސް މެމްބަރަކު ސަރުކާރު ހިންގާ ޕާޓީއަށް ބަދަލުވެގެންނެވެ. 
އިދިކޮޅު މެންބަރުންނާއި އެމްޑީޕީ އިން ވަނީ މިރިޕޯޓުތައް ދޮގު ކޮށްފައެވެ. ކުރީގެ މެމްބަރު ޢަލީ ޙުސެއިން ވިދާޅުވީ އިތުބާރު ނެތްކަމުގެ ވޯޓެއްގެ ތެރެއިން ރައީސަކު ޖަވާބުދާރީ ކުރުވުމަކީ، ނިޒާމު ފަރުމާކޮށްފައިވާ ގޮތަށް މަސައްކަތްކުރާ ކަމުގެ ހެއްކެއް ކަމަށެވެ. "ވެރިކަމަކީ ޙަޤީޤަތުގައި ފަސް އަހަރުގެ މުއްދަތަކަށް ރައްޔިތުން ދޭ ވަޒީފާއެއް. ވަޒީފާ ރަނގަޅަށް އަދާނުކުރާނަމަ، ރައްޔިތުންނާއި މަޖިލީހަށް އެކަން އިހުސާސް ކުރެވޭ ޙާލަތެއްގައި އޭނާ މަޤާމުން ވަކިކުރުމުގެ ޙައްޤު ރައްޔިތުންނާއި މަޖިލީހަށް ލިބިގެންވާ،" އޭނާ ވިދާޅުވިއެވެ. ނަމަވެސް ރައީސަކު އެބާވަތަށް އިތުބާރު ނެތްކަމަށް ފާސްކޮށް، ވަކިކުރާން ފަސޭހަ ނޫންކަމަށާއި، ޢަޒުލުކުރީމާ ސުޕްރީމް ކޯޓުން ފަރުވާ ހޯދުމުގެ ފުރުޞަތު އޮތްކަމަށްވެސް ޢަލީ ޙުސެއިން ވިދާޅުވިއެވެ. 

އެ ނޫން ގޮތްތައް

ސަރުކާރުން ހުށަހަޅާފައިވާ ގޮތުގެ ބަދަލު ގޮތްތަކެއް އިދިކޮޅު ބައެއް ފަރާތްތަކުން ހުށަހަޅައެވެ.
އެމްޑީޕީގެ އިސްތިޢުފާދެއްވި ޗެެއާޕާސަންފައްޔާޒު އިސްމާޢިލް ހުށަހެޅުއްވީ ރިޔާސީ ދައުރުގެ މެދުގައި ބާއްވާ އިންތިޚާބަކުން މަޖިލީހުގެ ދެބައިކުޅަ އެއްބައި މެންބަރުން އިންތިޚާބު ކޮށްފައި، ރިޔާސީ އިންތިޚާބާއެކު އެދުވަހު މަޖިލީހުގެ އަނެއް 50 އިންސައްތަ މެންބަރުން އިންތިޚާބު ކުރުމަށެވެ. މިއީ އެމެރިކާގައި ބާއްވާ މިޑް-ޓާމް އިލެކްޝަންސްގެ ބައްޓަމަަށް ފެތޭ ތާވަލެކެވެ. ރައްޔިތުންގެ މަޖިލީހުގެ ދެބައިކުޅަ އެއްބައި މެންބަރުން ހޮވާން ދައުރު މެދުން ފުރުޞަތު އޮތުމަކީ ސަރުކާރުގެ ޕާފޯމަންސަށް ރައްދު ދިނުމުގެ ފުރުޞަތު ގެއްލުވައިނުލާ ފަރުޖެއްސޭނެ ގޮތެއްކަމަށް ފައްޔާޒް އިސްމާޢީލް ދެކެވަޑައިންނަވައެވެ.
ނުވަތަ ފައްޔާޒު އިސްމާޢީލް އަދި މެންބަރު ޣަފޫރު ހުށަހަޅުއްވަނީ މަޖިލިސް އިންތިޚާބު ރިޔާސީ އިންތިޚާބާ އެއް ދުވަހަކަށް ހެދުމުގެ ބަދަލުގައި ރިޔާސީ އިންތިޚާބާއި ލޯކަލް ކައުންސިލް އިންތިޚާބު އެއްދުވަހަށް ހެދުން ރަނގަޅުކަމުގައި ބުނެފައެވެ. އެގޮތީ ރިޔާސީ އިންތިޚާބުގައިވެސް އަދި ކައުންސިލް އިންތިޚާބުގައި ވެސް މިހޮވަނީ ވަކި ވަޢުދުތަކެއް ފުއްދާން، ޕްރޮގްރާމްތަކެއް، މަޝްރޫޢުތަކެއް ތަންފީޛުކުރާން، އެގްޒެކެޓިވް ނުވަތަ ވެރިކަމުގެ ބާރު ހިންގާނެ މީހުންނެވެ. ރައްޔިތުންގެ މަޖިލިހަކީ މިއާ ޚިލާފަށް ވެރިކަމުގެ ބާރުތައް ޖަވާބުދާރީކޮށް، އެބާރުތަކަށް ފާރަވެރިވުމުގެ ޛިންމާ ޙަވާލުވާ ތަނެއްކަން އެދެބޭފުންވެސް ފާހަގަކުރައްވައެވެ.
މީގެއިތުރުން، ކޮންމެ 5،000 ރައްޔިތަކަށް މަޖިލިސް މެންބަރަކު ހުންނާނެހެން، ރައްޔިތުންގެ މަޖިލިހުގެ ގޮނޑީގެ ޢަދަދު އިތުރުވަމުންދާ ދިއުން ހުއްޓުވޭން އޮތްކަން ފާހަގަކުރައްވާ، ފައްޔާޒް އިސްމާޢީލް ވިދާޅުވަނީ ބޮޑެތި އިންތިޚާބީ ދާއިރާތަކުން ރަނގަޅު ފެންވަރުގެ މަޖިލިސް މެންބަރުން ނުކުތުން މާ ގާތްކަމަށެވެ. އަދި މިބަދަލަކީ މަޖިލީހުގެ ޖަވާބުދާރީ ކުރުވުމުގެ ދައުރު ފުޅާކުރުމުގެ ފުރުޞަތެއް ކަމަށެވެ. 
ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވިސްނުންފުޅު ފެބްރުއަރީ މަހުގެ ފަހުކޮޅު ބަދަލުކުރެއްވުމާ ހަމައަށް، ދެ އިންތިޚާބު އެއްކުރުމާ އެއްކޮޅު އިދިކޮޅު ލީޑަރަކަށް ހަމައެކަނި ހުންނެވި ބޭފުޅަކީ އޭނާއެވެ. "ކުރިއަށް އޮތް ފެންނަ ނުފެންނަ ވޯޓުގައި އަޅުގަނޑު މިހުރީ ޕާޓީގެ ނިންމުމަށް ތާޢީދުކޮށް، ނޫނެކޭ ބުނަން ތައްޔާރަށް،" އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އެހާރާއި މިހާރުގެ މެންބަރުން ހިމެނިވަޑައިންނަވާ ވަޓްސްއެޕް ގްރޫޕްގައި އޭނާ ލިޔުއްވާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ވިސްނުންފުޅުވެސް މިމައްސަލައިގައި ހާމަަކުރައްވާފައިވެއެވެ. އޭނާ ތާޢީދުކުރައްވަނީ ސަރުކާރުން އެދޭގޮތަށް، ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވާށެވެ. އޭނާ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ "ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާ ވޯޓު އޮންނަ ދުވަހު، މަޖިލީސް އިންތިހާބު ބޭއްވުމުން ފައިދާބޮޑީ ހުރިހާގޮތަކުން ވެސް ރައްޔިތުންނަށް،" ކަމަށާއި "ރައްޔިތުންގެ ޓެކްސް ފައިސާއިން 120މިލިއަންއަށް ވުރެ ގިނަ ފައިސާ ސަލާމަތްކުރެވުމާއި، އެފައިސާ ރައްޔިތުންގެ އެހެންބޭނުންތަކަށް ބޭނުންކުރުމަށް ފުރުޞަތު ލިބިގެންދިއުމާއި، މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ސިޔާސީ ޕާޓީތަކުން ކުރާ މަސައްކަތްތަކާ ގުޅިގެން ސިޔާސީ ނިޒާމުގައި މިހާތަނަށް އުފެދިފައިވާ ހަމަނުޖެހުންތަކާއި، އިންތިހާބާއި ގުޅުން ހުންނަ ކަމަށް ކުރެވޭ ކަރަޕްޝަންގެ ތުހުމަތު ތައް ވެސް މިކަމުގެ ސަބަބުން ކުޑަވެގެންދާނެކަމީ ޝައްކެތް އޮތް ކަމެއް ނޫން،" ކަމަށެވެ.

ވޯޓު ގަތުމާއި ޖަވާބުދާރީ ކުރުވުން

ވެސްޓްމިންސްޓާ ފައުންޑޭޝަން ފޯ ޑިމޮކްރަސީގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ދިވެހިރާއްޖޭގެ އިންތިޚާބުތަކުގައި ވޯޓު ގަތުމަކީ ނުހަނު ބޮޑަށް ފެތުރިފައިވާ ކަމެކެވެ. މަޖިލިސް ކެންޑިޑޭޓުން ކެމްޕޭންތަކަށް 2 މިލިއަނާއި 15 މިލިއަން ރުފިޔާއާ ދެމެދުގެ ޢަދަދަކަށް ޚަރަދުކުރާ ކަމަށް ތުހުމަތު ކުރެވެއެވެ.
އެކަށީގެންވާ ޑިމޮކްރެޓިކް ރައްކާތެރިކަމެއް ނެތި އިންތިޚާބީ ނިޒާމަށް ބަދަލުތައް ގެނައުމަށް އަވަސްވެގަތުމަކީ މިވިޔާނުދާ އާދަތައް އިތުރަށް ޢާންމުވެގެންދާނެ ކަމެއް ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން އިންޒާރު ދީފައި ވެއެވެ. އެގޮތުން އެކަށީގެންވާ މަދަނިއްޔަތުގެ ހޭލުންތެރިކަމާއި، ތަޢުލީމު އަދި ހާމަކަން ބޮޑުގޮތެއްގައި ފެންނަ ނުފެންނަ ވޯޓުގެ އިޖުރާޢީ އަދި އިދާރީ އިންތިޒާމުތައް ބެހެއްޓުން ބޭނުންތެރިކަން އެޖަމްޢިއްޔާއިން ފާހަގަކުރިއެވެ. ދެ އިންތިޚާބު ވެސް ވަރުގަދަ ބެލެހެއްޓުންތެރިކަމާއި ފާރަވެރިކަމުގެ ފިޔަވަޅުތަކެއް ނެތި ބާއްވާނަމަ ވޯޓު ގަތުމާއި، ދައުލަތުގެ ވަޞީލަތްތައް ހަމަހައިން ބޭނުންކުރުން މަދުވުމުގެ ބަދަލުގައި، އެތައް ގުނައެއް އިތުރުވެދާނެ ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން އިންޒާރުކޮށްފައި ވެއެވެ. 

މިނިވަން ނޫސްވެރިކަމަށް އެހީތެރިވުމަށް ޑޮނޭޓް ކޮށްދެއްވާ