ބައިބައިވެފައިވާ އިދިކޮޅުން ވޯޓުތައް ކަހާލައިފި

69 އިންސައްތަ ބުނީ ނޫނެކޭއެވެ. އެއީ އަދި ފެށުނު ހިސާބެވެ.

ކުރެހުމާއި ޑިޒައިން: ޑޮސެއިން

ކުރެހުމާއި ޑިޒައިން: ޑޮސެއިން

ހޮނިހިރު ދުވަހުގެ ލޯކަލް ކައުންސިލް އިންތިޚާބާއި ޤާނޫނު އަސާސީއަށް ގެންނާން ފެންނަކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ހުށަހެޅުއްވި ބަދަލާމެދު ނެގި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރާމެދު ރައްޔިތުން ދެކޭގޮތުގެ ސާފު ޚިޔާލު ހުށަހަޅައި ދީފިއެވެ. އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އެވަނީ ފަސް ސިޓީ ވެސް އެކީ އެކަށްހެން ނަގައިފައެވެ. ރާއްޖޭގެ ގިނަ ކައުންސިލުގެ މެޖޯރިޓީ ހޯދާފައެވެ. އަދި އެއް ދުވަހެއްގައި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު ބާއްވާން ސަރުކާރުން ހުށަހެޅި ހުށަހެޅުމަށް ބޮޑުތަނުން ފެއިލުކޮށްލާފައެވެ. 
މިއީ ވަގުތީ ނަތީޖާތަކުން ފާހަގަވާ ނުކުތާތަކެވެ. 

އާދަޔާ ޚިލާފު ބާރު އަޑަކުން ނޫނެކޭ!

މި އިންތިޚާބުގެ ނަތީޖާއަކީ މިހާތަނަށް ދިވެހިރާއްޖޭގައި ބޭއްވި ޤައުމީ ފެންވަރުގެ އިންތިޚާބެއްގައި  ނުކުތް އެންމެ ތަފާތު ބޮޑު ނަތީޖާއެވެ. ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްދުވަހަކު ބާއްވާން 68.73 އިންސައްތަ މީހުން ބުނީ ނޫނެކެވެ.  އާނއެކޭ ބުނީ އެންމެ 31.27 އިންސައްތަ މީހުންނެވެ. އަންގާރަ ދުވަހުގެ މެންދުރު ފަހުގެ ނިޔަލަށް އެއްކުރެވުނީ 588 ނަތީޖާ ޝީޓްގެ ތެރެއިން 583 ނަތީޖާ ޝީޓެވެ. ފެންނަ ނުފެންނަ ވޯޓުގައި، ވޯޓުލުމުގެ ނިސްބަތް ހުރީ 74.74 އިންސައްތައިގަ (ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 294،876 މީހުންގެ ތެރެއިން 220،402) އެވެ.
ޤާނޫނު އަސާސީއަށް ހުށަހެޅު ބަދަލުތަކަށް ފެންނަ ނުފެންނަ ވޯޓުގައި އާނއެކޭ ބުނީ ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރުންގެ ދަފްތަރުގައި ތިބި 74،000 މީހުންނަށްވުރެ ވެސް މަދުންނެވެ. އަދި ޕީއެންސީގެ ކައުންސިލްގެ އަޣުލަބިއްޔަތެއް އިންތިޚާބުވި ގިނަ ރަށްރަށުންވެސް ފެންނަ ނުފެންނަ ވޯޓުގައި ބުނީ ނޫނެކޭ އެވެ. 

ފެންނަ ނުފެންނަ ވޯޓުވީ ޕީއެންސީއަށް ބަރޯސީއަކަށް

ޕީއެންސީގެ އެތެރޭގެ މަސްދަރުތަކުން ވަނީ ފެންނަ ނުފެންނަ ވޯޓަކީ ސްޓްރެޓެޖިކް (އިސްތިރާޖީ) ގޮތުން ބަލާއިރު އެޅުނު "ޅައެއްޗެއް"ގެ ގޮތުގައެވެ. ސަރުކާރާމެދު ފެންނަ ނުފެންނަ ވޯޓަކަށް އާދައިގެ ލޯކަލް ކައުންސިލް އިންތިޚާބެއް ބަދަލުކޮށްލި ސުވާލަކަށެވެ. 
ފެންނަ ނުފެންނަ ވޯޓުގެ ސަބަބުން ވޯޓު ލާން ނުކުތް މީހުންގެ ޢަދަދު 75 އިންސައްތައަށް އަރާފައިވެއެވެ. އެހެންނޫނީ ލޯކަލް ކައުންސިލް އިންތިޚާބުތަކުގައި ވޯޓުލާން ނުކުންނަ އެވްރެޖު ނިސްބަތްހުރީ 62 އާއި 69 އިންސައްތައާ ދެމެދުގައެވެ. ޕީއެންސީގެ ލީޑަރުން ވަނީ އެ ޕާޓީ ބަލިވުމުގެ ޒިންމާ ކައުންސިލްގެ ވޯޓާ އެކު ފެންނަ ނުފެންނަ ވޯޓު ނެގުމުގެ ބޮލުގައި އަޅުވައިފައެވެ. ފެންނަ ނުފެންނަ ވޯޓުގައި އެއްފަހަރާ ދެ އިންތިޚާބު ދެކޮޅަށް، ޕާޓީތަކާއި ސިޔާސީ ޙަރަކާތުގައި މާބޮޑަށް ނޫޅޭ "ހިމޭން އަޣުލަބިއްޔަތު" ހިމެނޭ ގޮތަށް އެތައް ބަޔަކު ނޫނެކޭ ބުނާން ތެދުވިއެވެ. އަދި ސަރުކާރާމެދު ހުރި ހިތްހަމަނުޖެހުންތައް ބަންޑުން ކޮށްލިއެވެ.
"އޭގެ ނަތީޖާއަކީ މިއީ ސަރުކާރަށް އާނއެކޭ ނޫނީ ނޫނެކޭ ބުނާ ވޯޓަކަށް ބަދަލުވެގެން ދިޔައީ. ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ ފައިދާ އަށް ވުރެ ބޮޑަށް ފާޅުގައި ދައްކަން ފަސޭހަވީ އޭގެ ގެއްލުމުގެ ވާހަކަ. ރައްޔިތުންގެ ސިކުނޑި އަށް ވެސް ވައްދަން ފަސޭހަވީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ރައްޔިތުންނަށް ވާނެ ގެއްލުންތަކުގެ ވާހަކަ،" ޕީއެންސީގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅަކު "މިހާރު" ނޫހުގައި ވިދާޅުވިއެވެ
ފެންނަ ނުފެންނަ ވޯޓުގައި ނޫނެކޭ ބުނާން ނުކުތް މީހުން، ކައުންސިލްގެ އިންތިޚާބުގައިވެސް ސަރުކާރަށް ނުރުހުން ދައްކައި، އިދިކޮޅަށް އެވަނީ ވޯޓު ލާފައެވެ. 
"ދެ އިންތިހާބު އެއްކޮށްލުމުން ވާނެ ގެއްލުންތަކާއި އެ ރުޅިވެރިކަމުގައި ކައުސިލްތަކަށް ވެސް ގިނަ މީހުން ވޯޓު ދިން. ގިނަ މީހުންނަށް ޤަބޫލު ކުރެވުނީ އިންތިޚާބު މަދުވުމުން ސިޔާސީ މީހުން ގެއްލި ތަރައްޤީ ހުއްޓުނީއޭ. ދެން ސަރުކާރު ވެސް ގެއްލުނީއޭ ފަސް އަހަރު ވަންދެން،" ޕީއެންސީގެ އޮފިޝަލަކާ ޙަވާލާދީ ހަމަ އެނޫހުގައި ލިޔެފައި ވެއެވެ. 
ދައުލަތުގެ ކުންފުނިތަކުން ވަޒީފާ ބެހުމާއި، ޢުމްރާނީ މަޝްރޫޢުތައް އިޢުލާންކޮށް، އިފްތިތާޙްކުރުމުގެ ނަތީޖާ އިންތިޚާބުގެ ނަތީޖާއަކުން ނުފެނުނެވެ. އެއާޕޯޓެއް ހަދައިދޭނެ ކަމުގެ ވަޢުދުގައި ހއ ދިއްދޫއިން ބޮޑު ބިމެއް ހިއްކާފައި އޮތްއިރު، އެއް ގޮނޑި ފިޔަވައި ހުރިހާ ގޮނޑިއެއް ލިބުނީ އިދިކޮޅަށެވެ. 
އެންމެ ފަހު ވަގުތު ފޯރުވި "ހެޔޮފުޅު" ކަންތައްތަކުންވެސް ސަރުކާރަށް ފައިދާއެއް ނުވިއެވެ. ސަރުކާރުން 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކެއް އަނބުރާ ދައްކައި، މާލޭގައި އިލެކްޓްރިކް ޓެކްސީގެ ޚިދުމަތެއް ފަށައި، ގްރޭޓާރ މާލޭ ސަރަޙައްދުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަުގެ ބިންގާ އެޅިއެވެ. "މިސާލަކަށް އައްޑޫގައި ބޮޑު ކެމްޕެއިނެއް ޕީއެންސީ އިން ކުރި. އެކަމަކު ތަރައްޤީގެ މަޝްރޫޢުތައް ރައްޔިތުން އުންމީދުކުރި މިންވަރާ ގާތަށް ވެސް ނުހިންގުނު. ފުވައްމުލައް ވެސް އެހެން ގޮސް ގިނަ ރަށްތަކުގެ ޙާލަތަކީ އެއީ. އެހެން އެކަން އޮއްވައި އިންތިޚާބު ބޯމަތިވެފައި އޮއްވާ ކުއްލިއަކަށް ނިންމާ ޕޮލިސީ ނިންމުންތަކަށް ރައްޔިޔުންގެ އިތުބާރު ނެތީ ކަމަށް އަޅުގަނޑަށް ފެނުނީ،" ޕީއެންސީގެ އިސް އޮފިޝަލަކު "މިހާރު"ގައި އިތުރަށް ބުނެފައި ވެއެވެ.
ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވަނީ މި ނަތީޖާއަކީ ފުންކޮށް ވިސްނައި އިސްލާޙް ކުރުމުގެ ފުރުޞަތެއް ކަމަށް ދުށުމަށް ގޮވައިލައްވާފައެވެ. އަދި ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުން ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށް ސަރުކާރުން ކުރަންޖެހޭ އެންމެހާ ކަންކަން ކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ ދެއްވާފައި" ކަމަށާއި، "މި ސަރުކާރު ދެމި އޮންނާނީ ރައްޔިތުން އެދޭ ބަދަލުތަކާއެކު ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުމުގައި." ކަމަށް އޭނާ އެނޫހުގައި ވިދާޅުވިއެވެ.
ޚުދް ރައީސް މުޢިއްޒުވެސް ވަނީ ބަލި ޤަބޫލުފުޅުކުރައްވައި، ނަތީޖާއަށް އިޙްތިރާމް ކުރައްވައި، އިޞްލާޙު ކުރައްވާނެކަމަށް ވިދާޅުވެ، އެކްސް ގައި ޕޯސްޓު ކުރައްވާފައެވެ.

މާލެ ރާއްޖޭގެ އެވްރެޖަށްވުރެ ދަށް

1،367 ނަތީޖާ ޝީޓްގެ ތެރެއިން 1،362 ޝީޓު ހިސާބު ކުރެވިފައިވާއިރު، ވެރިރަށް މާލޭގެ ވާދަވެރި މޭޔަރުކަމުގެ ރޭހުގައި ވޯޓުލުމުގެ ނިސްބަތް ހުރީ 56.6 އިންސައްތައިގައެވެ. މިއީ ވޯޓުލާން ޤައުމީ ފެންވަރުގައި ނުކުތް މީހުންގެ 74.74 އިންސައްތަ އަށްވުރެ 18 އިންސައްތައިގެ ދަށްވުމެކެވެ. 
މިއީ ކުރިން މޯލްޑިވްސް އިންޑިޕެންޑެންޓުގެ ލިޔުންތަކުގައި ފާހަގަކޮށްފައިވާ މައްސަލައެކެވެ: 2024 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި މާލޭގެ ވޯޓުލުން ހުރީ ޤައުމީ އެވްރެޖަށް ވުރެ 13 އިންސައްތަ ފަހަތުގައެވެ. އާބަން-ރޫރަލް ޖޯޝުގެ ފަރަޤު ބޮޑުވަމުންދާ ކަމަށް ފެނެއެވެ.

ބައިބައިވެފައިވާ އެމްޑީޕީ އިން ހުރިހާ ސިޓީއެއް

މަޤާމުގައި މިހާރު ތިއްބެވި އެމްޑީޕީގެ މާލެ، އައްޑޫ، ފުވައްމުލަކު، ކުޅުދުއްފުށި އަދި ތިނަދޫގެ މޭޔަރުންވަނީ ގޮނޑި ދިފާޢުކުރައްވާފައެވެ. ދިވެހިރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ދިރިއުޅެނީ މި އާބަން ސެންޓަރުތަކެވެ. އެމްޑީޕީ އިން ވަނީ އައްޑޫ ސިޓީގެ ހުރިހާ ގޮނޑިއެއް ހިމެނޭހެން ސިޓީ ކައުންސިލްތަކުގެ ސުޕާރ މެޖޯރިޓީ ނަގާފައެވެ. 
ތިނަދޫ ސިޓީގެ އެމްޑީޕީގެ ކެންޑިޑޭޓް ސަޢުދު ޢަލީ ޕީއެންސީ އިން އޭނާއާ ވާދަކުރި މުޙައްމަދު އަޖީބު ބަލިކުރީ 47 ވޯޓުގެ ތަފާތަކުން (50.56 އިންސައްތައާއި 49.44 އިންސައްތައާ ދެމެދު) ނެވެ. ނަމަވެސް ދެން ހުރި މޭޔަރުކަމުގެ ގޮނޑިތައް ކާމިޔާބުކުރީ މާ ފަރަގު ބޮޑުކޮށެވެ. އެގޮތުން އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު 64.93 އިންސައްތަ (8،792 ވޯޓު) އާއި އެކު ކުރި ހޯއްދެވިއިރު، ވާދަވެރި ޕީއެންސީގެ މުޝްރިފް ޢަލީއަށް ލިބިވަޑައިގަތީ 31.45 އިންސައްތަ (4،259) ވޯޓެވެ. މިނިވަން ކެންޑިޑޭޓް މުޙައްމަދު އައްސާމް އަށް 3.61 އިންސައްތަ ލިބިވަޑައިގަތީ 489 ވޯޓާ އެކުގައެވެ. ފުވައްމުލަކު ސިޓީގައި މޭޔަރު އިސްމާޢީލް ރަފީޤަށް 63.95 އިންސައްތަ (4،968 ވޯޓު) ލިބިފައި ވާއިރު ޕީއެންސީގެ ޢަލީ މަޞީހު އަށް ލިބިފައިވަނީ 36.05 އިންސައްތަ (2،801 ވޯޓު) އެވެ.
އުތުރުން ކުޅުދުއްފުށި ސިޓީގައި 68.92 އިންސައްތަ (3،544 ވޯޓު) ހޯދައިގެން މިހާރުގެ މޭޔަރު މުޙައްމަދު ޢާޠިފް، 1،589 ވޯޓުން ފަހަތުގައި ހުރި ޕީއެންސީގެ ކެންޑިޑޭޓް އިބްރާހިމް ޙަސަން އަތުން ކުރި ހޯއްދެވިއެވެ. މިއީ އެންމެ ތަފާތު ބޮޑުކޮށް ކާމިޔާބު ކުރި މޭޔަރުކަމުގެ ގޮނޑިއެވެ. މޭޔަރު އާދަމް ޢާޒިމަށް ވޯޓު ދިން މީހުންގެ އަޣުލަބިއްޔަތު ނުލިބުނު ނަމަވެސް 45.11 އިންސައްތަ (13،906 ވޯޓު) ހޯއްދެވިއެވެ. ޕީއެންސީގެ ފަރާތުން އާދަމް ޢާޒިމާ ވާދަކުރެއްވި ރިޓަޔާޑް ޖެނެރަލެއް ކަމަށްވާ މޫސާ ޢަލީ ޖަލީލް އަށް ލިބިވަޑައިގެންނެވީ 30.42 އިންސައްތަ (9،378 ވޯޓު) އެވެ. އިދިކޮޅު އެހެން ކެންޑިޑޭޓުން – ކުރީގެ ރައީސް އަބްދުالله ޔާމީންގެ ޕީޕަލްސް ނޭޝަނަލް ފްރަންޓު (ޕީއެންއެފް)ގެ ތާޢީދު އޮތް އިސްމާޢީލް ޒަރިޔަންދަށް ލިބިވަޑައިގެންނެވީ 20.44 އިންސައްތަ (6،302 ވޯޓު) ވޯޓެވެ. ހަތަރު ވަނަ ހޯއްދެވީ ޢުމުރުން 27 އަހަރުގެ މިނިވަން ކެންޑިޑޭޓް އަޙްމަދު އައިހަމްއެވެ. އެއީ 2.90 އިންސައްތަ (892 ވޯޓު) އާ އެކުގައެވެ. އެންމެ ފުލަށް ދިޔައީ މޯލްޑިވްސް ޑެވަލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ޢަބްދުالله މަޙްޒޫމް މާޖިދެވެ. އޭނާއަށް ލިބިވަޑައިގަތީ 348 ވޯޓެވެ. 1.13 އިންސައްތައެވެ.
ސިޓީ ކައުންސިލްގެ 52 ގޮނޑީގެ ތެރެއިން ޕީއެންސީއަށް ލިބުނީ އެންމެ ހަ ގޮނޑި އެވެ. ސަރުކާރުގެ ކެމްޕެއިން މެޝިނަރީގެ ފުރިހަމަ ބާރާއި ނުފޫޒު އަދި ރައީސްގެ ޚާއްޞަ ފޯކަސްއެއް އޮތް ނަމަވެސް ސަރުކާރު ހިންގާ ޕާޓީއަށް އާބަން ސެންޓަރުތައް ގެއްލުނެވެ. މުޅި ރަމަޟާން މަހާއި ކެމްޕޭންގެ ފަހު ހަފްތާތަކުގައި ރައީސް މުޢިއްޒު ވެރިރަށް މާލޭގައި މަޑުކުރައްވައި، ގާތްގަނޑަކަށް ކޮންމެ ދުވަހަކު ދޮރުން ދޮރަށް ވަޑައިގެން، މޭޔަރާއި ކައުންސިލް މެންބަރު ކެންޑިޑޭޓުންނާއެކު ގެތަކަށް ޒިޔާރަތް ކުރެއްވިއެވެ. މާލޭގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ޖަގަހަތައް ހުޅުވުމަށްފަހު ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވަނީ އެހެން ސިޓީތަކަށް ވަޑައިގެންފައެވެ. އެންމެ ފަހު ކެމްޕެއިން ޙަރަކާތެއްގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ދެމަފިރިކަނބަލުންގެ އިސްވެ މާލޭގައި ހިނގާލުމެއް ބޭއްވިއެވެ. އިދިކޮޅު އެމްޑީޕީގެ މިފަދަ ހިނގާލުމަކަށް ވުރެ މީހުން މާ ގިނައެވެ
އެންމެ ފަހުން ވެރިކަމުގެ ދައުރެއްގެ މެދުތެރޭގައި ބޭއްވި އިންތިޚާބެއްގައި ވެރިކަންކުރާ ޕާޓީއަކަށް މާލެ ސިޓީ ގެއްލުނީ 2021 ވަނަ އަހަރު، އޭރުގެ ވެރިކަން ކުރާ އެމްޑީޕީއަށް ސިޓީ ކައުންސިލް އަޣުލަބިއްޔަތާއި މީހުން ގިނަ ދާއިރާތައް އިދިކޮޅު ފަރާތްތަކަށް ލިބުމުންނެވެ.

ޕީއެންސީ އިންވެސް ކޮންމެވެސް ވަރެއް ކުރި

ޕީއެންސީއަށް ލިބުނު އެއް ތަސައްލީއަކީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގިނަ ގޮނޑި އެޕާޓީއަށް ލިބިފައިވުމެވެ. އެމްޑީޕީ އިން ކައުންސިލް ގޮނޑީގެ އަޣުލަބިއްޔަތު ނެގީ ހަތަރު އަތޮޅު ފިޔަވައެވެ. ކައުންސިލް ގޮނޑިތަކުން ޕީއެންސީއަށް މޮޅުވީ 246 ގޮނޑިއެވެ. އެމްޑީޕީއަށް 247 ގޮނޑިއެވެ. 
މިނިވަން ކެންޑިޑޭޓުންނަށް 81 ގޮނޑި ލިބުނުއިރު، ރިސޯޓް ވިޔަފާރީގެ މަޝްހޫރު އަހުމަދު ސިޔާމް މުޙައްމަދުގެ އެމްޑީއޭ އަށް 10 ގޮނޑި ކާމިޔާބު ވިއެވެ. ދަ ޑިމޮކްރެޓްސް އަށް ދެ ގޮނޑި އަދި ޢަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީން ކޮންމެ ޕާޓީއަކުން އެއް ގޮނޑި ނެގިއެވެ.
ޕީއެންސީ އިން އެމްޑީޕީ އަށް ޢާންމުކޮށް ލިބޭ ދާއިރާތަކުން ކުރި ހޯދިއެވެ. އއ. އުކުޅަހުގެ ހުރިހާ ގޮނޑިއެއް ޕީއެންސީއިން ނަގައި، އަލަށް އެމްޑީޕިއަށް އެރަށުން ގޮނޑިއެއް ނުލިބި ދިޔައެވެ. މާފުށީ ކައުންސިލްގެ ރައީސްކަން ނެގީވެސް ޕީއެންސީ އިންނެވެ. ނަމަވެސް ޕީއެންސީ އިން ކުރިން ވަރުގަދަ ތަންތަނުން ވީ ބައްޔެވެ. މެމްބަރު އަޙްމަދު ޠާރިޤް ޖެހިޖެހިގެން ތިން ފަހަރު މަޖިލީހުގެ ގޮނޑި ކާމިޔާބުކޮށްފައިވާ އދ މަހިބަދޫގެ ކައުންސިލްގެ ރައީސްކަން އެމްޑީޕީ ކާމިޔާބުކުރީ 813 ވޯޓުންނެވެ. ޕީއެންސީގެ ކެންޑިޑޭޓަށް ލިބުނީ 609 ވޯޓެވެ.
ޕީއެންސީ އަށް ގިނައިން ކާމިޔާބުވީ 2،000 އަށް ވުރެ ދަށުގެ އާބާދީގެ ރަށްރަށުގަ އެވެ. އެހެން މީހަކު ވާދަނުކުރާތީ ވޯޓު ނުލާ އެކި ފަރާތްތަކަށް ކަށަވަރުވީ 33 ކައުންސިލް ގޮނޑިއާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 49 ގޮނޑިއެވެ.  މިއިން 28 ކައުންސިލް ގޮނޑިއާއި ޑަބްލިއުޑީސީގެ 41 ގޮނޑި ޕީއެންސީން ހޯދިއިރު، މިއީ ވާދަކުރުމަކާ ނުލައި ލިބުނު ގޮނޑިތަކުގެ 85 އިންސައްތައެވެ. ހަ ރަށެއްގެ ކައުންސިލް ރައީސްގެ ގޮނޑި ޕީއެންސީއިން ހޯދީ ވާދަވެރިކަމެއް ނެތިއެވެ. ލ މުންޑޫގައި މުޅި ކައުންސިލާއި ޑަބްލިއުޑީސީ އިން އިންތިހާބުވި ހަ މަޤާމު ވެސް ވަނީ ޕީއެންސީއިން ވޯޓަކައި ނުލައި ކަށަވަރުކޮށްފައެވެ. 
ކުދި ރަށްރަށުގައި ވާދަވެރިން ނެތުމަކީ އިއްތިފާޤެއްތޯ ނުވަތަ ވެރިކަމާއި ސަރުކާރާ ދެކޮޅަށް ތެދުވުމުގެ ޤާބިލުކަން ނެތީތޯ ކަނޑައެޅުމަކީ އުނދަގޫ ކަމެއް ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން އިންތިހާބުގެ ކުރިން ކުރި ރިވިއުގައި ފާހަގަކޮށްފައިވެއެވެ.

މޮޅުވީ އެމްޑީޕީ، އެކަމަކު އެމްޑީޕީއަށް ދިން ވޯޓެއްބާ؟

އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން ސަރުކާރަށް ލިބުނީ ސާފު ނާކާމިޔާބީއެކެވެ. ނަމަވެސް އެއީ އެމްޑީޕީގެ ކާމިޔާބެއްތޯ ސުވާލު އުފެދެއެވެ.
އިދިކޮޅުގެ ކެމްޕޭން ތަފްސީލީ ގޮތެއްގައި ދިރާސާކޮށް "އަދަދު" ނޫހުގައި ލިޔެފައިވަނީ، އިދިކޮޅު މައި ޕާޓީ އިންތިޚާބަށް ނުކުތީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު، ކުރީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް އަދި ޕާޓީގެ ރައީސް، ކުރީގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ ވަށައިގެން އެނބުރޭ ހަތަރު ފެކްޝަނަކަށް ބެހިފައި ތިބެގެންނެވެ. އެންމެ ފަހު ވަގުތު ރައީސް ޞާލިޙާއި ނަޝީދު އެކުއެކީގައި ކެމްޕޭންގެ ފަހު ހިނގާލުމަށް ނުކުމެވަޑައިގެން ތިއްބެވި މަންޒަރު ފެނުމުން ސަޕޯޓަރުންނަށް ލިބުނީ ކުއްލި ހިތްވަރަކާއި ޖޯޝެކެވެ. މި ހަތަރު ފެކްޝަންގެ ލީޑަރުން އެކުގައި މީން ދުވަހަކު ފެނިފައެއް ނެތެވެ. އެމްޑީޕީ އިން ހަތަރު ލީޑަރުން އެކުގައި ދަތުރުކުރާން އިންތިޒާމު ހަމަޖައްސައި، ތާވަލު ކުރި ނަމަވެސް، ހަތަރު ބޭފުޅުން އެކުވާ ގޮތް ނުވިކަމަށް، ޚަބަރުތައް ބުނެއެވެ. 
އެމްޑީޕީގައި ސާފު ސިޔާސަތުގެ ޕްލެޓްފޯމެއް ނެތުމުން ސާފު މެސެޖެއް ނުދެވުނެވެ. އެޕާޓީއިން މިއިންތިޚާބަށް ބޭނުންކުރީ "ހޭވައްލާ ތައްޔާރު" އެވެ. އެއީ ކޮން ކަމަކަށް ހޭވައްލާ ތައްޔާރުވީއެއް ކަމެއް ސާފެއް ނުވެއެވެ. ދިން މައިގަނޑު މެސެޖަކީ ސަރުކާރުގެ ވިޔާނުދާކަމާއި ރައީސް މުޢިއްޒުގެ ފީކަޅާކަމުގެ ވާހައެކެވެ. 
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރަކު "އަދަދު" ނޫހުގައި ވިދާޅުވީ އެ ޕާޓީ އިން ވިސްނައިގެން ތިބީ ހުރިހާ މޭޔަރުކަމެއް ކާމިޔާބު ކުރެވޭނެ ކަމަށް ކަމަށާއި، ނަމަވެސް ހުރިހާ ކައުންސިލެއް ކާމިޔާބުވާނެ ކަމަށް ނޫން ކަމަށެވެ.  "ލޯކަލް ކައުންސިލް ގެއްލޭނެ ކަމަށް ނިންމައިގެން އެމްޑީޕީއިން ތިބީ. ސިޓީ ކައުންސިލްތަކުގެ ވެސް މޭޔަރުން ފިޔަވައި އެހެން ގޮނޑިތައް ލިބޭނެ ކަމަށް އުއްމީދެއް ވެސް ނުކުރޭ،" އޭނާ އަދަދުގައި ވިދާޅުވިއެވެ. އެމްޑީޕީއށް މިހާ ބޮޑު ކާމިޔާބީއެއް ލިބުނީ އިދިކޮޅު ފަރާތްތަކުގެ ވަރުގަދަކަމަށްވުރެ ސަރުކާރުގެ މަޤްބޫލުކަން ނެތްކަމުންނެވެ. 
ފެންނަ ނުފެންނަ ވޯޓުގެ ކެމްޕޭން އެމްޑީޕީ އިން ހިންގި މިންވަރަށް އެހެނިހެން ފަރާތްތަކުންވެސް ހިންގާފައިވެއެވެ. ވަކީލުންނާއި ކުރީގެ ފަނޑިޔާރުންނާއި އިޤްތިޞާދީ މާހިރުންނާއި މަދަނީ ޖަމްޢިއްޔާ/ޖަމާޢަތްތަކާއި އެކްޓިވިސްޓުން އަމިއްލައަށް "ނޫނެކޭ" ކެމްޕޭނެއް އިންތިޒާމްކޮށް، ބަޙުޘެއް ހިމެނޭހެން ގިނަ މަސައްކަތްތަކެއް ހިންގާފައި ވެއެވެ. "އަދަދު" ނޫހުން ބުނީ އެމްޑީޕީގެ "ނޫނެކޭ" ކެމްޕޭނު ކޮމިޓީއިން އެއް ދުވަހު ޕްރެސް ކޮންފަރަންސެއް ބޭއްވުން ފިޔަވައި، މާބޮޑު އިތުރު ޙަރަކާތްތެރިކަމެއް އެކޮމިޓީއަކުން ނުފެނެއެވެ. 

މަޖްލިސްއާ ބެހޭ ޙުކުމެއް

93 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީގެ 75 ގޮނޑީގެ ސުޕަމެޖޯރިޓީ އޮންނަ އިރު، ދުސްތޫރީ އަދި ޤާނޫނީ ބަދަލުތަކެއް އަވަސް އަވަހަށް އަދި ޢާންމު މަޝްވަރާއެއް ނެތި، މިމަޖިލީހުން ދަނީ ގެންނަމުންނެވެ. 
ޤާނޫނު އަސާސީއަށް އިތުރު ކުރި އެންޓި ޑިފެކްޝަން މާއްދާތަކާއި، ޕާޓީ ބަދަލުކުރުން ހުއްޓުވުމާބެހޭ ޤާނޫނާއި މީޑިއާ ރެގިއުލޭޝަން ޤާނޫނާއި އަތޮޅު ކައުންސިލްތައް އުވާލުމާއި އިންތިޚާބުގެ ކުރިއަށް އޮތް އަހަރު ލޯކަލް ކައުންސިލްތަކުގެ ބާރު ހަނިކުރުންފަދަ ކިތަންމެ ބަދަލެއް ހިމެނެއެވެ.  
މީގެ ތެރެއިން ބައެއް ބިލްތަކާ ގުޅޭ ގޮތުން ޢާންމުންގެ މަޝްވަރާތައް ހުޅުވާލީ 24 ގަޑިއިރާއި 48 ގަޑިއިރާ ދެމެދުގެ ވަގުތަކަށެވެ. ޚުދު ފެންނަ ނުފެންނަ ވޯޓު ނަގާންޖެހޭ ދުސްތޫރީ ބަދަލުވެސް ޑްރާފްޓްކޮށް ފާސްކުރީ ދެ މަސް ދުވަހުގެ ތެރޭގައެވެ. ފެންނަ ނުފެންނަ ވޯޓުގައި އަހާނެ ސުވާލާ ގުޅޭގޮތުން ފެންނަ އަދި ނުއެންމެންގެ އެތެރެހަށީގައި އުފެދުނު ހިތާމަވެރި ކަރުނަތައް ދެ އަހަރާއި ބައިވަންދެން އޮބަހައްޓައިގެން ތިބުމަށް ފަހު، ހަތަރެއް އޭޕްރީލުގައި އެ ކަރުނަތައް އޮހޮރައިލީ ވޯޓު ކަރުދާހަށެވެ. އާއެނކެވެ. އެއީ ޔާމީނަށް އިހާނެތިކޮށް ހިތީތީއެވެ." އޭނާ ލިޔުއްވިއެވެ.  
"ނަތީޖާއަކީ މި ދެންނެވި އެންމެންގެ ނުރުހުމުގެ "ހިމޭން އަޑު" ވޯޓު ކަރުދާހުން އިއްވައިދިނުމެވެ. އެ "ހިމޭން އަޑު" މިއަދު އެ މަނިކުފާނަށް އިއްވަވައިދެއްވައިފައި އެ ވަނީ "ހޮނު ގުގުރިއެއް" ފަދައިންނެވެ." އޭނާ އިތުރަށް ލިޔުއްވާފައި ވެއެވެ.
އެއް ދުވަހެއްގައި ދެ އިންތިޚާބު ބޭއްވުމަށް ޤާނޫނު އަސާސީއަށް ބަދަލު ގެންނާން 71 މެންބަރުން ގަނޑުކޮށް ވޯޓު އަޅައި، ފާސްކުރީ ފެބްރުއަރީ ގައެވެ. އެމްޑީޕީގެ 12 މެންބަރުން އެޖަލްސާ ބޮއިކޮޓް ކުރިއެވެ. 
އޭގެ ފަހުން ބައެއް ކޮމެންޓޭޓަރުން ވަނީ 69 އިންސައްތަ މީހުން ދުސްތޫރީ ބަދަލަށް، ފެންނަ ނުފެންނަ ވޯޓުގައި ނޫނެކޭ ބުނުމަކީ ވެރިކަންކުރާ ޕާޓީގެ ސުޕަމެޖޯރިޓީ އިން ދުސްތޫރީ ބަދަލުތައް އަވަސް އަރުވާލައިގެން ގެނައުމުގެ މެންޑޭޓެއް ނެތް ކަމުގެ ދަލީލެއް ކަމަށް ބުނެފައެވެ. ވަކީލު އަދި ކުރީގެ މެމްބަރު ޢަލީ ޙުސެއިން ވިދާޅުވި ފަދައިން: "މިއީ މެމްބަރުން މިނިވަންވާންވީ ވަގުތު. މިހާރު އެއްވެސް މެމްބަރަކު ކަންބޮޑުވާންޖެހޭ ކަމެއް ނެތް." އެވެ. 
"ދައުރު" ނޫހުގެ އެޑިޓަރު މޫސާ ލަޠީފް ލިޔުއްވާފައިވަނީ މިނެގި ފެންނަ ނުފެންނަ ވޯޓަކީ ޤާނޫނު އަސާސީގެ ދިފާޢުގައި ސީދާ ޢާންމުން ތެދުވެ، ވާހަކަ ދެއްކި ފުރަތަމަ ފަހަރު ކަމަށެވެ. "އެކަމަކު އެ ސުޕަ މެޖޯރިޓީއަކީ ބައެއް ނޫންކަން ދިވެހިން ބުނެދީފި އެވެ." އޭނާ ލިޔުއްވާފައި ވެއެވެ. ޕީއެންސީގެ އިސް ފަރާތަކުން ވޯޓުލުމުގެ ކުރިން ވާހަކަ ދައްކަވަމުން ވިދާޅުވިކަމަށް މޫސާ ލަޠީފު ލިޔުއްވަނީ: "'ރައީސް އެ އުޅެނީ މާތްﷲ ދެއްވި ފަސް އަހަރު ބާއްވާފައި ނުދެއްވާ ފަސް އަހަރު ހޯދާށެ'ވެ. އެމްޑީޕީގެ ބޭފުޅެއް ނޫނެވެ. ޕީއެންސީގެ ހަރު، ނުފޫޒު ގަދަ ބޭފުޅެކެވެ. ތައުލީމީ ބޭފުޅެކެވެ." 

މިނިވަން ނޫސްވެރިކަމަށް އެހީތެރިވުމަށް ޑޮނޭޓް ކޮށްދެއްވާ