ރަނގަޅު ފެށުމެއް، އެކަމަކު ޙައްލެއް ނޫން - މިފްކޯއިން ބޮޑު ކަންނެލި ގަންނަން ފަށައިފި

ގަންނަނީ އަމިއްލަ ފަރާތްތަކުން ނުގަނެ ބާކީވާ މަސް އެކަނި.

ކުރެހުމާއި ޑިޒައިން: ޑޮސެއިން

ކުރެހުމާއި ޑިޒައިން: ޑޮސެއިން

19 ޖެނުއަރީ

ވެގެން އުޅެނީ ކިހިނެއް ހެއްޔެވެ؟

ދައުލަތުގެ 100 އިންސައްތަ ޙިއްސާ އޮންނަ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބޮޑު ކަންނެނި ގަންނާން ފެށީ 10 ޖަނަވަރީވީ ހޮނިހިރު ދުވަހުއެވެ. އެ ކުންފުނީގެ ކަނޑުއޮއްގިރި ފެސިލިޓީ އިން ބޮޑު ކަންނެލި ގަންނާން ފެށީ، 15 ކިލޯއަށް ވުރެ ބޮޑު ނަމަ ކިލޯއަކަށް  25 (1.6 އެމެރިކާ ޑޮލަރު) ރުފިޔާގެ ރޭޓުންނެވެ. މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރ ފަރުޙަތު ޝަހީރާއެކު 11 ޖަނަވަރީ ވީ އާދީއްތަ ދުވަހު އެރަށަށް ޒިޔާރަތް ކުރެއްވި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް މިކަން ސިފަކުރެއްވީ "ރަނގަޅު ފެށުމެއް" ގެ ގޮތުގައެވެ. 
މިއީ މަސްވެރިންގެ ދުވަހު މާލޭ ފަޅު ބޭރު، ކަނޑުމަތީގައި މުޒާހަރާ ކުރި ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ ޑިމާންޑުތަކުގެ ތެރެއިން މައިގަނޑު އެއް ޑިމާންޑު ފުއްދައިދޭން ސަރުކާރުން އެޅި ފިޔަވަޅެކެވެ.
އެކަމަކު މުޒާހަރާ އިންތިޒާމްކުރި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ޚަޒާންދާރު މުޙައްމަދު ރަޝީދު 'ގަލީ' ވިދާޅުވީ "ރަނގަޅެއް ފެށުމެއް" ކަމަށް މިނިސްޓަރ ޝިޔާމްގެ ސިފަ ކުރެއްވި ކުރެއްވުމަކީ އޮޅުވާލެއްވުމެއް ކަމަށެވެ. 
"މިފްކޯއިން ބޮޑު ކަންނެލި ގަންނަން ފަށާފައިވާ ކަމަށް ބުނުމަކީ ތެދު، ރަނގަޅު ވާހަކައެއް ނޫން،" މޯލްޑިވްސް އިންޑިޕެންޑެންޓަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވިއެވެ. "އެމީހުން ގަންނަން ފަށާފައިވަނީ ރިޖެކްޓް ޔެލޯފިން - އެއީ އެކްސްޕޯޓް ކޮލިޓީ ސްޓޭންޑަޑްތަކަށް ނުފެތޭތީ ނުވަތަ އަމިއްލަ ފަރާތްތަކުން ގަނެގަނެފައި ދެން އިތުރަށް ނުގަނެވިގެން ބާކީވާ ރިޖެކްޓް މަސް އެކަނި،" ގަލީ ތަފްޞީލު ދެއްވިއެވެ.
އަމިއްލަ ފަރާތްތަކުން މިހާރު ގަންނަނީ ހަމައެކަނި އޭ ނުވަތަ ބީ ގްރޭޑްގެ ބޮޑު ކަންނެލި ކަމަށާއި، އެފަރާތްތަކުން ސީ ގްރޭޑް ގަންނަނީ މަސްވެރިކަން ދަށްވެ، އެނޫން ގޮތެއް ނެތޭ ދުވަސްވަރުވަރުގައި ކަމަށް ގަލީ ކިޔައިދެއްވިއެވެ. އެހެންވީމާ މިހާރު މިފްކޯއިން ގަންނަ ބޮޑު ކަންނެއްޔަކީ އެކްސްޕޯޓުކުރާން ކަމުދާ ވަރަށްވުރެ ދެރަ ބޮޑު ކަންނެއްޔެވެ. 
މިއީވެސް "ރަނގަޅު އިސްނެގުމެއް" ކަމަށް ގަލީވެސް ޤަބޫލުކުރައްވައެވެ. ނަމަވެސް މިފްކޯއިން ދޭން އެއްބަސްވަނީ ޔޫނިއަނުން ޑިމާންޑްކުރި އަގަށް ވުރެ މާ ދަށް ރޭޓެކެވެ. "އަޅުގަނޑުމެންގެ ޑިމާންޑްތައް ފުއްދައިދޭނެ ވަޞީލަތްތައް ނެތް ނަމަވެސް ފެންނަމުން މިދަނީ ކޮންމެވެސް ގޮތަކުން ޑިމާންޑުތަކަށް އިޖާބަދެވޭތޯ މަސައްކަތް ކުރާ ތަން. އެހެންވީމަ ހިނގާ ބަލަމާ، އުންމީދުކުރަމާ މެއި ނުވަތަ ޖޫން މަހުގެ ތެރޭގައި އެކަން ކުރެވޭނެ ކަމަށް." ގަލީ ވިދާޅުވިއެވެ.
މިފްކޯއިން ކުދި އަދި ރިޖެކްޓް ބޮޑު ކަންނެލި ނަމަވެސް ގަތުމަކީ "ރަނގަޅު ފެށުމެއް" ކަމަށް ބުނެ ބޮޑު ކަންނެލި ޔޫނިއަނުން މަރުޙަބާ ކިޔާފައެވެ. އެހެނެއްކަމަކު، ރައީސް ޑރ މުޙައްމަދު މުޢިއްޒު އަޞްލު ވަޢުދުފު ވީ ގޮތަށް، އެ ހަމައިން އެކަން ކުރާން ޔޫނިއަނުން ގޮވައިލިެއެވެ. އެއީ ހުރިހާ ބޮޑު ކަންނެއްޔެއްވެސް ކިލޯއަކަށް 80 އާއި 100 ރުފިޔާއާ ދެމެދު މިފްކޯއިން ގަތުމެވެ.

މިކަން މިހާ މުހިންމީ ކީއްވެ ހެއްޔެވެ؟

މިފްކޯ އިން އެންމެ ކުރިއްސުރެ ގަނެ، ޕްރޮސެސްކުރަނީ ހަމައެކަނި ކަޅުބިލަ މަހެވެ. ބޮޑު ކަންނެލީގެ މަސްވެރިން ބަރޯސާވެފައި ވަނީ އަމިއްލަ މަދު އެކްސްޕޯޓަރުންގެ މައްޗަށެވެ. މަސްވެރިން ބުނަނީ މި ފަސް ހަ ކުންފުނިން ގުޅިގެން މަހުގެ ހަމަ އަގު އޮބަހެއްޓުމުގެ ބާރު ސަކާކޮށްފައިވާ ކަމަށެވެ. ދައުލަތުގެ މަސް ކުންފުނިން ބޮޑު ކަންނެލީ ވިޔަފާރިއަށް ވަނުމަކީ މަސްވެރިން އެކަމަކަށް އެދިއެދި ތިބޭތާ އަހަރުތަކެއް ވެފައިވާ ކަމަކެވެެ.

މިކަމަށް މެދުވެރިވީ ކޮން ސަބަބުތަކަކާ ހުރެ ހެއްޔެވެ؟

ޑިސެމްބަރު 10 ވަނަ ދުވަހުގެ މަސްވެރިންގެ ދުވަހު ބޮޑު ކަންނެލި ޔޫނިއަނުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ޙަރަކާތުގައި 50 އަށް ވުރެ ގިނަ ބޮޑު ކަންނެލި މަސްވެރިކަމުގެ އޮޑިދޯނިފަހަރާއި، ފަޅުވެރިން މާލޭގެ އުތުރު ފަޅު ބޭރުގައި ބަނދަރު ކުރިއެވެ. މަސްވެރިން ހުށަހެޅީ ތިން ޑިމާންޑެކެވެ؛ ސަރުކާރު މަސް ކުންފުނިން ބޮޑު ކަންނެލި ގަންނާން ފެށުމާއި، ކިލޯއަކަށް 80 އާއި 100 ރުފިޔާއާ ދެމެދުގެ އަގު ދިނުމާއި، ފިއުލް ސަބްސިޑީ ދިނުމެވެ. އެ ތިން ޑިމާންޑަކީވެސް ރައީސް މުޢިއްޒުގެ ކެމްޕެއިން ވަޢުދުފުޅުތަކެވެ. 
އިޙްތިޖާޖާ ގުޅިގެން ކޯސްޓްގާޑާއި ފުލުހުންގެ ލޯންޗުފަހަރު ވަނީ ވެރިރަށް މާލެއަށް ވަންނަ މައި ނެރު ބަންދުކޮށްފައެވެ. ވިދިގެން އަދި ދުވަހު ފުލުހުންގެ އޮފިސަރުން މުޒާހަރާގައި ބައިވެރިވާ އުޅަނދަކަށް ފުލުހުން އަރައި މުޒާހަރާގެ ލީޑަރުންނާއި އެތައް ދޯންޏެއްގައި މަސައްކަތް ކުރާ ބިދޭސީ ފަޅުވެރިން ގަދަކަމުން ހައްޔަރުކުރިއެވެ. އަދި ތިން ދޯންޏެއްގެ ކޮންޓްރޯލް ނަގައި، ދޯނިތަކާއި ފަޅުވެރިން ދޫނިދޫ (މާލޭ ހުޅަނގު އުތުރުން އޮތް ޖަލު ރަށް) ގެ ފަޅަށް ގެންގޮސް ދޫކޮށްލީ ދެތިންގަޑިއިރު ފުރިޔަނުދީ ހިފަހައްޓާފައެވެ. 
އެކަމަކު 20 އަށް ވުރެ ގިނަ އޮޑިދޯނި ހަފްތާއެއްހާ ދުވަހު މާލޭ ކައިރީގައި މަސްވެރިކަމަށް ނުނުކުމެ އިޙްތިޖާޖުގައި ބަނދަރުކޮށްފައި ތިބުމުން، އާމްދަނީގެ ގޮތުގައި 200،000 ރުފިޔާއާ ހަމައަށް ދޯންޏަކަށް ގެއްލުނެވެ. ހަޅުތާލު މެދުކަނޑާލީ ދޯނީގެ ކެޕްޓަނުންނާއި ޔޫނިއަންގެ މަންދޫބުން ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމްއާ އެކު ފަސް ގަޑިއިރުގެ ބައްދަލުވުމެއް ބާއްވައި، ޑިމާންޑުތައް ފުއްދާން 2 ހަފްތާގެ މުއްދަތަކަށް މިނިސްޓަރ އެދިވަޑައިގަތުމުންނެވެ. 

މިފްކޯ އަކީ ކޮން ތަނެއް ހެއްޔެވެ؟

ސަރުކާރުގެ މަސް ކުންފުނި މިފްކޯ އުފެއްދީ 1993 ވަނަ އަހަރެވެ. ފިޝަރީޒް ޕްރޮޖެކްޓްސް އިމްޕްލިމެންޓޭޝަން ޑިޕާޓްމަންޓު – އިލްޔާސް އިބްރާހިމަށް އިނގިލި ދިއްކުރެވޭ މަޝްހޫރު މަސް އެކްސްޕޯޓު ޚިޔާނާތުގެ ތެރެއިން އުފަންވި ކުންފުންޏެކެވެ. މިފްކޯގެ މަސް ކިރާ ބޯޓުފަހަރާއި، އައިސް ޕްލާންޓްތަކާއި، ފެލިވަރު އަދި ކޫއްޑޫގެ މަސް ފެކްޓަރީ ބިނާކޮށްފައިވަނީ ކަޅުބިލަ މަހަށް އަމާޒުކޮށްގެންނެވެ. 
މަސްވެރިކަމުގެ ސިނާޢަތު ހުޅުވާލުމަށް ވޯލްޑް ބޭންކުން ގެންދިޔައީ ބާރު އަޅަމުންނެވެ.  2000 ވަނަ އަހަރު މިފްކޯ ރޫޅައިލާ ބައެއް ރައުސުލްމާލާއި މުދާ ނީލަމުގައި ވިއްކާލިއެވެ. އެކަމަކު "އިތުރަށް ޕްރައިވެޓައިޒް ކުރުމަށް" ވޯލްޑް ބޭންކުން ދިން ލަފަޔަށް ކުޑަވެސް ފަރުވާލެއް ނުބެހެއްޓިއެވެ. 2014 ގައި އަލުން މިފްކޯގެ މަސް ފެކްޓަރީތައް އެއް ފުރާޅެއްގެ ދަށަށް ގެނައެވެ. ދަރަނިވެރިވެފައިވާ އެކުންފުނި އެނބުރި ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ބެލެނިވެރިކަމުގެ ދަށަށް ގެއައީ 2016 ގައެވެ. 

ކަނޑުއޮއްގިރި އަކީ ކޮން ތަނެއް ހެއްޔެވެ؟

ހުޅުމާލޭގެ އުތުރުގައި އޮންނަ ކުޑަ ރަށެއްކަމަށްވާ ކަނޑުއޮއްގިރި، ނިމިދިޔަ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ދުވަސްވަރު ޚާއްޞަކޮށް ތަރައްޤީކުރީ ބޮޑުކަންނެލި ޕްރޮސެސް ކުރުމަށެވެ. މި ފެސިލިޓީ ބިނާކޮށްފައިވަނީ މިފްކޯގެ ކޯލްޑް ސްޓޯރޭޖެއްގެ ގޮތުގައި ޚިދުމަތް ދިނުމަށާއި އަމިއްލަ ކުންފުނިތަކަށް ބޮޑުކަންނެލި ޕެކޭޖްކޮށް ޕްރޮސެސް ކުރުމަށް ޖާގަ ދިނުމަށެވެ. އެއީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ސަރުކާރު ބަދަލުވިއިރު ގާތްގަނޑަކަށް އޮޕަރޭޝަނަލް ވެފައިވާ ތަނެކެވެ.
އެކަމަކު ރައީސް މުޢިއްޒުގެ ވެރިކަމުގައި އެ ރަށް ޢަސްކަރިއްޔާއާ ޙަވާލުކުރީ 2024 ވަނަ އަހަރުގެ އޮގަސްޓް މަހުގައެވެ. އެ ނިންމުން މިދިޔަ ސެޕްޓެމްބަރު މަހު ބާޠިލުކުރިއެވެ. އަނެއްކާވެސް ކަނޑުއޮއްގިރި މިފްކޯއާ ޙަވާލުކުރީއެވެ. މިހާރު އަނެއްކާވެސް އެރަށުން ބޮޑުކަންނެލި ގަނެއެވެ. ކަޅުބިލަމަސް ވެސް ގަނޭމެއެވެ.
ކަޅުބިލަ މަހާއި ބޮޑު ކަންނެލި މަސްވެރިކަމުގެ ތަފާތަކީ ކޮބާ ހެއްޔެވެ؟
ކަޅުބިލަ މަސް ބާނަނީ ދޮށީގައެވެ. ބޮޑު ކަންނެލި ބާނަނީ ނަނުގައެވެ. ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އޮޑިފަހަރުގެ ބޮޑު ބައި ޙިއްސާ ކުރަނީ ކަޅުބިލަ މަހުގެ މަސްވެރިކަމެވެ. މިއަހަރުގެ ބަޖެޓުގައިވެސް ކަޅުބިލަ މަސް ގަންނާން 500 މިލިޔަން ރުފިޔާ ޖަހާފައި އެބަ އޮތެވެ. ކަޅުބިލަ މަޖުގެ މަސްވެރިންނަށް ސަރުކާރު މަސްކުންފުނިން މަސް ގަންނާނެކަމުގެ ކަށަވަރު ކަން އޮވެއެވެ. ތެލުގެ ސަބްސިޑީ ލިބެއެވެ. ހިލޭ އައިސްވެސް ލިބެއެވެ. 

ބޮޑު ކަންނެލީގެ ސިނާޢަތު އެހެން މަގަކުން ދިޔައީ ކީއްވެ ހެއްޔެވެ؟

ބޮޑުކަންނެލީގެ މަސްވެރިކަން ހަލުވިކަމާއެކު ކުރިއަރާފައިވަނީ 2009 ވަނަ އަހަރަށް ފަހު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފުރަތަމަ ސަރުކާރުން އަމިއްލަ އިންވެސްޓަރުންނަށް އެ ދާއިރާ ހުޅުވާލުމުންނެވެ. 2008 ވަނަ އަހަރު 9،000 މެޓްރިކް ޓަނުގެ ބޮޑުކަންނެލި ބޭނި އިރު، 2012 ވަނަ އަހަރު 45،000 މެޓްރިކް ޓަނަށް އެޢަދަދު އުފުލިގެން ދިޔައެވެ. ބޮޑުކަންނެލި ގަތީ އެންސިސް އާއި ބިގް ފިޝް ފަދަ އަމިއްލަ ކުންފުނިތަކެވެ. އޭރަކު ދައުލަތުގެ މަސް ކުންފުނީގެ ދައުރެއް މިވިޔަފާރިއަކު ނެތެވެ. 
ބޮޑުކަންނެކި ބާނަނީ ގިނަ ދުވަސްތަކަކަށް ކަނޑުތަކަށް ނުކުމެ، ދުއްވައިގެންނެވެ. މި މަސްވެރިކަން ބަރޯސާވެފައި ވަނީ އަމިއްލަ ވިޔަފާރިވެރި ފަރާތްތަކުން މަސްގަތުމުގެ މައްޗަށެވެ. އެފަރާތްތަކުން ބޮޑުކަންނެލި ކިލޯއެއްގެ އަގު 80 ރުފިޔާއިން 15 ރުފިޔާއާ ހަމައަށް ތިރިކުރާ ކަމަށާއި،  ބައެއް ކުންފުނިތަކުން މަސްވެރިންނަށް 12 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަންވެފައި އޮތް ކަމަށް ބެލެވެއެވެ. 

ބޮޑުކަންނެލި މަސްވެރިންނަށް އެހެންތަނެއްގައި އެމަސް ނުވިއްކޭނީ ކީއްވެގެން ހެއްޔެވެ؟

ދާނެ އިތުރު ތަނެއް ނެތެވެ. މަސްވެރިކަން ރަނގަޅު ދުވަސްވަރުގައި 180 ޓަނަށް ވުރެ ގިނަ މަސް ބާނައިގެން، ހުޅުމާލޭ ބަނދަރުގައި ދޯނިފަހަރު ކިއު ހަދައިގެން ތިބޭން މަޖުބޫރު ވެއެވެ. އެމަސް ކިރުވާން 15 ނުވަތަ 20 ދުވަސް ބަނދަރުގައި ތާށިވެފައި ތިބޭން ޖެހެއެވެ. އެ މަޑުކުރާ ކުރުމުގައި އެތައް ފަހަރަކު އައިސް ގަންނާން ޖެހެއެވެ. މިއާ ޚިލާފަށް ކަޅުބިލަ މަސް ގަންނަ އެތައް ތަނެއް ހުރެއެވެ. 

ޙާލަތު ކިހާ ދެރައެއް ހެއްޔެވެ؟

ބޮޑުކަންނެލި އޮޑިފަހަރުގެ ޢަދަދު 300 އަށް ވުރެ ގިނަކޮށް އޮވެފައި މިހާރު ހުރީ 97 ގައެވެ. ދައުލަތް ޙިއްސާވާ ފެނަކަ ނުވަތަ ވެމްކޯ ފަދަ ކުންފުނިތަކުން މަސައްކަތެއް ނުކުރިޔަސް އެތައް ހާސް ބަޔަކަށް 15،000 ރުފިޔާގެ މުސާރަތައް ބަހަމުން ދަނިކޮށް، ބޮޑުކަންނެއްޔަށް ދާނެ ބަޔަކު ހޯދަން އުނދަގޫކަމަށް މަސްވެރިން ބުނެއެވެ. 
ދައުލަތް ޙިއްސާވާ ވިޔަފާރި ކުންފުނިތަކުން 2025 ވަނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް 37،000 އަށް ވުރެ ގިނަ މީހުން ވަޒީފާ ދީފައިވެއެވެ. ، 2024 ވަނަ އަހަރުގެ ކުރީކޮޅު މިޢަދަދު ހުރީ 33،284 ގައެވެ.

ސަރުކާރުން ދެން ވަޢުދުވީ ކޮންކަމަކަށް ހެއްޔެވެ؟

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ ފައިސާގެ އެހީގައި ހުޅުމާލޭގައި ބޮޑުކަންނެލި ޕްރޮސެސްކުރާން ޚާއްޞަކޮށްގެން ތައްޔާރުކުރާން ނިންމި ފެސިލިޓީއެކެވެ. ފިޝަރީޒް މިނިސްޓަރު ޝިޔާމް ވަނީ މިހިނގާ ޖަނަވަރީ މަހު، އެ ތަން އޢިމާރާތް ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވެފައެވެ. ރައީސް މުޢިއްޒު ކުރިން ނިމިދިޔަ އަހަރުގައި މަސައްޖަތް ފެށޭނެ ކަމަށް އޮތީ ވިދާޅުވެފައެވެ.

މައްސަލަގަނޑު ޙައްލުވެ، ނިމިއްޖެ ހެއްޔެވެ؟

މަސްވެރިން މިހާރު މުޒާހަރާއެއް ނުކުރެއެވެ. މިފްކޯ އިން ބޮޑުކަންނެލީގެ ވިޔަފާރީގެ ތެރެއަށް ވަނުމަކީ މަސްވެރިންގެ މައިގަނޑު ޑިމާންޑަށް ޙައްލު ލިބޭނެ ކަމެކެވެ. ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް 48 ގަޑިއިރުގެ ތެރޭގައި މަސް ކިރުވާފައި، ފައިސާ ދެމުންވެސް ދެއެވެ. 
އަޙުދުވި އަގު މަހަށް ދެވޭނެ ގޮތަކާ ދިމާލަށް ސަރުކާރުން ދާނީތޯ، އަލަށް ޤާއިމުކުރާން ބުނި ބޮޑުކަންނެލީގެ ޕްރޮސެސިންގް ފެސިލިޓީ ޙަޤީޤަތަކަށް ވާނެތޯ ނުވަތަ މިއީ ނުފުއްދޭ ހުސް ވަޢުދުތަކެއްތޯ އެނގޭނީ ކުރިއަށް އޮތް ތަނުގައި ސަރުކާރުން ޢަމަލުކުރާ ގޮތަކުންނެވެ. 

އެހެން ޙައްލުތަކެއް ހުށަހަޅާފައިވޭ ހެއްޔެވެ؟

އެމްޑީޕީގެ 2018 ވަނަ އަހަރުގެ މެނިފެސްޓޯގައި ހުށަހަޅާފައި ވަނީ "ގޭދޮށު މަސް ފެކްޓްރީ" – މުޅި ރާއްޖޭގައި ކުދިކުދި މަސް ޕްރޮސެސިންގް ޕްލާންޓްތަކެއް ޤާއިމުކޮށް، މަސް ކިރުވާން ކުރާ ދަތުރުގެ ޚަރަދު ކުޑަކުރުމެވެ. ރޯ މަސް ވިއްކުން މަދުކޮށް، ޕްރޮސެސްކޮށް، ވެލިއު އެޑް ކުރުމުގެ ލިޔާޤަތު އިތުރު ކުރުމެވެ. ނިމިދިޔަސް ރައީސް ޞާލިޙްގެ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވެސް މިކަން ހިމަނާފައި އޮތެވެ. ނަމަވެސް ޢަމަލީ ސިފައެއް ނުފެނެއެވެ. 

މިއަދު ދިވެހިރާއްޖެ މަސްވެރިކަން ކިހާ މުހިއްމެއް ހެއްޔެވެ؟

އިހުގައި މުހިންމުވީ ވަރަކަށް އަދަކު މުހިންމެއް ނޫނެވެ. މަސްވެރިކަމުން މިހާރު ޖީޑީޕީ (ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން) އަށް ޙިއްސާކުރަނީ ފަސް އިންސައްތައަށް ވުރެވެސް މަދު ޢަދަދެކެވެ. މައިގަނޑު އިޤްތިޞާދީ ސިނާޢަތަކީ މިހާރު ފަތުރުވެރިކަމެވެ. ކޮވިޑް-19 ގެ ކުރިން ރާއްޖެ އަށް 2019 ވަނަ އަހަރު މަސް އެކްސްޕޯޓު ކޮށްގެން 150 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާއިރު، އެ ޑިސެމްބަރު މަހު އެކަނިވެސް ފަތުރުވެރިކަމުން 330 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވެއެވެ.
އެކަމަކު މަސްވެރިކަމަކީ ޘަޤާފީގޮތުން ދިވެހިންގެ މަސައްކަތްތެރިކަމުގެ ތަރަހައެވެ. "މަސްވެރިކަން ކުރަނީ ފުރިހަމަ މިނިވަންކަމާއެކު ކަމަށާއި ކޮންމެ މީހަކަށްވެސް ބޭނުން ތަނަކުން، ބޭނުން ގޮތަކަށް މަސްވެރިކަން ކުރެވޭ،" ކަމަށް ފަރަންސޭސި ސައްޔާޙް  ފްރާންސޯ ޕިރާޑް ޑި ލަވަލް 1604 ވަނަ އަހަރު ދިވެހިރާއްޖެއާ ގުޅޭގޮތުން ލިޔުއްވާފައިވެއެވެ. 1881 ވަނަ އަހަރު 29،508 ޕައުންޑްގެ ހިކި މަސް ސިލޯނަށް ދިވެހިރާއްޖެއިން އެކްސްޕޯޓު ކުރިއެވެ. އޭރުގެ ރާއްޖޭގެ އާބާދީއަކީ 70،000 އެވެ. މިއަދު އަގުން ބަލާއިރު މިއީ 70،000 މީހުންނަށް 69 މިލިއަން ރުފިޔާ ލިބުމެވެ.

ސަރުކާރުން ކޮންމެހެން މަހުގެ ވިޔަފާރިއަށް ވަދެ، މަސް ގަންނަނީ ކީއްވެގެން ހެއްޔެވެ؟

20 ވަނަ ޤަރުނުގެ މެދުތެރެއާ ހަމައަށް ދިވެހި ދައުލަތުން މަސް ގަނެ، އެކްސްޕޯޓެއް ނުކުރެއެވެ. އެކަން ބަދަލުވީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރެވެ. ފުރަތަމަ ހަނގުރާމައިގެ ތެރޭގައި ކުރިމަތިވި ބަނޑުހައިހޫނުކަމުން އަރައިގަންނާން ސަރުކާރުން މަސް ވިޔަފާރީގެ ތެރެއއަށް ވަނީއެވެ. 1942 ވަނަ އަހަރު އުފެއްދި ދިވެހި ރައްޔިތުންގެ ބޮޑު އިސްޓޯރުން މަސް ހަންދަރެއް 30 ރުފިޔާއަށް ގަތެވެ. އޭރު މަސް ހަންދަރެއް ވޯރާއިން ގަންނާން އެއްބަސްވަނީ ބޮޑުވެގެން ހަތެއްކަ ރުފިޔާއަށެވެ. 
ދައުލަތުގެ ބައިވެރިވުން ފުޅާވީ 1970 ގެ އަހަރުތަކުގައި ޝްރީލަންކާއިން ދިވެހިރާއްޖޭގެ ހިކި މަހަށް ކަނޑައަޅާފައި އޮތް ކޯޓާ އުވާލުމުންނެވެ. އެހިސާބުން ޖަޕާނުގެ ހޮކޯ ފިޝިންގް ކޮމްޕެނީއާ ގުޅިގެން ސަރުކާރުން ތާޒާ މަސް ގަނެ، ފެލިވާރު މަސް ފެކްޓަރީ އެޅިއެވެ. 1980 ގެ އަހަރުތަކުގެ ކުރީކޮޅު ކަނޑުމަހުގެ އަގު ދަށްވުމުން ސަރުކާރުން ޖަޕާނުގެ މަސްކިރުވާ އުޅަނދުތަކާއި ފެކްޓްރީ ގަތީއެވެ. 2018 ވަނަ އަހަރުގެ ނިޔަލަށް ގަނޑުކުރި ކަނޑުމަހުގެ އެކްސްޕޯޓްގެ 73 އިންސައްތަ ޙިއްސާކުރީ ސަރުކާރު މަސް ކުންފުންޏެވެ. 

މިނިވަން ނޫސްވެރިކަމަށް އެހީތެރިވުމަށް ޑޮނޭޓް ކޮށްދެއްވާ