ޕެންޝަން ފަންޑުން ހޯދާ "ޙައްލު": ފައިސާ ޗާޕުކުރުމުގެ އަޑުތަކުގެ އަޞްލު

ކުއަންޓިޓޭޓިވް އީޒިންގްއަކީ ކޮބާ؟ 2.4 ބިލިޔަން ރުފިޔާގެ މުޢާމަލާތުގެ ޙަޤީޤަތަކީ ކޮބާ؟

ކުރެހުމާއި ޑިޒައިން: ޑޮސެއިން

ކުރެހުމާއި ޑިޒައިން: ޑޮސެއިން

29 އޮކްޓޯބަރު

ކުއަންޓިޓޭޓިވް އީޒިންގްއަކީ ކޮބާ؟ 2.4 ބިލިޔަން ރުފިޔާގެ މުޢާމަލާތުގެ ޙަޤީޤަތަކީ ކޮބާ؟

ސަރުކާރަށް ފައިސާ ބޭނުންވެއެވެ. އެހެންވީމާ މަރުކަޒީ ބޭންކް - މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޕެންޝަން ފަންޑުގެ އަތުން، އެފަންޑުން ގަނެފައިވާ 2.5 ބިލިޔަން ރުފިޔާގެ ޓްރެޜަރީ ބިލު ގަންނަނީއެވެ. އެމްއެމްއޭގެ ގަވަރުނަރަކަށް ހުރީ 2013 އިން 2018 އަށް މިހާރުގެ ވެރިކަން ޕާޓީ ވެރިކަމުގައި އޮތްއިރު، އެންމެ ފަހުން ފައިނޭންސް މިނިސްޓަރުގެ މަޤާމު އަދާކުރި މުނައްވަރެވެ. ޕެންޝަން ފަންޑުން ގަނެފައި ހުރި ޓްރެޜަރީ ބިލު އެމްއެމްއޭ އިން ގަތީމާ، އެފަންޑަށް އެމުޢާމަލާތުން ލިބޭ ފައިސާއިން އަނެއްކާވެސް އައު ބޮންޑު ގަންނަނީއެވެ. މުޢާމަލާތުގެ ޚުލާޞާއަކީ މިއެވެ.
ޤާނޫނުން މަނާކުރާ ކަމަށްޓަކައި އެމްއެމްއޭ އަށް ސީދާ ސަރުކާރަށް ލޯނު ދޫކުރެވެން ނެތަތީ، ޕެންޝަން ފަންޑު މެދުވެރިއަކަށް ބޭނުންކޮށްގެން ސަރުކާރުން ލޯނު ނަގަނީކަމަށް އިދިކޮޅުން ބުނެއެވެ. އެހެނީ އެމްއެމްއޭ އިން ޕެންޝަން ފަންޑަށް ފައިސާ ދެނީއެވެ. ދެން އެފައިސާ އެފަންޑުން ސަރުކާރަށް ދެނީއެވެ.

ސަރުކާރުން ބުނަނީ މިއީ ފައިސާ ޗާޕުކުރުން ނޫންކަމަށެވެ. ކުއަންޓިޓޭޓިވް އީޒިންގް ކަމަށެވެ.

ފަންނީ ނަޒަރަކުން މިކަމާމެދު ވިސްނާން ޖެހެނީ މިހިސާބުންނެވެ.
ކުއަންޓިޓޭޓިވް އީޒިންގްއަކީ ހުޅުވާލެވިފައިވާ ބާޒާރެއްގައި ބޭންކްތައް ގަނެފައިވާ ސަރުކާރުގެ ބޮންޑު، އެބޭންކް ތަކުގެ އަތުން ގަތުމެވެ. އެމެރިކާގެ ފެޑެރަލް ރިޒާވުން ނުވަތަ ޔޫރަޕިއަން ސެންޓްރަލް ބޭންކުން ކުއަންޓިޓޭޓިވް އީޒިންގް ހިންގާއިރު، ބޭންކްތަކާއި ފަންޑުތަކާއި އިންވެސްޓަރުންގެ އަތުގައި ހުންނަ ބޮންޑު ގަނެއެވެ. އޭރުން އެބޮންޑުތަކާ ވާ ފައިސާ އެފަރާތްތަކުގެ އަތްމައްޗަށް އަރައެވެ. އަދި އެފައިސާ އިން އެހެނިހެން އިންވެސްޓުމަންޓުތައް އެފަރާތްތަކުން ކުރެއެވެ.
ފައިސާ ޗާޕުކުރުމަކީ، އައު ނަގުދު ނޫޓު ޗާޕުކޮށްފައި، ނުވަތަ އިހުގައި ކިޔާ ހަމައިންނަމަ ފައިސާ ޖަހާފައި، އިޤްތިޞާދުގެ ތެރެއަށް ނެރުމެވެ. އެފައިސާ އިޤްތިޞާދުގައި ދައުރު ކުރުމެވެ.
ކުއަންޓިޓޭޓިވް އީޒިންގްގެ މައި މަޤްޞަދަކީ ވަގުތީ ގޮތެއްގައި، ޑީފްލޭޝަން (ޚިދުމަތާއި ތަކެތީގެ އަގު ނޭދެވޭ މިންވަރަށް ވެއްޓިގެން ދިއުން) ފަދަ ނުސިޔާނު ކަންކަން ހަންމަތަ ކުރުމެވެ. ސަރުކާރުގެ ބިލު ބޮނޑި ދެއްކުމާއި ޚަރަދު ހިންގުމާ ކުއަންޓިޓޭޓިވް އީޒިންގްއާ ސީދާ ގުޅުމެއް ނޯންނާނެ އެވެ.

ރާއްޖޭގެ މިޙާލަތުގައި ކުއަންޓިޓޭޓިވް އީޒިންގްއަށް ނުފެތޭ ކަމަށް އެބުނަނީ ކީއްވެ ހެއްޔެވެ؟

ފައިސާ ޗާޕުކުރުމާއި ކުއަންޓިޓޭޓިވް އީޒިންގްއާ ދެމެދުގައިވާ ތަފާތަކީ ފައިސާ ދައުރުވާ ގޮތެވެ. މިޙާލަތުގައި އެމްއެމްއޭ އިން ޕެންޝަން ފަންޑަށް (ޓްރެޜަރީ ބިލު ގަތުމުގެ މުޢާމަލާތެއް މެދުވެރިކޮށް) ފައިސާ ދެނީއެވެ. އެފައިސާއިން އަނެއްކާވެސް ޕެންޝަން ފަންޑުން ޓްރެޜަރީ ބިލު ގަންނަނީއެވެ. އޭރުން އަނެއްކާވެސް ސަރުކާރަށް ފައިސާތަކެއް ދެވުނީއެވެ. ލިބުނީއެވެ.
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަންގެ ބޯޑުން އިސްތިޢުފާ ދެއްވި އަޙްމަދު ސަރުވަޝް އޭނާގެ އިސްތިޢުފާގެ ސިޓީގައި ލިޔުއްވާފައިވާ ފަދައިން، މިމަގުން ޢަމަލުކުރުމުގެ ނަތީޖާ، ސަރުކާރަށް އެމްއެމްއޭ އިން ލޯނު ދިނުމާއި އެއްވަރެވެ. ހަމަހަމައެވެ.
ރައްޓެއްސެއް ގާތުގައި، ތިމާގެ އަމިއްލަ ބޭނުމަކަށް، ބޭންކުން ދަރަންޏަށް ފައިސާ ނެގުން ފަދައެވެ. އޭނާ ނެގިޔަސް، އަހުރެން ނެގިޔަސް، ނަގަނީއެވެ. ހަމަ ދަރަންޏެވެ. ނަގަނީ ޚަރަދު ހިންގާން އަހުރެނެވެ.

ސަރުވަޝް އިތުރަށް ބުނީ ކީކޭ ހެއްޔެވެ؟

ސަރުވަޝް ޙަވާލާދެނީ ޕެންޝަން ފަންޑަށް ފައިނޭންސް މިނިސްޓްރީ އިން ފޮނުވާފައިވާ ނޯޓަކަށެވެ. އޭގައި އެމްއެމްއޭ އާ ޕެންޝަން ފަންޑާ ދެމެދު މިހިންގާ މުޢާމަލާތާއި، އެލިބޭ ފައިސާއިން ޕެންޝަން ފަންޑުން އަލުން ޓްރެޜަރީ ބިލު ގަތުމުގެ ބޭނުމަކީ "ބަޖެޓަށް ފައިސާ ހޯދުން" ކަމަށް ބަޔާންކޮށްފައިވާކަން އޭނާ ފާހަގަކުރެއެވެ.
ސަރުވަޝް ވިދާޅުވަނީ މުޅި މި މުޢާމަލާތް ބައްޓަންކޮށް، ރާވާފައިވަނީ ޚަރަދަށް ޒިންމާވުމުގެ ޤާނޫނަށް ބާވަތެއްގެ މަކަރެއް ހެދުމަށެވެ. ނުވަތަ ރެކުމަށެވެ. އެޤާނޫނުން ސަރުކާރުގެ ޚަރަދަށް މަރުކަޒީ ބޭންކުން ފަައިސާ ނުދެވޭނެ ކަމަށް ބުނާ މާއްދާއަށް އޮޅުވާލުމަށެވެ. މި މުޢާމަލާތްތައް މިގޮތަށް ހިންގުމާ މެދު ޤާނޫނީ ލަފައެއް މިިނިސްޓްރީ އިން ޙިއްސާކޮށްފައި ނުވާކަމަށް އޭނާ ލިޔުއްވައެވެ.

ކޯވިޑް19 ގައި ފައިސާ ޗާޕުކޮށްފައި ނުވޭ ހެއްޔެވެ؟

އާނއެކެވެ. ފައިސާ ޗާޕު ކުރިއެވެ. އެއީ މުޅި މައްސަލައިގެ އެއް ބަހާ (ފެކްޓަރ)އެވެ. އޮގަސްޓް ގައި އެމްއެމްއޭއިން އޮޅުން ފިލުވައިދިން ގޮތުގައި ކޯވިޑް19 ގެ ދުވަސްވަރު ފައިސާ ޗާޕުކޮށްފައިވާތީ ރުފިޔާއާއި ޑޮލަރުގެ ސަޕްލައިއާ ނުބައްދަލުވުން އިތުރުވަމުން ދިޔައެވެ. މިއަހަރުގެ ޖޫން އާ ޖެހުނުއިރު، 7 ބިލިޔަންގެ އިތުރު ދިވެހި ރުފިޔާ އިޤްތިޞާދުގައި އޮލަވެ، ގިނަވެފައި ހުއްޓެވެ. މިއީ 2020 އާ އަޅާކިޔާއިރު 178 އިންސައްތައިގެ އިތުރު ވުމެކެވެ.
އެެހެނެއްކަމަކު، ކޯވިޑް19 އަކީ ޙަޤީޤީ މުޞީބާތެއްކަން ޤަބޫލުކުރަން ޖެހެއެވެ. ބޯޑަރުތައް ބަންދުވެ، ފަތުރުވެރިން އައުން އެއްކޮަށް ހުއްޓި، އިޤްތިޞާދު ފުނޑުފުނޑުވެގެން ދިޔަ ހިނދު، ޢާންމުންނާއި ވިޔަފާރިތަކުގައި ސަރުކާރުން ކައްތިރި ވިއްދާން މަޖުބޫރު ވިއެވެ. މާލީ އެހީ ނުދީ ވާން ނެތުނީއެވެ.
ކޮންމެ ގޮތެއްގައި ނަމަވެސް، އިތުރަށް ފައިސާ ޗާޕުކުރީމާ، މަދު ޑޮލަރު ކޮޅެއް ފަހާ، ގިނަ ފައިސާތަކެއް ދުވާން ފެށީއެވެ. އެހެންވީމާ 15.42 ގައި ޑޮލަރަކާ އަޅާކިޔާ އިރު، ދިވެހި ރުފިޔާގެ އަގު ހިފަހައްޓާން މަރުކަޒީ ބޭންކަށް ޖެހުނީ، ރައްކާކޮށްފައި ހުރި އެތިކޮޅުގައި އަތްލާށެވެ. 20 ރުފިޔާއަށް ވުރެ މަތީގައި ޑޮލަރެއްގެ އަގު  ކަޅުބާޒާރުގައި ހުރުމާއި ޚިދުމަތާއި ކާބޯތަކެތި ހިމެނޭހެން ތަކެތީގެ އަގު އިންތިހާއަށް އުފުލުމާއި ބޭނުންކުރެވޭ ރިޒާވްގެ މިންވަރު 194 މިލިޔަން ޑޮލަރަށް ސެޕްޓެންބަރުގައި ތިރިވީއެވެ. މިއީ ދޮޅު މަސްދުވަހުގެ އަސާސީ އިމްޕޯޓު (ކާޑާއި، ތެލާއި، ބޭހަށް) އަށް ކިރިޔާ ފުދޭ މިންވަރެވެ.

އޮލަވެ، އިތުރުވެފައިވާ ދިވެހި ފައިސާ އިޤްތިޞާދުން ނެރެ، ސާފުކުރާން މަސައްކަތްތަކެއް ކޮށްފައި ނެތީ ހެއްޔެވެ؟

މިއަހަރުގެ ޖޫން ގައި އެމްއެމްއޭ އިން އޯޕަން މާކެޓް އޮޕަރޭޝަން ތައް ހިންގިއެވެ. އޮލަވެ އިތުރުވެފައިވާ 7 ބިލިޔަން ރުފިޔާ ދައުރުވުން ހުއްޓުވުމަށެވެ. މިއަދު އެމްއެމްއޭ އާއި ޕެންޝަން ފަންޑު މެދުވެރިކޮށް މިހިންގަނީ ދިމާ އިދިކޮޅު ކަންތައް ގަނޑެކެވެ.
ޓަސްލާފައި ހަނިކުރުވަނިވި ސިޔާސަތަކުން ފުޅާކުރުވަނިވި ސިޔާސަތަކަށް ސަރުކާރުގެ މާލީ، އިޤްތިޞާދީ ސިޔާސަތުގެ މިސްރާބު ބަދަލުކޮށްލުމުގައި އިދިފުށަށް ޖެހުމާއި އުނބަށްޖެހުން ރަމްޒު ކޮށްދެއެވެ. މަރުކަޒީ ބޭންކްގެ މިނިވަންކަމާ މެދު ސުވާލު އުފެދެއެވެ. ސަރުކާރުގެ ޕްރެޝަރު ނޭދެވޭ ގޮތުގައި ފޯރުވާ ކަމުގެ މައްޗަށް ދަލީލު ކުރެއެވެ.
ސަރުވަޝް ވިދާޅުވަނީ ސެންޓްރަލް ބޭންކް މެދުވެރިކޮށް ޕެންޝަން ފަންޑަށް ފައިސާ ހޯދާ ނަަމަ، އެކަމުން އެ އިތުރުވަނީ ދިވެހި ރުފިޔާގެ ސަލްޕައިއެވެ. ނޫނީ ޑޮލަރު ދިވެހި ރުފިޔާއަށް މާރު ކުރާން ޖެހޭނެއެވެ. މިއީ އިތުރު ފައިސާ އިޤްތިޞާދަށް ނެރުމެވެ. ޗާޕުޚާނާއެއްގައި ނޯޓު ޕުރިންޓު ނުކުރިޔަސް، އެވަނީ އެކައްޗެކެވެ. އެމްއެމްއޭގެ ރިޒާވްގައި މިފަދަ އޮޕަރޭޝަނަކަށް ހޭދަ ކުރާނެ ފައިސާ ނެތްކަން ފާހަގަކޮށް، ސަރުވަޝް އިތުރަށް ވިދާޅުވަނީ މިކަމުގެ ނަތީޖާއަކަށް ވާނީ ތަކެއްޗާއި ޚިދުމަތުގެ އަގު އުފުލުން ކަމަށެވެ.

ޢާންމުންނަށް ހުރި ނުރައްކަލާއި ހިރާހަކީ (ރިސްކަކީ) ކޮބާ ހެއްޔެވެ؟

ސަަރުކާރުގެ ޚަރަދުބަރަދު ފޫބައްދަން މަރުކަޒީ ބޭންކުން ފައިސާ ޗާޕު ކުރީމާ ޢާންމު ގޮތެއްގައި ޚިދުމަތާއި ތަކެތީގެ އަގު ބޮޑުވެއެވެ. ރުފިޔާތައް ގިނަވެ، އޮލަވީމާ، އޭގެ އަގު ވެއްޓި ދެއެވެ. ޒިންބާބުވޭ އާއި އާރޖެންޓީނާގައި މިމަގުން ޢަމަލުކޮށް، ފިސާރި ރަނގަޅަށް ބޮނޑި ބޮއެފައި ވެއެވެ.
ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމަށް އެމްއެމްއޭގެ ރިޒާރްގައި ބަހައްޓާފައި ހުރި އަތް ނުލާ މިންވަރަކީވެސް ގާތްގަނޑަކަށް 2.4 ބިލިޔަން ރުފިޔާއެވެ. އިޤްތިޞާދަށް، ބާޒާރަށް މިފައިސާތައް ނުކުމެ، ފެތުރިގަނެ، އެފައިސާ ޑޮލަރަށް ބަދަލު ކުރާން މީހުންގަނޑު އުޅެގަތީމާ ޑޮލަރުގެ އަގު އަރައިގެން ދާނެއެވެ. އަދަށްވުރެވެސް ބޮޑަށެވެ. އެމްއެމްއޭ އަށް ޖެހޭނީ ދިވެހި ރުފިޔާގެ އަގު ހިފަހައްޓާން ގަނަތެޅޭށެވެ.
ސަރުވަޝްގެ ސިޓީގައި ބަޔާންކުރައްވާފައިވާ ފަދައިން، 0.11 އިންސައްތަ އަށް ވުރެ ތަކެއްޗާއި ޚިދުމަތުގެ އަގު ބޮޑުވެއްޖެ ނަމަ، މިމުޢާމަލާތުން ޕެންޝަން ފަންޑަށް ލިބޭން އޮތް އިންވެސްޓްމަންޓުގެ ފައިދާ އެކީ އެކަށް ގެއްލި ދިޔައީއެވެ. ޕެންޝަން ފަންޑުގެ އެސެޓު ނުވަތަ ރައުސުލްމާލުގެ އަގު ވެއްޓޭނީއެވެ. އަދި ޕެންޝަން ފަންޑުގައި ހުރި ފައިސާއިން ގަނެވޭ ތަކެތި މަދުވީއެވެ.
މިހުރިހާ ކަމަކުން ހިތްވަރު ލިބޭނީ ކަޅުބާޒާރު ފުޅާ ވުމަށެވެ. ޑޮލަރުގެ ރޭޓު 15.42 އަށްވުރެ މާބޮޑުކޮށް، ގަނެވިއްކުމަށެވެ. މިހާރަށްވުރެވެސް ޑޮލަރުގެ އަގު ބޮޑުވީއެވެ. ބޮޑުވަމުންދާ އިމްޕޯޓުކުރި ކާބޯތަކެތީގެ އަގު އިހުނަށްވުރެ އުފުލޭނެއެވެ.

ސަރުކާރުގެ ދިފާޢަކީ ކޮބައި ހެއްޔެވެ؟

ނަން ހާމަނުކޮށް "މިހާރު" ނޫހާ ވާހަކަދެއްކި، ފައިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މިއީ ފައިސާ ޗާޕުކުރުން ނޫން ކަމަށެވެ. ކަނޑައެޅި ބަޔާންވެފައި ހުރި ހަމަތަކުގެ މަތިން، ބާޒާރުގައި ހިންގާ ޞައްޙަ ވިޔާފާރީގެ މުޢާމަލާތެއް ކަމަށެވެ. އަދި އެމްއެމްއޭ އިން ސެކަންޑްރީ މާކެޓަށް ނުކުތުމުގެ ބޭނުމަކީ މާލީ ހަމަޖެހުން ޤާއިމު ކުރުމުގެ ފިޔަވަޅެއް ކަމަށާއި، މިއީ ބައިނަލްއަޤްވާމީ ދަނޑުގައި ޢާންމުކޮށް ބޭނުންކުރާ އުކުޅެއް ކަމަށެވެ.
ކޮމާޝަލްނ ބޭންކްތަކުގައި ބަހައްޓާން ޖެހޭ އެންމެ މަދު މިންވަރު 10 އިންސައްތައިން 11 އިންސައްތަ އަށް ބޮޑުކޮށްފައިވާ ކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. އެކަމުންވެސް އެމްއެމްއޭ ގެ ރުފިޔާ ސަޕްލައި ބެލެހެއްޓުން ހަރުދަނާވެ، ފަސޭހަވެ، އޯޕަން މާކެޓް އޮޕަރޭޝަންތަކަށް ކަންފަހިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުން ބުނަނީ މިފައިސާ ބޭނުންކުރާނީ ކުރީގެ ސަރުކާރުން ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުންނަށް ދަރާ އޮތް 9 ބިލިޔަނެއްހާ ރުފިޔާ އަދާކުރުމަށެވެ. މިދަރަނި ނުހަނު ބޮޑުވެފައި ބުރަ ކަމަށް ސަރުކާރުން ބުނެއެވެ. އަދި ވިޔަފާރިތަކަށް މިކަމުން ނުހަނު ތުރާވާކަން ފާހަގަކުރެއެވެ.
ލ. ފިނަދޫގައި ވާހަަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިމިދިޔަ ހަފްތާގައި ވިދާޅުވީ ފުނިޖެހިފައިވާ 2 ބިލިޔަން ރުފިޔާގެ ބިލު ބޮނޑިއަށް އަންނަ ދެ ހަފްތާއެއްގެ ތެރޭގައި ފައިސާ ދައްކާ ޚަލާޞް ކުރައްވާނެ ކަމަށެވެ. އަދި އެކަން ކުރައްވަނީ ފައިސާ ޗާޕު ނުކުރައްވާނެ ކަމަށް ވެވަޑައިގެންނެވި ވަޢުދުގެ މަތީގައި ދެމި ހުންނަވައިގެން ކަމަށެވެ. ފައިސާ ޗާޕު ނުކުރައްވާނެ ކަމަށާއި، މިއީ ފައިސާ ޗާޕުކުރުން ނޫންކަމަށް ތަކުރާރުކޮށް ވިދާޅުވި މެއެވެ.

ސަރުކާރަށް ލޯނު ނެގޭން ނެތީ ހެއްޔެވެ؟

އާނއެކެވެ. ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގް މޫޑީޒް އިންނާއި ފިޗް އިން "ޖަންކް" (ކުނި) ގެ ދަރަޖައަށް ތިރިކޮށްފައި ވެއެވެ. ބައިނަލްއަޤްވާމީ ބޮންޑުގެ ބާޒާރުގެ ދޮރުތައް ދިވެހިރާއްޖެއަށް ލެއްޕިއްޖެއެވެ. ރާއްޖެއަށް މިހާކު ލޯނެއް ދިނީމާ އަދާކުރެވޭނެ ކަމުގެ ޔަޤީންކަން ކުޑަވެފައިވާ މިންވަރުން، ލޯނު ދޭން އެއްބަސްވަނީ ނުކުޅަދާނަ އިންޓްރެސްޓް ރޭޓުތަކުގައެވެ.
މިއާއެކުވެސް، ސަބްސިޑީ (ހިލޭ އެހީ)ގެ މިންވަރުތައް މުރާޖަޢާ ކުރުމަށާއި، ދައުލަތް ޙިއްސާވާ ވަރުހެސަ ކުންފުނިތަކުގެ ޚަރަދު ކުޑަކުރާން ރައީސް މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅައިގެން އުޅުއްވުން ހުއްޓަވައިފިއެވެ. އެމަސައްކަތްޕުޅު މަޑުޖައްސާ ލައްވައިފިއެވެ. އާސަންދައިގެ ޚަރަދު އޮކްޓޫބަރު މެދު ޖެހުނުއިރު ހުރީ 1.6 ބިލިޔަން ރުފިޔާގައެވެ. ސަބްސިޑީ (ހިލޭ އެހީ)ގެ ޢަދަދު 2.5 ބިލިޔަން ރުފިޔާ ގައެވެ. މުވައްޒަފުންގެ މުސާރައިގެ ޚަރަދު 10.8 ބިލިޔަން ރުފިޔާއަށް އިތުރުވެފައި ވެއެވެ.
ބަލަގަ، ސަރުކާރުގެ ބަޖެޓު އަރަނިވެ، ސާޕްލަސް (އިތުރު) ވެފައިވާކަަމަށް އެބުނަނީ ނޫން ހެއްޔެވެ؟
އާނއެކެވެ. އެބުނާ 186.7 މިލިޔަން ރުފިޔާގެ ސާޕްލަސް އުފެދުނީ 58 އިންސައްތައަށް ކެޕިޓަލް ޚަރަދު ކަނޑާ ލައިގެންނެވެ. އެއީ 9.6 ބިލިޔަން ރުފިޔާއިން 4 ބިލިޔަން ރުފިޔާއަށް ޚަރަދުކުރާ މިންވަރު ކުޑަ ކުރީެއެވެ. ޢުމްރާނީ މަޝްރޫޢުތައް ހުއްޓާލީއެވެ. ނަމަވެސް، މިދިޔަ އަހަރު ލޯނު އަނބުރާ ދައްކަން ހޭދަ ކުރި 2 ބިލިޔަން ރުފިޔާގެ ޢަދަދު 4.4 ބިލިޔަން ރުފިޔާއަށް މިއަހަރު އިތުރުވެފައި ވެއެވެ.
އެބުނާ ސާޕްލަސް އަކީ އެކައުންޓިންގް (ވިކުރާއާއި ހިސާބު ކިތާބު) ގެ އުކުޅެކެވެ. ކެޕިޓަލް ޚަރަދު ކުޑަކޮށްފައި، އެފައިސާއިން ދަރަނި ދައްކަނީއެވެ. ޙަޤީޤަތުގައި އަރަނިވެ، އިތުރުވަނިއްޔަކީ ނޫނެވެ.

އިދިކޮޅުން ބުނަނީ ކީކޭ ހެއްޔެވެ؟

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނަނީ މިއީ "ޤާނޫނާ ޚިލާފު" އަދި "ޒިންމާދާރުކަން ކުޑަ" ޢަމަލެއް ކަމަށެވެ. އަދި ފައިސާ ޗާޕު ނުކުރުމުގެ ވަޢުދާ ރައީސް މުޢިއްޒު ޚިލާފު ވެވަޑައިގެންފައިވާ ކަމަށެވެ.
ކޯވިޑް19 ގައި އެމްޑީޕީގެ ސަރުކާރުން އެމްއެމްއޭ އިން އެޑްވާންސަށް ފައިސާ ނެގިކަން އެޕާޓީއިން ދިފާޢު ކުރެއެވެ. އަދި ޤުދުރަތީ އަދި އިޤްތިޞާދީ ކާރިސާތަކާއި މުޞީބާތްތަކުގައި އެފަދައިން ޢަމަލު ކުރެވޭނެ ޖާގަ، ޚަރަދަށް ޒިންމާވުމުގެ ޤާނޫނުން ދޭކަން އެ ޕާޓީއިން ފާހަގަ ކުރެއެވެ.
އެމްޑީޕީއިން ބުނަނީ، އެދުވަސްވަރާ ޚިލާފަށް، މިއަދު ދިމާވެގެން އުޅޭ ޙާލަތުގެ ސަބަބަކީ އިޤްތިޞާދު މެނޭޖުކުރާން ނުއެނގުމެވެ. ހަރުދަނާ މާލީ އަދި އިޤްތިޞާދީ ސިޔާސަތެއް ނެތުމާއި، ވެރިންގެ ދޯހަޅިކަމެވެ. އަދި ބޭރުގެ އެހީ އަދި މާލީ ވަޞީލަތްތައް ހޯދާން ނުދަތުމެވެ.
އެޕާޓީއިން ބުނަނީ މިހުރިހާ ކަމެއްގެ ހިތިކަން ތަޙައްމަލު ކުރާން މަޖުބޫރު ވާނީ ޢާންމު، ރައްޔިތު މީހާއަށް ކަމަށެވެ. އެގޮތީ، ދިވެހި ރުފިޔާގެ އަގު ދަށްވުމާއި، ޑޮލަރުގެ އަގު އުފުލުމާއި، ތަކެއްޗާއި ޚިދުމަތުގެ އަގު ބޮޑުނުވެ ނުދާނެއެވެ.

މިއީ މިފަހަރު އެކަނި އަޅާނެ ފިޔަވަޅެއް ނޫން ބާވައެވެ؟

ތަފްޞީލީ ގޮތެއްގައި މިކަމުގެ މައްޗަށް ބައްލަވާ ކުރީގެ ފައިނޭންސް މިނިސްޓަރ އިބްރާހިމް ޢަމީރު ޢާންމު ކުރެއްވި މުރާޖަޢާގައި ލިޔުއްވާފައިވަނީ ޕެންޝަން ފަންޑު ޢުޛުރަކަށް ހަދައިގެން، ސަރުކާރުން ފައިސާ ޗާޕުކުރާން ފަށާނެ ކަމަށެވެ. އެކަމުން ދަރަނި އަލުން އެކުލަވާލުމަށް (ޑެޓް ރީސްޓްރަކްޗަރިންގް) ކުރާ މަސައްކަތަށް ހުރަސް އެޅޭނެ ކަމަށެވެ. ސިޔާދަތުގެ ދަރަންޏާ (ސޮވަރިން ޑެޓް) ކައިރިވާނެ ކަމަށެވެ.
2026 ގައި ބޭރުގެ ދަރަނީގެ ގޮތުގައި 1 ބިލިޔަން ވުރެ ގިނަ ޑޮލަރު އަދާ ކުރަން ޖެހޭނެއެވެ. އޭރުން ޢަމީރު ލަފާ ކުރައްވަނީ އެމްއެމްއޭގެ ގްރޮސް ރިޒާވާއި ބޭންކް އޮފް މޯލްޑިވްސްގައި ހުރި 850 މިލިޔަން ޑޮލަރަށްވެސް އަތްފޯރުވާން ޖެހޭނެއެވެ. މި 850 މިލިޔަން ޑޮލަރުގައި އިންޑިޔާގެ ކަރަންސީ ސްވޮޕްގެ 400 މިލިޔަން ޑޮލަރު ހިމެނެއެވެ. އަންނަ މަހުގައި، އެކަރަންސީ ސްވޮޕުގެ ފައިސާ އަދާކުރާންވެސް ޖެހޭނެ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.
މި 850 މިލިޔަން ޑޮލަރުގެ ގަންނާން ސަރުކާރަށް ދިވެހި ފައިސާ ބޭނުންވާނެ ކަމަށާއި، ނަމަވެސް، އެމިންވަރަށް ދިވެހި ރުފިޔާ ޕަބްލިކް އެކައުންޓުގައި ނެތްކަން ލިޔުއްވަމުން ޢަމީރު އިތުރަށް ފާހަގަކުރައްވަނީ، ސަރުކާރު ކުންފުނިތައް ދަރަނިވެފައިވާ ބޮޑުކަމާއި، ސަރުކާރު ބޮންޑުތައް ގަނެވޭ އެންމެ މަތީ މިންވަރަށް ބޭންކުތަކުން ގަނެ، ރަތްރޮނގާ އަރާ ހަމަވެފައިވާ ކަމެވެ. އެހެންވީމާ، ޢަމީރު ވިދާޅުވަނީ އިތުރަށް ފައިސާ ޗާޕުނުކޮށް ފަރުނުޖެއްސޭނެ ކަމަށާއި، އަންނަ އަހަރަށް އަޅާ އިރު އިތުރަށް ޗާޕުކޮށް، ނެރޭ ފައިސާގެ ޢަދަދު 7.7 ބިލިޔަނަށް އަރާނެ ކަމަށް ލަފާ ކުރެއްވޭ ކަމަށެވެ. 

މިނިވަން ނޫސްވެރިކަމަށް އެހީތެރިވުމަށް ޑޮނޭޓް ކޮށްދެއްވާ