9 އޮފިޝަލުންގެ އިސްތިޢުފާއަށްފަހު ޕެންޝަނުން ހިންގި 2.4 ބިލިޔަން ރުފިޔާގެ މުޢާމަލާތް ކުރިއަށް ގެންގޮސްފި

ހުއްދަ ދިނުމުގެ ބަދަލުގައި އޮފިޝަލުން ނިންމީ އިސްތިޢުފާދޭން. ކީއްވެ؟

ކުރެހުމާއި ޑިޒައިން: ޑޮސެއިން

ކުރެހުމާއި ޑިޒައިން: ޑޮސެއިން

02 އޮގަސްޓް

ހުއްދަ ދިނުމުގެ ބަދަލުގައި އޮފިޝަލުން ނިންމީ އިސްތިޢުފާދޭން. ކީއްވެ؟

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން މިއަހަރުގެ ފެބްރުއަރީ މަހު މޯލްޑިވްސް އިންޑިޕެންޑެންޓް ގައި ”އަދި ކުރިއަށް ނުދޭ“ ކަމަށް ބުނި 2.4 ބިލިޔަން ރުފިޔާ (155.5 މިލިއަން އެމެރިކާ ޑޮލަރު) ގެ ސަރުކާރުގެ ބޮންޑް މުޢާމަލާތައިގެން ކުރިއަށް ގޮސްފައިވާކަން އެއޮތޯރިޓީ އިން ކަށަވަރު ކޮށްދީފިއެވެ.
އެކަމާ ޤަބޫލުނުވެގެން މިހާތަނަށް އޮފީހުގެ ހަ އޮފިޝަލަކު ވަނީ އިސްޢުފާ ދެއްވާފައެވެ. މީގެ ހަ މަސް ކުރިން ޕެންޝަން އެޑްމިނިސްޓްރޭޝަންގެ ބޯޑާ ގުޅޭގޮތުން ސުވާލުކުރިއިރު، ޗެއަރމަން އަދި ޗީފް އެގްޒެކެޓިވްގެ މަޤާމު އޮތީ ހުސްކޮށެވެ. އަދި އެޙާލަތުގައި 2.4 ބިލިޔަން ރުފިޔާގެ ސަރުކާރުގެ ބޮންޑް މުޢާމަލާތަށް ހުއްދަދެނީ ކިހިނަކުންތޯ ކުރި ސުވާލަކަށްވެސް ޖަވާބެއް ލިބިފައެއް އޭރަކު ނުވެއެވެ.
"މި މުޢާމަލާތް ވަނީ ކާމިޔާބުކަމާއެކު ހިންގާ ނިމިއްޖެ،“ އެ އޮފީހުން ބުދަ ދުވަހު ބުނެފައިވެއެވެ. އެއީ ސީދާ ކޮން ތާރީޚަކު، ކިހިނެއް ހުއްދަ ހޯދައިގެން ކަމެއް، އަދި ޕެންޝަން ފަންޑުން ވިއްކާލި ޓްރެޝަރީ ބިލްތައް ގަތީ ކާކު، ޖުމުލަ ކިހާ މިންވަރެއް ކަމެއް ސާފުކޮށެއް ނުދެއެވެ. 
”އަދަދު“ ނޫހުން ސަރުކާރުގެ މަސްދަރަކާ ޙަވާލާދީ ރިޕޯޓުކޮށްފައިވަނީ 2.4 ބިލިޔަން ރުފިޔާގެ މުޢާމަލާތް ޕެންޝަން އޮފީހުން ފުރިހަމަކޮށް ނިންމީ ޖުލައި 23 ވަނަ ދުވަހުކަމަށާއި، ގަތް ފަރާތަކީ މަރުކަޒީ ބޭންކް - މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ކަމަށެވެ. އަދި 2.4 ބިލިއަން ރުފިޔާގެ ޓްރެޜަރީ ބޮންޑްވަނީ ދިގު މުއްދަތުގެ ބޮންޑަކަށް ބަދަލުކޮށްފައި ކަމަށާއި، ބުރާސްފަތި ދުވަހުގެ ނިޔަލަށް އެފައިސާ ޓްރެޜަރީގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ. 
މިދިޔަ ހަފްތާގައި މިމުޢާމަލާތާ ގުޅިގެން ޕެންޝަން އޮފީހުގެ ސީނިއަރ ތިން އޮފިޝަލަކު އިސްތިޢުފާ ދީފައި ވެއެވެ. އެއީ ޗީފް ލީގަލް އޮފިސަރ ޢަބްދުالله ފިކުރީއާއި، އިންވެސްޓްމަންޓް އެންޑް ރިސަރޗް ޑައިރެކްޓަރ އާމިނަތު އިރްތިޔާޝާއާއި، ހެޑް އޮފް އިންވެސްޓްމަންޓް އެންޑް އެޑްވައިޒަރީ ސަރވިސް ޙައިފާ އަޙްމަދެވެ.
އޭގެ ހަފުތާއެއް ފާއިތުވެދާއިރުވެސް ފިނޭންސް މިނިސްޓްރީ އާއި އެމްއެމްއޭ އިން އެކަމާމެދު އެއްޗެއް ނުބުނެއެވެ. އެދެފަރާތުންވެސް ފޮނުވި ސުވާލުތަކަށް ޖަވާބެއް ނުދެއެވެ. 
އިމްޕޯޓަށް ބަރޯސާވާ ދިވެހިރާއްޖެފަދަ ކުޑަ ޖަޒީރާ ޤައުމެއްގައި، އުފެއްދުންތެރިކަން ނުވަތަ ބޭރުގެ ރިޒާވް އެކަށީގެންވާ މިންވަރަށް އިތުރު ނުވެ، އިޤްތިޞާދުގެ ތެރޭގައި ފައިސާ އިތުރުވުމަކީ އެފައިސާގެ އަގު ވައްޓާލާނެ ކަމެކެވެ. އަދި ކާބޯތަކެއްޗާއި ތެލާއި ބޭހަށް ފައިސާ ދައްކާ ޑޮލަރު ގަތުމަށް އިމްޕޯޓަރުންނަށް އިތުރު ރުފިޔާއަށް ބޭނުން ޖެހޭނެ ކަމެކެވެ. އެކަމުގެ އަސަރު ގޭބީސީތަކަށް ފޯރަނީ ދިރިއުޅުމުގެ މުހުތާދުތައް ފުއްދާން ތަކެއްޗާއި ޚިދުމަތަށް ދޭންޖެހޭ އަގު ބޮޑުވުމުގެ ގޮތުގައެވެ.
ދިވެހި ރުފިޔާ އިޤްތިޞާދުގައި އޮލަވެ ގިނަވުމަކީ ”އިންފްލޭޝަން ޕްރެޝަރ ކުރިމަތިނުކޮށް ނުދާނެ ކަމެއް،" މާޗް 2025 ގައި މޯލްޑިވްސް އިންޑިޕެންޑެންޓް ގައި ކުރީގެ އެމްއެމްއޭގެ ގަވަރުނަރު ޢަލީ ޙާޝިމް ވިދާޅުވިއެވެ.  ފައިސާ ޗާޕުކޮށްގެން ނުކުންނަ އިޤްތިޞާދީ ކުރިއެރުން، ތަކެއްޗާއި ޚިދުމަތުގެ އަގު ބޮޑުވެގެންދާ ދިއުމުގެ ތެރެއިން ގެއްލިގެން ދާނެކަން ކަށަވަރު ކަމަށްވެސް އޭނާ އޭރު ވިދާޅުވިއެވެ.
އޭރު ސަރުކާރު ދިފާޢު ކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް މާލިއްޔަތާބެހޭ ކޮމިޓީގައި ވިދާޅުވީ އިޤްތިޞާދަށް ފައިސާ ނެރުމުގައި ސަރުކާރުން ހައްދެއް ކަނޑައަޅާފައިވާ ކަމަށާއި، 2.5 ބިލިއަން ރުފިޔާއަށް ވުރެ އިތުރަށް އެކަން ނުކުރާނެ ކަމަށެވެ."މި ސަރުކާރުން އެހާ ޒިންމާދާރުކަން ކުޑަ ގޮތަކަށް އެކަމެއް ނުކުރާނެ، އަޅުގަނޑަށް ޔަޤީން.“ އޭނާ އިތުބާރާއެކު ވިދާޅުވިއެވެ.
އޭނާ އެހެން ވިދާޅުވިތާ ސަތާރަ މަސް ދުވަހުގެ ތެރޭގައި ކަޅު ބާޒާރުގެ ޑޮލަރެއްގެ އަގު ވަނީ 19 ރުފިޔާއިން އިން 21 ރުފިޔާ 70 ލާރިއަށް އުފުލިފައެވެ. 

މިއީ ކޮން މުޢާމަލާތެއް ހެއްޔެވެ؟

ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ ދަށުން މަރުކަޒީ ބޭންކުން ސީދާ ސަރުކާރުން ލޯނު ނެގޭނީ ވަކި މިންވަރަކަށެވެ. ވަކި ހަމަތަކަކުންނެވެ؛ ކޭޝްފްލޯ މެނޭޖްމަންޓަށް އެޑްވާންސަށް އެމްއެމްއޭއަށް ސަރުކާރަށް ފައިސާ ދެވިދާނެއެވެ. ނަމަވެސް 91 ދުވަހުގެ ތެރޭގައި އަނބުރާ ދައްކާން ވާނެއެވެ. މިމަގުންވެސް ނެގޭނީ ކުރީ ތިން އަހަރުގެ އެވްރެޖް އާމްދަނީގެ 2.5 އިންސައްތަ (ގާތްގަނޑަކަށް 900 މިލިއަން ރުފިޔާ) އަށްވާ މިންވަރެވެ. 
 ނަމަވެސް އެ އޮބަހެއްޓުންތަކުގެ ބޭރުން މުޢާމަލާތްތަކެއް ހިންގޭނެ ގޮތް ސަރުކާރުން 2 ފިޔަވަޅެއް މެދުވެރިކޮށް އިންޖިނިއަރ ކޮށްފައި ވެއެވެ. ފުރަތަމަ ފިޔަވަޅަކީ ޕެންޝަން އޮފީހުން މިހާރު ގަނެފައި ހުރި ސަރުކާރުގެ ބޮންޑް ސެކަންޑްރީ މާކެޓެއްގައި ތިންވަނަ ފަރާތަކަށް ވިއްކާލަނީއެވެ. އެ ލިބޭ ފައިސާއިން، ދިގު މުއްދަތުގެ ޓްރެޜަރީ ބޮންޑެއް ގަތުމަކީ ދެވަނަ ފިޔަވަޅެވެ.
މަރުކަޒީ ބޭންކުން ސަރުކާރަށް ފައިސާ ދެނީއެވެ. އެކަމަކު ޕެންޝަން ފަންޑު މެދުވެރިއަކަށް ވެގެންނެވެ. ސަރުކާރުން ބުނަނީ މިއީ ކުއަންޓިޓޭޓިވް އީޒިންގް އެވެ. ކުއަންޓިޓޭޓިވް އީޒިންގްއަކީ ހުޅުވާލެވިފައިވާ ބާޒާރެއްގައި ބޭންކްތައް ގަނެފައިވާ ސަރުކާރުގެ ބޮންޑު، އެބޭންކް ތަކުގެ އަތުން ގަތުމެވެ. އަދި މިއީ ޕެންޝަން ފަންޑުގެ ޕޯޓްފޯލިއޯ ސިންދަފާތުކޮށްދޭނެ އިންވެސްޓްމަންޓެެއް ކަމަށް ސަރުކާރުން ބުނެއެވެ. އިސްތިޢުފާ ދިން ޕެންޝަން އޮފީހުގެ އޮފިޝަލުން ހިމެނޭ ގޮތަށް ފާޑުކިޔާ ފަރާތްތަކުން ވަނީ މިއީ ޤާނޫނުގައިވާ އޮބަހެއްޓުންތައް ގިރާކޮށްފައި، ބާވަތެއްގެ އޮޅުވާލުމެއްގެ ތެރެއިން ނަމަވެސް ފައިސާ ޗާޕް ކުރުމެވެ. ނުވަތަ ފައިސާ ޗާޕުކުރުމުގެ ނަތީޖާ ނުކުންނާނެ، ފައިސާ ޗާޕުކުރުންފަދަ ކަމެއް ކަމަށެވެ. 
އެހެންވީމާ 2.4 ބިލިޔަން ރުފިޔާގެ މިންވަރު މުޅިން އަލަށް އިޤްތިޞާދަށް އިތުރުވީއެވެ. ދިވެހި ފައިސާގެ ސަޕްލައި އިތުރުވާނެއެވެ. ގިނަ ދިވެހި ރުފިޔާތަކެއްް މަދު ޑޮލަރުކޮޅެއް ފަހާ ދުވާނެއެވެ. އެއްޗެތީގެ އަގު ބޮޑުވާނެއެވެ. ދިވެހި ފައިސާގެ އަގު ވެއްޓޭނެއެވެ. 
މި ބޮންޑަކީ ޑުއަލް ކަރަންސީ ބޮންޑެއް ކަމަށާއި، މިއީ ފިނޭންސް މިނިސްޓްރީން ހުށަހެޅި ގޮތެށްކަމަށް ފެބްރުއަރީ މަހު ޕެންޝަން އޮފީހުން ކަށަވަރުކޮށްދީފައި ވެއެވެ. މީގެ ބޭނުމަކީ ޑޮލަރުން ފައިދާ ލިބޭނެ ގޮތް ހެދުން ކަމަށާއި، އިންވެސްޓްކުރުމާއި، ފަންޑުގެ އެސެޓްތަކުގެ އެވްރެޖް މުއްދަތު ދިގުކުރުންކަމަށް އެއޮފީހުން ބުނެއެވެ. އަދި ޕެންޝަން ފަންޑުގެ ތެރޭގައި ބޭރު ފައިސާގެ ރިޒާވްއެއް ޤާއިމު ކުރެވުމެވެ. 
މިމުޢާމަލާތް ހިނގާގޮތުގެ ތަފްޞީލު އޮކްޓޫބަރުގައި މި ނޫހުން އޮޅުންފިލުވައި ދިނީމެވެ. 

މިކަމަށް 6 މަސް ދުވަސް ނެގީ ކީއްވެ ހެއްޔެވެ؟

އެހާ ދުވަސް ނެގީ، މިފަދަ މުޢާމަލާތަކަށް ހުއްދަދޭން ސޮއިކުރާނެ މީހަކު ގާތްގަނޑަކަށް ޕެންޝަން އޮފީހުގައި ނެތުނީއެވެ. ބޯޑު މެމްބަރު އަޙްމަދު ސަރުވަޝް އާދަމް 2025 ގެ އޮކްޓޫބަރުގައި އިސްތިޢުފާ ދެއްވިއެވެ.ޗީފް ފައިނޭންޝަލް އޮފިސަރު ޙައްވާ ފަޖުވާ ނޮވެމްބަރު މަހު، ބޯޑު މެމްބަރު އަޝްރަފް ރަޝީދު ޑިސެމްބަރު މަހު އިސްތިޢުފާ ދެއްވިއެވެ. ބޯޑުގެ ޗެއާރމަން ކަމުގައި ހުންނެވި ކުރީގެ ފިނޭންސް މިނިސްތަރ އަޙްމަދު އިނާޒް، 1 ފެބްރުއަރީގައި އިސްތިޢުފާ ދެއްވީ، މި މުޢާމަލާތަށް ހިންގާން ފާސްކުރުމުގެ ދެ ދުވަސް ކުރިންނެވެ. އޭގެ ފަހުން 4 ފެބްރުއަރީގައި ސީއީއޯ ސުޖާތާ ޙަލީމެވެ. ބޯޑު މެމްބަރު މަދީން ލަޠީފްވެސް އިސްތިޢުފާ ދެއްވީ އެ ހަފްތާގައެވެ.
ފެބްރުއަރީ މަހު ބޯޑުގެ ޗެއާޕާސަން އަކީ ކާކުތޯ ސުވާލު ކުރުމުން ޕެންޝަން އޮފީހުން ބުނީ މެމްބަރުން "ކޮންމެ ބޯޑު ބައްދަލުވުމަކަށް ޗެއާޕާސަނެއް ކަނޑައަޅާ" ކަމަށެވެ.
މިހާރުގެ ޗެއަރމަން ޢަބްދުލް މަޖީދު ޢަލީ ޗެއާޕާސަންގެ މަޤާމަށް ޢައްޔަން ކުރެއްވީ 21 މެއިގައެވެ. ހަމަ އެދުވަހު އަމިއްލަ ފަރާތްތައް ތަމްސީލް ކުރައްވާ ބޯޑު މެމްބަރެއްގެ ގޮތުގައި ޔާމީން އިދްރީސް ޢައްޔަން ކުރެއްވިއެވެ. އޭގެ ފަހުން ޖުލައި މަހުގެ 5 އަދި 8 ވަނަ ދުވަހު ޙުސައިން ޒުހުރީ އާއި ޢާއިޝަތު ޝިފާ ޢައްޔަން ކުރެއްވިއެވެ. ފާޠިމަތު މުނާ ޢައްޔަން ކުރެއްވިކަން އިޢުލާން ކުރީ ޖުލައި 22 ވަނަ ދުވަހުގައެވެ.
އަލަށް ޢައްޔަންކުރި ބޯޑުން ހުސްވެފައިވާ މަޤާމުތަކަށް މީހުން ނަގާން އިޢުލާން ކުރިއެވެ. ވީނާކާމިޔާބެވެ.
އެ ފައިސާ ބަދަލުވުމުގެ ކުރިން ބޯޑު އަލުން އެކުލަވާލަން ޖެހުނެވެ. ހިންގި ބޯޑެއް ނުވަތަ ޗީފް އެގްޒެކެޓިވް އެއް ނެތި ފައިސާ ދޫކުރުމަކީ އިޖުރާއީ ގޮތުން ކުރެވޭނެ ކަމެއް ނޫނެވެ. ޝަރީއަތް ހިންގުމަކީ ޕެންޝަން އޮފީހުގެ 2023 ވަނަ އަހަރުގެ އިންވެސްޓްމަންޓް ގަވާއިދާ ހިލާފު ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
ޕެންޝަނާބެހޭ ޤާނޫނާއި ޕެންޝަން އޮފީހުގެ 2023 ވަނަ އަހަރުގެ ސްޓޭޓްމަންޓް އޮފް އިންވެސްޓްމަންޓް ޕްރިންސިޕަލްސްގައި ވެސް ސަރުކާރުގެ ޓްރެޜަރީ ބިލުތަކާއި ބޮންޑު ލިސްޓްކޮށްފައިވަނީ އިންވެސްޓުކުރާން ހުއްދަ ލިބިފައިވާ ރައުސުލްމާލެއްގެ ގޮތުގައެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މައްސަލައަކީ ސަރުކާރުގެ ކޭޝްފްލޯގެ ދަތިތައް ޙައްލުކުރުމަށް ޕެންޝަންގެ ފަންޑު ބޭނުން ކުރުމެވެ.
އިސްތިޢުފާ ދެއްވުމުގެ ކުރިން އިނާޒާއި ޕެންޝަން އޮފީހުގެ އެހެން އޮފިޝަލުން ވަނީ މި މުޢާމަލާތަށް ހުއްދަ ދޭނަމަ، ވަކި ޝަރުޠުތަކެއް އެކަށައެޅުއްވުމަށް މަސައްކަތް ކުރައްވާފައި ކަމަށް "ދައުރު" ގައި ރިޕޯޓުކޮށްފައި ވެއެވެ. ކަނޑައަޅާން އުޅުނުކަމަށް ރިޕޯޓުކޮށްފައިވާ ޝަރުޠުތަކަކީ މި މުޢާމަލާތުގެ ފައިސާ، އެކްސްޕޯޓް ކުރިއެރުވުމަށާއި އިޤްތިޞާދީ ގޮތުން އުފެއްދުންތެރި ކަންކަމަށް ބޭނުންކުރުމާއި، ޚަރަދުތައް ކުޑަކުރުމާއި، ރުފިޔާގެ އަގު ހިފެހެއްޓުމަށް ފިޔަވަޅުތައް އަޅަން ސަރުކާރުން ވައުދުވާނެ ކަމުގެ ޔަޤީންކަން ސަރުކާރުން ދިނުމެވެ. 
މިކަންބޮޑުވުންތައް ޙިއްސާކުރާން އެދުމުން، ރައީސް ޑރ މުޙައްމަދު މުޢިއްޒު ވަނީ ބައްދަލުކުރައްވާން އިންކާރު ކުރައްވާފައި ކަމަށާއި، އޭގެ ބަދަލުގައި ފޯނުން ގުޅުއްވައި، މުޢާމަލާތަށް ރުހުން ދެއްވުމަށް އެދިވަޑައިގެންނެވި ކަމަށެވެ. ބޯޑުގައި ތިބި ޕްރައިވެޓް ސެކްޓަރުގެ މަންދޫބުން އިނާޒްގެ އިޢުތިރާޟުތަކަށް ތާޢީދެއް ނުކުރާކަމަށާއި، އެފަރާތްތަކުން ބޭނުންވަނީ ސަރުކާރު އެދޭ ގޮތަށް ދީލާލުމަށް ކަމަށް "ދައުރު" ގައި މަސްދަރުތަކުން ބުނެފައި ވެއެވެ. 

ޕެންޝަން އޮފީހުން ހާމަކުރާ މިންވަރާއި ނުކުރާ މިންވަރަކީ ކޮބައިހެއްޔެވެ؟

ފެބްރުއަރީ މަހު ޕެންޝަން އޮފީހުން ބުނީ މި މުޢާމަލާތް މާލީ ޒިންމާއާ ބެހޭ ޤާނޫނަށް ފެތޭތޯ ބަލާން ޤާނޫނީ ލަފާ ހޯދާފައިވާ ކަމަށާއި، ޕެންޝަން އޮފީހުގެ މާލީ ޖަވާބުދާރީވުމާއި، ޒިންމާދާރުކަމުގެ ހަމަތަކަށް މިމުޢާމަލާތް ފެތޭ ކަމަށާއި، މުޢާމަލާތް ހިންގާފައިވަނީ ބަލަންޖެހޭ ބެލުންތައް ބަލައި، ދެފުށްފެންނަ، ވިޔަފާރީގެ ގޮތުން ދެއުޅިއެއްވާ ހަމަ އެއްގައި، ޕެންޝަން ފަންޑުގެ ބައިވެރިންގެ މަޞްލަޙަތުތައް އެންމެ ރަނގަޅަށް ޙިމާޔަތްކުރެވޭނެ މަގެއްގައި ކަމަށެވެ. 
އޭގެ ހަ މަސްދުވަސް ފަހެވެ. ބޮންޑުގެ ޖުމުލަ އަގަކާއި ކޮބައިކަމެއް، ސެކަންޑްރީ މާކެޓުގައި ބޮންޑު ގަތީ ކޮން ފަރާތަކުންކަމެއް ހާމައެއް ނުކުރިއެވެ. ކުންފުނީގެ ޕޮލިސީ އޮން ޕަބްލިކް ޑިސްކްލޯސަރ އޮފް އިންވެސްޓްމަންޓް އިންފޮމޭޝަންގެ އެ މަޢުލޫމާތު ހާމަނުކުރެވޭނެ ކަމަށް ބުނަމުންނެވެ. ބޮންޑުގެ ޓެނަރ އާއި މުއްދަތާއި އަދި ކަރަންސީ ސްޕްލިޓް (ކިހާ މިންވަރެއްތޯ ދިވެހި ރުފިޔާއިން އަދި ޑޮލަރުން) އަށް އެދުމުން ބުނީ އިންވެސްޓްމަންޓްތަކުގެ މަޢުލޫމާތުވެސް ކޮންމެ ހަތަރު މަހަކުން، އިހު ނަންގަތް ޕޮލިސީގެ ދަށުން ހާމަކުރަމުން ގެންދާނެ ކަމަށެވެ.
މިމުޢާމަލާތަށް ހުއްދަ ދިން އިރު، ޕެންޝަން ބޮޑުގެ ކޯރަމް ހަމަވޭތޯ އާއި، ބޭއްވި ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓަނީ ކާކުތޯ ސުވާލު ކުރުމުން ބުނީ "އިންވެސްޓްމަންޓްގެ ހުރިހާ ނިންމުންތަކެއް ބެލުމަށްފަހު ހުއްދަ ދެނީ ޕެންޝަން އޮފީހުން ޤާއިމުކޮށްފައިވާ ގަވަރނަންސް އާއި ނިންމުންތައް ނިންމުމުގެ ޕްރޮސެސްތަކުގެ ތެރެއިން" ކަމަށެވެ. އެ ބައްދަލުވުމުގެ މުޤައްރިރުގެ ނަމެއް ހާމައެއް ނުކުރިއެވެ. މިހާރު ބޯޑުގެ ޗެއަރމަންގެ މަޤާމު ފުުރުއްވަނީ ޢަބްދުލް މަޖީދު ޢަލީކަން ކަށަވަރު ކޮށްދިނެވެ.
އިންވެސްޓްމަންޓް އެންޑް ރިސަރޗް ޑިރެކްޓަރ އިސްތިޢުފާ ދިންކަން  ކަށަވަރުކޮށްދީ، 2025 ސެޕްޓެމްބަރުން މިހާތަށް އިސްތިޢުފާ ދިން އޮފިޝަލުންގެ ޢަދަދަށް އެހުމުން ޕެންޝަން އޮފީހުން ބުނީ"ވަކިވަކި މުވައްޒަފުންގެ ވަޒީފާއާ ގުޅޭ ކަންކަމުގައި ނުވަތަ ރަސްމީކޮށް ގޮތުން ވަކިގޮތަކަށް ނުނިމި ހުރި ވަޒީފާގެ އިންތިޒާމުތަކާ ގުޅޭ ކަންކަމާމެދު މިއޮފީހުން އެއްޗެއް ނުބުނާނެ" ކަމަށެވެ.
ޗީފް ލީގަލް އޮފިސަރު ޢަބްދުالله ފިކުރީ އިސްތިޢުފާ ދެއްވިކަން ޕެންޝަން އޮފީހުން މިދިޔަ ހަފްތާގައި ދައުރަށް ކަށަވަރުކޮށްދެމުންވެސް، ވަކި ސީދާ ތާރީޚެއް ނުވަތަ ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. ”ސަންއޮންލައިން“ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ފިކުރުއީ އާއި އިންވެސްޓްމަންޓް އެންޑް ރިސާޗް ޑިރެކްޓަރު އާމިނަތު އިރްތިޔާޝާ އާއި އިންވެސްޓްމަންޓް އެންޑް އެޑްވައިޒަރީ ސާވިސަސްގެ ވެރިޔާ ޙައިފާ އަޙްމަދު އިސްތިޢުފާ ދެއްވީ ބުރާސްފަތި ދުވަހު (23 ޖުލައި) ގައެވެ. އެދުވަހު ހެނދުނު ހައިފާ އިސްތިއުފާ ދެއްވުމާ އެކު ”އަދަދު“ ނޫހުން ރިޕޯޓްކޮށްފައި ވަނީ މެނޭޖްމަންޓް ފެންވަރުގެ އެހެން މީހަކުވެސް މަޤާމުން އަމިއްލައަށް ވަކިވެފައިވާ ކަމަށެވެ. ނަމެއް ހާމައެއް ނުކުރެއެވެ. 
”އަދަދު“ ނޫހުން އިތުރަށް ރިޕޯޓުކޮށްފައިވަނީ ޕެންޝަން އޮފީހުގެ މެނޭޖްމަންޓުން ޖުލައި 23 ގައި މެމޯއެއް ޢާންމުކުރި ކަމަށެވެ. އޭގައިވަނީ މަޢުލޫމާތު ލީކުކުރާކަމަށް އެނގިއްޖެ މުވައްޒަފަކު ވަޒީފާއިން ވަކިކުރާނެ ކަމުގެ އިންޒާރެވެ. 

މިއީ ކީއްކުރަން ހޯދި ފައިސާއެއް ހެއްޔެވެ؟

”އަދަދު“ ނޫހުގައި މަސްދަރުތަކުން ބުނީ ސަރުކާރުން މި ޑީލް ކުރިއަށް ގެންގޮސްދިނީ ސިވިލް ސާވިސްގެ މުވައްޒަފުންނަށް މުސާރަ ދޭން ބޭނުންވާ މިންވަރު ނެތިގެންނެވެ. ފިނޭންސް މިނިސްޓްރީން ކުރިން ބުނެފައި ވަނީ އެ ފައިސާ ބޭނުންވަނީ އަމިއްލަ ކޮންޓްރެކްޓަރުންނަށް ދައްކަންޖެހޭ ފައިސާ ކްލިއަރކުރުމަށެވެ. 
މަރުކަޒީ ބޭންކުގެ އެކައުންޓްތަކުން ދައްކާގޮތުގައި ސަރުކާރެއްގެ އަތަކު ފައިސާއެއް ނެތެވެ. ދަނީ ހުސްވަމުންނެވެ. އެމްއެމްއޭގައި ފިނޭންސް މިނިސްޓްރީގެ ޑިޕޮސިޓް މާޗް މަސް ނިމުނުއިރު ހުރީ 6.5 ބިލިއަން ރުފިޔާގައެވެ. އޭޕްރީލް މަހު ސުކޫކް ދެއްކުމަށްފަހު އެޢަދަދު 1.7 ބިލިއަން ރުފިޔާއަށް ތިރިވިއެވެ. މެއި މަސް ނިމުނުއިރު ހުރީ 1.4 ބިލިއަން ރުފިޔާގައެވެ. ޖޫން މަހުގެ 30 ވަނަ ދުވަހު 145.4 މިލިއަން ރުފިޔާގައެވެ. މާޗް މަހުގެ ފަހުކޮޅު އާއި މެއި މަހުގެ ފަހުކޮޅާ ދެމެދު އެމްއެމްއޭ އިން ސަރުކާރަށް ލިބުނު ފައިސާގެ ސާފު މިންވަރު 7.6 ބިލިއަން ރުފިޔާއިން 12.7 ބިލިއަން އެމްވީއާރު އިތުރުވިއެވެ.
2026 ވަނަ އަހަރުގެ ބަޖެޓަށް ފައިނޭންސް ކުރުމަށް ސަރުކާރުން ރާވާފައި އޮތީ 26.26 ބިލިއަން ރުފިޔާ ހޯދުމަށެވެ. އެ ފައިސާގެ ބޮޑު ބައެއް ބޭނުންވަނީ ނުދެއްކި ހުރި ލޯނުތައް އަނބުރާ ދެއްކުމަށެވެ. ކޮންމެ ދެތިންމަހަކުން ދައްކާންޖެހޭ ޓްރެޜަރީ ބިލްތަކާއި، ޢާންމުކޮށް ސަރުކާރުން ދައްކާންޖެހޭ ބިލުތަކަށްވާ ފައިސާ ހޯދަނީ ޓްރެޜަރީ ބިލާއި ބޮންޑް ވިއްކައިގެންނެވެ. ޖުލައި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ލޯނު އަނބުރާ ދައްކާން ކުރި ޚަރަދު 9.2 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިދިޔަ އަހަރުގެ އެ ހިސާބަށް އައިއިރު މިކަމަށް ޚަރަދުވީ 3.2 ބިލިއަން ރުފިޔާއެވެ.
މިމަގުން ކުރިއަށް ދެވޭނީ ޑޮމެސްޓިކް (އެތެރޭގެ) ބާޒާރުގައި ޓްރެޜަރީ ބިލާއި ބޮންޑް ގަންނާނެ ބަޔަކު ނުވާ ހިސާބުންނެވެ. ނުވަތަ ބަދަލުގައި ފައިދާގެ މަތީ ރޭޭޓެއް މާކެޓުން ޑިމާންޑުކުރާ ހިސާބުންނެވެ. ނުވަތަ ބައިނަލްއަޤްވާމީ ބާޒާރު އެކީއެކަށް ބަންދުވާ ހިސާބުންނެވެ. އެހިސާބުން ސަރުކާރަށް ދިވެހި ރުފިޔާ ހޯދާނެ ބޮޑު ފަންޑެއް އެބަ ބޭނުންވެއެވެ. މިފަދަ ކުޑަ އިޤްތިޞާދެއްގައި އެފަދަ ފަންޑުތައް ދާދި މަދެވެ. ޕެންޝަން ފަންޑަކީ އެފަދަ މަދު ފަންޑުތަކުގެ ތެރެއިން ފައިސާ ހުރި މަސްދަރެކެވެ.
ފިނޭންސް މިނިސްޓްރީން 21 ޖުލައިގައި ޝާޢިއުކުރި ޖެނުއަރީ 1 އިން ޖުލައި 16 މުއްދަތުގެ ފިސްކަލް ޑެވަލޮޕްމަންޓް ރިޕޯޓުގައި ބުނަނީ 1،535.3 މިލިއަން ރުފިޔާގެ ޑެފިސިޓެއް ރެކޯޑުކޮށްފައި ވެއެވެ. 2025 ވަނަ އަހަރުގެ އެމުއްދަތުގައި ހުރީ 817.3 މިލިއަން ރުފިޔާގެ ސާޕްލަސްއެކެވެ.
މައްސަލައަކީ އާމްދަނީއެއް ނޫނެވެ. ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 22،979.7 މިލިއަން ރުފިޔާ މިއަހަރު ލިބިއްޖެއެވެ. މިއީ މިދިޔަ އަހަރުގެ އެ ތާރީހަށް ލިބުނު 21،083.9 މިލިއަން ރުފިޔާ އާ އަޅާބަލާއިރު 9 އިންސައްތައިގެ އިތުރުވުމެކެވެ. މައްސަލައަކީ ޚަރަދެވެ. ޚަރަދު ހުރީ 24،515.0 މިލިއަން ރުފިޔާގައެވެ. އެއީ ކުރީ އަހަރުގެ އެ މުއްދަތަށްވުރެމިއީ 21 އިންސައްތައިގެ ބޮޑުވުމުކެވެ. 
ޚަރަދު ބޮޑުވާ ދެ ސަބަބެއް އެބަ އޮތެވެ. އެއްކަމަކީ ސަބްސިޑީގެ ގޮތުގައި 3،129.9 މިލިއަން ބޭނުންކޮށްފައިވާއިރު، މދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަވީ އެންމެ 1،680.3 މިލިއަން ރުފިޔާއެވެ. އަހަރުގެ ބާކީ ފަސް މަހަށް މިއޮތީ މުޅި އަހަރަށް ފާސްކުރި 2،890 މިލިއަން ރުފިޔާގެ ތެރެއިން 240 މިލިއަން ރުފިޔާ އެކަންޏެވެ. ފިނޭންސް މިނިސްޓްރީ އިން ބުނާ ގޮތުގައި މިހާ ބޮޑުކޮށް ޚަރަދު ހިނގުމުގެ ސަބަބަކީ މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ތެރެއިން ތެލުގެ އަގު ބޮޑުވުމެވެ. އެހެންވީމާ ކަރަންޓުގެ އަގު ދަށްކުރާން ކުރަންޖެހުނު ހޭދަވެސް ބޮޑުވުމެވެ. ހަމައެކަނި ފިއުލް ސަބްސިޑީ 702.1 މިލިއަން ރުފިޔާއިން 1.8 ބިލިއަން ރުފިޔާއަށް އިތުރުވެފައި ވެއެވެ.
ޖޫން މަހު ކަރަންޓުގެ އަގު 3.64 އިންސައްތަ، ގޭސް 0.81 އިންސައްތަ އަދި ފެނުގެ އަގު 0.62 އިންސައްތަ ދަށްވެފައިވާއިރު، ޕެޓްރޯލްގެ އަގު 5.22 އިންސައްތަ އަދި ޑީސަލްގެ އަގު 9.22 އިންސައްތަ ދަށަށް ގޮސްފައިވެއެވެ.
މުސާރައާއި އުޖޫރަ އަދި ޕެންޝަންގެ ޚަރަދުގެ މިންވަރު 8،008.4 މިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ އަހަރުން އަހަރަށް ބަލާއިރު 777.8 މިލިއަން ރުފިޔާގެ އިތުރުވުމެވެ. މިކަމުގެ ސަބަބަކީ ޕޭ ހާމަނައިޒޭޝަން ޕްރޮގްރާމް ކަމަށް ސަރުކާރުން ބުނެއެވެ.

އެމްވީއާރު 2.4 ބިލިއަން އިން ހަގީގަތުގައި އިންޖެކްޝަން ހަރަކާތްތެރިވަނީ ހެއްޔެވެ؟

ބްރޯޑް މަނީ (އިޤްތިޞާދަށް ނުކުމެ ހުރި ފައިސާގެ މިންވަރު) މެއި މަހު ހުރީ 78.4 ބިލިއަން ރުފިޔާގައެވެ. ބޮންޑުން ތަމްސީލު ކުރަނީ އެޖުމުލައިގެ ގާތްގަނޑަކަށް ތިން އިންސައްތައެވެ. އެކަމަކު ޖުމްލަ 78.4 ބިލިއަން ރުފިޔާގެ ގާތްގަނޑަކަށް 42 އިންސައްތައަކީ ބޭރު ފައިސާގެ ޑިޕޮސިޓެވެ. މަރުކަޒީ ބޭންކުން ޙަޤީޤަތުގައި ކޮންޓްރޯލްކުރާ ފައިސާއާއި ބޭންކް ރިޒާވްގެ 13.2 ބިލިއަން ރުފިޔާގެ ތެރެއިން 2.4 ބިލިއަން ރުފިޔާއެވެ. އެއީ ބޭރު ފައިސާގެ ޑިޕޮސިޓުތައް ކެނޑީމާ ބްރޯޑް މަނީގެ 18 އިންސައްތައިގެ މިންވަރެވެ.
މެއި މަހުގެ ނިޔަލަށް ބްރޯޑް މަނީ 20.8 އިންސައްތަ، ކުއާޒީ މަނީ 24.7 އިންސައްތަ އަދި ދައުރުވާ ފައިސާގެ މިންވަރު 16.8 އިންސައްތަ އިތުރުވެފައި ވެއެވެ. ނޮމިނަލް ޖީޑީޕީ ގާތްގަނޑަކަށް ހަތަރު ޕަސެންޓް ކުރިއަރާނެ ކަމަށް ލަފާކުރެވެއެވެ.
އެމްއެމްއޭގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ބެލެންސް ޝީޓުގައި ރީޕަރޗޭސް ކުރުމަށް އެއްބަސްވުމުގެ ދަށުން ވިއްކާފައިވާ ސެކިއުރިޓީގެ ގޮތުގައި 2.85 ބިލިއަން ރުފިޔާ ރެކޯޑްކޮށްފައިވާއިރު، މިއީ އިތުރުވެ އޮލަވެ ގިނަވާ ފައިސާ މޮޕް ކުރުމުގެ މަޤްޞަދުގައި ހިންގާ އޯޕަން މާކެޓް އޮޕަރޭޝަންތަކެއް ކަމަށް ބޭންކް އިން އަމިއްލައަށް ސިފަކުރެއެވެ. އެމިންވަރު މީގެ މަހެއްހާ ދުވަސް ކުރިން ދެ ބިލިއަން ރުފިޔާ އަށް ވުރެ މައްޗަށް ގޮސްފައިވެއެވެ. އެހެން ގޮތަކަށް ބުނާނަމަ، މަރުކަޒީ ބޭންކުން ވަނީ ޖޫން މަހު ލިކުއިޑިޓީ ކުޑަ ކުރުމުގެ އޮޕަރޭޝަންތައް މެދުވެރިކޮށް 850 މިލިއަނަށް އިތުރުކޮށްފައެވެ. އޭގެ ތިން ހަފްތާ ފަހުން އެ ބޭންކުން 2.4 ބިލިއަން ރުފިޔާ އިންޖެކްޓްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ފައިނޭންޝަލް ކޮންޓްރޯލަރގެ މަޤާމުގައި ކުރީ ސަރުކާރުގައި ހުންނެވި ސަރުވަޝް ފެބްރުއަރީގައި އުފުއްލެވި އިޢުތިރާޟުގެ މައިގަނޑަކީ މިއެވެ. "ޓެކްސްޓް ފޮތުން ބަލާފީވިއްޔާ، މިއީ ކުއަންޓިޓޭޓިވް އީޒިންގް އާއި ވައްތަރު ކަމެއް: މަރުކަޒީ ބޭންކުން ސަރުކާރުގެ ސެކިއުރިޓީޒް ގަނެގެން ފައިސާގެ ސަޕްލައި ފުޅާކުރަނީ،" ކަމަށާއި "ނަމަވެސް ފާހަގަކުރަންޖެހޭ މުހިންމު ނުކުތާއަކީ، މައްސަލައަކީ ދިވެހި އިޤްތިޞާދު އޮތިއްޔަކީ އެކްސްޕޭންޝަނަރީ މަނިޓަރީ ޕޮލިސީއެއް ހިންގަންޖެހޭ ޙާލަތެއްގައެއް ނޫން. އަޞްލުގައި ޚުދް މަރުކަޒީ ބޭންކުން ޤަބޫލުކުރާ ގޮތުގައި ދިވެހި އިޤްތިޞާދަށް ބޭނުންވަނީ ކޮންޓްރެކްޝަނަރީ މަނިޓަރީ ސްޓޭންސެއް." ކަމަށް ސަރުވަޝް ތަފުޞީލު ކޮށްދެއްވިއެވެ.
ސަރުވަޝް އިންޒާރު ކުރައްވާގޮތުގައި، މިމުޢާމަލާތަކީ ކުރިއަށް އޮތް ތަނުގައި ޕެންޝަން ފަންޑަށް ހިނގިދާނެ ނުރައްކާތެރި ރާސްތާއަކަށް ކަންފަހި ކުރުން ކަމަށެވެ.
"ވަގުތީ ގޮތުން ވިޔަސް، އިންޓާރނަލް ]އެތެރޭގެ[ މެނޭޖްމަންޓާއި ކޮންޓްރޯލް މެކޭނިޒަމްތަކަށް [ހިފެހެއްޓުންތަކާއި އޮބަހެއްޓުތައް] ރިޢާޔަތެއް ނުބަހައްޓާން ބޯޑުން ނިންމުމަކީ ސިޔާސީ ނުވަތަ މާލީ ޕްރެޝަރުތައް، ޕެންޝަން ފަންޑުގެ ގަވަރނަންސް ފްރޭމްވޯކަށް ވެފައިވާ ކަމުގެ ޢިޝާރާތެއް،" ކަމަށާއި، "ގަވަރނަންސް ސޭފްގާޑުތައް [ރައްކާތެރިކަމުގެ ފިޔަވަޅުތައް] ނައްތާއިލާ، ކުރު މުއްދަތުގެ މާލީ އެދުންތައް ފުއްދަން ޕެންޝަން އެސެޓްތައް ބޭނުން ކުރުމުގެ ހިތި ނަތީޖާ" ގާނާ އަދި ޒިންބާބުވޭ ފަދަ ޤައުމުތަކުން ފެންނަން ހުރިކަމަށްވެސް ސަރުވަޝް އިތުރަށް ވިދާޅުވިއެވެ.
އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން12 ޖުލައި 12 ގައި ޢާންމުކޮށް ހުޅުވާލައިގެން ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް ޢަމީރު އިޝާރާތް ވިދާޅުވީ ވިޔަފާރި ބޭންކުތަކުގެ ފައިސާ އެމްއެމްއޭގައި ބަހައްޓާފައި ހުރި މިންވަރު 3.8 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. މިއީ ކުއަންޓިޓޭޓިވް އީޒިންގް މެދުވެރިކޮށް ފައިސާ އުފެއްދުން ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ޢަމީރު ވަނީ 2.1 ބިލިއަން ރުފިޔާގެ ލިކުއިޑިޓީ މޮޕް ކުރާން މަރުކަޒީ ބޭންކުން ކަނޑައަޅާފައިވާ އަމާޒާމެދު ސުވާލު އުފައްދަވާފައެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ސަރުކާރުގެ ސެކިއުރިޓީ ހޯލްޑިންގްސް ވެސް 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 21.6 ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބޭންކްތަކަށް ޓްރެޜަރީ ބިލުތައް ނުވިއްކަނީ ކީއްވެ ހެއްޔެވެ؟

ޕެންޝަން ފަންޑުގެ ކުރީގެ ޗެއާމަން އިނާޒް ފެބްރުއަރީގައި ސަރުކާރަށް ޚިޔާލު ދެއްވީ ކޮމާޝަލް ބޭންކުތަކުގައި އެންމެ މަދުވެގެން ބަހައްޓަންޖެހޭ ފައިސާގެ މިންވަރު ދަށް ކުރުމަށެވެ. އެކަމަށްސަރުކާރުން ދެކޮޅު ހެދިއެވެ.
އެމްއެމްއޭގެ ސްޓޭންޑިން ޑިޕޮސިޓް ފެސިލިޓީގައި މެއި މަހު ބޭންކުތަކުން އެވްރެޖްކޮށް 3.2 ބިލިއަން ރުފިޔާ ޕާކުކޮށްފައި ހުއްޓެވެ. އެއަށް 0.25 އިންސައްތައިގެ އިންޓްރެސް ފައިސާ ލިބުނެވެ. އެކަމަކު ސަރުކާރުގެ 364 ދުވަހުގެ ޓްރެޜަރީ ބިލްތަކުން 4.60 އިންސައްތައިގެ ފައިދާ ލިބެއެވެ. އެހެންވީމާ ސަރުކާރުގެ ޓްރެޜަރީ ބޮންޑާއި ބިލު ކޮމާޝަލް ބޭންކްތަކުން ޙިއްސާކުރާ މިންވަރު 2023 ވަނަ އަހަރު ނިމުނުއިރު 28.7 ބިލިއަން ގައި ހުރިއިރު، މި އޭޕްރީލް މަހު އެޢަދަދުވަނީ 44.2 ބިލިއަން ރުފިޔާ އަށް އަރާފައެވެ.
ކަންމިހެން ހުރިއިރު، ބޭންކްގެ ލިކުއިޑް އެސެޓްސް 2024 ވަނަ އަހަރު ނިމުނުއިރު 27.5 ޕަސެންޓުން މެއި މަހު 21.0 ޕަސެންޓަށް ދަށްވެފައިވާއިރު، ބޭންކެއްގައި ސަރުކާރުގެ ބޮންޑާއި ސެކިއުރިޓީ ހުންނަވަރަކަށް، ސަރުކާރުގެ ބެލެންސް ޝީޓަށްވާގޮތަކުން ބޭންކަށް ކުރާ އަސަރު ބޮޑުވެ ދެއެެވެ. 

ޑޮލަރުގެ އަގަށްވާނީ ކިހިނެއް ހެއްޔެވެ؟

ޑޮލަރުގެ އަގު ކަޅު ބާޒާރުގައި ހުރީ މައްޗަށް ޖަހާފައެވެ. ޖުލައި މަހުގެ މެދުތެރޭގައި ފުރަތަމަ ފަހަރަށް 21 ރުފިޔާ އިން މައްޗަށް އެރިއެވެ. ޑޮލަރެއްގެ އަގު ޖުލައި 23 ވަނަ ދުވަހު ހުރީ 21 ރުފިޔާ 45 ލާރީގައެވެ. ޖުލައި 28 ވަނަ ދުވަހު 21.70 ގެ ޢަދަދު ހުރަސް ކުރިއެވެ. މިއީ ޑޮލަރުގެ އަގު އެންމެ ބޮޑުވިކަމަށް އަދި ރެކޯޑުކުރެވިފައިވާ މިންވަރެވެ. އިމްޕޯޓަރުން ”އަދަދު“ ނޫހުގައި ބުނެފައިވަނީ 21.60 ގެ ރޭޓަށްވުރެ އަގުބޮޑުކޮށްވެސް ޑޮލަރު ނުލިބޭ ކަމަށެވެ.
ކޮންމެ ގޮތެއްގައި ނަމަވެސް، ޕެންޝަން އޮފީހުގެ މުޢާމަލާތުން އިޤްތިޞާދުގެ ތެރެއަށް މި އިތުރުވި 2.4 ބިލިއަން ރުފިޔާގެ އަސަރު ޑޮލަރުގެ އަގަށް އަދި ނުފޯރާނެއެވެ. ވީ އަދި ހަފުތާއެއްހާ ދުވަހެވެ. ”އަދަދު“ ނޫހާ ވާހަކަ ދެއްކި އެނަލިސްޓުން ބުނީ ޑޮލަރުގެ އަގު އުފުލުމުގެ މައިގަނޑު އެއްސަބަބަކީ ބޭރުގެ ދަރަނި ޑޮލަރުން އެކީ އެއްކޮށް ދެއްކުމާއެކު، ބޭރުވެގެންދިޔަ ބޭރު ފައިސާއެވެ. އަދި ބައިނަލްއަޤްވާމީ ބާޒާރުގައި ލޯނު ނަގާން ސަރުކާރަށް ދަތިވުމެވެ. މެއި އިން އޮގަސްޓް މަހާ ހަމައަށް ފަތުރުވެރިކަން ޢާންމު އުޞޫލުން ހިސާބަކަށް އަޑިއަޅާލައިނެއެވެ. އެއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ލޯ ސީޒަނެވެ. ވީމާ ޑޮލަރު ލިބޭ މިންވަރު ދަށްވެއެވެ. މިދުވަސްވަރާ ދިމާވަނީ ޙައްޖާއި ޢުމްރާ އަދި ސްކޫލް ބަންދު ދުވަސްތައްކަމުން އާދަޔާ ޚިލާފަށް ޑޮލަރުގެ ޑިމާންޑު މިދުވަސްވަރު ބޮޑުވެސް ވެއެވެ. 
ސުކޫކް ދެއްކުމުން މެއި މަހު ރަސްމީ ރިޒާވް ވަނީ 705 މިލިއަން އެމެރިކާ ޑޮލަރަށް ދަށްވެފައެވެ. ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު ގާތްގަނޑަކަށް 21 މިލިއަން އެމެރިކާ ޑޮލަރަށް ދަށްވެފައިވެއެވެ.  އަންގާރަ ދުވަހު ޝާޢިއުކުރި ކޮންސިއުމަރ ޕްރައިޒް އިންޑެކްސް (ޚިދުމަތާއި ތަކެތީގެ އަގު ބޮޑުވާ ނިސްބަތް) 2.56 އިންސައްތައިން އުފުލުނެވެ. ދަތުރުފަތުރުގެ ޚަރަދު 8 އިންސައްތައިން އުފުލުނެވެ. ވޯލްޑް ބޭންކުން ލަފާކުރާ ގޮތުގައި މި އަހަރަށް އިންފްލޭޝަން ހަ ޕަސެންޓް އަރާނެއެވެ.
އަންގާރަ ދުވަހު ޝާއިއުކުރި އެންމެ ފަހުގެ ކޮންސިއުމަރ ޕްރައިސް އިންޑެކްސްގައިވާ ގޮތުން ޖޫން މަހުގެ ނިޔަލަށް އަގުތައް 2.56 ޕަސެންޓް މައްޗަށް ގޮސްފައިވާއިރު، މީގެ މަހެއްހާ ދުވަސް ކުރިން 2.54 ޕަސެންޓަށް ބަދަލެއް އައިސްފައިވަނީ ކިރިޔާ އެވެ. އެކަމަކު ކޮމްޕޯނެންޓްތަކުން ކިޔައިދެނީ މާ ބުރަ ވާހަކައެކެވެ. މި އަހަރުގެ ތެރޭގައި ދަތުރުފަތުރުގެ އަގު ވަނީ 8.05 ޕަސެންޓް އިތުރުވެފަ އެވެ. ކާބޯތަކެތީގެ އަގު ވަނީ 7.28 ޕަސެންޓް އިތުރުވެފަ އެވެ.

ޕެންޝަނަރުންނަށް މިކަމުން ކުރާނެ އަސަރަކީ ކޮބައި ހެއްޔެވެ؟

ޕެންޝަން އޮފީހުން ބުނަނީ ޕެންޝަން ފަންޑަށް މިމުޢާމަލާތުން ގެއްލުން ނުލިބޭނެ ކަމަށެވެ. ފެބްރުއަރީ މަހު ސަރުވަޝް މިކަމާމެދު ވިދާޅުވީ ޕެންޝަން ފަންޑަށް ގެއްލުމެއް ނުލިބޭނެ ކަމަށެވެ. ނަމަވެސް މިމުޢާމަލާތުން އިޤްތިޞާދުގައި އޮލަވެ އިތުރުވާ ދިވެހި ރުފިޔާގެ ސަބަބުން ދިވެހި ފައިސާގެ އަގުވެއްޓި، ޕެންޝަނަރުން ރައްކާކޮށްފައިވާ ފައިސާއިން ގަނެވޭ ޚިދުމަތާއި ތަކެތީގެ މިންވަރު ދަށްވާނެ ކަމަށެވެ. އަދި ކުޑަކުޑަކޮށް ތަކެއްޗާއި ޚިދުމަތުގެ އަގު އުފުލުނަސް، ޕެންޝަން ފަންޑަށް މިމުޢާމަލާތުން ލިބޭން އޮތް ފައިސާގެ މިންވަރު ނަފީވެގެން ދާނެ ކަމަށެވެ. 
އެވްރެޖް ދިވެއްސެއްގެ ޕެންޝަން އެކައުންޓުގައި ގާތްގަނޑަކަށް 123،000 ރުފިޔާ ހުރެއެވެ. އެނަލިސްޓުން ލަފާކުރާ ގޮތުގައި ފައިސާގެ އަގު ވެއްޓެމުންދާވަރަށް އެ ޖުމުލައިގެ 30 އާއި 40 އިންސައްތައާ ދެމެދުގެ ޢަދަދެއް ފޮހެވިގެން ދާނެއެވެ: މީހަކަށް 37،000 އާއި 49،000 ގެ ގެއްލުން ވާނެއެވެ. 

މިފަދަ އެހެން މުޢާމަލާތެއް ހިންގައިދާނެ ހެއްޔެވެ؟

އެފަދަ މުޢާމަލާތްތައް މިހާރުވެސް ތަކުރާރުކޮށް ހިންގާފައި ހުރިކަމަށް ދެންނެވިދާނެއެވެ. މިއަށްވުރެ ކުދި ޢަދަދުތަކުންނެވެ. އިންސްޓޯލްމަންޓަށް ވާގޮތަށެވެ. 
ފިނޭންސް މިނިސްޓްރީގެ ހަފްތާގެ ޢާންމު ތަފާސްހިސާބު ރިޕޯޓްތަކާއި ރަސްމީ ދަރަނީގެ ރެކޯޑްތަކަށް ބަލައި، ”އަދަދު“ އިން ބުނަނީ މިވެރިކަމުގެ ދެ އަހަރާއި ހަތް މަސް ދުވަހުގެ ތެރޭގައި 44 ބިލިއަން ރުފިޔާގެ ލޯނު ނަގާފައިވާ ކަމަށެވެ. ޓްރެޜަރީ ބިލާއި ބޮންޑާއި ސުކޫކް މެދުވެރިކޮށް އެތެއިން ހޯދި 27.6 ބިލިއަން ރުފިޔާގެ ބޮޑު ބަޔަކީ ވިޔަފާރި ބޭންކުތަކުން ނަގާފައިވާ 15.8 ބިލިއަން  ރުފިޔާގެ ލޯނެވެ. ދެވަނައަށް އެންމެ ގިނަ ފައިސާ ނެގީ ޕެންޝަން ފަންޑު މެދުވެރިކޮށެވެ. އެއީ 5.5 ބިލިއަން ރުފިޔާއެވެ. އެހެންވީމާ ޕެންޝަން ފަންޑަކީ ސަރުކާރު އެންމެ ބޮޑަށް ދަރާއޮތް ދެވަނަ އެތެރޭގެ ފަރާތެވެ. 
އެ ފަންޑުގައި ސަރުކާރުގެ ސެކިއުރިޓީގެ ގޮތުގައި ގާތްގަނޑަކަށް 25 ބިލިއަން ރުފިޔާ އެބަހުއްޓެވެ. މިފަދަ މުޢާމަލާތެއް ތަކުރާރުނުވާނެ ގޮތަކީ ކޮބައިތޯ ފެބްރުއަރީގައި ސުވާލުކުރުމުން ސަބަބުތައް ކަމުގައި ޕެންޝަން އޮފީހުން ޢިޝާރާތް ކުރީ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ޕެންޝަން ސްކީމް ހިންގާން ރާވާއިފައިވާ އޮނިގަނޑާއި، ޖަވާބުދާރީ އަދި ޒިންމާދާރުކުރުވުމުގެ ނިޒާމުތަކާއި، އެކްސްޓަރނަލް އޮޑިޓާއި، އަދި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ބެލެހެއްޓުންތެރި ކަމެވެ.
އެޢިޝާރާތްކުރާ ޤާނޫނީ އޮނިގަނޑާއި ނިޒާމުގެ ތެރޭގައި ތިބި ނުވަ މީހަކު އިސްތިޢުފާ ދިނީ މި މުޢާމަލާތުގައި ބައިވެރިވާން ދެކޮޅު ހަދަމުންނެވެ."މިއީ ފެށުމެއް،" މިމުޢާމަލާތާބެހޭ މަޝްވަރާތަކަށް އަހުލުވެރި ފަރާތަކުން ފެބްރުއަރީ މަހު ”ދައުރު“ ނޫހުގައި އިންޒާރު ކުރިއެވެ. އެފަރާތުން ބުނެފައިވަނީ 2.4 ބިލިއަން ރުފިޔާގެ ބޮންޑަށް އާނއެކޭ ބުނާނަމަ، ސަރުކާރަށް އަނެއްކާވެސް މިކަން 25 ބިލިއަން ރުފިޔާއާ ހަމައަށް ކުރުމުގެ ދޮރު ހުޅުވުނީކަމަށެވެ. 

މިނިވަން ނޫސްވެރިކަމަށް އެހީތެރިވެދެއްވާ

ބިރެއްނެތި ޚަބަރު ގެނެސްދިނުމަށް އެހީތެރިވެދެއްވާ

އެއްފަހަރު ދެއްވާ

ނުވަތަ
މެމްބަރަކަށް ވެލައްވާމަހަކު $5 އިން ފެށިގެން