ޕެންޝަން އޮފީހުގެ 2.4 ބިލިޔަން ރުފިޔާގެ މުޢާމަލާތް: ކަންބޮޑުވުންތައް އުތުރި އަރަނީ
ޕެންޝަން އޮފީހުގެ ސީއީއޯ އަދި ބޯޑުގެ ޗެއާމަން ހިމެނޭހެން 5 އޮފިޝަލުން އިސްތިޢުފާދީފި.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
08 ފެބްރުއަރީ
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުން 2.4 ބިލިއަން (155.5 މިލިއަން އެމެރިކާ ޑޮލަރު) ގެ ސަރުކާރު ބޮންޑެއް ގަންނާން ރުހުން ދީފައިވާއިރު، އެ މުޢާމަލާތާ ނުރުހިގެން އެއޮފީހުގެ ބޯޑުން އެތައް ބަޔަކު ވަކިވެއްޖެއެވެ. އަދި މިއީ ފައިސާ ޗާޕުކުރުންފަދަ ކަމެއް ކަމަށާއި، ނަތީޖާ ހިތި ވާނެކަމަށް މާލީ ތަޖުރިބާކާރުން އިންޒާރު ކުރެއެވެ.
ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ސުޖާތާ ޙަލީމް އިސްތިޢުފާ ދެއްވީ ބުދަ ދުވަހުއެވެ. ބޯޑުގެ ޗެއާރމަން އަޙްމަދު އިނާޒާއި ބޯޑުގެ ދެ މެމްބަރުންނާއި ޗީފް ފައިނޭންޝަލް އޮފިސަރ (ސީއެފްއޯ) ޙައްވާ ފަޖުވާވެސް އިސްތިޢުފާ ދެއްވާފައި ވެއެވެ.
ޕެންޝަން އޮފީހުން އަންގާރަ ދުވަހު ޢާންމުކުރު ނޫސް ބަޔާނެއްގައި ބުނެފައިފައިވަނީ ފައިނޭންސް މިނިސްޓްރީ އިން ހުށަހަޅާފައިވާ "ޑުއަލް ކަރަންސީއިން (ދިވެހި ރުފިޔާއިން އަދި އެމެރިކާ ޑޮލަރުން) ރިޓަރން ލިބޭ 2.4 ބިލިޔަން ރުފިޔާގެ ޓްރެޜަރީ ބޮންޑެއްގައި އިންވެސްޓު ކުރުމަށް،" ނިންމީ ސެކަންޑަރީ މާކެޓުގައި 2.4 ބިލިއަން ރުފިޔާގެ ޓްރެޜަރީ ބޮންޑު ވިއްކައިގެން ލިބޭ ފައިސާއިން "ޕެންޝަން ފަންޑަށް ގެއްލުމެއް ނުލިބޭ ގޮތަށް" ކަމަށެވެ.
ބޯޑުގެ މައިގަނޑު ވިސްނުމަކީ "އިންވެސްޓްމަންޓުތައް ސިންދަފާތުކޮށް، ފަންޑުގެ ވިލުންވެރިކަން ހަރުދަނާކުރުމުގެ ގޮތުން، އިންވެސްޓްމަންޓުގެ ފައިސާ ޑޮލަރުން ލިބޭ ބޮންޑެއްގައި އިންވެސްޓް ކުރުމާއި، އިންވެސްޓްކޮށްފައިވާ އެސެޓްތަކުގެ އެވްރެޖް ޑިއުރޭޝަން ]މުއްދަތު[ ދިގުކުރުމާއި، އަދި ޕޯޓްފޯލިޔޯ ރިޓާރން އިތުރުކުރު"ން ކަމަށް ޕެންޝަން އޮފީހުން އެބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.
އަދި މިމުޢާމަލާތުގެ ސަބަބުން ޕެންޝަން ފަންޑުގައި ބޭރު ފައިސާގެ ރިޒާރވެއް އުފެދި، ޓްރެޜަރީ ބިލްތައް ދިގުމުއްދަތުގެ ޓްރެޜަރީ ބޮންޑަށް ބަދަލުކުރެވޭނެ ކަމަށްވެސް ބަޔާންކޮށްފައި ވެއެވެ.
ސަރުކާރަށް ސީދާ މަރުކަޒީ ބޭންކު – މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ލޯނު ހޯދާން ޤާނޫނުގައި މަނާކޮށްފައިވާތީ، އެކަން އޮޅުވާލައިގެން ކުރާން ޕެންޝަން ފަންޑު ބޭނުންކުރަނީ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ؛ ޕެންޝަން އޮފީހުން މިހާރުވެސް އިންވެސްޓުކޮށްފައި ހުރި ޓްރެޜަރީ ބޮންޑްތައް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ވިއްކައި، އެމުޢާމަލާތުން ލިބޭ 2.4 ބިލިއަން ރުފިޔާއިން، އަލުން ބޮންޑަށް އިންވެސްޓު ކުރަން ރާވާއިރު، މަރުކަޒީ ބޭންކުގައި އެމުޢާމަލާތުގެ އަގު އަދާކުރާނެ ފައިސާ އެއް ނެތެވެ. ޖެހެނީ 2.4 ބިލިޔަން ރުފިޔާ މުޅިން އަލަށް އެމްއެމްއޭ އިން އިޤްތިޞާދަށް ނެރޭށެވެ. ފައިސާ ޗާޕުކުރުމުގެ ތަޢުރީފަށް ފެތޭކަމަށް އިދިކޮޅުން ބުނާ ހިސާބަކީ މިއެވެ.
ނަތީޖާއެއްގެ ގޮތުން ދިވެހި ރުފިޔާގެ ސަޕްލައި އިތުރުވެ، ބަލިކަށިވެ، ތަކެއްޗާއި ޚިދުމަތުގެ އަގު ބޮޑުވެ (އިންފްލޭޝަން)، ޕެންޝަނަށް ރައްކާކޮށްފައި ހުރި ފައިސާގެ އަގު ވެއްޓި، ގެއްލިގެންދާނެ ކަމަށްވެސް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ. އޭޕްރީލްގައި ބައި ބިލިޔަން ޑޮލަރު ބޭރުގެ ދަރަނި އަދާކުރާން ޚަރަދުކުރަން ޖެހިފައިވާ މިދަނޑިވަޅު، އަމުދުން މިނުރައްކާ ބޮޑު ކަމަށް އެފަރާތްތަކުން ބުނެއެވެ. އެފަރާތްތަކުން އިންޒާރުކުރަނީ އެވްރެޖު ދިވެއްސެއްގެ ޕެންޝަން އެކައުންޓުގައި 123،000 ރުފިޔާ ހުރިއިރު، މި މުޢާމަލާތުގެ ސަބަބުން 30 އާއި 40 އިންސައްތައާ ދެމެދުގެ މިންވަރަކަށް އެފައިސާގެ އަގު ވެއްޓޭނެ ކަމަށެވެ.
ޕެންޝަން އޮފީހުން މޯލްޑިވްސް އިންޑިޕެންޑެންޓަށް މަޢުލޫމާތު ދެމުން ބުނީ އެ މުޢާމަލާތް އަދި ނުފެށޭ ކަމަށެވެ. އިނާޒް އިސްތިޢުފާ ދެއްވުމާ ގުޅިގެން ބޯޑުގެ ޗެއާޕާސަންގެ މަޤާމު އަދާކުރައްވަނީ ކާކުތޯ ސުވާލު ކުރުމުން އެ ކުންފުނިން ބުނީ "ކޮންމެ ބޯޑު ބައްދަލުވުމަކަށް ބޯޑު މެންބަރުން ޗެއާޕާސަންއެއް ކަނޑައަޅުއްވަނީ" ކަމަށެވެ.
މި މުޢާމަލާތް މާލީ ޒިންމާއާ ބެހޭ ޤާނޫނަށް ފެތޭތޯ ބަލާން ޤާނޫނީ ލަފާ ހޯދާފައިވާ ކަމަށާއި، ޕެންޝަން އޮފީހުގެ މާލީ ޖަވާބުދާރީވުމާއި، ޒިންމާދާރުކަމުގެ ހަމަތަކަށް މިމުޢާމަލާތް ފެތޭ ކަމަށާއި، މުޢާމަލާތް ހިންގާފައިވަނީ ބަލަންޖެހޭ ބެލުންތައް ބަލައި، ދެފުށްފެންނަ، ވިޔަފާރީގެ ގޮތުން ދެއުޅިއެއްވާ ހަމަ އެއްގައި، ޕެންޝަން ފަންޑުގެ ބައިވެރިންގެ މަޞްލަޙަތުތައް އެންމެ ރަނގަޅަށް ޙިމާޔަތްކުރެވޭނެ މަގެއްގައި ކަމަށްވެސް އެ އޮފީހުން މަޢުލޫމާތު ދީފައި ވެއެވެ.
ސީއީއޯ ސުޖާތާ ޙަލީމްގެ އިސްތީޢުފާގެ ސިޓީ ރަސްމީކޮށް ލިބިފައިވާފަކަންވެސް އެއޮފީހުން ކަށަވަރު ކޮށްދިނެވެ.
އެއްވެސް ގެއްލުމެއް ނުވާނެ – ފެށޭކޮޅު!
ޕެންޝަން އޮފީހުގެ ބަޔާނުގައި އެއޮފީހާއި ބޯޑުން ވަކިވި ތަޖުރިބާކާރުން ފާޅުކުރި ފަންނީ ކަންބޮޑުވުންތަކަށް ރިޢާޔަތެއް ކޮށް، ރައްދެއް ދީފައެއް ނުވެއެވެ. އޮކްޓޯބަރު މަހު ބޯޑުން އިސްތިޢުފާ ދެއްވި އަޙްމަދު ސަރުވަޝް އާދަމް ވިދާޅުވަނީ މި މުޢާމަލާތަކީ "ސީދާ ސަރުކާރަށް މަރުކަޒީ ބޭންކުން ލޯނު ދިނުމާ އެއްފަދަ ކަމެއް" ކަމަށާއި، ގެއްލުމެއް ނުވާނެކަމަށް ޕެންޝަން އޮފީހުން ބުނާ ބުނުމުން، ހަޤީޤަތް އޮޅޭ ކަމަށެވެ.
"ޕެންޝަން ފަންޑުގެ ބައިވެރިންނަށް ހިނދުން ހިނދަށް ގެއްލުމެއް ނުލިބޭ ގޮތަށް މުޢާމަލާތް ސްޓްރަކްޗާރ ކުރެވިދާނެ. ނަމަވެސް އެކަމުގެ ސަބަބުން ރިސްކް [ހިރާސް] ނައްތައެއް ނުލެވޭ،" މޯލްޑިވްސް އިންޑިޕެންޑެންޓަށް އޭނާ ވިދާޅުވިއެވެ. "ފުރަތަމަ ދުވަހު އެކައުންޓިންގް ގެއްލުމެއް ނުލިބިދާނެ، ނަމަވެސް، ޕެންޝަންގެ ދިގު މުއްދަތުގެ ގަތުމުގެ ބާރު [ފައިސާއިން ގަނެވޭ ތަކެއްޗާއި ޚިދުމަތުގެ މިންވަރު ނުވަތަ ފައިސާގެ އަގު] ދަށަށް ދާނެ." ސަރުވަޝް އިތުރަށް ވިދާޅުވިއެވެ.
މުޢާމަލާތުގެ ތަބީޢަތަކީ ކުއަންޓިޓޭޓިވް އީޒިންގް (ސެންޓްރަލް ބޭންކުން މިހާރު ހުރި ސަރުކާރުގެ ބޮންޑްތައް އޯޕަން މާކެޓުގައި ގަތުން) ކަމަށް ސަރުކާރުން ބުނާ ބުނުން ރަނގަޅު ނޫން ކަމަށް ސަރުވަޝް ވިދާޅުވިއެވެ.
"ޓެކްސްޓް ފޮތުން ބަލާފީވިއްޔާ، މިއީ ކުއަންޓިޓޭޓިވް އީޒިންގް އާއި ވައްތަރު ކަމެއް: މަރުކަޒީ ބޭންކުން ސަރުކާރުގެ ސެކިއުރިޓީޒް ގަނެގެން ފައިސާގެ ސަޕްލައި ފުޅާކުރަނީ،" ކަމަށާއި "ނަމަވެސް ފާހަގަކުރަންޖެހޭ މުހިންމު ނުކުތާއަކީ، މައްސަލައަކީ ދިވެހި އިޤްތިޞާދު އޮތިއްޔަކީ އެކްސްޕޭންޝަނަރީ މަނިޓަރީ ޕޮލިސީއެއް ހިންގަންޖެހޭ ޙާލަތެއްގައެއް ނޫން. އަޞްލުގައި ޚުދް މަރުކަޒީ ބޭންކުން ޤަބޫލުކުރާ ގޮތުގައި ދިވެހި އިޤްތިޞާދަށް ބޭނުންވަނީ ކޮންޓްރެކްޝަނަރީ މަނިޓަރީ ސްޓޭންސެއް." ކަމަށް ސަރުވަޝް ތަފުޞީލު ކޮށްދެއްވިއެވެ.
އޮގަސްޓް މަހު އެމްއެމްއޭ އިން ނެރުނު މަދުން ނޫނީ ޢާންމު ނުކުރާ ބާވަތުގެ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ކޯވިޑް-19 ގެ ޙާލަތުގައި ފައިސާ ޗާޕުކުރުމުން ކުރިމަތިވެފައިވާ ޙާލަތާއި، ނުކުތް ނަތީޖާ އޮޅުންފިލުވައި ދީފައެވެ. 2020 ވަނަ އަހަރާ އަޅާ ކިޔާއިރު 178 އިންސައްތައިގެ އިތުރުވުމަކަށް ފުދޭ – 7 ބިލިޔަން ރުފިޔާ އިޤްތިޞާދަށް އަލަށް ތަޢާރަފު ކުރީމާ، ބޭރު ފައިސާގެ ބާޒާރުގެ ޑިމާންޑާއި ސަޕްލައިގެ ފަރަގު އިހަށްވުރެ ބޮޑުތަނުން އިތުރުވި ކަމަށާއި، އިތުރަށް އެނބުރޭ ދިވެހި ރުފިޔާގެ ތެރެއިން 2.1 ބިލިޔަން ކަމާލު ކުރުމުގެ އޮޕަރޭޝަންތައް 2025 ގެ މެދު ތެރޭގައި ފަށައިގަނެފައިވާ ކަމަށެވެ.
ސަރުވަޝް އިންޒާރު ކުރައްވާގޮތުގައި، މިމުޢާމަލާތަކީ ކުރިއަށް އޮތް ތަނުގައި ޕެންޝަން ފަންޑަށް ހިނގިދާނެ ނުރައްކާތެރި ރާސްތާއަކަށް ކަންފަހި ކުރުން ކަމަށެވެ.
"ވަގުތީ ގޮތުން ވިޔަސް، އިންޓާރނަލް ]އެތެރޭގެ[ މެނޭޖްމަންޓާއި ކޮންޓްރޯލް މެކޭނިޒަމްތަކަށް [ހިފެހެއްޓުންތަކާއި އޮބަހެއްޓުތައް] ރިޢާޔަތެއް ނުބަހައްޓާން ބޯޑުން ނިންމުމަކީ ސިޔާސީ ނުވަތަ މާލީ ޕްރެޝަރުތައް، ޕެންޝަން ފަންޑުގެ ގަވަރނަންސް ފްރޭމްވޯކަށް ވެފައިވާ ކަމުގެ ޢިޝާރާތެއް،" ކަމަށާއި، "ގަވަރނަންސް ސޭފްގާޑުތައް [ރައްކާތެރިކަމުގެ ފިޔަވަޅުތައް] ނައްތާއިލާ، ކުރު މުއްދަތުގެ މާލީ އެދުންތައް ފުއްދަން ޕެންޝަން އެސެޓްތައް ބޭނުން ކުރުމުގެ ހިތި ނަތީޖާ" ގާނާ އަދި ޒިންބާބުވޭ ފަދަ ޤައުމުތަކުން ފެންނަން ހުރިކަމަށްވެސް ސަރުވަޝް އިތުރަށް ވިދާޅުވިއެވެ.
މަތިން އަންނަ ޕްރެޝަރު
އޮކްޓޯބަރު މަހު ސަރުވަޝް އިސްތިޢުފާ ދެއްވުމާއެކު، ފިނޭންސް މިނިސްޓްރީ ތަމްސީލުކުރާން ޕެންޝަން ބޯޑުގައި އިންނެވި އަޝްރަފް ރަޝީދާއި ސީއެފްއޯ ހައްވާ ފަޖުވާވެސް ވަކިވެވަޑައިގެންނެވިއެވެ. ކުރީގެ ފިނޭންސް މިނިސްޓަރު އަދި ބޯޑުގެ ޗެއާމަން އިނާޒް އިސްތިޢުފާ ދެއްވީ ގިނަ މަޝްވަރާތަކަކަށް ފަހު، ޙައްލެއް ލިބިފައި ނުވާތީ ކަމަށް ވިދާޅުވެ، އާދިއްތަ ދުވަހުއެވެ. އޭނާ ވިދާޅުވީ މަރުކަޒީ ބޭންކް މެދުވެރިކޮށް މުޢާމަލާތަށް ފައިނޭންސް ކުރުމުން އިޤްތިޞާދަށް ގެއްލުންވާނެ ކަމަށެވެ.
އިސްތިޢުފާ ދެއްވުމުގެ ކުރިން އިނާޒާއި ޕެންޝަން އޮފީހުގެ އެހެން އޮފިޝަލުން ވަނީ މި މުޢާމަލާތަށް ހުއްދަ ދޭނަމަ، ވަކި ޝަރުޠުތަކެއް އެކަށައެޅުއްވުމަށް މަސައްކަތް ކުރައްވާފައި ކަމަށް "ދައުރު" ގައި ރިޕޯޓުކޮށްފައި ވެއެވެ. ކަނޑައަޅާން އުޅުނުކަމަށް ރިޕޯޓުކޮށްފައިވާ ޝަރުޠުތަކަކީ މި މުޢާމަލާތުގެ ފައިސާ، އެކްސްޕޯޓް ކުރިއެރުވުމަށާއި އިޤްތިޞާދީ ގޮތުން އުފެއްދުންތެރި ކަންކަމަށް ބޭނުންކުރުމާއި، ޚަރަދުތައް ކުޑަކުރުމާއި، ރުފިޔާގެ އަގު ހިފެހެއްޓުމަށް ފިޔަވަޅުތައް އަޅަން ސަރުކާރުން ވައުދުވާނެ ކަމުގެ ޔަޤީންކަން ސަރުކާރުން ދިނުމެވެ.
މިކަންބޮޑުވުންތައް ޙިއްސާކުރާން އެދުމުން، ރައީސް ޑރ މުޙައްމަދު މުޢިއްޒު ވަނީ ބައްދަލުކުރައްވާން އިންކާރު ކުރައްވާފައި ކަމަށާއި، އޭގެ ބަދަލުގައި ފޯނުން ގުޅުއްވައި، މުޢާމަލާތަށް ރުހުން ދެއްވުމަށް އެދިވަޑައިގެންނެވި ކަމަށެވެ. ބޯޑުގައި ތިބި ޕްރައިވެޓް ސެކްޓަރުގެ މަންދޫބުން އިނާޒްގެ އިޢުތިރާޟުތަކަށް ތާޢީދެއް ނުކުރާކަމަށާއި، އެފަރާތްތަކުން ބޭނުންވަނީ ސަރުކާރު އެދޭ ގޮތަށް ދީލާލުމަށް ކަމަށް "ދައުރު" ގައި މަސްދަރުތަކުން ބުނެފައި ވެއެވެ.
ސަރުކާރުން ބުނަމުން އަންނަނީ މި މުޢާމަލާތަކީ ފައިސާ ޗާޕުކުރުން ނޫންކަމަށާއި، ޕްރައިވެޓް ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުންނަށް ދައްކަންޖެހޭ އެތައް ބިލިޔަނެއްގެ ފައިސާ ދައްކާން، ފައިސާއަށް ޖެހިފައިވާ ކަމަށެވެ. ނަމަވެސް ފާޑުކިޔާ މީހުން ބުނަނީ ލިބޭހައި ފައިސާއެއް ބޭނުންކުރާނީ މުސާރަ ދިނުން ފަދަ ރިކަރަންޓު ޚަރަދުތައް ފޫބައްދާން ކަމަށާއި، އޭޕްރީލް 4 ގައި ބާއްވަން ތާވަލު ކޮށްފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގެ ކުރިން ހިންގާން ޤަސްތުކުރާ، އިޤްތިޞާދީ ދެކޮޅު ޖެހުމެއް ނެތް، ބޭކާރު މަޝްރޫޢުތަކަށް ފައިނޭންސް ކުރުމަށް ކަމަށެވެ.
ޕެންޝަން ފަންޑު ބޭނުންކުރުމުގެ ބަދަލުގައި އިނާޒް ހުށަހެޅުއްވީ ވިޔަފާރި ބޭންކުތަކަށް އިތުރު ޓްރެޜަރީ ބިލު ގަތުމުގެ ފުރުޞަތު ދިނުމަށް، މިހާރު ބޭންކް ރިޒާވްގެ ޝަރުޠުތައް ހުރިގޮތުން އެކަމަށް ހުރި ހުރަސްތައް ކުޑަކުރުމަށެވެ. ސަރުކާރުން އެގޮތާ ޤަބޫލު ނުވީ ކަމަށް ޚަބަރު ލިބެއެވެ.
ޕެންޝަނަރުންނަށް ހުރި ނުރައްކާ
ޕެންޝަން ފަންޑުގައި ހުރި ސަރުކާރުގެ ސެކިއުރިޓީޒް ގެ ތެރެއިން ބާކީ ހުރި 25 ބިލިޔަން ރުފިޔާގެ ސަލާމަތްތެރިކަން ކަށަވަރުކުރާން އަޅާ ފިޔަވަޅުތަކަކީ ކޮބައިތޯ ސުވާލުކުރުމުން ޕެންޝަން އޮފީހުން ޢިޝާރާތްކުރީ ޕެންޝަން ޤާނޫނަށެވެ. އެޤާނޫނުގައި އެކްސްޓާރނަލް އޮޑިޓުތަކާއި، ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީގެ ފާރަވެރިވުމާއި، ބޯޑުގެ މަސްއޫލިއްޔަތުތައް ބަޔާންކޮށްފައި ވެއެވެ.
ޕެންޝަން ޤާނޫނުގެ 9 ވަނަ މާއްދާގެ (ށ) ބުނާ ގޮތުން، ޕެންޝަންގެ އެސެޓުތަކުގެ އިންވެސްޓްމަންޓުގެ މަޤްޞަދުތަކާއި އުޞޫލުތަކާއި ސިޔާސަތުތައް ހިމެނޭހެން ކަނޑައަޅާ ސްޓޭޓްމަންޓް އޮފް އިންވެސްޓްމަންޓް ޕްރިންސިޕަލްސް އެކުލަވަނީ އިންވެސްޓަމްންޓް ކޮމިޓީ އިން ކަމަށާއި، އިންވެސްޓް ކުރެވޭ އެސެޓް ކްލާސްތައްވެސް އެޤާނޫނުގައި ކަނޑައަޅާފައިވާ ކަން ޕެންޝަން އޮފީހުން ފާހަގަ ކުރިއެވެ.
ފަންނީ ބޭފުޅުންގެ ބިރަކީ މިފަދަ މުޢާމަލާތްތައް ޢާންމުވާން ފަށައިފާނެ ތީ ކަމަށް، ސަރުކާރާ ޕެންޝަން އޮފިޝަލުންނާ ދެމެދު ހިނގި މަޝްވަރާތަކުގެ ޚަބަރު ދަންނަ ފަރާތަކުން "ދައުރު" ނޫހުގައި ބުނެފައި ވެއެވެ. "2.4 ބިލިއަން ރުފިޔާގެ ބޮންޑަށް އާނއެކޭ ބުނާނަމަ، ސަރުކާރަށް އަނެއްކާވެސް 25 ބިލިއަން ރުފިޔާއާ ހަމައަށް މިކަން ކުރެވިދާނެ." އެ ނޫހުގައި މަސްދަރަކު ވިދާޅުވިއެވެ.
މި މުޢާމަލާތުގެ ސަބަބުން ފައިސާގެ އަގު ވެއްޓުމުގެ ނަތީޖާއެއްގެ ގޮތުން، ރިޓަޔާމަންޓް ފައިސާގެ 40 އިންސައްތައާ ހަމައަށް ފޮހެވިދާނެ ކަމަށް "ދައުރު" ނޫހުން ޙަވާލާދޭ ތަޙްލީލުތަކުން ދައްކައިއެވެ. އެހެންވީމާ އެވްރެޖުކޮށް، ބޮލަކަށް ގާތްގަނޑަކަށް 52،000 ރުފިޔާގެ ގެއްލުން ވާނެއެވެ.
ސަރުވަޝް އިންޒާރު ކުރެއްވި ގޮތުގައި 2 ބިލިއަން ރުފިޔާ ފައިސާގެ ސަޕްލައިއަށް އިތުރުވުމަކީ އިންފްލޭޝަނަށް އޮތް ޔަޤީން ފިޔަވަޅެއް ކަމަށާއި، "މި މުޢާމަލާތުން ލިބޭނެކަމަށް ލަފާކުރާ 0.11 އިންސައްތައިގެ ފައިސާ، ތަކެއްޗާއި ޚިދުމަތުގެ އަގު އުފުލުމުގެ ސަބަބުން ގެއްލިގެން ދިއުން އެކަށީގެންވާ" ކަމަށެވެ.
ތަޖުރިބާގެ އަލީގައި ލިބެންހުރި ފިލާވަޅު
ގާނާގައި 2020 ވަނަ އަހަރު ކޯވިޑް-19 އަށް ފަހު ވެސް މިފަދަ މުޢާމަލާތްތައް ޑެފިސިޓް ފައިނޭން ކުރާން ބޭނުންކުރިއެވެ. އެޤައުމުގެ މަރުކަޒީ ބޭންކުން ސަރުކާރުގެ ޚަރަދުތަކަށް ފޫބައްދާން ފައިސާ ދިނީއެވެ. ނަތީޖާއަކަށްވީ ހިފެހެއްޓުމެއްނެތި ޚިދުމަތާއި ތަކެތީގެ އަގު ބޮޑުވުމާއެކު، ފައިސާގެ އަގު ވެއްޓުމާއި، ރިޒާވް ހުސްވުމެވެ. އާޚިރުގައި، އިންޓާރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ޖެހުނީ އެހީވާށެވެ. އަދި އެއެހީގެ ޝަރުޠުތަކުގެ ތެރޭގައި ހިމެނޭ އިޞްލާޙީ ފިޔަވަޅުތަކެއް، ދައްޗާއި އުނދަގުލުގައި ނަމަވެސް، އަޅާން މަޖުބޫރުވީއެވެ.
އޭޕްރީލް މަހު ސުކޫކު ބޮންޑް ހޯލްޑަރުންނަށް ދައްކަން ޖެހޭ 500 މިލިއަނަށް ވުރެ ގިނަ އެމެރިކާ ޑޮލަރު އޮއްވާ، އެފަދަ މަގަކުން ދިވެހިރާއްޖެއަށް ދަތުރު ކުރެވޭން ނޯންނާނެކަމަށް ފާޑުކިޔާ ފަރާތްތަކުން އިންޒާރު ދެއެވެ.
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާ ގުޅޭ މިފަދަ މުޢާމަލާތެއްހެ ވާހަކަ މިދިޔަ މާޗް މަހު ފެންމަތި ވިއެވެ. އެކަމާ ގުޅުވައި އެމްއެމްއޭގެ ކުރީގެ ގަވަރުނަރު ޢަލީ ހާޝިމް ވިދާޅުވީ ތަކެއްޗާއި ޚިދުމަތުގެ އަގު މައްޗަށް ޖެހުން އަތްނުފޯރާ ފަށަށް ދިއުމުގެ ބިރު އޮތްކަމަށެވެ.
"އެމްއެމްއޭއިން އެޗްޑީސީއަށް ފައިސާ ދިނީމާ، އެފައިސާ އެޗްޑީސީ އިން ބޮންޑާއި އިންވެސްޓްމަންޓްތަކަށް ހޭދަކުރާނެ ކަން ޔަޤީން، އެ ފައިސާ އެއްގޮތަކުން ނޫނީވިއްޔާ އަނެއްގޮތަކުން ބާޒާރާ ފޭދިގެން، ނުކުންނާނެ. އެހިސާބުން އިންފްލޭޝަންގެ އަސަރު ނުކޮށެއް ނުދާނެ،" އޭނާ މޯލްޑިވްސް އިންޑިޕެންޑެންޓަށް އޭރު ވިދާޅުވިއެވެ.
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް ޢަމީރު ވިދާޅުވީ "ޕްރޯއެކްޓިވް ޑެޓް މެނޭޖްމަންޓް ]ދުރާލައި ދަރަނި ދެއްކުމާއި މެނޭޖުކުރަން ރޭވުމާއި އިސްނެގުން[" ދޫކޮށްލައި، އެންމެ އެހީއާއި މަދަދުވެރިކަން ފޯރުކޮށްދޭ ބައިނަލްއަޤްވާމީ މުއައްސަސާތައް އެއް ފަރާތް ކޮށްފައިވާ ކަމަށެވެ.
"އެމްއެމްއޭ އިން ރުފިޔާ އިންޖެކްޓްކޮށްގެން، ސަރުކާރުގެ އޮޕަރޭޝަންތަކަށް ފައިސާ ހޯދުމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށް މަޖުބޫރު ކުރުމަކީ އަނެއް ބޮޑު ގޯސް ފިޔަވަޅު،" ކަމަށާއި "އުންމީދަކަށް އެކަނި ނުވަތަ ސުވާލު އުފެދޭ 'ސްކޭމް' ފައިނޭންސިން ޕްރޮޕޯސަލްތަކަށް ބަރޯސާވާނަމަ ގެއްލުން ބޮޑުވެފައި އަވަސްވާނެ،" ކަމަށް ޢަމީރު ލިޔުއްވިއެވެ.
ބޭރުގެ ދަރަނި ދައްކާން ބޭންކް އޮފް މޯލްޑިވްސް އަށް ޑޮލަރުގެ ގޮތުގައި ޖަމާކޮށްފައިވާ ފައިސާ އާއި އެމްއެމްއޭގެ ޖުމްލަ ރިޒާވް އިން، ދާދި އަވަހަށް ނަގާން ޖެހޭ ތަންވަޅު އަތުވެދާނެ ކަމަށާއި، އެ ޑޮލަރު ގަނެފައި، އަގު އަދާކުރާން ބޭނުންވާނެ ފައިސާ "ޕަބްލިކް ބޭންކް އެކައުންޓުގައި ހުރިހެން ހީނުވޭ،" ކަމަށްވެސް މީގެ ކުރިން ޢަމީރު އިންޒާރު ކުރައްވާފައި ވެއެވެ.
"އެހެންކަމުން ބާކީ އޮތް ހަމައެކަނި ގޮތަކީ އިތުރު ފައިސާ ޗާޕްކުރުން،" ކަމަށާއި، ޗާޕުކުރާންޖެހޭ ފައިސާގެ މިންވަރު 2026 ގައި ގާތްގަނޑަކަށް 7.7 ބިލިއަނަށް އަރައިދާނެ ކަމަށް ލަފާ ކުރެއްވޭ ކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.
ދިވެހިރާއްޖެއަށް ކޮންޓްރެކްޝަނަރީ މަނިޓަރީ ޕޮލިސީއެއް ބޭނުންވާ ކަމަށް މަރުކަޒީ ބޭންކުން ކުރިން އިޢުލާންކޮށްފައިވާ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް ޢަބްދުﷲ ޝާހިދު ފާހަގަކުރެއްވި އެވެ. ސަރުކާރަށް ބަޖެޓަށް ބޭނުންވާ ފައިސާ ހޯދަން ނުކުޅެދުމުން، އެކަމުގެ އަގު މުޅި ދިވެހި އިޤްތިސާދު ދައްކަން ޖެހުމަކީ ދިވެހި ރައްޔިތުންނަށް ވެވޭ އަނިޔާއެއް. ބޭއިންސާފެއް،" ކަމަށާއި، "މުއާމަލާތުގެ މައުލޫމާތު ރައްޔިތުންނަށް ހާމަ ނުކުރުމުގެ ނަތީޖާ އެއްގެ ގޮތުން ޕެންޝަން އޮފީހާމެދު ރައްޔިތުންގެ އޮތް އިތުބާރު މިއަދު މިދަނީ ވެއްޔާ މޮޑެވެމުން،" ކަމަށް އޭނާ އެކްސްގައި ޕޯސްޓު ކުރެއްވިއެވެ.
ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ މުސާރަ ދިނުންފަދަ ރިކަރަންޓު ޚަރަދުތަކަށް ޕެންޝަން ފަންޑުގެ ފައިސާ ޚަރަދުކޮށްގެން ނުވާނެ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ "މާލިއްޔަތު ހަލާކު ނުކުރައްވާން" ގޮވައިލައްވާ، އިތުރަށް ވިދާޅުވީ "މި ދަނީ ކަނު ބަނދެވި ތިބެ، އަނދަވަޅަކަށް ވެއްޓޭން." ކަމަށެވެ.
އިނާޒު އިސްތިއުފާ ދެއްވުމާ ގުޅިގެން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢިލް ވަނީ ރައީސް މުޢިއްޒު "އެހޯއްދަވަނީ އިޤްތިޞާދީ ހަލާކު ނޫން އެހެން ކަމެއް ނޫން،" ކަމަށް ތުހުމަތު ކުރައްވާ، މިމުޢާމަލާތަކީ ޕެންޝަން ފަންޑުގެ އިންވެސްޓްމަންޓެއްގެ ގޮތުގައި ދައްކާން އުޅުނަސް، ބޮންޑު އިންވެސްޓަރުން އެކަން ޤަބޫލުކުރާހައި "މޮޔަނުވާނެ" ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން، މުޢާމަލާތުގެ ޝަރުޠުތަކާއޮ، ފައިދާ ލިބޭ ފަރާތްތަކާއި، އެކްސްޗޭންޖް ރޭޓާއި އިންފްލޭޝަނަށް ކުރާ އަސަރު ސަރުކާރުން ހާމަކޮށްފައި ނުވަނީ ކީއްވެތޯ ފައްޔާޒް ސުވާލު އުފައްދަވާފައި ވެއެވެ.

