ލާމަރުކަޒީ ޤާނޫނަށް ގެނައި ބަދަލުތަކަކީ ކޮބާ؟

ރައީސް މުޢިއްޒުގެ ވެރިކަމުގައި ލާމަރުކަޒީ ޤާނޫނަށް މިގެނައި 7 ވަނަ އިޞްލާޙުގެ ތަފްޞީލުތައް ކިޔުއްވާލައްވާށެވެ.

ކުރެހުމާއި ޑިޒައިން: ޑޮސެއިން

ކުރެހުމާއި ޑިޒައިން: ޑޮސެއިން

08 ޑިސެމްބަރު
ލޯކަލް ކައުންސިލް  އިންތިޚާބަށް އެންމެ ފަސް މަހަށް ވެފައި ވަނިކޮށް، ލާމަރުކަޒީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނަ ގޮތަށް ޤާނޫނަށް ގެނައި ބަދަލުތައް، ހޯމަ ދުވަހުގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ތަސްދީޤު ކުރައްވައިފިއެވެ.
މިއީ އެމަނިކުފާނު ވެރިކަމާ ޙަވާލުވެވަޑައިގެންނެވި ފަހުން އެ ޤާނޫނަށް ގެނައި ހަތް ވަނަ އިޞްލާޙެވެ. އެންމެ ބޮޑު ބަދަލެއް ގެނުވި އިޞްލާޙުވެސް މެއެވެ. މިގެނައި ބަދަލުތަކުގެ ސަބަބުން ބައެއް ކައުންސިލްތަކުގެ މެންބަރުން އިތުރު ވިއެވެ. އަނެއް ބައެއް ކައުންސިލުތަކުގެ މެންބަރުންގެ ޢަދަދު ވީ މަދެވެ. އަނެއްކޮޅުން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބާރުތައް ފުޅާވެ، ބޮޑުވެގެން ދާނެއެވެ. ސަރުކާރުން ބުނަނީ މިބަދަލުތަކުގެ ސަބަބުން ޚަރަދު ކުޑަކުރެވޭނެ ކަމަށެވެ. އިދިކޮޅުން ބުނަނީ މިއީ ލާމަރުކަޒީ ނިޒާމުގެ ބާރުކަނޑުވައިލާ، ރޫޅާލުން ކަމަށެވެ.
މި ލިޔުމުގައި މޯލްޑިވްސް އިންޑިޕެންޑެންޓުން މިބަލާލަނީ ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތަކުގެ އަސަރު ރާއްޖޭގައި މީހުން ދިރިއުޅޭ 186 ރަށަށް ފޯރާނެ ގޮތުގެ މައްޗަށެވެ.

ބަދަލުވީ ކޮންކަމެއް ހެއްޔެވެ؟

އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ އަތޮޅު ކައުންސިލް އުވާލުމެވެ. އަތޮޅު ކައުންސިލު މިހާރު އެކުލެވިގެންވަނީ ކޮންމެ ރަށެއްގެ ކައުންސިލެއްގެ ރައީސާއި، އަތޮޅު ކައުންސިލްގެ ރައީސެއްގެ ގޮތުގައި ހުރިހާ ރަށަކުން ވޯޓު ލައިގެން އިންތިޚާބުކުރާ އަތޮޅު ރައީސެވެ.
ދެން އޮތް ބަދަލަކީ ރަށުގެ އާބާދީއާ ގުޅުވައި ކައުންސިލުގެ މެންބަރުންގެ ޢަދަދަށް ތަފާތުތަކެއް އައުމެވެ. އެގޮތުން އާބާދީ 2000 އަށް ވުރެ މަދު ރަށްރަށުގައި ތިބޭނީ އެންމެ ތިން ކައުންސިލަރުންނެވެ. އޭގެތެރެއިން އަންހެނުންނަށް 1 ގޮނޑި ޚާއްޞަކުރެވޭނެއެވެ. 2000 އިން މަތީގެ އާބާދީއެއްގެ ރަށްރަށުގައި ތިބޭނީ ފަސް ކައުންސިލަރުންނެވެ. އޭގެތެރެއިން 2 ގޮނޑި އަންހެނުންނަށް ޚާއްޞަ ކުރެވޭނެއެވެ.
ސިޓީ ކައުންސިލްތަކުގެ ސައިޒަށް ވެސް ބަދަލު އަންނާނެއެވެ. ޤާނޫނަށް ގެނައި ބަދަލު ބުނާގޮތުން ސިޓީ ކައުންސިލަރުންގެ ޢަދަދު ކަނޑައެޅޭނީ އާބާދީއަށް ރިޢާޔަތްކޮށްގެންނެވެ:
10-25،000 އާ ދެމެދު ނަމަ - ހަތް ގޮނޑި (މޭޔަރ ހިމެނޭ ގޮތަށް)
25-50،000 އާ ދެމެދު ނަމަ - އެގާރަ ގޮނޑި (މޭޔަރ ހިމެނޭގޮތަށް)
50،000 އަށް ވުރެ އިތުރު ނަމަ - 15 ގޮނޑި (މޭޔަރ ހިމެނޭގޮތަށް)
މާނައަކީ ކުޅުދުއްފުށީ އަދި އަލަށް އުފެއްދި ގދ. ތިނަދޫ ކައުންސިލަށް ހަތް ގޮނޑިއެވެ. އައްޑޫ ސިޓީ އިން ހުޅުދޫ އާއި މީދޫ ވަކިވި ނަމަވެސް، 25،000 އަށް ވުރެ މަތީގައި އާބާދީ އޮތްކަމުުން، އައްޑޫ ސިޓީގައި އަދިވެސް 11 ގޮނޑި ހުންނާނެއެވެ. މިހާރު ތިބެނީ 13 ކައުންސިލަރުންނެވެ.
ޤާނޫނުގައި ފުވައްމުލަކާއި މާލެއަށް އިސްތިސްނާތަކެއް ކަނޑައަޅާފައި ވެއެވެ. ފުވައްމުލަކު ސިޓީ އާބާދީގެ ފުރަތަމަ ބްރެކެޓުގެ ތެރެއަށް ވަދެފައިވީ ނަމަވެސް، ކޮންމެ އަވަށަކަށް ކައުންސިލަރަކު ހުންނާނެއެވެ. ވީމާ މިހާރު 7 ގޮނޑީގެ މައްޗަށް އެކުލެވޭ ކައުންސިލްގައި ދެން ހުންނާނީ މޭޔަރ ހިމަނައިގެން 9 ގޮނޑިއެވެ. 76،000 ގެ ރަޖިސްޓްރީ ކުރި އާބާދީއެއް އޮންނަ މާލޭގައި ކައުންސިލަރުން ތިބޭނީ މަޖިލީހުގެ މެމްބަރުންގެ ޢަދަދަށެވެ. މާނައަކީ މިހާރު މޭޔަރު ހިމަނައިގެން ޖުމުލަ 19 ގޮނޑީގެ މައްޗަށް އެކުލެވޭ ކައުންސިލްގެ ޢަދަދު 16 އަށް ތިރިވާނެއެވެ.

އަންހެނުންގެ ތަރައްޤީގެ ކޮމިޓީތަކަށް ވާނީ ކިހިނެއް ހެއްޔެވެ؟

އަންހެނުންގެ ތަރައްޤީގެ ކޮމިޓީތަކަށް (ޑަބްލިއުޑީސީ) އިންތިޚާބުކުރާނީ ކައުންސިލުތަކަށްވެސް އިންތިޚާބުކުރާ ޢަދަދަށެވެ.
ނަމަވެސް، އެކޮމިޓީގެ ރައީސް ހޮވާ ގޮތަށް ބަދަލުތަކެއް އަންނާނެއެވެ. މިހާރު އެކޮމިޓީގެ ރައީސް ހޮވާގޮތަކީ ފުރަތަމަ ރަސްމީ ބައްދަލުވުމުގައި، މެމްބަރުންގެ ތެރެއިން ރައީސަކު އިންތިޚާބު ކުރަނީއެވެ. މިއާއެކު، ޑަބްލިއުޑީސީގެ ރައީސް ވެސް "ފުލް-ޓައިމް" މަޤާމަކަށް ބަދަލު ވާނެއެވެ. ޑަބްލިއުޑީސީގެ އެހެން މެންބަރުންނަކީ "ޕާޓް-ޓައިމް" ބައެކެވެ.
އެލްޖީއޭގެ ބޯޑުގައި އަތޮޅު ކައުންސިލްތަކުގެ މަންދޫބަށް ޚާއްޞަކޮށްފައި ހުރި ގޮނޑި، ދެން ޚާއްޞަކުރެވޭނީ ޑަބްލިއުޑީސީ ތަކުގެ ފަރާތުން ހޮވާ މެންބަރެކެވެ.

އެ ބަދަލުތަކަށް އަމަލުކުރަން ފަށާނީ ކޮން އިރަކުން ހެއްޔެވެ؟

ގެނައި ބަދަލުތައް ހިނގާން ފަށާނީ އަލަށް އިންތިޚާބުކުރާ ލޯކަލް ކައުންސިލް ތަކަށެވެ. އައު ކައުންސިލް ހުވާ ކުރާނީ 17 މޭ، 2026 ގައެވެ.

ބަދަލުތަކުގެ ނަތީޖާއަކީ ކޮބައި ހެއްޔެވެ؟

އަތޮޅު ކައުންސިލްތަކުގެ އިޙްތިޞާޞްގައި ހިމެނޭ ފަޅު ފަރާއި ވަޞީލަތްތައް އެލްޖީއޭއަށް ބަދަލު ކުރެވޭނެއެވެ.
ޤާނޫނުގައި ބުނަނީ އަތޮޅު ކައުންސިލްތަކުގެ ވަޒީފާގައި ތިބި ސިވިލް ސާރވިސް މުވައްޒަފުން، އަތޮޅު ކައުންސިލްތައް އުވައިލާތާ 60 ދުވަހުގެ ތެރޭގައި އެހެން އޮފީސްތަކުގެ، ހަމަ އެ ރޭންކުގެ މަޤާމަށް ސިވިލް ސާވިސް ކޮމިޝަނުން ބަދަލުކުރަން ޖެހޭނެ ކަމަށެވެ. އެބަދަލު ގެނެވޭންދެން އެ ސިވިލް ސާރވިސް މުވައްޒަފުން ތިބޭނީ އެލްޖީއޭގެ މުވައްޒަފުންގެ ގޮތުގައެވެ.
އަދި އިދާރީ ހުރިހާ ޑިވިޝަންތަކެއްގެ ލޯކަލް އޮފީސްތައް ކޮންމެ އަތޮޅެއްގެ ވެރިކަން ކުރާ ރަށުގައި ޤާއިމުކުރުމުގެ އިޚްތިޔާރު ވެސް ގާނޫނުގައި ދީފައިވެ އެވެ. ޔަޢުނީ މިހާރު ހުރި އަތޮޅު ކައުންސިލް އޮފީސްތައް، އެލްޖީއޭއަށް ސަރަޙައްދީ އޮފީސްތަކަށް ބަދަލު ވުމެވެ. މުވައްޒަފުންނާއި ވަޞީލަތާ އެކުގައެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ވަނީ ކިހިނެއް ހެއްޔެވެ؟

އެލްޖީއޭ ބޯޑުގައި މިހާރު ތިބީ، ރަށު އަތޮޅު، އަދި ސިޓީ ކައުންސިލްތަކުގެ މަންދޫބުންގެ އިތުރުން މަޖިލީހުން ޢައްްޔަން ކުރާ ތިން މެންބަރުންނާއި ލޯކަލް ގަވަރމަންޓް މިނިސްޓަރާއި ފިނޭންސް މިނިސްޓްރީގެ މަންދޫބެކެވެ. މިހާެރު އެލްޖީއޭ ހިންގަނީ ބޯޑުގެ އިރުޝާދުގެ ދަށުން ރއީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވާ ސީއީއޯއެކެވެ.
ޤާނޫނަށް ގެނައި ބަދަލުތަކުގެ ސަބަބުން އެލްޖީއޭ ހިންގުމުގެ ހުރިހާ ބާރެއް އޮންނާނީ ސީއީއޯ އަށެވެ. ބޯޑުގެ ހަމައެކަނި މަސައްކަތަކީ ސިޔާސަތުތަކާއި މިންގަނޑުތައް އެކުލެވުމެވެ.
ބަދަލުތަކުގެ ސަބަބުން ބޯޑުގެ ނިންމުންތައް ވީޓޯކޮށް، އެ ނިންމުންތައް ތަންފީޛުކުރުން 72 ގަޑިއިރު ލަސްކުރުމުގެ އިތުރު ބާރުތައް އެލްޖީއޭގެ ބޯޑުގެ ޗެއާރޕާރސަންގެ ގޮތުގައި އިންނަވާ ލޯކަލް ގަވަރމަންޓް މިނިސްޓަރަށް ލިބިދެވޭނެއެވެ. ތަންފީޛުކުރުން މަޑުޖައްސާލާ ވަގުތުގެ ތެރޭގައި ބޯޑުގެ ނިންމުން ބަދަލުކުރާން ނުވަތަ މުރާޖަޢާކުރާން ކުރުމަށް ޗެއާރޕާސަނަށް ބޯޑުގެ ކިބައިން އެދެވިދާނެއެވެ.

އިތުރު ކަމަކަށް އަސަރު ފޯރާ، ބަދަލު އާދޭ ހެއްޔެވެ؟

އެލްޖީއޭ އާއި މަރުކަޒީ ސަރުކާރުގެ މުށު ތެރެއަށް ބާރުތައް ޖަމާކުރެވޭ ގޮތަށްވެސް ޤާނޫނުގައި މާއްދާތައް އަލަށް ހިމަނާފައިވެ އެވެ. އޭގެތެރޭގައި، އެއްވެސް އިންޒާރެއް ނެތި ކައުންސިލް މެމްބަރުން ސަސްޕެންޑް ކުރުމުގެ ބާރު އެލްޖީއޭއަށް ލިބި ދިނުމާއި، ރަށު ކައުންސިލްތަކުގެ ރުހުން އޮތަސް، ނެތަސް ސަރުކާރުން އެދޭ ތަރައްޤީގެެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ސަރުކާރަށް އިޚްތިޔާރު ދިނުން ހިމެނެއެވެ.
ކުރިންއެލްޖީއޭއަށް ކައުންސިލަރުން ސަސްޕެންޑް ކުރެވޭނީ މެމްބަރަކު ނުވަތަ ކައުންސިލަކުން ޒިންމާ އަދާނުކޮށް، އިހުމާލުވެ، ކައުންސިލްގެ ބާރު ނުވަތަ ވަޞީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ނުވަތަ ސުލޫކީ މިންގަނޑާ ޚިލާފުވެއްޖެނަމަ އެވެ. ސަސްޕެންޑު ކުރެވޭނީ ކަމާބެހޭ މިނިސްޓަރުގެ ހުއްދައާއެކު ތަޙްޤީޤު ކުރުމަށް ފަހު، ރިޕޯޓެއް އެކުލަވާލައި، އިންޒާރުވެސް ކުރުމަށް ފަހުގައެވެ. ސަސްޕެންޑުކުރެވޭނީ 3 މަސް ދުވަހުގެ މުއްދަތަކަށެވެ.
ޤާނޫނަށް ގެނައި އައު ބަދަލުތަކުގެ ދަށުން އެލްޖީއޭ އިން ހިންގާ އިބްތިދާޢީ ތަޙްޤީޤަކަށްފަހު، އިތުރު ބެލުމެއް، ރިޕޯޓެއް، އިންޒާރެއް ނެތި، ވަގުތުން ސަސްޕެންޑު ކުރެވިދާނެއެވެ.
މިހާރު އޮތްގޮތުން ކައުންސިލްގެ އިޙްތިޞާޞްގައި މަޝްރޫޢެއް ހިންގުމުގެ ކުރިން މަރުކަޒީ ސަރުކާރުން ކައުންސިލްގެ ރުހުން ހޯދަން ޖެހޭނެއެވެ. ޤާނޫނަށް ގެނައި އައު ބަދަލުތަކާއެކު، ކައުންސިލްގެ ރުހުން "އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި" ނުދީފިނަމަ، މަޝްރޫޢު ކުރިއަށް ގެންދާންވީއެވެ.
މިއާއެކު ލޯކަލް ކައުންސިލްތަކުން، އެ ކައުންސިލްތަކުގެ ޙަރަކާތްތައް މަރުކަޒީ ސަރުކާރަށް ރިޕޯޓް ކުރަން ޖެހޭނެ ކަމަށާއި އެކަމަށް ޖަވާބުދާރީވާން ޖެހޭ ކަމަށް ޤާނޫނަށް ގެނައި އައު ބަދަލުތަކުގެ ތެރޭގައި ހިމެނޭ މެއެވެ.
މީގެއިތުރުން، ކައުންސިލް މެމްބަރަކު ހޮވުނު ޕާޓީއިން ވަކިވެއްޖެނަމަ، އަދި މިނިވަން ކެންޑިޑޭޓޭއް ކަމުގައި އިންތިޚާބުވެ ވަކި ޕާޓީއަކާ ގުޅިއްޖެނަމަ ގޮނޑި ގެއްލޭނެއެވެ.

މިބަދަލުތަކުގެ ފަހަތުގައިވާ ސަބަބުތަކަކީ ކޮބައި ހެއްޔެވެ؟

ސަރުކާރުން ބުނަނީ އިޞްލާޙުތަކުގެ ސަބަބުން ޚަރަދުކުޑަކުރެވޭނެ ކަމަށާއި އަތޮޅު ކައުންސިލްތައް އުވާލުމުން ކޮންމެހެން ބޭނުން ނުވާ އިދާރީ އަދި އޮޅުންބޮޑު، މާކަށް ބޮޑު ބޭނުމެއް ނެތް ފަށަލައެއް ނައްތާލެވޭނެ ކަމަށެވެ. ރައީސް މުޢިއްޒު ވިދާޅުވީ ބަދަލުތަކުގެ ނަތީޖާއެއްގެ ގޮތުން ކައުންސިލްތަކާ މަރުކަޒީ ސަރުކާރާއި ދައުލަތުގެ ކުންފުނިތަކާ ދެމެދު ސީދާ ކޯޑިނޭޓް ކުރެވޭނެ ކަމަށެވެ. އަދި ބަދަލުތަކުން ކުޑަ ކުރެވޭ ޚަރަދުން، ބާކީ ކުރާ ފައިސާ ޚަރަދުކުރާނީ ރަށްރަށަށް ކަމަށެވެ.
ސަރުކާރު ހިންގާ ޕާޓީގެ މެމްބަރުން ވިދާޅުވަމުން ގެންދަވާފައިވަނީ ލާމަރުކަޒީ ނިޒާމު އޮތީ ބޭކާރު ޚަރަދު ބޮޑުކޮށް ކަމަށެވެ. އަދި ދެތިން ސަތޭކަ މީހުން ދިރިއުޅޭ ރަށްރަށުގައި ފަސް މެންބަރުންގެ ކައުންސިލެއް އޮންނަން ޖެހޭތޯ އެމެންބަރުން ސުވާލު އުފައްދަވަމުން ގެންދެވިއެވެ.
މީގެކުރިންވެސް ލާމަރުކަޒީ ޤާނޫނަށް ބަދަލު ގެނެސްފައި ވެއެވެ. އެބަދަލުތަކުގެ ސަބަބުން ލޯކަލް ކައުންސިލްތަކުގެ މާލީ ފުދުންތެރިކަމުގެ މަގުތަކަށް ހިޔަނި އެޅިފައި ވެއެވެ.

ކައުންސިލަރަންގެ ބަހަކީ ކޮބައި ހެއްޔެވެ؟

ނ. އަތޮޅު ކައުންސިލްގެ ރައީސް އަދި މޯލްޑިވްސް ލޯކަލް ކައުންސިލް އެސޯސިއޭޝަންގެ ޗެއާރޕާސަން މުޙައްމަދު ބަޝީރު މޯލްޑިވްސް އިންޑިޕެންޑެންޓަށް ވިދާޅުވީ އަތޮޅު ކައުންސިލްތަކަށް އެއްވެސް މަސައްކަތެއް ނެތް ވާހަކައަކީ ތެދެއް ކަމަށެވެ.
އޭނާ ވިދާޅުވީ އެހެން ކަންތައް އޮތީ އެގޮތަށް ނިޒާމު ފަރުމާކޮށްފައި އޮތުމުން ކަމަށާއި، 2010 ވަނަ އަހަރު ލާމަރުކަޒީ ޤާނޫނު ފާސްކޮށް، ތަންފީޛުކުރާން ފެށި ފަހުން އަތޮޅު ކައުންސިލްތަކުގެ އިޙްތީޞާޞް ނުވަތަ ޤާނޫނީ ބާރުވެރިކަން ނެތް ކަމަށެވެ. ނަމަވެސް އޭގެ ކުރިން 2000 އަހަރުވާންދެން ދިވެހިރާއްޖެ އިދާރީކޮށް ބަލަހައްޓަމުން އައީ އަތޮޅުތަކަށް ބަހައިގެން ކަމަށެވެ.
އަތޮޅު ކައުންސިލްތަކުގެ އެންމެ މުހިންމު މަސައްކަތަކީ ސަރަޙައްދީ ފެންވަރުގައި ރާވާއި، ހިންގާ، ތަންފީޛުކުރުން ކަން ފާހަގަކުރައްވަމުން، ބަޝީރު ވިދާޅުވީ ރަށްރަށުގެ ވިޔަފާރިތަކާއި އަތޮޅުގެ ރިސޯޓްތައް ރެގިއުލޭޓް ކުރުމަކީވެސް އަތޮޅު ކައުންސިލަށް އަދާކުރެވޭން އޮތް މުހިންމު ދައުރެއް ކަމަށާއި، އިޙްތިޞާޞް އަދި ބާރުވެރިކަން ނެތަމަ، "ފުޓްބޯޅަ މުބާރާތްތައް ބޭއްވުން" ފަދަ ކަންކަން މެނުވީ އަތޮޅު ކައުންސިލަށް ކުރެވޭން ނޯންނާނެ ކަމަށެވެ.
މީގެ އިތުރުން ބަޝީރު ވިދާޅުވީ އަތޮޅު ކައުންސިލްތަކުން މައި ސަރުކާރުގެ އޭޖެންސީތަކާ ގުޅޭ ޚިދުމަތްތައް އަތޮޅު ތެރޭގައި ފޯރުކޮށްދޭ ކަމަށާއި، އޭގެ ތެރޭގައޮ އައިޑީކާޑާއި ޕާސްޕޯޓް ދޫކުރުން ފަދަ ކަންކަން ހިމެނޭ ކަމަށެވެ. އޭނާ ދެކެވަޑައިންނަވާ ގޮތުގައި އަތޮޅު ކައުންސިލަކުން މައުނަހުރި ޚިދުމަތެއް ފޯރުކޮށްދޭނަމަ، އެ ޚިދުމަތްތައް އެތުރިފައި ހުންނާންވާނީ ދަތުރުފަތުރާއި، ޢާންމު ޞިއްޙަތާއި، ތަޢުލީމުފަދަ އިޤްތިޞާދީ އަދި އިޖުތިމާޢީ ކަންފަހިކުރުމުގެ ދާއިރާތަކަށް އަމާޒު ހިފިފައި ކަމަށެވެ. ނަމަވެސް އެއްވެސް ސަރުކާރަކުން އެކަމުގެ ފުރުޞަތު އިދާރީ، ސިޔާސީ އަދި މާލީގޮތުން ނުދޭ ކަމަށް ބަޝީރު ވިދާޅުވިއެވެ.
ބަޝީރު ވިދާޅުވީ ޤާނޫނު އަސާސީގެ 8 ވަނަ ބާބުގައި ލާމަރުކަޒީ ހިންގުން މަތިކޮށްފައި އޮތީ އަތޮޅު ކައުންސިލްތަކަށް ކަމަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށާއި، ސިޔާސީގޮތުންނާއި އަދި އިދާރީގޮތުންވެސް ލާމަރުކަޒު ކުރުން އުވާލުމަށް މިސަރުކާރުން ހިންމަތްކުރަމުން ދާކަމަށެވެ. އަތޮޅުތަކުގެ ވަޞީލަތްތަކުގެ މައްޗަށް އަތޮޅަށް އިޚްތިޔާރު ނެތި، މައި ސަރުކާރުގެ ބާރުގެ ދަށުގައި ވާނަމަ، އެއީ މާލީ ނަޒަރަކުން މަރުކަޒު ކުރުންކަމަށާއި، އަތޮޅު ކައުންސިލްތަކުގެ ބަދަލުގައި، ބާރު ފުޅާކުރި އިންތީޚާބު ނުކުރާ އެލްޖީއޭއެއް އުފެއްދުމުން ޚަރަދު ކުޑަ ނުވާނެ ކަމަށްވެސް ނ. އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ނޫ ޤާނޫނު އަސާސީގެ ދަށުން ރަށްރަށުގެ ވެރިންނާއި އަތޮޅުވެރިޔާ އަދި އަތޮޅު ކޮމިޓީތައް ވެސް ކުރީ ޢައްޔަން ކަމަށާއި، އެހެންވީމާ ހުރިހާ ފަރާތަކުންވެސް އެއްބަސް ކިޔައިގެން ކުރިއަށް ދެވޭ ކަމަށެވެ. އިންތިޚާބީ ކައުންސިލަރުންނާ ޢައްޔަންކުރި އެލްޖީއޭއަކަށް އެގޮތް ނުވާނެ ކަމަށް އޭނާ ލަފާ ކުރައްވައެވެ.
"ރާއްޖޭގައި މިހާރުވެސް އެންމެ މަދު އެއް ކަމަކީ ކޮލަބޮރޭޓީވް ސްޓޭޓަސް (އެކުގައި ގުޅިގެން އެންމެންވެގެން ބެލެހެއްޓުން)" ކަމަށާއި މިބަދަލުތަކުން އެކަން ވާނީ ގޯސްކަމަށް ބަޝީރު އަންދާޒާ ކުރެއްވިއެވެ.
ކައުންސިލް މެމްބަރުން ސަސްޕެންޑް ކުރުމަށް އެލްޖީއޭއަށް ލިބިދެވޭ އައު ބާރުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ނ. އަތޮޅު ކައުންސިލްގެ ރައީސް ބަޝީރު ވިދާޅުވީ މިއީ ވަކި ތަންފީޛުކުރާން ފަސޭހަވާނެ ކަމެއް ނޫންކަމަށާއި، ހާމަކަން ކުޑަ، ސިއްރުވެރި ގޮތެއްގައި އިންތިޚާބީ ކައުންސިލަރުން ސަސްޕެންޑުކުރާން ހިފުމުން އަމުދުން ކުދި ރަށްރަށުގެ މަޞްލަޙަތު ގެއްލޭން ފަށާނެ ކަމަށެވެ.
585 މީހުންގެ އާބާދީއެއް އޮންނަ ހދ. ފިނޭ ކައުންސިލްގެ ރައީސް ޢަދްނާން ޢަބްދުﷲ ވިދާޅުވީ މިހާރު 5 ކައުންސިލަރުން ތިބޭ އިރުވެސް، އެކަކު ޗުއްޓީއަށް ދިޔައިމާ ކޯރަމް ހަމަކުރާން ދަތި ކަމަށާއި، 5 ކައުންސިލަރުން 3 ކައުންސިލަރުންނަށް ތިރި ކުރިޔަސް، ޚަރަދަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ފެނިވަޑައި ނުގަންނަވާ ކަމަށެވެ. އެގޮތީ ޢާންމު ރަސްމީ ޖަލްސާތަކަށް ޙާޟިރުވުމުގެ އެލަވަންސް 2000 ރުފިޔާއިން މިހާރުވެސް ވަނީ 500 ރުފިޔާއަށް މަދުކޮށްފައެވެ.
3073 މީހުންގެ ރަޖިސްޓްރީކުރި އާބާދީއެއް އޮންނަ އދ. މާމިގިލީ ކައުންސިލްގެ ރައީސް ޢިމާދު ފާރޫޤް ވިދާޅުވީ ކައުންސިލަރުންގެ ޢަދަދު 7 އިން 5 އަށް މަދުކުރުން ބަލައި ނުގަންނަކަމަށާއި، ޚަރަދުކުޑަކުރާން ކަމަށް މިބަދަލު ގެނައީ ވިދާޅުވާއިރު، ޚަރަދުކުޑަވާ ގޮތެއް ފެނިވަޑައި ނުގަންނަވާ ކަމަށެވެ. "ސަރުކާރުން އެގެންދަނީ ހުއްޓުމެއްނެތި ސިޔާސީ މަޤާމުތައް އުފައްދާ، ޢައްޔަން ކުރަމުން، ކުރީގެ ސަރުކާރުންވެސް އެތައް ބަޔަކު ޢައްޔަން ކުރި އަދި މިސަރުކާރުން އެއަށްވުރެ ވެސް އެކަން ބޮޑުކޮށްފި،" އޭނާ ވިދާޅުވިއެވެ.
ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް ފާހަގަކުރެއްވި ގޮތުގައި މަޖިލިސް ބަޙުޘް ބެއްލެވީމާ އެނގިވަޑައިގަތް ކަމަކީ ވާހަކަދެއްކެވި "90 ޕަސެންޓް މެމްބަރުންނަށް އަތޮޅު ކައުންސިލްތަކުގެ މަސައްކަތް ނުވިސްނޭ" ކަން ކަމަށާއި، މެންބަރުންނަށް ހީފުޅުވެފައި އޮތީ އަތޮޅު ކައުންސިލްތަކަކީ މައި ސަރުކާރާ ރަށު ކައުންސިލްތަކާ ދެމެދަށް ވަންނަ ބޭކާރު ގުނަނެއްގެ ގޮތުގައި ކަމަށް ކަމަށެވެ. ނަމަވެސް އަތޮޅު ކައުންސިލްތަކާ ސީދާ މިނިސްޓްރީތަކާއި ސަރުކާރު ކުންފުނިތަކާ މުޢާމަލާތްކުރާން މިހާރުވެސް ހުރަހެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ވަޒީފާގެ ފުރުސަތު ރަނގަޅު ކުރުމަށްޓަކައި އަތޮޅު ރައްޔިތުންނަށް ޑައިވިންގް ކޯސްތަކާއި އެޑްމިނިސްޓްރޭޝަން ކޯސްތައް ފަދަ ގިނަ ޕްރޮގްރާމްތަކެއް ށ. އަތޮޅުން ކައުންސިލުން ހިންގާފައި ވާނެ ކަމަށެވެ.
އަދި އަތޮޅު ކައުންސިލްގެ ބަދަލުގައި ޤާއިމުކުރާ އެލްޖީއޭގެ ބްރާންޗުގެ ދަށަށް އަތޮޅުގެ ވަޞީލަތްތަކާއި ރައުސުލްމާލާއި މާލިއްޔަތު ދިޔައިމާ ދެން ވާނެ ގޮތްތަކެއްގެ މައްޗަށް ނުހަނު ކަންބޮޑުވެވަޑައިންނަވާ ކަމަށާއި، މިހާރުވެސް 20 މިލިޔަނެއްހާ ރުފިޔާގެ މުދަލާއި ރައުސުލްމާލު ހުރީ ބޭންކްތަކުގައި ރަހުނުގެ ގޮތުގައި ހިފެހެެއްޓިފައި ކަމަށެވެ.
ތަރައްޤީގެ މަސައްކަތްތަކަށް ބިން ދޫކުރުމުގައި ހިފެހެއްޓުންތަކާ މައި ސަރުކާރުން ލޯކަލް ކައުންސިލްތަކުގެ ފުށުން މަދުން ނަމަވެސް ކުރިމަތިލާން ޖެހޭކަމަށް ވިދާޅުވެ، ޤާނޫނަށް ގެނައި ބަދަލުތަކުން މިކަމަށް ލުއިވުން އެކަށީގެންވާކަން ޝިޔާމް ފާހަގަކުރެއްވިއެވެ. 

މިނިވަން ނޫސްވެރިކަމަށް އެހީތެރިވުމަށް ޑޮނޭޓް ކޮށްދެއްވާ

ގުޅުންހުރި ޓެގްސް