ދިވެހިރާއްޖޭގައި ހިމަބިހި: ވަމުންދާގޮތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް

ދެވަނަ ޑޯޒް ފުރިހަމަ ކުރޭ، ފެތުރެމުންދަނީ ބޮޑެތި މީހުންގެ މެދުގައި.

ކުރެހުމާއި ޑިޒައިން: ޑޮސެއިން

ކުރެހުމާއި ޑިޒައިން: ޑޮސެއިން

18 ޖުލައި
ހިމަބިހި ޖެހުނު 24 އަހަރުގެ ދިވެހި ފިރިހެނަކު ހޯމަ ދުވަހު މަރުވެއްޖެއެވެ. މަރުގެ ސަބަބަކީ ހިމަބިހި ތޯ ޞިއްޙީ އޮފިޝަލުން ދަނީ ބަލަމުންނެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނަނީ މަރުގެ ސަބަބު ކަށަވަރު ނުވާ ކަމަށެވެ. ކްލިނިކަލް އަދި އެޕިޑެމިއޮލޮޖިކަލް ނަޒަރުން ކޭސް ބަލަމުންދާ ކަމަށެވެ.
ގދ ފިޔޯރީއަށް ނިސްބަތްވާ މިމީހާއަކީ ހަށިގަނޑުގެ ދިފާޢީ ބާރު ދެރަވެފައި ހުރި މީހެކެވެ. އޭނާ ހިމަބިއްސަށް ފައްސި (ޕޮޒިޓީވް) ވީ ނިމިދިޔަ ޖޫންގައެވެ. އޭނާ ނިޔާވީ ހުޅުމާލޭ ހޮސްޕިޓަލުގައެވެ.
ދިވެހިރާއްޖެއިން މީގެ 9 އަހަރު ކުރިން ހިމަބިހި ނައްތައިލި ކަމަށް އިޢުލާން ކުރިފަހުން މިއީ އެބަލީގެ އެންމެ ގިނަ ކޭސް ފެނުނު ފަހަރެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން ބުނަނީ އަންގާރަ ދުވަހާ ހަމައަށް 144 މީހުން ބައްޔަށް ފައްސިވެފައިވާ ކަމަށެވެ. އޭގެތެރެއިން 23 ކޭސް ނިސްބަތްވަނީ ނިމިދިޔަ ހަފްތާގައި، މާލެ އަށެވެ. މިއާއެކު ހިމަބިހި ވެކްސިން ދިނުން އިހުނަށްވުރެ ބާރުލައި ފަށައިގަތްފަހުން 7100 މީހުންނަށް މިހާރުވަނީ ވެކްސިން ދީފައެވެ. 
އެޗްޕީއޭ އިން ބުނަނީ 144 މީހުންގެ ތެރޭގައި ގިނަ ދިވެހި ރައްޔިތުން ކަމަށާއި، ދެތިން ޤައުމަކަށް ނިސްބަތްވާ ބިދޭސީންވެސް އޭގެތެރޭގައި ހިމެނޭ ކަމަށެވެ. އަދި އެއޭޖެންސީއިން ހުރިހާ ކެށްތަކެއްވެސް މޮނީޓަރކޮށް ބަލައި، ބަލި ފެތުރެމުންދާ މިންވަރާއި ޙާލަތު ވަޒަންކޮށް، ފިޔަވަޅު އަޅަމުންދާ ކަމަށެވެ.
ހިމަބިހި ޖެހެމުންދަނީ ގިނައިން ބޮޑެތި މީހުންނަށެވެ. ގިނަ ކުޑަކުދިން ތިބީ އެ ވެކްސިން ޖަހާފައެވެ. ބަލި ޖެހުނު ގިނަ މީހުންނަކީ ޢުމުރުން 15 އާއި 39 އަހަރާ ދެމެދުގެ މީހުންނެވެ. އަދި ގިނައީ މާލެ ސަރަޙައްދުން ފެންނަ ކޭސްތަކެވެ. މާލެ ސަރަޙައްދުން ބޭރުން ފެނިފައިވަނީ 30 ކޭސް ކަމަށް އެޗްޕީއޭއިން މަޢުލޫމާތު ދެއެވެ.
ތިރީގައި އެވަނީ އެޗްޕީއޭއިން ލިޔުމުން ފޮނުވި ޖަވާބާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ކުޑަކުދިންގެ ޚާއްޞަ ޑަކްޓަރ ޑރ އަޙްމަދު ފައިޞަލްއާ މި ނޫހުން ކުރިން ކުރި އިންޓަވިއުއަކަށް ބިނާކޮށް އެކުލަވާފައިވާ މަޢުލޫމާތު ލިޔުމެކެވެ.

ދިވެހިރާއްޖެއިން ހިމަބިހި ނައްތައެއް ނުލާތަ؟

ނައްތާލިއެވެ. 2017 ގައި ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިންވަނީ ބޫޓާން އާއެކު އިރު ދެކުނު އޭޝިޔާ ސަރަޙައްދުގައި ހިމަބިހި ނައްތާލެވުނު ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނިފައިވާކަން ފާހަގަކޮށްފައެވެ. ނައްތާލަން އަމާޒުކުރި މުއްދަތަށްވުރެ 3 އަހަރު ކުރިންނެވެ. އެންމެ ފަހުން ހިމަބިހި ކޭހެއް ދިވެހިރާއްޖެއިން ފެނިފައިވަނީ 2009 ގައެވެ.
ބައްޔެއް ނައްތާލުމަކީ އެބަލި އަލުން ނުފެންނާނެކަމުގެ ގެރެންޓީއެއް ނޫނެވެ. އޭގެ މާނައަކީ ފެތުރެމުން ނުދިއިމެވެ. ދުނިޔޭގައި އަދިވެސް ހިމަބިހި ފެތުރޭތީ، އެންމެ ކޭހެއް ދިވެހިރާއްޖެއަށް އަޔަސް، އެކަށީގެންވާ ވަރަށް އާބާދީގެ ތެރޭގައި ވެކްސިން ޖަހާފައިވާ މީހުން ނެތްނަމަ، ބަލި ފެތުރޭން ފަށައިދާނެއެވެ. 

ހިމަބިހި އަލުން ފެތުރޭން މިފެށީ ކީއްވެ؟

ޤަވާއިދުން ކުޑަކުދިން ވެކްސިން ޖަހާ މިންވަރު ދިވެހިރާއްޖޭގައި މިހާރު ނިސްބަތުން ދަށްވަމުން ދިޔަ ނަމަވެސް، އެޗްޕީއޭއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ހިމަބިހީގެ ދެ ޑޯޒް 2025 ގައި 99 އިންސައްތަ ކުޑަކުދިން ފުރިހަމަކޮށްފައިވެއެވެ. ނިމިދިޔަ ހަފްތާއާ ހަމައަށް ފެނުނު 121 ކޭހުގެ ތެރެއިން، ކުޑަކުދިންނަކީ އެންމެ 4 ކޭހެވެ. އޭގެތެރެއިން އެއް ކުއްޖަކީ ވެކްސިން ޖަހާ ޢުމުރަށްވުރެ ކުޑަ، އެންމެ 5 މަހުގެ ތުއްތު ކުއްޖެކެވެ. 
އެޗްޕީއޭއިން މަޢުލޫމާތު ދިން ގޮތުގައި އެންމެ ފުރަތަމައިނުން ދިވެހިރާއްޖޭގެ ޤައުމީ ވެކްސިނޭޝަން ތާވަލަށް ހިމަބިހި ހިމަނީ 1983 ގައި، ޢުމުރުން 9 މަހުގައި ޖެހުމަށެވެ. ދެވަނަ ޑޯޒް (އެމްސީވީ2) ޖަހާން ޖެހެނީ ޢުމުރުން 18 މަހުގައެވެ. ދެވަނަ ޑޯޒް ތަޢާރަފުކުރީ 2007 ގައެވެ. 2017ގައި ހިމަބިއްސާއި ރުބެއްލާ (އެމްއާރް) ވެކްސިން އެކުގައި ޖަހާން ފެށިއެވެ.
އެހެންނަމަބވެސް 2007 ގައި ތަޢާރަފުކުރި އެމްސީވީ2 ފުރިހަމަ ނުކުރާ ކުދިން ގިނައެވެ. ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވަނީ އެކަމަށް ޚާއްޞަކޮށް ބޭއްވި ބައެއް ޕްރޮގްރާމްތަކުގެ ތެރެއިންނެވެ. ނުވަތަ ދަތުރުފަތުރާއި ވިސާގެ ބޭނުމަށް އެކަން ކުރާން ޖެހިގެންނެވެ. 
ޑރ ފައިޞަލް ވިދާޅުވީ ބޮޑެތި މީހުން ވެކްސިން ފުރިހަމަކުރި މިންވަރު ހުރީ 80 އިންސައްތައިގައެވެ. އެހެންވީމާ 20 އިންސައްތަވަރު ދިވެހި ބޮޑެތި މީހުން ތިބީ ވެކްސިން ފުރިހަމަ ނުކޮށެވެ. ”އަޅުގަނޑުމެން މިކިޔާ އިމިއުނިޓީ ގެޕްއަކީ މިއީ،“ އޭނާ އޮޅުންފިލުއްވައި ދެއްވިއެވެ. 
ހިމަބިހި ފެތުރުން ހުއްޓެނީ އާބާދީގެ މަދުވެގެން 95 އިންސައްތަ މީހުން ވެކްސިން ފުރިހަމަ ކޮށްގެންނެވެ. ކޮންމެ ފަހަރަކުވެސް ރާއްޖޭގައި ބަލި ފެތުރޭން ފަށަނީ ބޭރުން ބަލިހުރި މީހަކު އައިސްގެންނެވެ. ބިދޭސީއެކެވެ. ނުވަތަ ބަލިޖެހިފައިވާ ދިވެއްސެކެވެ. އަވަށްޓެރި އިންޑިޔާ އަދި ބަންގްލަދޭޝްގައި ހިމަބިހި ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ. ދިވެހިރާއްޖެއަށް ބަލިހުރި މީހަކު އައުމަށްފަހު، ބަލި ފެތުރޭނެތޯ ނޫންތޯ އަދި އެކަމުގެ ހަލުވިކަން ބިނާވާނީ ވެކްސިން ޖަހާފައި ތިބި މީހުންގެ ނިސްބަތަށެވެ. 

މިކަން ޙައްލުކުރާން ކެމްޕޭނެއް ނުހިންގާތަ؟

ކެމްޕޭނެއް ހިންގިއެވެ. އެޗްޕީއޭއިން ވަނީ ދެ ޑޯޒް ޖެހިކަމުގެ ލިޔުން ނެތް މީހުންނަށް އަމާޒުކޮށްގެން ވެކްސިން ދިނުމނުގެ ޕްރޮގްރާމެއް 2020 ގައި ފަށާފައެވެ. އެހެންނަމަވެސް ކޯވިޑް19 ގެ ޢާލަމީ ވަބާގެ ތެރޭގައި އެކަން ހުއްޓުނީއެވެ. 2024 ގައި އެކެމްޕޭނު އަލުން ފެށިއެވެ. އޭޕްރީލް 2025 އަށް ކުރިއަށް ގެންދިޔައެވެ. އެހެންނަމަވެސް އެކެމްޕެއިންތަކުން ކަވަރުކުރެވުނު މިންވަރުގެ ޢަދަދުތައް ސާފުކޮށް ހާމަކުރެވޭ މިންވަރަށް މިހިނދަށް ސާފުވެފައި ނެތްކަމަށް އެޗްޕީއޭއިން ބުނެއެވެ.

ހިމަބިހި ޖެހެނީ ކުޑަކުދިންނަކަށް ނޫންތަ؟

ނޫނެކެވެ. ޑރ. ފައިޞަލް މިނުކުތާއަށް ބާރުލައްވައި ވިދާޅުވީ، ހިމަބިއްސަކީ ގައިންގަޔަށް އެރުން އެންމެ ފަސޭހަ، އަވަސް އެއް ވައިރަސް ކަމަށާއި، ބަލިޖެހިފައިވާ އެންމެ މީހަކުގެ ފުށުން 16 އާއި 18 ވެކްސިން ފުރިހަމަ ނުކުރާ މީހުންނަށް ބަލި ފަތުރާ ކަމަށެވެ. ބަލީގެ ޖަރާސީމު ވައިގެތެރޭގައި ކޮޓަރިއެއްގައި 2 ގަޑިއިރުވާންދެން ހުރެދާނެއެވެ.
ހިމަބިހި ޖެހިއްޖެނަމަ، ނިއުމޯނިޔާ، ލޯ އަނދިރިވުން އަދި ސިކުނޑި ދުޅަވުން ދިމާވެދާނެއެވެ. އަދި ބަލިން ފަސޭހަވާތާ އަހަރު ދުވަސް ވާ އިރުވެސް ބުއްދިއަށް އަސަރުކޮށްފައި ހުރެދާނެއެވެ. ހަުކުރު ބަލި ނުވަތަ ކިޑްނީ ބަލި ނުވަތަ ދިފާޢީ ނިޒާމުގެ ބާރު ދެރަވެފައިވާ މީހުންނަށް ޚާއްޞަކޮށް ބިރު ބޮޑުވާނެއެވެ.
ގިނަ ފަހަރު ބަލިޖެހިގެން މަރު ނުވިޔަސް، މިއީ އުނދަގުލާއި ވޭން ބޮޑު ބައްޔެކެވެ. ބަލިމީހާ އެކަހެރިކުރާން ޖެހެއެވެ. ފަރުވާ ދޭ މީހުން ތިބޭން ޖެހޭނީ ރައްކާތެރިކަމުގެ ހެދުން އަޅައިގެންނެވެ. ކުޑަކުދިންނަމަ މަދަރަސާއަށް ބޮޑެތި މީހުންނަށް ބޭރު ތެރެއަށް ނުވަތަ މަސައްކަތަށް ނުކުމެއެއް ނޫޅެވޭނެއެވެ. ”މަރުނުވަންޏާ ބައެއް މީހުންގެ ނަޒަރުގައި ވަރިހަމަ، ނަމަވެސް މިއީ ވަރަށް ސީރިއަސް ބައްޔެއް،“ ޑރ ފައިޞަލް ވިދާޅުވިއެވެ.
އެޗްޕީއޭއިން ބުނަނީ އަދި އެއްވެސް ކޭހެއްގެ ސަބަބުން ސީރިއަސް އިތުރު ޞިއްޙީ މައްސަލަތަކެއް ފެންމަތި ނުވާ ކަމަށެވެ. 

އެންމެ ނުރައްކާ ބޮޑީ ކޮންބަޔަކަށް؟

އެންމެ ނުރައްކާ ބޮޑީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ ބޮޑެތި މީހުންނަށެވެ. އަދި 18 މަސް ދުވަސް ނުވާތީ ވެކްސިންގެ ދެ ޑޯޒް ނުޖެހޭ ކުޑަކުދިންނަށެވެ. އަދި އެކި ދާއިމީ ބަލިބައްޔާއި ދިފާޢީ ނިޒާމުގެ ބާރު ދެރަވެފައިވާ މީހުންނަށެވެ.
ޢުމުރުން 50 އަހަރުން މަތީގެ މީހުންނަށް ސަލާމަތްތެރިކަން ބޮޑެވެ. އެއިން ގިނަ މީހުންނަށް ހުންނާނީ ކުޑައިރު ހިމަބިހި ޖެހިފައެވެ. އެއްފަހަރު ޖެހިއްޖެނަމަ، ދެވަނަ ފަހަރަށް ހިމަބިއްސެއް ނުޖެހޭނެއެވެ.
ދުޅަހެޔޮ ޞިއްޙަތެއްގައި ހުއްޓަސް ވެކްސިން ޖަހަންވީ ކީއްވެ؟
ސަބަބަކީ ވެކްސިންއިން ރައްކާތެރިކޮށްދެނީ ތިމާ އެކަންޏެއް ނޫނެވެ. ”ވެކްސިން ޖަހަނީ ހަމައެކަނި ތިމާ ބަލިން ސަލާމަތްވާކަށް ނޫން. އެހެން މީހުންނަށްވެސް ބަލި ފެތުރުނަ ނުދިނުމަށް،“ ޑރ ފައިޞަލް ވިދާޅުވިއެވެ.
ގިނަ މީހުން ވެކްސިން ފުރިހަމަކޮށްފައި ތިބީވިއްޔާ، ބައްޔަކަށް ފެތުރެވޭނެ މަގެއް ނޯންނާނެއެވެ. އެހެންވީމާ އެކި ސަބަބުތަކާ ހުރެ، ވެކްސިން ޖެހޭން ނެތް މީހުންނަށް ބަލިން ރައްކާތެރިކަން ފޯރުކޮށްދެވޭނީ އެންމެންވެސް ވެކްސިން ޖަހައިގެންނެވެ. އެންމެ ނާޒުކު މީހުންނަށް ޙިމާޔަތް ދެވޭނެ ހަމައެކަނި ގޮތަކީ މިއެވެ. “ހަރޑް އިމުއިނިޓީ“ އޭ ކިޔަނީ މި މަފްހޫމަށެވެ. 
އެޗްޕީއޭއިން މަޢުލޫމާތު ދިން ގޮތުގައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި މީހަކުނަމަ، މަދު ފަހަރަކު މެނުވީ ހިމަބިހިން ޢުމުރަށް ރައްކާތެރިކަން ލިބޭނެއެވެ. އަދި ވެކްސިންގެ އަސަރު ކެނޑި، ކުޑަވެ، ފަނޑުވުމުގެ ސަބަބުން ބައްޔަށް ހުށަހެޅުމަކީ އަމުދުން ވުން ދުރުން ކަމެކެވެ.

ވެކްސިން ޖެހިދާނެތަ؟ ކޮންތާކުން؟

އާނއެކެވެ. މާލެ ސަރަޙައްދުގައްޔާއި އަތޮޅު ތެރޭގެ ވެކްސިން ސެންޓަރުތަކުން އެމްއާރް ވެކްސިން ހިލޭ ލިބޭނެއެވެ. އެޗްޕީއޭއިން ވެކްސިން ޕްރޮގްރާމް ހިންގަމުންދަނީ 4 ފިޔަވައްސަކަށް ބަހާލައިގެންނެވެ. 49 އަހަރުން ދަށުގެ ބިދޭސީންނަށްވެސް ހިލޭ ވެކްސިން ޖެހޭނެއެވެ. ޖުލައި މަހުގެ ކުރިން، ވެކްސިނަށް ޝަރުޠު ހަމަވާ ހުރިހާ އެންމެންނަށް ވެކްސިން ދިނުމަކީ އެޗްޕީއޭގެ އަމާޒެވެ. 
ޖުލައި 7 ވީ އިރު 5495 މީހުންނަށް ވެކްސިން ޖަހާފައި ވެއެވެ. އޭގެތެރެއިން 3889 މީހުން ވެކްސިން ޖެހީ މާލެ ސަރަޙައްދުގައެވެ. 1606 މީހުން އަތޮޅު ތެރޭގައެވެ. އެޗްޕީއޭއިން ބުނީ ކޮންޓެކްޓް ޓްރޭސިންގް (ބަލިޖެހިފައިވާ މީހުންނާ ބައްދަލުވެފައި ތިބި މީހުން ބަލައި، ހޯދުން)، ޢާންމު ހޭލުންތެރިކަން، ކޭސްތައް ތަޙްޤީޤުކުރުން އަދި ބަލިފެތުރެމުންދާ މިންވަރު ގާތުން ބަލައި، މޮނީޓަރކުރުމަކީ ބަލިފެތުރުން ހުއްޓުވައި، ސަލާމަތްތެރިކަން ހޯދާން މުހިންމު ފިޔަވަޅުތަކެއް ކަމަށާއި، އެކަންކަން ފަރުވާތެރިކަމާއެކު ކުރަމުން އަންނަކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެޗްޕީއޭ އިން އިތުރަށް ބުނެފައިވަނީ ބަލިޖެހުނު މީހުން 1095 މީހުންނާ ބައްދަލުވެފައިވާ ކަމަށާއި، އޭގެތެރެއިން 503 މީހުން ބަލީގެ ޢަލަމާތެއް ފެނޯތޯ ބަލައި، މޮނީޓަރކުރަމުންދާ ކަމަށެވެ. 

ބަލީގެ ޢަލަމާތްތަކަކީ ކޮބާ؟ އަދި ހަދާންވީ ކިހިނެއް؟

ހުން އައުމާއި، ކެއްސުމާއި، ލޯ ރަތްވުމާއި، ގައިގައި ބިހިގަނޑެއް ނެގުމަކީ ހިމަބިހީގެ ޢަލާމާތްތަކެވެ. ބިހިނަގައި، ހުން އަތުވެއްޖެނަމަ ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދާން އެޗްޕީއޭއިން އަންގައެވެ. ޢާންމު ދަތުރުފަތުރު ބޭނުން ނުކުރާށެވެ. ކުރާން ޖެހިއްޖެނަމަވެސް މާސްކެއް އަޅާށެވެ. މީހުންނާ ގާތް ނުވާށެވެ. ހިމަބިއްސަށް ޓެސްޓުކޮށް، ނަތީޖާ ލިބޭންދެން ރައްކާތެރިވާށެވެ.

ހިމަބިހި ނައްތާލެވިފައިވާ ޤައުމެއްގެ ޙައިޘިއްޔަތު ދިވެހިރާއްޖެއަށް ގެއްލުނީތަ؟

ބަލިފެތުރުން ނުހުއްޓިއްޖެނަމަ އެ ޙައިޘިއްޔަތު ގެއްލިދާނެއެވެ. ޝްރީލަންކާގައި އަހަރު ދުވަހަށްވުރެ ގިނައިން ބަލި ފެތުރެމުން ދިއުމާއެކު، ބަލި ނައްތާލެވިފައިވާ ޤައުމުތަކުގެ ލިސްޓުން އުނިކުރީއެވެ. 
ޑރ ފައިޞަލް ވިދާޅުވީ މިހާރު ބަލިޖެހެމުންދާ މީހުންގެ ޢަދަދުތައް ހުރީ ކަންބޮޑުވާ މިންވަރެއްގައި ކަމަށާއި، އާބާދީގެ ނިސްބަތުން ޢަދަދު ބޮޑު ކަމަށެވެ. ބަލިނައްތާލެވިފައިވާ ޤައުމުގެ ޙައިޘިއްޔަތު ދަމަހައްޓާނޭ ނަމަ ބަލި ފެތުރުން ހުއްޓުވޭން ޖެހޭނެއެވެ. 6 ހަފުތާ ވާންދެން ބަލި ނުފެނި ހުންނާން ޖެހޭނެއެވެ. 12 މަހަށްވުރެ ގިނަ ދުވަހު ބަލި ފެތުރުން ކޮންޓްރޯލް ނުކުރެވި، ކުރިއަށްދާނަމަ، ބަލިނައްތާލެވިފައިވާ ޤައުމެއްގެ ޙައިޘިއްޔަތު ގެއްލުނީއެވެ. 
ޑރ ފައިޞަލް ވިދާޅުވީ 2017 ގައި ހިމަބިހި ނައްތާލެވިފައިވާ ޤައުމެއްގެ ޙައިޘިއްޔަތު ހޯދުނީ ލައްކަ މަސައްކަތުން ކަމަށެވެ. ޑަބްލިއުއެޗްއޯ އާ ގުޅިގެން ބަލި ފެތުރުން ހުއްޓުވައި، ހިމަބިހި ނައްތާލެވިފައިވާ ޤައުމެއްގެ ޙައިޘިއްޔަތު ހިފަހައްޓާން މަސައްކަތްކުރަމުންދާ ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ. 
އެޗްޕީއޭއިން ބުނީ ޢާންމުންގެ ފަރާތުން ވެކްސިން ޕްރޮގްރާމަށް ލިބެމުންދާ ތަރުޙީބު ރަނގަޅު ކަމަށެވެ. 
ކަންމިހެން ހުރިއިރު، ވެކްސިންއާ ދެކޮޅަށް ދިވެހިރާއްޖޭގައިވެސް މަސައްކަތް ކުރަމުންދާ ބަޔަކު އެބަތިއްބެވެ. މައިގަނޑުކޮށް އޮންލައިން ކޮށެވެ. ކޯވިޑް 19 ގެ ވެކްސިނާ ދެކޮޅަށް ފެށުނު ޙަރަކާތެކެވެ. މިފަދަ ޙަރަކާތްތަކުގެ ސަބަބުން ވެކްސިނަށް ކުރާ އިތުބާރު ގެއްލި، ބަލިތައް ފެތުރުން ޢާންމުވާން ފެށުމުގެ ހިރާސް ބޮޑު ކަމަށް އެޗްޕީއޭއިން ބުނެއެވެ. 

ހިމަބިހި އައީ ކޮން ޤައުމަކުންކަން އެނގެނީ ކިހިނެއް؟

ޖީނޯޓައިޕިންގް އިންނެވެ. ޔަޢުނީ ޖަރީސީމުގެ ޖެނެޓިކް ތަޙްލީލުންނެވެ. އައިޖީއެމް ހޮސްޕިޓަލުން ނެގި ސާމްޕަލް ރާއްޖެއިން ބޭރަށް ފޮނުވައިގެން ކުރި ތަޙްލީލުތަކުން އެނގުނީ ދިވެހިރާއްޖޭގައި ފެތުރެމުންދަނީ ބަންގްލަދޭޝްގައިވެސް ފެތުރެމުންދާ ހިމަބިހިކަމަށް ޑރ ފައިޞަލް ވިދާޅުވިއެވެ. ބަލި ފެތުރި ޖެހެމުން އައި ގޮތުގެ އިސްފަސްކަމާއި ތަރުތީބުވެސް މިފަދަ ތަޙްލީލުތަކުން އެނގޭނެއެވެ. މިސާލަކަށް މިވެނި ކޭހެއް އައީ މާލެއިން ނުވަތަ އަތޮޅު ތެރެއިން ކަމަށް ވެސް އެފަދަ ތަޙްލީލަކުން ބެލޭނެއެވެ. 

މިނިވަން ނޫސްވެރިކަމަށް އެހީތެރިވެދެއްވާ

ބިރެއްނެތި ޚަބަރު ގެނެސްދިނުމަށް އެހީތެރިވެދެއްވާ

އެއްފަހަރު ދެއްވާ

ނުވަތަ
މެމްބަރަކަށް ވެލައްވާމަހަކު $5 އިން ފެށިގެން