އޭޕްރީލްގައި ދައްކަންޖެހޭ 500 މިލިޔަން ޑޮލަރަކީ ކޮބާ؟ ސުކޫކަކީ ކޮބާ؟
ސުކޫކަކީ ކޮބައިކަން ޢާންމު ސާދާ ބަހުރުވައިން.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
03 ފެބްރުއަރީ
ސުކޫކަކީ ކޮބާ؟
ސުކޫކަކީ އިސްލާމީ މާލީ ސެޓިފިކެޓެކެވެ. އިސްލާމީ ޝަރުޢީ އުޞޫލުތަކާއި ހަމަތަކަށް ފެތޭ ބޮންޑެކެވެ. އާދައިގެން ބޮންޑަށް އިންޓަރެސްޓް ދައްކާއިރު، އިސްލާމީ މާލީ އުޞޫލުތަކުގެ ދަށުން މިއީ މަނާ ކަމެކެވެ. އިންވެސްޓަރެސްޓުގެ ބަދަލުގައި ސުކޫކުގައި ދެނީ ޤާއިމުވެފައި ހުރި ރައުސުލްމާލެއްގެ މިލްކުވެރިކަމެވެ. ޔަޢުނީ އިންޓަރެސްޓުގެ ބަދަލުގައި ސުކޫކުގައި އިންވެސްޓަރުންނަށް ލިބެނީ އެ ރައުސުލްމާލަކުން ލިބޭ ފައިދާއިން ޙިއްސާއެވެ.
ސުކޫކުގެ އިދާރީ، އިންތިޒާމީ އަދި ތަންފީޛީ ބޭނުންތަކަށް "ސްޕެޝަލް ޕާރޕަސް ވެހިކަލް" (އެސްޕީވީ) އެއް ސަރުކާރު ނުވަތަ ސަރުކާރު ކުންފުންޏަކުން (މަސްދަރު) އުފައްދައެވެ. މި ވެހިކަލް ބޭނުންކޮށްގެން އިންވެސްޓަރުންނަށް ސެޓްފިކެޓް ދޫކުރެއެވެ. އެލިބޭ ފައިސާއިން މަސްދަރުގެ އަތުން އެސްޕީވީ ރައުސުލްމާލެއް ގަނެ، މިލްކު ކުރެއެވެ. ދެން އެ ރައުސުލްމާލު ކުއްޔަށް ދެއެވެ. "އިންޓަރެސްޓު"ގެ ނަމުން ނެއްޓި، އެކުލީގެ ފައިސާ އިންވެސްޓަރުންނަށް ޖަމާވަނީ "ފައިދާ" ގެ ގޮތުގައެވެ. ސުކޫކުގެ މުއްދަތު ހަމަވީމާ މަސްދަރު އަނބުރާ އެރައުސުލްމާލު ގަނެއެވެ. އެގޮތުން، މަސްދަރަށް ޚަރަދު އަނބުރާ ލިބެއެވެ.
ޢަމަލީގޮތުން ބަލާއިރު، އިންޓަރެސްޓޭ ނުކިޔަސް، ސުކޫކުގެ ކަންތައް ހިނގަނީ އާދައިގެ ބޮންޑެއްގައި އިންޓަރެސްޓު ލިބޭ ހަމައިންނެވެ. އިސްލާމީ ޝަރީޢަތުގެ ދަށުން އެކަން ހުއްދަވެ، ދުނިޔޭގެ ފެންވަރުގެ މުސްލިމް އިންވެސްޓަރުންގެ ސަމާލުކަން ލިބެނީ، އާދައިގެ ބޮންޑަކާ ޚިލާފަށް، ސުކޫކު ބިނާވެގެންނަނީ ރައުސުލްމާލެއްގެ މައްޗަށެވެ.
ދިވެހިރާއްޖޭގައި ސުކޫކުގެ ކަންކަން ހިންގަނީ ކިހިނަކުން ހެއްޔެވެ؟
މިއީ ސުކޫކާ ގުޅޭ އިޖުރާޢަތުތަކާއި ފިޔަވަޅުތައް ތަރުތީބު ކުރެވިފައިވާ ގޮތެވެ.
ފިޔަވަޅު 1: ސްޕެޝަލް ޕާރޕަސް ވެހިކަލް
ސަރުކާރުން ކޭމަން އައިލެންޑްސްގައި "މޯލްޑިވްސް ސުކޫކް އިޝޫއަންސް ލިމިޓެޑް"ގެ ނަމުގައި ވަކި ޤާނޫނީ ޝަޚްޞެއް 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު އުފެއްދިއެވެ. މި އެސްޕީވީ އަކީ އިންވެސްޓަރުންނާއި ސަރުކާރާ ދެމެދުގައިވާ ގުޅުމެވެ. މިއެސްޕީވީގެ ބޭނުމަކީ ރައުސުލްމާލުގެ މިލްކުވެރިއަކު ކަމުގައި ވުމާއި، ޕޭމަންޓުތައް ލިބިގަތުމެވެ.
ފިޔަވަޅު 2: އިންވެސްޓަރުންނަށް ސެޓްފިކެޓް ދޫކުރުން
އެސްޕީވީ އިން 2021 ވަނަ އަހަރު ތިން ބުރެއްގެ މަތިން 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކް ސެޓްފިކެޓް ދޫކޮށްފައިވާއިރު، އެމެރިކާ، ޔޫރަޕް، އޭޝިއާ އަދި މެދުއިރުމަތީގެ އެސެޓް މެނޭޖަރުން ހިމެނޭ ގޮތަށް ޕެންޝަން ފަންޑުތަކާއި ބޭންކުތަކާއި ހެޖް ފަންޑުތަކާއި އިންވެސްޓަރުން އެސެޓްފިކެޓްތައް ގަނެފައި ވެއެވެ.
3 ވަނަ ފިޔަވަޅު: ލިބޭ ފައިސާ ބޭނުންކޮށްގެން އެސެޓެއް ގަތުން
އިންވެސްޓަރުންގެ އަތުން ހޯދި 500 މިލިއަން އެމެރިކާ ޑޮލަރު، އެސްޕީވީ އިން ބޭނުންކުރީ ސަރުކާރުގެ (މަސްދަރު) އަތުން ރައުސުލްމާލެއް ގަތުމަށެވެ. މިގޮތުން ގަތީ 140 މިލިއަން އެމެރިކާ ޑޮލަރުގެ ދަރުމަވަންތަ ހޮސްޕިޓަލް ޢިމާރާތެވެ.
4 ވަނަ ފިޔަވަޅު: އެސެޓް އަނބުރާ ސަރުކާރަށް ކުއްޔަށް ދިނުން
ޤާނޫނީ ނަޒަރަކުން ބަލާނަމަ، މިހިސާބުން އެހޮސްޕިޓަލުގެ މިލްކުވެރިޔަކީ އެސްޕީވީ އެވެ. ދެން އެހޮސްޕިޓާ އަނބުރާ ސަރުކާރަށް ކުއްޔަށް ދޫކުރެއެވެ. ސަރުކާރުން ކުލީގެ ގޮތުގައި ފައިސާ ދައްކަނީ އެސްޕީވީ އަށެވެ.
5 ވަނަ ފިޔަވަޅު: ކުލީގެ ފައިސާއިން އިންވެސްޓަރުންނަށް "ފައިދާ" ދެއްކުން
އެސްޕީވީން ކުލީގެ ފައިސާ ސުކޫކު އިންވެސްޓަރުންނަށް ބަހަނީ"ފައިދާ" ގެ ގޮތުގައެވެ. އިންޓަރެސްޓަކީ އިސްލާމީ ޝަރީޢަތުގައި ޙަރާމް ކަމެކެވެ. ސުކޫކުގެ ފައިދާގެ ނިސްބަތަކީ އަހަރަކު 9.875 އިންސައްތައެވެ. ކޮންމެ ހަ މަހަކުން ފައިދާގެ ފައިސާ ބަހައެވެ.
6 ވަނަ ފިޔަވަޅު: މުއްދަތު ހަމަވުމުން ސަރުކާރުން އެ އެސެޓް އަނބުރާ ގަތުން
އޭޕްރީލް 8، 2026 ގައި ސަރުކާރުން އެސްޕީވީ ގެ އަތުން ދަރުމަވަންތަ ހޮސްޕިޓަލް އަނބުރާ ގަންނާނެއެވެ. ސަރުކާރުން އަދާކުރާ އަގު (500 މިލިޔަން ޑޮލަރު)، އެސްޕީވީ މެދުވެރިކޮށް އިންވެސްޓަރުންނަށް ބަހާލައެވެ.
މިގޮތަށް ތަރުތީބުކޮށްފައި ވަނީ ކީއްވެ ހެއްޔެވެ؟
އެސްޕީވީ މަސައްކަތްކުރަނީ ރައްކާތެރިކަމުގެ ފަށަލައެއްގެ ގޮތުގައެވެ. އެސްޕީވީ އަކީ އަމިއްލަ މުދަލާއި ދަރަންޏަށް ޒިންމާވާ، ވަކި ޤާނޫނީ ޝަޚްޞަކަށް ވާތީ، ސަރުކާރަށް އަރާ މާލީ ލޮޅުމަކުން ނުވަތަ ގެއްލުމަކުން، އެސްޕީވީ މެދުވެރިކޮށް ސުކޫކުގެ އިންވެސްޓަރުންނަށް ރައްކާތެރިކަން ލިބެއެވެ. ރައުސުލްމާލުގެ މައްޗަށް ބިނާވާ އިންތިޒާމުގެ ސަބަބުން ސުކޫކް ޝަރީއަތަށް ވެސް ތަބާވާ ގޮތް ވެއެވެ: އިންވެސްޓަރުންނަށް ލޯނެއްގެ އިންޓަރެސްޓުން ނޫނީ ޓެންޖިބަލް އެސެޓެއް (ހޮސްޕިޓަލް ލީސް) އިން ރިޓަންސް ލިބެ އެވެ.
ސަރުކާރުން ސުކޫކު އިންވެސްޓަރުންނަށް ދޭންވާ ފައިދާގެ ފައިސާ ނުދީފިނަމަ، ރަހުނުވެފައި ހުރި ދަރުމަވަންތަ ހޮސްޕިޓަލަށް ދައުވާ ކުރެވޭނެއެވެ. ނަމަވެސް އެއްވެސް ދައުލަތަކުން ދުވަހަކުވެސް ސުކޫކަކަށް ފައިސާ ނުދެއްކިގެން، ޑީފޯލްޓުވެފައި ނުވާތީ ޢަމަލީގޮތުން މިފަދަ ޙާލަތުގައި ކަންހިނގާނެ ގޮތް ތަމްޘީލުވެފައެއް އަދި ނެތެވެ. ތަޖުރިބާކާރުންގެ ބަހުގައި ނަމަ ޤާނޫނީގޮތުން އެމައްޗަށް ފިޔަވަޅު އެޅިދާނެ ގޮތްތައް ތަޖުރިބާކޮށްފައި ނުވާފަދަ އައު ޙާލަތެކެވެ.
ދިވެހިރާއްޖެ އިން ސުކޫކެއް ވިއްކީ ކީއްވެ ހެޔްޔެވެ؟
2021 ވަނަ އަހަރު ދިވެހިރާއްޖެ އޮތީ ކޯވިޑް-19 ގެ ހިޔަނީގައެވެ. 2020 ވަނަ އަހަރުގެ މާޗް މަހު ބޯޑަރުތައް ބަންދުކުރުމުން، ޓޫރިޒަމް – ޖީޑީޕީގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ޙިއްސާކުރާ – މުޅިން ހުއްޓުމަކަށް އައެވެ. 2021 ވަނަ އަހަރުގެ މެދުތެރޭގައި ރާއްޖެ އައި މީހުންގެ ޢަދަދު ހުރީ 2019 ވަނަ އަހަރުގެ 73 އިންސައްތައިގައެވެ. ބަޖެޓް ޑެފިސިޓް ޖީޑީޕީގެ 27.5 ޕަސެންޓަށް އިތުރުވިއެވެ. އެއަހަރަށް ލަފާކުރި 6.2 އިންސައްތައިގެ ޑެފިސިޓަށްވުރެ ވުރެ މާ ބޮޑު ޢަދަދެކެވެ. ދަރަނި 2019 ވަނަ އަހަރުގެ ޖީޑީޕީގެ 59 އިންސައްތައިން 2021 ވަނަ އަހަރު ގާތްގަނޑަކަށް 85 އިންސައްތައަށް މައްޗަށް ގޮސްފައިވެ އެވެ.
ބޭރު ފައިސާއަށް ޖެހުމުން ސަރުކާރުން އިސްލާމީ ކެޕިޓަލް މާކެޓްތަކާ ދިމާލަށް ިޔައީއެވެ.
އޭޕްރީލް މަހު ދައްކަން ޖެހެނީ ކިހާވަރެއް ހެއްޔެވެ؟
ސުކޫކުގެ އެންމެ ފަހު ހަމަސް ދުވަހުގެ ފައިދާއަށްވާ ފައިސާ ދެއްކުމާއި، އަބޫދާބީ ފަންޑުން ވަކިން ނަގާފައިވާ 100 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނަކާ އެކު ޖުމްލަ 625 މިލިއަން އެމެރިކާ ޑޮލަރު އޭޕްރީލް މަހު ދައްކާން ޖެހޭނެއެވެ.
ނަމަވެސް ބޭނުންކުރެވޭ ބޭރު ފައިސާގެ ރިޒާވް ނޮވެމްބަރު މަހު ހުރީ 197 މިލިއަން އެމެރިކާ ޑޮލަރަށެވެ. ފައިސާ އަނބުރާ ދެއްކުމަށް ސަރުކާރުން ޓެޕް ކުރަން ރާވާފައިވާ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގައި ނޮވެމްބަރު މަހުގެ ފަހުކޮޅު 126 މިލިއަން އެމެރިކާ ޑޮލަރު ހުއްޓެވެ.
ސަރުކާރަށް ފައިސާ ދެއްކޭނެ ހެއްޔެވެ؟
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވަނީ ދެއްކޭނެ ކަމަށެވެ. "އަޅުގަނޑަށް އިތުބާރާއެކު ދަންނަވާލަން އޮތީ، އޭޕްރީލް މަހު ސުކޫކް ދެއްކޭނެ މެކޭނިޒަމް އަޅުގަނޑުމެންނަށް މިހާރު އެބައޮތް،" ނޮވެމްބަރު މަހު މަޖިލީހުގައި މިނިސްޓަރ ވިދާޅުވިއެވެ. 350 މިލިޔަން ޑޮލަރު ރީފައިނޭންސް ކުރަށް ރާވާފައިވާކަމަށާއި، ބާކީ 150 މިލިޔަން ޑޮލަރު އަދާކުރާނީ ޑޮލަރުގެ އާމްދަނީ ޖަމާކޮށްފައިވާ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުން ކަމަށް އޭނާ އޮޅުންފިލުއްވައި ދެއްވިއެވެ. އަބޫދާބީ ފަންޑަށް އަދާކުރަންޖެހޭ 100 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނު ރޯލްއޮވަރ ކުރާނެކަން ޔޫއޭއީން ކަށަވަރުކޮށްދީފައިވާ ކަމަށްވެސް އޭނާ މަޖިލީހުގައި ވިދާޅުވިއެވެ.
ރީފައިނޭންސިންގެ ތަފްޞީލެއް މިނިސްޓަރ ޒަމީރު ހާމައެއް ނުކުރައްވައެވެ. ނަމަވެސް ވިދާޅުވީ "ޕްލޭން އޭ، ޕްލޭން ބީ، ޕްލޭން ސީ" އާއި ބެހޭ މަޢުލޫމާތު އޮޑިޓާރ ޖެނެރަލް ޙުސައިން ނިޔާޒީ ހިމެނިވަޑައިންނަވާހެން، ކަމާބެހޭ ފަރާތްތަކާ ޙިއްސާ ކުރައްވާފައި ވާނެކަމަށެވެ. އޮޑިޓާ ޖެނެރަލް ވިދާޅުވާ ގޮތުގައި އެއީ ނާޒުކު މަޢުލޫމާތު ތަކެކެވެ. އެހެންވީމާ ހާމައެއް ނުކުރެއްވޭނެއެވެ.
މޯލްޑިވްސް އިންޑިޕެންޑެންޓާ ވާހަކަ ދެއްކި ފިސްކަލް ޕޮލިސީގެ މާހިރަކު ވިދާޅުވީ ތަފްޞީލު ހާމަނުކުރުމަކީ ކަންބޮޑުވުމެއް ކަމަށެވެ. "މިހާތަނަށް ފުރިހަމައަށް ތައްޔާރުވެފައި ނުވާނަމަ ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި ސުކޫކެއް ނުވަތަ ބޮންޑެއް ނެރެވޭނެ ކަމަކަށް ނުބެލެވޭ. ބައިލެޓަރަލް ނުވަތަ މަލްޓިލޭޓަރަލް ސޯސްތަކުން ފައިސާ ހޯދަން ރާވާފައިވާ ނަމަ، އެފައިސާ މިހާރު ހުންނާންވާނީ ކޮމިޓު (އަހުދު) ކޮށްފައި. އެފަދަ ތަފްޞީލެއް [ފައިނޭންސް މިނިސްޓަރ] ދީފައެއް ނުވޭ."
ބެކަޕް-ޕްލޭނަކީ ކޮބައި ހެއްޔެވެ؟
ރިޕޯޓްތައް ބުނާ ގޮތުގައި ސަރުކާރުން ދަނީ އެމެރިކާގެ މުދަލާއި މާލީ ޚިދުމަތްދޭ ކުންފުނި ކާގިލް ފައިނޭންޝަލް ސާވިސަސް އިންޓަނޭޝަނަލް އިން 300 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް ނެގުމަށް މަޝްވަރާ ކުރަމުންނެވެ. އިންޓަރެސްޓް ރޭޓަކީ 15 އިންސައްތަކަމަށް ޚަބަރު ލިބެއެވެ.
ކާގިލްގެ ލޯނުގެ މަޝްވަރާތައް ނިމުމާ ހަމައަށް މިހާރު އައިސްފައިވާ ކަމަށް"އަދަދު" ނޫހުން އަންގާރަ ދުވަހު ރިޕޯޓުކޮށްފައި ވެއެވެ. ނިމިދިޔަ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ކާގިލް އިން ލޯނަކަށް ދެއްކީ 7.15 އިންސައްތައިގެ އިންޓަރެސްޓެވެ.
މިވެރިކަމުގައި މީގެ ކުރިންވެސް އެމެރިކާގެ ކާގިލް އިން ލޯނެއް ނެގިއެވެ. ސްޓޭޓް ޓްރޭޑިންގް އޮގަނައިޒޭޝަން (އެސްޓީއޯ) އަށް ބޭހާއި ކާބޯތަކެތީގެ ބާވަތްތަކާއި ޒަރޫރީ މުދާ އެތެރެކުރުމަށް ނެގި 50 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެވެ. މި ލޯނާ ބެހޭ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ވަނީ ސިއްރުކޮށްފައެވެ. މާލީ ތަޖުރިބާކާރުން މިނޫހުގައި ބުނީ ދިވެހިރާއްޖެފަދަ "ޖަންކް" ކްރެޑިޓް ރޭޓިންގުގައިވާ ޤައުމުތަކަށް ބައިނަލްއަޤްވާމީ މާލީ މަޝްރަޙުގައި ލުއި، ފަހި ފުރުސަތުތައް ނެތް ކަމަށެވެ. އެފަދަ ފުރުޞަތެއް ހޯދޭނީ ހަމައެކަނި އެކުވެރި ދައުލަތްތަކުން ނުވަތަ ވޯލްޑް ބޭންކާއި އިންޓާރޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ފަދަ މަލްޓިލޭޓަރަލް މުއައްސަސާތަކުން ލުއި ލޯނުފަދަ ގޮތްތަކެއް ހަމަޖެހިގެންނެވެ.
ބަޖެޓް ތާވަލު ދައްކާގޮތުން ގަޠަރާއި ޗައިނާގެ މާލީ އެހީތެރިކަން ލިބޭނެއެވނަމަވެސް ވަކި މިވެނި މިންވަރެއްގެ އެހީ ދޭނެކަމަށް ކަނޑައެޅިގެން ބުނެ، އަހުދުވެފައިވާ ކަމުގެ އެއްވެސް ނިޝާނެއް ނެތެވެ. މީގެކުރިން ކުރިމަތިލާންޖެހުނު ހުޠޫރަތްތެރި ދަނޑިވަޅުތަކުގައި، އިންޑިޔާ ސަރުކާރުން ބޮޑެތި މާލީ އެހީއާއި ލުއި ދީފައިވެއެވެ. އެގޮތުން ޓްރެޜަރީ ބިލުތަކަށް ފައިސާ ދެއްކުން ފަސްކޮށް ދިނުމާއި، 400 މިލިއަން އެމެރިކާ ޑޮލަރުގެ ކަރަންސީ ސްވޮޕްގެ މުއްދަތާއި މިންވަރު އިތުރު ކޮށްދިނުމާއި، އިންޑިޔާ ރުޕީސްގެ ކްރެޑިޓް ލައިނެއް ހަމަޖައްސައި ދީފައިވެއެވެ. ނަމަވެސް، ރުޕީސް ކްރެޑިޓް ލައިނަކުން، ޑޮލަރުން ދައްކާންޖެހޭ ބިލުތަކަށް ލިބޭ ލުޔެއް، ޙައްލެއް ނެތެވެ.
އެންމެ ދަތި ޙާލަތުގައި ދައުލަތުގެ ރަސްމީ ރިޒާވްތަކާއި ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުން ފައިސާ ނެގުން ނޫން ގޮތެއް ނޯންނާނެކަމަށް މިނޫހާ ވާހަކަދެއްކި ތަޖުރިބާކާރު ވިދާޅުވިއެވެވެ. "އެކަމަކު އޭރުން ރިޒާވް ވަރަށް ބޮޑަށް ދަށްވެ ނުރައްކާތެރި ހިސާބަކަށް ދާނެ. އެމެރިކާ ޑޮލަރުގެ ޕެރެލަލް މާކެޓް (ޑޮލަރުގެ ކަޅު ބާޒާރު) ރޭޓް ވަރަށް ބޮޑުތަނުން އުފުލޭނެ. ދަރަނި އަދާނުކޮށްގެން ޑީފޯލްޓުވުމުގެ ނަމުން ސަލާމަތްވި ނަމަވެސް އިޤްތިޞާދީ ޙާލަތު ކުރު ރާސްތާގައި ދަތިވާނެ."
އިދިކޮޅުން ބުނަނީ ކީކޭ ހެއްޔެވެ؟
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ތުހުމަތު ކުރަނީ ސުކޫކުގެ ފައިސާ އަނބުރާ ދައްކާން ޖެހޭކަން އެނގޭއިރު، ސަރުކާރުން ރަނގަޅަށް ތައްޔާރުވެފައި ނުވާ ކަމަށެވެ. އެޕާޓީގެ ކުރީގެ ޗެއާރޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވީ ސޮވަރިން ޑެޓް ރީފައިނޭންސް ކުރުމަކީ "ސްޓޭންޑަޑް އަދި ޕްރޫޑެންޓް (މާލީގޮތުން ހުޝިޔާރު) ޓޫލެއް (އާލާތެއް/އުކުޅެއް)" ކަމަށާއި، އެމްޑީޕީގެ ނިމިދިޔަ ވެރިކަމުގައި 250 މިލިއަން އެމެރިކާ ޑޮލަރުގެ ބޮންޑެއް ރީފައިނޭންސް ކުރުމަށް 2021 ވަނަ އަހަރު ސުކޫކް ނެރި، މާލީ ވާޖިބުތައް ފުރިހަމައަށް އަދާކޮށްފައި ވާނެކަމަށެވެ.
"މި ސަރުކާރު ވެރިކަމަށް އައީ ކޯވިޑްގެ ދުވަސްވަރުގެ ދަރަންޏާމެދު އަޑުހަރުކޮށް ފާޑުކިޔަމުން، ނަމަވެސް ދެ އަހަރަށް ވުރެ ގިނަ ދުވަހު ވެރިކަމުގައި ހުންނެވިއިރު، ސުކޫކު ދައްކަން އަޅަންޖެހޭ މާލީ އިޞްލާޙީ ފިޔަވަޅެއްވެސް އަދި ޤަބޫލުކުރެވޭ ފެންވަރުގެ ޕްލޭނެއްވެސް ހުށަހެޅިފައެއް ނުވޭ،" ފައްޔާޒު އެކްސްގައި ލިޔުއްވާފައި ވެއެވެ.
އިންވެސްޓަރުންގެ އިތުބާރު ގެއްލި، ފައިސާއިން ބައެއް މެނުވީ ނުދެއްކި، ސިއްރުވެރި، ހާމަނުކުރާ ޝަރުޠުތަކުގައި ލޯނު ނެގުމަށް އަވަސްވެގަތުމާއި، ރިޒާވް އާއި ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު ހުލިވުމުގެ ބިރާއި ހިރާސް ނުހަނު ބޮޑު ކަމަށް އިންޒާރު ކުރައްވާ، އިޤްތިޞާދީ ވަޒީރުކަމުގެ މަޤާމުގައި އެމްޑީޕީގެ ސަރުކާރުގައި ހުންނެވި ފައްޔާޒް އިސްމާޢީލް ވިދާޅުވީ "އޭޕްރީލް މަހު އެކަނިވެސް" ސަލާމަތްވެވޭ ވަރު ނެތްކަމަށެވެ.
އަދި ބޭރު ގައުމުތަކަށް ބިން ވިއްކަން ރާވާކަމުގެ އަޑުތަކާ މެދު ވެސް ކަންބޮޑުވުން ފާޅުކުރައްވައި، އެކަމުން "އަޅުގަނޑުމެންގެ އިސްތިޤްލާލަށް ނުރައްކާތަކެއް" ކުރިމަތިވެދާނެ ކަމަށް ފައްޔާޒް އިސްމާޢީލް ލިޔުއްވިއެވެ.
އެމްޑީޕީ އިން ބުނަނީ ކޮވިޑް-19 ގެ ދުވަސްވަރު ދަރަނި ނުނަގާ ފަރުޖެއްސެން ނެތުނީ ކަމަށެވެ؛ ޓޫރިޒަމް ހުއްޓުމުން ދައުލަތުގެ އާމްދަނީ އިން 25 ބިލިއަން ރުފިޔާ ގެއްލިގެން ދިޔައެވެ. "ފަތުރުވެރިކަމަށް 65 އިންސައްތަ އަށްވުރެ ބޮޑަށް ބަރޯސާވެފައިވާ އިޤްތިޞާދެއް، މިޒަމާނުގެ ދުނިޔޭގެ ތާރީޚް ދުށް އެންމެ ބޮޑު ދަތިކަމުން ސަލާމަތްކުރެވުނު،" އޭނާ އިތުރަށް ލިޔުއްވިއެވެ.
އެއާ ޚިލާފަށް މިހާރުގެ ސަރުކާރަށް ވާރުތަވީ ރަނގަޅުވަމުން އަންނަ އިޤްތިޞާދެއް ކަމަށާއި، އާމްދަނީ އިތުރުވެ، ފަތުރުވެރިކަން ވަރުގަދަވަމުން އައިސްފައިވާ ކަމަށާއި، އެހެންވީމާ ދަރަނި ދާންވާނީ ދަށަށްކަން ފާހަގަކުރައްވާ، "ޢަސްކަރީ ޑްރޯންތަކުން ފެށިގެން ސިޔާސީ ގޮތުން ޢައްޔަންކުރާ މީހުންގެ ލިސްޓާއި ހަމައަށް ސިޔާސީ ބޭނުންތައް ފުއްދުން" ނޫންކަމެއް މިސަރުކާރުން ނުކުރާއިރު، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފުނޑެމުންދާ ކަމަށް ފައްޔާޒް އިސްމާޢީލް ވިދާޅުވިއެވެ.
ފައްޔާޒް އިސްމާޢީލް ވިދާޅުވީ ދަރަނީގެ ޙާލަތާއި، 9.99 އިންސައްތައަށް ވުރެ ބޮޑު އިންޓަރެސްޓުގައި ދަރަނި ނަގަނީތޯ ފަދަ ސުވާލުތަކަށް ސަރުކާރުން ޖަވާބެއް ދިނުމަކީ، ރައްޔިތުންނަށް ޙައްޤުވެގެންވާ ކަމެއް ކަމަށެވެ.
ދަރަނި އަދާނުކުރެވި، ޑީފޯލްޓުވެއްޖެނަމަ ދިވެހިރާއްޖެއަށް ވާނީ ކިހިނެއް ހެއްޔެވެ؟
ދުވަހަކުވެސް ސޮވަރިން ސުކޫކެއް ނުދެއްކިގެން، އެއްވެސް ޤައުމެއް ޑިފޯލްޓު ވެފައެއް ނުވެއެވެ. މި ޤަރުނުގައި ދޫކޮށްފައިވާ 22،794 އިސްލާމިކް ބޮންޑުގެ ތެރެއިން ޑިފޯލްޓްވެފައިވަނީ އެންމެ 62 ބޮންޑެވެ. ޑީފޯލްޓުވީ ހައްތަހާވެސް ކޯޕަރޭޓް ބޮންޑުތަކެވެ.
ދިވެހިރާއްޖެ ޑީފޯލްޓުވެއްޖެނަމަ، އެކަމުގެ ލޮޅުން މުޅި އިސްލާމީ ފައިނޭންސިންގްގެ ސިނާޢަތަށް ކުރާނެއެވެ. އެއްވެސް ޤައުމަކަށް ސުކޫކު ނުދެއްކިގެން، ޑީފޯލްޓުވެފައި ނުވާކަމުގެ ސާފު ރެކޯޑަކީ މުސްލިމު އަޣުލަބިއްޔަތު ޤައުމުތަކަށް ރަނގަޅު ރޭޓެއްގައި ލޯނު ނެގުމަށް އެހީތެރިވެދޭ ކަމެކެވެ. 2018 ވަނަ އަހަރު ގަލްފުގެ ޤައުމުތަކުން ވަނީ ބަހްރެއިން ފުރަތަމަ ސޮވަރިން ސުކޫކް ޑިފޯލްޓަރަށް ވިޔަ ނުދީ، ފައިސާ ދައްކައިދީފައެވެ. ދިވެހިރާއްޖޭ ޑިފޯލްޓްވުމުން ލޯނު ނެގުމުގެ ޚަރަދު އެހެން ޤައުމުތަކަށް ބޮޑުވެ، ސުކޫކަށް މާލީ އާލާތެއްގެ ގޮތުގައި ކުރާ އިތުބާރު ގެއްލިދާނެއެވެ.
"މިހާރުގެ ބޮޑު ސުވާލަކީ މުސްލިމް ޤައުމުތަކުން، ދިވެހިރާއްޖެ އަށް ސުކޫކް ބޮންޑެއް ޑިފޯލްޓް ކުރަން 'ހުއްދަ' ދޭނެތޯ،" 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ސުކޫކުގެ އަގު ރެކޯޑް ދަށަށް ދިޔަ ފަހުން ޑަންސްކޭ ބޭންކުގެ ޕޯޓްފޯލިއޯ މެނޭޖަރަކު ބްލޫމްބާގަށް ވިދާޅުވިއެވެ.
މިޙާލަތަށް ދިވެހިރާއްޖެ އައީ ކީއްވެ ހެއްޔެވެ؟
ޖެހިޖެހިގެން އައި ސަރުކާރުތަކުން ޚަރަދު ކުޑަކުރުމުގެ ބަދަލުގައި، ބަޖެޓް ޑެފިސިޓްތައް ފޫބެއްދުމަށް ލޯނު ނެގީއެވެ. ސުކޫކު ދޫކޮށްފައިވަނީ 2017 ވަނަ އަހަރު ނެގި، 2022 އަށް ހަމަވާ، 250 މިލިއަން އެމެރިކާ ޑޮލަރުގެ ސޮވަރިން ބޮންޑެއްގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ބައްދަލުވުމެއްގައި އޮޑިޓާރ ޖެނެރަލް ޙުސެއިން ނިޔާޒީ ވިދާޅުވީ "ޚަރަދު ކުޑަކުރުން އިބިލީހުގެ ކައިވެންޏަކަށް ވެފައި" ވާ ކަމަށެވެ. ޚަރަދު ކުޑަކުރުން ކިހާ ދުވަހަކަށް ފަސްކުރެވިދާނެތޯ އޭނާ ސުވާލު އުފެއްދެވިއެވެ.
ދަރަނީގެ ބޮޑު މަންޒަރަކީ ކޮބާ ހެއްޔެވެ؟
2026 ވަނަ އަހަރު ބޭރުގެ ދަރަނި އަނބުރާ ދައްކާން އެއް ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ އިތުރުން ހޭދަ ކުރަން ޖެހޭނެ ކަމަށް ލަފާ ކުރެއެވެ. މިއީ ޖީޑީޕީގެ 11އިންސައްތަ ވުރެ މަތީ ޢަދަދެކެވެ. މައިގަނޑު ގޮތެއްގައި ދައުލަތުގެ ވިޔަފާރިތަކުން ނަގާފައިވާ ގެރެންޓީ ދަރަނި 2025 ވަނަ އަހަރުގެ މެއި މަހުގެ ނިޔަލަށް ހުރީ 20.9 ބިލިއަން ރުފިޔާ (1.3 ބިލިއަން އެމެރިކާ ޑޮލަރު) ގައެވެ.
އުފާވެރި ޚަބަރެއް އެބައޮތް ހެއްޔެވެ؟
މާކެޓްތައް ފެންނަނީ ހިސާބެއްގެ މަޑުޖެހިލުމެއް ހުރި ނަމަވެސް، އުންމީދީ ގޮތަކަށެވެ. ސުކޫކުގެ އަގު 2024 ވަނަ އަހަރުގެ ފަހުކޮޅު އަދި 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ގާތްގަނޑަކަށް 65 ސެންޓްގެ ދަށްވި ނަމަވެސް، މިހާރު ހުރީ 96 ސެންޓަށް ވުރެ މައްޗަށް ގޮސްފައެވެ. މިއީ ފައިސާ އަނބުރާ ދެއްކޭނެ ގޮތެއް ހޯދިފައިވާ ކަމަށް އިންވެސްޓަރުން ޤަބޫލުކުރާ ކަމުގެ ނިޝާނެކެވެ. ދިވެހިރާއްޖޭގެ ރިޒާވް ރަނގަޅުވެ، ޓޫރިޒަމް ވަރުގަދަވެ، ނެގެޓިވް އިން ސްޓޭބަލް އަށް މޫޑީޒް އިންވަނީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ޙާލަތުގެ ގިންތިކުރުން ނޮވެންބަރު 2025 ގައި ބަދަލުކޮށްފައެވެ.
ނަމަވެސް "ދަރަނީގެ ނުހަނު މަތީ މިންވަރާއި، އަދިވެސް ކައިރި މުސްތަޤުބަލެއްގައި ދައްކަން ޖެހޭ ބޭރުގެ ދަރަނީގެ އިތުރުން ޑޮމެސްޓިކް ރީފައިނޭންސިންގެ ބޭނުންތައް ހުރުމުން" ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް، މޫޑީޒް އިން އިންޒާރު ކުރެއެވެ.

