16 އަހަރުން ދަށުގެ ކުދިންނަށް ދިވެހިރާއްޖޭގައި ސޯޝަލް މީޑިޔާ މަނާކުރަން އުޅެނީ ކީއްވެ؟
ސޯޝަލް މީޑިޔާ މަނާކުރުމުގައި ދުނިޔޭގެ އެހެން ޤައުމުތަކުގެ ތަޖުރިބާއަކީ ކޮބާ؟

ކުރެހުމާއި ޑިޒައިން: ޑޮސެއިން
14 ޖޫން
ޖޫން މަހުގެ ފުރަތަމަ ހަފުތާގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުވަނީ 16 އަހަރުން ދަށުގެ ކުޑަކުދިންނަށް ބައެއް ސޯޝަލް މީޑިޔާ ޕްލެޓްފޯމުތައް މަނާކުރައްވާން ގަސްދުކުރައްވާކަން އިޢުލާން ކުރައްވާފައެވެ. ދިވެހިރާއްޖެއިން މިސާލެއްގެ ގޮތުގައި ބަލާނީ ޑިސެންބަރު 2025 ގައި އޮސްޓްރޭލިޔާއިން މިފިޔަވަޅު އެޅި އިރު ޢަމަލު ކުރި ގޮތްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިޔާ މަނާކުރުމުގައި މަދަނީ ޖަމްޢިއްޔާ/ޖަމާޢަތްތަކާއި، އަމިއްލަ ވަކިވަކި ފަރުދުންނާއި، ކަމާބެހޭ މުއައްސަސާތަކާއި، ޖުމުލަކޮށް ޢާންމުންނަށް މަޝްވަރާ ކުރައްވާނެ ކަމަށާއި، މި މަނާކުރުން ތަންފީޒުކުރެވޭ ވަރުވާނީ އަހަރު ދުވަހުން ކަމަށެވެ. އެއަށްވުރެ އަވަހަށް ކަމާބެހޭ އުޞޫލުތައް އެކުލަވައި ނިމިއްޖެނަމަ، އަހަރު ދުވަހުގެ ތެރޭގައި މިކަން ތަންފީޒުކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް ޢާންމުވެފައިވާ ”ސައިބަރ ބުލީންގްއަކީ ވަރަށް ވަރަށް ނުރައްކާތެރި“ މައްސަލައެއް ކަމަށާއި، ގްރޫމްކުރުމާއި، އެކަށީގެންނުވާ މަންޒަރާއި އަޑަށް ކުޑަކުދިން އޮންލައިންކޮށް ކުރިމަތިލާން ޖެހޭ ކަން ފާހަގަކުރައްވައި، ރައީސް މުޢިއްޒު ވިދާޅުވީ ދިވެހިރާއްޖޭއަކީ ގުޅި ލާމެހިފައިވާ ކުޑަކުޑަ އިސްލާމީ މުޖުތަމަޢެއް ކަމަށާއި، އޮންލައިން ޕްލެޓްފޯމުތަކުން ޒުވާނުންނާއި ކުޑަކުދިންނަށް ދިމާވާ ނުރައްކާތަކުން ސަލާމަތް ކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ.
ސަރުކާރުގެ ވިސްނުމަކީ އިންޓަނެޓް އެކީ އެކަށް މަނާކުރުމުގެ ބަދަލުގައި، ބައެއް ވަކި އެޕްތައް 16 އަހަރުން ދަށުގެ ކުދިންނަށް މަނާކުރުން ކަމަށާއި، ޤާނޫނަށް ގެންނަ އިޞްލާޙުތަކެއްގެ ތެރެއިންނާއި، އެޕްތަކުގެ ވެރި ކުންފުނިތަކާ ވާހަކަދައްކައިގެންވެސް މިމަނާކުރުން ތަންފީޒުކުރައްވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން، އެމަނިކުފާނު 1 ޖޫން ވީ ހޯމަ ދުވަހު ވިދާޅުވީ ސޯޝަލް މީޑިޔާގެ އޮބަހެއްޓުންތަކާއި، މޯލްޑިވްސް 2.0 ގެ ނަމުގައި ހިންގާ ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ޕްރޮގްރާމާ މިއީ ވަކި ދެ މަސައްކަތް ކަމަށާއި، ސަރުކާރުގެ އަމާޒަކީ ”އޭއައި ޑްރިވަން ޑިޖިޓަލް ސޮސައިޓީއެއް“ ޤާއިމު ކުރުން ކަމަށެވެ. ވަކި ޢުމުރެއްގެ ކުދިން ނަށް ސޯޝަލް މީޑިޔާ ބޭނުންކުރުން މަނާކުރުމަކުން މި އަމާޒަށް ހިޔަނި ނޭޅޭނެކަމަށްވެސް ވިދާޅުވި އެވެ.
ސޯޝަލް މީޑިޔާ ޕްލެޓްފޯމުތަކުން ކުޑަކުދިން ފެޔަށް ޖައްސާން މަސައްކަތްކުރާ ޤައުމުތަކުގެ ދިގުވަމުންދާ ލިސްޓަށް ދިވެހިރާއްޖެވެސް އިތުރުވީއެވެ.
މި ޚިޔާލު އުފަންވީ ކިހިނެއް، ކޮންތާކުން؟
ސޯޝަލް މީޑިޔާގެ ޕްލެޓްފޯމުތައް މަނާކުރުމާ ގުޅޭގޮތުން ޒުވާބު ގަދަވެފައިވަނީ އެމެރިކާގެ ސައިކޮލޮޖިސްޓް ޖޮނަތަން ހެއިތު 2004 ގައި ޝާޢިއުކުރެއްވި، ”ދި އެންޝަސް ޖެނެރޭޝަން“ މަޝްހޫރުވުމާ ގުޅިގެންނެވެ. އެ ފޮތުގައި އޭނާ ލިޔުއްވާފައިވަނީ 2010 އާއި 2015 އާ ދެމެދު ކުޑަކުދިންގެ ކުޑަ ދުވަސްވަރު މުޅިން ބަދަލުވެ ދިޔަ ކަމަށެވެ؛ ކުޅުމާއި ހެލިފެލިވެ އުޅުން ބަދަކުވެ ދިޔައީ ސްމާޓް ފޯނަށެވެ. އެކަމުގެ ސަބަބުން 2012 އަހަރުން ފެށިގެންހެން، ޚާއްޞަކޮށް ހުޅަނގުގެ ޤައުމުތަކުގައި ކުޑަދިންގެ ފުށުން ފެންނަ އެންޒައިޓީގެ މިންވަރުތައް ބޮޑުތަނުން އުފުލުނެވެ. އަދި އަމިއްލަ ނަފްސަށް އަނިޔާކުރުމާއި، ޑިޕްރެޝަން ފުރާވަރުގެ ކުދިންގެ މެދުގައި ޢާންމުވާން ފެށިއެވެ. ފޮތުގައި އޭނާ ލަފާދެނީ މައިގަނޑު ހަތަރު ފިޔަވަޅެއް އެޅުމަށެވެ؛ 1) ސެކަންޑްރީ ސްކޫލްގެ ކުރިން ސްމާޓް ފޯނެއް ނިދުނެމެވެ. 2) 16 އަހަރުގެ ކުރިން ސޯޝަލް މީޑިޔާގެ ޕްލެޓްފޯމުތަކަށް ނުވަނުމެވެ. 3) ސްކޫލުތަކުގައި ފޯނު ގެންގުޅުން މަނާ ކުރުމެވެ. 4) ސުޕަވައިޒް ނުކޮށް ކުޑަކުދިންނަށް ހެލިފެލިވެ ކުޅެ އުޅުމުގެ ފުރުޞަތު މިނިވަންކަމާއެކު ދިނުމެވެ.
ހެއިތުގެ މި ދިރާސާ ބިނާކޮށްފައިވަނީ ސައިކޮލޮޖިސްޓް ޜީން ޓްވެންގޭ ގެ މަސައްކަތަށެވެ. ޓްވެންގޭވެސް ހެއިތުހެން ފާހަގަކުރައްވަނީ 2010 ވަނަ އަހަރުއްސުރެ ކުޑަކުދިންގެ ކުޑައިރަށް ބަދަލު އައިސްފައިވާ ގޮތެވެ. މިއީ ފުރާވަރުގެ ކުއްޖަކުގެ ވަށައިގެން ދުވަހަކު އުޅުނު މީހަކު ނަމަ ސާފުވާނެ ޙަޤީޤަތެކެވެ؛ އެކުދިންނަށް އަތުން ފޯނު ދޫކޮށްލުމަކީ ވާވަރު ކަމެއް ނޫނެވެ.
މިޚިޔާލާ ދެކޮޅަށް ބުނެ އުޅެނީ ކީކޭ؟
ހެއިތާއި ޓްވެންގޭގެ ޚިޔާލާ ދެކޮޅަށް އެންމެ ހަރުދަނާ އަޑެއް އިއްވާފައިވަނީ ކޭންޑިސް އޮޖަރސް އެވެ. އޭނާއަކީ ޔުނިވަރސިޓީ އޮފް ކެލިފޯނިޔާގެ ސައިކޮލޮޖިސްޓެކެވެ. އޭނާ 2024 ވަނަ އަހަރު ނޭޗަރ ޖާނަލްގައި ލިޔުއްވާފައިވާ ރިވިއު ގައި ވިދާޅުވަނީ ކުޑަކުދިންގެ ސިކުނޑިތައް ވަޔަރުވެފައިވާ ގޮތް ބަދަލުކޮށް، ނަފްސާނީ ޞިއްޙަތުގެ ބަލިމަޑުކަމެއް ސޯޝަލް މީޑިޔާގެ ސަބަބުން އުފައްވެފައިވާކަމުގެ ހެއްކެއް ނެތް ކަމަށާއި، ސޯޝަލް މީޑިޔާގެ ބޮލަށް ހުރިހާ ކަމެއް ޖެހީމާ، އަޞްލު މައްސަލަތަކަކީ ކޮބައިކަން އޮޅި، ޙައްލުތައް އަމާޒު ކުރާން ނުކުޅެދެމުންދާ ކަމަށެވެ. އޮކްސްފޮޑްގެ ދިރާސާވެރިއެއް ކަމަށްވާ އެންޑްރިއު ޕްރިޒީބީލްސްކީ ވެސް އެއްބަސްވަނީ މިގޮތާއެވެ.
މިބަޙުޘްގެ މުގުލުގައިވަނީ އިޖުތިމާޢީ ސައިންސްގައި އެންމެ ޒަމާންވެފައިވާ އެއް ދެވަސްވުމެވެ؛ ކަމަކާ ގުޅުން ހުންނަ މިންވަރާއި އެގުޅުންތައް ކަމެއް ހިނގުމުގެ މައިގަނޑު ސަބަބަށްވާ ގޮތެވެ. ފާޑުކިޔާ ފަރާތްތަކުންވެސް ސްމާޓް ފޯނު ޢާންމުވުމުން ފުރާވަރު ކުދިންގެ އެންޒައިޓީ ހިސާބަކަށް އިތުރުވިކަން ފާހަގަކުރެއެވެ. އެހެންނަމަވެސް، އެއެންޒައިޓީގެ އަޞްލު މަސްދަރަކީ ސްމާޓް ފޯނާއި ސޯޝަލް މީޑިޔާކަމަށް އެފަރާތްތަކަކުން ނުދެއެވެ. އެހެނެއްކަމަކު އެފަރާތްތަކުން ބުނަނީ އެންޒައިޓީއާއި ޑިޕްރެޝަންގެ އަސަރުތައް ހުންނަ ކުދިން ސޯޝަލް މީޑިޔާގައި ގިނަ ވަގުތު ހޭދަކުރުން އިތުރު ކަމަށެވެ. އަދި ހެއިތުފަދަ ދިރާސާވެރިންގެ ކަންބޮޑުވުންތަކަކީ އައު ޓެކްނޮލޮޖީއާއެކު އާދަވެގެން ފެންނަ ބާވަތުގެ އާކޮޅުގެ ޝަކުވާއާއި ޝައްކާއި ވަހުމުކަމަށްވެސް ފާޑުކިޔުންތެރިން ބުނޭ މެއެވެ.
ހެއިތު މިކަމަށް ރައްދު ދެއެވެ. އޭނާ ބުނަނީ އެކްސްޕެރިމެންޓުތަކުން ސޯޝަލް މީޑިޔާ އަދި ސްމާޓް ފޯނުގެ ނޭދެވޭ އަސަރު ޘާބިތުވެފައިވާ ކަމަށާއި، ފުރާވަރުގެ ކުދިންގެ ނަފްސާނީ ޞިއްޙަތު ނޭދެވޭ ފައްތަރަކަށް ދަނީ މިފަދަ ބައިވަރު ނޭދެވޭ އަސަރުތަކެއް އެއްވެ، އެކުވެގެން ކަމަށެވެ. އަދި ނަފްސާނީ ޞިއްޙަތު ފަސާދަވަނީ ސީދާ ސޯޝަލް މީޑިޔާއިން ކަން ސާބިތު ނުވިޔަސް، 16 އަހަރު ވުމުން މެނުވީ ސޯޝަލް މީޑިޔާއަށް ނުވަނުމާއި، ސެކަންޑްރީ ގްރޭޑަށް ދިއުމުން މެނުވީ ސްމާޓް ފޯނެއް ނުދިނުންފަދަ ފިޔަވަޅުތަކަކީ އެކަމުގައި މަންފާތަކެއް ހުރި ބުއްދިވެރި ސަލާމަތްތެރިކަމެއްގެ ގޮތުގައި ހެއިތުގެ ދިރާސާއާ މުޅިން އެއްބަސްނުވާ ފަރާތްތަކުންވެސް އިޢުތިރާފު ވެއެވެ.
ފުރާވަރުގެ ކުދިންގެ ނުތަނަވަސްކަން ދަނީ ބޮޑުތަނުން އިތުރުވެ، ފުޅާވަމުންނެވެ. އެކަމުގެ އަޞްލު ސަބަބަކީ ސޯޝަލް މީޑިޔާނަމަވެސް އަދި ނޫންކަން މުޖައްރިބުކަމާއެކު ކަނޑައެޅި ހޯދިފައެއް ނެތެވެ. އެހެންވީމާ ސޯޝަލް މީޑިޔާ މުޅިން މަނާކުރުމަކީ ކޮން ބާވަތެއްގެ އަސަރެއް ކިހާ މިންވަރަކަށް ކުރާނެ ކަމެއްތޯއާމެދު ސުވާލުތަކެއް އެބަހުއްޓެވެ.
އޮސްޓްރޭލިޔާގެ މޮޑެލް
ޑިސެންބަރު 10، 2025 ގައި އޮސްޓްރޭލިޔާ ގައި ވަކި ޢުމުރެއްގެ ކުދިން ސޯޝަލް މީޑިޔާ ބޭނުންކުރުން މުޅިން މަނާކުރުއެވެ. މިއީ މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ޤައުމެވެ. މަނާކުރީ ފޭސްބުކް، އިންސްޓަގްރާމް، ޓިކްޓޮކް، ޔޫޓިއުބް، އެކްސް، ސްނެޕްޗެޓް، ރެޑިޓް، ޓްވިޗް، ކިކް އަދި ތްރެޑްސް ހިމެނޭހެން 10 ޕްލެޓްފޯމެކެވެ. ވަޓްސްއެޕް އަދި އޮންލައިން ގޭމުތަކާއި، އެކައުންޓަކާ ނުލައި ނުހޯދޭ ޚިދުމަތްތައް މިލިސްޓުން އިސްތިސްނާވެގެން ވެއެވެ. ޔޫޓިއުބް މަނާ ލިސްޓުގައި ހިމެނީ، އެކަމާމެދު ޚިޔާލުތަފާތުވުން އުފެދި، ބަޙުޘް ހިނގުމަށް ފަހުގައެވެ.
ޤާނޫނުގައި ތަންފީޒުކުރުމުގެ ޒިންމާ ޙަވާލުކޮށްފައިވަނީ ސޯޝަލް މީޑިޔާ ޕްލެޓްފޯމު ތަކަށެވެ. ކުޑަކުދިންނާއި މައިންބަފައިންނަކާ ނޫނެވެ. ޤާނޫނީ އަދަބު ވެސް ލިބޭނީ ހަމައެކަނި ސޯޝަލް މީޑިޔާ ކުންފުނިތަކަށެވެ. 16 އަހަރުންދަށުގެ ކުދިންނަށް ސޯޝަލް މީޑިޔާއަށް ނުވަދެވޭކަން ކަށަވަރުކުރާން އެކަށީގެންވާ ފިޔަވަޅު ނާލާ ކުންފުނިތައް 49.5 މިލިޔަން އޮސްޓްރޭލިޔާ ޑޮލަރާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ. އެއީ 32 މިލިޔަން އެމެރިކާ ޑޮލަރެވެ. ތަންފީޒުކުރާ މިންވަރު ބަލާ ސަރުކާރުގެ މުއައްސަސާއިން ބުނަނީ ހަމައެކަނި ޢުމުރު ވެރިފައި ކުރަން އެދުމަކުން ފަރަކުނުޖެހޭނެއެވެ. ސަރުކާރުގެ ފަރާތުން ދީފައިވާ އައިޑީކާޑެއް ހުށަހެޅުމަށް އެދުންވެސް ސޯޝަލް މީޑިޔާތަކަށް މަނަލެވެ. އެފަދައިން މަޢުލޫމާތަށް އެދުމަކީ އޮސްޓްރޭލިޔާގައި ވިޔަފާރިވެރި ކުންފުނިތަކުން ވަކި ޚާއްޞަ ޙާލަތްތަކެއްގައި، ވަކި ޚާއްޞަ އިޖުރާޢަތުތަކެއްގެ ދަށުން، ނުހަނު ރައްކާތެރިކަމާއެކުގައި މެނުވީ ކުރުން ޤާނޫނީ ކުށެކެވެ. އެހެންވީމާ ސޯޝަލް މީޑިޔާ ޕްލެޓް ފޯމުތަކަށް ޖެހެނީ ޢުމުރު އަންދާޒާކުރުމުގެ އެހެނިހެން އުކުޅުތަކަށް ބޭނުން ކުރާށެވެ.
ޖެނުއަރީ މަހު އޮސްޓްރޭލިޔާގެ އޮންލައިން ސޭފްޓީ ރެގިއުލޭޓަރ ބުނެފައިވަނީ 16 އަހަރުން ދަށުގެ 4.7 މިލިޔަނެއްހާ ކުޑަކުދިންނާއި ފުރާވަރުގެ ކުދިންގެ އެކްސެސް އެކި ޕްލެޓްފޯމުތަކުން ކަނޑާލައިފައިވާ ކަމަށާއި، މިއީ އުފާކުރުވަނިވި ފެށުމެއް ކަމަށެވެ.
އެހެންނަމަވެސް ނަތީޖާ ފެންނަނީ މަސްހުނި ކޮށެވެ. 16 އަހަރުން ދަށުގެ ބައެއް ކުދިން އަދިވެސް ސޯޝަލް މީޑިޔާ ޕްލެޓްފޯމްތަކުގައި ޙަރަކާތްތެރިވާ ކަމަށާއި، އެންމެން އެކީ އެކަށް ޕްލެޓްފޯމުތަކުން ބޭރު ކުރުމަކީ މުސްތަޙީއްލު ކަމެއްކަމަށް ޤަބޫލުކުރާ ކަމަށް ރެގިއުލޭޓަރުން ބުނެއެވެ. އަދި ކާމިޔާބަކީ ވާ ގެއްލުމާއި ފޯރާ ނޭދެވޭ އަސަރުގެ މިންވަރު ކުޑަކުރުން ކަމަށްވެސް ބުނެފައިވެއެވެ. ބައެއް 16 އަހަރުން ދަށުގެ ކުދިން ވީޕީއެން ބޭނުންކޮށްގެންނާއި، ފޭކް ނުވަތަ އެހެން މީހެއްގެ ޕްރޮފައިލް ބޭނުން ކޮށްގެންނާއި، އެހެނިހެން ގޮތްގޮތުންވެސް ސޯޝަލް މީޑިޔާގެ ޕްލެޓްފޯމުތަކުގައި ޙަރަކާތްތެރިވާކަމުގެ ރިޕޯޓުތައް ދަނީ ފެންމަތިވަމުންނެވެ. ބައެއް ސަރވޭ ތަކުން ދައްކަނީ 16 އަހަރުން ދަށުގެ ގިނަ އެކައުންޓުތަކެއް ޕްލެޓްފޯމުތަކުގައި އަދިވެސް ޙަރަކާތްތެރިވާ ކަމަށާއި، ކުރިން ހަދާފައި ހުރި ގިނަ އެކައުންޓުތަކެއް ޕްލެޓްފޯމުތަކުން ނަގާފައި ނެތްކަމަށެވެ. ދިރާސާވެރިން ލަފާދެނީ އޮސްޓްރޭލިޔާގެ ސިޔާސަތު ކޮޕީކުރުމުގެ ކުރިން ނަތީޖާ ނުކުންނަގޮތުގެ މައްޗަށް ބަލައި، ދިރާސާކުރުން ބޭނުންތެރި ކަމަށާއި، ނަތީޖާ ސާފުވާން ފަށާނީވެސް ހައެއްކަ މަސްދުވަހުގެ ފަހުންކަމަށެވެ.
ދިވެހިރާއްޖެ އިޢުތިދާ މިވަނީ ކޮންބަޔަކާ؟
ދިވެހިރާއްޖެ އިޢުތިދާވެ ބައިވެރި މިވެވެނީ ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި އެކި ގޮތްގޮތަށް އެކި ސިފައިގައި އަޅަމުންދާ ފިޔަވަޅުތަކުގެ ރޯޅިއަކާއެވެ.
ވިލާތުގެ ޤައުމުތަކުގެ ތެރެއިން ފަރަންސޭސިވިލާތުގައި 15 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިޔާ މަނާކުރަން ޤާނޫނުހަދާ މަޖިލީހުގެ ތިރި ގެއިން ޖަނަވަރީގައި ފާސްކުރިއެވެ. 2026 ގެ މެދު ތެރޭގައި 15 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިޔާ މަނާކުރާން ޑެންމާކުގެ ހުރިހާ ޕާޓީތަކެއްގެ މެދުގައި އެއްބަސްވުމަކަށް އައިސްފައި ވެއެވެ. ސްޕޭންގައި 16 އަހަރު ފުރިފައިވާކަމުގެ ވެރިފިކޭޝަން ސޯޝަލް މީޑިޔާ ޕްލެޓްފޯމްތަކުން ކުރުން ލާޒިމެވެ. ނޯރވޭގައިވެސް 15 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިޔާ މަނާކުރާން މަޝްވަރާ ކުރަނީއެވެ. 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިޔާ މަނާކުރާން ޖަރުމަނުގެ ސޯޝަލް ކޮންޒަރވެޓިވް ފިކުރުތަކުގެ ސިޔާސީ ވިސްނުންތެރިން ހުށަހަޅާފައިވެއެވެ. 15 އަހަރުން ދަށަށް ސޯޝަލް މީޑިޔާ މަނާކުރާން ޕޯލެންޑްގައި ބިލެއް އެކުލަވަމުން އެބަ ދެއެވެ. ޕޯޗުގަލް އިން 13 އަހަރާއި 16 އަހަރުގެ ކުދިންނަށް ސޯޝަލް މީޑިޔާގައި ޙަރަކާތްތެރިވުން މުޅިން މަނައެއްް ނުކުރެއެވެ. އެގޮތީ މައިންބަފައިންގެ ރުހުމާއެކު އެ ޢުމުރުގެ ކުދިންނަށް ސޯޝަލް މީޑިޔާގައި ޙަރަކާތްތެރިވުން ހުއްދައެވެ. މިހަމަ ކަށަވަރު ނުކުރާ ސޯޝަލް މީޑިޔާގެ ޕްލެޓްފޯމުތަކަށް އަހަރަކު ލިބޭ އާމްދަނީގެ 2 އިންސައްތައިން ޖޫރިމަނާ ކުރެވޭނެއެވެ. ނެދަރލޭންޑްސް އިން ގޮވަމުންދަނީ ވަކިވަކި ޤައުމުތަކުން ވަކިވަކި ހަމަތައް ޤާއިމުކުރުމުގެ ބަދަލުގައި ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ސޯޝަލް މީޑިޔާގައި ޙަރަކާތްތެރިވެވޭނެ އެންމެ ހަގު ޢުމުރު އެކަށަ އެޅުމަށެވެ.
ވިލާތުގެ އިތުރުން މެލޭޝިޔާއިންވަނީ 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިޔާ ޕްލެޓްފޯމުތަކުގައި އައު ޕްރޮފައިލް ހެދުން މަނާކޮށްފައެވެ. އަދި އަހަރު ނިމުމުގެ ކުރިން އެކަން ތަންފީޒުކުރާން އަންގާފައި ވެއެވެ. ބްރެޒިލްގައި އަލަށް ފާސްކުރި ކުޑަކުދިންގެ ޑިޖިޓަލް ރައްކާތެރިކަމާބެހޭ ޤާނޫނީ އޮނިގަނޑުގެ ދަށުން، މާޗް މަހުން ފެށިގެން ކުޑަކުދިން ސޯޝަލް މީޑިޔާގައި ޙަރަކާތްތެރިވާނަމަ މައިންބަފައިންގެ ރުހުން ހޯދާން ޖެހެއެވެ. ޗައިނާގައި ސްމާޓް ޑިވައިސްތަކުގައި ”މައިނަރ މޯޑް“ އެކްޓިވޭޓު ކުރެވެއެވެ. އޭރުން އެކުއްޖެއްގެ ޢުމުރާ އެކަށޭނަ ގޮތުން ސްކްރީން ވަގުތު ކަނޑައަޅައި، ތަންފީޒުކުރަމުން ދާނެއެވެ. ކެނަޑާ އަދި އިކުއޭޑޮރ އިންވެސް މިފަދަ ފިޔަވަޅުތަކަކާމެދު ދަނީ ވިސްނަމުންނެވެ. އިނގިރޭސިވިލާތުގައި ވަކި ޢުމުރަކަށް މަނަލެއް ނެތެވެ. އޮންލައިން ސޭފްޓީ އެކްޓްގެ ދަށުން ގެއްލުންކުރުވަނިވި ކޮންޓެންޓު މަނާކޮށް، ފިޔަވަޅު އަޅަނީއެވެ.
އެންމެ ޢާންމީ ކޮންމެ ޤައުމަކުންވެސް ޢުމުރު ވެރިފައި ކުރާން މަޖުބޫރުކޮށްފައިވާ ކަމެވެ. ނަމަވެސް ޒާތީ މަޢުލޫމާތު އެއްނުކޮށް އެކަން މުޖައްރިބުކަމާއި އިތުބާރާއެކު ކުރެވޭ ތަނެއް އެއްވެސް ޤައުމަކުން ނުފެނެއެވެ.
ޕްރައިވެސީގެ ފަރާތުން ދައްކާންޖެހޭ އަގު
އެކްސްގައި މިކަމުގެ މައްޗަށް ހިންގާފައިވާ ބަޙުޘްތަކުގައި އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ ތަންފީޒު ކުރާނެ ގޮތަކާ މެދުގައެވެ. ކުޑަކުދިން އެ އެޕްތައް ބޭނުން ނުކުރާކަން ޔަޤީންކުރާނެ ނަމަ، ބޭނުންކުރާ އެންމެންގެ ޢުމުރު ކަށަވަރުކުރެވޭނެ ގޮތްތަކެއް ހޯދާން ޖެހެއެވެ. އެހެންވިމާ ކުޑަކުދިންގެ އިތުރަށް ބޮޑެތި މީހުންނަށްވެސް މިކަން ތަންފީޒުކުރުމުގައި ހިސާބެއްގެ އުނދަގޫތަކަކާ ދިމާވާނެއެވެ.
އެންމެ ބޮޑު ކަންބޮޑުވުމަކީ ޢުމުރު ކަށަވަރުކުރުމުގެ ނަމުގައި ޔޫސަރުންގެ މަޢުލޫމާތު އެއްކުރުމެވެ. ޔޫސަރެއްގެ ޢުމުރު ކަށަވަރުކޮށްދޭން ކޮންމެވެސް ރަސްމީ ލިޔުމެއް ހުށަހަޅާން ޖެހޭނެއެވެ. ނުވަަތަ މޫނުގެ ސްކޭނެއް ނަގާން ޖެހޭނެއެވެ. އެހެންވީމާ ޔޫސަރުންގެ ޒާތީ މަޢުލޫމާތުތައް (ބަޔޯ މެޓްރިކް ޑޭޓާ) އާއެކު އެ ކުންފުނިތަކަށް ދާނީ ލިބެމުންނެވެ. މިސާލަކަށް ސޯޝަލް މީޑިޔާ އެޕްއެއް ބޭނުންކުރާން މޫނުބުރުގާ އަޅާ މީހުންނަށް މޫނު ސްކޭންކޮށްގެން ވެރިފައިކުރުން ފަސޭހަ ކަމަކަށް ނުވާނެ ކަމަށް އެކްސްގައި ބައެއް މީހުން ފާހަގަކުރިއެވެ.
”ފިޝީ“ގެ ނަމުގައި ނަންހާމަނުކޮށް ސޯޝަލް މީޑިޔާ ޕްލެޓްފޯމުތަކުގައި ޙަރަކާތްތެރިވާ ސައިބަރ ސެކިއުރިޓީގެ ކޮމެންޓޭޓަރ ޚިޔާލުދީފައިވަނީ ނޭޝަނަލް ޑިޖިޓަލް އައިޑެންޓިޓީ ސިސްޓަމަށް ބަރޯސާވާ، އީ ފާސް މެދުވެރިކޮށް ޢުމުރު ކަށަވަރު ކުރުމަށެވެ. ސޯޝަލް މީޑިޔާ އެޕްތަކުން އީ ފާސް އަށް ރީޑައިރެކްޓު ކުރީމާ، އީ ފާހުން ޢުމުރު ކަށަވަރު ކޮށްދޭނެއެވެ. ހަމައެކަނި އަހާނެ ސުވާލަކީ މިޔޫސަރަކީ 18 އަހަރު ފުރިފައިވާ މީހެއްތޯ ނުވަތަ ނޫންތޯ އެވެ. އުފަންދުވަހުގެ ތާރީޚެއް އިތުރު މަޢުލޫމާތެއް ނުނަގާ ގޮތަށެވެ. އޭރުން އެޕް އަށް ޔޫސަރުގެ ބަޔޯ މެޓްރިކް ޑޭޓާ ލިބޭކަށް ނުޖެހޭނެއެވެ. އަދި މިއީ ތިންވަނަ ފަރާތަކުން ވެރިފައި ކުރުންފަދަ ކަމެއްވެސް ނުހިމެނޭ ގޮތަށް، ޢުމުރު ކަށަވަރު ކުރުން ރޭވިދާނެ ގޮތެކެވެ.
ފިޝީ ވިދާޅުވީ އިތުބާރު ހިފޭ ނިޒާމެއް ސަރުކާރުން ޤާއިމުކޮށްފާނެކަމުގެ އުންމީދެއް ނެތެވެ. ދިވެހިރާއްޖޭގައި ޑޭޓާ ރައްކާތެރިކުރުމާބެހޭ ޤާނޫނެއް ނެތެވެ. ޕްރިވެސީ ޙިމާޔަތްވާނެ މަގުން، ރައްކާތެރިކަމާއެކު ވެރިފައި ކުރެވޭނެ ނިޒާމެއް ނެތެވެ.
ދިވެހިރާއްޖެއަށް މިކަމުން ވާނީ ކިހިނެއް؟
ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި ވަކި އެޕްތަކެކޭ ވިދާޅުވި ނަމަވެސް، އެ އެޕްތަކަކީ ކޮބައިކަން ނަމުން ފާހަގައެއް ނުކުރައްވައެވެ. ސީދާ ވަކި މިވެނި އެޕްތަކެއް މަނާކުރާނޭނަމަ، ތަންފީޒުކުރާން ފަސޭހަވާނެއެވެ.
މީގެ އިތުރުން، ރައީސް މުޢިއްޒު ވާހަކަފުޅު ދެއްކެވި ގޮތުން މަނާކުރުން ތަންފީޒުކުރާނީ ޤާނޫނުންތޯ ނުވަތަ އެޕްތައް ހިންގާ ކުންފުނިތަކާ ވާހަކަދައްކައިގެން، އެއްބަސްވުމަކަށް އައިސްގެންތޯވެސް ސުވާލު އުފެދެއެވެ. އޮސްޓްރޭލިޔާގައި ސަރުކާރުން ނިންމީ 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިޔާގެ އެޕްތަކަަށް ވަދެވޭގޮތަށް ހުންނަނަމަ، އެކުންފުންޏެއް އެތައް މިލިޔަން ޑޮލަރަކުން ޖޫރިމަނާ ކުރުމެވެ. އޮސްޓްރޭލިޔާއަކީ 27 މިލިޔަން ސޯޝަލް މީޑިޔާ ޔޫސަރުން ދިރިއުޅޭ ޤައުމަކަށްވާ އިރު، ސޯޝަލް މީޑިޔާ ކުންފުނިތަކަށް އޮސްޓްރޭލިޔާ ސަރުކާރު ރުޅިއަރުވާލެވޭކަށް ނެތެވެ.
މިފަދަ މަނާކުރުމެއްގައި އެންމެ ބޮޑު މައްސަލައަކީ ތަންފީޒު ކުރުމެވެ. ކޮންމެ ޤައުމަކަށްވެސް އެންމެ އުނދަގުލާ ކުރިމަތިލާން ޖެހެނީ އެބައިގައެވެ. އެގޮތުން ޔޫސަރެއްގެ ޢުމުރު މުޖައްރިބުކަމާއެކު ކަށަވަރު ކުރުމާއި، ވީޕީއެން މެދުވެރިކޮށް ސޯޝަލް މީޑިޔާ ބޭނުންކުރެވެން ހުރުންފަދަ މައްސަލަތަކުގެ ސަބަބުން އޮސްޓްރޭލިޔާއިންވެސް ދަނީ އުނދަގުލާ ކުރިމަތިލަމުންނެވެ.
ދިވެހި ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމުގެ ޙާލަތު ދަށަށް ދާކަން ފާހަގަކުރެވިފައި ވެއެވެ. އެކަމުން އަރައިގަތުމަށް އެންމެ ރަނގަޅު ޙައްލަކީ 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިޔާ މަނާކުރުންތޯ އެއީ ސުވާލެކެވެ. ކުރިއަށް އޮތް އަހަރުގައި ހިންގާން ރާވާފައިވާ މަޝްވަރާތަކުންނ މިސުވާލުގެ ޖަވާބު ތިލަވެގެންދާނެ ކަމަށް ބެލެވެއެވެ.
ނަފްސާނީ މައްސަލަތައް ތަޙައްމަލު ކުރާނަމަ، ނޭޝަނަލް މެންޓަލް ހެލްތު ހޮޓްލައިންގެ ނަންބަރު 1677 އަށް ގުޅުއްވާށެވެ.
މިނިވަން ނޫސްވެރިކަމަށް އެހީތެރިވެދެއްވާ
ބިރެއްނެތި ޚަބަރު ގެނެސްދިނުމަށް އެހީތެރިވެދެއްވާ
އެއްފަހަރު ދެއްވާ
$
ނުވަތަ
މެމްބަރަކަށް ވެލައްވާމަހަކު $5 އިން ފެށިގެން
