ރައީސަށް އޮޅުނީކަމަށް މަސްވެރިން ބުނާއިރު، ކަށިމިޔަރު ބޭނުމާ މުޅި ދުނިޔެ ދެކޮޅު
މެނޭޖުކުރާނެ ގޮތުގެ ޕްލޭނެއް ނެތްއިރު، އެކްސްޕޯޓް ކުރަން ހުރަސްތަކެއް ކުރިމަތިވުމާއި ފަތުރުވެރިކަމަށް ގެއްލުންވުން އެކަށީގެންވޭ.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
15 އޮކްޓޯބަރު
ކަށިމިޔަރުގެ މަސްވެރިކަމަށް އަލުން ހުއްދަ ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ތާރީޚަށް 3 ހަފްތާއަށްވުރެ ކުޑަތަންވެފައި ވާއިރު، ކަށިމިޔަރުގެ މަސްވެރިކަން މެނޭޖުކުރާނެ ގޮތުގެ ޕްލޭން އަދިވެސް ޢާންމެއް ނުކުރެއެވެ.
ހުރިހާ ބާވަތެއްގެ މިޔަރެއްގެ މަސްވެރިކަން މަނާވެފައި އޮންނަތާ 15 އަހަރު ވުމަށްފަހު، "ޝާކް ސެންކްޗުއަރީ" (މިޔަރަށް ޙިމާޔަތް ލިބިގެންވާ ސަރަޙައްދު) އެއްގެ ލަޤަބު ދިވެހިރާއްޖެއަށް ގެއްލޭ ގޮތަށް ސަރުކާރުން ޢަމަލުކުރާން ނިންމާފައިވާތީ، އެއްކޮޅުން ތިމާވެށި ރައްކާތެރިކުރުމުގެ ވަކާލާތުގައި ތެދުވާ ފަރާތްތަކުން ކަންބޮޑުވުން ފައުޅުކުރެއެވެ. އަނެއްކޮޅުން ކުޅުދުއްފުށީ މަސްވެރިން ބުނަނީ ރައީސް އަށް އުޅުއްވަނީ އޮޅިވަޑައިގެން ކަމަށެވެ.
މަސްވެރިން ބުނަނީ ޙަޤީޤަތުގައި އެދުނީ ލޭނު އަޅާން ހުއްދަ ދޭން ކަމަށެވެ. އެކަމާ ސަރުކާރާއެކު މަސްވެރިން ބައްދަލުވެ، މަޝްވަރާ ކުރިކަމަށެވެ. ކަށިމިޔަރުގެ މަސްވެރިކަމަށް ހުއްދަ ދޭން ނިންމައިފި ކަމަށް އިޢުލާން ކުރީމާ މަސްވެރިން ތިބީ ޙައިރާންވެ، އޮޅުން އަރާފައި ކަމަށް މި ނޫހާ ވާހަކަދައްކަމުން އެބައިމީހުން ބުނެފައި ވެއެވެ. "އަޅުގަނޑަށް ހީވަނީ އޮޅިވަޑައިގަނެގެން ހެން ކަށިމިޔަރޭ (ރައީސް މުޢިއްޒު) އެވިދާޅުވީ. (ފިޝަރީޒް މިނިސްޓަރ އަޙްމަދު) ޝިޔާމް އަދި އެހެން ބައެއް މީހުންގެ ފުށުން އެނގިފައި އޮތީ ހުއްދަ ދޭން އުޅެނީ ލޭނު އަޅަންކަމަށް، ކަށިމިޔަރަށް ނޫން ކަމަށް،" ކުޅުދުއްފުއްޓަށް ނިސްބަތްވާ ޢުމުރުން 48 އަހަރުގެ މަސްވެރިޔާ، ޢަބްދުލް މަޖީދު ޢަލީ ކިޔައިދިނެވެ.
ލޭނު އަޅާއިރު ފައްޗެއްގައި އެތައް ސަތޭކަ ބުޅި ލައެވެ. ބުޅިތަކުގައި އެން ލާފައެވެ. މިއީ ކަނޑުމަސް ބާނަން ފަސޭހަ، އަގުހެޔޮ ގޮތެކެވެ. ނަމަވެސް، އެބުޅިތަކުގައި އައިސް މަހާއި، މިޔަރާއި، ބާނަން ބޭނުން ނުވާ ކިތަންމެ ބާވަތެއްގެ މަސް ގަނެއެވެ. ލޭނު އެޅުމަކީ 2010 ގައި ދިވެހިރާއްޖޭގެ ކަނޑުތަކުން ހުރިހާ ބާވަތެއްގެ މިޔަރުގެ މަސްވެރިކަމެއް މަނާކުރުމުގެ ކުރިން ކުޅުދުއްފުށީ މަސްވެރިން ކުރަމުން އައި މައިގަނޑު ބާވަތުގެ މަސްވެރިކަމެވެ. މިޔަރު ހިފުން އެކީ މަނާކޮށް، މިޔަރަށް ޙިމާޔަތް ދީފައިވާ މިފަދަ ދުނިޔޭގައި އޮތީ އެންމެ 17 ސަރަޙައްދެވެ.
ކަށިމިޔަރަކީ ނުހަނު ފުނުގައި އުޅޭ މިޔަރެއްކަމުން ބާނަނީ ފުނަށް ފައްތައިގެންނެވެ. ކަށިމިޔަރުން ކުރާ މައިގަނޑު ބޭނުމަކީ ތެޔޮ ހޭނުމެވެ.
ނޮވެންބަރު 1 އިން ފެށިގެން ލޭނު އަޅަން ހުއްދަދޭން ނިމިދިޔަ އަހަރު ސަރުކާރުން ނިންމުމާއެކު، 30،000 މީހުން އެކަމާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކުރުމުން ސަރުކާރުން އެކަން ހުއްޓާލީއެވެ. އެތެރެޔާއި ބޭރުގެ ތިމާވެށީގެ އެކްޓިވިސްޓުން ކަންބޮޑުވުން ފައުޅުކޮށް، އެނިންމުން ކުށްވެރި ކުރިއެވެ. މިފަދައިން، ކަށިމިޔަރު ބާނަން ހުއްދަ ދިނުން ހުއްޓުވާން ވެސް ޕެޓިޝަނެއްގައި ސޮއި ކުރަމުން އެބަ ދެއެވެ. އޭގައި މިހާރު 10،000 އަށް ވުރެ ގިނަ މީހުން ސޮއި ކޮށްފިއެވެ.
ފޫނުބެއްދޭވަރުގެ ގެއްލުން
"ދިވެހިރާއްޖެއަކީ މިޔަރު ޙިމާޔަތްކުރުމުގެ ލާމަސީލު މިސާލެއް ކަމުގައި ދަހަރު (ޑެކޭޑް) ވެފައިވާ ޤައުމެއް. އެކަން އިދިފުށަށް ޖެހުމަކީ ނުހަނު ބޮޑު ހިތާމައެއް. ދިވެހިރާއްޖެއަށާއި، ދިވެހިރާއްޖޭގެ ދިރުންތަކަށާއި، ފަތުރުވެރިކަމަށް އަދި މުސްތަޤްބަލުގެ ދަރިންނަށް އޮތް އެންމެ ރަނގަޅު ގޮތަކީ މިޔަރު ރައްކާތެރިކޮށް، ޙިޔާމަތްކުރުން،" އިނގިރޭސިވިލާތުގެ ކޮންޒަރވޭޝަން ޗެރިޓީ އެއްކަމަށްވާ ބްލޫ މެރިން ފައުންޑޭޝަންގެ ޕްރޮޖެކްޓް ޑިރެކްޓަރ ޑރ. ޖުޑިތު ބްރައުން ވިދާޅުވިއެވެ.
މޯލްޑިވްސް ރެޒިލިއަންޓް ރީފްސް އަދި މިޔަރު – މިދެ ޖަމްޢިއްޔާ އާ ގުޅިގެން ބްލޫ މެރިން ފައުންޑޭޝަނުން ޚިޔާލު ހޯދުމުގެ ވޯޓެއް މިފަހުން ނަގާފައި ވެއެވެ. ޖަވާބު ދިން 77 އިންސައްތަ މީހުން ބުނަނީ ދިވެހިރާއްޖޭގެ ތިމާވެއްޓަށާއި އިޤްތިޞާދަށް، ކަށިމިޔަރުގެ މަސްވެރިކަމަށް އަލުން ހުއްދަ ދިނުމުން ގެއްލުން ވާނެ ކަމަށް ދެކޭ ކަމަށެވެ.
އޯޝަން ނޯމެޑިކް ޑައިވަރސް ގެ ކޯ-އޯވްނަރ އަދި މިޔަރު ޝާކް ޕްރޮގްރާމްގެ މެންބަރު އަޙްމަދު މުޙައްމަދު – ރިކީ ވިދާޅުވީ ކަށިމިޔަރުގެ މަސްވެރިކަމަށް ހުޅުވާލުމުން ފުނުގައި އުޅޭ ހުރިހާ މިޔަރަކާއި މަޑިއެއްވެސް ހިރާހަށް (ރިސްކަށް) ހުށަހެޅޭނެ ކަމަށާއި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތާ ގުޅިފައިވާ އެތައް ބާވަތެއްގެ ދިރުމެއް މީގައި ހިމެނޭ ކަމަށެވެ.
ދަ ޕްރޮފެޝަނަލް އެސޯސިއޭޝަން އޮފް ޑައިވިންގް އިންސްޓްރަކްޓަރޒް (ޕަޑީ) ގެ ފަރާތުން ރައީސް މުޢިއްޒަށް އޮކްޓޫބަރު 13 ގައި ލިޔުނެވެ. މުނިފޫހިފިލުވުމަށް ޑައިވްކުރުމުގެ ދުނިޔޭގެ ފެންވަރުގެ އެންމެ ބޮޑު ޖަމާޢަތް ކަމުގައިވާ ޕަޑީ އިން ބުނީ ކަށިމިޔަރު ހިފާން ހުއްދަ ދީފި ނަމަ، ޑައިވް ކުރާ ފަރާތްތަކުން ރާއްޖޭގެ ބަދަލުގައި އެހެން މަންޒިލުތައް ޚިޔާރު ކުރާން ފެށުން ގާތް ކަމަށާއި، ދިގުމުއްދަތުން ގެލިގެންދާ އާމްދަނީއާއި ވަޒީފާގެ ފުރުޞަތުތަކަށް ބަލާއިރު، ކަށިމިޔަރު ބާނަން ހުއްދަދިނުމުން ކުރުމުއްދަތުގައި ލިބޭ ފައިދާ މާ ބޮޑުތަކުން ކުޑަވާނެ ކަމަށެވެ.
2012 ގެ ދިރާސާއަކުން ދައްކާ ގޮތުގައި މިޔަރު ބަލަން ޑައިވްކުރުމުން އެކަނި 14.4 މިލިޔަން ޑޮލަރު ދިވެހިރާއްޖެއަށް ލިބެއެވެ. އިތުރު 51.4 މިލިޔަން ޑޮލަރު އެހެނިހެން ގޮތްގޮތުން، މިކަމާ ގުޅިފައިވާ ވިޔަފާރިތަކަށް ލިބެއެވެ. ޓެކުހުގެ ގޮތުގައި 7.2 މިލިޔަން ޑޮލަރު ދިވެހި ދައުލަތަށް ލިބެއެވެ.
މޯލްޑިވްސް ރެޒިލިއަންޓް ރީފްސްގެ އެގްޒެކެޓިވް ޑިރެކްޓަރ ޝާހާ ހާޝިމް ވިދާޅުވީ ދިވެހިރާއްޖޭގެ ޝާކް ސެންކްޗުއަރީއަކީ ތިމާވެށި ޙިމާޔަތްކޮށް، ރައްކާތެރި ކުރުމުގެ ރޮނގުން ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ، ބަލައިގަނެފައިވާ ކާމިޔާބެއް ކަމަށެވެ. އަދި މިކަން ދެމެހެއްޓުމަށް ސަރުކާރުގެ ކޮނޑުގައި އެޅިފައިވާ ޒިންމާ ބޮޑު ކަމަށެވެ. "މިކަމުގެ ސައިންސް ވަރަށް ސާފު: ކަށިމިޔަރުގެ އާބާދީއަށް މަސްވެރިކަމުން އެކުރިމަތިވާ ޕްރެޝަރުގައި ހިފަހައްޓައެއް ނުލެވޭނެ. އޭގެ ރިޕްލް އިފެކްޓްސް (އެއްކަމާ ގުޅި އަނެއްކަމަށް ކުރާ އަސަރު) ބޮޑުވާނެ،" އޭނާ ވިދާޅުވިއެވެ.
ކަށިމިޔަރަކީ ލަހުން ބޮޑުވާ، އަދި ވިހާ ޢުމުރަށް ލަހުން އަޅާ މިޔަރެއް ކަމުން، އޭގެ މަސްވެރިކަން ދުނިޔޭގެ ފެންވަރުގައި މިހާރު އޮތީ މުޅިން ހުއްޓުން އަރާ ހިސާބުގައެވެ. 1998 އާއި 2002 އާ ދެމެދު ދިވެހިރާއްޖޭގެ ކަށިމިޔަރުގެ އާބާދީ 97 އިންސައްތައިން ދަށްވިއެވެ.
މިއަށްވުރެ އަވަސް މުއްދަތުގައި ވެސް ކުޅުދުއްފުށީގައި ކަށިމިޔަރު އަލުން ބާނަން ފަށައިފި ނަމަ، ހުލިވެ ހިނގައިދާނެއެވެ. ކޮންވެންޝަން އޮން އޮންޓަރނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީޝީޒް (ސައިޓްސް) – ނުރައްކާވެފައި ދިރުންތަކުގެ ބައިނަލްއަޤްވާމީ ވިޔަފާރީގެ މުޢާމަލާތްތަކާބެހޭ މުޢާހަދާ ދިވެހިރާއްޖޭގެ މައްޗަށް ނޮވެންބަރު ފަހުކޮޅު ހިނގަން ފަށާނެއެވެ. އެ މުޢާހަދާގެ ދަށުން މިޔަރުގެ ބާވަތްތައް އެކްސްޕޯޓު ކުރުމަށް ހުރަސްތަކެއް ކުރިމަތިވުން ގާތެވެ.
ސައިޓްސްގެ ފުށުން ދިވެހި ދައުލަތުގެ މައްޗަށް ހުރި ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ހަނދާންކޮށްދެމުން، ތިމާވެއްޓާބެހޭ މަދަނީ ޖަމްޢިއްޔާތަކުން ސަރުކާރަށް ގޮވާލަނީ ޝާކް ސެންކްޗުއަރީގެ ލަޤަބު ދެމެހެއްޓުމަށެވެ. އަދި އެއީ ދިވެހިރާއްޖޭގެ އިޤްތިޞާދަށް ފައިދާހުރި ގޮތްކަމުގައި އެފަރާތްތަކުން ބުނެއެވެ.
"މިއީ ބަލަން އަންނަ ކަހަލަ މިޔަރެއް ނޫން!"
ކުޅުދުއްފުށީގެ މަސްވެރިން ބުނަނީ ތިމާވެއްޓާބެހޭ ޖަމާޢަތްތަކާއި ޑައިވަރުން އޮޅުވާލަނީ ކަމަށެވެ. "ބާނަން މިއުޅޭ މިޔަރާ ފަރުތަކުން މިފެންނަ މިޔަރުތަކާ މުޅިން ތަފާތު. މަޑި މިޔަރު، ކައްޓަފުޅި މިޔަރު، އޮޅަފަތި މިޔަރު ކަހަލަ ފަރުގައި އުޅޭ މިޔަރެއް ނޫން ބާނަން އުޅެނިއްޔަކީ،" ޢުމުރުން 53 އަހަރުގެ އާދަމް ވަޙީދު ކިޔައިދިނެވެ.
2010 ގެ ކުރިން ކުޅުދުއްފުށީ މަސްވެރިން 60 މޭލާއި 200 މޭލާ ދެމެދުގެ ދުރު މިނަކަށް މާ ކަނޑަށް ނުކުމެ، ލޭނު އެޅިއެވެ. މިއީ ޑައިވް ސައިޓުތަކާއި، ފަތުރުވެރިކަން ގަޔާވާ ކަނޑުއޮޅިތަކާ މާ ދުރު ހިސާބު ތަކެވެ. "އަހަރުމެން 150 މޭލު ނޫނީ 200 މޭލު ބޭރުން، މާކަނޑުން ބާނާ މިޔަރު ބަލާކަން ނޫން ފަތުރުވެރިން އަންނަނީކީ،" ޢަބްދުލް މަޖީދު ވެސް ބުންޏެވެ.
މަޖީދު ކިޔައިދިން ގޮތުގައި އޭނާގެ ކާފަ އިރުއްސުރެ ކަށިމިޔަރު ބާނައެވެ. އިތުރު ކަމެއް ކާފަވެސް ދިރިއުޅުމުގެ މަސައްކަތެއްކަމު ކޮށްފައެއް ނެތެވެ. "ކާފަ އަކީ ލޭނު އެޅި މީހެއް،" ކަމަށާއި "ދެތިން ހަތަރު ގްރޫޕެއް އޮތް އޭރު މިޔަރު ގަންނަ ، ހަމައެކަނި އުރަހައެއް ނޫން، ބޮލާއި، ކަށިފަތި ފިޔަވާ ހުރިހާ އެއްޗެއް އެމީހުން ގަނޭ،" ކަމަށް އޭނާ މަޢުލޫމާތު ދިނެވެ.
އެގަންނަ ގޮތަށް މާލޭގެ ސަޕްލަޔަރުންގެ ފުށުން އެކްސްޕޯޓު ކުރަނީ ތައިލޭންޑާއި، ޝްރީ ލަންކާ އަށެވެ. ދިވެހިރާއްޖޭގެ އުތުރުގެ އެންމެ ބޮޑު ކަށިމިޔަރުގެ މަސްވެރިކަމުގެ ސިނާޢަތު އިހުގައި އޮތީ ކުޅުދުއްފުށީ ގައެވެ.
އާދަމް ވަޙީދު ބުނީ 2010 ގައި މިޔަރު ބޭނުން އެކީ މަނާކުރި އިރު، ކުޅުދުއްފުއްޓާއި އުތުރުގެ މަސްވެރިން ތިބީ ލޭނު އެޅުމަށް ބަދަލުވެފައި ކަމަށެވެ. އެއީ އެކަމުން ލިބޭ އާމްދަނީ އިތުރު ވީމައެވެ.
2010 ގައި މިޔަރު ބޭނުން އެކީ މަނާކުރުމުން ކުޅުދުއްފުށީގެ އިޤްތިޞާދަށް ނުހަނު ބޮޑު ނޭދެވޭ އަސަރެއް ކުރިއެވެ. "ރަށުގެ ހަތަރުބައިކުޅަ ތިން ބައި މީހުން އާމްދަނީ ހޯދީ މިމަސައްކަތުން، ހުރިހާ ޢާއިލާއަކަށް ވެސް އެ މަސައްކަތުން ކޮންމެވެސް ގޮތަކުން ފައިދާއެއް ވެފައި އޮންނާނީ،" މަޖީދު ކިޔައިދިނެވެ. "އިތުރު ގޮތެއް ނުދައްކާ މަނާ ކުރީމާ ހީވީ ކަރަށް ވަޅިއެއް ޖެހިހެން،" ނުރުހުމާއެކު އޭނާ ފާހަގަކުރިއެވެ.
7 މިލިޔަން ރުފިޔާގެ ބައި ބެކް ސްކީމެއް މެދުވެރިކޮށް ލޭނު އެޅުމުގެ ސާމާނު ސަރުކާރުން މަސްވެރިން އަތުން އަނބުރާ ގަތީއެވެ. ލޭނު ފައްޗަކަށް 1700 ރުފިޔާގެ މަގުންނެވެ. އަދި ބަދަލުގައި ކުރާނެ އެހެން މަސައްކަތްތަކަށް ހޭލުންތެރިކަން އުފެއްދުމަށާއި އެހީފޯރުވުމަށް ވޯރކްޝޮޕްތަކެއް ހިންގިމެއެވެ.
ނަމަވެސް ދިރިއުޅުމަށް ކުރަމުން އައި މަސައްކަތް ހުއްޓުމުން ވީ ގެއްލުމަށް ކުޑަވެސް ބަދަލެއް ނުލިބެއެވެ. އަދި އިތުރު ކުރާނެ މަސައްކަތެއްވެސް ނުދެއްކުނެވެ.
މަނާކުރީމާ ގެއްލުންވާ ފަރާތްތަކަށް، މަނާކުރުމުން އެންމެ ފައިދާ ލިބޭ – ފަތުރުވެރިކަމުގެ ސިނާޢަތުން ރާހަތެއް ވާނެ ކަމަށް އޭރު ޤަބޫލުކުރެވުނު ނަމަވެސް، ފައިސާގެ އެހީތެރިކަމެއް ފޯރުކޮށްދޭން އެހީވެދިނީ މަދު ރިޒޯޓުތަކަކުން ކަމަށް ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން އަށް 2011 ގައި ދިވެހި ސަރުކާރުން ފޮނުވި ރިޕޯޓެއްގައި ބުނެއެވެ.
ހައްދުތަކެއް ކަނޑައަޅާން ޤަބޫލު
އާދަމްވެސް މަޖީދުވެސް ބުނަނީ ރީނދޫ އުރަހަ ކަންނެލި ބޭނުމުގެ ލައިސަންސް އޮންނަ ބޭރުގެ ބޮޑެތި އޮޑިފަހަރުން 300 ނުވަތަ 400 މިޔަރު ލޭނު އަޅައިގެން ބާނާ ކަމަށާއި، 2000 ބުޅި ޖެހި މަކުނުދޫއިން ނާގޯއްޓާ ހަމައަށް ދާވަރުގެ ދިގު ލޭނު އެއޮޑިފަހަރުން ދޫކުރާ ކަމަށެވެ.
"އަހަރުމެންގެ ނަނުވެސް ގޮސް އޭގައި ބައެއް ފަހަރު އޮޅޭ،" ކަމަށް ކިޔައިދެމުން، މަޖީދު ބުނީ ބޭރުގެ ބުޅި ކުޅުދުއްފުށީ މަސްވެރިން ބާނާ މަހުގެ ގޮހޮރުން ކިތަންމެ ފަހަރަކު ނެގޭ ކަމަށެވެ. ރާއްޖޭގައި ބޭނުންކުރަނީ ދަގަނޑު ބުޅިއެވެ. ބޭރު މަސްއޮޑިފަހަރުގައި ގިނައިން ގެންގުޅެނީ ސްޓީލް ބުޅިއެވެ.
އާދަމް ބުނީ ދެމެހެއްޓެނިވި މަގެއްގައި މަސްވެރިކަން ކުރާން ޤަބޫލު ކަމަށެވެ. "ވަކި ސީޒަނަކަށް ބޭނުން މެދުކަނޑާލުން ކަހަލަ ފިޔަވަޅުތައް އެހެން ޤައުމުތަކުގައި ވެސް އަޅާ،" "އެހެންވީމާ އަހަރު ދުވަހުން ހަ މަސް ދުވަހަށް އެކަނިވިޔަސް ދިވެހި މަސްވެރިންނަށް (ލޭނު އަޅަންށާއި، ކަށިމިޔަރު ބާނަން) ހުއްދަ ދޭން ޖެހޭ،" ކަމަށް އާދަމް ބުންޏެވެ.
ނަމަވެސް، މަޖީދު ބުނީ ސަރުކާރާ ބައްދަލުކޮށް ދެއްކި ވާހަކައިގައި އަލިމަގެއް ނުފެނުނު ކަމަށެވެ. އަދި މަސްވެރިން އެދޭ ގޮތަށް ހުއްދަ ދޭނެކަމުގެ އުންމީދު ކުޑަކަމަށެވެ.
އޮގަސްޓް މަހުގެ ތެރޭގައި ކަށިމިޔަރު މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭނެއް ޢާންމުކުރައްވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވި ނަމަވެސް، އަދި ޚަބަރެއް ނެތެވެ. މި ނޫހާ ވާހަކަދައްކަމުން ފިޝަރީޒް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެ ޕްލޭން އެކުލެވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނޮވެންބަރުގައި ސައިޓްސްގެ ފުށުން އެކްސްޕޯޓަށް އަންނާނެ ހިފެހެއްޓުންތަކާ މެދު ސުވާލުކުރުމުން ވަކި އެއްޗެއް ވިދާޅެއް ނުވިއެވެ. ފިޝަރީޒް މިނިސްޓަރުގެ ބަހެއް ހޯދަން ކުރި މަސައްކަތް މިލިޔުން ޝާޢިއުކުރި ވަގުތާ ހަމައަށް ކާމިޔާބެއް ނުވިއެވެ.
ކުޅުދުއްފުށީ މަސްވެރިޔާ މަޖީދު ސައިޓްސްއާމެދު ބުނީ "އޭގައި ސޮއިކޮށްފައިވާ އިންޑިޔާ އަދި ޝްރީ ލަންކާފަދަ ޤައުމުތަކުންވެސް މިޔަރުގެ މަސްވެރިކަން ކުރޭ،" ކަމަށެވެ. އަދި ހދ. އަށް ފަތުރުވެރިކަން ތަޢާރަފުކޮށް، ހިނގައިގަތީމާ މިޔަރުގެ މަސްވެރިކަން މަނާކުރަން "ފުރަތަމަ މީހަކަށް ނުކުމެ ހުންނާނަން" ކަމަށާއި، އެދުވަހެއް އަންނާންދެން އަދި "މިނިވަނެއްކަމު ހުރިއްޔާ" މިޔަރުގެ މަސްވެރިކަން ކުރާނެ ކަމަށެވެ. "އިތުރު ގޮތެއް ނުދައްކާ، އާމްދަނީގެ ހަމައެކަނި މަގު ބަންދެއް ނުކުރެވޭނެ،" އޭނާ ބުންޏެވެ.

