އީއާރްއޭގެ ލަފަޔާ ޚިލާފަށް އައްޑޫ ކުޅި ހިއްކަން ހުއްދަދޭން މިނިސްޓަރ ޢަމުރުކުރައްވައިފި

އެންވަޔަރަމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީއިން ބުނަނީ ލިބޭ ގެއްލުން ފޫނުބެއްދޭނެ ކަމަށް.

ކުރެހުމާއި ޑިޒައިން: ޑޮސެއިން

ކުރެހުމާއި ޑިޒައިން: ޑޮސެއިން

09 ޖޫން
އައްޑޫ ސިޓީގެ ކުޅި/ޗަސްބިން ސަރަޙައްދު ހިއްކުމުގެ މަޝްރޫޢުން ލިބޭ ތިމާވެށީގެ ގެއްލުން ފޫނުބެއްދޭނެ ކަމަށް އެންވަޔަރަމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ) އިން ބުނި ނަމަވެސް، އެ މަޝްރޫޢު ކުރިއަށް ގެންދާން ހުއްދަ ދިނުމަށް އެއޮތޯރިޓީގެ މައްޗަށް އެންވަރަމަންޓް މިނިސްޓަރ ޢަމުރު ކުރައްވައިފިއެވެ.
މިމަޝްރޫޢުގައި ހިމެނެނީ ފިށިމަތި މޫލެކެޑެ ކުޅި/ޗަސްބިން ސަރަޙައްދުން މަގެއް ހަދާން ތަންގަނޑެއް ހިއްކުމެވެ. މިތަން އޮންނަނީ ޙިމާޔާތްކޮށްފައިވާ އީދިގަލިކިޅި އާ ޖެހިގެން ހެންނެވެ. ހަދާން އުޅޭ މަގު އިރަށް ޖެއްސުމުން އައްޑޫ ނޭޗަރ ޕާކު (ޙިމާޔަތްކޮށްފައިވާ) ސަރަޙައްދުގެ ތެރެއަށް އަރައެވެ. މިގޮތަށް ބަދަލު ގެނެސްފައިވަނީ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުމުގެ ހަތަރުފަސް ދުވަސް ކުރިންނެވެ.
އައްޑޫގައި ޤާއިމުކޮށްފައިވާ ޕްރޮޖެކްޓް ތިމާވެށި ޖަމްޢިއްޔާގެ އެކްޓިވިސްޓުން ވަނީ މިމަޝްރޫޢާ ދެކޮޅަށް މުޒާހަރާ ކޮށްފައެވެ. ސޯޝަލް މީޑިޔާގައި އަޑުއުފުމާއި، ރައީސުލްޖުމްހޫރިއްޔާއަށް ސިޓީ ފިނުވުމާއި، ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަން ހުށަހެޅުމުގެ ނަތީޖާއެއް އަދިއެއް ނުފެންނަކަމަށް އެ ޖަމްޢިއްޔާއިން ބުނެއެވެ.
ޕްރޮޖެކްޓް ތިމާވެށި ގެ ފަރާތުން މިނޫހާ ވާހަކަދެއްކެި މިޝަލް މުޝައްހިދު ވިދާޅުވީ މިމައްސަލައިގައި ރަށުގެ ރައްޔިތުންގެ އަޑު އަދި އަމުދުން ޒުވާނުންގެ ވިސްނުމަށް ކުރީ އަހަރުވެސް ސަރުކާުރުން ރިޢާޔަތެއް ނުބެހެއްޓި ކަމަށާއި، ޒުވާނުންނާއި ތިމާވެށީގެ ޙިމާޔަތުގައި އަޑު އުފުލާ ފަރާތްތަކުގެ ލަފަޔާއި މަޝްވަރާ އަޑު އައްސަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި އަހުދުގެ އަގެއް ނެތް ކަމަށެވެ. 
މިސަރަޙައްދު ހިއްކުމުގެ މަސައްކަތް ފުރަތަމަ ފެށީ 2025 ނޮވެންބަރުގައެވެ. އޭރުވެސް މަސައްކަތްފެށީ ތިމާވެށި ޙިމާޔަތްކުރުމުގެ ފިޔަވަޅުތަކަށް ގޮންޖަހައި، ”އިސްކަންދޭ ތަރައްޤީގެ މަޝްރޫޢު“ އެއް ކަމަށް ކަނޑައަޅައި، ތިމާވެށީގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެއްފަރާތް ކޮށްފައެވެ. މަޝްރޫޢުގެ ބޭނުމެއް ކަމަށް އޭރު އިޢުލާން ކުރީ ”ޓްރެފިކްގެ ތާށިކަން ފިލުވަން“ ށެވެ. 
މިހާރު އެމަޝްރޫޢު ފުޅާކޮށް، ހަދާން އުޅުނު މަގު އިރަށް ޖައްސައި، އިތުރު ސަރަޙައްދެއް ހިއްކާން ނިންމާފައިވެއެވެ. އީއާރްއޭ އިން މިބަދަލުތަކާއެކު މަޝްރޫޢަށް ހުއްދަ ދީފައިވަނީ އެންވަޔަރަމަންޓް މިނިސްޓަރ ޢަލީ ޝަރީފުގެ ޢަމުރަށެވެ. 
އަވަސް ކޮށްގެން، ޙިމާުޔަތްކޮށްފައިވާ ސަރަޙައްދަކަށް ވެލި އަަޅައި، ހިއްކާން ނިންމާފައި މިވަނީ ޔޫރަޕިއަން ޔޫނިއަން (ވިލާތުގެ އިއްތިޙާދު) އިން ދޭ ހިލޭ އެހީގެ 4 މިލިޔަން ޔޫރޯގެ، ކޮމިއުނިޓީ ބޭސްޑް މެންގްރޫވް ޕްރޮޓެކްޝަން އެންޑް ރީޖެނެރޭޝަން ޕްރޮޖެކްޓެއް (މުޖުތަމަޢާ ގުޅިގެން ކުޅިފަލާއި ޗަސްބިން ޙިމާޔަތްކޮށް، ދިރުވުމުގެ މަޝްެރޫޫޢު) ގައި ފޮރިން މިނިސްޓްރީ އިން ސޮއިކުރި ހަފުތާގައެވެ. 

އަވަސް އަރުވާލައިގެން

މޭ 18، 2026 ގައި އެންވަޔަރަމަންޓް މިނިސްޓްރީ އިން ވަނީ އައްޑޫ ނޭޗަރ ޕާކުގެ އިމަށް ބަދަލު ގެނެސް، ރީޒޯން ކޮށްފައެވެ. ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސެއިން ޝަރީފުވަނީ މިބަދަލު ގެނައީ ތަރައްޤީގެ މަޝްރޫޢެއް ހިންގާން ކަމަށް ވިދާޅުވެފައެވެ. 
ރީޒޯން ކުރުމަށްފަހު، ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީ އިން ވަނީ ބިން ހިއްކުމުގެ ހުއްދައަކަށް އެދިފައެވެ. އެހުއްދައިގެ ތާރީޚެއް އެނގޭކަށް ނެތެވެ. 
މަޝްރޫޢުގެ ބްރީފްގައި ވާގޮތުން ހިއްކާން ޖެހެނީ، ފުރަތަމަ ޕްލޭން ކުރި ގޮތާ ޚިލާފަށް، އަޅާން ޤަސްދުކުރި މަގު އިރަށް ޖައްސާން ރައްޔިތުން އެދެމުން ދިއުމުން ކަމަށާއި، އެސަރަޙައްދުން ނުބައި ވަސް ދުވުމާއި، ބިމުގެ އަޑިން ނަގާ ފެން ބޭނުން ނުކުރެވުމާއި، އެކި ބާވަތުގެ ސޫފާސޫފި އާލާވީމާ ފޯރާ އުނދަގޫތައް ރައްޔިތުން ފާހަގަކުރަމުންދާ ކަމަށެވެ. 
ތިމާވެށި ޙިމާޔަތްކުރުމާބެހޭ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން ނޭޗަރ ޕާކުގެ އިމަށް ބަދަލު ގެނެސް މޭ 18، 2026 ގައި ގެޒެޓުކޮށްފައިވާތީ، މަޝްރޫޢު ދެން ހިނގަމުންދާނީ ޙިމާޔަތްކޮށްފައިވާ ސަރަޙައްދެއްގައި ނޫންކަމަށް އެ ބްރީފް ގައި ބަޔާންކޮށްފައި ވެއެވެ.
މަޝްރޫޢުގެ ބްރީފްގެ ”ސޯޝިޔޯ އިކޮނޮމިކް އިމްޕެކްޓް“ (އިޖުތިމާޢީ-އިޤްތިޞާދީ އަސަރު)ގެ ބައިގައި ލިޔެފައިވަނީ އެސަރަޙައްދާ ކައިރީގައި ދިރިއުޅޭ މީހުންގެ 63 އިންސައްތަ މީހުން މިމަޝްރޫޢާ ޤަބޫލެވެ. 
އެހެންނަމަވެސް، އެސަރަޙައްދުގައި ސީދާ ދިރިނޫޅޭ އެހެންނަމަވެސް، ހިތަދޫއާއި އައްޑުއަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ތިމާވެށީގެ ގެއްލުންތަކުގެ ވާހަކަ ފާހަގަކުރަމުންދާ ކަމަށާއި، ޗަސްބިން ސަރަޙައްދާ މުޅި އަތޮޅުގެ ތިިމާވެއްޓާ ގުޅި ލާމެހިފައިވާކަން އެފަރާތްތަކުން ފާހަގަކުރަމުން ދާކަމަށް ބްރީފްގައި ވެއެވެ. އަދި ކަންބޮޑުވުން ފައުޅުކުރާ ފަރާތްތަކުން އެންމެ ބޮޑަށް ފާހަގަކުރަނީ މިއީ ޔުނެސްކޯ ބަޔޮސްފިޔަރ ރިޒާވެއް ކަމާއި، މިމަޝްރޫޢުގެ ސަބަބުން ބަޔޮސްފިޔަރ ރިޒާވް ސްޓޭޓަސް ގެއްލިދާނެކަމުގެ ބިރު ކަމަށްވެސް ބްރީފްގައި ލިޔެފައި ވެއެވެ. 
މޭ 26 ގައި ސަރުކާރުގެ އޮފީސްތައް ޢަޟްޙާ ޢީދަށް ބަންދުކޮށްފައި ވަނިކޮށް، ތިޔަރަމް އިންޓަރނޭޝަނަލް ކިޔާ ކޮންސަލްޓަންސީ ކުންފުންޏަކުންވަނީ ކުރީ އަހަރު އެކުލަވައި، ނިމިފައި އޮތް މަޝްރޫޢުގެ އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) އަށް އެޑެންޑަމެއް ހިމަނައި، އިޞްލާޙު ގެނެސްފައެވެ. އެ އިތުރު ކުރި ބައިގައި މަޝްރޫޢަށް ގެނައި ބަދަލުތަކުގެ އިމްޕެކްޓް އެސެސްމަންޓް ހިމަނާފައި ވެއެވެ.
އޭގެ ދެދުވަސްފަހުން އީއާރްއޭގެ ޗީފް އެގްޒެކެޓިވް ޑިރެކްޓަރ ޙަސަން މުޙައްމަދު މިނިސްޓަރަށް ސިޓީއެއް ލިޔުއްވިއެވެ. މަޝްރޫޢުގެ ތިމާވެށީގެ ގެއްލުންތައް ފޫބެއްދޭނެ ގޮތްތައް ހަމަޖެހިފައި ނެތް ކަމުގެ ޝަކުވާ އުފުއްލެވިއެވެ. ކުރީ އަހަރު، މަޝްރޫޢަށް ފުރަތަމަ ހުއްދަދެމުން ފޯރުކޮށްދޭން ޝަރުޠުކުރި ލިޔެކިޔުންތައްވެސް އަދިވެސް ނުފޮނުވާކަމަށް އޭނާގެ ލިޔުމުގައި ވެއެވެ. އެސިޓީއާއެކު އީއައިއޭ ގައި މަދުވާ ކަންކަމާއި، އީއާރްއޭ އިން ރިޢާޔަތްކޮށްފައިވާ ސަބަބުތަކަށް އަލިކުރާ 4 ޞަފްޙާގެ ރިޕޯޓެއްވެސް އެއްހީރަސްކޮށްފައި ވެއެވެ. 
އެސިޓީގައި މޭ 19 ގައި މިނިސްޓަރ ފޮނުއްވާފައިވާ ”އިންސްޓްރަކްޝަން ނޯޓް“ އަކަށް ޙަވާލާދީފައި ވެއެވެ. އެނޯޓުގައި މިމަޝްރޫޢަކީ އިސްކަންދޭ ތަރައްޤީގެ މަޝްރޫޢެއްކަން ފާހަގަކޮސް، އީއައިއޭ ގެ މަރުޙަލާ އަވަސްކުރާން މިނިސްޓަރވަނީ އަންގަފާވައެވެ. މި އެންގުން އަންގާފައިވަނީ ”ފާސްޓް ޓްރެކް ޕްރޮސީޖަރަލް އެރޭންޖްމަންޓްސް“ ގެ ދަށުންނެވެ. އެ އިޖުރާޢަތުގެ ދަށުން ތަނަށް ޒިޔާރަތް ނުކޮށްވެސް އީއައިއޭ ތައްޔާރު ކުރެވިދާނެއެވެ. އަދި މަޝްރޫޢު ސީދާ ހިނގާ ސަރަޙައްދުގެ މީހުންނާ މެނުވީ މަޝްވަރާ ކުރާކަށް ނުޖެހެއެވެ. 
މިނިސްޓަރ އަންގަވާފައިވަނީ އީއައިއޭ 2 ދުވަހުގެ ތެރޭގައި އީއާރްއޭ އިން ބަލައި، ވަޒަންކޮށް، ފާސްކުރުމަށެވެ. އިތުރު މަޢުލޫމާތު ބޭނުންވާނަމަ، އެންވަޔަރަމަންޓް މިނިސްޓަރ ޒިންމާ ނަންގަވާގޮތަށް، އޭނާއަށް އެނިންމުން ދޫކޮށްލާން އަންގަވާފައި ވޭމެއެވެ. 
އީއާރްއޭގެ ކަންބޮޑުވުންތަކަށް ބެއްލެވުމެއްނެތި، އެންވަޔަރަމަންޓް މިނިސްޓަރ އެންގެވީ ވަކިގޮތަކަށް ނިންމާފައި ”ޑިޒިޝަން ސްޓޭޓްމަންޓް“ ގައި ސޮއިކޮށް، އެދުވަހުން ދުވަހަށް، ބިން ހިއްކުމުގެ ހުއްދަ ދޭށެވެ. ޗީފް އެގްޒެކެޓިވް އެޢަމުރާ އެއްގޮތަށް ލިޔެކިޔުމާއި ހުއްދަތަކުގައި ސޮއިކުރެއްވިއެވެ. އަދި އެއަށްފަހު އެދުވަހު ބަޔާނެއް ޢާންމު ކުރެއްވިއެވެ. ޑިޒިޝަން ސްޓޭޓްމަންޓް ގައިވެސް އޮތީ މިނިސްޓަރ އަންގަވައިގެން ހުއްދަ ދެއްވީ ކަމަށެވެ. 
ހުއްދަ ދީފައި ވީނަމަވެސް، އީއާރްއޭ އިންވަނީ އެންވަޔަރަމަންޓް ކޮންސަލްޓަންޓަށް ޢަމުރުތަކެއް ކޮށްފައެވެ. އެގޮތުން މަދުވާ 12 މަޢުލޫމާތެއް 30 ދުވަހުގެ ތެރޭގައި ހުށަހަޅާން އަންގާފައި ވެއެވެ. އޭގެ ތެރޭގައި އެސަރަޙައްދުގައި އުޅޭ ”ނުރައްކާ ވެފައިވާ ދިރުންތަކުގެ ލިސްޓް“ އާއި، ބިމު އަޑީގެ ފެނުގެ ތަފްޞީލީ ތަޙްލީލުތަކާއި، ޙިމާޔަތްކޮށްފައިވާ ސަރަޙައްދުގެ މިނިވަން އެސެސްމަންޓަކާއި، ކުއަންޓިފައިޑް ހަބިޓެޓް ލޮސް އެސެސްމަންޓެއް ހިމެނެއެވެ. 
އަދި އީއާރްއޭ އިން ބުނެފައިވަނީ މަޝްރޫޢު، ޙިމާޔަތްކޮށްފައިވާ ސަރަޙައްދަށް ވަންނާންޖެހޭ އެކަށީގެންވާ ސަބަބުތަކެއް ދެއްކިފައެއް ނުވެއެވެ. އަދި އެކަމުން ތިމާވެއްޓަށްވާ ގެއްލުމާއި އަޅާކިޔާއިރު ޙިމާޔަތްވާ ނުވަތަ ޔަޤީންކުރެވޭ ޢާންމު މަޞްލަޙަތަކީ ކޮބައިކަންވެސް ބުނެ ނުދެވޭކަމަށް ބުނެފައިވެއެވެ.

ކަމާބެހޭ ފަރާތްތައް

އައްޑޫ ސިޓީ ކައުންސިލްގެ މެންބަރަކު މޯލްޑިވްސް އިންޑިޕެންޑެންޓްއާ ވާހަކަދައްކަމުން ނޮވެންބަރުގައި ވިދާޅުވީ މިމަޝްރޫޢަކީ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު (އިހު ހުންނެވި) މުޙައްމަދު ސިނާންގެ ވަޢުދެއް ކަމަށެވެ.
ޡާބިތު ދަރަނީގެ މައްސަލައެއްގައި ސިނާންގެ ގޮނޑި ގެއްލިއްޖެކަމަށް ސުޕްރީމް ކޯޓުން އޭޕްރީލްގައި ވަނީ ނިންމާފައެވެ. އެގޮނޑީގެ ބައި އިލެކްޝަން ޖޫން 6، 2026 ގައި ބާއްވައި، އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކެންޑިޑޭޓް، އައްޑޫގެ ކުރީގެ މޭޔަރ ޢަބްދުالله ޞާދިޤް (ސޯބެ) ވަނީ ހަނި ތަފާތަކުން ކާމިޔާބު ކުރައްވާފައެވެ. ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ވާދަކުރެއްވީ އަޙްމަދު ސަޢީދު (ސޮޑާ) އެވެ. 
މޭ 23، 2026 ގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ވިދާޅުވީ މިމަޝްރޫޢާ އެންމެ ބޮޑަށް ގުޅުންހުރި އެންމެ މުހިންމު ފަރާތްތަކުގެ ތެރޭގައި ހިމެނޭ - އެސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންގެ ލަފާޔާއި ޚިޔާލާއި މަޝްވަރާ މިމަޝްރޫޢަށް ހޯދާފައިވާކަމުގެ ޔަޤީންކަން އެންވަޔަރަމަންޓް މިނިސްޓަރ ދެއްވާފައިވާ ކަމަށެވެ. އަދި މަޝްރޫޢުގެ ސަބަބުން ބިމުގެ އަޑީގައިވާ ފެނާއި، ދިރުންތަކާއި، ގޯތިގެދޮރަށް ކުރާނެ އަސަރު ބަލައި، ވަޒަންކޮށްފައިވާ ކަމަށެވެ.
ހިތަދޫ އުތުރުގެ ރައްޔިތުންނާ މަޝްވަރާކޮށްފައިވާ ކަމަށް ތަރުޖަމާނު ވިދާޅުވާ ވާހަކަތައް ޕްރޮޖެކްޓް ތިމާވެށީގެ އެކްޓިވިސްޓް ޔާމީން މައުމޫންވަނީ ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ ހިތަދޫ އުތުރު ކިޔާ ތަނެއް އިހުއްސުރެ ނޯންނަކަމަށާއި، އެއީ ވޯޓުލުމުގެ ބޭނުމަށް ކުރަހާފައިވާ ޚިޔާލީ ރޮނގެއް ކަމަށާއި، ހިތަދޫ އުތުރު އޮންނަނީ އައްޑޫގައިވާ ހިތަދޫގައި ކަމާއި، އެއީ މުޅި ހިތަދުއާއި އައްޑޫ ސިޓީގެ ރައްޔިތުންގެ ޙިއްޞާއާއި މަޞްލަޙަތު އެކުލެވޭ މަޝްރޫޢެއް ކަމަށެވެ. އެގޮތީ މަޝްރޫޢުން މުޅި ހިތަދުއާއި އައްޑޫ ސިޓީއަށް ޒަމާންތަކަކަށް ދެމިގެންވާ އަސަރުތަކެއް ފޯރާނެއެވެ. 
”ވަރަށް ބޮޑު މަސައްކަތެއް އަޅުގަނޑުމެން މިމަޝްރޫޢާ ދެކޮޅަށް އެބަ ކުރަމު، އެއީ މުސްތަޤްބަލަށްޓަކައި. އެކަމަކު ސަރުކާރުން އީޖާބަ ދޭ ތަނެއް ނުފެނޭ،“ އޭނާ ވިދާޅުވިއެވެ.
ތަރުޖަމާނު ވިދާޅުވީ ދެމެހެއްޓެނިވި ތަރައްޤީއާއި ތިމާވެށި ޙިމާޔަތްކޮށް ރައްކާތެރިކުރުމާ ދެމެދުގައިވާ މަޞްލަޙަތުތައް ސަރުކާރުން ހަމަހަމައަށް މީޒާންކުރާން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަމުދުން މަޝްރޫޢު ހިނގާ ސަރަޙައްދަކީ ތިމާވެށީގެ ގޮތުން ޚާއްޞަ ސިފަތަކެއް ލިބިގެންވާ ނުވަތަ ހައްސާސް ސަރަޙައްދެއްނަމަ، އިތުރު ސަމާލުކަން ދީގެން ބަލައި، ފަރުވާތެރިކަމާއެކުގައި މެނުވީ މަސައްކަތްތައް ކުރިއަށް ނުގެންދާނެ ކަމުގެ ޔަޤީންކަންވެސް ތަރުޖަމާނު ދެއްވިއެވެ. 
ބައެއް ޙާލަތުގައި ތަރައްޤީއަށްޓަކައި ޤުރުބާނީތަކެއްވެސް ވާންޖެހޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ޢަލީ ޝަރީފު ”އެޑިޝަން“ ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވި ވާހަކަ، ތަރުޖަމާނުވެސް ތަކުރާރު ކުރެއްވިއެވެ. މިނިސްޓަރ އެ ބަސްދީގަތުމުގައި ވިދާޅުވީ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމާއި ތިމާވެއްޓަށް ލިބިދާނެ ގެއްލުމެއް އަޅާކިޔާއިރު، ވީހާވެސް ގެއްލުން ކުޑަކޮށްފައި، އަސާސީ މުހުތާދުތައް ފިލުވޭނެ ގޮތްތަކެއް ހޯދާންޖެހޭ ކަމަށެވެ.
ކަންމިހެން ހުރިއިރު، ދާދިފަހުން ޝާޢިއުކުރި ދިރާސާ ކަރުދާހެއްގައި ބުނަނީ 2000 އާއި 2024 ވަނަ އަހަރާ ދެމެދު ދިވެހިރާއްޖޭގައި 4198 ހެކްޓަރުގެ ބިން ހިއްކާފައި ވެއެވެ. އެއީ އެފްރިކާ އަދި ވިލާތުގައި 2000 ވަނަ އަހަރުއްސުރެ ހިއްކި ބިމަށްވުރެ އިތުރު މިންވަރެކެވެ.
އެ ދިރާސާ ކަރުދާހުގައި 18 އަތޮޅެއްގެ 69 ރަށެއްގައި ހިންގާފައިވާ 109 ބިން ހިއްކުމުގެ މަޝްރޫޢަކަށް ބަލާފައި ވެއެވެ. އެއްކޮށް ނިންމާފައިވަނީ 85 މަޝްރޫޢެވެ. 19 މަޝްރޫޢު މިހާރުވެސް ހިނގަމުންދަނީއެވެ. 5 މަޝްރޫޢު އޮތީ ރޭވިފައެވެ. އެދިރާސާއިން ފެނުނީ މިމަޝްރޫޢުތަކުގެ 71 އިންސައްތަ ހިނގަނީ މާލެ އަތޮޅުގައެވެ. މާލެ ނަގާފައި އެންމެ ގިނައިން ބިން ހިއްކާފައިވަނީ ތ. (ކޮޅުމަޑުލު) އަތޮޅުގައެވެ. އެއީ 332 ހެކްޓަރެވެ. ދެން އައްޑޫއެވެ. އެއީ 285 ހެކްޓަރެވެ. ދެން ހއ. (ތިލަދުންމަތީ އުތުރުބުރި) އަތޮޅުގައެވެ. އެއީ 198 ހެކްޓަރެވެ. ދެން ހދ. (ތިލަދުންމަތީ ދެކުނުބުރި) އަތޮޅުގައެވެ. އެއީ 167 ހެކްޓަރެވެ. ދެން ށ. (މިލަދުންމަޑުލު އުތުރު) އަތޮޅުގައެވެ. އެއީ 128 ހެކްޓަރެވެ. ދެން ލ. (ހައްދުންމަތި) އަތޮޅުގައެވެ. އެއީ 15 ހެކްޓަރެވެ.
2008 ގެ ޑިމޮކްރެޓިކް ބަދަލަށްފަހު ބިން ހިއްކުން ގިނަވެފައިވާ ކަމަށް އެ ކަރުދާހުގައި ފާހަގަކޮށްފައި ވެއެވެ. އެންމެ ގިނަ ބިންހިއްކުމުގެ މަޝްރޫޢު ހިންގާފައިވަނީ 2023 ގައެވެ. އެއީ 25 މަޝްރޫޢެވެ. ކަރުދާހުގައި ބުނާގޮތުން ބިން ހިއްކުމުގެ ފަހަތުގައިވަނީ ސިޔާސީ ބޭނުންތަކާއި، އިންތިޚާބުތަކަށް ފަރިކުރުމެވެ. އަދި އެފަދަ މަޝްރޫޢުތަކުގައި ދެމެހެއްޓެނިވި ދުރު ރާސްތާގެ ޕްލޭނެއް ނުހުރެއެވެ. 

މިނިވަން ނޫސްވެރިކަމަށް އެހީތެރިވެދެއްވާ

ބިރެއްނެތި ޚަބަރު ގެނެސްދިނުމަށް އެހީތެރިވެދެއްވާ

އެއްފަހަރު ދެއްވާ

ނުވަތަ
މެމްބަރަކަށް ވެލައްވާމަހަކު $5 އިން ފެށިގެން