"ސަލާމަތްކުރާކަަށް ބަޔަކު ނާންނާނެ،" މޫސުމީ ބަދަލުތަކާގުޅޭ ފައިސާ ހޯދުމުގައި
ރައީސް މުޢިއްޒު ކޮޕް31 ގައި ގޮވައިލެއްވީ މޫސުމީ ބަދަލަށް ހޭނޭން ބޭނުންވާ ފައިސާ މުއްސަނދި ޤައުމުތަކުން ދިނުމަށް.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
19 ނޮވެމްބަރު
ތުރުކީގައި ކޮޕް31 ސަމިޓުގައި ނިމިދިޔަ ހަފްތާގައި ރައީސް ޑރ މުޙައްމަދު މުޢިއްޒުވަނީ މޫސުމީ ބަދަލުތަކަށް ތައްޔާރުވާން ބޭނުންވާ ފައިސާއަށް މުއްސަނދި ޤައުމުތަކުގެ ކިބައިން އެދިވަޑައިގެންފައެވެ. ނަމަވެސް، އޭގެ ދެތިން ދުވަސް ފަހުން ފައިނޭންސް މިނިސްޓްރީގެ އިސް އޮފިޝަލަކު މާލެ ކައިރީ ރިޒޯޓެއްގައި ބޭންކަރުންނާއި ރެގިއުލޭޓަރުންނާ ވާހަކަދައްކަވަމުން ވިދާޅުވީ އެފައިސާ ލިބޭނެ ކަމަށް ބަލައިގެން ތިބެވޭން ނެތް ކަމަށެވެ.
ޑެޕިއުޓީ ފައިނޭންސް މިނިސްޓަރ އަޙްމަދު ސާޢިދު މުޞްޠަފާ ހޮނިހިރު ދުވަހު 13 ވަނަ މޯލްޑިވްސް ފައިނޭންސް ފޯރަމް ގައި ވިދާޅުވީ ”އަޅުގަނޑު އިޚްލާޞްތެރިކަމާއެކު ޤަބޫލުކުރަނީ އަޅުގަނޑުމެން ސަލާމަތްކުރާކޖަށް ބަޔަކު ނާންނާނެ ކަމަށް،“ ކަމަށާއި، ”އަޅުގަނޑުމެން އަމިއްލައަށް ތެދުވެ އުޅެގެން މެނުވީ ބައިނަލްއަޤްވާމީ ޖަމާޢަތްތަކަކުން އެހީއެއް ލިބޭނެ ކަމަށް ބަލައިގެން ނުވާނެ،“ ކަމަށެވެ.
ޔޫއެންޑީޕީއާ ގުޅިގެން ދިވެހިރާއްޖޭގެ ޕެންޝަން އޮފީހުން ރާވައި، އިންތިޒާމުކުރި މި ފޯރަމް ޚާއްޞަކޮށްފައި ވަނީ ގްރީން (ތިމާވެއްްޓާ ރަޙްމަތްތެރި) ފައިނޭންސް އަށެވެ. މި ފޯރަމަށް 130 މީހުން ޙާޟިރުވި އިރު، ގިނަ ތަޤްރީރުތަކަކާއި ޕެނަލް މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައި ވެއެވެ. އިވިގެންދިޔަ ގިނަ އަޑުތަކުން ނުކުތް ޝަކުވާއަކީ މޫސުމީ ވިލުންތެރިކަން އިތުރުކުރާން ނަގާންޖެހޭ ދަރަނީގެ ވަރުހެސަކަމާއި، އެކަމަށް ބޭނުންވާ ފައިސާ އެހީއާއި ލޯނުގެ ގޮތުގައި ލިބޭން ހުރި ދަތިކަމުގެ ވާހަކައެވެ.
އަންތާލިޔާގައި އެދުނީ…
”އަޅުގަނޑުމެން އެ ކާރިޘާތަކެއް އުފެއްދުމުގައި ބައިވެރިވުން ނެތް ކާރިޘާތަކެއްގެ ކަންކަން ހަމަޖައްސާން އެހާ ބޮޑު އިންޓްރެސްޓް ރޭޓުގައި ލޯނު ނަގާން މަޖުބޫރުކޮށްގެން ނުވާނެ،“ ކޮޕް31 ގެ ހަވާސާގައި ބޭއްވި ޖަޒީރާ ޤައުމުތަކުގެ ވެރިންގެ ބައްދަލުވުމެއްގައި ނޮވެންބަރު 12 ވީ ބުރާސްފަތި ދުވަހު ވާހަކަފުޅުދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މޫސުމަށް އަންނަ ބަދަލުތަކާގުޅޭ ފައިސާއަކީ"ފުދޭ މިންވަރުގެ، އަދި ހޯދަން ކަންފަހިވެފައިވާ، މުޖައްރިބުކަން ހުރި އަދި ހިލޭ އެހީ" ގެ ގޮތުގައި ދޭ ފައިސާއަށް ވުން ލާޒިމުކަމަށް ވިދާޅުވެ ރައީސް މުޢިއްޒު އިތުރަށް ގޮވައިލެއްވީ ފަކީރުވެފައިވާ ގްރީން ކްލައިމެޓް ފަންޑަށް ފައިސާ ޖަމާކުރުމަށާއި، އެޑޮޕްޝަން ފަންޑު ކެޕިޓަލް ޚަރަދަށް ބޭނުންކުރެވޭނެ މަގުފަހި ކުރުމަށާއި، ލޮސް އެންޑް ޑެމޭޖް ފަންޑަށް (ގެއްލުމުގެ ބަދަލު ފަންޑު) ބޭނުންވާ ވަޞީލަތާއި ރައުސުލްމާލުގެ ކަންކަން ހަމަޖެއްސުމަށެވެ. އަދި މޫސުމީ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކޮށް، ތަޙައްމަލުކުރުމުގެ ޤާބިލުކަން ޤާއިމުކުރުމަކީ އިޤްތިޞާދީގޮތުން ބަލާއިރު ދިގުމުއްދަތުގެ އިންވެސްޓްމަންޓެއްގެ ގޮތުގައި ކްރެޑިޓް ރޭޓިންގް އެޖެންސީތަކުން ބަލައިގަންނާން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ސަމިޓުގެ ހަވާސާގައި ބޭއްވި އެހެން ޙަރަކާތެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ ދިވެހިރާއްޖެފަދަ ޤައުމުތަކުން ނުކުޅަދާނަ މިންވަރު ދަރަނި ބޮލުއަޅާން ޖެހުނީ "ދުނިޔޭގެ މާލީ ނިޒާމުގެ ނުކުޅެދުންތެރިކަމާއި އުނިކަމުން" ކަމަށެވެ.
ކޮޕް31 ގެ މަޝްވަރާތައް ކުރިއަށް ދިޔައީ މާކަށް އެދެވޭ ގޮތެއްގައެއް ނޫނެވެ. ލޮސް އެންޑް ޑެމޭޖް ފަންޑުގައި އެކި ޤައުނުތަކުން 2.8 ބިލިޔަން ޑޮލަރަށް އެދުނެވެ. ނަމަވެސް އެ ފަންޑުގައި ދޫކުރެވޭން ހުރީ އެންމެ 342 މިލިޔަން ޑޮލަރު ކަމަށް އދގެ އެންވަޔަރަމަންޓް ޕްރޮގްރާމް (ޔުނެޕް) އިން ނޮވެންބަރު 4 ގައި ޢާންމުކުރި ގެޕް ރިޕޯޓުގައި ބަޔާންކޮށްފައި ވެއެވެ. މޫސުމީ ބަދަލާ ގުޅޭ ފައިސާގެ ޢަދަދުތައް ތިންގުނައަށް ބޮޑުކުރާން އެފްރިކާގެ ޤައުމުުތަކުން ކުރި މަސައްކަތް ސަމިޓުގައި ކާމިޔާބު ވާގޮތެއް ނުވިއެވެ. ވިލާތުގެ އިއްތިޙާދުގެ ކްލައިމެޓް ކޮމިޝަނަރ ވޮޕްކޭ ހޮއެކްސްޓްރާ ވިދާޅުވީ އިތުރު ފައިސާއަށް ކުރާ ޑިމާންޑު މުޅިން ވަޅުޖެހި، ވަޅުލެވިފައިވާ ކަމަށެވެ.
ނޮވެންބަރު 20 ވާންދެން މަޝްވަރާތައް ހިނގަމުންދާނެއެވެ.
”ބޭރަށް ބަލައިގެން ފަރަކުނުޖެހޭނެ“
ފައިނޭންސް މިނިސްޓްރީގެ ފިސްކަލް އެފެއާޒް ޑިޕާޓްމަންޓްގެ ކަންކަން ބަލަހައްޓަވަމުން ގެންދަވާ ސާޢިދު ފައިނޭންސް ފޯރަމްގައި ވިދާޅުވީ ބައިނަލްއަޤްވާމީ ޑިވަލޮޕްމަންޓް (ތަރައްޤީގެ) ބޭންކްތައް ނުހަނު ބޭނުންތެރިކަމަށާއި، އެހެންނަމަވެސް ދޭ ގިނަ މާލީ އެހީއަކީ ނަމެއްގައި ދޭ އެއްޗެއް ކަމަށެވެ. ”ފައިނޭންސް ހޯދާން ބޭރަށް ބަލައިގެން ފަރަކުނުޖެހޭނެ. އެތެރޭގެ، އަޅުގަނޑުމެންގެ ފިސްކަލް އެކައުންޓުތަކަށް ބަލަންޖެހޭ،“ އޭނާ ވިދާޅުވިއެވެ.
ޑެޕިއުޓީ މިނިސްޓަރ ސާޢިދު ވިދާޅުވަނީ އެކަން ކުރެވޭނީ ޚަރަދު ކުޑަކޮށްގެން ކަމަށެވެ. އަދި ހިލޭއެހީއާއި ސަބްސިޑީގެ ނިޒާމު އަދި ސަރުކާރު ޙިއްޞާވާ ކުންފުނިތައްވެސް އިޞްލާޙުކޮށްގެން ކަމަށެވެ. އެފަދަ ފިޔަވަޅުތަކެއް ނާޅައި، ދުނިޔޭގެ އެއްވެސް ތަނެއްގެ ކިބައިން ލޯނަށް އެދުން އެކަށީގެންނުވާ އަދި ކުރަން ހެޔޮނުވާވަރު ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ފޯރަމްގެ މައިގަނޑު ތަޤްރީރުކަމުގައިވާ ފައިނޭންސް މިނިސްޓަރ ޙަސަން ޒަރީރުގެ ވާހަކައިގައި ވިދާޅުވީ މޫސުމީ ހިރާހަކީ އިޤްތިޞާދީ ހިރާހެއް ކަމަށާއި، އެހެންކަމަށްވާނަމަ، އެއިޤްތިޞާދީ ހިރާސް އެކަށީގެންވާގޮތުގައި މެނޭޖުކުރާން ޖެހޭ ކަމަށެވެ. އަދި އެކަމަށް ޕަބްލިކް ފައިނޭންސް، ބައިނަލްއަޤްވާމީ ހިލޭއެހީ އަދި ލުއިލޯނު ކޮންމެހެން ބޭނުންކަމަށެވެ. އެހެންނަމަވެސް އަމިއްލަ ފަރާތްތަކުން ކެޕިޓަލް ހޯދުމާއި، ދިގު މުއްދަތުގައި މުވައްސަސާތަކލުން އިންވެސްޓްކުރުންވެސް ކޮންމެހެން ބޭނުންކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވަނީ ޚިޔާލު ތަފާތުވެފައިވާ ބޭރުގެ ދެ ބޮޑު އިންވެސްޓްމަންޓެއްގެ ދިފާޢުގައިވެސް ވާހަކަދައްކަވާފައެވެ. އެގޮތުން ސްޕެޝަލް އިކޮނޮމިކް ޒޯން (ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު)ގެ ޤާނޫނުގެ ދަށުން ޤާއިމުކުރާން ހަމަޖެހިފައިވާ އޭލާ ޓައުންޝިޕްގެ މަޝްރޫޢާއި، އަދި ރަސްމާލޭގައި އީގަލް ހިލްސްއާ ގުޅިގެން ހިންގާން އުޅޭ މަޝްރޫޢަށް އަލިއަޅުއްވާލައްވައި، އެއީ ބޭރު ފައިސާ ހޯދުމުގެ ރަނގަޅު ފުރުޞަތުތަކެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. ޤައުމަށް ބޮޑެތި އިންޤިލާބީ ބަދަލުތަކެއް ގެނުވާނެފަދަ ބޭރުގެ އިންވެސްޓްމަންޓުތަކަށް ސަބަބުވެރި ޢުޟުރެއްނެތި ދެކޮޅު ހެދުމަކީ ރާއްޖެފަދަ ކުޑަ ޤައުމެއްގެ އިޤްތިޞާދަށް ނުހަނު ގެއްލުންހުރި ކަމެއްކަމަށް މިނިސްޓަރ ޒަރީރު ވިދާޅުވިއެވެ.
ކުރިއަށް އޮތް 2027 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިލޭ އެހީކަމުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ ކުރީ އަހަރުގެ 665 މިލިޔަން ރުފިޔާއަށްވުރެ ދެބައިކުޅަ އެއްބައިވަރު މަދު 349 މިލިޔަން ރުފިޔާގެ ޢަދަދެކެވެ. ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާބެހޭ އޭޝިޔާ އަދި ޕެސިފިކް ސަރަޙައްދުގެ ޔޫއެންޑީޕީގެ ވެރިޔާ ޗާލްސް ޔޫ ވިދާޅުވީ 2025 ގައިވެސް އޭގެ ކުރީ އަހަރުތަކަށްވުރެ ހިލޭއެހީގެ ގޮތުގައި ލިބުނު ފައިސާ އޮތީ 23 އިންސައްތަ ދަށްވެފައިވާ ކަމަށާއި، 2025 އާ އަޅާކިޔާއިރު މިއަހަރު ލިބުނު ހިލޭއެހީގެ މިންވަރު 6.9 އިންސައްތަ މަދު ކަމަށެވެ.
ތެލުގެ ބިލު
ފޯރަމްގައި ޔޫއެންޑީޕީގެ އިޤްތިޞާދީ ތަޖުރިބާކާރު ޝުހާދު އިބްރާހީމް ހުށަހަޅައިދިން ސްލައިޑުތަކުގެ ތަފްސީލަށް ބަލާއިރު، ތެޔޮ އިމްޕޯޓްކުރުމުގެ ޚަރަދު ވަނީ ފާއިތުވި އަހަރު ޖީޑީޕީގެ 9.2 އިންސައްތައަށް އަރާފައެޗެ، މި އަހަރުގެ ފުރަތަމަ ހަމަސް ދުވަހު އެ ޢަދަދުގެ ނިސްބަތްވަނީ 14.8 އަށް އަރާފައެވެ. ސެޕްޓެމްބަރު މަހުގެ ނިޔަލަށް ތެޔޮ އިމްޕޯޓް ބިލު 907 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށެވެ. ރަޝިޔާ ޔުކްރޭން ހަނގުރާމަ ފެށި 2022 ވަނަ އަހަރު ޚަރަދުކުރި 831 މިލިއަން ޑޮލަރަށްވުރެވެސް 70 ވަރަކަށް މިލިޔަން ޑޮލަރު ބޮޑެވެ.
ޖޫން މަހުގެ ނިޔަލަށް ދިވެހިރާއްޖޭގެ ޖުމުލަ ދަރަނި ޤައުމީ އުފެއްދުންތެރިކަމުގެ (ޖީޑީޕީ) ނިސްބަތުން އިންސައްތައަށް އަރާފައި ވެއެވެ. ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ އިން ހުށަހަޅައިދިން ޕްރެޒެންޓޭޝަންގެ ސްލައިޑުތަކުން ދައްކާގޮތުގައި 2023 އިން ފެށިގެން ދަރަނީގެ ނިސްބަތް ހުރީ 120 އިންސައްތައަށްވުރެ މަތީގައެވެ. އެދަރަނީގެ އެންމެ ބޮޑު ޙިއްޞާއަކީ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކެވެ.
މި އަހަރަށް ތެޔޮ އަދި ކަރަންޓު ސަބްސިޑީއަށް ބަޖެޓު ކޮށްފައި އޮތީ 1.8 ބިލިއަން ރުފިޔާއެވެ. ނަމަވެސް ފައިނޭންސް މިނިސްޓްރީ އިން މިހާރު ލަފާކުރަނީ މި ޚަރަދު 4.8 ބިލިއަން ރުފިޔާއަށް އަރާނެކަމަށެވެ. 2021 އިން ފެށިގެން ކޮންމެ އަހަރެއްގައިވެސް ސަބްސިޑީތަކަށް ކުރާ ޚަރަދު ފާސްކުރި ބަޖެޓަށްވުރެ މަތިވެފައި ވެއެވެ.
ސާޢިދު ވިދާޅުވަނީ ގޭގޭގެ ކަރަންޓު ބިލުގެ 90 އިންސައްތަ ދައްކަނީ ސަރުކާރުން ކަމަށާއި، 2024 ގައި އޭގެ ތެރެއިން 17 އިންސައްތަދަނީ އެންމެ މުއްސަނދި ގޭބީސީތަކަށްކަމަށް ހަނދުމަފުޅުވާ ކަމަށެވެ.
ޝުހާދު ވިދާޅުވީ މުޅި ދިވެހިރާއްޖޭގެ ކްލައިމެޓް އެޑެޕްޓޭޝަނަންގެ ޚަރަދަށް ބޭނުންވަނީ ދޭކާއި ހަތަރު ބިލިއަން ޑޮލަރާ ދެމެދުގައެވެ.
ޝުހާދު އިތުރަށް ވިދާޅުވީ އިޤްތިޞާދުގެ 5 ބައިކުޅަ އެއްބައި ބިނާވަނީ ފަރުތަކަށް ކަމަށާއި، އެހެންނަމަވެސް ހަނިފަރު ބޭ ފަދަ ސަރަޙައްދުތައް ހުރީ އިންޝުއަރެންސް ނުކޮށް ކަމަށެވެ. އަދި އަންނަ އަހަރު ފަރުހުދުވުމުގެ މައްސަލަ ފުޅާގޮތެއްގައި ދިމާވާނެކަމުގެ 100 އިންސައްތަ ޔަޤީންކަން މިހާރު އޮތްކަމަށް އޭނާ އިންޒާރު ދެއްވިއެވެ.
ބޮޑެތި ފަރުގެ ސަރަޙައްދުތަކެއް ގްރޫޕުކޮށްފައި، އެއްބަރިއަކަށް އިންޝުއަރކުރާން ވިސްނައިފިނަމަ، ފަރުހުދުވުމުގެ ޙާދިސާތައް ހިނގާ ދުވަސްވަރުތަކަށް، އެގެއްލުމުގެ ނިސްބަތުން އިންޝުއަރެންސް ފައިސާ ދޭ ނިޒާމެއް ދެކޮޅުޖެހޭ ގޮތެއްގައި ޤާއިމުކުރެވޭނެ ކަމަށް ޝުހާދު ވިދާޅުވިއެވެ. އެހެން ނަމަވެސް އެފަދަ އިންޝުއަރަންސް ނިޒާމަކަށް ފައިސާ ދައްކާނީ އެފަރެއްގެ ބެލެނިވެރިކަން ޙަވާލުވެފައިވާ ލޯކަލް ކައުންސިލުންތޯ ނުވަތަ ޑައިވް ސެންޓަރުތަކުންތޯ ނުވަތަ މައި ސަރުކާރުންތޯ އުފެދޭ ސުވާލަށް ޖަވާބެއް ލިބެންޖެހޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސޯލާ: މާޚަރަދު ބޮޑުތަ؟
މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ޑރ މުޢާވިޔަތު މުޙައްމަދު ވިދާޅުވީ 2023 ގައި 53 މެގަވޮޓުގައި ހުރި ސޯލާ ކެޕޭސިޓީ 136 މެގަވޯޓަށް އިތުރުކުރެވިފައިވާ ކަމަށެވެ. އަދި 2028 އާ ހަމައަށް ދިވެހިރާއްޖޭގެ ކަރަންޓުގެ 33 އިންސައްތަ އިޔާދަކުރުވަނިވި ހަކަތައަށް ބަދަލުކުރާން ރައީސުލްޖުމްހޫރިއްޔާ އެކަށައަޅުއްވާފައިވާ ލަނޑުދަނޑި ޙާޞިލުކުރެވޭނެކަމަށް ވިދާޅުވިއެވެ.
އެހެންނަމަވެސް އެވާހަކައާ ސާޢިދު މާކަށް ބޮޑު ތަރުޙީބެއް ނުދެއްވިއެވެ. އޭނާ ވިދާޅުވީ އަމިއްލަގޮތުން ދެކެވަޑައިގަންނަވާ ގޮތަކީ ސޯލާއަށް އިންވެސްޓްކުރާން ދުއްވައިގަތުން ރަނގަޅު ނޫން ކަމަށް ކަމަށެވެ. އެގޮތީ ސަރުކާރުން 21 ސެންޓުގައި ސޯލާ ކަރަންޓު ޔުނިޓެއް ގަންނާން ނިންމާއިރު، ޢާންމުން އެއަށް ދައްކާން ހަމަޖެހިފައި އޮންނަނީ 10 ސެންޓަށްވުރެ ކުޑަކޮށް ކަމަށާއި، އެފަރަގަށްވާ ފައިސާ އަސދާކުރާންޖެހެނީ މިނިސްޓްރީއަށް ކަމަށެވެ. އެހެންވީމާ ސޯލާއަށް ބަދަލުވާނަމަ ސްޓޯރޭޖް ކެޕޭސިޓީއާއި ގްރިޑް އަޕްގްރޭޑު ކުރުމަށްވެސް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ.
ޝުހާދު ވިދާޅުވީ ސޯލާ އަޅާފައިވާ ގެސްޓްހައުސްތަކަށް ތިން ހަތަރު އަހަރުން އެއިންވެސްޓްމަންޓު ކަވަރުކުރެވޭ ކަމަށާއި، އެހެންނަމަވެސް ފައިސާ ދޫކުރާ ފަރާތްތަކުން ސޯލާއަށް ކަންފަހިކޮށްދޭ މިންވަރު ނުހަނު ކުޑަ ކަމަށެވެ.
ފައިސާ ދާ ދިމާ
އޮޑިޓުތައް ދައްކާގޮތުންނަމަ ހިރާސްތަކަށް ބެލުން ކުޑަގޮތުގައި ޚަރަދު ހިންގަމުންގޮސްފައި ވެއެވެ. އޮޑިޓް އޮފީހުގެ މުޙައްމަދު އިބްރާހިމް ޖަލީލް ވިދާޅުވީ ގިރައިގެން ގެއްލިދަނީ ކިހާ ބިމެއްކަމެއް މޮނިޓަރކުރަމުން ނުދާ ކަމަށާއި، އެންމެ ނުރައްކަލުގައި ހުރި ރަށްރަށުގެ ލިސްޓެއް ސަރުކާރުން ތައްޔާރުކޮށްފައި އޮތަސް، ޚަރަދުކުރަނިއްޔަކީ އެނުރައްކަލަށް ރިޢާޔަތްކޮށްގެން ނޫން ކަމަށެވެ.
އެކަމާ ގުޅޭގޮތުން ފައިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ސާޢިދު ވިދާޅުވީ އިންވެސްޓްމަންޓެއް ކުރަނިއްޔަކީ ހަމައެކަނި ފަންނީ ސަބަބުތަކަށް ރިޢާޔަތްކޮށްގެން ނޫންކަމަށާއި، ސިޔާސީ-އިޤްތިޞާދީ ސަބަބުތަކެއް ކޮންމެ އިންވެސްޓްމަންޓެއްގެ ފަހަތުގައިވެސް ވާނެ ކަމަށެވެ. އެގޮތުން ގްރީން ފަންޑަށް ލިބޭ ޓެކްސްގެ އާމްދަނީ ބޭނުންކުރަނީ މައިގަނޑުގޮތެއްގައި ސަރުކާރުގެ ރިކަރަންޓް ޚަރަދަށާއި، ދަރަނި އަދާކުރުމަށާއި، އިންވެސްޓްމަންޓުތަކަށް ކަމަށެވެ. އަދި ”ނުހަނު ގިނައިން“ މޫސުމީ ބަދަލާގުޅޭ މަޝްރޫޢުތަކަށް އެއިން ޚަރަދުކުރާ ކަމަށްވެސް ވިދާޅުވިއެވެ.
ގްރީން ފަންޑުން ޚަރަދު ހިންގާ ގޮތުގެ ތަފްޞީލު މިއަހަރު ސަރުކާރުން ޢާންމެއް ނުކުރެއެވެ. 2025 ގައި ގްރީން ފަންޑަށް ފަތުރުވެރިންގެ ފުށުން 2.2 ބިލިޔަން ރުފިޔާ ލިބިފައި ވެއެވެ. ނަމަވެސް ޚަރަދުކުރީ އެންމެ 275 މިލިޔަން ރުފިޔާއެވެ. މިއީ 2019 ގައި އެ ފަންޑު ޤާއިމުކުރި ފަހުން އެންމެ މަދުން ޚަރަދުކުރި އަހަރެވެ. 2025 ނިނުނުއިރު އެފަންޑުގައި 3.6 ބިލިޔަން ރުފިޔާ ހުއްޓެވެ. މިއަހަރުގެ ފުރަތަމަ 10 މަސްދުވަހު އެ ފަންޑުގެ ހިސާބުކިތާނެއް މަހުން މަހަށް ޢާންމެއް ނުކުރެއެވެ. އެހެންވީމާ އެންމެ ފަހުން ފެންނާން އޮތީ ޑިސެންބަރު 2025 ގެ ރިޕޯޓެވެ. ޖަނަވަރީ އިން އޮގަސްޓް 2026 އަށްވާ ރިޕޯޓުތައް ގަނޑުކޮށް މިހަފްތާގައި ޢާންމުކޮށްފައި ވެއެވެ.
އެފަންޑުގެ ފައިސާ ޚަރަދުކުރުން އެންމެ އައުލާކަން ބޮޑު މަޝްރޫޢުތަކާއި، ދާއިރާތަކާއި، ރަށްތައް ހިމެނޭހެން ޕްލޭނެއް އެކުލެވުމުގެ މަސައްކަތް މިހާރުވެސް ހިނގަމުން ދެއެވެ. އެ ޕްލޭން އެކުލެވުމުގެ މަސައްކަތް ފެށީ ފެބްރުއަރީ 2024 ގައެވެ. މުޢާވިޔަތު ވިދާޅުވީ 2027 ގައި އެޕްލޭން އެކުލަވައި ނިމޭނެ ކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ހިންގާ މަޝްރޫޢުތައް ވަކިން ފާހަގަކުރުމުގެ ޕްރޮގްރާމެއް ޕައިލެޓުކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މޫސުމަށް އަންނަ ބަދަލުތަކަށް ފައިނޭންސް ކުރާނެގޮތުގެ އިސްތިރާޖެއް އކެުލެވި ފުރަތަމަ ޖަޒީރާ ޤައުމުކަމުގައި 2023 ގައި ދިވެހިރާއްޖެ ހިމެނުނެވެ. އެ އަހަރު އިންޓެގްރޭޓަޑް ނޭޝަނަލް ފައިނޭންސިންގް ފްރޭމްވަރކް، ޔޫއެންޑީޕީއިން ވަނީ އެކުލަވާފައެވެ. އޭގައި 16 ލަނޑުދަނޑިއެއް އަދި 127 ޙަރަކާތެއް ފާހަގަކޮށްފައި ވެއެވެ.
30 ބިލިޔަން ރުފިޔާގެ ސުވާލު
ދިގު މުއްދަތަކަށް ދެމިގެންދާގޮތުގައި އެންމެ ފަސޭހައިން އަތުޖެހޭން އޮތް ފައިސާގެ އެންމެ ބޮޑު މަސްދަރަކީ ޕެންޝަން ފަންޑެވެ. ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ ފަންޑުގައި 204,549 މީހުންގެ ނަމުގައި 30.3 ބިލިއަން ރުފިޔާ (ގާތްގަނޑަކަށް 2 ބިލިއަން ޑޮލަރު) ހުއްޓެވެ.
ޕެންޝަން ފަންޑުގެ ފައިސާގެ އިތުރުން ހިލޭ އެހީދޭ ފަރާތްތަކުން ދޭ މިންވަރުތަކާއި އަދި ޕްރައިވެޓް ސެކްޓަރުގެ ފައިސާ އެއްކޮށްލުމުން ޢާންމު ޢުމްރާނީ ތަރައްޤީއާއި ވަޞީލަތްތައް ޤާއިމުކުރުމުގެ މަޝްރޫޢުތައް ހިންގާން ބޭނުންކުރުމުގެ ފުރުޞަތު އޮތްކަން މުޢާވިޔަތު ފާހަގަކުރެއްވިއެވެ. އެގޮތުން ޕެންޝަން ފަންޑާއި، ކުދި ވިޔަފާރިތަކާއި، ޢާންމުންނަށް ޙިއްޞާ ވިއްކައިގެން ޤާއިމުކުރެވޭ ޕަބްލިކް ކުންފުންޏެއް އުފައްދައި، 100 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަގުގެ ރިނިއުއަބަލް އެނަރޖީ ޕްރޮޖެކްޓްތަކަށް އިންވެސްޓްކުރުމަށް އޭނާ ޚިޔާލު ދެއްވިއެވެ.
ޕެންޝަން އޮފީހުގެ ސީއީއޯ ޔަޒްމީދު މުޙައްމަދުގެ ވާހަކައިގައި ވިދާޅުވީ "ގްރީން އިންވެސްޓްމަންޓް އަކީ މާލީ އަޚްލާޤިއްޔާތާއި ހަމަ ނަގައިލުމަށް އޮތް ޙުއްޖަތަކަށް ހަދައިގެން ނުވާނެ،“ ކަމަށާއި، ”ޕެންޝަން ފަންޑުން އެންމެ އިސްކަމެއް ދޭނީ އެފަންޑަށް ފައިސާ ޖަމާކުރާ މެންބަރުންގެ މަޞްލަޙަތު،“ ކަމަށެވެ. އަދި އެފަންޑުން ފައިސާއެއް އެހެންތާކަށް އިންވެސްޓުކުރާންވާނީ ފަރުވާތެރިކަމާއި ބެލެހެއްޓުންތެރިކަމުގެ ނިޒާމެއްގެ ތެރެއިން، ހިރާސްތައް ބަލައި، ވަޒަންކޮށް، މާލީ ދެކޮޅުޖެހުން ކަށަވަރުކޮށްފައި ކަމަށެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ފައިނޭންސްގެ ފުރުޞަތުތަކަށް ޕެންޝަން ފަންޑުން ބަލަމުންގެންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގް ކޮމްޕެނީގެ ޗީފް އެގްޒެކެޓިވް އިބްތިޝާމާ އަޙްމަދު ސަޢީދުގެ ވާހަކައިގައި ވިދާޅުވީ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުތަކުން ނާފާވާ ބާވަތުގެ ފައިދާ ނުވަތަ ނަފާ ނެރެވޭން ނޯންނާނެ ކަމަށާއި، އެހެންކަމުން އެބާވަތުގެ މަޝްރޫޢުތަކަށް ކޮމާޝަން ލޯނުތައް އެކަށޭނަ ނޫންކަމަށެވެ. ގްރީން ކްލައިމެޓް ފަންޑަށް ފައިސާއަށް އެދި ހުށަހެޅުމުގެ އެކްރެޑިޓޭޝަން ފުރިހަމަ ކުރި ފުރަތަމަ ދިވެހި ކުންފުނިކަމުގައި މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގް ކޮމްޕެނީ ހަމަޖެހިގެން ދިޔައީ ނިމިދިޔަ މަހުގެ ތެރޭގައެވެ.
ޔޫއެންޑީޕީގެ ޔޫ ވެސް މި ވާހަކަތަކާ އެއްބަސްވެވަޑައިގަތެވެ. އޭނާ ވިދާޅުވީ ފައިދާއެއް ނުނެރެވޭ، އިޖުތިމާޢީ ފައިދާ މެނުވީ ނުލިބޭ އެޑެޕްޓޭޝަން (ހޭނުމުގެ) މަޝްރޫޢުތަކަކީ ޕަބްލިކް އިންވެސްޓްމަންޓް ކަމަށެވެ.
ފައިނޭންސް މިނިސްޓަރު ޒަރީރު ވިދާޅުވީ "އަޅުގަނޑުމެންގެ ކާމިޔާބީ މިންކުރަންވާނީ އުފައްދާ އޮނިގަނޑަކުން ނޫން،“ ކަމަށާއި ”ހޯދާ އިންވެސްޓްމަންޓްތަކާއި، އެއިންވެސްޓްމަންޓުތަކުގެ ނަތީޖާތަކުން،“ ކަމަށެވެ.
މިނިވަން ނޫސްވެރިކަމަށް އެހީތެރިވެދެއްވާ
ބިރެއްނެތި ޚަބަރު ގެނެސްދިނުމަށް އެހީތެރިވެދެއްވާ
އެއްފަހަރު ދެއްވާ
$
ނުވަތަ
މެމްބަރަކަށް ވެލައްވާމަހަކު $5 އިން ފެށިގެން
