ރޭޓު ޖޫރިމަނާ ކުރަންވީތަ؟ ނޫނީ ކުރަންވީ ފްލޯޓުތަ؟
ކަޅު ބާޒާރުގެ ރޭޓު ރިޕޯޓުކުރުމަކީ ނުވަތަ ޢާންމުކުރުމަކީ ކުށަކަށް ހަދާން ހުށަހަޅާފައިވޭ.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
27 އޮގަސްޓް
ސަރުކާރުން މަޖުބޫރުކުރީ ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކަށް ލިބޭ ޑޮލަރުން ބައެއް ދިވެހި ރުފިޔާއަށް މާރު ކުރާށެވެ. މަރުކަޒީ ބޭންކް - މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިހުނަށްވުރެ ގިނައިން ބޭންކުތަކަށް ޑޮލަރު ދޫކުރަން ފެށިއެވެ. އަދި އިޤްތިޞާދުގައި ގިނަވެ އޮލަވެފައިވާ ދިވެހި ރުފިޔާގެ ސަޕްލައި މަދު ކުރަން ފިޔަވަޅު އެޅި މެއެވެ. އެހެނަސް، ޑޮލަރުގެ ރަސްމީ އަގާއި، ކަޅު ބާޒާރުގައި ޑޮލަރު ގަންނަން ލިބޭ ރޭޓުގެ ދެމެދުގައިވާ ފަރަގު ބޮޑުވަމުން އޮވެ އާދެއެވެ.
ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު މިހާރު ހުރީ 22.85 ގައެވެ. އެއީ ރަސްމީ ރޭޓު ކަމުގައިވާ 15.42 އަށް ވުރެ 48 އިންސައްތަ ބޮޑު ޢަދަދެކެވެ. ބުދަ ދުވަހު ސަރުކާރު ހިންގާ ޕާޓީގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވަނީ ކަޅު ބާޒާރުގެ ރޭޓު ރިޕޯޓުކުރުމަކީ ނުވަތަ ޢާންމުކުރުމަކީ ކުށަކަށް ހަދާން ހުށަހަޅާފައެވެ.
މަރުކަޒީ ބޭންކުން ކަނޑައަޅާފައިވާ ރަސްމީ ރޭޓަށް ވުރެ އަގު ބޮޑުކޮށް ޑޮލަރު ވިއްކުމަކީ 25،000 ރުފިޔާ (1،620 އެމެރިކާ ޑޮލަރު) އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް ކުރެވޭނެ ކުށަކަށްވާ ގޮތަށް އަދި ކަޅު ބާޒާރުގެ ރޭޓު އިޝްތިހާރު ކުރުން ނުވަތަ ޕްރޮމޯޓް ކުރުމަކީ 25،000 އާއި 500،000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރެވޭ ގޮތަށް މަޖިލީހުގެ މާލިއްޔަތާބެހޭ ކޮމިޓީން ވަނީ ބޭރުފައިސާއާބެހޭ ޤާނޫނަށް ބަދަލު ގެންނާން ހުށަހަޅާފައެވެ. ޤާނޫނީ ޝަޚްޞެއް ނުވަތަ ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއެއް އެކަން ކޮށްފިނަމަ 100،000 އާއި 5 މިލިއަން ރުފިޔާއާ ދެމެދުގެ ޢަދަދަކަށް ޖޫރިމަނާ ކުރެވޭނެއެވެ. އިޝްތިހާރުކުރުމާއި ޕްރޮމޯޓްކުރުން މާނަކުރެވެނީ ޑިޖިޓަލް ވަޞީލަތްތަކުންނާއި މަންސަތަކުން ނުވަތަ އެހެން ގޮތަކުން ކަޅު ބާޒާރުގެ ރޭޓުގެ މަޢުލޫމާތު ޝާޢިއުކުރުމާއި، ފެތުރުމާއި، ތަކުރާރުކުރުމާއި ފޯރުކޮށްދިނުމެވެ.
މިއީ މަދަނީ އިދާރީ ފިޔަވަޅެކެވެ. މި ޖޫރިމަނާގެ ފިޔަވަޅުގެ އިތުރުން ޤާނޫނުލް ޢުޤޫބާތުގެ ދަށުން ނުވަތަ އެނޫންވެސް ޤާނޫނެއްގެ ދަށުން ޖިނާޢީ ދަޢުވާ ކުރުމަށް ހުރަހެއް ނޯންނާނެ ކަމަށްވެސް ގެނައި އިޞްލާޙުތަކުގައި ވެއެވެ.
މީގެއިތުރުން، ރިސޯޓްތަކަށް ޒިޔާރަތްކުރާ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރު ކުރުން ނުވަތަ ލިބޭ އާމްދަނީ 20 އިންސައްތަ މާރުކުރަން ޖެހޭގޮތަށް އޮތް އޮތުން ބަދަލުކުރަންވެސް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބޭރު ފައިސާއާބެހޭ ޤާނޫނުގެ އިޞްލާޙުތަކުގެ ތެރޭގައި ވެއެވެ. އެ ބިލް އަނބުރާ ކޮމިޓީއަށް ފޮނުވާފައި ވަނީ އަންގާރަ ދުވަހު، އެޤާނޫނަށް ހުށަހަޅާފައިވާ އިޞްލާޙުތައް އިތުރަށް ހަރުކަށިކުރަން ޖެހޭ ކަމަށް ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މެމްބަރުންނަށް ފެނިވަޑައިގަނެގެންނެވެ.
ކޮމިޓީގައި ހިމެނޭ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް ނިސްބަތްވެވަޑައިންނަވާ މެންބަރުން މިއިޞްލާޙުތަކާ މުޅިން ދެކޮޅެވެ. ޕާލިމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަޙްމަދު ޝަމްހީދު ވިދާޅުވީ މިޤާނޫނީ ބަދަލުތަކުގެ ސަބަބުން ވިޔަފާރިތަކަށް ސަޕްލައި ކުރާ ފަރާތްތަކަށް ޑޮލަރު ލިބުން ދަތިވެ، އިމްޕޯޓް ހުއްޓި، ބަނގުރޫޓުވުމާއި އަދި ހައިޕަރއިންފްލޭޝަން އާ ދިމާލަށް މެނުވީ މިސްރާބު ނުޖަހާނެ ކަމަށެވެ. ބޭންކުތަކުން ދޫކުރަނީ ހަމައެކަނި ޓެލެގްރަފިކް ޓްރާންސްފާތަކަށް އިމްޕޯޓަރުންނަށް ބޭނުންވާ މިންވަރުގެ ބައިކުޅަ ބައެއް ރަސްމީ ރޭޓުގައެވެ. ބޭންކުން ދޭ މިންވަރުގެ އިތުރުން ހޯދަންޖެހޭ ބައި ވިޔަފާރިތަކުން ގަންނަނީ ކަޅު ބާޒާރުގައެވެ.
އަނގައިގައި މަލަން އަޅައި، ބަންދުކޮށްގެން ޑޮލަރުގެ މައްސަލަ ޙައްލުކުރެވޭން ނެތް ކަމަށާއި، ”މިއަދު ރާއްޖޭގައި ޑޮލަރެއްގެ އަގަކީ 23 ރުފިޔާ، 25 ރުފިޔާ، އެނޫން އެއްވެސް ރޭޓެއްގައި ލިބޭކަށް ނެތް! އަޅުގަނޑުމެން އެ ޙަޤީޤަތް ހާމަކުރަންޖެހޭ" ހުޅުމާލެ ދެކުނު ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާ ޝަމްހީދު ވިދާޅުވިއެވެ.
މީގެ އިތުރުން ޤާނޫނަށް މިގެންނަ ބަދަލުތަކަކީ ކަޅު ބާޒާރުގެ ރޭޓު ރިޕޯޓްކުރުން މީޑިއާތަކަށް މަނާކުރާ "ގެގް އޯޑަރ" އަކަށް ނުވާނެތޯ ޝަމްހީދު ވަނީ ސުވާލު އުފައްދަވާފައެވެ.
މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް)އިން ޤާނޫނީ ބަދަލުތަކުގެ ނަތީޖާކަމުގައި ދެކެނީ ރިޕޯޓުކުރުން މަނާވުމެވެ. އެހެންކަމުން މަދަނީ ޖަމްޢިއްޔާ/ޖަމާޢަތްތަކުން މި ބަދަލުތައް ކުށްވެރިކޮށް، އިޞްލާޙުތައް ބަލައިނުގަތުމަށް މަޖިލީހަށް އިލްތިމާސްކޮށްފައި ވެއެވެ. އަދި މިއިޞްލާޙުތަކުގެ ސަބަބުން ސިޔާސަތު ކަނޑައަޅާ ފަރާތްތައް ޖަވާބުދާރީ ކުރުވުމުގައި މީޑިޔާގެ ދައުރަށް ހުރަސްއެޅޭނެ ކަމަށް ތަކުރާރުކޮށް ބުނެފައި ވެއެވެ.
ބޮޑެތި ޖޫރިމަނާތައް ކުރެވޭ ގޮތަށް އިޞްލާޙު ހުށަހެޅުމުގެ ކުރިން ސަރުކާރުން ފުރަތަމަ ވިސްނީ ކަޅު ބާޒާރުގެ ޑޮލަރު ރޭޓް ރިޕޯޓްކުރާ ނޫސްވެރިންނަށް ޖަލު ޙުކުމެއް އިއްވޭނެ ގޮތެެއް ހެދުމަށް ކަމަށް، މުޢުތަބަރު މަސްދަރުތަކާ ޙަވާލާދީ ދުވަހު ނޫސް ”އަދަދު“ އިން ރިޕޯޓުކޮށްފައި ވެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނުގައި މިހާރު ވެސް ރަސްމީ ރޭޓަށް ވުރެ ބޮޑުކޮށް ބޭރު ފައިސާ ގަތުން ނުވަތަ ވިއްކުން މަނާކޮށްފައި ވެއެވެ. އަދި ބޭރު ފައިސާގެ މުޢާމަލާތްތަކުން ކޮމިޝަން ނުވަތަ އެނޫންވެސް ފައިދާއެއް ނެގުން މަނާކޮށް، އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރުމުގެ އިޚްތިޔާރު އެމްއެމްއޭއަށް އެ ޤާނޫނުން ލިބިދެއެވެ.
ކަޅު ބާޒާރުގެ ޑޮލަރުގެ ރޭޓު އިޝްތިހާރުކޮށް، ޕްރޮމޯޓް ކުރުމަށް ވަކި އަދަބުތަކެއް ތަޢާރަފު ކުރަން ހުށަހަޅާފައި މިވަނީ ޑޮލަރުގެ އަގު އުފުލެނީ ނޫސްތަކުގެ ސުރުޚީތަކާއި އިދިކޮޅު ލީޑަރުންގެ ބަޔާންތަކުން އުފައްދާ ޝައްކާއި ވަހުމާއި ބިރުވެރިކަމުގެ ސަބަބުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވިތަނާ ހެންނެވެ. އޭނާ ވިދާޅުވީ އެބާވަތަށް "ފޭކް ނިއުސް" ފެތުރުމާއި މާކެޓް ”މެނިޕިއުލޭޓު“ ކުރަނީ ޤަސްތުގައި އިޤްތިޞާދަށް ގެއްލުންދޭން ކަމަށެވެ.
ޑޮލަރަށް ބޭނުންވާ މިންވަރު މަދުކުރުމާއި ރޭޓު ފްލޯޓުކުރުން
ރަސްމީ އެކްސްޗޭންޖް ރޭޓުގެ އެންމެ މަތީ ޢަދަދަކީ 15.42 އެވެ. އެ ރޭޓު ކަނޑައެޅީ އޭރު ރަސްމީ ރޭޓުގެ ގޮތުގައި ކަނޑައަޅާފައި އޮތް 12.85 ރުފިޔާގެ މިންވަރުން 20 އިންސައްތަ ތިރިއަށް ނުވަތަ މައްޗަށް ދެވޭ ގޮތަށެވެ. އެހެންވީމާ އެންމެ ކުޑަވެގެން ޑޮލަރެއްގެ އަގު ހުންނާން ޖެހޭނީ 10.28 ރުފިޔާގައެވެ. މިގޮތަށް ހަމަޖެއްސީ 2011 ވަނަ އަހަރުގެ އޭޕްރީލް މަހު ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައެވެ.
ނޮވެމްބަރު 2008 އިން 2010 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ފިނޭންސް މިނިސްޓަރުކަން ކުރެއްވި އެމްއެމްއޭގެ ކުރީގެ ގަވަރުނަރު ޢަލީ ހާޝިމް ވަނީ ރުފިޔާ ފްލޯޓުކުރުމާ އޭރު ދެކޮޅު ހައްދަވާފައެވެ.
”އެކަމަކު މިހާރު އަޅުގަނޑަށް ފެންނަނީ ދޫތަކެއް ދީ ފްލޯޓުކުރަން ވީ ކަމަށް. ފްލޯޓުކުރާނީ ކިހިނެއް ކަމާއި، ކޮންޓްރޯލް ކުރާނީ ކިހާ ކޮންޓްރޯލަކާއެކު ކަން ނިންމިދާނެ،" މޯލްޑިވްސް އިންޑިޕެންޑެންޓާ ވާހަކަދައްކަމުން ޢަލީ ޙާޝިމް ވިދާޅުވިއެވެ. "މިހާރު ވަގުތު ޖެހިއްޖެ. މާކެޓް ތައްޔާރު. މީހުން ތައްޔާރު. ދެން ކީއްވެތޯ ކުރިން ނުކުރީ؟ އަޅުގަނޑު ކަހަލަ މީހުންނަށް ވިސްނިފައި އޮތީ މަދު ސަޕްލައިއަރުންނަކަށް ފްލޯޓް ކޮށްފިއްޔާ ކޮންޓްރޯލް އޮންނާނެޔޭ. އަދި އެމްއެމްއޭ ވެސް މާ ކުޑައޭ. ރަނގަޅަށް އިންޓަރވީން ކުރެވޭނެފަދަ ޑޮލަރުގެ ޕޫލެއް ނެތް.“ އޭނާ އިތުރަށް ވިދާޅުވިއެވެ.
މީގެ ދިހަ އަހަރު ކުރިން އައިއެމްއެފް އިން ހެދި އެސެސްމަންޓެއްގައި ދައްކާފައިވަނީ ކަޅު ބާޒާރު މަސައްކަތްކުރަނީ އޮލިގޯޕޮލީ (މަދު މީސްކޮޅެއް ސަޕްލައި އާއި އަގު ކޮންޓްރޯލްކުރާ ބާޒާރެއް) އެއް ފަދައިން ކަމަށެވެ. ފަތުރުވެރިކަމުގެ ޞިނާޢަތް "މުހިންމު ސަޕްލަޔަރެއް އަދި ޑްރައިވަރެއްގެ“ ގޮތުގައި ފެންނަ ކަމަށެވެ. އަދި ކަޅު ބާޒާރުގެ ރޭޓު ވަކި ވަރެއްގައި ހިފެހެއްޓިފައި ހުރުމުގެ ސަބަބަކީވެސް ބޭނުންވީމާ ރޭޓަށް ބަދަލު ގެނެވޭ، ބޮޑު ސަޕްލައިއެއް ލިބިގެންވާ ބަޔަކުގެ އަތުގައި މި ބާޒާރު އޮތުން ކަމަށެވެ.
އެކަމަކު މިހާރު އެ ހައެއްކަ ފަރާތުގެ ފުށުން އޮތް ބިރު ނެތްކަމަށް ޢަލީ ހާޝިމް ބުންޏެވެ. އޭނާ ވިދާޅުވީ އެމްއެމްއޭގެ ޤަވާއިދުތަކަށް ތަބަޢަވުމައި މާބޮޑު މައްސަލަތަކެއް ނޫޅޭ ބޭރުގެ މަރުކާތައް ރާއްޖޭގެ ފަތުރުވެރިކަމުގައި އިތުރުވުމަކީ ވަކި މަދު ބައެއްގެ ކޮންޓްރޯލް ކުޑަވުމުގެ ސަބަބެއް ކަމަށެވެ. އަދި މިހާރު ޑިމާންޑާއި ސަޕްލައި ހުރި މިންވަރަށް ރިޢާޔަތްކޮށް ޑޮލަރުގެ ރޭޓު މައްޗަށް ނުއުފުލުމުގެ ސަބަބަކީ ކޮބައިތޯ އައިއެމްއެފް އިން ސުވާލު އުފައްދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޑޮލަރުގެ ރޭޓު ފްލޯޓުކުރާއިރު، ދިވެހި ފައިސާއަށް އޮތް ޑިމާންޑުވެސް މަތިކުރާން ފިޔަވަޅުތަކެއް އަޅާން ޖެހޭނެ ކަމަށާއި، ދިވެހި ރުފިޔާއިން ހުރިހާ ޓެކުހެއް ބަލައިގަތުމާއި، ރިޒޯޓުތަކުގެ މުޢާމަލާތްތައްވެސް ދިވެހި ރުފިޔާއިން ކުރާން މަޖުބޫރު ކުރުވުމާއި، އެފިޔަވަޅުތައް ތަންފީޒުކުރަމުން ހަރުދަނާކަމާއެކު ދިއުމަކީ ދިވެހި ރުފިޔާއަށް އޮތް ޑިމާންޑު ފުޅާވެގެންދާނެ ކަމެއް ކަމަށް ޢަލީ ހާޝިމް ލަފާ ދެއްވިއެވެ.
ޢަލީ ހާޝިމަށްފަހު ފިނޭންސް މިނިސްޓަރުކަން ކުރެއްވި އަޙްމަދު އިނާޒް ވަނީ ޑޮލަރުގެ އަގު ބާޒާރުން ކަނޑައަޅަން ދޫކޮށްލުމަށް ރައީސުލްޖުމްހޫރިއްޔާއަށް ނަޞޭޙަތްތެރިވެވަޑައިގެންފައެވެ. އޭނާ އަންދާޒާ ކުރެއްވި ގޮތުގައި ދިވެހި އިޤްތިޞާދުގައި ހިންގާ މުޢާމަލާތްތަކުގެ ދެބައިކުޅަ އެއްބައިވެސް ދިވެހި ފައިސާއަކުން ނުހިނގައެވެ. ”މިސާލަކަށް ރިޒޯޓަކަށް ދިޔަޔަސް އެއްވެސް މުޢާމަލާތެއް ދިވެހި ރުފިޔާއަކުން ނުހިނގާ، އަދި އަޅުގަނޑުމެންނަށް އެނގޭ ސީދާ ގޮތުންނާއި ނުސީދާ ގޮތުންވެސް ގާތްގަނޑަކަށް 70 އާއި 80 ޕަސެންޓަކީ - ޓްރާންސްޕޯޓް، ކޮންސްޓްރަކްޝަން، ހޯލްސޭލް ހިމެނޭ ގޮތަށް - އެ ހުރިހާ ކަމެއް ސީދާ ޓޫރިޒަމާ ގުޅި ލާމެހިފައިވާކަން،" އިނާޒް ވިދާޅުވިއެވެ.
މޯލްޑިވްސް އިންޑިޕެންޑެންޓް އާ ވާހަކަދައްކަވަމުން އިނާޒް ވިދާޅުވީ އިޤްތިޞާދުގައި އަހަރެއްގެ ތެރޭގައި އުފައްދާ މިންވަރަށްވުރެ ޑޮލަރަށް ބޭނުންޖެހޭ މިންވަރު އިތުރުވީމާ ދަތިކަން ކުރިމަތިވާނެ ކަމަށާއި، ހުރިހާ މުޢާމަލާތެއް ދިވެހި ރުފިޔާއިން ހިންގާން ފަށަންޖެހޭ ކަމަށެވެ. ”އޭރުގައި [މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު] ގައިވެސް ޑީ-ޑޮލަރައިޒޭޝަންގެ [ޑޮލަރަށް ބޭނުންޖެހޭ މިންވަރު ކުޑަކުރަމުން] ވާހަކަދެއްކިން. އެބަދަލު ގެންނާނެ ވަގުތު އަދިވެސް އެބަ އޮތް. ދިވެހި ރުފިޔާގެ އަގު ނުވެއްޓި އެ ކަން ކުރެވޭނެ.“ އިނާޒް ތަފްޞީލު ދެއްވިއެވެ.
އިނާޒްގެ ވާހަކައިގައި އިތުރަށް ވިދާޅުވީ ޑީ-ޑޮލަރައިޒޭޝަންގެ ފިޔަވަޅުތައް އަޅާއިރަކު، މިހާރު އެކަމެއްގެ މައްޗަށް ވިޔަފާރިތަކުން އެ ބިރުގަންނަ - ރިސޯޓެއްގެ އާމްދަނީ ބޭންކަކަށް މާރުކުރަން މަޖުބޫރު ކުރާ ކުރުވުމުގެ - ކަންކަން ކުރާން ނުޖެހޭނެ ކަމަށެވެ. “އެމީހުންގެ އާމްދަނީ ކޮންޓްރޯލްކޮށްގެން ނުވާނެ. އެމީހުން އެ ފައިސާ ރާއްޖޭގައި ބެހެއްޓުމަށް އިންސެންޓިވޭޝަން ދޭންވީ،" ލަންޑަން ފަދަ ޖުރިސިޑިކްޓްތަކުގައި ބޭރުގެ އާމްދަނީ ބެލެހެއްޓޭ ގޮތަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވި އެވެ.
މިއާއެކު އެމްއެމްއޭގެ ގަވަރުނަރުގެ މަޤާމު 2012 އިން ފެށިގެން ފުރުއްވި ޢަޒީމާ އާދަމްގެ ޕީއެޗްޑީ ތީސިސްގައި ލިޔުއްވާފައިވަނީ ފަތުރުވެރިކަމުގެ ޞިނާޢަތް އިޤްތިޞާދު ކޮންޓްރޯލް ކުރާހާ ހިނދަކު، ޑޮލަރުގެ ދައުރު ބޮޑުވާނެ ކަމަށާއި، އެހެންކަމުން ރާއްޖެއަށް އެންމެ އެކަށީގެންވަނީ ފިކްސްޑް (ކަނޑައެޅިފައިވާ ވަކި މިވެނި) ރޭޓެއް ޑޮލަރަށް އޮތުން ކަމަށެވެ. އެހެންނަމަވެސް ބޭރު ފައިސާ ކޮންޓްރޯލް ކުރަން އަޅާ ކޮންމެ ފިޔަވަޅަކުން ބޭރު ފައިސާއަށް އޮތް ޑިމާންޑު ބޮޑުވަމުން އަންނާނެ ކަމަށް އޭނާ ލަފާ ކުރައްވައެވެ. އެގޮތީ ކޮންޓްރޯލް ކުރަން އަޅާ ފިޔަވަޅުތަކުން ސަޕްލައިއަށް ދަތިކަން ފޯރުމެވެ. ޑޮލަރު ލިބޭނެ މަގުތައް ބަންދުވުމެވެ. އެހެންވީމާ ބޭރު ފައިސާ ރާއްޖެއިން ބޭރަށް ގެންދާން ފައިސާވެރިން ބޭނުންވާނެއެވެ. އަދި ކަޅު ބާޒާރަށް އިތުރު ދިރުން ލިބޭނެއެވެ. ފަތުރުވެރިކަމަށް ދައްކާންޖެހޭ ޓެކްސް ޑޮލަރުން އަދާކުރަން ޖެހުމަކީ ޑޮލަރު ހިފެހެއްޓުމުގެ މައިގަނޑު ސަބަބެއް ކަމަށްވެސް އަޒީމާ ފާހަގަކުރެއްވިއެވެ.
ތަންކޮޅެއް ލަސްވެއްޖެ؟!
މިމަހު މީޑިޔާއާ ވާހަކަދައްކަމުން އެމްއެމްއޭ އިން ބުނީ ޑޮލަރުން ދައްކަމުންދާ ޓެކްސް ދިވެހި ރުފިޔާއިން ދައްކާން މަޖުބޫރު ކުރުވުމާއި، ފްލެކްސިބަލް އެކްސްޗޭންޖް ރޭޓެއް ކަނޑައެޅުންފަދަ ދުރު ރާސްތާގެ ގިނަ އިޤްތިޞާދީ-މާލީ އިޞްލާޙުތަކެއް ކުރިއަށް އޮތް ތަނުގައި ގެންނާން ރާވާފައިވާ ކަމަށެވެ. ބޭންކްތައް މެދުވެރިކޮށް 100 މިލިޔަން ޑޮލަރު އިޤްތިޞާދުގެ ތެރޭގައި ދައުރުކުރެވޭނެކަން ކަށަވަރުކުރާން ފަތުރުވެެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރާން ޖެހޭ ގޮތަށް ގެނެސްފައިވާ ބަދަލުތަކުގެ އިތުރަށް ޑޮލަރުން ލިބޭ ހުރިހާ އާމްދަނީއެއް ދިވެހި ބޭންކްތަކަށް ޖަމާކުރުމާއި، ދިވެހި ބޭންކްތަކުގެ ޕީއޯއެސް މެޝިން މެނުވީ ބޭނުންކުރުން މަނާކުރަންވެސް ސަރުކާރުންދަނީ ވިސްނަމުންނެވެ.
ޢަލީ ޙާޝިމް މިނޫހާ ދެއްކެވި ވާހަކައިގައި ރިޒޯޓު އޯވްނަރުން ކުރަމުންދާ ސުވާލެއް ޙިއްސާ ކުރެއްވިއެވެ؛ ހުރިހާ ދިވެހި ރުފިޔާއަކުން ކުރާނީ ކޮން ކަމެއް ހެއްޔެވެ؟ އެކަމާމެދު ޢަލީ ޙާޝިމް ވިދާޅުވީ ބޭރު ޤައުމުތަކުގައި ބޭންކް ކުރާ ޑޮލަރަށް 3 އާއި 5 އިންސައްތައާ ދެމެދުގެ ފައިދާއެއް އިންޓަރެސްޓްގެ ގޮތުގައި ލިބޭ ކަމަށާއި، ދޭސީ ބޭންކްތަކުން ފައިނޭންސް ކަށަވަރު ކުރަން ދަތިވާ ރިޒޯޓް ޑެވަލޮޕަރުން، ގިނައިން ލޯނު ފެސިލިޓީތައް ހޯދަނީ ވިލާތުގެ ބޭންކްތަކުން ކަމަށެވެ. އެކަން ކުރެވޭން އޮންނަނީ ވިލާތުގައި ފައިސާ ބޭންކް ކޮށްގެން ކަމަށެވެ.
ސަރުކާރުން މަޖިލީހަށް ފޮނުވާފައިވާ އެހެން ބިލެއްގެ ދަށުން ފަތުރުވެރިކަމުގެ ތަކެއްޗާއި ޚިދުމަތުން ނަގާ ޓީޖީއެސްޓީ، ބޭރުގެ ބުކިންގް ޕްލެޓްފޯމުތަކާއި، ޓުވަރ އޮޕަރޭޓަރުންނާއި އޭޖަންޓުންގެ ކިބައިންވެސް ނަގާން ހުށަހަޅާފައިވެއެވެ. ފަތުރުވެރިކަމުގެ ޞިނާޢަތުން އުފައްދާ 5.6 ބިލިޔަން ޑޮލަރުގެ ތެރެއިން ދޭސީ ބޭންކްތަކުގައި ދައުރުވަނީ އެންމެ 3.2 ބިލިޔަން ޑޮލަރު ކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ނިމިދިޔަ ހަފްތާގެ ތެރޭގައި އެމްއެމްއޭއިން ވަނީ ދޭސީ ބޭންކުތަކަށް ދޫކުރާ ފައިސާގެ މިންވަރު 51 އިންސައްތަ ކުރިއަށް އޮތް 3 ހަފްތާގައި އިތުރުކުރާނެ ކަމަށް ބުނެފައެވެ. އެއީ 5 އިން 7 މިލިޔަން ޑޮލަރަށް ހަފްތާއަކު ދޫކުރާ މިންވަރު އިތުރު ކުރުމެވެ. އެކަމުގެ ސަބަބުން އިމްޕޯޓަރުންގެ މުދަލަށް ދައްކާންޖެހޭ ޑޮލަރު ހޯދާން ފަސޭހަވާނެކަމަށް މަރުކަޒީ ބޭންކުން ބުނެފައި ވެއެވެ. މިމަހުގެ ކުރީކޮޅު އެމްއެމްއޭގެ ބޯޑުންވަނީ މިނިމަމް ރިސަރވް ރިކުއަރމަންޓް 10.5 އިންސައްތައިން 11 އިންސައްތައަށް ބޮޑުކޮށްފައެވެ. އެއީ ކަސްޓަމަރުން ބޭންކް ކުރާންދޭ ފައިސާއިން އެންމެ މަދުވެގެން އަތްނުލާ ބަހައްޓާންޖެހޭ މިންވަރެވެ. ޑިސެންބަރު 2027 އާ ހަމައަށް 13 އިންސައްތައަށް އެމިންވަރު ބޮޑުކުރާން ރާވާފައި ވެއެވެ. މީގެ އިތުރުން 10 ނުކުތާގެ މައްޗަށް ބިނާކޮށްފައިވާ އޯޕަން މާކެޓް އޮޕަރޭޝަންތައްވެސް ސަރުކާރުން ހިންގާން ނިންމާފައި ވެއެވެ.
ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ޖަލްސާއެއްގައި މިމަހުގެ މެދު ތެރޭގައި ވާހަކަފުޅުދައްކަވަމުން ރައީސް ޢަބްދުالله ޔާމިން ވިދާޅުވީ ފިޔަވަޅު އަޅާން މާބޮޑުތަނުން ލަސްވެއްޖެ ކަމަށާއި، މިހާރުވެސް އަޅާން އުޅޭ ފިޔަވަޅު އެކަށީގެންވާ ވަރަށް ވުރެ ކުޑަ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ތަކެތީގެ އަގުތައް އުފުލި ކުރިއަށް އޮތީ އުނދަގޫ ދުވަސްތަކެއް ކަމަށެވެ.
ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު ނަގާ ނެގުމަށް ބަދަލުގެނެސް، އެމިންވަރު ބޮޑުކުރަން ނުފެންނަކަމަށް ރައީސް ޔާމިންވެސް ވިދާޅުވެއެވެ. އެގޮތުން ވަރަށް ގިނަ ރިޒޯޓުތަކަކީ ލޯނު ދައްކާ ނިމޭންދެން ބޮޑު ފައިދާގައި ހިންގާ ތަންތަން ނޫންކަމަށް ވިދާޅުވިއެވެ. އިދިކޮޅު އެމްޑީޕީގެ ޗެއަރޕާސަންކަމުގައި ހުންނެވި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އޮގަސްޓް 13 ގައި ބޭއްވި މުޒާހަރާއެއްގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ އެއްވެސް ރިޒޯޓަކަށް ލިބޭ ފައިދާ 20 އިންސައްތައަށްވުރެ ބޮޑު ނޫން ކަމަށާއި، އެމިންވަރަށް ވުރެ ބޮޑު އިންސައްތައެއްގެ ބޭރު ފައިސާ މާރުކުރަން މަޖުބޫރުކުރުވުމަކީ އިންވެސްޓަރުން ދިވެހިރާއްޖެއާ ފެޔަށް ޖެހޭނެ އަދި އެކަމުގެ ގެއްލުން ސިނާޢަތަށް ފޯރާނެ ކަމެއް ކަމަށެވެ.
އޮގަސްޓް 17 ވީ ހޯމަ ދުވަހުގެ ރޭ ޕީއެންއެފްގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމިން އިތުރަށް ވިދާޅުވީ ކަޅު ބާޒާރުގެ ޑޮލަރުގެ އަގުން ރަމްޒުކޮށްދެނީ އަދުގެ ސަރުކާރުގެ ނާޤާބިލުކަން ކަމަށެވެ. އިޤްތިޞާދުގައި އޮލަވެ، އިތުރުވެފައިވާ ފައިސާގެ މިންވަރު ކޮންޓްރޯލް ކުރުމުގެ ޤާބިލުކަން އެމްއެމްއޭގައިވެސް ނެތް ކަމަށެވެ.
ބައްޔެއްތަ؟ ނުވަތަ ބައްޔެއްގެ ޢަލާމާތެއްތަ؟
ރައީސް ޔާމިން ވިދާޅުވި ފަދައިން، އިކޮނޮމިކް މިނިސްޓަރ ސަޢީދު ވިދާޅުވަނީ ދިވެހި ރުފިޔާގެ އަގު ވެއްޓުމުގެ ފަހަތުގައިވަނީ އެމްޑީޕީގެ ސަރުކާރުގައި ކޯވިޑް19 ގެ ބަލިމަޑުކަމާ ގުޅިގެން ފައިސާ ޗާޕުކުރުން ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ 2021 ގައި އިމްޕޯޓުގެ ބޭނުމަށް ވިޔަފާރިވެރިންނަށް ބޭންކުތަކުން ދޫކުރަމުން ދިޔައީ މަހަކު 36.9 މިލިޔަން ޑޮލަރު ކަމަށާއި، އެޢަދަދު މިހާރު ހުރީ މަހަކު 81.2 މިލިޔަން ޑޮލަރުގައި ކަމަށެވެ.
ނިމިދިޔަ ހަފުތާގައި ”ސަންގު ޓީވީ“ އާއި ”އަދަދު“ ގުޅިގެން އިންތިޒާމު ކުރި ފޯރަމްގައި ވާހަކަދައްކަމުން އިޤްތިޞާދީ ތަޖުރިބާކާރުން ވިދާޅުވަމުން ދިޔައީ ކްރެޑިޓް ރޭޓިންގް ދަށްވުމުގެ ސަބަބުން އެކަށީގެންވާ ސަބަބުވެރި ހަމަތަކުން ލޯނު ލިބުން ދިވެހިރާއްޖެއަށް މަނާ ވުމާއި، ޚަރަދުކުޑަކުރުމާއި ދަރަނި މެނޭޖުކުރުމުގެ އެއްބަސްވުމަކަށް ނާދެވި ދޭދޭ ޤައުމުތަކާއި މާލީ ބައިނަލްއަޤްވާމީ އިދާރާތަކާއި އިންތިޒާމުތަކުގެ ތެރެއިން އެކަށީގެންވާ މާލީ އެހީތެރިކަން ނުލިބުމަކީ ބޭރު ފައިސާގެ ދަތިކަމުގެ ބައެއް ސަބަބު ކަމަށެވެ. ކުރީގެ ފައިނޭންސްޝަލް ކޮންޓްރޯލަރ އަޙްމަދު ސަރުވަޝް ވިދާޅުވީ ދަރަނި ދައްކާން ސޮވަރިން ޑެވަލޮޕްމަންޓް ފަންޑާއި، ޚަޒާނާއަށް ސަރުކާރުން އަތްބާނަމުން ދާ ކަމަށާއި، 524.68 މިލިޔަން ޑޮލަރުގެ ސުކޫކް އޭޕްރީލް 2026 ގައި ދެއްކީވެސް އެމަގުން ކަމަށެވެ. އެކަމުގެ ސަބަބުން އެތެރޭގެ ބޭނުންތަކަށް ބޭނުންވާ މިންވަރަށް ޑޮލަރު ނެތް ކަމަށެވެ.
ކަޅު ބާޒާރުގައި ޑޮލަރުގެ ރޭޓު ހުރި މިންވަރު ރިޕޯޓުކުރުން މަނާކުރާ ގޮތަށް ޤާނޫނަށް ގެންނާން ހުށަހަޅާފައިވާ އިޞްލާޙުތަކަކީ ޒިންބާބުވޭ އާއި ވެނެޒުއޭލާ ފަދަ ޤައުމުތަކުގައި އަޅާފައިވާ ބާވަތުގެ ޚުދްމުޚްތާރު ފިޔަވަޅުތަކެއްގެ ގޮތުގައި ސިފަކޮށް، ފާޑުކިޔުމާއި މަލާމާތް އަދި އަޅާކިޔުންތަކުގެ އަޑު ގުގުމާފައި ވެއެވެ.
އިނާޒް ރައީސް ޑރ މުޙައްމަދު މުޢިއްޒު ޓެގްކުރައްވާ ނަޞޭޙަތްތެރިވެ ވަޑައިންނަވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައިވަނީ ޤާނޫނާއި ސިޔާސަތު މެދުވެރިކޮށް ބޭރު ފައިސާގެ ބާޒާރު ކޮންޓްރޯލް ނުކުރެއްވޭނެ ކަމަށެވެ. ”އިގްތިސާދީ އަސާސްތަކަށް ގޮން ނުޖައްސަވާށެވެ.“ އިނާޒް ލިޔުއްވާފައި ވެއެވެ.
މިމޭރުމުން ސަރުވަޝް ލިޔުއްވާފައިވާ އެކްސް ޕޯސްޓެއްގައި ވިދާޅުވީ ބޭރު ފައިސާގެ ކަޅު ބާޒާރެއް އުފެދުމަކީ ބައްޔެއްގެ ޢަލާމާތެއް ކަމަށާއި އަޞްލު ބަލި ނޫން ކަމަށެވެ. އެހެން ދިމާވަނީ ޑޮލަރަށް އޮންނަ ޑިމާންޑަށް އެއްވަރެއްގައި ޑޮލަރު ސަޕްލައި ނުކުރެވޭތީ ކަމަށާއި، ޑޮލަރުގެ ހަމައަގު ފޮރުވުމަކުން އިމްޕޯޓަށް އޮތް ޑިމާންޑު ދަށްވެ ނުވަތަ ޑޮލަރު ގިނަވެ ނުވަތަ ޑޮލަރު ގަންނާން އުފުލާންޖެހޭ ބުރަޔަށް ލުޔެއް ނާންނާނެ ކަމަށްވެސް އޭނާ ލިޔުއްވިއެވެ.
ރެގިއުލޭޓަރުގެ ނަޒާހަތްތެރިކަން
”މޯލްޑިވްސް އިކޮނޮމީ“ ޖަރނަލްގައި ބުދަ ދުވަހު ޝާޢިއުކޮށްފައިވާ ކޮލަމެއްގައި ކުރީގެ އިކޮނޮމިކް މިނިސްޓަރ އަޙްމަދު މުޙައްމަދު ވިދާޅުވީ ބޭރު ފައިސާ މާރުކުރުމުގެ ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގެ ލައިސަންސާިއ ޤާނޫނީ ޞައްޙަކަމާމެދު ވަކި ގޮތެއް ކަނޑައަޅާން ޖެހޭ ކަމަށެވެ. އަދު ހުރި އިންތިޒާމުތަކުގެ ތެރެއިން ބޭނުން އަގެއްގައި ޑޮލަރު ގަނެ ވިއްކުމުގެ އިޚްތިޔާރު އެފަރާތްތަކަށް އޮތް ކަމަށާއި، އެރޭޓުތައް ފެންނަގޮތަށް ބަހައްޓާން ޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އަދި 12.85 ގެ މިންވަރުން 20 އިންސައްތަ މައްޗަށް ނުވަތަ ތިރިއަށް ރޭޓެއް ކަނޑައަޅާފައިވާ ވާނަމަ، އެއީ ފިކްސްޑް ރޭޓެއްކަމަށް ބެލެވިދާނެ ތޯއާއި، އެހެންނަމަ، ލައިސަންސް ދީފައިވާ ބޭރު ފައިސާ މާރުކުރާ ފަރާތްތަކަށް އެބޭންޑުގެ ބޭރުން ޑޮލަރު ވިއްކާ، ގަނެ ހެދިދާނެ ތޯއާއި، އެހެންނަމަ، އެ 20 އިންސައްތައިގެ ބޭންޑުގެ ބޭނުމަކީ ކޮބައިތޯ އޭނާ ސުވާލު އުފެއްދެވިއެވެ.
ބޭރު ފައިސާ މާރުކުރާ ތަންތަން ރެގިއުލޭޓުކޮށް، ލައިސަންސް ދިނުމުގެ އިތުރަށް ބޭރު ފައިސާ މާރުކުރުމުގެ ސިޔާސަތު އެކަށައަޅާ، ތަންފީޒުކުރަނީ އެމްއެމްއޭއިން ކަން ފާހަގަކުރައްވާ އަޙްމަދު މުޙައްމަދު ވިދާޅުވީ ޤާނޫނީގޮތުން ޞައްޙަ މުޢާމަލާތެއްގެ ހަމަތަކަކީ ކޮބައިކަން ވިއްކާ މީހުންނަށްވެސް އަދި ގަންނަ މީހުންނަށްވެސް އޮޅުންފިލާފައި އޮންނާން ޖެހޭ ކަމަށާއި، ޤާނޫނު ތަންފީޒުކުރުން ހަމަހަމަ ވާން ޖެހޭނެކަމަށް އޭނާ ލިޔުއްވިއެވެ. އަދި ޤާނޫނުގައި މަނާކޮށްފައިވާ ކަންކަމާގުޅޭގޮތުން ކަނޑައަޅާފައިވާ އަދަބުތަކާއި އެކި ބާވަތުގެ އޮބަހެއްޓުންތައް ތަންފީޒުކުރުމަކީ ކަމާބެހޭ ފަރާތްތަކުގެ ޒިންމާއެއްކަން ތަކުރާރު ކުރެއްވިއެވެ.
އެހެންވީމާ މިއީ ތަންފީޒު ކުރުމުގެ މައްސަލައެއް ކަމަށް އަޙްމަދު މުޙައްމަދު ވިދާޅުވިއެވެ.
މިނިވަން ނޫސްވެރިކަމަށް އެހީތެރިވެދެއްވާ
ބިރެއްނެތި ޚަބަރު ގެނެސްދިނުމަށް އެހީތެރިވެދެއްވާ
އެއްފަހަރު ދެއްވާ
$
ނުވަތަ
މެމްބަރަކަށް ވެލައްވާމަހަކު $5 އިން ފެށިގެން
