މުޅި އޭޝިޔާއިން ތެޅިފޮޅޭއިރު، ދިވެހި ސަރުކާރުން ބުނަނީ ކަންބޮޑުވުމެއް ނެތްކަމަށް
މިއަދު ހަނގުރާމަ ނިމުނަސް ތެލުގެ އަގު އުފުލުމުގެ ތުރާލުން މިންޖުވުން ދަތި.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
12 މާޗް
ޕާކިސްތާނުން ސްކޫލްތައް ބަންދު ކޮށްފިއެވެ. ބަންގްލަދޭޝް ގައި ޔުނިވާސިޓީތައް ބަންދު ކޮށްފިއެވެ. ތެޔޮ ވިއްކާ މިންވަރު ކޮންޓްރޯލް ކޮށްފިއެވެ. ޝްރީލަންކާގެ ރައީސް ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރު ކުރެއްވިއެވެ. އަދި ތެޔޮ ހުރި މިންވަރު ހާމަކުރެއްވިއެވެ. އިންޑިޔާ ސަރުކާރުން އިމާޖެންސީ އިޢުލާންކޮށް، އެތެރޭގެ ތެޔޮ އުފެއްދުންތެރިކަން އިތުރު ކޮށް، ކައްކާ ގޭސް ދޫކުރާ މިންވަރު ކޮންޓްރޯލް ކޮށްފިއެވެ.
ކެއްކުމާއި، ކަރަންޓާއި ދަތުރުފަތުރަށް ބޭރުގެ އިމްޕޯޓަށް މުޅިން ބަރޯސާކުރާ އަދި ސުކޫކް އަށް 500 މިލިޔަން ޑޮލަރު ދައްކާން ޖެހޭ ދުވަހަށް މަހަކަށްވުރެ ކުޑަތަންވެފައިވާ ދިވެހިރާއްޖެ މިއިން ފިޔަވަޅެއް އަދި ނާޅައެވެ.
މާރިޗު 3 ގައި ރައީސް ޑރ މުޙައްމަދު މުޢިއްޒު ނޫސްވެރިންނާ ބައްދަލު ކުރެއްވިއެވެ. ވިދާޅުވީ ކާބޯތަކެއްޗާއި، ޢާންމު މުދަލާއި، ތެލަށް ޖެހޭނެ ޙާލަތެއް އަޔަ ނުދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.
ވިދިގެން އައި ދުވަހު ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން ޑީސަލްގެ އަގު ލީޓަރެއް 3.62 ރުފިޔާއަށް ބޮޑު ކުރިއެވެ. ޕެޓްރޯލްގެ އަގުވެސް ބޮޑުކޮށްފައި ވެއެވެ. މިއީ މިފަހުން ތެލުގެ އަގު އެންމެ ބޮޑުވެގެން ދިޔަ ފަހަރެވެ. މިއާއެކު އިންޑިޔާ ކަނޑަށް ހަނގުރާމައިގެ ސީދާ އަސަރު ފޯރާން ފަށައިފިއެވެ. އިންޑިޔާގައި ޢަސްކަރީ ޑްރިލްތަކެއް ފުރިހަމަ ކުރުމަށްފަހު ފުރައިގެން އައި، އީރާނުގެ ޢަސްކަރީ އުޅަނދަކަށް ގާލީ، ޝްރީލަންކާގެ ދެކުނުން 20 ނޯޓިކަލް މޭލު ބޭރުން އެމެރިކާއިން ޓޯރްޕީޑޯ ޙަމަލާއެއް ދީ، ފައްތައިލާފައި ވެއެވެ.
ހަނގުރާމައަށް 13 ދުވަސް ވީއިރު، ދުނިޔޭގެ ބާޒާރުގައި ތެލުމުގެ އަގު ދަނީ އަދިވެސް އުފުލެމުންނެވެ. ގަލްފުގެ ޤައުމުތަކުގެ އެއާޕޯޓުތައް ހުޅުވައި، ވައިގެ ދަތުރުފަތުރު ފަށާފައެއް ނުވެއެވެ. ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ 35 އިންސައްތަ ފަތުރުވެރިން ދަތުރުކުރަނީ ގަލްފުގެ އެއާޕޯޓުތަކުން ލާފައެވެ.
ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ހަނގުރާމަ ފެށުމުގެ ކުރިން ހުރީ 67 ޔޫއެސް ޑޮލަރަށެވެ. އިޒްރޭލާއި އެމެރިކާއިން އީރާނަށް ފެބްރުއަރީ 28 ގައި ޙަމަލާ ދޭން ފެށުމާއެކު، މާރިޗު 9 ގައި އެއަގު ހުރީ ފީފާއެއް 199 ޔޫއެސް ޑޮލަރަށް އުފުލިފައެވެ. މިއީ މި ހަތަރު އަހަރު ތެލުގެ އަގު އެންމެ ބޮޑުވި ފަހަރެވެ. "ދާދި އަވަހަށް" ހަނގުރާމަ ނިމިދާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ، ޖީ7 ގެ ޤައުމުތަކުގައި ރައްކާކޮށްފައި ހުރި ތެޔޮ ރިޒާވްތަކުން ބާޒާރަށް ތެޔޮ ނެރޭނެކަން އިޢުލާން ކުރުމާއެކު، ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ މިހާރު 87 ޔޫއެސް ޑޮލަރަށް ތިރިވެފައެވެ.
ނަމަވެސް، ޙަމަލާ ބަދަލުކުރުން ހުއްޓާލުމަކުން ދިވެހިރާއްޖެއަށް މުޅިން ސަލާމަތެއް އަދި ނެތެވެ. ހަކަތައާބެހޭ ތަޖުރިބާކާރުން ލަފާކުރަނީ ހޮރްމުޒް ކަނޑު އޮޅި ހުޅުވި، ތެޔޮ ޓޭންކަރުތައް އާދައިގެ މަތިން ދަތުރު ކުރާން އަދި 2 މަސް ދުވަސް ނަގާނެއެވެ. އީރާނުން ބުނަނީ ހޮރްމުޒްގެ ހަނި ކަނޑުއޮޅި ބަންދު ކޮށްފައިވާ ކަމަށެވެ. މިކަމުން ތެޔޮ އެކްސްޕޯޓު ކުރާން އެރި ބުރޫތަކުގެ ސަބަބުން، ތެޔޮ ރައްކާކުރާ ފެސިލިޓީތައް ފުރި، ކުވެއިތު، ސަޢުދީ ޢަރަބިއްޔާ، ޤަޠަރު އަދި ޢިރާޤުން އެވަނީ ތެޔޮ އުފައްދާ މިންވަރު ދަށްކުރާން މަޖުބޫރު ވެފައެވެ.
އެހެންވީމާ ދިވެހިރާއްޖެއަށް އެންމެ ކުޑަމިނުން މެއި މަހާ ހަމައަށް ތެލުގެ ދަތިކަން ފޯރާނެއެވެ.
ދިވެހިރާއްޖެއަށް ތެޔޮ އެތެރެކުރަނީ އޮމާން އިންނެވެ. އޮމާންގެ ބަނދަރުތައް ހުރީ، ދުނިޔޭގެ 20 އިންސައްތަ ތެޔޮ ދަތުރުކުރާ ހޮރްމުޒްގެ ކަނޑު އޮޅިން ބޭރުގައެވެ. އެހެންނަމަވެސް އީރާނުން އެވަނީ އޮމާނަށްވެސް ޙަމަލާ ދީފައެވެ. އެހެންވީމާ ތެލުގެ އަގު އުފުލުން ނޫން ގޮތެއް ނުވެއެވެ. ދިވެހިރާއްޖޭގައި ތެޔޮ ރައްކާކުރެވޭން ހުރީ ނިސްބަތުން މަދު ޢަދަދަކަށެވެ. ރައީސް މުޢިއްޒު ވިދާޅުވީ ގާތްގަނޑަކަށް މަސް ދުވަހަށް ވާ ވަރަށް ތެޔޮ ރައްކާކޮށްފައި ހުރި ކަމަށާއި، މިއީ ތެޔޮ ރައްކާކުރާ ފެސިލިޓީތަކަށް ތަކާނެ އެންމެ ބޮޑު މިންވަރު ކަމަށެވެ.
ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި ދިވެހިރާއްޖެއިން އިންޑިޔާއަށް ކަނޑައަޅާފައި ހުންނަ ސަފީރުގެ މަޤާމު ފުރުއްވި އަޙްމަދު މުޙައްމަދު (އަންޑޭ) ހިސާބު ޖައްސަވާ ގޮތުގައި ތެލުގެ އަގު ބޮޑުވުމުން، ދުވާލަކަށް ތެލަށް ކުރާ ޚަރަދުގެ ބިލަށް މިލިޔަން ޔޫއެސް ޑޮލަރު، އިހަށްވުރެ އިތުރުވުން އެކަށިގެންވާ ކަމަށެވެ. މިހާރު އަހަރެއްގެ މައްޗަށް ތެލަށް ޚަރަދުކުރަނީ 710 މިލިޔަން ޔޫއެސް ޑޮލަރެވެ. 100 ޑޮލަރަށް ތެޔޮ ފީފާއެއް އެރީމާ އަހަރަކު 1 ބިލިޔަން ޔޫއެސް ޑޮލަރު ޚަރަދު ކުރާން ޖެހިދާނެ ކަމަށް އޭނާ މޯލްޑިވްސް އިންޑިޕެންޑެންޓު ގައި ވިދާޅުވެއެވެ.
95 އާއި 120 ޔޫއެސް ޑޮލަރާ ދެމެދު ތެޔޮ ފީފާއެއްގެ އަގު ހުންނަ ނަމަ، އަންނަ ދެތިން މަހުގައި 60 އާއި 120 މިލިޔަން ޑޮލަރާ ދެމެދުގެ މިންވަރެއް ތެލަށް ޚަރަދު ކުރާން މަޖުބޫރު ވާނެ ކަމަށާއި، ޙާލަތު ރަނގަޅުވިޔަސް، ކުރީ އަހަރަށްވުރެ، މިއަހަރު ދުވާލަކަށް 1 މިލިޔަން ޔޫއެސް ޑޮލަރު އިތުރަށް ތެލަށް ޚަރަދު ކުރަން ޖެހޭނެ ކަމަށް އަޙްމަދު މުޙައްމަދު ވިދާޅުވިއެވެ.
2022 ގައި ރަޝިޔާއިން ޔޫކްރޭނަށް އަރައިގަތުމުން ތެޔޮ ފީފާއެއްގެ އަގު 100 ޔޫއެސް ޑޮލަރަށް ވުރެ ބޮޑުވިއެވެ. ކަރަންޓުގެ އަގު ބޮޑު ނުކުރާކަމުން، ސަރުކާރުން ތެލުގެ ސަބްސިޑީއަށް ޚަރަދު ކުރާން ޖެހުނު މިންވަރު ހަގުނަ އިތުރުވެ، ޖުމުލަ 3.2 ބިލިޔަން ރުފިޔާއަށް އެރިއެވެ.
މި ޙާލަތު މެދުވެރިއިރު، ފެބްރުއަރީ 18 ގައި ފެށުނު ރަމަޟާން މަހުގެ ކަރަންޓު ބިލު 400 ރުފިޔާއަށް ވުރެ ބޮޑު ނުވާނެކަމަށް، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން ވަނީ އިޢުލާން ކޮށްފައެވެ.
ދިވެހިރާއްޖެ އެތެރެކުރާ ތެލުގެ ބޮޑު ބައި ބޭނުންކުރަނީ ކަރަންޓު އުފައްދާށެވެ. ކޮންމެ ރަށަކާއި، ރިޒޯޓެއްގައި ކަރަންޓު އުފައްދަނީ ޑީސަލް އަންދައިގެންނެވެ. ޑީސަލްގެ އަގު، ހަކަތައާބެހޭ އޭޖެންސީއިން ކަނޑައަޅާފައިވާ ބޭސް ރޭޓަށް ވުރެ (މާލެއާއި މާލެ ކައިރި ސަރަޙައްދުގައި ލީޓަރަކަށް 8 ރުފިޔާ އަދި އަތޮޅުތަކުގައި ލީޓަރަކަށް 8.10 ރުފިޔާ) ބޮޑުވީމާ، ސްޓެލްކޯ އާއި ފެނަކަ ފަދަ ޔޫޓިލިޓީ ކުންފުނިތަކުން ކަރަންޓު ބިލަށް ފިއުލް ސާރޗާޖެއް ލައެވެ.
އަޙްމަދު މުޙައްމަދު ވަނީ ހުރިހާ އެންމެންނަށް އެއް ހަމައެއްގައި ދޭ ތެލުގެ ސަބްސިޑީ މިދޭގޮތަށް ދީދީ ތިބޭން ސަރުކާރަށް ކުޅަދާނަ ވާނެތޯ ސުވާލު އުފައްދަވާފައެވެ. "އެހެންވީމާ އަޅުގަނޑުމެން މިޖެހެނީ ސަބްސިޑީ ޓާގެޓްކޮށްފައި، ޙަޤީޤަތުގައިވެސް ލުއި ބޭނުންވާ މީހުން ބަލައިގެން ދޭން،" އޭނާ ވިދާޅުވިއެވެ.
ކުންފުނި ތަޞްފިޔާ (ލިކުއިޑޭޓު) ކުރަން ޖެހިދާނެ
ރިޒޯޓުތަކުން ދެ ގެއްލުމާ ކުރިމަތިލާން ޖެހެއެވެ. އެއީ ކަރަންޓު އުފައްދާން ބޭނުންވާ ޑީސަލް ގަންނާން ލިބޭ އަގު ބޮޑުވުމާއި، ސީޕްލޭން، ސްޕީޑުބޯޑު އަދި ފެރީގެ ތެލުގެ ޚަރަދު ބޮޑުވުމާއެކު، ފަތުރުވެރިން އަންނަ މިންވަރު މަދުވާތީއެވެ.
މާރިޗު މަހުގެ ފުރަތަމަ 10 ދުވަހު ދިވެހިރާއްޖެއަށް 49،962 ފަތުރުވެރިން ޒިޔާރަތް ކުރިއެވެ. މިއީ އޭގެ ކުރީ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 65،545 ފަތުރުވެރިންނާ އަޅާކިޔާއިރު، 15،500 ފަތުރުވެރިންގެ މަދު ވުމެކެވެ. 23.8 އިންސައްތައިގެ ދަށް ވުމެކެވެ.
ފަތުރުވެރިން އެންމެ މަދުވީ މާރިޗު 2 ގައެވެ. ކުރީ އަހަރުގެ މާރިޗު 2 ވަނަ ދުވަހު 8128 ފަތުރުވެރިން ދިވެހިރާއްޖެ އައެވެ. މިއަހަރު އެދުވަހު އައީ 50 އިންސައްތަ މަދުން، އެންމެ 4107 ފަތުރުވެރިންނެވެ. ނަމަވެސް، ނިމިދިޔަ ހަފްތާގެ މެދެއްހާ ތަނުން ފެށިގެން ނަންބަރުތައް ހިސާބަކަށް ރަނގަޅުވާން ފަށައިފިއެވެ. މާރިޗު 8 ވީ އާދިއްތަ ދުވަހު 5866 ފަތުރުވެރިން ދިވެހިރާއްޖެ އައެވެ. މިއީ ހަނގުރާމަ ފެށިފަހުން ނަންބަރުތައް މައްޗަށް ޖެހުނު ފުރަތަމަ ފަހަރެވެ. ނަމަވެސް އަނެއްކާވެސް މާރިޗު 9 ވީ ހޯމަ ދުވަހުގެ ނަންބަރުތައް ހުރީ ނާއުންމީދުގެ މިސްރާބުގައެވެ. ދިވެހިރާއްޖެ އައި ކަމަށް ރެކޯޑު ކޮށްފައިވަނީ އެންމެ 4225 ފަތުރުވެރިންނެވެ. މިއީ ވޭތިވެދިޔަ އަހަރުގެ މިދުވަހާ އަޅާކިޔާއިރު 39 އިންސައްތައިގެ ދަށްވުމެކެވެ. އަދި ހަނގުރާމަ ފެށުނު ފަހުން ދެވަނައަށް އެންމެ މަދުން ފަތުރުވެރިން އައި ދުވަސްވެސް މެއެވެ.
ގަލްފުގެ އެއާލައިންތަކުގެ އޮޕަރޭޝަންތައް ހިސާބަކަށް ފެށޭތޯ ދަނީ މަސައްކަތްކުރަމުންނެވެ. އެމިރޭޓްސް - ގަލްފްގެ އެންމެ ބޮޑު އެއާލައިން އޮޕަރޭޓަރުވަނީ މާރިޗު 7 އާ ހަމައަށްށް އޮޕަރޭޓުކުރަމުން ދިޔައީ އެންމެ 60 އިންސައްތަ ފްލައިޓެވެ. އެއީ ދުވާލަކު 30،000 އެއްހާ ފަސިންޖަރުންނެވެ. ހަނގުރާމައިގެ ކުރިން 280،000 ފަސިންޖަރުން ދުވާލެއްގެ މައްޗަށް ދުބާއީ އެއާޕޯޓު ބޭނުންކުރެތެވެ. ނަމަވެސް ޤަޠަރު އެއާވޭޒް އެއްކޮށް ހުއްޓިފައިވެއެވެ. ޤަޠަރު ޢަސްކަރިއްޔާއިން ދުއްވާ ބޯޓުތައް މެނުވީ ވައިގެ އުދުހުންތަކެއް ނެތެވެ. އެއީވެސް ހަނި ސަރަޙައްދެއްގެ ތެރެއިން، ތާށިވެފައި ތިބި މީހުން އުފުލާން ކުރާ ދަތުރު ތަކެކެވެ. ވިލާތުގެ އޭވިއޭޝަން ސޭފްޓީ އޭޖެންސީއިން ލަފާދެނީ، ޔޫއޭއީ، ޤަޠަރު އަދި ސަޢުދީ ޢަރަބިއްޔާ ހިމެނޭހެން މެދުއިރުމަތީގެ 11 ޤައުމެއްގެ ވައިގެ ސަރަޙައްދު އެއްގޮތަަކަށް ބޭނުން ނުކުރުމަށެވެ. ހިސާބަކަށް ވައިގެ ދަތުރުތައް ފެށިނަމަވެސް، އީރާނުން މިސައިލު ބުރެއް އަލުން ފަށައިފާނެކަމުގެ ބިރުވެރިކަން އޮތަތީ އިހެކޭ އެއްގޮތަކަށް ދަތުރުތައް ފެށޭނެ އިރެއް އަދި ނުއެނގެއެވެ.
ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުގެ ފުރާ ފްލައިޓުތަކުގެ ބޯޑުން މަންޒަރު ސާފުކޮށް ދައްކައިދެއެވެ. ކުރިއަށް އޮތް ތިން ދުވަހަށް ތާވަލުކޮށްފައިވާ 25 ފްލައިޓު އޮތީ ކެންސަލު ވެފައެވެ. ހުކުރު ދުވަހާ ހަމައަށް ޤަޠަރު އެއާވޭޒްގެ ހުރިހާ ފްލައިޓެއް ކެންސަލު ވެފައެވެ. އަބޫދާބީއިން އަންނާން އޮތް އިއްތިޙާދުގެ ފްލައިޓުތައް ބުރާސްފައްޗާއި ހުކުރުގައިވެސް ކެންސަލެވެ. ބަޙްރެއިންގެ ހުރިހާ ފްލައިޓެއް ކެންސަލެވެ. އެއްވެސް ގޮތަކަށް އުދުހޭ ގޮތަށް ހަމަޖެހިފައި އޮތީ އެމިރޭޓްސްއެވެ.
ކެންސަލު ނުވެ ހުރީ ކޮޅުނބު، ދިއްލީ، ބެންގަލޫރު، ޓްރިވެންޑްރަމް، ކޮއްޗޭ، ކުއަލަލަންޕޫރް، ސިންގަޕޫރު، ބެންކޮކް، ޝަންގްހާއީ، އިސްތަންބޯލް، މޮސްކޯ، އަދި ލަންޑަނުން އައިސްގޮސްވާ ފްލައިޓުތަކެވެ.
ވިލާތުގެ ފަތުރުވެރިންނަށް ޚާއްޞަ ޓްރެވަލް އޮޕަރޭޓަރުންނަށް މި ޙާލަތަކީ މަރުގެ އެތިފަހަރެކެވެ.
ނިމިދިޔަ އަހަރު ދިވެހިރާއްޖެއަށް 2.25 މިލިޔަން ފަތުރުވެރިން ޒިޔާރަތް ކުރިއެވެ. އޭގެތެރެއިން ދެބައިކޮށްފައި އެއްބައި މީހުން އައީ ވިލާތުގެ ޤައުމުތަކުންނެވެ. އޭގެތެރޭގައި އެންމެ ގިނައީ އިނިގިރޭސިވިލާތް، ޖަރުމަނުވިލާތް، އިޓަލީވިލާތް އަދި ފަރަންސޭސިވިލާތުގެ ފަތުރުވެރިންނެވެ. އެބައިމީހުން ދިވެހިރާއްޖެ ދަތުރުކުރަނީ ދޯހާ މެދުވެރިކޮށް ޤަޠަރު އެއާވޭޒް އިންނާއި، ދުބާއީ މެދުވެރިކޮށް އެމިރޭޓްސް އިންނާއި، އަބޫދާބީ މެދުވެރިކޮށް އިއްތިޙާދުންނެވެ.
ދިވެހިރާއްޖެއަށް ޚާއްޞަކޮށްގެން އިނގިރޭސިވިލާތުގައި 38 އަހަރުވާންދެން ހިންގަމުން އައިސްފައިވާ ޓްރެވަލް އޮޕަރޭޓަރެއް ކަމަށްވާ ޕިޔޮލީ މޯލްޑީވްސްގެ އިން ބުނީ އެކުންފުނި ބަނގުރޫޓުވާ ހިސާބަށް ގޮސްފައިވާކަމަށާއި، އެންމެ ބޮޑު މައްސަލައަކީ ދިވެހިރާއްޖޭގެ ހޮޓާތަކުން ރީފަންޑު ދޭ އުޞޫލާއި، އިނގިރޭސިވިލާތުގެ ޤާނޫނުގައި ރީފަންޑު ދިނުމުގެ ހަމަތައް ތަޢާރުޟުވާތީ ކަމަށެވެ.
އެއާލައިންތަކުން ފްލައިޓުތައް ކެންސަލުކުރަމުންދަނީ 6 ދުވަހުގެ ނޯޓިސް ދީފައި ކަމަށާއި، އިނގިރޭސި ކޮންސިއުމާރ ޕްރޮޓެކްޝަން ޤާނޫނުތަކުގެ ދަށުން، ކެންސަލުވާ ޗުއްޓީ ދަތުރެއްނަމަ، އެއްކޮށް ރީފަންޑު ކޮށްދޭން ޖެހެއެވެ.
"އައުމުގެ 7 ދުވަސް ތެރޭގައި ކެންސަލު ކޮށްފީވިއްޔާ، ރިޒޯޓުތަކުން ރީފަންޑެއް ނުދޭ، އެދެނީ ބުކިންގް ދުވަސްތައް އެއަހަރެއްގެ އެހެން ދުވަސްވަރަކަށް ބަދަލުކުރަން، މިއީ އިނގިރޭސި ޤާނޫނާ ޚިލާފު ކަމެއް،" މޯލްޑިވްސް އިންޑިޕެންޑެންޓާ ވާހަކަދައްކަމުން އެކުންފުނީގެ އޮފިޝަލް ރިޗާޑް އަޔަރ ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ކުންފުނި ތަޞްފިޔާ (ލިކުއިޑޭޓު) ކުރާން މަޖުބޫރުވާ ޙާލަތަކަށް ދިއުމުގެ ބިރު ބޮޑުކަމަށް އޭނާ ވިދާޅުވިއެވެ.
ގޫގްލް ފްލައިޓްސް އިން ދައްކާ ގޮތުގައި އިނގިރޭސިވިލާތަށް އެނބުރި ދާން ބޭނުންވާ މީހާ ވާޖިން އެޓްލާންޓިކްގެ ޓިކެޓަކަށް 7000 ޕައުންޑު ދައްކާން ޖެހޭނެއެވެ. ކުރިން އެރޫޓަށް ދައްކާން ޖެހެނީ ގިނަވަގެން 2000 ޕައުންޑެވެ. އަބޫދާބީފަދަ ރޮކެޓު ޙަމަލާތައް އަމާޒުވަމުންދާ އަދި ދަތުރުނުކުރާން ސަރުކާރުތަކުން އިންޒާރުކުރާ ރަށްތައް މެދުވެރިކޮށް 850 އެއްހާ ޕައުންޑަށް އިނގިރޭސިވިލާތަށް ދަތުރުކުރެވޭން އެބަހުއްޓެވެ.
ގަލްފުގެ ޤައުމުތަކުގައި ޓްރާންސިޓުކޮށްފައި ދިވެހިރާއްޖެއަށް ދަތުރުކުރާނަމަ، ފްލައިޓުތައް ކެންސަލުވުމުގެ ބިރު އޮތްކަމަށް ބުނެ، ޔޫކޭ ފޮރިން އޮފީހުން އިންޒާރު ކޮށްފައިވެއެވެ. އަދި ފުރުމުގެ ކުރިން އެއާލައިންތަކާއި، ޓުވާ އޮޕަރޭޓަރުން ކުރެން މަޢުލޫމާތު އޮޅުންފިލުވައި، ޙާލަތު ބަލައި، ރަނގަޅަށް ވަޒަންކުރާންވެސް އެދިފައިވޭމެއެވެ.
ކިހާ ދުވަހަކަށް ފްލައިޓުތައް ކެންސަލުވަމުން ހިނގައިދާނެތޯ ސުވާލު ދެންނެވުމުން އަޔާރ ވިދާޅުވީ "އެކަން ބިނާވަނީ މިސްޓަރ ޓްރަމްޕް ނިންމަވާ ގޮތަކަށް. ހަތް ދުވަހަށް ނުވަތަ ހަތް މަސް ދުވަހަށްވެސް ދެމިގެން ހިނގައިދާނެ،" އޭނާ ވިދާޅުވިއެވެ.
ހަނގުރާމައިގެ ސަބަބުން ބުރޫ ނާރާ ވައިގެ ދަތުރުތަކެއް އެބަހުއްޓެވެ. އެއީ ޕްރައިވެޓް ޖެޓް ދަތުރު ތަކެވެ. ބުދަ ދުވަހު އެކަނިވެސް ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓަށް 16 ޕްރައިވެޓް ޖެޓު ޖައްސާން ތާވަލުކޮށްފައި ވެއެވެ. މިމިންވަރަށް ޢާންމުކޮށް ޕްރައިވެޓް ޖެޓް އިތުރުވަނީ ކްރިސްމަސް އަދި އާ އަހަރުގެ ޗުއްޓީއާ ދިމާކޮށެވެ.
އިނާރ މޯލްޑިވްސްގެ ވެރިޔާ މުޙައްމަދު ފިރާޤް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕްރައިވެޓް ޖެޓް ޖައްސާން ފަސޭހަކުރުމަށާއި، އެކަމަށް ހިތްވަރުދޭން ކަމާބެހޭ ފަރާތްތަކުން ޚާއްޞަ ފިޔަވަޅުތަކެއް އެޅުން ބޭނުންތެރި ކަމަށާއި، ގަމާއި، ހަނިމާދޫއަކީ މިކަމަށް އެކަށީގެންވާ ސަލާމަތްތެރި އެއާޕޯޓުތަކުގެ ގޮތުގައި އިޝްތިހާރު ކުރުމުގެ ބޭނުންތެރިކަން އިހުނަށްވުރެ އިތުރުވެފައިވާ ކަމަށެވެ.
ދިވެހިރާއްޖޭގައި 30 އަހަރަށްވުރެ ގިނަ ދުވަހު ސަފާރީ އުޅަނދުފަހަރުގެ އިޕަރޭޓުކޮށްފަިއވާ ސްޕޭނަށް ނިސްބަތްވާ ބްލޫ ފޯސް ފްލީޓުން ޓުވަރ އޮޕަރޭޓަރުންނަށް އަންގާފައިވަނީ ހަފްތާއަކު އެއްފަހަރު އަޅާ ދަތުރުތައް ނުހުއްޓި ކުރިއަށްދާނެ ކަން ޔަޤީންކޮށްދޭ ކަމަށާއި، ރާއްޖެއިން ނުފުރި ތިބޭންޖެހޭ ފަތުރުވެރިންނަށް 50 އިންސައްތަ ޑިސްކައުންޓެއް ދޭން ހަމަޖެހިފައިވާ ކަމަށެވެ.
ރަނގަޅަށް ވާހަކައެއް ނުދެކެވޭ، މަޢުލޫމާތު ފޯރުކޮށެއް ނުދެވޭ
އޭޝިޔާގެ ޤައުމުތަކުން ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަމުންދާއިރު، ދިވެހި ސަރުކާރުން ހަނު އޮތްކަމަށްޓަކައި ފާޑުކިޔުން އަމާޒުވެފައި ވެއެވެ.
އަޙްމަދު މުޙައްމަދު ވިދާޅުވީ ކެބިނެޓްގެ ޚާއްޞަ ކޮމިޓީއެއް މިހަނގުރާމައިގެ ދަތިކަމާ ވިއްދާ ނަގާފައިވީ ނަމަވެސް، ވާނުވާ ރަނގަޅަށް އޮޅުންފިލުވައިދީ، ޞައްޙަ މަޢުލޫމާތު ސާފުސީދާކޮށް ފޯރުކޮށްދެމުން ނުދާ ކަމުގެ ކަންބޮޑުވުން އޮތްކަމަށެވެ. އެގޮތުން އަޅަން އުޅޭ ފިޔަވަޅެއް، އަޅާފައިވާ ފިޔަވަޅެއް އަދި ވާން އުޅޭ ގޮތެއްވެސް ސާފުނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ޕެޓްރޯލްވެސް ކޮންޓްރޯލް ކޮށްގެން ވިއްކާން އިންޑިޔާއިން ނިންމާފައިވާ ކަމަށާއި، ކޮންމެ ފިޔަވަޅަކީ އެންމެން ރުހޭނެ ފިޔަވަޅަކަށް ނުވާނެ ނަމަވެސް، ފިޔަވަޅު އަޅައި، އެފިޔަވަޅުތައް ސާފުކޮށްދެމުން ދިއުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ.
އާދިއްތަ ދުވަހު މޯލްޑީވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރެލީއެއްގައި ވާހަކަފުޅުދައްކަވަމުން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ރާއްޖެފަދަ އިފަތުރުވެރިކަން ކަމަށްވިޔަސް، އަދި ތެލާއި، ކާބޯތަކެތި ކަމަށްވިޔަސް، ބޭރަށް ނުވަތަ އިމްޕޯޓަށް ބަރޯސާވެފައިވާ ޤައުމެއްގައި، ޢާންމުނަށް ވާނުވާ ތެދުބަހުން ހާމަކޮށް، ސާފުކޮށްދިނުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެއް ކަމަށެވެ.
އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރުގެ މަޤާމު ފުރުއްވާފައިވާ އެމްޑީޕީއަށް ނިސްބަތްވެ ވަޑައިންނަވާ ޙުސެއިން ޢަމްރުވެސް ވިދާޅުވީ ތެލުގެ އަގު ބޮޑުވަމުންދާ ވަރަކަށް ބޭނުންކުރެވޭ ޙާލަތުގައި ރައްކާކޮށްފައި ހުރި ޔޫއެސް ޑޮލަރަށް އަރާ ބާރު ބޮޑުވަމުންދާނެ ކަމަށާއި، މިޙާލަތަށް ތައްޔާރުވެފައިވާ މިންވަރު ހާމަކޮށްދިނުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެއް ކަމަށާއި، މިއީ ހަނު ތިބޭންވީ ވަގުތު ނޫންކަމަށެވެ.
ނިމިދިޔަ ހަފްތާގައި ނޫސްވެރިންނާ ބައްދަލުކުރައްވާ އިކޮނޮމިކް ޑެވަލޮޕްމަންޓް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ 30 އިންސައްތައާ ހަމައަށް ތެލުގެ އަގު އުފުލިފައިވީ ނަމަވެސް ކަންބޮޑުވުމެއް ނެތް ކަމަށާއި، ދިވެހިރާއްޖެ ތަލަށް ނުޖެހޭނެ ކަމަށެވެ.
އަދި މިޙާލަތުގެ ކަންކަން ބަލާން ނެގި ކެބިނެޓް ގެ ކޮމިޓީއިން ކެނޑިނޭޅި މަސައްކަތް ކުރަމުންދަނީ އެހެނިހެން މަންޒިލުތަކުން މުދަލާއި، ތެލާއި، ފަތުރުވެރިން ގެންނާން ކަމަށެވެ. ފަތުވެރިކަމުގެ ސިނާޢަތުގެ ނާޒުކުކަން ޤަބޫލުކުރައްވާ، މިނިސްޓަރގެ ވާހަކައިގައި އިތުރަށް ވިދާޅުވީ ކޯވިޑް19 ގެ ބަލިމަޑުކަމުން ދިވެހިރާއްޖެ އަރައިގަތް ގޮތުންވެސް ދިވެހިރާއްޖޭގެ އިޤްތިޞާދުގެ ވިލުންވެރިކަން ފެނި ހާމަވާ ކަމަށެވެ.
ޚަބަރު ޝާޢިއުކުރިއިރު މިނިސްޓަރ ސަޢީދުވެސް އަދި ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު ހީނާ ވަލީދުވެސް ފޯނަކަށް ޖަވާބެއް ނުދެއްވައެވެ. ސަރުކާރުގެ އޮފީސްތައް ހުރީ ރަމަޟާން މަހުގެ ފަހު 10 އަށް ބަންދުކޮށްފައެވެ.
ހަ މަސް ދުވަހުގެ ފުރުޞަތެއް
އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުދަ ދުވަހު ޙުސެއިން ޢަމްރު ވިދާޅުވީ ތެޔޮ އަގުބޮޑުވުމުގެ ދަތިކަމާއި އުނދަގުލާ ދިވެހިރާއްޖެ ކުރިމަތިލާންޖެހޭނީ އަދި ތަންކޮޅެއް ފަހުން ކަމަށެވެ. އެގޮތީ ތެލަށް އެސްޓީއޯއިން ފައިސާ ދައްކަނީ ޑެލިވާކުރާތާ ހަމަސް ދުވަސް ފަހުން ކަމަށް ވާތީއެވެ. "އެހެންވީމާ މިއަދު މިފައިސާ ދައްކަނީ މީގެ ހަމަސް ދުވަސް ކުރިން އިމްޕޯޓު ކުރި ތެލަށް،" އޭނާ ވިދާޅުވިއެވެ.
އެހެންނަމަވެސް މި ހަމަސް ދުވަހުގެ ފުރުޞަތު މިދަނީ ބަންދު ވާންށެވެ. ހަނގުރާމަ އަވަހަށް ނިމުމަކަށް އަޔަސް، 90 އާއި 120 ޔޫއެސް ޑޮލަރާއި ދެމެދުގެ ތެޔޮ ފީފާގެ އަގުގެ ބިލު އަންނާނީ އޮގަސްޓާއި ސެޕްޓެންބަރު ގައެވެ. މިހާރު ސަރުކާރުން ފިޔަވަޅު ނާޅައިފީވިއްޔާ، އޭރުން ކުރިމަތިލާންޖެހޭ ދަތިކަން ބޮޑުވާނެކަމަށް ޙުސެއިން ޢަމްރު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މިއަދު ތެލަށް ކުރާ ޚަރަދު، މާދަމާ ދެގުނަ ވީމާ، އިއްޔެ ދެމަސްދުވަހަށް ފުދޭވަރަށް ހުރި ފައިސާއިން މާދަމާ ފުދޭނީ އެއްމަސް ދުވަހުގެ ތެލަށް ކަމަށާއި، މިއާއެކު ޑޮލަރުގެ އަގު އުފުލި އިމްޕޯޓު މުދަލުގެ އަގު ބޮޑުވެގެން ދިއުމަކީ އެންމެ ބޮޑު އެއް ކަންބޮޑުވުން ކަމަށެވެ. މިކަންކަމުގެ މައްޗަށް ވިސްނައި، ބޮޑެތި އިޤްތިޞާދު ތަކުންވެސް ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށާއި، ދިވެހިރާއްޖެއިން އެމަންޒަރު ނުފެނުމަކީ ހިތާމައެއް ކަމަށް ޙުސެއިން ޢަމްރު ވިދާޅުވިއެވެ.
ޝްރީލަންކާފަދަ އަވަށްޓެރި ޤައުމުތަކުގައި ތެލާއި، ކައްކާ ގޭހަށް ޖެހިދާނެ ކަމަށްޓަކައި، ބޮޑެތި ކިއުތައް ސްޓޭޝަންތައް ދޮށުގައި ހަދާފައި ވެއެވެ. ނަމަވެސް ދިވެހިރާއްޖޭގައި އިޢުލާން ކުރާތީ ފެނުނީ ގްރޭޓަރ މާލޭ ސަރަޙައްދުގައި 3 ދުވަސް ވާންދެން ޢަސްކަރިއްޔާއިން ބާއްވާ ޢީދުގެ އިޙްތިފާޟުތަކެވެ. ތެޔޮ އެތެރެކުރާން ޙަވާލުވެފައިވާ އެސްޓީއޯ، ކަރަންޓު އުފައްދާން ޙަވާލުވެފައިވާ ސްޓެލްކޯ ހިމެނޭހެން މި ކުޅިވަރުތަކުގައި ބައިވެރިވާނެ އެވެ. މާލެއާއި ރަށްރަށުގެ މަގުތައްދަނީ ކުލަ ބޮތްކާއި ގިޑިގެ ޖަހައި، ޒީނާތްތެރި ކުރަމުންނެވެ.
ނުފުރިފައި ތިބި ފަތުރުވެރިން
ފްލައިޓުތައް ކެންސަލުވުމާއެކު، ފުރަތަމަ ދެ ދުވަހު އެކަނިވެސް ދިވެހިރާއްޖޭގައި 5000 އެއްހާ ފަތުރުވެރިން އެނބުރި ޤައުމަށް ނުދެވި، ތާށިވިއެވެ. ތާށިވި ފަތުރުވެރިންގެ ތެރޭގައި މާލެއިން ދުބާއީއަށް ފުރި ނަމަވެސް އަނބުރާލަން ޖެހުނު، އިޓަލީވިލާތުގެ ރެޕަރު ބިގްމަމާ ހިމެނޭހެން އެޤައުމަށް ނިސްބަތްވާ 200 ފަތުރުވެރިން ހިމެނެއެވެ. އަދި އެމެރިކާގެ ދެމަފިރިއެއް ހިމެނޭ މެއެވެ.
40 ވަނަ އުފަންދުވަސް ފާހަގަކުރާން ދިވެހިރާއްޖެ އައި އިނގިރޭސިވިލާތަށް ނިސްބަތްވާ ދެމަފިރިން ޖެހުނީ ބަޙްރެއިނަށް ދިވެހިރާއްޖެއިން ފުރާން އޮތް ފްލައިޓު ކެންސަލްވުމުން 500 ޕައުންޑް ރެޔަކަށް ދައްކައިގެން ހޮލިޑޭއިން އަށް ކުރި ދަތުރު ވަކި މުއްދަތެއް ނޭނގޭގޮތުގައި ދިގު ކުރާން ޖެހިފައެވެ. ޓްރެވަލް އިންޝުއަރަންސްގެ ދަށުން ހަނގުރާމައިގެ ޙާލަތު ކަވަރެއް ނުކުރެއެވެ. "ފުރަތަމަ އިތުރު ދެތިން ދުވަހު މަޑުކުރަން ޖެހުނީމާ އަހަރުމެން ތިބީ އުފަލުން،" ޔޯކްޝަޔަރ ޕޯސްޓުގައި ލޯރެން ހިގިންސް ވިދާޅުވިއެވެ.
މިހަފްތާގެ ކުރީކޮޅު، ޓްރެވަލް އޭޖެންސީއެއް އޮޕަރޭޓަރު މުޙައްމަދު ފިރާޤް ވަނީ ހޮޓާތަކާއި ގެސްޓް ހައުސްތަކާއި އެހެނިހެން ޚިދުމަތްތަކުން ފަތުރުވެރިންގެ އަތުން އާދަޔާ ޚިލާފު ބޮޑު އަގު ނެގިޔަ ނުދީ ކޮންޓްރޯލް ކުރުމަށާއި، ޙާލަތު މޮނީޓާކުރާން ޓާސްކްފޯހެއް އެކުލަވާލަން ގޮވައިލާފައެވެ. އަދި ފްލައިޓު ކެންސަލުވުމުގެ ސަބަބުން ނުފުރި ތިބޭންޖެހިފައިވާ 1500 އެއްހާ ފަތުރުވެރިންނަށް ޚާއްޞަ އެފްއައިޓީ ރޭޓުތަކެއް ހޮޓާތަކުން ހަމަޖައްސައި ދިނުމަށްވެސް ގޮވައިލާފައެވެ. އޭނާ ވިދާޅުވީ މިއީ ދިވެހިރާއްޖެއާއި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ އަގާއި ނަން ނަގަހައްޓާން މުހިންމު ފިޔަވަޅެކެވެ.
މާރިޗު 7 ގައި، ވިޒިޓް މޯލްޑިވްސް ކޯޕަރޭޘަން އިންވަނީ ނުފުރި ތާށިވި ފަތުރުވެރިން ފުރުވައިލާން 8 ފްލައިޓު ހަމަޖައްސާފައިވާ ކަަމަށް ބުނެފައެވެ. އޭގެތެރޭގައި ޚާއްޞަކޮށް ޖަރުމަނުވިލާތާއި ފަރަންސޭސި ވިލާތް ހިމެނެއެވެ. އަދި މިދަތިކަން ދިމާވެފައިވާ ފަތުރުވެރިންނަށް ޚިދުމަތްދޭން ޚާއްޞަ ކައުންޓަރުތަކެއް ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީއާއެކު ޤާއިމުކޮށްފައެވެ.
ނުފުރި ތިބި ފަތުރުވެރިން ފުރުވައިލާން ޗާޓަރު ކުރި ފްލައިޓުތަކުގައި 120 ބަލްގޭރިޔާ އަދި އެތައް ސަތޭކަ ޕޯލަންޑް ފަތުރުވެރިން ލޮޓް ޕޯލިޝް އެއާލައިންސްގައި ފުރުވައިލާފައި ވެއެވެ. ކޮސްޓާ ޑެލިޒިއޯސާ ގައި 28 އިޓަލީ ފަތުރުވެރިން ފުރުވައިލިއެވެ. ޓީޔޫއައި އިން ޑެންމާކަށް ނިސްބަތްވާ ފަތުރުވެރިން ފުރުވައިލިއެވެ. ޖަޕާނުގެ އެއާފޯސް މަތިންދާބޯޓެއްގައި އާދިއްތަ ދުވަހު ޖަޕާނުގެ ފަތުރުވެރިންވަނީ މެދުއިރުމަތިން އަނބުރާ ޖަޕާނަށް ގެންގޮސްފައެވެ.
ވިޒިޓް މޯލްޑިވްސް އިން މިހާރު އަމާޒު ހިފާފައިވަނީ ވިލާތުން އަންނަ ފަތުރުވެރިން މަދުވުން ފޫބައްދާން ޗައިނާ، އިންޑިޔާ، ރަޝިޔާ އަދި އޭޝިޔާގެ އެހެނިހެން މާކެޓުތަކުން ދިވެހިރާއްޖެއަށް ފަތުރުވެރިން އިތުރަށް ގެންނާށެވެ. މިއީ މެދުއިރުމަތީގައި ހަނގުރާމައިގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ބުރޫއެރުން ކުޑަ ހިސާބުތަކެވެ.
މީގެ އިތުރުން ވިޒިޓް މޯލްޑީވްސް އިން ބުނަނީ މި ދަތިކަމުން އަރައިގަންނާން ފަތުރުވެރިކަމުގެ ސިނާޢަތުގައި ބައިވެރިވާ އެންމެހާ ޙިއްސާދާރުންނާއި ފަރާތްތަކާއެކު މަޘްވަރާ ކުރަމުންދާ ކަމަށެވެ.
މެކްރޯ އިކޮނޮމިކް ޙާލަތު
ފަތުރުވެރިކަން އިހުގެ ޢަދަދުތަކަށް ޖެއްސުނަސް، ނުޖެއްސުނަށް، 500 މިލިޔަން ޔޫއެސް ޑޮލަރުގެ ސުކޫކް އޭޕްރީލްގައި ދައްކާން ޖެހޭނެއެވެ. މިއީ 10 އިންސައްތައިގެ ފައިދާ ލާފައި 2021 ދޫކުރި ސުކޫކް އެކެވެ.
މާރިޗު 2 ގައި ރައީސް މުޢިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވާ ވިދާޅުވީ ސުކޫކް ދައްކާން 650 މިލިޔަން ޔޫއެސް ޑޮލަރު އެއްކޮށްފައިވާ ކަމަށެވެ. އެއީ ސޮވަރިން ޑެވަލޮޕްމަންޓް ފަންޑުގައި ހުރި 320 މިލިޔަން ޑޮލަރާއި، ބޭނުންކުރެވޭ ރިޒާވްގައި ހުރި 330 މިލިޔަން ޑޮލަރު ހިމެނޭ ގޮތުންނެވެ. އެމަނިކުފާނު ވިދާޅުވީ ރީފައިނޭންސް ނުކޮށްވެސް ސުކޫކް ދެއްކޭނެ ކަމަށެވެ.
އެދުވަހު ދެއްކެވި ވާހަކަފުޅުގައި ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ ބޭރުގެ ދަރަންޏާމެދު އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށާއި، ދިވެހިރާއްޖޭގެ އިޤްތިޞާދު އޮތީ ދުޅަހެޔޮ ޙާލަތެއްގައި ކަމަށާއި، ކުރިމަތިވެދާނެ އެންމެ ގޯސް ޙާލަތަށް ސަރުކާރުން ތައްޔާރުވަމުން އަންނަ ކަމަށެވެ.
"ދައުރު" ނޫހުގެ ޕޮޑްކާސްޓެއްގައި ވާހަކަދައްކަވަމުން އަޙްމަދު މުޙައްމަދު ވިދާޅުވެފައިވަނީ ސޮވަރިން ޑެވަލޮޕްމަންޓް ފަންޑުގެ ޝާޢިއުކުރި ހިސާބުތަކުން ދައްކަނީ 2025 ނިމުނުއިރު ބޭނުންކުރެވޭ ޙާލަތުގައި ހުރީ 172 މިލިޔަން ޑޮލަރު ކަމަށް ކަމަށާއި، ފެބްރުއަރީ އައިސް ޖެހުނު އިރު އެޢަދަދު 190 މިލިޔަން ޑޮލަރަށް - 2 މަސް ދުވަހުން 18 މިލިޔަން އިތުރުވެފައިވާ ކަމަށެވެ. އެހެންވީމާ އެއް މަސް ދުވަހުގެ ތެރޭގައި 300 މިލިޔަން ޑޮލަރާ ހަމައަށް އުފުލުނީ ކިހިނަކުންތޯ އޭނާ ސުވާލު އުފެއްދެވިއެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ އެވިދާޅުވާ ޢަދަދަށް ފައިސާ ހުރި ނަމަވެސް، ސުކޫކް ދެއްކީމާ އެއްކޮށް ރިޒާވް ހުސްވާނެ ކަން ފާހަގަކުރައްވާ، އަޙްމަދު މުޙައްމަދު ވިދާޅުވީ މިހާރު ބޭނުންކުރެވޭނ ރިޒާވްގައި ހުރީ މަސްދުވަހުގެ ކާޑާއި، ތެލާއި، ބޭހަށްވާ ފައިސާ ކަމަށެވެ. "މިދައްކަނީ އެއްކޮށް ޔޫޒަބަލް ރިޒާވް ހުސްކޮށްލާ ވާހަކަ،" އޭނާ ޕޮޑްކާސްޓުގައި ވިދާޅުވިއވެެ.
އޭނާ މޯލްޑިވްސް އިންޑިޕެންޑެންޓުގަައި ދެއްކެވި ވާހަކައިގައި ވިދާޅުވީ މިވަގުތު މާލީ އަޚްލާޤާއި ސުލޫކު ހިފެހެއްޓުން އިންތިހާއަށް ބޭނުންތެރި ކަމަށެވެ. ބައިނަލްއަޤްވާމީ މަޝްރަހަށް އަރާ ލޮޅުންތަކުގައި ތެލުގެ އަގު އުފުލި، ރިޒާވް ދަށްވެގެންދާ ހިނދު، މާލީގޮތުން ފަރުވާތެރިވެ، ހުޝިޔާރުކަމާއެކު، އިޞްލާޙު ނުކުރެއްވިޖެނަމަ، ދަތިކަން ދާދި އަވަހަށް ލައިގެންފާނެ ކަމުގެ އިންޒާުވެސް އޭނާ ދެއްވިއެވެ.
ރައީސް މުޢިއްޒު 304 ދުވަހަށްފަހު މާރިޗު 2 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މައިގަނޑުގޮތެއްގައި ސުވާލުތައް އަމާޒުވީ އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުالله ޢަލީ ޚާމަނާއީ އަވަހާރަކޮށްލުމާއި، އެކަން ދިވެހިރާއްޖެއިން ކުށްވެރިނުކުރާ ސަބަބުގެ މައްޗަށެވެ.
ރައީސް މުޢިއްޒުގެ ޚާރިޖީ ސިޔާސަތު ބިނާވެގެންވަނީ ގަލްފުގެ ޤައުމުތަކަށް ދިވެހިރާއްޖެއިން ވާ ބަރޯސާގެ މައްޗަށެވެ. ޔޫއޭއީގެ (އެކުވެރި ޢަރަބި ޢިމާރާތުގެ) ރައީސާ ފޯނުން ވާހަކަފުޅުދައްކަވާފައިވާ ކަމަށާއި، ބަޙްރެއިން، ސަޢުދީ ޢަރަބިއްޔާ، ޤަޠަރު އަދި އޮމާންގެ ވެރިންނާ ފޯނުން ބައްދަލުކުރައްވާން ހަމަޖެހިފައިވާ ކަންވެސް ރައީސް މުޢިއްޒު އެ ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރެއްވިއެވެ.
ރައީސް ޢަބްދުالله ޔާމިންގެ ވެރިކަމުގައި ސަޢުދީ ޢަރަބިއްޔާގެ އެދުމަށް ދިވެހިރާއްޖެއިން ޤަޠަރު އަދި އިރާނާއެކު އޮތް ޑިޕްލޮމެޓިކް ގުޅުން ކަނޑާލިއެވެ. މިހާރު އެދެޤައުމާވެސް އަލުން ޑިޕްލޮމެޓިކް ގުޅުން އޮތީ ޤާއިމު ކޮށްފައެވެ.
ކަންމިހެން ހުރިއިރު، މިހާރު ފެށިގެން ކުރިއަށްދާ ހަނގުރާމައަށް 11 ވަނަ ދުވަހު، ދިވެހި ޚާރިޖިއްޔާ އިން، އަންގާރައިގައި ވަނީ ދެފަރާތުންވެސް މަޝްވަރާގެ މޭޒު ދޮށަށް އައިސް، ޙަމަލާ ބަދަލު ކުރުން ހުއްޓައިލާން ގޮވައިލާފައެވެ. އެބަޔާނުގައި އީރާނުން ސަޢުދީ ޢަރަބިއްޔާ، ޔޫއޭއީ، ޤަޠަރު، ކުވައިތު، ބަޙްރެއިން އަދި އެހެނިހެން "އަޚްވަންތަ ޤައުމުތަކަށް" ދިން ޙަމަލާތައް ކުށްވެރިކޮށްފައެވެ. ޚާއްޞަކޮށް އެއާޕޯޓުތަކާއި، ތެޔޮ ކާރުޚާނާތަކާއި، ޢާންމުންނަށް އަމާޒުވާހެން އީރާނުން ދީފައިވާ ޙަމަލާތަކެވެ. ގަލްފުގެ ޤައުމުތަކުން ރައްދު ޙަމަލާ ނުދޭކަންވެސް އެބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.
މީގެ އިތުރުން، އަންހެން ދަރިވަރުންގެ މަދަރަސާއެއް ހިމެނޭހެން އެމެރިކާ އަދި އިޒްރޭލުން އީރާނަށް ދިން ޙަމަލާތައް ކުށްވެރި ކޮށްފައިވެއެވެ. އަދި ވަގުތުން ޙަމަލާ ބަދަލުކުރުން ހުއްޓައިލާން ތަކުރާރުކޮށް ގޮވައިލާފައި ވެއެވެ.
މާރިޗު 11 ވީ ބުދަ ދުވަހުވެސް ދިވެހި ޚާރިޖިއްޔާއިން ބަޔާނެއް ޢާންމުކޮށްފައި ވެއެވެ. އެބަޔާނުގައި ޢިރާޤުގެ ކުރުދިސްތާނުގައި ހުރި ޔޫއޭއީގެ ކޮންސިއުލޭޓަށް ދިން ޙަމަލާ ކުށްވެރިކޮށް، ޔޫއޭއީގެ ހިތާމައިގައި ބައިވެރިވާކަން ހާމަކޮށްފައި ވެއެވެ.
"ދައުރު" ނޫހުގައި ލިޔުއްވަމުން އިކޮނޮމިސްޓް އާޠިފް ޝަކޫރު ވިދާޅުވެފައިވަނީ ހަނގުރާމައަށް އަވަސް ޙައްލެއް ލިބުމަކީ އެންމެ ގޯސް ޙާލަތަށް ތައްޔާރުވުން ހުއްޓާލަން އޮތް ޢުޒުރެއް ނޫން ކަމަށެވެ. "މިފަދަ ތައްޔާރުތައް ވުމަކީ ހަމައެކަނި ސަރުކާރުތަކަށް އޮތް ޒިންމާއެއް، މައްސޫލިއްޔަތެއް ވެސް ނޫނެވެ. ސަރުކާރާއި އަމިއްލަ ކުންފުނިތަކާއި، އާއިލާތަކާއި ދޭދޭ ފަރުދުން ވެސް މި ހާލަތާ މެދު ވިސްނައި، ކަމަރު ބާރު ކުރެވޭނޭ ގޮތްތަކާ މެދު، މިއަދު ވިސްނަން ފެށުމަކީ މަޖްބޫރު ކަމެއް ކަމަށް ގަބޫލުކުރެވެ އެވެ." އޭނާ ލިޔުއްވިއެވެ.

