އިންޑިޔަން އޯޝަން ޓޫނާ ކޮމިޝަނުން ދިވެހިރާއްޖެއަށް ލިބުނީ ވިލާތަށްވުރެ ކުޑަ ކޯޓާއެއް

އިންޑިޔާ ކަނޑުން ބާނަން އެކަށައެޅި ޖުމުަލަ ޢަދަދަކީ436،867 ޓަނު - މިއީ ސައިންސްވެރިން ލަފާދީފައިވާ މިންވަރަށްވުރެ 15،000 ޓަނު އިތުރު ޢަދަދެއް.

ކުރެހުމާއި ޑިޒައިން: ޑޮސެއިން

ކުރެހުމާއި ޑިޒައިން: ޑޮސެއިން

04 ޖޫން
ދިވެހިރާއްޖެ އިން ފުރަތަމަ ފަހަރަށް އިންޑިޔަން އޯޝަން ޓޫނާ ކޮމިޝަންގެ ބައްދަލުވުމެއް ރާއްޖޭގައި ބާއްވައި، ސަރަޙައްދީ މަސްވެރިކަން ރެގިއުލޭޓްކުރާން ސަރުކާރުތަކުގެ މައްޗަށް އެކުލަވާފައިވާ މި މުއައްސަސާގެ މުޤައްރިރުކަން ކުރިއިރު، ބައްދަލުވުންތައް ނިމުނީ ޔޫރަޕިއަން ޔޫނިއަން (ވިލާތުގެ އިއްތިޙާދުން) އަށް ދިވެހިރާއްޖެއަށް ބޮޑު ރީނދޫ އުރަހަ ކަންނެލީގެ ކޯޓާއެއް ކަށަވަރު ވެގެންނެވެ. 
މިބައްދަލުވުންތަކުން ފާސްކުރި މަސްހިފޭނެ ވަގުތީ މިންވަރު (ކެޗް ލިމިޓްތައް) ގެ ދަށުން ވިލާތުގެ މަސްބޯޓުގެ ފްލީޓަށް 73،078 ޓަނުގެ ހުއްދަ ލިބުނެވެ. ދިވެހިރާއްޖެއަށް އެކަށައަޅާފައިވަނީ 47،195 ޓަނެވެ. 
މާލޭގައި ބޭއްވި މި ބައްދަލުވުންތަކުގައި އިންޑިޔާ ކަނޑުން ޖުމުލަ ބާނާން އެކަށައެޅީ 436،867 ޓަނެވެ. ނަމަވެސް މިއީ އދގެ ކަމާބެހޭ ކޮމިޝަންގެ ސައިންސްވެރިން ލަފާދީފައިވާ މިންވަރަށްވުރެ 15،000 ޓަނު އިތުރު ޢަދަދެކެވެ.
އިންޑިޔާ ކަނޑުގެ އައްސޭރިފަށުގެ ޤައުމުތަކާއި، ދުރު މަސްވެރި ޤައުމުތަކާއި، އަމިއްލަ ޖަމްޢިއްޔާ/ޖަމާޢަތްތަކުގެ 200 އަށް ވުރެ ގިނަ މަންދޫބުން ޙާޟިރުވި، 29 މެމްބަރުންގެ މައްޗަށް އެކުލަވާފައިވާ އިންޑިޔަން އޯޝަން ޓޫނާ ކޮމިޝަން 
30 ވަނަ ސެޝަން ކުރިއަށް ދިޔައީ މެއި މަހުގެ 11 އިން 15 އަށް ފުރަ މާލޭގެ، ބާސެލޯސް ނަސަންދުރާ ހޮޓަލުގައެވެ. 
އިންޑިޔަން އޯޝަން ޓޫނާ ކޮމިޝަނަކީ އިންޑިޔާ ކަނޑުގެ ޓޫނާ ސްޓޮކް ހުށިޔާރު، ފާރަވެރި ގޮތެއްގައި ބެލެހެއްޓުމަށް ފާއިތުވި އަހަރުތަކުގެ ތެރޭގައި ބާރުއަޅައި، އައްސޭރިފަށުގެ ޤައުމުތަކުގެ މެދުގައި ޤާއިމުކޮށްފައިވާ ދިވެހިރާއްޖެ ހިމެނޭ ގްރޫޕެކެވެ. އެންމެ ފަނާކުރަނިވި މަސްވެރިކަމުގެ އެއް އާލާތް ކަމުގައިވާ ޑްރިފްޓިންގް ފިޝް އެގްރިގޭޝަން ޑިވައިސްސް (އެފްއޭޑީ) ބޭނުންކުރުން ރެގިއުލޭޓް ކުރުމަށް ކުރިން ކުރި މަސައްކަތްތަކަށް ހުރަސްއެޅިފައި ވަނީ ވިލާތުގެ އިޢުތިރާޟުތަކުގެ ސަބަބުންނެވެ. ސްޕެއިން އަދި ފްރާންސް ފަދަ ޤައުމުތަކަކީ އިންޑިޔާ ކަނޑުގެ ޓޫނާ އެންމެ ގިނައިން ބާނާ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ޤައުމުތަކެވެ. މިއަހަރުގެ ބައްދަލުވުމުގައި އެފްއޭޑީ ބޭނުންކުރުން ހަނިކުރުމަށް އާ ހުށަހެޅުމެއް ހުށަހަޅާފައެއް ނުވެއެވެ. 2023 ގައި އެއާލާތް ބޭނުންކުރުން މަނާކުރުމުން، އެމައްސަލަ ވިލާތުގެ ކޯޓުތަކަށް ހުށަހެޅިއެވެ. އަދިވެސް މައްސަލަ ނުނިމި އޮތީއެވެ.
”ރާއްޖޭގެ ގިނަ ބަޔަކު ފަދައިން އަޅުގަނޑަކީވެސް މަސްވެރި ޢާއިލާއަކުން އައިސް ހުރި މީހެއް. މަސްވެރިއެއްގެ ކާފަދަރިއެއް. ކެޔޮޅެއްގެ ދަރިއެއް. ބޮޑުވީ މަސްވެރިންގެ ފަރާތުން ކެތްތެރިކަމާއި ޒިންމާދާރުކަމުގެ ފިލާވަޅުތައް ލިބެމުން، ކަނޑަށް އިޙްތިރާމް ކުރުމުގެ އަހަންމިއްޔަތުގެ އަޑު އަހަމުން،" ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް އިންޑިޔަން އޯޝަން ޓޫނާ ކޮމިޝަންގެ ބައްދަލުވުން އިފްތިތާޙުކޮށްދެއްވައި، ދެއްކެވި ވާހަކަފުޅުގައި ވިދާޅުވިއެވެ. ކަނޑުން ލިބޭ ވަރަށް ވުރެ ގިނައިން ނުނެގުމަކީ ކާބަފައިންގެ ފުށުން ވާރުތަވެފައިވާ ވަޞިއްޔަތެއް ކަމަށާއި، ދިވެހި ރައްޔިތެއްގެ އަދި ފިޝަރީޒް މިނިސްޓަރުގެ ޙައިޘިއްޔަތުން މި ހަމަ އަންނާން އޮތް ޖީލުތަކަށް ވާރުތަކޮށްދޭން ޖެހޭނެކަމަށް ދެކެވަޑައިންނަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރ ޝިޔާމް ވިދާޅުވީ ދެމެހެއްޓެނިވި ކަމަކީ ދިވެހިންނަށް އައު މަފްހޫމެއް ނޫން ކަމަށާއި، ބައިނަލްއަޤްވާމީ ދަނޑުގައި ދެމެހެއްޓެނިވިކަމުގެ ވަކާލާތުގެ އަޑު އިވޭން ފެށުމުގެ ކުރިން ދިވެހިންވަނީ އެއުޞޫލު ބަލައިގަނެ މަސްވެރިކަމަށް ފުރިހަމައަށް ތަޠުބީޤުކޮށްފައި ކަމަށެވެ. 
މޯލްޑިވްސް އިން 2016 ވަނަ އަހަރުން ފެށިގެން ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކް ބެލެހެއްޓުމަށް އަޅާފައިވާ ޙިމާޔަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލު ކުރަމުންދާ ކަމާއި، 2019 ގައި ލޭނު އެޅުން ދިވެހިރާއްޖޭގައި ހުއްޓާލިކަން ފާހަގަކުރެއްވިއެވެ. 
އަދި ދިވެހިރާއްޖެފަދަ މަސްވެރިކަމަށް ބަރޯސާވާ ޖަޒީރާ ޤައުމަކަށް އެބާވަތުގެ ފިޔަވަޅުތައް ތަންފީޒުކުރުމަކީ އެކަމުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ އަސަރުތަކެއް ތަޙައްމަލުކުރަން ޖެހޭ ކަމެއް ކަން ފާހަގަކުރައްވައި، މިނިސްޓަރ ޝިޔާމް ވިދާޅުވީ ދެމެހެއްޓެނިވިކަމުގެ މަގު ޚިޔާރުކުރަނީ އެއީ ކަނޑުރޯދީގެ ވަޞީލަތް ހުސްކޮށްނުލައި، ބޭނުންކުރަމުން ދިއުމުގެ ހަމައެކަނި މަގުކަމަށް ވާތީ ކަމަށެވެ. އެހެންވީމާ ކުދި ޖަޒީރާ ޤައުމުތަކުން ކުރާ ހިންމަތް އިންޑިޔަން އޯޝަން ޓޫނާ ކޮމިޝަނުން ބަލައިގަންނާނެ ކަމަށް އުންމީދުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. 
އިންޑިޔަން އޯޝަން ޓޫނާ ކޮމިޝަންގެ ރާއްޖޭގެ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓެވި އާދަމް ޒިޔާދު ވިދާޅުވީ ކޮމިޝަނުން މިހާރު ކުރަމުންދާ މަސައްކަތަކީ މެނޭޖްމަންޓް ޕްރޮސީޖާތަކާއި، މަސްހިފޭނެ ވަގުތީ މިންވަރުތަކާއި، މޮނިޓަރިން އަދި ތަންފީޒުކުރުމާ ބެހޭ ގޮތުން ނިންމާންޖެހޭ ކަންކަމުގެ މަޝްވަރާތައް ހިންގުން ކަމަށެވެ. 
ބައްދަލުވުންތައް ކުރިއަށް ގެންދިޔަ 5 ދުވަހުގެ ތެރޭގައި ޖުމުލަ 17 ހުށަހެޅުމެއްގެ ތެރެއިން އަށް ހުށަހެޅުމެއް ފާސްކޮށްފައި ވެއެވެ. ދަން ވަގުތުތަކާ ޖެހެންދެން މަޝްވަރާތައް ކުރިއަށް ގެންދިޔައެވެ. ފާސްކުރި ކަންކަމުގެ ތެރޭގައި ރީނދޫ އުރަހަ ކަންނެއްޔާއި، ހިބަރު ބޭނޭނެ ވަގުތީ މިންވަރުތަކެއް ކަނޑައެޅުމުގެ އިތުރުން، މަޑި ޙިމާޔަތްކުރުމުގެ ފިޔަވަޅުތައް ތަޢާރަފު ކުރުމާއި، އެސޮރުމެން ހިފުން މަނާ ކުރުމާއި، އެއްގަމާ ހަމައަށް ގެނެސް ކިރުވުން މަނާކުރުން ހިމެނެއެވެ. 
އެހެނިހެން ފާހަގަކޮށްލެވޭ ކަންކަމުގެ ތެރޭގައި 24 މީޓަރު ނުވަތަ އެއަށްވުރެ ދިގު ހުރިހާ އުޅަނދުތަކެއްގެ ރެކޯޑް ބެލެހެއްޓުން ލާޒިމުކުރުމާއި، ހަމައެކަނި ލޭނު މަސްބޯޓުފަހަރަށް މެނުވީ  އެއް އުޅަނދުން އަނެއް އުޅަނދަށް މަސް ބަދަލުނުކުރެވުމާއި، ނުކުރުވުމާއި، އެކަން ހިނގާގޮތް  މޮނިޓަރ ކުރުމަށް ބޯޓުގައި އޮބްޒާވަރެއް ބެހެއްޓުން ލާޒިމުކުރުން ހިމެނެއެވެ.

ވިލާތުގެ މަސްބޯޓުފަހަރު 

އިންޑިޔާ ކަނޑުގެ ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކް މަދުވަމުން ދިއުމާމެދު އުފެދިފައިވާ ބިރުވެރިކަމާ ގުޅިގެން ރީނދޫ އުރަހަ ކަންނެލި ޙިމާޔަތްކުރުމުގެ މަޝްވަރާތައް އިންޑިޔަން އޯޝަން ޓޫނާ ކޮމިޝަނުން ހިންގަމުންދާތާ ދުވަސްތަކެއް ވެއްޖެއެވެ.
2024 ވަނަ އަހަރުގެ ސްޓޮކް އެސެސްމަންޓުން ދައްކަނީ ނީ އިންޑިއާ ކަނޑުގެ ރީނދޫ އުރަހަ ކަންނެލީގެ އާބާދީއަށް ނުރައްކާވެފައި ވީނަމަވެސް، މިހާރު އެކަން ރަނގަޅުވަމުން އަންނަކަމަށެވެ. ނުކަތާ ވަރަށް އެ ބާވަތް ބާނަމުން ނުދާ ކަމަށެވެ. ނަމަވެސް މިހޯދުންތަކަށް ޔޫރަޕިއަން ޕާލިމެންޓާއި އެހެނިހެން އޮބްޒަރވަރުންވަނީ ފާޑުކިޔާފައެވެ. އަންނަ އަހަރު އަލުން އެއެސްމަންޓު ތަކުރާރު ކުރާނެއެވެ.
އިންޑިޔަން އޯޝަން ޓޫނާ ކޮމިޝަންގެ ޤަރާރު ނަންބަރު 26/01 ގެ ދަށުން ރީނދޫ އުރަހަ ކަންނެލި 2027 އަދި 2028 ވަނަ އަހަރު ބޭނޭނީ، އަހަރަކު 436،867 ޓަނެވެ. މިއީ  އިންޑިޔަން އޯޝަން ޓޫނާ ކޮމިޝަންގެ ސައިންޓިފިކް ކޮމިޓީއިން ލަފާދިން 421،000 ޓަނަށްވުރެ މާ ބޮޑު މިންވަރެކެވެ. ކަނޑައަޅާފައިވާ މިންވަރަށް ވުރެ އިތުރަށް ބާނައިފިނަމަ، އިތުރަށް ބޭނި ޢަދަދުގެ 100 އިންސައްތައަށް ވާ މިންވަރު ކޯޓާ ކަނޑާނެއެވެ. އަދި ޖައްސަޖައްސައިގެން ދެ އަހަރު ގިނައިން ބާނައިފިނަމަ އިތުރަށް ބޭނި މިންވަރުގެ 125 އިންސައްތައަށްވާ މިންވަރު ކޯޓާއިން ކަނޑާނެއެވެ. 
ދިވެހިރާއްޖޭގެ ކޯޓާގެ ގޮތުގައި ކަނޑައަޅާފައިވަނީ އަހަރަކު 47،195 ޓަނެވެ. ޝްރީލަންކާއަށް 33،245 ޓަނެވެ. އިންޑިއާއަށް 25،000 ޓަނެވެ. ސީޝެލްސްއަށް 39،577 ޓަނެވެ. އީރާނަށް 42،000 ޓަނެވެ. އިންޑޮނޭޝިއަށް 45،426 ޓަނެވެ. އަދި އޮމާނަށް 25،000 ޓަނެވެ
ވިލާތުގެ އިއްތިޙާދަށް 73،078 ޓަނުގެ ކޯޓާއެއް ލިބުމުގެ ސަބަބަކީ އިހުއްސުރެ ބާނަމުންދާ މިންވަރަށް ކޯޓާ ކަނޑައަޅާއިރު ރިޢާޔަތް ކުރާތީއެވެ. ވަގުތީ ކޯޓާ ކަނޑައަޅާން ބޭނުންކުރާ ފޯމިއުލާ އޮތްގޮތުން އިހުއްސުރެ އެންމެ ގިނައިން ކަނޑުމަސް ބާނާ ޤައުމުތަކަށް އިތުރަށް ކޯޓާ ލިބެއެވެ.. ފްރާންސް އަދި ސްޕެއިންގެ މަސްބޯޓުފަހަރުތަކުން އިންޑިޔާ ކަނޑުގައި ފުޅާކޮށް މަސްވެރިކަން ކުރަމުން އަންނަތާ ތިރީހަކަށް އަހަރު ވެއްޖެއެވެ.
ފާއިތުވި ދިހަ އަހަރު ތެރޭގައި އިންޑިޔާ ކަނޑުގެ ޓްރޮޕިކަލް ކަނޑުމަހުގެ ތިންބައިކުޅަ އެއްބައި އަށް ވުރެ ގިނަ މިންވަރު ބޭނީ ވިލާތުގެ މަސްބޯޓުފަހަރުންކަން އިންޑިޔަން އޯޝަން ޓޫނާ ކޮމިޝަންގެ މި ބައްދަލުވުމުގެ ކުރިން ބްލޫ މެރިން ފައުންޑޭޝަނުން ނެރުނު އާ ރިޕޯޓެއްގައި ވެއެވެ. ރިޕޯޓުގައި ބުނެފައިވަނީ އިންޑިޔާ ކަނޑުގެ އައްސޭރިފަށުގެ ޤައުމުތަކުގެ ދިދަ ޖަހައިގެން ބިދޭސީ މަސްބޯޓުފަހަރު ދުއްވުން ބޮޑު މައްސަލައަކަށް ވެފައިވާ ކަމަށާއި، އެގޮތުން ސްޕެއިންގެ ދިދައަށް ވުރެ ސީޝެލްސްގެ ދިދަ ޖަހައިގެން މަސްވެރިކަން ކުރާ ސްޕެއިންގެ އުޅަނދުފަހަރު ގިނަ ކަމަށާއި، ވިލާތުގެ މަސްބޯޓުފަަހަރު ތަފާތު 20 އަށް ވުރެ ގިނަ ކުންފުންޏަށް ނިސްބަތްވި ނަމަވެސް، މި އުޅަނދުތަކުގެ ތެރެއިން 90 އިންސައްތަ އުޅަނދަކީ ވިލާތުގެ އެންމެ ހަތް ކުންފުންޏެއްގެ މިލްކުވެރިކަމަށް ފެތޭ ބޯޓުފަހަރު ކަމަށް އެރިޕޯޓުން ދައްްކައެވެ. 

އޮޔަށް ދޫކޮށްފައި ހުންނަ އާލާތް

މަސްވެރިކަމުގައި ބޭނުންކުރާ އޮޔަށް ދޫކޮށްފައި ހުންނަ މަސް ހޯދާ އާލާތުގެ ބޭނުން ކުރުން މަދުކުރުމަށް ކުރާ ވަކާލާތާ އެންމެ ދެކޮޅު ހަދަމުންދަނީ ވިލާތުންނެވެ. އެގޮތީ ބޮޑު ދާ އެޅުމާއި ލޭނު އެޅުމުގެ މަސްވެރިކަން ވިލާތުގެ މަސްބޯޓުފަހަރުން ކުރަނީ މިބާވަތުގެ އާލާތްތަކަށް ބަރޯސާވެގެން ކަމަށް ވާތީއެވެ. 
2023 ގައި އިންޑިޔަން އޯޝަން ޓޫނާ ކޮމިޝަނުން 2023 ގައި ފާސްކުރި ތާރީޚީ ޤަރާރެއްގެ ދަށުން މަސްވެރިކަމުގެ ސީޒަންގައި 72 ދުވަސް ވާންދެން އޮޔަށް ދޫކޮށްފައިވާ ހުންނަ މަސް ހޯދާ އާލާތް އިންޑިޔާ ކަނޑުގައި ބޭނުންކުރުން ހުއްޓާލަން ނިންމިއެވެ. އެންމެ ބޮޑަށް ދެކޮޅު ހެދީ ޔޫރަޕިއަން ޔޫނިއަންގެ ޤައުމުތަކުންނެވެ. ޚާއްޞަކޮށް ފަރަންސޭސިވިލާތުންނެވެ. މިޤަރާރާ ދެކޮޅަށް މަސައްކަތް ކުރާން ދޭދޭ ޤައުމުތަކުގެ މައްޗަށް ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް ޔޫރަޕިއަން ޔޫނިއަނުން ޕްރެޝަރުކުރަމުންދާ ކަމުގެ ތުހުމަތު އުފުލިފައި ވެއެވެ. އެޤަރާރުވަނީ ތަންފީޒުކުރާން ފަށާ ތާރީޚުގެ ކުރިން ބާޠިލު ކޮށްފައެވެ. އެއީ 11 ފަރާތަކުން އިޢުރިޟު ކުރުމުންނެވެ.
ތިމާވެއްޓާއި ކަނޑުފަޅުގެ ވަކާލާތު އުފުލަމުންދާ ބްލޫމް އެސޯސިއޭޝަން އަދި ބްލޫ މެރިން ފައުންޑޭޝަނުންވަނީ ޔޫރަޕިއަން ޔޫނިއަންއާއި ފަރަންސޭސިވިލާތުގެ އިޢުތިރާޟުތައް ކޯޓަށް ހުށަހަޅާފައެވެ. 2025 ގައި ޔޫރަޕިއަން ޔޫނިއަން ކޯޓުން އެދިފައިވަނީ ޔޫރަޕިއަން ޔޫނިއަން އަދި ފަރަންސޭސިވިލާތުންވެސް އިޢުތިރާޟުތައް އަނބުރާ ގެންދިއުމަށެވެ. ނަމަވެސް އެނިންމުން ޔޫރަޕިއަން ކޮމިޝަންގައި އިސްތިޢުނާފު ކުރީއެވެ.
މި ކޯޓު މަރުހަލާތަކާއި ގުޅޭ ގޮތުން ބްލޫ މެރިން އަދި ބްލޫމްގެ ފަރާތުން މިއަހަރުގެ ބައްދަލުވުމަށް ހުށައެޅި އަދާހަމައެއްގައި ފާހަގަކޮށްފައިވާ ގޮތުން، އެންމެ ދެއަހަރެއް ފިޔަވައި 2012 އިން ފެށިގެން ހުރިހާ ބައްދަލުވުމެއްގައި އޮއެވާލި ކަނދުފައްޗާއި ގުޅޭ މަޝްވަރާ އެޖެންޑާ ކޮށްފައިވެއެވެ. މި މުއްދަތު ތެރޭ އެއްވެސް ކަހަލަ ހުށައެޅުމެއް ހުށައަޅަޅާފައި ނުވަނީ މިދިޔަ އަހަރާއި މިއަހަރުއެވެ.
"މީ އިއްތިފާގެއް ނޫން.  ގަރާރު 23/01 ގެ ކަންކަން ގޮސްފައިވާ ގޮތުގެ ސަބަބުން، އައިއޯޓީސީ މެންބަރުން އަދި ތަކުރާރުކޮށް އޮއެވާލި ކަނދުފައްޗާއި ދެކޮޅު ހަދާފައިވާ މެންބަރުންވެސް އަލުން މި މަޝްވަރާތަށް ފެށުމަށް ތިބީ ފަސްޖެހިފަ" އަދާހަމައިގައި ލިޔެފައިވެއެވެ. މި ދެ ޖަމިއްޔާއިން އީޔޫ ކޯޓުތަކުގައި ކުރިއަށްގެންދާ މައްސަލަތައް ނުނިމެނީސް ގަރާރު 2023/02 "މަރުނުވާނެ" ކަމަށްވެސް ވައުދުވެފައިވެއެވެ.

މަސްވެރިކަމާއި އިމްޕޯޓު ޑިއުޓީ

ފަތުރުވެރިކަން ނަގާފައި، މަސްވެރިކަމަކީ ބޭރު ފައިސާ އެންމެ ގިނައިން ދިވެހިރާއްޖެއަށް ލިބޭ އަދި އެންމެ ގިނަ ވަޒީފާ އުފައްދާފައިވާ ސިނާޢަތް ނަމަވެސް ފާއިތުވި އަހަރުތަކުގައި މިސިނާޢަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި ވެއެވެ.   2024 ގައި ކަޅުބިލަމަސް ބޭވުނު މިންވަރާއި އެކްސްޕޯޓު ކުރި ޢަދަދު ބޮޑު ތަނުން ދަށްވިއެވެ. އެކަމުގެ އެއް ސަބަބެއް ކަމުގައި 2023 ގައި އެންސިސްގެ ދަޅުމަސް ބަންދުކުރާ ކާރުޚާނާ ހުއްޓާލުން ހިމެނެއެވެ. އަދި މަސްވެރިންނަށް ފައިސާ ދިނުން ލަސްވުމުން ހަޅުތާލު ކުރުންވެސް ހިމެނެއެވެ. 2025 ގައި މަސްވެރިކަން ރަނގަޅުވެ،އެކްސްޕޯޓު އިތުރުވިއެވެ.
2019 ގައި މަނާކުރި ލޭނުގެ މަސްވެރިކަމަށް އަލުން ހުއްދަދޭން 2025 ގައި ސަރުކާރުން މަސައްކަތް ކުރިއެވެ. ނަމަވެސް ތިމާވެށީގެ ވަކާލާޔި އުފުލާ ފަރާތްތަކާއި ހޭންޑްލައިން މަސްވެރިންގެ ޔޫނިއަނުން އެކަމާ ދެކޮޅަށް އަޑުއުފުލައި، މަސައްކަތްކޮށްގެން ސަރުކާރަށް މަޖުބޫރުވީ އެކަމާ އުޅުން ހުއްޓައިލާށެވެ. ލޭނު އެޅުން ހުއްދަކުރުން އެންމެ ބޮޑަށް ވަކާލާތުކުރަނީ އުތުރުގެ މަސްވެރިންނެވެ. ކޮންމެއަކަސް، އެންމެ ފަހުން މިދިޔަ އަހަރު ސަރުކާރުން ނިންމީ ކަށިމިޔަރު ބާނާން ހުއްދަ ދޭށެވެ. މިޔަރުގެ މަސްވެރިކަން މުޅިން މަނާކޮށްފައި އޮންނަތާ 15 އަހަރަށް ފަހުގައެވެ. 
2025 ވަނަ އަހަރުގެ ފަހުކޮޅު ރީނދޫ އުރަހަ ކަންނެލީގެ މަސްވެރިން ވަނީ ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދު ނުފުއްދާކަމަށް ބުނެ ހަޅުތާލު ކުރިއެވެ. އެބައިމީހުން އެދުނީ މިފްކޯއިން ރީނދޫ އުރަހަ ކަންނެލި ގަންނަ އެންމެ ދަށް އަގު މައްޗަށް ޖެއްސުމަށާއި، ކަޅުބިލަ މަހުގެ މަސްވެރިންނަށް ދޭ ފަދައިން ތެލުގެ ސަބްސިޑީ ދިނުމަށެވެ. 
ހުރިހާ ކަންބޮޑުވުމަކަށް ވުރެ ބޮޑީ މަހަށް އެކަށީގެންވާ އަގު ނުލިބުމުގެ މައްސަލައެވެ. އެކަމުގެ ސަބަބަކީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ދަށްވުމެވެ. އަދި ވިލާތަށް މަސް އެކްސްޕޯޓު ކުރާއިރު ބޮޑު އިމްޕޯޓު ޑިއުޓީއެއް ނެގުމެވެ.
އިންޑިޔަން އޯޝަން ޓޫނާ ކޮމިޝަންގެ އިފްތިތާޙީ ރަސްމިއްޔާތަށް ފަހު މޯލްޑިވްސް އިންޑިޕެންޑެންޓް އާ ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރު ވިލާތާ އެކު ހިންގާ އިމްޕޯޓު ޑިއުޓީގެ މަޝްވަރާތައް ސިފަ ކުރެއްވީ "ބޮޑު ހަނގުރާމައެއް" ގެ ގޮތުގައެވެ. "ދިވެހިރާއްޖެ އިން މަސް ބާނަނީ އެންމެ ދެމެހެއްޓެނިވި ގޮތަށް؛ ރީނދޫ އުރަހަ ކަންނެއްޔަކަސް ކަޅުބިލަ މަހަކަސް ބާނަނީ ފަހަރު މަހެއް، ދޮށިން ނޫނީ ނަނުން" އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އެކްލޫސިވް އިކޮނޮމިކް ޒޯން އާ އިންވެގެން، އިންޑިއާ ކަނޑުގައި، ޔޫރަޕިއަން ޔޫނިއަންގެ ޤައުމުތަކުން މަސްވެރިކަން ކުރަނީ އެހެން ބައެއް ދައުލަތްތަކުން ދީފައިވާ ލައިސަންސް ބޭނުންކޮށްގެން. އެއިން ބައެއް ޤައުމުތަކުން ބޭނުންކުރަނީ ކަނޑުގެ ވެއްޓާއި ދިރުންތަކަށް ގެއްލުންކުރުވަނިވި އުކުޅުތަކެއް. އެގޮތުން ބޮޑު ދާ ބޭނުންކުރޭ. ލޭނު އަޅައި. ޔަޤީނުންވެސް ބޭނޭ މިންވަރު އިތުރުވާނެ. ނަމަވެސް ދެމެހެއްޓެނިވިކަމަށް އެގޮތްގޮތުންވަނީ ގެއްލުން. ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރަނީ އަޅުގަނޑުމެން ދިވެހިން،” މިނިސްޓަރ ޝިޔާމް ވިދާޅުވިއެވެ. 
ފިޝަރީޒް މިނިސްޓަރ އިތުރަށް ވިދާޅުވީ ދިވެހިން މަސްވެރިކަން ކުރަނީ ދެމެހެއްޓެނިވި މަގެއްގައި ކަމަށް ވިޔަސް، ދިވެހި މަހަށްވެސް ބޮޑު ޑިއުޓީއެއް ނެގުމަކީ ބަލައިގަންނާން ދަތި ކަމެއް ކަމަށާއި، އެއީ އިންޞާފުވެރި ޢަދުލުވެރި ގޮތެއް ނޫން ކަމަށާއި، ވިލާތުން ނަގާ ބޮޑު އިމްޕޯޓު ޑިއުޓީއަކީ އެސަރަޙައްދަށް މަސް އެކްސްޕޯޓުކުރާން ދިވެހިރާއްޖެއަށް އޮތް ހުރަހެއް ކަމަށެވެ. 
"އަޅުގަނޑުމެންގެ ޓޫނާ މަސްވެރިކަމަށް ބަލާނަމަ އަޅުގަނޑުމެންގެ އެއްވެސް ދޯންޏަކީ ކޯޕަރޭޝަނަކަށް ނިސްބަތްވާ ދޯންޏެއް ނޫން. އެއީ ޢާއިލާއަކަށް ނުވަތަ ފަރުދަކަށް ނިސްބަތްވާ ދޯންޏެއް، ވަރަށް ކޮމިއުނިޓީ ބޭސްޑް ގޮތެއްގައި ދިވެހި މަސްވެރިން ބިނާވެފައިވަނީ. އަޅުގަނޑުމެންގެ މަސްވެރިކަން އިންތިޒާމްކޮށްފައިވަނީ ޢާއިލާތަކަށާއި ލޯކަލް ކޮމިއުނިޓީއަށް ސީދާ މަންފާ ލިބޭ ގޮތަށް. އެހެންވީމާ ދިވެހިރާއްޖޭގެ ޑިމާންޑުތަކަށް ރިޢާޔަތްކޮށް، އެޑިމާންޑުތައް ފުއްދައިދޭން ބައިނަލްއަޤްވާމީ ފޯރަމްތަކުން މަސައްކަތް ކޮށްދޭންވާނެ ކަމަށް އަޅުގަނޑުމެން ދެކެނީ،" ފިޝަރީޒް މިނިސްޓަރ ހިސާބަކަށް ހިތްހަމަނުޖެހުން ފައުޅުކުރައްވައި، ވިދާޅުވިއެވެ. 
އިންޑިޔަން އޯޝަން ޓޫނާ ކޮމިޝަންގެ ބައްދަލުވުން ނިމުނުތާ ދުވަސްތަކެއް ފަހުން އިނގިރޭސިވިލާތުން ދިވެހިރާއްޖޭގެ ކަނޑުމަހަށް ނަގަމުންދިޔަ 20 އިންސައްތައިގެ އިމްޕޯޓު ޑިއުޓީ ކަނޑައިލާފައި ވެއެވެ. އެކަމަށް ދިވެހިރާއްޖޭގެ ފަރާތުން ރައީސް މުޢިއްޒު މަރުޙަބާ ދަންނަވައި، ޝުކުރު އަދާ ކުރައްވާފައި ވެއެވެ. 
މިއީ ހަމައެކަނި ދިވެހިރާއްޖޭގެ ކަނޑުމަހަށް ދިން ލުޔެއް ނޫންކަން އިނގިރޭސި ހައިކޮމިޝަނަރު ނިކް ލޯ ވަނީ އެކަން ކަށަވަރު ކޮށްދެއްވާފައި ވެއެވެ. ދިވެހިރާއްޖޭގެ ކަނޑުމަހަށް އެކަނި އިމްޕޯޓު ޑިއުޓީ ކަނޑާލުންވާނީ ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިއުޓީއޯ) ޤަވާއިދާ ޚިލާފު ކަމެއް ކަމަށް ސަފީރު ފާހަގަކުރެއްވިއެވެ. މިފިޔަވަޅަކީ މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން އިނގިރޭސިވިލާތުގެ ކާބޯތަކެތީގެ އަގު މަތިވަމުންދާ ދިއުމަށް ލުއި ހޯދާން ނގިރޭސިވިލާތުގެ ޗާންސެލަރު ރޭޗަލް ރީވްސް އިޢުލާން ކުރެއްވި އިމްޕޯޓް ޑިއުޓީ ކަނޑާލުމުގެ ބޮޑު ޕެކޭޖެއްގެ ބައެކެވެ.
ސަފީރު ނިކް ލޯ ވިދާޅުވީ ދިވެހިރާއްޖެ އަކީ ކޮންމެ ގޮތެއްވިޔަސް މިފިޔަވަޅުން "އެންމެ ބޮޑު ފައިދާއެއް" ލިބުނު އެއް ޤައުމު ކަމަށެވެ. 
ދިވެހި ކަނޑުމަހުން ވިލާތުގައި ނަގާ އިމްޕޯޓުގެ މިންވަރަށް ބަދަލެއް ނާދެއެވެ.

މިނިވަން ނޫސްވެރިކަމަށް އެހީތެރިވެދެއްވާ

ބިރެއްނެތި ޚަބަރު ގެނެސްދިނުމަށް އެހީތެރިވެދެއްވާ

އެއްފަހަރު ދެއްވާ

ނުވަތަ
މެމްބަރަކަށް ވެލައްވާމަހަކު $5 އިން ފެށިގެން