އިފްލާހެއް، ނަމަވެސް ޑޮލަރެއް ނެތް: 2026 މެދުޖެހުނުއިރު ދިވެހިރާއްޖޭގެ އިޤްތިޞާދީ ޙާލަތު
އައިއެމްއެފް އިން ވިލުންވެރިކަން އިތުރުވާކަމަށް ބުނާއިރު، ދިވެހިންގެ ކާޑުތަކުން ސަބްސްކްރިޕްޝަނެއްވެސް ދެއްކޭކަށް ނެތް.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
24 ޖޫން
ދިވެހިރާއްޖޭގެ އިޤްތިޞާދީ ވިލުންވެރިކަން“ ވަރުގަދަ ވެގެން އަންކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް - އައިއެމްއެފް އިން ބުނެ، ތަޢުރީފު ކޮށްފިއެވެ. ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގް ”ޖަންކް“ ގެ ދަރަޖައިން އުފުލިފައި ވެއެވެ. އިސްލާމިކް ބޮންޑް - ސުކޫކްގެ 500 މިލިޔަން ޑޮލަަރަށްވާ ފައިސާ ދައްކައި, އިސްތިޤްލާލުގެ ދަރަނިން މިހިނދަށް ސަލާމަތް ވެވިއްޖެއެވެ.
މިއީ ހުސް އުފާކުރުވަނިވި ޚަބަރެވެ. ނަމަވެސް ކަންބޮޑުވުމަކީ, މިކަންކަން ހިތާމަވެރި ޚަބަރެއްކަމަށް ވެސް ފުދޭ ކަމެވެ: ޑޮލަރުގެ ރަސްމީ އަގު 15 ރުފިޔާ 42 ލާރީގައި ހުރިއިރު, ޙަޤީޤަތުގައި ޑޮލަރެއް ގަންނާން ލިބެނީ އަގު 20 ރުފިޔާ 50 ލާރިއަށެވެ. މިއީ 20 ރުފިޔާއަށް ވުރެ މަތީގައި ޑޮލަރެއްގެ އަގު މެދުނުކެނޑި ހުންނަތާ އެންމެ ގިނަ ދުވަސްވީ ފަހަރެވެ.
ޑޮލަރުގެ ތާށިކަން ބޮޑުވަމުންގޮސް, ބޭރުގެ ފައިސާގެ މުޢާމަލާތްތަކަށް ހިފެހެއްޓުންތަކެއް ބޭންކް އޮފް މޯލްޑިވްްސް އިން އެކަށައަޅާފައި ވެއެވެ. ބޭރު ފައިސާ ކާޑުތަކުން ޚަރަދު ކުރެވޭނެ މިންވަރު މަދުކޮށްފައި ވެއެވެ. އަދި ބޭރުގެ 30 އީ-ކޮމާސް ޕްލެޓްފޯމަކުން މަހަކަށް ހިންގޭނެ މުޢާމަލާތުގެ ޢަދަދު ކަނޑައަޅާފައި ވެއެވެ.
އެތައް ދިވެހިންނެެއް ސްޓްރީމިންގް ވެބްސައިޓުތަކާއި އެހެނިހެން ސަބްސްކްރިޕްޝަން (އިޝްތިރާކު)ތަކަށް ފައިސާ ނުދެއްކިގެން އޮތީ ޝަކުވާ ބޮޑުވެފައެވެ. ނަމަވެސް ބޭންކް އިން ބުނަނީ އެފަދަ އޮބަހެއްޓުމެއް އެކަށައަޅާފައި ނުވާނެ ކަމަށާއި ކޮންމެ ދުވަހަކަށް ކަނޑައަޅާފައިވާ ލިމިޓުތަކަށް ސަބްސްކްރިޕްޝަން ޕޭމަންޓުތައް ނުފެތޭ ކަމަށެވެ.
ކަންމިހެން ހުރިނަމަވެސް ސަރުކާރަށް އިވެނީ އަދި ފެންނަނީ ހަމައެކަނި އެއް ފުށެވެ. ރަނގަޅު ޚަބަރެވެ. ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ނިސްބަތްވެވަޑައިންނަވާ މަޖިލިސް މެންބަރު އަޙްމަދު އަޒާން ބުރާސްފަތި ދުވަހު ޢާންމުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދިވެހިރާއްޖޭގެ ދަރަނީ މައްސަލައާ ކުރިމަތިލާފައި ވަނީ ގޮތްހުރި, ޒިންމާދާރު އުޞޫލަކުން ކަމަށެވެ. އޭނާގެ ޕޯސްޓާއެކު އިންފޯގްރެފިކްސްވެސް ހިމަނާފައި ވެއެވެ. އެއިން ދައްކާ ގޮތުގައި ވޭތިވެދިޔަ 2 އަހަރާއި ބައިގެ ތެރޭގައި ސަރުކާރުން ވަނީ 1.29 ބިލިޔަން ޑޮލަރު ދަރަނި އަނބުރާ ދެއްކުމަށް ޚަރަފދު ކޮށްފައެވެ. މިއީ މޭ 2026 އަށް ބަލާނަމަ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ)ގެ 44.5 އިންސައްތައެވެ. 2023 ޑިސެންބަރުގައި މި ނިސްބަތްހުރީ 51.3 އިންސައްތައިގައެވެ.
އަޒާން ވިދާޅުވަނީ ގިނަ ދަރަނި ނަގާފައި ހުރީ ކުރީގެ ސަރުކާރުތަކުން ކަމަށެވެ. އެހެންނަމަވެސް މިސަރުކާރުން 2.4 ބިލިޔަން ރުފިޔާގެ ދަރަނި ނަގާފައިވާ ކަމަށާއި, އެފައިސާއިން ކުޅަ ޢުމްރާނީ ތަރައްޤީގެ ނުވަތަ އެހެންވެސް މަސައްކަތެއް ފެންނާން ނެތް ކަމަށް ރައްދުގައި ސަރުކާރުގެ ސިޔާސީ ވަދާވެރިން ބުނެއެވެ.
ކުރީގެ އިކޮނޮމިކް މިނިސްޓަރ އަޙްމަދު މުޙައްމަދު (އަންޑޭ) ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފިޗް އިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގް ހެޔޮކުރި ކަމީ މަރުޙަބާ ކިޔާ ކަމެއް ކަމަށާއި, އިސްތިޤްލާލުގެ ދަރަންޏަށް ނުގޮސް ޗެލިކަމީ ނުރައްކަލުން އަރައިގަނެވި, މައްސަލަ ޙައްލުވުން ނޫން ކަމަށެވެ. ”500 މިލިޔަން ޑޮލަރުގެ ސުކޫކްގެ އަގު އަދާކުރުމުން, މިހިނދަށް އޮތް ހިރާސް ކެނޑިއްޖެ. މިއީ ރަނގަޅެއް.“ ކަމަށާއި, ދިވެހިރާއްޖެ ނުރައްކަލުގެ ތުންފަތްމަތިން މިވަގުތަށް ފޭކުރެވިއްޖެ ކަމަށް އޭނާ ޖޫން 5 ގައި ލިޔުއްވި ޕޯސްޓުގައި ވިދާޅުވިއެވެ.
އެހެންނަމަވެސް ދިވެހިރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް މިހާރު ހުރީ މަސްދުވަހުގެ ޟަރޫރީ މުދަލަށްވާ ވަރަށް ކަމަށާއި, ދަރަނީގެ ނިސްބނަތްހުރީ ޖީޑީޕީގެ 100 އިންސައްތައަށް ވުރެ ވެސް މަތީގައިކަން ފާހަގަކޮށް, އަންޑޭ އިންޒާރު ކުރެއްވިއެވެ. ”އަސްލު އިމްތިޙާނަކީ މިއަހަރުގެ ތެރޭގައި ޑިފޯލްޓް (ދަރަނި ނުދެއްކޭ ޙާލަތު) ނުވެ ހިފެހެއްޓުން“ ކަމަށާއި އަޞްލު ސުވާލަކީ އަދި އިމްތިޙާނަކީ މިހާރު ނޭވާއެއްލާން މިިލިބުނު ފުރުޞަތުގެ ބޭނުން ހިފައި, މާލިއްޔަތު ދެމެހެއްޓެނިވި މަގަކަށް އަޅުވާނެ ތޯ ކަމަށެވެ.
ފައިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު, ދިވެހިރާއްޖޭގެ ދަރަނި ހުރީ 155 ބިލިޔަން ރުފިޔާގައެވެ. މިއީ ޤައުމީ ޖީޑީޕީގެ 130 އިންސައްތައެވެ. މިސަރުކާރު ވެރިކަމަށް އައި އިރު ދަރަނީގެ މިންވަރު ހުރީ 126 ބިލިޔަން ރުފިޔާގައެވެ. ދަރަނި ސަރުކާރުން ނަގަނީ މިހާރު ދިވެހިރާއްޖޭގެ އެތެރޭގެ ބޭންކްތަކުންނެވެ. ކްރެޑިޓް ރޭޓިންގް ހުރިގޮތުން ވަރުހެސަ އިންޓަރެެސްޓް ރޭޓުގައި މެނުވީ ރާއްޖެއިން ބޭރުން ލޯނެއް ލިބޭން ނެތަތީ ޑޮމެސްޓިކް މާކެޓުގައި ބޮންޑާއި ޓްރެޜަރީ ބިލު ވިއްކައިގެންނެވެ. ނިމިދިޔަ އަހަރު ދައުލަތުގެ ޚަރަދަށްނެގި 90 އިންސައްތަ ދަރަނި ފެތެނީ ބޮންޑާއި ޓްރެޜަރީ ބިލަށެވެ. ރާއްޖޭގެ ތެރެއިން ނަގާ ދަރަނިވެސް ނަގަމުންދަނީ ޑޮލަރުންނެވެ.
ކަންމިހެން ހުރިނަމަވެސް ސޯޝަލް މީޑިޔާގައި ސަރުކާރަށް ތާޢީދުކުރާ ފަރާތްތަކުން ދަނީ އަޒާން ޕޯސްޓުކުރެއްވި ރާގުގައި, ސަރުކާރުގެ ކާމިޔާބީ ފާހަގަކޮށް ލިޔަމުންނެވެ. ގިނައިން ޝެއަރކުރަމުންދާ އެފަދަ ޕޯސްޓެއްގައި ލިޔެފައި އޮތީ ރައީސް މުޢިއްޒުގެ ކުޅަދާނަފުޅުކަމުން ”އިދިކޮޅު ހިމޭންވެފައި“ ވާ ކަމަށާއި, ދިވެހިރާއްޖެ އިނދަޖެހޭނެކަމަށް ލަފާދެމުންދިޔަ ބޭރުގެ ކްރެޑިޓް ރޭޓިންގް އޭޖެންސީތަކަށްވެސް ”އިޤްތިޞާދި އޮތީ ވެންޓިލޭޓަރުގައި“ ނޫންކަމުގެ ޙަޤީޤަތް ހަޖަމުކުރަން މަޖުބޫރު ވެފައިވާ ކަމަށެވެ. އަދި ސަރުކާރުން އިޤްތިޞާދީ ހަމަޖެހުމާއި އިންވެސްޓަރުންގެ އިތުބާރު ކަށަވަރުކޮށްފައިވާ ކަމަށެވެ.
ނަމަވެސް, ފިޗްގެ މިންގަނޑުން ބަލާއިރު ސީސީސީ- އަކީ ދަރަނި ނުދެއްކޭނެ ޙާލަތެއް މެދުވެރިވެދާނެކަމުގެ ޙަޤީޤީ ބިރެއް އޮތްނަމަ ދޭ ރޭޓިންގްއެކެވެ. މިޙާލަތުން އަރައިގަތުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އައިއެމްއެފް އިން ރުހުމުގެ ބަހެއް ބުނި ނަމަވެސް, އެފަރާތުންވެސް ފާހަގަކޮށްފައިވަނީ ދަރަނި ނުދެއްކުމުގެ ބިރު ބޮޑުކޮށް ދެމި އޮތް ކަމަށެވެ.
މިއާއެކު, ދަރަނި ނުދެއްކިދާނެކަމުގެ ބިރަށް ސުކޫކް ދެއްކުމުން ލުއި ލިބިފައިވާކަން ފިޗްއިންވެސް ފާހަގަ ކުރެއެވެ. މިއަހަރުގެ ފަހު ހަ މަސް ދުވަހުގެ ތެރޭގައި ބޭރުގެ ފަރާތްތަކަށް ދަރަނީގެ ގޮތުގައި 535 މިލިޔަން ޑޮލަރު ދައްކާން އެބަ އޮތެވެ. މިއަހަރު ބޭރު ފަރާތްތަކަށް ދަރަނި އަދާކުރާން 1.1 ބިލިޔަން ޑޮލަރު ދިވެހި ދައުލަތުން ދައްކާން ޖެހެއެވެ.
ފިޗް ރޭޓިންގްއަށް އައި ހެޔޮ ބަދަލާއެކު ސަރުކާރުންވަނީ ސުކޫކް އަނބުރާ ދެއްކުމާއި, އާމްދަނީ ލިބުމުގެ ދޮރުތަކާގުޅޭ ނިޒާމީ އިޞްލާޙުތައް ގެންނަމުންދާކަން ފާހަގަކޮށްފައެވެ. އަދި އޭޕްރީލް 2026 ނިމޭން ވާ އިރަށް ދަރަނީގެ މިންވަރު ޖީޑީޕީގެ 121,2 އިންސައްތައަށް ދަށް ކުރެވޭނެ ކަމަށްވެސް ބުނެފައެވެ. އަދި އިތުރަށް ނަގާ އެއްވެސް ދަރަންޏަކުން ދަރަނީގެ ދެމެހެއްޓުންތެރިކަމަށް ނޭދެވޭ އަސަރެއް ނުފޯރާނެކަމުގެ ޔަޤީންކަންވެސް ފިނޭންސް މިނިސްޓްރީ އިން ދީފައި ވެއެވެ. އެހެންކަމުން އެމިނިސްޓްރީ އިން ބުނަނީ މެދުއިރުމަތީގެ ހަނގުރާމަފަދަ މިހާރު ކުރިމަތިވަމުންދާ ކުއްލި ނުރައްކާތަކާ ކުރިމަތިލުމުގެ ޤާބިލުކަން ދިވެހިރާއްޖޭގައި އެވަނީ އިތުރު ކުރެވިފައެވެ.
ދެފަށްލީ ޑެފިސިޓް
ފިޗް އިން ބުނަނީ ދިވެހިރާއްޖޭގެ ދެފަށްލީ ދަރަނީގެ ދަންތުރައިގެ ފަހަތުގައިވަނީ އެކި ސަރުކާރު ތަކުން ލިބޭ އެއްޗަކަށްވުރެ ބޮޑުކޮށް ޚަރަދުކުރުން މަތިކުރަމުން ގޮސް, ނެތް ފައިސާ ދަރަނި ނަގައިގެން ހޯދަމުން ދިއުން ކަމަށެވެ. މިކަން އެކުން ބޮޑުވާ ސަބަބަކީ ދިވެހިރާއްޖެއަކީ އެކްސްޕޯޓަށްވުރެ އިމްޕޯޓު ބޮޑުތަނުން އިތުރު ޤައުމަކަށް ވުމެވެ.
ވޯލްޑް ބޭންކްގެ މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ރިޕޯޓުގެ ދިވެހިރާއްޖޭގެ ބައިގައި ބުނެފައިވަނީ 2026 ގައި ލަފާކޮށްފައިވާ އިޤްތިޞާދު ހެދިބޮޑުވުމުގެ ނިސްބަތް 0.7 އިންސައްތައަށް ތިރިވާނެ ކަމަށެވެ. 2025 ގައި މި ނިސްބަތްހުރީ 6.3 އިންސައްތައިގައެވެ. މިކަމުގެ ސަބަބަކީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ފްލައިޓުތަކާއި ޓުވަރިސްޓް ހޮޓާ/ގެސްޓްހައުސްތަކުގެ ބުކިންގްތައް ގިނަ ޢަދަދަކުން ކެންސަލުވަމުން ދިއުމާއި, ތެލުގެ އަގު ބޮޑުވުމާއި ދުނިޔޭގެ ނިސްބަތުން މާލީ ނިޒާމަށް ޕްރެޝަރު ބޮޑުވެ, ދަތިވަމުން ދިއުމެވެ. ނިމިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގައި ވޯލްޑް ބޭންކް އިން ލަފާކުރީ މިއަހަރު އިޤްތިޞާދު ފުޅާވެ ބޮޑުވުމުގެ ނިސްބަތް ހުންނާނީ 3.9 އިންސައްތައިގައި ކަމަށެވެ. އަދި ދަރަނި އިތުރުވާ މިންވަރު ޖީޑީޕީގެ ނިސްބަތުން ހުންނާނީ 4.3 އިންސައްތައިގައި ކަމަށް ސަރުކާރުން ބުނި ނަމަވެސް, އެމިންވަރު 10.9 އިންސައްތައަށް އުފުލޭނެކަމަށް ވޯލްޑް ބޭންކްއިން ލަފާ ކުރެއެވެ. އެނިސްބަތް ހުންނާނެ ކަމަށް ފިޗް އިން ލަފާކުރީ 14.6 އިންސައްތައިގައެވެ. މެދުއިރުމަތީގެ ހަނގުރާމަޔާއެކު ދުނިޔޭގެ އިޤްތިޞާދަށް އެރި ލޮޅުންތަކާއެކު ތެލުގެ އަގު ބޮޑުވެ, ފަތުރުވެރިކަން ހީނަރުވުމުގެ ސަބަބުން އެ ނިސްބަތް އުފުލޭނެ ކަމަށް ސަރުކާރުން ބުނަނީ 7.1 އިންސައްތަ އަށެވެ.
ދިވެހިރާއްޖޭގެ ކަރަންޓް އެކައުންޓް ޑެފިސިޓުގެ މިންވަރު 2025 ގައި ހުރީ ޖީޑީޕީގެ 7.5 އިންސައްތައިގައެވެ. ވޯލްޑް ބޭންކްގެ އަންދާޒާތަކަށް ބަލާއިރު އެނިސްބަތް 20.6 އިންސައްތައަށް އުފުލުން އެކަށީގެން ވެއެވެ. ޢާންމު ދަރަނީގެ ނިސްބަތް އަހަރު ނިމޭއިރު ޖީޑީޕީގެ 140 އިންސައްތަ ފަހަނަ އަޅައި މައްޗަށް ދިއުންވެސް އެކަށީގެން ވޭމެއެވެ. ވޯލްޑް ބޭންކްގެ ބަހަކީވެސް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ ބަހެވެ. އެއީ ދިވެހިރާއްޖެ އޮތީ ދަރަނީގެ ބޮޑު ހިރާހެއް ކުރިމަތިވެފައި ކަމަށެވެ.
އައިއެމްއެފްގެ އާޓިކަލް 4 ގެ ދަށުން ހިންގާ މުރާޖަޢާ ބައްދަލުވުންތައް ނިމިދިޔަ ހަފުތާގައި ފުރިހަމަ ކުރުމަށްފަހު, މިއަހަރު އިޤްތިޞާދު ކުރިއަރާނެކަމަށް އައު ލަފާކުރުމެއް ޢާންމު ކުރިއެވެ. އެއީ 1 އިންސައްތައެވެ. މުހުލަތަށް ދަރަނިތައް ދައްކަމުން ދާ ކަންމައްޗަށް އައިއެމްއެފްގެ ވަފުދު މަރުޙަބާ ކިޔެވެ. ނަމަވެސް އިޤްތިޞާދަށް ގެންނާންޖެހޭ ނިޒާމީ އިޞްލާޙުތަކުގެ ވާހަކަވެސް ފާހަގަކުރިއެވެ. އޭގެ ތެރޭގައި ސަބްސިޑީތައް އެންމެ ބޭނުންޖެހިފައިވާ މީހުންނަށް ޓާގެޓު ކުރުމާއި, ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ ޚަރަދުބަރަދު ކޮންޓްރޯލްކޮށް, މެނޭޖުކުރުން ހަރުދަނާ ކުރުމުގެ މަތިން ހަނދާކޮށްދީފައި ވެއެވެ.
އޮއެވަރު ބަދަލުވުން
ފައިނޭންސް މިނިސްޓްރީއިން ހަފްތާއަކު އެއްފަހަރު ޢާންމުކުރާ ތަފާސްހިސާބު ރިޕޯޓުގައި ބުނަނީ ޖޫން 4, 2026 އާ ޖެހުނުއިރު ޑެފިސިޓު ދަރަނީގެ މިންވަރު ހުރީ 110.6 ބިލިޔަން ގައި ކަމަށެވެ. ނަމަވެސް އެމިންވަރު 2025 ގެ މިދުވަސްވަރު ހުރީ 1 ބިލިޔަން ރުފިޔާގައެވެ. ހިސާބުތަކުން ދައްކަނީ ޓެކްސްގެ އާމްދަނީ މިދިޔަ އަހަރު މިހާތަނަށް ހުރީ 17.3 ބިލިޔަން ރުފިޔާގައި ނަމަވެސް, އެމިންވަރު މިއަހަރު 19.1 ބިލިޔަނަށް އަރާފައިވާ ކަމަށެވެ. މިއީ މައިގަނޑު ގޮތެއްގައި ފަތުރުވެރިކަމުގެ ޚިދުމަތާއި މުދަލުން ނަގާ ޓެކުހުން (ޓުވަރިޒަމް ގުޑްސް އެންޑް ސަރވިސަސް ޓެކްސް - ޓީޖީއެސްޓީ) އާއި ޢާންމު ޖީއެސްޓީ އިން ޖަމާވެފައިވާ ޢަދަދެވެ.
ޑެފިސިޓު ބޮޑުވަމުން ދަނީ ލިބޭ އެއްޗަކަށް ވުރެ މާ ބޮޑުކޮށް ޚަރަދު ހިންގަމުންދާތީ އެވެ. އެންމެ ބޮޑަށް ޚަރަދު ބޮޑުވަމުން އަންނަނީ ސަބްސިޑީތަކުންނެވެ. ޖޫން މަހުގެ ކުރީކޮޅާ ޖެހުނުއިރު ސަބްސިޑީއަށް 2.3 ބިލިޔަން ރުފިޔާ ޚަރަދުކޮށްފިއެވެ. މިއީ ކުރީ އަހަރާ އަޅާކިޔާއިރު 69 އިންސައްތައިގެ ބޮޑުވުމެކެވެ. އަދި މިއީ އަހަރަށް ކަނޑައެޅި ބަޖެޓުގެ ގާތްގަނޑަކަށް 80 އިންސައްތައެވެ. އަދި މިއަހަރުގެ ފަހު 6 މަސް ދުވަސް އޮތީއެވެ. ދައުލަތުގެ މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި ޚަރަދުކުރާންޖެހޭ މިންވަރު 477.4 މިލިޔަން ރުފިޔާއިން ބޮޑުވެ, ޖުމުލަ 5.3 ބިލިޔަން ރުފިޔާއަށް މިއަހަރު އަރާފައި ވެއެވެ. ފަރުވާއެއްގެ ގޮތުން ބައެއް މިނިސްޓްރީ އުވައިލާ, އެއްކޮަށްލާފައި ވެއެވެ. އަދި ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ ޚަރަދުކުޑަ ކުރާން މުވައްޒަފުން މަދުކުރާންވެސް ފަށާފައި ވެއެވެ.
ކޮންމެއަކަސް, އޭޕްރީލް މަހު ދަރަނި އަދާކުރަން ކުރި ޚަރަދުގެ ސަބަބުން މިއަހަރު ސަރުކާރުން ކުރާ ޖުމުލަ ޚަރަދުގެ ތިންބައިކުޅަ އެއްބަޔަކީ ލޯނު ދައްކާން ކުރާ ޚަރަދުކަމަށް ވެފައި ވެއެވެ. އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކަނީ އާމްދަނީ ލިބޭ މިންވަރު 6 އިންސައްތައިގެ ރޭޓުން ދަށްވެފައިވާ ކަމަށެވެ.
2025 ގައި ސަރުކާރުން ޑެފިސިޓުގެ މިންވަރު ކުޑަ ކުރިއެވެ. އެއީ ބިލުތަކަށް ފައިސާ ދެއްކުމާއި ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ކުރާ ކެޕިޓަލް ޚަރަދު މަޑުޖައްސާލައިގެންނެވެ. ވޯލްޑް ބޭންކްއިން ބުނަނީ ނުދައްކާ ހުރި ބިލުބޮނޑި ސަރުކާރު ޙިއްސާވާ ކުންފުނިތަކުގައްޔާއި މިނިސްޓްރީތަކުގައި ފުނިޖެހިފައިވާ ކަމަށެވެ.
ކުރިންވެސް ވީ ދަތި
ރަސްމީ ރިޒާވްއަށް އާރޯކަން ލިބި މިއަހަރުގެ މާޗްގައި ރައްކާކޮށްފައި ހުރި ފައިސާގެ މިންވަރު 1.3 ބިލިޔަން ޑޮލަރަށް އެރިއެވެ. އޭޕްރީލް މަސް ޖެހުނު އިރު އެޢަދަދު 718 މިލިޔަން ޑޯލަރަށް ވެއްޓިއްޖެއެވެ. ސުކޫކް ދެއްކުމުގެ ސަަބަބުންނެވެ. ފިޗް އިން ބުނަނީ ސުކޫކް ދައްކާން ސޮވަރިން ޑެވަލޮޕްމަންޓް ފަންޑް އެއްކޮށް ހުސްކޮށްލާފައިވާ ކަމަށާއި, އޭގައި ބާކީ ހުރީ އޭޕްރީލްގެ ނިޔަލަށް 21 މިލިޔަން ޑޮލަރު ކަމަށެވެ. ރިޒާވްގައި ބޭނުންކުރެވޭ ފައިސާގެ ޢަދަދު ހިނދުން ހިނދަށް ދައްކާންޖެހޭ ބިލުތަކާއި ލޯނުތަކަށް ކަނޑާފައި ހުރީ 244 މިލިޔަން ޑޮލަރުގައި ކަމަށް ފިޗް އިން ލަފާކުރާއިރު, ވޯލްޑް ބޭންކް އިން ބަލާ ހިސާބަކަށް ހަރުކަށި މިންގަނޑުން މިނީމާ އެޢަދަދު ހުރީ 148 މިލިޔަން ޑޮލަރުގައެވެ. ކޮންމެ ގޮތަކުން ބެލިޔަސް މަހެއްހާ ދުވަހުގެ ޟަރޫރީ އިމްޕޯޓަށް ކިރިޔާ ފުދޭހާ ފައިސާއެވެ.
އެންމެ ބޮޑު ރުޅިވެރިކަމެއް ޢާންމުންގެ ފުށުން ރައްދުވަމުންދަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށެވެ. ޗައިނާގެ އީކޮމަރސް ވެބްސައިޓު ޓެމޫ ހިމެނޭހެން 30 ޕްލެޓްފޯމަކުން ހިންގާ ކޮންމެ މުޢާމަލާތަކަށް 30 އިންސައްތަ ފީއެއް ނަގާން ނިންމި ނިންމުމަށް އަމުދުން ބޮޑަށް ނުރުހުން އަމާޒުވިއެވެ. އެމިންވަރުގެ ފީއެއް ނެގީމާ ޑޮލަރަކަށް ޖެހޭ މިންވަރު ކަޅުބާޒާރުގެ އަގާ އެއްވަރު ވީއެވެ. އަދި މަހަކު 30 މުޢާމަލާތު މެނުވީ ނުކުރެވޭ ގޮތަށް ގެނައި ބަދަލާއެކު އިތުރު ފާޑުކިޔުން ބޭންކްއަށް އަމާޒުވިއެވެ. 30 އަށްވުރެ ގިނަ މުޢާމަލާތް ކުރަނީ ބޭންކް ކަސްޓަމަރުންގެ ތެރެއިން 3 އިންސައްތައެއްހާ މީހުންކަމަށް ބޭންކް އިން ބުނެއެވެ. ބޭންކް ގެ ސީއީއޯ މުޙައްމަދު ޝަރީފު ވިދާޅުވީ ގެނައި ބަދަލުގެ މަޤްޞަދަކީ ބަލްކުކޮށް (ގަނޑުކޮށް) ޓެމޫ އަދި ޝެއިންފަދަ ވެބްސައިޓުތަކުން ވިޔަފާރީގެ ބޭނުމަށް ޕާރސަނަލް ކާޑު ބޭނުންކުރާ ކުރުން ހުއްޓުވުން ކަމަށެވެ.
ބޭންކް އިން ޢާންމު ނުކުރިނަމަވެސް, އިތުރު އޮބަހެއްޓުމެއްވެސް ތަޢާރަފު ކޮށްފައި ވެއެވެ. އެއީ ދުވާލެއްގެ މައްޗަށް ކޮންމެ ވެބްސައިޓަކަށްވެސް މުޅި ރާއްޖެއިން ވަކި ޢަދަދެއްގެ ފައިސާގެ ޖުމުލަ ހަމަވީމާ އިތުރު މުޢާމަލާތެއް ނުކުރެވޭ ގޮތަށް ހެދުމެވެ. މިސާލަކަށް ޓެމޫ އިން މީހަކު އެއްޗެއް ގަންނައިރު, އެދުވަހުގެ ވެބްސައިޓު ލިމިޓު ހަމަވާވަރަށް ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރުން އެއްޗެތި ގަނެފައިވާނަމަ, އެމީހެއް އެމަހަކު އަދި ހަމަ އެންމެ މުޢާމަލާތެއް ނުކުރާނަމަވެސް, އެއެއްޗެއް އެދުވަހަކު ޓެމޫ އަކުން ނުގަނެވޭނެއެވެ. ބޭންކްގެ ހުރިހާ ކަސްޓަމަރުންނަށް މިމަގުން ޖަމާޢީ ޖުމުލަ ލިމިޓެއް ކަނޑައަޅާފައި ވެއެވެ. މިކަމުގެ ސަބަބުން އެޑޯބީ ނުވަތަ މައިކްރޯސޮފްޓް ފަދަ ސަބްސްކްރިޕްޝަންތަކަށް އަދި ފޭސްބުކްގައި އިޝްތިހާރު ކުރުންފަދަ ޚިދުމަތްތަކަށް ފައިސާ ނުދެއްކިގެން ގިނަ ބަޔަކު ސޯޝަލް މީޑިޔާގައި ޝަކުވާ އުފުލަމުން ދެއެވެ.
ބީއެމްއެލް އިން ބުނަނީ ސަބްސްކްރިޕްޝަނަށް ފައިސާ ދެއްކުން ނުހުއްޓުވާކަމަށް ބުނަމުންދއެވެ. އަދި ސަބްސްކްރިޕްޝަންތަކަށް ފައިސާ ދެއްކުމުގައި މައްސަލައެއް ދިމާވާނަމަ ކަން ބޭންކްއަށް އަންގާން އެދިފައި ވެއެވެ. ބޭންކް އިން ބުނަނީ އެ އުނދަގޫތަކަށް މިމަސް ނިމުމުގެ ކުރިން ޙައްލު ލިބޭނެ ކަމަށެވެ.
ޖޫން 2025 ގައި ސަރުކާރުން ބޭރު ފައިސާއާބެހޭ އުޞޫލުތަކަށް ބަދަލުގެނެސް, ޑޮލަރުން ލިބޭ އާމްދަނީގެ 90 އިންސައްތަ މަރުކަޒީ ބޭންކް: މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ - އެމްއެމްއޭ އަށް މާރުކުރަން މަޖުބޫރު ކުރުވާފައި ވެއެވެ. މިކަމުގެ ސަބަބުން ބޭރު ފައިސާގެ ރިޒާވް ރަނގަޅުވި ނަމަވެސް, އަމިއްލަ ވިޔަފާރިތަކާއި ފަރުދުންނަށް ޑޮލަރު ލިބުމުގެ ތާށިކަން އިހުނަށްވުރެ ބޮޑުވެ, ކަޅު ބާޒާރުވެސް ވީ ފުޅަލެވެ.
މި އާ އުޞޫލުގެ ދަށުން 182 ރިޒޯޓުން 671 މިލިޔަން ޑޮލަރު ސެންޓްރަލް ބޭންކްއަށް މާރުކޮށްފައި ވެއެވެ. އޭގެތެރެއިން 523.4 މިލިޔަން ޑޮލަރު - 78 އިންސައްތަވަރު، އެމްއެމްއޭއަށް މާރުކުރަނީ ކޮމާޝަލް ބޭންކްތައް މެދުވެރިކޮށް ކަމަށް އެމްއެމްއޭގެ އަހަރަނީ ރިޕޯޓު ބުނެއެވެ. އެމިންވަރުން އެމްއެމްއޭއިން އަނބުރާ ބޭންކްތަކަށް 447.6 މިލިޔަން ޑޮލަރު، ޢާންމުންނަށާއި ވިޔަފާރިވެރިންނަށް ވިއްކާން ދޫކޮށްފައި ވެއެވެ.
އެމްއެމްއޭ އާއި ޢާންމުންނާ ދެމެދު އޮތް ފާލަމަކީ ބޭންކްތަކެވެ. މާލީ ތަޖުރިބާކާރަކު ދައުރު ނޫހުގައި ވިދާޅުވެފައިވަނީ ބޭންކްތަކަށް ޑޮލަރު ވިއްކެނީ އެމްއެމްއޭ އިން ހުއްދަ ދިން މިންވަރަކަށް ކަމަށާއި، ޑޮލަރުގެ ކަޅުބާޒާރާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ މެންޑޭޓު ލިބިގެންވަނީ އެމްއެމްއޭއަށް ކަމަށް ވީއިރު، މާލެއާއި ހުޅުމާލޭގައިވެސް ޑޮލަރު ގަނެވިއްކުމުގެ މުޢާމަލާތް ހިންގާން ރެޖިސްޓްރީކޮށްފައިވާ ހުރިހާ އޭޖެންޓުން 15.42 ގެ ރޭޓަށްވުރެ ބޮޑުކޮށް ޑޮލަރު ވިއްކަމުންދަނީ ފައުޅުގައި ކަމަށް އޭނާ ދައުރުގައި ވިދާޅުވެފައި ވެއެވެ.
ޑޮލަރުގެ ދަތިކަން ލައިގަންނަނީ މޫސުމީ ކޮށެވެ. މޭ މަހާއި އޮގަސްޓް މަހާ ދެމެދަކީ ފަތުރުވެރިން އެންމެ މަދުން ދިވެހިރާއްޖެއަށް އަންނަ ދުވަސްވަރެވެ. ރިޒޯޓުތަކަށް ލިބޭ ޑޮލަރުގެ އާމްދަނީ މަދުވާ ދުވަސްވަރެވެ. ނަމަވެސް ޙައްޖާއި ޢުމްރާގެ އަޅުކަމުގެ އިތުރަށް ސްކޫލް ޗުއްޓީވީމާ ޢާންމުންނަށް ޑޮލަރު ބޭނުންވާ މިންވަރު އިތުރުވެ ދެއެވެ. މިއަހަރު މިހުރިހާ ޕްރެޝަރެއްގެ މައްޗަށް އިތުރުވީ ސުކޫކް ދައްކާން ޖެހުމާއި، ޑޮލަރު މާރުކުރުމުގެ އައު ޤަވާޢިދާއި، އިރާން ހަނގުރާމައެވެ.
ވީމާ މާލީ-އިޤްތިޞާދީ އުދަރެސް ފެންނަނީ ބަނަ ކަށެވެ. ރައީސް ޢަބްދުالله ޔާމިން ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ޖަލްސާއެއްގައި ބުރާސްފަތި ދުވަހުގެ ރޭ ވާހަކަދައްކަމުން ވިދާޅުވީ 2026 ނިމުމުގެ ކުރިން ޑޮލަރެއްގެ އަގު 21 އަށް އެރުން އެކަށީގެންވާ ކަމަށާއި، ޑޮލަރުގެ އަގު ހިފެހެއްޓޭނެކަމަށް ސަރުކާރުން އެބުނާ ވާހަކައަށް ގޮންޖައްސަވާ ކަމަށެވެ.
އިކޮނޮމިކް ޑެވަލޮޕްމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަޤާމުގައި ނިމިދިޔަ ސަރުކާރުގައި ހުންނެވި ރިޔާޒް މަންސޫރު ވެސް ވިދާޅުވީ އަހަރު ނިމުމުގެ ކުރިން 21 ރުފިޔާއަށް ޑޮލަރެއްގެ އަގު އަރައިދާނެ ކަމަށް ދެކެވަޑައިންނަވާ ކަމަށެވެ. ނޮވެންބަރު 2024 އިން މޭ 2026 އަށް ޑޮލަރުގެ އަގު ހުރީ 20 ރުފިޔާގައި ހިފެހެއްޓިފައެވެ. މައްޗަކަށްވެސް ތިރިއަކަށްވެސް ނުދެޔޭ ދެންނެވުމުން ދޮގަކަށް ނުވާނެއެވެ. ނަމަވެސް ޙައްޖު ޢުމްރާގެ އަޅުކަމާއި ސްކޫލް ބަންދުތަކާ ދިމާވުމާއެކު 20 ރުފިޔާ 20 ލާރިއަށް ވުރެ މައްޗަކަށް ޑޮލަރެއްގެ އަގު އަރާފައެއް ނުވެއެވެ.
ރިޔާޒް މަންސޫރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަރުކަޒީ ބޭންކުން އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ޑޮލަރު އަގުބޮޑުވިޔަ ނުދޭން، ބާޒާރަށް ޑޮލަރު ދޫކުރަމުން ދިއުމުން އަގު ހިފެހެއްޓިފައި ހުއްޓަކަސް، ސުކޫކް އަދި ލޯނު އަނބުރާ ދައްކާން ސެންޓްރަލް ބޭންކަށް އަތްފޯރާ ފަށުގައި ހުރި ޑޮލަރު ބޭނުންކުރުމުން، ކަޅު ބާޒާރުގެ އަގުތައް ހިފަހައްޓާން އެމްއެމްއޭއިން ބޭނުންކުރަމުންދިޔަ އުކުޅު ދެން ބޭނުންކުރެވެން ނޯންނާނެ ކަމަށެވެ. އަންނަ ތިން މަސްދުވަހުގެ ޓުވަރިޒަމް ލޯ ސީޒަން އިމްތިޙާނަކަށް ވާނެކަމަށް ވެސް އޭނާ ލިޔުއްވިއެވެ.
ހަނގުރާމައާއި ބިލުބޮނޑިތަކާއި ކިރިޔާވެސް އޮތް ތަސައްލީ
ވިލާތުން ދިވެހިރާއްޖެއަށް ފަތުރުވެރިން އަންނަ މެދުއިރުމަތީގެ އެއަރޕޯޓުތަކަށް ޙަމަލާ ދިނުމާއި، ގަލްފުގެ ޤައުމުތަކުގެ ވައިގެ ސަރަޙައްދު ބަންދުކުރުމާއި، އެމިރޭޓްސް، އިއްތިޙާދު އަދި ޤަޠަރު އެއަރވޭޒް ހިމެނޭހެން އެތައް ސަތޭކަ ފްލައިތެއް، ގިނަ އެކި އެއަރލައިންތަކުން ކެންސަލުކުރުމާ ގުޅިގެން، މިދިޔަ އަހަރާ އަޅާކިޔާއިރު މިއަހަރު ދިވެހިރާއްޖޭގެ ފަތުރުވެރިކަން 5 އިންސައްތަ ދަށްވެފައި ވެއެވެ. ވޯލްޑް ބޭންކްގެ އަންދާޒާތަކުން ދައްކާގޮތުގައި މިކަމުގެ ސަބަބުން ވަޒީފާ ނެތް މީހުން ނިސްބަތްވަނީ ބޮޑުވެފައެވެ. އަދި ރިއަލް ވޭޖް (ލިބޭ މުސާރައިން ގަނެވޭ ޚިދުމަތާއި ތަކެތީގެ މިންވަރު) 2 އިންސައްތައަށް ސަރވިސް ސެކްޓަރުގައި ދަށްވެފައިވެސް ވޭމެއެވެ.
އޭޕްރީލް މަހު އޭގެ ކުރީ މަހާ އަޅާ ކިޔާއިރު 4.18 އިންސައްތައަށް ޢާންމު ޚިދުމަތާއި މުދަލުގެ އަގު އުފުލިފައި ވެއެވެ. އަދި ރަމަޟާން މަހަށް ކަރަންޓު ބިލަށް ދިން ޑިސްކައުންޓް ކަނޑާލުމުން 411 އިންސައްތައަށް ކަރަންޓު ޔުނިޓެއްގެ އަގު އުފުލިފައި ވެއެވެ.
ތަކެއްޗާއި ޚިދުމަތުގެ އަގު ބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ފޯރަނީ އަތޮޅު ތެރެއަށެވެ. އަތޮޅު ތެރޭގައި އަގުތައް 5.56 އިންސައްތައިގެ ރޭޓުން އުފުލުނެވެ. މާލޭގައި އެނިސްބަތް ހުރީ 3.24 ގައެވެ. ދިވެހިރާއްޖޭގައި ދިރިއުޅޭ ކޮންމެ 10 ފަގީރެއްގެ ތެރެއިން 9 މީހުން ދިރިއުޅެނީ ރަށްފުށުގައެވެ. ވޯލްޑް ބޭންކް އިން އަންދާޒާކުރާ ގޮތުގައި 48.9 އިންސައްތަ މީހުން ތިބީ ފަގީރުންކަމަށް ކަނޑައަޅާ ރޮނގާއި މިންގަނޑަށްވުރެ ކުޑަތަންފުކެއް އުހުގައެވެ. އެހެންވީމާ 10 އިންސައްތައަށް ކާބޯތަކެތީގެ އަގު އުފުލިއްޖެނަމަ 1.6 އިންސައްތައިގެ އިތުރުވުމެއް ފަގީރުންގެ ނިސްބަތަށް އިތުރުވާނެއެވެ.
ވޯލްޑް ބޭންކް އިން އަންދާޒާ ކުރާގޮތުގައި ޚިދުމަތާއި ތަކެތީގެ އަގު މި 2026 ގައި 6 އިންސައްތައިން އުފުލޭނެއެވެ. 2028 އާ ހަމައަށް އެނިސްބަތް ހުންނާނީ 4 އިންސައްތައަށްވުރެ ދަށުގައެވެ. މިއީ އިމްޕޯޓު މުދަލަށް ދޭންޖެހޭ ބޭރު ފައިސާގެ ދަތިކަމުގެ ސަބަބުން ކުރާ އަސަރެއް ކަމަށް އެ ބޭންކުން ބުނެއެވެ.
ފިނޭންސް މިނިސްޓްރީގެ ޗީފް ބަޖެޓް އެގްޒެކެޓިވްގެ މަޤާމުގައި ހުންނެވި ސަރުވަޝް އާދަމް ވިދާޅުވަނީ ފިސްކަލް ޑެފިސިޓް އަދި ކަރަންޓް އެކައުންޓް ޑެފިސިޓް ފޫބައްދަމުން އައީ މިއޮތްހާ ދުވަހު ދަރަންޏަށް ނަގައިގެން ކަމަށާއި، ފަތުރުވެރިކަމުގެ އިޤްތިޞާދެއްގައި އެގޮތުގައި މައްސަލައެއް ނުޖެހި ވަކި ހިސާބަކަށް ދާންދެން ކުރިއަށް ދެވޭނެ ކަމަށެވެ. ނަމަވެސް ލިބޭ އެއްޗަކާއި ކުރާ ޚަރަދުގެ ފަރަގު ބޮޑުވެ، ތިލަފަތް ދަރަނީގެ އަތަށް ބަރުވަމުން އައިސް ބޭރު ފައިސާގެ ސަޕްލައި، ދަރަނީގެ ދެމެހެއްޓެނިވިކަމާއި، މާލީ ނިޒާމުގެ އިތުބާރަށް ބުރޫއަރާން ފަށާނެ ކަމަށް ވިދާޅުވިއެވެ. ސަރުވަޝް ވިދާޅުވީ މިއީ ޑޮލަރަށް ޖެހިގެން އުޅެނީ އެކަނި ނޫންކަމަށާއި، މިއީ އިޤްތީޞާދު ރާވައި، އޮނިގަނޑުކޮށްފައި އޮތްގޮތުގެ ނިޒާމީ މައްސަލައެއް ކަމަށެވެ.
އެހެންވީމާ ސަރުވަޝް ވިދާޅުވަނީ ޙައްލު ހޯދާން އަޅަންޖެހޭ ފިޔަވަޅުތަކަކީ ފަސޭހަ ނޫން އަދި ސިޔާސީ ތާޢީދަށް ބުރޫ އަރާނެފަދަ ފިޔަވަޅުތަކެއް ކަމަށާއި، އޭގެ ތެރޭގައި ދަރަނިން ޑެފިސިޓު ޚަަރަދު ކުރާ މިންވަރު އަދި އިމްޕޯޓަށް ކުރާ ބަރޯސާ ދަށް ކުރުމާއި، އުފެއްދުންތެރިކަން އިތުރުކުރުމާއި، ބޭރު ފައިސާ ހޯދޭނެ މަގުތައް އަލިކުރުމާއި، އެކަށޭނަ މިންވަރުގެ ރިޒާވްއެއް ރައްކާކޮށް، އިތުބާރު އުފެއްދުން ހިމެނެއެވެ.
އަހަރު ދުވަސް ކުރިން ޑޮލަރެއްގެ އަގު ހުރީ 19 ރުފިޔާ 70 ލާރީގައެވެ. އެއީ ސުކޫކްއާއި ދަރަނިތައް މިއަހަރު ދެއްކުމުގެ ކުރިންނެވެ. އަނބުރާ ދެއްކިއްޖެއެވެ. އެކަމުގެ ޑޮލަރުގެ އަގު އިހުނަށްވުރެ ބޮޑަށް އުފުލިއްޖެއެވެ. ދުވަހަކު ނުއުފުލޭ މިންވަރަށެވެ. ސަރުވަޝް ދެކެވަޑައިންނަވާ ގޮތުގައި އަދުގެ އިޤްތިޞާދީ ޙާލަތަކީ ކޮންމެހެން އަޅާންޖެހޭ އިޤްތިޞާދީ އިޞްލާޙީ ފިޔަވަޅުތަކަށް ފުރަގަސްދީ، ދެމެހެއްޓެނިވިކަން ނެތް ރާސްތާއެއްގައި ވީއެންމެ ގިނަ ދުވަހަކަށް ކުރިއަށްގޮސް، ހިފަހައްޓާލެވޭތޯ ކޮށްފައިވާ ޒިންމާދާރުކަން ކުޑަ ހިންމަތެއްގެ ނަތީޖާއެވެ.
މިނިވަން ނޫސްވެރިކަމަށް އެހީތެރިވެދެއްވާ
ބިރެއްނެތި ޚަބަރު ގެނެސްދިނުމަށް އެހީތެރިވެދެއްވާ
އެއްފަހަރު ދެއްވާ
$
ނުވަތަ
މެމްބަރަކަށް ވެލައްވާމަހަކު $5 އިން ފެށިގެން
