ހަނގުރާމައިގެ ގެއްލުން ބޮޑުވަމުންދާއިރު، ޚަރަދުކުޑަކުރުން ހޮނިހިރު ދުވަހުގެ ވޯޓުގެ ފަހަށް

މަޝްރޫޢުތައް އިފްތިތާޙް ކުރުމާއި، އެތައް ސަތޭކައިން ވަޒީފާއަށް ނެގުން ބާރު ލާފައި ކުރިއަށް.

ކުރެހުމާއި ޑިޒައިން: ޑޮސެއިން

ކުރެހުމާއި ޑިޒައިން: ޑޮސެއިން

އީރާނަށް އެމެރިކާއާއި އިޒްރޭލުން ޙަމަލާދީ، ހަނގުރާމަ ފެށުމުގެ ސަބަބުން ދިވެހިރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު 18 އިންސައްތަ ދަށްވެ، ގާތްގަނޑަކަށް 500 ފްލައިޓް ކެންސަލްވެ، 85 މިލިއަން އެމެރިކާ ޑޮލަރުން އާމްދަނީ މަދުވާނެ ކަމަށް ލަފާ ކުރެވޭ އިރު، ޚަރަދު ކުޑަކުރުމުގެ ޕްލޭނެއް ސަރުކާރަކުން ހާމައެއް ނުކުރެއެވެ. އަދި ހޮނިހިރު ދުވަހުގެ އިންތިޚާބަށް ފަހު އެފަދަ ފިޔަވަޅުތައް ނާޅުއްވައި ހިފަހައްޓަވަނީކަމަށް ކުރެވޭ ތުހުމަތު ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ދޮގު ކުރައްވައިފިއެވެ. 
ހަފްތާއަކު އެއްފަހަރު ރައީސް މުޢިއްޒު ބާއްވަވަން ފައްޓަވާފައިވާ ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމަ ދުވަހު އެމަނިކުފާނު ވިދާޅުވީ "އިންތިޚާބު ނިމިގެން އަޅަން ބަހައްޓާފައި ހުރި ފިޔަވަޅެއް ނުހުންނާނެ،" ކަމަށާއި "އަޅުގަނޑުމެން މިދަނީ ވީކްލީ މީޑިއާ މެދުވެރިކޮށް ފިޔަވަޅުތައް، އަޅަން ޤަސްތުކުރާ ސިޔާސަތުތައް އިޢުލާން ކުރަމުން،" ކަމަށެވެ. 
ސަރުކާރުން ކޮންމެ ދުވަހަކު ވެސް ޙާލަތު މޮނިޓަރ ކުރަމުންދާ ކަމަށާއި، ޙާލަތާ އެކަށޭނަ ފިޔަވަޅު އަޅަމުންދާ ކަމަށެވެ. އަދި ހަނގުރާމަ ފުޅާވެ، ދަތިކަން އިތުރުވާ މިންވަރަކަށް ބައްލަވާފައި، ފިޔަވަޅުތައް އިތުރު ކުރަމުންދާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް މަޝްރޫއުތައް ހުއްޓާލަން މަޖުބޫރު ވުމުން އަޅުގަނޑުމެން އިސްކަންދޭނީ ބޯހިޔާވަހިކަމާއި ސިއްހީ ދާއިރާއަށް، އެކަން އެއްވެސް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނަން."
އާ މަޝްރޫއުތައް ފެށުން ލަސްވި ނަމަވެސް ބޭރުގެ ފަންޑުން ނުވަތަ ކޮންޓްރެކްޓަރުންގެ ފައިނޭންސިންގް އާއެކު ހިނގަމުންދާ މަޝްރޫޢުތަކަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ބުދަ ދުވަހު ނޫސްވެރިން ގާތު ވިދާޅުވީ ކޭޝްފްލޯ މެނޭޖް ކުރުމަށް ސަރުކާރުން ޚަރަދުތައް ކުޑަކުރަމުން އަންނަ ކަމަށާއި ނަމަވެސް އެކަން ކުރަނީ އިޢުލާންކޮށް، އިޝްތިހާރު ކޮށްގެން ނޫންކަމަށާއި، ބޭރު ފަރާތްތަކުން ޚަރަދު ނުހިންގާ، ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކުރާންޖެހޭ ބޭރު ދަތުރުތައް މެދުކަނޑާލާފައިވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. 
10 އިންސައްތައަށް ނާރާނެހެން ބަޖެޓް ޑެފިސިޓް ހިފަހައްޓާން ހިފި އަމާޒަށް ވާޞިލުވާން މިހާރު އުނދަގޫވާނެ ކަން ޤަބޫލު ކުރައްވައި ފިނޭންސް މިނިސްޓަރ އިތުރަށް ވިދާޅުވީ އެމިނިސްޓްރީގެ ޓީމަކުން ރައްކާކުރާ ފައިސާ ދެނެގަނެ، ބައެއް ރިކަރެންޓް ޚަރަދުތައް މަދުކުރެވޭނެ ގޮތްތައް ކަނޑައަޅައި،  މަދުވާ އާމްދަނީގެ ހިސާބުކިތާބު ބަލައި، އެ ހުރިހާ މަޢުލޫމާތެއް ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރައީސްއާ ޙިއްސާކުރައްވާނެ ކަމަށެވެ. އަދި ފައިނޭންސް ހޯދޭނެ މަގުތަކަށްވެސް މި ޙާލަތުގައި އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 
ކަންމިހެން ހުރިއިރު، އޭޕްރީލް 8 ގައި 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކް އަނބުރާ ދައްކާން ސަރުކާރުން ރާވާފައިވާ ޕްލޭންވެސް ހާމަނުކުރާ ގޮތަށް، "މާކެޓް ސެންސިޓިވް" މަޢުލޫމާތުތަކެއް ހުރުމުން ޚަރަދުކުޑަކުރުމުގެ ޕްލޭން ތަފްޞީލުކޮށް ހާމަކޮށް، ޝާޢިއު ނުކުރާނެ ކަމަށް ފައިނޭންސް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ. 
ކައިރި މުސްތަޤްބަލެއްގައި ހަނގުރާމަ ނިމުނަސް، ޢާންމު ޙާލަތަށް އަންނަން މަދުވެގެން ހަތަރު މަސް ދުވަސް ނަގާނެ ކަމަށް ތަޖުރިބާކާރުން އިންޒާރުދޭކަން، މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. 
ހަނގުރާމަޔާ ގުޅިގެން ޤާއިމުކޮށްފައިވާ ކެބިނެޓް ކޮމިޓީގެ މުޤައްރިރު ފޮރިން މިނިސްޓަރު ޑރ ޢަބްދުالله ޚަލީލް އާދިއްތަ ދުވަހު ތަކުރާރުކޮށް ވިދާޅުވީ އެންމެ އިސްކަމެއް ދޭނީ ޢާންމު ރައްޔިތެއްގެ ދުވަހީ ދިރިއުޅުމަށް ބުރައެއް ނުޖެހޭ ގޮތަށް ޚަރަދު ކުޑަކުރަން ކަމަށާއި،  އިތުރު ތަފްޞީލް ފަހުން ހާމަކުރައްވާނެ ކަމަށެވެ. 
ޚަރަދުތައް ކުޑަކުރުމާ ބެހޭ ގޮތުން ވާހަކަ ދެއްކި ނަމަވެސް، އަދި ދައުލަތުގެ ބައެއް ކުންފުނިތަކަށް މުވައްޒަފުން ނެގުން މަޑުޖައްސާލަން އެނގި ނަމަވެސް، ސަރުކާރުން ވަނީ ފާއިތުވި ހަފްތާގެ ތެރޭގައި ދިހަވަރަކަށް ޢުމްރާނީ މަޝްރޫޢުގެ ބިންގާ އަޅާފައެވެ. ބޮޑުކަންނެލި މަސްވެރިކަން ކުރާ ދޯނިތަކަށް ދޭ ތެލުގެ ސަބްސިޑީވެސް ވަނީ އިތުރު ކޮށްފައެވެ. މަސްވެރިކަމާ ގުޅޭ ޢުމްރާނީ މަސައްކަތްތައް ހިންގާން ޗައިނާގެ ކޮންސްޓްރަކްޝަން ކުންފުނި ސީއެމްއީސީއާ އެކު ތިން އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ.
 ކެބިނެޓް ކޮމިޓީ އިން ހަފްތާއަކު އެއްފަހަރު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ދެމުންދާ މައިގަނޑު މެސެޖަކީ ޔަޤީންކަމެވެ: ތެލުގެ ޝިޕްމަންޓުތައް އޭޕްރީލް މަހުގެ ތެރޭގައިވެސް ހުއްޓުމެއްނެތި އަންނާނެ ކަމާއި، ފްލައިޓް ކެޕޭސިޓީ ރަނގަޅުވަމުން އަންނަ ކަމާއި، އެގޮތުން އެމިރޭޓްސް، އިއްތިޙާދު އަދި ފްލައިދުބާއީ އިން މިހާރު އެވްރެޖްކޮށް ދުވާލަކު ދެ ފްލައިޓް ޖައްސާކަމާއި، ޤަޠަރު އެއާވޭސް އިން އޭޕްރީލް 9 އިން ފެށިގެން ކޮންމެ ދުވަހަކުވެސް ފްލައިޓެއް ޖައްސާނެ ކަމާއި، 100 މިލިއަން އިމްޕްރެޝް ހޯދަން އަމާޒުކޮށްގެން ހަފްތާ ބަންދުގައި ޑިޖިޓަލް މާކެޓިންގް ކެމްޕޭނެއް ފަށާ ކަމާއި، ޓޫރިސްޓް ވިސާ އިތުރުކުރުމުގެ ފުރުސަތު ފަސޭހަކޮށްދިނުމަށް ހަމަޖެހިފައިވާ ކަމާއި، ބޭންކް އޮފް މޯލްޑިވްސް އިން ދަތިތަކެއް ކުރިމަތިވެފައިވާ ރިސޯޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން އަންނަނީ ތައްޔާރު ވަމުން ކަމަށެވެ. 
އޭޝިއާގެ އެހެން ޤައުމުތަކުގައި ހަކަތައާ ބެހޭ ކުއްލި ޙާލަތު އިޢުލާންކޮށް، ކޮންޓިންޖެންސީ ޕްލޭންތައް އެކްޓިވޭޓްކޮށް، ސަބްސިޑައިޒްކޮށްދޭ ތެލުގެ މިންވަރު ކުޑަކޮށް، މަސައްކަތު ހަފްތާތައް ކުރުކޮށްފައި ވެއެވެ. އެކަމަކު ދިވެހިރާއްޖޭގެ ސަރުކާރުން ބުނަނީ މިޙާލަތަކީ ތެޔޮ ބޭނުންކުރާ މިންވަރު ކޮންޓްރޯލް ކުރުންފަދަ ފިޔަވަޅެއް އަޅަންޖެހޭފަދަ ނުވަތަ ކޮވިޑް-19ގެ ޙާލަތު ފަދަ އިމަޖެންސީ ފިޔަވަޅުތަކެއް އެޅުން ލާޒިމު ވަގުތެއް ނޫން ކަމަށެވެ. ސަރުކާރުން އަމަލުކުރާނީ އެހިނދަށް ފިޔަވަޅު އަޅަންޖެހޭ މިންވަރާއި ގޮތް ބަލައިގެންކަމަށް ބުނެފައިވެއެވެ. 

ސަޕްލައި އަދި ހުސްނުވޭ، އެކަމަކު…

ފޮރިން މިނިސްޓަރ ޚަލީލް ވަނީ ދިވެހިރާއްޖެއަށް ތެލާއި ގޭސް ގެނައުމަށް "އެއްވެސް ހުރަހެއް ނެތް" ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އޭނާ ވިދާޅުވީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އަށް ތެޔޮ ޝިޕްމަންޓްތައް ގެނެވޭނެކަން ކަށަވަރު ކުރެވިފައިވާ ކަމަށާއި ދިވެހިރާއްޖެއަށް ތެޔޮ ގެންނަނީ ބަންދުކޮށްފައިވާ ސްޓްރޭޓް އޮފް ހުރްމުޒްގެ ބޭރުގައި އޮންނަ އޮމާން އިން ކަމަށެވެ. އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރު މުޙައްމަދު ސަޢީދު ވަނީ އޭޕްރީލް މަހުގެ ނިޔަލަށް ތެލާއި އެލްޕީޖީ ޑެލިވަރީތަކުގެ ތާވަލު ހާމަކޮށްފައެއެވެ.
"ޟަރޫރީ މުދާ ހުސްނުވެ ދިވެހިރާއްޖެއަށް ލިބޭނެ ކަން ކަށަވަރުކޮށްފައި ވާނެ" ކަމަށް އިކޮނޮމިކް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ޒަމީރު މިދިޔަ ހަފްތާގައި ވިދާޅުވީ މާޗް މަހުގެ ކުރީކޮޅު އެސްޓީއޯ އިން ރީޓެއިލްކޮށް ތެޔޮ ވިއްކި އަގު 20 އިންސައްތައަށް މައްޗަށް ޖެއްސުމަށްފަހު، އެއަށްވުރެ ބޮޑުވިޔަ ނުދީ ހިފެހައްޓަމުންދާ ކަމަށާއި، ދިވެހިރާއްޖެ އިން ތެލުގެ އަގު ކަނޑައަޅަނީ ކޭޝްފްލޯ އާއި ސްޓޮކްގެ މިންވަރު އަދި ތެޔޮ ވިއްކައިގެން ލިބޭނެ ކަމަށް ލަފާކުރާ ފައިދާއަށް ރިޢާޔަތްކޮށް ކަމަށާއި، ދެން އަންނަ ޝިޕްމަންޓެއް ފޯރާއިރު ދުނިޔޭގެ ބާޒާރުގައި އަގުތައް ހުރީ ކޮން ދިމާލަކަށްތޯ ސަރުކާރުން ބަލާނެ ކަމަށެވެ. އަގުތައް ދަށްވެއްޖެނަމަ އެވްރެޖު ކޮށްފައި، ބޮޑު ނުކޮށް ހިފެހެއްޓޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 
ސައީދު ވިދާޅުވީ އެމިރޭޓްސް އިން މަތިންދާބޯޓުގެ ޚިދުމަތް ފެށުމުގެ ކުރިން ޔޫއޭއީ (އެކުވެރި ޢަރަބި ޢިމާރާތް) އިން އައި އެއާރ ކާގޯ މިންވަރު ބޮޑުތަނުން ދަށްވި ނަމަވެސް އަހަރުން އަހަރަށް ބަލާއިރު އިމްޕޯޓްގެ މިންވަރު 13 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ.އެކި ދަތިތައް އަދިވެސް ހުރިކަން ޤަބޫލުކުރެއްވިއިރު، މިނިސްޓަރ ސަޢީދު ވިދާޅުވީ ކަނޑު މަގުން މުދާ ގެނައުން ނުހުއްޓި ކުރިއަށްދާ ކަމަށެވެ. ޔަމަނުގެ ހޫތީންގެ މިހަނގުރާމައިގެ ތެރެއަށް ބޮޑަށް ވަދެ،  ސުއޭޒް ކެނަލް ބަންދުވެދާނެ ކަމަށްވެސް ސަރުކާރުން ވިސްނައި، އެފަދަ ޙާލަތަކަށް ތައްޔާރުވަމުން ދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަމާޒަކީ ކޮންމެ ޙާލަތެއްގައި ވެސް ތެޔޮ، ކާޑު، އެހެނިހެން ކާބޯތަކެތި އަދި ކޮންސްޓްރަކްޝަން ސާމާނު އެތެރެކުރުން ކަމަށް މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ. ކުރިއާ ޚިލާފަށް "ވިޔަފާރިތަކާއި ވިޔަފާރިތަކާ ދެމެދު އޮންނަ ގުޅުންތައް" ނުހަނު ބޮޑަށް ބަދަހިވެފައިވާ ކަމަށާއި، އެފަދަ ގުޅުންތައް ދިވެހި ވިޔަފާރިވެރިންނާއި ބޭރުގެ ބޮޑެތި މާކެޓުތަކުގައި ޙަރަކާތްތެރިވާ ވިޔަފާރިތަކާއެކު އުފެދިފައިވާ ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.  
އިކޮނޮމިކް މިނިސްޓަރ އިތުރަށް ވިދާޅުވީ އިސްތިރާޖީ ނަޒަރިއްޔާތަކުން ވިސްނާއިރު، އޮތް ޙައްލަކީ ޑައިވަރސިފިކޭޝަން (ސިންދަފާތު ކުރުން) ކަމަށާއި، އެގޮތުން އިންޑިޔާ، ޗައިނާ، މެލޭޝިޔާ، ވިއެޓްނާމް، އިންޑޮނޭޝިޔާ އަދި ތައިލެންޑާއެކު ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިކޮށް، ފުންކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ދިވެހިރާއްޖެ އިން އެ ޤައުމުތަކާ އެކު ވިޔަފާރި ކުރި ނަމަވެސް "ޑޮކިއުމަންޓޭޝަންގެ ތެރެއިން އުފެދިފައިވާ ވިޔަފާރީގެ ފުން ގުޅުންތަކެއް" ދުވަހަކުވެސް ޤާއިމުވެފައި ނުވާ ކަމަށް މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ. 2016 ވަނަ އަހަރު ތައިލެންޑާއެކު ސޮއިކުރި އިޤްތިޞާދީ އެއްބާރުލުން ދިނުމުގެ އެއްބަސްވުން ފުރިހަމައަށް ތަންފީޛުކުރުމާ ދިމާލަށް ދެވިފައި ނުވާކަން  އޭނާ ފާހަގަކުރެއްވި އެވެ.
ޗައިނާއާއެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި އިންޑިޔާ އާ އޮތް ގާތްކަމަކީ ހިސާބަކަށް ސަލާމަތް ފޯރުކޮށްދޭ ސަބަބުތަކެއްކަން ފާހަގަކުރައްވާ، މިނިސްޓަރ ސަޢީދު ވިދާޅުވީ ދަތުރުފަތުރުގެ ޚަރަދާއި، މުދާ އުފުލުމުގެ ޚަރަދާއި، އިންޝުއަރެންސް ޕްރީމިއަމްގެ އަގަކީ ޚާއްޞަ ރިޢާޔަތެއް ބަހައްޓާންޖެހޭ ކަންކަން ކަމަށެވެ. 
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކުރި ދިރާސާތަކަށް ބަލާއިރު، ފުރަތަމަ މަހު ސަރުކާރުގެ އާމްދަނީން 85 މިލިއަން އެމެރިކާ ޑޮލަރާއި 90 މިލިއަން އެމެރިކާ ޑޮލަރާއި ދެމެދުގެ ޢަދަދެއް ގެއްލިފައިވާ ކަމަށް މިނިސްޓަރ ޒަމީރު ހާމަކުރެއްވިއެވެ.
މާޗް މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އެންމެ ފަހުގެ މާލީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އަހަރު ދުވަހުގެ ސާޕްލަސް އަކީ 2.1 ބިލިއަން (136 މިލިއަން އެމެރިކާ ޑޮލަރު) ރުފިޔާއެވެ. ޓޫރިޒަމް މުދަލާއި ޚިދުމަތުގެ ޓެކްސް (ޓީޖީއެސްޓީ) 11.5 އިންސައްތައިން އިތުރުވެފައި ވާއިރު، މިއީ ހަނގުރާމައިގެ ކުރިން ހަދާފައިވާ ބުކިންގްތަކުން ލިބުނު ފައިސާއެވެ. ކޮންމެއަކަސް، ޓެކްސް ނޫން އާމްދަނީ ވަނީ 23 އިންސައްަ ދަށްވެފައެވެ. އިމްޕޯޓް ޑިއުޓީ 14 އިންސައްތަ ދަށްވެއްޖެއެވެ. ރިސޯޓު ކުލި ލިބޭ މިންވަރު ތިންބައިކުޅަ އެއްބަޔަށް ދަށްވެއްޖެއެވެ.
މިދިޔަ އަހަރު ދިވެހިރާއްޖެ އިން ތެޔޮ އިމްޕޯޓް ކުރުމަށް 648 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ ޖީޑީޕީގެ 10 އިންސައްތަ ހަރަދުކޮށްފައި ވާއިރު، މާލެ ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށުގެ ރަންޓަށް ދުވާލަކު ގާތްގަނޑަކަށް 8،000 ފީފާ ޑީސަލް ބޭނުން ކުރެއެވެ.
ރައީސް މުޢިއްޒު ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރެއްވި އިރު ވިދާޅުވީ ހަނގުރާމައިގެ ސަބަބުން އިއާދަކުރަނިވި ހަކަތައަށް "އާ ހިތްވަރެއް" ގެނެސްދީފައިވާ ކަމަށާއި، ވޭތުވެދިޔަ ދެތިން ހަފްތާގެ ތެރޭގައި ދިވެހިރާއްޖެއަށް އިންވެސްޓަރުން ޝައުޤުވެރިކަން ފާޅުކޮށްފައިވާއިރު، މި ދަނޑިވަޅުގެ ބޭނުން ހިއްޕަވައި، މި އިންވެސްޓްމަންޓްތައް އަވަހަށް ދިވެހިރާއްޖެށް ގެންނަން ބޭނުންވާ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުން ކަމަށާއި އޭގެ ތެރެއިން 10 އިންސައްތަ މިއަދާ ހަމައަށް ޙާޞިލުވެފައިވާ ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ. 

ފަތުރުވެރިކަން ދަށަށް

ހަނގުރާމަ ފެށުމުގެ ކުރިން ފަތުރުވެރިން އެންމެ ގިނައިން އައީ ފެބްރުއަރީ މަހުގައެވެ. އެއީ 254،365 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 15.7 އިންސައްތަ އިތުރު ޢަދަދެކެވެ. މާޗް 28 ވަނަ ދުވަހުގެ ނިޔަލަށް އައީ އެންމެ 145،728 ފަތުރުވެރިންނެވެ. މިއީ 2025 އާއި 2024 ވަނަ އަހަރާ އަޅާކިޔަސް 18.1 އިންސައްތައިގެ ދަށްވުމެކެވެ. މި މަހުގެ ތެރޭގައި ޢަދަދުތައް މައްޗަށް ޖަހާތަނެއް އަދި ނުފެނެއެވެ. 
ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުވެރިންގެ 30 އިންސައްތައެއްހާ މީހުން ޓްރާންސިޓް ކުރަނީ ހަނގުރާމައިގެ ސަބަބުން ބަންދުކޮށްފައިވާ ގަލްފުގެ އެއާޕޯޓުތަކުގައެވެ. 
ޓޫރިޒަމް މިނިސްޓަރު ޠާރިޤް އިބްރާހިމް ވިދާޅުވީ ފެބްރުއަރީ 28 އާއި މާޗް 28 އާ ދެމެދު 496 ފްލައިޓް ކެންސަލް ކުރި ކަމަށެވެ. ހަނގުރާމަ ފެށުނުއިރު 50 އިންސައްތައިގައި ހުރެފައި މިހާރު ފްލައިޓު ލޯޑުކުރުން 75 އިންސައްތައަށް ރަނގަޅުވެފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވިއެވެ. އިތިއޮޕިއަން އެއާލައިންސް ހިމެނޭހެން އާ އެއާލައިން ސާވިސަސް އެގްރީމަންޓެއް އެކުލަވަމުންދާއިރު، ރަޝިޔާއިން – ދިވެހިރާއްޖެއަށް ފަތުރުވެރިންދެވަނައަށް އެންމެ ގިނައިން ޒިޔާރަތްކުރާ ޤައުމު – ހަފްތާއަކު އިތުރު ތިން ފްލައިޓެއް ހޫނު މޫސުމުގައި ބާއްވަން ވަނީ ރާވާފައެވެ. ބެލަރޫސްގެ ކެރިއަރ ބެލަވިއާ އިން އަންނަ އޮގަސްޓް މަހު މިންސްކް އިން ސީދާ ދަތުރުތައް ފެށުމުގެ އިދާރީ ތައްޔާރީތައް ނިންމަމުންދާ ކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓަރ މަޢުލޫމާތު ދެއްވައެވެ. 
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ހޮނިހިރު ދުވަހު ވަނީ ގޫގުލް، ޔޫޓިއުބް އަދި މެޓާގެ އިންޑިޔާ، ޗައިނާ، ރަޝިޔާ، ސީއައިއެސް އަދި އާސިއާން މާކެޓްތަކަށް އަމާޒުކޮށްގެން "ސީ-ސޭޝަނަލް ސަމަރ" ގެ ނަމުގައި ޑިޖިޓަލް އިޝްތިހާރު ކެމްޕޭނެއް ފަށާފައެވެ. މި ކެމްޕޭނުގައި ބޭނުންކޮށްފައިވާ އިސްތިރާޖަކީ: ހޭލުންތެރިކަން އިތުރުކުރާން މަޢުލޫމާތު ދީފައި، އިޝްތިހާރު ކުރަނީއެވެ. މިއަށްފަހު އިންޑިޔާ އަށް ޚާއްޞަ ކެމްޕޭންތަކެއް ކުރިއަށް ގެންދަންވަނީ ނިންމާފައެވެ..
މިނިސްޓަރ ޠާރިޤް ވިދާޅުވީ ޓޫރިސްޓް ވިސާ އިތުރުކުރުމުގެ ފަސޭހަ ޕްރޮސެސްއެއް އޭޕްރީލް މަހުގެ އެއްވަނަ ދުވަހު ފަށާއިރު، 48 ގަޑިއިރުގެ ތެރޭގައި ޕްރޮސެސް ކުރެވޭ ގޮތަށް ހަމަޖައްސާފައިވާ އެއޮންލައިން އެޕްލިކޭޝަނަށް އަޕްލޯޑުކުރާން ހަމައެކަނި ޖެހޭނީ ފޮޓޯއެއް ކަމަށެވެ. މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)އިން އެދިފައިވާ ގޮތަށް ލޯނު ދެއްކުމަށް ލުއިތަކެއް ހިމެނޭ ގޮތަށް އޮޕަރޭޝަނަލް ދަތިތަކެއް ކުރިމަތިވެފައިވާ ރިސޯޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރު ކަމުގެ ޢިޝާރާތެއް ބޭންކް އޮފް މޯލްޑިވްސްއިން ދީފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
"...އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އިންޑަސްޓްރީއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ތިބޭނަން،" މިނިސްޓަރ ޠާރިޤް ވިދާޅުވިއެވެ.
މިނިސްޓަރ ޠާރިޤް ވަނީ ފަތުރުވެރިކަމުގެ އާ ދެ ސެގްމަންޓެއް އިޢުލާން ކުރައްވާފައެވެ: ޓެކްނިކަލް ރިކްރިއޭޝަނަލް ޑައިވިންގް  (30 މީޓަރަށް ވުރެ ފުނަށް ދެވޭ) އާއި، 40 އަހަރު ވަންދެން މަނާކުރުމަށް ފަހު ސްޕީއާރ ފިޝިންގް ނުވަތަ މަޑަޖެހުން ހުޅުވާލުމެވެ. ޚާއްސަކޮށް ގެސްޓްހައުސްތަކުގައި ގިނަ ދުވަހު ތިބުމަށް ހިތްވަރު ދިނުމަށް ރިމޯޓް ވޯކިންގް އާއި ކޮންޓެންޓް ކްރިއޭޓަރ ވިސާ ދިނުމަށް ރާވާފައިވާކަމަށްވެސް މިނިސްޓަރ ކުރިން އިޢުލާން ކުރެއްވިއެވެ.
ޓްރާންސްޕޯޓް މިނިސްޓަރު އަމީން ވަނީ ޕެންޑެމިކްގެ ދުވަސްވަރު އެޅިފަދަ ފިޔަވަޅުތައް އަޅާން ޤަސްދު ނުކުރައްވާކަމާއި، އެއީ ރައްޔިތުން އެދޭ ގޮތް ނޫޏްކަމަށް ވިދާޅުވެފައެވެ. އަދި "ކޮންޓްރޯލްކުރަން ނުޖެހޭ" ޙާލަތެއްގައި ތެޔޮ ސަޕްލައި ކޮންޓްރޯލްކުރަން ބޭނުން ނުވާ ކަމަށް ސާފުކޮށް ވިދާޅުވިއެވެ. 

"ސުވާލު ނުކޮށް، އިތުބާރު ކުރޭ!"

ފޮރިން މިނިސްޓަރު ޚަލީލް ވަނީ ދިވެހިރާއްޖޭގެ ވައިގެ ސަރަޙައްދު ބޭނުން ކުރުމަށް އެދުނީ ކޮން ޤައުމަކުން ކަން ވިދާލުވުމަށް ދެކޮޅު ހައްދަވައި، ސަބަބަކީ މީޑިއާތަކުން އެފަދަ މަޢުލޫމާތު ނުކިއްސަރު ގޮތެއްގައި ބޭނުން ކުރުން އެކަށީގެންވުން ކަމަށް ތުހުމަތު ކުރައްވާފައެވެ. މިނިސްޓަރ އަމީން ވަނީ ސޮވަރިން އެއާސްޕޭސް އާއި ފްލައިޓް އިންފޮމޭޝަން ރީޖަން ތަފާތު ކުރުމާ ބެހޭ ގޮތުން ނޫސްވެރިންނަށް ލެކްޗަރެއް ދެއްވާފައެވެ. އަދި މީޑިޔާއިން އެގޮތް ތަފާތުނުކޮށް ރިޕޯޓުތައް ޝާޢިއު ކުރުމުން އެއާލައިން ޕާޓްނަރުން ބިރުގަތް ކަމަށް ވެސް ވިދާޅުވިއެވެ.
މި މަހު ސަރުކާރުގެ މަޤާމުތަކަށް ކިތައް މީހުން ނެގިތޯ ސުވާލު ކުރުމުން މިނިސްޓަރ ޒަމީރު ވިދާޅުވީ ފިނޭންސް މިނިސްޓްރީން އެ މަޢުލޫމާތު ޢާންމުނުކުރާ ކަމަށެވެ. ރައީސް އޮފީހުން އެމަޢުލޫމާތު ހޯދާން އެދުމަށް އެންގެވިއެވެ. 
މިދިޔަ ހަފްތާގައި ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވީ ދިވެހިރާއްޖެއަށް ޢަސްކަރީ ނުރައްކަލެއް ނެތް ކަމަށާއި، އެއްވެސް ޤައުމަކުން ދިވެހިރާއްޖޭގެ ކަނޑުގެ ނުވަތަ ވައިގެ ސަރަޙައްދު ޢަސްކަރީ ކަމަކަށް ބޭނުންކުރުން އިންކާރު ކުރުމުގެ ސިޔާސަތެއް ސަރުކާރުން ދަމަހައްޓާނެ ކަމަށެވެ. ޑިފެންސް މިނިސްޓްރީ އިން ވަކިވަކިން ސާފުކޮށްދީފައި ދިވެހިރާއްޖޭގެ ޤާނޫނު ހިނގަނީ 12 ނޯޓިކަލް މޭލަށް ކަމަށެވެ.

މިނިވަން ނޫސްވެރިކަމަށް އެހީތެރިވުމަށް ޑޮނޭޓް ކޮށްދެއްވާ