"އެއްވެސް ޑޭޓާއެއް ޙިއްސާއެއް ނުކުރަން." ބީއެމްއެލްއާ އިމިގްރޭޝަން ގުޅިގެން ޤަވާއިދާއި ހަމަތައް އަލުން އެކުލެވި ގޮތް
ދެ އިޞްލާހު؛ ނޯޓިހެއް ނެތް، އަދި ޤާނޫނީ ހަމައެއް ނެތް.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
10 މެއި
ބޭންކް އޮފް މޯލްޑިވްސްއާ އިމިގްރޭޝަނާ ދެމެދު މަޢުލޫމާތު ބަދަލުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމާއި، ކްރެޑިޓް އަދި ޑެބިޓް ކާޑުގެ "ޓަރމްސް އެންޑް ކޮންޑިޝަންސް" އަށް ބަދަލު ގެނެސްފައިވާ ޚަބަރު ޢާންމުވުމާއެކު، ފާޑުކިޔުންތައް ބަންޑުން ކޮށްލައިފިއެވެ. ކަސްޓަމަރާބެހޭ ޒާތީ މަޢުލޫމާތު އިމިގްރޭޝަން އިން ހޯދަން ޤަބޫލުކަމަށް "ޑިސްކްލޯޜަރ އޮފް އިންފޮރމޭޝަން" (މަޢުލޫމާތު ޙިއްސާކުރުމާބެހޭ ބައި) ގެ މާއްދާތަކަށް ބައެއް އިތުރުކޮށްފައި ވެއެވެ. ކަސްޓަމަރުންނަކަށް ނުއަންގައެވެ.
މޯލްޑިވްސް އިންޑިޕެންޑެންޓްއާ ވާހަކަ ދައްކަމުން ބޭންކުން ބުނީ "އެއިޞްލާޙުގެ ވާހަކައިން ވަކިން ކަސްޓަމަރުންނަށް ޚަބަރުކޮށްފައި ނުވާނެ،" ކަމަށެވެ. އެއީ ބޭންކް އިން ޢަމަލުކުރާ ޢާންމު އުޞޫލާ އެއްގޮތް ކަމެއް ކަމަށެވެ. އެގޮތުން، ޓަރމްސް އެންޑް ކޮންޑިޝަންސްއަކީ ޤަވާޢިދުން އަދާއިހަމަކޮށް، އަލުން ބޭންކްގެ ވެބްސައިޓުގައި ޝާޢިއުކުރާ އެއްޗެއް ކަަމަށާއި، އެބަދަލުތައް ގެނައިލަމް ސީދާ އީމެއިލް އިން ނުވަތަ ފޯނުގެ އެޕް އިން ނުވަތަ މެސެޖުން އެންގުމަކީ ޢާންމު އުޞޫލު ނޫން ކަމަށެވެ.
އިޞްލާޙު ގެނައި މިމާއްދާގެ ސަބަބުން، ސަރުކާރުގެ އޭޖެންސީތަކުން ކަސްޓަމަރާބެހޭ މަޢުލޫމާތު ވެރިފައިކުރުމުގެ ބޭނުމަށް ބޭންކްއަށް ހޯދުމުގެ ފުރިހަމަ އިޚްތިޔާރު ލިބިދޭނެއެވެ. މިއިޞްލާޙު ގެނައުމުގެ ކުރިން ބަޔާންކޮށްފައި އޮތީ ޖުމުލަގޮތެއްގައި ކަސްޓަމަރުގެ މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރާން، ބޭންކްއަށް ފެނުނު އެކަށީގެންވާ މަސްދަރުތަކުން ވެރިފައިކުރެވޭނެ ކަމަށް ކަމަށެވެ. މިގެނައި އިޞްލާޙުގެ ދަށުން ދެމެހެއްޓެނިވި ގޮތެއްގައި ކަސްޓަމަރުންގެ އެކައުންޓުތަކާއި، މާލީ މުޢާމަލާތްތައް ކެނޑިނޭޅި ބަލަމުންދެވޭނެއެވެ، ކުރީގައި ވިއްޔާ އެފަދަ ބެލުންތައް ބަލަމުންދަނީ ކާޑު އައުކުރުންފަދަ ޚާއްޞަ ޙާލަތްތަކުގައެވެ.
ބޭންކް އޮފް މޯލްޑިވްސްއާ އިމިގްރޭޝަނާ ދެމެދު އެއްވެސް މަޢުލޫމާތެއް ބަދަލެއް ނުކުރެވޭނެ، ޕްރައިވެސީގެ ކަންބޮޑުވުންތައް ފާހަގަކުރުމާއެކު، ކޮމާޝަލް ބޭންކްއަކަށް ކަސްޓަމަރުން ދަތުރުފަތުރުކޮށް އުޅޭ ނޫޅޭ ބެލުމުގެ އިޚްތިޔާރު ދިނުމުގެ ޤާނޫނީ ޞައްޙަކަމުގެ ކަންބޮޑުންތަކަށް ބިނާކޮށް، ޢާންމުވި ޝަކުވާތަކަށް ރައްދުދީ ބޭންކްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ. ދިވެހިރާއްޖޭގައި ޕްރައިވެސީ އަދި ޑޭޓާ ޙިމާޔަތްކޮށް ރައްކާތެރިކުރުމާބެހޭ ޤާނޫނެއް ނެތެވެ.
މިބަދަލުތަކުގެ ދަށުން، ކަސްޓަމަރެއްގެ ކާޑު ބޭނުންކުރާ ވަގުތު އޭނާ ހުރީ ދިވެހިރާއްޖޭގައިތޯ ނުވަތަ ނޫންތޯ ބޭންކް އޮފް މޯލްޑިވްސްއަށް އޮޅުން ފިލުވޭނެއެވެ. އެހެންވީމާ، މަކަރެއްނެތި ޞައްޙަގޮތުގައި ބޭރު ޤައުމެއްގައި ކަސްޓަމަރަކު ކާޑު ބޭނުންކުރާން އެދޭނަމަ، އެކަން ހުރަހަކާ ނުލައި ކުރެވޭނެ ކަމަށާއި، އަދި ކާޑުތައް ނަހަމަގޮތުގައި ބޭނުންކުރުމުގެ ޢަމަލުތައް ހުއްޓުވޭނެކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ބުނެއެވެ. ބޭންކް އިން ޢިޝާރާތް އެކުރަނީ ދިވެހިރާއްޖެއިން ބޭރަށް ދާ މީހެއްގެ އަތުގައި ކާޑު ފޮނުވައިގެން ބޭރު ފައިސާ ނެގުމާއި، ޚަރަދު ހިންގުމުގެ ކަންތައް ބޮޑުވަމުން އަންނަ އައުމަށެވެ.
އިމިގްރޭޝަނުން މަޢުލޫމާތު ހޯދުމަކީ ޑޮލަރުގެ ދަތިކަމަށް ލުއިހޯދާން ބޭންކް އޮފް މޯލްޑިވްސް އިން އެޅި ފިޔަވަޅުތަކުގެ ތެރެއިން އެއް ކަމެކެވެ. ސަރުކާރުގެ އަޣްލަބިއްޔަތު ޙިއްސާ އޮންނަ، ދިވެހިރާއްޖޭގެ އެންމެ ބޮޑު ބޭންކް ކަމުގައިވާ ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ބައެއް އީކޮމަރސް ޕްލެޓްފޯމުތަކުން ކުރާ މުޢާމަލާތްތަކުން 30 އިންސައްތައިގެ އިތުރު ފީއެއް ނަގާން ނިންމާފައެވެ. އޭގެ ތެރޭގައި ޓެމޫ، ޝެއިން އަދި އަލިއެކްސްޕްރެސް ހިމެނެއެވެ. އަދި އޭޓީއެމްތަކުން ނެގޭ ޑޯލަރުގެ ޢަދަދުވަނީ ދެބައިކޮށްފައި އެއްބަޔަށް މަދުކޮށްފައެވެ. "ސްޓޫޑަންޓް ކާޑު" ތަޢާރަފުކޮށް، އެކާޑުން ބޭރުގައި ކިޔަވާ ދަރިވަރުންނަށް 1200 ޑޮލަރު ނެގޭނެ ގޮތް ހަމަޖައްސާފައި ވެއެވެ. މީގެއިތުރުން މުޅި ދިވެހިރާއްޖެއަށް ދުވާލަކު ޑޮލަރުން ކުރެވޭނެ މުޢާމަލާތަށް ހައްދެއް ކަނޑައަޅައި، 30 ޓްރާންސެކްޝަން މެނުވީ ކަސްޓަމަރަކަށް ދުވާލަކު ނުކުރެވޭ ގޮަތަށްވެސް ހަމަޖައްސާފައި ވެއެވެ. ބޭނުމަކީ ވަކި މަދު ވިޔަފާރިވެރި ބޭނުންތަކަށް މެނުވީ ޑޮލަރު ބޭނުންކުރެވޭ ގޮތަށް އޮތުމުގެ ބަދަލުގައި، އެންމެންނަށް ހަމަހަމަކަމާއެކު ޑޮލަރު ބޭނުންކުރެވޭނެ މަގުފަހިކުރުން ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ބުނެއެވެ.
ކުއްލި ކުއްލިއަށް އުޞޫލުތަކަށް ބަދަލުގެނައުން ޢާންމު ކަމަކަށް ވެފައި ވެއެވެ. އޮގަސްޓް 2024 ގައި އެއްރޭމަތިން ބޭންކް އިން ވަނީ ދިވެހި ރުފިޔާއާ ލިންކުކޮށްފައިވާ ޑެބިޓް ކާޑުތަކުން ބޭރު ފައިސާގެ މުޢާމަލާތްތައް ނުކުރެވޭގޮތް ހަދާފައެވެ. ބޭރު ޤައުމުތަކުގައި ދިރިއުޅޭ ކިޔަވާކުދިން ހިމެނޭހެން އެތައް ބަޔަކު ތެޅިފޮޅިގަތެވެ. އަދި ކަންބޮޑުވުމާއި ރުޅިވެރިކަން ފައުޅުކުރަމުން ދިޔައެވެ. 6 ގަޑިއިރު ފަހުން ޖެހުނީ އެ ނިންމުން އަނބުރާ ގެންދާށެވެ. އަދި މާލީ ބަޣާވާތެއް ގެންނާން ބޭންކް އޮފް މޯލްޑިވްސް އިން މަސައްކަތް ކުރިކަމުގެ ތުހުމަތު ރައީސް ޑރ. މުޙައްމަދު މުޢިއްޒު އުފުއްލެވިއެވެ. ފުލުހުންނަށް އެކަން ތަޙްޤީޤުކުރާންވެސް އެންގެވިއެވެ. އެއްވެސް މީހަކާ ސުވާލުކޮށް، ހައްޔަރުކޮށް، ދަޢުވާއެއް އުފުލާ ހަދާފައެއް އަދާހަމައަކަށް ނެތެވެ.
މުޢާމަލާތްތަކަށް ކާޑުން ފައިސާ ދެއްކުން ދަތިވުމާއި، މުޢާމަލާތްތަކުގެ ލިމިޓްތަކާ ގުޅޭ ޝަކުވާތައް ވޭތިވެދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އާ ފިޔަވަޅުތަކާ ގުޅުވައި، ސޯޝަލް މީޑިއާގައި ގިނަވެފައި ވެއެވެ. ގިނަ ބަޔަކު ބުނަނީ އާ އުޞޫލާއި ހަމަތައް އެނގުނީ ކާޑު މަސައްކަތް ނުކުރުމުން، ވެގެން އުޅޭގޮތެއް އޮޅުން ފިލުވާން ކުރި މަސައްކަތުގައެވެ. ޝަކުވާ އުފުލާފައި ގިނައިން ހުރީ ސަބްސްކްރިޕްޝަންތަކަށް އަދި އޮންލައިން ވިޔަފާރިއާއި، ޓިކެޓު ގަތުންފަދަ ކަންކަމަށް ފައިސާ ނުދެއްކިގެންނެވެ.
އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ސަރުކާރުގައި އިކޮނޮމިކް ނިސްޓަރުކަން ކުރެއްވި އެޕާޓީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢިލް ވަނީ ބޭންކްގެ ނާޤާބިލުކަން ފޮރުވާން އެތަނުންކަމެއް މިތަނުން ކަމެއް ކުރާ ގޮތަށް ޢަމަލުކުރަމުންދާ ކަމަށާއި، ބޭންކް އޮފް މޯލްޑިވްސް އިން ރައީސް މުޢިއްޒުގެ ސަރުކާރުގެ އޭޓީއެމްއަށް ވުމާއި، ބުނިހާ ގޮތެއް ހެދުމުގެ އާދައިން ނެއްޓޭން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އެކްސްގައި ފައްޔާޒް އިސްމާޢިލް ކުރެއްވި ޕޯސްޓަށް ޖަވާބުދެއްވަމުން ބޭންކް އޮފް މޯލްޑިވްސްގެ ތަރުޖަމާނު މުޙައްމަދު ސަޢީދު ވިދާޅުވީ މި ފިޔަވަޅުތަކުގެ ބޭނުމަކީ ޢާންމުންގެ މުހިންމު ބޭނުންތަކަށް ބޭރު ފައިސާ އިންޞާފުވެރި އަދި ހަމަހަމަ އުޞޫލަކުން ލިބޭނެކަން ކަށަވަރުކުރުން ކަމަށެވެ.
މޯލްޑިވްސް އިންޑިޕެންޑެންޓް އަށް ބޭންކް އިން ލިޔުމުން ދީފައިވާ ބަޔާނުގައި ބުނަނީ އިމިގްރޭޝަނާ އެކު ވެފައިވާ އިންތިޒާމަކީ "ސްޓްރެޓެޖިކް ޑިޖިޓަލް ޕާޓްނަޝިޕެއް" ކަމަށެވެ. ނަމަވެސް ކަމާބެހޭ އިތުރު ލިޔެކިޔުން ޙިއްސާކުރަން ދެކޮޅު ހަދާފައި ވެއެވެ. ޑިޖިޓަލް ޕާސްޕޯޓް ކާޑު ތަޢާރަފް ކުރުމަށް އިމިގްރޭޝަނާ އެކު 2017 ވަނަ އަހަރު ބޭންކް އިން ޕާޓްނަޝިޕެއް ހެދި ކަންވެސް ފާހަގަކޮށްފައި ވެއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ކްރެޑިޓް އަދި ޑެބިޓް ކާޑުގެ ޓަރމްސް އެންޑް ކޮންޑިޝަންސްގެ 6.1 ވަނަ މާއްދާގައި ބޭންކްއަށް ކަސްޓަމަރު ދޭ މަޢުލޫމާތުގެ ޞައްޙަކަން ކޮންމެ ގޮތަކުންވިޔަސް، ބޭންކްއަށް ފެންނަ ހަމައަކުން ޔަޤީންކުރުމުގެ އިޚްތިޔާރު ބޭންކްއަށް ލިބިދީފައިވާ ކަމާއި، އައު ވެރިފިކޭޝަން ފިޔަވަޅުތަކުން "ޓްރާންސެކްޝަން އޮތޮރައިޒޭޝަން ޕްރޮސެސް" އިތުރަށް ހަރުދަނާކޮށް، ކާޑުގެ ވެރިފަރާތުން ރާއްޖޭގައި ހުއްޓައި، ރާއްޖެއިން ބޭރުން އެކާޑު ބޭނުންކޮށްފައިވާ ޙާލަތެއް މެދުވެރިވިޔަ ނުދިނުން ކަމަށްވެސް ބޭންކް އިން ބުނެއެވެ.
އެ އިންތިޒާމުގައި ކަސްޓަމަރުންގެ ޒާތީ މަޢުލޫމާތު ބަދަލުކުރުން މުވަތަ ބެހެއްޓުން (ސްޓޯރޭޖު) ނުހިމެނޭ ކަމަށްވެސް ބުނެފައި ވެއެވެ. އަދި މިއީ ޢާންމު އުޞޫލުން ބޭންކްތަކުން ޢަމަލުކުރާގޮތާ ޚިލާފު ހަމައެއް ނޫންކަމަށާއި، ވެރިފިކޭޝަން ޗެކުތައް ކުރިއަށް ގެންދިއުމާއި، ކާޑުގެ ވެރިފަރާތުގެ އައިޑެންޓިޓީ އަދި މުޢާމަލާތުގެ ޞައްޙަކަން ކަށަވަރު ކުރުމަކީ ބޭންކް އިން މިހާރުވެސް ބަލައި، ކަށަވަރުކުރާ ކަންކަން ކަމަށް ބުނެފައި ވެއެވެ.
ކަސްޓަމަރަކު ހުރީ ރާއްޖޭގައިތޯ ނުވަތަ ނޫންތޯ ޔަޤީންކޮށްދިނުމަކީ ޒާތީ މަޢުލޫމާތު ހާމަވުމެވެ. ބޭންކް އިން އެމަޢުލޫމާތާއެކު ޢަމަލު ކޮންމެ ގޮތަކަށް ކުރިޔަސްވެސް މެއެވެ. ޓަރމްސް އެންޑް ކޮންޑިޝަންސް އަށް ގެނައި ބަދަލު މެދުވެރިކޮށް، އައިޑީކާޑު ޔުނިޓުންވެސް "ޒާތީ މަޢުލޫމާތު" ބޭންކްއަށް ހޯދުމުގެ އިޚްތިޔާރި ލިބިދެއެވެ.
މިކަންކަމުގެ މައްޗަށް ވާހަކަދެއްކި ވަކީލުންނާއި ފަންނީ ތަޖުރިބާކާރުން ބުނާ ގޮތުގައި ޕްރައިވެސީގެ ކަންބޮޑުވުން ގުޅެނީ ކަސްޓަމަރުންގެ މުޢާމަލާތްތަކާ ބެހޭ މަޢުލޫމާތު ބޭންކް އިން ބަލާތީ ނުވަތަ ބޭންކްއަށް އެނގޭތީ ނޫންކަމަށާއި، ނަމަވެސް ދިވެހިރާއްޖޭގެ ބޯޑަރު ހުރަސްކުރާ ކޮންމެ މީހެއްގެ ހަރަކާތްތަކުގެ މަޢުލޫމާތު ކަމާބެހޭ ދައުލަތުގެ އިދާރާއިން، ކޮމާޝަލް ބޭންކްއެއް އެދޭ ކޮންމެ ފަހަރަކު ފޯރުކޮށްދޭ ދިނުމާ ކަމަށެވެ.
"ފިޝީ"ގެ ނަމުގައި ސޯޝަލް މީޑިޔާގައި ޙަރަކާތްތެރިވާ ސައިބަރ ސެކިއުރިޓީ ރިސާޗަރަކު ވަނީ އެއްވެސް "ޑޭޓާއެއް ޙިއްސާ ނުކުރެވޭނެ" ކަމަށް ބުނާ ވާހަކައަށް ގޮންޖަހާފައެވެ. މޯލްޑިވްސް އިންޑިޕެންޑެންޓް އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ބުނީ "ޑޭޓާ އަކީ މީހަކާ ގުޅޭ ކޮންމެ އެއްޗެއް" ކަމަށާއި، "އަހަންނަށް ލައިޓެއް ދިއްލާ ނިއްވާލެވޭނެ - އެއީ އެހެން މީހަކަށް މާނައެއް ހުރި ކަމަކަށް ނުވެދާނެ. އެކަމަކު ލައިޓް ދިއްލާފައި ހުންނަނީ ގޭގައި އުޅޭ ވަގުތުތަކުގައި އެކަނި ނަމަ، އެއީ އަހަރެން ގޭގައި އުޅޭތޯ ނުވަތަ ނޫޅޭތޯ ވަށައިގެން ތިބި އެންމެންނަށް އަންގައިދޭ މަޢުލޫމާތަކަށް ވާނެ. އެހެންވީމަ އިމިގްރޭޝަނުން އާނއެކޭ ނުވަތަ ނޫނެކޭ ބުނެ ޖަވާބު ދިން ނަމަވެސް އެއީ ޑޭޓާ ހިއްސާ ކުރުން." ކަމަށެވެ. އުފެދޭ ސުވާލަކީ ކަސްޓަމަރުގެ ރުހުމާ ނުލައި މިމަޢުލޫމާތަށް އިމިގްރޭޝަންގެ ކިބައިން އެދުމުގެ ޙައްޤު ބޭންކްއަށް އެބަ އޮތްތޯ؟،" އޭނާ ސުވާލު އުފެއްދިއެވެ.
މިއީ އަޞްލު ކޮންސިއުމަރ ރައިޓްސްއާ ބެހޭ މައްސަލައެއް ކަމަށް ޑޭޓާ ޕްރޮޓެކްޝަން އަށް ވަކާލާތުކުރާ ފިޝީ ބުނެއެވެ. ބޭންކް އޮފް މޯލްޑިވްސް އަކީ "އަހަރުމެންގެ ޤާނޫނީ ވަކީލު" ތޯއާއި، "އަހަރެމެންގެ ފަރާތުން ކުންފުންޏަކުން ރުހުން ދޭނީ ކިހިނެއް" ތޯއާއި، "އިތުރަށް ރުހުން ދީފައި ހުރީ ކޮންކޮން ކަމަކަށް؟" ތޯ އޭނާ ސުވާލު އުފެއްދިއެވެ. އަދި އެހެން މީހެއްގެ އަތަށް ކާޑު ޙަވާލުކޮށްގެން، ބޭރު ޤައުމަކަށް ކާޑު ނުފޮނުވާ މީހުންގެ މަޢުލޫމާތުވެސް މިފަދައިން ބަދަލުކުރެވޭކަމީ އިތުރު ކަންބޮޑުވުމެއްކަމަށް ފިޝީ ފާހަގަކުރިއެވެ.
އެއިން އެއްވެސް ނިޒާމެއް ފޫގޮސް، ހެކްވެ ކަމެއް ދިމާވެއްޖެނަމަ މީހަކު ރާއްޖޭގައި ނުވަތަ ރާއްޖެއިން ބޭރުގައި ހުރިކަން ބެލޭނެ ކަމަށާއި، އެމީހެއްގެ ލޮކޭޝަނާއި، ޓައިމްސްޓޭމްޕްތަކާއި، ދަތުރު ޢާންމުކޮށް ކޮށް އުޅޭ ރޫޓްތަކާއި ގޮތްބާވަތް އޮޅުންފިލުވުމުގެ ފުރުޞަތުވެސް އޮތް ކަމަށް ފިޝީ ބުނެއެވެ.
ޤާނޫނީ ވަކީލު ޙަމްޒާ ލަޠީފް މިމައްސަލައިގައި ކުރެއްވި ދުސްތޫރީ ތަޙްލީލެއް އެކްސް ގައި ޙިއްސާ ކުރެއްވިއެވެ. އޭނާ ލިޔުއްވާފައިވަނީ ޤާނޫނު އަސާސީގެ 24 ވަނަ މާއްދާގައި ކޮންމެ މީހަކަށް ވެސް އެމީހެއްގެ ޒާތީ މަޢުލޫމާތު ބައިނަލްއަޤްވާމީ ހަމަތަކާއި ޑިމޮކްރެޓިކް އުސޫލުތަކާ އެއްގޮތަށް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ ޙައްޤު ލިބިގެންވާ ކަމަށް ފާހަގަކޮށްފައި ވެއެވެ. އަދި އަސާސީ ޙައްޤެއް ހިމެނޭ އެއްވެސް ދުސްތޫރީ ފިޔަވަޅެއް ޞައްޙަވާނީ ކަމާބެހޭ އިޖުރާޢަތުތަކުގެ ތެރެއިން، އެކަށީގެންވާ ސަބަބުވެރި ގޮތުގައި އެފިޔަވަޅެއް އަޅައިގެން ކަމަށާއި، ބޭންކްގައި ބެހެއްޓޭ ޑޮލަރުގެ ޢަދަދު އިތުރުކުރުމަކީ ކުށް މަދުކުރުންފަދަ ސަބަބުވެރި ޢުޟުރެއްކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ. އަދި ޢަމަލުކުރަންޖެހޭނެ ހަމަ ގޮތަކަށްވާނީ ޝައްކުކުރެވޭ މުޢާމަލާތެއް ހިންގުމުން އެމީހެއްގެ ދަތުރުފަތުރުގެ މަޢުލޫމާތު ޤާނޫނީ ޞައްޙަ ރޮނގުތަކުންގޮސް ހޯދުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"[އިމިގްރޭޝަންގެ] ޕްރައިވެސީ ޕޮލިސީ އޮންނަ ގޮތުން ޢާންމުންނަށް ހީވެފައި މިއޮންނަނީ އެއްވެސް ޙަލަތެއްގައި ބީއެމްއެލް ފަދަ ތިންވަނަ ފަރާތްތަކާ ޑޭޓާ ޙިއްޞާ ނުކުރާނެ ކަމަށް. ޝާޢިއުކޮށްފައިވާ އޮތް ޕްރައިވެސީ ޕޮލިސީއަށް ޢަމަލުނުކުރުމަކީ ޢާންމުން ކުރާ އިތުބާރަށް ގޮންޖެހުން،" އޭނާ އިތުރަށް ވިދާޅުވިއެވެ.
"ޖަމާޢީގޮތެއްގައި، ނުވަތަ ޖުމުލަ ގޮތެއްގައި، ދައުލަތް ޙިއްސާވާ ނަމަވެސް އަމިއްލަ ފަރާތަކާ ދަތުރުފަތުރާބެހޭ މަޢުލޫމާތު ޙިއްސާކުރުމަކީ އަޅުގަނޑުގެ ނަޒަރުގައި އެ ޑޭޓާ ގުޅޭ ފަރާތްތަކުގެ ޕްރައިވެސީއަށް އެއްވެސް ސަބަބެއް ނެތި ދެވޭ އުނިކަމެއް،" ކަމަށާއި، އެކަމުން އެހެން އިތުރު ވިޔާނުދާ ފިޔަވަޅުތަކަށް ކަންފަހި ކުރާ ކަމަށް ދެކެވަޑައިންނަވާ ކަމަށްވެސް ޙަމްޒާ ވިދާޅުވިއެވެ.
ކުރީގެ މަޖިލިސް މެމްބަރު އަދި ޤާނޫނީ ވަކީލު ޢަލީ ޙުސައިން ވަނީ ޑޭޓާ ޕްރޮޓެކްޝަން ނުވަތަ ޕްރައިވެސީގެ ފުރިހަމަ ޤާނޫނެއް ނެތުމުން ބޭންކްއާއި އިމިގްރޭޝަނާ ދެމެދު މަޢުލޫމާތު ޙީއްޞާކުރުމުގެ ޤާނޫނީ ޞައްޙަކަމާމެދު ސުވާލު އުފެދޭކަން ފާހަގަކުރައްވާފައެވެ.
އެހެން ޤާނޫނީ ތަޖުރިބާކާރުން ވަނީ ބޭންކް އަކާއި ކަސްޓަމަރަކާ ދެމެދު ވެވޭ ކޮންޓްރެކްޓެއްގެޝަރުޠުތަކުން ޤާނޫނުން ނުދޭ ބާރެއް ދެވިދާނެތޯ ނުވަތަ އެއްފަރާތުން ޓަރމްސް އެންޑް ކޮންޑިޝަންސް އަށް ގެންނަ ބަދަލަކުން އަދި އެބަދަލާ ޤަބޫލުނުވާނަމަ ބޭންކް ކާޑު ނުގެންގުޅެވޭނެ ގޮތަށް އޮތުމަކީ ގިނަ ޤައުމުތަކުގައި ޢަމަލުކުރާ ޑޭޓާ އަދި ޕްރައިވެސީ ޕްރޮޓެކްޝަން އުޞޫލުތަކާއި ހަމަޔާ ޚިލާފު ކަމެއް ކަމަށް ފާހަގަކޮށްފައެވެ.
އިމިގްރޭޝަނުން ވެސް ވަނީޝާޢިއުކޮށްފައިވާ ޕްރައިވެސީ ޕޮލިސީއަށް އިޞްލާހު ގެނެސްފައެވެ. މި ހަފްތާއާ ހަމައަށް "އިމުގާ" ޕޯޓަލްގެ ޓަރމްސް އެންޑް ކޮންޑިޝަންސް ގައި ބުނެފައިވަނީ ތިންވަނަ ފަރާތަކާ އެއްވެސް މަޢުލޫމާތެއް ޙިއްސާނުކުރާނެ ކަމަށެވެ. މިހާރު އަދާއިހަމަކޮށް، އިޞްލާޙުކޮށްފައިވާ ލިޔުމުގައި ބުނަނީ ޤާނޫނު ތަންފީޒުކުރުމާއި މާލީ އަދި މުވާޞަލާތީ ރެގިއުލޭޓަރީ ޝަރުޠުތަކަށް ޢަމަލުކުރުމުގެ ބޭނުމުގައި ޤާނޫނު ތަންފީޒުކުރާ އިދާރާތަކާއި ކަމާބެހޭ އެހެން ފަރާތްތަކާ ޑޭޓާއާއި މަޢުލޫމާތު ޙިއްސާ ކުރާނެ ކަމަށެވެ.
ޤާނޫނުއަސާސީގެ 41 ވަނަ މާއްދާގައި ރާއްޖެއިން ބޭރަށް ދިއުން ހިމެނޭހެން، ދަތުރުފަތުރު ކުރުމުގެ މިނިވަންކަން ކަށަވަރު ކޮށްދީފައި ވެއެވެ. އެއިން އެއްވެސް ޙައްޤެއް ހިފެހެއްޓޭނީ، ޝަރުޢީ މަރުޙަލާއާ ކަނޑައްތުކޮށް، އިޖުރާޢަތުތައް ފުރިހަމަ ކޮށްގެންނެވެ.
ބުދަ ދުވަހު ބަންޑާރަ ނާއިބް އަޙްމަދު އުޝާމް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން ޑޭޓާ ޕްރޮޓެކްޝަން ބިލެއް "ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި" ރައްޔިތުންގެ މަޖްލިހަށް ހުށަހަޅުއްވާނެކަމަށް އިޢުލާން ކުރެއްވިއެވެ. ބިލުގެ މަސައްކަތް ކުރިއަށްދާތާ ދުވަސްކޮޅެއް ވެފައިވާއިރު، އެއީ ޒާތީ މަޢުލޫމާތު ޕްރޮސެސްކުރުމާއި ބޭނުންކުރުމުގެ އޮނިގަނޑެއް ޤާއިމުކުރުމުގެ އިތުރުން، ޑޭޓާ ދޭ ފަރާތްތަކުގެ ޙައްޤުތަކާއި ޑޭޓާ ޕްރޮސެސްކުރާ މީހުންގެ ވާޖިބުތައް ކަނޑައެޅޭނެ ޤާނޫނެއް ކަމަށް ވިދާޅުވިއެވެ.
މޯލްޑިވްސް އިންޑިޕެންޑެންޓް އިން އަންގާރަ ދުވަހުގެ ހެނދުނު އިމިގްރޭޝަނާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ފޮނުވި ތަފްޞީލީ ސުވާލުތަކުގެ ތެރޭގައި މިއިންތިޒާމުގެ ހަމަތަކާއި، ޝަރުޠުތަކުގެ ވާހަކައިން އޮޅުންފިލުވީމެވެ. އަދި ޓަރމްސް އެންޑް ކޮންޑިޝަންސްއަށް އިޞްލާޙު ގެނައި ގޮތާއި، އެއިޞްލާޙުތައް އެޕްރޫވްކުރި ގޮތުގެ ވާހަކަ އެހީމެވެ. މިއާއެކު ބަންޑާރަ ނާއިބުގެ އޮފީހާ މަޝްވަރާ ކުރެވުނުތޯ ސުވާލޔ ކުރީމެވެ. ބުރާސްފަތި ދުވަހުގެ މެންދުރު ފަހު މިލިޔުން ޝާޢިއުކުރި އިރުވެސް އެއިން ސުވާލަކަށް ޖަވާބެއް ނުލިބެއެވެ.
މިނިވަން ނޫސްވެރިކަމަށް އެހީތެރިވެދެއްވާ
ބިރެއްނެތި ޚަބަރު ގެނެސްދިނުމަށް އެހީތެރިވެދެއްވާ
އެއްފަހަރު ދެއްވާ
$
ނުވަތަ
މެމްބަރަކަށް ވެލައްވާމަހަކު $5 އިން ފެށިގެން
