ބީއެމްއެލްގެ ސްކީމް: ޑޮލަރަށް އިންވެސްޓުކުރައްވާ! މިއީ ކިހިނެއްވާ ކަމެއް؟

މިއީ ބޭންކުން ކަޅުބާޒާރަށް ވަނުންކަމަށް ފާޑުކިޔުންތެރިން ބުނޭ.

ކުރެހުމާއި ޑިޒައިން: ޑޮސެއިން

ކުރެހުމާއި ޑިޒައިން: ޑޮސެއިން

14 ގަޑިއިރު ކުރިން
ޖޫން 20، 2026 ވީ އަންގާރަ ދުވަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާ ވިޔަފާރިއެއް ތަޢާރަފު ކުރިއެވެ. އެ ބޭންކް އިން ބުނަނީ އެއީ އިންވެސްޓްމަންޓުގެ ފުރުޞަތެއް ކަމަށެވެ. ކަސްޓަމަރުންގެ އަތުގައި ހުރި ޑޮލަރު ބޭންކް އަށް ދިނީމާ، 25 އިންސައްތަ ފައިދާ ލާފައި ދިވެހި ރުފިޔާ ލިބޭނެއެވެ. ނަމަވެސް، ފާޑުކިޔުންތެރިން އެކަން ސިފަކުރަނީ އިޢުތިރާދެއް ކަމަށެވެ. 
ސޯޝަލް މީޑިޔާ އަދި ނޫސްތަކުގެ ކޮމެންޓް ސެލްޝަންގައި ފާޑުކިޔުންތެރިންގެ ކަންބޮޑުވުމާއި ނުރުހުން ބަންޑުން ކޮށްލިއެވެ. ކަމުގެ ޤާނޫނީ ޞައްޙަކަމާމެދު ސުވާލު އުފައްދަމުން ދިޔައެވެ. އިންވެސްޓްމަންޓް ފައިދާގެ ގޮތުގައި ބޭންކް އިން ސިފަކުރާ މިންވަރަކީ ބޭންކް އިން ޑޮލަރެއް ގަންނާން ޚަރަދުކުރާން ޤަބޫލުވާ އަގު ކަމަށް ސިފަކުރަމުން ދިޔައެވެ. 
އެންމެ ބޮޑުކޮށްވެސް ޑޮލަރެއް ގަނެވޭނެ އަގަކީ 15 ރުފިޔާ 42 ލާރިއަށް ކަމަށް ރަސްމީގޮތުން ކަނޑައަޅާފައި ވީނަމަވެސް، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މިހާރު އެވަނީ 20 ރުފިޔާ 50 ލާރިއަށް އުފުލިފައެވެ. މިއާއެކު،  ދުވާލެއްގެ މައްޗަށް ކޮންމެ ވެބްސައިޓަކަށްވެސް މުޅި ރާއްޖެއިން ވަކި ޢަދަދެއްގެ ފައިސާގެ ޖުމުލަ ހަމަވީމާ އިތުރު މުޢާމަލާތެއް ނުކުރެވޭ ގޮތް ބޭންކުން ހަދާފައި ވެއެވެ. އެލިމިޓުގެ މިންވަރުތަކެއް އަދި އެލިމިޓު ހަމަވާ ނުވަތަ އައު ވާ ވަގުތެއްވެސް ހާމަކޮށްފައެއް ނެތެވެ.

ބީއެމްއެލް އިން ތަޢާރަފުކުރީ ކޮން ކަމެއް؟

ބީއެމްއެލްގެ މޯބައިލް ބޭންކިންގް އެޕްލިކޭޝަން މެދުވެރިކޮށް ވަދެވޭ ”އިންވެސްޓްމަންޓްސް ބައި ބީއެމްއެލް“ އިފްތިތާޙު ކޮށްދެއްވީ ހޮޓެލް ޖެންގައި ބޭއްވި ”ޗެޓް ވިތު ދަ ސީއީއޯ“ ގެ ނަމުގައި ހިންގި ޙަރަކާތެއްގައި ޖޫން 20 ވީ ރޭގައެވެ. އެރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ޗީފް އެގްޒެކެޓިވްއ އޮފިސަރ މުޙައްމަދު ޝަރީފްއެވެ. ކޮންމެ ދުވަހަކުވެސް ”އިންވެސްޓްމަންޓް ޕޫލް“ ތަކަކަށް އިންވެސްޓުކުރުމުގެ ފުރުޞަތު ލިބޭނެއެވެ. އިންވެސްޓުކުރާ ކޮންމެ ޑޮލަރަކަށް 15.42 ރުފިޔާގެ ރޭޓުން ވަގުތުން ދިވެހި ރުފިޔާ އެކައުންޓަށް ޖަމާވާނެއެވެ. 25 އިންސައްތައިގެ ފައިދާ ޖަމާވާނީ ޖެހިގެން އަންނަ ދުވަހުއެވެ. 
މިސާލަކަށް 1000 ޑޮލަރު އިންވެސްޓު ކުރީއެވެ. އެ ޑޮލަަރަށްވާ 15،420 ރުފިޔާ މިއަދު އެކައުންޓަށް ޖަމާވާނެއެވެ. 25 އިންސައްތައިގެ ފަައިދާއަށްވާ 3855 މާދަމާ ޖަމާ ވާނެއެވެ. 1000 ޑޮލަރަށް ޖުމުލަ 19،275 ރުފިޔާ ލިބުނީއެވެ. އެހެންވީމާ ޑޮލަރެއް ބޭންކް އިން އެ ގަންނަނީ 19.275 ރުފިޔާގެ މަގުންނެވެ. 
ބީއެމްއެލްގެ ސީއީއޯ ވިދާޅުވީ މިމަގުން ޤާއިމުކުރެވޭ އިންވެސްޓްމަންޓް ފަންޑު ބޭނުންކޮށްގެން، އީކޮމަރސް ވެބްސައިޓުތަކުން ކަސްޓަމަރުން ކުރަން ބޭނުންވާ ޚަރަދުތަކަށާއި، އިމްޕޯޓު މުދަލަށާއި، ކާޑު ޕޭމަންޓުތަކަށް ބޭނުންވާ ޑޮލަރު ބޭންކަށް ހޯދޭނެ ކަމަށާއި، ހިންގުމުގެ ޚަރަދު ކަނޑާފައި ހުންނަ ބައި، އިންވެސްޓަރުންނަށް ފައިދާގެ ގޮތުގައި ދެވޭނެ ކަމަށެވެ. 
އަދި ވިދާޅުވީ ބޭންކް އިން ބިނާކޮށްފައި އެވަނީ ކަސްޓަމަރުންނާއި އިންވެސްޓަރުންނާއި ބޭންކްއަށްވެސް މަންފާ ކުރުވަނިވި ދެމެހެެއްޓެނިވި ނިޒާމެއް ކަމަށާއި މި އިންވެސްޓްމަންޓް ޕްރޮގްރާމްގެ ތެރެއިން ބޭންކްގެ ކަސްޓަމަރުން އެތައް ދުވަހަކަށް ކުރަމުން އަންނަ ޝަކުވާތަކަށް ޙައްލު ގެނެސްދޭނެ ކަމަށެވެ. ބޭންކްއަށް މިއީ ނުހަނު ”ފައިދާ“ ހުރި ޕްރޮގްރާމެއް ކަމަށެވެ.
ބޭންކްގެ ސީއީއޯ އިތުރަށް ވިދާޅުވީ އީކޮމަރސް ޕްލެޓްފޯމުތައް ބްލޮކް ކުރާން ބީއެމްއެލް އިން ބޭނުން ނުވާ ކަމަށާއި، އެހެންނަމަވެސް އެކަން ކުރެވޭނީ އެކަށީގެންވާ މިންވަރަށް ބޭންކަށް ޑޮލަރު ލިބިގެން ކަމަށެވެ. 
އިފްތިތާޙީ ރަސްމިއްޔާތުގައި އިންވެސްޓްމަންޓު ކުރަން ހަދަންޖެހޭ ގޮތް ލައިވްކޮށް ދެއްކިއެވެ. އަދި ނޫސްވެރިންނާއެކު ސުވާލާއި ޖަވާބު ޙަރަކާތެއްވެސް ހިންގި މެއެވެ.
ބޭންކް އޮފް މޯލްޑިވްސް އިން މިއިންވެސްޓްމަންޓް ޕްރޮގްރާމް ރާވައި ހިންގާން ޖެހުނީ ޑޮލަރުގެ ތާށިކަމުން ކަމަށާއި، ނިމިދިޔަ 5 އަހަރުގެ ތެރޭގައި އަހަރުން އަހަރަށް ޑެބިޓް އަދި ކްރެޑިޓް ކާޑު މެދުވެރިކޮށް ބޭރުގެ ވިޔަފާރިތަކަށް ޚަރަދު ކުރާ މިންވަރު ވަނީ 3.7 ގުނަ އިތުރުވެފައެވެ. އެއީ 2021 ގައި 10.7 މިލިޔަން ޑޮލަރުން 39.3 މިލިޔަން ޑޮލަރަށް ކަމަށް ސީއީއޯ ވިދާޅުވިއެވެ. އަދި މިއަދު 250،000 އާއި 300،000 ކަސްޓަމަރުން މަހަކު އެއް ފަހަރު ނަމަވެސް ބޭރުގެ މުޢާމަލާތެއް ދިވެހި ރުފިޔާ ކާޑުން ކުރާ ކަމަށްވެސް ވިދާޅުވިއެވެ. 
މީގެ އިތުރުން، ވޭތިވެދިޔަ 36 މަސް ދުވަހުގެ ތެރޭގައި ކަސްޓަމަރުންގެ ބޭނުންތަކަށާއި، ވިޔަފާރިވެރި މުޢާމަލާތްތައް ހަމަޖައްސާން ބޭންކުން 1.6 ބިލިޔަން ޑޮލަރު ވިއްކާފައި ވާނެ ކަމަށާއި، އޭގެތެރެއިން 60 އިންސައްތަ ނިސްބަތްވަނީ ކާޑުން ކޮށްފައިވާ މުޢާމަލާތް ތަކަށް ކަން ހާމަކުރައްވައި، ސީއީއޯ ވިދާޅުވީ ޑޮލަރަށް ބޭނުންޖެހޭ މިންވަރު އިތުރުވަމުންދާއިރު، އެއްވެސް މުޢާމަލާތެއް ކުރުން ހުއްޓުވާން ބޭނުން ނުވާކަމަށާއި، އެހެންކަމުން މި އިންވެސްޓްމަންޓް ޕްރޮގްރާމްގެ ބޭނުމަކީ ދެމެހެއްޓެނިވި ޙައްލެއް ޑޮލަރުގެ ތާށިކަމަށް ހޯދުން ކަމަށެވެ. 
ބޭރު ފައިސާގެ ތަދުކަމަށް އިތުރުކޮށްކޮށް އޮންނަ ސަބަބެއްގެ ބަދަލުގައި، އީ ކޮމަރސް އަދި ބޯޑަރުތައް ހުރަސްކޮށް ހިންގާ ވިޔަފާރީގެ މުޢާމަލާތްތަކަކީ އިޤްތިޞާދު ފުޅާވުމުގެ އެއް ސަބަބު އަދި ޑިޖިޓަލް ދުނިޔެއަށް ލޯ ހުޅުވި ކަމުގެ ނިޝާނެއްގެ ގޮތުގައި ބޭންކް ގެ ސީއީއޯ ސިފަކުރެއްވިއެވެ.

ކަޅު ބާޒާރުގެ އަގުކަމުގައި އެންމެން ބުނަނީ ކީއްވެ؟

15 ރުފިޔާ 42 ލާރީގައި މީހަކު ބޭންކަށް ޑޮލަރު ވިއްކާނެ ސަބަބެއް ނެތެވެ. ނަމަވެސް 25 އިންސައްތައިގެ ފައިދާއާއެކު 19.275 އަށް ބޭންކް އިން ޑޮލަރު ގަންނަނަމަ އެ ސަބަބު ހިސާބަކަށް އުފަންވެއެވެ. 
ނަމަވެސް ޑޮލަރެއްގެ އަގު ކަޅު ބާޒާރުގައި ހުރީ 20 ރުފިޔާ 50 ލާރިއަށެވެ. ބޭންކްގެ ފައިދާ ލީ ރޭޓާ އަޅާކިޔާއިރު، ކަޅު ބާޒާރުގައި ޑޮލަރެއް ވިއްކުން އަދިވެސް މާ ފައިދާ ބޮޑެވެ. އެކަން ޢާންމުންނަކަށް ނޯޅެއެވެ.
ދުވަހު ނޫސް ”މިހާރު“ ގައި ޝާޢިއުކޮށްފައިވާ ކަމާބެހޭ ރިޕޯޓަށް ގިނަ މީހުން ”ރިއެކްޓު“ ކޮށްފައިވަނީ ރުޅިވެރިކަމުގައެވެ. އެއް ކޮމެންޓެއްގައި ވަނީ ”ވަރަށް ސާފު. 1000 ޑޮލަރ ލިބުމުން ކަޅުބާޒާރަށް 21 ގެ ރޭޓުން ވިއްކާލީމަ 21000 ލިބޭނެ. މަށަށް 19275 ރ ދިނީމަ ބޭންކަށް 1725 ސާފު ފައިދާ. ކަޅުބާޒާރަށް އަހުރެން އަމިއްލަޔަށް ވިއްކުމުން 21000 މަގޭ ޕޮކެޓަށް.“ ކަމަށެވެ. ވަރަށް ގިނަ މީހުން މިނުކުތާ ފާހަގަކުރަމުން ދިޔައެވެ. އެހެން ކޮމެންޓެއްގައި ބުނަނީ ”މޮޅުގިތަކަށް ޑޮލަރު ރަސްމީކޮށް 19.30 ހަށް ފިކުސް ކޮށްލީ“ ކަމަށެވެ. އަނެއް ބަޔަކު ބުނެފައިވަނީ ”އެހެންގޮތަކަށް ބުނަނީނަމަ ބީއެމްއެލްއިން ޑޮލަރުގެ ކަޅުބާޒާރަށް ވަނީ،“ ކަމަށެވެ. އިތުރު ބަޔަކު މި އިންވެސްޓްމަންޓް ޕްރޮގްރާމް ސިފަކޮށްފައިވަނީ ސްކޭމެއްގެ ގޮތުގައެވެ.
ވަރަށް ގިނަ ކޮމެންޓުގައި ބުނެފައިވަނީ ބޭންކުން ކުރީމާ އިންވެސްޓްމަންޓަށް ވެފައި، ހަމަ އެކަން އެހެން ފަރާތްތަކުން ކުރީމާ ކަޅުބާޒާރު ކަމަށް ދެކޭގޮތް ސާފުނުވާ ކަަމަށެވެ. 
ވަރަށް މަދު ކޮމެންޓެއްގައި މެނުވީ ބޭންކަށް ޙަމްދަރުދީ ފައުޅުކޮށްފައެއް ނެތެވެ. 
2025 ގެ ޖޫން ގައި ބޭރު ފައިސާގެ ޤަވާއިދަށް ގެނައި ބަދަލުގެ ދަށުން ރިޒޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 90 އިންސައްތަ 15.42 ގެ ރޭޓުގައި ސެންޓްރަލް ބޭންކް - މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަށް މާރުކުރަން ޖެހެއެވެ. 

މިއީ އަޞްލުގައިވެސް ޤާނޫނާ ޚިލާފު ކަމެއްތަ؟

މައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކުރީގެ ޗެއަރޕާސަން އަދި ނިމިދިޔަ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ބީއެމްއެލްގެ މި އިންވެސްޓްމަންޓް ޕްރޮގްރާމް ސިފަކުރެއްވީ ދިވެހިރާއްޖޭގެ ބޭރު ފައިސާއާބެހޭ ޤާނޫނު ހަވާސާކުރާން ހިންހާފައިވާ ޤަނޫނާ ޚިލާފު ކަމެއްގެ ގޮތުގައެވެ. އަދި މިއީ ކަޅުބާޒާރު އެމްއެމްއޭއިން ހުއްދަ ދީގެން، ބަލައިގަތުން ކަމަށް އޭނާ ސިފަކުރެއްވިއެވެ.
މި އިންވެސްޓްމަންޓް ޕްރޮގްރާމް ބޭރު ފައިސާއާބެހޭ ޤާނޫނާ ޚިލާފުވޭތޯ ނުވަތަ ނޫންތޯ ބަލައި ސާފުކުރިތޯ އެހުމުން، ބީއެމްއެލްއިން ޖަވާބެއް ނުދެއެވެ.
އެމްއެމްއޭގެ ކުރީގެ ގަވަރުނަރު ޢަލީ ޙާޝިމް ވިދާޅުވީ ބޭންކްގެ ޚިދުމަތްތަކަށް ނުވަތަ މުޢާމަލާތްތަކަށް ފީ ނެގުމަކީ ނުވަތަ ލުމަކީ ބޭންކްއަށް ލިބިގެންވާ ޙައްޤެއް ކަމަށެވެ. އެ ފީތަކުގެ ސަބަބުން ރަސްމީ ރޭޓަށްވުރެ ބޭންކް އިން ޑޮލަރު ވިއްކާ ރޭޓު ބޮޑުވެދާނެ ކަމަށެވެ. އަދި ޑޮލަރަށް ޑިމާންޑު ބޮޑުވަމުން ދިއުމާއެކު، އެޑިމާންޑާ އެއްވަރެއްގައި ހިފަހައްޓާން ބޭންކަށް ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވާނެ ކަމަށެވެ.
މަރުކަޒީ ބޭންކްގެ ދައުރާ ގުޅޭގޮތުން ސުވާލު ދެންނެވުމުން ޢަލީ ޙާޝިމް އިތުރަށް ވިދާޅުވީ، މަރުކަޒީ ބޭންކްގެ ނަޒަރުގައި މިއީ އިންވެސްޓްމަންޓް ވެހިކަލެއް ކަމަށާއި، މިއިންވެސްޓްމަންޓް ޕްރޮގްރާމަށް އެމްއެމްއޭއިން ނަގާން ޖެހޭ ޚާއްޞަ ހުއްދައެއް ނޯންނާނެ ކަމަށެވެ. ބޭރު ފައިސާ ގަނެވިއްކަން މިނިވަންކަމާއި އިޚްތިޔާރު ދިނުމަކީ ”ވަރަށް ސިޔާސީ“ އަދި ”މެކްރޯ އިކޮނޮމިކް“ ނިންމުމެއް ކަމަށާއި، ”އަޅުގަނޑު ގަވަރުނަރުކަމުގައި ހުރި އިރުވެސް މިފަދަ ފިޔަވަޅުތަކުގެ މަޝްވަރާ ހިސާބަކަށް ކުރެވުނު،“ ކަމަށް އޭނާ ވިދާޅުވިއެވެ. 

މިހިސާބަށް އައީ ކިހިނެއް؟

ބީއެމްއެލްގެ މި ސްކީމަކީ ގޯސްވަމުން އަންނަ ޑޮލަރުގެ މައްސަލައިގައި އެޅި ގިނަ ފިޔަވަޅުތަކުގެ ތެރެއިން އެންމެ ފަހުގެ ބޮޅެވެ. 2025 ގެ ޖުލައިގައި، ބޭންކް އޮފް މޯލްޑިވްސް އިން ނިންމީ ޓެމޫ އަދި ޝެއިންއާއި އަލީބާބާ، އަލިއެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭހެން އީކޮމަރސް ވެބްސައިޓުތަކުމް 30 އިންސައްތަ ފީއެއް ނަގާން ފެށިއެވެ. 
ޝަރީފު ވިދާޅުވީ 30 އިންސައްތައިގެ ފީއެއް ނަގާން ނިންމީ، ބޭންކް އިން ކާޑު މުޢާމަލާތްތަކަށް ދާ ޚަރަދު ކަވަރު ކުރާން ކަމަށެވެ. މި ފީ ނަގާން ފެށުމުގެ ކުރިން ބީއެެމްއެލްގެ ކަސްޓަމަރުން ހިންގާ މުޢާމަލާތުގެ 75 އިންސައްތަ އަކީ ބޭރުގެ ނުވަތަ އީކޮމަރސް ވެބްސައިޓުތަކުގެ މުޢާމަލާތްތަކެވެ. އެހެންނަމަވެސް ދިވެހިން ޓެމޫ ފަދަ ވެބްސައިޓުތަކަށް ކުރާ ޚަރަދު ކުޑައެއް ނުވިއެވެ. މާލޭގެ ފިހާރަތަކަށް ވުރެ 30 އިންސައްތަ ފީ ދައްކާފައިވެސް އަގު ހެވެވެ.  
ރެސްޓް އޮފް ދަ ވީކް އިން ދިވެހިރާއްޖެ ސިފަކޮށްފައިވަނީ ޗައިނާގެ އީ ކޮމަރސް ވެބްސައިޓުތަކަށް ބަރޯސާވުން ހައްދުފަހަނައަޅާފައިވާ ޤައުމެއްގެ ގޮތުގައެވެ. މި ވިޔަފާރީގެ އާދަކާދައިގެ ސަބަބުން ބޭންކުން ޑޮލަރު ހޯދާންޖެހޭ މިންވަރު އެތައް ތަނަކުން ބޮޑުވަމުން ދަނީއެވެ.
މޭ މަހު ބޭންކް އިން ވަނީ 30 އީ ކޮމަރސް ވެބްސައިޓަކަށް ދުވާލަކު ވަކި މިންވަރަކަށް މެނުވީ ޚަރަދު ނުކުރެވޭ ގޮތަށް، މުޅި ރާއްޖެއަށް ލިމިޓެއް ކަނޑައަޅާފައެވެ. އެ ދުވަހުގެ އެޢަދަދަށް ދިވެހިން ވަކި ވެބްސައިޓަކުން ވިޔަފާރި ކުރީމާ އެދުވަހަށް ނިމުނީއެވެ. ތިމާ އެދުވަހު އެންމެ މުޢާމަލާތެއް ނުކުރިޔަސް ހެވެވެ. ލިމިޓު އައު ވާ ވަގުތެއް ނުވަތަ ލިމިޓުގެ މިންވަރެއް ހާމައެއް ނުކުރެއެވެ. އެހެންކަމުން އެޑޯބީ އަދި ފޭސްބުކް ނުވަތަ މައިކްރޯސޮފްޓްފަދަ އިޝްތިރާކަށް ފައިސާ ދެއްކުންވެސް ދިވެހިންނަށް ދަތިވެފައި ވެއެވެ. 

ސަރުކާރުން ބުނަނީ ކީކޭ؟

ހަފްތާގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޖޫން 29 ގައި ރައީސް ޑރ މުޙައްމަދު މުޢިއްޒު ތަކުރާރުކޮށް ވިދާޅުވީ ބީއެމްއެލް އިން ގެންދަނީ ޑޮލަރުގެ ތާށިކަމަށް ޙައްލު ހޯދާން މަސައްކަތްތަކެއް ރާވަމުން ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ސިނާޢަތުން ޑޮލަރު މާރުކުރުން މަޖުބޫރު ކުރުވުމާއި، ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ)އިން އަސާސީ މުދަލުގެ އަގު ކޮންޓްރޯލްކުރަމުންދާ ކަމަށް ޢިޝާރާތް ކުރައްވާ، އެއީ ކާމިޔާބީތަކުގެ ގޮތުގައި ފާހަގަކުރެއްވިއެވެ.
ވިދިގެން އައި ދުވަހު އިކޮނޮމިކް ޑެވަލޮޕްމަންޓް މިނިސްޓަރ މުޙައްމަދު ސަޢީދު ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ 2024 ގެ މަޖިލިސް އިންތިޚާބުގައި ސަރުކާރަށް ކާމިޔާބުވެއްޖެނަމަ ޑޮލަރުގެ ދަށްކުރާން ރައީސް މުޢިއްޒު ވެވަޑައިގެންނެވި ވަޢުދު ނުފުއްދިގެން އުޅެނީ ކޯވިޑް19 ގެ ޢާލަމީ ވަބާގެ ދުވަސްވަރު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ފައިސާ ޗާޕުކޮށްފައި ވުމުން ކަމަށެވެ. ޑޮލަރުގެ ދަތިކަމުގެ އަޞްލަކީ އެއީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކޯވިޑް19 ގެ ދުވަސްވަރު މަރުކަޒީ ބޭންކްގެ ގަވަރުނަރު ކަމުގައި ހުންނެވި ޢަލީ ޙާޝިމް މި ވާހަކަ ދޮގުކުރެއްވިއެވެ. އޭނާ ވިދާޅުވީ ހުރިހާ މައްސަލައެއްގެ ވެސް އަޞްލަކީ ”ފިސްކަލް ޑިސިޕްލިން“ ނެތުން ކަމަށާއި، މިއީ އެކި ސަރުކާރުތަކުގައި ޢަމަލުކޮށްފައިވާ ގޮތުގެ ނަތީޖާ ކަމަށެވެ. މިއީ ވަކި ސަރުކާރަކުން ކުރި މިވެނި ކަމެއް ނަތީޖާ ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ކޯވިޑް ގެ ދުވަސްވަރު ދިން މާލީ އެހީތެރިކަމަށް ޚަރަދު ހިންގާން ނެގި ދަރަންޏަކީ ކޮންމެހެން އެހިނދަށް އަޅާން ބޭނުން އަދި ނާޅައި ފަރުނުޖެހޭނެ ފިޔަވަޅުތަކެއް ކަމަށާއި، އެކަމުގެ ސަބަބުން ”ވީ“ ބައްޓަމަށް އިޤްތިޞާދު ހަމަޔަކަށް އެޅެމުން ދިޔަ ކަމަށެވެ. އެހެންނަމަވެސް ދިގު މުއްދަތުގައި އެކަމުގެ ނޭދެވޭ އަސަރުތަކެއް ހުންނާނެ ކަމަށާއި، ނަމަވެސް އެހިނދަށް އެފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. 
އެމްޑީޕީގެ ޗެއަރޕާސަންކަމަށް އިންތިޚާބުވެވަޑައިގެންނެވި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވަނީ ޑޮލަރުގެ ދަތިކަމުގެ އަޞްލަކީ ދަރަނި އަލުން އެކުލަވާނުލުން ކަމަށެވެ. 

ދެން ވާނީ ކިހިނެއް؟

ޑޮލަރެއްގެ އެންމެ އެންމެ މަތީ އަގަކީ 15.42 ކަމުގައި ކަނޑައަޅާފައި ވަނިކޮށް، 19.28 ގެ ރޭޓުގައި ޑޮލަރު ގަންނަމުން ދެވިދާނެ ހެއްޔެވެ؟ އެމްއެމްއޭގެ ކުރީގެ ގަވަރުނަރު ޢަލީ ޙާޝިމްގެ ބަހަކީ އެއީ މިހާރުވެސް ހިނގަމުންދާ ކަމެއް ކަމަށެވެ. މިހާރުވެސް 20.60 ގެ ރޭޓުން ޑޮލަރަކަށް އަގު ކިޔައި، ގަނެވިއްކަމުންދާ ބާޒާރެއް އެބަ އޮތެވެ. 
ޢަލީ ޙާޝިމް ވިދާޅުވީ މިހުރިހާ ގޮތެއް ހެދުމުގެ ބަދަލުގައި ޑޮލަރުގެ ރޭޓު މަތިނުކުރަނީ ކީއްވެތޯ އައިއެމްއެފް އިންވެސް ސުވާލު ކުރާ ސަބަބަކީ މިއީ ކަމަށެވެ. އޭނާ ވިދާޅުވީ ވަކި ވަރެއްގައި މަސްނޫޢީ ގޮތެއްގައި ޑޮލަރުގެ އަގު އޮބަހައްޓައިގެން ތިބުމަށްވުރެ، ޑޮލަރު ފްލޯޓް ކުރުން މާ ރަނގަޅެވެ. ބާޒާރު އޮތީ އެކަމަށް ތައްޔާރުވެފައެވެ. 
ކުރީގައި ނަމަ، ފްލޯޓުކުރީމާ ވަކި މަދު ބަޔަކު ޑޮލަރުގެ އަގު ކޮންޓްރޯލް ކޮށްފާނޭ ކަމުގެ ބިރެއް މިހާރު ނެތްކަމަށް އޭނާ ދެކެވަޑައިންނަވައެވެ. މިހާރު ޑޮލަރުގެ ބާޒާރު ފުޅާވެފައިވާ ކަމަށާއި، މިހާރު ދިވެހިރާއްޖޭގައި ބޭރުގެ ކިތަންމެ މަޝްހޫރު މަރުކާއެއްގެ ވިޔަފާރި ހިނގަމުންދާތީއާއި، އެފަދަ މަރުކާތަކުން އެމްއެމްއޭ އިން ބުނެފިތަ، އެޤަވާއިދަށް ޢަމަލުކުރާން ތައްޔާރަށް ތިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ ދަހަރެއްހާ ދުވަސް ކުރިން، އައިއެމްއެފްގެ އެސެސްމަންޓެއްގައި ބުނެފައިވަނީ ފަތުރުވެރިކަމުގެ ސިނާޢަތަކީ ޑޮލަރުގެ ސަޕްލައި އަދި ޑޮލަރުގެ އަގު އެރުވުމުގައި މައިގަނޑު ޙަރަކާތްތެރިޔާ ކަމަށާއި، ޑޮލަރުގެ ކަޅުބާޒާރު މަސައްކަތްކުރަނީ އޮލިގޮޕޮލީއެއްގެ ބާވަތަށް ކަމަށެވެ. އޮލިގޮޕޮލީއަކީ މަދު ވިޔަފާވެރި މަހުޖަނުންތަކެއްގެ އަތްދަށުގައި ސިނާޢަތެއް އޮތުމެވެ. ސަޕްލައިއާއި، އެޚިދުމަތް ނުވަތަ މުދަލުގެ އަގުގެ މައްޗަށް ކޮންޓްރޯލް އޮތުމެވެ. އޭރުގައި ފަތުރުވެރިކަމުގެ ސިނާޢަތުން ދިޔައީ 10 ނުވަތަ 15 އިންސައްތައިގެ ފައިދާގައި ޑޮލަރު މާރުކުރަމުންނެވެ. ރުފިޔާއިން ފައިސާ ދައްކާންޖެހޭ ހިންގުމުގެ ޚަރަދުތަކަށް މާރުކުރާ ދިވެހި ފައިސާ ބޭނުން ކުރަމުންނެވެ.
އެހެންނަމަވެސް ބޭންކް އޮފް މޯލްޑިވްސްއިން މިއަދު އެދެކެނީ 25 އިންސައްތައިގެ ފައިދާއެއް ލާފައި ޑޮލަރު ގަންނާން ބުނީމާ، އަތުގައި ޑޮލަރު ހުރި މީހުން (މަގުމަތިން، ކަޅުބާޒާރުގައި އެއަށްވުރެ އަގުބޮޑުކޮށް ވިއްކޭން ހުއްޓަސްވެސް ) އެޑޮލަރު ބޭންކަށް ވިއްކާނެ ކަމަށެވެ. ކޮންމެގޮތެއްގައި ވިޔަސް މިއައު ބަދަލުން އުފަންވަނީ ރަސްމީ ރޭޓަށްވުރެ ބޮޑު ބޭންކްގެ ރޭޓަކާއި، މަގުމަތީގެ ކަޅުބާޒާރުގެ އަގު - މިދެބައިވެސް ހިނގަހިނގާ އޮންނަ މާޙައުލެއްތޯ ނުވަތަ ނޫންތޯ އެނގޭނީ އަދި ދުވަހުންނެވެ.
އިކޮނޮމިސްޓުން ބޭންކް އޮފް މޯލްޑިވްސްގެ ފިޔަވަޅު ސިފަކުރަނީ ޙައްލު ނެތް މައްސަލައެއްގައި އަޅައި ވަގުތީ ބޭސްމަލަމެއްގެ ގޮތުގައެވެ. ބޭންކް ގެ އިންވެސްޓްމަންޓް ޕްރޮގްރާމަކުން ޙައްލުކުރާ އެއްވެސް ކަމެއްނެތެވެ. ހަމައެކަނި ވާކަމަކީ ދިވެހި ރުފިޔާގެ އަގަކީ ޑޮލަރަކަށް 15.42 ރުފިޔާ ނޫންކަން ޤަބޫލުކޮށް، އެކަން އިޢުލާން ކުރުމެވެ. 

މިނިވަން ނޫސްވެރިކަމަށް އެހީތެރިވެދެއްވާ

ބިރެއްނެތި ޚަބަރު ގެނެސްދިނުމަށް އެހީތެރިވެދެއްވާ

އެއްފަހަރު ދެއްވާ

ނުވަތަ
މެމްބަރަކަށް ވެލައްވާމަހަކު $5 އިން ފެށިގެން