ވަޒީފާއެއްގެ ފުރުޞަތު ލިބެއްޖެކަމަށް ބުނީމާ ވަޒީފާއިން ކަނޑާލުމުުން 7 އަހަރުވާން ޓްރާންސްޕޭރަންސީ މޯލްޑިވްސްއާ ދެކޮޅަށް ކުރާންޖެހުނު ހަނގުރާމަ
މުސާރަޔާއި ޢިނާޔާތަށްވާ ފައިސާ ދޭން އެންގުމުން ނުދީގެން އެންމެފަހުން ޓީއެމްގެ އެކައުންޓުން އެބައި ފްރީޒްކޮށްފި.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
27 ޖުލައި
”އައު ވަޒީފާއަށް މަރުޙަބާ!“ އިނގިރޭސިބަހުން ޢަލީ ޝަރީފަށް ލިިބުނު އީމެއިލްގައި ލިޔެފައި ވެއެވެ. އެ އީމެއިލް ލިބުނީ ޖުލައި 18، 2019 ގައެވެ. އެހެން އޮފީހަކުން ވަޒީފާގެ ހުށަހެޅުމެއް ލިބުނުކަމަށް ޢަލީ ޝަރީފް، އޭނާ އެހިނދު މަސައްކަތްކުރަމުން ދިޔަ ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް)ގެ އިސް ދެ އޮފިޝަލުން ގާތު ބުނިތާ ދެތިން ދުވަސް ފަހުންނެވެ. އެއީމެއިލްގައި ޢަލީ ޝަރީފް ވަޒީފާއިން ވަކިވުމުގެ ތާވަލެއް އެކުލަވައި ހިމަނާފައި ވެއެވެ؛ ޖުލައި 23 އިން ފެށިގެން ޗުއްޓީގައެވެ. 22 އޮގަސްޓްގައި ވަޒީފާއިން ވަކިވީއެވެ. ޖުލައި 21 އަދި 22 ގައި މަަސައްކަތް ޙަވާލުކުރަން ޖެހޭނެއެވެ.
އެހެންނަމަވެސް، ޢަލީ ޝަރީފް ވަޒީފާއިން ވަކިވާކަށް އެދިފައެއް ނެތެވެ. ވަޒީފާއާ ބެހޭ ޓްރައިބިއުނަލާއި ހައިކޯޓުން ވަނީ އެ އީމެއިލްގައި ޓީއެމްގެ ފަރާތުން ބަޔާންކޮށްފައިވާ ނުކުތާތަކަކީ ވަޒީފާއިން ވަކިކުރުމުގެ ނޯޓިހެއްކަމަށް ފުދޭ ކަމަށް ނިންމާފައެވެ. އަދި މިއީމެއިލްގެ ދެހަފްތާ ފަހުން ޢަލކީ ޝަރީފް އަމިއްލައަށް ވަޒީފާއިން ވަކިވާންޖެހުނީ މަޖުބޫރު ޙާލަތުގައި (ކޮންސްޓްރަކްޓިވް ޑިސްމިސަލް) ކަމަށްވެސް ޓްރައިބިއުނަލާއި ހައިކޯޓުން ނިންމާފައި ވެއެވެ.
މިދިޔަ އާދިއްތަ ދުވަހު ސިވިލް ކޯޓުން ވަނީ ޓީއެމްގެ މައްޗަށް ޢަލީ ޝަރީފަށް ދައްކަންޖެހޭ ފައިސާ – 356،932 ރުފިޔާ (23،100 އެމެރިކާ ޑޮލަރު) – އެ ޖަމްޢިއްޔާގެ ބޭންކް އެކައުންޓްތަކުގައި އަތްނުލާ ބެހެއްޓުމަށް ޢަމުރުކޮށްފަ އެވެ. އެއީ ކޯޓުން ޢަމުރުކުރި ތިން ދުވަހުގެ ތެރޭގައި ޓީއެމްއިން އެފައިސާ ޢަލީ ޝަރީފަށް ދައްކާފައި ނުވާތީއެވެ. ޢަލީ ޝަރީފް ވަނީ ޓީއެމްގެ އެކައުންޓްތައް ފްރީޒްކޮށް އެ ފައިސާ އޭނާއަށް ހޯދައިދިނުމަށް ކޯޓުގައި އެދިފައެވެ. ހެޔޮވެރިކަމާއި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލްގެ ދިވެހިރާއްޖޭގެ ގޮފިކަމުގައިވާ ޓީއެމް އިން ބުނީ އެ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށްފައި ނުވާ ކަމަށެވެ. ފްރީޒްކޮށްފައިވަނީ ޢަލީ ޝަރީފަށް ދޭންޖެހޭކަމަށް އިޚްތިލާފު އުފެދިފައިވާ ނުވާ މިންވަރު އެކަނި ކަމަށެވެ.
ޢަލީ ޝަރީފްގެ ފަރާތުން ހުށަހެޅި މައްސަލައިގައި މާޗް 9، 2021 ގައި ޓްރައިބިއުނަލުން ކުރި ޙުކުމް ޓީއެމްއިން އިސްތިޢުނާފުކުރުމުން، އެމައްސަލަ ބަލައި، ޓްރައިބިއުނަލްގެ ޙުކުމަށް ހައިކޯޓުން ތާޢީދުކުރީ މިއަހަރުގެ ފެބްރުއަރީ މަހުގައެވެ. ޓީއެމްއިން މަސައްކަތްކުރަމުން ދަނީ ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިޢުނާފު ކުރުމަށެވެ.
ކޯޓުތަކަށް ފާހަގަވި ކަންކަން
ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމީ ވަޒީފާއާ ބެހޭ ޤާނޫނުގެ 26 ވަނަ މާއްދާއަށް ބަލާއިރު ޢަލީ ޝަރީފް ވަޒީފާއިން އަމިއްލައަށް ވަކިވެފައިވަނީ މަޖުބޫރީ ޙާލަތުގައި ކަމަށެވެ. އެއީ ކޮންސްޓްރަކްޓިވް ޑިސްމިސަލް އެއްގެ ގޮތުގައެވެ. އެގޮތުން ޢަލީ ޝަރީފް ވަޒީފާއިން ވަކިވީ އޭނާގެ އިޚްތިޔާރުގައި ނޫންކަމަށާއި، ޓީއެމް އިން ޢަމަލުކުރި ގޮތުން، ވަޒީފާގައި ދެމިހުރުން ނުކުޅަދާނަ ވެގެން ކަމަށެވެ. ޓްރައިބިއުނަލުން ޓީއެމްގެ މައްޗަށްޢަމުރުކޮށްފައި ޢަލީ ޝަރީފުގެ ވަޒީފާ އަލުން ރުޖޫޢަކުރުމަށާއި، އޭނާއަކީ ވަޒީފާއިން ވަކިވެފައިވާ މީހެއްކަމަށް ނުބެލުމަށާއި، ވަޒީފާއިން ވަކިވި ތާރީޚާއި ޓްރައިބިއުނަލުން ޙުކުމްކުރި ތާރީޚާ ދެމެދުގައިވާ ދުވަސްތަކަށްވާ މުސާރަޔާއި ޢިނާޔަތް އޭނާއަށް ޓީއެމް އިން ދިނުމަށެވެ.
ޓީއެމްގެ ހައިކޯޓު އިސްތިޢުނާފު ކުރަނީ ހަތަރު ނުކުތާއެއްގެ މައްޗަށް ބިނާކޮށެވެ. ފެބްރުއަރީ 17 2026 ގައި ހައިކޯޓުން ޓީއެމްގެ އިސްތިޢުނާފާ ގުޅުވައި އިއްވި ޙުކުމަށް މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންވެސް ތާޢީދުކުރައެްވައެވެ. އަދި ޓީއެމްގެ ހުރިހާ އިސްތިޢުނާ ނުކުތާތަކެއްވެސް ނަފީކޮށްފައި ވެއެވެ. އެއް ފަނޑިޔާރަކު ހަތަރުވަނަ ނުކުތާގައި އަނެއް ދެ ފަނޑިޔާރުންނާ ޚިލާފު ވުިއެވެ. ޓްރައިބިއުނަލްއަކުވެސް ހައިކޯޓަކުވެސް ޢަލީ ޝަރީފް ވަޒީފާއިން ވަކިވީ މަޖުބޫރުވެގެން، އުޅޭން ނުކުޅަދާނަވެގެން ކަމަކު ޚިލާފެއް ނުއުފައްދައެވެ.
އެގޮތުން ޖުލައި 18 ވަނަ ދުވަހު ޢަލީ ޝަރީފަށް ޓީއެމްގެ ވެރިން ފޮނުވި އީމެއިލްތަކަކީ އޭނާއާއެކު އެކުލަވާފައިވާ ވަޒީފާގެ އެއްބަސްވުމުގެ 11 ވަނަ މާއްދާއާ ޚިލާފަށް ފޮނުވާފައިވާ ވަޒީފާއިން ވަކިކުރި ކަމުގެ ނޯޓިހެއް ކަމަށާއި، އެއެއްބަސްވުމުގައި ވާގޮތުންނަމަ މަސް ދުވަހުގެ ނޯޓިސް ވަޒީފާއިން ވަކިކުރުމުގެ ކުރިން ދޭން ޖެހޭ ކަމަށެވެ. އަދި ޢަލީ ޝަރީފާ މަޝްވަރާ ނުކޮށް އޭނާގެ އަހަރީ ޗުއްޓީގެ ތާރީޚުތައް ކަނޑައެޅުމަކީ ވަޒީފާއާ ބެހޭ ޤާނޫނުގެ 41 ވަނަ މާއްދާގެ (ކ) ގެ (1) އާ ޚިލާފު ކަމެއް ކަމަށާއި، ޓީއެމްގެ ހުރިހާ މުވައްޒަފުން ހިމެނޭ ވަޓްސްއެޕް މެސެޖިންގް ގްރޫޕުން އޭނާ ވަކިކުރުމާއެކު އޮފީހުގައި އޭނާ އެކަހެރިކުރުމަކީ ޤާނޫނު އަސާސީގެ 37 ވަނަ މާއްދާގެ (ބ) އާ ޙިލާފަށް އޭނާއާމެދު ތަފާތުކުރުން ގެންގުޅުން ކަމަށެވެ.
ޖުލައި 18 ގެ އީމެއިލްތައް ޓީއެމް އިން އަނބުރާ ގެންގޮސްފައިވާކަމަށް އެފަރާތުން ބުނާ ބުނުމާ ގުޅޭގޮތުން ކޯޓުން ހައިކޯޓުން ބުނީ އެއީ އިޞްލާޙީ ފިޔަވަޅެއް ކަމަށް ބެލެވެން ނެތް ސަބަބަކީ ޖުލައި 18 ގެ ނޯޓިސް މުޅި ސްޓާފުންނަށް ގޮސްފައިވާއިރު، އެއީމެއިލް އަނބުރާ ގެންދިޔަކަމަށް ފޮނުވި އީމެއިލް ހުރިހާ މުވައްޒަފުންނަށް ފޮނުވާފައި ނުވުމެވެ.
ކޯޓުން މިމައްސަލައިގައި ޙަވާލާދީފައިވަނީ އިނގިރޭސިވިލާތުގެ ކައުރް، ލީޑްސް ޓީޗިންގް ހޮސްޕިޓަލް އެންއެޗްއެސް ޓްރަސްޓް އާ ދެކޮޅަށް އުފުލާފައިވާ ދަޢުވާގައި ޢަމަލުކޮށްފައިވާ ގޮތެވެ. މިމައްސަލައިގައި ޙަވާލާދޭ ”ލާސްޓް ސްޓްރޯ ޑޮކްޓްރިން“ އެވެ: ވަޒީފާގެ މާޙައުލުގައި ހިންގާފައިވާ ޢަމަލުތަކުގެ މުޅި ޖުމުލައިން ނުކުޅަދާނަކަމާއި މަޖުބޫރުކަން ވަޒީފާ އަދާކުރާ ފަރާތުގެ މައްޗަށް ހުރިނަމަ، އެންމެ ފަހުން ކުރާ ވަކި މިވެނި ކަމެއް އެއީ ވަޒީފާއިން ވަކިވުން މަޖުބޫރުކުރާފަދަ ޢަމަލަކަށް ވާން ނުޖެހޭނެ ކަމަށެވެ.
ކަން ހިނގައިދިޔަ ގޮތް
ޢަލީ ޝަރީފް ޓްރާންސްޕޭރެންސީ މޯލްޑިވްސްއާ ގުޅުނީ 2014 ވަނަ އަހަރުގެ ޖެނުއަރީ މަހު ކަމަށްވާއިރު، 2017 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން އޭނާ ވަނީ ބާރު ޕްރޮޖެކްޓްގެ ސީނިއަރ ޕްރޮޖެކްޓް ކޯޑިނޭޓަރުގެ މަޤާމު އަދާކޮށްފައެވެ.
ޖުލައި 17، 2019 ގައި އޭނާ ވަނީ ޓީއެމްގެ ދެ އިސްވެރިންނާ ބައްދަލުކޮށް ވެސްޓްމިންސްޓަރ ފައުންޑޭޝަން ފޯ ޑިމޮކްރަސީ (ޑަބްލިއުއެފްޑީ) ގެ ވަޒީފާގެ ހުށަހެޅުމެއްގެ ވާހަކަ ކިޔައިދީފައެވެ. ޖުލައި 18 ވަނަ ދުވަހު އޭނާގެ ލައިން މެނޭޖަރު އައިމަން ރަޝީދު ވަނީ އިހު ނަންގަތް ވަޒީފާއިން ވަކިވުމުގެ ތާވަލު އީމެއިލް ކޮށްފައެވެ. ހަމަ އެދުވަހު ޓީއެމްގެ އެގްޒެކެޓިވް ޑައިރެކްޓަރ މަރިޔަމް ޝިއުނާ ވަނީ ޢަލީ ޝަރީފްއަށް ލިބުނު ފުރުޞަތަށްޓަކައި އުފާ ކުރާކަމަށް ބުނެފައެވެ. އަދި ޓީއެމްއަށް ރަނގަޅު ގޮތަކީ ޢަލީ ޝަރީފް އަވަސްގޮތެއްގައި މަސައްކަތް ޙަވާލުކޮށް، ވަކިވުންކަމަށް ބުނެފައެވެ.
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސްކަން ކުރެއްވި ޝިއުނާ މިހާރު ހުންނެވީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަންގެ މަޤާމުގައެވެ. އަދި މޯލްޑިވްސް ޕެންޝަން އޮތޯރިޓީގެ ސީއީއޯގެ މަޤާމުގައެވެ.
ޖުލައި 25 ވަނަ ދުވަހު ޢަލީ ޝަރީފްގެ އެންމެ ފަހުގެ މަސައްކަތު ދުވަހަކީ އޮގަސްޓް 22 ކަމަށް އިޢުލާންކޮށް ޓީއެމްގެ އެހެން މުވައްޒަފުންނަށް ޓީއެމްގެ ވެރިން އީމެއިލް ކޮށްފައި ވާއިރު، އެ އީމެއިލްގައި ބުނެފައި ވަނީ އޭނާއަށް ނޯޓިސް ދީފައި ނުވާ ކަމަށެވެ. އެ އީމެއިލްގައި ޢަލީ ޝަރީފް ކޮޕީކޮށްފައެއްވެސް ނެތެވެ. އެ އީމެއިލްގެ ބޭނުމަކީ ޢަލީ ޝަރީފް އެހާ ކުއްލިގޮތަކަށް ވަޒީފާއިން ވަކިވާތީ ކަމާބެހޭގޮތުން “ސްޓާފުންގެ މެދުގައި އޮޅުން ބޮޅުން ނެތްކަން ކަށަވަރު ކުރުމަށް" ކަމަށެވެ.
ޢަލީ ޝަރީފް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅީ އޮކްޓޫބަރު 27، 2019 ގައެވެ. ޖުލައި މަހު ލީ ކޭސް އަނބުރާ ގެނައުމަށް ފަހުގައެވެ. ޖުލައި 30 ގައި އޮފީހުގެ ހުރިހާ ސްޓާފުން ހިމެނޭހެން ހަދާފައިވާ ”ވަޓްއެވަރ“ ވަޓްސްއެޕް ގްރޫޕުން ޢަލީ ޝަރީފް ބޭރުކޮށްފައި ވެއެވެ.
އޮގަސްޓް 8 ގައި ޢަލީ ޝާރީފް އޭނާ ވަނީ މިކަންކަމާ ގުޅޭގޮތުން ޝަކުވާ އުފުލައި، ޓީއެމްގެ ބޯޑަށް ލިޔެފައެވެ. އޮގަސްޓް 12 ވަނަ ދުވަހު އައިމަން ރަޝީދު ޢަލީ ޝަރީފަށް އީމެއިލްކޮށްފައި އެންގީ ޖުލައި 18 ގެ ދެ އީމެއިލް އަނބުރާ ގެންދިޔަ ކަމަށެވެ. އަދި ވަޒީފާއިން ވަކިކުރުމުގެ އެއްވެސް ކަމެއް ނުހިންގާނެ ކަމަށެވެ. ޢަލީ ޝަރީފް ވަޒީފާއިން އަމިއްލައަށް ވަކިވާން ނޯޓިސް ދިނީ ސެޕްޓެމްބަރު 1 ގައެވެ. އެނޯޓިހާ އެއްގޮތަށް ވަޒީފާއިން ވަކިވީ ސެޕްޓެމްބަރު 30 ގައެވެ. އެދުވަހު ދެވަނަ ފަހަރަށް އެނާ ޓީއެމްގެ ބޯޑަށް ލިޔުއްވިއެވެ. އަދި ކުރީގެ ޝަކުވާއަށްވެސް އެކަށީގެންވާ ޖަވާބެއް ނުލިބޭކަމަށް ބުންޏެވެ.








ޓްރައިބިއުނަލަށް ހެކިބަސް ދިން ޓީއެމްގައި ޢަލީއާ އެއްދުވަސްވަރެއްގައި މަސައްކަތް ކުރި އަޙްމަދު ނަޢީމް ސިފަކުރީ ޢަލީ ޝަރީފާމެދު އޮފީހުގެ މާޙައުލު އޮތީ "ޓިކްސިކް" ވެފައި ކަމަށާއި، ޓީއެމްގެ ސީނިއަރ މެނޭޖްމަންޓުން ޢަލީ ޝަރީފާއާ ވާހަކަ ދެއްކުން ހުއްޓާލާފައިވާ ކަމަށާއި، އޭގެ ސަބަބުން އެހެން މުވައްޒަފުންވެސް އޭނާއާ ވާހަކަދައްކައި ހަދާން ފަސްޖެހުނު ކަމަށެވެ.
ތަންފީޒުކުރުން
ހައިކޯޓުގެ ޙުކުމާ ގުޅިގެން ޝަރީފް ވަނީ ބަދަލު ހޯދާން ޙުކުމް ތަންފީޒުކޮށްދުން އެދި ސިވިލް ކޯޓަށް ހުށަހަޅާފައެވެ. މެއި 6، 2026 ގައި ޢަލީ ޝަރީފްގެ ވަކީލުން ވަނީ އޭނާއަށް ޓީއެމްއިން ދޭންޖެހޭ ފައިސާ ހޮދާން އެ ޖަމްޢިއްޔާގެ އެކައުންޓްތައް ފްރީޒް ކުރުމަށް ކޯޓުގައި އެދިފައެވެ. ޖޫން މަހު ކޯޓުން ވަނީ ތިން ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް ޓީއެމްގެ މައްޗަށް ޢަމުރުކޮށްފައެވެ. އެމުހުލަތު ހަމަވިއިރިވެސް ފައިސާ ނުދައްކާތީ ޢަލީ ޝަރީފް ވަނީ އެ ޖަމްޢިއްޔާގެ އެކައުންޓްތަކުގައި ހުރި ފައިސާ ފްރީޒްކޮށް، އޭނާއަށް ލިބޭންޖެހޭ މިންވަރު ހޯދައިދިނުމަށް އެދިފައެވެ.
ޓީއެމްގެ އެކައުންޓްތައް ފްރީޒްކޮށް، ކޯޓަށް އެފައިސާ ނަގާފައި ޢަލީ ޝަރީފާ ޙަވާލުކޮށްދޭން އޭނާ އެދިފައި ވީނަމަވެސް، ކޯޓުން ޢަމުރުކުރީ ޢަލީ ޝަރީފަށް ދޭންޖެހޭ މިންވަރު އެކައުންޓުތަކުގައި ފްރީޒް ކުރުމަށެވެ. އެޢަމުރުގެ ވާހަކަ އެންމެ ފުރަތަމަ ރިޕޯޓްކުރި "މިހާރު" އިން ފުރަތަމަ ލިޔުނީ ޓީއެމްގެ އެކައުންޓުތައް ފްރީޒްކުރީ ކަމަށެވެ. ފަހުން ކުށުގެ އިޞްލާޙުކޮށް ލިޔެފައިވަނީ އެކައުންޓުތަކުން ޢަލީ ޝަރީފަށް ދޭންޖެހޭ ކަމަށް ޙުކުމްތަކުން އެނގޭން އޮތް މިންވަރު ފްރީޒް ކުރީ ކަމަށެވެ. ނަމަވެސް މޯލްޑިވްސް އިންޑިޕެންޑެންޓުގައި ޓީއެމްއިން ބުނީ އެޖަމްޢިއްޔާޣެ އެކައުންޓްތައް ފްރީޒްކޮށްފައި ނުވާ ކަމަށާއި ފައިސާ ދެއްކުމަށް ލިޔުމުން ޢަމުރެއްވެސް ނެރެފައި ނެތްކަމަށާއި، ޙުކުމް ތަންފީޒު ކުރުމުގެ މައްސަލައިގައި އެއްވެސް ނިންމުމެއް ނިންމާފައިވާ ކަމުގެ ރަސްމީ ނޯޓިހެއް އެޖަމްޢިއްޔާއަށް ލިބިފައި ނުވާކަމަށެވެ.
ހައިކޯޓުގައި ޢަލީ ޝަރީފްގެ ފަރާތުން އެދުނީ ޓީއެމްއިން ދޭންޖެހޭ މިންވަރަކީ އޮކްޓޫބަރު 2019 އިން ޖޫން 22، 2023 އަށް ކަމަށެވެ. އެއީ 950،520 ރުފިޔާއެވެ. ނަމަވެސް ކޯޓުން ނަގައިދޭން އެއްބަސްވީ އަދި ސިވިލް ކޯޓުގެ ޙުކުމް ތަންފީޒު ޢަމުރުގައި ހިފަހައްޓާން އެންގީ ޢަލީ ޝަރީފް ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ޓްރައިބިއުނަލުން މައްސަލަ ނިންމި މާޗް 2021 އާ ހަމައަށް މުސާރަޔާއި ޢިނާޔާތަށްވާ 356،932 ރުފިޔާއެވެ.
ޢަލީޯ ޝަރީފް މޯލްޑިވްސް އިންޑިޕެންޑެންޓާ ވާހަކަދައްކަމުން ބުނީ އޭނާގެ ދަޢުވާގައި 2021 މާޗް ގައި ޓްރައިބިއުނަލުން މައްސަލަ ނިންމި ތާރީޚުން ފެށިގެން މިއަހަރުގެ ފެބްރުއަރީ 20 ގެ ނިޔަލަށް ވާ 1،316،288.44 ރުފިޔާ ހޯދާން އެދިފައިވާނެ ކަމަށެވެ.
ޢަލީ ޝަރީފް ވަނީ ޤާނޫނީ ވަކީލުގެ ޚަރަދުގެ ގޮތުގައި 50،000 ރުފިޔާ ޓީއެމްގެ ކިބައިން ނަގައިދނުމަށްވެސް ހައިކޯޓުގައި އެދިފައެވެ. މިއީ ހައިކޯޓުގައި ޓީއެމްއިން މިމައްސަލަ އިސްތިޢުނާފު ކުރި ދެވަނަ ފަހަރެވެ. ފުރަތަމަ ފަހަރު ޓީއެމްއިން ކޯޓަށް ޙާޟިރު ނުވެގެން މައްސަލަ ބާޠިލު ކުރީއެވެ. އެކަމުގައިވެސް ޢަލީ ޝަރީފް ކޯޓުގައި ޝަކުވާ އުފުލިއެވެ. ކޯޓަށް ޙާޟިރުނުވަނީ ޤަސްދުގައި މައްސަލަ ދިގުދަންމާންކަމަށް ބުނަމުންނެވެ. ކޯޓުން ޢަލީ ޝަރީފްގެ އެތުހުމަތު ބަލައެއް ނުގައެތެވެ.
ޢަލީ ޝަރީފް ބުނަނީ
”ޓީއެމްއަށް ރަނގަޅަށް އެނގޭނެ އަހަރެން އެހެން އައު ފުރުޞަތުތައް ހޯދަން މަސައްކަތް ކުރާކަން. އެހެން ވަޒީފާތަކަށް އެޕްލައި ކުރަމުންދާކަން،" މޯލްޑިވްސް އިންޑިޕެންޑެންޓަށް ދިން ބަސްދީގަތުމުގައި ޢަލީ ޝަރީފް ބުންޏެވެ. "ޖޮބް އިންޓަވިއުއަށް ތައްޔާރުވި އިރުވެސް އެނގޭނެ. އެހެންވީމާ އެއީ ޓީއެމްއަށް ނޭނގޭނެ ކަމެއް ނޫން. ނޫނީ އެމީހުންނަށް ވަގަށްވެސް ކުރަމުންދިޔަ ކަމެއް ނޫން.“
ޓީއެމްގެ މެނޭޖްމަންޓުން "މިހާތަނަށް ވަރަށް ސަޕޯޓިވް" ކަން ފާހަގަކުރަމުން ޢަލީ ޝަރީފް ބުނީ ޚާއްސަކޮށް ޑަބްލިއުއެފްޑީގެ ވަޒީފަޔާ އޭނާ އެހާ ގަޔާވީ އޭނާއަކީ ޕާލަމެންޓްރީ ރިފޯމް ޔުނިވަރސިޓީގެ ދުވަސްވަރުވެސް ދިރާސާކޮށްފައިވާ މީހަކަށްވެފައި ޑަބްލިއުއެފްޑީގެ އަމާޒު އޭރު ހުރީ އެދިމާއަށް ކަމަށް ވާތީކަމަށެވެ.
ޢަލީ ޝަރީފް އިތުރަށް ވިދާޅުވީ ޑަބްލިއުއެފްޑީގެ ވަޒީފާގެ ހުށަހެޅުން ލިބުނު ދުވަހު ނޫން އަނެއް ދުވަހު ޓީއެމްގެ މެނޭޖްމަންޓަށް އެކަން އަންގާފައިވާ ކަމަށާއި "އެއީ ހެޔޮ ނިޔަތުގައި ކުރިކަމެއް. އެހެންވީމާ މިކަހަލަ ނޭދެވޭ ނަތީޖާތަކެއް ނުކުމެދާނެ ކަމަކަށް ނުދެކެން" ކަމަށާއި، ”ވަޒީފާއިން ވަކިވުމުގެ ނޯޓިހަކީ ލިޔުމުން ރަސްމީކޮށް ފޯރުކޮށްދޭންޖެހޭ ލިޔުމެއްކަމަށްވާއިރު، ވަޒީފާއެއް ބަޔަކު ހުށަހަޅައިފިއޭ ބުނީމާ މިހިސާބަށް ކަންތައް ދާނެއެކޭ ކުޑަކޮށްވެސް ހީއެއް ނުކުރަން“ ކަމަށެވެ.
ޝަރީފް ސިފަކުރެއްވި ގޮތުގައި އެ މައްސަލައިގެ ކުރިން އައިމަން އާއި ޝިއުނާއާ އެކު ކުރިން މަސައްކަތް ކުރަމުންދިޔައީ ނުހަނު އެކުވެރިކަމާއެކު "ވަރަށް ވަރަށް ގާތްކޮށް.“ ކަމަށާއި، ޢުމުރުން 23 އަހަރުގައި ޓީއެމްއާ ގުޅުނުފަހުން ނޯޕޭ ލީވްގެ މުއްދަތެއް ހިމެނޭހެން އެޖަމްޢިއްޔާގައި ހަ އަހަރު ހޭދަކޮށްފައިވާ ކަމަށެވެ.
"އަހަރެމެން ހުސް ތިރީހުން ދަށުގެ މީހުން. އެހެންވީމާ ވަރަށް ގާތްކޮށް، އެކުވެރިކޮށް އޮފީސްތެރެ އޮންނަނީ. ވަރަށް މަޖާކޮށް އޮންނަނީ. ރުޅިވެރިކަމުގެ އެއްވެސް މައްސަލައެއް ޖެހިވެފައެއް ނެތް. އޮފީހުގެ ބޭރުންވެސް ދިމާވެ، ހޭންގް އައުޓް ކުރިން." ކަމަށާއި، އެހެންވީމާ އޭނާއާމެދު ކަންތައް ކުރިގޮތުން ނުހަނު ޙައިރާންކަން ލިބުނު ކަމަށެވެ.
އޭގެ ފަހުން ދިމާވި ކަންކަމާ ގުޅޭ ގޮތުން ޝަރީފް ބުނީ 2021 ވަނަ އަހަރާ ހަމައަށް ވަޒީފާއެއް ނެތި ހުންނާން ޖެހުނު ކަމަށާއި އެއީ "ވަރަށް ވޭންދެނިވި އަހަރުތަކެއް" ކަމަށެވެ. ”އަޞްލު ދިވެހިރާއްޖޭގެ ސިވިލް ސޮސައިޓީގެ ދާއިރާގައި މިއުޅެނީ މަދު އެއްބައެއް. އެކަކު އެނަކަކާ ރައްޓެހިވާނެ. އެހެންވީމާ މިކަހަލަ ކަންތައްގަނޑެއް ހިނގީމާ ވަޒީފާއެއް ދޭން މީހުން ޖެހިލުންވޭ.“ ކަމަށާއި ”އަހަރެން ހުރީ ނަފްސާނީ ގޮތުން ނުބައި ފައްތަރެއްގައި، ރައްޓެހިންނަކާވެސް ދިމާވެ ހަދާހިތެއް ނުވޭ، ދެންހަމަ ގޭގައި“ ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ދަތިކަން އިތުރަށް ބޮޑުވެގެން ދިޔަކަން ފާހަގަކޮށް އެޞާ އިތުރަށް ކިޔައިދިނެވެ.
މިސާލު ދެމުން ޢަލީ ޝަރީފް ބުނީ އޭނާ ޔޫއެންޑީޕީގެ ދެ ވަޒީފާއަކަށް ކުރިމަތިލި ކަމަށެވެ. ފަހުން ރައްޓެއްސެއްގެ ކައިވެނި ޙަފްލާއަކުން ޔޫއެންޑީޕީގެ އިސް މުވައްޒަފަކު އޭނާއާ ދިމާވެ ދެއްކި ވާހަކައިން، އޭނާގެ ހިތުގައި ޢަލީ ޝަރީފާމެދު ނުބައި ތަޞައްވަރެއް އުފެދިފައިވާކަން ވިސްނުނެވެ. އޭނާ ބުނިކަހަލަ ”މިހާރު މި ޢަލީ މިހިރީ ޓީއެމް އާ ޖެހިގަނެފައޭ. ޓީއެމްއާ ޔޫއެންޑީޕީ އިން ވަރަށް ގާތްކޮށް މަސައްކަތް ކުރަންޖެހޭ އިރު، ޢަލީ ޝަރީފް ވަޒީފާއަށް ނަގައިގެން ކަމަކުދާކަށް ނޯންނާނެޔޭ،“ ޢަލީ ކިޔައިދިނެވެ.
ޓީއެމް އިން ބުނަނީ
ޓީއެމްގެ ތަރުޖަމާނަކު މޯލްޑިވްސް އިންޑިޕެންޑެންޓުގައި ބުނީ އަދާ ހަމައަށް ސިވިލް ކޯޓުން އެ މައްސަލައިގެ އެއްވެސް ޢަދަދެއްގެ ފައިސާ ދައްކާން ލިޔުމުން ޢަމުރު ފޮނުވާފައި ނުވާ ކަމަށެވެ. އަދި ޙުކުމް ތަންފީޒުކުރުމުގެ މައްސަލައިގައި ސިވިލް ކޯޓުން ވަކި ގޮތެއް ނިންމާ ޓީއެމްއަށް އަންގާފައިވެސް ނުވާ ކަމަށެވެ.
"ޓީއެމް އިން ވެސް ވަނީ އިތުރު ޤާނޫނީ ޙައްލުތަކެއް ހޯދާން ފިޔަވަޅުތައް އަޅާފައި، މިހާރު ދިވެހިރާއްޖޭ ސުޕްރީމް ކޯޓުގައި އިސްތިޢުނާފު ކޮށްފިން. އެ އިސްތިޢުނާފު ބަލައިގަތުމާމެދު ކޯޓުން ގޮތެއް ނިންމާ ޖަވާބެއް ދިނުމުގެ އިންތިޒާރުގައި މިތިބީ،“ އޭނާ ބުންޏެވެ.
އިޚްތިލާފު ނެތް ފައިސާގެ މިންވަރު ޓީއެމްގެ އެކައުންޓުތަކުން ފްރީޒް ކުރާން މަދަނީ އިޖުރާޢަތުގެ ޤާނޫނުގައިވާ ގޮތުގެ މަތިން ސިވިކް ކޯޓުން އަންގާފައިވާ ކަމަށާއި، ނަމަވެސް އެ ޖަމިއްޔާގެ ބޭންކް އެކައުންޓްތައް ފްރީޒްކޮށްފައި ނުވާ ކަމަށް ތަރުޖަމާނު ކިޔައިދިނެވެ.
ޓީއެމް އިން ބުނަނީ 2021 ގެ ޖުލައި 18 ވަނަ ދުވަހުގެ ޢަލީ ޝަރީފަށް އީމެއިލްތަކަކީ ޓާމިނޭޝަން ނޯޓިހެއް ނޫން ކަމަށާއި، އެއީ ވަޒީފާއިން ވަކިވާން ޢަލީ ޝަރީފް އަނގަބަހުން ދިން ނޯޓިހުގެ މައްޗަށް ފޮނުވި އީމެއިލްތަކެއް ކަމަށެވެ. އެއީމެއިލްތަކާހުރެ އޮޅުންބޮޅުން އުފެދުމުން އައޮގަސްޓް 12 ވަނަ ދުވަހު އެއީމެއިލްތައް އަނބުރާ ގެނެސް، އިޞްލާޙީ ފިޔަވަޅު އަޅާފައިވާނެ ކަމަށެވެ. އޮގަސްޓް 22 ވަނަ ދުވަހުގެ ފަހުން ޢަލީ ޝަރީފް މަސައްކަތް ކުރަމުން ދިޔަ ކަމުގެ ސަބަބުން އެ ނޯޓިސް ބާޠިލުވެފައިވާ ކަން ރަނގަޅަށް ސާފުވާކަމަށްވެސް އެޖަމްޢިއްޔާއިން ބުނެއެވެ.
އެ ކުންފުނިން ވަނީ މަސައްކަތުގެ މާޙައުލުގައި ޢަލީ ޝަރީފް އެކަހެރިކޮށްފައިވާކަން ދޮގުކޮށް، ޓީއެމްއިން ވަނީ ޕްރޮޖެކްޓަކަށް ޚާއްޞަ ވަޓްސްއެޕް ގްރޫޕަށް ޢަލީ ޝަރީފް ލާފައިވާ ކަމާއި، ޖަމްޢިއްޔާގެ އިސް ވެރިންނާ ވާހަކަނުދައްކާ ހުންނާން ފެށީ ޢަލީ ޝަރީފްކަމަށް ބުނެފައެވެ. ޢަލީ ޝަރީފްގެ ވަޒީފާ ގުޅިފައި އޮތީ ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ފައިސާ ދީގެން ހިންގާ ބާރު ޕްރޮޖެކްޓްއާ ކަމުން، ޖެނުއަރީ 31، 2020 ގައި އެޕްރޮޖެކްޓް ނިމުމާއެކު އޭނާގެ ކޮންޓްރެކްޓެއް ނިމޭ ކަމަށާއި، އެހެންވީމާ މުސާރަޔާއި ޢިނާޔަތްތައް ނަގައިދޭން ޖެހޭނީ ވަޒީފާއިން ވަކިވި ތާރީޚާއި ޖެނުއަރީ 31، 2020 އާވާ ހަތަރު މަސް ދުވަހުގެ މުއްދަތަށް ކަމަށް ޓީއެމްއިން ބުނެއެވެ.
ހައިކޯޓުން މިއިން ކޮންމެ ނުކުތާއެއް ނަފީކުރިއެވެ. އެގޮތުން ޖުލައި 18 ވަނަ ދުވަހު ޢަލީ ޝަރީފަށް ފޮނުވި އީމެއިލްގެ އިތުރުން، އޭނާގެ މަސައްކަތު ފަހު ދުވަސް ކަނޑައަޅައި، އެހެން މުވައްޒަފުންނަށް ޓީއެމްއިން އަންގާފައިވާކަމާއި، ޓީއެމްގެ އައިމަން ރަޝީދު ޓްރައިބިއުނަލްގައި ދިން ހެކިބަހުގައި ގިނަ ދުވަސްވާ ޕްރޮޖެކްޓުތަކުގައި މަސައްކަތްކުރާ ސްޓާފުންނަކީ ދާއިމީ ގޮތުގައި އެއް ޕްރޮޖެކްޓުން އަނެއް ޕްރޮޖެކްޓަށް ނަގުލުކުރާ ބަޔަކަށްވާކަމަށް ބުނެފައިވާކަމަށް ފާހަގަކުރިއެވެ.
ނަމަވެސް ހައިކޯޓުގެ އެއް ފަނޑިޔާރަކު - ޙުސައިން މަޒީދު ވިދާޅުވީ ޝަރީފަކީ ދާއިމީ މުވައްޒަފެއްތޯ ނުވަތަ ވަކި މުއްދަތަކަށް ވަޒީފާއަށް ނެގި މުވައްޒަފެއްތޯ ޓްރައިބިއުނަލުން ކަނޑައަޅާަފައި ނެތް ކަމަށެވެ. އެކަން ނިންމާން އަލުން ޓްރައިބިއުނަލަށް ދާން ޖެހޭނެ ކަމަށެވެ. ނަމަވެސް އޭނާވެސް ޢަލީ ޝަރީފަށް ޓީއެމްއިން ދޭންޖެހޭ ބަދަލާމެދު ދެބަހެއް ނުވެއެވެ.
މިނިވަން ނޫސްވެރިކަމަށް އެހީތެރިވެދެއްވާ
ބިރެއްނެތި ޚަބަރު ގެނެސްދިނުމަށް އެހީތެރިވެދެއްވާ
އެއްފަހަރު ދެއްވާ
$
ނުވަތަ
މެމްބަރަކަށް ވެލައްވާމަހަކު $5 އިން ފެށިގެން
