ބިންވެރިޔާ ސްކީމް: ވަކި ބަޔަކަށް ބިން ޚާއްޞަކުރުމުން އަރައިރުން ބޮޑުވެފައި
މައިންބަފައިންގެ ފުށުން ލިބޭ ޙަލާލު ތަރިކަ ހެއްޔެވެ؟ ނުވަތަ މާލެ ވީމާ ލިބޭ ޚާއްޞަ އިމްތިޔާޒު ހެއްޔެވެ؟

ކުރެހުމާއި ޑިޒައިން: ޑޮސެއިން
10 ނޮވެމްބަރު
ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު ޕާޓީ – ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާޙް އެވަނީ މާލޭ ސަރަޙައްދުން މާލޭ މީހުންނަށް ދޫކޮށްފައިވާ ގޯތީގެ ބަޙުޘާއި އަރައިރުން އަލުން ފަށާފައެވެ.
ތޮއްޖެހިފައިވާ މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރާން ނިމިދިޔަ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވެރިކަމުގައި 9003 ގޯތި ހުޅުމާލެ، ގިރާވަރުފަޅު އަދި ގުޅީފަޅުން އެކަށައަޅާފައި ވެއެވެ. މާލެ ނޫން އެހެން ރަށެއްގައި އެއްވެސް އިރެއްގައި ދާއިމީ އެޑްރެސް ނެތް އަދި 600 އަކަ ފޫޓަށްވުރެ ކުޑަ ތަންކޮޅެއް އޮތް ކޮންމެ މާލޭ މީހަކަށް ރައްޔިތަކަށް ކުރިމަތިލެވޭ ގޮތަށް ހުޅުވާލި ބިންވެރިޔާ ސްކީމަށް 23،000 މީހުން 15164 ފޯމު (ޢާއިލާތައް ގުޅިގެން ޖޮއިންޓު އެޕްލިކޭޝަންގެ ގޮތުގައި ވެސް) ހުށަހެޅިއެވެ. 19،631 މީހުންނަށް ގޯތި ލިބުނެވެ.
2022 ގައި ސްކީމު އިޢުލާން ކުރިއިރު، މާލޭގެ ރަށްޔިތުންނަށް އެކަނި ކުރިމަތިލެވޭތީ، ނުހަނު ފާޑުކިޔުމާއި، އަރައިރުން އުފެދުނެވެ. ސޯޝަލް މިޑީޔާގައި މި ބަޙުޘް ހޫނުކޮށް ހިނގަމުން ދިޔައެވެ. މާލޭގައި އުޅޭ 100،000 އަށް ވުރެ ގިނަ ރަށްރަށަށް ދާއިމީ އެޑްރެސް ނިސްބަތްވާ މީހުންނަށް ކުރިމަތި ނުލެވުމަކީ ބޭއިންޞާފެއް ކަމާއި، ޞިއްޙީ، ތަޢުލީމީ، ވަޒީފާގެ ފުރުޞަތުތަކަށްޓަކައި މާލެ ހިޖުރަކުރަނީ މަޖުބޫރުންކަމާއި، މުޅި ޙަޔާތް ބޮޑު ކުލީގެ ދަންތޫރައެއްގައި ތާށިވެފައި ތިބޭން ޖެހޭކަމުގެ އުދާސްތައް އެތައް ބަޔަކު ބަންޑުން ކުރަމުން ދިޔައެވެ. އަދި މިއީ ޣައިރު ދުސްތޫރީ ތަފާތުކުރުމެއް ކަމަށް ބުނަމުން ދިޔަ މެއެވެ.
އިޖުތިމާޢީ ބޯހިޔާވަހިކަމާ ގުޅޭ ޤަރާރަކަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން، ޕީޖީ ލީޑަރު ފަލާޙް ވިދާޅުވީ ބިންވެރިޔާ ސްކީމަކީ ދިވެހި ދައުލަތަށާއި ރައްޔިތުންނަށް ލިބިދާ އެންމެ ބޮޑު ގެއްލުން ކަމަށާއި، ހުޅުމާލެ ފޭސް 2 އިން ނުހަނު ބޮޑު އަގުގައި، ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިން ހިއްކާފައިވާ ބިންތައް އަގުނެގުމަކާ ނުލައި ބަހާލުމުން، 13 ބިލިޔަން ރުފިޔާ ގެއްލިގެން ދާނެ ކަމަށެވެ. މިފަދަ އަގު ބޮޑު ބިން ވަކި ބަޔަކަށް ހިލޭ ދިނުމުގެ އިންޞާފުވެރިކަމާމެދު އޭނާ ސުވާލު އުފެއްދެވިއެވެ.
އެގޮތުން، ކުރިމަތިލާ ފްލެޓަށް އަގު ދައްކާ ޚަލާޞްކުރާން 3 މިލިޔަން ރުފިޔާ 20 އަހަރުން ދައްކާން ޖެހޭއިރު، 1200 އަކަ ފޫޓުގެ 12 މިލިޔަން ރުފިޔާގެ ބިމެއް ހިލޭ ދިނުމަކީ ކޮން ބާވަތެއްގެ އިންޞާފެއް، ހަމައެއް ތޯ ސުވާލު އުފައްދަވަމުން ފަލާޙް ވިދާޅުވީ ސްކީމުން ދިން ބިމުގައި މިހާރު ޢިމާރާތްކޮށްފައި ހުރިނަމަ، ޢަދުލުވެރި ބަދަލު ދީފައި، މިބިންތައް އަތުލުމަށް ފަލާޙް ގޮވާލެއްވިއެވެ. ނަމަވެސް މިއީ ޕީއެންސީގެ ވިސްނުން ނޫންކަމަށާއި، އަމިއްލަ ވިސްނުންކަން އޭނާ ފާހަގަކުރެއްވިއެވެ. "މިއަދުވެސް 99 އިންސައްތަ ދިވެހިން މިކަމަށް ތާޢީދުކުރާނެ،" އޭނާ ވިދާޅުވިއެވެ.
ނަމަވެސް ސީދާ ވެރިކަން ކުރާ ޕާޓީގެ ތެރެއިން މި ބަސްތަކާ ދެކޮޅަށް ވާހަކަދައްކާން ފަށައިފިއެވެ. ފުރަތަމަ އެކަމާމެދު ނުރުހުން ފައުޅުކުރެއްވީ ޕީއެންސީގެ މައްޗަންގޮޅި ދެކުނު ދާއިރާގެ އަޙްމަދު ޟަމީރު ބުދަ ދުވަހު އެވެ. އޭނާ ވިދާޅުވީ ކުރީ ސަރުކާރުން ދިން ތާކުން ދިން ގޮތަކަށް ފްލެޓާއި ގޯތި ޙަވާލުކުރައްވާނެ ކަމަށް ރައީސް މުޢިއްޒު ވެވަޑައިގެންނެވި ވަޢުދާ ޚިލާފުވެވަޑައި ނުގަންނަވާނެ ކަމަށެވެ.
ޟަމީރުގެ ވާހަކައިގައި ވިދާޅުވީ މާލެއިން ގޯތި ލިބުމަކީ މާލޭ މީހުންގެ ޙައްޤެއް ކަމަށާއި، ޚުދް އޭނާއަކީވެސް މައިންބަފައިންގެ ފުށުން ލިބިފައވާ 260 އަކަ ފޫޓުގެ ވާރުތަ ބިންކޮޅެއް މެނުވީ އެއްވެސް ތާކުން، އެއްވެސް ބޯހިޔާވަހިކަމެއް ނެތް މޯހެއް ކަމަށެވެ. ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ދެއްކެވި ވާހަކަތަކާ ގުޅިގެން ދާއިރާގެ އެތައް ރައްޔިތުންނެއް ގުޅާ، ޝަކުވާ ކުރަމުންދާކަން ފާހަގަކުރައްވާ ޟަމީރު ވިދާޅުވީ އެހެންވެސް ރަށްރަށުގައި ބިން ހިއްކަނީ ލޯނު ފައިސާއިން، ދިވެހި ދައުލަތުގެ މާލިއްޔާއިން ކަމަށާއި، ރަށްރަށުން ވެސް ބިން ދެނީ ހިލޭ ކަމަށެވެ.
ބައެއް މީހުންނަށް ރަށްރަށުގައި މައިންބަފައިންގެ ފުށުން ބިން ވާރުތަވެފައިވާ މީހުންނަށްވެސް، ހިލޭ 3000 އަކަ ފޫޓު ބިންވެސް ދީފައި ހުރި ކަމަށާއި، އެމީހާ މާލޭގައި 15 އަހަރު އުޅެފައި އޮވެގެން މާލެއިންވެސް ސޯޝަލް ހައުސިންގް ފްލެޓް ލިބޭ ކަމަށެވެ. ރަށުގެ ބިންތަކުގައި ގެސްޓް ހައުސް އަޅައިގެން ވިޔަފާރި ކުރަމުންދާ ކަމަށާއި، ދިރިއުޅެނީ މާލޭގައި ކަމަށާއި، ގެދޮރުވެރިޔާގެ 4000 ފްލެޓަށް ކުރިމަތިލީ ގިނަ މީހުންނަކީ މާލެއަށް ނިސްބަތްވާ ރައްޔިތުން ނޫންކަމަށް ޟަމީރު ވިދާޅުވިއެވެ.
އަދި މާލޭ ދަފްތަރުގައި ޖެހިފައި ތިބި މީހުންނަށް ފްލެޓް ނުދޭން ނޭދޭ ކަމަށާއި، އެކަމަކު މާލޭގެ ރައްޔިތުންނަށް އެކަށައަޅާފައިވާ ބިންތައް ވާނީ ދެއްވާން ކަމަށް ތަކުރާރުކޮށް ޟަމީރު ވިދާޅުވިއެވެ.
ބިންވެރިޔާ ސްކީމް ތަޢާރަފު ކުރި އިރުވެސް މާލޭ މީހުންނަށް ޚާއްޞަ ކޮށްފައިވާތީ ފާޑުކިޔުން އަމާޒުވުން އޭރުގެ ހައުސިންގް މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވީ ސްކީމް އެކުލެވީ މާލޭ މީހުންނަށް "ނޭވާލެވޭނެ" ގޮތެއް ހޯދައިދޭން ކަމަށެވެ. މާލެއަށް ނިސްބަތްވާ ގިނަ ބަޔަކު ދިރިއުޅެނީ ކޮއްލަވާނި، ދަތި ޙާލަތުގައެވެ. ވާރުތައިން ލިބޭ ބިންކޮޅު އެއް ޖީލުން އަނެއް ޖީލަށް ބަހަމުން، ފޮތިކުރަމުން ގޮސް ދިރިއުޅެން އެކަށީގެންވާ ވަރަށްވުރެ ކުދި ޖާގައިގައެވެ.
ނަމަވެސް މާލޭގައި އެތައް ދަހަރު (ޑެކޭޓް) ވާންދެން ދިރިއުޅެފައިވާ ރަށްރަށަށް ނިސްބަތްވާ ފަރާތްތަކަށް ބިންވެރިޔާ ސްކީމްވީ ނުހަނު ހިތްހަމަނުޖެހޭ، ނާއިންޞާފު ކަމަކަށެވެ. ވޭތިވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި މާލޭގެ އެޕާޓްމަންޓުތަކަށް ކުލީގެ ގޮތުގައި 1.6 މިލިޔަން ރުފިޔާ ޚަރަދުކުރާން ޖެހުނުކަން އެކަކު ފާހަގަ ކުރިއެވެ. މިއީ މާލޭގެ ބިންވެރިންނަށް ދައްކާން ޖެހޭ "އާރް ޓީ" (ރާއްޖެތެރޭ) ޓެކްސް ކަމަށް ހިތްހަމަނުޖެހުމާއެކު އޭނާ ލިޔުނެވެ.
އަނެކަކު ފާހަގަކުރީ އެއްވެސް ތަނަކަށް ނިސްބަތްނުވާ މީހުން ކަމުގައި އެތައް ހާސް ބަޔަކު ދިރިއުޅޭން ޖެހިފައިވާ ކަމަށެވެ. އޭނާ ލިޔެފައިވަނީ މައިންބަފައިން ފުވައްމުލަކުން މާލެ ހިޖުރަކުރީ 80 ގެ އަހަރުތަކުގެ ތެރޭގައި ކަމަށާއި، ނަމަވެސް މާލެއިންވެސް އަދި ފުވައްމުލަކުން ވެސް ބޯހިޔާވަހިކަމަށް ޝަރުޠު ހަމަނުވާ ކަމަށާއި، މިހެން ގޮސް ދެވަނަ ދަރަޖައިގެ ރައްޔިތުން އުފެދިފައިވާ ކަމަށެވެ.
މި ބާވަތުގެ ޝަކުވާ އުފުލި ގިނަ މީހުން ބުނީ މާލެ އަށް ޢާއިލާ ގޮވައިގެން ހިޖުރަކުރީ މަޖުބޫރުން ކަމަށެވެ.
ބިންވެރިޔާ ސްކީމްގެ ދިފާޢުގައި ވާހަކަ ދައްކާ ފަރާތްތަކުންން ބުނަނީ މާލޭގެ ރަށްޔިތުންނަކީ މުއްސަނދިންކަމުގައި ސިފަ ކުރަނީ ޙަޤީޤަތާ ޚިލާފަށް ކަމަށާއި، އުސްކޮށް، ބުރިބުރިއަށް ޢިމާރާތްކޮށްފައިވާ 80 އިންސައްތަ ގެތައް ހުރީ، ރިއަލް އިސްޓޭޓް ވިޔަފާރިވެރިން ނުވަތަ ކޮންސްޓްރަކްޝަން ކުންފުނިތަކުގެ އަތްދަށުވެފައި ކަމަށެވެ. ނުވަތަ ބޭންކްތަކުގައި އެތައް ދަހަރަށް ރަހުނުކޮށްފައި ކަމަށެވެ. ގިނައީ "މާލޭ މީހާ"ގެ ކޮންޓްރޯލްގެ ދަށުގައި ނެތް ބިންތަކާއި ޢިމާރާތްތައް ކަމަށެވެ.
މީގެ އިތުރަށް، މާލޭގައި ބިމެއް އޮތް މީހަކު ނަމަ، 5 ބުރިއަށް (މިސާލަކަށް) ޢިމާރާތްކޮށްފައި، އޭނާގެ ދަރިންކުރެން ކޮންމެ ކުއްޖަކަށް މިލިބެނީ ބުރިއެއް ކަމަށާއި، އެ އެއް ބުރިއަށް އެމީހަކުގެ އަނބިފިރިދަރިންގެ މުޅި ޙަޔާތް މެހިފައިވާކަމަށް އަނެއް ބަޔަކު ފާހަގަކުރިއެވެ.
މިއާއެކު ރާއްޖެ ފަދަ ބިން ކުޑަ، ކުދި ރަށްރަށުގެ މައްޗަށް އެކުލެވޭ ޤައުމެއްގައި ހިލޭ ބަންޑާރަ ގޯތި ބެހުމަކީ ދެއުޅި އެއްވާ ކަމެއް ނޫންކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދެއެވެ. ދަ ކޮމަނާރޒް ޖަމްޢިއްޔާގެ ފައުންޑަރ އަދި އިޖުތިމާޢީ ބޯހިޔާވަހިކަމުގެ މައްސަލަތަކުގެ ވަކާލާތު އުފުއްލަވާ މިދުއަމް ސަޢުދު މިމައްސަލައިގައި ފައުޅުކޮށްފައިވާ ޙިޔާލުގައި ބުނަނީ ހުޅުމާލޭގައި ބޭނުންނުކޮށް އޮތް 90 އިންސައްތަ ބިން، 1500 އެއްހާ ޢާއިލާއަށް ބަހާލާފައިވާ ކަމަށާއި، އެބިމުގައި މާލެއަށް ބޭނުންވާ 40،000 އެޕާޓްމަންޓުގެ ތެރެއިން 30،000 އެޕާޓްމަންޓް އެޅުނީސް ކަމަށެވެ. އެހެންވީމާ ބިންވެރިޔާ ސްކީމްގެ ނާއިންޞާފުކަން ނުފެންނަ މީހަކަށް، ކިޔައިދޭނެ ގޮތެއް ނުއެނގޭކަމަށް އޭނާ އެކްސްގައި ލިޔުނެވެ.
ކުރީގެ ބަންޑާރަ ނާއިބް ފާޠިމަތި ދިޔާނާ ސަޢީދު ވިދާޅުވީ ހިލޭ ބިން ދިނުމަކީ ބަލައިގަނެވޭނެ ކަމެއްކަށް ދުށް ނަމަވެސް، ބިމުގެ ޙައްޤު ލެޔާ ގުޅުވުން ނަހަމަ ކަމަށާއި، ބިން ދިނުމުގައި ހަމައަކަށް ބަލާނަމަ، އެ ހަމައަކީ މީހަކު އެތަނެއްގައި ވަޒަންވެރިވެ، ދިރިއުޅޭ މުއްދަތުކަމަށް ހަދަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ބިންވެރިޔާ ސްކީމުން އެތައް ބައެއްގެ އަސާސީ ހައްޤުތަކަށް އަރައިގަންނަ ކަމަށާއި، ތަފާތު ނުކުރުމުގެ ހަމަ އަދި އިހުއްސުރެ ހިނގަމުން އަންނަ ނާއިންޞާފެއްގެ މައްޗަށް އެ ސްކީމުން އިތުރު ނާއިންޞާފެއް ތަޢާރަފު ކޮށްފައިވާ ކަމަށެވެ.
ބިންވެރިޔާ ސްކީމްގެ މައްޗަށް ތަޙްލީލީ ނަޒަރަކުން ބެލި ފަރާތެއް ލިޔެފައިވަނީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުގައި 2019 ގައި ބިންދޫކުރި ހުރިހާ ރަށެއްގައިވެސް ކޮންމެ ދިވެހި ރައްޔިތަކަށް ބިމަށް އެދި ކުރިމަތިލެވޭ ގޮތަށް ހަމަޖައްސާފައި އޮތްކަމަށާއި، 2025 އައި އިރު ހުރިހާ އެންމެންނަށް ހުޅުވާލައިގެން ބިން އިޢުލާންކުރީ 71 އިންސައްތަ ރަށްރަށުން ކަމަށެވެ. ނަމަވެސް ބިންވެރިޔާ ސްކީމުން އެވަނީ މާލެ ނޫން އެހެން ކޮންމެ ރަށެއްގެ މީހަކު އެސްކީމުން ބާކީކޮށްފައި ކަމަށެވެ.
މިއާ ވިއްދާ ކުރީގެ ފަނޑިޔާރަކު ބުނީ ގިނަ ރަށްރަށުގައި އެރަށެއްގައި ދާއިމީ އެޑްރެސް އޮތްނަމަ 25 ޕޮއިންޓު ދޭ ކަމަށާއި، އެހެންވީމާ އެހެން ތަނެއްގައި ދާއިމީ އެޑްރެސް އޮތް މީހަކު ނަމަ ބިން ލިބުމަކީ ނާދިރު ކަމެއް ކަމަށެވެ.
ކޮންމެ ގޮތެއްގައި ނަމަވެސް ގިނަ ބަޔަކު އެއްބަސްވާ ޙައްލުތަކެއްވެސް މިބަޙުޘުގެ ތެރެއިން ފާހަގަވިއެވެ. އެއް ކަމަކީ ދާއިމީ އެޑްރެސް އުވާލުމެވެ. މިއާއެކު ވަޒަންވެރިވެ ދިރިއުޅޭ ތަނެއްގައި ރެޖިސްޓަރވުމުން، ބޯހިޔާވަހިކަމާއި، ވޯޓުލުމުހެ ޙައްޤާއި، އެހެނިހެން ޚިދުމަތްތަކަށް ތަފާތު ކުރުމެއްނެތި އެކްސެސް ލިބޭގޮތަށް ރަށްވެހިކަމުގެ ނިޒާމު މުޅިން މުރާޖަޢާ ކުރުމެވެ.
އިދިކޮޅު އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އިސްމާޢީލްވެސް މިބަޙުޘްގައި ބައިވެރިވެ ވަޑައިގެން، މިހާރު މިއޮތް ނިޒާމު ރަނގަޅު ނޫންކަން ޤަބޫލު ކުރައްވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ދާއިމީ އެޑްރެސް އުވާލާނަމަ ފަރުވާތެރިކަމާއެކު ވިސްނާން ޖެހޭ ކަންތައްތަކެއް ހުރިކަން ފާހަގަކުރެއްވިއެވެ.
މިއާއެކު، އެއްގޮތަކަށްވެސް ބަންޑާރަ ގޯތި ދިނުން ޤަބޫލުނުކުރާ ކަމަށް ބުނާ ބަޔަކުވެސް އެބައްތިބެވެ. އެގޮތުން ބިމަކީ ދަތި، ތަދު، މަދު ވަޞީލަތެއް، ރައުސުލް މާލެއް ކަމަށާއި، އެއްވެސް މީހަކަށް ގޯތި ދޭން ނުޖެހޭ ކަމަށާއި، އިޖުތިމާޢީ ބޯހިޔާވަހިކަން އެންމެންނަށް ދޭން ޖެހޭ ކަމަށެވެ. "މިއީ މާލޭގެ ޖުމްހޫރިއްޔާ އެއް ނޫން!" އޭނާ ލިޔުނެވެ.

