ސުނާމީގެ ފަހުން އާބާދުކުރި "ސޭފް އައިލެންޑް" ތައް ހިއްކާ، އައްސޭރިފަށް ޙިމާޔަތްކުރަން މަޖުބޫރުވެފައި
ރ. ދުވާފަރާއި ތ. ވިލުފުށި އަލުން ބިނާކޮށް އާބާދު ކުރިއިރުވެސް ކަންބޮޑުވުންތައް ހުއްޓެވެ.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
30 ޑިސެމްބަރު 2025, 6:41 ހެނދުވާ
ބުނެވޭ ގޮތުގައި މަސްވެރި ބައެއް ކަމަށްވާ ރ. ކަނދޮޅުދޫ މީހުން އިހުގައި އުޅުނީ އެއަތޮޅު ދުވާފަރުގައެވެ. ރަށް ގިރުމުގެ ސަބަބުންނާއި 2004 ގެ ޑިސެމްބަރު 26 ވަނަ ދުވަހުގެ ސުނާމީއާ ގުޅިގެން އެކުލެވި ”ސޭފް އައިލެންޑް“ ޕްރޮގްރާމްގެ ދަށުން، ކަނދޮޅުދޫ އިން ފައިބާ، ދުވާފަރަށް ބަދަލުވާން ޖެހުނީއެވެ.
2009 ގައި ދުވާފަރުގައި އަލުން ވަޒަންވެރިވި ފަހުންވެސް އެރަށް އެވަނީ ހިއްކައިގެން ބޮޑުކޮށްފައެވެ. ކަނދޮޅުދޫއަށް ޖެހުނު ޙާލު ޖެހިދާނެ ކަމަށާއި، ރަށުގެ ވިލުންވެރިކަމަށް އެހިއްކުމުން ގެއްލުން ކުރިމަތިވާނެކަމަށް ތިމާވެށީގެ ވަކާލާތު އުފުލާ ފަރާތްތަކުން އިންޒާރު ކުރަމުން ދަނިކޮށެވެ. ދުވާފަރުގެ އައްސޭރިފަށުގެ ޙިމާޔަތުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މިހާރު ކުރިއަށް އެބަދެއެވެ.
ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުގެ ހެނދުނު 9:20 ގައި މިނެޓެއްގެ ސުކޫތެއް ފާހަގަކުރެއެވެ. އެއީ ސުނާމީ އެރި ވަގުތެވެ. މިދުވަސް ފަހަގަކުރަނީ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައެވެ.
ސުމަޓްރާގެ އައްސޭރިފަށަށް، 9.1 މެގްނިޓިއުޑްގެ ބާރުމިނުުގައި އައި މި ބިންހެލުމުގެ ވަގުތަކީ ރާއްޖެ ގަޑިން ހެނދުނު 6:58 ހާއިރެވެ. އެ ބިންހެލުމުން އުފެދުނު ސުނާމީ ދިވެހިރާއްޖެއަށް ފޯރާފައިވަނީ ގާތްގަނޑަކަށް ތިން ގަޑިއިރު ފަހުންނެވެ. ގަޑިއަކު 750 ކިލޯމީޓަރުގެ ބާރުމިނުގައި (ކޮމާޝަލް ޖެޓަކަށްވުރެ ބާރަށް) ދަތުރުކޮށްފައި އައިހެވެ. އޭރު ރާއްޖޭގައި މީހުން ވަޒަންވެރިވެ، ދިރިއުޅޭ 199 ރަށުގެ ތެރެއިން 190 ރަށަށް ރާޅުގެ އަސަރު ފޯރިއެވެ. އެރި ރާޅާއެކު 82 މީހުން މަރުވެ، 26 މީހުން ގެއްލި، 15،000 މީހުންގެ ގެދޮރު ހަލާުކުވެ، ސުންނާފަތި ވިއެވެ. މިއީ ބޮލަކަށް ޖެހޭ ނިސްބަތުން ބަލާއިރު، އެންމެ ގެއްލުން ލިބުނު ޤައުމުތަލާ އެއްހަމައިގެ ގެއްލުންތަކެކެވެ.
ސުނާމީގެ ސަބަބުން ދިހަވަރަކަށް އަހަރު ދުވަހުގެ ތަރައްޤީ އެއް ދުވަހެއްގެ މަދު އިރުކޮޅެއްގެ ތެރޭގައި ފޮހެވި، ދިވެހިރާއްޖެ އަށް 304 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ ޤައުމީ އުފެއްދުންތެރިކަމުގެ (ޖީޑީޕީ)ގެ 35 އިންސައްތައިގެ ގެއްލުން ވިއެވެ.
ލޮނުފެން ރަށު ތެރެއަށް އަރައިގެންގޮސް، ރާއްޖޭގެ ދަނޑުވެރިކަން ކުރާ ބިމުގެ ދެބައިކުޅަ އެއްބައި ޚަރާބުވެ ދިޔައެވެ. ކަނޑޫދޫ، މަޑިފުށި، ގެމެންދޫ، އަދި ވިލުފުށިން އެހިނދުން ފެށިގެން މީހުން ފައިބާން މަޖުބޫރުވީއެވެ. އަދިވެސް އެރަށްރަށުގައި މީހުން ދިރިއެއް ނޫޅެއެވެ. އޭގެ ފަހުން 14 ރަށް ފަޅުކުރާން ޖެހުނެވެ. 5،200 އަށް ވުރެ ގިނަ ގެ މަރާމާތު ކުރަން ޖެހުނު އިރު 2،878 ގެ މުޅިން އެކީގައިގެން އަލުން ބިނާކުރާން ޖެހުނެވެ.
އެންމެ ބޮޑަށް އަސަރުކުރި 14 ރަށުގެ އޮޑިދޯނިފަހަރުގެ ތިންބައިކުޅަ އެއްބަޔަށް ގެއްލުން ލިބިފައިވެ އެވެ؛ ކޮންމެ ހަ އުޅަނދަކުން އެކެއް މަރާމާތު ނުކުރެވޭ ދަރަޖައިގައެވެ. ކޮންމެ ސްކޫލަށްދާ ފަސް ކުދިންގެ ތެރެއިން ހަތަރު ކުދިންނަށް ފޮތް، ޔުނީފޯމް ނުވަތަ ފޮތާއި ޔުނިފޯމް އެކުގައި ގެއްލުނެވެ.. އަންހެނުންގެ ތިންބައިކުޅަ ދެބައި މީހުންނާއި ފިރިހެނުންގެ ދެބައިކުޅަ އެއްބައި މީހުންގެ ފުށުން އޭގެ ހަ މަސް ފަހުންވެސް ހިސާބަކަށް ނަފްސާނީ ހާސްކަމުގެ ޢަލާމާތްތައް ފެނުނެވެ.
ބައިނަލްއަޤްވާމީ އެހީއާއި އެއްބާރުލުމާއެކު ރައީސް މައުމޫން ޢަބްދުލް ޤައްޔޫމްގެ ސަރުކާރުން ނިންމީ"ބިލްޑް ބެކް ބެޓަރ" ނުވަތަ "ސޭފަރ އައިލެންޑް" ސިޔާސަތެއް ތަންފީޒު ކުރާށެވެ. އެއީ ކުރިއަށް އޮތްތަނުގައި މޫސުމަށް އަންނަ ލޮޅުންތަކާ ކުރިމަތިލާން ތައްޔާރު ވެވޭނެ މަގުން، ވިލުންވެރިކަން ޤާއިމު ކުރުމަށެވެ.
ރާއްޖޭގެ ތާރީޚުގައި ހިނގި އެންމެ ނުރައްކާތެރި ޤުދުރަތީ ކާރިޘާއަށް ދެ ދަހަރު (ޑެކޭޑް/10 އަހަރު) ފާއިތުވީއިރު، މި ނޫހުން މި ބަލަނީ، އެންމެ ބޮޑަށް އަސަރުކުރި 2 ރަށެއްގެ އަހުލުވެރިން އަލުން އާރާސްތުކޮށް ވަޒަންވެރިވި ފަހުން، ޙާލަތު ހުރިނެތްގޮތުގެ މައްޗަށެވެ.
ދުވާފަރު
ސުނާމީ އެރިއިރު މީހުން ދިރިނޫޅޭ ރަށެއް ކަމަށްވާ ދުވާފަރު ތަރައްޤީކުރީ ކަނދޮޅުދޫން ގެދޮރު ގެއްލިފައިވާ މީހުންނަށެވެ. ކަނދޮޅުދޫގެ 3،700 އެއްހާ މީހުން އަތޮޅުގެ 5 ރަށަކަށް ބަހާލަން ޖެހުނީއެވެ. ކަނދޮޅުދޫން ސުނާމީގައި 3 މީހުން މަރުވިއެވެ.
ސުނާމީގެ ކުރިން ކަނދޮޅުދޫ ތޮއްޖެހިފައި އޮތުމުން، ސަރުކާރުން ނިންމީ، އަލުން އެރަށް ޢިމާރާތް ކުރުމަކީ ބުއްދިވެރި ގޮތެއް ނޫންކަމަށެވެ.
ކަނދޮޅުދޫ ދޫކޮށް ދިޔަ މީހުންނަށް ދުވާފަރުގައި ވަޒަންވެރިވެވޭ ވަރުވީ 2009 ގައެވެ. ދުވާފަރު ޕްލޭންގެ ދަށުން 87،219 އަކަ މީޓަރު ތިމާވެށީގެ ގޮތުން ޙިމާޔަތްކޮށްފައިވާ ސަރަޙައްދެއްކަމުގައި، ރަށުގެ ވަަށައިގެން ކަނޑައެޅިއެވެ. އަދި އިމާރޖެންސީގައި ބޭނުންކުރުމަށާއި، ސުނާމީފަދަ ކާރިޘާއެއްގައި މީސްތަކުން އެއްވާން ހިސާބަކަށް އުސްކޮށްފައި ހުރި ސަރަޙައްދުތައްވެސް ކަނޑައަޅާ، ތައްޔާރު ކުރިއެވެ.
ދުވާފަރު މަޝްރޫޢަކީ ސުނާމީއަށްފަހު އަލުން ބިނާކޮށް، އާރާސްތުކުރުމަށް ހިންގި އެންމެ ބޮޑު އެއް މަސައްކަތުގެ ގޮތުގައި ފާހަގަވެއެވެ. އިންޓާރނޭޝަނަލް ފެޑެރޭޝަން އޮފް ރެޑްކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީސް އިން ކުރިއަށް ގެންދިޔަ އެންމެ ބޮޑު އެއް މަޝްރޫޢެވެ. އައިއެފްއާރުސީގެ ސުނާމީ ރިކަވަރީ ޕްރޮގްރާމްގެ ދަށުން ދުވާފަރު ބިނާކުރާން 42 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުކުރިކަމަށް ލަފާ ކުރެވެއެވެ.
މި މަޝްރޫއުގެ ދަށުން 676 ހައުސިންގް ޔުނިޓާއި ތިން ސްކޫލާއި އޮޑިޓޯރިއަމަކާއި އިދާރީ ޢިމާރާތެއްގެ އިތުރުން ނަރުދަމާ ނިޒާމާއި މިސްކިތާއި ސިއްޙީ މަރުކަޒާއި އިންޖީނުގެ އަދި އެތުލެޓިކްސް ފެސިލިޓީއެއް ދުވާފަރުގައި ބިނާ ކުރިއެވެ. މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ސިންގަޕޫރުގެ ލިއަން ބެންގް އާއި ރާއްޖޭގެ ނަންހިނގާ އަމީން ކޮންސްޓްރަކްޝަން ގުޅިގެންނެވެ.
އަލުން އާރާސްތުކުރާން ދުވާފަރު ޚިޔާރުކުރި ކުރުމާ އެދުވަސްވަރު ހިސާބަކަށް ދެކޮޅުވެރިކަން އޮތެވެ. އަމިއްލަ ޖަމްޢިއްޔާ/ޖަމާޢަތެއްކަމަށްވާ ބްލޫޕީސް އިން ވަނީ ދުވާފަރު އިޚްތިޔާރުކުރުމުގައި ކަނދޮޅުދޫ ރައްޔިތުންގެ ބައިވެރިވުން އެކަށީގެންވާ މިންވަރަށް ނެތްކަމާ މެދުގައްޔާއި، ދުވާފަރަކީ ތިރި، ވޮޑުން ބޮޑު ރަށެއްކަމަށްވާތީ ފާޑުކިޔާފައެވެ. އަދި އެރަށަކީ ކަނދޮޅުދޫގެ އާބާދީ ކުރިއަށް އޮތް ތަނުގައި ބޮޑުވާނެކަމަށް ލަފާކުރާ މިންވަރާ އަޅާކިޔާއިރު، އަލުން އާބާދުކުރާ ވަރަށްވުރެ ކުޑަ ރަށެއްކަމާއި، ރަށް ނުހިއްކާ ފަރުނުޖެހޭނެކަމާއި، ރަށް ހިއްކުމުން ފެންބޮޑުވުމާއި ރަށްގިރުމުގެ ހިރާސް ބޮޑު ވާނެކަމުގެ ފާޑުކިޔުންވެސް ބްލޫޕީސް އިން ފެންމަތިކުރުވިއެވެ.
"ކަނދޮޅުދޫގެ ރައްޔިތުން ތޮއްޖެހުމާއި ބިމުގެ ދަތިކަމުގެ ޝިކާރައަކަށް ވުމަށްފަހު، ދުވާފަރުގައި ވެސް ދިހަވަރަކަށް އަހަރުގެ ތެރޭގައި އެޙާލު ޖެހިދާނެއެވެ. ސަރުކާރުގެ ބައެއް އޮފިޝަލުންނާއި ރަށުގެ މަދު ރައްޔިތުންތަކެއް ދުވާފަރުގެ ސާފު ފަޅުން ޙައްލެއް ނެރެވޭނެކަމަށް ދެކެއެވެ. އެފަރާތްތަކުން އުންމީދުކުރަނީ ފަޅު ހިއްކުމަށެވެ. ނަމަވެސް އެކަމުން، ހިރާސްވާނީ ބޮޑެވެ.“ ބްލޫޕީސް އިން އޭރު ނެރުނު ބަޔާނެއްގައި ލިޔެފައިވެއެވެ.
މިއިންޒާރުތަކުގެ ކުލަވަރު ދިހަ ވަރަކަށް އަހަރަށްވުރެ ކުރިންވެސް ފެންނާން ފަށައިފިއެވެ.
ރައްކާތެރި ރަށެއްގެ ގޮތުގައި ޕްލޭންކޮށް ތަރައްޤީ ކުރި ނަމަވެސް، ފާއިތުވި އަހަރުތަކުގެ ވިއްސާރަ މޫސުމުގައި ދުވާފަރަށް ފެންބޮޑުވުމާ ކުރިމަތިލާން ޖެހިފައިވެއެވެ. ރަށުގެ އައްސޭރިފަށުގެ ބައްޓަން ވެސް ވަނީ ބަދަލުވެފައެވެ. "ބޯހިޔާވަހިކަމުގެ ދަތިކަން" ޙައްލުކުރާން 2022 ގައި ސަރުކާރު - މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)އިން ވަނީ 22 ހެކްޓަރުގެ ބިން ހިއްކާފައިވެއެވެ. އަދި 424 މީޓަރުގެ ބޮޑުހިލައާއި ރިވެޓްމަންޓު ޖަހައި، 70 މީޓަރުގެ ތޮށި ލާފައިވެއެވެ.
ޑިސެމްބަރު 13 ވަނަ ދުވަހު ދުވާފަރަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޑރ މުޙައްމަދު މުޢިއްޒު ވަނީ 209 މިލިއަން ރުފިޔާގެ ޚަރަދުކޮށްގެން ހިންގާ ބިން ހިއްކުމާއި އައްސޭރިފަށް ޙިމާޔަތްކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހި ފައްޓަވާފައެވެ. ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ 50 ހައުސިން ޔުނިޓް އެޅުމަށްވެސް ޙަވާލުކުރިއެވެ.
2009 ވަނަ އަހަރު ދުވާފަރަށް ބަދަލުކުރުމުގެ ކުރިން ކަނދޮޅުދޫ މީހުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭގެ ސަތާރަ އަހަރު ފަހުން ވެސް ޒުވާނުން އަދި ޢުމުރުން ދުވަސްވީ ބައެއް މީހުންވެސް ކަނދޮޅުދޫގެ ހަނދާން އާ ކުރެއެވެ. ބައެއް މީހުން ވަނީ ދާއިމީ އެޑްރެސް ބަދަލު ކުރުމަށް އަދި އައިޑީ ކާޑު އާކުރަން ވެސް ދެކޮޅު ހަދާފައެވެ.
ވިލުފުށި
ތ. އަތޮޅު ވިލުފުށިން ސުނާމީގައި 18 މީހުން މަރުވެ ދިޔައެވެ. އަދި މުޅި އާބާދީ އެކަށް ބަދަލުވާން މަޖުބޫރު ވިެއެވެ.
ޤައުމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ ޙަސަން ޙަމީދު ވިދާޅުވާ ގޮތުގައި ސުނާމީގެ ރާޅުތައް ބޮޑެތި، ފަޅު ހުންނަ ރަށްރަށުގެ ފަޅުތެރޭގައި އުސްވެ، ބޮޑުވެގެން ދިޔައެވެ. ވިލުފުއްޓަށް އެކުން އެހާބޮޑަށް ގެއްލުންވީ ފަޅުގެ ފުޅާކަމުންނެވެ. ގާތްގަނޑަކަށް ފަޅެއް އެއްގޮތަކަސް ނެތް ފުވައްމުލަކަށް ބޮޑެތި ގެއްލުންތަކެއް ނުވެ ސަލާމަތްވިއެވެ. މާލޭގެ ފަޅު ހިއްކާފައި ނެތްނަމަ ލިބުނު ގެއްލުން މިއަށްވުރެ ބޮޑުވީސްކަމުގައި ޑރ. ޙަސަން ޙަމީދު އަންދާޒާ ކުރައްވައެވެ.
އައްސޭރިފަށް ޙިމާޔަތްކުރުމާއެކު ވިލުފުށި އަލުން އާރާސްތުކުރުމުގެ ޕްލޭންގައި ހިމެނެނީ ބިން ހިއްކާ، ރަށުގެ ބިން 16 ހެކްޓަރުން 61 ހެކްޓަރަށް ބޮޑުކުރުމެވެ. މިއީ ތިންގުނައިގެ އިތުރުވުމެކެވެ. ނެދަލެންޑްސް ސަރުކާރުގެ އެހީގައި ކުރިއަށް ގެންދިޔަ މި މަޝްރޫޢު ހިންގީ އެޤައުމުގެ ކުންފުންޏެއް ކަމަށްވާ ބޮސްކަލިސް އިންނެވެ. މުޅި ވިލުފުށި އެވަނީ މީޓަރެއް އުސްކޮށްފައެވެ.
ރައީސް މައުމޫންގެ ވެރިކަމުގައި 2006 ވަނަ އަހަރުގެ ޖޫން މަހު ވިލުފުށި ބިނާކުރުމުގެ މަސައްކަތް ފެއްޓެއެވެ. އޭރު އެމަނިކުފާނު ވިދާޅުވީ ވިލުފުށި އަލުން އާރާސްތުކުރައްވަނީ ވިލުންވެރިކަން ޤާއިމުކުރުމުގެ އަމާޒުގައި ކަމަށެވެ.
ދުވާފަރު ފަދައިން ވިލުފުއްޓަކީވެސް ބައިނަލްއަޤްވާމީ ގޮތުން ބޮޑެތި އެހީތަކާއި މަދަދުވެރިކަމާއެކު އާރާސްތުކުރި ރަށެކެވެ. އިނގިރޭސި ރެޑްކްރޮސް އިން ގެދޮރު ބިނާކުރިއެވެ. ޖަރުމަނުގެ ރެޑްކްރޮސް އިން ސިއްޙީ މަރުކަޒު ބިނާކުރިއެވެ. އޮސްޓްރޭލިއަން އެއިޑް އިން ބޯހިޔާވަހިކަމާއި އެހެނިހެން ޢުމްރާނީ މަސައްކަތްތަކަށް އެހީތެރިކަން ދިނެވެ.
މޯލްޑިވްސް އިންޑިޕެންޑެންޓަށް މަޢުލޫމާތު ދެއްވަމުން ވިލުފުށީ ކައުންސިލްގެ މެމްބަރަކު ވިދާޅުވީ މިހާރު އެ އެރަށުގައި އިވެކުއޭޝަން ޕޮއިންޓްތަކެއް ބިން އުސްކޮށްފައި ހުރި ހިސާބުތަކުގައިކުއްލި ޙާލަތްތަކަށް ތައްޔާރުކޮށްފައި ހުރިކަމަށެވެ. ވައިގެ މަގުން ސަރވޭ ކުރީމާ ރަށުގެ ބިން ބޭނުންކޮށްފައިވާ ގޮތް ހާމަވެއެވެ.
ނަމަވެސް ވިލުފުށީގެ ބައްޓަމަށްވެސް ވަރަށް އަވަހަށް ބަދަލު އައުން ގާތެވެ. 1،800 މީޓަރުގެ ރަންވޭއަކާއެކު އެއާޕޯޓެއް ތަރައްޤީ ކުރުމަށް ބިން ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގައެވެ. މި މަޝްރޫޢުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑާއެވެ.






