ތާށިވާހެން ފަރުމާކޮށްފައި: ބިދޭސީ މަސައްކަތްތެރިންގެ ބޯހިޔާވަހިކަމުގެ ނުރައްކާ
ފަސް ފިރިހެނުން ނުނިކުމެ މަރުވެ ދިޔައީއެވެ. އިންޒާރުގެ ރަނގަބީލު ޖެހޭތާ ކިތަންމެ ދުވަހެކެވެ.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
11 ގަޑިއިރު ކުރިން
އދ ދިގުރަށުގައި ހުންނަ އެ އެކޮމޮޑޭޝަން ބްލޮކުގައި 34 ބިދޭސީ މަސައްކަތްތެރިން ނިދާފައި ތިއްބެވެ. މާޗް 12 ވަނަ ދުވަހުގެ ހެނދުނު މެންދަމުން އަލިވެ 2 ޖަހާކަށް ހާއިރު ގޭސް ސިލިންޑަރެއް ގޮވިއެވެ. އެސިލިންޑަރު ހުރީ ނުކުމެވޭން ހަމައެކަނި ހުރި ބަދިގެ ތެރޭގައެވެ. ވީމާ ސަލާމަތްވުމުގެ މަގު ދިޔައީ އަލިފާން ހިފައި، އަނދަމުންނެވެ. ފާރެއް ވައްޓާލައިގެން 5 މީހުން ނޫން އެންމެން ސަލާމަތް ކުރެވުނެވެ. ފަސް ފުރާނަ ގެއްލި ދިޔައީއެވެ.
ވީޑިއޯތަކުން ފެންނަނީ ޓިނު ފުރާޅުތަކުގެ އަޑިންވެސް ރާސްލާފައި އަލިފާންގަނޑު އަނދައަނދާ ހުރި ތަނެވެ. ވަޔާއެކު އެއަލިފާން ގަނޑުގެ ވަރުހެސަ ވަމުންދާ ކަހަލައެވެ. އަދި ދިވެހިން އަދި ބަންގްލަދޭޝް ބަހުން އެކަކު އަނެކަކަށް ގޮވައި، ހަޅޭއްލާ އިރު، ހުރިހާ އަޑެއް އެއްފަށްވެފައި ވެއެވެ. ހަށިގަނޑެއް ރަށު ޕިކަޕަކަށް އަރުވައިގެން، އަނދިރީގައި އަވަހަށް ދުއްވާފައިދާ ތަން ފެނެއެވެ.
ދިގުރަށު ކައުންސިލްގެ ރައީސް އިބްރާހިމް އުޘްމާން މޯލްޑިވްސް އިންޑިޕެންޑެންޓަށް ވިދާޅުވީ އެ ލޭބާ ކުއާޓަރުގައި ތިބީ އެ ރަށުގައި އަމިއްލަ ބައެއް މަޝްރޫޢުތައް ހިންގަމުން އަންނަ ކޮންސްޓްރަކްޝަން ކުންފުންޏެއްގެ މަސައްކަތްތެރިން ކަމަށެވެ. ތާށިވެފައި ތިބި މަސައްކަތްތެރިން ވަޒީފާ އަދާކުރީ ކޮން ކުންފުންޏަކުގައި ކަމެއް ސާފެއް ނުވެއެވެ.
ތަކުރާރުވަމުންދާ ކާރިޘާ
ދިގުރަށުގައި ރޯވި އަލިފާނަކީ އިސްތިސްނާ ޙާދިސާއެއް ނޫނެވެ. ނޮވެމްބަރު 2022 ގައި މާލޭގެ ގަރާޖެއްގެ މަތީގައި، ޑެކް އަޅައިގެން، ޕްލައިވުޑް ބިތްގަނޑު ޖަހައި، ވަކިކޮށްގެން ހަދާފައިހުރި ހަނި ކޮޓަރިބަރިއެއްގައި ތިބި ބިދޭސީން އަލިފާނުގެ ޙާދިސާއެއްގައި މަރުވިއެވެ. 2023 ވަނަ އަހަރު ނީލަން ފިހާރައިގައި ހިނގި އަލިފާނުގެ ޙާދިސާގައި 166 އަށް ވުރެ ގިނަ ބިދޭސީ މަސައްކަތްތެރިން ބޯހިޔާވަހިކަން ގެއްލުނެވެ. އޭގެ އަހަރެއް ފަހުން ގާމަގު ކެފޭގައި އަލިފާނުގެ ޙާދިސާއެއް ހިނގައި، 50 އަށް ވުރެ ގިނަ މީހުން ގެދޮރު އަނދާ އަޅިއަށްވިއެވެ.
މި ޙާދިސާއަކީ ބިދޭސީ މަސައްކަތްތެރިންގެ ސަލާމަތަށް އެއްގޮތަކަށް ވެސް ފަރުވާލެއް ނުބެހެއްޓުމާއި، ރައްކާތެރިކަން ލިބިގެންވާ ހިޔާވަހިކަމާއި މަސައްކަތުގެ މާޙައުލެއް ކަށަވަރުކުރުމުގެ ޒިންމާ އުފުލާންޖެހޭ މީހުން ޖަވާބުދާރީ ނުކުރެވުމުގެ ސިލްސިލާއަށް އިތުރުވީ ބޮޅެއް ކަމުގައި އަންގާރަ ދުވަހު، ޓްރާންސްޕޭރަންސީ މޯލްޑިވްސް (ޓީއެމް)އިން ޢާންމުކުރި ބަޔާނެއްގައި ސިފަކޮށްފައި ވެއެވެ. އެކަމުގެ ސަބަބުން ބިދޭސީ މަސައްކަތްތެރިންގެ ދިރިހުރުމުގެ އަސާސީ ޙައްޤާއި، ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން، ކަރާމާތް ގެއްލެމުންދާ ކަމަށާއި، މިއިން ކަމަކަށް މަދުން މެނުވީ އިންޞާފު ނުލިބޭ ކަމަށްވެސް އެބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.
ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން އިތުރަށް ބުނީ ބިދޭސީ މަސައްކަތްތެރިން ގިނައިން ބައިތިއްބާފައި ތިބެނީ އިންސާނުން ދިރިއުޅެން އެކަށީގެންނުވާ ޙާލަތުގައި، ސާފުތާހިކަން ނެތް، ތޮއްޖައްސާފައި ތިބޭ، އުޅެން ރައްކާތެރި ނޫން، ޢިމާރާތްތަކާއި، ގަރާޖުތަކާއި، ކެފޭފަދަ ތަންތަން ހިންގާ ޢިމާރާތްތަކުގައި، ނުރައްކާތެރި ސިނާޢީ މާއްދާއާއި އާލާތުގެ ތެރޭގައި ކަމަށެވެ.
މަސައްކަތުގެ ރައްކާތެރިކަމާއި ޞިއްޙަތުގެ ޤާނޫނާއި، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންނާ ބެހޭ ޤަވާޢިދުތަކުގެ އެންމެ އަސާސީ ޝަރުޠުތަކުގެ ތެރެގައި ވެސް، ވަޒީފާދޭ ފަރާތްތަކުން ރައްކާތެރި ހިޔާވަހިކަން މުވައްޒަފުންނަށް ފޯރުކޮށްދޭން ޖެހޭ ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ފާހަގަކޮށްފައި ވެއެވެ.
މަސައްކަތްތެރިންގެ އެކޮމޮޑޭޝަންތައް އަމިއްލަ އިސްނެގުމުގައި، ދުރާލައި މޮނިޓަރކުރުމަށާއި، ޤަވާއިދުތަކާއި ޤާނޫނުތަކަށް ޢަމަލުކުރާ މިންވަރު މުރާޖަޢާކޮށް، ބަލަމުން ދިއުމަށްވެސް ލޭބަރ ރިލޭޝަންސް އޮތޯރިޓީއާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ގޮވާލާފައިވެއެވެ.
ބިދޭސީ މަސައްކަތްތެރިންނާ ކުރިމަތިވާ ނުރައްކާތެރި ޙާލަތްތަކާއި، އެކަށީގެން ނުވާ ދިރިއުޅުމުގެ އިންތިޒާމުތަކުގެ އިތުރުން، އަލިފާނުގެ ޙާދިސާއަކުން ރައްކާތެރިކަން ކަށަވަރު ކުރާން ހަދާފައިވާ ޤަވާއިދުތަކާއި އުޞޫލުތައް ތަންފީޒުކުރުމާއި، މޮނީޓަރކުރުމުގައި އެކަށީގެންވާ އިދާރީ އަދި ފަންނީ ޤާބިލުކަން ނެތްކަން މި ޙާދިސާތަކުން ސާފުވާކަމަށް އާކިޓެކްޓްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިންވެސް ބުދަ ދުވަހު ބުނެފައިވެއެވެ.
އެ ޖަމްޢިއްޔާއިން ގޮވާލާފައި ވަނީ ޢިމާރާތް ކުރުމުގެ ޤާނޫނުތަކުގެ ރެގިއުލޭޓަރީ އިނިގަނޑު ހަރުދަނާ ކުރުމަށް "ފަޔަރ ސޭފްޓީ ކޯޑެއް" ތަޢާރަފު ކުރުމަށެވެ. މިހާރު ހުރީ އަލިފާނުގެ ޙާދިސާއެއް ހިނގީމާ ރައްދުދިނުމަށް ހަދާންވީ ގޮތްތައް ކަމަށާއި، ނަމަވެސް އަލިފާނުގެ މިބާވަތުގެ ޙާދިސާތައް ހިނގިޔަ ނުދޭން ދުރާލައި އަޅާންޖެހޭ ފިޔަވަޅުތައް ޤަވާއިދުތަކުން ފެންނާން ހުރި މިންވަރު ކުޑަކަން އާކިޓެކްސްޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ފާހަގަކުރެއެވެ.
ދިގުރަށުގައި އެރޭ އަލިފާނުގެ ޙާދިސާ ހިނގިކަމަށް ރިޕޯޓުކުރީ ދަންވަރު 1:57 ހާއިރެވެ. މީހުން ސަލާމަތްކުރާން ފުލުހުންނަށް ޖެހުނީ ޢާންމުންނާއެކު މަސައްކަތްކޮށްގެން ފާރެއް ތަޅައިލާށެވެ. އެ ޢިމާރާތުން ހަތް މީހަކު ސަލާމަތްކޮށް، ޞިއްޙީ މަރުކަޒަށް ގެންގޮސްފައި ވެއެވެ. އެތަނަށް ގެންދިޔައިރު ފަސް މީހަކު ވަނީ މަރުވެފައެވެ. ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބި، ދުމުގެ އަސަރު ކުރިއެވެ. އަދި އިތުރު ދެ މީހަކަށް ޞިއްޙީ މަރުކަޒުގައި ސައިކޯ-ސޯޝަލް ސަޕޯޓް ފޯރުކޮށްދީފައި ވެއެވެ.
ތަޙްޤީޤާ ހަވާލުވުމަށްޓަކައި ފުލުހުންގެ މެޖަރ ކްރައިމް އިންވެސްޓިގޭޝަންސްގެ ޓީމެއް މާލެއިން ދިގުރަށަށް ގޮސްފައި ވެއެވެ.
މާލޭގައި ހުންނަ ބަންގްލަދޭޝް ހައިކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި މަރުވެފައިވަނީ ތާޖުއްދީން އިސްލާމް، މުޙައްމަދު ޞަދަރު ޢަލީ، މުޙައްމަދު ރޮބިން މޮލާ، ޝަފީޤުލް އިސްލާމް އަދި މުޙައްމަދު ނިރްނާބީ ސަރްކެރް އެވެ. އަނިޔާވި ދެ މީހުންނަކީ ޖަމާލް އުއްދީނާއި ޞައްދާމް ޙުސައިން އެވެ. އެ މީހުން މާލެ ގެނެސް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ވެންޓިލޭޓަރު ސަޕޯޓުގައި ބާއްވާފައި ވެއެވެ.
އެ ހަށިގަނޑުތައް ބުރާސްފަތި ދުވަހުގެ ނިޔަލަށް އަނބުރާ ބަންގްލަދޭޝްއަށް ފޮނުވާފައިވާ ކަމަށް ހައި ކޮމިޝަންގެ އޮފިޝަލަކު މޯލްޑިވްސް އިންޑިޕެންޑެންޓަށް ވިދާޅުވިއެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުން ބުނީ "ހާދިސާގެ ވަށައިގެންވާ ކަންތައްތަކުގެ ތެރޭގައި އެއްވެސް އިންސާނީ ހައްގެއް ގެއްލި ނުވަތަ ހަނިވާނެ ފަދަ ކަމެއް ހިނގާފައިވޭތޯ" ބަލަމުންދާ ކަމަށެވެ.
އަންގާރަ ދުވަހު ރައީސް ޑރ މުޙައްމަދު މުޢިއްޒު ވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިކް ރަޙްމާނަށް ތަޢުޒިޔާގެ ސިޓީއެއް ފޮނުއްވާފައެވެ. ދިވެހިރާއްޖޭގައި ތިބި ބަންގްލަދޭޝް މަސައްކަތްތެރިންނަކީ އަގުހުރި ދައުރެއް އަދާކުރާ ޖަމާޢަތެއްކަމަށާއި، އަލިފާނުގެ ޙާދިސާގެ ތަޙްޤީޤުކޮށް އެފަދަ ކަމެއް "އަލުން ތަކުރާރުވިޔަ ނުދިނުމަށް" އަޅާންޖެހޭ ފިޔަވަޅުތައް އަޅާން ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށްވެސް އެސިޓީގައި ވިދާޅުވެފައި ވެއެވެ.

