އެމްޓީސީސީގެ 13 މިލިޔަން ރުފިޔާގެ ޓެކްސީ އެޕް: ޝައްކުކުރެވޭ އެތައް ކަމެއް

ވަކިބަޔަކަށް މެނުވީ ނުލެވޭ ބިޑަކާއި، ޢާއިލީ ގުޅުންތަކާއި، ލީކުވާ ޒާތީ މަޢުލޫމާތު.

ކުރެހުމާއި ޑިޒައިން: ޑޮސެއިން

ކުރެހުމާއި ޑިޒައިން: ޑޮސެއިން

12 އޭޕްރިލް
ލޯކަލް ކައުންސިލް އިންތިޚާބުގެ ތިން ދުވަސް ކުރިން ސަރުކާރުން ވަނީ 13 މިލިއަން (843،000 އެމެރިކާ ޑޮލަރު) ރުފިޔާ ޚަރަދުކޮށްގެން ޓެކްސީ އެޕެއް ތަޢާރަފުކޮށްފައެވެ. އެ އެޕުން ޔޫޒަރުންގެ އައިޑީ ކާޑު ލީކުވަމުން ދިޔައިރު، އެޕް ތައްޔާރުކުރާން ޙަވާލުކުރި ކުންފުނީގެ ތަޖުރިބާކަމަށް ހަމައެކަނި ލިސްޓުކޮށްފައި އޮތީ ސީސީޓީވީ ކެމެރާ ވިއްކުމެވެ. 
ސަރުކާރު ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މާލޭ ޓެކްސީ ލައިން ލޯންޗުކޮށްފައިވަނީ މިހިނގާ އޭޕްރީލް މަހުގެ ދެވަނަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ރައީސް ޑރ މުޙައްމަދު މުޢިއްޒު ޝަރަފުވެރި ކޮށްދެއްވި ރަސްމިއްޔާތެއްގައެވެ.
ޓެކްސީ ލައިންގެ އެޕް ތައްޔާރުކުރަން ކޮންޓްރެކްޓު ކުރި ކުންފުންޏަކީ ކަމާބެހޭ އެއްވެސް ތަޖުރިބާއެއް ނެތް ކުންފުންޏެއް ކަމަށް ރާއްޖޭގެ ޓެކް ކޮމިއުނިޓީގެ ތެރޭގައި އަޑުތައް ފެތުރިފައިވެއެވެ. މި ޚިދުމަތް އިފްތިތާޙްކުރުމުގެ ޙަފްލާގައި އެމްޓީސީސީ އާއި ދައުލަތުގެ ބްރޯޑްކާސްޓާރ ޕީއެސްއެމް އިން ވެސް ވަނީ އެޕްގެ ލިންކު (maletaxi.web.app) ޢާންމުކޮށްފައެވެ. މިއީ ފަޔަރބޭސް އެޕްލިކޭޝަން ހޯސްޓް ކުރުމަށް ބޭނުންކުރާ ޑިފޯލްޓް ޑޮމެއިންއެވެ. މި ޑޮމެއިން މެދުވެރިކޮށް އެޕްގެ ބަގްތައް ހޯދޭނެއެވެ. 
ލޯންޗުކުރިތާ ގަޑިއެއްހާއިރުގެ ތެރޭގައި ދިވެހި ޑިވެލޮޕަރުންނާއި ސެކިއުރިޓީ ރިސާޗަރުން ވަނީ އެޕްގެ ތެރެއަށް ފީނާފައެވެ. ބިޑް ޕްރޮސެސްއާ ގުޅޭ ސުވާލުތަކުން ފެށިގެން އެކްސްގައި ކުއްލިއަކަށް މިއެޕްގެ ބަޙުޘް ތަޙްޤީޤަކަށް ބަދަލުވެގެން ދިޔައެވެ. ސޯޝަލް މީޑިއާ އެކްޓިވިސްޓް މިދުއަމް ސަޢުދު އެންމެ ފުރަތަމަ ކަންބޮޑުވުން ފާޅުކުރީ ޕްރޮކިޔޮމަންޓާ މެދުގައެވެ. މޯލްޑިވްސް ޑިވެލޮޕާސް ޔޫނިއަންގެ މެމްބަރުން ވަނީ އެޕްގެ ސެކިއުރިޓީ ވަޒަންކޮށްފައެވެ. ދިރާސާވެރިޔާ ފިޝީ ގެންދިޔައީ އެކި ފަރާތްތަކުން ހޯދި ކަންކަން އެއްތަން ކުރަމުންނެވެ. ޑިވެލޮޕަރު ރެފްޓޯކްސް ވަނީ އޮތެންޓިކޭޝަން ޓެސްޓްކޮށްފަ އެވެ. އަނެއް ބަޔަކު ކޮންޓްރެކްޓަރާއި އެމްޓީސީސީގެ މުވައްޒަފުންނާ ދެމެދު އޮންނަ ގުޅުން ޢާންމު ރެކޯޑްތަކާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ހޯދިއެވެ.
އެޕްގެ ޑޭޓާބޭސް އޮތީ ދިމާއަށް ހާމައަށް، ކޮންމެ މީހަކަށް ވެސް އާދައިގެ ސްކްރިޕްޓެއް ބޭނުންކޮށްގެން މުޅި ޔޫޒަރ ޑޭޓާބޭސް ދަމައިގަނެވޭފަދަ ސަލާމަތްތެރިކަން ކުޑަ ގޮތެއްގައި ކަން ދިރާސާވެރިން ހޯދިއެވެ.
ފިޝީ ކިޔައިދިން ގޮތުގައި ޢާންމުކޮށް މިފަދަ މައްސަލަތަކުގައި ކަމާބެހޭ ފަރާތްތަކަށް ޚަބަރުކޮށް، އިޞްލާޙުކުރުމުގެ ތަންވަޅު ލިބެއެވެ. "އެކަމަކު މިފަހަރު އެތައް ސޯސްއަކުން ރިޕޯޓްތައް އައީ ލިބެމުން. އިންޑަސްޓްރީގެ ވަރަށް ގިނަ ބަޔަކަށް ލީކުވި ފަޔަރބޭސް އިންސްޓަންސް އެނގޭތީ ނިންމީ ވީހާވެސް އަވަހަކަށް ޕަބްލިކް އަށް ދިއުން އެންމެ ރައްކާތެރި ކަމަށް،" މޯލްޑިވްސް އިންޑިޕެންޑެންޓުގައި ފިޝީ ކިޔައިދިނެވެ.
ދުވަސްކޮޅެއްގެ ތެރޭގައި ގޯސްކޮށް އަޅާފައިވާ ފިޔަވަޅުތަކަކީ ކޮބައިކަމާއި، އެކަމުގެ ޒިންމާ ނަގަންވީ ކޮންބައެއްތޯ އާމެދު ތަޙްޤީޤުގައި ބައިވެރިވި ފަރާތްތަކުން ތަފްސީލީ ތަސްވީރެއް ކުރަހައިފިއެވެ. 
އެޕް ޑިވެލޮޕް ކުރުމުގެ ކޮންޓްރެކްޓް  ލިބިފައިވާ ކުންފުނި ފިކްސްޑް މޯލްޑިވްސްއަކީ އެޕް ޑިވެލޮޕްމަންޓްގެ ތަޖުރިބާ ނެތް ކުންފުންޏެކެވެ. އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ރެޖިސްޓްރީގައިވާ ގޮތުން ފިކްސްޑް މޯލްޑިވްސް އަކީ ހދ. ނޮޅިވަރަންފަރު، ޑެއިޒީމާގޭ އިބްރާހިމް ޢަބްދުالله ގެ ނަން މައްޗަށް ރަޖިސްޓްރީކޮށްފައިވާ ސޯލް ޕްރޮޕްރައިޓަރޝިޕެކެވެ. އެ ކުންފުނީގެ ވެބްސައިޓުގައި ނެޓްވޯކިންގެ ޚިދުމަތްތަކާއި ސީސީޓީވީ ކެމެރާ ފޯރުކޮށްދޭކަން ލިސްޓުކޮށްފައި ވެއެވެ. ސޮފްޓްވެއާރ ޑިވެލޮޕްމަންޓްގެ ވާހަކައެއް ނެތެވެ.
ފިކްސްޑް މޯލްޑިވްސްގެ ވެރިފަރާތާއި އެމްޓީސީސީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު ޢާބްދުالله ފާރިޝް ވެސް ރަޖިސްޓްރީކޮށްފައި ވަނީ ނޮޅިވަރަންފަރުގެ އެ އެޑްރެހެއްގައި (ޑޭޒީމާގޭ) ކަން އެކްސްގެ ތަޙްޤީޤުން ދާދި އަވަހަށް އެނގި، ހާމަވެއްޖެއެވެ.  މި އެޕް ތައްޔާރުކުރާން ބަޔަކު ހޯދުމުގެ ބިޑުގެ ކަންކަން ބެލެހެއްޓީ  ފާރިޝް އެވެ. އެމްޓީސީސީގެ ފަރާތުން މި މަޝްރޫޢުގައި އިސްކޮށް އުޅުއްވީވެސް އޭނާއެވެ. 
އެމްޓީސީސީން ބުނި ގޮތުގައި މި ބިޑް ހުޅުވާލީ ހަމައެކަނި "ދަޢުވަތު ދީފައިވާ ސަޕްލަޔަރުން" ނަށެވެ. ރާއްޖޭގެ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުން ބުނީ ބީލަމަށް ދަޢުވަތު ދީފައި ނުވާ ކަމަށާއި އެކަމުގެ ޚަބަރު އިވިފައިނުވާ ކަމަށެވެ.
މިފަދަ އެޕްތައް ތައްޔާރުކުރުމުގެ ފުޅާ ތަޖުރިބާހުރި، މިހާރު ރާއްޖެއިން ބޭރުގައި މަސައްކަތްކުރާ ތަޖުރިބާކާރު ދިވެހި ވެބް ޑިވެލޮޕަރުން ބުނާ ގޮތުގައި އޫބަރ ނުވަތަ ގްރޭބް އާ އެއް ފެންވަރުގެ އެޕެއް ތަރައްޤީ ކުރާން ގިނަވެގެން ޚަރަދުވާނީ 200،000 އެމެރިކާ ޑޮލަރު (2 މިލިއަން ރުފިޔާ) ކަމަށެވެ. ނަމަވެސް އެމްޓީސީސީ އިން ފިކްސްޑް މޯލްޑިވްސްއާ މި މަސައްކަތް ޙަވާލުކުރީ 2025 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި ޖުމްލަ 13 މިލިއަން ރުފިޔާއަށް ކަމަށް ދައުރު ނޫހުގައި ރިޕޯޓުކޮށްފައި ވެއެވެ. އެ އެއްބަސްވުމުގައި އެޕްގެ ޓެކްނިކަލް މެއިންޓެނަންސް އަށް މަހުން މަހަށް ދައްކަން ޖެހޭ ފައިސާ ވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ދެ ޕޭމަންޓެއް ލިބިފައިވާއިރު، ޖުމްލަ ގާތްގަނޑަކަށް 2 މިލިއަން ރުފިޔާ ދޫކޮށްފައި ވެއެވެ.
އެޕް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ އެމްޓީސީސީގެ އައިޓީ ޑިޕާޓްމަންޓަށް އެކަށީގެންވާ ގޮތެއްގައި އެންގުމަކައި ނުލައެވެ. ސެކިއުރިޓީ އޮޑިޓެއް ނުވަތަ އެކަށީގެންވާ ޓެސްޓިންގް މަރުޙަލާއެއް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. 
އެ އެޕް ލޯންޗް ކުރިއިރު އެޕް ސްޓޯރ ނުވަތަ ޕްލޭ ސްޓޯރ އިން އެ އެޕް ލިބޭކަށް ނެތެވެ. ޢާންމުކުރީ ހަމައެކަނި ވެބްސައިޓެކެވެ. 
އެކަމަކު އެޕް ތައްޔާރުކުރުމަށް އެމްޓީސީސީއަށް އަހަރު ދުވަސް ލިބުނެވެ. ގްރޭޓަރ މާލެ ސަރަޙައްދުގައި ޚިދުމަތް ފެށުމަށް ސަރުކާރުން އެ ކުންފުންޏާ ޙަވާލުކުރީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައެވެ.މަސައްކަތް އަޞްލު ފެށުނު ތާރީޚަކީ ޖުލައި 2025 ގެ ފުރަތަމަ ހަފްތާއެވެ. އޭގެ ފަހުން ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން މީގެކުރިން އެކި ފަހަރު މަތިން ވަނީ 2025 ވަނަ އަހަރުގެ އޮގަސްޓް، 2026 ވަނަ އަހަރުގެ ޖެނުއަރީ އަދި މާޗު އެޕް ލޯންޗުކުރުމުގެ ތާރީޚުކަމުގައި އިޢުލާން ކޮށްފައެވެ. 
މީގެ އިތުރުން ޑިވެލޮޕަރުން އެއްކުރި ހެކިތަކުން ދައްކާ ގޮތުގައި އެޕްގެ ކޯޑް ލިޔުމުގައި ޝްރީލަންކާގެ އެކި ޕާޓީތަކުން ޙަރަކާތްތެރި ވިއެވެ.
އޭގެ ތެރޭގައި "ފޯސިވާ" ކިޔާ ރާއްޖޭގެ ކުންފުންޏެއްގައި މަސައްކަތް ކުރާ ތިލަން ތީކްޝަނާ ކިޔާ ޑިވެލޮޕަރެއް ހިމެނެއެވެ. ތިލަންގެ ލިންކްޑްއިން ޕްރޮފައިލްގައި ފޯސިވާގައި އޭނާ ކުރި މަސައްކަތުގެ ދަށުން މާލޭ ޓެކްސީ އެޕް ޑެވަލޮޕްކުރުމުގެ މަސައްކަތް ލިސްޓްކޮށްފައި ވެއެވެ. ސައިބަރ ސެކިއުރިޓީ ސްޕެޝަލިސްޓެއްގެ ގޮތުގައި "ގޯސްޓް" ގެ ނަމުގައި ޙަރަކާތްތެރިވާ ފުލުހެއް ކަމަށްވާ އިސްމާޢިލް ޙަސަން ވެސް ވަނީ އެޕް ތައްޔާރުކުރުމުގައި ބައިވެރި ވެފައެވެ. 2026 ވަނަ އަހަރުގެ ޖެނުއަރީ މަހު މާލޭގައި މި ދެމީހުން ބައްދަލު ކުރިއިރު، ތިލަންގެ ފޭސްބުކްގައި ޝާޢިއުކުރި ވީޑިއޯއަކުން ފެންނަ ގޮތުގައި އިސްމާޢިލް ޙަސަން އާއި އެހެން މީހުން ޑެސްކެއްގެ ވަށައިގެން އެއްވެ، ޓެކްސީ އެޕްގައި ޑްރައިވަރުގެ މަޢުލޫމާތު ދައްކާނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާ ކުރިއެވެ.
އެ ޕޯސްޓް ފަހުން ނެގިއެވެ. އޭރު އޮތީ އަރުޝީފު ވެފައެވެ. 
އެމްޓީސީސީގެ ސީއީއޯ އަޙްމަދު ސަޢުދީ އަކީ ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އެވެ. ޑިވެލޮޕަރުން ބުނަނީ ޔޫޒަރުންގެ ރިއަލް ޓައިމް ލޮކޭޝަނާއި ޑޭޓާ އަދި ޕާސަނަލް އައިޑެންޓިފިކޭޝަން ޑޮކިއުމަންޓުތައްވެސް އަޕްލޯޑުކުރާން ޖެހޭ އެޕެއް، އަމުދުން ފުލުހުންގެ ބައިވެރިވުމާއެކު ތަރައްޤީކޮށް، ބޭނުންކުރަން ފަށާއިރު، އެކަށީގެންވާ ސެކިއުރިޓީ އޮޑިޓެއް ހަދާފައިނުވާކަމުން ޢާންމު ރައްޔިތުންގެ މަޢުލޫމާތު ސަލާމަތްތެރިކަމާއެކު ބެލެހެއްޓޭނެކަމާމެދު ސުވާލު އުފެދޭ ކަމަށެވެ. 

ޑޭޓާ ލީކްވޭ!

އެޕްގެ ސަލާމަތާއި ރައްކާތެރިކަން އެކަށީގެންވާ ވަރަށްވުރެ މާ ދަށްކޮށް ހުރިކަން ދިރާސާވެރިންނަށް ފާހަގަކުރެވުނެވެ. ކަސްޓަމަރުންގެ ކާޑުގެ ތަފްޞީލުތައް އެޕް މެދުވެރިކޮށް ލީކުވަމުންދެއެވެ. އާދައިގެ ސްކްރިޕްޓަކުން އެއްވެސް ހުރަހެއް ނެތި އެޕްގެ ފަޔަރބޭސް ޑޭޓާބޭސް ފަޅާލައި، ޔޫޒަރުންގެ ޑޭޓާ ހިމެނޭ ޓޭބަލްތައް ނެގޭން އެބަހުއްޓެވެ. 
އެންމެ ބިރުވެރި ކަމަކީ ޑޭޓާބޭސް ބްރީޗް ވުމުން ރަޖިސްޓްރީ ކޮށްފައިވާ ޔޫޒަރުންގެ އައިޑީ ކާޑުތައްވެސް ހާމަވެގެން ދާކަމެވެ. އޭގެ ތެރޭގައި އެޕްގެ އަމިއްލަ ލީޑް ޑިވެލޮޕަރު އިސްމާޢިލް ޙަސަންގެ އައިޑީ ކާޑު ހިމެނެއެވެ.
ފުރަތަމަ ވެބްސައިޓެއްގެ ގޮތުގައި ލައިވް ކުރިއިރު، އޭގެ އޯޓީޕީ ވެރިފިކޭޝަން ސިސްޓަމް ވެސް ޤަސްތުކުރި ގޮތަކަށް މަސައްކަތެއް ނުކުރެއެވެ.
މޯބައިލް ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް ޕްރޮފައިލްގެ ތަފްޞީލުތައް އަޕްޑޭޓް ކުރާއިރު، އެއްފަހަރު ބޭނުންކުރާ ޕާސްވޯޑެއް މެދުވެރިކޮށް ގެނައި ބަދަލުތަކުގެ ޞައްޙަކަން ކަށަވަރުކުރަން ޖެހޭކަމަށާއި، އެ ނަންބަރު ނުވަތަ އީމެއިލްގެ ޙަޤީޤަތުގައި ނިސްބަތްވަނީ ޔޫޒަރަކަށް ކަން ކަށަވަރު ނުކުރާކަމަށް ސޮފްޓްވެއަރ ޑިވެލޮޕަރު ރަފްޓޯކްސް އިން މޯލްޑިވްސް އިންޑިޕެންޑެންޓުގައި ބުނެފައިވެއެވެ. 
ރެންޑަމް ހަ ނަންބަރު ކޯޑެއް އެންޓަރ ކުރުމުން – ހަމައެކަނި 123456 ޓައިޕް ކުރުމުން – ވެރިފިކޭޝަން ބައިޕާސް ކުރެވޭ ކަމަށާއި، މައިގަނޑު މައްސަލައަކީ އެޕް އިން ބަދަލުތައް ސޭވް ކުރުމުގެ ކުރިން އޯޓީޕީ ރަނގަޅުތޯ ޗެކް ނުކުރުން ކަމަށް ރަފްޓޯކްސް ކިޔައި ދެއެވެ.
މިކަން ޘާބިތުކޮށްދޭން ރަފްޓޯކްސް އިން ވަނީ އޭނާގެ ޕްރޮފައިލްގެ ތަފްޞީލީ މަޢުލޫމާތު އެމްޓީސީސީގެ މުވައްޒަފެއްގެ ކޮންޓެކްޓް މަޢުލޫމާތަށް ބަދަލުކޮށްފައެވެ.
ފިޝީ ބުނީ ހަމައެކަނި 'ޕެޗް' ކުރެވުނީ ޢާންމުންނަށް ވަދެވޭ ހެން އޮތް  "ފަޔަރބޭސްގެ ރޫލްސް،" ކަމަށެވެ. މި އެޕް މިވަގުތު އޮތީ އޮފްލައިން ކޮށްފައެވެ.
"ފަޔަރބޭސްގެ ބޮޑު ނުރައްކަލަކީ މިކަމާ ގުޅިގެން އުފެދޭ ސްކޭލިން އާއި އަގުގެ މައްސަލަތައް،" ފިޝީ ވިދާޅުވި އެވެ.
"އެހެންމެ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިކަހަލަ ޑޭޓާ ރައްކާކުރަންވާނީ މޯލްޑިވިއަން ފަސްގަނޑުގައި އެއްވެސް ކަމެއް ދިމާވެއްޖެއްޔާ އަޅުގަނޑުމެންނަށް ޑޭޓާ ސްޓޯރުތައް ގުނާލެވޭނެ.
އެޕްގެ އިންފްރާސްޓްރަކްޗާ ރިވިއުކުރި ތަޖުރިބާކާރު ޑިވެލޮޕަރަކު މޯލްޑިވްސް އިންޑިޕެންޑެންޓަށް ބުނީ ބެކްއެންޑްގެ ގޮތުގައި ފަޔަރބޭސް ހޮވުމުން – އޭގެ ޒާތުގައި އުނިކަމެއް ނެތް ނަމަވެސް – ޚަރަދު ބޮޑު ގޯސްތަކަށް ބޮޑު ޖާގައެއް ލިބިގެންދާ ކަމަށެވެ. "އެމީހުން ރަނގަޅަށް ކުރާނަމަ ފަޔަރބޭސް އަކީ މުޅިން ބިރުވެރި އެއްޗެއް ނޫން. އެކަމަކު ފަޔަރބޭސްގެ ކަމަކީ ރީޑް/ރައިޓް އޮޕްޓިމައިޒް ކުރުމަށް ސަމާލުކަން ނުދީފިނަމަ ވަރަށް އަވަހަށް އަގުބޮޑުވެދާނެ. ވަރަށް ފަސޭހައިން ގޯސްވާނެ،" އޭނާ ވިދާޅުވި އެވެ.
މޯލްޑިވްސްގެ ސްކޭލްގައި ހިންގާ އެޕަކަށް އޭނާ ލަފާކުރި ގޮތުގައި ޑިވެލޮޕަރުންނަށް ވެސް ފާހަގަ ނުކުރެވެންދެން މަހުން މަހަށް ކުރާ ހަރަދު މަޑުމަޑުން ގާތްގަނޑަކަށް 10،000 އެމެރިކާ ޑޮލަރަށް ވެއްޓިދާނެ އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ސުޕަބޭސް ފަދަ ސެލްފް ހޯސްޓް އަލްޓަނޭޓިވްއަކުން ހަމަ އެ ވޯކްލޯޑް ހަރަދުގެ ކުޑަ އިންސައްތައަކުން ހެންޑްލް ކުރާއިރު ސެކިއުރިޓީ އާއި ޑޭޓާގެ މައްޗަށް ޓީމަށް ބޮޑު ކޮންޓްރޯލެއް ލިބިގެންދާނެ އެވެ.

ދިވެހި ޑެވަލޮޕަރުންގެ ފަންނު

ދިވެހިޑިވެލޮޕަރ ކޮމިއުނިޓީގެ ފަރާތުން މިކަންކަން ފާހަގަކުރަމުންދަނީ އަސާސީ މައްސަލައެއް ފެންމަތިކުރާންކަމަށް ފިޝީ ބުނެއެވެ. އޭނާ ބުނަނީ މިވާހަކަތައް ފައުޅުގައި ައްކާން ތައްޔާރަށް ތިބީ މަދު ބައެކެވެ.
"ގިނަ މީހުން ބިރުގަންނަނީ ވަޒީފާ ގެއްލިދާނެތީ،" ކަމަށާއި، ޑެވަލޮޕަރުންގެ ފަރުދާގެ ފުރަގަހުގައި ގިނަ މަސައްކަތްތަކެއް ހިންގާ ކަމަށާއި، ނަމަވެސް ޢާންމުންގެ ކުރިމަތީގައި މާ އަޑުގަދަ ނޫނީ ކަމަށްވެސް ފިޝީ މޯލްޑިވްސް އިންޑިޕެންޑެންޓުގައި ބުންޏެވެ. 
އެހެންކަމުން މިފަދަ މައްސަލަތައް ފަޅާއަރުވާލުމުގައި ދަތިތަކެއް ދިމާވާ ކަމަށާއި، އެހެންނަމަވެސް މިބާވަތުގެ ކަންކަން ފަޅާއަރުވާލުމުގެ ޝައުޤުވެރިކަމާއި، ރޫޙް ދިރެމުންދާ ކަމަށް ފިޝީ ކިޔައިދިނެވެ. މިފަދަ ކަމެއް ފެންމަތިވާ ކޮންމެ ފަހަރަކު މަދުވެގެން އެއް އާ ޑިވެލޮޕަރަކު އިސްނަގާ ކަމަށްވެސް އޭނާ ބުންޏެވެ. 
ފިޝީ އެންމެ ނުރުހުމާއެކު ފާހަގަކުރާ ނުކުތާއަކީ އައުޓްސޯސް ކުރަން ނުޖެހުނަސް، ކުރާ ކަމެވެ. މި ބާވަތުގެ އެޕްތައް އިން-ހައުސްކޮށް ހެދުމުގެ ޤާބިލުކަން ހުންނާނެކަން ފާހަގަކޮށް، އަވަސް އެޕް، ފުޑީޒް، ޕާރޕަލް ލޭން އަދި އީޒެޕް މިސާލުގެ ގޮތުގައި ނެގިއެވެ. 
ޚާއްސަކޮށް ޓެކްސީ އެޕެއް ތައްޔާރުކުރުމުގައި ދިވެހި ޑެވަލޮޕަރުންގެ ތަޖުރިބާ ހުރިކަން ފިޝީ ފާހަގަކުރިއެވެ. "ޓެކްސީ އެޕްސް އަކީ ދިވެހިރާއްޖޭގައި ދެވަނަ ޓެކް ބޫމް،" ކަމަށް ބުނެ، ފިޝީ ސުވާލު އުފެއްދީ "ކިތައް ޓެކްސީ އެޕް ކްލޯން ނުވަތަ ކާބޯތަކެތި ޑެލިވަރީ އެޕްތައް ވެސް ހުރިތޯ،" އެވެ. 
މާލެ ޓެކްސީ އެޕްގެ މަސައްކަތުގައި ދިވެހި ޑިވެލޮޕަރުން އެއްފަރާތްކުރި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. 2016 ވަނަ އަހަރު ދިވެހި ޒުވާނުންގެ ޓީމަކުން އޫބަރ ފަދަ މޮޓޯސައިކަލް ރައިޑް ޝެއަރިން އެޕް އެއް ކަމަށްވާ "ރައިޑް މޯލްޑިވްސް" އުފެއްދިއެވެ. އެ އެޕް ލޯންޗު ކުރަން ކުޑަތަން ވިއިރު، ވެއިޓްލިސްޓުގައި 200 އަށް ވުރެ ގިނަ ޑްރައިވަރުން ތިއްބެވެ. އެ ޓީމުން އޭރުގެ އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރު މުޙައްމަދު ސަޢީދާ ބައްދަލުކޮށް، އެޕް ޑެމޯ (ޑެމޮންސްޓްރެެޝަން: ހިނގާގޮތް) ކޮށް ސަރުކާރުގެ އެންޑޯސްމަންޓް ހޯދުމަށް މަސައްކަތް ކުރި ކަމަށް، ދުނިޔޭގެ ފެންވަރުގައި ބޭނުންކުރާ އެނިމޭޝަން ޕްލެޓްފޯމެއް ކަމަށްވާ ލޮޓީފައިލްސްގެ އެއް ފައުންޑަރ ނަޞްالله ޢަދްނާން ކިޔައިދިނެވެ. 
ޖެހިގެން އައި ދުވަހު މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ވަނީ އާ ޤަވާޢިދެއްގެ ދަށުން ސަރުކާރުން އަމިއްލައަށް މޮޓޯސައިކަލް ޓެކްސީގެ ޚިދުމަތް ފަށާނެ ކަމަށް އިޢުލާން ކޮށްފައެވެ. އެ ޓީމަށް އެންގީ އެޕްލައި ކުރުމަށެވެ. ޓްރާންސްޕޯޓް މިނިސްޓްރީ އިން ޤަވާއިދު ޑްރާފްޓުކުރަން ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ނެގިއެވެ. ރައިޑް މޯލްޑިވްސް ޓީމުން ފަރުމާކުރި ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ނައްތައިލާން އެންގިއެވެ. އަދި ފީޑްބެކް ދޭން ބައްދަލު ކުރަން ދެކޮޅު ހެދިއެވެ. އެންމެ ފަހުން އެ ޓީމުން ވަނީ އެ މަޝްރޫއު ދޫކޮށްލާފައެވެ. މިވާހަކަތައް ނަޞްރުﷲ އެކްސް ޕޯސްޓެއްގައި އޮޅުންފިލުވައި ދިނެވެ. 
ސަރުކާރާ ގުޅުން ހުރި ކުންފުންޏަކުން ފަހުން މޮޓޯސައިކަލް ޓެކްސީގެ ޚިދުމަތެއް ތަޢާރަފު ކުރިއިރު، އެ ޚިދުމަތް ވެސް ވަނީ ނާކާމިޔާބު ވެފައެވެ. އޭގެ ފަހުން މިނިސްޓަރ ސަޢީދު ވަނީ ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރުގެ މަޤާމަށް އެނބުރި ވަޑައިގެންފައެވެ.
ރާއްޖޭގައި އެންމެ ގިނައިން ބޭނުންކުރާ ޓެކްސީ އެޕް "އަވަސް" ހިންގާ ކުންފުނި ޓަވިޔަނި އަށް "މާލެ ޓެކްސީ" ގެ ނަން 2015 ގައި ރަޖިސްޓްރީކޮށްދީފައި ވީނަމަވެސް، "އެމް.ވީ" ޑޮމެއިންގެ ކަންތައް ބަލަހައްޓާ ދިރާގުން އެމްޓީސީސީއަށް ހަމަ އެ ޑޮމެއިން ދޫކޮށްފައިވާ ގޮތާ މެދު ސުވާލު އުފެދިފައި ވެއެވެ. 
މާޗް 28 ވަނަ ދުވަހު ޓަވިޔަނި ވަނީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރަށް ސިޓީއެއް ފޮނުވައި، އެމްޓީސީސީއިން އެ ނަން ބޭނުންކުރުން ހުއްޓާލައިލާން އެދިފައެވެ. ނަމަވެސް އެމްޓީސީސީ އިން ވަނީ އުޅަނދުތަކުގެ ބްރޭންޑިންގް ވެސް ހިމެނޭ ގޮތަށް އެ ނަން ބޭނުންކޮށްފައެވެ. 
މިދިޔަ އަންގާރަ ދުވަހު އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ނިސްބަތްވެވަޑައިންނަވާ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހިމް ވަނީ ޓެކްސީ އެޕް އުފެއްދުމުގައި ކޮރަޕްޝަން ހިނގާފައިވާ ކަމަށް ޝައްކު ކުރެވޭ މައްސަލަ ރައްޔިތުންގެ މަޖިލީހުން ތަޙްޤީޤުކުރުމަށް އެދިފައެވެ.
އެމްޓީސީސީގެ އިންފޮމޭޝަން އޮފިސަރު މޯލްޑިވްސް އިންޑިޕެންޑެންޓުން ކުރި ސުވާލުތަކަށް ތިން ދުވަހުގެ ތެރޭގައި ތަކުރާރުކޮށް ގުޅާ މެސެޖް ކުރި ނަމަވެސް ޖަވާބެއް ނުދެއްވައެވެ.

މިނިވަން ނޫސްވެރިކަމަށް އެހީތެރިވުމަށް ޑޮނޭޓް ކޮށްދެއްވާ