މާލޭގެ ބުޅާތަކުގެ ނުވިހާ އޮޕަރޭޝަން ހިލޭ ކޮށްދޭން އެސްއެންޕީޓީއިން ހުށަހެޅި. ސަރުކާރުން ބައްދަލުވެސް ނުކުރި!
"އަހަރެމެން ފައިސާއަކަށް ނޭދެން. އަހަރެމެން އައީ ފައިސާ ހިފައިގެން،" ޖެސިކާ ކަފަރޯ.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
15 ސެޕްޓެމްބަރު
ނިމިދިޔަ ޑިސެމްބަރުގައި، އެމެރިކާއަށް ނިސްބަތްވާ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއަކުން މާލޭގެ މަގުމަތީގައި، ބެލެނިވެރިކަމެއް ނެތި ދިރިއުޅެމުންދާ ބުޅާތައް، އެޖަމްޢިއްޔާގެ ޚަރަދުގައި ނުވިހާ ގޮތް ހަދާން ޕްރޮގްރާމެއްް ހިންގާން ސަރުކާރަށް ހުށަހެޅިއެވެ. ސަރުކާރާއެކު އެޖަމްޢިއްޔާއިން އެއް ފަހަރު ބައްދަލު ވުމެއް ބޭއްވުއެވެ. ދެން ޚަބަރެއް ނުވެފައި ސަރުކާރުގެ އޮފިޝަލަކު ފޮނުވީ މަޢާފަށް އެދި މެސެޖެކެވެ. އެޕްރޮގްރާމް ދުވަހަކު ހިންގޭގޮތެއް ނުވިއެވެ. ހުއްދައެއް ނުދިނެވެ. ޕްރޮގްރާމަށް އެކަށަ އެޅި ފައިސާ އެހެން ތަނެއްގައި މިފަދަ ޕްރޮގްރާމެއް ހިންގާން މިހާރު އެކަށައަޅާ ނިމިއްޖެއެވެ.
އެމެރިކާގައި ޤާއިމު ކޮށްފައިވާ ޖަނަވާރުންގެ ޙިމާޔަތާއި ރައްކާތެރިކަމުގެ ވަކާލާތުގައި މަސައްކަތްކުރާ ޖަމްޢިއްޔާ، ސްޕޭ، ނިއުޓަރ، ޕްރޮޓެކްޓް، ޓީޗް - އެސްއެންޕީޓީ އިން 2025 ޑިސެމްބަރު 1 ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީއާ މުޢާމަލާތް ކުރުމަށް މަސައްކަތް ކުރަމުން ދިޔައެވެ. ބުޅަލުގެ މައްސަލަ ޙައްލުކުރާން އެޖަމްޢިއްޔާގެ ޚަރަދުގައި ޕްރޮގްރާމެއް ޕައިލެޓުކުރާން ހުށަހެޅި ކަމަށް ޖަމްޢިއްޔާގެ ބާނީ ޖެސިކާ ކަފަރޯ މޯލްޑިވްސް އިންޑިޕެންޑެންޓުގައި ވިދާޅުވިއެވެ.
"އަހަރެމެން ފައިސާއަކަށް ނޭދެން. އަހަރެމެން އައީ ފައިސާ ހިފައިގެން،" ކަފަރޯ ވިދާޅުވިއެވެ.
ޖެނުއަރީ 21 ވަނަ ދުވަހު، އެސްއެންޕީޓީ އިން މިނިސްޓްރީގެ މަންދޫބުންނާއެކު ވީޑިއޯ ބައްދަލުވުމެއް ބޭއްވިއެވެ. ކަފަރޯ ވިދާޅުވީ، އެ ކޯލުގައި ދެކެވުނު ވާހަކަތަކުގެ ޚުލާޞާ ޔައުމިއްޔާއަކާއެކު ޚަބަރު ބަލާން ކޯލަށް ފަހުވެސް މިނިސްޓްރީއަށް އީމެއިލް ކޮށްފައިވާނެއެވެ. އަދި ދިވެހިރާއްޖެ އައުމުގެ އިންތިޒާމުތައް ހަމަޖައްސާނެ ކަމުގެ ވާހަކަވެސް ޚަބަރު ކުރިއެވެ.. "އަޅުގަނޑުމެންގެ ފްލައިޓް ބުކްކުރި ވަގުތުން ފެށިގެން މިނިސްޓްރީއިން މުޢާމަލާތު ކުރުން ހުއްޓާލައިފި،" އޭނާ ކިޔައިދެއްވިއެވެ.
ކަފަރޯ ރާއްޖެއަށް ދަތުރުކުރެއްވީ މާރިޗު 2 އިން 14 އަށެވެ. އެ ދަތުރުގައި މިނިސްޓްރީއާއެކު އެންމެ ބައްދަލުވުމެއްވެސް ނުބޭއްވުނެވެ. ވެޓެރިނަރީ ޑޮކްޓަރުންނާއި ޖަނަވާރުންގެ ޙިމަޔާތާއި ރައްކާތެރިކަމުގެ ވަކާލާތު އުފުލާ ފަރާތްތަކާއެކު މަޝްވަރާ ކުރުމަށްފަހު، އެސްއެންޕީޓީ އިން މާލޭގެ ޙާލަތު ބަލައި ވަޒަންކުރުމަށްފަހު، ޕައިލެޓް ޕްރޮގްރާމަށް އެންމެ އެކަށޭނަ ތަނަކީ ވިލިމާލެ ކަމަށް ކަނޑައަޅައި، މަޝްރޫޢުގެ ޕްރޮޕޯޒަލެއް ތައްޔާރު ކުރިއެވެ.
"އަޅުގަނޑުމެންނަށް އަމިއްލައަށް ޙައްލު ނުކުރެވުނު މައިގަނޑު ހުރަހަކީ ވެޓެރިނަރީ ބޭހުގެ ހުއްދަތަކުގެ ކަންތައް،" ކަމަށް ކަފަރޯ މަޢުލޫމާތު ދެއްވިއެވެ.
ސަރުކާރުން ޚަބަރެއް ނުވެ އެތައް މަހެއް ފާއިތުވެ ދިއުމަށްފަހު އެސްއެންޕީޓީ އިން ޕްރޮގްރާމް ހިންގުމުގެ ޚިޔާލު ދޫކޮށްލާން މަޖުބޫރުވެގެން، ހުއްޓާލީއެވެ.
މި ކަމާ ގުޅޭ ކޮމެންޓެއް ހޯދުމަށް މިނިސްޓްރީއާ ގުޅުމުން ބުނީ މުޢާމަލާތްކުރުމުގައި ދޯހަޅިކަމެއް މިނިސްޓްރީގެ ފުށުން ފެނިފައިވާކަން ޤަބޫލުކުރާ ކަމަށާއި، އަދި މިކަން މިއަށްވުރެ ރަނގަޅަށް ”ހެންޑްލް“ ކުރެވުނީސްކަންވެސް ޤަބޫލު ކުރާ ކަމަށެވެ.
ހުޅުމާލޭގައި ސަރުކާރުން ހިންގާ އޮޅު ހިޔާ ބުޅާ ޝެލްޓަރަށް މަގުތަކުގައި އުޅޭ ބުޅާތައް ނަގަން ފެށީ ފާއިތުވި އަހަރުއެވެ. ނަމަވެސް ވެޓެރިނަރީ ޑޮކްޓަރުންނާއި ޖަނަވާރުންގެ ޙިމަޔާތާއި ރައްކާތެރިކަމުގެ ވަކާލާތު އުފުލާ ފަރާތްތަކުން ބުނަނީ، ބުޅަލުގެ އާބާދީ އިތުރުވަމުން ދާ ދިއުން ކޮންޓްރޯލް ކުރުމަށް އަސްލު ބޭނުންވަނީ ބުޅާތައް ހިފައި، ނުވިހާ އޮޕަރޭޝަންކޮށްފައި، އަލުން އެތަނަށް ދޫކުރުން ކަމަށެވެ. އެސްއެންޕީޓީ އިން އަމިއްލަ ޚަރަދުގައި ހިންގައިދޭން ހުށަހެޅި ޕްރޮގްރާމްގައި ރާވާފައިވާ ގޮތަށެވެ.
1 ސެޕްޓެމްބަރު ވީ އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، މާލެ ސަރަޙައްދުގެ ބުޅަލުގެ އާބާދީ ބޮޑުވަމުން ދާ މައްސަލަ ޙައްލުކުރާން ޚާއްސަ "ބުޅާ ރަށެއް" ތަރައްޤީކުރުމާ ގުޅޭ ޕްރޮޕޯޒަލެއް ސަރުކާރުން ދިރާސާ ކުރަމުން ދާ ކަމަށާއި، އޮޅު ހިޔާގެ ކެޕޭސިޓީ 500 ބުޅާ ގެންގުޅެވޭ ވަރަށް ބޮޑުކުރަމުން ދާ ކަމަށެވެ. އަދި ބުޅަކަށް ޚާއްޞަ ރަށަކީ ދިގު މުއްދަތުގެ ޙައްލެއްކަމަށް ފެނިވަޑައިންނަވާ ކަމަށެވެ.
މަގުތަކުގައި އުޅޭ ބުޅަލާ ބެހޭ މައްސަލައަކީ މުޖުތަމަޢުގައި ބޮޑު ޚިޔާލު ތަފާތުވުމެއް އުފެދިފައިވާ ކަމެކެވެ. ވޮލެންޓިއަރުންނާއި ޖަނަވާރުންގެ ޙިމަޔާތާއި ރައްކާތެރިކަމުގެ ވަކާލާތު އުފުލާ ފަރާތްތަކުން މާލޭގެ އެކި ސަރަހައްދުތަކުގައި ޤަވާޢިދުން ބުޅާތަކަށް ކާން ދެމުން ގެންދެއެވެ. ނަމަވެސް މަގުމަތީ ބުޅަކަކީ އުނދަގުލެއް ކަމުގައްޔާއި ސިއްޙީ ނުރައްކަލެއް ކަމަށް ދެކޭ މީހުންވެސް މަދެއް ނޫނެވެ.

މުޢާމަލާތްކުރުމުގެ ދެރަވަރުކަން
މިނިސްޓްރީގެ ވެޓެރިނަރީ ކޮންސަލްޓެންޓެއް ކަމަށް ހުރި ޑރ. ޙުސައިން މިޞްފާޙް ސާމީއާއެކު ޖެނުއަރީގައި އެސްއެންޕީޓީ އިން ޒޫމް ކޯލެއް ބޭއްވިއެވެ. "ރާއްޖޭގައި ޖަނަވާރުގެ ރައްކާތެރިކަމަށް ކުރިމަތިވާ ދަތިތަކާ މެދު އޭނާ ވަރަށް ތެދުތެދަށް ވާހަކަ ދެއްކި. އަދި ބައްދަލުވެގެން ވާހަކަދެއްކޭނެ ގޮތެއް ހެދުމަށް ލަސްނުކޮށް ރާއްޖެއަށް އަންނަން އޭނާ އަހަރެމެންނަށް ހިތްވަރު ދިން،" ކަފަރޯ ވިދާޅުވިއެވެ. އެ ފޯން ކޯލުގައި އޭނާ ވާހަކަދެއްކީ ދިވެހިރާއްޖެއާމެދު އުންމީދެއް ނެތް ރާގެއްގައި ކަމަށްވެސް އޭނާ ކިޔައިދެއްވިއެވެ.
”އޭނާ ގާތުގައި ބުނީމު ނާއުންމީދު ކަމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ރާއްޖެ ނުފެން ކަމަށް. ރަނގަޅު ޓީމެއް، ރަނގަޅު ރޭވުމެއް އަދި ބޭނުންވާ ވަޞީލަތްތައް ލިބެން ހުރި ނަމަ، މާނަހުރި ކުރިއެރުމެއް ޙާޞިލުކުރެވިދާނެ ކަމުގެ ޔަޤީންކަން އޮތްކަމަށް ބުނީމު. ކޯލް ނިމުނު އިރު ކުރިއަށް ދެވޭނެ އަލިމަގެއް ފެނުނުކަމުގެ ފުދޭވަރެއްގެ ގައިމުކަމެއް ލިބިފައި ހުރި. އެހެންވެ ފްލައިޓްތައް ބުކްކުރިން،" ކަފަރޯ މަޢުލޫމާތު ދެއްވިއެވެ.
”ކޯލުގައި ވާހަކަދެކެވުނު މަޝްވަރާތައް އިންތިޒާމުކުރާން އެކިފަހަރު އެދުމުންވެސް އެފަހުން ޚަބަރެއްދަބަރެއް ނުވޭ،" ކަމަށާއި، ”މިނިސްޓްރީގެ އެންމެ އޮފިޝަލަކާވެސް ބައްދަލެއް ނުވި،“ ކަމަށް ކަފަރޯ ވިދާޅުވިއެވެ.
ދިވެހިރާއްޖެއަށް އެސްއެންޕީޓީ އިން ކުރި ދަތުރުގައި ރަށްތަކަށް ދަތުރުކޮށް، ވެޓްރެނަރީ ޑޮކްޓަރުންނާއި ކަމާބެހޭ ޖަމްޢިއްޔާ ޖަމާޢަތްތަކާއެކު ބައްދަލުވުންތައް ކުރިއަށް ގެންދިޔައެވެ. "އެ މަޝްވަރާތަކުން އެނގުނު ޕައިލަޓް ޕްރޮގްރާމެއް ހިންގުމުގައި ކުރިމަތިވާނެ ޢަމަލީ ދަތިތައް،" ކަފަރޯ ވިދާޅުވިއެވެ. އެގޮތުން "ވޮލެންޓިއަރުން. ދަތުރުގެ އިންތިޒާމުތައް. ވެޓްނަރީ މުވައްޒަފުން. އާލާތްތައް. މުޖުތަމަޢާއި ގުޅުން. ޑޭޓާ ޖަމާކުރުން. މިއިން ކޮންމެ ދާއިރާއަކުންވެސް މައްސަލަތަކާއި ގޮންޖެހުންތައް ފާހަގަވި. އެކަމަކު އެއިން ކޮންމެ ނުކުތާއަކަށް ޙައްލުތަކެއް ހުރި. މި ޙައްލުތައް ހޯދައި، ތަންފީޒުކުރަން ފައިސާ، ކޯޑިނޭޓް ކުރުމަށް އެސްއެންޕީޓީ އޮތީ ތައްޔާރަށް.“ ތަފްޞީލު އޮޅުންފިލުއްވައިދެއްވަމުން ކަފަރޯ ކިޔައިދެއްވިއެވެ.
ވެޓެރިނަރީ ބޭސްތައް އެތެރެކުރުމަށް ހުއްދަ ހޯދުމާއި ރެގިއުލޭޓަރީ ސަޕޯޓް ދިނުމަށް އެސްއެންޕީޓީ އިން ސަރުކާރުގެ އެހީއަށް އެދުނުއިރު، އެއްވެސް ޖަވާބެއް ނުލިބުނެވެ. ”އޭގެ އިތުރަށް ދެން މި ބޭނުންވާ ފައިސާ، ތަޖުރިބާކާރު ވެޓްރެނަރީ ޑޮކްޓަރުން، ވޮލަންޓިއަރުން، ސަރޖަރީއަށް ބޭނުންވާ އާލާތް، ބޭސްތައް، ދަތުރު، ތަން އަދި ހިންގުމުގެ ހުރިހާ ޚަރަދެއްވެސް އެއީ އެސްއެންޕީޓީ އިން ހަމަޖައްސާން ނިންމާފައިވާ ކަންތަކެއް،" ކަފަރޯ ލިސްޓުކުރެއްވިއެވެ.
ކަފަރޯ ރާއްޖޭގައި ހުރިއިރު ޑރ. މިސްފާހު އޭނާއާއި އެއްފަހަރު ގުޅުއްވިއެވެ. ނަމަވެސް އެއަށްފަހު ފޮނުވި މެސެޖުތަކަށާއި ގުޅި ކޯލްތަކަށް އޭނާ ޖަވާބެއް ނުދެއްވައެވެ.
މި ކަމާ މެދު ކޮމެންޓެއް ދެއްވުން އެދި ދެންނެވުމުން ޑރ. މިޞްފާޙްވަނީ އިންކާރު ކުރައްވާފައެވެ. އަދި ވިދާޅުވީ އޭނާގެ ކޮންޓްރެކްޓު މިހާރު ނިމިފައިވާ ކަމަށާއި، އޭނާ މިހާރު ހުންނެވީ ޗުއްޓީގައި ކަމަށެވެ.
މާލެ ސިޓީ ކައުންސިލަށްވެސް އެސްއެންޕީޓީ އިން ވަނީ ތަފްޞީލީ ޕްރޮޕޯޒަލެއް ހުށަހަޅައި، ބައްދަލުވުމެއް ހަމަޖެއްސުމަށް އެދިފައެވެ. ޖަވާބެއް ނުލިބުނު ކަމަށް އެސްއެންޕީޓީ އިން ބުންޏެވެ.
އޯގަސްޓު ފެށުނުކޮޅުގައި އެސްއެންޕީޓީ އިން އެންމެ ފަހުން ނިންމީ ޕްރޮޖެކްޓް ހިންގުމުގެ ޚިޔާލު ދެން ދޫކޮށްލުމަށެވެ. އެކަން ނިންމި ފަހުން، އޯގަސްޓު 12 ވަނަ ދުވަހު ކަފަރޯއަށް މިނިސްޓްރީ އިން އީމެއިލެއް ލިބުނެވެ. އެދެވޭ އެކަށީގެންވާގޮތެއްގައި މުޢާމަލާތް ކުރަމުން ނުގެންދެވި އޮތުމާއި، ކަފަރޯ ރާއްޖޭގައި ހުންނެވިއިރު ބައްދަލުނުކުރެވުނު ކަންމައްޗަށް މަޢާފަށް އެދިފައިވެއެވެ.
”މިކަމުގައި ކަންބޮޑުވުން ހުރީ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާޢަތަކަށް ފުރުޞަތު ނުލިބުނީމައެއް ނޫން. ނުވިހާގޮތް ހަދާ އޮޕަރޭޝަންތައް ފުޅާކުރުމުގެ ވިސްނުންހުރީ ދޭސީ ވެޓްރެނީރިއަނުންގެ އެހީ އަދި ބޭރުން ފައިސާގެ އެހީ އޮތީ ހަމަޖެހިފައި. ތަޖުރިބާކާރު ވެޓްރެނޭރިއަރުންގެ ޓީމުތައް އެހީވާން، ދިވެހިރާއްޖެ އައިސް މަސައްތް ކުރާން އޮތީ ތައްޔާރަށް. ހުރިހާ ޚަރަދެއް އޮތީ ކަވަރުވެފައި. އެކަމަކުވެސް މިކަމެއް ނުހިންގުނު. ކަންބޮޑުވުމުގެ އަޞްލަކީ އެއީ،“ ކަފަރޯ ވިދާޅުވިއެވެ.
މޯލްޑިވްސް އިންޑިޕެންޑެންޓް އިން ފޮނުވި ސުވާލުތަކަށް ތަފްޞީލީ ޖަވާބެއް ދެމުން، މިނިސްޓްރީގެ ސީނިއަރ ވެޓްރެނަރީ އެސިސްޓަންޓް ފާޠިމަތު ތައުބާ ޙަނީފް ވިދާޅުވީ އެކަށީގެންވާ ގޮތުގައި ފަހުންއައިސް މުޢާމަލާތްތައް މިނިސްޓްރީގެ ފަރާތުން ކޮށްފައި ނުވާކަން ޤަބޫލުކުރައްވާ ކަމަށެވެ.
”އެސްއެންޕީޓީ ގްލޯބަލްއާ އާ ވާހަކަދެއްކުން މިނިސްޓްރީއިން ޤަސްދުގައި ހުއްޓާލީއެއް ނޫން. ވިލިމާލެއިން ބުޅާތައް ހުޅުމާލެ ފޭސް 2 ގައިވާ މަރުކަޒަށް ބަދަލުކުރުމުގެ ކަންތަކުގައި މިނިސްްޓްރީ އެދުވަސްވަރު އޮތީ އަވަދިނެތިފައި. އެސްއެންޕީޓީ ގްލޯބަލްއިން ދިވެހިރާއްޖެއަށް ޒިޔާރަތްކުރިކަމެއް އެދަތުރުގެ ވާހަކައެއް އަދި ބައްދަލުކުރަން އެދޭ ކަމެއް އެނގިފައެއް މިނިސްޓްރީއަކަށް ނެތް،“ އޭނާ ވިދާޅުވިއެވެ.
”މިކަން ކަން އޮޅުންފިލުމުން މިނިސްޓްރީއިން ވާނީ އެސްއެންޕީޓީއަށް މަޢާފަށް އެދި އީމެއިލް ކޮށްފައި. ޤަސްދަކާނުލައި ވެފައި އޮތް އެކަމަށްވާނީ މަޢާފަށް އެދިފައި. ނަމަވެސް އޭރު ދެން މާ ލަސްވެއްޖެ. ދިވެހިރާއްޖެއަށް ޚާއްޞަކޮށް ހިންގާން އުޅުނު ޕްރޮގްރާމް ކެންސަލުކޮށްފައިވާ ކަމަށް އެސްއެންޕީޓީ ގްލޯބަލްއިން ބުނެފި.” ތައުބާ އޮޅުންފިލުއްވައި ދެއްވިއެވެ.

ޕްރޮޖެކްޓް
އެސްއެންޕީޓީ އިންވަނީ ދިވެހިރާއްޖެއަށް ކުރި ދަތުރުގައި ބައެއް ރަށްރަށަށް ގޮސް ޙާލަތު ބަލައި، ހިސާބަކަށް ވަޒަންކޮށްފައެވެ. ޖަނަވާރުގެ އާބާދީތައް ބެލެހެއްޓުންތެރިކަމެއް ނެތި ގިނަވެ، އުނދަގުލަކަށްވެފައިވާ ތަން ފެނި، އެކަންކަން އެޖަމާޢަތަށް ފާހަގަވެފައި ވެއެވެ. އެއާބާދީތައް ހައްދުން ނުނެއްޓި ބަލަހައްޓަމުން ގެންދެވޭނެ ދެމެހެެއްޓެނިވި ޕްލޭންތަކެއް އެސްއެންޕީޓީ އިން ދިޔައީ ރަށްރަށުން ފެނުނު މަންޒަރުގެ މައްޗަށް ބިނާކޮށް އެކުލަވަމުންނެވެ.
ކަފަރޯ ވިދާޅުވީ މިފަދަ ޕްރޮގްރާމެއް ހިންގާން އެންމެ ރަނގަޅު ތަނަކަށް ފެނުނީ މާލެއިން އަށެއްކަ މިނެޓު އިރުން ފެރީގައި ދަތުރުކުރެވޭ އަދި މިހާރު ބްރިޖަކުން ގުޅާލެވިފައިވާ ވިލިމާލެ ކަމަށެވެ.
އެސްއެންޕީޓީއިން ސިޓީ ކައުންސިލަށްވެސް ހުށަހެޅީ ރަޙުމުހުރިގޮތެއްގައި ނުވިހާ ގޮތް ހަދައި، ވެޓްރެނަރީ ފަރުވާގެ ޚިދުމަތް ފޯރުކޮށްދޭނެ ސެންޓަރެއްގެ ބޭސް ވިލިމާލޭގައި ޤާއިމުކުރުމަށެވެ. ވިލިމާލޭގެ މުނިސިޕަލް ޚިދުމަތްތައް ބަލަހައްޓަނީ އެކައުންސިލުންނެވެ.
ޕްރޮޖެކްޓް ރާވައިފައި އޮތީ 3 ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި ބުޅަލުގެ އާބާދީއަކީ ކޮބައިކަން ބަލައި ވަޒަންކޮށް، އަސާސީ ފެންވަރެއްގައި ވެޓްރެނަރީ ޚިދުމަތް ޤާއިމުކުރެވޭނެ އެވެ. ދެވަނަ ފިޔަވަހި ބިނާވަނީ ނުވިހާގޮތް ހަދާ ސަރޖަރީއަށާއި އެއަށްފަހު ބޭނުންވާނެ އާލާތާއި ބޭސް އިމްޕޯޓުކުރުމަށާއި، ތައްޔާރު ވުމަށެވެ. ތިންވަނަ ފިޔަވަހީގައި ނުވިހާގޮތް ހަދައި، ބަލަހައްޓައި، ދޫކުރުމުގެ ޕްރޮގްރާމް ރަސްމީގޮތުގައި ފަށައި، ކުރިއަށް ގެންދެވޭނެއެވެ.
މަގުމަތީ ބުޅަލަށް ޖެހޭ އެކި ބާވަތުގެ ބަލިބައްޔަށް ފަރުވާކުރުމަކީވެސް ޕްރޮޖެކްޓުގެ ބައެކެވެ. އޭގެތެރޭގައި ފަނީބޭސް ދިނުމާއި، އުކުނާއި އެހެނިހެން ޕެރަސައިޓަށް ބޭސްދީ، ފަރުވާ ކުރުން ހިމެނެއެވެ. ”ވިލިމާލޭގައި ޕްރޮޖެކްޓް ހިންގީމާ، އެހެން ރަށްރަށަށުގައި ޚިދުމަތް ނަކަލުކުރަން ބޭނުންވާނެ ތަޖުރިބާ އަދި ޑޭޓާ ލިބިފައި ހުންނާނެ،“ ކަމަށާއި، އެއީ ސަރުކާރަށް ނުހަނު ބޭނުންތެރި މަޢުލޫމާތަށް ވާނެ ކަމަށް ކަފަރޯ ވިދާޅުވިއެވެ. ކަފަރޯ އިތުރަށް ވިދާޅުވީ ”ވިލިނގިލީގައި ޕައިލެޓް ޕްރޮގްރާމެއް ހިންގީމާ އެކަމަށް ހޭދަވާނެ ވަގުތާއި، ވަޞީލަތާއި، މީހުންނާއި، ޚަރަދާއި، މިހެންގޮސް އަޞްލު ކަމެއް ހިންގާން ފެށީމާ މެނުވީ އޮޅުންނުފިލާނެ، މުހިންމު މަޢުލޫމާތުތަކެއް ސާފުވީސް،“ ކަމަށެވެ.
ޕްރޮޖެކްޓް ޕްރޮޕޯޒަލްގައި އެންމެ ބޮޑު އިންތިޒާމީ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ސަލާމަތްތެރިކަމާއެކު އެކަށީގެންވާ ފެންވަރެއްގައި ނުވިހާގޮތް ހަދާ އޮޕަރޭޝަން ކޮށް، އިތުރު ވެޓްރެނަރީ ޚިދުމަތާއި ފަރުވާ ފޯރުކޮށްދޭން ބޭނުންވާ އާލާތާއި ބޭހުގެ ބާވަތްތަކުގެ ހުއްދަ ހަމަޖެއްސުން ކަމަށެވެ. މީގެ އިތުރުން ކަމަށް އެކަށީގެންވާ ޖާގައާއި ލޮޖިސްޓިކަލް އިންތިޒާމުތައްވެސް ހަމަޖެއްސުމެވެ. އެއިން ކޮންމެ ކަމަކަށް ސަރުކާރުގެ އެހީއާއި އެއްބާރުލުން ބޭނުންވާނެ އެވެ.
ކަފޯރާ މިނޫހުގައި ވިދާޅުވީ ދިވެހިރާއްޖޭގައި ހިންގާން ޤަސްދުކުރި ޕްރޮގްރާމަށް ރަސްމީގޮތުން ފައިސާ އެކަށައަޅައި ނިމިފައި ނެތް ކަމަށެވެ. އެފަދަ ބޮޑު މާލީ ނިންމުމެއް ކަނޑައަޅާނީ އެސްއެންޕީޓީގެ ޑިރެކްޓަރުންގެ ބޯޑުންކަމަށެވެ. އަދި ޕައިލެޓް ޕްރޮގްރާމަށް ބޭނުންވާ ހުއްދަތައް ލިބުމުންވެސް ކަމަށެވެ. ކަފަރޯ ވިދާޅުވީ މި ޕްރޮގްރާމަށް 50،000 އާއި 80،000 ޑޮލަރުގެ ޚަރަދެއް ހިނގާނެކަމަށް ލަފާކުރެއްވޭ ކަމަށެވެ. ”ދިވެހި ސަރުކާރުން އެއްވެސް މާލީ އެހީއެއް ބޭނުމެއް ނޫން، މުޅި ޕްރޮގްރާމަށް ޚަރަދު ހިންގާން ނިންމާފައި އޮތީ އެސްއެންޕީޓީ އިން،“ ކަފަރޯ ވިދާޅުވިއެވެ.
އެސްއެންޕީޓީގެ ވެބްސައިޓުގައިވާ ގޮތުން އިސްލާ އެނިމަލްސް ކިޔާ މެކްސިކޯގެ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއް 340 ބުޅާ ނުވިހާގޮތް ހަދާން 10،000 ޑޮލަރުގެ މާލީ އެހީ އެސްއެންޕީޓީ އިން ފޯރުކޮށްދީފައި ވެއެވެ. އެސްއެންޕީޓީގެ ފަސް މެންބަރުންގެ ބޯޑުގައި ވެޓްނެރނަރީ ޑޮކްޓަރެއް އަދި ޓެކްނީޝަނެއްވެސް ހިމެނެއެވެ.

ޤަވާއިދުގެ ހިފެހެއްޓުންތަކެއް، ބަލައިނުގަތީއެއް ނޫން
މޯލްޑިވްސް އިންޑިޕެންޑެންޓަށް ފޮނުވި ލިޔުމުގައި މުޢާމަލާތްކުރުމުގެ ދޯހަޅިކަމުގެ މައްޗަށް އިޢުތިރާފުވަމުން، މިނިސްޓްރީ އިން ބުނީ އެންމެ ބޮޑު ގޮންޖެހުމަކީ ޖަނަވާރުގެ ބޭސްވެރިކަމާގުޅޭ ސާމާނާއި ބޭހާބެހޭގޮތުން ޤަވާޢިދުގައި ހުރި އޮބަހެއްޓުންތައް ކަމަށެވެ. މިސާލަކަށް ބުޅާ ހޭނައްތާން ބޭނުންކުރާ ކެޓަމިން އަކީ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކޮންޓްރޯލްކޮށްފައިވާ ޑްރަގެއް ކަމަށް މިނިސްޓްރީގެ ސީނިއަރ ވެޓްރެނަރީ އެސިސްޓަންޓް ތައުުބާ ކިޔައިދެއްވިއެވެ.
އެގޮތުން، ރެޖިސްޓްރީކޮށްގެން ހިންގާ ފެސިލިޓީއެއްގައި މެނުވީ ކެޓަމިންފަދަ ޑްރަގެއް ގެންގުޅެވޭން ނޯންނަ ކަމަށާއި، އަމުދުން ބުޅާ ހިފައި، ނުވިހާގޮތް ހަދާފައި، ދޫކޮށްލާ ޕްރޮގްރާމެއްގައި އެފަދަ ޑްރަގެއް ބޭނުންކުރާން ހުއްދަދޭއިރު ބަލާންޖެހޭ ގިނަ އުނދަގޫ ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވައި، އޭނާ އިތުރަށް ވިދާޅުވީ ރެޖިސްޓަރކޮށްގެންވެސް ކެޓަމިންފަދަ ޑްރަގެއް ފުޅާދާއިރާއެއްގައި ބޭނުންކުރުމުގައި ބޮޑެތި ހިފެހެއްޓުންތަކެއް އަދުގެ ޤަވާޢިދުތަކުގައި އެކަށައަޅާފައި އެބަހުރިކަމަށެވެ.
ތައުބާ އިތުރަށް ވިދާޅުވީ އަމުދުން މުޖުތަމަޢާ ގުޅުންބޮޑު ގޮތެއްގައި ހިންގާ މިބާވަތުގެ ޕްރޮގްރާމެއްގައި ކެޓަމިން ބޭނުންކުރުމުގައި ކަންބޮޑުވުންތަކެއް ހުރި ކަމަށާއި، އެހެންވީމާ ހަމައެކަނި މިފަދަ ޕްރޮގްރާމެއް ހިންގާ ފެސިލިޓީއަކަށް ހުއްދަ ދިނުމުން ނުފުދޭ ކަމަށާއި، ކެޓަމިންފަދަ ބާރުގަދަ ޑްރަގެއް ސަލާމަތްތެރިކަމާއި ބެލެހެއްޓުންތެރިކަމާއެކު އެޑްމިނިސްޓަރކޮށް، ބޭނުންކުރާނެ ޕްރޮޓޮކޯލްތަކާއި، މިންގަނޑުތައް އެކަށައެޅިފައި ހުރުންވެސް ކޮންމެހެން ލާޒިމު ކަމަށެވެ.
މިގޮންޖެހުންތައް ހުރި ނަމަވެސް ޕްރޮގްރާމަށް ފުރުޞަތު ބަންދުކުރުމަކީ މިނިސްޓްރީގެ ވިސްނުމެއް ނޫންކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ. އަދި އެސްއެންޕީޓީ އިން ހުށަހަޅާފައި އޮތީ ކުޑަ ޕައިލެޓް ޕްރޮގްރާމެއް ނޫންކަމަށާއި، އެހުށަހެޅުމުގައި އޮތް ގޮތަށް ޢަމަލުކުރާނެނަމަ، ދައުލަތުގެ ކަމާބެހޭ އެތައް މުއައްސަސާއެއްގެ އެހީތެރިކަމާއި، ކަމާގުޅުންހުރި ކިތަންމެ އިތުރު ފަރާތްތަކެއްގެ އެއްބާރުލުންވެސް ކަށަަވަރު ކުރާން ޖެހޭނެ ކަމަށް މިނިސްޓްރީގެ ސީނިއަރ ވެޓްރެނަރީ އެސިސްޓަންޓް މަޢުލޫމާތު ދެއްވިއެވެ.
ތައުބާ އިތުރަށް ވިދާޅުވީ މިދަނޑިވަޅު ސަރުކާރުގެ ފޯކަސް ހުރީ ދިގުމުއްދަތުގެ ޙައްލަކާ ދިމާލަށް ކަމަށާއި، އެގޮތުން ވިލިމާލެއިން ހުޅުމާލޭގައި ޤާއިމުކޮށްފައިވާ އޮޅުހިޔާ މަރުކަޒަށް ބުޅާ ގެންގޮސް، ފަރުވާދީ، ނުވިހާ ގޮތް ހަދަމުންދާ ކަމަށާއި، މިމަގުން މަސައްކަތްކޮށްގެން އިންޒާމީ ފެންވަރެއްގައި މަޑުމަޑުން ބުޅާ ވިހާގިނަވާ މިންވަރު މަދުކުރެވޭނެ ކަމަށެވެ.
އެސްއެންޕީޓީއަށް ފުރުޞަތު ނުދިން ނަމަވެސް، އެފަރާތުން ހުށަހެޅި ބާވަތުގެ ޕްރޮގްރާމެއް ބުޅަލަށް އަމާޒުކޮށް ދިވެހިރާއްޖޭގައި މިހާރުވެސް ހިންގަމުން އެބަދެއެވެ. ކަފަރޯއާ މާޗްމަހުގެ ދަތުރުގެ ތެރޭގައި އެރިކާ ވެޓްރެނަރީ ކްލިނިކްގެ ޓީމުން ބައްދަލުކޮށް، އެޓީމުން މިހާރުވަނީ އައްޑޫ ސިޓީގައި ޓީއެންއާރް ޕްރޮގްރާމެއް ފަށާފައެވެ.
ކަފަރޯ ވިދާޅުވީ އެސްއެންޕީޓީގެ ރިޕޯޓުގައި ދިވެހިރާއްޖެއަށް އެނބުރި އަންނާނޭނަމަ، ކަންފަހިވެފައި ހުންނާންޖެހޭނެ ކަމަށް ފެންނަ ކަންތައްތަކެއް ލިސްޓުކޮށްފައިވާ ކަމަށާއި، އެކަންކަން ހަމަޖެހޭނެނަމަ ދިވެހިރާއްޖެއަށް އެސްއެންޕީޓީ އިން އެނބުރި އައުމުގެ ޝައުޤުވެރިކަން ހުރިކަމަށް ކަފަރޯ ކިޔައިދެއްވިއެވެ.

މިނިވަން ނޫސްވެރިކަމަށް އެހީތެރިވެދެއްވާ
ބިރެއްނެތި ޚަބަރު ގެނެސްދިނުމަށް އެހީތެރިވެދެއްވާ
އެއްފަހަރު ދެއްވާ
$
ނުވަތަ
މެމްބަރަކަށް ވެލައްވާމަހަކު $5 އިން ފެށިގެން
