ކުށުގެ މާޙައުލާއި ނާޖާއިޒު ފައިދާ ނަގަމުންދާ ކުށްވެރިންގެ ދެމެދު ކުޑަކުދިން ތާށިވެފައި

މިނިސްޓަރ ވިދާޅުވަނީ މިހާރު ޤާނޫނު އޮތްގޮތުން 15 އަހަރުން ދަށުގެ ކުދިންނަށް ފުޅާ ރައްކާތެރިކަމެއް ލިބިދެވޭ ކަމަށް.

ކުރެހުމާއި ޑިޒައިން: ޑޮސެއިން

ކުރެހުމާއި ޑިޒައިން: ޑޮސެއިން

21 ޖެނުއަރީ
ވޭތިވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 12 އަހަރާއި 15 އަހަރާ ދެމެދުގެ 150 އަށް ވުރެ ގިނަ ކުދިން އެކި ކުށްކުށުގައި ބައިވެރިވެފައި ވެއެވެ. ބައެއް ކުދިން ޝާމިލުވަނީ އަނިޔާވެރި ޙަމަލާތަކުގައެވެ.  އަނެއް ކުދިބަޔަކު ތަކުރާރުކޮށް ކުށްތަކަށް އަރައިގަންނަމުން ދަނީއެވެ. ނަމަވެސް މިހާރު ޤާނޫނު އޮތްގޮތުން އެއްވެސް ފިޔަވަޅެއް އެޅޭން ނެތްކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން މިދިޔަ ހަފްތާގައި އދގެ ދަ ކޮމިޓީ އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑްގައި ވިދާޅުވިއެވެ.
މިހާރު ޤާނޫނު އޮތްގޮތުން 15 އަހަރުން ދަށުގެ ކުދިންނަށް ފުޅާ ރައްކާތެރިކަމެއް ލިބިދެވޭ ކަމަށާއި، ރިހެބިލިޓޭޝަން ފޯރުކޮށްދިނުމަށް ނުވަތަ ސުލޫކު ސީދާކުރުމަށް ފިޔަވަޅު އެޅުމުގެ  ފުރުޞަތު ސަރުކާރަށް ފަހިވެފައި ނެތްކަމަށް މިނިސްޓަރ ދަޢުވާ ކުރައްވައެވެ.
ކުޑަކުދިންގެ ޙައްޤުތަކުގެ ރާއްޖޭގެ ޙާލަތު ވަޒަންކުރި ކޮމިޓީގައި ވާހަކަދައްކަވަމުން މިނިސްޓަރ އިޙްސާން ވިދާޅުވީ 13 ނުވަތަ 14 އަހަރުގެ ކުޑަ ކުއްޖަކު އަނިޔާވެރި ޙަމަލާއެއްގައި ބައިވެރިވުމުން، 15 އަހަރު ވާންދެން މަޑުކޮށްގެން ތިބުން ނޫން ގޮތެއް އަދު ނެތް ކަމަށާއި، 15 އަހަރުގައި އޭނާގެ މައްޗަށް ޤަތުލު ނުވަތަ ސީރިއަސް މާރާމާރީއެއްގެ ދަޢުވާ އުފުލަންޖެހިދާނެ ކަމަށެވެ. ފުރަތަމަ ކުށާއި ފަހުން ކުރި ކުށާއި ދެމެދުގައި ފިޔަވަޅެއް ނޭޅުމުގެ ޒިންމާ އުފުލަން ޖެހޭނީ ކާކުތޯ މިނިސްޓަރ ސުވާލު އުފެއްދެވިއެވެ. އަދި ދައުލަތެއްގެ ޙައިޘިއްޔަތުން ކަން ހިނގާގޮތުގެ ޙަޤީޤަތް ބަލައިގަނެ، އެޙަޤީޤަތުގެ މައްޗަށް ފިޔަވަޅު އަޅާން އެދޭ ކަމަށްވެސް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރ ވިދާޅުވިއެވެ. 
ކުށްކުރާ ކުޑަކުދިންނަށް އަޅާނީ ފިޔަވަޅު ކަމާއި، ދޭނީ އަދަބު ނޫންކަން "100 ޕަސެންޓް ޔަޤީން ކުރުމަށް" ރައްކާތެރިކަމާއި ފާރަވެރިކަމުގެ މިންގަނޑުތައް އެކަށައަޅުއްވާނެ ކަމުގެ ކަށަވަރުކަންވެސް މިނިސްޓަރ އދގެ ކޮމިޓީއަށް ދެއްވިއެވެ. 
ޖިނާއީ ޒިންމާ އުފުލުމުގެ ޢުމުރު 12 އަހަރަށް ދަށްކުރުމަށް ސަރުކާރުން ހުށަހެޅި ޙައްލުގެ މައްޗަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ތޫނު ފާޑުކިޔުންތަކެއް އަމާޒު ކުރިއެވެ. އދގެ ކޮމިޓީއަށް އެކޮމިޝަނުން ހުށަހެޅި ހިޔަނި ރިޕޯޓުގައި ބުނެފައިވަނީ ކުށުގެ މާޙައުލުގައި ޝާމިލުވާ ކުޑަކުދިން ތިބީ "ޙިމާޔަތެއް ނެތި،" ކަމަށާއި، އެކުދިންގެ މައްޗަށް ޖިނާޢީ ދަޢުވާ ނުއުފުލޭ ކަމަށްޓަކައި ގޭންގުތަކުން އެކުދިންގެ ނާޖާއިޒު ފައިދާ ނަގަމުންދާއިރު، އެކުދިންނާ ޖާމިނުވެ، ޒިންމާވާނީ ކޮން މުވައްސަސާއަކުންތޯ މުޅިން ސާފު ނުވާ ކަަމަށެވެ.
ކުށްވެރިންގެ ތެރޭގައި ގުނާ ބައެއް ކުދިންނަކީ ހަޤީޤަތުގައި ޝިކާރައަކަށް ވެފައިވާ، ނާޒުކު ޙާލަތުގައި ތިބި ކުދިންކަމަށް ވުމުގެ ފުރުޞަތު ބޮޑުކަން ފާހަގަކޮށް، އެޗްއާރްސީއެމް ގެ ރިޕޯޓުގައި ބުނަނީ "ނިޒާމީ އަދި އިޖުތިމާޢީ ކަންތައްތަކުގެ ސަބަބުން،" އެކުދިންނަކީވެސް ރުހުމުގައި ކުށްތަކުގައި ބައިވެރިވާ ކުދިންކަމުގެ ދޮގު ތަޞައްވަރު އުފެދޭ ކަމަށާއި، އެކުދިންނަކީ "މައްސަލަ ބޮޑު" ނުވަތަ "ގޯސް" ނުވަތަ "ވިޔާނުދާ" ކުދިން ކަމުގައި ލޭބަލް ކުރެވޭ ކަމަށެވެ. 
އެޗްއާރްސީއެމްގެ ރިޕޯޓުގައި އިތުރަށް ބުނަނީ ގިނަ ފަހަރަށް އެކުދިންނާ މުޤާބިލު ކުރަނީ މުދައްރިސުން ނުވަތަ ދީނީ ނަޞޭޙަތްތެރިންގެ ގޮތުގައި ނުވަތަ ގާތްތިމާގެ މީހުންގެ ގޮތުގައި އިތުބާރު ހުރި މަޤާމެއް ބޭނުންކޮށްގެން ކަމަށެވެ. އެހެންވީމާ ޖަވާބުދާރީ ކުރުވެންވެސް ގިނަ ފަހަރު ނޯންނަ ކަން އެކޮމިޝަނުން ފާހަގަކުރެއެވެ. 
އދގެ ކޮމިޓީގައި ހިނގި މުޢާމަލާތުގައި މައިގަނޑުގޮތެއްގައި އަލިއަޅުވާފައިވަނީ ދިވެހިރާއްޖޭގެ ކުޑަކުދިންގެ ޙައްޤުތަކުގެ ޙާލަތާ އަޅުވާ ކިޔާއިރު، ކުށުގެ މާާޙައުލުގައި ތާށިވީމާ އެކުދިންނާމެދު ޢަމަލުކުރާ ގޮތުގެ މައްޗަށެވެ. ދިވެހި ސަރުކާރުން ބުނަމުން ދިޔައީ ދިވެހިރާއްޖޭގައި ކުށްކުރާ ކުޑަކުދިންނާ މެދު ފިޔަވަޅު އަޅަނީ އެކުދިންގެ މަޞްލަޙަތުތައް ޙިމާޔަތްވާނެ، އިޞްލާޙީ މަގެއްގައި ކަމަށެވެ. ނަމަވެސް އެ ފިޔަވަޅުތަކުގެ ނޭދެވޭ އަސަރު ކުޑަކުދިންނަށް ކުރުން އެކަށީގެންވާ ކަމަށްއދގެ ކޮމިޓީއިން އިންޒާރު ކުރިއެވެ. 
ދަ ކޮމިޓީ އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް އަކީ 18 ތަޖުރިބާކާރުންގެ މައްޗަށް އެކުލަވާފައިވާ އދ ގެ ރަސްމީ ޕެނަލެކެވެ. ކުޑަކުދިންގެ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި ހަމަތައް ޤައުމުތަކުން ނަގަހައްޓާވަރު އެ ކޮމިޓީއިން ޤަވާޢިދުން ވަޒަންކުރަމުން ދެއެވެ. ސަރުކާރަށް ހުށަހަޅާފައިވާ ހުށަހެޅުންތަކާއި، މަދަނީ މުޖުތަމަޢާއި މިނިވަން މުއައްސަސާތަކުން ހުށަހަޅާފައިވާ މަޝްވަރާ އަދި ހިޔަނި ރިޕޯޓްތަކަށް ބިނާކޮށް ކުރިއަށް އޮތް ހަފްތާތަކުގައި އެކޮމިޓީން ރަސްމީ ލަފާތަކެއް ނެރޭނެއެވެ.
އދގެ ކޮމިޓީއަށް ޙާޒިރުކުރުމުގެ ކުރިން ކުޑަކުދިންގެ ރައްކާތެރިކަމާއި، ޖުވެނައިލް ޖަސްޓިސްއާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކާއި، ޞިއްޙީ ފަރުވާއާއި، ތަޢުލީމާއި، ނާޖާއިޒު ފައިދާ ނެގުންފަދަ ދާއިރާތަކުން ފާހަގަވާ  މައްސަލަތަކުގެ ލިސްޓެއް ދިވެހި ސަރުކާރަށް ފޮނުވާފައެވެ. ޖިނާޢީ ޒިންމާގެ ޢުމުރު 12 އަހަރަށް ދަށްކުރުމުގެ ސަބަބާއި، ޕްލޭންކޮށްފައިވާ "ހޯޕް އައިލެންޑް" ރިހެބިލިޓޭޝަން ފެސިލިޓީގެ މަޤްޞަދާއި، ޤައުމެއްގެ ރައްޔިތުކަން ނެތްކަން ހުއްޓުވުމަށް އަޅާ ފިޔަވަޅުތަކާއި، ކުޑަކުދިންގެ ކައިވެނި ހުއްޓުވުމަށް އަޅާ ފިޔަވަޅުތަކާއި، ގޭންގުތަކާއި އަނިޔާވެރި ހަރުކަށި ޖަމާޢަތްތަކުން ކުޑަކުދިން ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކާ ގުޅޭ ސުވާލުތައް މީގައި ހިމެނެއެވެ.
ދިވެހިރާއްޖޭގެ ވަފުދުގެ އިސްވެރިއަކަށް ހުންނެވީ ބަންޑާރަ ނާއިބް އަޙްމަދު އުޝާމެވެ. "ކުޑަކުދިންނަކީ މުސްތަޤްބަލުގެ ވަޢުދު" ގެ ގޮތުގައި ސިފަކުރައްވާ، އޭނާ ވިދާޅުވީ ކޮންމެ ކުއްޖަކު ވެސް "ކަރާމާތާއި ރައްކާތެރިކަމާއެކު، އަޑެއް ލިބިގެންވާ ބަޔަކު ކަމުގައި" ބަލާބޮޑުކުރުމަކީ ޤައުމީ ފެންވަރެއްގައި އިސްކަންދޭ ކަމެއް ކަމަށެވެ.
ޖެނުއަރީ 12 އަދި 13 ވަނަ ދުވަހު ދެ ދުވަހު ކުރިއަށް ގެންދިޔަ މި މުރާޖަޢާ ސެޘަންގައި ސަރުކާރުގެ ބަހާއި އެޗްއާރުސީއެމްގެ ލިޔެކިޔުންތަކާއި މަދަނީ މުޖުތަމަޢުގެ ބައިވެރިންގެ އޮބްޒަވޭޝަންތަކާ ފުށުއެރުން ހުރިކަން ފާހަގަވިއެވެ. ތިރީގައި މިވަނީ މިފަދަ ފުށުއެރުމާއި ޚިޔާލުތަފާތުވުން ފާހަގަވި މުހިންމު ދާއިރާތަކެވެ.

ޖުވެނައިލް ޖަސްޓިސް (ކުޑަކުދިންގެ ޖިނާޢީ ޢަދުލު)

ހިއުމަން ރައިޓްސް ކޮމިޝަން:
"ޖިނާއީ ޒިންމާގެ ޢުމުރު 12 އަހަރަށް ދަށްކުރުމުގެ ބަދަލުގައި، ޖިނާޢީ ޒިންމާ ނަގަން ނުޖެހިޭގޮތަށް، ނުރައްކަލުގައި ތިބި ޒުވާނުން ރިހެބިލިޓޭޓް ކުރުމަށް ނިޒާމުތަކެއް ޤާއިމުކުރުމަކީ ކުރިއަށް ދާންވީ މަގެވެ. އަދި ކުޑަކުދިން ކުށުގެ ޢަމަލުތަކަށް ރެކްރޫޓުކުރާ ގޮތުގެ ފުންމިނާއި، އެ ރެކްރޫޓަރުންނަށް އަދަބު ދިނުމަށް އިސްކަންދޭން ޖެހެއެވެ."
"ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކުރުމާބެހޭ ޤާނޫނާއި ޖުވެނައިލް ޖަސްޓިސް ޤާނޫނުގެ ދަށުން ޖިނާޢީ ޒިންމާ އުފުލުމުގެ ޢުމުރަކީ 15 އެވެ. ނަމަވެސް 2024 ވަނަ އަހަރުގެ އޭޕްރީލް މަހު ޖިނާޢީ ޒިންމާ އުފުލުމުގެ ޢުމުރު 12 އަހަރަށް ދަށްކުރަން ސަރުކާރުން ނިންމާފައިވާކަން އިޢުލާން ކުރުމަކީ އެޗްއާރްސީއެމްގެ ނަޒަރުގައި ބޮޑު ކަންބޮޑުވުމެކެވެ. އަދަބު ދިނުމަކީ ޖުވެނައިލް ޖަސްޓިސްގައި ކުޑަކުދިންނަށް ނޭދެވޭ އަސަރު ފޯރާ ކަމެކެވެ."
"ކަމާބެހޭ އިދާރާތަކަށް މުހިންމު ނަފްސާނީ ރިޕޯޓްތަކާއި، ޖެންޑަރ އެސެސްމަންޓްތަކާއި، ރިސްކް އިވެލުއޭޝަންތައް ހެދުމުގައި ބޮޑެތި ލަސްތަކެއް ކުރިމަތިވަނީ، ޝަރުޠު ހަމަވާ ޕްރޮފެޝަނަލުން ލިބުމުގެ ދަތިކަމުގެ ސަބަބުންނެވެ. ޚާއްޞަކޮށް ރަށްފުށުގައި އެފަދަ ޕްރޮފެޝަނަލުން ނެތްކަމަށް ޓަކައި، ބޭނުންވާ އެސެސްމަންޓުތަކެއް ނުހެދެއެވެ. އަމުދުން ގިނަ ކުޑަކުދިން ޝާމިލުވާ މައްސަލަތަކުގައެވެ. ބޭނުންވާ ހުރިހާ ރިޕޯޓަކާއި ލިޔެކިޔުންތަކެއް ތައްޔާރުކޮށް، ނިމޭންދެން ދަޢުވާތައް ކުރިއަށް ނުގެންދެވި، މަޑުޖެހިފައި އޮވެއެވެ. ނަތީޖާއަކީ ދިގުދެމިގެންވާ ލަސްތަކެއް އައިސް، މުޅި ޝަރުޢީ ނިޒާމު މަޑުޖެހިގެންދާ ކަމެކެވެ."
"ޝަރީޢަތްތަކުގައި ކުޑަކުދިންނަށް އޮޅުން އަރައިދާނެ ފަންނީ ބަސްތަކާއި މަފްހޫމުތައް ހިމެނެއެވެ. ޤާނޫނު ތަންފީޒުކުރާ އޮފިޝަލުންނަށް ކުއްޖާގެ ކިބައިން ބޭނުންވާ މަޢުލޫމާތު އަދި އެމަޢުލޫމާތުން އިންޞާފަށް ވާޞިލުވާން އެހީވަނީ ކިހިނެއްތޯ ދެނެނުގަނެވޭ ޙާލަތްތަކުގައި، އެކުއްޖާ ދޭ މަޢުލޫމާތަކުން ނުކުމެދާނެ ނަތީޖާއެއް އެކުއްޖާއަށް ފަހުމުކޮށްދެވިފައެއް ނުހުރެއެވެ. ވީމާ ފަހުން އެ މަޢުލޫމާތު ހެކީގެ ގޮތުގައި ހުށަހަޅަން އުނދަގޫވެއެވެ. ކުޑަކުދިންނާ އެކު މަސައްކަތްކުރާ ހުރިހާ ދިފާޢީ ވަކީލުންނަށް ޚާއްޞަ ތަމްރީނުތަކެއް ލިބިފައި ހުންނާތީ، ޖުވެނައިލް ޖަސްޓިސް ސިސްޓަމްސް އަށް އަހުލުވެރިވެ، ޖުވެނައިލް ޖަސްޓިސް ސިސްޓަމްގައި ކުޑަކުދިންގެ ބައިވެރިވުން މާނަހުރިގޮތެއްގައި ހޯދާން ގޮންޖެހުމަކަށް ވެއެވެ."
"އައްސޭރީ ޖަލުގެ ޖުވެނައިލް ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައިވާ ކުށުގެ މާޙައުލުގައި ޝާމިލުވާ ކުޑަކުދިން، ރަސްމީގޮތެއްގައި ޖަލުގެ ޢާންމު އާބާދީއާ އެކަހެރިކޮށްފައި ވީނަމަވެސް، އަދިވެސް ބޮޑެތި ކުށްތައް ކޮށްފައިވާ ޤައިދީންނާ މުޢާމަލާތު ކުރެވެއެވެ. ސަބަބަކީ ދެބައިމީހުންގެ ގޮޅިތައް ކައިރިވުމާއި، އެކުގައި ޙިއްސާކުރާ ސަރަޙައްދުތައް ހުރުމެވެ. ޝަރީޢަތް ނިމޭންދެން ބަންދުކޮށްފައި ތިބޭ ކުޑަކުދިންނާމެދު ޢަމަލުކުރަންޖެހޭ ވަކިގޮތެއް ޖުވެނައިލް ޖަސްޓިސް ޤާނޫނަކު ނެތެވެ. ނަތީޖާއަކީ ކުށް ޘާބިތުވެފައިވާ ފަރާތްތަކާއެކު، ޝަރީޢަތް ނިމޭންދެން ބަންދުކޮށްފައި ބޭތިއްބުމެވެ."
"ސަރުކާރުން ލިޔުމުން ދިން ޖަވާބުތަކުގައިވާ ގޮތުން ޖުވެނައިލް ޖަސްޓިސް ޤާނޫނަށް ޢަމަލުކުރަން ފެށިފަހުން އަދަބުގެ ބަދަލުގައި ރީހެބިލިޓޭޝަނަށް ރިފާރ ކޮށްފައިވަނީ އެންމެ ނުވަ މައްސަލައެކެވެ. އޭގެ ތެރޭގައި ފުލުހުން ރިފާރކުރި ފަސް މައްސަލައާއި ޕީޖީ އިން ކުރި ހަތަރު މައްސަލައެއް ހިމެނެއެވެ. ފުރިހަމައަށް ރީހެބިލިޓޭޝަން ނިމިފައިވަނީ އެންމެ ދެ ކޭހުގެއެވެ."
ކުޑަކުދިންނަށް ޚާއްޞަކޮށްފައިވާ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުތައް ނެތްކަން ވެސް އެޗްއާރުސީއެމް އިން ފާހަގަކޮށް، ކުޑަކުދިން ޢަދުލުގެ ނިޒާމުގެ ތެރެއަށް ޅަޢުމުރުގައި ގެނައިމާ، ދެން ފަރުވާ ލިބޭނީ ކޮން މަރުޙަލާއެއްގައިތޯ ސުވާލު އުފައްދާފައި ވެއެވެ.
15 އަހަރުން ދަށުގެ ކުދިން ވެސް ވަނީ އެހެން ރާސްތާއަކުން ގެނެސް ޖިނާޢީ ޢަދުލުގެ ނިޒާމުގެ ތެރެއަށް ވައްދާފައެވެ. 15 އަހަރުން ދަށުގެ ކުޑަކުދިން ކޯޓަށް ހާޒިރުވުމުން އިސްތިސްނާ ކުރުމަށް އެޗްއާރުސީއެމް އިން ލަފާދިން ނަމަވެސް، ހަނގުރާމަވެރި ޤައުމުތަކުން ގެނައި ކުޑަކުދިން ވަނީ އެންޓި ޓެރަރިޒަމް ޤާނޫނުގެ ދަށުން ފުރަތަމަ އަޑުއެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ.
ސަރުކާރުގެ ދިފާޢު:
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން:
"ރިސްކުގައި ތިބި ކުދިންނަކީ ކޮބައިތޯ ކަނޑައެޅުމުގެ ސުވާލުގައި، އަޅުގަނޑުމެން ބަލަނީ 18 އަހަރުން ދަށުގެ، ކުށެއް ކުރުމުގެ ފުރުޞަތު ބޮޑު ނުވަތަ ޢާއިލީގޮތުންބާއި، ޒާތީ ގޮތުންނާއި، އިޖުތިމާޢީގޮތުންނާއި، ޖަމާޢީގޮތުންވެސް އެކި ބާވަތުގެ އަނިޔާ ނުވަތަ ހުރަސްތަކާ ކުރިމަތިވާ ކުދިންނެވެ. މިކުދިންނާ ގިނަ ފަހަރު ކަމާބެހޭ ފަރާތްތަކުން ކުށުގެ މާޙައުލުގައި ނުވަތަ ކުށް ކުރި ތަނުން ދިމާވެއެވެ. ނަމަވެސް އެކުށް ކުރިކަމުގެ ތުހުމަތު އުފުލޭ ފަރާތެއްގެ ގޮތުގައި ފިޔަވަޅު އެޅުމަށް އެކަށޭނަ ހެކި ހޯދުން ދަތިވެއެވެ. މިކަންކަމަށް ކުޑަކުދިންގެ ޙައްޤުތައް ޙިމާޔާތްކުރުމާބެހޭ ޤާނޫނާއި ޖުވެނައިލް ޖަސްޓިސް ޤާނޫނަށް ގެންނަ އިޞްލާޙުތައް މެދުވެރިކޮށް އެޑްރެސް ކުރެވޭނެއެވެ."
"މިވަގުތު ޖިނާޢީ ޒިންމާ އުފުލުމުގެ އެންމެ ކުޑަ ޢުމުރަކީ 15 އަހަރު ނަމަވެސް، އަޅުގަނޑުމެންގެ ނިޒާމުން 18 އަހަރުން ދަށުގެ ކުދިންނަށް އަދަބު ދިނުމުގެ އެއްވެސް ފިޔަވަޅެއް ނޭޅޭކަން ކަށަވަރުކުރުމަށް ހުރިހާވެސް މަސައްކަތެއް ކުރެއެވެ. ތަޙްޤީޤުން ފެށިގެން ދަޢުވާ ކުރުމާއި ޙުކުމް އިއްވުމާ ހަމައަށް، ޖަލަށް ލުމުގެ ބަދަލުގައޮ ޙިމާޔަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި، ނަފްސާނީ، އިޖުތިމާޢީ އެހީދިނުމާއި، ފިޔަވަޅު އެޅުމާއި، ޕްރޮގްރާމްތަކާއި ރިހެބިލިޓޭޓިވް އުކުޅުތައް ބޭނުންކުރުމަށް އިސްކަންދީގެން މަސައްކަތްތަކެއް ކުރެވެއެވެ."
"އަޅުގަނޑުމެން ޖިނާޢީ ޒިންމާގެ އެންމެ ކުޑަ ޢުމުރު އޮތްގޮތުން، ކުށްކުރުމުގެ ނުރައްކާ އޮތް ނުވަތަ މިހާރުވެސް ކުށްކުރާ 12 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނަށް އެޅޭނެ ފިޔަވަޅުތައް މަދެވެ. އެހެންކަމުން ޖިނާޢީ ޒިންމާގެ އެންމެ ކުޑަ ޢުމުރު 12 އަހަރަށް ބަދަލުުކުުމަށް ސަރުކާރުން ނިންމާފައިވެއެވެ. ނަމަވެސް އެއީ އެއްވެސް ޙާލަތެއްގައި 12 އަހަރާއި 15 އަހަރާ ދެމެދުގެ ކުޑަކުއްޖަކަށް އަދަބުދީ ފިޔަވަޅެއް އަޅާކަށް ނޫނެވެ."
"އަޅުގަނޑުމެން ޤަބޫލުކުރާ ގޮތުގައި ޖިނާޢީ ޒިންމާ އުފުލުމަށް އެންމެ ކުޑަ ޢުމުރެއް ކަނޑައެޅުމުގެ މުހިންމު އެއް މަޤްޞަދަކީ ކުޑަކުދިން ޝާމިލުވާ މައްސަލަތަކުގައި އިންޏާފު ހޯދުމުގެ އާލާތެއްގެ ގޮތުގައި އަދަބު ދިނުމުން ދުރުހެލިވުމާއި، ކުޑަކުއްޖަކު ޝާމިލްވާ ޙާލަތުގައި އިންސާފު  ކުރެވޭ މަސައްކަތަކީ ރިސްޓޯރޭޓިވް އެޕްރޯޗް އިން ކުރެވޭ މަސައްކަތަކަށް ހެދުމެވެ."
"އަޅުގަނޑުމެންނަށް އަސްލު ސަބަބުތައް ޙައްލުކޮށް، ކުދިން ކުށަށް ހުށަހެޅުން ހުއްޓުވޭން ފެށުމުން، ހެކިތަކަށް ބިނާކޮށް، ޖިނާޢީ ޒިންމާ އުފުލުމުގެ ޢުމުރު އަލުން މަތިކުރުމަށް ވިސްނުން ބެހެއްޓޭނެ ކަމަށެވެ. އޭ ލެވަލާ ހަމައަށް ކިޔެވުން ކުރިއަށް ގެންދިއުމާއި، މަސްތުވާތަކެއްޗާއި ބޯހިޔާވަހިކަމުގެ ދަތިތައް ޙައްލުކުރުންފަދަ މިސަރުކާރުން އިސްކަމެއްދީގެން އިޖުތިމާޢީ ރޮނގުން ގެންނާން މަސައްކަތްކުރަމުންދާ އިޞްލާޙުތަކުގެ އަލީގައި، 15 އަހަރަށްވުރެ މައްޗަށްވެސް ޢުމުރު ޖެއްސުމުގެ ފުރުޞަތު އެބަ އޮތެވެ."
"ދިވެހިރާއެްޖޭގައި އަޅުގަނޑުމެން ޙައްލުކުރާން މަސައްކަތްކުރާ ޙަޤީޤީ މައްސަލައަކީ ހަމައެކަނި ޢުމުރުން 15 އަހަރު ނުވާ ކުޑަކުދިން ކުށްކުރުމަށް ހުށަހެޅޭ މައްސަލައެއް ނޫނެވެ. 12 އަހަރާއި 14 އަހަރާ ދެމެދުގެ ކުދިންނަށް ވެސް މިހާރު އަނިޔާވެރި ޖަރީމާތަކުގައި ބައިވެރިވާ މައްސަލައެވެ."
"ކުޑަކުދިންނަށް ޖަލުތަކަށް ބަލާއިރު، މިވަގުތު އަޅުގަނޑުމެންނަށް މިއޮތް ޖަލު ފެސިލިޓީގައި ޢާންމު ސަރަޙައްދުތަކެއް އެބަހުއްޓެވެ. ނަމަވެސް އިން ވަކިކުރެވިފައި ވެއެވެ. ހުންނަނީ މުޅިން ވަކިންނެވެ. ތިބެނީ ވަކި ސެކުއިރިޓީ އިންނެވެ. ތަންހުރިގޮތުން ދެބައި މީހުން (ކުޑަކުދިންނާއި ބޮޑެތި މީހުން) މުޢާމަލާތު ކުރުން ދަތިވާނެއެވެ. އެއީ ބޮޑެތި މީހުން ފެންނަ ފަށަށް ނުވަތަ އިވޭ ފަށަށް އައުންވެސް ހިމެނޭހެންނެވެ. އަދި އުފަލާއެކު މިވަގުތު ދަންނަވާން ޖެހެނީ، ކުޑަކުއްޖަކު ޖަލުގައި ނެތް ކަމެވެ. 15 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންގެ ކަންކަން ވޭތިވެދިޔަ ހަތަރުފަސް އަހަރުގައި ޖިނާޢީ ޢަދުލުގެ ނިޒާމުން ބެލި ނަމަވެސް، ޖަލުގައި އެއިން ކުއްޖަކު ނެތްކަމީ، ޖަލު އަދަބު ނޫން އެހެން އުކުޅުތައް ބޭނުންކުރަމުންދާކަމުގެ ދަލީލެކެވެ. ކުށްތަކަށް އަރައިގަންނަ ކުދިންނާއި، ގޭންގުތަކުން ނާޖާއިޒު ފައިދާ ނަގަމުންދާ ކުދިންނާމެދު ކުރިއަށް އޮތް ތަނުގައިވެސް ޢަމަލުކުރާނީ މިހަމައިންނެވެ."
"ގޭންގް ކުށްތަކާއި އެހެނިހެން އަނިޔާވެރި ޖަރީމާތައް މަނާކުރުމާ ބެހޭ އާ ޤާނޫނު 2025 ވަނަ އަހަރު ފާސްކޮށްފައިވާއިރު، ގޭންގްތަކުން ކުޑަކުދިން ނަހަމަ ގޮތުގައި ބޭނުންކުރުމުން 10 މިލިއަން (648،500 އެމެރިކާ ޑޮލަރު) ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރުމުގެ އިތުރުން 25 އަހަރަށް ޖަލަށްލުން ފަދަ ހަރުކަށި އަދަބުތަކެއް ކަނޑައަޅާފައިވެއެވެ. [...] މޯލްޑިވްސް ޕޮލިސް ސާވިސްގައި ގޭންގް ކުށްތަކަށް ޚާއްޞަ ޔުނިޓެއް ޤާއިމުކޮށް، ށް 24 ގަޑިއިރު މަސައްކަތް ކުރަމުންދެއެވެ. މި ޔުނިޓްތަކުން ހީވާގިކަމާއެކު ކުޑަކުދިން ގޭންގުތަކަށް ހުށަހެޅުން ހުއްޓުވުމަށް މަސައްކަތް ކުރެތެވެ. . އަދި އާ ޤާނޫނާއެކު ޤާނޫނީ ގޮތުން ގޭންގެއް ކަމުގައި އެކަށައެޅޭ ހަމަތައް ކަނޑައެޅުމާއި، ގޭންގްތަކަށް ފައިސާ ދިނުމާއި، ގޭންގްތައް ހިންގުމާއި، ގޭންގްތަކުގެ މެމްބަރުންގެ ގޮތުގައި އުޅޭ މީހުންނާ މެދު ޤާނޫނުން ހަރުކަށި ފިޔަވަޅު އަޅަމުންދާކަން ޔަޤީންކުރަމުއެވެ. 

ހޯޕް އައިލެންޑް

އަދި ގޭންގުތަކުން ރެކްރޫޓް ކުރާ ކުދިންނާ މުޢާމަލާތް ކުރުމަށް ވަކި ފިޔަވަޅުތަކެއް ސަރުކާރުން ވާނީ އަޅާފައެވެ. އެއީ ރިހެބިލިޓޭޝަން އަށް ޚާއްޞަ ރަށެއް ކަނޑައަޅާ، އެކުދިން އެރަށަށް ބަދަލު ކުރުމެވެ. 
"ހޯޕް އައިލެންޑް" ކޮންސެޕްޓުގައި ގޭންގުގެ ޝިކާރައަކަށް ވެފައިވާ، ނާޒުކު ޙާލަތްތަކުގެ ތިބި ކުދިން ތަޢުލީމު، ކުޅިވަރު އަދި އެހެނިހެން ހުނަރުގެ ރޮނގުތަކުން ބިނާކުރުމަށް ރާވާ ހިންގާ ޕްރޮގްރާންތަކުގައި ބައިވެރިކޮށް، "ކޮންޓްރޯލްޑް މާޙައުލެއްގައި" ތަރުތިިއްޔަތު ކުރެވޭނެއެވެ.
ކޮމިޓީއަށް ސަރުކާރުން ލިޔުމުން ދިން ޖަވާބުގައި ބުނަނީ "ޢުމުރުން 11 އަހަރުގެ ކުދިން" ގޭންގުތަކަށް ވައްދައިގެން "ކުޑަކުދިންނަށް ލިބޭ ޤާނޫނީ ރައްކާތެރިކަން ނަހަމަ ގޮތުގައި، ބޮޑެތި އަދި އަނިޔާވެރި ޖަރީމާތައް ހިންގުމަށް ބޭނުންކޮށްފައިވާ" ކަމަށެވެ. މި ޙަޤީޤަތް ޗިލްޑްރަންސް އޮމްބަޑްސްޕާސަން ވެސް ބަލައިގަނެފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.
"އިޖުތިމާޢީ ފުޅާ މައްސަލަތަކުގެ ސަބަބުން، މި ކުދިން ކުށުގެ ޖަމާޢަތްތަކުގެ އަތްދަށުން ދުރަށް ގެންދާން ސަރުކާރަށް ކުރާންޖެހިފައިވަނީ އުނދަގޫ، ބުރަ މަސައްކަތް ތަކެއް" ކަމަށް ސަރުކާރުން ފޮނުވި ޖަވާބުގައި ވެއެވެ. 
ސަރުކާރުން ބުނީ ހޯޕް އައިލެންޑް ފެސިލިޓީއަށް ގެންދާ ކުދިންނަށް ޢާއިލާތަކާއި ބޭރު ދުނިޔެއާ ގުޅޭނެ ކަމަށާއި، އެކުދިންނާމެދު ގޯސްކޮށް ދުށުން ހުއްޓުވާން ރައްކާތެރިކަމުގެ ފިޔަވަޅު އަޅާނެ ކަމަށެވެ.

މަރުގެ އަދަބު

އެޑްވޮކޭޓްސް ފޯ ހިއުމަން ރައިޓްސް، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް އަދި ދަ ވޯލްޑް ކޯލިޝަން އަގޭންސްޓް ދަ ޑެތު ޕެނަލްޓީ އިން ބުނާ ގޮތުގައި "ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތް ކުރުމުގެ ޤާނޫނާއި ޖުވެނައިލް ޖަސްޓިސް ޤާނޫނުގައި މަނާ ނަމަވެސް ދިވެހިރާއްޖޭގެ ކޯޓުތަކުން 18 އަހަރުން ދަށުގެ ކުށްތަކުގައި މަރުގެ ޙުކުމް އިއްވާ" ކަމަށެވެ.
"ޤަސްދުގައި މީހަކު މެރުމުގެ ކުށުގައި ދިވެހިރާއްޖޭގެ ކޯޓުތަކުން މީހުން މަރުގެ ހުކުމް އިއްވާ" ކަމަށާއި، "އެންމެ އާދައިގެ މަތިން އެކުށަށް ދޭ ޢާންމު އަދަބަކީ ޢުމުރު ދުވަހަށް ޖަލަށްލުން ކަމަށެވެ. އެކަމަކު އިސްލާމީ ޝަރީޢަތުގައި ޤިޞާޞްގެ ދަށުން މަރުގެ ދިޔަ ބޭނުންކަމަށް ވާރިޘުން ނިންމާ ޙާލަތުގައިވެސް މަރުގެ ޙުކުމް އިއްވަ"ކަމަށާއި " 23 މީހުން މިހާރުވެސް މަރުގެ ޙުކުމްގައި އެބަތިބި" ކަމަށާއި "އެމީހުންގެ މައްޗަށް މަރުގެ ޙުކުމް އިއްވީ ޢުމުރުން 18 އަހަރު ފުރުމުގެ ފަހުން ކުށް ކުށްތަކަށްކަން ސާފުނުވާ" ކަމަށް އެ ޖަމްޢިއްޔާ/ޖަމާޢަތްތަކުން ބުނެއެވެ. 
"ކޮމިޓީން އެދުނީ، އެހެނިހެން ކަންކަމުގެ ތެރޭގައި، 'ބަންދުގައި ހުކުމް ތަންފީޒު ކުރަމުން އަންނަ ކުދިންނާ ބެހޭ ތަފާސްހިސާބުތަކުގެ ތަފްޞީލީ ޑޭޓާ، ހުކުމުގެ ދިގުމިން ހިމެނޭޖެްން ފޯރުކޯށްދިނުމަށެވެ. ދިވެހިރާއްޖޭގެ ޖަވާބުގައި ލިސްޓްކޮށްފައިވަނީ ބަންދުގައި ޙުކުމް ތަންފީޒު ކުރަމުންދާ އެންމެ ދެ ކުދިންނެވެ. އެއީ މަރުގެ ޙުކުމްގައި 17 އަހަރަށްވުރެ ގިނަ ދުވަހުގެ ޖަލު ޙުކުމެއް އިއްވާފައިވާ 17 އަހަރުގެ ކުއްޖަކާއި، ތޫނު އެއްޗަކުން މާރާމާރީ ހިންގުމުގައި ބައިވެރިވެގެން 4 އަހަރަށް ޖަލަށް ޙުކުމްކޮށްފައިވާ 15 އަހަރުގެ ކުއްޖެކެވެ. 18 އަހަރު ނުފުރެނީސް ކުރި ކުށެއްގެ ސަބަބުން ޖަލު ޙުކުމް ތަންފީޒުކުރަމުންދަނީ ކިތައް 18 އަހަރުން މަތީގެ މީހުންނެއް ކަމެއް ދިވެހިރާއްޖެއަކުން ހާމައެއް ނުކުރެއެވެ."
ކުށެއް ކުރި ކަމަށް ތުހުމަތު ކުރެވޭ ކުޑަކުއްޖަކުގެ ވަނަވަރު ހާމަކުރުން ޤާނޫނީ ގޮތުން މަނާކޮށްފައިވާތީ، މަދަނީ ޖަމްޢިއްޔާތަކަށާއި މީޑިއާތަކަށް "ޢުމުރުން 18 އަހަރުން ދަށުގެ ކުށްތަކުގައި މީހުން މަރުގެ ޙުކުމް އިއްވުން މަނާކުރުމާ ޚިލާފުވާތޯ" ބެލޭކަށް ނެތްކަން މަދަނީ ޖަމްޢިއްޔާ/ޖަމާޢަތްތަކުން ފާހަގަކުރެއެވެ.
މަދަނީ ޖަމްޢިއްޔާ/ޖަމާޢަތްތަކުން ފާހަގަކޮށްފައި ވަނީ ޖުލައި 2024 ގައި ސުޕްރީމް ކޯޓުގައި ނިމުނު މައްސަލައެއްގައި ކުޑަކުއްޖެއްގެ ގޮތުގައި ހުރެ މީހަކު މަރާލި މައްސަލައިގައި މަރުގެ ޙުކުމް އިއްވާފައިވާ މީހަކު ހިމެނޭ ކަމަށެވެ. މައްސަލަ ސުޕްރީމް ކޯޓަށް ދިޔައިރު ޕީޖީ އިން ބުނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާ ބެހޭ ޤާނޫނާއި ޖުވެނައިލް ޖަސްޓިސް ޤާނޫނުގެ ދަށުން "ހުރިހާ ޙާލަތެއްގައި" މަރުގެ އަދަބު ކުޑަކުދިންނަށް ދިނުން ހުއްޓުވާ ކަމަށެވެ. އެކަމަކު ކޯޓުން އެ މާއްދާތަކަށް ޢަމަލު ނުކޮށް، އޭގެ ބަދަލުގައި އަލުން ޝަރީޢަތް ހިންގަން ޢަމުރުކުރީ އެހެން ސަބަބުތަކަށް ރިޢާޔަތް ކޮށެވެ. "ޤާނޫނީ އޮބްޒާވަރުންނަށް ޝައްކު ކުރެވެނީ ސުޕްރީމް ކޯޓުން ޤާނޫނުތައް މާނަކޮށްފައި ވަނީ ކުޑަކުދިން ކަމުގައި ހިމެނޭ ކުށްވެރިންނަށް މަރުގެ ޙުކުމް އިއްވިޔަސް، ތަންފީޒުކުރުން މަނަލީކަމަށް ބަލައިގެން" ކަމަށް މަދަނީ ޖަމްޢިއްޔާ/ޖަމާޢަތްތަކުގެ ހުށަހެޅުމުގައި ވެއެވެ. 
އަދި ކުޑަކުދިންކަމުގައި ހިމެނޭ ކުށްވެރިންނަށް މަރުގެ އަދަބު ދިނުން 18 އަހަރު ފުރޭންދެން ފަސްކުރުމުގެ ހުއްދަ 2014 ވަނަ އަހަރު އެކުލަވާލި ޤަވާއިދަކުން ލިބިދޭކަމަށްވެސް މަދަނީ ޖަމްޢިއްޔާ/ޖަމާޢަތްތަކުން ފާހަގަކުރެއެވެ. 
ސަރުކާރުގެ ދިފާޢީ ދާއިރާ:
މިނިސްޓަރު އިހުސާން:
"އަޅުގަނޑު އަލިއަޅުވާލަން ބޭނުންވަނީ މިއަދުގެ ނިޔަލަށް ޖަލު ނިޒާމުގައި ކުޑަކުއްޖަކު ނެތް، އަދި ކުޑައިރު ކުށްކުރި ކަމަށް ބުނެ ޖަލުގައި ތިބީ އެންމެ ފަސް ބޮޑެތި މީހުން، އަދި އެ އެންމެން ވެސް ތިބީ ޤަތުލުކުރުން ފަދަ ބޮޑެތި ޖިނާޢީ ކުށްތަކާ ގުޅޭ މައްސަލަތަކުގައި."
މިހާރު މަރުގެ ހުކުމް އިއްވާފައިވާ 23 މީހުންގެ ތެރެއިން އެއްވެސް މީހަކީ އެ ކުށް ކުރި އިރު ކުޑަކުއްޖެއްތޯ ނުވަތަ ނޫންތޯވެސް ސަރުކާރުން ސީދާ ނުބުންޏެވެ.

ޖިސްމާނީ އަދަބު 

ހިއުމަން ރައިޓްސް ކޮމިޝަން:
"އިންސާނީ ޙައްޤުތަކަށް ޢާންމުންގެ ހޭލުންތެރިކަން ހުރިނެތް މިންވަރު ވަޒަންކުރުމަށް 2024 ވަނަ އަހަރު އެޗްއާރުސީއެމް އިން ކުރި ރައިޓް ސައިޑް އޮފް ލައިފް ސާވޭއިން ކުޑަކުދިންނަށް ޖިސްމާނީ އަދަބު ދޭ އެކި ސަބަބުތައް ހާމަވެފައި ވެއެވެ. ޖިސްމާނީ އަދަބު ދިނުމާމެދު ޤާނޫނީ ގޮތުން ހުރި މަނާކުރުންތަކާއި، އެކަމާ ގުޅޭގޮތުން ޢާންމުވެފައިވާ ޘަޤާފީ އަދި އިޖުތިމާޢީ ވިސްނުންތަކާ ގުޅުން ކެނޑިފައިވާ މިންވަރު މިސާވޭއިން ހާމަވިއެވެ."
ސަރުކާރުގެ ދިފާޢީ ދާއިރާ:
ބަންޑާރަ ނާއިބް އޮފީހުގެ ސީނިއާރ ސްޓޭޓް ކައުންސެލް ފައިނާ ފައްޔާޒު:
"2013 ވަނަ އަހަރު ފާސްކުރި އެންޓި ޓޯޗާރ ޤާނޫނު ވަރަށް ސާފު. އަނިޔާއިން މިނިވަންވެގެން ވުމީ މުތުލަޤު ޙައްޤެއް. އަދި އަނިޔާގެ ކުށަކީ ވަކި ޖިނާޢީ ކުށެއް. އެއީ ޖިސްމާނީ ނުވަތަ ނަފްސާނީ ގޮތުން ވިޔަސް ވޭން ނުވަތަ ތަކުލީފު ދޭން ހިންގާ ޢަމަލުތައް. އެހެންކަމުން ޢާއިލާ، ގޭތެރެ ފަދަ މާޙައުލުތަކުގައި އަނިޔާކުރުން މަނާވާނެ. އަނިޔާގެ އެއްވެސް ރިޕޯޓެއް ހުށަހަޅާނަމަ އަނިޔާގެ މައްސަލަތައް ތަޙްޤީޤުކުރާ މުއައްސަސާ ކަމަށްވާ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް ހުށަހެޅޭނެ. ތަޙްޤީޤަށް ފަހު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ދަޢުވާ ކުރުމަށް ޕްރޮސިކިއުޓާރ ޖެނެރަލްގެ އޮފީހަށް ފޮނުވިދާނެ."
"ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކުރުމުގެ ޤާނޫނުގެ 30 ވަނަ މާއްދާގައި ސާފުކޮށް ބުނެފައިވަނީ ކުއްޖާގެ ގޭގައި ނުވަތަ ކުއްޖާގެ ތަޢުލީމީ މަރުކަޒުގައި، ނުވަތަ ކުއްޖާ ދިރިއުޅޭ މުއައްސަސާގައި ނުވަތަ ކުއްޖާ ދިރިއުޅޭ އެހެން މާޙައުލެއްގައި، އެއްވެސް ކުއްޖަކަށް ރަޙުމު ކުޑަ، ލާއިންސާނީ ނުވަތަ ނިކަމެތި ގޮތަކަށް އަދަބު ނުވަތަ ގެއްލުމެއް ނުދެވޭނެ ކަމަށް. ޖިނާޢީ މުއައްސަސާތަކުގައި ޖިސްމާނީ އަދަބު ދިނުމަކީ ވެސް ޤާނޫނު ދަންނަ ކަމެއް ނޫން. އެފަދަ ޢަމަލެއް ހިިންގައިފިނަމަ އެކަށީގެންވާ އަދަބު ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ ތެރެއިން ދޭނެ."

ކުއްޖާގެ މަޞްލަޙަތު އެންމެ ފުރިހަމަގޮތުގައި ޙިމާޔަތްކުރުން

ހިއުމަން ރައިޓްސް ކޮމިޝަން:
"ޝަރުޢީ މަރުޙަލާތަކުގައި ކުޑަކުދިންނަށް މާނަހުރި ގޮތެއްގައި ބައިވެރިވެވޭނެ މަގުފަހި ކުރުމަށް ކޯޓުތަކަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެއެވެ. ކޯޓު މާޙައުލު އޭގެ ޒާތުގައި ބިރުވެރިވުމާއި، ކުޑަކުދިންނާ ރައްޓެހި ކޯޓު ރޫމްތައް ނެތުމަކީ ކުއްޖާގެ ވިސްނުމާއި އިސްކަންދޭ ކަންކަން ފުރިހަމައަށް ހާމަކުރުމުގެ ޤާބިލުކަމަށް އުނިކަން ލިއްބައިދޭ ކަމެކެވެ. މީގެ އިތުރުން ގިނަ ފަހަރަށް ކުޑަކުދިންނަށް ކޯޓުގެ ބަޔާންތައް ނުވަތަ ނިންމުންތައް ވިސްނައިގަތުމަށް އުނދަގޫވާއިރު، އެއީ ބަހަވީގޮތުން ވިޔަސް އެކުދިންގެ ސިކުނޑި ތަރައްޤީވެފައިވާ މިންވަރާ ނުބައްދަލު ގޮތެއްގައި ކުރެވޭ މުޢާމަލާތަކަށް ވުން އެކަށީގެންވެއެވެ."
ސަރުކާރުގެ ދިފާޢީ ދާއިރާ:
ސީނިއާރ ސްޓޭޓް ކައުންސެލް ފައިނާ ފައްޔާޒު:
"ޖުވެނައިލް ޖަސްޓިސް ޤާނޫނުގެ ދަށުން، ޝަރީޢަތުގެ ހުރިހާ މަރުޙަލާއެއްގައި، ކުއްޖާގެ ޚިޔާލާއި ޢުމުރާއި މެޗުއަރިޓީއަށް ބަލާފައި އެކަށީގެންވާ ބަރުދަނެއް ދީގެން ކަށަވަރު ކޮށްދީފައި ވެއެވެ. ޢަމަލީގޮތުން ކުޑަކުދިންނާ ރައްޓެހި ގޮތެއްގައި ތަޙުޤީޤުގެ އިތުރުން ޕީޖީގެ އިޖުރާޢަތުތަކާ ބެހޭގޮތުން މަޢުލޫމާތު ކޮންމެ މަރުޙަލާއެއްގައިވެސް ދެވެއެވެ. އެކުދިންގެ ޚިޔާލު ފައުޅުކުރާން ފުރުޞަތު ދީ، ޤާނޫނީ ތަމްޘީލުކުރުމުގެ ފަރާތުން އެހީ ލިބެއެވެ. ހުރިހާ ޝަރީޢަތުގެ މަޖިލީހެއްގައިވެސް ކުޑަކުދިންނަށް ޤާނޫނީ ތަމްޘީލުކުރުން ލިބެއެވެ. އެކުދިންގެ ވިސްނުމަށާއި ޢުމުރުގެ އިތުރުން މެޗުއަރިޓީއަށް ރިޢާޔަތްކޮށް، ނިންމުންތަކުގައި އިސްކަންދެނީ ކުއްޖާގެ އެންމެ މަތިވެރި މަޞްލަޙަތު ޙިމާޔަތް ކުރުމަށެވެ."

މައިންބަފައިންނާ ވަކިވުން

ހިއުމަން ރައިޓްސް ކޮމިޝަން:
"ސީއާރުޕީއޭ އިން ލާޒިމް ކުރަނީ އެކި ސަބަބުތަކާހުރެ ބަޔޮލޮޖިކަލް ޢާއިލާއާ އެކު ނުތިބެވޭ ކުދިންނަށް ޢާއިލީ ފަރުވާ ދިނުމުގެ ނިޒާމެއް ޤާއިމުކުރުމަށެވެ. ނަމަވެސް 2020 އާއި 2024 އާ ދެމެދު ފޮސްޓާރ ކެއާރގައި ބައިތިއްބާ ކުދިންގެ ޢަދަދު މަދުވިއެވެ. ފޮސްޓާރ ކެއާރއަށް ލާ ގިނަ ކުދިންނަކީ ތުއްތު ކުދިންނެވެ. ފޮސްޓާރ ޢާއިލާއެއް ހޯދާން ހުރި ދަތިތަކަށް މިކަމުން ރިވެލިކުރެއެވެ. ނުކުޅެދުންތެރިކަން ހުންނަ ކުދިން ފޮސްޓާރ ކުރަން އެޕްލިކޭޝަނެއް ލިބިފައި ނުވާތީ، އިންކްލޫސިވް އަދި ތަފާތުކުރުން ނެތް ފޮސްޓަރ ކެއާރގެ އިޚްތިޔާރުތައް ނެތްކަން ހާމަވެއެވެ."
"ޢާއިލީ ބެލެހެއްޓުމާއި އެއްބައިވަންތަކަމަށް ޤާނޫނީ ގޮތުން ބާރުއެޅި ނަމަވެސް، ގިނަ ޢަދަދެއްގެ ކުދިން ދައުލަތުގެ ބެލުމުގެ ދަށުގައި ދިގު މުއްދަތަކަށް ދެމިތިބެއެވެ. ގިނަ ކުދިން ފަސް އަހަރަށް ވުރެ ގިނަ އަދި ބައެއް ޙާލަތްތަކުގައި ދިހަ އަހަރަށް ވުރެ ގިނަ ދުވަހު ދައުލަތުގެ ބެލުމުގެ ދަށުގައި ހޭދަކޮށްފައި ވަނީ ދުވަހަކުވެސް ޢާއިލާއާ ގުޅިފައި ނުވަތަ ޢާއިލީ މާޙައުލެއްގައި ނުބެހެއްޓިއެވެ. އިންސްޓިޓިއުޝަނަލް ކެއާރއަށް ދައުލަތުން ބަރޯސާވުން ދެމިއޮތް މިންވަރު މިކަމުން ދޭހަވެއެވެ. 
"ނުރަސްމީ އިންތިޒާމުތަކުގައި ބެލެހެއްޓުންތެރިންނަށް ލިބިދެވޭ ޙައްޤުތަކެއް ނެތެވެ. އަދި ބަޔޮލޮޖިކަލް ބެލެނިވެރިން އިޖުރާޢަތުތަކެއް ނެތި، ކުއްޖާގެ ބެލެނިވެރިކަން އަލުން ހޯދެއެވެ. އެކަމުން އެކުދިންނަށް ކުއްލި ބުރޫއެރުމެއްގެ ނުރައްކާ ތަޙައްމަލުކުރާން ޖެހެއެވެ. މީގެ އިތުރުން ނުރަސްމީ އަދި އަމިއްލަ ފޮސްޓަރިންގ އިންތިޒާމުތައް ހިންގާނީ ފާރަވެރިވެރިވާނެ ވަކި ރަސްމީ ފަރާތެއް ނެތިއެވެ.  ކުޑަކުދިންނަށް އިހުމާލުވުމާއި، އަނިޔާކުރުމާއި، ނުވަތަ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ފުރުޞަތު ބޮޑެވެ. މި ކުދިން ރަސްމީ ރެކޯޑްތަކުން ބޭރުގައި ތިބޭތީ، އެކުދިންނަށް އިޖުތިމާޢީ ޚިދުމަތްތައް ލިބުން ހަނިވެގެންދެއެވެ. ރަސްމީ ފޮސްޓާރ ކެއާރ ސްކީމް ނުވަތަ ބެލެހެއްޓުންތެރިކަމާ ޙަވާލުވާ ފަރާތްތަކަށް ޚާއްޞަ މާލީ އެހީތެރިކަން ލިބޭކަން ޢާންމުކޮށް އެނގިފައެއ ނޯވެއެވެ. 
"ޝަރުޠު ހަމަވާ ފޯސްޓާރ ޢާއިލާތަކަށް 18 އަހަރުން ދަށުގެ ކުއްޖަކަށް 1،000 (65 އެމެރިކާ ޑޮލަރު) ރުފިޔާ އަދި ގާޑިއަން ނުވަތަ ފޮސްޓަރ ބެލެނިވެރިޔާއަށް އިތުރު 500 ރުފިޔާ ލިބެއެވެ. ނަމަވެސް ގިނަ ފޮސްޓާރ ޢާއިލާތަކަށް މާލީ އެހީ ދިނުމުގައި ފަޤީރުކަމުގެ މިންގަނޑުން މިނާތީ ޝަރުޠު ހަމަނުވެ ދެއެވެ. އެފަދަ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކުން ދައުލަތުގެ ރަސްމީ ފޮސްޓާރ ކެއާރގެ ދަށަށް ކުދިން ނުގޮސް ފަރުޖެހެނީ މަދު ކޭހެއްގައެވެ. އެ އެހީއަކީ ކުއްޖެއް ފޮސްޓާރަ ކުރާން އެކަށީގެންވާ ބާރެއް އަޅައިދޭ ކަމެއް ނޫނެވެ."
ސަރުކާރުން ލިޔުމުން ދިން ޖަވާބުން އެނގޭ ގޮތުގައި އެލަވަންސް އޭގެ ފަހުން ވަނީ އިތުރުކޮށްފައެވެ. ވަގުތީ ފޯސްޓާރ ކެއާރދޭ ފަރާތްތަކަށް މިހާރު މަހަކު 5،000 ރުފިޔާ ލިބޭނެއެވެ.
ސަރުކާރުގެ ދިފާޢު:
ފައްޒަ ފުއާދު، ލީޑް ޗައިލްޑް ޕްރޮޓެކްޝަން، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް:
"ފޮސްޓާރ ކެއާރއާ މެދު ޢާންމުން ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްތަކެއް ކޮށްފައި ވާނެއެވެ. 'ޢާއިލާ' ޓެލެޑްރާމާ އޮފީސްތަކުގެ ޑްރާމާ މުބާރާތް 2025 އަށް ތައްޔާރު ކުރެވުނެވެ. އެ ޑްރާމާއިން ދައްކައިދޭން މަސައްކަތްކޮށްފައިވާނީ ފޮސްޓާރ ކުރާން ކުއްޖަކާ ޙަވާލުވުމުގެ އިޖުރާޢަތުތަކާއި، ޢާންމު ކުށްހީތަކާއި، ފޮސްޓާރ ކެއާރގައި ތިބޭ ކުދިންގެ ވިލުންތެރިކަން ބިނާ ކުރުމެވެ. އެ ޑްެރާމާ ދެއްކި ފަހުން ކުދިން ފޮސްޓާރ ކުރާން ބޭނުންވެގެން ހުށަހެޅި ފަރާތްތަކުގެ ޢަަދަދު ގިނަވިއެވެ."
"ފާއިތުވި ދެއަހަރު ތެރޭގައި ބ އަތޮޅު، ފ އަތޮޅު، ތ އަތޮޅު އަދި އއ އަތޮޅުގައި ހޭލުންތެރިކުރުމުގެ ސެޝަންތައް ކުރިއަށް ގެންގޮސްފައިވެއެވެ."
"ދިގުމުއްދަތުގެ ފޮސްޓާރ ކުރާ ބެލެނިވެރިޔާއަށް ކުއްޖާގެ ޤާނޫނީ ބެލެނިވެރިކަން ހަމަޖައްސައިދެވެއެވެ. ޔަޢުނީ ކުއްޖާގެ ޢުމުރުން 18 އަހަރު ފުރޭންދެން ފޮސްޓާރ ކުރާ ބެލެނިވެރިޔާއަށް ޤާނޫނީ ބެލެނިވެރިކަން ޙަވާލުކުރުމާއި، ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ހުރިހާ ބެލެނިވެރިކަމުގެ ޙައްޤުތަކާއި ޒިންމާތައް ފޮސްޓާރ ބެލެނިވެރިޔާއާ ބަދަލުކުރުމާއި، ކުއްޖާއާއި ފޮސްޓާރކުރާ ބެލެނިވެރިޔާގެ ބޭނުންތަކަށް އިޖާބަދިނުމަށް އެކަށީގެންވާ މޮނިޓަރިންގް އޮނިގަނޑުތަކެއް ޤާއިމުކުރުމެވެ. އަދި އަޅުގަނޑުމެން މަސައްކަތް ކުރަމުންދަނީ ފޮސްޓާރ ބެލެނިވެރިންނާއި ޢާއިލާތަކާ ގާތުން، އެއްބާރުލުމާއި އެހީތެރިކަން ދީގެން، ގާތުންނެވެ."  
"އަޅުގަނޑުމެންގެ ރެޒިޑެންޝަލް ކެއާރ ސެންޓަރުތައް މޮނިޓާރކޮށް، ސުޕަވައިޒް ކުރުމަށް މިނިސްޓްރީގައި ޚާއްސަ ޑިޕާޓްމަންޓެއް ޤާއިމުކޮށްފައި ވެއެވެ. ސްޓޭޓް ކެއާރ ސާވިސަސް ޑިޕާޓްމަންޓުގައި ހިމެނެނީ ފަންނީ އަދި އިދާރީ ސުޕަވައިޒަރުންނެވެ. ފަންނީ ސުޕަވައިޒަރުން ގެންދަނީ ކުދިންނަށް އެކަށީގެންވާ އަޅާލުން ލިބޭތޯ ބަލަމުންނެވެ. ރެޒިޑެންޝަލް ފެސިލިޓީތަކުގައި އެންމެ ކުޑަމިނުން ހިފަހައްޓާންޖެހޭ ފެންވަރަށް ކަންކަން ހުރިތޯ ބަލާ، މިންގަނޑާ އަޅުވާ ވަޒަންކުރުމަށް ނިޒާމަކާއި، އޮފިސަރުން އެކަށައަޅާފައި ވެއެވެ."

ނުކުޅެދުންތެރިކަން ހުންނަ ކުދިން

ހިއުމަން ރައިޓްސް ކޮމިޝަން:
"ނުކުޅެދުންތެރިކަން ހުންނަ މީހުން ދަފްތަރުގައި ރަޖިސްޓްރީ ކުރުމުގެ ޕްރޮސެސް ދިގު އަދި އުނދަގޫ ކަމުން ގިނަ ފަހަރަށް ތަކުރާރުކޮށް އެޕްލިކޭޝަން ހުށަހަޅަން ޖެހޭއިރު މެޑިކަލް ޑޮކިއުމަންޓްތައް އަދާއިހަމަ ކުރަން ޖެހެއެވެ. ބައެއް ޢާއިލާތަކުން ރަޖިސްޓްރީ ނުކުރަން އިޚްތިޔާރު ކުރަނީ މާލީ އެލަވަންސް ކުޑަވުމުންނާއި، ދަރިންނަށް 'ނުކުޅެދޭ' ލޭބަލް ދޭން ފަސްޖެހޭތީއާއި، ޝަރުޠުތައް އެކަށައަަޅާފައި ހުންނަ ގޮތުން ނުކުޅެދުންތެރިކަމަށް ބަލައި ނުގަންނާތީއެވެ. އެލަވަންސްތަކާއި އިޖުތިމާޢީ ރައްކާތެރިކަމުގެ އެހެނިހެން ޢިނާޔަތްތައް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) މެދުވެރިކޮށް ލިބޭނެއެވެ."
"ބައެއް ހޮސްޕިޓަލްތަކުގައި ސާމާނު ހުރި ނަމަވެސް، އެކަށީގެންވާ ޑިޖިޓަލް އިންފްރާސްޓްރަކްޗާރ ނެތުމާއި، ޓެކްނިކަލް މުވައްޒަފުން މަދުވުމާއި، ޞިއްޙީ ޚިދުމަތްދޭ ފަރާތްތަކަށް އެކަށީގެންވާ ތަމްރީނު ނުލިބުމުގެ ސަބަބުން ޓެލެމެޑިސިންގެ ޚިދުމަތްތައް އަދިވެސް އޮތީ ހިނގައިނުގަނެފައެވެ."
"މާލެއަށް ވުރެ އަތޮޅު ތެރޭގެ ރަށްރަށުގައި ޚާއްޞަ ތަޢުލީމު ދެވޭނެ ފެންވަރެއް ނެތެވެ. ކްލާސްރޫމްތަކުގައި ސާމާނާއި ތަމްރީނު ލިބިފައިވާ ޓީޗަރުންނާއި ފައިސާއެއް ނެތެވެ. މި ފަރަގުތަކުގެ ސަބަބުންނާއި، މައިންބަފައިންގެ ސަޕޯޓު ލިބުންވެސް ދަށްވުމުގެ ސަބަބުން ކިޔެވުން ދޫކޮށްލާ ކުދިން ގިނަވެ، ތަޢުލީމީ ނަތީޖާ ދަށްވެއެވެ. ބައެއް ބެލެނިވެރިން ހިއަރިންގް އެއިޑް އެޅުވުންފަދަ ނުވަތަ ސައިން ލެންގުއޭޖު ދަސްކޮށްދިނުން ފަދަ ކަންކަމާ ދެކޮޅެވެ. ނަތީޖާއަކީ މުޢާމަލާތާއި އުނގެނުމަށް ނުހަނު މަތިވެރި ދަރަޖައަކަށް ހުރަސް އެޅުމެވެ. 
"ޢިމާރާތްކުރުމާބެހޭ އިދާރީ ޤަވާޢިދު (R-1004/2019) ގެ 19 ވަނަ މާއްދާގައި ބުނަނީ ޢާންމު ޢިމާރާތްތަކާއި މަގުތަކާއި ޕާކްތަކުގައި ވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކަންފަހިވާނެ ގޮތަށް ހުންނާން ޖެހެއެވެ. ކަމާބެހޭ ތަފްޞީލީ ގައިޑްލައިންތަކެއް އެކުލަވާލަން ލާޒިމްކޮށްފައި ވެއެވެ. އެހެންނަމަވެސް ގިނަ ޢިމާރާތްތައް ހުންނަނީ ވަދެނުކުމެވޭ ގޮތަކަށް ކަންފަހިކޮށްފައެއް ނޫނެވެ. ބައެއް ތަންތަނުގައި ރޭމްޕު ހުއްޓަސް ހުރީ ނަމަކަށެވެ. ބޭނުން ނުކުރެވޭ ޙާލަތުގައެވެ."
"އެމްޓީސީސީގެ ހުރިހާ ފެރީ (ދައުލަތް ޙިއްސާވާ ކުންފުނި) އަކަށް ފުރޮޅުލީ ގޮނޑި ބޭނުންކުރާ މީހުންނަކަށް ނޭރެއެވެ. ރަނގަޅަށް ފަރުމާކޮށްފައި ނުވާ ނުވަތަ ނުރަނގަޅަށް ބަހައްޓާފައި ހުންނަ ރޭމްޕްތަކުގެ ސަބަބުން އުޅަނދަށް އެރުމާއި ފޭބުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެއެވެ."
"[މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޕްރޮޓެކްޝަން] އިން ޤާއިމުކުރި ބަދަހި މަދަދުވެރި (އިބަމަ) ޤާއިމުކުރިއެވެ. އެއީ ކުޑަކުދިންނާއި ނާޒުކު ޙާލަތްތަކުގައިވާ ވާ ފަރާތްތަކަށް ކުރާ އަނިޔާ ހުއްޓުވުމާއި އެކަމަށް ރައްދުދިނުމާއި، އިންސާނީ ޙައްޤުތައްއް ކުރިއެރުވުމާއި، ޤާނޫނުއަސާސީއާއި ބައިނަލްއަޤްވާމީ މުޢާހަދާތަކާ އެއްގޮތަށް ރައްކާތެރި މުޖުތަމަޢެއް ކަށަވަރުކުރުމުގެ މަޤްޞަދުގައި ކޮމިއުނިޓީ ބޭސްޑް، މަލްޓި ސެކްޓަރ ނިޒާމެކެވެ. ނަމަވެސް މިނިޒާމު ހުރިހާ ރަށެއްގައެއް ނެތެވެ."
"ބާރުވެރި މަޤާމުތަކުގައި ތިބޭ ފަރާތްތަކަށް ޢިޝާރާތް ބަހުގެ ތަމްރީނު ދިނުމުގައި ފާހަގަކޮށްލެވޭ ދަތިތަކެއް އެބަހުއްޓެވެ. ހެލްތު މިނިސްޓްރީ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާ މުޢާމަލާތް ކުރުމަށް ޚާއްޞަކޮށް އެއްވެސް އޮފިޝަލަކަށް ތަމްރީނު ދެވިފައެއް ނެތެވެ. ހޮސްޕިޓާތަކުގައި ނުވަތަ ޞިއްޙީ މަރުކަޒުތަކުގައި ޕްރޮފެޝަނަލް ތަރުޖަމާނުން ލިބޭނެ ގޮތް ހެދުމަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނެތެވެ."
"ނުކުޅެދުންތެރިކަން ހުންނަ ކުދިން އަވަހަށް ދެނެގަނެ ޑައިގްނޯސް ކުރުމަށް ހުރަސް އެޅެނީ ރަށްފުށުގައި މަލްޓިޑިސިޕްލިނަރީ ތެރަޕީޓިކް ޚިދުމަތްތައް ނުލިބުމެވެ."
"އެސްސީއެލްޕީ (ކޮމްޕްލެކްސް ލާނިންގް ޕްރޮފައިލަށް ފެތޭ ދަރިވަރުން) އާއި މެއިންސްޓްރީމް ޓީޗަރުން އަދި ނުކުދުންތެރިކަމާއި ޚާއްޞަ އަޅާލުން ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ޓީޗަރުން އަދި ސްޕެޝަލައިޒްޑް ސަޕޯޓް ލިބުމުގެ ދަތީގެ ސަބަބުން އާދައިގެ ކްލާސްތަކުގައި ކޮމްޕްލެކްސް ލާނިންގް ޕްރޮފައިލް ހުންނަ ކުދިންނަށް ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށްދޭން ހުރަސް އެޅެއެވެ."
ސަރުކާރުން ލިޔުމުން ފޯރުކޮށްދިން ޖަވާބުތަކަށް ބަލާއިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރުގައި މިހާރު 14،790 މީހުން ރަޖިސްޓްރީ ކޮށްފައިވާއިރު، އޭގެ ތެރޭގައި 4،959 ކުޑަކުދިން (1،490 އަންހެން ކުދިންނާއި 3،469 ފިރިހެން ކުދިން) ހިމެނެއެވެ.
ސަރުކާރުގެ ދިފާޢު:
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް:
"އަވަހަށް ދެނެގަތުމާއި ފިޔަވަޅު އެޅުން ހަރުދަނާ ކުރެވެނީ ޞިއްޙީ، ތަޢުލީމީ އަދި އިޖުތިމާޢީ ދާއިރާތަކުގެ އެއްބާރުލުމުގެ އޮނިގަނޑުތަކެއްގެ ތެރެއިންނެވެ. ޙާލު ކިހިނެއް' އަދި 'އިބަމަ' ފަދަ ޕްރޮގްރާމުތައް މެދުވެރިކޮށެވެ. ޤައުމީ ތަރައްޤީގެ މުހިންމު ލަނޑުދަނޑިތައް ޙާޞިލުކުރެވޭ މިންވަރު ބަލާ، ވަޒަންކުރެވޭނެ ނިޒާމެއް ރަށްތަކުގެ މެދުގައި ޤާއިމުވެ، ހެދިބޮޑުވުމުގެ ލަސްވުންތަކާއި ފެންނާން ނުހުންނަ ނުކުޅެދުންތެރިކަން އަވަހަށް ދެނެގަނެވި، މުއާލާތް ނުކެނޑޭ ގޮތެއްގެ މައްޗަށް ފަރުވާ ދެވިގެންނެވެ. ޙާލު ކިހިނެއް ޕްރޮގްރާމްގެ ދަށުން ގޭބީސީ ފެންވަރުގެ އެސެސްމަންޓުތައް ހެދެއެވެ. އަދި އިބަމަ މެދުވެރިކޮށް މުޖުތަމަޢުގެ ފެންވަރުގައި ކޭސްތައް ދެނެގަނެވި، ކުދިންނަށް ހުރި ހިރާސްތައްވެސް ދެނެގަނެވެއެވެ. އެކަމުގެ ސަބަބުން ވަގުތު ފާއިތުނުވަނީސް ދުރާލާ އަޅާންޖެހޭ ފިޔަވަޅުތައް އެޅެއެވެ. އަދި ކަމާބެހޭ އެކަށީގެންވާ ޞިއްޙީ އަދި އިތިމާޢީ ރައްކާތެރިކަމުގެ ނިޒާމުތަކާ ގުޅުވެއެވެ."
"2021 ވަނަ އަހަރު ފެށި ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ޕްރޮގްރާމަކީ ޤައުމީ ކެޕޭސިޓީ ހަރުދަނާ ކުރުމަށާއި ކޮމިއުނިޓީ ފެންވަރުގައި ދޭ ނުކުޅެދުންތެރިކަމާ ގުޅުން ހުރި ޚިދުމަތްތައް ފުޅާކުރުމަށް ކަންފަހިކޮށްދޭ ޕްރޮގްރާމެކެވެ. ޖުލައި 2025 ގެ ނިޔަލަށް ހެލްތު، ހެލްތު އެންޑް އެޑިއުކޭޝަން، ސޯޝަލް ސާވިސަސް ދާއިރާގެ 38 ޕްރޮފެޝަނަލުން 2023 ވަނަ އަހަރު މާސްޓާރ ފެންވަރުގެ ޓްރެއިނިންގް ފުރިހަމަކޮށްފައިވެއެވެ. ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ސީބީއާރް ގެ ޚިދުމަތްތައް ހިންގުމަށް 582 އަށް ވުރެ ގިނަ މީހުން ތަމްރީނުކޮށް، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުޑަކުދިންނަށް ކޮމިއުނިޓީ ބޭސްޑް ސަޕޯޓް ލިބޭނެ މަގުތައް އިތުރުކޮށްފައިވެއެވެ."
"ދިވެހިރާއްޖޭގެ ހުރިހާ އަތޮޅެއްގައްޔާއި މީހުން ދިރިއުޅޭ 177 ރަށެއްގައި އިބަމަ ތަޢާރަފު ކޮށްފައިވެއެވެ. ޑިސެމްބަރު 2025 ގެ ނިޔަލަށް ޖުމްލަ 1،214 އިބަމަ މެމްބަރުންނަށް ތަމްރީނު ދެވި، މުޅި ރާއްޖޭގައި އެއް ހަމައެއް، މިންގަނޑެއްގައި ކޮމިއުނިޓީ ފެންވަރުގެ ކަވަރޭޖު ލިބޭކަން ކަށަވަރު ކުރެވިއްޖެއެވެ. މި ޤައުމީ އޮނިގަނޑު މެދުވެރިކޮށް، އަވަހަށް ދެނެގަނެވެއެވެ. އިބަމަ ޤާއިމުކޮށްފައިވާ ރަށްތައް ހިމެނޭހެން ރަށްރަށުގައި ނުކުޅެދުންތެރިކަން ހުރި ކުދިން ހިމެނޭހެން، ނާޒުކު ޙާލަތްތަކުގަިއ ތިބި ކުޑަކުދިން ދެނެގަނެވޭކަން އަޅުގަނޑުމެން ފާހަގަކުރަމުއެވެ."

އެހެނިހެން ކަންބޮޑުވުންތައް 

އެޗްއާރުސީއެމްގެ ހިޔަނި ރިޕޯޓުގައި ނިޒާމުގައި ހުރި ބާގަނޑުތަކުގެ ތެރެއިން ކުޑަކުދިން ފޭދިގެންދާގޮތް ލިޔެ، ބަޔާންކޮށްފައި ވެއެވެ. 
އެއް ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށުގައި އަހަރުތަކެއް، ރައްޔިތުކަން ނެތްގޮތުގައި ހޭދަކުރާން ޖެހުނީ، އޭނާގެ މައިންބަފައިންގެ ކައިވެނި ރަޖިސްޓްރީ ކުރުމުގައި ދިމާވި އުނދަގޫތަކުގެ ސަބަބުން އައިޑެންޓިޓީ ކާޑެއް ހެއްދޭނެފަދަ ނުވެގެންނެވެ. އެ ކޮމިޝަނުން ބުނީ އެކުއްޖާ ރެޖިސްޓާރ ކުރެވޭ ވަރުވީ 2022 ވަނަ އަހަރު ކަމަށެވެ. އެހާތަނަށް އެކުއްޖާއަށް ނުހަނު ބޮޑު ނަފްސާނީ އަނިޔާއާއި ކެކުޅުން ތަޙައްމަލުކުރާން ޖެހުނު ކަމަށެވެ. އަދި އެކަމުގެ ނޭދެވޭ އަސަރު ދެމިގެންވާ ކަމަށެވެ.
"ވިހެއުމަށް ފަހު ވަގުތުން އެކުއްޖަކުގެ އުފަންވުން ރަޖިސްޓްރީ ކުރަން މައިންބަފައިންނަށް ލާޒިމެވެ؛ މި ވާޖިބަށް އިހުމާލުވެއްޖެނަމަ ސީދާ ދައުލަތުން ނުވަތަ އެހެން ފަރާތެއް މެދުވެރިކޮށް އެދަރިފުޅުގެ އުފަންވުން ރެޖިސްޓާރ ކުރެވޭނެއެވެ. ރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކު ހަތް ދުވަހުގެ ތެރޭގައި ރިޕޯޓް ކުރަން ޖެހެއެވެ. އެމަގުން ޢަމަލު ނުކޮށްފިނަމަ މައިންބަފައިން ނުވަތަ ކަނޑައެޅިފައިވާ އެހެން ފަރާތްތައް 10،000 ރުފިޔާއަށްވުރެ ބޮޑު ނުވާ ގޮތަށް ޖޫރިމަނާ ކުރެވޭނެއެވެ،" އެޗްއާރުސީއެމްގެ ހިޔަނި ރިޕޯޓުގައި ލިޔެފައިވެއެވެ. "އެހެން ނަމަވެސް މިއަދާ ހަމައަށް އެއްވެސް ޖޫރިމަނާއެއް ކޮށްފައެއް ނެތެވެ. އެކަމުން ދޭހަވަނީ ޤަވާޢިދުގައި ފިޔަވަޅުތައް ކަނޑައަޅާފައި އޮތް ނަމަވެސް ޢަމަލީ ގޮތުން ތަންފީޒުކޮށްފައި ނުވާކަމެވެ. ދިވެހިރާއްޖޭގައި އުފަންވާ ކުދިން ރަޖިސްޓްރީ ކުރުމުގެ ނިސްބަތް މަތިނަމަވެސް، ފަސް އަހަރުން ދަށުގެ ކުދިންގެ ތެރެއިން އެއް ޕަސެންޓަށް ވުރެ މަދު ޢަދަދެއްގެ ކުދިން ރަޖިސްޓްރީ ނުކޮށް އެބަތިއްބެވެ."
2025 ވަނަ އަހަރަށް ނިސްބަތްވާ އެހެން މައްސަލައެކެވެ. މައިންބަފައިން ކާވެނި ކުރީ ބޭރު ޤައުމެއްގައެވެ. އެ ކާވެނި ދިވެހި ކޯޓުތަކުން ބަލައި ނުގަތުމުން، ކުއްޖަކު އައިޑީ ކާޑެއް ނެތި، ނުހެއްދި ހުންނާން ޖެހުނެވެ. ޝަރީޢަތުގެ އުޞޫލުތަކަށް ފެތޭ ކަމަށް ނިންމާ ފެމިލީ ކޯޓުން ކައިވެނި ރަޖިސްޓްރީ ކުރަން ހައިކޯޓުން ޢަމުރު ކުރި ނަމަވެސް "ޤާނޫނުތައް ހުރިގޮތުން ދިމާވި ދަތިތަކާއި ހުރަސްތަކުގެ ސަބަބުން އެ ޕްރޮސެސް ލަސްވަމުންދާ" ކަމަށް އެޗްއާރުސީއެމްގެ ރިޕޯޓުގައި ވެއެވެ. 
ރިޕޯޓް ކުރުން މަތި ނަމަވެސް ދަޢުވާ އުފުލުން ހުރީ ސުމެއްގައި ކަން ތަފާސްހިސާބުން އިން ދައްކައެވެ. 2024 ވަނަ އަހަރު ކުޑަކުދިންނާ ގުޅިގެން އިންޒާރު ދިނުމުގެ 31 މައްސަލައަކާއި ބްލެކްމެއިލްގެ 26 މައްސަލައެއް ރިޕޯޓްކޮށް، ތަޙްޤީޤު ކުރި ނަމަވެސް ދަޢުވާ ކުރާން އެދި ހަމަ އެންމެ މައްސަލައެއްް ފޮނުވާފައި ނެތެވެ. 

މިނިވަން ނޫސްވެރިކަމަށް އެހީތެރިވުމަށް ޑޮނޭޓް ކޮށްދެއްވާ