ކަރަންޓަށް ކުރި އިންތިޒާރު ނިމުނީ ކައްވަޅުން
ދާއިމީ ޙައްލުގެ ހުވަފެން ދެކޭތާ ދަހަރު (ޑެކޭޑް އެއް) ވީއެވެ.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
30 ނޮވެމްބަރު
އިބްރާހިމް ދީދީ އަލަށް ޢިމާރާތްކުރި ގެއަށް ބަދަލުވިއިރު ކަރަންޓެއް ނެތެވެ. ކަރަންޓު ކޭބަލަށް އިންތިޒާރު ކުރަމުން، އޭނާ ގޭތެރޭގައި ކުޑަ ޖަނަރޭޓަރެއް ހިންގިއެވެ. އޮކްޓޯބަރު 22 ވަނަ ދުވަހު އޭނާ އާއި އޭނާގެ އަންހެނުން މަރުވެފައި އޮއްވާ ފެނުނެވެ. އައްޑޫގެ މޭޔަރު ޢަލީ ނިޒާރު ތުހުމަތު ކުރައްވަނީ އެމީހުން ވިހަވީ ކަމަށެވެ. އެޖެނެރޭޓަރުން ނުކުތް ނުސާފު، ކެމިކަލް ވަޔާއި ދުމުންނެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުން އެންމެ ފަހުން ކަރަންޓް ކަނޑާލި ބުރު މޭޔަރު ފެނަކަ ކޯޕަރޭޝަންގެ ކަރަންޓް ޚިދުމަތް ސިފަކުރެއްވީ "ގެއްލުމާއި ހަލާކު" ގެ މަސްދަރެއްގެ ގޮތުގައެވެ. އެ ދެމަފިރިން މަރުވި ގެއަށް ކަރަންޓް ދިނުމުގައި ދައުލަތުގެ ޔުޓިލިޓީން އިހުމާލުވި ކަމަށް ޢާންމުން ދެކޭ ކަމަށް މޭޔަރު ނިޒާރު ކިޔައިދެއްވިއެވެ.
"ގޭތެރޭގައި ކުޑަ ޖަނަރޭޓަރެއް ހިންގުމުން ވައި ވިހަ ނުވާނެ އެއްވެސް ގޮތެއް ނެތް. މަރުޙޫމް އިބްރާހިމް ދީދީ ދެ މަސް ދުވަސްވެއްޖެ އޭރު އެ ގެއަށް ކަރަންޓް ދިނުމަށް އާދޭސްކުރާތާ، ޖަވާބެއް ނުލިބުނު!" މޭޔަރު ފޭސްބުކް ޕޯސްޓެއްގައި ލިޔުއްވިއެވެ.
ނަމަވެސް ބައެއް މީހުން ވަނީ އަމިއްލަ ގެއެއްގެ ތެރޭގައި ޖަނަރޭޓަރެއް ހިންގާނަމަ ޒިންމާވާން ޖެހޭނީ އަމިއްލައަށް ކަމަށް އިޝާރާތްކޮށްފައެވެ. އިބްރާހިމް ދީދީގެ ގެއަކީ ޤާއިމުކޮށްފައިވާ ކަރަންޓް ނެޓްވޯކެއް ނެތް ސަރަޙައްދެއްގައި ހަދާފައިވާ ގެއެއް ކަމަށް މަޢުލޫމާތު އެނގޭ މީހަކު މޯލްޑިވްސް އިންޑިޕެންޑެންޓަށް ކިޔައިދިނެވެ. މި ނެޓްވޯކް އެޅުމަކީ ނުވަތަ އެ މަސައްކަތް ކޮންޓްރެކްޓް ކުރުމަކީ ދައުލަތުގެ ޒިންމާއެއް ނަމަވެސް، ބޯހިޔާވަހިކަމަށް ބިން ޙަވާލުކުރާއިރު ފެނާކަ ފަދަ ސްޓޭކްހޯލްޑަރުންގެ މަޝްވަރާ ހޯދައި، އެތަނުގައި މީހުން އުޅޭން ފަށާން ތައްޔާރުކުރާން ދުރާލާ އެކަން އަންގަން ޖެހޭ ކަމަށް އެފަރާތުން ފާހަގަކުރި އެވެ. މީހުން އަލަށް ދިރިއުޅޭ ހިސާބުތަކަށް ޚިދުމަތް ދޭން ކުންފުންޏަށް ތައްޔާރުވެވޭނީ އޭރުން ކަމަށް އޭނާ ބުންޏެވެ.
މި ދެމަފިރިންގެ މަރަކީ ދިހަ އަހަރަށް ވުރެ ގިނަ ދުވަހު ދެމިއޮތް މުސީބާތެއްގެ އެންމެ ހިތި ނަތީޖާ އެވެ. މިދިޔަ އަހަރުގެ ތެރޭގައި 89 ދުވަހު އައްޑޫ ސިޓީއިން ކަރަންޓް ކެނޑިފައިވާ ކަމަށް ހިތަދޫ މެދު ދާއިރާ ތަމްޘީލު ކުރައްވާ މެމްބަރު އަޙްމަދު އަޒާން އޮކްޓޯބަރު މަހުގެ ފަހުކޮޅު ބޭއްވި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި ވިދާޅުވިއެވެ.
ދިވެހިރާއްޖޭގައި ދެވަނައަށް އެންމެ ބޮޑު އާބާދީގެ މަރުކަޒު ކަމުގައިވާ އައްޑޫ ސިޓީ ގައި، މެދުކެނޑުމެއްނެތި ލިބޭ ކަރަންޓާ ނުލައި އެތައް ހާސް ބަޔަކު ދިރިއުޅެމުން އެބަދެއެވެ.
"އަހަރެންގެ ދަރިއަކު އެބަހުރި ސީރިއަސް އެކްޒީމާ. އަހަރެމެންނަށް ކަރަންޓް ކެނޑުމުގެ ސަބަބުން އަބަދު އަބަދު ކެހުންގަނޑު ގޯސްވަމުންދޭ، އެކަން ވިސްނޭނީ އެކަން ކުރިމަތިވާ މީހަކަށް ނުވަތަ ކެހުން ކޮންޓްރޯލް ނުކުރެވޭ ކުއްޖަކުގެ ކަންތައް ބަލާ މަންމައަކަށް،" އައްޑޫ ސިޓީގެ ރައްޔިތެއް ކަމަށްވާ ސަޖުވާ ބުންޏެވެ.
އަވަދިވުމުގެ ތުންފަތްމަތީގައި
ކޮންމެ ސަރުކާރަކުންވެސް ގިނަ މަސައްކަތްތަކެއް ޙައްލު ހޯދާން ކުރެއެވެ. ނަމަވެސް ދެމެހެއްޓެނިވި ޙައްލަކަށް ދުވަހަކު ވާޞިލެއް ނުވެވެއެވެ.
މިއަހަރުގެ ކުރީކޮޅު އައްޑޫގެ ފެނަކަ އޮފީހުގެ އިސް އޮފިޝަލަކު މަޢުލޫމާތު ދެއްވީ ކަރަންޓުގައި މައްސަލަ ޖެހުމުގެ ސަބަބަކީ "ރަނގަޅު ސްޕެއާ ޕާޓްސް ނެތުމާއި، ހަލާކުވުމުގެ ކުރިން މަރާމާތު ނުކުރުމާއި، ޖަނަރޭޓަރުތައް ހިންގާންޖެހޭ ވަރަށް ވުރެ ކުޑަކޮށް ހިންގަންޖެހުން" ކަމަށެވެ.
ސެންޓްރަލް ޕަވަރހައުސްއަކުން ޚިދުމަތް ދެނީ ގުޅިފައިވާ ރަށްތައް ކަމަށްވާ ހިތަދޫ، މަރަދޫ، މަރަދޫ-ފޭދޫ، ފޭދޫ، އަދި އެންމެ ދެކުނުގައި އޮންނަ ގަމަށެވެ. ހިތަދޫގައި މިހާރު ހުރި ޕަވަރހައުސްގެ ޙާލަތަކީ ކަރަންޓު ކެނޑުމުގެ ގިނަކަމާ ގުޅިފައިވެއެވެ. ޖާގަ ނެތުމުގެ ސަބަބުން ބައެއް ޖަނަރޭޓަރުތައް ގޯތިތެރޭގައި ބަހައްޓާފައި ވެއެވެ.
"ސްޓާފުން ވަރުބަލިވެއްޖެ،" މޯލްޑިވްސް އިންޑިޕެންޑެންޓަށް މަޢުލޫމާތު ދިން މީހަކު ބުންޏެވެ. ގިނަ ކުދި ޖަނަރޭޓަރުތައް ބެލެހެއްޓުމަށް ބުރަ ބޮޑު މަސައްކަތްތަކެއް ކުރަން ޖެހެ އެވެ. ކުދި ޖަނަރޭޓަރުތައް ހުރީމާ ކުރާންޖެހޭ މެއިންޓަނެންސް މަސައްކަތް ގިނައެވެ. ޤަވާއިދުން ސަރވިސް ކުރަންޖެހޭ މެޝިނަރީގެ ލިސްޓު ދިގުވެއެވެ.
ނޮވެމްބަރު މަސް ފެށުނުއިރު ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދޭން 20 ޖަނަރޭޓަރު ހުރިއިރު އޭގެ ތެރެއިން ހަތް ޖަނަރޭޓަރު ބޭނުން ނުކުރެ ވެއެވެ. އަދި ބައެއް ޖެނެރޭޓަރު އެއްގޮތަކަށް ދެން ބޭނުން ނުކުރެވޭ ޙާލަތުގައެވެ. އޮޕަރޭޓްކުރާ ޖަނަރޭޓަރުތަކުގެ ކެޕޭސިޓީ ދަށެވެ. އޭގެ ތެރޭގައި 50 ޕަސެންޓަށް ވުރެ ކުޑަކޮށް އުފެއްދުންތެރިކަން ހުރި ޖެނެރޭޓަރު ހިމެނެއެވެ.
ނޮވެމްބަރު މަހުގެ ކުރީކޮޅުން ފެށިގެން އިތުރު ދެ ޖަނަރޭޓަރު ބަހައްޓާފައި ވަނީ ކަރަންޓުގެ ބޭނުންކުރާ މިންވަރު ބޮޑުވާތީ، ވަގުތީ ފިޔަވަޅުތަކެއްގެ ގޮތުގަ އެވެ. ނަމަވެސް އެންމެ ފަހުން ނޮވެމްބަރު މަހުގެ ކުރީކޮޅު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޑރ މުހައްމަދު މުޢިއްޒު ވަނީ މިއީ ދާއިމީ ޙައްލެއް ނޫންކަން ޤަބޫލުފުޅު ކުރައްވާފައެވެ.
ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހު ގުޅިފައިވާ ހަތަރު ރަށުގެ ރައްޔިތުންނާ މުޚާޠަބު ކުރައްވައި ރައީސް މުޢިއްޒު ވިދާޅުވީ ކުޑަ، ވަގުތީ ޙައްލުތަކުން ފަރުނުޖެއްސޭނެކަން އެނގިވަޑައިންނަވާ ކަމަށެވެ، އައްޑޫ ސިޓީގެ ކަރަންޓް ކެޕޭސިޓީ 30 މެގަވޮޓަށް ބޮޑުކުރުމުގެ މަޝްރޫޢެއް ކުރިއަށް ގެންދަވާނެކަމަށް ވެސް އެމަނިކުފާނު ވަޢުދުވެވަޑައިގަތެވެ. މިއީ 2024 ގެ މަޖިލިސް އިންތިޚާބުގެ ވަޢުދުފުޅެކެވެ.
އޭޕްރީލް 2024 ގައި ފެނާކަ ވަނީ ޗައިނާގެ ޑީއީސީ ޑޮންގްފެންގް އިލެކްޓްރިކް މެޝިނަރީއާ ކޮންޓްރެކްޓްކޮށް 50 މެގަވޮޓްގެ ޕްލާންޓަކަށް އަޕްގްރޭޑް ކުރުމުގެ ގާބިލްކަން ހުރި 32 މެގަވޮޓްގެ އާ އިންޖީނުގެއެއް ހެދުމަށް ނިންމާފައެވެ.
ނަމަވެސް ރައީސް މުޢިއްޒު އެޢިޝާރާތް ކުރެއްވީ އެހެން ޕްރޮޖެކްޓަކަށް ކަމަށް މެންބަރު އަޒާން މޯލްޑިވްސް އިންޑިޕެންޑެންޓަށް ވިދާޅުވި އެވެ.
ޑޮންގްފެންގް މަޝްރޫޢު ހުއްޓުނީ ކީއްވެގެން ކަމެއް ސާފެއް ނުވެ އެވެ. އަޒާން ވިދާޅުވީ މައްސަލައަކީ ކޮންޓްރެކްޓަރ ފައިނޭންސް ޕްރޮޖެކްޓަކަށް ޗައިނާއިން ލޯނު ނެގުމުގައި ހުރި ގޮންޖެހުންތަކަކަށް ވުން އެކަށީގެންވާ ކަމަށެވެ.
މިދިޔަ މަހު ފެނަކަ އިގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ނަޖާޙް މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވިދާޅުވީ އައްޑޫ ކަރަންޓް މަޝްރޫޢު ޙަވާލުކުރާނީ އާ ކޮންޓްރެކްޓަރަކާ ކަމަށެވެ.
ސަރުކާރު ޙިއްސާވާ ކުންފުނިތަކާބެހޭ މަޖިލީހުގެ ކޮމިޓީގައި އޭނާ އަންގާރަ ދުވަހު ވިދާޅުވީ އަންނަ ރޯދަމަހަށް އައްޑޫގެ ކަރަންޓު ކެޕޭސިޓީ މިހާރު ހުރި 12 މެގަވޮޓުން 17 މެގަވޮޓަށް އިތުރު ކުރަން ފެނަކަ އިން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކުރީގެ ވެރިކަމުން 2019 އާއި 2023 އާ ދެމެދު އައްޑޫއަށް ފޮނުވި 14 ޖަނަރޭޓަރުގެ ތެރެއިން ދެ ޖަނަރޭޓަރު ފިޔަވައި ހުރިހާ ޖަނަރޭޓަރު ވެސް ހަލާކުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މި ވެރިކަމުގައި މި ޖަނަރޭޓަރުތައް މަރާމާތު ކުރުމަށް 16 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ވެސް ނަޖާޙް ވިދާޅުވި އެވެ.
ހުއްޓިފައިވާ ޑޮންގްފެންގް މަޝްރޫޢު ވެސް އަދި ރައީސް މުޢިއްޒު އެ ޢިޝާރާތް ކުރައްވާ އާ މަޝްރޫޢު އިޢުލާންކުރާއިރު، ދެބައިކޮށްފައި އެއްބަޔަށް ނިމިފައިހުރި އާ އިންޖީނު ގެޔެއް ހިތަދޫ ފެނަކަ ގޯތި ތެރޭގައި އަޅާފައި އެބަހުއްޓެވެ.
އެކަމަކު ފެނަކަ އިގެ އިސް ފަރާތަކުން މޯލްޑިވްސް އިންޑިޕެންޑެންޓުގައި ވިދާޅުވީ އައްޑޫގެ ކަރަންޓް ސަޕްލައިއަށް ދިގުމުއްދަތުގެ ހައްލަކަށް ބޭނުންވާ ޖަނަރޭޓަރުތައް އެ ޢިމާރާތުގެ ތެރޭގައި ނުބެހެއްޓޭނެ ކަމަށެވެ. އުސް، ކެޕޭސިޓީ ބޮޑު ޖަނަރޭޓަރުތަކަށް ފުރާޅުތައް މާ ތިރި ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި އެ ޢިމާރާތް ފަރުމާކުރިއިރު އެކަށީގެންވާ މަޝްވަރާއެއް ހޯދާފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އައްޑޫ ސިޓީގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން އަޅާފައިވާ 1.5 މެގަވޮޓްގެ ވޭސްޓް ޓު އެނާޖީ ފެސިލިޓީއެއް އެބަހުއްޓެވެ. އެކަމަކު މި ފެސިލިޓީ ގެ ބޭނުމެއް ނުކުރެއެވެ. އެތަން ފުރިހަމައަށް ހިންގޭނަމަ ހަކަތަ ގްރިޑަށް އެއް މެގަވޮޓް ކަރަންޓު ފޯރުކޮށްދެވުނީސްކަމަށް މަސްދަރަކުން މޯލްޑިވްސް އިންޑިޕެންޑެންޓަށް ކިޔައިދީފައި ވެއެވެ.
ނަމަވެސް ކުނި ވަކި ނުކުރެވޭތީ އެފެސިލިޓީއަށް ބޭނުންވާ ގޮތަށް ކުނި ތައްޔާރު ނުކުރެވޭ ކަމަށް މަޢުލޫމާތު ދިން ފަރާތުން ވިދާޅުވިއެވެ. އަދި މުވައްޒަފުންނަށް އެކަށީގެންވާ ތަމްރީނެއް ލިބިފައި ނުވާއިރު، ވެމްކޯއިން އެއްކުރާ ކުނި ވަކި ކުރެވުނަސް، މެދުނުކެނޑި ކަރަންޓު އުފައްދާން ބޭނުންވާ މިންވަރަށް އައްޑޫގައި ކުނި ނުއުފެއްދޭ ކަމަށް ވެސް އޭނާ ކިޔައިދެއްވި އެވެ. އޭނާ ދެކިވަޑައިންނަވާ ގޮތުގައި ޙައްލަކީ އަވަށްޓެރި އަތޮޅުތަކުން ކުނި އެއްކުރުމެވެ.
މި ވަގުތު އެންމެ މަތިން ކަރަންޓު ބޭނުންކުރާ ވަގުތުތަކުގައި، އައްޑޫއަށް ބޭނުންވަނީ 12 މެގަވޮޓްގަ އެވެ. ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ނިންމާން ރާވާފައިވާ މަޝްރޫޢުތަކުގެ ސަބަބުން ކަރަންޓަށް އޮތް ޑިމާންޑް ކުރިއަށް އޮތް ތަނުގައި 25 ނުވަތަ 30 މެގަވޮޓަށް އިތުރުވުން އެކަށީގެންވާ ކަމަށް މަސްދަރުން ހާމަކުރެއްވިއެވެ.
އެހެންވީމާ އަދަށްވުރެ ޑިމާންޑް ދެގުނައަށް އިތުރު ވާއެވެ. އެކަމަކު މިހާރު ޤާއިމުކުރާން ފަށާފައި އެވާ 30 މެގަވޮޓްގެ ޕްލާންޓުން އެޑިމާންޑު ކަވަރުކުރެވޭނީ ކިރިޔާއެވެ. އައްޑޫއަށް މީގެކުރިންވެސް މިވެނި އެވެނި ކަމެއް ވާނެ، ކުރާނެ، ކޮށްދޭނެ ކަމުގެ ވަޢުދުގެ އަޑުތައް އިވި، ބާވެފައި ވެއެވެ.

