ފުރާވަރު 6 ކުއްޖަކުން އެކަކު އަމިއްލައަށް މަރުވާން ވިސްނާފައިވާއިރު، އެހީއަށް އެދެނީ އޭއައި ގެ ކިބައިން

ނަފްސާނީ ފަރުވާ ހޯދާ ޒުވާނުންގެ ޢަދަދު 400 އިންސައްތަ މައްޗަށް ޖެހިއްޖެއެވެ.

ކުރެހުމާއި ޑިޒައިން: ޑޮސެއިން

ކުރެހުމާއި ޑިޒައިން: ޑޮސެއިން

16 ޑިސެމްބަރު 2025, 7:12 ހެނދުވާ
މިދިޔަ ބުދަ ދުވަހުގެ އިރު ފެނުން ތޮޅިލީއިރު، އޮސްޓްރޭލިއާގެ އެއް މިލިއަނަށް ވުރެ ގިނަ ފުރާވަރުގެ ކުދިންގެ ސޯޝަލް މީޑިއާ އެކައުންޓްތައް ހުރީ ޑިއެކްޓިވޭޓް ވެފައެވެ. އިންސްޓަގްރާމް، ޓިކްޓޮކް، ފޭސްބުކް، ސްނެޕްޗެޓް، ޔޫޓިއުބް، އެކްސް، ރެޑިޓް، ކިކް، ތްރެޑްސް އަދި ޓްވިޗް އެކައުންޓުތައް އުވުނީއެވެ. މިއީ ދުނިޔޭގައި، ޤައުމީ ފެންވަރުގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރި ފުރަތަމަ ފަހަރެވެ. ފުރަތަމަ ޤައުމެވެ.
މިއަހަރުގެ ޑިސެމްބަރު 10 އިން ފެށިގެން ޢަމަލުކުރަން ފެށު އައު ޤާނޫނެއްގައި ބުނާ ގޮތުން ކުޑަކުދިން ސޯޝަލް މީޑިޔާގެ އެކައުންޓުތައް އުފެއްދުން ނުވަތަ ގެންގުޅުން މަނާކުރަން "އެކަށީގެންވާ ފިޔަވަޅުތައް" ޕްލެޓްފޯމްތަކުން އަޅަން ޖެހޭނެއެވެ. ޤާނޫނާ އެއްގޮތަށް ޢަމަލު ނުކުރާނަމަ 49.5 މިލިއަން އޯސްޓްރޭލިޔާ ޑޮލަރު (32 މިލިއަން އެމެރިކާ ޑޮލަރު) އާ ހަމައަށް ޖޫރިމަނާ ކުރެވިދާނެއެވެ. ކުޑަކުދިންނާއި އެކުދިންގެ ބެލެނިވެރިންނަށް އަދަބެއް ދޭކަށް ޤާނޫނަކު ނެތެވެ.
ޑެންމާކުން ފެށިގެން މެލޭޝިއާއާ ހަމައަށް އެހެން ޤައުމުތަކުން ވެސް ވަރަށް އަވަހަށް އޮސްޓްރޭލިއާގެ ފިޔަވަޅު މަތިން ހިނގާފާނެ އެވެ. ޓެކްނޮލޮޖީ އާއި ފުރާވަރު ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމާ ހުރި ގުޅުންތަކުގެ ބަޙުޘް ދުނިޔޭގައި މިހާރު ހޫނުކަމާއެކު ހިނގަމުން އެބަދެއެވެ.
އެ ބަޙުޘް ފެންމަތިވާން ދިމާވި މައިގަނޑު އެއް ސަބަބަކީ މިމަޢުޟޫޢުގައި އެމެރިކާގެ ސައިކޮލިޖިސްޓް ޖޮނަތަން ހެއިޑްސް ލިޔެފައިވާ "ދަ އެންޝަސް ޖެނެރޭޝަން" މި ފޮތެވެ. އޭނާ ލިޔުއްވަނީ ފޯނަށް ބަރޯސާވާ ކުޑައިރެއް 2010 ހާ ހިސާބުން ފެށިގެން ވުޖޫދުވުމާއެކު، ފުރާވަރު ކުދިންގެ އެންޒައިޓީ (ހާސްކަމާއި، ޝައްކު ކުރުމާއި، ފިކުރުކުރުން) އާއި، ޑިޕްރެޝަނާއި، އަމިއްލަ ހަށިގަނޑަށް ގެއްލުން ދިނުން ބޮޑުތަނުން އިތުުރުވެފައިވާ ކަމަށެވެ. ފޯނަށް ދެ ލޯ ދީގެން ތިބުމުގެ ބަދަލުގައި ދަނޑުތަކާއި މައިދާންތަކުން ފުރާވަރުގެ ކުދިން ފެނުން މާ މުހިންމުކަމަށް ވަކާލާތު ކުރައްވަމުން ގެންދަވާ އޮސްޓްރޭލިޔާގެ ބޮޑު ވަޒީރު އެންތަނޯ އަލްބަނީސް ވަނީ ޖޮނަތަން ހެއިޑްސްގެ ފޮތް، ސޯޝަލް މީޑިޔާ ފުރާވަރުގެ ކުދިންނަށް މަނާކުރުމުގެ ސިޔާސަތުގެ ދިފާޢުގައި ބޭނުންކުރައްވާފައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން އޮސްޓްރޭލިޔާ ކުރަމުންދާ ތަޖުރިބާއަށް ރިޢާޔަތް ކުރާއިރު، އަލަށް އެކުލެވި ރިޕޯޓަކުން ދައްކަނީ ދިވެހިރާއްޖޭގެ ޙާލަތު ހިސާބަކަށް ތަފާތުކޮށެވެ.
އޮސްޓްރޭލިއާގައި ފުރާވަރު ކުދިންނަށް ސޯޝަލް މީޑިޔާ މަނާކުރި ދުވަހު ޢާންމުކުރ"އެކްސެސް އެންޑް އެކްސްޕީރިއަންސް އޮފް ކެއާރ: މެންޓަލް ހެލްތު އެންޑް ސައިކޮސޯޝަލް ސަޕޯޓް އިން ދަ މޯލްޑިވްސް" ރިޕޯޓުގައި ބުނަނީ އިތުރު ގޮތްތަކެއް، އެނބުރޭނެ ދިމާއެއް ނެތި މުޅިން ސޯޝަލް މީޑިޔާ މަނާކުރުމަކީ ނާޒުކު ޙާލަތްތަކުގައި ތިބި ޒުވާނުންގެ އެކަނިވެރިކަން އިތުރުކުރުވައިދާނެ ކަމެއް ކަމަށެވެ. 

ޑިޖިޓަލް އަސާ

ދަ އޭޝިޔާ ފައުންޑޭޝަނާއި މޯލްޑިވިއަން ނަރސަސް އެސޯސިއޭޝަނުން އެކުލެވި ރިޕޯޓުގައި ރާއްޖޭގައި ޤައުމީ ފެންވަރުގައި ފޯރުކޮށްދޭ ނަފްސާނީ އެހީތެރިކަމުގެ ނިޒާމުތައް މިނެކިރާފައި ވެއެވެ. މިއީ މިފަދައިން ރާއްޖޭގައި ހިންގި ފުރަތަމަ ކޮލިޓޭޓިވް (ފަންވަރު ބަލާ ދިރާސާކުރާ) ދިރާސާއެވެ. ދިރާސާވެރިންގެ ފަރާތުން 127 މީހުންނާ ވާހަކަދައްކާފައި ވެއެވެ. އެއީ 13 އަތޮޅަކަށް ބަހާލައިގެންނެވެ. އޭގެ ތެރޭގައި ފަރުވާ ހޯދާ ފަރާތްތަކާއި، ފަރުވާ ފޯރުކޯށްދޭ ފަރާތްތައް ހިމެނެއެވެ.
ދިރާސާއިން ހާމަވި ކަންތައް ފިއްކަނޑައިގެން ދާހާ ވެއެވެ. ދިރާސާ ބުނާގޮތުން ޢުމުރުން 13 އަހަރާއި 15 އަހަރާ ދެމެދުގެ ޒުވާނުންގެ ތެރެއިން ކޮންމެ ހަ މީހަކުން އެކަކު ވަނީ ފާއިތުވި އަހަރު އަމިއްލައަށް މަރުވުމާމެދު ސީރިއަސް ކޮށް ވިސްނާފައެވެ. ގާތްގަނޑަކަށް ކޮންމެ ހަތް މީހަކުން އެކަކު އަމިއްލައަށް މަރުވާން އުޅުމުން ސަލާމަތްވެފައި ވެއެވެ. ޖުމްލަކޮށް ބަލާއިރު ދިވެހިންގެ ކޮންމެ 10 މީހުންގެ ތެރެއިން ގާތްގަނޑަކަށް ތިން މީހުންނަށް ނަފްސާނީ ޞިއްޙަތުގެ ގޮންޖެހުންތައް ކުރިމަތިވާކަމަށް ބެލެވެއެވެ.
ދިރާސާވެރިންގެ ސަމާލުކަން ހުއްޓުނު އެންމެ ޢަޖައިބުކުރުވަނިވި ހޯދުމަކީ ޒުވާނުން މިކަމާ ކުރިމަތިލަމުން ދާ ގޮތެވެ.
އަމިއްލަ ނަފުސަށް އަޅާލުމާއި، ނަފްސާނީ ޙާލަތު ރަނގަޅަށް ބެލެހެއްޓުމުގެ ހުނަރުތައް ޢާންމުކޮށް ދަސްކޮށްދީފައި ނުހުންނަތީ، ޚާއްޞަކޮށް، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ޒުވާނުން އަވަސް އެހީ ހޯދާން ބޭނުންވާ ދަނޑިވަޅުތަކުގައި އެނބުރެނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ނުވަތަ އޮންލައިން މަސްދަރުތަކަށް ކަމަށާއި، ނަމަވެސް މިއީ ދިގު މުއްދަތުގެ ފަރުވާއަށް އެކަށޭނަ، ރައްކާތެރި ގޮތެއް ނޫންކަމަށް ރިޕޯޓުގައިވެ އެވެ.
ސާރވޭގައި ބައިވެރިވި ފަރުވާ ހޯދާ ފަރާތަކުން ކިޔައިދިން ގޮތުގައި އާޓިފިޝަލް އިންޓެލިޖެންސާ ދިމާލަށް އެނބުރޭން ޖެހެނީ އެއަށް ކިޔައިދޭ ވާހަކަތައް ލީކުވާނެ ކަމުގެ ބިރު ނެތުމާއި، 24 ގަޑިއިރު އެޚިދުމަތް ލިބުމާއި، ފަސޭހައިން ވިސްނައިގަނެ، ހަޖަމްކުރެވޭ ޖަވާބާއި ޙައްލު އޭއައި އިން ފޯރުކޮށްދޭތީ ކަމަށެވެ. އެހެން ފަރުވާ ހޯދާ ފަރާތަކުން ބުނީ އޭއައި ނުވަތަ ރައްޓެއްސެއް ގާތު އަހައިގެން، ޕްރޮފެޝަނަލް އެހީ ހޯދާން ދާންވީ ދިމާ ސާފު ކުރާ ކަމަށާއި، "މިހާރު ކޮންމެ ސުވާލެއް އޮންލައިންކޮށް ނޫނީ އޭއައި އާ ކުރީމާ ޖަވާބު އެބަ ދޭ،" ކަމަށެވެ.
އޭއައި އަކީ މަޢުލޫމާތާއި، ތަފާތު ނަޒަރިއްޔާތުތަކުން ވިސްނުމާއި، ޕްރޮފެޝަނަލްކޮށް ފަރުވާ ދޭ ފަރާތްތަކުން ފަރުވާ ހޯދާ ފަރާތްތަކަށް ކުރާނެ ސުވާލު ތައްޔާރުކުރުން ފަދަ ކަންކަމުގައި ނުހަނު ބޭނުންތެރި އާލާތެއް ކަމަށާއި، ނަމަވެސް އޭއައި އަކީ ކަމަށް ތަމްރީނުވެފައި، ޢިލްމު ލިބިހުރި އިންސާނެއްގެ ބަދަލުގައި ފަރުވާ ހޯދާން ދާންވީ ފަރާތެއް ނޫންކަމާއި، އެފަދައިން ފަރުވާ ހޯދާނަމަ ދިގު މުއްދަތުގައި ދިމާވެދާނެ ގެއްލުންތަކުގެ މައްޗަށް ހޭލާ ތިބޭން ޖެހޭ ކަމަށެވެ.
ޢާންމު ޞިއްޙަތުގެ ރޮނގުން އެ ރިޕޯޓުގައި ބުނަނީ އަމިއްލަށް މަރުވާން ހިތަށް ވަންނަ ނަމަ އޭއައި ގެ ފަރާތުން އެހީ ހޯދުން ރަނގަޅު ނޫން ކަމަށެވެ. އަދި އޭއައި މެދުވެރިކޮށް އެހީ ހޯދާ އިރު، އިހުނަށްވުރެ ޙާލަތު ދެރަވަރުކޮށް އިޙްސާސްވާ ހިނދު، އޭއައި ބޭނުން ކުރުން ހުއްޓާލުމަށާއި، އެފަދަ ދަނޑިވަޅުގައި ލަސްނުކޮށް، ވަގުތުން، އެހެން ދިމާއަކުން ހޯދުމަށެވެ.

ފިތެމުންދާ ނިޒާމެއް

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ނަފްސާނީ ފަރުވާދޭ ޑިޕާޓްމަންޓުން ހޯދި މަޢުލޫމާތުން މޯލްޑިވްސް އިންޑިޕެންޑެންޓަށް ކުރެހުނީ ކަންބޮޑުކުރުވަނިވި މަންޒަރެކެވެ. ނަފްސާނީ ފަރުވާ ހޯދާން އެދޭ ޢުމުރުން 10 އަހަރާއި 19 އަހަރާ ދެމެދުގެ މީހުންގެ ނިސްބަތް 400 އިންސައްތަ 2015 އާއި 2024 އާ ދެމެދު އިތުރުވެފައި ވެއެވެ.
ބައެއް ހިދުމަތްދޭ ފަރާތްތަކުން ބުނަނީ ވެއިޓް ލިސްޓުގައި އެކަނި 60 އާއި 100 އާ ގާތްކުރާ ޢަދަދެއްގެ މީހުން ތިބި ކަމަށެވެ. ނޭޝަނަލް މެންޓަލް ހެލްތު ހޮޓްލައިނަށް ދެ އަހަރު ދުވަހުގެ ތެރޭގައި 12،000 އަށް ވުރެ ގިނަ ކޯލް ލިބިފައިވެ އެވެ. މި ޢަދަދުތައް ދަނީ އިތުރުވަމުންނެވެ. ޚާއްޞަ ޚިދުމަތްތައް މާލެއިން މެނުވީ ޢާންމުކޮށް ލިބޭކަށް ނެތެވެ. ރަށްފުށުގައި ނަފްސާނީ ބަލިމަޑުކަމުގެ ފަރުވާ އަމުދުން ލިބޭން ނެތް ސަރަޙައްދުތައް ގިނައެވެ. ކައުންސިލަރެއްގެ ބޮލަށް ރަށްފުށުގެ ސްކޫލެއްގައި ޖެހޭ ދަރިވަރުންގެ ޢަދަދު ހުރީ މެނޭޖުކުރެވޭ މިންވަރަށްވުރެ މާ ބޮޑުކޮށެވެ.
ނަތީޖާއަކަށް ވެގެންދަނީ ނަފްސާނީ ބަލިމަޑުކަމުން ދުރުވާން އެޅޭނެ ފިޔަވަޅުތަކުގެ ވާހަކައާއި، އެކަމުގެ އަމާޒުގައި މަސައްކަތެއް ނުކުރެވުމެވެ. ހައްތަހާ ބަލިވީމާ ދެން ދޭނެ ފަރުވާއަށް މެނުވީ ފަރުވާގެ އޮނިގަނޑުން ރިޢާޔަތެއް ނުކުރެއެވެ. އަމުދުން ޚިދުމަތުގެ ލިޔާޤަތާއި ޤާބިލުކަން ތަދުއިރު، ބަލިވީމާ ފަރުވާ ކުރާގޮތަށް އޮނިގަނޑު ބައްޓަންވެފައިވާތީ ގިނަ ފަހަރު ފަރުވާ ހޯދާން މީހުންނަށް އާދެވެނީ މާ ލަހުން ކަމަށެވެ. ނުވަތަ އިމާރޖެންސީ ޙާލަތުގައި ކަމަށް ރިޕޯޓު ދައްކައެވެ. އެހެންކަމުން، ނަފްސާނީ ފަރުވާއަކީ ކުރު، އަވަސް އަދި ޙާލަތު އެހިނދަށް ކޮންޓްރޯލްކުރާން ކުރާ ކަމެއް ކަމުގައި ޢާންމުކޮށް ދެކެވޭން ފަށާ ކަމަށާއި، ސައިކޯ އެޑިއުކޭޝަން، ނަފްސާނީ ހުނަރުތަކާއި ފަންވަރު އިތުރުކުރުމާއި، ޤަވާޢިދުން ޑަކްޓަރަށް ދެއްކުންފަދަ ކަންކަމުގެ މުހިންމުކަން ވިސްނައިގަނެފައި ނުވާ ކަމަށާއި، ދެން ސަލާމަތް ނުވެވޭވަރުވެގެން އެނބުރޭން އޮންނަ ފަރާތެއް ކަމަށް ނަފްސާނީ ފަރުވާގެ އޮނިގަނޑު ވެފައިވާކަމަށް އެރިޕޯޓުގައި ބުނެއެވެ.
ދެން އޮތީ ނަފްސާނީ ބަލިތަކާމެދު ޢާންމުކޮށް ދެކޭ ނުރަނގަޅު ގޮތްތަކެވެ. ކުދި އަދި ގުޅުންތަކުން މެހިފައިވާ ރަށްރަށުގައި ނަމަ ފަރުވާގެ ބޭނުމަށް ނަމަވެސް އެހެން މީހަކާ ވާހަކަ ދެއްކުމުގެ ނަތީޖާ ގޯސް ވެދާނެއެވެ. ދެއްކި ވާހަކަތައް ފެތުރި، އެކަމުގެ ސަބަބުން އަބުރަށް ގެއްލުންވެ، މީހުންގެ ނުރުހުން ލިބި، އެކަހެރި ވެދާނެއެވެ. މިސާރވޭއަށް މަޢުލޫމާތު ދިން ފަރުވާ ދޭ އެއް ފަރާތަކުން ދިރާސާވެރިންނަށް ކިޔައިދިން ގޮތުގައި "އެހީ ހޯދަން ސްކޫލް ކައުންސެލަރުންގެ ގާތަށް ދާއިރު، އެހެން މީހުން ދެކެނީ އެއީ ލަދުވެތި ކަމެއް ކަމަށް،" ކަމަށާއި "ޖިންނި އަވަލާފައި" ކަމުގެ ޓެގް ލަހެއް ނުވެ އަޅުވާ ކަމަށެވެ.
އެންމެ ބޮޑު އެއް މައްސަލައަކީ ފަރުވާ ހޯދާ މީހާ ކިޔައިދޭ ވާހަކަތައް ލީކުވުމެވެ. ސިއްރު ނުހިފެހެއްޓުމެވެ. "ނިކަމެތި ޢާއިލާއެއްގެ މީހެއް ނަމަ ސިއްރު ލީކުވާނެ ވަރަށް އަވަހަށް،" ފަރުވާ ހޯދާ މީހަކު ބުންޏެވެ. އަނެއް މީހަކު ފާހަގަކުރި ގޮތުގައި "ދައްކާ ވާހަކައާމެދު ފަހުން ތިމާގެމީހުން ދެކޭނެ ގޮތެއް ނޭނގޭއިރު. ހުރިހާ ކަމެއް ހިފެހެއްޓުމެއް ނެތި ކިޔައިދނުމަކީ އުނދަގޫ ކަމެއް،" ކަމަށެވެ.
ފަރުވާ ހޯދުމުގެ ޚަރަދުގެ ބޮޑުކަމުންވެސް ފަރުވާއަށް އަތްފޯރާ ވަރުނުވެ ދެއެވެ. ތެރަޕީ ސެޝަނެއް ހުރީ 550 ރުފިޔާ އިން ފެށިގެން 15،000 އާ ދެމެދުގައެވެ. ބޭހުގެ އަގު 7،000 އަށް އަރާނެ އެވެ. ވެރި ރަށް މާލޭގައި ނޫޅޭ ބަލި މީހަކަށް ނަފްސާނީ ޙާލަތު ގޯސްވެގެން މާލެ އަށް ދަތުރުކުރުމާއި ހުރުމާއި ކެއުމާއި ފަރުވާ ދޭ ތަނަށް 25 އާއި 50،000 ރުފިޔާއާ ދެމެދުގެ ޚަރަދު ކުރާން ޖެހެއެވެ. ފަރުވާ ހޯދާ މީހަކު ދިރާސާވެރިންނަށް ކިޔައިދިން ގޮތުގައި: "50،000 ހޭދަ ކުރަން ޖެހުނު އަހަންނަށް އެންމެ 20 ދުވަހުގެ ތެރޭގައި، އެހެންވީމާ ފަރުވާ ކުރެވެން ނެތިގެން ހުއްޓާލީ" އެވެ.
މިދިޔަ މަހު ރައީސް ޑރ މުޙައްމަދު މުޢިއްޒު ވަނީ ސަރުކާރުގެ ހެލްތު އިންޝުއަރެންސް ސްކީމް - އާސަންދައިން "1 ޖެނުއަރީ 2026 އިން ފެށިގެން ނަފްސާނީ ފަރިވާގެ ހުރިހާ ޚަރަދެއް ފުރިހަމައަށް ކަވަރުކުރާނެ" ކަމަށް އިޢުލާން ކުރައްވާފައެވެ.

ޢަދަދުތައް

ސަރުކާރުން ހިންގާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން މޯލްޑިވްސް އިންޑިޕެންޑެންޓަށް ލިބިފައިވާ ތަފާސް ހިސާބުތަކުން ފެންނަނީ ކަންބޮޑުވަނިވި މަންޒަރެކެވެ. ޢުމުރުން 10 އަހަރާއި 19 އަހަރާ ދެމެދުގެ މީހުންކުރެން ނަފްސާނީ ފަރުވާ ހޯދާން އަންނަ ޢަދަދު 2015 އާއި 2024 އާ ދެމެދު 400 އިންސައްތައަށް ވުރެ ބޮޑަށް އިތުރުވެފައި ވެއެވެ.
މިޢުމުރުފުރާ އިން ފަރުވާ ހޯދާން އައި ކަމަށް 2015 ވަނަ އަހަރު ރެކޯޑުކޮށްފައިވަނީ 692 މީހުންނެވެ. އެ ޢަދަދު 2024 ވަނަ އަހަރުގެ ނިޔަލަށް 3،524 އަށް އަރާފައިވާއިރު، އެންމެ ބޮޑު އިތުރުވުމެއް ފާހަގަވަނީ 15 އަހަރާއި 19 އަހަރާ ދެމެދުގެ ޢުމުރުފުރާއިގެ ތެރޭގައި ކަމަށާއި، މި މުއްދަތުގައި މިޢުމުރުފުރާގެ މީހުންގެ ފަރުވާ ހޯދުން 562 އިންސައްތަ އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތައް ދައްކައެވެ.
އެ ޑޭޓާއިން ދައްކާ ގޮތުގައި 2021 ވަނަ އަހަރު ވަށައިގެން ފަރުވާ ހޯދުން ރާސްއަޅާފައި އިތުރުވެފައި ވެއެވެ. އަހަރު ނަފްސާނީ ފަރުވާ ހޯދުން ދެގުނައަށް ވުރެ އިތުރުވެފައިވެ އެވެ. މިއީ ކޯވިޑް-19 ލޮކްޑައުންތަކުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ އަސަރުތަކާއި އެހީތެރިކަން ހޯދުމުގެ ޝައުޤުވެރިކަން އިތުރުވުމުގެ ނަތީޖާއެވެ. ނަމަވެސް ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ކުރިން ހުރި މިންވަރަށް ޢަދަދުތައް ތިރިއެއް ނުވިއެވެ. 2024 ވަނަ އަހަރަކީ ނަފްސާނީ އެހީއަށް އެދުނު މިންވަރު އެންމެ މަތިން ރެކޯޑް ކުރެވިފައިވާ އަހަރެވެ.
ހުރިހާ ފަރުވާދޭ ތަންތަނަކުން ބަލާ ކޮންމެ 5 މީހުންކުރެ އެކަކީ ޒުވާނެކެވެ. މީގެ ދިހަ އަހަރު ކުރިން އެނިސްބަތް ހުރީ ގާތްގަނޑަކަށް ކޮންމެ އަށް ބަލި މީހަކަށް އެއް ޒުވާނެއްގެ މަގުންނެވެ.

"މިބާވަތުގެ ކަންކަމާ ކުރިމަތިލާކަށް ނޭނގޭ"

ދަ އޭޝިޔާ ފައުންޑޭޝަނާއި މޯލްޑިވިއަން ނަރސަސް އެސޯސިއޭޝަނުން ކުރި ސާރވޭގެ މައްޗަށް އެކުލެވި ރިޕޯޓުން އެކަށީގެންވާ ޕްރޮފެޝަނަލް ސަޕޯޓެއް ނުލިބުމާއި ހެޔޮ ނިޔަތުގައި ނަމަވެސް ޢާއިލާގެ ފުށުން ލިބޭ ޖަވާބުތަކުން ނަފްސާނީ ދުޅަހެޔޮކަމަށް އިތުރު ބުރުލެއް އަރަމުންދާ ޖީލެކެވެ.
ސާރވޭއަށް މަޢުލޫމާތު ދިން ފަރުވާ ހޯދާ ފަރާތެއް ބުނީ "އަހަރެމެންގެ މައިންބަފައިން، އަހަރެމެންގެ ކާފަ އާއި މާމަ، ވީ ކިހިނެއްތޯ އަހާލުމުގެ ބަދަލުގައި ބުނަނީ ގޮސް ނަމާދު ކުރާށޭ،" ކަމަށެވެ.
ފަރުވާދޭ ފަރާތްތަކުން ފާހަގަކުރި ގޮތުގައި ޢާންމުކޮށް މީހުންނަށް ޚަބަރު އެނގެނީ އެންމެ މަޝްހޫރު ނަފްސާނީ ބަލިތަކުގެ ވާހަކައިން ކަމަށާއި، ޞައްޙަ މަޢުލޫމާތާއި ސަޕޯޓް ނުލިބޭ ވަގުތުތަކުގައި އެ ހުސްކަން ފޫބައްދަނީ ނުރަނގަޅު މަޢުލޫމާތެވެ. ނުވަތަ ދޮގު މަޢުލޫމާތު ކަމަށާއި، ދިވެހިންނަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވަނީ ތަރުބިއްޔަތުގެ އުކުޅުތަކާއި، ކުދިންނާ ވާހަކަ ދައްކާ، މުޢާމަލާތް ކުރާނެ ގޮތްތަކުގެ އިތުރަށް ޑިވައިސްތައް މެނޭޖްކުރާނެ ގޮތްތައް ކަމަށެވެ.
އިރުޝާދެއް ނެތި އަމިއްލައަށް ކަންކަން ބެލެހެއްޓުމުގެ ނަތީޖާ ސިފަކުރަމުން، ސާރވޭއަށް މަޢުލޫމާތު ދިން ޒުވާނަކު ބުނީ "ގިނަ މީހުން އަމިއްލައަށް ކަމެއް ކުރާނެ ކަމެއް ނުވަތަ މި ބާވަތުގެ ކަންކަމާ ކުރިމަތިލާން ނޭނގޭތީ ޙާލަތު ގޯހުން ގޯހަށް ދާތަން ފެންނަމުންދާލެއް ޢާންމު" ކަމަށެވެ.
ބޭސް ނުވަތަ ޑަކްޓަރީ ފަރުވާގެ ބަދަލުގައި ޒުވާނުން ބޭނުންވާ ކަމަށް ބުނީ ވާހަކަ ދައްކާލާނެ މީހެކެވެ. އަދި ތަޙައްމަލު ކުރަމުންދާ ކަންކަން ކިޔައިދީ، ފަހުމުވާނެ ވަރުގެ ކަންފަތެކެވެ.

ތަފާތު ބައްޔެއް، ތަފާތު ބޭސް ސިޓީއެއް

އޮސްޓްރޭލިޔާގެ ފިޔަވަޅު ބިނާވަނީ ސޯޝަލް މީޑިޔާއާމެދު ދެކެވޭ ގެއްލުން ދިނުމުގެ ނުވަތަ ފަނާކުރުވަނިވި ފަލްސަފާއެއްގެ ފަށުންނެވެ. އެ ފަލްސަފާ ދެކޭގޮތުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ބޭނުންކުރަނީ ދެވިހިފާ ބާވަތުގެ ޑިޒައިންތަކެކެވެ. އަދި އަލްގޮރިތަމްތަކުން ހައްތަހާ ފަށްފަށްކޮށްފައި ދައްކަނީ ސީދާ ފުރާވަރުގެ ނަފްސާނީ ޞިއްޙަތަށް ނޭދެވޭ އަސަރާއި، ގެއްލުން ދެނިވި، ކޮންޓެންޓެވެ. ވިސްނުމަކީ އެ ކޮންޓެންޓް ނުދެއްކުމެވެ. ނުފެނުނީމާ ގޯސް އަސަރެއް ނުކުރުމެވެ.
ހައިޑްގެ "ދަ އެންޝަސް ޖެނެރޭޝަން" ގައި ބުނަނީ ދުނިޔޭގެ ފެންވަރުގައި ނަފްސާނީ ސިއްޙަތުގެ ކާރިސާއެއް 2012 އިން ފެށިގެން ފެތެރެމުންދާ ކަމަށާއި، ސްމާޓްފޯނާއި ސޯޝަލް މީޑިޔާ މަތީ މިންވަރަކަށް ބޭނުން ކުރާން ފެށުން، މިކަމާ ގުޅުންހުރި ކަމަށް ބެލެވޭ ކަމަށެވެ. އޭނާ އަންނަނީ ޢުމުރުން 14 އަހަރާ ހަމައަށް ސްމާޓްފޯން ބޭނުންކުރުން ހުއްޓުވުމާއި، ސޯޝަލް މީޑިޔާ ބޭނުންކުރުން 16 އަހަރާ ހަމައަށް ލަސްކުރުމާއި، ސްކޫލްތަކުގައި ފޯނު ބޭނުންކުރުން އެކީ އެކަށް މަނާކުރަން ވަކާލާތު ކުރަމުންނެވެ.
އެކަމަކު ރާއްޖޭގެ ރިޕޯޓުން ދައްކާ ގޮތުގައި ޒުވާނުންނަކީ އެލްގޮރިތަމްތައް ވަކި ބާވަތެއްގެ ކޮންޓެންޓް ދައްކައިގެން ހައްލާ ހެއްލުމަށް ޒުވާނުން މާ ހުޝިޔާރުވެފައި، ހޭލާ ތިބި ކަމަށެވެ.
ނަމަވެސް އޮންލައިން ސަޕޯޓުގެ ހިރާސްތަކަށް ރާއްޖެއާ ބެހޭ ރިޕޯޓުވެސް ރިޢާޔަތް ކުރެއެވެ. އެގޮތުން ނަފްސާނީ ޞިއްޙަތުގެ ކެމްޕޭންތަކުގައި "ސަޕޯޓަށް އޭއައި ޗެޓްބޮޓް ބޭނުންކުރާނެ ވަގުތާއި، އެ ޗެޓްބޮޓްތަކުގެ ލިމިޓޭޝަންތަކާ ބެހޭ ސާފު އަދި ސާދާ އިންޒާރުތައް" ސާފުކޮށް ފެންނާން ހުންނާން ޖެހޭނެ ކަމަށް ރިޕޯޓު ލަފާދެއެވެ. މީގެ އިތުރުން، ކޮމިއުނިޓީ ބެސްޓް ސަޕޯޓާއި، ތަމްރީނު ލިބިފައިވާ ޕިޔާރ (އެކުގައި އުޅޭ، މަސައްކަތްކުރާ މީހުން) މެންޓަރުންނާއި (އެހީއާއި ތަމްރީނާއި ތަޢުލީމު ދިނުން)، އެކްސެސިބަލް (އެންމެންނަށް ކަންފަހި، އަތްފޯރާ) ސްކްރީނިން އާލާތްތައް ފޯރުކޮށްދިނުމާއި، މާލެއިން ބޭރުގައި ދިރިއުޅޭ ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 60 އިންސައްތައަށް ޚިދުމަތް ފުޅާކުރުމަށް ރިޕޯޓުގައި އިރުޝާދު ދެއެވެ.
މި ރިޕޯޓުގެ ލަފާތައް ފުޅާ ނަމަވެސް، ޚާއްސަކޮށް ޒުވާނުންނަށް އަމާޒުކޮށްފައިވާ ލަފާތައް ގިނައެވެ. އޭގެ ތެރޭގައި ހިމެނެނީ ސްކޫލްތަކަށް އިތުރު ކައުންސެލަރުން ހޯދުމާއި، އެކަށީގެންވާ ނިސްބަތެއްގައި ކައުންސިލަރަކަށް ޖެހޭ ދަރިވަރުންގެ ޢަދަދު ބެހެއްޓުމާއި، ކޮމިއުނިޓީ މެންޓަލް ހެލްތު ސަޕޯޓް ޚިދުމަތްތައް ފެށުމާއި، ދެން އިތުރު ގޮތެއް ނެތް ހިސާބަށް ދިއުމުގެ ކުރިން، ސްކްރީންކޮށް، ޙާލަތު މޮނީޓާރކުރަމުން ދިއުމާއި، ނަފްސާނީ ދުޅަހެޔޮކަން ގެއްލެން ފެށުމުގެ ޢަލަމާތްތައް ފެންނަ ހިސާބުންވެސް އެހީއާއި މަދަދު ފޯރުކޮށްދެވޭނެ ގޮތަށް އޮނިގަނޑު ބައްޓަންކުރުމެވެ.
އަދި ރާއްޖެއަކީ ޓެކްނޮލޮޖީއަށް ފަރިތަ، އިންޓާރނެޓް ބޭނުންކުރުން ޢާންމުވެފައިވާ ޤައުމަކަށްވާއިރު ޘަޤާފީގޮތުންނާއި ދީނީގޮތުން ދިވެހިންނާ ގުޅޭގޮތަށް ނަފްސާނީ ފަރުވާގެ އެހީ ފޯރުކޮށްދެވޭނެ މަޢުލޫމާތާއި ޑިޖިޓަލް މެންޓަލް އާލާތްތައް އުފައްދާން ޖެހޭ ކަމަށްވެސް ރިޕޯޓުގައި ލަފާދީފައިވެ އެވެ. ސްކޫލްތަކާއި، ޒުވާނުންގެ މަރުކަޒުތަކާއި، މިސްކިތްތަކުގައި ވެސް ކިއުއާރު ކޯޑްތައް މެދުވެރިކޮށް އަމިއްލައަށް ސްކްރީން ކުރުމުގެ އާލާތްތަކަށް ކަންފަހި ކުރެވިދާނެ ކަމަށް އެރިޕޯޓުގައި ވޭމެއެވެ.
ރިޕޯޓު ނިންމާލަމުން ބުނަނީ ފަށައިގަންނާންވީ ހިސާބަކީ ފަރުވާ ހޯދޭނެ ގޮތްތައް ފަސޭހަ ކުރުމާއި، ރައްކާތެރި ކުރުމާއި، ގާތުން ލިބޭނެ ގޮތް ހެދުމުން ކަމަށެވެ.
ތިމާ ނުވަތަ ތިމާއަށް އެނގޭ އެހެން މީހަކަށް ސަޕޯޓް ބޭނުންވާނަމަ ނޭޝަނަލް މެންޓަލް ހެލްތު ހެލްޕްލައިން 1677 އަށް ގުޅުއްވާ ލައްވާށެވެ. އެލައިންގައި ދައްކާ ވާހަކަތަކުގެ ސިއްރު ހިފެހެއްޓޭނެއެވެ. 

މިނިވަން ނޫސްވެރިކަމަށް އެހީތެރިވުމަށް ޑޮނޭޓް ކޮށްދެއްވާ