އެންމެންވެސް ދަރިން ހޯދާ މިންވަރުދަށްވެއްޖެ. ރާއްޖެއަކު އެކަންޏެއް ނޫން!
ދަރިމައިވުމުގެ ނިސްބަތް ދަށްވާން ފެށީ ވިހެއުމުގައި މަރުވާ އަންހެނުން މަދުވާން ފެށި ހިސާބުން.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
23 އޮގަސްޓް
ދަރިމައިވުމުގެ ނިސްބަތް ދަށްވާން ފެށީ ވިހެއުމުގައި މަރުވާ އަންހެނުން މަދުވާން ފެށި ހިސާބުން
1985 ގައި ދިވެހިރާއްޖޭގެ 100،000 ކުދިން ވިހެއްޔާ 552 އަންހެނުން ވިހެއުމުގެ ތެރޭގައި މަރުވިއެވެ. 2023 އެ ޢަދަދު ހުރީ 32 ގައެވެ. ވިހެއުމުގައި މަރުވާ އަންހެނުންގެ ޢަދަދު ދަށްކުރުމުގެ ފަހަތުގައިވަނީ ދޭތެރެ ދުރުކުރުމުގެ ޕްރޮގްރާމެވެ. އެހެނަސް، 1995 ގައި އަންހެނަކަށް 6.4 ކުދިން ވިހޭއިރު، އެ ނިސްބަތް 2000 ވަނަ އަހަރު ހުރީ 2.8 ކުދިންނަށް ދަށްވެފައެވެ.
އެކަމަކު ދޭތެރެ ދުރުކުުމުގެ ޕްރޮގްރާމްގެ މަޤްޞަދަކީ ވިހާ މިންވަރު މަދުކުރުމެއް ނޫނެވެ. ވިހެއުމުގައި މަރުވާ އަންހެނުންގެ ޢަދަދު ދަށް ކުރުމެވެ.
"މި ޕްރޮގްރާމް ނުފެށިނަމަ [ތިބާގެ] މަންމަ ދުނިޔޭގައި ހުންނާނެ ކަމެއް ނޭނގެ، އަދި އެ ޕްރޮގްރާމް ނުހިންގި ނަމަ އަހަރެން ސަލާމަތްވާނެ ކަމެއް ވެސް ނޭނގެ،" ޔޫއެންއެފްޕީއޭގެ ދިވެހިރާއްޖޭގެ އޮފީހުގެ ވެރިއެއްގެ ގޮތުގައި ހުންނެވި ޝާދިޔާ އިބްރާހިމް މޯލްޑިވްސް އިންޑިޕެންޑެންޓަށް ވިދާޅުވިއެވެ.
މިހާރު މިވަނީ ދަރިމައިވާ ނިސްބަތް މަދުވެ، އާބާދީ އިތުރުވާ ނިސްބަތް މާ ބޮޑަށް ދަށަށް ގެންގޮސްފައެވެ.
2019 ވަނަ އަހަރު ޖުމްލަ ދަރިމައިވުމުގެ ރޭޓް (ޓޯޓަލް ފަރޓިލިޓީ ރޭޓް: ޓީއެފްއާރު) - އަންހެނަކަށް ޢުމުރުގައި ލިބޭނެ އެވްރެޖް ކުދިންގެ ޢަދަދު - ހުރީ 1.8 ގައެވެ. މިއީ އާބާދީ މިހާރު ހުރި ވަރަށް ހިފަހައްޓާން ބޭނުންވާ 2.1 ގެ ރޭޓަށްވުރެ މާދަށް މިންވަރެކެވެ. 2022 ވަނަ އަހަރުގެ ބޯހިމެނުމުގައި ޓީއެފްއާރު މިންކުރި އިރު ހުރީ 1.7 ގައެވެ.
ދޭތެރެ ދުރުކުރުމުގެ ޕްރޮގްރާމް
1997 ވަނަ އަހަރު ޔޫއެންއެފްޕީއޭއާ ގުޅުނު ޝާދިޔާ އަކީ ވިހެއުމުގައި މަރުވާ އަންހެނުންގެ ޢަދަދު ނުހަނު މަތީގައި ހުރި ދުވަހުއްސުރެ އަދާއިހަމައަށްވެސް މިރާއްޖޭގެ އާބާދީގެ މަޢުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ މީހެކެވެ. އޭރު އަންހެނުން ވިހެއުމުގައި މަރުވުމުގެ މައިގަނޑު އެއް ސަބަބަކީ "މީހުން ވަރަށް ކައިރިކައިރީގައި ބަލިވެ އިނުން، އެއީ އަޞްލުގައި އަންހެނެއްގެ ހަށިގަނޑަށް ބޮޑު ބުރައެއް" ކަމަށް އޭނާ ވިދާޅުވިއެވެ. ދޭތެރެ ދުރުކުރުމުގެ ޕްރޮގްރާމްގެ މަޤްޞަދަކީ "އަންހެނުންނަށް ދިރިހުރުމަށް ފުރުޞަތު ދިނުން،“ ކަމަށާއި “އަދި އަޅުގަނޑަށް ފެންނަ ތަނުގައި މި ޕްރޮގްރާމް ވަރަށް ރަނގަޅަށް މަސައްކަތް ކުރި،“ ކަމަށް ޝާދިޔާ ވިދާޅުވިއެވެ.
ބަލިވެ އިނުމާއި ވިހެއުމުގެ ތެރޭގައި ދިމާވި ކަންކަމުގައި ވޭތިވެދިޔަ އަހަރު މަރުވީ 5 އަންހެނުން ކަމަށް މި މަހުގެ ކުރީކޮޅު ޢާންމުކުރި 2025 ވަނަ އަހަރުގެ ވައިޓަލް ސްޓެޓިސްޓިކްސް ރިޕޯޓުގައި ދައްކައެވެ. ދިވެހިރާއްޖެ އަކީ މިހާރު ދެކުނު އޭޝިއާގައި ވެހިއުމުގައި މައިން، ވިހެއުމަށްފަހު ކުދިން އަދި ފަސް އަހަރުން ދަށުގެ ކުދިން މަރުވާ ނިސްބަތް އެންމެ ދަށް އެއް ޤައުމެވެ.
"ދަރިމައިވުމުގެ ނިސްބަތް ޖުމުލަގޮތެއްގައި ފުދޭވަރަކަށް ބާރަށް ދަށަށް ދިޔައީ ތަރައްޤީގެ އެހެން ހުރިހާ އިންޑިކޭޓަރުތަކެއް ވެސް ވަރަށް ހަލުވިކަމާއެކު ބަދަލުވެގެންދިޔަ ދިއުމުގެ ތެރޭގައި،" ޝާދިޔާ ފާހަގަކުރެއްވިއެވެ. "އަންހެން ކުދިންގެ ތަޢުލީމަށް ބަލާނަމަ ވަރަށް ބޮޑު ކާމިޔާބީއެއް ލިބިއްޖެ. މީގެ ދެތިން އަހަރު ކުރިން ޕެރިޓީއަށް އާދެވިއްޖެ، އަދި މިހާރު އަންހެނުންނަށް ވެސް ތަޢުލީމުގައި ރަނގަޅު ނަތީޖާތަކެއް ހޯދާ[...] އެހެންވީމަ ތަރައްޤީގެ މަގުގައި ވަރަށް ހަލުވިކަމާއެކު ދިވެހިން ދިޔައީ ކުރިއަށް. އެއީ ރަނގަޅު ކާމިޔާބީއެއް. އެ ކާމިޔާބީ ފާހަގަކުރަންޖެހޭ. އެކަމަކު މިހާރު ފެން ކުރަން އޮތް ކަމަކީ ދެން އަންނަން އޮތް ކަންކަމަށް ތައްޔާރުވުން.“ ޝާދިޔާ ވިދާޅުވިއެވެ.
އޮކްޓޯބަރު މަހު މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ވަނީ ދަރިމައިވުން ހުރީ އާބާދީ މިހާރު މިހުރި މިންގަނޑުގައި ހިފެހެއްޓޭ ވަރަށްވުރެ ދަށުގައި ކަން ހާމަކޮށްފައެވެ. އެ ބިއުރޯގެ އަންދާޒާތަކުން ދައްކަނީ 2050 އާ ހަމައަށް ދިވެހިރާއްޖޭގެ އާބާދީ ބޮޑުވަމުންގޮސްފައި، އެއަށްފަހު ދަށްވަމުން ދާނެ ކަމަށެވެ.
ދަރިމައިވުމުގެ ނިސްބަތް އަންހެނަކަށް 2.8 ކުދިންނަށް ދަށްވިތާ ހަތަރު އަހަރު ފަހުން ދިވެހިރާއްޖޭގެ ސަރުކާރުން ވަނީ އެއީ ޤައުމީ އަމާޒެއްކަމަށް އެކަށައަޅާފައެވެ. 2004 ވަނަ އަހަރުގެ އާބާދީއާބެހޭ ސިޔާސަތުގައި އަމާޒު ހިފާފައިވަނީ 20 އަހަރު ތެރޭގައި ދަރިމައިވުމުގެ ނިސްބަތް އާބާދީ ހުރި މިންވަރުގައި ހިފެހެއްޓޭނެ މިންވަރަށް ދަށްކުރުމެވެ. 2022 ވަނަ އަހަރު ޓީއެފްއާރު [ޓޯޓަލް ފަރޓިލިޓީ ރޭޓް] 1.7 އަށް ތިރިވުމާއެކު، އެ އަމާޒު ޙާޞިލުވެފައިވާ ކަމަށް ޔޫއެންއެފްޕީއޭގެ "ސޯޝިއޯ އިކޮނޮމިކް ޑްރައިވަރސް އޮފް ލޯ ފަރޓިލިޓީ އިން މޯލްޑިވްސް" ގައި 2026 ޖެނުއަރީ ގައި ޝާޢިއުކޮށްފައިވެ އެވެ.
އެރިޕޯޓުގެ އެއް މުޞައްނިފުގެ ގޮތުގައި ޙަރަކާތްތެރިވެ ވަޑައިގެންފައިވާ ޝާދިޔާ ވިދާޅުވީ ވަކިވަރެއްގައި ދަރިމައިވުމުގެ ނިސްބަތް ބަހައްޓާން ޤައުމީ ފެންވަރެއްގައި އަމާޒު ހިފާ މަސައްކަތްކުރި ކަމަށް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. ޝާދިޔާ ވިދާޅުވީ ”ސަބަބަކީ ދަރިމައިވުމުގެ ރޭޓަށް ވަކިން އަމާޒުކޮށްގެން އެއްވެސް ޕްރޮގްރާމެއް ހިންގާފަ އޮތްތަނެއް އަޅުގަނޑަކަށް ނުފެނޭ" ކަމަށެވެ.
ދަރިމައިވުމުގެ ރޭޓު ވަކި މިންގަނޑެއްގައި ހިފަހައްޓާން ލަނޑުދަނޑިއެއް އޮތްކަމަށް ބުންޏަސް އެއީ ހިސާބު އަކުރުން ފެންނާން އޮތް ނަންބަރެއް ނޫންކަން ހާމަކުރައްވަމުން ޝާދިޔާ އިތުރަށް ވިދާޅުވީ "ދަރިން ތިބި ނަމަ ޤާބިލުކަންހުރި އެންމެ މަތީ ދަރަޖައަކުން ތަޢުލީމީ ގޮތުން، ޞިއްޙީ ގޮތުން، އިޤްތިޞާދީ ގޮތުން ފުރުޞަތު ފަހިކޮށްދޭން ވާނެ. އަދި އެފުރުޞަތުތައް ކުދިން ގިނަވެގެން ފޯރުކޮށް ނުދެވޭނަމަ، އެއީ މާ ކުދިން ގިނަވުން،“ ކަމަށެވެ. އަދި ގިނަ ޢާއިލާތަކަށް އެންމެ ކުއްޖަކު ހޯދުމުގެ ޤާބިލުކަންވެސް ނެތްކަމަށެވެ.
2004 ވަނަ އަހަރު ޢާންމުކުރި އާބާދީއާބެހޭ ސިޔާސަތުގެ ބަދަލުގައި އާ ސިޔާސަތެއް އަދި މިވީހާ ތަނަށް ސަރުކާރަކުން ޝާޢިއުކޮށްފައެއް ނުވެއެވެ. ސްޓެޓިސްޓިކްސް ބިޔުރޯއިން ފާހަގަކުރި ގޮތުގައި ދަރިމައިވުމުގެ އަންދާޒާތައް 40 އަހަރުގެ މުއްދަތަކަށް އެކުލަވާން ޖެހުނު ކަމަށާއި، ސަރުކާރުގެރ އެއްވެސް އިރުޝާދެއް އެމަސައްކަތަށް ލިބިފައި ނެތް ކަމަށެވެ.
ސްޓެޓިސްޓިކްސް ބިޔުރޯގެ 2019 ވަނަ އަހަރުގެ އާބާދީގެ އަންދާޒާގައި ލަފާކޮށްފައިވަނީ 2054 ވަނަ އަހަރަށް ފަހު މެނުނީ ޓީއެފްއާރު 1.7 އަށް ތިރިވާނެ ކަމަށް ލަފާނުކުރެވޭ ކަމަށެވެ. އެކަމަކު އެމިންވަރަށް 2022 ގެ ބޯހިމެނުމުގައި ބެލިއިރު ދަރިމައިވުމުގެ ރޭޓު ތިރިވެފައި ވެއެވެ.
ސަބަބުތައް
މިދިޔަ ހަފްތާގައި ޖެސޫސް ފަރްނާންޑޭޒް-ވިލާވަރޑޭ އާއި ޕެޓްރިކް ނޮރިކް ޝާޢިއުކުރި ކަރުދާހެއްގައި، 1950 ވަނަ އަހަރުން ފެށިގެން 236 ޤައުމަކަށް ތަޠުބީޤުކުރެވޭނެ އާބާދީގެ ތަފާސްހިސާބު މޮޑަލެއް ތަޢާރަފުކޮށްފައި ވެއެވެ. އޭގައި ވާ ގޮތުން 219 ޤައުމެއްގައި އާބާދީ ދަނީ ދަށަށެވެ. މީހުން މަރުވާ ނިސްބަތާ އެއް ހަމައެއްގައި ހިފެހެއްޓޭ ތަނެއްވެސް ނުފެނެއެވެ. އަދި އާބާދީ ބޮޑުކުރެވޭނެ ވަކި އިޤްތިޞާދީ ކޮއްޕުމެއް ނުވަތަ ބާރު އެޅުމެއް ފާހަގަވެފައި ނެތް ކަމަށް އެކަރުދާހުގައި ބުނެއެވެ. އެ ކަރުދާހުގައި ބުނަނީ ދަރިމައިވުމުގެ ނިސްބަތް މަދުވުމުގެ ސަބަބަކީ ޒަމާނުގެ ދިރިއުޅުމުގެ ގޮތްބާވަތާއި ޘަޤާފަތު ކަމަށެވެ. އެގޮތުން ދެ ދަރިންގެ އިތުރުން ތިންވަނަ ކުއްޖަކު ހޯދުމަކީ އަތުން ހޭދަވާ މިންވަރު ނުހަނު ބޮޑުވާ ކަމެއް ކަމަށާއި، ދަރިން ނެތުމަކީ ޚަރަދު ކުޑަވުމެއްގެ ގޮތުގައި ފާހަގަވާކަމަށް އެ ކަރުދާހުގައި ވެއެވެ.
އެމީހުންގެ އަންދާޒާއިން ބަލާއިރު، އިންސާނިއްޔަތު މިހާރު އޮތީ އަދުގެ އާބާދީ މިމިންވަރުގައި ދެމެހެއްޓުމަށް ބޭނުންވާ ދަރިމައިވުމުގެ ރޭޓަށްވުރެ ދަށުގައެވެ.
މީގެ ދިހަ އަހަރު ކުރިން އާބާދީ ހުރިވަރުގައި ހިފެހެއްޓޭ މިންވަރަށްވުރެ ދަރިމައިވުމުގެ ރޭޓު ދަށަށްދާ ހިސާބަށް ގޮސްފައިވާއިރު، މިއީ ދިވެހިރާއްޖެއަށް އެކަނި ވެގެން އުޅޭ ގޮތެއް ނޫނެވެ. އިރުމަތީ އޭޝިޔާ އާއި ޕެސިފިކްގައި 1995 ވަނަ އަހަރުން ފެށިގެން މިބަދަލު ފެންނާން ފަށައިފިއެވެ. 2021 ވަނަ އަހަރުގެ ނިޔަލަށް އެވްރެޖްކޮށް ޓީއެފްއާރު 1.5 އަށް ތިރިވިއެވެ. ދެކުނު އޭޝިއާގައި ދިވެހިރާއްޖެ އަށް ވުރެ ދަށުގައި ޓީއެފްއާރް ހުރީ ބޫޓާންގައި އެކަންޏެވެ. އެއީ އަންހެނަކަށް އެވްރެޖުކޮށް 1.4 ކުދިންނެވެ. ބަންގްލަދޭޝް، ޝްރީލަންކާ، ނޭޕާލް އަދި އިންޑިޔާގައި ހުރީ 2.0 ގައެވެ.
ދަރިމައިވުމުގެ ރޭޓު މިހާ ދަށަށް ދިއުމުގެ ސަބަބުތައް ކަމުގައި ބެލެވެނީ މާލޭގެ ގޯތިގެދޮރުގެ ދަތިކަމާއި، ދިވެހިރާއްޖޭގެ ވަރީގެ ނިސްބަތުގެ މަތި ކަމެވެ. އެހެންނަމަވެސް އެ ދެ ސަބަބުގައިވެސް އާރުލާ މިންވަރާމެދު ސުވާލު އެބަހުއްޓެވެ.
ދަރިމައިވުމުގެ ނިސްބަތް 1990 ގެ ތެރޭގައި ދަށަށް ދިޔައިރަކު މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ މިހާ ގޯހެއް ނުވެއެވެ. ދަރިމައިވުމުގެ ރޭޓު ދަށްވުމުގެ ސަބަބެއްކަމުގައި ވަރި ގިނަވުން ފާހަގަކުރިޔަސް، އެކަމަށް އަލިކުރާ ހެއްކެއް، ޤަރީނާއެއް ޔޫއެންއެފްޕީއޭ އަކުންވެސް ސްޓެޓިސްޓިކްސް ބިޔުރޯއަކުންވެސް ހާމަކޮށްފައެއް ނުވެއެވެ.
ޝާދިޔާ ދެކެވަޑައިންނަވާ ގޮތުގައި ވަރިއަކީ އެހެން މައްސަލަތަކެއްގެ ނިޝާނެކެވެ. އެގޮތުން ދިވެހިރާއްޖޭގައި ވަރަށް ގިނަ އަންހެނުންނަކީ ވަޒީފާ އަދާނުކުރާ އަދި އާމްދަނީ ނުލިބޭ މީހުންކަމުން، މާލީގޮތުން އެބައިމީހުން ފިރިންނަށް ބަރޯސާވާންޖެހޭ ކަމަށެވެ.
ޔޫއެންއެފްޕީއޭގެ 2025 ވަނަ އަހަރުގެ ދިވެހި އަންހެނުންގެ ސަރވޭގައި ދައްކަނީ ދަރިން ނުހޯދާ ސަބަބުކަމުގައި 55.5 އިންސައްތަ މީހުން ބުނަނީ އެކަށީގެންވާ ބޯހިޔާވަހިކަން ނެތުން ކަމަށެވެ. 10.2 އިންސައްތަ މީހުން ބުނަނީ ސަބަބަކީ މާލީ ތަނަވަސްކަން ނެތުން ކަމަށެވެ. 19.6 އިންސައްތަ މީޖުން ބުނަނީ ޞިއްޙީ ސަބަބުތަކާ ހުރެ ކަމަށެވެ.
ޝާދިދާ ދެކެވަޑައިންނަވާ ގޮތުގައި ކުދިން ބަލަހައްޓާ، ބަލާ، ބޮޑުކުރާ ވައްޓަފާޅިއާއި އިންތިޒާމުތަކަށް އައި ބަދަލަކީ ދަރިން ހޯދުން މަދުވުމުގެ އެއް ސަބަބު ކަމަށެވެ. ”އަޅުގަނޑަށް ދަރިން ލިބުނީމާ އަޅުގަނޑުގެ މަންމަ އެކުދިންގެ ކަންކަން ބަލައިދިން. އެހެންވިމާ ނުކުމެ، މަސައްކަތް ކުރުމުގެ ފުރުޞަތު އަޅުގަނޑަށް ފަހިވި. ކުރީގައި ވިއްޔާ ގާތްތިމާގެ މީހުން - ބޮޑު ޢާއިލާއެއް އެބަ އޮވޭ. މިހާރު ހަމައެކަނި ދެމަފިރިންނާ ކުދިން. އެހެންވީމާ ކުއްޖަކު ބަލަންޏާ އެތައް ޚަރަދެއް އަތުން ކުރަންޖެހޭ،“ ޝާދިޔާ ކިޔައިދެއްވިއެވެ.
ޒުވާނުންނާއި އަންހެނުންގެ ސާރވޭތަކުން އެކަށީގެންވާ ކުދިންގެ ޢަދަދު ކަމުގައި ރެކޯޑުކޮށްފައިވަނީ 2.6 އާއި 2.9 އާ ދެމެދެވެ.
"ގިނަ އަންހެނުން ބޭނުންވަނީ ދެ ދަރިން ހޯދަން، އަދި އެއީ އޯކޭ ކަމެއް. އާބާދީ ދެމެހެއްޓޭނެ،" ޝާދިޔާ ވިދާޅުވިއެވެ.
ޔޫއެންއެފްޕީއޭގެ ރިޕޯޓުގައި ދުނިޔޭގެ ފެންވަރުގައި ދަރިމައިވުމުގެ ބަދަލުތައް އަންނަ ސަބަބުތައް ދެނެގަނެފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ އަންހެނުންގެ ތަޢުލީމީ ފެންވަރު މަތިވުމާއި، ފަހުން ކައިވެނިކުރުމާއި، އާބަނައިޒޭޝަން އަދި އަންހެނުން މުސާރަ ލިބޭ މަސައްކަތުގެ މައިދާނަށް ނުކުތުން ހިމެނެއެވެ.
ރިޕޯޓުގައިވާ ގޮތުން ފުރަތަމަ ކައިވެނި ކުރި އުމުރު 2000 ވަނަ އަހަރު ހުރީ 19.5 އަހަރުގައެވެ. 2022 ވަނަ އަހަރު އެޢުމުރު ހުރީ 22.7 އަށް އަރާފައިވެ އެވެ؛ އަދި 15 އަހަރާއި 24 އަހަރާ ދެމެދުގެ ދުވަހަކުވެސް ކައިވެނި ނުކުރާ އަންހެނުންގެ ނިސްބަތް ހުރީ 2000 ގައި 66 އިންސައްތައިގައެވެ. 2022 ގައި 76 އިންސައްތައިގައެވެ. އެހެންނަމަވެސް 1999 ވަނަ އަހަރު ދަރިމައިވުން މަނާކުރާ އާލާތާއި ބޭސް ބޭނުންކުރާ އަންހެނުންގެ ނިސްބަތްހުރީ 42 އިންސައްތައިގައެވެ. 2021 ވަނަ އަހަރު އެނިސްބަތް ހުރީ 19 އިންސައްތައިގައެވެ.
އަންދާޒާ
ނިމިދިޔަ 2025 ގައި ދިވެހިރާއްޖޭގައި ރެކޯޑުކުރި 1399 މަރުގެ ތެރެއިން 858 މީހުން ނުވަތަ 61 އިންސައްތައަކީ ޢުމުރުން 65 އަހަރުން މަތީގެ މީހުންނެވެ. ދިވެހިރާއްޖޭގެ އާބާދީގެ 5 އިންސައްތަ މީހުންނަކީ ޢުމުރުން 65 އަހަރުން މަތީގެ މީހުންނެވެ.
ނޭޝަނަލް ސްޓެޓިސްޓިކްސް ބިޔުރޯގެ އަންދާޒާތަލުން ދައްކާގޮތުގައި ކުރިއަށް އޮތް ތަނުގައި ޓީއެފްއާރް ގޮސް ހަމަޖެހޭނީ 1.5 ގައެވެ. 2062 ގައި 678،024 މީހުން ދިވެހިރާއްޖޭގައި ދިރިއުޅޭނެއެވެ. 2022 ގައި ރެކޯޑުކުރެވުނު ޖުމުލަ އާބާދީއަކީ 547،651 އެވެ. 2062 އަންނާން ވާއިރަށް ދިވެހިރާއްޖޭގައި ދިރިއުޅޭ ދިވެހިންގެ ޢަދަދު ހުންނާނީ 414،679 އަށް އުފުލިފައެވެ. 2022 ގައި އެޢަދަދު ހުރީ 381،436 ގައެވެ.
ދިވެހިންގެ އާބާދީ އެންމެ ބޮޑުވާނީ 2050 އާ ހަމައިގައެވެ. އެއީ 428،000 އެވެ. އޭގެފަހުން ދާނީ ދަށަށްކަމަށް އަންދާޒާ ކުރެވެއެވެ. އާބާދީ ދަށްވާން ފަށާނެ ފުރަތަމަ އަހަރަކީ 2053 ވަނަ އަހަރުކަމަށްވެސް ބެލެވެއެވެ.
2062 ވާއިރު ދިވެހި މުޖުތަމަޢު މުސްކުޅިވާނެއެވެ. އެގޮތީ 2026 އާއި 2044 އަހަރާ ދެމެދު ދިވެހިރާއްޖޭގެ އާބާދީ ދާނީ މުސްކުޅިވަމުންނެވެ. ޢުމުރުން ދުވަސްވީ މީހުންގެ ނިސްބަތް އާބާދީއާ އަޅާކިޔާއިރު 7 އިންސައްތައަށްވުރެ ބޮޑުވާނެއެވެ. 2045 އާއި 2051 އާ ދެމެދު ދިވެހިރާއްޖޭގެ އާބާދީ އޮންނާނީ މުސްކުޅިވެފައެވެ. 2052 އިން ފެށިގެން އަޖޫޒުވެފައިވާ އާބާދީއެއްކަމުގައި ދިވެހިރާއްޖޭގެ އާބާދީ ގިންތިކުރެވޭނެއެވެ. 2022 ގައި ކޮންމެ މަސައްކަތް ކުރާ ޢުމުރުގެ 100 މީހަކަށް ތިބީ 8 ޢުމުރުން ދުވަސްވީ މީހުންނެވެ. 2062 ގައި ކޮންމެ މަސައްކަތްކުރާ ޢުމުރުގެ 100 މީހަކަށް 50 ޢުމުރުން ދުވަސްވީ މީހުން ތިބޭނެއެވެ. އެވްރެޖު ޢުމުރު 30 އިން 48 އަށް ބަދަލުވާނެއެވެ.
ދިވެހި މަސައްކަތްތެރި އާބާދީ އެންމެ ބޮޑުވާނީ މީގެ 16 އަހަރު ފަހުން 2042 ގައެވެ. އެއީ 300،000 އެވެ. އެއަށްފަހު ދާނީ ދަށަށެވެ.
ބިޔުރޯގެ އަންދާޒާތަކުގައި ބިދޭސީންގެ އާބާދީ ގުނަނީ ބަދަލުވަމުން އެނބުރެމުންދާ ނިސްބަތެއްގެ ގޮތުގައެވެ. 40 އަހަރުގެ މި އަންދާޒާގައި 65 އަހަރުން މަތީގެ އަދި ކުޑަކުދިންގެ އާބާދީއަކީ ބިދޭސީންގެ ތެރެއިން އެންމެ 2 އިންސައްތައެވެ. ބިޔުރޯގެ އަންދާޒާގައި ބިދޭސީންގެ އާބާދީ އައުވެ ޒުވާންވަމުން ދާނެ ކަމަށާއި، ދުވަސްވަމުން ނުދާނެ ކަމަށް ބަލާފައިވެއެވެ. 2022 ގައި ދިވެހިރާއްޖޭގެ އާބާދީ 30 އިންސައްތައަކީ ބިދޭސީން ނަމަވެސް އެނިސްބަތް 2062 ގައި 39 އިންސައްތައަށް އަރާނެކަަމަށް ބެލެވެއެވެ.
ބިޔުރޯއިން ދިވެހިރާއްޖޭގެ އާބާދީއަށް ވާނެ ތިން ގޮތެއްގެ އަންދާޒާ ހުށަހަޅާފައި ވެއެވެ. އެއްގޮތަކީ އަންހެނަކު ވިހާ ކުދިންގެ ޢަދަދު 1.3 ގައި ހުރުމެވެ. ނުވަޔަ 1.5 ގައި ހުރުމެވެ. ނުވަތަ 1.7 ގައި ހުރުމެވެ. މިތިން އަންދާޒާ ޚިޔާރުކޮށްފައި އެވަނީ ޓީއެފްއާރް 1.9 އަށްވުރެ ދަށަށް ޖެހިފައިވާ އެހެން ޤައުމުތަކުގެ އާބާދީއަށްވެސް ވީ ގޮތްތަކަށް ރިޢާޔަތްކޮށްފައެވެ. މިއިން އެއްވެސް ޢަދަދަކުން އަދު މިއޮތް އާބާދީ ކުޑަނުވެ ހިފެހެއްޓޭވަރެއް ނުވާނެއެވެ.
ގިނަ ޤައުމުތަކުގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު ދަރިމައިވުމުގެ ރޭޓު 1.9 އަށް ވުރެ ދަށްވުމަށްފަހު ގޮސް މަޑުޖެހެނީ 1.5 ގައެވެ. އަނެއް އަތަށް ރޭޓު ބަދަލުކޮށް، މަތިކުރެވުނު ޤައުމެއް އަމުދުން ނެތެވެ.
”އެންމެ ރަނގަޅު އިންވެސްޓްމަންޓަކީ އަންހެނުން ކުރިއަރާ ދިއުމަށް، ޢާއިލާވެސް އަދި ވަޒީފާވެސް އަންހެނުންނަށް ކަންފަހިވެފައި ހުރުން. ބުނެވިގެން ނުވާނެ ’އާނ މިހާރު ދެން ފަރޓިލިޓީ ރޭޓު މާ ދަށްވެއްޖޭ އެހެންވީމާ މިހެންނޭ އެހެންނޭ‘. އެއީ އަންހެނުންގެ އިޚްތިޔާރުގައި އެމީހުން ބޭނުންވެގެން ވާންޖެހޭނެ ކަމެއް،“ ޝާދިޔާ ވިދާޅުވިއވެެ.
ދަރިމައިވާ މިންވަރު މަދުވާއިރު ދަރިމައިވެވޭނެ އަންހެނުންގެ ޢަދަދުވެސް ދަނީ ދަށަށެވެ. 15 އަހަރާއި 49 އަހަރާ ދެމެދުގެ އަންހެނުންގެ ޢަދަދު 2022 ގައި 104،439 ގައި ހުރިއިރު، އެޢަދަދު 2062 ގައި ހުންނާނީ އެންމެ 76،538 ގައެވެ. ދަރިމައިވެވޭ އަންހެނުންގެ ނިސްބަތް 56 އިން 38 އަށް ތިރިވާނެއެވެ.
”މިހާރު ކޮންމެ 3 އަންހެނަކުން 2 އަންހެނަކީ ދަރިމައިވެވޭ ޢުމުރުގެ މީހެއް. އެ ނިސްބަތް 1 އަށް ވެއްޓެން މިދަނީ. ނެތް އެހެންނަމަވެސް ބުނެވޭކަށް ގޭގައި ތިބެގެން ވިހާށެކޭ. އެހެން މީހުންނަކަށް އެކަމެއް ނުނިންމޭނެ. އެއީ އަންހެނުން ނިންމަންޖެހޭ، އެމީހުންގެ އިޚްތިޔާރުގައި ވާ ކަމެއް،“ އެ ނުކުތާއަށް ބާރު ލައްވަމުން ޝާދިޔާ ފާހަގަކުރެއްވިއެވެ.
ކުރާންވީ އެހެން ބަޙުޘެއް
ޔޫއެންއެފްޕީއޭގެ ދިރާސާގައި ނިޒާމީގޮތެއްގައި އިޞްލާޙުކުރަން ލަފާދީފައިވާ ކަންކަމުގެ ތެރޭގައި ޤައުމީ އާބާދީ ސިޔާސަތެއް އެކުލެވުމާއި، އަމުދުން މާލޭގެ ސަރަޙައްދުގައި ޢާއިލާތަކަށް އެކަށޭނަ ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރތަކުގައި މައިންނާއި ބަފައިންނަށް ކުދިން ލިބުމުން ދޭ ޗުއްޓީ އެއްގޮތް ކުރުމާއި، ކުޑަކުދިން ބެލެހެއްޓުމުގެ ޚިދުމަތް ތަޢާރަފުކޮށް، ފުޅާކޮށް، ސަބްސިޑައިޒްކުރުމާއި، ގޭތެރޭގެ މަސައްކަތްތަކުގައި ފިރިހެނުން ގިނައިން ބައިވެރިވުން ހިމެނެއެވެ. މި ދިރާސާގައި ޙަވާލާދީފައިވާ ތަފާސްހިސާބުތަކަށް ރިޢާޔަތްކޮށް ދަރިމައިނުވުން (އިންފަރޓިލިޓީ)ގެ ނިސްބަތްކަމަށް ބަޔާންކޮށްފައިވަނީ 2 އިންސައްތައެވެ. ނަމަވެސް، ސަބްސިޑައިޒްޑް ފަރޓިލިޓީ ޓްރީޓްމަންޓާއި ޤަވާއިދުން ސްކްރީން ކުރުމާއި އަދި އަތްފޯރާ އަގުގައި އައިވީއެފް ފަރުވާ ލިބޭނެ މަގު ކަންފަހިކުރާންވެސް ލަފާދީފައި ވެއެވެ.
ޔޫއެންއެފްޕީއޭއިން އިތުރަށް ގޮވައިލާފައިވަނީ ދުޅަހެޔޮ ޢާއިލާ ޕްރޮމޯޓުކުރާން ކެމްޕޭނުތައް ހިންގުމާއި، ޢާއިލީ ޒިންމާއާއި އިސްލާމީ އަދަބު އަޚްލާޤާއި ޘަޤާފަތާ ދަރިމައިވުމުގެ އަގުތަކާއި ހަމަތައް އެއްކީލި ކުރުމަށެވެ. އަދި ދަރިމައިވުން ދަށްވަމުންދާ ދިއުމަށް ފަރުވާ ކުރުމަށް، ބޮޑެތި ޢާއިލާތަކަކީ އާދައިގެ، ޢާންމު، އެންމެ ރަނގަޅު ކަމެއްގެގޮތުގައި ދައްކާން މީޑިޔާ ކެމްޕޭނުތައް ހިންގުމަށްވެސް ލަފާދީފައި ވެއެވެ.
ކަންމިހެން ހުރިއިރު، ޔޫއެންއެފްޕީއޭގެ ސްޓޭޓް އިފް ވޯލްޑް ޕޮޕިއލޭޝަންގެ ދިވެހިރާއްޖޭގެ ރިޕޯޓުގައި ބުނަނީ އަންހެނުންނާއި ޒުވާނުންނަށް އިތުރު ދަރިން ހޯދުމަށް ބާރުއަޅައި، ވިސްނައިދިނުމަށް ސިޔާސަތު އެކުލަވާ މީހުންނަށް ލަފާދޭ ކަމަށެވެ. ނަމަވެސް އެބާރު އެޅުމުގައި މާ ކަންތައް ބޮޑުވާ ބާވަތަށް އެކަން ނުކުރުމަށް އިލްތިމާސް ކޮށްފައި ވެއެވެ.
މިއީ އަންހެނުންނަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ޝާދިޔާ އެއްބަސްވެ ވަޑައިގަނެއެވެ. "އާދެ، [ރިސްކެއް] އެބައޮތް. މިހާރު ވަރަށް ގިނައިން އަޑުއިވޭ - ދަރިމައިވުމަށް ހިތްވަރުދޭފަދަ އިންސެންޓިވްސް ޤާއިމު ކުރުމަށް،" އޭނާ ވިދާޅުވިއެވެ.
"މިއީ އަންހެނުންގެ ހަށިތައް ހިސާބެއްގެ ރިސްކަކަށް ހުށަހެޅޭނެ ކަމެއް. އެގޮތީ ދަރިން ގިނަވި ވަރަކަށް އަންހެނުން މެދުނުކެނޑި ބަލިވެ އިނުމާ ގުޅުން ހުރި މައްސަލަތަކާ ކުރިމަތިލާން ޖެހޭނެ. އެއީ އަންހެނާ ބޭނުންވެގެން ޚިޔާރުކުރާ ގޮތްނަމަ އެންމެ ރަނގަޅު. އެކަމަކު އެއީ ތިމާ ބޭނުންވާ ގޮތެއް ނޫން ނަމަ، އަދި ފިރިމީހާ ނުވަތަ މުޖުތަމަޢު ނުވަތަ ޢާންމު ޕްރެޝަރު ކަހަލަ ކަމެއް ނަމަ، އެބަ ބުނާތީ އިވޭ އެންމެ ކުއްޖެއްހޭ. ހާދަ މަދޭ. ކޮންމެއަކަސް އިންސެންޓިވްސް ދޭން ފަށައިފިއްޔާ، މިސާލަކަށް ކުއްޖަކަށް 2000 ރުފިޔާ، އެއީވެސް ދަރިން ހޯދަން ޕްރެޝަރަކަށް ވާނެ ނޫންތޯ؟“ ޝާދިޔާ ސުވާލު އުފެއްދެވިއެވެ.
ދަރިމައިވުމަށް އޮތް ހުރަސްތައް މަދުކުރުމާއި، ދަރިމައިވުމަށް ޕްރެޝަރު ކުރުމާ ދެމެދުގައި ސާފުސީދާ ތަފާތެއް އޮތްކަން ފާހަގަކުރައްވާ، ޝާދިޔާ އިތުރަށް ވިދާޅުވީ ”ގޮތަކަށް މަޖުބޫރު ކުރުވާ ހިސާބަށް ދަނީ ޕްރެޝަރާ ހުރެ، މިސާލަކަށް ސަރުކާރުން ދޭ 5000 ރުފިޔާ ހޯދަން ބަލިވެ އިންނަނަމަ އެއީ ރަނގަޅު ގޮތަކަށް ދާ ކަމެއް ނޫން،“ ކަމަށެވެ.
މައްސަލައަކީ ސަރުކާރުގައި އަންހެނުން ނެތުމެއް ނޫން ކަމަށް ވެސް ޝިދާތާ ހުށަހެޅުއްވި އެވެ.
"އަޅުގަނޑުމެންނަށް ބޭނުންވަނީ ހަމައެކަނި ގޮނޑިތަކުގައި ތިބި މީހުންނެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ އެޖެންޑާ ސެޓިންގް (އިސްކަންދޭން ޖެހޭ ކަންކަން ނިންމައި، ތަރުތީބުކުރުން) ގެ ބާރު. އެއީ ކިތަންމެ ގިނަ އަންހެނުން ގޮނޑިގޮނޑިއަށް ލިޔަ ވާތަން ފެންނަ ކަމެއް ނޫން،“ އޮޅުންފިލުއްވައި ދެއްވަމުން ޝާދިޔާ ސުވާލު އުފެއްދެވީ "މަޖްލިހުގައި އެއްވެސް އަންހެން މެމްބަރަކު ޖެންޑަރ މައްސަލަތަކެއް ދައްކާ އަޑު އިވިއްޖެތޯ؟“ އެވެ.
ޝާދިޔާގެ އޮފީހުން މިހާރު ސަރުކާރާއެކު މަސައްކަތް ކުރަމުންދަނީ ކުޑަކުދިން ބަލަހައްޓާ، އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި މިހާރު އަންހެނުން ކުރާ މުސާރަ ނުލިބޭ މަސައްކަތްތަކާއި އެމަސައްކަތުގެ އަގު ކުރެވޭނެ އޮނިގަނޑެއް އެކުލަވާލުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.
ޝާދިޔާ ކެއަރ އިކޮނޮމީ ސިފަކުރެއްވީ ރަށެއްގެ ގޮތުގައެވެ. "ބުނަމާ ހިނގާ، އަންހެނަކު ހުރި ރަށެއްގައި، ޢުމުރުން 30 އަހަރުގެ އަންހެނެއް. ކުއްޖަކު އެބަހުރި. އެހެންވީމާ ޖެހިގެން އޮތް ރިސޯޓަށްވެސް ދެވޭކަށް ނެތް ކުދިން ބަލަހައްޓަން ޖެހޭނެތީ،" އޭނާ ވިދާޅުވިއެވެ. "އެ ރަށުގައި، ބުނަމާ ހިނގާ، ޢުމުރުން ދުވަސްވީ މީހަކު، 65 އަހަރުވެފައި، ރިޓަޔަރޑް އަދި ރަނގަޅު ޞިއްޙަތެއްގައި ހުރި މީހަކު އެބަހުއްޓޭ. އެރަށުގައި ކުޑަކުދިން އަދި ޢުމުރުން ދުވަސްވީ މީހުންގެ މަރުކަޒެއް ހުރިއްޔާ ދަރިންވެސް ބެލެހެއްޓުނީ. ވިސްނަންވީ ވަކިވަކި ފަރުދުންގެ ނިސްބަތަކުން ނޫން. ރަށެއްގެ ފެންވަރުގައި، އޮނިގަނޑެއްގެ ގޮތުގައި،“ ޝާދިޔާ ވިދާޅުވިއެވެެ.
ދަރިމައިވުމަށް ހުރި ހުރަސްތައް މަދު މުސްތަޤްބަލެއްގައި ކަން ހުންނާނެ ގޮތުގެ ވާހަކައިން ސުވާލު ދެންނެވުމުން ޝާދިޔާ ވިދާޅުވީ ”އެފަދަ ދުނިޔެއެއްގައި ދަރިމައިވާން ބާރުއަޅާކަށް ނުޖެހޭނެ. މީހުން އަމިއްލައަށްވެސް ދަރިން ބޭނުންވެގެން ހޯދާނެ. އެއީ ޤުދުރަތީ ޠަބީޢީ ކަމެއް. މިހާރު އެހެން ނުވަނީ ހާސްވާންޖެހޭ، ވިސްނަންޖެހޭ ކަންކަން ގިނަވަގެން ގޮސް،“ ކަމަށެވެ.
މިނިވަން ނޫސްވެރިކަމަށް އެހީތެރިވެދެއްވާ
ބިރެއްނެތި ޚަބަރު ގެނެސްދިނުމަށް އެހީތެރިވެދެއްވާ
އެއްފަހަރު ދެއްވާ
$
ނުވަތަ
މެމްބަރަކަށް ވެލައްވާމަހަކު $5 އިން ފެށިގެން
