"އެމީހުންނަށް މަހުދީ ނެގިއިރުވެސް އޮތީ މަރުވެފައިކަން އެނގޭ" އެމްއެންޑީއެފް ޑައިވަރުގެ ޢާއިލާ
ހޮސްޕިޓަލު ރެކޯޑުތަކުން ދައްކަނީ މަހުދީގެ ހަށިގަނޑު ނެގިއިރުވެސް ވިންދު ނެތްކަމަށް.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
11 އޮގަސްޓް
ސޮފީޔާ ނާސިފް އަދި ޙަސަން މޫސާ
ދެވަނަ ކަނޑުގެ ހޮހޮޅައެއްގެ ތެރޭގައި މިއަހަރުގެ މެއި މަހު މަރުވި އިޓަލީގެ ހަތަރު ޑައިވަރުންގެ ހަށިގަނޑު ހޯދައި، ނަގާން މަސައްކަތް ކުރުމުގެ ތެރޭގައި ނިޔާވި ކޯސްޓް ގާޑުގެ ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަޙުދީ މަރުވީ ރަސްމީކޮށް އަންގާފައިވާ ގޮތަށް ކަމަށް ޤަބޫލުނުކުރެވޭ ކަމަށާއި، މަހުދީ މަރުވީ ހޮހޮޅައިގެ ތެރޭގައި އެހެން ޑައިވަރުންނާ ވަކިވެ، އެކަނި، ވައި ހުސްވެގެން ކަމަށްޗޢާއިލާއިން ބުނެފިއެވެ.
ޢާއިލާއިން ބުނަނީ މަހުދީގެ ހަށިގަނޑު ކަނޑުއަޑިން ނަގައިގެން މައްޗަށް ގެނައުމުގެ މާ ކުރިން މަރުވެފައިވާ ކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ.
ބައިނަލްއަގްވާމީ މީޑިއާތަކަށް ޚަބަރު ދެމުން ސަރުކާރުން އޭރު ބުނީ މަހުދީ ހޭނެތިފައި އޮއްވާ ފެނުނީ އޭނާއާއެކު އެރުނު އެހެން ޑައިވަރުންނަށް ކަމަށާއި އޭނާ މަރުވީ ޑީކޮމްޕްރެޝަން ސިކްނަސް ޖެހިގެން ކަމަށެވެ. އޭޑީކޭ ހޮސްޕިޓަލުން ދޫކޮށްފައިވާ މަހުދީގެ މަރުގެ ސެޓްފިކެޓްގައި ރެކޯޑްކޮށްފައި ވަނީ މަރުވި ސަބަބަކީ ސްކޫބާ ޑައިވްކުރަނިކޮށް ފުނުގައި އޮއްވާ، މާ އަވަހަށް ފުނުން މައްޗަށް ގޮވައިގެން އެރުވުމާއެކު ގޭސް އެންބޮލިޒަމް ކުރިމަތިވެގެން ކަމަށެވެ. މި މަރުގެ ސެޓުފިކެޓް އާއިލާއިން ވަނީ މޯލްޑިވްސް އިންޑެޕެންޑެންޓާއި ޙިއްސާކޮށްފައެވެ.
އެހެންނަމަވެސް، މަހުދީގެ ކޮއްކޮ ބުނި ގޮތުގައި – ޢާއިލާއަށް ދެއްކި ޑައިވް ފޫޓޭޖާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯހާއި އެ އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންގެ ޑައިވަރުންގެ ވާހަކަތަކަށް ރިޢާޔަތް ކުރުމުން – މަހޫދީ ފެނުނީ ހޮހަޅައިގެ ދެވަނަ ޗެމްބަރުގައި 69 މީޓަރު އަޑީގައި އޮއްވާ ފުލުހުންގެ ޓީމަކަށް ކަމަށް އެނގޭ ކަމަށެވެ. އޭރު މަހުދީގެ އަނގައިން އޮތީ ރެގިއުލޭޓަރު ނެއްޓިފައެވެ. އޭނާގެ ކޮނޑުގައި އޮތީ އެންމެ އޮކްސިޖަން ޓޭންކެކެވެ. އެ އޮތީ ހުސްވެފައެވެ. އޭރު މަހުދީއާއެކު ޑައިވްކުރަން އެރުނު ޓީމަށް މަހުދީ ގެއްލުނުތާ 80 މިނެޓަށްވުރެ ގިނައިރު ވެފައިވާކަމަށް މަހުދީގެ ކޮއްކޮ ބުނެއެވެ.
"އެމީހުންނަށް އެނގޭ އޭނާ މަރުވެފައި އޮތްކަން. އެމީހުންނަށް އެނގުނު،" އެމްބިއުލާންސްއަށް މަހުދީއާއެކު އެރި އެމްއެންޑީއެފްގެ އޮފިސަރު މަހުދީގެ ހަށިގަނޑާމެދު ވާހަކަދެއްކި ގޮތަށް ޢިޝާރާތްކޮށް ހަނދާނަށް ގެންނަމުން މަހުދީގެ ކޮއްކޮ މޯލްޑިވްސް އިންޑިޕެންޑެންޓުގައި ބުންޏެވެ.
ޢާއިލާއިން މޯލްޑިވްސް އިންޑިޕެންޑެންޓަށް ދެއްކި ހޮސްޕިޓަލް ރެކޯޑްތަކުން ޢާއިލާއިން ކަން ވީ ގޮތްކަމަށް އެބުނާ ގޮތާ ދިމާވާ ޙަޤީޤަތްތަކެއް އެބަހުއްޓެވެ. މަހުދީ ނެގިއިރަކު ވިންދު ނެތްކަމުގައި ވެއެވެ. ހޮސްޕިޓަލުން މަރުގެ ސެޓްފިކެޓް ތައްޔާރުކޮށްފައިވަނީ މަހުދީގެ ޑައިވް ޕްރޮފައިލް ނޫނީ އޭނާގެ ކަނޑު އަޑީގައި އޮތީ ކިހާ ވަގުތެއްކަން ނޭނގިއެވެ. އޭޑީކޭ އޮތީ ފޮރެންސިކް ޕޯސްޓް މޯޓަމެއް ހަދާން ލަފާދީފައެވެ. އެންމެ ބޮޑު ބޭނުމަކީ މަރުގެ ސީދާ ސަބަބު ސާފުކުރުމެވެ. ނަމަވެސް އެފަދަ އެގްޒެމިނކޭޝަނަކާ ނުލައި އޭނާ ވަޅުލީއެވެ. އެފަދަ އެގްޒެމިނޭޝަނެއް އޭޑީކޭ އަކު ނުހެދެއެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްއަށް ޖޫން މަހުގެ ފަހުކޮޅު ޢާއިލާއިން ފޮނުވި އަދި މިނޫހާ ޙިއްސާކުރި ސިޓީއެއްގައި މަހުދީގެ މައިންބަފައިން ވަނީ ޙާދިސާ ހިނގައިދިޔަ ގޮތުގެ ޓައިމްލައިން ރަސްމީކޮށް ފޯރުކޮށްދިނުމަށް އެދިފައެވެ. އަދި މަރުގެ ސަބަބު މުރާޖަޢާ ކުރާން އެދިފައި ވެއެވެ. ޢާއިލާއިން އެދުނީ މަހުދީގެ މަރުގެ ސަބަބު އިތުރު ތަޙްޤީޤު ނުނިމެނީސް ކަނޑައެޅުން ފަސްކުރުމަށެވެ.
"އޭނާ ވަނީ ރިކަވަރކުރުމުގެ މަސައްކަތް ފެށުމުގެ ކުރިންވެސް މަރުވެފައި،" މަހުދީގެ ބެލެނިވެރިން ލިޔެފައި ވެއެވެ. އަދި ރިޕޯޓްތަކުގައި 'ރެސްކިއުޑް ފްރޮމް ޑެޕްތް' އޭ ބަޔާންކޮށްފައި ވީނަމަވެސް، އެމިންވަރުން ކަން ހިނގައި ގޮސްފައިވާ ގޮތުގެ ތަރުތީބާ މެދު ސާފުނުވާ އެތައް ކަމެއް ހުރިކަމަށްވެސް އެސިޓީގައި ވެއެވެ.
ހޯމަ ދުވަހު މަހުދީގެ އެއްބަނޑު އެއްބަފާ ކޮއްކޮ ފާރިސް އިބްރާހިމް ފުރަތަމަ ފަހަރަށް މިކަމުގައި ޢާއިލާގެ ފަރާތުން ނުރުހުން ފައުޅުލޮށްފައި ވެއެވެ. އޭނާގެ ފޭސްބުކް ގައި ލިޔެފައިވަނީ އެމްއެންޑީއެފް އިން މަހުދީގެ މަރުގެ ސެޓްފިކެޓް އިޞްލާޙް ކުރާނެ ކަމަށް ބުނި ނަމަވެސް އެކަން ނުކުރާ ކަމަށާއި ފުލުހުންގެ ތަޙްޤީޤު ލަސްވަމުންދާ ކަމަށާއި މަހުދީގެ ފޯނު ސަރުކާރުން އަތުލައިގަތީ "ކުށްވެރިއެއް ފަދައިން" ކަމަށެވެ.
ބޭނުންވަނީ ބޭބެ މަހުދީއަށް އިންޞާފު ކަމަށާއި، ޙަޤީޤަތް ހޯދުމަށާއި ހާމަކުރުމަށް ހުރިހާ ދިވެހިންނާއި އަދި އިޓަލީ މީހުންވެސް ހިންމަތް ކޮށްދިނުމަށް ވެސް އޭނާ ލިޔެ، އެދިފައި ވެއެވެ.
އޭރު ސަރުކާރުން ބުނީ ކީކޭ
ޢުމުރުން 43 އަހަރުގެ މަހުދީ ނިޔާވީ މެއި 16، 2026 ގައެވެ. އިޓަލީ ޑައިވަރުން މެއި 14 ގައި ދެވަނަ ކަނޑުގެ ހޮހޮޅައަށް ވަންނާން ފައިބައިގެން ނާރާތާ 2 ދުވަސް ފަހުންނެވެ. ޖިއަންލޫކާ ބެނެޑެއްޓީގެ ބުރާސްފަތި ދުވަހުގެ ހަވީރު ފެނުނެވެ. އެހެން އިޓަލީގެ ފަތުރުވެރިން ފެނުނީ އަލިމަތާ ރިޒޯޓާ ކައިރީގައިވާ ދެވަނަ ކަނޑުގެ ހޮހޮޅައިގެ އެތެރޭގެ ބަޔަކުންނެވެ. މަހުދީ މަރުވިއިރު، އިޓަލީ ޑައިވަރުންގެ ޚަބަރު އޮތީ ބައިނަލްއަޤްވާމީ މީޑިޔާތަކުގައި ހިނގާފައެވެ. ރައީސް ޑރ މުޙައްމަދު މުޢިއްޒު އެޙާދިސާ ހިނގި ސަރަޙައްދަށް ޒިޔާރަތްކުރައްވާ ރެސްކިއު މަސައްކަތުގައި އުޅުއްވި އެމްއެންޑީއެފްގެ އޮފިޝަލުންނާ ބައްދަލު ކުރެއްވީ މެއި 15 ގައެވެ. ރައީސް އޮފީހުން ޢާންމުކުރި ވީޑިއޯގައި ރައީސް މުޢިއްޒަށް ބްރީފް ކޮށްދެމުންދިޔަ އޮފިޝަލުންގެ ތެރޭގައި މަހުދީ ވާހަކަދައްކަވަނިކޮށް ފެނެއެވެ. މަހުދީ މަރުވީ އޭގެފަހުން 24 ގަޑިއިރުވެސް ފާއިތު ނުވާނީހެވެ. މީޑިޔާއަށް މި ޙާދިސާއާއި އަދި ރެސްކިއު އޮޕަރޭޝަނާ ގުޅޭ މަޢުލޫމާތު ދެއްވީ ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޙުސެއިން ޝަރީފް (މުންދު) އެވެ. ސިފައިންނެއް ނޫނެވެ.
މެއި 16 ގެ ޢަސުރާ ގާތްވާން ކައިރިވެފައި ހުއްޓާ، ގަޑިން 3 ޖަހާކަށްް ހާއިރު، އެމްއެންޑީއެފްގެ އެކްސް އެކައުންޓުން ޕޯސްޓުކުރީ ”ޙާލު ދެރަވަގެން“ ކޯސްޓް ގާޑުގެ ރެސްކިއު ޑައިވަރަކު މާލެ ގެނެސްފައިވާ ކަަމަށެވެ. އޭނާ މަރުވިކަން އެމްއެންޑީއެފް އިން އިޢުލާންކުރީ އޭގެ ގަޑިއިރެއްހާއިރު ފަހުންނެވެ.
ބީބީސީއާ ވާހަކަދައްކަވަމުން މުންދު ވިދާޅުވީ މަހުދީ ނިޔާވި ރެސްކިއު ޑައިވްގައި އެރުނީ 8 ޑައިވަރުން ކަމަށެވެ. އެމީހުން އެރިއިރު މަހުދީ އެބައިމީހުންނާއެކު ނާރާކަން އެނގުނެވެ. އެހިސާބުން އަނެއްކާ އެޑައިވަރުން އަޑިއަށް ފީނީއެވެ. ފެނުނީ މަހުދީ ޚަބަރުހުސްވެފައި އޮއްވައެވެ.
ސީއެންއެންއާ ވާހަކަދައްކަވަމުން ސަރުކާރުގެ ތަރުޖަމާނު މުންދު ވިދާޅުވީ ރެސްކިއު ޑައިވް ކުރަމުންދިޔައީ ޕްރޮޓޮކޯލާ އެއްގޮތަށް ކޮންމެ ދެޑައިވަރަކު އެކަކު އަނެކަކަށް ޖާމިނުވާ އުޞޫލުން އެކުގައި ކަމަށެވެ. މަހުދީއާއެކު އަޚްކޮށްފައިވާ ޑައިވަރަށް އެރިއިރު، އޭނާ ނެތްކަން އެނގުމުން މަހުދީ ސަލާމަތްކުރަން ދެން ތިބި ޑައިވަރުން އަނެއްކާ ފީނީ ކަމަށެވެ. އަދި މަހުދީ މަރުވިކަމަށް ބެލެވެނީ ޑީކޮންޕްރެޝަންގެ ސަބަބުން ކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.
އޭޕީއާ ވާހަކަދައްކަވަމުން މުންދު ވިދާޅުވީ މަހުދީ މަރުވީ ޑީކޮންޕްރެޝަން ސިކްނަސް ގައި، މާލެ އަށް ފަރުވާދިނުމަށް ފޮނުވި ފަހުން ކަމަށެވެ. އެމްއެންޑީއެފްގެ ޑައިވަރުންގެ އެ މިޝަންގެ ނުރައްކާތެރިކަން މި ޙާދިސާއިންވެސް ފެނި ފައުޅުވާކަމަށް އޭނާ އިތުރަށް އޭރު ފާހަގަކުރެއްވިއެވެ.
އެއްވެސް އޮފިޝަލެއްގެ ވާހަކައަކުން ނުވަތަ ޢާންމުކޮށްފައިވާ ބަޔާނަކުން މަހުދީ ފެނުނީ މަރުވެފައި ހޮހޮޅައިގެ ތެރޭގައި އޮއްވާ، ނުފެންނަތާ ގަޑިއިރަކަށްވުރެ ގިނަ އިރުވިފަހުން ކަމެއް އެނގޭކަށް ނެތެވެ. އެހެންނަމަވެސް އެންއެންޑީއެފް އިން ހޮސްޕިޓަލުގައި ބުނެފައި އޮތީ މަހުދީ ފެނުނީ ޚަބަރުހުސްވެފައި ހޮހޮޅައިގެ ތެރޭގައި އޮއްވާ ކަމަށާއި، އޭނާ އަވަސް އަވަހަށް އަޑިން ނަގާ، ތިލަކުރިއިރު ވިންދު ނެތް ކަމަށެވެ.
މަހުދީ ވަޅުލީ ރަސްމީ ޢިއްޒަތުގައި ހަމަ އެދުވަހުގެ ވަގުތެއްގައެވެ. ޖަނާޒާގައި ރައީސް މުޢިއްޒު ބައިވެރިވެވަޑައި ގަތެވެ.
އޭގެ ހަފުތާއެއްއެް ފަހުން ނޫސްވެރިންނާ ވާހަކަދައްކަވަމުން މުންދު ވަނީ މަހުދީގެ ހަށިގަނޑު ފެނުނީ ހޮހޮޅައިގެ ތެރެއިން ކަމަށް ވިދާޅުވެފައެވެ. ހޮހޮޅައިގެ ކޮން ޗެންބަރަކުންކަމެއް ބުނެދެއްވޭވަރަށް މަޢުލޫމާތު ލިބިވަޑައިގެން ނެތްކަމަށް ވިދާޅުވިއެވެ. އަދި ތަފްޞީލު ލިބިވަޑައިގެން ވަރަކުން ހާމަކުރައްވަމުން ގެންދަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ބުދަ ދުވަހު ލިޔުމުން ފޮނުވާފައިވާ ސުވާލުތަކަށް ރައީސް އޮފީސް، އެމްއެންޑީއެފް އަދި ފުުލުހުންވެސް ޖަވާބެއް ނުދެއްވައެވެ.
”ހުއްޓުވީމުސް“
މަހުދީގެ ޢާއިލާއިން ހިތާމަކުރާތާ އަދި އޭނާގެ މަރުގެ ޙަޤީޤަތްތައް ސާފުނުވެގެން އަވަދިވާތާ ދެ މަސްދުވަސް ވީއެވެ.
މަހުދީއަކީ ޢާއިލާގެ އެންމެ އުފާވެރި މޫނުކަމަށް ސިފަކުރަމުން ފާރިސް ބުނީ އެމްއެންޑީއެފްގެ މަސައްކަތުގައި ނޫޅެންޏާ ”އޭނާ އުޅޭނީ އަހަރެންނާއެކު،“ ކަމަށެވެ. މަހުދީ ފަދައިން ފާރިސްއަކީވެސް ޑަރިވަރެކެވެ. އަދި ޑައިވިންގްގެ އަމިއްލަ ވިޔަފާރިއެއް ހިންގާ މީހެއް މެއެވެ. ”އޭނާއަކީ އަހަރުމެން ކުންފުނީގެ އެންމެ މޮޅު އެއް ޑައިވަރު،“ ފާރިސް ފާހަގަކުރިއެވެ.
މަހުދީއަށް އެކަށީގެންވާ ޓްރެއިނިންގް ނުލިބިހުރި ކަމަށް ދެކެވޭ ވާހަކަތައް ފާރިޝް ދޮގު ކުރިއެވެ. ”އޭނާއަކީ ރަނގަޅަށް ޓްރެއިންވެފައި ހުރި މީހެއް،“ ކަމަށާއި ރީބްރީދަރ ބޭނުންކުރަންވެސް އެނގޭނެ ކަމަށް ބުންޏެވެ. އަދި ރީބްރީދަރ ޓްރެއިނިންގް ގެ ސަބަބުން މަހުދީއަށް 50 މީޓަރަށް އަޑިއަށް ޑައިވްކުރެވޭނެ ކަމަށްވެސް ބުންޏެވެ.
އިޓަލީ ޑައިވަރުންގެ ހަށިގަނޑު ހޯދަން ޑައިވްކުރާ ޓީމުގައި މަހުދީ ހުރިކަން އެނގުނީމާ ފާރިޝް މެސެޖުކުރިއެވެ. އެކަމާ ގުޅޭގޮތުން އެދެބެއިން ވާހަކަ ދެއްކިއެވެ. މިއޮޕަރޭޝަންގައި ބޭނުންކުރަނީ ކޮން އާލާތެއްތޯ ސުވާލުކޮށް، ސާފުކުރިއެވެ.
ރީބްރީދަރެއް ބޭނުންކުރަންހޭ އެހީމާ ނޫނެކޭ ބުނީމާ، އޯޕަން ސަރކިޓް ސިސްޓަމަކުން ނޭވާލާނަމަ ޓްރައިމިކްސް ބޭނުން ނުކުރަމުތޯ ފާރިޝް ސުވާލު ކުރިއެވެ. އާދައިގެ ވައިގައި އެހާ އަޑިއަށް ދިޔަކަން ނުވެސް ދެނަހުރިން ކަމަށާއި، އެފަދަ ކަމެއް ކުރަން އުޅޭކަން އެނގުނުނަމަ ހުއްޓުވީސްކަމަށް މޮޅިވެރިކަމާއެކު ފާރިޝް ބުންޏެވެ.
ދެވަނަ ކަނޑުގެ ޙާދިސާ މިހިނގި ހޮހޮޅައިގެ ދޮރު ހުރީ 50 މީޓަރު އަޑީގައެވެ. އެ ހޮހޮޅައިގެ ތެރެއަށް ފީނުމަކީ އެމްއެންޑީއެފްގެ ފީނުމުގެ ޤާބިލްކަން އޭރުހުރި މިިނަށް ވުރެ ފުންމިނެއްކަން ހުދު އެމްއެންޑީއެފް އިންވެސް އެއްބަސްވިއެވެ. ޓްރައިމިކްސްގެ ބަދަލުގައި، ބައިނަލްއަޤްވާމީ ހަމަތަކާ ޚިލާފަށް ރެސްކިއު ޑައިވަރުން އެހާ ފުނަށް ފޮނުވީ އާދައިގެ ވައިގައެވެ. އެތަނުގައި ޕޯޓަބަލް ޑީކޮމްޕްރެޝަން ޗެންބަރެއްވެސް ނެތީހެވެ. ޚާއްޞަ އާލާތް ބޭނުންކޮށްގެން ޑައިވްކުރާ ބައިނަލްއަޤްވާމީ ކޭވް ޑައިވަރުންގެ ތަޖުރިބާކާރު ޓީމު އަންނާން 24 ގަޑިއިރަށް ވެފައި ވަނިކޮށެވެ.
މަހުދީ ޑައިވްއަށް ފޭބީ ކޮންކޮން އާލާތެއް ހިފައިގެންތޯ ފާރިޝްވެސް ވަނީ އެމްއެންޑީއެފް އާ ސުވާލު ކޮށްފައެވެ. މަހުދީ ބޭނުންކުރާ އަންބެލެންސްޑް ރެގިއުލޭޓަރަކީ 40 މީޓަކަށްވުރެ އަޑިއަށް އަމުދުން ފީނަން ކަމުނުދާ އެއްޗެއްކަމުގެ މައްޗަށް ފާރިޝް އަބަދުވެސް ހުންނަނީ ކަންބޮޑު ވެފައެވެ. އަދި އެރެގިއުލޭޓަރު ބޭނުން ނުކުރާން ތަކުރާރުކޮށް ފާރިޝް މަހުދީ ގާތުގައި އެދި، އޭނާ ގެންގުޅޭ ބެލެންސްޑް ރެގިއުލޭޓަރެއް ދީފައި ވެއެވެ.
”އެމްއެންޑީއެފް އިން އެ މަޢުލޫމާތެއް ނުދޭ. އެވާހަކަ އެހި އިރަށް އެމީހުން ބޯ އިސްދަށަށް ޖަހާާލާފައި ހަނުހުރީ ،“ އޭނާ އިތުރަށް ކިޔައިދިނެވެ.
އެ ޑައިވް
އެމްއެންޑީއެފްގެ ޑައިވަރުންނާ ދެއްކި ވާހަކައާއި، ޢާއިލާއަށް އެމްއެންޑީއެފް އިން ދިއްކި ޑައިވްގެ ވީޑިއޯ ފުޓޭޖަށް ބިނާކޮށް ވީގޮތްކަމަށް އޭނާއަށް ޤަބޫލުކުރެވޭ ގޮތް މަހުދީގެ ކޮއްކޮ ކިޔައިދިނެވެ.
ހޮހޮޅައަށް ވަތް ރެސްކިއު ޑައިވަރުންގެ ޓީމުގައި އިސްކޮށް ކުރީގައި އޮތީ މަހުދީއެވެ. ހުރިހާ ޑައިވަރުިން ވެސް ތިބީ ގައިޑްލައިން އަކާ ގުޅާފައެވެ. މަހުދީގެ ފަހަތުން އޮތް ޑައިވަރު ދިޔައީ ކެމެރާއިން ފުޓޭޖު ނަގަމުންނެވެ. އޭގެން ދައްކާ ގޮތުން، މަހުދީގެ ގަޔާއި ގައިޑް ލައިނާ ގުޅުވައިދޭ ޕޮކެޓު ނެއްޓި، ގައިޑްލައިން ވަކިވެދެއެވެ. ހޮހޮޅައިގެ ތެރެއަށް، ފުނަށް ފީނަމުން ދިޔައިރު މަހުދީއަކަށް އެކަމެއް ނުއެނގެއެވެ.
އެމީހުން މަޑުމަޑުން ހޮހޮޅައިގެ ތެރެއަށް ވަންނަމުން ދެއެވެ. ދެވަނަ ޑައިވަރު (ގޯޕްރޯ ހިފައިގެން އޮތް) ގެ ގައިޑްލައިން ބަރާބަރެވެ. ގޯޕްރޯ ހިފައިގެން އޮތް ޑައިވަރުގެ ޓޯޗު ދިއްވެފައި އޮތީ މަހުދީގެ ގައިޑްލައިން އޭނާގެ ގަޔަށް މަހަން ހަރުކޮށްފައި ހުރި، މިހާރު ނެއްޓިފައިވާ ޕޮކެޓަށެވެ. ކެމެރާއިން އެމަންޒަރު ނަގަމުން ދެއެވެ. ދެން އެނބުރި މަހުދީއަށް ބެލިއިރު އޭނާ އޮވެ ހޮހޮޅައިގެ ތެރެއަށް ވަދެގެން ދަނީއެވެ.
މަހުދީގެ ކޮއްކޮ ފާރިޝް ކިޔައިދިން ގޮތުން މިމަންޒަރު ފެނުމުން ދެވަނަ ޑައިވަރު ހާސްވިޔެވެ. ހާސްވީ ވަރުން އޭނާ އޮތީ ޓޯޗުވެސް ތަޅުވާލަން ނުއެނގިފައެވެ. ތިންވަނަ ޑައިވަރު ހޮހޮޅައިގެ ދެވަނަ ޗެމްބަރުގެ ތެރެއަށް ވަދެގެން އައި އިރު މުޅިތަން އޮތީ ގަރަމުވެފައެވެ. ޓޯޗުގެ އަލިވެސް ފެންނަވަރެއް ނޫނެވެ. ކުޑަކަކުލަށް ތިިރިވެ އިން މީހެއްގެ ހަށިގަނޑުގައި އޭނާއަށް ހިފެއެވެ. ދަމައިގަނެއެވެ. ޚަބަރެއް ނެތެވެ. ކާކުކަމެއް އޮޅުންފިލާ ވަރަށްވުރެ ގަރަމެވެ. އޭނާގެ ގައިޑްލައިންވެސް ކޮޅުންލުމާއި 30 ބާއަށް އޮކްސިޖަން މަދުވެފައިވާތީ އެތަނުން ނުކުންނާން ޖެހިގެން އަނބުރާލީއެވެ. ”އޭނާ ކިޔައިދިން ގޮތުގައި މަހުދީގެ ހަށިގަނޑުގައި ހިފާ ދަމާލީމާ ހީވީ މަރުވެފައިވާ ހަށިގަނޑެއްގައި އަތްލެވުނު ހެން،“ ކަމަށާއި ”އެކަމަކު އެ ހަށިގަނޑަކީ ޔަޤީނުންވެސް މަހުދީގެ ހަށިގަނޑުކަން ޑައިވަރަށް ބުނެދޭކަށް ނޭނގޭ،“ ކަމަށް މަހުދީގެ ކޮއްކޮ ފާރިޝް އިތުރަށް އޮޅުންފިލުވައި ދިނެވެ.
މިހުރިހާ ކަމެއް ފެނި ދެނިވެ ތަޖުރިބާ ކުރި ޑައިވަރުންނަކީ ޚުދް މަހުދީއާއި ފާރިޝްގެ އެންމެ އެކުވެރި ރައްޓެހިންނެވެ. ފުލުހުންނާއި އެމްއެންޑީއެފްގައި ގިނަ ދުވަހު މަސައްކަތްކޮށްފައި ތިބި މީހުންނެވެ. މަހުދީގެ މަރަށްފަހު އެއިން ބައެއް މީހުންނަށް ކިތަންމެ ނަފްސާނީ އުނދަގުލަކާއި ބުރައެއް އުފުލާން ޖެހުނެވެ. ބައެއް މީހުން އެތައް ދުވަހެއް ވަންދެން ގެއިން ނުނިކުމެ ގޭގައި ތިއްބެވެ.
މަހުދީގެ ހަށިގަނޑު ނެގުން
މަހުދީގެ ހަށިގަނޑު ނެގިއްޔަކީ އެމްއެންޑީއެފް އަކުން ނޫނެވެ. ފުލުހުންގެ ޓީމަކުންނެވެ. އެ އޮޕަރޭޝަންގެވެސް މައުލޫމާތު ޢާއިލާއަށް ލިބިފައިވާކަމަށް ފާރިޝް ކިޔައިދިނެވެ. ޑައިވަރަކު ގެއްލިއްޖެ ކަމުގެ ޚަބަރު ފުލުހުންނަށް ލިބިފައިއޮތީ މެންދުރު 12:22 ގައެވެ. އެދުވަހު ޑައިވްކުރަން ނުޖެހޭނެ ކަމަށް ބުނެފައި އޮތަތީ ތިބީ ތައްޔާރުވެސް ނުވެއެވެ. އަވަހަށް އާލާތްތައް ތައްޔާރުކޮށް ސާމާނުތައް ހިފައިގެން ބްރީފް ކޮށްފައި ފުލުހުންގެ ޓީމު މަހުދީގެ ހަށިގަނޑު ހޯދަން މޫދަށް އެރުނީ 12:50 ގައެވެ. 19 މިނެޓުން 69 މީޓަރު އަޑިއަށް އެބައިމީހުން ފީނިކަން ޑައިވް ކޮމްޕިއުޓަރުތަކުން ދައްކައެވެ. 1:19 ގައި 7 މިނެޓުއިރުގެ ޑީކޮމްޕްރެޝަން ސްޓޮޕަށްޕެއް އައިސްފައިވާކަންހެދިގެން އެނގެއެވެ.
އެޓީމަށް މަހުދީ ފެނުނީ ދެވަނަ ޗެމްބަރުގައި އަނގައި ރެގިއުލޭޓަރު ނެއްޓިފައި، ޓޭންކުން ވައިވެސް ހުސްވެފައި އޮއްވައެވެ.
މިއީ މޯލްޑިވްސް އިންޑިޕެންޑެންޓުން ޑައިވަރުން ފީނި އަދި އެރި ވަގުތަތަކުގެ ފޮޓޯތަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ޓައިމްލައިނާ އެއްކީލި ވަގުތުތަކެކެވެ. އެއިން ދައްކާ ގޮތުން:
އެމްއެންޑީއެފްގެ ޑައިވަރުން ޑައިވްއަށް ފޭބީ 11:40 ގައެވެ.
ސާފަސް މާކަރު ބޮއިތައް ފެނިގެން ފްރީޑައިވަރުން ފޭބީ 12:16 ގައެވެ. އެއީ ޑައިވަރަކު ގެއްލިއްޖެކަން މަތީގައި ތިބި ޓީމަށް އެނގުނު ވަގުތުކަމަށް ބެލެވެއެވެ.
ފުލުހުންގެ އުޅަނދު އެސަރަޙައްދަށް ގޮސް އާލާތްތައް ތައްޔާރުކުރަން ފެށީ 12:26 ގައެވެ.
ޑިންގީއަކަށް އަރައި ސީ އެންބިއުލަންސް އާ ދިމާލައަށް 1:20 ގައި މިސްރާބު ޖަހައެވެ.
ހުދު ފޮތިގަނޑެއްގެ ދަށުގައިވި ކޮންމެވެސް އެއްޗެއް ޑިންގީއިން ސީ އެންބިއުލާންސަށް 1:22 ގައި އަރުވައެވެ.
މި މަޢުލޫމާތުތަކުގެ މައްޗަށް ބަލާއިރު، މަހުދީ ގެއްލުމާއި މަހުދީގެ ހަށިގަނޑު މައްޗަށް ނެގުމާ ދޭތެރޭގައި 64 މިނެޓުއިރު ވޭތުިވެފައިވާނެ ކަމަށް ބެލެވެއެވެ. އެންއެމްޑީއެފް ޑައިވަރުން ހޮހޮޅައިން ނުކުމެ، ޑީކޮމްޕްރެޝަން ސްޓޮޕްއާ ހަމައަށް ދާން ނަގާނެ އިރު ހިމަނައިގެން ބަލައިފިނަމަ އެހޮހޮޅައިގައި 75 މިނެޓުއިރު މަހުދީ އެކަނި ހޭދަކުރާނެ ކަމަށް ބެލެވެއެވެ.
”އެއީ އެފަދަ ހޮހޮޅައެއްގައި މީހަކު އޮންނަން ވަރަށް ގިނަ އިރު،“ ކަމަށާއި، 70 ބާ ޓޭންކްގައި ހުރި ނަމަވެސް، އެފަދަ ފުންމިނުގައި އެއީ އެންމެ އަށެއްކަ މިނެޓަށް ބޭނުންވާ ވައި ކަމަށް ފާރިޝް ކިޔައިދިނެވެ.
ޤަބޫލުނުކުރެވޭ މަރުގެ ސެޓިފިކެޓް
ފާރިޝް އަށް އެމްއެންޑީއެފް އިން ގުޅާފައި ބުނީ ބޭބެ މަހުދީ އޮތީ ކްރިޓިކަލް ޙާލަތުގައި ކަމަށެވެ. އަޞްލުގައި ފުރަތަމަ މަހުދީ ގެންދާން އުޅުނީ ބަނޑޮހަށެވެ. އެތަނުގައި ޑީކޮމްޕްރެޝަން ޗެންބަރެއް ހުރެއެވެ. ނަމަވެސް މަހުދީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންދާން ނިންމީ އެމްއެންޑީއެފް ގެ މެނޭޖްމަންޓުންނެވެ.
”އަޅުގަނޑު ބުނިން، ނޫނެކޭ އޭނާ އައިޖީއެމްއެޗް އަށް ނުގެންދާށޭ. އެތަނުގައި ޗެންބަރެއް ނުހުންނާނޭ، ފަރުވާއެއް ނުކުރެވޭނޭ ކްރިޓިކަލް ވެއްޖިއްޔަކާ،“ ފާރިޝް ކިޔައިދިނެވެ. އޭޑީކޭގައި ހައިޕަރބެރިކް ޔުނިޓެއް ހުންނާތީ އޭޑީކޭއަށް ގެންދާން އެދުނެވެ. ފާރިސް ތަކުރާރުކޮށް ގުޅައިގެން އެދުމުން، އެމްއެންޑީއެފް މިސްރާބު ބަދަލުކުރިއެވެ.
އޭޑީކޭ ހޮސްޕިޓަލުގައި ޑރ ޢަބްދުالله ނިޔާފް އަށް އެމްއެންޑީއެފް އިން އެންގީ ކްރިޓިކަލް ޙާލަތުގައި އޮތް މިލިޓަރީ ޑައިވަރަކު އެހޮސްޕިޓަލަށް ގެންދާ ކަމަށެވެ. ޑޮކްޓަރު އެމްއެންޑީއެފްގެ ކިބައިން އެދުނީ ޑައިވަރުގެ ޙާލަތު ދުރާލާ ސާފު ސީދަލަށް ކިޔައިދިނުމަށެވެ. އެއީ ފަރުވާ ދިނުމަށް ތައްޔާރުކުރުމަށާއި އޭޑީކޭގައި ބޭނުންވާ ފަރުވާ ދެވޭނެ ތޯ ބެލުމަށާއި ބަނޑޮހަށް ގެންދާން ޖެހޭނެތޯ ވަޒަންކުރުމަށެވެ. އެމްއެެންޑީއެފް އިން މަޢުލޫމާތެއް ނުދެއެވެ. އޭޑީކޭގެ ޑަކްޓަރުންގެ ޓީމަކުން ޕޭޝަންޓް ބަލާދާން އެދުނީމާވެސް، އެމްއެންޑީއެފް އިން ބުނީ ބޭނުން ނޫން ކަމަށެވެ. އެކަމަކުވެސް އެޓީމު އޭޑީކޭ އިން ފޮނުވިއެވެެ.
ސީ އެންބިއުލަންސް ލެފުމުގެ ކުރިން އޭޑީކޭ އިން ފާލަން ދޮށަށް ގޮއްސިއެވެ. އޭޑީކޭއިން ބުނީ އެމީހުންނާ ޙަވާލުވީ ”ފިނިވެފައި އޮތް ހަށިގަނޑެއް“ ކަމަށް ފާރިޝް ކިޔައިދިނެވެ.
”އަޅުގަނޑު ދިޔައިން މަހުދީ ރިސީވް ކުރަން. އެމްބިއުލާންސަށް އެރިން. އެމްއެންޑީއެފްގެ އަންހެން އޮފިސަރަކު އޭނާގެ ސުޕީރިއާޒް އަށް ގުޅާފައި ބުނި މިހާރު ހަށިގަނޑު އޭޑީކޭއަށް ގެންދަނީ އޭ. އެ ޖުމްލައިން އެކަނިވެސް އެބައެނގޭ، މަހުދީ މަރުވެފައިވާކަން އެމީހުންނަށްވެސް ސާފުވާކަން. އެތަނަށް ދިޔައިރުވެސް އަހަރެން ވަރަށް ކުޑަ އުންމީދެއް އޮތް މަހުދީ ސަލާމަތްވާނެކަމަށް. އެކަމަކު ދެން އެނގިއްޖެ އެވަގުތު، ބޭބެ މަރުވެއްޖެކަން،“ ފާރިޝް ކިޔައިދިނެވެ.
މަހުދީ މަރުވިކަމަށް ކަނޑައެޅީ އޭޑީކޭގައެވެ. ސީޓީ ސްކޭން ތައަކުން ދެއްކީ މަހުދީގެ ހިތާއި ސިކުނޑިއާއި ފުއްޕާމޭ އަދި ނާރުތަކުގައި ވައި ބޮކިތަކެއް އުފެދިފައިވާ ކަމަށެވެ. ”އެހެންވީމާ އެއަށް ބިނާކޮށް ޑޮކްޓަރު ލަފާކުރަނީ އެއީ މާ އަވަހަށް އަރައިގެން އައިމާ ވީގޮތެއް ކަމަށް، ސީދާ ވީ ގޮތް ޑޮކްޓަރަށް ނޭނގޭތީ،“ ފާރިޝް ބުންޏެވެ.
މަހުދީގެ މަރުގެ ސެޓްފިކެޓް ބަލައިގަންނާން ފާރިޝް ދެކޮޅު ހެދިއެވެ. މަރުގެ ސަބަބު ބަދަލުކޮށް، އިޞްލާޙް ކުރަން އެދުނެވެ. އެކަން ކުރެވޭނީ ވީގޮތް ޑަކްޓަރުންނަށް އެމްއެންޑީއެފް އިން ކިޔައިދިނުމުން ކަމަށް ހޮސްޕިޓަލުން ބުންޏެވެ. ”ފުލުހުންނާއި ސިފައިންގެ ތަޙްޤީޤަށްފަހު މަޢުލޫމާތު ދިނުމުން، ބަދަލުކުރާނެ ކަމަށް ބުނި“ ކަމަށާއި، ”މަހުދީ 30 މިނެޓުއިރުވެސް ހޮހޮޅައިގައި އޮތްކަމަށް މަޢުލޫމާތު ދީފިނަމަ، މަރުވީ ހޮހޮޅައިގައި ކަމަށް ޑޮކްޓަރުން ސެޓްފިކެޓުގައި ލިޔާނެކަމަށް އެމީހުން ބުނި،“ ކަމަށްވެސް ފާރިޝް ކިޔައިދިނެވެ.
ހޮސްޕިޓަލު ރެކޯޑުތައް
މޯލްޑިވްސް އިންޑިޕެންޑެންޓަށް ޢާއިލާގެ ފަރާތުން ލިބިފައިވާ އޭޑީކޭ ހޮސްޕިޓަލުގެ މަރުގެ ރިޕޯޓާއި ޢާއިލާއިން ދެއްކި ވާހަކަތަކާއި ކަންހިނގާ ގޮތުގެ މައްޗަށް ބަލާއިރު މަހުދީ ޑީންގީއަށް ނެގިއިރުވެސް އޮތީ މަރުވެފައިކަމަށް ބެލެވެއެވެ.
އެމްއެންޑީއެފްގެ މެޑިކަލް އޮފިސަރުން ހޮސްޕިޓާ ޙިއްޞާކުރި މަޢުލޫމާތުން އެނގެނީ އެންމެފަހުން މަހުދީ ދިރިހުއްޓާ ފެނުނީ 11:43 ގައި ކަމަށެވެ. އަދި އޭނާ ގެއްލިފައިވާކަމަށް ޑައިވަރުން ޚަބަރުދިނީ ސޭފްޓީ ސްޓޮޕެއްގައި ކަމަށާއި، މަހުދީ ފެނިފައިވަނީ ރެސްކިއު ޓީމުން ހޯދަމުން ދަނިކޮށް ހޮހޮޅައިގައި ހަބަރުހުސްވެފައި އޮއްވާ ކަމަށާއި، އޭނާ ކަނޑުން ނެގުނީ މެންދުރު 1:10 ހާ އިރު ކަމަށެވެ.
މައްޗަށް ނެގިއިރު އޭނާގެ އަނގައިން ފިޔާތޮށި ކުލައިގެ ފޮނެެއް އަރާފައި ހުރިކަމަށާއި، އަތާއި ކަރުމަތި ދުޅަވެފައިވާ ކަމަށާއި، އަދި އެއްވެސް ގޮތަކަށް ވިންދުވެސް ނެތްކަމަށާއި، ނޭވާވެސް ނުލާ ކަމަށް އެރިޕޯޓުގައި ވެއެވެ.
ސީ އެންބިއުލާންސްގައި މަހުދީއަށް ސީޕީއާރް ދޭން ފެށީ 1:15 ހާ އިރުއެވެ. ޑިފިބްރަލޭޓަރ އިން ހިތުގެ ވިންދު ހުރިކަމަކަށް އަދި ޝޮކް ދެވޭނެ ކަމަކަށް ނުދައްކައެވެ. މާލެއަށް ޓްރާންސްފަރ ކުރަން ހޭދަވި 80 މިނެޓު އިރުގައިވެސް ސީޕީއާރް ދެމުން ދިޔައެވެ. މެންދުރު 2:35 ގައި އޭޑީކޭގެ ޕެރެމެޑިކް ޓީމުން މަހުދީގެ ހަށިގަނޑާ ޙަވާލުވިއެވެ. އޭޑީކޭގެ އިމަރޖެންސީ ރޫމަށް މަހުދީ ގެންދެވުނީ 2:41 ގައެވެ. މި ވޭތިވެ ހުރިހާ ވަގުތެއްގައިވެސް ހިތުގެ ވިންދެއް ނެތެވެ. 16 ބުރަށް ސީޕީއާރް ދީފައި އަދި 10 ޑޯޒްގެ އެޑްރެނަލިން ދީގެންވެސް ވިންދު ނައިސްގެން މަރުވިކަމަށް ކަނޑައަޅާފައި އޮތީ 3 ގަޑި 11 މިނެޓު 06 ސިކުންތުގައެވެ.
މަރުގެ ސެޓިފިކެޓުގައި މަރުވި ވަގުތު ކަމުގައި ކަނޑައަޅާފައި އޮތީ ހޮސްޕިޓަލުން މަރު ކަނޑައެޅި ވަގުތެވެ. ޙަޤީޤަތުގައި މަހުދީ މަރުވި ވަގުތެއް ނޫނެވެ. ހޮހޮޅައިން ނެރުނު އިރުން ފެށިގެން އޭނާގެ ހަށިގަނޑުގައި ދިރިހުރުމުގެ ކުޑަވެސް ނިޝާނެއް ނެތެވެ.
ހޮސްޕިޓަލުގެ މަރުގެ ސެޓިފިކެޓުން އެނގޭ އަނެއް ޙަޤީޤަތަކީ ހޮސްޕިޓަލަށްވެސް އެކަށީގެންވާ މަޢުލޫމާތު ލިބިފައި ނެތް ކަމެވެ. މަހުދީގެ ޑައިވް ޕްރޮފައިލާއި އޭނާ ފެނުނުއިރު އޮތް ހިސާބާއި އޭނާ އެތަނުގައި ނުފެނި އޮތީ ކިހާ ވަގުތަކު ކަމާއި، ކަނޑުން ނަގަން މައްޗަށް އެރުވީ (އެސެންޓް) ކިހާ އިރަކުން ކަން އެގްޒެމިނޭޝަންގެ ތެރޭގައި ޑަކްޓަރުންނަށް އޮޅުން ނުފިލާ ކަމަށް ލިޔެފައި ވެއެވެ.
ސީޓީ ސްކޭން އިން ފެންނަ ގޮތުގައި ސިކުނޑީގެ ނާރުތަކުގައްޔާއި ރާޅުތަކުގައި އަދި ލޮލު ވަޅުގައި ވެސް ވައި ބޮކި ހުރި ކަމަށާއި، ސައިނަސްގައި ގަނޑު ލޭ ހުރިކަމަށް އެރިޕޯޓުގައި ވެއެވެ. ރޭޑިއޮލޮޖިސްޓް ލިޔެފައި އޮތީ ”މަރުވުމަށް ފަހު އެކްސްޓެންސިވް އެޔަރ އެންބޮލިޒަމްގެ“ ދިމާވެފައިވާ ކަމަށް ފެންނަ ކަމަށެވެ.
މަރުގެ ސަބަބުކަމަށް ބަޔާންކޮށްފައި އޮތީ ތިން މައިގަނޑު ނުކުތާއަކުންނެވެ؛ ސްކޫބާ ޑައިވްއަކުން މާ އަވަހަށް އަރައިގެން އައުމާއި، ޑައިވަރުގެ ހަށިގަނޑު ފުނުން ނެގުމުން، ސެރެބްރަލް އާޓީރިއަލް ގޭސް އެންބޮލިޒަމް ކުރިމަތިވެގެން ކަމަށެވެ.
ނިންމާލަމުން ހޮސްޕިޓަލުގެ ރިޕޯޓުގައި ބުނަނީ ”މަރުގެ ސީދާ ސަބަބު ޢާއިލާއިން ނުވަތަ އިންޝުއަރަންސް އޭޖެންސީ އިން ނުވަތަ ކަމާބެހޭ ފަރާތްތަކުން ހޯދާން އެދޭނަމަ، ޕޯސްޓް މޯޓަމް އެގްޒެމިނޭޝަނެއް ކުރިއަށް ގެންދާން ލަފާދޭ“ ކަމަށެވެ. އަދި މިއީ އޭޑީކޭއިން ދެވޭނެ ހިދުމަތެއް ނޫންކަމަށް ބަޔާންކޮށްފައިވެެެއެވެ.
ގޭސް ބޮކިތަކުން އެނގެނީ ކޮންކަމެއް
މަހުދީގެ ޢާއިލާއިން ދެކޭގޮތުގައި އެ ވައި ބޮކިތައް ސީޓީ ސްކޭނުން ފެނުނަސް އެއީ މަރުގެ ސީދާ ސަބަބަށް ނުވެދާނެއެވެ. އެއީ މަރުވުމަށްފަހު ވެސް ހަށިގަނޑެއް މައްޗަށް ނަގައިފީވިއްޔާ ވެދާނެ ކަމެއް ކަމަށް މަހުދީގެ ކޮއްކޮ ފާރިޝް ބުންޏެވެ.
ދިވެހިރާއްޖޭގައި 15 އަހަރުވާންދެން މަސައްކަތް ކޮށްފައިވާ ޑައިވިންގް ޑަކްޓަރަކު، ނަން ނުޖެހުން ޝަރުޠުކޮށް ބުނީ ކޮންމެ ގޮތަކަށް މަރުވިޔަސް، އެހާ އަޑިން ނަގާ ހަށިގަނޑެއްގައި ގޭސް ބޮކީގެ އަސަރު ހުންނާނެ ކަމަށެވެ.
”މާބޮޑަށްވެސް އެހެން ދިމާވެދާނެ. ގޭސް ބޮކި ނެތް ނަމަ އަޞްލުގައި ސުވާލެއް އުފެދުނީސް،“ ކަމަށާއި ”އާޓިރިއަލް ގޭސް އެންބޮލިޒަމް ގައިވެސް އަދި ޑީކޮމްޕްރެޝަން ސިކްނަސް ގައިވެސް، އެހާ ފުނުގައި އަދި ވައި ހުސްވަމުން ދާ އިރު، ގޭސް ބޮކި ފެންނާނެ. ހަމައެކަނި ސިކުނޑީގައެއް ނޫން. ހުރިހާ ދިމާއަކުންވެސް،“ ކަމަށް އެޑަކްޓަރު ވިދާޅުވިއެވެ.
އެހެންނަމަވެސް މަހުދީ މަރުވި ސަބަބަކީ ވަކި މިވެނި ކަމެކޭ ބުނަން ދަތިކަމަށް އެޑޮކްޓަރުވެސް ވިދާޅުވިއެވެ. އެހެންނަމަވެސް އެހާ އަޑިން ނެގި ހަށިގަނޑަކުން، އެހާ ގިނައިން ގޭސް ބޮކި ފެނިފައި، ގޭސް އެންބޮލިޒަމްގެ ސަބަބުން މަރުވީކަމަށް ކަނޑައަޅާފައި އޮތުމަކީ ޝައްކު އުފެދޭ ކަމެއް ކަމަށާއި އެހެންނަމަވެސް ޑީކޮމްޕެރެޝަން ސިކްނަސް އެއީ ސަބަބެއް ނޫންކަމަށް ސީދާ ކަނޑަ އެޅެން ނެތްކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.
މަހުދީގެ ކޮއްކޮ ފާރިޝް ބުނީ މަހުދީގެ އެންމެ ފަހުގެ ޑައިވްގެ ވަގުތާއި، ފުންމިނާއި، ހިތުގެ އަވަސްމިން އެނގޭނެ ޑައިވް ކޮމްޕިއުޓަރ އޮތީ މަހުދީގެ ފޯނާއެކު އެމްއެންޑީއެފް ގެ ބެލުމުގެ ދަށުގައި ކަމަށެވެ. ފުލުހުންވެސް އެމްއެންޑީއެފް ގެ ކިބައިން މަހުދީގެ ޑައިވް ކޮމްޕިއުޓަރަށް އެދިފައިވާކަމަށާއި، އަދި ޙަވާލުކުރިކަން ނުއެނގޭކަމަށް ފާރިޝް ކިޔައިދިނެވެ.
މަހުދީގެ ޢާއިލާގެ ފަރާތުން ފޮނުވި ސިޓީގައި ބުނަނީ މަރުވީ ޑައިވް ކުރަން އޮވެފައި މާ އަވަހަށް މައްޗަށް އަރައިގެންކަމަށް ސަބަބުގެ ގޮތުގައި ސެޓްފިކެޓުގައި ލިޔުނީމާ މަހުދީ ސަލާމަތްކޮށް، ނަގާން އުޅުނު މީހުންގެ އިހުމާލުގައި މަރުވީކަމަށް ދޭހަވާ މޭރުމަކުން ވާހަކަދެކެވެނީ ކަމަށާއި، ފޮރެންސިކް ޕޯސްޓްމޯޓަމެއް ހެދުމަކާ ނުލައި މަރުގެ ސަބަބު ކަނޑަނޭޅޭނެ ކަމަށެވެ. މަރުގެ ސަބަބަކީ އާލާތް ފެއިލްވުންކަމެއް، ހައިޕޮކްސިއާކަމެއް، ނައިިޓްރިޖަން ނާކޮސިސްކަމެއް އަދި އެހެން ސަބަބެއް ކަމެއްވެސް ސާފުި ނުވާކަމަށެވެ.
މިސް ކޮމިއުނިކޭޝަން
މަހުދީގެ ކޮއްކޮ ފާރިޝް ބުނަނީ ކޮންމެހެން ދައުލަތުން ކަންވީގޮތް އޮޅުވާލަނީކަމަށް ނުދެކޭ ކަމަށެވެ.
”ކޮންމެ ކަމެއްގައިވެސް ޕޮޒިޓިވްކޮށް އަދި ނެގެޓިވްކޮށް ވިސްނިދާނެ. ޕޮޒިޓިވް ވިސްނުމަކުން ބަލާނަމަ، މިސްކޮމިއުނިކޭޝަން އެކޭ ބުނެވިދާނެ. ރަނގަޅު ތަޙްޤީޤެއް ކޮށްފިއްޔާ އަދި މަރުގެ ސެޓްފިކެޓް އިޞްލާޙޫކޮށްފިއްޔާ، އަދި ޙަޤީޤަތް ހާމަކޮށްފީވިއްޔާ، މިގޮތަށް ޤަބޫލުކޮށްގެން ތިބެންވާނީ. އެހެން ނޫނީ ޤަބޫލުކުރަން ޖެހޭނީ ފޮރުވާން އުޅެނީ ކަމަށް،“ ފިރާޝް ބުންޏެވެ.
ފާރިޝް އިތުރަށް ބުނީ މިކަމުން ސިޔާސީ މަންފާއެއް ބަޔަކަށް ލިބޭނެ ގޮތަކަށް ޢަމަލުނުކުރަން ޢާއިލާއިން ޢަޒުމު ކަނޑައަޅާފައިވާ ކަމަށެވެ. ”އަޅުގަނޑުމެން މިތިބީ ސަރުކާރު ވެގެންނެއްވެސް ނޫން. އަދި ސަރުކާރާ ދެކޮޅީއެއްވެސް ނޫން. އަދި މިކޭސްއިން އެއްވެސް ބަޔަކަށް އެޑްވާންޓޭޖެއް ނެގޭނެ ގޮތަކަށް ކަންކުރާކަށްވެސް ބޭނުމެއް ނޫން. އެއީ ޢާއިލާގެ ސްޓޭންޑަކީ،“ އޭނާ ކިޔައިދިނެވެ.
މަހުދީ ރެސްކިއު މިޝަންގައި ޑައިވިންގްއަށް ފޭބީ އެމްއެންޑީއެފްގެ އިސް އޮފިޝަލުންގެ ޕްރެޝަރުގައިކަމަށް ބުނާ ވާހަކައަށް ސީދާ އެއްޗެއް ބުނަން ފާރިޝް ފަސްޖެހުނެވެ. މަހުދީގެ އަނބިމީހާގެ ގާތުގައި މިއީ ތިމަންނާގެ މަސްއޫލިއްޔަތޭ މަހުދީ ބުނިކަމަށް ފާރިޝް ކިޔައިދިނެވެ.،
”އަހުރުމެން ދެބެއިންގެ ތަޖުރިބާގައި އަދި ބޭބެއާ ދެކެވިފައިހުރި ވާހަކަތަކުން އެނގެނީ އެމްއެންޑީއެފް އިން ރިކަވަރ ކޮށްފައިވާ 90 އިންސައްތަ ހަށިގަނޑު އެމްއެންޑީއެފްގެ ފަރާތުން ރިކަވަރ ކުރީ ބޭބެ،“ ކަމަށާއި ”އެހެންވީމާ މި ކަހަލަ ކަމެއް ވީމާ (ހޯދުމުގެ) މަސައްކަތް ހަވާލުކުރާނީ އޭނާއަށް،“ ކަމަށް ފިރާޝް އޮޅުންފިލުވައި ދިނެވެ.
މަހުދީ މަރުވިތާ ދެދުވަސްފަހުން އެމްއެންޑީއެފްގެ ދެ އޮފިޝަލުން ދައުލަތުގެ މީޑިޔާ ޕީއެސްއެމްގައި ވާހަކަދައކްަމުން ބުނީ ކޯސްޓް ގާޑުގެ ޑައިވަރުން ފީނުމަށް ޓްރެއިންވެ ސެޓިފައިވެފައވަނީ އެންމެ ފުނުން 50 މީޓަރަށް ދާންކަމަށާއި، 30 މީޓަރަށްވުރެ ފުނަށް ޑައިވްކުރާނަމަ ޚާއްޞަ އާލާތް ބޭނުންކުރަން ޖެހޭނެ ކަމަށެވެ. އަދި ޚާއްޞަ ޓްރެއިނިންގްވެސް ބޭނުންވާނެ ކަމަށެވެ.
މިއާއެކު، މި މިޝަންގެ ރިސްކުތައް އެމްއެންޑީއެފްގެ އިސް އޮފިޝަލުންނަށް އެނގޭނެތޯ ނުވަތަ ނޫންތޯ ސުވާލުކުރުމުން، ފާރިޝް ޖެހިލުމެއްނެތި ބުނީ، ރިސްކު ނުއެނގި ނުހުންނާނެކަން ކަށަވަރުކަމަށެވެ.
”އެންމެންނަށްވެސް އެނގޭ ރިސްކު ހުރީ 50 ޕަސެންޓަށް ވުރެ މަތީގައިކަން. 50/50 އެއްވެސް ނޫން. އެއަށްވުރެވެސް ނުރައްކާ މަތި. އެކަމަކުވެސް ހަމަ ކުރިއަށްދާން ހުއްދަ ދިނީ. އެކަމަކު ބައެއް ސަރުކާރުގެ އޮފިޝަލުން މިހާރު އެބަބުނޭ އެމްއެންޑީއެފް ގައި އެކެޕޭސިޓީ ނެތްކަމެއް ނުއެނގެޔޭ،“ ފާރިޝް ބުންޏެވެ. އޭނާ އިތުރަށް ބުނީ ”ޓެކްނިކަލް އިކުއިޕްމަންޓްވެސް ނެތި. އެމީހުންނަށް ވައިގައި ފީނުމަކީ ރިސްކެއް ކަން އެނގި ތިބެ ޑައިވަރެއް ރިސްކަށް ހުށަހަޅައިގެން އޭނާގެ ފުރާނަ ގެއްލުނީ،“ ކަމަށެވެ.
ޢާއިލާއިން ދެކޭގޮތުގައި ކަން ހިނގައިދިޔަ ގޮތުގެ ޙަޤީޤަތް އޮޅުންފިލުވޭނެ ހެއްކާއި ޤަރީނާ ގެއްލިފައި އަދި ނުވާ ކަމަށާއި، ވުޖޫދުގައިވާ ކަމަށެވެ.
ޢާއިލާއިން ބުނީ މަރުގެ ސެޓްފިކެޓުގައި ތަޙްޤީޤު އަދިވެސް ކުރިއަށްދާ ކަމަށް ލިޔެފައިވާ ކަމަށެވެ. ”ފުލުހުންނަށް ވީގޮތް އެނގޭނެ،“ ކަމަށާއި ”ރަނގަޅަށް ތަޙްޤީޤުކޮށްފިއްޔާ އެނގޭނެ،“ ކަމަށް ފާރިޝް ބުންޏެވެ.
މިނިވަން ނޫސްވެރިކަމަށް އެހީތެރިވެދެއްވާ
ބިރެއްނެތި ޚަބަރު ގެނެސްދިނުމަށް އެހީތެރިވެދެއްވާ
އެއްފަހަރު ދެއްވާ
$
ނުވަތަ
މެމްބަރަކަށް ވެލައްވާމަހަކު $5 އިން ފެށިގެން
