ދުންފަތުގެ ޖެނެރޭޝަނަލް ބޭން ތަޢާރަފުކުރިއިރު، ސިނގިރޭޓުގެ ކަޅު ބާޒާރު ފަތުއަޑުކިޔާފައި
އިހު ލިބުނު 100 މިލިޔަންގެ އިމްޕޯޓު ޑިއުޓީގެ ބަދަލުގައި މިހާރު ލިބެނީ އެންމެ 5 މިލިޔަނެވެ.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
04 ނޮވެމްބަރު
ޖަނަވަރީ 1، 2007 ގެ ފަހުން އުފަންވީ މީހުންނަށް ދުންފަތް ވިއްކުން މަނާކޮށް، ޖެނެރޭޝަނަލް ބޭން (ޖީލަކަށް މަނާކުރުން) ތަންފީޛު ކުރި ފުރަތަމަ ޤައުމުގެ ގޮތުގައި ދުނިޔޭގެ މީޑިޔާތަކުގެ ފަލަ ސުރުޚީއަށް ރާއްޖެ އަރާފައި ވެއެވެ. ޢާންމު ޞިއްޙަތުގެ ރޮނގުގައި އެޅި މުހިންމު އަދި ކެރޭ ފިޔަވަޅެއްގެ ގޮތުގައި މިކަމަށް ދުނިޔޭގެ އެކި ކަންކޮޅުން ތަޢުރީފު ލިބިފައި ވެއެވެ. މިއީ ދުންފަތާ ދެކޮޅަށް އަޅާ ގިނަ ފިޔަވަޅުތަކެއްގެ ސިލްސިލާގެ ތެރެއިން އެއް ކަމެކެވެ. މީގެ ކުރިން ދިވެހިރާއްޖޭގައި ވޭޕް މުޅިން މަނާކޮށްފައި ވެއެވެ.
ހޮނިހިރު ދުވަހު ތަންފީޛުކުރާން ފެށި މި ޖެނެރޭޝަލް ބޭންގެ ފިޔަވަޅު 2022 ގައި ނިއުޒީލެންޑުން ވެސް އެޅިއެވެ. ނަމަވެސް 2023 ގައި ބޭން އަށް ޢަމަލުކުރާން ފެށުމުގެ ކުރިން، އެކަން ވަނީ އުވައިލާފައެވެ. އިނގިރޭސިވިލާތުން ދަނީ މިފަދަ ޖެނެރޭޝަނަލް ބޭނެއްގެ މަސައްކަތް ފަށާފައެވެ.
ރާއްޖޭގެ މި ބޭންގެ ދަށުން ދިވެހިންނާއި ބޭރު މީހުންގެ ތެރެއިންވެސް 2007 އަށްފަހު އުފަންވީ މީހަކަށް ދުންފަތުގެ އެއްވެސް ބާވަތެއް ނުވިއްކާނެއެވެ. މި ބޭންގެ ބޭނުމަކީ ދުންފަތުން ސަލާމަތްވެފައިވާ ޖީލެއް ބިނާކުރުމުގެ ވާޞިތާއިން، ޢާންމު ޞިއްޙަތު ސަލާމަތް ކުރުންކަމަށް މިނިސްޓްރީ އޮފް ހެލްތުން ބުނެއެވެ. އަދި "ހުރިހާ ބާވަތެއްގެ" ދުންފަތުގެ އުފެއްދުމެއް ވެސް ވިއްކާ އިރު، ޢުމުރު ޔަޤީން ކުރުން ލާޒިމު ވާނެ ކަމަށް އެފަރާތުން ހާމަކުރެއެވެ.
ޔުނިސެފް އިން ނިމިދިޔަ ހަފްތާގައި ޢާންމުކުރި ސަރވޭއެއްގެ ބުނަނީ 90 އިންސައްތަ އާ ހަމައަށް ދުންފަތަކީ ނުރައްކާހުރި މާއްދާތައް އެކުލެވޭ އެއްޗެއްކަން ދިވެހި ޒުވާނުން ދަނެއެވެ. އެހެންނަމަވެސް މީޑިޔާ އަދި އިޖުތިމާޢީ ފިއްތުންތަކާއި އެކިބާވަތުގެ ކޮއްޕުންތަކުގެ ސަބަބުން ދުންފަތާ ދިމާލަށް ދާ ގޮތް ވަނީއެވެ. ސަރވޭގައި ބައިވެރިވި 105 ކިޔަވާ ކުދިންގެ ތެރެއިން 16 އަހަރާއި 20 އަަހަރާ ދެމެދުގެ ޒުވާނުން ބުނަނީ ދުންފަތަށް ޔަޤީންކަމާއެކު ނޫނެކޭ ބުނާނެ ކަމަށެވެ. އޭގެ ތެރެއިން 63 އިންސައްތަ ޒުވާނުން ބުނަނީ ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ "ކޫލް" ކަމެއްގެ ގޮތުގައި ސޯޝަލް މީޑިޔާ އިންފްލުއެންސަރުން ދައްކައިދޭ ކަމަށެވެ.
މަނާކުރުންތަކާއި ޓެކްސް ބޮޑު ކުރުމުގެ ސަބަބުން ދުންފަތުގެ ކަޅު ބާޒާރެއް އުފެދި، ވަގަށް އެތެރެކުރުން (ސްމަގްލް ކުރުން) ހިނގައިގެންފައިވަނީ ފަތުއަޑު ކިޔާފައެވެ.
ސިނގިރޭޓު ފޮއްޓެއްގެ އަގު 110 ރުފިޔާއިން 250 ރުފިޔާއަށް ބޮޑުކުރިތާ އަހަރު ދުވަސް ފަހުން، ބާޒާރަށް ބަލާއިރު ޓެކްސް ދައްކައިގެން، ހުއްދަ ގޮތުގައި އެތެރެކޮށްފައިވާ ސިނގިރޭޓަށްވުރެ ގިނައީ ވަގު ސިނގިރޭޓެވެ. ސިނގިރޭޓުން ލިބެމުން އައި އިމްޕޯޓު ޑިއުޓީ އިންތިހާއަށް ދަށްވެފައި ވެއެވެ. ގޭންގްތަކާއި ވަގު ވިޔަފާރީގެ ނެޓްވޯރކްތައް އިހުނަށްވުރެ ވަރުހެސަކަމާއެކު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި މޯލްޑީވްސް ޕޯޓްސް އޮތޯރިޓީ ފަދަ ބޯޑަރާބެހޭ މުއައްސަސާތަކުގެ ތެރެއަށް ނުފޫޒާއި ބާރު ގަދަކުރާން ފަށާފައިވެއެވެ.
ވަގަށް ސިނިގިރޭޓު އެތެރެކުރުމުގެ ފައިދާގެ މިންވަރު ހުރީ 400 އެއްހާ އިންސައްތައި ގައެވެ. 15 އަހަރުން މަތީގެ ކޮންމެ ހަތަރު ދިވެހިންކުރެން އެކަކީ ދުންފަތުގެ އިސްތިޢުމާލު ކުރާ މީހެެކެވެ. ގާތްގަނޑަކަށް 113،414 ދިވެހިންނެވެ. ދުންފަތަށް އޮތް ޑިމާންޑު ކުޑަވާ ކަމެއް ފާހަގައެއް ނުވެއެވެ.
ސިނިގިރޭޓު ކޮންޓެއިނަރު ވަގަށް ނެގި މައްސަލައިގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުވަނީ ނިމިދިޔަ ހަފްތާގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްގެ މަޤާމުގައި ތިއްބެވި ދެބޭފުޅަކު މަޤާމުން ވަކިކުރައްވާފައެވެ. 200 ކާޓަން ސިނިގިރޭޓު ތެޔޮ ބޯޓެއްގައި އެތެރެ ކުރުމުން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ބަނދަރުގައި ހުއްޓާ ވަގަށް ނެގި މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާބެހޭ ކޮމިޓީ (241 ކޮމިޓީ)އިން ހިންގި ތަޙްޤީޤަށްފަހު، އެކޮމިޓީއިން ލަފާ ދީގެން ކަމަށް ވެއެވެ. އެލަފާ އޮތީ އެކޮމިޓީގެ ރިޕޯޓުގައި ސިއްރުކޮށްފައި އޮތް ބައެއްގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް އަޙްމަދު ނާޒިމް އޮޅުންފިލުއްވައި ދެއްވިއެވެ.
މަޖިލީހުގެ 241 ކޮމިޓީ އިން މި ތަޙްޤީޤު ހިންގާން ފެށީ އޮކްޓޫބަރު 2024 ގައެވެ. އޭރު މަޖިލިސް ނާއިބް ރައީސް ވިދާޅުވީ އާގުބޯޓު ފަހަރުގައި ހުއްޓުމެއްނެތި، ވަގަށް، ބޭނުންހާ އެއްޗެއް އެތެރެކުރަމުންދާ ކަމުގެ ރިޕޯޓު ލިބެމުންދާ ކަމަށާއި، ހަތިޔާރު ހިމެނޭހެން ބޭނުންހާ އެއްޗެއް އެތެރެކުރުމުގެ ފުރުޞަތު ތަން މިނަށް ހުޅުވިފައިވާނަމަ، އެއީ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ޤަބޫލުކުރެއްވޭތީ، އެކޮމިޓީއިން މިކަން ކަން ބަލާ ތަޙްޤީޤުކުރަނީ ކަމަށެވެ.
މަޖިލީހުން ބެލި ބެލުމުގައި އެނގުނީ މާލޭގެ ގޭގޭގައި ވެސް ބޮންޑެޑް ވެއަރހައުސް ހަދާފައި ހުރިކަމާއި، ތިލަފުށީގައި އަމިއްލަ މީހުން ހިންގާ ބަނދަރުތަކަށް، މަޤްބޫލު ސަބަބެއް ނެތި، ބޮޑެތި އޮޑިފަހަރު ގާތްކުރާ ކަމެވެ. އެތަންތަނުން ސިނގިރޭޓު ބާލަނީ ކަމަށް ޝައްކު ކުރެވެއެވެ. އަދި 24 ގަޑީއިރު މުދާ ބަނދަރުތަކުގައި ބެލެހެއްޓެމުން ނުދާ ކަމާއި، ކޮލިޔަރަންސް ދިނުމުގައި ދޯހަޅިކަމާއި، އިންވޮއިސް ތައްޔާރުކޮށް، ކަސްޓަމަށް ހުށަހެޅުމުގައި މަކަރުހެދުން ޢާންމުވެފައިވާ ކަމަށެވެ.
ރިޕޯޓަށްފަހު ކޮމިޓީއިން އެންގީ ކަސްޓަމްސްގެ މުވައްޒަފުންނާއި އެބައިމީހުންގެ އަނބިފިރިންގެ މާލީ ބަޔާން ހުށަހެޅުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ރިޕޯޓު ހުށަހަޅުއްވަމުން މަޖިލިސް ނާއިބް ރައީސް ނާޒިމް ވިދާޅުވީ ޓެކްސް ދައްކާ، ޖާއިޒު ގޮތުގައި އެތެރެކޮށްފައިވާ ސިނގިރޭޓަށްވުރެ ވަގު ސިނގިރޭޓު ބާޒާރުގައި ގިނަ ކަމަށާއި، އެކަމުގެ ސަބަބުން 100 މިލިޔަނުން 5 މިލިޔަނަށް ސިނިގިރޭޓު ޑިއުޓީ ކަސްޓަމަށް ލިބުނު މިންވަރު ދަށްވެފައިވާ ކަމަށެވެ. މިއީ 95 އިންސައްތައިގެ ވެއްޓުމެކެވެ. މިއާއެކު، ސިނގިރޭޓާއި ވޭޕް ސޯޝަލް މީޑިޔާގެ އެކައުންޓުތައް މެދުވެރިކޮށް ވިއްކުން ޢާންމުވެފައި ވާ ކަމާއި، އަދިވެސް ސިނގިރޭޓަށްވުރެ ވޭޕްގެ އަގު ހެޔޮކޮށް، ކަޅު ބާޒާރުގައި ލިބޭން ހުރިކަމަށް އޭނާ ވިދާޅުވިއެވެ.
މަޖިލިސް ނާއިބް ރައީސް ތުހުމަތުކުރައްވާ ގޮތުގައި ސްމަގަލް ކުރުމުގެ މި ޙަރަކާތް ހިންގަނީ ކަސްޓަމްސް އޮފިޝަލުންނާއި، އާގުބޯޓޫފަހަރާއި، ބޮންޑެޑް ވެއަރހައުސްތައް ގުޅިގެންނެވެ. ލިޔެކިޔުން އޮޅުވާލައިގެންނެވެ.
މަޖިލީހުގެ ތަޙްޤީޤުގައި ދެ ޙާދިސާއެއްގެ މައްޗަށް އަލިއަޅުވާފައި ވެއެވެ.
1) ހޯކްސްގެ ތެޔޮބޯޓު
ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް ނިސްބަތްވާ އެމްޓީ ހޯކްސް ޖަވާހިރު (އައިއެމްއޯ ނަންބަރު 9174232) ބޯޓުގައި 200 ކާޓަން ސިނގިރޭޓު ވަގަށް އެތެރެ ކުރިއެވެ. ރާއްޖެ ވަނުމަށްފަހު، އެބޯޓުގެ ލޮކޭޝަން އަންގައިދޭ ސިސްޓަމް 24 ގަޑިއިރަށް ވުރެ ގިނަ ވަގުތު ނިއްވާލާފައި ހުރިކަން އެނގެއެވެ. އޭގެފަހުން ފެނުނީ ދޯޏްޏަކަށް ބޯޓުން ސިނގިރޭޓު ބާލަނިކޮށެވެ.
އޮކްޓޫބަރު 2024 ގައި ކަސްޓަމްސް އިން 8000 ކާޓޫނު ވަގު ސިނިގރޭޓު އަތުލައިގަތެވެ. ހޯކްސްގެ ބޯޓް ޔާޑު ބެލިއިރު، މިލިޔަނަކަށްވުރެ ގިނަ މެންޗެސްޓަރ މަރުކާގެ ސިނގިރޭޓު ފޮރުވާފައި ހުއްޓާ ފެނުނެވެ. މުވައްޒަފުން ބައިތިއްބާ ބައިގައެވެ. މިއީ 20 މިލިޔަން ރުފިޔާގެ އިމްޕޯޓު ޑިއުޓީ ދައުލަތަށް ލިބޭނެހާ ސިނގިރޭޓެވެ.
ހޯކްސް އިން ބުނީ އެއީ އެކުންފުންޏާ ގުޅުންހުރި ކަމެއް ނޫންކަމަށާއި، ބޯޓުގައި މަސައްކަތްކުރާ ބޭރުގެ ކްރޫއިންތަކެއްގެ ކަމެއް ކަމަށެވެ. އެމީހުން ކޮށްލީ ޑީޕޯޓެވެ. 3 ދިވެއްސަކަށް ދައުވާ ކުރިއެވެ.
ފުލުހުންނާއި ކަސްޓަމްސް ގުޅިގެން މައްސަލަ ބަލާން ފެށިއެވެ. ޖުލައި ގައި ނިންމާން ބުނި ތަޙްޤީޤު އަދިވެސް ހިނގަނީއެވެ. ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނަނީ ހޯކްސް ކުންފުންޏަށް ދައުވާ ކުރުމާމެދު ގޮތެއް ނުނިންމާ ކަމަށެވެ.
2) ބޮންޑެޑް ވެއަރހައުސް
24 ގަޑިއިރު ފޯރިމަރާ، އަބަދުވެސް ކަސްޓަމްސްއިން ބަލާ، ބަލަހައްޓަމުން ދިއުން ލާޒިމު ބޮންޑެޑް ވެއަރ ހައުސްއެއްގައި ހުރި ސިނގިރޭޓު ކާޓޫނުތަކެއް ސެޕްޓެންބަރު-އޮކްޓޫބަރު 2024 އާ ދެމެދު ވަގަށް ނެގިއެވެ. އެކި ފަހަރު މަތިންނެވެ.
މިއީ ޑިސެންބަރު 3، 2023 ގައި އެގްޒޯޓިކް އެންޓަރޕްރައިޒަސް ކިޔާ ކުންފުންޏަކުން އެތެރެކޮށްފައި ހުރި ކެމަލް މަރުކާގެ ފޭކް ސިނގިރޭޓު ތަކެކެވެ. ކެމަލްގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ ސިވިލް ކޯޓުގައި ދައުވާ އުފުލިއެވެ. އެޝިޕްމަންޓް ހިފެހެއްޓުން އެދިއެވެ. އެ ބަހައްޓާފައި ހުރީ މާލޭގެ ގެޔެއްގެ ދެވަނަ ބުރީގައި ހުރި ބޮންޑެޑް ވެއަރހައުސް އެއްގައެވެ. މިމައްސަލަ ހިނގަމުން ދަނިކޮށް އެގްޒޯޓިކް ގެ މިލްކުވެރިން އެހެން ދެ ފަރާތެއްގެ މައްޗަށް ބަދަލު ކުރިއެވެ.
މަޖިލިސް ނާއިބް ރައީސް ވިދާޅުވީ ކޮމިޓީއިން ކަސްޓަމްސްގައި މިކަމާމެދު ސުވާލު ކުރުމުން، ބޮންޑެޑް ވެއަރހައުސް އަދި އެ ސިނގިރޭޓުތައްވެސް ވުޖޫދުގައި ވާ ކަމަކަށް ނުވިއެވެ. ދައުލަތަށް 47 މިލިޔަން ރުފިޔާގެ އިމްޕޯޓު ޑިއުޓީ ގެއްލުނީއެވެ.
ކަންހިނގައިދިޔަ ގޮތަކީ އިމްޕޯޓު ޑިއުޓީ ދައްކާނެ ކަމަށް ކަސްޓަމުން ބަލައިގެން އޮއްވާ، ކްލިޔަރކުރުމެއް ނެތި، މުދާ ނެރުނީއެވެ. ލިޔެކިޔުމުން ދައްކަނީ މުދާ ހުރީ ގުދަނުގައި ކަމަށެވެ.
241 ކޮމިޓީއިން 127 ލިޔެކިޔުމެއް ބެއްޔެވެ. ކަސްޓަމްސް އޮފިޝަލުން ގެނެސް ދުވާލު ކުރިއެވެ. ސީސީޓީވީ ކެމެރާ ފުޓޭޖްވެސް ބެއްޔެވެ. އިމްޕޯޓު އެކްސްޕޯޓު ރެކޯޑުތައް ދިރާސާ ކުރިއެވެ. ސާފުވީ ކަސްޓަމްގެ ޤާނޫނާއި ބޮންޑެޑް ވެއަރހައުސް ޤަވާޢިދުތަކާއި އެންޓި ކޮރަޕްޝަން ޤާނޫނާއި ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނާ ޚިލާފަށް އެތައް ކަމެއް ހިންގާފައިވާ ކަމެވެ.
3) ކޮންޓޭނަރު ވައްކަން
އޭޕްރީލް 26، 2025 ގައި ކަސްޓަމްސް އަށް 1360 ކޭސް ސިނގިރޭޓު 40 ފޫޓުގެ ކޮންޓެއިނަރެއްގައި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ކޮންސްޓްރަކްޝަން ބޭނުމަށް ގެނައި ޕްލައިވުޑްގެ ގޮތުގައި ޑިކްލެއަރ ކޮށްފައި ހުއްޓާ، ފަޅާ އެރިއެވެ. ކޮންޓޭނަރު ގެނެސްފައިވަނީ އެއަރޕޯޓް އަޅަމުންދާ ކުންފުނި ސަޢުދީ ބިންލާދިން ގްރޫޕްގެ ލޯކަލް އޭޖެންޓް ލިޔޯ ޓްރޭޑިންގްގެ ނަމުގައެވެ. މިކަން ފަޅާ އެރުމާއެކު، މިކުންފުނިތަކާ ގުޅޭ ޗައިނާގެ އޭޖެންޓަކު އަވަސް އަވަހަށް ރާއްޖެއިން ފުރައިގެން ގޮސްފިއެވެ.
މިއީ ދިވެހި ބަހުން އިންޒާރުގެ މެސެޖު ލިޔެފައި ހުރި މެންޗެސްޓަރ މަރުކާގެ ސިނގިރޭޓެވެ. 122 މިލިޔަން ރުފިޔާގެ މަގުމަތީ އަގުގެ މިސިނގިރޭޓުތަކުން ދައުލަތަށް 340 މިލިޔަން ރުފިޔާގެ އިމްޕޯޓު ޑިއުޓީ ލިބޭން ޖެހޭނެއެވެ. ކޮންޓޭނަރުތައް ހުރީ މޯލްޑީވްސް ޕޯޓްސް ލިމިޓެޑްގެ ބެލުމުގެ ދަށުގައި ހުޅުމާލެ ބަނދަރުގައެވެ.
"މިހާރު" އަދި "އަދަދު" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިއީ އެތައް ދުވަހެއްގެ ރޭވުންތެރިކަމާއެކު ހިންގާފައިވާ ބޮޑު ވައްކަމެކެވެ. ފުރަތަމަ، ތިލަފުށީގައި ފޭކު ކޮންޓޭނަރުތަކެއް ތައްޔާރު ކުރީއެވެ. އެއް ސީރިއަލް ނަންބަރުތަކެއް އަދި ޝިޕިންގް ލޭބަލް ޖަހާފައެވެ. 3 އެމްޕީއެލްގެ މުވައްޒަފުން މިކަމުގެ ތެރެއަށް ލަވާ، ރިޝްވަތަށް އެޕާޓްމަންޓް ދީފައި ވެއެވެ.
ތިންވަނަ އެމްޕީއެލްގެ މުވައްޒަފަކަށް ރިޝްވަތަށް ދިނީ ތިން ލައްކަ ފަންސާސް ހާސް ރުފިޔާ ނަގުދުންނެވެ. އޭނާއަށް 250،000 ރުފިޔާ ފުރަތަމަ ދިނީމާ، ދެއްކި ކަމަށްވަނީ އަނބިމީހާގެ ކްރެޑިޓް ކާޑުގެ ބިލެވެ. ދެން 10،000 ރުފިޔާއިން ޖުވާ ކުޅުނީއެވެ. ޖުވާ ކުޅެގެން 100،000 ރުފިޔާ ހޯދިކަމަށް ވެއެވެ. ދެން ހަމަ އެހިނދުން އެފައިސާއިން ޖުވާކުޅެ، ނަގާލީއެވެ. ޚަބަރުގައި މިވައްކަމުގެ ވާހަކަ ފެންމަތިވުމުން، ފިރިމީހާ ބައިވެރިވާ ކަމަށް ޝައްކު ވެގެން ފުލުހުންނަށް ރިޕޯޓުކުރީ އަނބިމީހާއެވެ.
އޮގަސްޓް 2025 ގައި (ކުރިން ރިޕޯޓުކޮށްފައި ހުރި ގޮތަށް އޮކްޓޫބަރަކު ނޫން) ރޭގަނޑު 11 ޖަހާކަށް ހާއިރު، ބަނދަރުގެ ސެކިއުރިޓީ ކެމެރާތައް ނިއްވާލިއެވެ. ކެމެރާގެ ކުރިމައްޗަށްވާ ގޮތަށް ތިލަފުށީގައި ތައްޔާރު ކުރި، ނަކަލު (ފޭކު) ކޮންޓޭނަރުތައް ބެހެއްޓިއެވެ. "ފިޔަ" ކިޔާ ބޯޓެއް ބަނދަރަށް ގާތްކުރިކަން އެނގެއެވެ. އެކަމަކު ކެމެރާތަކުން އެނގެނީ އެޕޯލޯ ހޯލްޑިންގްސް ގެ ބޯޓެއް ކައިރި ކުރާ ތަނެވެ. ސިނގިރޭޓުތައް ހުރި، އަސްލު ކޮންޓޭނަރުތައް އެބޯޓަށް އަރުވައިގެން ގެންދިޔައީ ހުޅުމާލެ ފޭސް 3 އަށެވެ. ޖަމްބޯ ބޭގުތަކަށް އަޅައި، ރީޕެކު ކުރިއެވެ. ނަކަލު ކޮންޓޭނަރތަކަށް އެޅީ ޓަޔަރެވެ.
2021 ގައި އެމްޕީއެލްއިން ޕޯޓްގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރާން އައު ޢިމާރާތެއް ބިނާކޮށް، ބައިނަލް އަޤްވާމީ ފެންވަރަށް ސަލާމަތާއި ރެކޯޑު ބެލެހެއްޓުން ގެނައިކަމަށް އެމްޕީއެލް އިން އިޢުލާން ކުރިއެވެ.
މިކަންތައްގަނޑު ހިންގިކަމުގެ ހިލަމެއްވެސް ވީ އޮކްޓޫބަރުން 8 ގައެވެ. ހޯމް މިނިސްޓަރ ޢަލީ އިޙްސާން، ކަސްޓަމްސްގެ ކޮމިޝަނަރ ފާޠިމަތު ދިޔާނާ އަދި އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ރިޝްވާނަށް ޝްރީލަންކާ ވަޓްސްއެޕް ނަންބަރަކުން ކާކުކަން ހާމަނުކުރާ ފަރާތަކުން ފޮނުވި ޓިޕަކުންނެވެ. އޭގައި އޮތީ ކޮންޓޭނަރުތައް ހުޅުވައިފިއްޔާ ލަދު ގަންނަވަރު ވާނެ ކަމަށެވެ.
އަދަދު ނޫހުގައި ބުނަނީ ކޮންޓޭނަރު ހުޅުވިއިރު، އޭގެ ބިތެއްގައި ހުރީ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމްގެ ފޮޓޯއެކެވެ. ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑީވްސް (ޕީޕީއެމް)ގެ ލީޑަރުކަމުން އެމަނިކުފާނު ބޭރުކޮށް، އެއޮފީސް އަތުލާފައި، އަލުން ރައީސް މައުމޫންގެ ބާރުގެ ދަށަށް އޮފީސް އައިއިރު، ފާރުގައި "ގޮ*ހަނ*" ޖަހާފައިވާ ހުއްޓާ، އެތަނުގައި ހުއްޓިވަޑައިގެން، ނަންގަވާފައި ހުރި ފޮޓޯގެ ޕްރިންޓެކެވެ.
މިމައްސަލައިގައި ހައްޔަރުކުރީ އެޕޯލޯ ހޯލްޑިންގްސްގެ ސީއީއޯ، ޢުމުރުން 65 އަހަރުގެ މުޙައްމަދު ވަޙީދު (ދިގަލި)އާއި، ލޮޓަސް ކޮމްޕެނީގެ ވެރިޔާ، ޢުމުރުން 61 އަހަރުގެ އަޙްމަދު ޢާރިފް (އާއްޓޭ)އެވެ. އެމީހުންނަކީ މިވައްކަމަށް ޚަރަދުކުރި މީހުންކަމަށް ފުލުހުން ބުނެއެވެ. ދެން ހައްޔަރުކުރީ ކަސްޓަމްސްގެ ސުޕްރިންޑެންޓެންޑް ޢުމުރުން 40 އަހަރުގެ ޒިވާރް އިސްމާޢީލާއި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ޖެނެރަލް މެނޭޖަރ ޢުމުރުން 48 އަހަރުގެ މުޢާޛް ޢަލީ އާއި، އެމްޕީއެލްގެ ތިން މުވައްޒަފެކެވެ. އެއީ އަޙްމަދު ޝަމީމާއި، އަޙްމަދު ފިރުޝާނާއި، ސީސީޓީވީ އޮޕަރޭޓަރު ޙުސެއިން ސާމިޙްއެވެ. އޭގެ ފަހުން ހައްޔަރުކުރީ އެޕޯލޯގެ ބޯޓު ދުއްވަން ހުރި އޭގެ ކެޕްޓަން އާދަމް ވަޙީދާއި، އޭގެ ފަޅުވެރި، ޙަސަން ޢަބްދުއްރަޙްމާނެވެ. އިތުރު 12 މީހަކަށް ރާއްޖެއިން ފުރުން މަނާކޮށްފައި ވެއެވެ.
މިހާރު ނޫސް ބުނާގޮތުގައި ހުރިހާ ކަމެއް ފަޅާ އެރީ އެމްޕީއެލްގެ މުވައްޒަފަކު އަނބިމީހާ ފުލުހުންނަށް ގުޅީމައެވެ. ތިލަފުށީގައި އަސްލު ކޮންޓޭނަރުގެ ބައިތައް ހަލާކުކޮށްފައި ހުއްޓަތީ ފުލުހުން ހޯދާފައިވެއެވެ.
މިއީ މަދުން، ވަކިން، ހިނގާ ކަންކަމުގެ ގޮތުގައި ބެލެވޭކަށް ނެތެވެ. ހުރިހާ ޙަޤީޤަތެއް ދައްކަނީ މިއީ ރާވައިގެން ހިންގާ ވައްކަމާއި ސްމަގުލްކުރުމުގެ ނެޓްވޯރކެއް ކަމެވެ.

