ދިވެހިން ދެކުނު ކްރިޕްޓޯގެ ފޮނި ހުވަފެންތައް، ޖީއެމްސީއީގެ ޕިރަމިޑް ސްކޭމް ފެއިލްވެ ބިރުވެރި ހުވަފެނަކަށް ބަދަލުވެއްޖެ
މި ވެއްޓުމުގެ ސަބަބުން އެތަކެއް އިންވެސްޓަރުންނަށް މިލިއަނުން ގެއްލުންވެއްޖެ.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
22 ޖޫން
އެތައް ހާސް ދިވެހީންނެއް ބައިވެރިވެފައިވާ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ކްރިޕްޓޯ ކަރެންސީގެ ފައިދާ ލިބޭނެކަމަށް ދައްކުވައިދީފައިވާ ޕިރަމިޑް ސްކީމެއް ވަނީ ހޮނިހިރު ދުވަހު ވެއްޓިގެންގޮސްފައެވެ. މިކަމުގެ ސަބަބުން، މިކަމަށް އިންވެސްޓްކުރި މީހުންގެ އަތުން އެތައް މިލިއަން ރުފިޔާއެއް ވަނީ ގެއްލިފައެވެ.
ޖެމްކިއު ނުވަތަ ޖީއެމްސީއީ ނަމަކަށްކިޔާ އިންވެސްޓްމެންޓް ސްކީމަކީ ވެބް އެޕްލިކޭޝަނެއް މެދުވެރިކޮށް، ދުވާލަކު 2 އިންސައްތައިގެ މިންވަރަކަށް ޔޫއެސްޑީޓީ ކަރެންސީ (އެމެރިކަން ޑޮލަރުގެ މައްޗަށް ބިނާވެފައިވާ ޑިޖިޓަލް ކަރެންސީއެއް) އޭއައި މެދުވެރިކޮށް ޓްރޭޑް ކޮށްގެން ލިބޭނެކަމަށް ބުނެ، ވެބް އެޕްލިކޭޝަން އެއް މެދުވެރިކޮށް ހިންގާފައިވާ ސްކީމެކެވެ.
މިދިޔަ އާދީއްތަ ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީއިން އެކީގައި ނެރެފައިވާ ބަޔާނެއްގައިވަނީ މިއީ ރާއްޖެއިން ބޭރުގައިވާ ފަރާތްތަކެއް ބައިވެރިވެގެން ހިންގާ ޕިރަމިޑް ސްކީމެއްކަމުގައެވެ. މި އެޕްލިކޭޝަނުން ލާރި ނެގޭނެ މަގުތައް ބުރާސްފަތި ދުވަހު ބަންދު ކުރެވިފައިވާއިރު، މިކަމާ ގުޅިގެން ގާތްގަނޑަކަށް 3 މިލިއަން ޔޫއެސް ޑޮލަރުގެ ގެއްލުމެއް ލިބޭނެކަމަށް އަންދާޒާ ކުރެވޭ އިންވެސްޓަރުންވަނީ ކަންބޮޑުވުން ހާމަކޮށްފައެވެ.
"ޖީއެމްސީއީގެ މާކެޓިން ޑިޕާޓްމެންޓުގެ ފަރާތުން އެއްވެސް ޖަވާބެއް ލިބިފައިނުވޭ. އަޅުގަނޑު މިހާރު އުންމީދު ދޫކޮށްލައިފިން،" މި ސްކީމްގެ 42،000 މެމްބަރުން ތިބޭ ޓެލެގްރާމް ގްރޫޕްގެ އެޑްމިން ގްރޫޕްގައި ހޮނިހިރު ދުވަހުގެ ހަވީރު ޕޯސްޓްކޮށްފައިވެއެވެ. އަދި މީނާ ވަނީ ކުއަންޓަޕޭން ނަމަކަށްކިޔާ އިތުބާރުހިފޭ އައު ޕްލެޓްފޯމެއްގައި އިންވެސްޓްކުރުމަށް ބާރު އަޅާފައެވެ.
ރާއްޖޭގެ ބޮޑެތި މީހުންގެ އާބާދީގެ ހަތަރު ބައިކުޅަ އެއްބައި ކަމުގައިވާ، 50،000 މީހުންނަށްވުރެ ގިނަ މީހުންވަނީ މި ޔޫއެސްޑީޓީ މައިންކުރާކަމަށް ބުނާ ޖެމްކިއު ސްކީމުގައި ބައިވެރިވެފައެވެ. މީގެ ތެރޭގައި، ޕޮލިސް އޮފިސަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހިމެނެއެވެ.
ޕޮލިހުގެ އެންޓި ސްކޭމް ސެންޓަރުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ސްކީމް ޕްރޮމޯޓް ކޮށްފައިވާ 7 ދިވެހިންނެއް މިހާރުވަނީ ހޯދިފައެވެ. އެމީހުންނަކީ މި ސްކީމުގެ ކުރީކޮޅު އިންވެސްޓްކޮށް، ފަހުން ސީނިއަރ މެމްބަރުންނަށް ބަދަލުވެފައިވާ މީހުންކަމަށް މި ސެންޓަރުން މައުލޫމާތު ދެއްވިއެވެ.
"މިހާތަނަށް ލިބިފައިވާ މަޢުލޫމާތުން އެނގޭ ގޮތުގައި މި ސްކީމް ފަށާފައިވަނީ ރާއްޖޭގައި. އެހެންނަމަވެސް، މި ސްކީމް އުފެދިފައިވަނި ރާއްޖޭގައިކަން އެނގޭކަށް ނެތް،" އާދަމް ނަވީދު ދައުރަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވިއެވެ. އެހެންނަމަވެސް، އިންޓަރޕޯލުން ޕޮލިހަށްދީފައިވާ މަޢުލޫމާތުން މި ސްކީމް ރާއްޖެ ނޫން އެހެން ގައުމަކުން ފެނިފައިނުވާކަން އެނގޭކަން އޭނާ ފާހަގަކުރެއްވިއެވެ.
އިތުރު މަޢުލޫމާތު ހޯދުމަށްޓަކައި އާދީއްތަ ދުވަހު ނަވީދާ ގުޅުމަށް މަސައްކަތްކުރެވުނު ނަމަވެސް، ނަވީދަކާ ގުޅިފައިނުވެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު، ޔޫއެސްޑީޓީ އަމިއްލަ އެކައުންޓްތަކަށް ނަގުމަށް ހުރަސްއެޅުމާ ގުޅިގެން، ރުޅިގަދަވެފައިވާ އިންވެސްޓަރުން މިކަމާ ޝަކުވާކުރުމުން، މި ސްކީމްގެ އޯގަނައިޒަރުން ބުނެފައިވަނީ މިކަން ދިމާވެފައިވަނީ އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމެންޓުން ހިންގާ ގަވާއިދާގުޅޭ ޕްރޮސެސްއަކާއި ގުޅިގެންކަމަށާއި، މިކަމާ ގުޅިގެން ކަންބޮޑު ނުވުމަށް އިލްތިމާޒްކޮށްފައެވެ. "އެއްވެސް ފަރާތަކުން ހާސްނުވޭ. މިއީ އާންމުކޮށް ހިންގާ ތަހްގީގަށް އެއްބާރުލުންދިނުމުގެ ގޮތުން ހިނގާ ކަމެއް. ޖީއެމްސީއީ ކުންފުނީގައި ހުރި ފައިސާއާ ގުޅޭ އެއްވެސް މައްސަލައެއް ނެތް. ރިވިއުކުރާ އިރު ފައިސާގެ މައްސަލައެއް ނެތްކަމުގައިވާނަމަ، ފައިސާއާ މެދު އަމަލުކުރާނީ އާންމުކޮށް އަމަލުކުރާ ފަދައިން. އަޅުގަނޑުމެން ޖެހޭނީ ކެތްތެރިކަމާއެކު މަޑުކުރަން،" އެޑްމިނިސްޓްރޭޓަރ އަކު ބާރުއަޅުއްވާފައިވެއެވެ.
އެހެންނަމަވެސް، މިކަމާ ގުޅިގެން ގްރޫޕްގައި ހިއްސާކޮށްފައިވާ ސިޓީއަކީ ސައްހަ ސިޓީއެއްނޫންކަން ވަނީ އެނގިފައެވެ. މިސިޓީ އައިސްފައިވަނީ ޓްރެޝަރީ ޑިޕާޓްމެންޓުގެ ފައިނޭންޝަލް ކްރައިމްސް އެންފޯސްމެންޓް ސެންޓަރުން ކަމުގައިވީނަމަވެސް، މި ސިޓީގައި ސޮއިކޮށްފައިވަނީ ވުޖޫދުގައި ނެތް އޮފިޝަލެކެވެ. އަދި ސިޓީގައި ޖަހާފައިވަނީ ސެކިއުރިޓީސް އެންޑް އެކްސްޗޭންޖް ކޮމިޝަނުގެ ތަތްގަނޑެވެ.
ސައްހަނޫން ސިޓީގެ ސަބަބުން، އެކި ވުޒާރާތަކުން ބުނެފައިވާ ފަދައިން މި ސްކީމަކީ އޮޅުވައިލެވިގެން ހިންގޭ ސްކީމެއްކަން ހާމަވެގެންދިޔައެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، ސީއެމްޑީއޭއިން ބުނެފައިވާގޮތުން، ރެޖިސްޓަރކޮށްފައިނުވާ މި ވިޔަފާރިއިން، އެއްވެސް މިންވަރަކަށް އިންވެސްޓްކުރުމުގެ އެކްޓިވިޓީ ހިންގާފައިނުވެއެވެ. އަދި މުޅި ސްކީމް ބިނާވެފައި އޮތީ،ފައިދާ ހޯދުމުގެ ބަދަލުގައި ސްކީމްގެ ބައިވެރިން އިތުރުކުރުމުގެ މައްޗަށެވެ. މި ސްކީމުގައި ކުރިން ބައިވެރިވި ފަރާތްތަކަށް، އަލަށް ބައިވެރިވާ މީހުންގެ ފައިސާ ބޭނުންކޮށްގެން، ކޮންމެވެސް މިންވަރެއްގެ ފައިދާއެއް ލިބޭކަމަށް ދައްކުވައިދެއެވެ.
ޤާނޫނުލްޢުޤޫބާތުގެ 319 ވަނަ މާއްދާގެ ދަށުން ޕިރަމިޑް ސްކީމްފަދަ ސްކީމްތަކުގައި ބައިވެރިވުމަކީ ޤާނޫނީ ކުށެއްކަމަށާއި، މިފަދަ މުޢާމަލާތް ހިންގައި، އޮޕަރޭޓްކޮށް، ޕްރޮމޯޓްކުރާ މީހުންނާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ޕޮލިހުންވަނީ ދެއްވާފައެވެ.
ޕިރަމިޑް ސްކީމްތައް ބިނާވެފައިވަނީ، ކޮންމެ މެމްބަރަކުވެސް އިތުރު މީހުން ސްކީމަށް ތައާރަފްކުރުމަށާއި، މިގޮތަށް ތައާރަފްކުރެވޭ ކޮންމެ އައު މެމްބަރަކަށް ވަކި އަދަދެއްގެ ފައިސާ ލިބޭ ނިޒާމެއްގެ މައްޗަށެވެ. މިދިޔަ ހަފްތާގައި އަދަދު ނޫހުން ފާހަގަކޮށްފައިވާ ގޮތުން ޖެމްކިއު ސްކީމުގެ ލީޑަރެއްގެ ގޮތުގައި ހިމެނޭ ސަރުކާރަށް ނިސްބަތްވާ މަޖިލީސް މެމްބަރެއްވަނީ 300 އަށް ވުރެ ގިނަ މީހުން މިސްކީމަށް ވައްދާފައެވެ. ޕޮލިހުގެ ފަރާތުން މިކަމާ ގުޅިގެން ބަޔާން ނެރުމުން، ޖެހިގެން އައިދުވަހު އެހެން މަޖިލީން މެމްބަރެއް ވަނީ މި ސްކީމް ދިފާއުކޮށް، މި ސްކީމަށް ވަންނަ މީހުންގެ އަދަދު ކޮންމެ ދުވަހަކު ހާހުން ގުނާލެވޭކަމަށް ބުނެފައެވެ. މޯލްޑިވްސް ޑިވެލޮޕްމެންޓް އެލައިންސްއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުޙައްމަދު އައްބާސް ބުނެފައިވަނީ، މަޖިލީސް މެމްބަރުންގެ 70 އިންސައްތަ މެމްބަރުންނާއި، ސިޔާސީ މަގާމުތަކުގައިއާއި ފުލުހުންނާއި ސިފައިންގެ ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައިވާ މި ކްރިޕްޓޯކަރެންސީ ސްކީމުން އެއްޗެސް ފަރާތަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް ބުނެ ބާހަކަދައްކަވާފައެވެ.
ބައިނަލްއަގްވާމީ ސައިބަރ ސެކިއުރިޓީ އާއި ފައިނޭންޝަލް ސްކޭމްތައް މޮނިޓަރކުރާ ޕްލެޓްފޯމްތަކުންވަނީ ޖެމްކިއު އަކީ ޕިރަމިޑް ސްކީމެއްކަމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ގައުމުތަކުގައި ގާނޫނާއި ގަވާއިދުން ބޭރުން މިފަދަ ސްކީމްތައް ހިންގަމުންދާކަން ފާހަގަކޮށްފައެވެ.
އިންޓަނޭޝަނަލް ސްކޭމް އެލާޓް ޕްލެޓްފޯމް އެލާޓޯޕީޑިއާ އިން ޖީއެމްސީއީ އަކީ ކްރިޕްޓޯކަރަންސީ މައިނިން ކޮށްގެން ބޮޑު ފައިދާއެއް ލިބޭނެކަމަށް ބުނެ އިންވެސްޓަރުން އޮޅުވާލައިގެން ހިންގާ ކްރިޕްޓޯކަރަންސީ މައިނިން ސްކޭމެއްކަމަށް ބުނެފައެވެ. އެހެންނަމަވެސް، މި ޕްލެޓްފޯމުން މައުލޫމާތު ދީފައިވާ ގޮތުގައި، ޖީއެމްސީއީ އަކުން އަސްލު މައިނިންގެ އެއްވެސް ޕްރޮސެސްއެއް ހިންގާފައިނުވެއެވެ. "ޖެމްކިއު (ޖީއެމްސީއީ) ގެ ފޯނު ނަމްބަރެއް ނުވަތަ އީމެއިލް އެޑްރެސްއެއް އެނގެން ނެތުމުންނާއި، މިސްކީމް ހިނގާ ގޮތާ މެދު އެއްވެސް ޓްރާންސްޕޭރަންސީއެއް ނެތުމަކީ ކަންބޮޑުވާންޖެހޭ ކަންތައްތައްކަން މިތަނުން ވަނީ ފާހަގަކޮށްފައެވެ.
ކޮއިންލޯ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ކްރިޕްޓޯކަރަންސީ އިންވެސްޓްމަންޓާ ގުޅުން ހުރި ޕޮންޒީ އަދި ޕިރަމިޑް ސްކީމްތަކުން 2024 ވަނަ އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން 1.2 މިލިއަނަށް ވުރެ ގިނަ މީހުންނަށް މިފަދަ ސްކޭމްތައް ބޭނުންކޮށްގެން އޮޅުވާލާފައިވެއެވެ. ބޮޑު ފައިދާއެއް ލިބޭ އަދި އެއްވެސް ނުރައްކަލެއް ނެތް ސައްހަ އިންވެސްޓްމަންޓް އޮޕްޝަންތަކެއްގެ ގޮތުގައި ސިފަކުރާ މި ފަދަ ސްކޭމްތައް އާންމުކޮށް އިޝްތިހާރުކުރަނީ ޓެލެގްރާމާއި އިންސްޓަގްރާމް ފަދަ މީސް މީޑިއާ ބޭނުންކޮށްގެންނެވެ.

