ބަންގްލަދޭޝް މީހާއަށް ޖަލު، އިމިގްރޭޝަން އޮފިޝަލުން އަދިވެސް ވަޒީފާގައި
ޤާނޫނަށް ޢަމަލުކުރަން ފެށިތާ 12 އަހަރު ވީއެވެ. ހަމަ އެންމެ ދިވެއްސެއްގެ މައްޗަށްވެސް ކުށް ޘާބިތުވެފައެއް ނުވެއެވެ.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
29 ޑިސެމްބަރު 2025, 4:20 ހެނދުވާ
މޯލްޑިވްސް އިމިގްރޭޝަން މެދުވެރިކޮށް ޤަވާއިދާ ޚިލާފަށް ރިކްރޫޓްމަންޓް އޮޕަރޭޝަނެއް ހިންގާން ޝަހާދަތު ޙުސެއިން ވަނީ ޙަސަން ސުރައިޝަށް 28،000 ރުފިޔާ (1،815 އެމެރިކާ ޑޮލަރު) ދީފަ އެވެ. ޝަހާދަތަށް މިހާރު އެވަނީ ތިން އަހަރު ދުވަހުގެ ޖަލު ޙުކުމެއް އިއްވާފައިވެއެވެ. ސުރައިޝަކީ މިހާރުވެސް ޑެޕިއުޓީ ޗީފް އިމިގްރޭޝަން އޮފިސަރެއްގެ މަޤާމުގައި ހުރި މީހެކެވެ.
ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ޝަހާދަތުގެ މައްޗަށް ރިޝްވަތުގެ ކުށް ސާބިތުވާކަމަށް ނިންމިއެވެ. ބިދޭސީ މަސައްކަތްތެރިން ދިވެހިރާއްޖެއަށް ގެންނާން ކޯޓާ ނިޒާމަށް މަކަރު ޙީލަތް ހަދައިގެން މަސައްކަތްކޮށްފައި ވާނެކަމަށް އޭނާ ކޯޓުގައި އިޢުތިރާފުވިއެވެ.
މެއި މަހު ފުލުހުން މި މައްސަލައިގެ ތަފްޞީލުތައް ފުރަތަމައަށް ހާމަކުރިއިރު، ޝަހާދަތަށް އެހީތެރިކަން ފޯރުކޮށްދީ، މަދަދުވެރިވީ ދިވެހިންގެ ވާހަކަވެސް ފާހަގަކުރިއެވެ.
"ޝަހާދަތު ޙސައިންގެ މި މަސައްކަތްތަކުގެ ފަހަތުގައި މޯލްޑިވްސް އިމިގްރޭޝަންގައި މަސައްކަތް ކުރާ ބަޔަކާއި، ދިވެހިންގެ ޢާންމު އެތައް ބަޔަކު ޝަހާދަތު ޙުސައިންއާ ގުޅިގެން ކުންފުނިތަކުގެ ކޯޓާ ނަގައި، ބިދޭސީން އެތެރެކޮށް، އެ ބިދޭސީންނަށް ވަޒީފާއެއް ނުދީ، މާލެ ތެރެއަށް ދޫކޮށްލައި އޯޕަން ކޯޓާގެ ނަމުގައި މާލީ މަންފާ ހޯދާ ކަމަށް ބެލެވޭ،" ފުލުހުން އޭރު ބުންޏެވެ.
ޝަހާދަތުގެ މައްޗަށް ދަޢުވާ އުފުލާން ފޮނުވާފައިވާ ކަމަށާއި، ދިވެހިންގެ ތެރެއިން އޭނާއާ ގުޅުންހުރި ފަރާތްތަކުގެ މައްޗަށް ދަޢުވާ ކުރާން ވަކިން ފޮނުވާނެކަމަށްވެސް ފުލުހުން އޭރު ބުންޏެވެ.
ޝަހާދަތުގެ މައްޗަށް އުފުލީ ރިޝްވަތު ދިނުމާއި މަނީ ލޯންޑަރިންގެ އަދި ފޯޖުކުރުމާއި ލައިސަންސެއް ނެތި ރެކްރޫޓްމަންޓް އޭޖެންސީއެއް ހިންގުމުގެ ދަޢުވާއެވެ. ޝަރީޢަތް ހިންގައި ކުށް ސާބިތުވާން ހަތް މަސް ދުވަސް ހޭދަވިއެވެ. ކްރިމިނަލް ކޯޓުގެ ޙުކުމުގައި އިމިގްރޭޝަންގެ ތިން އޮފިޝަލުންގެ ނަން ގަނެފައި ވެއެވެ. ރިޝްވަތު ލިބުނު މީހުންގެ ގޮތުގައެވެ. ރިޝްވަތަށް ދިން ފައިސާގެ ޢަދަދާއި، އޭގެ މުޤާބިލުގައި އެ އިމިގްރޭޝަން އޮފިސަރުން އަދާކުރި ރޯލުވެސް އެ ޙުކުމުގައި އޮތެވެ.
އެ ތިން އޮފިޝަލުންވެސް އަދިވެސް ތިބީ މަޤާމުގައެވެ.
”މޭޒު އަޑިން“
ޝަހާދަތު ފުރަތަމަ ދިވެހިރާއްޖެއަށް އައީ 2014 ގައެވެ. އޭގެފަހުން ތަފާތު ހަތަރު ވޯކް ޕާމިޓެއްގައި އޭނާ އުޅުނުކަމަށް ފުލުހުން ބުނެއެވެ. ޙުކުމުގައިވާ ގޮތުން 2019 ގެ އޮކްޓޯބަރު މަހުން ފެށިގެން އޭނާ އައީ ކޯޓާ ހޯދައިދޭ އޭޖެންޓެއްގެ ގޮތުގައި ރާއްޖޭގެ ކުންފުނިތަކަށް ޚިދުމަތް ދެމުންނެވެ. ވިސާ ހަމަޖައްސާން އޭނާ ބޭނުންކުރީ ދަ “އެކްސްޕެޓް” އޮންލައިން ޕޯޓަލެވެ.
ޝަހާދަތުގެ ފޯނު ފުލުހުން އަތުލިއެވެ. އެކްސްޕެޓް އޮންލައިން ސިސްޓަމް އަދި ވޯކް ޕާމިޓް ޕޯޓަލްގެ އިތުރުން އީފާސް އަށް ވަނުމަށް ބޭނުންކުރާ 203 ލޮގިން އެފޯނުން ތަޙްޤީޤަށް ފެނުނެވެ.
އޮކްޓޯބަރު 2019 އާއި އޮކްޓޯބަރު 2024 އާ ދެމެދު ޝަހާދަތުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ބޭންކް އޮފް މޯލްޑިވްސްގެ ތިން އެކައުންޓެއް މެދުވެރިކޮށް 8،190،541 ރުފިޔާ ދައުރުކޮށްފައިވެއެވެ. މަނީ ލޯންޑަރިންގެ ދަޢުވާ އުފުލީ އޭނާގެ އަމިއްލަ އެކައުންޓްތަކުގައި 1.2 މިލިއަން ރުފިޔާ ދައުރުކޮށްފައި ވާތީއެވެ.
ވަގު ލިޔުން އުފެއްދިކަމުގެ ދަޢުވާ އުފުލާފައިވަނީ ދެ ކުންފުންޏަކަށް ބަންގްލަދޭޝްގެ ދެ މަސައްކަތްތެރިން ހޯދުމަށް އާ ވާރކް ޕާމިޓުގެ ޑޮޕިސިޓު ދެއްކި ކަމުގެ ޞައްޙަ ނޫން ލިޔުން އުފައްދާފައި ވާތީއެވެ.
ޝަހާދަތުގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ އިމިގްރޭޝަންގެ ވަކިވަކި ތިން އޮފިޝަލަކާ ރައްޓެހިކަން އުފައްދައި، ޤަވާއިދާ ޚިލާފަށް ރިކްރޫޓް ކުރުމުގެ އޮޕަރޭޝަންތަކަށް މަގުފަހިކޮށްދިނުމަށް އެދިފައިވާ ކަމަށެވެ. ފޯމު ހުށަހެޅުމަށްފަހު، ޕްރޮސެސްކުރުން އަވަސްކުރާން އެސިސްޓެންޓް އިމިގްރޭޝަން އޮފިސަރު ޢަބްދުﷲ ޝާހިލް (މާލަ، ބ. ގޮއިދޫ) އަށް 2023 އާއި 2024 އާ ދެމެދު 12،600 ރުފިޔާގެ ރިޝްވަތު ދީފައި ވެއެވެ. ޑެޕިއުޓީ ޗީފް އިމިގްރޭޝަން އޮފިސަރު ޙަސަން ސުރައިޝް (ހ. ފެހިބިން، މާލެ) އަށް 2022 ވަނަ އަހަރު 28،000 ރުފިޔާ ދީފައިވާއިރު، އެ އޮފިޝަލްގެ އަމިއްލަ ވިޔަފާރިއަށް ބިދޭސީން ހޯދުމުގެ ހޯދާން އެހީތެރިކަން ދޭ މަތިން، ޝަހާދަތުގެ ރިކްރޫޓްމަންޓް ވިޔަފާރިއަށް މަގުފަހިކޮށްދިނުމަށް އިމިގްރޭޝަން އޮފިސަރު ޙުސެއިން ފަޔާޒު (ގުލާބީގޭ، ތ. ކިނބިދޫ) ކުރެން އެދިފައި ވެއެވެ.
ޙުކުމުގައި ނަންގަނެފައި އެވާ އޮފިސަރުންގެ ސުލޫކާ ބެހޭ ގޮތުން ސުވާލު ކުރުމުން އިމިގްރޭޝަނުން ބުނީ ފުލުހުންގެ ތަޙްޤީޤު ނިމެންދެން ތިން މުވައްޒަފުން ވެސް މަޤާމުގައި ދެމި ތިބޭނެ ކަމަށެވެ.
"އަޅުގަނޑުމެންނަކީ ސިވިލް ސާރވިސް ބޮޑީއެއް. އިންކުއަރީއަކަށް ފަހު [ސިވިލް ސާވިސް ކޮމިޝަނުން] އެންގުމުން ޑިސިޕްލިނަރީ ފިޔަވަޅު އަޅާނެ" މޯލްޑިވްސް އިންޑިޕެންޑެންޓަށް މަޢުލޫމާތު ދެއްވަމުން އިންޓެލިޖެންސް އެންޑް ލީގަލް އެފެއާޒް ޑިވިޜަންގެ އިސްވެރިޔާ މުޙައްމަދު ޝިފާން ވިދާޅުވި އެވެ.
"ޖިނާޢީ ތުހުމަތެއް ނަމަ ފުލުހުން ނުވަތަ އެންޓި ކޮރަޕްޝަން ކޮމިޝަން ފަދަ ތަޙްޤީޤީ އިދާރާއަކުން އެކަން ބަލައި، އަޅުގަނޑުމެންނަށް އަންގާނީ [ފިޔަވަޅު އަޅަން] ނުވަތަ ސިވިލް ސާރވިސް އިން [ކޮމިޝަނަށް] އަންގާނެ. އެއީ އިދާރީ ގޮތުން ޑިސިޕްލިނަރީ ފިޔަވަޅު އަޅާ ހަމައަކީ. މިހާތަނަށް މި މައްސަލައާ ގުޅިގެން އެއްވެސް ފިޔަވަޅެއް އަޅަން އަންގާފައެއް ނުވޭ.“ އޭނާ އިތުރަށް އޮޅުންފިލުއްވައި ދެއްވިއެވެ.
ޖިނާޢީ ކުށްތަކާ ގުޅޭ މައްސަލަތަކުގައި އަމިއްލައަށް ތަޙްޤީޤު ހިންގުމުގެ ޤާނޫނީ ބާރު އިމިގްރޭޝަނަށް ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. "ޑިސިޕްލިނަރީ މައްސަލައެއް ނަމަ އިންކުއަރީއެއް ކުރިއަށް ގެންދާނެ، އެކަމަކު އޭގައި ޖިނާޢީ ކަމެއް އޮތް ނަމަ، ކޮރަޕްޝަންގެ މައްސަލައެއް ނަމަ އޭސީސީ އާއި ފުލުހުންގެ އިތުރުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ވެސް އަންގަން ޖެހޭނެ. އެފަދަ މައްސަލައެއް ނަމަ އަމިއްލައަށް ތަޙްޤީޤު ކުރެވޭކަށް ނޯވޭ،“ އިމިގްރޭޝަން އޮފިސަރު ޙުސައިން ފަޔާޒު ހައްޔަރުކޮށްފައިވާކަން ކަށަވަރުކޮށް ދެއްވަމުން އޭނާ އިތުރަށް ވިދާޅުވިއެވެ.
ޙުސައިން ފަޔާޒް މިހާރު މިނިވަންވެފައި ހުރި ނަމަވެސް ވަޒީފާއަށް އަލުން ނުކުމެފައެއް ނުވެއެވެ.
އިމިގްރޭޝަނުން ވާނީ މިމައްސަލަތަކުގައި އިދާރީ ފިޔަވަޅު އެޅުމާމެދު ސިވިލް ސާރވިސް ކޮމިޝަންގެ ޤާނޫނީ ލަފާ ހޯދާފައިކަމަށް ޝިފާން މަޢުލޫމާތު ދެއްވިއެވެ.
މިދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޯލްޑިވްސް އިންޑިޕެންޑެންޓުން އެ މައްސަލައާ ގުޅޭ ގޮތުން ސުވާލު ކުރުމުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން ވަނީ އެކަމުގެ ތަފްސީލު ދެއްވަން ދެކޮޅު ހައްދަވާފަ އެވެ. އޭނާ ވިދާޅުވީ އިމިގްރޭޝަންގެ އޮފިޝަލުންގެ ތަޙްޤީޤު ކުރިއަށްދާކަމަށާއި، ޔުނީފޯމް އެޅި ޚިދުމަތްތަކަށް ނިސްބަތްވާ އޮފިސަރުންނާ މެދު އިދާރީ ފިޔަވަޅު އަޅަން ދެ ގޮތެއް އޮތްކަމަށާއި؛ އެއް ގޮތަކީ އެތެރޭގެ ތަޙްޤީޤުތަކާއި ސުލޫކީ ފިޔަވަޅު އެޅުކަމަށާއި، އަނެއް ގޮތަކީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން އެކަން ތަޙްޤީޤުކޮށް ފިޔަވަޅު އެޅުންކަމަށް އޭނާ ވިދާޅުވި އެވެ.
"މިފަދަ މައްސަލަތައް ޢާންމުކޮށް ފޮނުވާނީ އެންއައިސީއަށް. އެއީ ޖިނާޢީ މައްސަލައެއް ނަމަ ފުލުހުން ތަޙްޤީޤުކޮށް ޕްރޮސިކިއުޓާރ ޖެނެރަލްގެ އޮފީހަށް ފޮނުވާ ހިސާބުން ފެށިގެން އަޅަންޖެހޭ ފިޔަވަޅު އަޅާނަން،“ މިނިސްޓަރ އިތުރަށް ވިދާޅުވިއެވެ.
ތަޙްޤީޤު ގޮސްފައިވާ ހިސާބަކާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލްގެ ބަހެއް މިލިޔުން ޝާޢިއިރުކުރާ ވަގުތު ޖެހުނު އިރުގައިވެސް ނުލިބުނެވެ.
ދުވަހަކު ޒިންމާދާރެއް ނުކުރެވުނު
އެންޓި ހިއުމަން ޓްރެފިކިންގް ޤާނޫނަށް ޢަމަލުކުރަން ފެށިތާ 12 އަހަރު ފާއިތުވެއްޖެއެވެ. ހަމަ އެންމެ ދިވެއްސެއްގެ މައްޗަށްވެސް ކުށް ޘާބިތުވެފައެއް ނުވެއެވެ.
އިމިގްރޭޝަން ޑިޕާޓްމަންޓުގެ ތެރޭގައި ހިންގާ ކޮރަޕްޝަނާއި، ޤަވާއިދާ ޚިލާފަށް ރިކްރޫޓްކުރާ ފަރާތްތަކާއި އޮފިޝަލުންގެ ގުޅިފައިވާކަމަށް ޢާންމުންނާއި ފާރަވެރި މުއައްސަސާތަކުންވެސް އިހުއްސުރެ ދެކެއެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ޓްރެފިކިންގް އިން ޕާސަންސް ރިޕޯޓުގައި ސަރުކާރުގެ އޮފިޝަލުން ޖަވާބުދާރީ ނުކުރުވުމަކީ ދެމިއޮންނަ، ޙައްލު ނުލިބޭ ކަންބޮޑުވުމެއްގެ ގޮތުގައި ތަކުރާރުކޮށް ފާހަގަކޮށްފައިވެ އެވެ.
ކޯޓާ ސިސްޓަމަށް މަކަރު ހަދާ، އޮޅުވާލުމުގައި ބައިވެރިވެފައިވާ އިމިގްރޭޝަން އޮފިސަރުންގެ މައްޗަށް 2019 ގައި ހިންގާން ފެށި ތަޙްޤީޤުތަކަށް ކުރިއެރުން ނުލިބޭކަމުގެ ކަންބޮޑުވުން މިއަހަރުގެ ރިޕޯޓުގައިވެސް ފާޅުކޮށްފައި ވެއެވެ.
ވޭތިވެދިޔަ އަހަރުގެ ތެރޭގައި ފުލުހުން ވަނީ ދެ އިދާރާއަކާ ގުޅޭ ތަޙްޤީޤުތަކެއް ނިމިފައިވާކަމަށް ކަނޑައަޅާފައެވެ. އަނެއް 20 އިދާރާއާ ގުޅޭ ތަޙްޤީޤުތައް އަދިވެސް ކުރިއަށް ދަނީއެވެ. "އޮފިޝަލުން ރިޝްވަތު ޤަބޫލުކުރީ ކޮންސްޓްރަކްޝަން ކުންފުނިތައް ހިމެނޭހެން މަސައްކަތްތެރިންގެ ޙައްޤުތަކަށް އަރައިގަނެފައިވާ މައްސަލަތަކުގައި، ނުފުށަށް މޫނު އަނބުރާލުމާއި އެފަދަ މައްސަލަތަކުގެ ކޭސްތައް ނުބަލާ ދޫކޮށްލުމަށް“ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ރިޕޯޓުގައި އތުރަށް ބުނެފައިވެއެވެ.
އިމިގްރޭޝަންގެ ލީގަލް އެފެއާޒް ހެޑް ޝިފާން ވިދާޅުވި ގޮތުގައި ޝަހާދަތާ ގުޅޭ ކޭސްތަކުގެ މައްސަލަ އެންމެ ފުރަތަމަ ފުލުހުންނަށް އެންގީ އިމިގްރޭޝަނުންނެވެ. "ލިބެން ހުރި ހުރިހާ ލިޔެކިޔުންތަކާއެކު ފޮނުވީ، ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ބޭނުންވާނެ އެންމެހައި ލިޔެކިޔުމެއް ފޯރުކޮށްދިނުމަށާއި ހުރިހާ އެއްބާރުލުމެއް ފޯރުކޮށްދިނުމަށް މި ދެތިން އަހަރު މަސައްކަތް ކުރިން،" ޝިފާން ވިދާޅުވި އެވެ.
"އެ މައްސަލަތަކާ ގުޅިގެން ވެސް އަޅުގަނޑުމެންނަށް އެއްވެސް މުވައްޒަފަކާ މެދު ފިޔަވަޅު އަޅަން އަންގާފައެއް ނުވޭ. އަޅުގަނޑުމެން ޤަބޫލުކުރާ ގޮތުގައި އެއީ އަދި ތަޙްޤީޤު ނިމިފައި ނުވާތީ،" އޭނާ އިތުރަށް ވިދާޅުވި އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އެ ފާހަގަކުރާ ހަތް އަހަރު ކުރީގެ މައްސަލަތަކާ ބެހޭގޮތުން ސުވާލު ކުރުމުން ހޯމް މިނިސްޓަރު ވިދާޅުވީ ބައެއް މައްސަލަތަކުގައި ހެކި ނެތް ކަމަށާއި އަނެއްބައި މައްސަލަތަކުގެ ތަޙްޤީޤު ކުރިއަށްދާ ކަމަށެވެ.
"އެއިން ބައެއް މައްސަލަތަކުގައި ފައިސާ ހުށަހެޅި ކަމަށް ތުހުމަތު ކުރެވޭ ނަމަވެސް ހެއްކެއް ނެތް“ މިނިސްޓަރ ވިދާޅުވިއެވެ.
އެ މައްސަލަތަކުގެ ތަފްޞީލު އެންޓި ޓްރެފިކިންގް އިން ޕާރސަންސް އޮފީސް މެދުވެރިކޮށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓާއި އެހެން ގުނަންތަކާ ޙިއްސާ ކޮށްފައި ވާނެކަމަށްވެސް މިނިސްޓަރ އިޙްސާން ވިދާޅުވިއެވެ.
މިފަހުން އިމިގްރޭޝަން އޮފިސަރެއްގެ މައްޗަށް ކޮރަޕްޝަންގެ ދަޢުވާ އުފުލީ ހަމައެކަނި މިހާރު މަޤާމުން ވަކިކޮށްފައިވާ އިމިގްރޭޝަން ކޮންޓްރޯލާރ ޖެނެރަލް ޝަމްޢާން ވަޙީދުގެ މައްޗަށެވެ. އޭނާ ވަނީ މަޤާމުން ދުރުކޮށްފައެވެ.
ނަގާކިޔޭ 20 މައްސަލައެއްގައި ކުރިއެރުން ނުލިބި، އަދި ރިޝްވަތު ލިބުނުކަމަށް ޙުކުމުގައި ބުނާ އޮފިޝަލުން ވަޒީފާ ދެމިތިބު ހިނދު، ޝަހާދަތުގެ މައްޗަށް ރިޝްވަތުގެ ކުށް ޘާބިތުވުމަކީ ”ޤަވާޢިދާ ޚިލާފަށް ހިޖުރަކުރާ މަސައްކަތްތެރިންގެ މައްސަލަ" ޙައްލުކުރާން ދިވެހިރާއްޖޭގައި އެކަށޭނަ މަސައްކަތެއް ނުކުރެވޭ ކަމުގެ ޢަލާމާތެކެވެ.
އެހެންނަމަވެސް އިމިގްރޭޝަން ކޮންޓްރޯލަރާއި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ވެސް ވިދާޅުވަނީ ލިޔެކިޔުން ނެތް ބިދޭސީ މަސަައްކަތްތެރިންނާއި ކޯޓާއަށް މަކަރު ޙީލަތް ހެދުމުގެ މައްސަލަ މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޙައްލުކުރެވޭން ފަށާފައިވާ ކަމަށެވެ.
ވޯކް ޕާމިޓް އެޕްލިކޭޝަން ސިސްޓަމަށް ގެނައި އާ ބަދަލުތަކުގެ ސަބަބުން ނިޒާމުގެ ނަޒާހަތްތެރިކަން ހިފަހައްޓާން އެހީވާނެކަމަށް މިނިސްޓަރ އިޙްސާން ވިދާޅުވިއެވެ.
މިހާރު މީހަކަށް ޤަވާއިދާ ޚިލާފަށް ވޯކް ޕާމިޓެއް ދީފިނަމަ އެ ރިކުއެސްޓް ކުރި ފަރާތް، އެ ރިކުއެސްޓަށް ހުއްދަ ދިނީ ކާކުތޯ ބެލޭނެކަމަށާއި، މިމަގުން ޖަވާބުދާރީ ކުރުވަމުން ގެންދާނެކަމުގެ ޔަޤީންކަން ދެއްވާ ކަމަށާއި، މިހާރު ކުރިން ކުރި ގޮތަށް ނިޒާމަށް މަކަރު ޙީލަތް ނުހެދޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ބައެއް ބައިނަލްއަޤްވާމީ އިދާރާ“ ތަކަށް މިމަސައްކަތްތައް ނުފެންނަކަން ފާހަގަކުރައްވާ، އިޙްސާންވަނީ ނުރުހުމާއެކު ފާޑުވިދާޅުވެފައެވެ.
މި ހަފްތާގައި މޯލްޑިވްސް އިންޑިޕެންޑެންޓާ ވާހަކަ ދައްކަވަމުން ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި މިހާރު ކޮންޓްރޯލާ އޮފް އިމިގްރޭޝަންގެ މަޤާމުގައި ހުންނެވި އަހުމަދު ފަޞީޙު ވަނީ ޚިދުމަތްތައް ފައިދާހުރި ގޮތެއްގައި ފޯރުކޮށްދިނުމާއި އާ އީ-ވިސާ ނިޒާމު ތަޢާރަފުކުރުންފަދަ އާ ބަދަލުތަކުގެ ސަބަބުން ނިޒާމީގޮތެއްގައި އިޞްލާޙުކުރުމަށް މަގުފަހިވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ހާމަކަން ބޮޑު، ހަމަހަމަ އަދި އޯގާތެރި ގޮތެއްގައި ރައްޔިތުންނަށް ޚިދުމަތް ދެވޭ ނަމަ، މޭޒު ދަށުން ކުރާ މުޢާމަލާތްތަކަށް ޖާގަ ނޯންނާނެކަމަށާއި، ކަރަޕްޝަނަށް މަގުފަހިވަނީ ނިޒާމު އެކަށައެޅިފައިވާގޮތުން ކަމަށެވެ.
އާ އިލެކްޓްރޯނިކް ވިސާ ނިޒާމުގެ ދަށުން ވިސާ ސްޓޭމްޕް ޖަހާން ޕާސްޕޯޓްގެ އަޞްލު ހުށަހަޅަން ނުޖެހޭނެ ކަމަށާއި އެހެންވީމާ ވަޒީފާދޭ ފަރާތްތަކާއި ރިކްރޫޓްމަންޓް އެޖެންސީތަކުން ބިދޭސީ މަސައްކަތްތެރިންގެ ޕާސްޕޯޓް ހިފެހެއްޓާ މައްސަލަ ކުޑަކުރެވޭނެކަމަށް އުންމިދުކުރައްވާ ކަމަށްވެސް ކޮންޓްރޯލަރ އޮފް އިމިގްރޭޝަން ވިދާޅުވިއެވެ.
މާޗް މަހު އިމިގްރޭޝަނާ ހަވާލުވެވަޑައިގެންނެވި ފަހުން ފަޞީޙު ވަނީ އިމިގްރޭޝަނަށް "އިނގިލި ދިއްކުރުން ހުއްޓުވަން" ނަޒާހަތްތެރިކަމުގެ ކެމްޕޭނެއް ފައްޓަވާފައެވެ.
"އަޅުގަނޑަށް ވެސް އަޑުއިވިފައި އޮތީ [ކޮރަޕްޝަންގެ ވާހަކަ]، ބޭރަށް ތަޞައްވަރު ކުރެވޭ ފަދައިން، އަޅުގަނޑަށް ވެސް އަޑުއިވިފައި އޮތީ މިފަދަ މައްސަލަތަކެއް...އެހެންވީމާ މިތަނާ ގުޅުނުއިރު އަޅުގަނޑުގެ މައިގަނޑު އަމާޒަކީ މި މުއައްސަސާއަށް އިނގިލި ދިއްނުކުރެވޭ ފެންވަރަށް ގެންދިއުން،" އޭނާ ވިދާޅުވި އެވެ.

