އައު ޔުނިފޯމް ޤަވާއިދު: އަންހެން ކުދިންނަށް ހަރުވާޅު، ފިރިހެން ކުދިންނަށް ތުނބުޅި
ހަރުވާޅު ނުލައި، ހަމައެކަނި ސްކާޓް ލެވޭނީ ނާސަރީ އިން ފެށިގެން ގްރޭޑް 3 އާ ހަމައަށެވެ.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
10 ޑިސެމްބަރު
ޒަމާނުއްސުރެ ސްކޫލް ޔުނިފޯމު ކަމުގައި އަންހެން ކުދިން ލަމުން އައި އުނަނގަނޑުން ފެށިގެން ކަކުލަށްވުރެ ތަންފުކެއް ތިރިއަށް ހުންނަ ރޫބައި ނެގި ސްކާޓް ހިމެނޭ ހުދު ޔުނިފޯމް ދޫކޮށްލާ، މުޅިން އައު ޔުނިފޯމެއް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ތަޢާރަފުކޮށްފިއެވެ.
މިދިޔަ ހަފްތާގައި ޢާންމުކުރި އާ ސިޔާސަތެއްގެ ދަށުން ގްރޭޑް 4 އިން މަތީ ގްރޭޑްތަކުގެ އަންހެން ދަރިވަރުން ފަޓުލޫނު ލާން ޖެހެއެވެ. ޢުމުރުން ނުވަ އަހަރުން މަތީގެ އަންހެން ކުދިން ސްކާޓް ދަށުން ހަރުވާޅު ލާން ޖެހެއެވެ. ގަޔަށް ދޫކޮށް ހުންނާންޖެހޭ، ޔުނިފޯމްގެ މަތީ ބަޔަށްވާ ގަމީސް ހުންނާން ޖެހޭނީ އުނަގަނޑުން 2 އިންޗިއާއި 4 އިންޗިއާ ދެމެދުގެ މިންވަރަކަށް، ބުޑު ނިވާވާނެ ހެންނެވެ.
ހަރުވާޅު ނުލައި، ހަމައެކަނި ސްކާޓް ލެވޭނީ ނާސަރީ އިން ފެށިގެން ގްރޭޑް 3 އާ ހަމައަށް ކިޔަވާ އަންހެން ދަރިވަރުންނަށެވެ.
ނާސަރީން ފެށިގެން ގްރޭޑް 3 އާ ހަމައަށް ސްކާޓް ލައިގެން އުޅެވޭނީ ހަމައެކަނި އަންހެން ކުދިންނަށް ފަޓުލޫނު ދަށުގައި ނުލައި އެވެ.
ގްރޭޑް ނުވައަކުން މަތީގެ ފިރިހެން ކުދިންނަށް ތުނބުޅި އެއްވަރަށް ކޮށާފައި ބެހެއްޓޭނެއެވެ. މަތިމަސްވެސް ބެހެއްޓުން ހުއްދައެވެ. ބައެއް ހަރުކަށި ދީނީ ދަންނަބޭކަލުންގެ އަރިހުގައި ތުނބުޅި ބެހެއްޓުމަކީ ފިރިހެނުންގެ މައްޗަށް ވާޖިބެކެވެ.
ޔުނިފޯމަށް ގެނައި މިބަދަލުތަކާމެދު ސޯޝަލް މީޑިއާގައި ގަދަފަދައަށް ބަޙުޘް ހިނގަމުން ދެއެވެ. ރައީސް ޑރ މުޙައްމަދު މުޢިއްޒު 2023 ވަނަ އަހަރުގެ ކެމްޕޭންގައި ކުރެއްވި އިންކާރާ ޚިލާފަށް، މަޑުމަޑުން ބުރުގާ އެޅުން މަޖުބޫރު ކުރުވަނީތޯ ޚިޔާލު ތަފާތުވާ ފަރާތްތަކުން ސުވާލު އުފައްދާން ފަށައިފިއެވެ.
ފާޑުކިޔާ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ސަރުކާރުން އަންހެން ކުދިންގެ ހަށިގަނޑާއި ހެދުން އަޅާގޮތް ކޮންޓްރޯލް ކުރާން މަސައްކަތް ކުރާއިރު، މިފަދަ ހޫނު ޤައުމެެއްގެ މޫސުމަށް ރިޢާޔަތެއް ބަހައްޓާފައި ނުވާ ކަމަށެވެ. ނަމަވެސް، ދީނާ ގުޅޭ މަޢޫޟޫއުތަކާއި ރޮނގުތަކުގައި ޝާމިލުވާ ދަންނަ ބޭކަލުންނާއި، ފަރާތްތަކުން މިބަދަލު ސިފަކޮށްފައިވަނީ އިސްލާމީ މިންގަނޑުތަކަށް ހެދުން އަޅާން ބާރުއަޅާފައިވާ އިޞްލާޙީ ފިޔަވަޅެއްގެ ގޮތުގައެވެ.
އައު ޔުނިފޯމުގައި ކިޔެވުން ފަށާނީ 2027 ވަނަ އަހަރުގެ ދިރާސީ އަހަރުންނެވެ.

"ސަލާމަތާއި ރައްކާތެރިކަން"
ފާޑުކިޔުންތަކަށް ރައްދު ދެއްވާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ އަޙްމަދު މުޙައްމަދު ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ޢުމުރުން ދޮށީ އަންހެން ދަރިވަރުން ހަރުވާޅު ލެއްވުމަކީ ދީނީ ކަމަކަށް ވުރެ ބޮޑަށް އެކުދިންގެ "ސަލާމަތާއި ރައްކާތެރިކަމާ ގުޅުން ހުރި ކަމެއް" ކަމަށެވެ.
މިހާރު ބޭނުންކުރާ ޔުނީފޯމްތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކުގެ ތަފްޞީލެއް އޭނާ ކިޔައެއް ނުދެއްވައެވެ.
އޭނާ އިތުރަށް ވިދާޅުވީ ޙަޤީޤީ މައްސަލައަކީ ހަމައެއް ލަމައެއް ނެތި މިވޭތިވެދިޔަ ދިހަ އަހަރުގެ ތެރޭގައި އެތައް ގޮތަކަށް ޔުނިފޯމުތަކަށް ބަދަލުގެނެސްފައި ވުން ކަމަށާއި، ނިމިދިޔަ ވެރިކަމުގައި 70 އަށް ވުރެ ގިނަ ސްކޫލުން ޔުނީފޯމް ބަދަލުކޮށްފައި ވާއިރު، ކޮންމެ ސްކޫލަކުން ވެސް ބަދަލު ގެނައީ އެސްކޫލަކަށް ފެނުނު ގޮތަކަށް ކަމަށާއި، މިބަދަލުތަކުގެ ސަބަބުން ޔުނިފޯމަށް ކުރާންޖެހުނު ޚަރަދު ނުހަނު ބޮޑު ކަމަށެވެ.
ސްކޫލް ޔުނީފޯމް ބަދަލުކުރުމަކީ ކަމާބެހޭ ފަރާތްތަކުން ހިތުހުރި ގޮތަކަށް، ހިތުހުރި ވަގުތަކު ކުރެވޭ ގޮތަށް އޮންނާންޖެހޭ ކަމެއް ނޫންކަމަށާއި، އެކަން ކުރާންވާނީ ކަނޑައެޅި ބަޔާންވެފައިވާ ހަރުދަނާ އުޞޫލުތަކެއްގެ ތެރެއިންކަމަށްވެސް ސްޓޭޓް މިނިސްޓަރ ލިޔުއްވިއެވެ.
ކޮންމެއަކަސް، އެޑިއުކޭޝަން މިނިސްޓްރީން ބުނަނީ މި ބަދަލުތައް ގެނައީ ސްކޫލްތަކާއި ބެލެނިވެރިންގެ ބޮޑެތި ޝަކުވާތަކެއް ހުރުމުން އެކަންކަމަށް ރިޢާޔަތްކޮށްފައި ކަމަށާއި، ބަދަލުގެ ސަބަބުން ޔުނިފޯމް އަގު ކުޑަވާނެ ކަމަށެވެ. އަދި އައު ޔުނިފޯމު ފަރުމާކޮށްފައި ވަނީ ސްކޫލްތަކުގެ ޕްރިންސިޕަލުންނާ އެކު "ފުންކޮށް މަޝްވަރާ ހިންގާފައި" ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
"ހަށިގަނޑު ހުންނަ ގޮތަށް މަލާމާތްކުރުން"
މިއާއެކު ފާޑުކިޔާ ފަރާތްތަކުން ބުނަނީ މި ސިޔާސަތުގެ ސަބަބުން އަންހެން ކުދިންނަށް އިޚްތިޔާރު ކުރުމުގެ ފުރުޞަތު ހަނިވެ، ހެދުން އެޅުމުގައި ޢާއިލާއާއި ކުއްޖާގެ މައްޗަށް ބޭކާރު މަޖުބޫރުކުރުންތަކެއް އައިސް، ހަށިގަނޑަކީ ލަދުގަންނާންޖެހޭ ނުވަތަ ފޮރުވާންޖެހޭ އެެއްޗެއްގެ ގޮތުގައި ވިސްނައިދޭ ކަމަށެވެ.
"އަންހެން ކުއްޖެއްގެ ފައި ނުވަތަ ބުޑުގެ އައުޓްލައިނެއްހާ ހިސާބުވެސް ފެނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ދައުލަތުން ބުނީމާ، އެއީ ނުވަ އަހަރުގެ ކުދިންނަށް ވެސް ހިމެނޭހެން އަންހެން ކުދިންގެ ހަށިގަނޑު ގުޅިފައިވަނީ ޖިންސީ އެދުންވެރިކަމާއި، ލަދުވެތިކަމާ ކަމަށް ދުށުން،" މޯލްޑިވްސް އިންޑިޕެންޑެންޓާ ޙިއްސާކުރި މިނިސްޓަރަށް ބެލެނިވެރިއަކު ފޮނުވި ސިޓީއެއްގައި ލިޔެފައިވެ އެވެ.
އެބެލެނިވެރިޔާ ބުނީ ބުރުގާ ނާޅާ އަންހެން ކުއްޖަކަށް އިޚްތިޔާރު ކުރުމުގެ ފުރުޞަތު ނެތް ކަމަށެވެ. "'މޮޑެސްޓީ' (ޢިއްފަތްތެރިކަމުގެ) ގެ ވަށައިގެން ފްރޭމްކޮށްފައިވާ ޤަވާޢިދުތައް ވެގެންދަނީ ރައްކާތެރިކަމުގެ ބަދަލުގައި، ހަށިގަނޑު ލަދުގަންނަވާލުމުގެ ވަޞީލަތަކަށް،" ކަމަށްވެސް އޭނާ ބުންޏެވެ.
އަދި ރާއްޖޭގެ މޫސުމުގެ ހޫނުކަމާއެކު ގަމީހާއި ހަރުވާޅުގެ ޔުނިފޯމަކީ ގިނަ ކުދިންނަށް "ގަޔަށް އުނދަގޫ، އެލައިގެން ޙަރަކާތްތެރިވާން ދަތި އަދި ސާފުތާހިރުކަން ޚަރާބުކުރާ" ބަދަލަކަށް ވުން އެކަށޭނަ ކަމަށްވެސް އޭނާ އިތުރަށް ބުނެފައި ވެއެވެ.
މިބާވަތުގެ ފާޑުކިޔުންތަކުން ސޯޝަލް މީޑިޔާގައި ގުގުމާފައި ވެއެވެ.
ބެލެނިވެރިޔާގެ ސިޓީގައި ބުނަނީ ހުރިހާ މަނާކުރުމަކާއި އޮބަހެއްޓުމެއް އަންހެން ދަރިވަރުންނަށް ހުރިއިރު، ފިރިހެން ކުދިންނަށް އައު ޔުނިފޯމު ސިޔާސަތުން އިތުރު އިޚްތިޔާރާއި ފުރުޞަތު ފަހިކޮށްދޭ ކަމަަށާއި، ކުޑަކުދިންގެ ޙައްޤުތަކާއި އަންހެނުންނާ މެދު ތަފާތުކުރުން ނައްތާލުމާ ބެހޭ ބައިނަލްއަޤްވާމީ މުޢާހަދާތައް ތަސްދީޤްކޮށްފައިވާ ޤައުމެއްގެ ޙައިޘިއްޔަތުން، އަންހެން ކުދިންގެ ހަށިގަނޑާއި، އަޅާހެދުން ކޮންޓްރޯލް ކުރުމުގެ ސިޔާސަތުތަކާއި އުޞޫލުތަކާ ދުރަށް ދާންޖެހޭ ކަމަށްވެސް އެބެލެނިވެރިޔާ އެޑިއުކޭޝަން މިނިސްޓަރަށް ފޮނުވި ސިޓީގައި ލިޔެފައި ވެއެވެ.
މީގެ އިތުރުން، އެސިޓީގައި ބުނަނީ އައު ޔުނިފޯމް ތަޢާރަފުކުރީ ބެލެނިވެރިންނާއި ދަރިވަރުންނާއި ޞިއްޙަތާއި މިންތީގެ ހަމަހަމަކަމާބެހޭ ފަންނީ ތަޖުރިބާކާރުންގެ މެދުގައި ހުޅުވާލެވިގެން، ފުޅާކޮށް މަޝްވަރާ ހިންގުމަކާ ނުލައި ކަމަށާއި، "ރާއްޖޭގެ ކޮންމެ އަންހެން ކުއްޖަކަށް އަސަރުކުރާ ސިޔާސަތުތައް ބިނާވެފައި އޮންނަންވާނީ ފުޅާ، މައުނަހުރި ގޮތެއްގައި ހިންގާ މަޝްވަރާތަކާއި، އެކަމުން ލިބޭ ފައިދާގެ ހެކިތަކެއްގެ މައްޗަށް" ކަމަށާއި، އެއީ "އެއް ރެއަކުން ލާޒިމުކޮށްގެން" އެކަށައަޅާ، އިޢުލާންކުރާންޖެހޭ އެއްޗެއް ނޫން ކަމަށެވެ.
"އެކަށީގެންވާ މިންްވަރަށް ނިވާވެގެން"
ކުރީގެ ރައީސް މުޙައްމަދު ނަޝީދު ހޮނިހިރު ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އައު ޔުނިފޯމްގެ ސިޔާސަތު ސިފަކުރެއްވީ ބޭކާރު ޚަރަދު ބޮޑު ކަމެއްގެ ގޮތުގައެވެ.
"މިހާރުވެސް ދަރިވަރުންއެ ތިބެނީ އެކަށީގެންވާ ވަރަށް ނިވާ ވެގެން" އެކްސްގައި އެމަނިކުފާނު ލިޔުއްވާފައި ވެއެވެ. އެޕޯސްޓުގައި އިތުރަށް ބުނަނީ އައު ޔުނިފޯމުގެ ޚަރަދަށް 900 އެއްހާ ރުފިޔާ ޚަރަދުވާނެ ކަމަށާއި، ރާއްޖޭގައި 90،000 އަށްވުރެ ގިނަ ކިޔަވާ ކުދިން ތިބިއިރު، ހުރިހާ ކުދިންގެ ޔުނިފޯމަށް އެކު ޖުމުލަ 80 މިލިޔަނަށް ވުރެ ގިނައިން ޚަރަދުވާނެ ކަމަށެވެ.
އެކްސްގެ އެޕޯސްޓާއެކު ރައީސް ނަޝީދު ވަނީ އަމީނިއްޔާ ސްކޫލުގެ ދަރިވަރުން މަޝްހޫރު ރޫނެގި ސްކާޓް ބުރިޔާއެކު ގުޅުވާފައި ހުންނަ ހުދު ޔުނިފޯމް ލައިގެން ތިބި ފޮޓޯއެއްވެސް ޙިއްސާކޮށްފައެވެ.
އެހެން ބައެއް މީހުންވަނީ ޘަޤާފީ އެދުރޫގޭ ހެދުމާއި، 1960 ގެ އަހަރުތަކުގެ ސްކޫލް ޔުނީފޯމްތައް ދައްކުވައިދޭ ތާރީޚީ ފޮޓޯތައް އެކްސްގައި ޢާންމުކޮށްފައެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވާ ސަން އޮންލައިންގައި ޝާޢިއުކޮށްފައިވާ އޮޕް-އެޑެއްގައި ޝެއިޚް މުޙައްމަދު އަފްޒަލް ވަނީ އެ ސިޔާސަތު ދިފާޢު ކުރައްވާ، މިބަދަލަކީ "ދަރިވަރުން ބޭނުންވި ރަނގަޅު ބަދަލެއް" ކަމަށާއި "ގިނަ ބެލެނިވެރިން އިންތިޒާރު ކުރަމުން އައި ބަދަލެއް" ކަމަށް ލިޔުއްވާފައެވެ.
"މާތް ﷲއާއި އެކަލާނގެ ރަސޫލާގެ ފަރާތުން އައުރަ ނިވައިކުރުމާ ބެހޭ ގޮތުން އަންގަވައިފައި ހުރި ވާހަކަތަކަށް ބެލުމެއް ނެތި އެކަށީގެންވާވަރަށް ނިވައިވެފައި ތިބިކަމަށް ބުނެވޭނީ ފަހެ، ކާކަށް ހެއްޔެވެ؟" ސުވާލުކުރައްވާ ޝެއިޚް މުޙައްމަދު އަފްޒަލް ލިޔުއްވަނީ "އެކަށީގެންވާ ވަރަކީ ﷲ އެންގެވި ވަރެވެ. އެއީ އިންސާނުންގެ ޠަބީޢަތް ދެނެވޮޑިގެން، އެއިލާހުގެ ހުރިހާ ޢިލްމުފުޅަކާ އެކު، ކަނޑައެޅުއްވި މިންވަރެވެ."
"ހަރުވާޅު ނުލައްވަންވެގެން ތަޅައިފޮޅައި ގަންނަންޖެހޭ ހިސާބަށް ދާންޖެހޭ ސަބަބެއް ނުވިސްނޭ!" ކަމަށް ލިޔުއްވާ "މިއީ އިސްލާމީ ގައުމެއް ނޫންތޯ!" ޝެއިޚް ޢަލީ ޒައިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސުވާލު ކުރެއްވިއެވެ.
ކަންމިހެން ހުރިއިރު، މިނޫހާ ޙިއްސާކޮށްފައިވާ ބެލެނިވެރިޔާ ސިޓީގައި ހަރުވާޅު ލާން މަޖުބޫރު ކުރުވުމާއި، އަންހެން ކުދިންނަށް ދަށަށް ޖެހުން މަނާ ކުރުން ހިމެނޭހެން މި އައު ޔުނިފޯމްގެ އުޞޫލުތަކާމެދު ވިސްނާން އެޑިއުކޭޝަން މިނިސްޓަރުގެ އަރިހުން އެދިފައި ވެއެވެ.
"...ތަޢުލީމީ ނިޒާމު މެދުވެރިކޮށް ކުދިންނަށް އިޙްސާސް ކޮށްދޭން ޖެހޭނީ ރައްކާތެރިކަމާއި އިޙްތިރާމާއި އިތުބާރު،" ކަމަށާއި، ކުރާންވީ ލަދުވެތި ނުވަތަ ކޮންޓްރޯލް ނޫންކަމަށް ބަޔާންކުރަމުން "ޢާންމު ތަންތަނުގައި އުޅެވޭނެ ހަމައެކަނި 'އިޙްތިރާމް ލިބިގެންވާ' ގޮތަކީ ދައުލަތުން ޤަބޫލުކުރާ މިންވަރަށް ނިވާކުރުންކަމަށް" ޤަބޫލުކުރެވޭ ގޮތަށް ޢަމަލު ނުކުރާންވެސް އެސިޓީގައި އެދިފައި ވެއެވެ.

