އެމެރިކާއިން ދެމުންދިޔަ އެހީގެ ފައިސާ ކަނޑާލިތާ އަހަރެއް - ދިވެހި މަދަނީ މުޖުތަމަޢު ނޭވާހޮޅިއަށް އެޅިފައި
މުވައްޒަފުން ވަކިކޮށް، ޕްރޮގްރާމްތަކުގެ މުއްދަތު ކުރުކޮށް، ދާއިރާ ހަނިކޮށް، އަނެއް ބައެއް ޙަރަކާތްތައް އެކީ ހުއްޓާލަން ޖެހިއްޖެ.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
09 ފެބްރުއަރީ
ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް)ގެ މުވައްޒަފުންގެ ދެބައިކުޅަ އެއްބައި ކަނޑާލަން ޖެހުނެވެ. ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރަށް މަޖުބޫރުވީ ނަގާފައި ހުރި ބިދޭސީ މަސައްކަތްތެރިންގެ ކޭސްތައް ދޫކޮށްލަން ޖެހުނެވެ. ފަސް ރަށެއްގައި ކާރިސާތަކަށް ތައްޔާރުވުމުގެ ޕްލޭންތައް އެކުލަވަމުން ދިޔަ ދިއުން، މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރްސީ) އިން ހުއްޓާލަން ޖެހުނެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެމެރިކާ އިން ފައިސާ ދިނުން ހުއްޓާލުމާއެކު، ދިވެހިރާއްޖޭގެ މަދަނީ މުޖުތަމަޢަށް ކުރި އަސަރު ބޮޑެވެ.
ޖެނުއަރީ 20، 2025 ގައި ވެރިކަމާ ޙަވާލުވެވަޑައިގަތުމާއެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ. ޓްރަމްޕް ވަނީ އެމެރިކާ އިން ދެމުންދިޔަ ބޭރުގެ އެހީތައް ދިނުން 90 ދުވަހުގެ މުއްދަތަކަށް މަޑުޖައްސާލައި، އެ އެޚަރަދުތައް މުރާޖަޢާކުރަން ޢަމުރު ކުރައްވާ، އެގްޒެކެޓިވް އޯޑަރެއް ނެރުއްވާފައެވެ. ނަތީޖާއަކީ އެމެރިކާގެ އެޖެންސީ ފޯރ އިންޓާނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއޭއައިޑީ) އާއި ސްޓޭޓް ޑިޕާޓްމަންޓުން ”ސްޓޮޕް-ވާރކް“ (މަސައްކަތް ހުއްޓައިލާ!) އިޢުލާނެއް ނެރި، ޕްރޮގްރާމްތައް ހުއްޓާލަން ޖެހުމެވެ.
ވަގުތުން ދަތިވެއްޖެ
މިޢަމުރު އައި އިރު، އެސޯސިއޭޝަން ފޯރ ޑިމޮކްރަސީ އިން ދަ މޯލްޑިވްސް (އޭޑީއެމް) ގެ ޓީމް ތިބީ ދެކުނުގެ އަތޮޅެއްގައި، ވޯކްޝޮޕެއް ފަށަން ތައްޔާރުވެފައެވެ. އެ ޙަރަކާތަށް ދޭ ފައިސާ ފްރީޒްވީއެވެ. އަދި އާ ޚަރަދެއް ނުކުރުމަށް އަންގައިފިއެވެ.
މި މަޝްރޫޢަށް ފައިސާ ހޯދީ ނޭޝަނަލް ޑިމޮކްރެޓިކް އިންސްޓިޓިއުޓް މެދުވެރިކޮށެވެ. އެ ޕްރޮގްރާމް ނިންމާން ހަމަޖެހިފައި އޮތީ 2025 ވަނަ އަހަރުގެ ޖޫން މަހު ކަމަށް އޭޑީއެމްގެ ކޮމިއުނިކޭޝަންސް ކޯޑިނޭޓަރު އުލާ އަޙްމަދު ވިދާޅުވިއެވެ.
ކުއްލިއަކަށް ފައިސާ ފްރީޒް ކުރުމުން އެންމެ ނުބައި އަސަރަކީ އޭޑީއެމް އަށް ކުރި ހަރަދާއި މިހާރު ނިމިފައިވާ މަސައްކަތްތައް އަނބުރާ ނުދެއްކުމެވެ ކަމަށް މޯލްޑިވްސް އިންޑިޕެންޑެންޓަށް މައުލޫމާތު ދެއްވަމުން ޝިދާތާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ހުރިހާ މަސައްކަތެއް ވެސް ހިންގުމުގެ ބޭނުމަކީ ޙައްޤުވެރިން ބާރުވެރިކުރުވުން، އެއީ އިތުބާރުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް. އަޅުގަނޑުމެން އިޢުލާންކޮށް، ޕްރޮޖެކްޓް ޙަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކަށް އުންމީދުތަކެއް އެބަހުރި. އެ ޕްރޮޖެކްޓް ޙަރަކާތްތައް ގެއްލުން ހުރި ގޮތްގޮތަށް ކަނޑާލުމުން އަޅުގަނޑުމެންނަށް އޮތް އިތުބާރު ގެއްލޭ،" އުލާ ވިދާޅުވިއެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް އަށް މަޖުބޫރުވީ މުވައްޒަފުންގެ އަދަދު 23 އިން 10 އަށް ކުޑަކުރުމަށާއި، އިސްކަންދޭ ދާއިރާތައް އަލުން ބަލާ، ވަޒަންކުރަން ކަމަށް ގަވަރނަންސް މެނޭޖަރު އައްޒާ މުޙައްމަދު މޯލްޑިވްސް އިންޑިޕެންޑެންޓުގައި ވިދާޅުވިއެވެ.
"މި ބަދަލުގެ ސަބަބުން ވަކި ޕްރޮގްރާމް ޙަރަކާތްތަކެއް ރޯލްއައުޓް ކުރުމަށް ދަތިވި، އަޅުގަނޑުމެންގެ ޓީމާއި އަޅުގަނޑުމެން ޚިދުމަތްދޭ ކޮމިއުނިޓީތަކަށް ވެސް ޔަޤީންކަމެއް ނެތް،" އައްޒާ އޮޅުންފިލުއްވައި ދެއްވިއެވެ.
ޓީއެމް އަށް ”ސްޓޮޕް-ވޯކް“ ޢަމުރު ރަސްމީކޮށް ފޮނުވާފައިވަނީ ޔޫއެސްއޭއައިޑީން ފައިސާ ދީގެން ހިންގާ މައިގަނޑު މަޝްރޫޢު ނިމި، އާ ޙަރަކާތްތަކަކަށް ތައްޔާރުވަމުން ދިޔަ ދަނޑިވަޅެއްގައެވެ. ނަމަވެސް މި ގޮންޖެހުންތަކާއެކު ވެސް ޓީއެމް އިން ވަނީ ވީ ވަރަކުން ޕްރޮގްރާމްތަކަށް ބަދަލު ގެނެސްފައި ކަމަށާއި، ފައިސާ ހޯދާނެ އެހެން މަސްދަރުތައް ހޯދުމަށް ހިންމަތްކުރަމުންދާކަމަށް އައްޒާ ވިދާޅުވިއެވެ.
މޯލްޑިވްސް ރެޑް ކްރެސެންޓަށް ފައިސާ ލިބިފައިވަނީ ޔޫއެސްއޭއައިޑީގެ ބިއުރޯ ފޯ ހިއުމަނިޓޭރިއަން އެސިސްޓެންސް އިންނެވެ. މި ޕާޓްނަޝިޕްގެ އަމާޒަކީ ރަށްރަށުގައި މޫސުމީ ބަދަލުގެ ވިލުންވެރިކަން ވަރުގަދަ ކުރުމާއި، ޚާއްޞަކޮށް ކާރިސާތަކުގެ ހިރާސް (ޑިޒާސްޓަރ ރިސްކް) ކުޑަކުރުމާއި، ކާރިސާތަކުގެ ހިރާސް (ޑިޒާސްޓަރ ރިސްކް) މެނޭޖުކުރުމަށެވެ. އަދި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާ ގުޅިގެން ޤައުމީ ފެންވަރުގައި ހިންގާ ކޮމިއުނިޓީ ބޭސްޑް ޑިޒާސްޓަރ ރިސްކް ރިޑަކްޝަން އިނިޝިއޭޓިވްސް ފުޅާ ކުރުމަށެވެ.
ޖެނުއަރީ 2025 ގައި ސްޓޮޕް-ވޯކް ޢަމުރު ނެރުނުއިރު އެމްއާރުސީން ހިންގަމުން އައި ހަމައެކަނި މަޝްރޫޢަކީ ”ރެސިލިއެންސް ޕްލޭނިންގް އެންޑް ސްޓްރެންތްނިންގް ކޮމިއުނިޓީ ޕްރިޕެއަރޑްނެސް“ އެވެ. ދެވަނަ މަޝްރޫޢު އޮތީ ރާވައި، ފާސްކުރުމާ ހަމައަށް ގެންދެވިފައެވެ. 2027 ވަނަ އަހަރާ ހަމައަށް ޕާޓްނަޝިޕް އިތުރުކުރާން އޮތީ ނިންމާފައެވެ. މި ދެ މަޝްރޫޢު އެއްކޮށްލީމާ 15 ރަށަކަށް ޚިދުމަތް ދެވޭނެއެވެ.
ނަމަވެސް، ރާވާފައިވާ ހުރިހާ ޙަރަކާތްތައް ޖެނުއަރީ 27، 2025އިން ފެށިގެން ހުއްޓުވާފައިވާ ކަމަށް އެމްއާރުސީގެ ޕްރޮގްރާމްތަކާއި ޚިދުމަތްތަކުގެ މެނޭޖަރު އިބްރާހިމް ޝަމީލް މިނޫހުގައި ވިދާޅުވިއެވެ. "އީއާރުސީޕީ މަޝްރޫޢަށް ބަލާއިރު، ސްޓޮޕް-ވޯކް ޢަމުރު ނެރުނުއިރު ޕްލޭންކޮށްފައިވާ ޙަރަކާތްތަކުގެ ގާތްގަނޑަކަށް 40 އިންސައްތަ ހުރީ ތަންފީޒުކޮށް ނިމިފައި، ނަމަވެސް 5 ރަށެއްގައި މަސަައްކަތް ދިޔައީ ހިނގަމުން،" އޭނާ ވިދާޅުވިއެވެ.
ސްޓޮޕްވޯކް އޯޑަރަށް ފަހު އެމްއާރުސީ އިން ވަނީ މަސައްކަތު ޕްލޭންތަކާއި، ޕްރޮގްރާމްތައް ހިންގާ ގޮތްތަކާއި، ޙަރަކާތްތަކުގެ ޖުމްލަ ދާއިރާއަށް ގެންނާންޖެހޭ ބަދަލުތައް ވަޒަންކޮށް، އިޞްލާޙު ކޮށްފައެވެ. އެކަމުގެ ސަބަބުން މުވައްޒަފުންގެ ޢަދަދާއި، ތަންފީޒުކުރުމުގެ ދާއިރާ ހަނިކުރަން ޖެހުމުގެ އިިތުރަށް، ކާރިސާތަކަށް ތައްޔާރު ކުރުވުމާއި، ވިލުންވެރިކަން އިތުރު ކުރުމުގެ ޙަރަކާތްތައް ހުއްޓާލަން ޖެހުނުކަމަށް ޝަމީލް އިތުރަށް ވިދާޅުވިއެވެ.
ސްޓޮޕް-ވޯކް ޢަމުރުގެ އަސަރު ފުޅާނަމަވެސް، ޝަމީލް ވިދާޅުވީ ނޭޝަނަލް ޑިޒާޒްޓާރ މެނޭޖްމަންޓް އޭޖެންސީ (އެންޑީއެމްއޭ) ފަދަ ޕާޓްނަރުންނާ އެކު އެއްބާރުލައި، މަސައްކަތްކޮށްގެންނާއި، އެހެނިހެން މަސްދަރުތަކުން އެހީ ހޯދައިގެން، ޙަރަކާތްތައް އެއްކޮށް ހުއްޓާ ނުލައި ފަރުޖެއްސޭތޯ ބަލަމުންދާ ކަމަށެވެ.
ސްޓޮޕް ވޯކއިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން (އައިކޮމް އިން) އޭރު މަސައްކަތް ކުރަމުން ދިޔައީ އިންޓަނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓް (އައިއާރްއައި) އާ ގުޅިގެންނެވެ.
"ޕްރޯއެކްޓިވް ޑިސްކްލޯޜަރ (އަމިއްލަ އިސްނެގުމުގެ ހާމަކުރަންޖެހޭ) ގެ ދާއިރާގައި ކައުންސިލްތަކާ އެކު އަޅުގަނޑުމެން ކުރާ މަސައްކަތް މައިގަނޑު ގޮތެއްގައި ގުޅިފައި އޮތީ އައިއާރުއައި އާ ގުޅިގެން ހިންގި ޕްރޮގްރާމަކާ. އެހެންވީމަ [އަޅުގަނޑުމެންނަށް] ބަލާއިރު ކިހާވަރެއްގެ އަސަރެއް ކުރިތޯ، ސްޓޮޕް-ވޯކް ޢަމުރު އައި ފަހުން ކުއްލި ހުއްޓުމެއް އައީ،" އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު މޯލްޑިވްސް އިންޑިޕެންޑެންޓުގައި ވިދާޅުވިއެވެ.
"އެހެންވީމަ އަޅުގަނޑުމެންނަށް އެގޮތަށް ޕްރޯއެކްޓިވް ޑިސްކްލޯޜަރ (އަމިއްލަ އިސްނެގުމުގެ ހާމަކުރަންޖެހޭ) ގެ މަސައްކަތް ކުރެވޭނެ އެހެން މަގުތަކެއް ނެތް،" އޭނާ ވިދާޅުވިއެވެ.
އައިކޮމް އިން މުޅި އަހަރަށް މިމަސައްކަތް ރޭވިއިރު، އެ އޮފީހުގެ އަމިއްލަ ބަޖެޓަކުން ފައިސާ އެކަށައަޅާފައެއް ނުވެއެވެ. އެހެންވީމާ ކައުންސިލްތަކާއެކު ޕްރޯއެކްޓިވް ޑިސްކްލޯޜަރ (އަމިއްލަ އިސްނެގުމުގެ ހާމަކުރަންޖެހޭ)ގެ ދާއިރާ ރަނގަޅު ކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިއުން ނުކުޅަދާނަ ކަމަކަށް ވީއެވެ.
ސީއީޕީއެސް ފުނޑުފުނޑުވެގެން ދިއުން
ޑިމޮކްރެޓިކް ޕާޓީއާއި ރިޕަބްލިކަން ޕާޓީއާ ގުޅިފައިވާ އެމެރިކާގައި ހިންގާ ޖަމިއްޔާތަކެއް ކަމަށްވާ ނޭޝަނަލް ޑިމޮކްރެޓިކް އިންސްޓިޓިއުޓް (އެންޑީއައި) އާއި އިންޓަނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓް (އައިއާރުއައި) އިން މާލޭގައި އޮފީސްތައް ހިންގަމުން ދިޔައީ މަދަނީ މުޖުތަމަޢުގެ ޤާބިލުކަން އިތުރުކުރުމަށާއި، ލޯކަލް ގަވަރނަންސް ޕްރޮގްރާމްތަކަށް އެހީތެރިވެ ދިނުމަށެވެ.
އައިއާރުއައި އިން ލާމަރުކަޒީ ނިޒާމު އިޞްލާޙު ކުރުމަށާއި، ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީގެ ކޮމިޓީތަކާ ގުޅިގެން މަސައްކަތް ކުރެއެވެ. މިއީ އެމެރިކާގެ ބާ އެސޯސިއޭޝަން ހިމެނޭހެން، ޑިމޮކްރަސީ ހަރުދަނާކުރުމަށް އެމެރިކާއިން އެހީދޭ ޖަމާޢަތްތަކެއް އިސްވެ، ފަސް އަހަރަށް ބަހާލައިގެން ދޭ، 19 މިލިއަން އެމެރިކާ ޑޮލަރުގެ ޕްރޮގްރާމެއް ކަމަށްވާ ”ސްޓްރޯންގް އެންޑް އިންކްލޫސިވް މޯލްޑިވިއަން ޑިމޮކްރަސީ“ ގެ ބައެކެވެ. އަމާޒަކީ ސިޔާސަތު އެކުލެވުމުގައި މާނަވީ ގޮތެއްގައި ބައިވެރިވުން އިތުރު ކުރުމެވެ. މި ޕްރޮގްރާމުގެ އިސް ކޯޑިނޭޓަރަކީ އައިއާރްއައި އެވެ.
މި މަޝްރޫޢުގައި އައިއާރުއައި އަށް ޙަވާލުކޮށްފައިވަނީ ހެޔޮ ވެރިކަމެއްގެ އުޞޫލުތައް އަށަގަންނުވާން ލޯކަލް ކައުންސިލްތަކުގެ ފަންވަރު ރަނގަޅުކުރުމާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)އާ ގުޅިގެން ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖުކުރުމާއި، އަޑާއި ބަސް އިއްވުމާއި އަދި ފަންޑިންގް ހޯދުމުގެ ނިޒާމުތައް ތަރައްޤީކުރުމަށެވެ. މަދަނީ މުޖުތަމަޢުގެ ބައިވެރިންނާއި އަންހެނުންގެ ތަރައްޤީގެ ކޮމިޓީތަކަށް އެމަސައްކަތުގައި މަދަދު ފޯރުވައި ދިނުމެވެ. މޯލްޑިވްސް ލޯކަލް ކައުންސިލް އެސޯސިއޭޝަން އުފައްދާން 2024 ވަނަ އަހަރު އައިއާރްއައި އިން ވަނީ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައެވެ.
އެމެރިކާގެ ބާ އެސޯސިއޭޝަނުން ޢަދުލުގެ ދާއިރާގެ މުއައްސަސާތައް ހަރުދަނާކޮށް ވަރުގަދަ ކުރުމުގެ މަސައްކަތް ހިންގާފައި ވެއެވެ. ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރ (ޕީއައިއެލްސީ) އާއި ބާ ކައުންސިލް އޮފް ދަ މޯލްޑިވްސް އަށް އެހީތެރިކަން ފޯރުކޮށްދީފައި ވާއިރު، މަދަނީ މުޖުތަމަޢުން ސިޔާސީ މާޙައުލުގެ އޮއެވަރުތައް މޮނީޓާރކުރުމާއި، ސިވިކް އެޑިއުކޭޝަން [މަދަނިއްޔަތާ ގުޅޭ ތަޢުލީމާއި ހޭލުންތެރިކަން] އަދި މީޑިޔާ ލިޓަރަސީ [މީޑިޔާ ބޭނުން ކުރުމުގެ ސަލާމަތްތެރި އަދި ރަނގަޅު ގޮތްބާވަތް މައްޗަށް ހޭލުންތެރިކަން] އުފެއްދުމުގައިވެސް އެންޑީއައި އާއި އިންޓާރނޭޝަނަލް ފައުންޑޭޝަން ފޯ އިލެކްޝަނަލް ސިސްޓަމްސް (އައިފެސް) އިން އެހީދީފައި ވެއެވެ. ޕާޓްނަރުންގެ އެހީގައި އައިފެސް އިން މަސައްކަތް ކުރަމުންދިޔައީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައިވެރިވުން އިތުރު ކުރުމަށެވެ.
މޯލްޑިވްސް އިންޑިޕެންޑެންޓަށް އެނގިފައިވާ ގޮތުގައި ޕީއައިއެލްސީއަށް މަޖުބޫރުވީ ހިޖުރަވެރި މަސައްކަތްތެރިންނަށް އެހީތެރިކަން ފޯރުކޮށްދޭން ހިލޭ ދެމުންދިޔަ ޤާނޫނީ އެހީތެރިކަމުގެ ޕްރޮގްރާމްގެ ހުރިހާ މަސައްކަތެއް ހުއްޓައިލާށެވެ.
ހުއްޓާލަން ޖެހުނު އެހެނިހެން މަޝްރޫޢުތަކުގެ ތެރޭގައި އައިއާރުއައި ގެ ވިމެން އިން ލޯކަލް ލީޑާރޝިޕް، އެންޑީއައިގެ މޫސުމާބެހޭ ޙަރަކާތްތަކާއި އެމެރިކަން ބާ އެސޯސިއޭޝަނުން މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަންއާ އެކު ކުރިއަށް ގެންދާ މަސައްކަތްތައް ހިމެނެއެވެ.
"ޔޫއެސްއޭއައިޑީގެ ފައިސާ ކަނޑާލަން ނިންމުމާ ގުޅިގެން ވަޒީފާއިން ވަކިކުރުމުގެ ޚަބަރު އައި އިރު އަޅުގަނޑު ހުރީ ލޯކަލް ކައުންސިލްތަކަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ޓްރެއިނިންގްއެއް ހިންގަން ރަށެއްގައި،" އައިއާރުއައިގެ މުވައްޒަފަކު ކިޔައިދެއްވިއެވެ. “އެ ވަގުތު އަޅުގަނޑު އުންމީދުކޮށްލައިގެން ހުރީ ނިންމުން އަނބުރާ ގެންދާނެ ކަމަށް، އެއްކޮށް މަޤާމު އުވި، ވަޒީފާ ގެއްލޭނެ ކަމަށް ހީއެއް ނުކުރެވޭ." އޭނާ އިތުރަށް ކިޔައިދެއްވިއެވެ.
2025 ވަނަ އަހަރުގެ މެއި މަސް ނިމުނުއިރު ދިވެހިރާއްޖޭގައި ތިބި އައިއާރުއައިގެ 12 ސްޓާފުންގެވެސް މަޤާމު އުވި، ވަޒީފާ ގެއްލުނެވެ. އަދި ދިވެހިރާއްޖޭގައި ހުންނަ ކޮންސޯޓިއަމް ފޯ އިލެކްޝަންސް އެންޑް ޕޮލިޓިކަލް ޕްރޮސެސް ސްޓްރެންތްނިން (ސީއީޕީޕީއެސް)ގެ އޮފީސްތައް ވަނީ ބަންދުކޮށްފައެވެ.
ގެރެންޓީއެއް ނެތް
ވިމެން އިން ޓެކް މޯލްޑިވްސް އިން ދިޔައީ އެންޑީއައިގެ އެހީތެރިކަމާއެކު ޕްރޮޖެކްޓްތަކެއް ހިންގަމުންނެވެ. އެ އެންޖީއޯގެ ކޯ ފައުންޑަރު އަދި މޯލްޑިވްސް އިންޓަނެޓް ގަވާރނަންސް ފޯރަމް (އައިޖީއެފް) ގެ ނޭޝަނަލް ކޯޑިނޭޓަރު ޢާއިޝަތު ޢަދްނާން މޯލްޑިވްސް އިންޑިޕެންޑެންޓުގައި ވިދާޅުވީ ސްޓޮޕް-ވޯކް ޢަމުރު އައި އިރު މޯލްޑިވްސް އައިޖީއެފްގެ ޙަރަކާތްތައް ދަނީ ހިނގަމުންނެވެ. އަދި 2025 ވަނަ އަހަރު ހިންގާން ޤަސްދުކުރާ ސައިބާރ ސެކިއުރިޓީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ދިޔައީ ރާވަމުންނެވެ. ވިމެން އިން ޓެކް ޓީމަށް ކެޕޭސިޓީ ބިލްޑިންގް އާއި މީޑިއާ ލިޓްރޭސީ ހެކަތޯން އެއް އޭގެ ކުރިން ހިންގައި، ނިންމާފައި ވެއެވެ.
މިޙަރަކާތްތަކުގައި ބޮޑަށް އަމާޒުކޮށްފައިވަނީ ޑިޖިޓަލް ގަވަރނަންސް، ސައިބަރ ސެކިއުރިޓީގެ ހޭލުންތެރިކަން، އަދި މީޑިއާ ލިޓްރޭސީ އަށެވެ. މިކަންކަން ވީ މަދަނީ މުޖުތަމަޢާއި ސިޔާސީންނާއި ޒުވާނުންގެ އުފެއްދުންތެރިކަމަށް ނުހަނު ބޭނުންތެރި ޙަރަކާތްތަކަށެވެ. މާލެ އާއި އައްޑޫގައި ހިންގި ހޭލުންތެރިކުރުމުގެ ސެޝަންތަކުން ފެށިގެން މީޑިއާ ލިޓްރޭސީ ހެކަތޯން ފަދަ ބޭނުންތެރި ޙަރަކާތްތައް ހިންގުނު ކަމަށް ޢާއިޝަތު ޢަދްނާން ކިޔައިދެއްވިއެވެ.
މި މަޝްރޫޢު ނިންމާން ފުރަތަމަ ތާވަލުކޮށްފައިވަނީ 2025 ވަނަ އަހަރުގެ މެދުތެރެއާއި ފަހުކޮޅާ ދެމެދެވެ. ސައިބާރ ސެކިއުރިޓީ ޕްރޮގްރާމްތަކާއި ޓީމް ކެޕޭސިޓީ ބިލްޑިންގް އަދި މީޑިއާ ލިޓްރޭސީ ހެކަތޯން ޖެނުއަރީ 2025 ގެ ނިޔަލަށް ނިންމުނުއިރު، 2025 ވަނަ އަހަރަށް ދެން ރާވާފައިވާ ސައިބަރ ސެކިއުރިޓީ ޙަރަކާތްތައް ކުރިއަކަށް ނުގެންދެވުނެވެ.
"ފްރީޒްގެ ސަބަބުން ވިމެން އިން ޓެކް އިން ޕްލޭން ކުރި ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގެ ޤާބިލުކަން ނެތި، ބަދަލުގައި އެހެން ޑޯނަރުން ހޯދަން ޖެހުނު - ޚާއްޞަކޮށް އައިޖީއެފްގެ ޙަރަކާތްތަކަށް. ސްޓާފުންނަށް ޖެހުނީ މަސައްކަތްތަކަށް އިސްކަންދޭންވީ ތަރުތީބު އަލުން އެކަށައަޅަން އަދި މަޑުޖައްސާލާފައިވާ ޕްރޮގްރާމްތައް ދެމެހެއްޓޭ ގޮތެއް ނުވި،" އޭނާ އިތުރަށް އޮޅުންފިލުއްވައި ދެއްވިއެވެ.
މަޝްރޫޢަށް ބަރޯސާވެގެން ތިބި، މަދަނީ މުޖުތަމަޢުގެ ބައިވެރިންނާއި ސިޔާސީ ފަރާތްތަަކަށް ބޭނުންވާ ސައިބަރ ސެކިއުރިޓީ ހޭލުންތެރިކަމާއި، ފޮލޯއަޕް [ފަހުން ދޭ] ސަޕޯޓަށް ލޮޅުން އެރިއެވެ. "މިކަމުގެ ސަބަބުން ޑިޖިޓަލް ސޭފްޓީ އާއި ވިލުންވެރިކަމުގެ ޙަރަކާތްތައް މެދުކެނޑުނު،" ޢާއިޝަތު ޢަދްނާން އިތުރަށް ވިދާޅުވިއެވެ.
ވިމެން އިން ޓެކް އަށް އައިޖީއެފްގެ ޙަރަކާތްތައް ދެން ކުރިއަށް ގެންދެވުނީ އާ ޕާޓްނަޝިޕްތަކާއި ފައިސާގެ އެހީގައެވެ. ނަމަވެސް 2025 ވަނަ އަހަރަށް ރާވާފައިވާ ސައިބަރ ސެކިއުރިޓީ ޕްރޮގްރާމްތައް ހުއްޓާލާފައި ވެއެވެ. މިހާރު ދަނީ އަލުން ފެށޭތޯ ޕްރޮގްރާމްތަކަށް ބަދަލު ގެނެސް، ފަންޑިންގް ހަމަޖައްސަމުންނެވެ.
ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ ގޮފިގޮފީގެ ގޮތުގައި ރާއްޖޭގައި ހިންގާ ރެޑް ކްރެސެންޓާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ފަދަ ގްރޫޕްތަކަށް ހިސާބެއްގެ ބަދަލެއް ޕްރޮގްރާމްތަކަށް ގެނެސްގެން ގޮތަކަށް ފަރުޖެއްސެއެވެ. ނަމަވެސް ކުދި މަދަނީ ޖަމްޢިއްޔާތަކަށް އެކަމަށް ކުޅަދާނައެއް ނޫނެވެ.
"އަޅުގަނޑުމެން ރާއްޖޭގެ އެތެރޭގެ ޙާލަތު ރަނގަޅު ކުރުމަށްޓަކައި ލޯކަލް ޑޯނަރުން ދިވެހި މަދަނީ ޖަމްޢިއްޔާ، ޖަމާޢަތްތަކަށް އިންވެސްޓް ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް،" އޭޑީއެމް އިން ވާހަކަދެއްކެވި އުލާ ވިދާޅުވިއެވެ. "އަޅުގަނޑުމެންނަށް ވުރެ ބޮޑަށް ދިވެހިންގެ ޙައްޤުތަކާއި ރާއްޖޭގެ ޙާލަތާ މެދު އެއްވެސް ބަޔަކު، އަޅައެއް ނުލާނެ."
ފޮރިން މިނިސްޓްރީ އާއި ދިވެހިރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީން ވެސް ބަހެއް ހޯދުމަށް އެދުމުން ޖަވާބެއް ނުދެއެވެ.
އެމެރިކާގެ ހުރިހާ އިދާރާތަކުން ދިވެހިރާއްޖޭގެ އެކި ޖަމްޢިއްޔާ/ޖަމާޢަތްތަކަށް ދޫކޮށްފައިވާ ޖުމުލަ ފައިސާގެ ޢަދަދުތައް ތިރީގައި އެވަނީއެވެ:
2015: 1،830،196 އެމެރިކާ ޑޮލަރު
2016: 2،480،775 އެމެރިކާ ޑޮލަރު
2017: 1،385،379 އެމެރިކާ ޑޮލަރު
2018: 809،731 އެމެރިކާ ޑޮލަރު
2019: 1،887،300 އެމެރިކާ ޑޮލަރު
2020: 2،866،132 އެމެރިކާ ޑޮލަރު
2021: 8،101،212 އެމެރިކާ ޑޮލަރު
2022: 5،927،176 އެމެރިކާ ޑޮލަރު
2023: 10،746،292 އެމެރިކާ ޑޮލަރު
2024: 7،527،142 އެމެރިކާ ޑޮލަރު
2025: 2،603،437 އެމެރިކާ ޑޮލަރު (ޕާޝިއަލް އަހަރުގެ ޑޭޓާ)
އިތުރު ނޯޓް: މި އާޓިކަލްގެ މުޞައްނިފު، ޝަފްޢާ ޙަމީދު، ޔޫއެސްއޭއައިޑީގެ ފަންޑިންގް ފްރީޒް ކުރުމާ ހަމައަށް މަސައްކަތްކުރެއްވީ އިންޓާރނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓްގެ ދިވެހިރާއްޖޭގެ އޮފީހުގައެވެ.

