އަބަދަށް ތުހުމަތުގައި: ޝަރީޢަތަށް މަޑުކޮށްގެން ތިބުން އަނިޔާއަކަށް
ރައީސް މުޢިއްޒު ވަޢުދުވެވަޑައިގަތީ ވާނުވާ އުވައިލައްވާށެވެ. ނަމަވެސް އެތައް ސަތޭކަ ބަޔަކު އަދިވެސް ތިބީ އެޙާލުގައެވެ.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
21 ޑިސެމްބަރު 2025, 12:51 ހެނދުވާ
ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު މާލޭގައި ބޭއްވި ޓައުން ހޯލް ބައްދަލުވުމެއްގައި ޒުވާނަކު ރައީސް ޑރ މުޙައްމަދު މުޢިއްޒުއާ ކުރިމަތިކުރުވީ "ވާނުވާ" އުވާލެއްވުމުގެ ރިޔާސީ ވަޢުދުފުޅު ނުފުއްދަވާ ވާހަކައެވެ. "ވާނުވާ" އަކީ ޝަރީޢަތެއް ނުހިނގާ، ވާނޭ ގޮތެއް ނުއެނގި، ޙުކުމެއް ނުކޮށް، ދިގު މުއްދަތުތަކަށް ޖަލުގައި ތާށިވެފައި "ވާނުވާ" ގައި ތިބުމުގެ ޙާލަތަށް ނިސްބަތްކޮށް ޖަލުން އުފެދިގެން އައި ލަފުޒެކެވެ.
"ތިޔަ ވިދާޅުވީ 100 ދުވަހުގެ ތެރޭގައި ނިންމާލާނަމޭ. ދެ އަހަރު ފަހުން ވެސް އޮތީ ހަމަ އެއްޙާލެއްގައި،" އޭމާ ބުންޏެވެ. އޭނާ ރައީސް މުޢިއްޒުގެ ވެރިކަން ސިފަކުރީ "ވާނުވާ ސަރުކާރެއް"ގެ ގޮތުގައެވެ. އަދި ބުނީ ޝަރީޢަތް ނިމޭންދެން ބަންދުކުރުމުގެ ރެކޯޑު އޮތީ މިސަރުކާރުގެ އަތުގައި ކަމަށެވެ.
"ރައީސްގެ އިހުމާލުން ފުރާނައެއް ގެއްލިއްޖެ،" 2024 ވަނަ އަހަރުގެ ޖޫން މަހު ބަންދުގައި މަރުވި ޢުމުރުން 45 އަހަރުގެ މުޙައްމަދު ޖަމީލްގެ މައްސަލައަށް އިޝާރާތްކޮށް އޭނާ ތުހުމަތުކުރިއެވެ.
ރައީސް މުޢިއްޒު ރައްދު ދެއްވީ ވަޢުުދު ފުއްދަވާފައިވާ ކަމަށް ވިދާޅުވެއެވެ؛ ޝަރީޢަތްކުރާ ކޯޓުތަކުގެ ޖާގަ ކުޑަވުމުން، އަޑުއެހުންތައް ނުބޭއްވި، ޤަޟިއްޔާތައް ފުނިޖެހެމުންދިއުމުގެ މައްސަލަ ބޮޑުވެފައި އޮއްވާ، މިދިޔަ ޖޫން މަހު ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ ތަނަވަސް އާ ޢިމާރާތެއް ހުޅުމާލޭގައި ހުޅުވިއެވެ. އެހެންވީމާ ޝަރީޢަތް ލަސްވުމަށް ދިމާވާ ސަބަބުތަކަށް ފަރުވާ ހޯއްދަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ވާނުވާގެ ޙާލަތަށް ހުށަހެޅިގެންދާ މައިގަނޑު އެއް ސަބަބަކީ ޝަރީޢަތުގެ އަޑުއެހުންތައް ތާވަލުކުރެވޭނެ ދުވަހެއް، އިރެއް ނުއެނގުން ކަމަށާއި، ކޯޓުތަކުގެ ޖާގައިގެ ދަތިކަމަށް ލުއި ލިބުމުން، އިހުނަށްވުރެ ގިނައިން އަޑުއެހުންތައް ތާވަލު ކުރެވި، މަސައްކަތް ހަލުވި ވެގެން ދާނެ ކަމަށެވެ. އަދި ޝަރީޢަތް ދެން އޮންނާނެ ދުވަހެއް ކުރިއަށްވުރެ ރޭވުންތެރިކަމާއެކު ބަންދުގައި ތިބޭ މީހުންނަށް އަންގާ، ސާފުކޮށްދެމުން ދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސް މުޢިއްޒު ވިދާޅުވީ ކުރީގެ ސަރުކާރުތަކުން މަސައްކަތް ކޮށްފައި އޮތީ ވަޞީލަތުގެ މައްޗަށް ބާރުފޯރުވައިގެން، ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވާން ކަމަށާއި، މި ސަރުކާރުން ޝަރުޢީ ދާއިރާގެ ބަޖެޓު އެދާއިރާއާ ޙަވާލުކޮށް، މަސައްކަތަށް ކަންފަހި ކޮށްދެއްވާފައިވާ ކަމަށެވެ. "ކުރިން ތަޅުލާފައި އޮތީ. މަސައްކަތް ކުރާނެ ގޮތެއް ނެތް. މަސައްކަތް ކުރާނެ ޖާގައެއް ވެސް ނެތް. އެ ޢިމާރާތް އޮތީ ބޮލަށް ވެއްޓިފައި،" ރައީސް މުޢިއްޒު ވިދާޅުވި އެވެ.
EndVaanuvaa# ޝިޢާރުގެ ދަށުން އެތައް ދުވަހެއް ވަންދެން ކެމްޕޭން ކުރިއެވެ. ސޯޝަލް މީޑިއާ ޕޯސްޓްތަކާއި، މާލޭގެ އެކި ހިސާބުތަކުގައި ސްޕްރޭއިން ގްރެފިޓީ ޖެހިއެވެ. ވަކިވަކި މައްސަލަތަކާ ބެހޭ ޕޮޑްކާސްޓްތަކާއި، ބަންދުކޮށްފައިވާ މީހުންގެ ޢާއިލާތަކުގެ ޝަކުވާތައް އިއްވިއެވެ.
މި ބައްދަލުވުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިހާރު ވާނުވާ ބަންދުގައި ތިބި 347 މީހުންގެ މައްސަލަތަކުގެ ޚުލާޞާއެއް ދެއްވައިފައެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތު ކުރެވޭ 117 މީހުންނާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމަތުގައި 116 މީހުންނާއި މާރާމާރީ ހިންގުމުގެ ތުހުމަތުގައި ތިބި 70 މީހުންނާއި މީހުން ޤަތުލުގެ ތުހުމަތު އުފުލިފައިވާ 29 މީހުންނާއި ޓެރަރިޒަމާ ގުޅުން ހުރި ކުށްތަކުގައި ޝާމިލުވާކަމަށް ތުހުމަތު ކުރެވޭ 20 މީހުން ހިމެނެއެވެ. ދެން ވާނުވާގައި ބާކީ ތިބީ މަނީ ލޯންޑަރިން، ވައްކަން، ވަޅިން ފޭރުމާއި، ގެވެށި އަނިޔާއާއި، ރަހީނުކުރުމާއި، ހިއުމަން ޓްރެފިކިންގް، އެއްޖިންސުން ގުޅުން ހިންގުން، އަލިފާން ރޯކުރުމާއި، ހަށިވިއްކުމާއި، ސްމަގްލިންގްގެ ކުށްތަކާ ގުޅިގެން ބަންދުކޮށްފައި ތިބި މީހުންނެވެ.
މިފަދަ މީހުން 5 މިނެޓުން މިނިވަންވާން ރާއްޖޭގެ ރައްޔިތުން އެދޭނެތޯ ރައީސް މުޢިއްޒު އެއްސެވުމުން، ޙާޟިރީންގެ ތެރެއިން "ނޫން! ނޫން!" ގޮވިއެވެ. ރައީސް މުޢިއްޒު ވިދާޅުވީ އެފަދަ މީހުން ބަންދުން ދޫކޮށްލުމުގެ "ޙައްޤެއް ނުވަތަ ފުރުޞަތެއް" އެ މަނިކުފާނަށް ލިބިވަޑައިގެން ނުވާ ކަމަށެވެ.
މެއި މަހު ކިިޔުއްވީ އެހެން ލަވައެއް
މިދެއްކެވި ވާހަކަފުޅުތަކުގެ ރާގާ، މީގެ ހަތެއްކަ މަސް ކުރިން މެއި މަހު އެމަނިކުފާނު ދެއްވި ޔަޤީންކަމުގެ ރާގާ މުޅިން ޚިލާފު ކަމަށް މޯލްޑިވްސް ހިއުމަން ރައިޓްސް އެންޑް ޑިޓެއިނީ ވޮޗް (އެމްއެޗްއާރުޑީޑަބްލިއު)ގެ ޗެއާރމަން އިސްމާޢީލް ރަޝީދު ވިދާޅުވެއެވެ.
ވާނުވާ ނިމުމަކަށް ގެނައުމަށް ވަކާލާތުކުރާ ފަރާތްތަކުން ރައީސް އަރިހުގައި އިލެކްޓްރޯނިކް މޮނިޓަރިން އާއި ވަކި ޝަރުޠުތަކެއް މަތިކޮށްފައި ލުއި ދިނުމަށް ހުށަހެޅުމުން، ދޫކޮށްލެވޭން ތިބީ ކޮން ޤައިދީންނެއްތޯ ބައްލަވަމުން ގެންދަވާނެކަމަށް އެމަނިކުފާނު ވިދާޅުވިކަމަށް މޯލްޑިވްސް އިންޑިޕެންޑެންޓަށް އިސްމާޢީލް ރަޝީދު ވިދާޅުވި އެވެ.
އެކަމަކު އޭރު ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅާއި އަވަށްތަކާއެކު ބާއްވަމުން ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގައި ދައްކަވާ ވާހަކަ ތަފާތުކަން ފާހަގަކުރައްވާ، އިސްމާޢީލް ރަޝީދު ވިދާޅުވީ "މާފަންނު ބައްދަލުވުމުގައި ރައީސް ވިދާޅުވީ ވާނުވާ މިހާރު ހައްލުވެއްޖެ ކަމަށް،" ކަމަށެވެ. "ކުޑަކުދިންނާއި ޓެރަރިޒަމްގެ މައްސަލަތަކާ ގުޅުން ހުރި މީހަކު ދޫކޮށްލާކަށް އެއްވެސް މީހަކު ބޭނުމެއް ނުވާނެ،" ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
"ކުރިން ރައީސް ވިދާޅުވީ ޓެގް ކުރުމާއި، މޮނިޓަރ ކުރުމާއި، ދޫކޮށްލެވޭނެ މީހުން ދޫކޮށްލުމުގެ ވާހަކަ. އަނެއްކޮޅުން ރައީސްގެ އިންތިޚާބީ ވަޢުދަކީ ވާނުވާ އުވާލުން.... ވަޢުދަކީ 'ދޫކުރުން ނުވަތަ ދައުވާކުރުން'. އަދި ވާނުވާ މުޅިން އުވާލާނެ ކަމަށް ވިދާޅުވި،" ހިތްހަމަނުޖެހުމާއެކު އެމްއެޗްއާރުޑީޑަބްލިއުގެ ޗެއާރމަން ވިދާޅުވިއެވެ.
އެމްއެޗްއާރުޑީޑަބްލިއު އިން ދެކޭގޮތުގައި ވާނުވާ އަކީ ޝަރީޢަތުގެ ތާރީޚްތަކާ މެދު ކަށަވަރުކަމެއް ނެތުން އެކަނި ނޫންކަމަށެވެ. ރައީސްގެ އަވަށް ބައްދަލުވުންތަކަށް ފަހު، އަމިއްލަ ޖަމްޢިއްޔާ/ޖަމާޢަތްތަކުން ނެރުނު ނޫސްބަޔާނެއްގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ގޮވައިލާފައިވަނީ އިލެކްޓްރޯނިކް މޮނިޓަރިންގް (ޓެގު އެޅުވުން) ކުރިއަށް ގެންދިއުމަށާއި، ޝަރީޢަތް ނިމޭންދެން ބަންދުކުރުން މަޑުޖައްސާލުމަށެވެ.
ލާއިންސާނީ އަނިޔާއަށް ފުދޭ
ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގެ ދަށުން ބޮޑެތި ކުށްތަކުގެ ތުހުމަތު ކުރެވޭ ފަރާތްތަކުގެ ޝަރީޢަތް ނިމެންދެން ބަންދުކުރެވިދާނެ އެވެ. ޚާއްޞަ ޤާނޫނުތަކުގެ ދަށުން ހިންގާ ޖަރީމާތަކަށް – ޓެރަރިޒަމް، ގޭންގް ވައިލެންސް، ކުޑަކުދިންނާ ގުޅުންހުރި ޖިންސީ ކުށްތަކަށް – ވަކިވަކިން ޤަވާޢިދުން ބަންދުގެ މުއްދަތު މުރާޖަޢާކުރާކަށް ނުޖެހެއެވެ.
ޖަލުތައް ބަލަހައްޓާ ފަރާތްތަކުން ޑިޓެއިނީ ވޮޗަށް ލިބުނު ތަފާސްހިސާބުތަކަށް ބަލާއިރު، ވާނުވާ ބަންދުގައި ތިބި މީހުންގެ 70 އިންސައްތަ އަށް ވުރެ ގިނަ މީހުން ނޮވެމްބަރު 16 ގެ ނިޔަލަށް އަހަރަކަށް ވުރެ ގިނަ ދުވަހު ބަންދުގައި ތިބިއިރު، އޭގެ ތެރޭގައި 12 އަހަރަށް ޖަލަށްލާފައިވާ އެކަކު ހިމެނެ އެވެ. ދެ ފަރުދަކު ބަންދުކޮށްފައި ތިބިތާ ނުވަ އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އިތުރު ދެ މީހަކު ބަންދުކޮށްފައި ތިބިތާ ހަތް އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ޑީޓެއިނީ ވޮޗުން ލަފާކުރާ ގޮތުގައި ވަނުވާގައި ބަންދުކޮށްފައިވާ މީހުންނަކީ ޖަލުތަކުގެ ޖުމްލަ އާބާދީގެ ގާތްގަނޑަކަށް 30 އިންސައްތައެވެ.
"މުއްދަތެއް ނެތް ގޮތަށް ބަންދުކުރުމަކީ އޭގެ ޒާތުގައި މޯލްޑިވްސްގެ އެންޓި ޓޯޗާރ ޤާނޫނު މެދުވެރިކޮށް ތަންފީޛުކުރާ ކޮންވެންޝަން އެގޭންސްޓް ޓޯޗާރ އެންޑް އަދަރ ކްރުއަލް، އިންހިއުމޭން އެންޑް ޑިގްރޭޑިންގް ޓްރީޓްމަންޓް ޚިލާފު ކަމެއް،" މޯލްޑިވްސް އިންޑިޕެންޑެންޓުގައި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކްގެ އެގްޒެކެޓިވް ޑައިރެކްޓަރ ޝަހިންދާ އިސްމާޢީލް ވިދާޅުވިއެވެ.
ވަނުވާގެ މައްސަލަ ޙައްލުކުރާން އެކުން ބޮޑަށް އުނދަގޫވާ ސަބަބަކީ، ޝަހިންދާ ވިދާޅުވި ގޮތުގައި، ވާނުވާއަކީ ކޯޓުތަކުން ބާރުދީގެން، ޤާޟީއެއްގެ ޢަމުރަށް ކުރާ ކަމެއް ކަމަށް ވުން ކަމަށެވެ.
ޤާނޫނު އަސާސީގެ 42، 50، އަދި 51 ވަނަ މާއްދާގައި ބުނެފައި ވަނީ ތަޙްޤީޤުތަކާއި ކޯޓުތަކުގެ ޝަރީޢަތްތައް "އެކަށީގެންވާ ސްޕީޑެއްގައި" ކުރިއަށް ގެންދިއުމަށެވެ. އިންޞާފު ލަސް ނުކުރެވޭނެ ކަމަށެވެ. ބަންދުގެ މުއްދަތު އިތުރުކުރުމުގެ ހުއްދަ ދެވޭނީ ވަކި ޙާލަތްތަކެއްގައި އެކަނި ކަމަށެވެ. އެކަށީގެންވާ ވަރަށް ޝަރީޢަތްކުރާނެ އޮފިޝަލުން ނެތުން ނުވަތަ ޖާގަ ނެތުމަކީ ބަންދުގެ މުއްދަތު އިތުރުކުމުގެ ޝަރުޠު ފުދޭނެ ޙުއްޖަތެއް ނޫން ކަމަށް ޝަހިންދާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑަށް ޤަބޫލުކުރެވެނީ ސީދާ އިންޞާފު މިހާރު ވާނުވާގައި އޮތްކަމަށް،" ޝަހިންދާ ވިދާޅުވި އެވެ. "ޝައްކު އުފެދޭ ހިސާބުން ފެށިގެން އެންމެންނަށް ވެސް ކަން މިކުރަނީ ކުށްވެރިއެއްގެ ގޮތުގައި." އޭނާ އިތުރު ކުރެއްވިއެވެ.
އެންމެންވެސް ޒިންމާވާ މިންވަރުތަކެއް
ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި ގާތްގަނޑަކަށް 10 ވަރަކަށް ޙަރަކާތްތެރިންގެ މައްޗަށް ހިންގަމުން އައިއެމްއެޗްއާރުޑީޑަބްލިއު ފާހަގަވަނީ ވާނުވާގެ ކަންކަމުގެ އެންމެ އިސް ވަކާލާތެއް އުފުލަމުންދާ ފަރާތުގެ ގޮތުގައެވެ. އެ ޖަމްޢިއްޔާގެ މަސައްކަތް ފެށުމަށްފަހު، ރަސްމީކޮށް ރެޖިސްޓާރކުރީ 2022 ވަނަ އަހަރު ގައެވެ.
"މި މަސައްކަތް ފެށުނީ ރާއްޖޭގައި އަބަދުވެސް ޙާލުގައި އުޅޭ މީހުންނަށް މިއޮންނަނީ އިތުރު ދަތިކަމާއި ދެރަ ޙާލު ކަމަށްވާތީ،" ޖަމްޢިއްޔާގެ ޗެއާރމަން އިސްމަޢީލް ރަޝީދު ވިދާޅުވިއެވެ. "އަދި އަޅުގަނޑުމެން ތަޙައްމަލުކުރާން ޖެހުނު ތަފާތު ޙާލަތްތަކަށް ރިޢާޔަތްކޮށްފައި،" އޭނާ އިތުރުކުރެއްވިއެވެ.
އެޖަމްޢިއްޔާއިން ދެކޭގޮތުގައި ވާނުވާގެ މައްސަލައިގައި އެންމެންވެސް ޒިންމާވާ މިންވަރުތަކެއް އެބަހުއްޓެވެ.
"ފުލުހުން ކުރިއަށް ގެންދަނީ އިންޓެލިޖެންސް ރިޕޯޓްތަކަށް ބަލައިގެން. ކޯޓުތައް އަދި ޕީޖީވެސް އެފަދަ. އެހެން މީހަކާ އެއްވެސް މީހަކު ސުވާލެއް ކޮށް، ބަލާކަށް ނޫޅޭ،" ކަމަށާއި "ޝައްކު އުފެދޭ ހިސާބުން ފެށިގެން ހުރިހާ ފަރާތަކުންވެސް ދެކެނީ އެއީ ކަނޑައެޅިގެން ކުށްވެރިއެއްގެ ގޮތުގައި،" ކަމަށް އިސްމާޢީލް ރަޝީދު ކިޔައިދެއްވިއެވެ.
ބައެއް ޙާލަތްތަކުގައި ޝައްކު ކުރެވޭ މީހުން ބަންދުކުރަނީ ހަމައެކަނި އިންޓެލިޖެންސް ރިޕޯޓްތަކުގެ މައްޗަށެވެ – "ދެތިން މީހަކަށް އުފެއްދިދާނެ" ސިއްރު ލިޔެކިޔުންތަކެކެވެ. މިފަދަ ރިޕޯޓްތައް ދިފާޢީ ވަކީލުންނަކަށް ނުދައްކައެވެ. "ހެޔޮލަފާ ރަނގަޅު މީހަކުވެސް ވާނުވާ އަށް މިހުށަހަޅަނީ ހަމައެކަނި އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް،" އައިއެމްއެޗްއާރުޑީޑަބްލިއުގެ ޗެއާރމަން ވިދާޅުވިއެވެ.
ޖަލުތަކުގައި ބޮޑު އާބާދީއެއް ދެމެހެއްޓުމުން ޖަލުގެ އޮފިޝަލުންނާއި ކޭޓަރިންގް ކޮންޓްރެކްޓް ފަދަ ގުޅުންހުރި ވިޔަފާރީގެ ޑީލްތަކަށް ފައިދާވާކަން ފާހަގަކުރައްވާ، އިސްމާޢީލް ރަޝީދު އިތުރަށް ވިދާޅުވީ "ވާނުވާ ބަންދުގައި ބައެއް މީހުން ބައިތިއްބަނީ އަނެކުންނަށް އިންޒާރެއްގެ ގޮތުގައި،" ކަމަށް ފެންނަ ކަމަށާއި، "ޙަޤީޤަތުގައި މައްސަލައަށް ފުންކޮށް ބަލައިފިނަމަ ފެންނާން އޮތީ ވާނުވާގައި ތިބީ އެންމެ ނިކަމެތި މީހުންކަން. ވާނުވާގައި ތަޅުލާފައި ތިބީ އެންމެ ނިކަމެތި ޢާއިލާތައް،" ކަމަށެވެ.

ކުރީގެ ޕޮލިސް ކޮމިޝަނަރެއްގެ ބަސް
2018 އިން 2023 އަށް ޕޮލިސް ކޮމިޝަނަރުގެ މަޤާމު އަދާކުރެއްވި މުޙައްމަދު ޙަމީދު (އެމްސީ) ސިފަކުރެއްވި ގޮތުގައި ވާނުވާ އަކީ ނިޒާމުގެ ޖުމުލަ މައްސަލައެއް ކަމަށެވެ. އެ މައްސަލަ އުފަންވަނީ ޝަރުޢީ ދާއިރާގައި ޢާންމުކޮށް ޢަމަލުކުރާ ގޮތްފާޑުގެ އިތުރަށް ތަޙްޤީޤާއި ދަޢުވާ އުފުލުގައި ހުރި އުނި ކަންތައްތަކެއް އެކުވެގެން ކަމަށެވެ.
އަބަދުވެސް އެންމެ ގިނަ މުއްދަތަކަށް ބަންދުކުރާން ފުލުހުންގެ ފަރާތުން ކޯޓުގައި އެދުމަކީ އެކަށޭނަ، އެންމެ ރަނގަޅު ގޮތް ނޫން ކަމަށް އޭނާ ޤަބޫލުކުރައްވަ އެވެ. "ބަންދުގެ މުއްދަތަށް އެދޭންވާނީ ކޮންމެ ކޭހެއްވެސް ވަކިން ބަލާ، ޙާލަތަށް ރިޢާޔަތްކޮށްފައި،" މޯލްޑިވްސް އިންޑިޕެންޑެންޓަށް ދެއްވި އިންޓަވިއުއެއްގައި ކުރީގެ ޕޮލިސް ކޮމިޝަނަރ ވިދާޅުވި އެވެ.
ޙަމީދުގެ ވާހަކައިގައި ފުލުހުން އެދިގެން ބަންދުކުރުމާއި، ޝަރީޢަތަށް ފެނިގެން ބަންދުކުރުމުގައި ތަފާތުތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ. ފުލުހުން އެދިގެން ބަންދުކުރާނަމަ، ޓެރަރިޒަމްގެ ކުށްތަކުގެ ތުހުމަތު އުފުލޭ ޙާލަތުގައިވެސް ބަންދުގެ މުއްދަތަށް ހައްދުތަކެއް ހުންނަ ކަމާއި، ޝަރީޢަތަށް ފެނިގެން ބަންދުކުރުމުގައި މުއްދަތަށް ވަކި ހައްދެއް ނެތްކަމަށް އޭނާ އޮޅުންފިލުއްވައި ދެއްވިއެވެ.
"ފުލުހުން އެބަ އެދޭ ޝަރީޢަތުގައި ތުހުމަތުކުރެވޭ ފަރާތް ބަންދުކުރަން،" އޭނާ ވިދާޅުވި އެވެ. "އެކަމަކު އެއީ ޝަރުޢީ ދާއިރާއިން އެކަމުގެ މައްޗަށް ގޮތެއް ނިންމަން ޖެހޭ ކަމެއް،" އޭނާ އިތުރަށް ވިދާޅުވިއެވެ.
މުޙައްމަދު ޙަމީދުގެ ޕޮލިސް ކޮމިޝަނަރުކަމުގެ ދައުރުގައި މުއްދަތު އިތުރުކުރުމުގެ މައްސަލަތައް މަދުކުރުމަށް ބަންޑާރަ ނާއިބްގެ އޮފީހާއި ޕީޖީ އޮފީހާ ގުޅިގެން މަސައްކަތް ކުރެއްވިކަމަށް ވިދާޅުވިއެވެ. "އަޅުގަނޑުމެން ކޯޓުތަކާ އެކު އެތައް ބައްދަލުވުމެއް ބޭއްވިން،" އޭނާ ހާމަކުރެއްވިއެވެ. ޕީޖީ އޮފީހުގައި މުއްދަތު އިތުރުކުރުމާބެހޭ ގައިޑްލައިންތަކެއް ހުރި ނަމަވެސް، ބަންދުގެ މުއްދަތު އިތުރުކުރާން އެދެންޖެހޭ ޝަރުޠުތަކާއި، އެޝަރުޠުތަކާ ވާ މުއްދަތުތަކާއި، ހަމަތައް ކަނޑައަޅާ، ސާފުކޮށް ބަޔާންކުރާން ޖެހިފައި އޮތްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މުޅި ނިޒާމު ހުއްޓި، މައްސަލައަށް ފަރުވާ ނުލިބެނީ ކީއްވެގެންތޯ މިނޫހުން ސުވާލު ކުރުމުން، މުޙައްމަދު ޙަމީދު ޢިޝާރާތްކުރެއްވީ ކެންސަލުވާ އަޑުއެހުންތަކަށެވެ. އަދި އެއަޑުއެހުންތައް ކެންސަލުވުމުން ދެން ކުރިމަތިވަނީ ހެކިންނަށް ބިރުދެއްކުމާއި، އެކި ފަރާތްތަކުން ކޯޓަށް ނުފޫޒު ފޯރުވުންފަދަ ކަންކަމެވެ.
"މިއީ ސިސްޓަމްގައި އުޅޭ ދެރަވަރުކަމެއް، މިއީ އެތައް ޒަމާނެއް ވާންދެން ޖިނާޢީ ޢަދުލުގެ ނިޒާމުގައި ހުރި ކަމެއް" އޭނާ ވިދާޅުވިއެވެ.
"މުޅިން ސިޔާސީވެފައި"
އެމްޑީއެންގެ އެގްޒެކެޓިވް ޑައިރެކްޓަރ ޝަހިންދާ ވަނީ ވަޞީލަތްތަކުގެ ދަތިކަމުގެ ސަބަބުން ވާނުވާ ދެމިއޮންނަ ކަމަށް ބުނާ ވިސްނުމާ ދެކޮޅު ހައްދަވާފައެވެ.
"ކޯޓުތަކުން އަހަރުތަކެއް ވަންދެން ބުނަމުން އައީ ވަޞީލަތްތަކުގެ ދަތިކަމުގެ މައްސަލައެއް ކަމަށް - ވަޞީލަތްތައް ނެތިގެން ހަމައެކަނި އަސަރުކުރަނީ އިންޞާފުގެ ސްޕީޑަށް،" ޝަހިންދާ ވިދާޅުވިއެވެ. "އަޅުގަނޑު ޤަބޫލެއް ނުކުރަން އެއީ ހަމައެކަނި ވަޞީލަތްތަކާ ގުޅުން ހުރި މައްސަލައެއް ކަމަކަށް. އަޅުގަނޑަށް ފެންނަނީ މިއީ ކޮރަޕްޝަނާއި، ނާޤާބިލުކަމާއި، ސިޔާސީ ނުފޫޒާއި، ފަނޑިޔާރުންނަށް ފިޔަވަޅު ނޭޅުމާ ގުޅޭ ކަމެއް ކަމަށް،" އޭނާ އިތުރަށް ވިދާޅުވިއެވެ.
ޝަހިންދާ ޢިޝާރާތް ކުރެއްވީ ކޯޓުން ޢަމަލުކުރަމުންދާ ގޮތަށެވެ: ޝެޑިއުލް ކުރަން އެތައް މަހެއް ނުވަތަ އަހަރެއް ނަގާފައިވެސް، އެންމެ ފަހު ވަގުތު ކެންސަލް ކުރެވޭނީ ފަނޑިޔާރަކު ޗުއްޓީގައި ހުރުމުންނެވެ. "ފަނޑިޔާރުންގެ އަހަރީ ޗުއްޓީއާ ފުށުނާރާ ގޮތަށް އަޑުއެހުންތައް ޝެޑިއުލް ކުރުން އެއީ މާ އުނދަގޫކަމެއްތޯ؟ އެހެން ބައެއް މައްސަލަތަކުގައި ފަނޑިޔާރު ވަޑައިވެސް ނުގެންފާނެ،" ޝަހިންދާ ކިޔައިދެއްވިއެވެ.
2014 ވަނަ އަހަރުގެ އޮގަސްޓް މަހު ގަދަކަމުން ގެއްލުވާލި މޯލްޑިވްސް އިންޑިޕެންޑެންޓް (ކުރިން މިނިވަން ނިއުސް) ގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުالله ގެ މައްސަލައާ ޙަވާލާދީ ޝަހިންދާ ވިދާޅުވީ ޝަރުޢީ ނިޒާމު ސިޔާސީ ވެފައިވާ ކަމަށެވެ.
"އެ މައްސަލައާއި ޔާމީން ރަޝީދުގެ މަރުގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި އަޙްމަދު މުޢާޛާއި އަޙްމަދު އިސްމާޢީލް އަދި އިސްމާޢިލް ޢަބްދުއްރަޙީމް ޓެރަރިޒަމްގެ ދަޢުވާ އުފުލި ނަމަވެސް ދޫކޮށްލީ،" ކަމަށާއި، "ޕްރޮސެކިއުޓާރ ޖެނެރަލް އިސްތިޢުނާފު ކުރަން ދެކޮޅު ހެއްދެވީ،" ކަމަށާއި "ދެން އިނާމެއްގެ ގޮތުގައި ރައީސް މުޢިއްޒު ދެއްވީ ޢަބްދުއްރަޙީމަށް ސިޔާސީ މަޤާމެއް،" ކަމަށް ޝަހިންދާ ވިދާޅުވިއެވެ.
މިފަދަ ނިންމުންތަކަކީ "ޔަޤީނުން ވެސް ވަޞީލަތްތައް ނެތުމާ ގުޅުން ހުރި ނިންމުންތަކެއް ކަމަކަށް ނުފެނޭ" އޭނާ އިތުރަށް ވިދާޅުވިއެވެ.
ޕީޖީ އޮފީހުން އިސްތިޢުނާފު ކުރަން ނުވަތަ ދަޢުވާ ކުރަން ދެކޮޅު ހެދި ސީރިއަސް މައްސަލަތަކުގެ ލިސްޓެއް އެސޯސިއޭޝަން ފޯ ޑިމޮކްރަސީ އިން ދަ މޯލްޑިވްސް (އޭޑީއެމް) އިން ވަނީ އެކުލަވާފައެވެ.
އިލެކްޓްރޯނިކް މޮނިޓަރިންގް ނިޒާމު
މުއްދަތެއް ނެތް ގޮތަށް ބަންދުކުރުމުގެ ބަދަލުގައި ޚިޔާރުކުރެވޭން އޮތް މަގެއްކަމަށް ގިނަ ފަރާތްތަކުން ބުނަނީ އިލެކްޓްރޯނިކް މޮނިޓަރިންގްގެ ނިޒާމެވެ. ޕީޖީ އޮފީހުން ވަނީ ފައިގައި އަޅުވާ އިލެކްޓްރޯނިކް ޓްރެކިންގް ޑިވައިސްތައް އަޅުވާފައި، ކޯޓުން ކަނޑައަޅާ ޝަރުޠުތަކެއްގެ ދަށުން ވާނުވާގައި ތިބި މީހުން ދޫކުރާން މަސައްކަތް ފަށާނެކަމަށް މެއި މަހު އިޢުލާން ކޮށްފައެވެ. ފުލުހުންނާއި ކަރެކްޝަންސް އިން ޢާންމުންގެ ސަލާމަތަށް ހުރި ނުރައްކާތައް ވަޒަންކޮށް، ވަކި ވަކި މީހުން މޮނީޓަރކުރުމުގެ ހަމަތައް ކަނޑައަޅާނެ ކަމަށްވެސް އޭރު ޕީޖީ އޮފީހުން ބުންޏެވެ.
ކުރީގެ ޕޮލިސް ކޮމިޝަނަރ މުޙައްމަދު ޙަމީދު ވިދާޅުވީ ވަކި ސަރަޙައްދެއްގެ ތެރޭގައި މެނުވީ ދަތުރުކޮށް ނޫޅެވޭ ގޮތަށް، ޖޮއޯފެންސް ކުރުމަކީ ދިވެހިރާއްޖޭގައި ބޭނުންކުރާން ފެށިދާނެ ޙައްލެއް ކަމަށެވެ.
"ޝަރީޢަތުގެ މަރުޙަލާގައިވާ ހައި ޕްރޮފައިލް ކުށްވެރިން މެނޭޖުކުރާން ފުރައިގެން ފިލައިގެން ނުދެވޭނެކަން ޔަޤީންކޮށް، އެއްވެސް ހެކިވެރިއަކާ މުޢާމަލާތް ނުކުރެވޭނެކަން ޔަޤީންކޮށް، އެއްވެސް ފަނޑިޔާރަކަށް ހުރަސް ނާޅާކަން ޔަޤީންކުރެވިދާނެ،" އޭނާ އިތުރަށް ފާހަގަކުރެއްވިއެވެ.
އެކަމަކު އެއީ ގިނަ ވަޞީލަތް ބޭނުންވާ، ބޮޑެތި ޚަރަދުތަކެއް ހިނގުން އެކަށީގެންވާ ކަމެއްކަން ފާހަގަކުރައްވާ، މުޙައްމަދު ޙަމީދު ވިދާޅުވީ، "ނިޒާމުގެ ބަލިކަށިކަން ހުރި މިންވަރަށް ބަލާއިރު، އަޅުގަނޑަށް ހީވަނީ އަދިވެސް މިއީ ހިންގަން އުނދަގޫ ކަމަކަށް ވެދާނެ ކަމެއް،" ކަމަށެވެ.
ޝާހިންދާގެ ވިސްނުން ހުރީ އުންމީދީ ނަޒަރެއްގައެއް ނޫނެވެ.
"އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އެއީ ބޭނުންތެރި ކަމެއް ކަމަށް ވެދާނެ. އެކަމަކު ކަމުގެ ވަށައިގެން ހުރި ބައެއް ކަންކަމާމެދު ކަންބޮޑުވޭ" ކަމަށާއި މޮނިޓަރިންގް ޓެގް އަޅުވާފައި ތިބޭ މީހުންގެ ކަރާމަތަށް އުނިކަން ލިބޭ ކަމަށާއި، އެފަދަ ޓެގެއް އެޅުވީމާ އަދި ދަޢުވާ ޘާބިތު ނުވިޔަސް، އެމީހަކީ ކުށްވެރިއެއްކަމުގައި ދެކެވޭން ފަށާ ކަމަށް ޝަހިންދާ ވިދާޅުވިއެވެ.
މީގެ އިތުރުން ޝަހިންދާ ވިދާޅުވީ އިލެކްޓްރޯނިކް ޓެގް އެޅުވުމަކީ ޝަރީޢަތް ލަސްވުމުގެ އަސާސީ މައްސަލައަށް އޮތް ޙައްލެއް ނޫންކަަމަށާއި، "ޙައްލުކުރަންޖެހޭ އަޞްލު މައްސަލައަކީ އިންޞާފު ލަސްވުން،" ކަމަށެވެ.
މިއާއެކު ސަލާމަތާއި ރައްކާތެރިކަމުގެ ނަޒަރުންވެސް ޝަހިންދާ ކަންބޮޑުވުން ފައުޅުކުރެއްވިއެވެ."ޝަރީޢަތުގެ ކުރިން ބަންދުގައި ތިބޭ ބައެއް މީހުންނަކީ ބޮޑެތި ކުށްތަކެއް ކުރި ކަމަށް ތުހުމަތު ކުރެވޭ އަދި ދައުލަތުގެ ބެލުމުގެ ދަށުން ދޫކޮށްލައިފިނަމަ ގެއްލުމެއް ދީފާނޭ ބާވަތުގެ މީހުން. އެފަދަ މީހުން ދޫކޮށްލުމުން އިތުރު މަރުގެ ޙާދިސާތައް ހިންގުމުގެ ބިރު އެބަ އޮތް،" އޭނާ ވިދާޅުވިއެވެ.
ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވީ މުރާޖަޢާ ކުރުމަށްފަހު ވާނުވާގައި ތިބި މީހުން ދޫކޮށްލުމަކީ ބުނާހާ ފަސޭހައިން ކުރެވޭން އޮތް ކަމެއް ނޫންކަމަށެވެ. މިސާލެއްގެ ގޮތުން އޭނާ ފާހަގަކުރެއްވީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހެއްގެ މައްސަލައެވެ. އެފަދަ މީހަކު ދޫކޮށްލެވިދާނެ ކަމަށް މުރާޖަޢާއިން ކަނޑައެޅި ނަމަވެސް "އެމީހަކީ އެހެން ގިނަ މައްސަލަތަކުގައިޝާމިލުވާކަމަށް ތުހުމަތުކުރެވޭ، މުޖުތަމަޢަށް ނުރައްކާވެދާނެ މީހެއްނަމަ، އެ ކަމަށް ފުލުހުންގެ ރިވިޢުގެ ތެރޭގައި ރިޢާޔަތް ކުރާނެ،" ކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.
އިލެކްޓްރޯނިކް މޮނިޓަރިން ސިސްޓަމްގެ ތެރެއަށް ފައްތާން މުރާޖަޢާކުރި 103 ޝައްކު ކުރެވޭ މީހުންގެ ތެރެއިން ނޮވެމްބަރު މަހުގެ ނިޔަލަށް ޓެގު އަޅުވާފައި ދޫކޮށްލީ އެންމެ 10 މީހުންނެވެ.
އިންސާނީ އަގު
ވާނުވާގެ އަސަރު ބަންދުކޮށްފައިވާ މީހުންނަށް ނޫނަސް، ފިސާރި ވަރުގަދައަށް ފޯރައެވެ؛ ޢާއިލާތަކުގެ އާމްދަނީގެ ރޮނގު ބަންދުވެ ދެއެވެ. ކުދިން ބޮޑުވަނީ މައިންބަފައިން ނެތިއެވެ. އާޚިރުގައި މައްސަލަތައް ނިމޭއިރު، ޘާބިތު ނުވި ނަމަވެސް، ބަދަލެއް ނުލިބެއެވެ. އަލުން މުޖުތަމަޢާ ގުޅުވައިދޭނެ ޕްރޮގްރާމެއް ނެތެވެ.
"ރާއްޖޭގައި އެފަދަ ނިޒާމެއް ޤާއިމުކޮށްފައެއް ނެތް. ބަދަލު ދޭނެ ގޮތެއް އެބައޮތް އެކަމަކު އެކަމުގައި މާބޮޑު ކަމެއް ނުކުރެވޭ، އެހެންވީމަ މިކަންކަން ކުރިއަކަށް ނުދޭ،" އެމްއެޗްއާރުޑީޑަބްލިއުގެ ޗެއާމަން އިސްމާޢީލް ރަޝީދު ވިދާޅުވިއެވެ. "އެންމެ ފަހުގެ ޚަބަރުތަކުގައި ވެސް 3،000 މީހުންނަށް ޖަލެއް އެޅުމުގެ ވާހަކަ ދެކެވެނީ. މި މީހުންގެ ޢަދަދު މަދުކުރެވޭނެ ގޮތަކާ މެދު އެއްވެސް ސަރުކާރަކުން ނުވިސްނާ،" އޭނާ ނުރުހުން ފައުޅުކުރިއެވެ.
ޝަހިންދާ ފާހަގަކުރެއްވި ގޮތުގައި ވާނުވާއަކީ ހަމައެކަނި ޝަރީޢަތް ފަށާންދެން މީހުން ބައިތިއްބާ ޙާލަތެއް ނޫނެވެ. "އެއީ މަރުގެ ޙުކުމްގައި ތިބި މީހުންނަށް ވެސް ތަޖުރިބާ ކުރާ ކަމެއް،" ކަމަށާއި "އެމީހުންނަށް އެނގޭ ކޯޓުން މަރުގެ ޙުކުމް އިއްވާފައިވާ ކަން، ނަމަވެސް އެޙުކުމް ތަންފީޛުކުރާނެ ތޯ، ކޮން އިރަކުތޯ، ތަންފީޛުކުރުން އޮތީ ރަސްމީގޮތުން ހުއްޓައިލާފަތޯ ސާފެއް ނޫން،" ކަމަށާއި، މިޙާލަތު އަނިޔާއަށް ފުދޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި މިފަދަ ޙާލަތްތަކުގައި ބަންދުކޮށްފައި ތިބި ބިދޭސީ މަސައްކަތްތެރިންގެ ޙާލަށް އަލިއަޅުއްވާލައްވާ ޝަހިންދާ ވިދާޅުވީ އެީ "ރާއްޖޭގައި އެންމެ ބާކީވެފައިވާ މީހުން،" ކަމަށާއި "ގިނަ ފަހަރަށް އެމީހުންގެ ފަރާތުން ވަކާލާތުކުރާނެ މީހަކު ނެތް" ކަމަށެވެ.
ބަންދުގައި ހުރުމުގެ ޖިސްމާނީ ޞިއްޙަތުވެސް ފަސާދަވެދެއެވެ. ނިމިދިޔަ ސަރުކާރުގައި ޕްރިޒަންސް އޮޑިޓް ކޮމިޝަނުން އެކުލެވި ރިޕޯޓެއްގައި ޖަލާއި ބަންދުގެ ޙާލަތާ ގުޅުވައި އިޞްލާޙް ކުރުމަށް 180 އަށް ވުރެ ގިނަ ލަފާ ދީފައިވެއެވެ.
"އެ ލަފާތަކުގެ ތެރެއިން އެއް ޕަސެންޓް ވެސް ތަންފީޛު ކުރެވިފައިވާކަމެއް އެނގޭކަށް ނެތް،" ޝަހިންދާ ވިދާޅުވިއެވެ.
ޙައްލަކީ ކޮބާ؟
އެމްއެޗްއާރުޑީޑަބްލިއު އިން ހުށަހަޅަނީ ސާދާ ޙައްލެކެވެ؛ ޝަރީޢަތްތައް އަވަސް ކުރުމެވެ. އަދި އެކަމަށް ބޭނުންވާ މުވައްޒަފުން އިތުރަށް ނެގުމެވެ.
"ހެކި ގެއްލިގެން ދަނީ ލަސްވީމާ، ހެއްކަށް ނުފޫޒުވެސް ފޯރުވަނީ. މައްސަލަތައް ދިގުލާދަނީ. ބައެއް މައްސަލަ ސަރުކާރުގެ ދައުރެއް ހުސްވާއިރުވެސް ނުނިމޭ- ދެން ކޮންމެ ގޮތެއްވިޔަސް މިދޫކޮށްލަނީ،" އިސްމާޢީލް ރަޝީދު ވިދާޅުވިއެވެ.
"ހެކި ހުރި ނަމަ އަވަހަށް ކުށް ޘާބިތުވާންވީ ނޫންތޯ؟ ވަރަށް ސީރިއަސް ކަމެއް ނަމަ ހައްޔަރު ކުރަނީ އެހެންވެ. އެހެންވީމަ އަވަހަށް ކުށް ޘާބިތު ކުރެވޭތޯ ބަލަން،" އިސްމާޢީލް ރަޝީދު ވިދާޅުވި އެވެ. "މީހެއްގެ މައްޗަށް ކުށް ޘާބިތު ކުރުމަށް ދައުލަތުގެ ޤާބިލުކަން ނެތުމަކީ އެމީހެއްގެ އިންސާނީ ކަރާމާތަށް އަރައިގަންނަން ޖެހޭ ސަބަބެއް ނޫން." އޭނާ ނުރުހުމާއެކު އިތުރަށް ވިދާޅުވިއެވެ.
ކުރީގެ ޕޮލިސް ކޮމިޝަނަރު މުޙައްމަދު ޙަމީދު ގޮވާލެއްވީ "ޖިނާޢީ ޢަދުލުގެ ނިޒާމު މުރާޖަޢާ" ކުރުމަށެވެ. އެގޮތުން ދަޢުވާ އާއި ތަޙްޤީޤުގެ ފެންވަރާއި ފަންވަރު މޮނިޓަރ ކުރުމަށެވެ. އޭނާ ދެކެވަޑައިންނަވާ ގޮތުގައި ވާނުވާ އުފަންވަނީ ހަމައެކަނި ޝަރީޢަތުގެ ލަސްވުންތަކާއި މައްސަލަތަކަކުން ނޫނެވެ. އެއީ ޖުމުލަގޮތެއްގައި މުޅި ޖިޏާޢީ ޢަދުލުގެ ނިޒާމުގެ މައްސަލައެކެވެ.
ޝަހިންދާ ޢިޝާރާތް ކުރެއްވީ ޖިނާޢީ އިޖުރާޢަތުގެ ކޯޑަށެވެ: "ސިވިލް، ފެމިލީ، އަދި ޑްރަގް ކޯޓު ހިމެނޭ ގޮތަށް ހުރިހާ ކޯޓުތަކެއްގައި - ތަޙްޤީޤަށާއި އެހެނިހެން ޝަރުޢީ މަރުޙަލާތަކަށް އެކަށީގެންވާ މުއްދަތުތަކެއް، މުހުލަތުތަކެއް ޤާނޫނުތަކުގައި ކަނޑައަޅާފައިވޭތޯ؟ އަޅުގަނޑަކަށް ހިއެއް ނުވޭ، އަދި މި ޕްރޮސެސްތައް ކަނޑައަޅަން ޖެހޭ ކަމަށް އަޅުގަނޑަށް ފެނޭ." އޭނާ ވިދާޅުވިއެވެ.
އަދި މިއަށްވުރެ އަސާސީ ގޮތުން ޝަރުޢީ ދާއިރާ އެކަށީގެންވާގޮތުގައި ޖަވާބުދާރީކޮށް، ބެލޭނެ ނިޒާމެއް ބޭނުންވާ ކަންވެސް އެނާ ފާހަގަކުރެއްވިއެވެ. "ކޯޓުތަކުގައި ދުވަހަކުވެސް ނިމުމެއް ނެތް ބެކްލޮގެއް އޮތީ ކީއްވެގެން؟ ޝެޑިއުލް އަޑުއެހުންތައް އެންމެ ފަހު ވަގުތު ކެންސަލް ކުރުން އެހާ ޢާންމީ ކީއްވެގެން؟ ތަޙްޤީޤު ނުވަތަ ދަޢުވާ ލަސްވަނީ ކީއްވެ؟ މިސުވާލުތަކުގެ ޖަވާބު، ހެކީގެ އަލީގައި ހޯދުމަކީ ޙައްލުގެ ފެށުމަށް ވެދާނެ،" ޝަހިންދާ އިތުރަށް ވިދާޅުވިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރ ޢަލީ އިޙްސާން ވަނީ ރައީސް މުޢިއްޒުގެ ވާހަކަފުޅުތަކަށް ތާޢީދުދެއްވާފައެވެ. އެގޮތުން ޖިނާޢީ ޢަދުލުގެ ނިޒާމު ރަނގަޅަށް ހިންގުމަށް އެޅިފައިވާ މައިގަނޑު ހުރަހަކީ އެކަށީގެންވާ ވަޞީލަތާއި ޢިމާރާތް ނެތުންކަމަށް ވިދާޅުވިއެވެ. ހުޅުމާލޭ ކޯޓު ކޮމްޕްލެކްސް ހުޅުވި ފަހުން "ކޯޓުތަކުގެ ތެރެއިން ވަރަށް އޮމާންކޮށް، ވަރަށް ބާރަށް ކުރިއަށްދޭ،" މިނިސްޓަރ ވިދާޅުވިއެވެ.
ކުރިއަށް ދޮޅު އަހަރުގެ ތެރޭގައި ބެކްލޮގް ސާފުކުރެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ސަރުކާރަށް އަންގާފައިވާ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.
"އެހެންވީމާ މާތްالله ގެ އިރާދަފުޅާއެކު މި ދައުރުގައި ވާނުވާ ކިޔާ މި މައްސަލަ ޙައްލުކުރާނަން،" އޭނާ ވިދާޅުވިއެވެ.

