ޔާމިން ރަޝީދުގެ މައްސަލައަށް 9 އަހަރު ވީއިރު، އިންޞާފުގެ ކޮޅުމަތިވެސް ނުފެނޭ

ރިޔާސީ ކޮމިޝަންގެ ހޯދުންތަކާއި ތަޙްޤީޤު ރިޕޯޓުތައް ޢާންމުކުރައްވާނެ ކަމަށް ރައީސް މުޢިއްޒު ވަޢުދުވެވަޑައިގެންނެވި ނަމަވެސް ހިލަމެއް ނެތް.

ކުރެހުމާއި ޑިޒައިން: ޑޮސެއިން

ކުރެހުމާއި ޑިޒައިން: ޑޮސެއިން

24 އޭޕްރިލް
އިންސާނީ ޙައްޤުތަކަށް މަސައްކަތް ކުރެއްވި އަދި މި ނޫހުގެ ކޮލަމިސްޓް ޔާމިން ރަޝީދު އަނިޔާވެރި ގޮތުގައި، އޭނާގެ ގޭގެ ސިޑިގޮޅީގައި ވަޅިޖަހައި މަރާލުމަށް މިއަދަށް 9 އަހަރު ވޭތިވީއެވެ. އޭނާއަށް އެ ޙަމަލާ އަމާޒުވީ  އެތައް އަހަރެއް ވާންދެން ދީނީ ހަރުކަށި ފިކުރުގެ މީހުންގެ ފަރާތުން އިންޒާރު ލިބުމަށް ފަހުގައެވެ.
މިޤަތުލުގެ މައްސަލައިގައި ކުށް ޘާބިތުވެ، ކްރިމިނަލް ކޯޓުން ޙުކުމް އިއްވާފައިވާ ދެ މީހެއްގެ އިސްތިޢުނާފު ކާމިޔާބުވެ، މިނިވަންވީ ވޭތިވެދިޔަ އަހަރުގައެވެ. މިއާއެކު، ޔާމިން ރަޝީދުގެ މަރާއި، އެހެނިހެން ގޮތްނޭނގޭ މަރުތައް ތަޙްޤީޤުކުރާން އެކުލެވި ރިޔާސީ ކޮމިޝަންގެ ހޯދުންތަކާއި ތަޙްޤީޤު ރިޕޯޓު ފުރިހަމައަށް ހާމަކުރުމަށް ޔާމިން ރަޝީދުގެ ޢާއިލާއިން ގެންދަނީ ރައީސް ޑރ މުޙައްމަދު މުޢިއްޒަށް ގޮވައިލަމުންނެވެ. 
ޔާމިން ރަޝީދުގެ މައްސަލައިގައި ތަކުރާރުކޮށް އެކި ސަރުކާރުތަކުން ޢަމަލުކުރަމުންދާ ގޮތުގެ މައްޗަށް އެސޯސިއޭޝަން ފޮރ ޑިމޮކްރަސީ އިން ދަ މޯލްޑިވްސް (އޭޑީއެމް)އިން ވަނީ ފާޑުކިޔާފައެވެ. އެ ޖަމްޢިއްޔާގެ މުއައްސިސުންނަކީ ޔާމިން ރަޝީދާއި، ގަދަކަމުން ގެއްލުވައިލާފައިވާ މިނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުاللهގެ ޢާއިލާ މެންބަރުންނެވެ. 
އޭޑީއެމް އިން ޢާންމުކުރި ނޫސްބަޔާނުގައި ބުނަނީ ރިޔާސީ ކޮމިޝަންގެ މަސައްކަތް ނިންމައި ދެ އަހަރަށްވުރެ ގިނަ ދުވަސް ވޭތިވެފައިވާއިރު، އެކޮމިޝަންގެ ހޯދުންތަކާއި ތަޙްޤީޤީ ރިޕޯޓު ޢާންމުކުރުން ފަސްވެ، ލަސްވަމުންދާތީ ނުހަނު ކަންބޮޑުވާ ކަމަށާއި، އެއްވެސް މަޢުލޫމާތެއް ސިއްރުކޮށް ނުވަތަ ނުހިފަހައްޓާނެ ކަމަށް ބަންޑާރަ ނާއިބް ދެއްވި ޔަޤީންކަމުގެ ނަތީޖާ ނުފެންނަ ކަމަށެވެ. އެހެންކަމުން، ޔާމިން ރަޝީދުގެ ޢާއިލާއާއެކު، އޭޑީއެމް އިންވެސް ގޮވައިލަނީ ކޮމިޝަންގެ ހޯދުންތަކާއި ތަޙްޤީޤު ރިޕޯޓު އުނިކުރުމެއް ނެތި، ހާމަކުރުމަށެވެ. 
ރައީސް ޢަބްދުالله ޔާމިންގެ ވެރިކަމުގައި ނޫސްވެރިޔާ ރިޟްވާން ގެއްލުވައިލުމާއި، ޔާމިން ރަޝީދު މަރައިލުންފަދަ މަރުތައް ތަޙްޤީޤުކުރާން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ރިޔާސީ ކޮމިޝަން އުފެއްދެވީ 2018 ގައެވެ. އެ ކޮމިޝަން އުވައިލެއްވީ ރައީސް މުޢިއްޒެވެ. އެކޮމިޝަނުން ބަލަމުންދިޔަ ކޭސްތައް ޙަވާލުކުރީ ފުލުހުންނާއެވެ. 
އެކަމާމެދު ކަންބޮޑުވުން ފައުޅުކޮށް، އޭޑީއެމް އިން ބުނީ ކޮމިޝަން އެކުލަވަންޖެހުނީ ފުލުހުންނާމެދު އިތުބާރު ނެތުމާއި، ފުލުހުންގެ އިހުމާލު މިމައްސަލަތަލުގައި ހިމެނޭކަމުގެ ޝައްކު ޢާންމުންގެ ތެރޭގައި އުފެދިފައިވާތީކަން ފާހަގަކުރާ ކަމަށެވެ. އަދާއި ހަމައަށްވެސް، ޔާމިން ރަޝީދުގެ މައްސަލައިގެ ތަޙްޤީޤާ ބެހޭ އަދާއިހަމަ ފުލުހުންގެ ފަރާތުން ޙިއްސާކޮށްފައި ނުވާކަމަށްވެސް އޭޑީއެމްއިން ބުނެފައި ވެއެވެ. 
މިމައްސަލައިގައި ކުށް ޘާބިތުވެފައިވަނީ އިސްމާޢިލް ހައިޝަމް ރަޝީދާއި، އަޙްމަދު ޒިހާން އިސްމާޢިލެވެ. ހައިކޯޓުންވަނީ އެދެމީހުންގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލި ދައުވާތައް އަލުން ބަލާން އަންގާފައެވެ. 
އަލުން އެމައްސަލައިގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި ފެށީ ފެބްރުއަރީ 16، 2026 ގައެވެ. 
ހައިކޯޓުންވަނީ މުޙައްމަދު ދިފްރާން އަދި އިސްމާޢިލް ރަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ޙުކުމް ބާޠިލުވެސް ކޮށްފައެވެ. އަޑުއެހުން ޔޫޓިއުބް އިން ލައިވް ކުރިއެވެ. ފެބްރުއަރީ 26 އަށް ތާވަލުކުރި އަޑުއެހުން ވީ ކެންސަލެވެ. އިތުރު އަޑުއެހުމެއް ތާވަލެއް ނުކުރެއެވެ.
ޔާމިން ރަޝީދުގެ ދައްތަ ޢާއިޝާ ރަޝީދު މި ނޫހާ ވާހަކަދައްކަވަމުން ވިދާޅުވީ ފެބްރުއަރީ 2026 އިއްސުރެ މައްސަލައިގެ އަޑުއެހުމެއް ކުރިއަށް ގެންގޮސްފައި ނެތަސް، އުންމީދަކީ އިންޞާފު ލިބުން ކަަމަށާއި، ”ޤަބޫލު ކުރާ ހިތް އޮތީ، މައްސަލަ ރަނގަޅަށް ގެންގޮސް ނިންމާނެ ކަމަށް،“ ކަމަށެވެ. އަދި މިވޭތިވެދިޔަ މުއްދަތުގައި ޔާމިން ރަޝީދުގެ ވިސްނުމާއި އޭނާ ދިފާޢުކުރަމުންދިޔަ ހަމަތަކާއި އަގުތަކަކީ ކޮބައިކަން މީހުންނަށް އޮޅުންފިލާ މިންވަރު އިތުރުވެފައިވާ ކަމަށާއި، އެކަމުގެ ސަބަބުން އޭނާގެ މައްޗަށް ޙަމްދަރުދީ އުފެދުން އިތުރުވެފައިވާ ކަމަށްވެސް ޢާއިޝާ ވިދާޅުވިއެވެ. ޢާއިޝާ އިތުރަށް ބުނަނީ ދުނިޔެއިން ދުވަހެއް ވޭތިވަމުން ވަމުންގޮސް، މީހުންގެ ހަނދާނުން މިކަންކަން ފޭދިގެން ދާ ކަމަށެވެ. 

އަނެއްކާވެސް ކްރިމިނަލް ކޯޓަށް

ޔާމިން ރަޝީދުގެ މަރުގެ މައްސަލައިގައި ފުރަތަމަ ދައުވާ އުފުލީ އިސްމާއިލް ހައިޝަން ރަޝީދު، އަޙްމަދު ޒިހާން އިސްމާޢިލް، މުޙައްމަދު ދިފްރާން، ޙަސަން ޝިފާޒް، އިސްމާޢިލް ރަޝީދު އަދި ޙުސެއިން ޒިޔާދުގެ މައްޗަށެވެ. ކްރިމިނަލް ކޯޓުން ހައިޝަން އަދި ޒިހާންގެ މައްޗަށް ޢުމުރު ދުވަހުގެ ޖަލު ޙުކުމަކާއި، 1.3 މިލިޔަން ރުފިޔާ މަރުގެ ދިޔައިގެ ގޮތުގައި ދައްކާން ޙުކުމްކުރީ ޖަނަވަރީ 19، 2022 ގަައެވެ. އެހެން އެއްވެސް މީހެއްގެ މައްޗަށް ކުށް ޘާބިތެއް ނުވިއެވެ. 
ރިޔާސީ ކޮމިޝަން އުވައިލިއިރު، އެކޮމިޝަންގެ ހޯދުންތަކާއި ތަޙްޤީޤު ރިޕޯޓުތައް ޢާންމުކުރައްވާނެ ކަމަށް ރައީސް މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ ކަމަށް އޭޑީއެމްއިން ފާހަގަކޮށްފައިވާ އިރު، ޓްރާންސްޕޭރަންސީ މޯލްޑިވްސް، އިންޓަނޭޝަނަލް ފެޑެރޭޝަން ފޮރ ހިއުމަން ރައިޓްސް އަދި ރިޕޯޓާސް ވިތައުޓް ބޯޑާޒް އިންވެސްވަނީ ރިޔާސީ ކޮމިޝަން އުވާލާއިރު، ހޯދުންތަކާއި ތަޙްޤީޤު ރިޕޯޓުތައް ޢާންމުކުރާން ގޮވައިލިއެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ވެސް މިކަމަށް ބާރު އަޅާން އެ ޖަމްޢިއްޔާތަކުން އެދިފައި ވެއެވެ.
ބަންޑާރަ ނާއިބް އަޙްމަދު އުޝާމް ނުރަސްމީގޮތެއްގައި މަދަނީ މުޖުތަމަޢުގެ ބައިވެރިން ގާތު ވިދާޅުވެފައިވަނީ ރިޔާސީ ކޮމިޝަންގެ ހޯދުންތަކާއި ތަޙްޤީޤީ ރިޕޯޓު ޢާންމުކުރާން ޙަވާލުވެފައިވަނީ އޭނާއަށް ކަމަށެވެ. އދ ގެ އިންސާނީ ޙައްޤުތަކާބެހޭ ފޯރަމްތަކާއި އެކި މުނާސަބަތުތަކުގައިވެސް އޭނާ ވިދާޅުވެފައިވަނީ ރިޔާސީ ކޮމިޝަންގެ ހޯދުންތަކާއި ތަޙްޤީޤު ރިޕޯޓުތައް ސިއްރުކޮށްފައި ބާއްވާން ސަރުކާރުން ޤަސްދުނުކުރާ ކަމަށެވެ. 
ހައިކޯޓުގައި ހައިޝަމާއި ޒިހާންގެ ފަރާތުން މައްސަލަ އިސްތިޢުނާފު ކުރުމާއެކު، ޙުކުމް ބާޠިލުކުރީ ޑިސެންބަރު 31، 2025 ގައެވެ. 
ޔާމިން ރަޝީދުގެ މައްސަލަ ހިނގާދިޔަ ގޮތުގެ ޓައިމްލައިން މިލިންކުން ކިޔުއްވޭނެއެވެ. 
ތިރީގައި އެވަނީ ޔާމިން ރަޝީދު މިނޫހަށް ލިޔުއްވި އާޓިކަލްތަކެވެ: 

މިނިވަން ނޫސްވެރިކަމަށް އެހީތެރިވެދެއްވާ

ބިރެއްނެތި ޚަބަރު ގެނެސްދިނުމަށް އެހީތެރިވެދެއްވާ

އެއްފަހަރު ދެއްވާ

ނުވަތަ
މެމްބަރަކަށް ވެލައްވާމަހަކު $5 އިން ފެށިގެން