"ތިޔައީ އަޅުގަނޑުގެ ސަލާމަތްތެރިޔާ" ކުރީގެ ރައީސް ޑރ ވަޙީދު ޖެފްރީ އެޕްސްޓީނަށް

ކުޑަކުދިންނަށް ޖިންސީ އަނިޔާ ދިނުމުގެ ކުށުގައި ބެދުނު ފަހުންވެސް ޑރ ވަޙީދު ގެންދެވީ އެޕްސްޓީންގެ ލަފާ ހޯއްދަވަމުންނެވެ.

ކުރެހުމާއި ޑިޒައިން: ޑޮސެއިން

ކުރެހުމާއި ޑިޒައިން: ޑޮސެއިން

އެމެރިކާގެ ކޮންގްރެސްގެ އޯވާރސައިޓް ކޮމިޓީން އަލަށް ޢާންމުކުރި ލިޔެކިޔުންތަކުން ހާމަވެފައިވަނީ ކުރީގެ ރައީސް ޑރ މުޙައްމަދު ވަޙީދު ހަސަން މަނިކާއި ކުޑަކުދިންނަށް ޖިންސީ އަނިޔާ ދިނުމާއި، ޖިންސީ ބޭނުމަށް ކުޑަކުދިން ޓްރެފިކުކުރި ބިލިޔަނަރު ޖެފްރީ އެޕްސްޓީންއާ ދެމެދު ގާތް ގުޅުންތަކެއް އޮތް ކަމެވެ. އޭގެ ތެރޭގައި އެކީގައި ފަރީއްކުޅުއްވުމާއި، ކެމްޕޭނަށް އިސްތިރާޖީ ލަފާ ހޯއްދެމާއި، އެތައް ބިލިޔަން ޑޮލަރެއްގެ އިންވެސްޓްމަންޓް ޑީލުތަކާ ގުޅޭގޮތުން ލަފާ ހޯއްދެވުން ހިމެނެއެވެ.
ޑރ ވަޙީދުގެ ރަސްމީ އީމެއިލުތައް ހިމެނޭ މި ފައިލްތަކުން ދައްކާ ގޮތުގައި އެޕްސްޓީނަށް އޭރުގެ ރައީސް ވަޙީދު، 2012 ގެ ސެޕްޓެންބަރުގައި ނިއު ޔޯރކްގައި އޮންނަ އދ ގެ ޖެނެރަލް އެސެމްބްލީއަށް ކުރެއްވި ދަތުރުފުޅުުގެ ތަފްޞީލީ ތާވަލު އޮތީ ފޮނުވާފައެވެ. 2013 ގެ ކުރީކޮޅާ ހަމައަށްވެސް ދެ މީހުންގެ ދެމެދު ގާތް ގުޅުންތަކެއް އޮތްކަން ހާމަވެއެވެ.
"ޝުކުރިއްޔާއެވެ. ތިޔައީ އަޅުގަނޑުގެ ސަލާމަތްތެރިޔާއެވެ. އަހަރެން ކަން ކުރާނީ ހަމަ ތިޔަ ވިދާޅުވި ގޮތަށް،" ވޯޓުގެ ފުރަތަމަ ބުރުގައި އެންމެ 5 އިންސައްތަ ލިބި، ލަދުވެތި ބައްޔަކުން ބަލިވެވަޑައިގަތުމުގެ މަސް ދުވަސްކުރިން 2013 ގައި އެޕްސްޓީނަށް ފޮނުއްވި އީމެއިލްގައި ޑރ ވަޙީދު ލިޔުއްވާފައިވެއެވެ.
"ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މަސްލަޙަތުތައް" ކުރިއަރުވާން ޑރ. ވަޙީދުގެ ތަޖުރިބާ ބޭނުންކުރާން ކަމަށް ވިދާޅުވެ، މިއަހަރުގެ މެއި މަހުގެ ފަހުކޮޅު ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މަންދޫބެއްގެ ގޮތުގައި ޑރ ވަޙީދު ޢައްޔަން ކުރައްވާފައި ވެއެވެ.
ކަންމިހެން ހުރިއިރު، ޢުމުރުން 18 އަހަރު ނުފުރޭ އަންހެން ކުއްޖަކުގެ ކިބައިން ޖިންސީ އެދުން ފުއްދާން އެދުނުކަމުގެ މައްސަލައިގައި 2012 ވީއިރު، އެޕްސްޓީނަށް ޙުކުމް ކުރިތާ 4 އަހަރު ވޭތިވެއްޖެއެވެ. އެޙުކުމްގައި އޭނާ ހޭދަކުރީ 13 މަސް ދުވަހެވެ. އިތުރު ދަޢުވާތަކުން ސަލާމަތްވާން އެޕްސްޓީން އޮތީ ދައުލަތާއެކު އިޢުތިރާފުގެ (ޕްލީ ބާގެއިން) އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިއީ ނޫސްތަކާއި، ޢާންމުންގެ މެދުގައި އެނގި، ފައުޅުވެފައިވާ ވާހަކައެކެވެ.
ޑރ ވަޙީދު އެޕްސްޓީނާ ޚަވާއްޞަ ވެގެން އުޅުއްވިއިރު، އެޕްސްޓީންގެ ޝިކާރައަކަށް ވެފައިވާ ގިނަ ބަޔަކު މަދަނީ ދަޢުވާތަކެއް ކޯޓުތައް މެދުވެރިކޮށް އުފުލާފައިވެއެވެ. 2013 ވަނަ އަހަރު ޑރ ވަޙީދު ވަނީ ކެމްޕޭން ސްޓްރެޓެޖީ އަދި މާލީ ބޮޑެތި ނިންމުންތަކާ ބެހޭ ގޮތުން އެޕްސްޓީންގެ ލަފާ ހޯއްދަވާފަ އެވެ.
ދިވެހިރާއްޖޭގެ ކުރީގެ ރައީސަކާ އެޕްސްޓީނާ ގާތް ގުޅުންތަކެއް ވާ ކަމާއި، މުޢާމަލާތް ކޮށްފައިވާކަން އެންމެ ފުރަތަމަ ހާމަވީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ލީކުވި އީމެއިލް ތަކަކުންނެވެ. އެޕްސްޓީނާ އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު ޔަހޫދު ބަރަކްއާ ދެމެދު ބަދަލުކޮށްފައިވާ މި އީމެއިލްތަކުގައި ދިވެހިރާއްޖޭގެ ކުރީގެ ރައީސަކާ އެޕްސްޓީނާ ބައްދަލުކުރުމެއް ތާވަލުކުރި ކަމަށް ޢިޝާރާތް ކުރެއެވެ. އެދެކެވެނީ ޑރ ވަޙީދުގެ ވާހަކަކަމަށް ގިނަ ބަޔަކު އޭރުވެސް ޝައްކު ކުރި ގޮތަކީ، އީމެއިލްތަކުގެ ދުވަސްވަރު ޑރ ވަޙީދު ނިއު ޔޯރކްގައި ހުންނެވުމެވެ. އަދި ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމާއި މުޙައްމަދު ނަޝީދު އެހެން ޤައުމުތަކުގެ އެދުވަސްވަރު ތިއްބެވުމެވެ.

އދ.ގެ ދަތުރުފުޅާއި ކެމްޕޭން ލަފާދިނުން

ޑރ ވަޙީދު ހަފްތާއެއްހާ ދުވަހުގެ މުއްދަތަށް ނިއު ޔޯރކަށް ވަޑައިގެންނެވި ފުރަމާނަ ދަތުރުފުޅުގެ ރަސްމީ ތާވަލުގައި ވާގޮތުން ސެޕްޓެމްބަރު 23، 2012 ވާ އާދީއްތަ ދުވަހުގެ ހަވީރު އެކަށައަޅާފައިވަނީ "ޕްރައިވެޓް ޑިނަރ އިވެންޓް - ޖެފްރީ އެޕްސްޓީން" އަށެވެ. ޑރ ވަޙީދު ހެލްމްސްލީ ހޮޓަލުން މިފަރިއްކޮޅަށް ވަޑައިގަތުމަށް ނުކުމެވަޑައިންނަވާން އޮތީ ރޭގަނޑު 8:00 ގަ އެވެ. ފަރިއްކޮޅުގެ ވަގުތުކަމުގައި ތާވަލުކޮށްފައި އޮތީ 10:30 ވާންދެނެވެ. 
މިރަސްމީ ތާވަލުގައި އދގެ ސެކްރެޓަރީ ޖެނެރަލް ބަންކީ މޫން އާ ބައްދަލުކުރެއްވުމާއި، ވޯލްޑޯފް އެސްޓޯރިޔާގައި ރައީސް ބަރަކް އޮބާމާ ދެއްވާ ރިސެޕްޝަނަށް ވަޑައިގަތުމާއި، ދޭދޭ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާ ބައްދަލުކުރެއްވުންފަދަ މުހިންމު ކަންކަން ހިމަނާފައިވެއެވެ. ހަމަ އެމޭރުމުން ރަސްމީކަމެއް ގޮތުގައި އެޕްސްޓީންއާ ބައްދަލުކުރުންވެސް ހިމަނާފައި އޮތީއެވެ.
ތާވަލުގައި، ޑރ ވަޙީދުގެ އަނބިކަނބަލުން އިލްހާމް ޙުސެއިންގެ އިވެންޓްތައް ވެސް ހިމަނާފައިވެ އެވެ. އެޕްސްޓީންގެ ފަރިއްކޮޅުގައި އަނބިކަނބަލުން ބައިވެރިވެވަޑައިގަތް ކަމަށް ލިސްޓުކޮށްފައެއް ނެތެވެ. ނިއު ޔޯރކްއަށް ކުރެއްވި މި ދަތުރުގައި އެ ދެމަފިރިން ތިބީ 42 ވަނަ މަގުގައި (ފޯރޓީ ސެކަންޑް ސްޓްރީޓް ގައި) ހުންނަ ހެލްމްސްލީ ހޮޓަލުގަ އެވެ.
ޖެނުއަރީ 2013 އިން ފެށިގެން ބަދަލުކޮށްފައިވާ އީމެއިލް ތަކުން އެނގެނީ، ޑރ ވަޙީދުގެ ކެމްޕޭން ޓީމު އެކުލެވުމުގައި އެޕްސްޓީންގެ ކިބައިން އިރުޝާދު ހޯދާފައިވާ ކަމެވެ. އެޕްސްޓީންއާ ވަޙީދާ ހުރި ގާތްކަމާއި، އެޕްސްޓީންއާ ޕޮލިޓިކަލް ކޮންސަލްޓަންޓުންނާއި ކޮމިއުނިކޭޝަންސް އެޑްވައިޒަރުންގެ ނެޓްވޯރކްތަކާ ހުރި ގުޅުންތައްވެސް މި މުޢާމަލާތްތަކުން ސާފުވެއެވެ.
އެއް އީމެއިލެއްގައި ޑރ ވަޙީދު ލިޔުއްވައެވެ؛ "ކެމްޕޭނު ޓީމު އެކުލެވެން ފަށައިފި. ޖިމް އާއެކު މަޝްވަރާތައް ކުރިއަށް އެބަ ގެންދަނީ، އަދި ސްކައިޕް މެދުވެރިކޮށް އޭނާއާ ސީދާ ބައްދަލުކޮށް، މާދަމާ މަޝްވަރާ ކުރެވޭނެ،" އެވެ. އިނިގިރޭސިވިލާތުގެ ގާޑިއަން ނޫހުން "ކުރީގެ ނެގެޓިވް" ބައެއް ކަންކަން އައުކޮށްކޮށްފައި ފެންމަތިކުރާކަމުގެ ޝަކުވާވެސް ޑރ ވަޙީދު އެޕްސްޓީން ގާތު ކުރައްވައެވެ.
މި އީމެއިލްގެ އެއް ދުވަސް ކުރިން ދަ ގާޑިއަން އިން ވަނީ ދީނީ ޢިލްމުވެރިޔާ ޑރ އަފްރާޝީމް ޢަލީ އަވާހަރަކޮށްލުމާއި، ދިވެހިރާއްޖޭގައި ދީނީ ހަރުކަށި ފިކުރު އިތުރުވަމުންދާ މައްސަލައާ ގުޅޭ ލިޔުމެއް ޝާޢިއުކޮށްފައެވެ. ލިޔުންތެރިޔާ ޖޭސަން ބާކްގެ މިތަޙްލީލީ ލިޔުމުގައި ބުނަނީ 2012 ގެ ފެބްރުއަރީ މަހު ޑރ ވަޙީދު ވެރިކަމަށް ވަޑައިގަތީ "އިސްލާމިސްޓުން ތާޢީދުކުރާ ބަޣާވާތެއް" މެދުވެރިކޮށް ކަމަށެވެ.
އޭގެ ފަހުން ޑރ ވަޙީދުގެ ސަރުކާރަށް ފާޑުކިޔާ ކިތަންމެ ލިޔުމެއް ޢާންމުވިއެވެ. ޑިސެމްބަރު 19، 2012 ގައި ޝާޢިޢުކުރި ލިޔުމެއްގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތައް ހިންގާފައިވާ ކަމާއި، "ބައިނަލްއަޤްވާމީގޮތުން ދެކޭގޮތް" ބަދަލުކުރާން ޑރ ވަޙީދު ގެންދަވަނީ މަސައްކަތްކުރައްވަމުން ކަމަށް ތުހުމަތު ކުރައްވާފައެވެ. އެ ލިޔުމުގައި އިތުރަށް ބުނެފައިވަނީ ޑރ ވަޙީދު ވެރިކަމާ ޙަވާލުވެވަޑައިގަތީ ޑިމޮކްރެޓިކް އުޞޫލުން ދިވެހިރާއްޖޭގައި އިންތިޚާބުކުރި ފުރަތަމަ ރައީސް މުޙައްމަދު ނަޝީދަށް ފުލުހުން މެދުވެރިކޮށް، މަޖުބޫރުކޮށްގެން ކަމަށެވެ.
މިމަގުން ޚަބަރުތަކާއި ލިޔުންތައް ޝާޢިޢުކުރަމުންދާތީ ބައިނަލްއަޤްވާމީ ޚަބަރުފަތުރާ ވަޞީލަތްތަކުގައި ކަވަރޭޖު ރަނގަޅުކުރާން ޑރ ވަޙީދު އެޕްސްޓީންގެ އެހީ ހޯއްދަވަނީކަމަށް ފެނެއެވެ.
އެޕްސްޓީން ޑރ ވަޙީދަށް ލިޔުނު ޖަވާބުގައި ވަނީ "ސްވިޑެންގައި ހުންނަ އަހަރެންގެ ރަޙްމަތްތެރިޔާ" ލީސާ ސްވެންސަން ޑރ ވަޙީދުގެ ކެމްޕޭނާއި ކޮމިއުނިކޭޝަންސް "ޓީމު އިންތިޒާމުކުރުމަށް ބަރާބަރު ވާނެ ކަމަށާއި އޭނާ އަކީ ޑިޕްލޮމެޓިކް ތަޖުރިބާކާރެއް ކަމަށެވެ.
ސްވެންސަން ވަނީ 2012 އިން 2015 އަށް ސްވިޑެންގެ އެމްބެސެޑަރ ފޯ އޯޝަން، ސީސް އެންޑް ފްރެޝް ވޯޓާގެ މަޤާާމު އަދާކުރައްވާފައެވެ. އޭގެފަހުން، އދގެ ތިމާވެއްޓާބެހޭ ޕްރޮގްރާމްގެ ޑައިރެކްޓަރ އޮފް މެރިން ބްރާންޗްގެ މަޤާމު އަދާކުރެއްވިއެވެ. 2020 ގައި "ނޯވޭ ޓުޑޭ" އިން ކުރި ތަޙްޤީޤަކުން އެނގުނީ ކަނޑުތަކާބެހޭ ކޮންފަރަންސްތަކާ ގުޅޭގޮތުން ސްވެންސަންއާ އެޕްސްޓީން މުޢާމަލާތް ކުރިކަމަށް، އޭނާ ގީލެއިން މެކްސްވެލްއަށް ފޮނުވި އީމެއިލްތަކަކުން އެނގޭ ކަމަށެވެ. ސްވެންސަންގެ ފަރާތުން މިކަމާ ގުޅޭގޮތުން ބުނެފައިވަނީ އދގެ މަޤާމުގައި ހުންނެވިއިރު "އެއްވެސް ކޮންފަރެންސަކަށް ނުވަތަ ބައްދަލުވުމަކަށް މިސް މެކްސްވެލްއަށް ދަޢުވަތު ނުދެއްވާ" ކަމަށެވެ.
ގީލެއިން މެކްސްވެލްއަކީ ޖިންސީ ހާނިއްކަކުރާން ޅަ ކުދިން އެޕްސްޓީނަށް ހޯދައިދިން، އަދި އެއަނިޔާ ދިނުމުގައި ބައިވެރިވި، އެޕްސްޓީންގެ ޙަޔާތުގެ ބައިވެރިޔާއެވެ.
މިއާއެކު، މީގެ ކުރިންވެސް ޑރ ވަޙީދުު ވަނީ އެޕްސްޓީން ގެޔަށް ޒިޔާރަތް ކުރައްވާފައިވާ ކަމަށް އެލިޔެކިޔުންތަކުން ދައްކަ އެވެ. އެއް އީމެއިލްގައި ޑރ ވަޙީދު ލިޔުއްވައެވެ: "އަޅުގަނޑު ސުލްޠާން އާއެކު ތިޔަ ގެޔަށް ދިޔައިރު ޖަގްގްލޭންޑާ ބައްދަލުވި ހަނދާން އެބަހުރި" އެވެ. އެޢިޝާރާތް ކުރައްވަނީ ނޯވޭގެ ސިޔާސީ ބޭފުޅެއް ކަމަށްވާ ތޯރބްޖޯން ޖަގްލެންޑާއި އެމިރޭޓްގެ ވިޔަފާރިވެރިޔާ ސުލްޠާން އަޙްމަދު ބިން ސުލައިމް ކަމަށް ބެލެވެއެވެ.
ނޯވޭގެ ކުރީގެ ބޮޑުވަޒީރު ޖަގްލެންޑް 2009 އިން 2019 އަށް ކައުންސިލް އޮފް ޔޫރަޕްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމު އަދާކުރެއްވިއިރު، މި ދުވަސްވަރު އޭނާ ނޮބެލް ކޮމިޓީގެ ޗެއާރޕާސަން ކަން ވެސް ކުރައްވާފައެވެ. ޖަގްލަންޑަކީ ޔޫރަޕްގެ އިންސާނީ ޙައްޤުތަކާ ބެހޭ ދާއިރާގައި ނަންހިނގާ ބޭފުޅެކެވެ.
ސުލައިމް އަކީ ދުނިޔޭގެ އެންމެ ބޮޑު ބަނދަރު ހިންގާ އެއް ކުންފުނި ކަމަށްވާ ދުބާއީ ޕޯޓްސް ވޯލްޑް (ޑީޕީ ވޯލްޑް)ގެ ސީއީއޯ އަދި ދުބާއީގެ އެންމެ ފާހަގަކޮށްލެވޭ އެއް ވިޔަފާރިވެރިޔާ އެވެ. ޖެބެލް އަލީ ފްރީ ޒޯން ހިމެނޭ ގޮތަށް ދުބާއީގެ ބޮޑެތި ޑިވެލޮޕްމަންޓްތަކުގެ ފަހަތުގައި އޭނާ ހުންނެވި އިރު، ޕާމް އައިލެންޑްސް ފަދަ މަޝްރޫޢުތަކުގައި ނަޚީލް އާ އެކު މަސައްކަތް ކުރެއްވިއެވެ. ޑރ ވަޙީދުގެ ފަހުން ވެރިކަމަށް ވަޑައިގެންނެވި ރައީސް ޢަބްދުﷲ ޔާމީން ވަނީ 2014 ވަނަ އަހަރު ތިލަފުށީގައި ބަނދަރެއް ތަރައްގީ ކުރުމަށް ޑީޕީ ވޯލްޑާ އެކު އެއްބަސްވުމެއް ހަދާފައެވެ. ނަމަވެސް އާޚިރުގައި އެ ޖޮއިންޓް ވެންޗަރ ވިޔަފާރި ނުކުރާން ސަރުކާރުން ނިންމީއެވެ.

އިންވެސްޓުކުރުމުގެ ޕްރޮޕޯޒަލް

2013 ގެ ޖެނުއަރީ މަހުގެ ފަހުކޮޅު ޑރ ވަޙީދުވަނީ އޭނާގެ ފިނޭންސް މިނިސްޓަރު ޢަބްދުالله ޖިހާދުގެ ފަރާތުން ހުށަހެޅި ޝައްކު ކުރެވޭ މާލީ ހުށަހެޅުމަކާ ގުޅޭގޮތުން އެޕްސްޓީންގެ ލަފާ ހޯއްދަވާފަ އެވެ. ޖިހާދު ހުށަހެޅުއްވީ 4 ބިލިޔަން ޔޫސް ޑޮލަރު ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކަށް ޖަމާކުރުމަށެވެ. ޕްރޮމިސަރީ ނޯޓް ދޭން އެއްބަސްވާނަމަ، އެފައިސާ އިން ބައެއް ރާއްޖެއަށް ލޯނުގެ ގޮތުގައި ދިނުމަށެވެ.
ޖެނުއަރީ 27، 2013 ގައި އެޕްސްޓީނަށް ލިޔުއްވަމުން ޑރ ވަޙީދު ވަނީ އެ ހުށަހެޅުމާމެދު ބޮޑެތި ފުން ކަންބޮޑުވުންތަކެއް ހުރިކަން ހާމަކުރައްވާފައެވެ: "އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވޭ މިކަމާ ގުޅޭ މަޢުލޫމާތު އެކަށީގެންވާ ވަރަށް އަޅުގަނޑަށް ލިބިފައިވާ ކަމަކަށް. އަޅުގަނޑަކަށް ނޭނގެ މި ފަންޑުގެ މެނޭޖަރަކީ ކާކު ކަމެއް. އެމީހުން އަބަދުވެސް ބޭނުންވަނީ ފިނޭންސް މިނިސްޓަރު ބެންކޮކުގައި ނުވަތަ ބޭރުގެ ކޮންމެވެސް ތަނެއްގައި ބައްދަލުކުރަން. ރާއްޖޭގައި އެކަށީގެންވާ ކްރެޑިޓް ރޭޓިންގގެއް ނެތްއިރު އަދި ދައުލަތުގެ ދަރަނި އެހާ ބޮޑު އިރު،  މިހާ ބޮޑު ޢަދަދެއް ޑިޕޮސިޓް ކުރަން ބޭނުންވާންވީ ކީއްވެ. މިކަމާ މެދު ވަރަށް ހިތް ނުތަނަވަސް."
ޑރ ވަޙީދު އިތުރަށް ވިދާޅުވީ ފިނޭންސް މިނިސްޓަރާއި "އިއްތިޙާދުގެ ޕާލަމެންޓްރީ ގްރޫޕްގެ އިސް ސިޔާސީ ލީޑަރެއް" ކަމަށްވާ "އަޅުގަނޑުގެ ވާދަވެރިއެއް" ވެސް މިހުށަހެޅުމަށް ތާޢީދުކޮށް، ޕްރޮމޯޓް ކުރައްވަމުން ގެންދަވާ ކަމަށެވެ. "މިއީ ހަމަޖެހޭ ކަމެއްކަމަށް ތި ބޭފުޅާއަށް ފެނޭތަ؟ މުޅި ކަންތަކާމެދު އަޅުގަނޑުގެ ހިތެއް ހަމައެއް ނުޖެހޭ،" ޑރ ވަޙީދު އެޕްސްޓީނަށް ލިޔުއްވައެވެ.
އެ ޢިޝާރާތްކުރާ ޕާލިމެންޓްރީ ގްރޫޕްގެ އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރަކީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއަށް ނިސްބަތްވެވަޑައިންނަވާ އަދި 2023 ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ރައީސް ޢަބްދުﷲ ޔާމީނެވެ. ރައީސް ޔާމީންގެ ތިން ވަނަ ނައިބު ރައީސް އެއްގެ ގޮތުގައި، އެމަޤާމަށް ޖިހާދު ޢައްޔަންކުރެއްވީ 2016 އިގެ ޖޫން މަހު އެވެ.
އެޕްސްޓީންގެ ޖަވާބު ސާފު ސީދަލެވެ. އެޕްސްޓީން ކިޔައިދިން ގޮތުގައި އެއީ އެޑްވާންސް ފީ ފްރޯޑް ސްކީމެކެވެ. "އެޑްވާންސް ފީ ފްރޯޑްގެ ހުރިހާ އޮޕަރޭޝަނެއްގެ މައިގަނޑަކީ ވަޢުދުވި ފައިސާ ދުވަހަކު ޓްރާންސްފާރ އެއް ނުކުރާނެ – އެއީ ނެތް ފައިސާއެއް ކަމަށްވާތީ" އެޕްސްޓީން ތަފްޞީލު ކޮށްދެއެވެ.
އެޕްސްޓީން ޑރ ވަޙީދަށް ނަޞޭޙަތްތެރިވީ "ތިޔަކަމާ ދުރުގައި ހުންނާށެ" އެވެ. ނަމަވެސް ޑރ ވަޙީދުގެ ވާދަވެރިޔާ ޔާމިން ލަދުގަންނަވާލަން ބޭނުންނަމަ އެކަން ހިންގާ ގޮތްދެއްކި ދާނެއެވެ. އެޕްސްޓީން ލަފާދެއްވީ ޔާމިން ލައްވާ ކަމާބެހޭ ތަފްޞީލީ މެމޯއެއް ހުށަހެޅުވުމަށެވެ. އޭރުން މި ހުށަހެޅުމަކީ ފްރޯޑެއްކަމަށް ސީދާ ކަނޑައެޅި، ބަޔާންވެ، ފަޅާ އަރާ ދުވަހު ދައްކާނެ ހެކި ހުންނާނެ ކަމަށް އެޕްސްޓީން ލިޔުނެވެ.
މިހިނގާ 2025 ގެ ދައުލަތުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރި 162 މިލިއަން އެމެރިކާ ޑޮލަރުގެ ތެރެއިން ހޯދުނީ ހަމައެކަނި 6.5 މިލިއަން އެމެރިކާ ޑޮލަރެވެ.އެހެންވީމާ މެއި މަހުގެ 26 ވަނަ ދުވަހު ރައީސް މުއިއްޒު ވަނީ ޑިޕްލޮމެޓިކ ގުޅުންތައް ހަރުދަނާކުރުމުގެ މުހިންމު މުޝީރެއްގެ ގޮތުގައި ޑރ ވަޙީދު ޢައްޔަން ކުރައްވާފަ އެވެ.
ޑރ ވަޙީދުގެ ބަހެއް ހޯދުމަށް މޯލްޑިވްސް އިންޑިޕެންޑެންޓުން ގުޅީމެވެ. އަދި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ޚަލީލާ ގުޅުމުންވެސް ޖަވާބެއް ނުދެއްވައެވެ.
ތިރީގައި އެވަނީ ޑރ ވަޙީދާ އެޕްސްޓީނާ ކުރި އީމެއިލް މުޢާމަލާތްތަކުގެ ތަރުޖަމާއެވެ.
ފޮނުވި ފަރާތް: ޖެފްރީ އެޕްސްޓީން
ތާރީޚް: ޖެނުއަރީ 9، 2013، 18:03
ލިބުނު ފަރާތް: މުޙައްމަދު ވަޙީދު ޙަސަން
އެއީ ކިހިނެއް ބައްޓަން ވަމުން އަންނަ ކަމެއް ހެއްޔެވެ؟ އެންމެ ބޮޑެތި ހުރަސްތަކަކީ ކޮބައިތޯއެވެ.
*
ފޮނުވި ފަރާތް: މުޙައްމަދު ވަޙީދު ޙަސަން މަނިކު
ތާރީޚް: ޖެނުއަރީ 10، 2013، 11:00
ލިބުނު ފަރާތް: ޖެފްރީ އެޕްސްޓީން
ހާއި،
ކެމްޕެއިން ޓީމް އެކުލެވެން ފަށައިފި އެވެ. އަޅުގަނޑުމެން ޖިމްއާ އެކު މަޝްވަރާތައް ކުރިއަށް ގެންދާއިރު މާދަމާ ސްކައިޕް މެދުވެރިކޮށް ސީދާ ބައްދަލުކޮށް، މަޝްވަރާ ކުރެވޭނެއެވެ. އަޅުގަނޑުމެން އޭނާއަށް މިތަނުގެ ޙާލަތު ކިޔައިދޭނަމެވެ. ބޭނުންތެރި ލަފާ އޭނާއަށް ފޯރުކޮށްދެވޭނެ މަގަށް ކަންފަހި ކުރުމަށެވެ. މިހާރުވެސް އޭނާ ނުހަނު ބޭނުންތެރި ބައެއް ލަފާ ފޮނުއްވާފައިވެއެވެ. އެ ލަފާފުޅުތަކުގެ މައްޗަށް އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުންނެވެ.
ކެމްޕޭންގެ އެކި ކަންކަމުގައި އިސްކޮށް ތިބެން ރަނގަޅު މީހުން ހޯދުމަކީ މިތަނުގައި އުނދަގޫ ކަމެއް ނަމަވެސް އަޅުގަނޑުމެންނަށް ދާދި އަވަހަށް ޓީމު އެކުލެވޭނެއެވެ.
ބައިނަލްއަޤްވާމީ ގޮތުން ހިންގާންޖެހޭ ކޮމިއުނިކޭޝަންގެ ރޮނގުގައި އަދިވެސް އަޅުގަނޑުމެން ބަލިކަށިކަމުން، އިއަން އާއި ރޯރީގެ އިތުރު އެހީތެރިކަމެއް ބޭނުން ވާނެއެވެ. އިނގިރޭސިވިލާތުގެ ގާޑިއަން ނޫހުގައި މުސްކުޅި ބައެއް ކުރީގެ ބައެއް ނެގެޓިވް ވާހަކަތަތައް އައު ކޮށްކޮށްފައި ދަނީ ޝާޢިއުކުރަމުންނެވެ. އެކަމަކު ބައިނަލްއަޤްވާމީ ގިނަ މީޑިއާތަކުން މިވަގުތު ދިވެހިރާއްޖެއަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ.
އަޅުގަނޑު ރޯރީ ގާތުން އެދިފައި ވާނީ އަޅުގަނޑުމެންނާއެކު މަސައްކަތް ކުރުމަށް، ގާތްގަނޑަކަށް އަހަރެއްހާ ދުވަހު މިތަނުގައި މަޑުކޮށްގެން ހުރެވޭނެ، ފުލް ޓައިމް ކޮމިއުނިކޭޝަންސް ކުއްޖެއް ހޯދުމަށް އެހީތެރިވެ ދިނުމަށެވެ. ކޮންމެހެން ތަޖުރިބާކާރަކަށް ވާކަށް ނުޖެހެއެވެ. ރަނގަޅު ގްރެޖުއޭޓް ދަރިވަރަކުން ފަރުޖެއްސޭނެއެވެ. ހިނގަމުންދާ ޙަޤީޤީ ޕޮޒިޓިވް ކަންކަން ދުނިޔެއަށް އަންގާން ބޭނުންވެއެވެ.
ވޯލްޑް އެނާޖީ ފޯރަމް އާއި ސީޖީއައި މީހުން އައިސް އެބަތިއްބެވެ. ކްލިންޓަންގެ މީހުންނާ އިސާހިތަކުން އަޅުގަނޑު އެބަ ބައްދަލު ކުރަމެވެ.
އަޅުގަނޑުގެ އަތުގައި މިހާރު ކޮންމެވެސް ވަރަކަށް ފައިސާ އެބަހުއްޓެވެ. ނަމަވެސް ފަހުން ކަންކަން ފުރިހަމައަށް ހިނގަން ފެށުމުން އިތުރަށް ފައިސާ ހޯދުމަށް އެހީތެރިވުމަށް ހުރިހާ ރައްޓެހިން ގާތުން އެދޭނަމެވެ. މިހާރު އިންތިޚާބު ބާއްވަން ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ ކުރީކޮޅުގައެވެ.
އުންމީދު ކުރަނީ ހުރިހާ ކަމެއް ރަނގަޅުވާނެ ކަމަށެވެ. އަދި މާ ދުރު ނޫން މުސްތަޤްބަލެއްގައި މިތަނުން ބައްދަލުވާނެ ކަމަށް އުންމީދު ކުރަމެވެ.
ނުހަނު ހެޔޮއެދުން،
ވަޙީދު.
*
ފޮނުވި ފަރާތް: މުޙައްމަދު ވަޙީދު ޙަސަން
ތާރީޚް: ޖެނުއަރީ 17، 2013، 15:26
ލިބުނު ފަރާތް: ޖެފްރީ އެޕްސްޓީން
ހާއި،
ލީސާ އަޅުގަނޑުމެން ގާތަށް އާދެވިއްޖީވިއްޔާ ވަރަށް ރަނގަޅުވާނެއެވެ. އަޅުގަނޑުމެން އިންތިޒާމު ވުމަށް އެހީތެރިވެދޭނެ ރަނގަޅު މީހެއްގެ ގޮތުގައި އޭނާ ހީވެއެވެ.
އިންޓާރނޭޝަނަލް ރިނިއުބަލް އެނާޖީ އެޖެންސީގެ ނައިބު ރައީސް ކަމަށް ދިވެހިރާއްޖެ އިންތިޚާބު ވެއްޖެއެވެ. އަޅުގަނޑުމެންނަކީ ވެސް އދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލްގެ ނައިބު ރައީސެވެ. ބައިނަލްއަޤްވާމީ ގޮތުން މިއަހަރު އަޅުގަނޑުމެންނަށް ލިބުނު ގޯސް ކަވަރޭޖާ އަޅާކިޔާއިރު، މާކަށް ގޯހެއް ނޫނެވެ.
ހެޔޮއެދުންތައް،ވަހީދު
ފޮނުވީ އައިޕެޑްއިން
*
ފޮނުވި ފަރާތް: ޖެފްރީ އެޕްސްޓީން
ތާރީޚް: ޖެނުއަރީ 17، 2013، 19:01
ލިބުނު ފަރާތް: މުޙައްމަދު ވަޙީދު ޙަސަން
ސްވިޑެންގައި ހުންނަ އަހަރެންގެ ރަޙްމަތްތެރިޔާ ލީސާ ސްވެންސަން ތިބޭފުޅާގެ ކެމްޕޭނާއި ކޮމިއުނިކޭޝަންސް ޓީމު އިންތިޒާމުކުރުމަށް އެންމެ ބަރާބަރު ވާނެއެވެ. އަދި އޭނާ އަކީ ޑިޕްލޮމެޓިކް ތަޖުރިބާ ހުރި، ސްވީޑެންގެ އެމްބެސެޑަރ ފޮރ ދަ އޯޝަންސްގެ މަޤާމުގައި މިހާރު ހުރި މީހާއެވެ.
*
ފޮނުވި ފަރާތް: ޖެފްރީ އެޕްސްޓީން
ތާރީޚް: ޖެނުއަރީ 18، 2013، 2:40
ލިބުނު ފަރާތް: މުޙައްމަދު ވަޙީދު ޙަސަން
މައުޟޫޢު: ރި [RE]
އަދި  ދަންނަަމެވެ. ތޯރބްޖޯން ޖަގްލެންޑަކީ ބޮޑު ރައްޓެއްސެކެވެ.
*
ފޮނުވި ފަރާތް: މުޙައްމަދު ވަޙީދު ޙަސަން
ތާރީޚް: ޖެނުއަރީ 18، 2013، 5:27
ލިބުނު ފަރާތް: ޖެފްރީ އެޕްސްޓީން
އަޅުގަނޑު ސުލްޠާން އާއެކު ތިޔަ ގެޔަށް ދިޔައިރު ޖަގްގްލޭންޑާ ބައްދަލުވި ހަނދާން އެބަހުއްޓެވެ.
ފޮނުވި ވިންޑޯޒް މެއިލް އިން
*
ފޮނުވި ފަރާތް: ޖެފްރީ އެޕްސްޓީން
ތާރީޚް: ޖެނުއަރީ 18، 2013، 18:06
ލިބުނު ފަރާތް: މުޙައްމަދު ވަޙީދު ޙަސަން
ކައުންސިލް އޮފް ޔޫރޮޕްގެ ޗެއަރމަން ކަމުން، އޭނާއަކީ މިސްޓަރ ހިއުމަން ރައިޓްސް އެވެ. އޭނާއަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ނަމަ، އެހީތެރިވާނެކަން އަޅުގަނޑަށް ޔަޤީނެވެ.
*
ފޮނުވި ފަރާތް: މުޙައްމަދު ވަޙީދު ޙަސަން
ތާރީޚް: ޖެނުއަރީ 27، 2013، 3:49:54
ލިބުނު ފަރާތް: ޖެފްރީ އެޕްސްޓީން
މައުޟޫޢު: ރި [RE]
މުހިންމުކަން: ނުހަނު
ޖެފްރީއެވެ.
ތިޔަ ބޭފުޅާގެ ލަފަޔަށް ޖެހިއްޖެއެވެ.
އަޅުގަނޑުގެ ފިނޭންސް މިނިސްޓަރު އެބަ ބުނެއެވެ. ދިވެހިރާއްޖެއަށް 4 ބިލިއަން ޑޮލަރު ޖަމާކުރަން ތައްޔާރަށް ހުރި، ނަން ހާމަކުރާން ބޭނުންނުވާ ފަންޑް މެނޭޖަރެއް އެބަހުއްޓެވެ. ދިވެހި ސަރުކާރުގެ ޕްރޮމިސަރީ ނޯޓުގެ ބަދަލުގައި އެފައިސާއިން ވަކި އިންސައްތައެއް ލޯނުގެ ގޮތުގައި ދޭން ތައްޔާރަށް ހުރި ވާހަކައެވެ. އެ 4 ބިލިއަން ފައިސާ ޖަމާކުރާނީ މަރުކަޒީ ބޭންކަށެވެ. އެކަމަކު އެބޭފުޅުން ބޭނުންވަނީ އަޅުގަނޑުމެން ސްޕެޝަލް ޕާޕަސް ވެހިކަލެއް: ސަރުކާރުގެ ފުރިހަމަ މިލްކުވެރިކަމުގައިވާ ކޮންސްޓްރަކްޝަން ކުންފުންޏެއް ޤާއިމުކޮށްގެން އެލޯނު އެކުންފުނިން ބަލައިގަތުމަށެވެ. އެފަދަ ކުންފުންޏެއް އުފެއްދޭނީ ހަމައެކަނި ރިޔާސީ ޤަރާރެއްގެ ދަށުންނެވެ.
އަދި ލޯނަށް ދޫކުރާ ޢަދަދުގެ ވަކި އިންސައްތައެއް، ރާއްޖެއިން އަޕްފްރަންޓް ކޮށް، ފަންޑު މެނޭޖަރު ނަގާނެ ވާހަކަވެސް އަޅުގަނޑު ގާތުގައި އެބަ ބުނެއެވެ/
މިކަމާ ބެހޭ ގޮތުން އަޅުގަނޑަށް އެކަށީގެންވާ މަޢުލޫމާތު ލިބިފައިވާ ކަމަށް ޤަބޫލެއް ނުކުރެވެއެވެ. މި ފަންޑް މެނޭޖަރަކީ ކާކު ކަމެއް ނޭނގެއެވެ. އެމީހުން އަބަދުވެސް ބޭނުންވަނީ ފިނޭންސް މިނިސްޓަރު ބެންކޮކުގައި ނުވަތަ ބޭރުގެ ކޮންމެވެސް ތަނެއްގައި އެމީހުންނާ ބައްދަލުކުރުމަށެވެ. އަޅުގަނޑުމެންގެ ކްރެޑިޓް ރޭޓިންގއެއް ނެތްއިރު، ދައުލަތުގެ ދަރަނި އެހާ ބޮޑުވެފައި އޮތްއިރު، މިހާ ބޮޑު ޢަަދަދެއް މިތަނަށް ޖަމާކުރަން މީހަކު ބޭނުންވާނީ ކީއްވެގެން ހެއްޔެވެ؟ މިކަމާ އަޅުގަނޑު ނުހަނު ހިތް ނުތަނަވަސް ވެއެވެ.
އަޅުގަނޑު ހަދާންވީ ކިހިނަކުން ހެއްޔެވެ. އަޅުގަނޑު މިހިރީ ނުހަނު ނުތަނަވަސް ވެފައެވެ. ފިނޭންސް މިނިސްޓަރުގެ އިތުރުން އޭގެ ފަހަތުގައި ހުންނެވީ އިސް ސިޔާސީ ބޭފުޅެއް އަދި ކޯލިޝަން ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރެކެވެ. އޭނާއަކީ ރިޔާސީ ކެންޑިޑޭޓަކަށް ވާން އަޅުގަނޑާ ވާދަކުރުން އެންމެ ގާތް މީހާއެވެ.
މިކަމާމެދު ތިޔަ ބޭފުޅާއަށް ފެންނަނީ ކިހިނެއް ހެއްޔެވެ. މި މުޅި ކަމާ މެދު އަހަރެންގެ ހިތުގައިވަނީ ނުތަނަވަސްކަމެވެ.
ނުހަނު ހެޔޮ އެދުން،
ވަޙީދު
ފޮނުވީ އައިޕެޑް އިން
*
ފޮނުވި ފަރާތް: ޖެފްރީ އެޕްސްޓީން
ތާރީޚް: ޖެނުއަރީ 27، 2013
ލިބުނު ފަރާތް: މުޙައްމަދު ވަޙީދު ޙަސަން
މިއީ ފްރޯޑް ވެބްސައިޓެއްގެ ކަމެކެވެ. މިކަމާ އެއްގޮތަކަށް ނޫޅުނީމާ ތިޔަ ބޭފުޅާގެ މިނިސްޓަރ ހިތްހަމަނުޖެހޭނެއެވެ.  ބަލާލުމަކުން ގޯހެއް ނެތެއް ނޫން ހެއްޔެވެ. ގެއްލޭން އޮތީ ކޮން އެއްޗެއް ހެއްޔެވެ. މިއީ ފްރޯޑްއާބެހޭ ވެބްސައިޓުން ނަގާފައިވާ ލިޔުމެވެ -- އެޑްވާންސް ފީ ފްރޯޑްގެ ހުރިހާ އޮޕަރޭޝަނެއްގެ ވެސް މުހިންމު މައިގަނޑަކީ ވަޢުދުވާ ފައިސާ ދުވަހަކުވެސް ޖަމަޢެއް ނުކުރާނެއެވެ. އެގޮތީ އެއީ ނެތް ފައިސާއެކެވެ. މިކަން ހިންގާ ފަރާތްތަކުން ބަރޯސާވަނީ، ޝިކާރައަކަށްވާ މީހާއަށް ވާނުވާ ސާފުވާވަރު ވާއިރަކު، (ގިނަ ފަހަރަށް މުޢާމަލާތުގައި ޝައްކުކުރެވޭ ކަންކަން ހުރިކަން ފާހަގަވާ ކޮންމެވެސް ތިންވަނަ ފަރާތަކުން ބުނެދިނީމާ) ޝިކާރައަކަށްވާ މީހާގެ އަމިއްލަ ފައިސާގެ އެތައް ހާސް ޑޮލަރެއް، އަދި ބައެއް ފަހަރު ލޯނު ނަގާފައިވާ ނުވަތަ ވަގަށް ނަގާފައިވާ އެތައް ހާސް ނުވަތަ އެތައް މިލިއަން ޑޮލަރެއް، ވަޔަރ ޓްރާންސްފަރ ފަދަ ވަޞީލަތެއް މެދުވެރިކޮށް ސްކޭމަރުގެ ޓްރޭސް ނުކުރެވޭ އެކައުންޓަކަށް ފޮނުވާފައި ވާނެއެވެ. ތިޔަ ކަމާ ދުރުގައި ހުންނަވާށެވެ. ނަމަވެސް ވާދަވެރިޔާ ލަދުގަންނަވާލަން ބޭނުންނަމަ، މެމޯއެއް ފޮނުވަން ދަންނަވާށެވެ. މި ކަމައިގެން ކުރިއަށް ދާންވީ ސަބަބަކީ، ތަފްޞީލު ހިމަނާން ބުނާށެވެ. އޭރުން ފްރޯޑެއްކަމަށް އެނގި، ފައުޅުވެ، ޘާބިތުވާ ދުވަހު، ތިޔަ ބޭފުޅާގެ ވާދަވެރިޔާއަކީ މޮޔައެއްކަމަށް ފެންނާނެއެވެ. އަދި ފުރުޞަތެއް ނަގާލީކަމުގައެއް ނުވާނެއެވެ. ކޮންމެގޮތެއްގައި ނަމަވެސް، ތިޔަ ބޭފުޅާގެ ޙާލުކޮޅު ރަނގަޅުކަމަށްޓަކައި އުފާ ކުރަމެވެ.
ފޮނުވި ފަރާތް: މުޙައްމަދު ވަޙީދު ޙަސަން
ތާރީޚް: ޖެނުއަރީ 27، 2013، 4:33:18
ލިބުނު ފަރާތް: ޖެފްރީ އެޕްސްޓީން
މައުޟޫޢު: ރި [RE]
މުހިންމުކަން: ނުހަނު
ޝުކުރިއްޔާ އެވެ. ތީ އަހަރެންގެ ސަލާމަތްތެރިޔާއެވެ. އަޅުގަނޑު ކަންކުރާނީ ތިޔަ ވިދާޅުވި ގޮތަށެވެ.
ފޮނުވީ އައިޕެޑް އިން.

މިނިވަން ނޫސްވެރިކަމަށް އެހީތެރިވުމަށް ޑޮނޭޓް ކޮށްދެއްވާ