ސުވާލާއި ޖަވާބު މީކާއިލް ނަސީމާއެކު: 32 އަހަރުގެ ޒުވާން އެމްޕީ ވިދާޅުވަނީ ނިއުޓްރަލް ޗެއަރއަކަށް ވާނެކަމަށް
ފެކްޝަންތަކުގެ ވާހަކައާއި، ރ ނަޝީދު ހުށަހަޅުއްވާ ބޮޑު ބަދަލާއި، 2028 ގެ އިންތިޚާބުގެ ރާސްތާއާމެދު.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
30 އޭޕްރިލް
އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންގެ އިންތިޚާބު ބައްޓަންވަމުން އަންނަނީ 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓުގެ ވާދަވެރިކަމުގެ ބައެއްގެ ގޮތުގައެވެ. ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ކުރީގެ ޗެއަރޕާސަން އަދި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް އެވަނީ ދުސްތޫރީ އިސްލާޙުތަކެއް ވެރިކަމުގެ ނިޒާމާއި އިންތިޒާމުތަކަށް "ބޮޑު ބަދަލު"ގެ ނަމުގައި ހުށަހަޅުއްވާފައެވެ.
ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރުކަމަށް ދެ ދައުރަށް ހޮވިވަޑައިގެންނެވި ޢުމުރުން 32 އަހަރުގެ މީކައިލް އަޙްމަދު ނަސީމް ނުކުމެވަޑައިގެން އެހުންނެވީ ރައީސް ޞާލިޙާއި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ތާޢީދާ އެކުގައެވެ.
މޯލްޑިވްސް އިންޑިޕެންޑެންޓް އިން މީކާއީލްއާއެކު އިށީނދެ، އޭނާގެ ރެކޯޑާއި، ފެކްޝަންތަކުގެ ކޯޅުމާއި، ނަޝީދު-ފައްޔާޒުގެ ހުށަހެޅުންތަކާއި، އެމްޑީޕީއާމެދު ހުރި ތަޞައްވަރުގެ ވާހަކައިން ވާހަކަދައްކާލީމެވެ.
32 އަހަރުގައި، މީކާއީލް ހޮވިވަޑައިގެންފިނަމަ، އެންމެ ޢުމުރުން ހަގު ޗެއާރޕާސަނަކަށް ވާނެ. ތިޔަ ވާދަކުރައްވަނީ ޗެއަރޕާސަންކަން ކުރިންވެސް ކުރައްވާފައި ހުންނެވި، ކުރީގެ ރައީސަކާ. ކީއްވެތޯ މީކާއީލް މިމަޤާމަށް އެކަށޭނައީ އަދި 2028 ގެ އިންތިޚާބު ކާމިޔާބު ކުރައްވަން މީކާއިލް އަށް ދެއްވޭނެ އެހީތެރިކަމަކީ؟ ސިޔާސީ ބުރަދަނާއި، ތަޖުރިބާ ހުރި މީހަކަށް މެނުވީ މިމަސައްކަތް ނުކުރެއްވޭނެކަމަށް ދަޢުވާ ކުރާ ފަރާތްތަކަށް ދެއްވާން އޮތް ރައްދަކީ ކޮބާތޯ؟
އަޅުގަނޑު ޤަބޫލުކުރާގޮތުގައި، އަޅުގަނޑުގެ އެބަހުރި އެ ސިޔާސީ ތަޖުރިބާ. ސިޔާސީ ތަޖުރިބާއަކީ ޢުމުރާ ގުޅިފައިވާކަމެއް ކަމަކަށް އަޅުގަނޑެއް ޤަބޫލެއް ނުކުރަން. ރައްޔިތުންގެ މަޖިލީހުގައި ދެދައުރު ހޭދަކުރާ އިރު މީހާ ހުންނާނީ އެބުނާ "ކުޑަކުއްޖެއް" ނޫން މިންވަރަށް ހަރުވެފަކަން ރައްޔިތުން ޤަބޫލުކުރާނެ.
ދެވަނަ ކަމަކަށް، އަޅުގަނޑު ޤަބޫލުކުރަނީ، މި ރޭހުގައި، އަޅުގަނޑުގެ އެބަހުރިކަމަށް ވަރަށް އަސާސީ ސިފައެއް 2028 އެމްޑީޕީއަށް ކާމިޔާބު ކޮށްދިނުމަށް ޗެެއަރޕާސަނެއްގެ ގައިގައި ހުންނަންޖެހޭ. އެއީ މިޕާޓީ އެއްބައިވަންތަކޮށް، ޕާޓީ ޔުނިފައިކުރަން - އަޅުގަނޑަށް އެހީވެދޭނެ ސިފައެއް އެއީ ނިއުޓްރަލް ސްޓޭންޑެއްގައި ހުރުން.
މިއިންތިޚާބުގައި އަޅުގަނޑަށް ފާހަގަވޭ ވަރަށް ގިނަ މީހުން އަޅުގަނޑު ލޭބަލް ކުރަން މަސައްކަތް ކުރާ ކަން - ވަކި ފެކްޝަނެއްގެ މީހެއްގެ ގޮތުގައި. އެހެންނަމަވެސް އިއްޔެގެ ޕްރެސް ކޮންފަރަންސްއިން އެކަނިވެސް ވަރަށް ބޮޑަށް ސާފުވެގެންދާނެ ވަކި މީހަކަށް ތާޢީދުކުރާ މީހުންނެއްވެސް ނޫން އަޅުގަނޑަށް ތަޢީދުކުރަނީކީ. ވަރަށް ތަފާތު ފިކުރުގެ، ވަރަށް ތަފާތު ޢުމުރުގެ އަދި ރައްޔިތުންގެ މަޖިލީހުގައިވެސް ހިމެނޭ ވަރަށް ތަފާތު ސިޔާސީ ޝަޚްޞިއްޔަތުންނަށް ތާޢީދުކުރާ އެމްޕީ އިންވެސް އަޅުގަނޑުގެ ފަހަތުގައި އެބަ ތިއްބެވި.
ދެން ސުވާލަކީ ޕޮލިޓިކަލް ވެއިޓް. އަޅުގަނޑެއް ޤަބޫލެއް ނުކުރަން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ އައުޓްކަމް ޑިޕެންޑް ވަނީކީ އެއް ފަރުދެއްގެ މައްޗަށް ކަމަކަށް. އަޅުގަނޑު ޤަބޫލުކުރަނީ އެކަން ޑިޕެންޑްވަނީ އަޅުގަނޑުމެން ގުޅިގެން ކުރާ މަސައްކަތަކުން، އަޅުގަނޑުމެންގެ ޓީމުން، އެމްޑީޕީއިން ކުރާ މަސައްކަތަކަށް ކަން.
އެހެންވީމާ އެމްޑީޕީ އިންތިޒާމުކޮށް، ރާވައި، އަދި 2028 އާ ހަމައަށް ދާއިރު އެމްޑީޕީ ބައިބައިނުވެ ބާއްވަން - އެއީ ނިއުޓްރަލް ސްޓޭންޑެއްގައި ހުންނަ މީހެއް، އިންޞާފުވެރި ޕްރައިމެރީއެއް ހުރިހާ ކެންޑިޑޭޓުންގެ މެދުގައި ބާއްވަންވީ (ސަބަބަކީ). ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި އޮވެގެން މެނުވީ 2028 ކާމިޔާބެއް ނުކުރެވޭނެ.
މީކާއިލްގެ ފަހަތުގައި ގިނަ ދުވަހު މިމަސައްކަތުގައި އުޅުއްވި ބޭފުޅުންތަކެއްވެސް އެބަތިއްބެވި. ނަމަވެސް ވިދާޅުވަމުން ތިގެންދަނީ އާޖީލަކަށް، ޒުވާނުންނަށް ފުރުޞަތު ހޯއްދަވާން ބޭނުންފުޅު ވާހަކަ. މިދެކަންތަކުގައި އަރައިރުން ހުރިކަމަށް ދެކޭ މީހުން ގާތު ވިދާޅުވާނީ ކީކޭތޯ؟
އަޅުގަނޑު އަޞްލު ޤަބޫލެއް ނުކުރަން އެއީ އޭގެ ޒާތުގައި ކޮންޓްރަޑިކްޝަނެއް (ފުށުއެރުމެއް) ކަމަކަށް. އަޅުގަނޑުގެ ފަހަތުގައި ތިބީކީ ހަމައެކަނި ދުވަސްވީ ބޭފުޅުންނެއް ނޫން. އަދި ވަކި ޢުމުރެއްގެ ބައެއްވެސް ނޫން. ވަރަށް ތަފާތު ޢުމުރުފުރައިގެ ތަފާތު ބޭފުޅުން އަޅުގަނޑާ އެކީ އެބަ ތިއްބެވި. މީގެ ތެރޭގައި ހިމެނޭ މިވަގުތު ޔޫތު ވިންގްގެ ޑެޕިއުޓީ ލީޑަރު، ޔޫތު ވިންގް ލީޑަރު، ވިމެންސް ވިންގް ޑެޕިއުޓީ ލީޑަރެއް. އެހެންވީމާ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ބޮޑަށް މިހާރު ނަގާކިޔާ، އެމްޑީޕީގެ ޒުވާން ލީޑަރުންގެ ގޮތުގައި ބެލެވޭ ކިތަންމެ ބަޔަކު އަޅުގަނޑާ އެކު އެބަތިބި.
އެހެންވީމާ އަޅުގަނޑު ޤަބޫލުކުރަނީ އަޅުގަނޑަށް އޮތް އެޑްވާންޓޭޖެއް ކަމަށް ޙަޤީޤަތުގައި ވެޓަރަންސްވެސް އަޅުގަނޑާއެކު ތިބުން. އެ ކޮންފިޑެންސް އަޅުގަނޑާމެދު އޮތީމަ ކަމަށް އަޅުގަނޑު ޤަބޫލުކުރަނީ އެމީހުން އަޅުގަނޑަށް އިތުބާރު ކޮށް، އަދި އައު ޖީލަކަށް އެމްޑީޕީގެ ލީޑަރޝިޕް ފުރޮޅާލަދޭން އެބޭފުޅުންގެ އެހީވެސް އަޅުގަނޑަށް ލިބުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް.
ރައީސް ޞާލިޙްގެ އަރިހުގައި ހުންނަވާން ފެއްޓެވުމުގެ ކުރިން، މީކާއިލްއަކީ ރައީސް ނަޝީދުގެ އަރިހު ބޭފުޅެއް. ބަދަލުވީ ކީއްވެ؟ އަމިއްލަ މަޞްލަޙަތާއި އެދުމުގައި ކޮޅު ބަދަލުކުރެއްވީކަމަށް ތުހުމަތުކުރާ މީހުންނަށް ދެއްވާނެ ރައްދަކީ ކޮބައިތޯ؟
އާދެ. އަޅުގަނޑު ޙަޤީޤަތުގައި ނަޝީދު ފެކްޝަނާ އެލައިންވެގެން ވަރަށް ގިނަ ދުވަހު ހުރިން. އެއީ އަޅުގަނޑު ޤަބޫލުކުރި ގޮތުގައި އޭރުގެ ސަރުކާރުން ކުރި ބައެއް ކަންކަމަކީ އަޅުގަނޑަށް އެއަށް ފާޑުކިޔަންޖެހޭ ކަންކަން ކަމަށް އަޅުގަނޑު ޤަބޫލުކުރާތީ ފާޑުކިޔަމުން ދިޔައީ. އެހެންވީމާ ނެޗުރަލީ އަޅުގަނޑު އިނީ ނަޝީދާއި، ނަޝީދުގެ ފެކްޝަންއަށް އޭރު އެލައިން ވެފަ.
އެހެންނަމަވެސް ވަކި ހިސާބަކަށް ދިޔައިރު - އޭރު ރިޔާސީ އިންތިޚާބު ވަރަށް ގާތްވެއްޖެ. ދެން ޕާޓީގެ ޕްރައިމެރީއާ ގާތްވިއިރު އަޅުގަނޑަށް ސާފުވި އެއްކަމަކީ ކުރިއަށް އޮތް ޕްރައިމެރީގައި - ޑިޕެންޑިންގް އޮން ދަ އައުޓްކަމް - އެބޭފުޅުންގެ ނިޔަތެއް ނެތޭ ޕާޓީގައި ދެމިތިބޭކަށް. އެއީ އަޅުގަނޑަށް ޤަބޫލުކުރެވޭ ކަމަކަށް ނުވި. އެމީހުންނާ ވަރަށް ގާތުން މަސައްކަތްކުރި މީހެއްގެ ޙައިޘިއްޔަތުން އަޅުގަނޑަށް އެކަން ވަރަށް ސާފުވި މާކުރިން. އެހެންވީމާ އަޅުގަނޑު ޑިސައިޑްކުރީ ޕާޓީގެ އިންޓްރެސްޓް އެވަގުތު އެންމެ ބޮޑީ ކޮންގޮތަކަށް ދިއުމަށް ކަމަށް.
އަޅުގަނޑު ޤަބޫލުކުރީ ޕާޓީއަށް ދެވަނަ ދައުރެއް ލިބިގެން ނޫނިއްޔާ އަޅުގަނޑުމެންގެ އިޞްލާޙީ އެޖެންޑާއެއްވެސް އަޅުގަނޑުމެން އެބުނާ އަސާސީ ސިފަތަކުން އުފެދިފައި ހުރި ސިޔާސަތުތަކެއްވެސް ތަންފީޛު ނުކުރެވޭނެ ކަމަށް އަޅުގަނޑު ޤަބޫލުކުރިން. އެހެންވެ އަޅުގަނޑު ރައީސް ޞާލިޙަށް ރިޔާސީ އިންތިޚާބުގައި ތާޢީދުކުރީ. އަޅުގަނޑު އަދިވެސް އެޑިޒިޝަނާމެދު ފަޚުރުުވެރިވަން. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، އަޅުގަނޑު އެދުވަހު ޕާޓީ ދޫކޮށް ދިޔަނަމަ، މިއަދު ޕާޓީގެ ޢާންމު މެންބަރުންނަށް އަޅުގަނޑަކަށް އިތުބާރެއް ނުކުރެވޭނެ.
ދެން ދެވަނަ ކަމަކަށް: ވަރަށް ސްޕެސިފިކް ކަމެއްގެ ވާހަކަވެސް އަޅުގަނޑު ފާހަގަކޮށްލަން ބޭނުން. ވަރަށް ގިނައިން އަޅުގަނޑު ދެކެން ސޯޝަލް މީޑިޔާގަޔާއި އެހެނިހެން މަންސަތަކުގައި ހުންނަތަން އަޅުގަނޑު ފެކްޝަން ބަދަލުުކުރީ އަންހެނުންނަށް ވަޒީފާއެއް ލިބިގެންނޭ އިނގޭތޯ. އަޅުގަނޑުގެ އަންހެނުން ހުރީ ރައީސް އޮފީހުގައި، ވަރަށް، އަނެއްހެން ބުނަންޏާ އާދައިގެ ވަޒީފާއެއްގައި. ވަރަށް އަސާސީ މުސާރައެއް ލިބޭ ވަޒީފާއެއްގައި. އަދި އެވަޒީފާ ލިބުނީކީވެސް އަޅުގަނޑު މެދުވެރިކޮށްގެނެއް ނޫން. އެއީ ސިޔާސީ ވަޒީފާއެއްވެސް ނޫން އަނެއްހެން ބުނަންޏާ.
އަދި އެންމެ ބޮޑު ހެއްކަކީ - އެއީ ނޫންކަން - އަޅުގަނޑު ޞާލިޙަށް ތާޢީދުކުރަން ނިންމި ސަބަބަކީ، އަޅުގަނޑު އިމްތިޔާޒް ފަހުމީގެ ކެމްޕެއިންގައި ސަރުކާރުގެ އޭރުގެ ެކެންޑިޑޭޓް ފައްޔާޒް އިސްމާޢީލާ ދެކޮޅަށް، ޗެއަރޕާސަން އިންތިޚާބުގައި ނުކުމެ ހުރިއިރުވެސް އަޅުގަނޑުގެ އަންހެނުން ހަމަ ހުންނާނީ ރައީސް އޮފީހުގެ އެވަޒީފާގައި.
ވިދާޅުވެއްޖައިން ރިޔާސީ ޕްރައިމެރީ މިނިވަން އިންޞާފުވެރިކަމާއެކު ބާއްވައިދެއްވާނަމޭ. މި ޗެއަރޕާސަންގެ އިންތިޚާބަކީ 2028 ގެ ރިޔާސީ ޕްރައިމެރީގެ ނަކަލެއް ނުވަތަ ޓެސްޓު ބުރެއްކަމަށް ގިނަ މީހުން ދެކޭ. ވަކި މިވެނި ކެންޑިޑޭޓަކަށް ރިޔާސީ ޓިކެޓުގެ ރޭހުގައި ބުރަވެވަޑައި ނުގެން ހުންނަވާނީ ކިހިނެއްތޯ؟ އަމުދުން މީކާއިލް އަށް ތާޢީދުކުރައްވައިގެން ތިއްބެވި ބޭފުޅުން…
އަޅުގަނޑަށް މި އިންތިޚާބުގައި ވަކި ފެކްޝަނަކުން ނޫން ތާޢީދުކުރަނީ، އިނގޭތޯ. އަޅުގަނޑުގެ އެނައުންސްމަންޓާއެކުވެސް އަޅުގަނޑު ދުށިން ބައެއް މީޑިޔާތަކުން ކަވަރުކޯށްފައި ހުރިތަން ރައީސް ޞާލިޙްގެ ޓީމު މީކާއިލްއާ އެއްކޮަށޭ. އެހެންނަމަވެސް އެތަނުގައި ތިބީކީ ހުސް ރައީސް ޞާލިޙްގެ ސަޕޯޓަރުންނެއް ނޫން. ސީދާ ރައީސް ޞާލިޙަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަނުކުރާނެ ކިތަންމެ ބައެއްވެސް އަޅުގަނޑާއެކު އެބަ ތިބި. އެހެންވީމާ އަޅުގަނޑު ޤަބޫލެއް ނުކުރަން ވަކި ފެކްޝަނަކުން ކަމަށް.
އަޅުގަނޑު މިހިރީ ނިއުޓްރަލް ސްޓޭންޑެއްގައި. އަޅުގަނޑެއް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޕްރައިމެރީގައި ތާޢީދުކުރާނެ ކެންޑިޑޭޓެއް ނުނިންމަން އިނގޭތޯ. އަދި އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ޗެއަރޕާސަންގެ ޕޯސްޓަށް އިންޓްރެސްޓް ހުރި، ޝައުޤުވެރިކަން ހުރި މީހެއްވިޔަސް، ޙަޤީޤަތުގައި ޕަބްލިކްލީވެސް އެސްޓޭންޑް ނެންގެވުމަކީ ރަނގަޅުކަމެއް ނޫން. އެއީ އެއްކަމަކަށް، އަޅުގަނޑުމެން ޗެއަރޕާސަނެއްގެ ފަރާތުން ބޭނުންވަނީ އިންޞާފުވެރި ޕްރައިމެރީއެއް ހުރިހާ ކެންޑިޑޭޓުންގެ މެދުގައި ބާއްވަން.
ދެވަނަ ކަމަކަށް، ޕާޓީ އެއްބައިވަންތަކޮށްބާއްވަން - އިޓްހޭސް ޓު ނޮޓް އޮންލީ ބީ ފެއަރ، ބަޓް އިޓް ހޭސް ޓު ބީ ސީން ޓު ބީ ފެއަރ (އިންޞާފުވެރިވެގެން އެކަންޏަކުން ނުފުދޭ، އެތަޞައްވަރުވެސް ފެންނަންޖެހޭ). އެހެންވީމާ ވަކި ކެންޑިޑޭޓަކަށް ތާޢީދުކޮށްގެން ހުރި މީހަކު ޗެއަރޕާސަނަކަށް އަތުވެއްޖެނަމަ އަޅުގަނޑު ޤަބޫލުކުރާގޮތުގައި ހަމަ ދެއަރ އިޒް އަ ލޮޓް އޮފް ރޫމް ފޮރ ކޮންފްލިސްޓް (ހަމަނުޖެހުމަށް ބޮޑު ފުރުޞަތެއް އެބައޮތް)، ރަނިންގް އަޕް ޓު 2028. އެހެންވީމާ އަޅުގަނޑު ޤަބޫލުކުރާގޮތުގައި މިކަން އަޅުގަނޑަށް ކުރެވޭނެ އެންމެ މައިގަނޑު ސަބަބަކީ އަޅުގަނޑު ނިއުޓްރަލް ސްޓޭންޑެއްގައި ހުރެ، ހުރިހާ ފަރާތްތަކަށްވެސް އަދި އަޅުގަނޑަށް ހަމަ ޔަޤީން އަޅުގަނޑާ ވާދަކުރައްވާ ބޭފުޅުންނަށްވެސް އަޅުގަނޑަށް އެ އިތުބާރު އޮންނާނެ؛ ފެއަރ ޕްރައިމެރީއެއް ބާއްވައިދޭނެ ކަމުގެ.
ފެކްޝަންތަކުގެ ވާދައިގެ ބޭރުން، އެމްޑީޕީ މެންބަރުންނަށް މީކާއިލް ހުށަހަޅުއްވާ ކަންކަމަކީ ކޮބައިތޯ؟
އަޅުގަނޑުގެ އެބަ އޮތް ވިޜަން އެއް ޕާޓީއާމެދު. އަދި މި ވިޜަންއަކީ އަޅުގަނޑު ހަމަ ހުރެބަހައްޓާފައި ނިންމި ނިންމުމެއްވެސް ނޫން. އެއީ ލޯކަލް ކައުންސިލް އިންތިޚާބުގަޔާއި، އެނޫންވެސް އިންތިޚާބުތަކުގައި އަޅުގަނޑު ދިޔައިން ވަރަށް ގިނަ ރަށްރަަށަށް. މިހާރު އިރާދަކުރެއްވީތީ ހުރިހާ ރަށަކަށް ގޮސް ނިމިއްޖެ - އެކި އިންތިޚާބުތަކުގައި. މި ލޯކަލް ކައުންސިލް އިންތިޚާބުގައި އެކަނި ދިޔައިން 100 އަށް ވުރެ ގިނަ ރަށަށް.
އެހެންވީމާ އެމްޑީޕީ މެންބަރުންގެ އިޙްސާސްތައް ވަރަށް ގާތުން އަޅުގަނޑަށް އެނގޭ. އެމީހުން ފާހަގަކުރާ މައިގަނޑު އެއް ވާހަކައަކީ ތިމަންނަގެ ނަމުގައޭ ދައުލަތުން ތި ފައިސާ ދެނީ. ކިހިނެއްހޭ އެޔަށް ވަނީ؟ މިފަހަރުވެސް ލޯކަލް ކައުންސިލް އިންތިޚާބުގައި ކައުންސިލް ކެންޑިޑޭޓުންނަށް 1500 ރުފިޔާ، އެމީހުންގެ ކެންޑިޑަސީ ސަބްމިޝަނަށް ޕާޓީއިން ދައްކައެއް ނުދެވުނޭ. އެއީ ކީއްވެހެއްޔޭ؟ އެހެންވީމާ އޭގެ ޖަވާބު އަޅުގަނޑުގެ ޗެއަރމަންޝިޕެއްގައި އިރާދަކުރެއްވިއްޔާ ދޭނަން. ދެފުށްފެންނަ ޓްރާންސްޕޭރަންޓް ގޮތަކަށް ނިޒާމެއް ޤާއިމުކޮށްދޭނަން، ޕާޓީއަށް ދައުލަތުން ލިބޭ ފައިސާ، ޕާޓީއިން ޚަރަދުކުރަނީ ކިހިނެއްތޯ. ހަމަހުން ހަމަހުން ޢާންމުކުރާނެ ކަމަށް އަޅުގަނޑު މިހާރުވާނީ އިޢުލާން ކޮށްފައި.
ދެން ދެވަނަ ކަމަކަށް. އަޅުގަނޑު ވަރަށް ދެރަވޭ، ޕާޓީއަށް ގާތްގަނޑަކަށް ވިހި އަހަރުވެގެން މިދާއިރުގައި، އަދިވެސް ޕާޓީގައި ނެތް ޕާޓީގެ އެސެޓްސް ބެލެހެއްޓިފައެއް. ޕާޓީގެ އިންވެންޓްރީއެއް ނެތް. ގޮނޑި މޭޒު ކޮންމެ އިންތިޚާބަކަށް ޖެހެނީ ގަންނަން. އެއަށް ވާނުވާއެއް ނޭނގެ. ޓީވީތަކެއް ފޮނުވައިފި ރިޔާސީ އިންތިޚާބުގައި، ހުރިހާ ރަށަކަށް. މިއަދަކު އެޓީވީއެއް ނެތް. ވަރަށް މަދު ރަށެއްގައި ހުރީ. އެހެންވީމާ އެއަށް އަޅުގަނޑު ރަނގަޅު ނިޒާމެއް ޤާއިމުކޮށްދޭނަން. އިސްރާފު މަދުކުރަން.
ތިންވަނަ ކަމަކަށް، އަޅުގަނޑު ޤަބޫލުކުރާގޮތުގައި، މިވަގުތު.. ޕާޓީ އުފެދިގެން މިއައީ ޒުވާނުންގެ ޕާޓީއެއްގެ ގޮތަށް. ޚުދްމުޚްތާރު ވެރިކަމާ ދެކޮޅަށް، އެހެންނަމަވެސް މިއަދު އަޅުގަނޑުމެންނަށް ޕާޓީގެ މެންބަރޝިޕަށް ބަލައިލާ އިރު ގާތްގަނޑަކަށް 14 ވަރަކަށް ޕަސަންޓް ޒުވާނުން މިއުޅެނީ. އެހެންވީމާ އެމެންބަރޝިޕް - ނެޝަނަލް އިލެކްޓޮރޭޓްގެ ރެޕްރެޒެންޓޭޝަން އާ އެއްވަރަށް - އެގެޕް ކުޑަ އަޅުގަނޑުވީ އެންމެ ބޮޑަކަށް މަސައްކަތް ކުރާނަން. އަޅުގަނޑަށް މަޢުލޫމާތު ލިބޭގޮތުގައި 2028 ގައި ނެޝަނަލް އިލެކްޓޮރޭޓުގެ 45 ޕަސަންޓަށްވާނީ ޒުވާނުން. އެހެންނަމަވެސް އެއް ރިފްލެކްޓެއް ނުވޭ އަޅުގަނޑުމެންގެ ޕާޓީގެ މެންބަރޝިޕަކުން. އެކަމަށް އަޅުގަނޑު މަސައްކަތް ކޮށްދޭނަން.
އެންމެ މުހިންމު އެއް ކަމަކަށް. ފެއަރ ރިޔާސީ ޕްރައިމެރީއެއް ބާއްވައިދޭން އަޅުގަނޑަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރާނަން. އެކަން އިންތިޒާމުކޮށްދޭނަން. އަޅުގަނޑު ޤަބޫލުކުރާގޮތުގައި އެއީ އެންމެ ކީ ކަންތައް 2028 އާ ހަމައަށް ޕާޓީ ޔުނިފައިޑް ޕާޓީއެއްގެ ގޮތުގައި ބާއްވަން.
ނަޝީދާއި ފައްޔާޒް ބޮޑު ދުސްތޫރީ ބަދަލުތަކެއްގެ ވާހަކަ ހުށަހަޅުއްވައިފި. އޭގެ ތެރޭގައި ދައުލަތުގެ ވެރިޔާ އަދި ސަރުކާރުގެ ވެރިޔާގެ ރޯލު ވަކިކުރުން ހިމެނޭ. އެގޮތަށް ތާޢީދުކުރައްވަންތޯ؟ ނޫންނަމަ، އެހުށަހެޅުންތަކުން ޙައްލު ހޯދަން އެއުޅޭ މައްސަލަތަކަށް ދެއްވާން އޮތް ޖަވާބަކީ ކޮބާތޯ؟
ފުރަތަމަ ކަމަކަށް އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އެރިފޯމް - އެ ބޮޑު ބަދަލުގެ ވާހަކަ - އަކީ މިޗެއަރމަންޝިޕްގެ އިންތިޚާބާ ގުޅުންހުރި ވާހަކައެއް ނޫން. އެއީ ދައުލަތް ހިންގުމާބެހޭ ވާހަކައެއް އިނގޭތޯ. އެއީ ދުސްތޫރީ މައްސަލަތަކެއް ހައްލުކުރަން އޮތް އެހެން ވާހަކައެއް. މިހާރު މިއުޅެނީ އަޅުގަނޑުމެން ޕާޓީ ހިންގާނީ ކިހިނެއްތޯ، ޕާޓީ ދާންވީ މިސްރާބަކީ ކޮބައިތޯ، އެ ނިންމަން. އެއީ އެއް ކަންތައް.
ދެވަނަ ކަމަކީ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، އެބޭފުޅުންގެ އެހުށަހެޅުންތައް އަންނަނީ އަންނަންވާ ތަރުތީބަކުން ނޫން. އިޖުރާޢަތުތައް އޮތީ ގޯސްކޮށް އިނގޭތޯ. ޕްރޮސެސް ގޯސް. އެކަމަށް އަޅުގަނޑުމެން ފުރަތަމަ ދާންޖެހޭނީ ރައްޔިތުންގެ ގާތަށް. ގޮސް އަހަންވީ ކޮން ބަދަލުތަކެއްތޯ ޤާނޫނުއަސާސީއަށް ގެންނަން ބޭނުންވަނީ. އަޅުގަނޑު ގޮއްސަ، އަޅުގަނޑު ބޭނުންވަނީ ބޮޑު ވަޒީރަށް ވާންށޭ، އެބޭފުޅާއަށް ރައީސްކަން ދޭށޭ، މިގޮތަށް ބޯކިބާފޮތި ބަހާނެ ގޮތް ރައްޔިތުންނަށް ވިއްކަން އަޅުގަނޑުމެން ނުކުންނަން ވާނީ އެމީހުންގެ ފަރާތުން އެހުށަހެޅުން އައިސްގެން. އަޅުގަނޑުމެން ޓޮޕް-ޑައުން ގޮތަކަށް މިކަން ޕުޝްކުރަން އުޅެގެން ނުވާނެ.
ދެން ތިންވަނަ ކަމަކަށް، ވަރަށް ގިނައިން އަޅުގަނޑުމެންނަށް އެބަ އިވޭ. މިކަން ވާންޖެހޭނީ 2028 ގެ އިންތިޚާބުގެ ކުރިންނޭ. އޭގެ މާނައަކީ ރިޔާސީ އިންތިޚާބުގެ ކުރިންނޭ. އެހެންވީމާ އެބޭފުޅުން އެބަ ދައްކަދޭންޖެހޭ ކޮން ގޮތަކުންތޯ 2028 ގެ ކުރިން މިބުނާ ރިފޯމް ގެނެވޭނީ. އަދި އެރިފޯމެއް ކަމަށް ދެކޭތޯ ރައްޔިތުން - އެވެސް ކުރަންޖެހޭ ސުވާލެއް. ޙަޤީޤަތުގައިވެސް މިރިފޯމް އެއްތޯ ނޫނިއްޔާ މިއީ ރައްޔިތުން ބޭނުންވާ ކަމެއްތޯ. އަޅުގަނޑުމެން ކީއްވެތޯ ރަފަރެންޑަމްއަކަށް ނުދާންވީ މިކަމުގައި، އިނގޭތޯ.
ފުރަތަމައިނުން އަހަން އެބަޖެހޭތާ ރައްޔިތުންގެ ކައިރީގައި ކޮން ގޮތެއްތޯ ބޭނުންވަނީ. ދެންތާ ރައްޔިތުންގެ މަޖިލީހުގައި ތިބޭ ބަޔަކު އެ ފަދަ ނިންމުމެއް - އަޅުގަނޑުމެން މިބުނަމުން އައީ އެމްޑީޕީގެ ފަރާތުން ޤާނޫނުއަސާސީއަށް އިރުއިރުކޮޅާ ބަދަލު ނުގެންނާށޭ. އެހެން ކިޔަކިޔާ ތިބި ބަޔަކު އަނެއް ދުވަހު އަރާ މިބުނަނީ ޤާނޫނުއަސާސީގައި ބޮޑުވަޒީރެއް ލާށޭ. ދައުލަތުގެ އިސްވެރިޔަކު ލާށޭ. ސަރުކާރު ހިންގަން ވެރިއަކު ލާށޭ އިނގޭތޯ. މަޖިލިސް އޮންނަން ޖެހޭނީ މިހެންނޭ. ކިހިނެއްތޯ އަޅުގަނޑުމެން އެކަން ކުރާނީ؟ މިއީ ވަރަށް ދިގު ޕްރޮސެސްއަކުން ޤައުމުތަކުގެ ޤާނޫނުއަސާސީ ބަދަލުކުރަނީ ވަރަށް ގިނަ އަހަރުތަކަކުން، ވަރަށް ގިނަ މަޝްވަރާތަކަކަށް ފަހު. ވަރަށް ގިނަ ސްޓޭކް ހޯލްޑަރުން މީގައި ހިމެނޭ، ރައްޔިތުންގެ ސީދާ މަޞްލަޙަތު ހިމެނޭ. އެހެންވީމާ އެކަންކަމަށް ޖާގަނުދީ މިބަދަލު ހުށަހެޅުމުން އަޅުގަނޑަކަށް އެކަމަކާއެއް މަރުޙަބާއެއް ނުދެންނެވޭނެ.
މިނިވަން ނޫސްވެރިކަމަށް އެހީތެރިވެދެއްވާ
ބިރެއްނެތި ޚަބަރު ގެނެސްދިނުމަށް އެހީތެރިވެދެއްވާ
އެއްފަހަރު ދެއްވާ
$
ނުވަތަ
މެމްބަރަކަށް ވެލައްވާމަހަކު $5 އިން ފެށިގެން
