ސަރުކާރުގެ ބަހާއި އިންސާނީ ޙައްޤުތަކުގެ ޖަމްޢިއްޔާތަކުގެ ބަސް، ރާއްޖޭގެ ޙާލަތާ ގުޅޭގޮތުން ދިމާ އިދިކޮޅު
ސަރުކާރުން ކުރަހާ ފެހިފަހި މަންޒަރު، އިންސާނީ ޙައްޤުތަކުގެ ވަކާލާތްކުރާ ޖަމްޢިއްޔާތަކުން ދޮގުކުރޭ

ކުރެހުމާއި ޑިޒައިން: ޑޮސެއިން
12 ނޮވެމްބަރު
ޒިންމާވާންޖެހޭ ފަރާތްތަކަކީ ކޮބައިކަމުގެ ސުވާލުގެ ޖަވާބުގައި އަދި އިންޞާފުގެ އިންތިޒާރުގައި ގެއްލުވާލީ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ އަދި އަނިޔާވެރި ގޮތުގައި ޤަތުލުކުރި ބްލޮގަރ ޔާމިން ރަޝީދުގެ ޢާއިލާތަކުން އިންތިޒާރު ކުރާތާ ދަހަރުވަނީއެވެ.
ނިމިދިޔަ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ސަރުކާރުގައި މަރުތަކުގެ ޙަޤީޤަތް ހޯދާން، ޚާއްޞަ ރިޔާސީ ކޮމިޝަނެއްވެސް އެކުލެވިއެވެ. މިވެރިކަމުގައި 2024 ގައި ކޮމިޝަން އުވާލި އިރު، އެންމެ މީހަކަށްވެސް ކާމިޔާބުކަމާއެކު ދައުވާ އުފުލިފައެއް ނެތެވެ. ދަޢުވާ އުފުލި މީހުން ކުރެން ތިން މީހެއްގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދަޢުވާ އަނބުރާ ގެންދިޔައީއެވެ. މިހާރު އެތަނުން އެކަކު ހުރީ ދައުލަތް ޙިއްސާވާ ކުންފުންޏެއްގެ އިސް މަޤާމެއްގައެވެ.
އދ ގ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލުން މިކަމާމެދު ބުދަ ދުވަހު ސުވާލު ކުރީމާ ބަންޑާރަ ނާއިބް އަޙްމަދު އުޝާމް ވިދާޅުވީ މަރު ކޮމިޝަންގެ ރިޕޯޓު މުރާޖަޢާކޮށް، ބަލާންޖެހޭ ކަންކަން ބަލާ، އެހެނިހެން ތަޙްޤީޤުތަކަށް ހުރަސް ނޭޅޭ ގޮތެއްގައި، ހާމަކުރާ ވަގުތު ޖެހުނީމާ ކުރާނެ ކަމަށެވެ.
ޖެނީވާގައި ޔުނިވަރސަލް ޕީރިއޯޑިކް ރިވިއު (މުރާޖަޢާ)ގައި ދިވެހިރާއްޖޭގެ އިންސާނީ ޙައްޤުތަކުގެ ޙާލަތު ދިވެހި ސަރުކާރުން ސިފަކުރި ފެހިފަހި ގޮތާއި، މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކުން ސިފަކުރާ ގޮތުގައި ހާސް ތަފާތު ހުއްޓެވެ. ތިން ގަޑިއިރު މި މުރާޖަޢާގައި ދިވެހިރާއްޖެއާ މެދު ދެބައި މީހުން ކުރެހީ މުޅިން ތަފާތު ދެ މަންޒަރެކެވެ.
ދިވެހިރާއްޖޭގެ ފަރާތުން މިމުރާޖަޢާގައި ބައިވެރިވި މަތީ ފެންވަރުގެ ވަފުދުގައި ހޯމް މިނިސްޓަރ ޢަލީ އިޙްސާނާއި، ސޯޝަލް އެންޑް ފެމިލީ ޕްރޮޓެކްޝަން މިނިސްޓަރ ޑރ ޢާއިޝަތު ޝިހާމާއި ބަންޑާރަ ނާއިބްގެ އިތުރުން ދެސަފީރަކު ބައިވެރިވެވަޑައި ގަތެވެ. ސަރުކާރުގެ ވަފުދުން ބުނީ ޑިމޮކްރަސީ ހަރުދަނާވަމުން ދާކަމަށާއި، މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތައް ބިރެއްނެތި ޙަރަކާތްތެރިވުމުގެ ފުރުޞަތު ފަހިވެފައި އޮތް ކަމަށެވެ. އަދި ފާޑުކިޔުން އަމާޒުވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަޤާމުން ވަކިކުރި މައްސަލައާމެދު ބުނީ އެކަން ހިންގީ އިޖުރާޢަތުތައް ފުރިހަމަ ކުރުމަށް ފަހުގައި ކަމަށެވެ.
ނަމަވެސް، މިހާރު ރާއްޖެއިން ބޭރަށް އަރުވާލެވިގެން ޙަރަކާތްތެރިވާ ޖަމްޢިއްޔާތަކުން ބުނީ ޤަސްދުގައި، ހިފެހެއްޓުމެއްނެތި، ދެމެހެއްޓެނިވިގޮތެއްގައި ޑިމޮކްރެޓިކް ހަމަތައް ދިވެހިރާއްޖެއިން ނައްތާލަމުންދާ ކަމަށެވެ. އަދި ވެރިކަމުގެ ބާރުތައް މުށުތެރެއަށް ބަށްކޮށް، އަސާސީ ޙައްޤުތަކާއި މިނިވަންކަން ހަނިކުރަމުންދާ ކަމަށެވެ.
މަދަނީ ޖަމްޢިއްޔާތަކުން މިބާތަށް ރިޕޯޓުކުރީ ދިވެހިރާއްޖޭގެ އިންސާނީ ޙައްޤުތަކުގެ ޙާލަތު ވަޒަންކުރާން ބޭއްވި ހަތަރުވަނަ ބުރުގައެވެ. ޔުނިވަރސަން ޕީރިއޯޑިކް ރިވިއުގައި ޤައުމެއްގެ އިންސާނީ ޙައްޤުތަކުގެ ރެކޯޑާއި ޙާލަތުގެ މައްޗަށް އދ ގައި ބައިވެރިވާ އެހެނިހެން ހުރިހާ ޤައުމަކުން ބަލާ، ދިރާސާކޮށް، ކަންބޮޑުވުންތައް ހާމަކުރާނެއެވެ. 193 ޤައުމުން މި މުރާޖަޢާގައި ބައިވެރި ވާނެއެވެ. ފުރަތަމަ ބުރު ބޭއްވީ 2020 ގައެވެ. އެބުރުގައި ރާއްޖެއާމެދު ފައުޅުކުރި 259 ކަންބޮޑުވުމުގެ ތެރެއިން 187 ކަންބޮޑުވުން ދިވެހި ސަރުކާރުން ބަލައިގަތެވެ. ބައިކުޅަ ބަޔަށް 5 ކަންބޮޑުވުމެއް ބަލައިގަތެވެ. ބަލައިނުގަތް 67 ކަންބޮޑުވުން މައިގަނޑުގޮތެއްގައި ފައުޅުކޮށްފައި ހުރީ ދިވެހިރާއްޖޭގައި މަރުގެ އަދަބު ތަންފީޛުކުރާން އުޅުމާއި، ދީނީ މިނިވަން ނެތުމާއި، ރެފިއުޖީންނާބެހޭ މުޢާހަދާއާ ޚިލާފުވާކަމަށް ހުރި ކަންބޮޑުވުން ތަކެވެ.
ބަންޑާރަ ނާއިބް އިސްވެ ހުންނެވި ދިވެހި ވަފުދުން 104 ޤައުމެއްގެ ސުވާލުތަކާއި ކަންބޮޑުވުންތަކަށް ޖަވާބު ދިނެވެ. ނޮވެންބަރު 14 ވާ ހުކުރު ދުވަހު، މިހުރިހާ ކަންބޮޑުވުމެއް އެކުލެވޭ ރިޕޯޓެއް އދ ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލުން ފާސްކުރާނެއެވެ.

އދގެ އިންސާނީ ޙައްޤުތަކާބެހޭ ވެރިޔާއާއި، ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަން މުސްތަޤިއްލުކަމާބެހޭ އދގެ ޚާއްޞަ މަންދޫބުގެ ކުށްވެރިކުރުންތަކަށް ރައްދު ދެއްވާ، ބަންޑާރަ ނާއިބް ވިދާޅުވީ ޑރ އަޒްމިރަލްދާ ޒާހިރާއި ޑރ މަހާޒް ޢަލީ ޒާހިރު ސުޕްރީމް ކޯޓުން ވަކިކުރީ ޤާނޫނުއަސާސީއާއި، ޤާނޫނުތަކާއި، ބައިނަލްއަޤްވާމީ ހަމަތަކާއި އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ކަމަށެވެ.
ތިރީގައި އެވަނީސަރުކާރާއި މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކާ ޚިލާފު އުފެދި، ޒުވާބު ހިނގި މައްސަލަތަކާއި ކަންބޮޑުވުންތަކުގެ މައިގަނޑެވެ.
ޑިމޮކްރެޓިކް ވެރިކަން
މަދަނީ މުޖުތަމަޢު:
މަސްދަރު: އެސޯސިއޭޝަން ފޮރ ޑިމޮކްރަސީ އިން ދަ މޯލްޑިވްސް (އޭޑީއެމް)
"ދިވެހިރާއްޖެއިން ގެންދަނީ ޤަސްދުގައި، ދެމެހެއްޓެނިވި މަގެއްގައި ޑިމޮކްރެޓިކް ހަމަތައް ނަގާލަމުންނެވެ. 2015 އިން ފެށިގެން ޤާނޫނުއަސާސީއަށް، ޢާންމު ޚިޔާލާ މަޝްވަރާ މާނަހުރި ގޮތެއްގައި ހޯދުމަކާނުލާ، 6 ބަދަލެއް ގެނެސްފައި ވެއެވެ. އެންމެ ފަހުން ގެނައި ބަދަލު ހުށަހަޅާމ ފާސްކުރީ (ނޮވެންބަރު 2024 ގައި) 36 ގަޑިއިރުގެ ތެރޭގައެވެ. އެބަދަލުގެ ސަބަބުން ރައްޔިތުންގެ މަޖިލިސް ވެރިކަން ހިންގާ ފަރާތާއި ޕާޓީގެ އަތްދަށުވެ އެވެ. ޕާޓީއިން ވަކިކޮށްލީމާ މަޖިލިސް ގޮނޑި ނަގާލެވެއެވެ. މިއީ ބާރުތައް ވަކިވެފައިވާ ނިޒާމަށާއި، ޤާނޫނު ހެދުމުގައި އިދިކޮޅު ޚިޔާލަށް ހިޔަނި އެޅޭ ކަމަށެވެ."
މަސްދަރު: މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކް (އެމްޑީއެން)
"ފެނިގެން މިދަނީ ވެރިކަން ކުރާ އަދި ރައްޔިތުންގެ މަޖިލީހުގެ ސުޕަރމެޖޯރިޓީއެއް އޮތް ޕީއެންސީ (ޕީޕަލްސް ނޭޝަނަލް ކޮންގްރެސް) އިން ހިސާބު ޖަހައިގެން، ދިވެހިރާއްޖޭގެ ހުރިހާ ބާރުތަކެއް މުށުތެރެއަށް ލުމާ ދިމާލަށް މިސްރާބުކޮށްފައި ހުރި މަންޒަރެވެ. މަޖިލިސް މެންބަރުން ކޮންޓްރޯލް ކުރާން ޤާނޫނުއަސާސީއަށް ގެނައި ބަދަލުން ފެށިގެން، 3 އަހަރުގެ ތެރޭގައި އެކަނި ރައްޔިތުންގެ ޑިމޮކްރެޓިކް ޙައްޤުތައް ނަގާލައިފިއެވެ."
ސަރުކާރުގެ ދިފާޢު:
މަސްދަރު: ބަންޑާރަ ނާއިބް އަޙްމަދު އުޝާމް
ޕާޓީ ބަދަލުކުރުމާބެހޭ ދުސްތޫރީ އިޞްލާޙްގެ ވާޞިތާއިން "ޕާޓީތަކަށް ނިސްބަތްވުމަށް އަންނަ ބަދަލާ ގުޅުވައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިކުރާ އައު ހަމަތަކެއް ޤާއިމު" ކުރެވުނު ކަމަށާއި، ސަރަޙައްދީ ނަޒާޙަތްތެރިކަމާއި، ސިޔާސަތު އެކުލެވުމުގެ ހަރުދަނާކަން އިތުރު ކުރެވުނެވެ.
"2008 ގެ ޤާނޫނުއަސާސީގެ ފަހުން ދިވެހިރާއްޖެ ދަނީ އެކަށީގެންވާ ގޮތެއްގައި ޑިމޮކްރަސީގެ މަގުގައި ކުރިއަށެވެ. ސިޔާސީ ހަލަނބޮލިކަން އޮތް ނަމަވެސް، އަޅުގަނޑުމެންގެ މުއައްސަސާތަކާއި، ޤާނޫނުތައް ހުރީ ތަޙްޛީބާއި ކުރިއަށް ހިނގުމުގެ މަގުގައެވެ. އަންނަނީ އަރާ އަރަފޯދެމުންނެވެ. ޑިމޮކްރެޓިކް ވެރިކަމާއި ޤާނޫނުގެ ވެރިކަން އަންނަނީ ވަރުގަދަ ވަމުންނެވެ. 2023 ގެ ރިޔާސީ އިންތިޚާބާއި 2024 ގެ މަޖިލިސް އިންތިޚާބުން ޑިމޮކްރެޓިކް އޮނިގަނޑުތައް ބިންވަޅު ނެގުމަށް އަޅުގަނޑުމެންގެ ޢަޒުމު ހުރި މިންވަރު ދައްކައިދިނެވެ. ދެ އިންތިޚާބުވެސް ބައިނަލްއަޤްވާމީ އޮބްޒާރވަރުން ބަލައިގަތީ މިނިވަން، އިންޞާފުވެރި އަދި ސުލްޙަވެރި އިންތިޚާބުތަކެއްގެ ގޮތުގައެވެ. ވޯޓު ލާން ނުކުތް މީހުންގެ ޢަދަދު މައްޗެވެ."
ޝަރުޢީ ދާއިރާގެ މުސްތަޤިއްލުކަން
މަދަނީ މުޖުތަމަޢު:
މަސްދަރު: އިންޓަރނޭޝަނަލް ފެޑެރޭޝަން ފޮރ ހިއުމަން ރައިޓްސް އަދި އެމްޑީއެން ގުޅުގެން ހުށަހެޅި ކަންކަން "ފެބްރުއަރީ 26، 2925 ގައި ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރަކު ސަސްޕެންޑު ކުރިއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނުން ހިންގާން ފެށި ތަޙްޤީޤަކާ ގުޅުވައި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ޏ)ގެ ދަށުންނެވެ. އެއަށްފަހު ދެ ފަނޑިޔާރުން މަޤާމުން ވަކިކުރިއެވެ. މިކަން ހިންގާފައިވަނީ އިޖުރާޢަތުތައް ފުރިހަމަ ނުކޮށް، ޖުޑީޝަރީގެ މެންބަރުން ގޮތްކަނޑައަޅާ ނިންމުމުގައި ބައިވެރިނުކޮށެވެ. ސިޔާސީންގެ ނުފޫޒު ޝަރުޢީ ދާއިރާއަށް އޮތް މިންވަރު ތަމްޘީލުކޮށްދެމުންނެވެ. 25 ވަނަ މާއްދާގެ (ޏ)ގެ ދަށުން ޖަވާބުދާރީވުމުގެ ފުރުޞަތު ނުދީ އަދި އެކަށީގެންވާގޮތުގައި ހެކި ވަޒަންނުކޮށް ފިޔަވަޅު އެޅެއެވެ. އަދި އެހެނިހެން [މުއައްސަސާއިން ބޭރު] އޭޖެންސީތަކުގެ ބާރުގެ ބޭނުންކޮށްގެން ޖޭއެސްސީގެ މިނިވަން މުސްތަޤިއްލުކަމަށް ހުރަސް އެޅެއެވެ.
ސަރުކާރުގެ ދިފާޢު
މަސްދަރު: ބަންޑާރަ ނާއިބް
"ޝަރުޢީ ދާއިރާގެ މިނިވަން މުސްތަޤިއްލުކަމާއި، ކަނޑައެޅިފައިވާ ހަމަތަކާއި އިޖުރާޢަތުތައް ރައްކާތެރިކުރުމުގެ ޢަޒުމު ދިވެހިރާއްޖެ އައު ކުރެއެވެ. ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރަކު މިފަހުން ސަސްޕެންޑުކޮށް، 2 ފަނޑިޔާރަކު ވަކިކުރި މައްސަލައިގައި ޢަމަލުކޮށްފައިވަނީ އިޖުރާޢަތުތައް ހިންގައިގެން، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި، ކަނޑައެޅިފައިވާ ހަމަތަކާއި، ބައިނަލްއަޤްވާމީ މިންގަނޑުތަކާ ފުރިހަމައަށް އެއްގޮތްވާގޮތުގެ މަތިންނެވެ. ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަން މުސްތަޤިއްލުކަމާބެހޭ އދގެ ޚާއްޞަ މަންދޫބު ހިމެނޭހެން ސަރުކާރުން ބައިނަލްއަޤްވާމީ ޕާޓްނަރުންނަށް ހުޅުވިގެން، މުޢާމަލާތް ކުރަމުންދެއެވެ.
"ޝަރުޢީ ނިޒާމުގެ ލިޔާޤަތު އިތުރުކުރުމަށް ބޮޑެތި އިންވެސްޓުމަންޓުތަކެއް ކޮށްފީމެވެ. މިއަހަރު އެކަނި، 900 އަށް ވުރެ ގިނަ ފުރުޞަތު ފަނޑިޔާރުންނާއި ޝަރުޢީ ދާއިރާގެ މުވައްޒަފުންނަށް ޖުޑީޝަލް އެކެޑެމީ މެދުވެރިކޮށް، ފަހިކޮށްފައި ވެއެވެ. ތަމްރީނު ބޭނުންވާ ގޮތުގެ މައްޗަށް ފުރިހަމަ އެސެސްމަންޓެއް ހަދައި، 2026 ގައި އެއެސްމަންޓާ އެއްގޮތަށް ލިޔާޤަތު އިތުރު ކުރުމުގެ މަސައްކަތް ފެއްޓޭނެއެވެ."
އެއްވެ އުޅުމުގެ މިނިވަންކަން
މަދަނީ މުޖުތަމަޢު
މަސްދަރު: ސިވިކަސް އަދި ފޯރަމް-އޭޝިޔާ
"2013 ގެ އެއްވެ އުޅުމުގެ މިނިވަންކަމާބެހޭ ޤާނޫނުން އެއްޙައްޤުގެ މައްޗަށް ނުހަނު ބޮޑެތި އޮބަހެއްޓުންތަކެއް ކުރިމަތި ކުރުވާ، ފުލުހުންނަށް ނޭކަށޭނަ ބާރާއި އިޚްތިޔާރު ދެއެވެ."
ސަރުކާރުގެ ދިފާޢު
މަސްދަރު: ބަންޑާރަ ނާއިބް
"އެއްވެ އުޅުމުގެ ޙައްޤަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއިން ކަށަވަރުކޮށްދީފައިވާ ޙައްޤެކެވެ. ޞުލްޙަވެރިކަމާއެކު އެއްވެއުޅުމާ ބެހޭ ޤާނޫނުން އިތުރު ރައްކާތެރިކަން ދީފައިވާ ޙައްޤެކެވެ. މާލޭގައި ބޮޑެތި އެއްވުންތައް ބޭއްވުމަށް 2016 ގައި އޮބަހެއްޓުންތަކެއް ގެނައީ ސަލަމާތާއި ރައްކާތެރިކަމާއި ތޮއްޖެހުމާއި ޢާންމު ހަމައާއި، ޢަމުރުމަޢުރޫފްގެ ރިޢާޔަތްކުރުން ތަކުގެ މައްޗަށެވެ. އެޙައްޤު އަނބުރާ އިޔާދަކުރަން ސަރުކާރު ކުރި ޢަޒުމުގައި އަދިވެސް ދެމި އޮތީމެވެ.
"ދުސްތޫރީ ގޮތުންނާއި ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ މިންގަނޑާ އެއްގޮތްވާ ގޮތަށް ޤާނޫނަށް ގެންނާންޖެހޭ ބަދަލުތަކުގެ މަސައްކަތް ހިނގަމުން ދެއެވެ. އިހަށް، އެއްވެ ވެވޭނެ ޖާގަތައް ތަނަވަސް ކުރުމުގެ ފިޔަވަޅުތައް އަޅާފައި ވާނެއެވެ. މޭ 2025 ގައި ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އިން މާލޭގައި ސުލްޙަވެރިކަމާއެކު އެއްވެ، މުޒާހަރާކުރާނެ އިތުރު ޖާގަ ކަނޑައެޅިއެވެ. ޤާނޫނު އިޞްލާޙްކުރުމުގެ މަސައްކަތް ހިނގަމުންދާ މިހިނދު، ވަކި ވަކި ފަރުދުންނާއި އެކި ޖަމާޢަތްތަކަށް އެއްވެ އުޅުމުގެ ޙައްޤުގެ ބޭނުން ހިފޭނެކަން ކަށަވަރުވާ މަގުންނެވެ."
ޚިޔާލު ފައުޅުކުރުމާއި މީޑިޔާގެ ޙައްޤު
މަދަނީ މުޖުތަމަޢު މަސްދަރު: އޭޑީއެމް
"2022 ގައި ހެއްކާބެހޭ ޤާނޫނަށް ގެނައި ބަދަލުން، މަސްދަރު ހާމަކުރާން ނޫސްވެރިންގެ މައްޗަށް ލާޒިމުކުރުމުގެ އިޚްތިޔާރު ކޯޓުތަކައް ލިބިދެއެވެ. މިކަމުން ނޫސްވެރިކަމުގެ މިނިވަންކަމަށް ނުރައްކާ ވެއެވެ. މީޑިޔާގެ މިނިވަންކަމަން ޔަޤީންކޮށްދީ، ޤާނޫނުއަސާސީއިން މަސްދަރު ހާމަކުރަން އެއްވެސް ގޮތަކުން މަޖުބޫރުކުރުން މަނާ ކުރެއެވެ."
މަސްދަރު: ފޯރަމް-އޭޝިޔާ އަދި އެމްޑީއެން
"މަސްދަރު ކޯޓުތަކުގައި ހަމާކުރަން ނޫސްވެރިންގެ މައްޗަށް ހެއްކާބެހޭ ޤާނޫނުން މިހާރު ލާޒިމު ކުރެއެވެ. ނޫސްވެރިކަމުގައި ހިފަހައްޓާންޖެހޭ ސިއްރުގެ މަފްހޫމަށް ހިޔަނި އެޅެއެވެ."
ސަރުކާރުގެ ރައްދު މަސްދަރު: ބަންޑާރަ ނާއިބް
"މިނިވަން މީޑިޔާގެ ޙައްޤު ޤާނޫނުއަސާސީއިން ކަށަވަރު ކޮށްދެއެވެ. އަދި އެއްވެސް ގޮތަކުން މަސްދަރު ހާމަކުރަން މަޖުބޫރުކުރުވުން މަނާ ކުރއެވެ.
"ހެއްކާބެހޭ ޤާނޫނަށް ޢަމަލުކުރާން ފެށުމާއެކު ނޫސްވެރިންގެ އިމްތިޔާޒުތަކާ ގުޅުވައި އުފެދުނު ކަންބޮޑުވުމާ ގުޅިގެން ސަރުކާރުން ގެންދަނީ ކަމާބެހޭ މާއްދާތައް މުރާޖަޢާކުރަމުންނެވެ. ދުސްތޫރީގޮތުން އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކުން ދޭ ޙިމާޔަތްތަކާ އެއްގޮތް ކުރުމަށެވެ."
މީޑިޔާ ރެގިއުލޭޓުކުރާ ބިލު
މަދަނީ މުޖުތަމަޢު
މަސްދަރު: ފޯރަމް-އޭޝިޔާ އަދި އެމްޑީއެން
ސެޕްޓެންބަރުގައި ތަސްދީޤުކުރި މީޑިޔާ ރެގިއުލޭޝަން ބިލުން "މިހާރު މިނިވަން މުސްތަޤިއްލު ގޮތުގައި ޤާއިމުކޮށްފައިވާ މީޑިޔާ ރެގިއުލޭޓަރުގެ ބަދަލުގައި ޤާއިމުކުރަނީ ރައީސުލްޖުމްހޫރިއްޔާގެ ޢައްޔަނީންނެވެ. ބޮޑެތި ޖޫރިމަނާތައް ކުރުމާއި، ރެޖިސްޓްރޭޝަން ސަސްޕެންޑު ކުރުމާއި، ވެބްސައިޓުތައް ބްލޮކް ކުރުމާއި، ބްރޯޑްކާސްޓައް ހުއްޓުވުމާއި، ކުރިން ޢާންމުކޮށްފައިވާ ކޮންޓެންޓަށް ދާންދެން ތަޙްޤިޤުކުރުން ހިމެނޭހެން ބޮޑެތި ބާރުތަކާ އެކުގައެވެ. [މީޑިޔާގެ މިނިވަންކަމަށް] ހުރި ޙިމާޔަތްތައް [އެކަށީގެންވާގޮތުގައި] ނުހިމަނައެވެ."
"މޯލްޑިވްސް ޖަރނަލިސްޓްސް އެސޯސިއޭޝަން އިން މިބިލު ސިފަކުރަނީ "ބޮޑު ނުރައްކަލެއް"ގެ ގޮތުގައެވެ. އަދި އައު ކޮމިޝަންގެ ސަބަބުން ރާއްޖޭގައި މިނިވަން ނޫސްވެރިކަން ހަލާކުކޮށްލާނެ، ރާއްޖޭގެ ނާޒުކު ޑިމޮކްރެޓިކް ޖާގަތަކަށް އިތުރު ހަނިކަން ކުރިމަތި ކުރުވާނެ ބިލެއްގެ ގޮތުގައެވެ.
ސަރުކާރުގެ ދިފާޢު
"ސެޕްޓެންބަރު 2025 ގައި ދިވެހިރާއްޖޭގެ މީޑިޔާ އަދި ރެގިއުލޭޓު ކުރުމާބެހޭ ޤާނޫނު ހިންގާން ފެށީ، ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ ޚިޔާލު ފައުޅުކުރުމުގެ މިނިވަންކަމުގެ ޙައްޤު ޙިމާޔަތް ކުރާ ހިނދު، ނޫސްވެރިކަމުގެ މިނިވަންކަން ފުޅާކޮށް، ޕްރޮފެޝަނަލް މިންގަނޑުތައް ވަރުގަދަ ކުރުމުގެ މަޤްޞަދުގައެވެ. އަމިއްލަ މެންބަރަކު ހުށަހެޅުއްވި މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މީޑިޔާގެ ފަރާތުން ހިމެނޭހެން ކަމާ ގުޅޭ ފަރާތްތަކާއެކު މަޝްވަރާކުރުމަށް ފަހު، އެފަރާތްތަކުން ފައުޅުކުރި ކަންބޮޑުވުންތަކަށް ރިޢާޔަތް ކޮށްގެންނެވެ."
"މި ޤާނޫނު ހިނގާނީ ޢާންމުންނަށް ކޭބަލް މެދުވެރިކޮށް ކުރާ ބްރޯޑްކާސްޓާއި، ޓެލެވިޜަނާއި، ރޭޑިއޯ، އޮންލައިން ޕްލެޓްފޯމުތައް އަދި ޗާޕުކޮށްގެންނާއި ޑިޖިޓަލް ގޮތުގައި ކުރާ ޝާޢިޢުކުރުންތަކަށެވެ. އަމިއްލަ ފަރާތްތަކުގެ ސޯޝަލް މީޑިޔާ އެކައުންޓުތަކާއި، އަމިއްލަ (ޒާތީ) ސްޓޯރޭޖު ޑިވައިސްތަކުގެ މައްޗަކަށް ނޫނެވެ. މިޤާނޫނުން ވެރިކަން ހިންގާ ބާރުގެ އެއްވެސް ދައުރެއް ނެތި މެންބަރުން ޢައްޔަން ކުރާގޮތަށް، މިނިވަން މީޑީޔާ އަދި ބްރޯޑްކާސްޓްކުރުމާބެހޭ ކަންކަން އެއް ކޮމިޝަނެއްގެ މައްޗަށް އިންތިޒާމު ކުރެއެވެ. ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދާއިރާއިން ލާޒިމުވާ ކަންކަމާ ޚިލާފު ނުވާނެކަން ޔަޤީންކުރުމަށް، އެކަށީގެންވާ ޙިމާޔަތްތައް ޤާނޫނުގައި ހިމަނާފައި ވާނެއެވެ.
މީޑިޔާ އަތްދަށުލުމާއި، ސެންސަރުކުރުން
މަދަނީ މުޖުތަމަޢު
މަސްދަރު: އޭޑީއެމް
"ޚިޔާލު ފައުޅުކުރުމުގެ ޙައްޤު މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަން މެދުވެރިކޮށް ހަނިކޮށްފައިވެއެވެ. ދައުލަތް ޙިއްސާވާ ކުންފުނިތަކުންދަނީ ސިޔާސީގޮތުން ގުޅިފައިވާ މީޑިޔާތަކަށް، އިޝްތިހާރު ދިނުމުގައި ނަމުގައި ފަންޑު ކުރަމުންނެވެ. [މިބާވަތުގެ] މަޖުބޫރުކުރުވަނިވި ޤާނޫނީ އަދި މާލީ އޮނިގަނޑުތަކުގެ ސަބަބުން މީޑިޔާ އަތްދަށުލެވިފައި ވެއެވެ. އަދި ސެސްސަރުކުރުން ފުޅަލެވެ.
"މީޑިޔާ އަތްދަށުލުމާއި، ސިވިކް ސްޕޭސް (މަދަނީ ޙަރަކާތްތަކަށް އޮންނަ ޖާގަ) ހަނިކުރުމުގެ ސަބަބުން ޢާންމުންގެ މެދުގައި ހޭލުންތެރިކަމާއި، އަދި ބައިވެރިވުން ކުޑަވުން ބޮޑުވެފައި ވެއެވެ. އާބާދީގެ ދެބައިކުޅަ އެއްބަޔާ ހަމައަށް އަރާ ޒުވާނުންވަނީ [ސިޔާސީ މާހައުލާ] ފެޔަށް ޖެހިފައެވެ. ބޭނުންވެގެންނެއް ނޫނެވެ. ބިރާއި ނާއުންމީދުގައެވެ."
ސަރުކާރުގެ ދިފާޢު
މަސްދަރު: ބަންޑާރަ ނާއިބް
"މި ސަރުކާރުން އިސްކަންދީފައި ވަނީ މިނިވަން ނޫސްވެރިކަމާއެކު ޒިންމާދާރުކަމުގެ މާޙައުލެއް ޤާއިމު ކުރުމަށެވެ. ޤަވާޢިދުން ނޫސްވެރިންނާ ބައްދަލުކުރުމާއި ބަސްދީގަތުންތައް ދިނުމުގެ އިތުރުން، 2025 ގެ ބައިނަލްއަޤްވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގައި ރައީސް ޑރ މުޙައްމަދު މުޢިއްޒުވަނީ 15 ގަޑިއިރަށް ވުރެ ދިގު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވާފައެވެ. މީޑިޔާއިން ލައިވް ކުރިއެވެ. އަދި ހުރީހާ ނޫސް މީޑިޔާތަކަކާއި ނޫސްވެރިންނަށް ހިފެހެއްޓުމެއް ނެތް ގޮތުގައި ހުޅުވާލެވުނެވެ."
"ރައީސް މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގަތީއްސުރެ 140 އަށް ވުރެ ޕްރެސް ކޮންފަރަންސް ބާއްވަވައިފިއެވެ. 1000 ބަސްދީގަތުން މީޑިޔާއަށް ދެއްވައިފިއެވެ."
މަދަނީ މުޖުތަމަޢުގެ ޖާގަ
މަދަނީ މުޖުތަމަޢު
މަސްދަރު: އެމްޑީއެންގެ ބަޔާން
"އަޅުގަނޑުމެންނަކީ 2006 ގައި ރެޖިސްޓަރކުރި ޖަމްޢިއްޔާއެކެވެ. 2019 ގައި ނަހަމައިން ރެޖިސްޓްރޭޝަން އުވައިލާ، އަމިއްލައަށް އަރުވާލެވިގެން ހިންގާން މަޖުބޫރު ކުރީއެވެ. އެންޑީއެން އަށް އަނިޔާވެރި ޙަމަލާތައް ރައްދުވިއެވެ. ނަހަމައިން ރެޖިސްޓްރީ ބާޠިލުކުރިއެވެ. އަދި ފަންޑުވަނީ ކުރީގެ ސަރުކާރުން ހިފަހައްޓާފައެވެ. އެކަމުގެ ސަބަބުން މަދަނީ މުޖުތަމަޢަށްވަނީ ގުޑުން އަރާފައެވެ. އަމިއްލައަށް ސެންސަރުކުރުން ނުހަނު ބޮޑުވެފައި ވެއެވެ."
"[އައު] ޤާނޫނުއަސާސީގެ ކުރިން ހިންގާން ފަށާފައިވާ ޤާނޫނެއްގެ މައްޗަށް ބިނާކޮށް، އެމްޑީއެންއާ އެއްވެސް ވާހަކައެއް ދެއްކުމެއް ނެތި އަޅާފައިވާ ފިޔަވަޅަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ތާޢީދުކޮށްފައި ވާތީ އެކަމާމެދު ނުހަނު ކަންބޮޑުވަމެވެ. ޔޫޕީއާރްގެ 3 ވަނަ ބުރުގައި މެންބަރު ޤައުމުތަކުން އެމްޑީއެންގެ ރެޖިސްޓްރީ އިޔާދަކުރާން ސީދާ ލަފާދިން ނަމަވެސް، ދިވެހިރާއްޖޭގައި ޞައްޙަ ޖަމްޢިއްޔާއެއްގެ ގޮތުގައި ޙަރަކާތްތެރިވުމުގެ ފުރުޞަތު ދިނުމަށް ދިވެހި ސަރުކާރުން ދެކޮޅު ހަދާފައިވެއެވެ.
ސަރުކާރުގެ ރައްދު
މަސްދަރު: ބަންޑާރަ ނާއިބް
"2019 ގެ ޑިސެންބަރުގައި މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯރކްގެ ރެޖިސްޓްރީ ބާޠިލުކުރީ ކުރީގެ ސަރުކާރުންނެވެ. އެކަން 2023 މާރިޗުގައި ސިވިލް ކޯޓުން ބަލާފައި ވެއެވެ. ސިވިލް ކޯޓުން ނިންމާފައިވަނީ ރެޖިސްޓްރީ އުވާލީ ނަހަމައިން ނޫންކަމަށާއި، ކަމާބެހޭ ޤާނޫނުތަކާ އެއްގޮތްވާގޮތުގެ މަތިން ކަމަށެވެ.
އިންސާނީ ޙައްޤުތަކުގެ ޙިމާޔަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ހުރި ޙިމާޔަތްތައް
މަދަނީ މުޖުތަމަޢު
މަސްދަރު އޭޑީއެމް
"އިންސާނީ ޙައްޤުތަކުގެ ޙިމާޔަތުގައި މަސައްކަތްކުރާ ފަރާތްތަކާއި، ނޫސްވެރިން އަދި މަދަނީ މުޖުތަމަޢުގެ ބައިވެރިންނަށް ކެނޑިނޭޅި ބިރުތައް ކުރިމަތި ކުރުވަމުން ދެއެވެ. އަގުވައްޓާލުމުގެ ކެމްޕޭނުތައް ހިންގަމުންދެއެވެ. ދައުލަތުގެ ފުށުންނާއި، ދައުލަތުން ބޭރު އެހެން ފަރާތްތަކުންނެވެ. ޔާމިން ރަޝީދާއި، މަޖިލިސް މެންބަރު ޑރ އަފްރާޝީމް ޢަލީ އަދި އަޙްމަދު ރިޟްވާންގެ މައްސަލަ ނުނިމި އޮތުމާއި، އެއްވެސް ފަރާތެއްގެ މައްޗަށް ކާމިޔާބުކަމާއެކ ދަޢުވާކޮށް، ކުށް ޘާބިތުވެފައި ނުވާއިރު، މަރުތަކާއި ގެއްލުވާލައިފައިވާ މީހުންގެ ރިޔާސީ ކޮމިޝަން އުވާލުމަކީ މިކަންކަމަށް ތަސައްލީ ހޯދާން ސިޔާސީ ޢަޒުމު ނެތްކަމުގެ ދަލީލެކެވެ.
"2024 އިން ފެށިގެން ބިރުދެއްކުމުގެ ރިޕޯޓުތައް ކުރާ މިންވަރު މަދުވެފައިވަނީ ޙާލަތު ރަނގަޅުވެގެންނެއް ނޫނެވެ. ފިޔަވަޅު ނޭޅުމާއި އަމިއްލައަށް ސެންސަރުކުރުމުގެ ޘަޤާފަތުގެ ސަބަބުންނެވެ.
މަސްދަރު: ފޯރަމް އޭޝިޔާ އަދި އެމްޑީއެން
"ދިވެހިރާއްޖޭގައި ދީނީ ރުޅިވެރިކަމާއި، ތަޙައްމަލު ކުރާ މިންވަރު ކުޑަވުމުގެ ސަބަބުން ލިޔުންތެރިންނާއި ނޫސްވެރިންނަށް އަނިޔާ ލިބެމުން ދެއެވެ. އެކަކަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިއްޖެއެވެ. ފިޔަވަޅު ނޭޅުމާއި، ދައުލަތުގެ ވަޒީފާތަކާއި މަޤާމުތަކުގައި ތިބި މީހުންގެ އެހީތެރިކަން ނޫސްވެރިންނަށް ދޭ ޙަމަލާތަކުގައި އޮތުމުގެ ޘަޤާފަތުގެ ސަބަބުން ލިޔުންތެރިންނާއި މަދަނީ މުޖުތަމަޢުގެ ޙަރަކާތްތެރިންހެ ދީނީ މިނިވަންކަމާއި، ޚިޔާލު ފައުޅުކުރުމުގެ މިނިވަންކަމަށް ނުހަނު ބޮޑުތަކުން ހުރަސްއެޅި، އަމިއްލައަށް ސެންސަރުކުރާން ގިނަ ނޫސްވެރިންނަކަށް މަޖުބޫރު ކުރުވިއެވެ.
ސަރުކާރުގެ ދިފާޢު
މަސްދަރު: ބަންޑާރަ ނާއިބް
"ޢަދަވާތްތެރި އަނިޔާވެރި ބަސްތަކާއި، މަދަނީ މުޖުތަމަޢުގެ ޙަރަކާތްތެރިންނާއި އިންސާނީ ޙައްޤުތަކުގެ ދިފާޢުގައި މަސައްކަތްކުރާ ފަރާތްތަކަށް ބިރުދެއްކުމާމެދު ސަރުކާރުން ގެންގުޅެނީ ޒީރޯ ޓޮލަރަންސް (ހަމަ އެއްގޮތަކަށްވެސް ބަލައިނުގަންނާނެ) ސިޔާސަތެކެވެ. އޮފްލައިންކޮށްވެސް އަދި އޮންލައިންކޮށްވެސް މިބާވަތުގެ ކަންކަމާ ދެކޮޅަށް ވާނީ ހަރުދަނާ ޤާނޫނީ ޙިމާޔަތްތަކެއް އެކަށައަޅާފައެވެ. ޢަދަވާތްތެރި އަނިޔާވެރިކަމުގެ ބަސްތަކާއި، ސައިބަރ ކުށްތައް މަނާކުރުމުގެ ޤާނޫނުތައް، އޮންލައިން ޕްލެޓްފޯމުތަކުގެ ޒިންމާދާރުކަމާއި ރައްކާތެރިކަމަށްޓަކައި، އެކުލަވާފައި ވެއެވެ. މަދަނީ މުޖުތަމަޢުގެ ޙަރަކާތްތެރިންނާއި އިންސާނީ ޙައްޤުތަކުގެ ދިފާޢުގައި މަސައްކަތްކުރާ ފަރާތްތަކަށް ތަސައްލީ އާއި ރައްކާތެރިކަން ހޯދުމުގެ މަގުތައް ވަނީ ޝަރުޢީ ނިޒާމުގެ ތެރެއިން ހުޅުވިފައެވެ.
"އިންސާނީ ޙައްޤުތަކުގެ ވަކާލާތުގައި ޝާމިލުވާ އެއްވެސް ފަރާތަކަށް ނުވަތަ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ އޮނިގަނޑުތަކާ މުޢާމަލާތްކުރުމުގެ ސަބަބުން އެއްވެސް މީހެއްގެ މައްޗަށް ފިޔަވަޅު ނޭޅޭނެކަން މި ސަރުކާރުން ޔަޤީންކޮށްފައި ވެއެވެ. އެފަދަ އެއްވެސް ފިޔަވަޅެއް މިސަރުކާރުން އަޅާފައެއް ނުވާނެއެވެ. ބިރުދެއްކުން ނުވަތަ ބަދަލުހިފުމުގެ ގޮތުން އެޅި ފިޔަވަޅެއްގެ ތުހުމަތު އުފުލިއްޖެނަމަ ސީރިއަސް ގޮތެއްގައި ބަލާނެއެވެ. ޙިމާޔަތްތައް ޤާއިމުކޮށްފައި ވާނެއެވެ. އަދި ކާކުކަން ނޭނގޭހެން ރިޕޯޓުކުރުމުގެ މަގުތައް ހުޅުވާފައި ވާނެއެވެ. އިންސާނީ ޙައްޤުތަކުގެ ޙިމާޔަތުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް، އެފަރާތްތަކަށް މިނިވަންކަމާއި، ސަލާމަތުގައި ވެވޭނެ މަގުތައް ފަހިކޮށްފައި ވާނެ މެއެވެ.
މަސްދަރު: މިނިސްޓަރ ޢަލީ އިޙްސާން
"މަދަނީ މުޖުތަމަޢާއި އިންސާނީ ޙައްޤުތަކުގެ މަސައްކަތުގައި މަޝްޣޫލުވާ ފަރާތްތަކުގެ މަސައްކަތް މިސަރުކާރުން ބަލައިގަންނަމު އެވެ. އަދި ހުރިހާ އެންމެންގެމެ ސަލާމަތާއި ރައްކާޓެރިކަން ކަށަވަރުކުރުމަށް ޢަޒުމު ކަނޑައަޅާ، އެޢަޒުމުގައި ދެމި ތިބީމުއެވެ. އިންސާނީ ޙައްޤުތަކުގެ ދިފާޢުގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންނަށް އޮންލައިންކޮށް އަދި ޖިސްމާނީގޮތުން ކުރިމަތިވާ ބިރުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް ހުޝިޔާރުކަމާއެކު މަސައްކަތް ކުރެއެވެ. އަދި ޑިޖިޓަލް މަޙައްލުތައް ބޭނުންކުރުމުގައި ޒިންމާދާރުކަން ކަށަވަރުކުރަމުން ދޭމެއެވެ."
މަދަނީ މުޖުތަމަޢަށްދޭ އެހީ
މަދަނީ މުޖުތަމަޢު
މަސްދަރު: އޭޑީއެމް
"އިންޞާފު ޤާއިމުކުރެވި، ޒިންމާކުރުވުން އިޔާދަ ނުކުރެވޭހާ ހިނދަކު، އިންސާނީ ޙައްޤުތަކުގެ ދިފާޢުގައި މަސައްކަތްކުރާ ފަރާތްތަކާއި، މަދަނީ މުޖުތަމަޢަށް ޙަރަކާތްތެރިވާން ދިވެހިރާއްޖޭގައި އޮތީ ހަނި، ކުޑަ ޖާގައެކެވެ." "މަދަނީ މުޖުތަމަޢުގެ ޙަރަކާތްތެރިންނަށް އޮންލައިން ކޮށް އަދި އޮފްލައިންކޮށް، ފުރައްސާރަ ކުރުމާއި، ބިރުދެއްކުމުގެ ޢަމަލުކޮށް ގިނަވެފައިވާތީ، ޢާންމުންގެ ހޭލުންތެރިކަމާއި ބައިވެރިވުން ބޮޑުތަނުން ކުޑަވެފައި ވެއެވެ."
ސަރުކާރުގެ ދިފާޢު:
"މަދަނީ މުޖަތަމަޢަށް ޖާގަ އަދި އެހީ ދިނުމަށް މިސަރުކާރުން މުއައްސަސީ ފެންވަރެއްގައި އިސްކަންދީފައި ވާނެއެވެ. މަދަނީ މުޖުތަމަޢުގެ ބައިވެރިންނަށް ދެމެހެއްޓެނިވި ގޮތެއްގައި ހިލޭ އެހީ ދިނުމާއި، ލިޔާޤަތު އިތުރު ކުރުމުގެ ޙަރަކާތްތަކެއް ހިންގަމުން ދެއެވެ. 2021 އިން ފެށިގެން އެކަމަށް ދިވެހި ސަރުކާރުން އަހަރަކު 3 މިލިޔަން ރުފިޔާ އެކަށައަޅާ، 50 އަކަށް ޖަމްޢިއްޔާ/ޖަމާޢަތަށް އަހަރީ އޮނިގަނޑެއްގެ ތެރެއިނ ފައިސާގެ އެހީ ދެމުން ދެއެވެ. މިއަހަރު ފެށުނު އިރު، އެ ފައިސާއިން 10 އިންސައްތަ ޚާއްޞަކޮށްފައިވާނީ ނާޒުކު ޙާލަތްތަކުގައިވާ ފަރާތްތަކާ ގުޅޭ މަދަނީ ޖަމްޢިއްޔާ ތަކަށެވެ."
"ރައީސް ޑރ މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައި ވާގޮތަށް މަދަނީ މުޖުތަމަޢުގެ ޙަރަކާތްތެރިކަން އިތުރުކުރާން، 2025 ގައި ނޭޝަނަލް ފޯރަމް އޮން ސިވިލް ސޮސައިޓީ އޯގަނައިޒޭޝަންސް ލޯންޗު ކޮށްފައި ވެއެވެ. އަތޮޅުތަކުން 120 މަންދޫބުން މިފޯރަމުން އެއްތަން ކުރެވުނެވެ. އަދި މަދަނީ މުޖުތަމަޢުގެ ބައިވެރިންނަށް ދިމާވާ ގޮންޖެހުންތައް ޙިއްސާކުރާނެ ގުޅިފައިވާ ޕްލެޓްފޯމެއް ޤާއިމުކުރެވުނެވެ. ސިޔާސަތުގައި ހުރި ބާގަނޑުތައް ބައްދާނެ ގޮތްތަކުގެ މައްޗަށް ސަރުކާރުގެ އެހީތެރިކަން ދެވޭނެ ގޮތްތަކާމެދު މަޝްވަރާ ކުރެވުނެވުނެވެ."
އިންތިޤާލީ އިންޞާފާއި ޖަވާބުދާރީ ކުރުވުން
މަދަނީ މުޖުތަމަޢު
މަސްދަރު: އޭޑީއެމް
"މަރުތަކާއި ގެއްލުވާލައިފައިވާ މީހުންނާބެހޭ ރިޔާސީ ކޮމިޝަން އުވާލީ އެންމެ މީހެއްގެ މައްޗަށް ކުށް ޘާބިތު ނުކުރެވިއެވެ. މަރުތަކާއި ގެއްލުވާލުންތަކުގެ ޙަޤީޤަތް ހޯދާން ސިޔާސީ ޢަޒުމެއް ނެތްކަން ދައްކައެވެ.
މަސްދަރު: ފޯރަމް އޭޝިޔާ އަދި އެމްޑީއެން
ގެއްލުވައިލާ، މަރާލާފައިވާ ޔާމިން ރަޝީދު އަދި އަޙްމަދު ރިޟްވާންފަދަ ލިޔުންތެރިންނާއި ނޫސްވެރިންގެ މައްސަލަތަކުގެ ތަޙްޤީޤަށް ކާމިޔާބެއް، ކުރިއެރުމެއް ލިބިފައެއް ނެތެވެ. މިމައްސަލަތައް ބަލާ ތަޙްޤީޤުކުރާން އެކުލެވި ރިޔާސީ ކޮމިޝަން 2024 ގައި އުވައިލާފައި ވެއެވެ. އެކޮމިޝަނުން ހޯދި ހޯދުންތަކުގެ މަޢުލޫމާތެއް ކުޑަމިނުން އަނިޔާ ތަޙައްމަލުކުރި ޢާއިލާތަކާވެސް ޙިއްސާއެއް ނުކުރެއެވެ.
މަސްދަރު:
"މަރުތަކުގެ ކޮމިޝަނާއި، އެންޓި ކޮރަޕްޝަނާއި އެސެޓް ރިކަވަރީ ކޮމިޝަންފަދަ، ސީރިއަސް ކުށްތައް ތަޙްޤީޤުކުރާން ޤާއިމުކުރާ އޮނިގަނޑުތައް ނެތި، އުވިދަނީ ޢާންމުކުރާ ރިޕޯޓެއް، ކާމިޔާބުކަމާއެކު ދަޢުވާ އުފުލޭ ކުށްވެރިޔަކު ނެތިއެވެ. ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓަރަރިސްޓް ޙަމަލާއާއި، ނޫސްވެރިޔާ އަޙްމަދު ރިޟްވާން ގަދަލަމުން ގެއްލުވާލުމާއި، ބްލޮގަރ ޔާމިން ރަޝީދު މަރާލުންފަދަ ޢަމަލުތަކާ ގުޅޭ ޖަވާބެއް ލިބުމުގެ ބަދަލުގައި ހައްތަހާ އިތުރުވަނީ ސުވާލެވެ.
ސަރުކާރުގެ ދިފާޢު
މަސްދަރު: ބަންޑާރަ ނާއިބް
"އިންތިޤާލީ އިންޞާފުގެ ނިޒާމުތަކުގެ ނަޒަރުން ބަލާއިރު، ކުރީގެ ސަރުކާރުން އެކުލެވި ރިޔާސީ ކޮމިޝަނާއި، 2020 ގައި ފާސްކުރި އިންތިޤާލީ އިންޞާފުގެ ޤާނޫނުގެ ދަށުން ޤާއިމުކުރި އިންތިޤާލީ އިންޞާފާބެހޭ އޮމްބަޑްސް ޕަރސަންގެ އޮފީސް އުވައިލީ، ކުރާން ޖެހޭ މަސައްކަތް ފުރިހަމަ ނުކޮށެވެ. މިމައްސަލަތަކުގައި އަދި އިންތިޤާލީ އިންޞާފުގެ އޮފީހަށް ހުށަހެޅި މައްސަލަތަކަށް ތަސައްލީ ހޯދައިދިނުމަށާއި، ޖަވާބުދާރީ ކުރުވާން އަޅާންޖެހޭ އެކަށީގެންވާ ފިޔަވަޅުތަކުގެ މައްޗަށް ސަރުކާރުން މިދަނީ ނަޒަރު ހިންގަމުންނެވެ."
ތާރީޚީ ޒިންމާ
މަދަނީ މުޖުތަމަޢު
މަސްދަރު: އެމްޑީއެން
"1953 އިން ފެށިގެން އެކި ސަރުކާރުތަކުގެ ދުވަސްވަރު، އެކި ބާވަތުގެ ލާއިންސާނީ އަނިޔާ 1953 އިން ފެށިގެން ތަޙައްމަލުކުރި މީހުން ތިބީ އިންޞާފު ނުލިބިއެވެ. އޮމްބަޑްސްޕަރސަންގެ އޮފީހުން، އިންތިޤާލީ އިންޞާފުގެ މައްޗަށް ޢާންމުންގެ ހޭލުންތެރިކަން އުފައްދާން ނުކުޅެދިފައި ވެއެވެ. އެކަމުގެ ސަބަބުން ސިޔާސީގޮތުން ބައިބައިވުން ގިނަ މިފަދަ މާޙައުލެއްގައި، އިންޞާފު ހޯދާން އެދި ހުށަހަޅާން އަނިޔާ ލިބުނު މީހުންނަށް ބޭނުންވާ އިތުބާރެއް ނުއުފެއްދުނެވެ. އަނިޔާވެރިކަމުގެ ޢަމަލުތަކަށް ހަމަ އެކަކުވެސް ދިވެހިރާއްޖޭގައި ޒިންމާ ކުރުވިފައެއް ނުވެއެވެ."
ސަރުކާރުގެ ދިފާޢު
މަސްދަރު: ބަންޑާރަ ނާއިބް
"އިންތިޤާލީ އިންޞާފުގެ އޮފީހަށް ހުށަހެޅި މައްސަލަތަކަށް ތަސައްލީ ހޯދައިދިނުމަށާއި، ޖަވާބުދާރީ ކުރުވާން އަޅާންޖެހޭ އެކަށީގެންވާ ފިޔަވަޅުތަކުގެ މައްޗަށް ސަރުކާރުން މިދަނީ ނަޒަރު ހިންގަމުންނެވެ."
ކޮރަޕްޝަނާއި މުއައްސަސާތަކުގެ ނަޒާޙަތްތެރިކަން
މަދަނީ މުޖުތަމަޢު
މަސްދަރު: އޭޑީއެމް
"ކޮރަޕްޝަނަކީ ދިވެހި ސަރުކާރުގެ ހުރިހާ ފަންތިއެއްގައި ޢާންމުވެފައިވާ ކަމެކެވެ. ބޮޑެތި ޚިޔާނާތާއި ވައްކަމުން ފެށިގެން، ކޮންމެ ދުވަހަކު ހިންގާ މުޢާމަލާތްތަކުގައްޔާއި، ޢާންމު ޚިދުމަތް ފޯރުކޮށްދިނުގައްޔާއި، ވަޒީފާ ދިނުމުގައި ޒާތީ ގުޅުންތަކުގެ މައްޗަށް ބަރޯސާވެއެވެ. ފުލުހުންނާއި ޝަރުޢީ ދާއިރާގެ މުއައްސަސާތައްވެސް ވަނީ ސިޔާސީ ވެފައެވެ. އެބައިމީހުންގެ ވާޖިބު އަދާކުރުމުގައި އެއްކޮށްހެން ފޭލުވެފައި ވެފައި ވެއެވެ.
"މުއައްސަސާތައް ފޭލިވެ ކޮރަޕްޝަން ވަނީ ޢާންމުވެފައެވެ. އެކަމުގެ ސަބަބުން ޢާންމުން ނާއުންމީދުވެ، ސިޔާސީ ކަންކަމުން ދުރުވެ، ވެރިކަމާމެދު އޮންނަ އިތުބާރު ގެއްލިފައި ވެއެވެ.
ސަރުކާރުގެ ދިފާޢު
މަސްދަރު: ބަންޑާރަ ނާއިބް
"މި ސެޝަނަށް ރިޕޯޓުތައް އެކުލެވި މުއްދަތުގައި ދިވެހިރާއްޖެއިން ވާނީ މުއައްސަސާގެ ފެންވަރުގައި އިޞްލާޙުތަކެއް ގެނެސްފައެވެ. ހިންގާ ގޮތް ހަރުދަނާކޮށް، ޢާންމުންގެ އިތުބާރު ހޯދުމަށެވެ. މީގެ ތެރޭގައި ކޮރަޕްޝަނާ ދެކޮޅު ފިޔަވަޅުތަކާއި، ވިލްސްބްލޯވަރުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމާއި، މިނިވަން މުއައްސަސާތަކުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ ފާރަވެރިކަން އިތުރު ކޮށްފައި ވާނެއެވެ. ދެފުށް ފެނުން އިތުރުކުރުމަށާއި، ލިޔާޤާޔަތުާއި، ފެންވަރުގެ މައްޗަށް ޕަބްލިކް ސެކްޓަރ އަނބުރާލުމަށް ޑިޖިޓަލް ގަވަރނަންސްގެ ރޮނގުގައި މިހާރު އެބަ ކުރިއަށް ދަމުއެވެ."
"މާލީ ބަޔާން ހާމަކުރުމާއި، އެސެޓު [ރައުސުލްމާލު] އަނބުރާ ހޯދުމުގެ ޤާނޫނުތައް މިހާރުދަނީ އެކުލަވަމުންނެވެ. ބޭނުމަކީ ދެފުށްފެނުން އިތުރުކުރުމާއި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމެވެ."
މަރުގެ އަދަބު
މަދަނީ މުޖުތަމަޢު
މަސްދަރު: އެމްޑީއެން
"މިއަހަރުގެ އޭޕްރީލް އާ ހަމައަށް، 23 މީހަކު މަރުގެ ޙުކުމް އިއްވާފައި އެބަތިއްބެވެ. އެތެރޭގެ ޤާނޫނުތަކުން މަނާކުރިޔަސް، ކޯޓުތަކުން ގެންދަނީ ކުޑަކުދިންނަށްވެސް މަރުގެ ޙުކުމް އިއްވަމުންނެވެ. ނިމިދިޔަ އަހަރު، ސަރުކާރުން ސަރުކާރުންވަނީ މަރުގެ އަދަބު ތަންފީޛުކުރަން ޤަސްތުކުރާ ކަމަށް ބުނެފައެވެ. އިޖުރާޢަތުތައް އެކުލެވުމާއި، މުވައްޒަފުންގެ ތަމްރީނު ކުރުމުގެ މަސައްކަތް ފެށި ވީއިރު، މަރުގެ ޙުކުމް ތަންފީޛުކުރާ ޗެމްބަރު ހުރީ މަރާމާތުގައެވެ. ނިމިދިޔަ މަހު، ރައީސް މުޢިއްޒުވަނީ މަސްތުވާތަކެތި ޓްރެފިކު ކުރާ މީހުންނާއި، ސްމަގަލް ކުރާ މީހުންނަށް މަރުގެ އަދަބު ދޭން ޤަސްތުކުރައްވާކަން އިޢުލާން ކުރައްވާފައެވެ. އެހެންވީމާ ޤައުމުގެ ޒުވާނުން- އާބާދީގެ ދެބައިކުޅަ އެއްބަޔަށް މި އަނިޔާވެރި އަދަބަށް ހުށަހެޅުމުގެ ހިރާސް [ރިސްކު] ބޮޑުވެފައި ވެއެވެ."
މަސްދަރު: ދަ އެޑްވޮކޭޓްސް ފޯރ ހިއުމަން ރައިޓްސް، އެމްޑީއެން، އެންޓި ޑެތު ޕެނަލްޓީ އޭޝިޔާ ނެޓްވޯރކް، ކެޕިޓަލް ޕަނިޝްމަންޓް ޖަސްޓިސް ޕްރޮޖެކްޓް އަދި ވޯލްޑް ކޮއެލިޝަން އަގެއިންސްޓް ދަ ޑެތު ޕެނަލްޓީ
"ޒިނޭގެ މައްސަލަތަކުގައި ކޯޓުން އަންހެނުންގެ މައްޗަށް މަރުގެ އަދަބު އިއްވާފައި ވެއެވެ. މިފަދަ މިއްސަލައެއްގައި މަރުގެ އަދަބު ދޭކަށް ޤާނޫނުލް ޢުޤޫބާތަކު އަދި ކަމާބެހޭ އެހެން ޤާނޫނެއްގަވެސް ނެތެވެ. 2014 ގައި ދަށު މަރުޙަލާގެ ކޯޓަކުން އަންހެނެއްގެ މައްޗަށް ރަޖަމުގެ ޙުކުމް އިއްވާފައިވެއެވެ. ޖިންސީގޮތުން ބަލައިނުގަނެވޭ ޢަމަލުތައް ކަމަށް ސިފަކޮށް، އަންހެނުންގެ މައްޗަށް މަރުގެ ޙުކުމް އިއްވަމުން ދިއުމުން ފެނުގެންދަނީ ދެޖިންސުގެ ދެމެދުގައި ހުރި ތަފާތުކުރުމެވެ. މީގެ އިތުރުން، މަރުގެ އަދަބާ ނުވަތަ ހަރުކަށި އަދަބަކާ ކުރިމަތިލާން ޖެހިދާނެކަމުގެ ބިރު އޮތްކަމަށްޓަކައި ޖިންސީ އަނިޔާގެ ރިޕޯޓުތައް ކުރާން އަންހެނުން ފަސްޖެހުން އެކަށީގެންވެއެވެ.
ސަރުކާރުގެ ރައްދު
މަސްދަރު: ބަންޑާރަ ނާއިބް
"މަރުގެ އަދަބު އުވާލަން ދީފައިވާ ލަފަޔަށް ދިވެހިރާއްޖެއަށް ތާޢީދުކުރެވޭކަށް ނެތެވެ. އަދި އައިސީސީޕީއާރް (އިންޓަރނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް) ގެ ދެވަނަ ޕްރޮޓޮކޯލް ތަސްދީޤެއްވެސް ނުކުރެވޭނެއެވެ. މަރުގެ އަދަބަކީ ދާދި މަދު ޙާލަތެއްގައި [ތަންފީޛުކުރާން ޤާނޫނުގައި އޮތް]، ޝަރުޢީ ނިޒާމުގެ ފުރިހަމަ ޙިމާޔަތްތަކާއި ބެލުންތަކަށްފަހު، އަދި އޮޓަމެޓިކުން ސުޕްރީމް ކޯޓުން ގޮތްކަނޑަ އަޅާ ނިންމައިގެން މެނުވީ ނިހާއީވާ ޙުކުމެއް ނޫނެވެ. ބައިނަލްއަޤްވާމީގޮތުން ތަބަޢަވާންޖެހޭ ކަންކަމާ ގުޅުވައި، ކުޑަކުދިން ކުރި ކުށްތަކަށް އިއްވާފައިވާ މަރުގެ ޙުކުމް، ކުޑަކުދިންގެ ރައްކާތެރިކަމާބެހޭ ޤާނޫނުތަކާ އެއްގޮތްވާގޮތުގެ މަތިން، ލުއިކޮށްފައެވެ.
މަސްދަރު: ޢަލީ އިޙްސާން
"ޑްރަގް ޓްރެފިކު ކުރާ މީހުންގެ މައްޗަށް އެންމެ ހަރުކަށި އަދަބު ތަންފީޛުކުރާން ސަރުކާރުން ޢަމަޒު ކަނޑައަޅާފައިވެއެވެ. ޤާނޫނުގައި މިއަދަބުތައް ހިމަނާނެ އެންމެ އެކަށީގެންވާ ގޮތް ބަލާ ދަނެގަތުމުގެ މަސައްކަތް މިދަނީ ކުރަމުންނެވެ. ޑްރަގް ޓްރެފިކު ކުރާ މީހުންނަށް މަރުގެ އަދަބު ތަންފީޛުކުރުން ހިމެނޭހެން ދުނިޔޭގެ އެކިކަންކޮޅުގައި ހަުރުކަށި އަދަބު ދޭ ދިނުމާ އެއްގޮތަށެވެ."
އަންހެނުންނާއި ކުޑަކުދިންގެ ޙައްޤުތައް
މަދަނީ މުޖުތަމަޢު
މަސްދަރު: އެމްޑީއެން
"އަންހެނުންގެ ބައިވެރިވުން ސިޔާސީ މައިދާނުގައި ހުރި މިންވަރު މިނެކިރާން ޤައުމީ އިންތިޚާބުތައް ޢާންމުކޮށް ބޭނުން ކުރެތެވެ. އެޢަދަދު ދިވެހިރާއްޖޭގައި ދަނީ ދަށަށެވެ. އެކަމުގެ ސަބަބަކީ އަންހެނުންނަށް ޚާއްޞަ ފުރުޞަތު ފަހިކޮށްދިނުމުގެ ޤާނޫނުތައް ސިޔާސީ ޕާޓީތަކުގެ މަޤާމުފުރާ ތަކުގެ މައްޗަށް ނުހިނގުމެވެ. ޕާޓީތައް ހިންގުމުގައި ތަފާތުކުރުމާއި، އަންހެނުންނާމެދު ދެރަވަރުކޮށް ދުށުމުގެ ޢަމަލުތައް ގިނައެވެ. އަންހެނުން ޤައުމީ އިންތިޚާބުތަކުގައި ވާދަކުރާނެ ކަން ނިންމާނީ ޕާޓީތަކުގެ އެތެރޭގެ ޕްރައިމެރީ އިންތިޚާބުތަކުންނެވެ.
މަސްދަރު: އިކުއިޓީ ނައު، ހޯޕް ފޮރ ވިމެން، ފޯރަމް-އޭޝިޔާ އަދި އެމްޑީއެން
"އަންހެނުންގެ ތެރެއިން 15 އަހަރާއި 49 އަހަރާ ދެމެދުގެ 13 އިންސައްތަ އަންހެނުންވަނީ ކޮންމެވެސް ބާވަތެއްގެ ޚިތާނުކުރުމެއް ތަޙައްމަލު ކޮށްފައެވެ. 14 އަހަރާއި ހަމައަށް 1 އިންސައްތަ ކުދިން މިކަމާ ކުރިމަތިލާފައި ވެއެވެ. މެޑިކަލް މަގުތަކުން ގޮސް، ޚިތާނުކުރުން އަލުން ޢާންމުވެދާނެ ކަމުގެ ބިރު ހީވެފައިވެއެވެ.
މަސްދަރު: ފޯރަމް އޭޝިޔާ އަދި އެމްޑީއެން
"ރުޤްޔާ: ޤުރުއާންގެ އާޔަތްތައް މެދުވެރިކޮށް ސިހުރުހާހޫރައާއި ޖިންނިއަށް ކިޔެވުން ހިނގަނީ ރަސްމީ ޞިއްޙީ ފަރުވާގެ އޮނިގަނޑުގެ ބޭރުންނެވެ. ރުޤްޔާގެ ނަމުގައި އަންހެނުންނާއި، އަންހެން ކުދިންނަށް އަނިޔާވެރި ޖިސްމާނީ އަނިޔާ ދިނުމަށާއި، ޖިންސީ އަނިޔާ ކުރާކަމުގެ ރިޕޯޓުތައް ލިބިފައިވެއެވެ. އަދި ބައެއް ރިޕޯޓު ބުނަނީ އަންހެނުންނާއި އަންހެން ކުދިން އެބައިމީހުންގެ ގޭގޭގައި ބަންދުކޮށްގެން ގެންގުޅޭ ކަމަށެވެ.
"މޯލްޑިވްސް ޕޮލިސް ސަރވިސް އަދި އެޗްއާރްސީއެމް (ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑީވްސް) އަށްވަނީ ރުޤްޔާގެ ނަމުގައި ހިންގާ އަނިޔާގެ ރިޕޯޓުތައް ލިބެމުންދާކަމަށް ބުނެފައެވެ. ނޮވެންބަރު 2020 ގައި ރައްޔިތުންގެ މަޖިލީހުގެ ޖެންޑަރ އެންޑް ހިއުމަން ރައިޓްސް ކޮމިޓީއިން އަންހެނަކާއި އޭނާގެ 3 އަންހެން ދަރިންނަށް ގިނަ ދުވަސްތަކެއް ވާންދެން ޖިސްމާނީ އަދި ޖިންސީ އަނިޔާދީ، ގޭގައި 3 މަސްދުވަސް ވާންދެން ބަންދުކޮށްގެން އުޅުނު މައްސަލައެއް ބެލިއެވެ. އަނިޔާ ދެމުންދިޔައީ ފިރިމީހާ/ބައްޕަ އެވެ. އޭނާވަނީ ރުޤްޔާ ކުރާ މީހަކު އެތައް ފަހަރެއްގެ މަތިން ގެނެސް "ފަރުވާ" ކޮށްފައެވެ."
"ފުލުހުންނަށް މިބާވަތުގެ އެހެން ކަމެއްގައި އިހުމާލުގެ މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ؛ އެހީއަށް އެދި ރިޕޯޓުކުރި އަންހެން މީހާ ދޫކޮށް، ފުލުސް މީހާ ދިޔައީ، ރުޤްޔާ ކުރަނީކަމަށް ބުނީމައެވެ. އެޗްއާރްސީއެމްއިން ޢާންމުންގެ ކަންބޮޑުވުންތަކުގެ މައްޗަށް ގޮވާލީ، ރުޤްޔާ ކުރުން ޤަވާއިދަކަށް ފައްތާށެވެ. އުވައިލާކަށް ނޫނެވެ."
މަސްދަރު: އީކުއަލިޓީ ނައު އަދި ހޯޕް ފޮރ ވިމެން
"މާއްދާ ނަންބަރު 53 އަމުދުން އޮތްގޮތުން، ޖިންސީ ކުށުގެ ޤާނޫނުން އަނިޔާ ލިބޭ މީހުންގެ މައްޗަށް ނާއިންޞާފު ބުރައެއް އުފުލާން ޖައްސައެވެ. އޭގައި ވާގޮތުން އަނިޔާ ލިބޭ ފަރާތުން ކުރީގައި ކޮށްފައިވާ ޖިންސީ ޢަމަެލެއްގެ ސަބަބުން ނުވަތަ އަނިޔާ ރިޕޯޓޫކުރުން ލަސްވުމުގެ ސަބަބުން ދަޢުވާ ނުކުރަން [އަނިޔާ ދިން ފަރާތުގެ މައްޗަށް] ނިންމިދާނެއެވެ. މިކަުމުގެ ސަބަބުން ކުށްހީ އަދި ކުށް ދުށުންތަކަށް ބާރުދެއެވެ. އަނިޔާ ލިބުނު ފަރާތް ދެފަހަރު އަނިޔާ ތަޙައްމަލު/އިޙްސާސް ކުރާން ޖެހޭ ޙާލަތު އުފައްދައެވެ."
މަސްދަރު: ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)
"އަދަބު ލުއިކޮށްދީ، މަޢާފު ދިނުމާބެހޭ ޤާނޫނުގެ ދަށުން ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ ކުށްތައް މަޢާފެއް ނުކޮށްދެވެއެވެ. ނަމަވެސް، ޙުކުމުން ބާކީ އޮތް މުއްދަތު ކުރުކޮށްދިނުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދެއެވެ. އެހެންވީމާ ކުޑަކުދިންނަށް ޖިންސީ އަނިޔާ ދޭ މީހުން ޙުކުމުގެ މުއްދަތު ހަމަވުމުގެ ކުރިން މިނިވަން ވުމަށް ޖާގަ ދެއެވެ."
ސަރުކާރުގެ ދިފާޢު
މަސްދަރު: މިނިސްޓަރ ޑރ ޢާއިޝަތު ޝިހާމް
"ވެރިކަން ހިންގުމުގައި އަންހެނުންގެ ބައިވެރިވުމަކީ އަޅުގަނޑުމެންގެ ޑިމޮކްރެޓިކް އަގުތަކުގެ މުހިންމު ބައެކެވެ. އަންހެނުންނަށް ޚާއްޞަކޮށްފައިވާ ކައުންސިލްތަކުގެ ގޮނޑީގެ 33 އިންސައްތައިގެ ވާޞިތާއިން، ލާމަރުކަޒީ ޤާނޫނު ދަނީ އަންހެނުން ސިޔާސީ މައިދާނުގައި ޙަރަކާޓްތެރިވާ ގޮތަށް އިންޤިލާބީ ބަދަލެއް ގެނެފައެވެ. 2017 ގައި އަންހެނުން ލޯކަލް ގަވަރންމަންޓުގައި ބައިވެރިވާ މިންވަރު ހުރީ 6.1 ނަމަވެސް، މިހާރު އެޢަދަދު ހުރީ 39.7 އިންސައްތައިގައެވެ.
"އަންހެނުންނަކީ ސިވިލް ސަރވިސްގެ މެނޭޖިއަރަލް މަޤާމުތަކުގެ 83 އިންސައްތައެވެ. އަދި އެގްޒެކެޓިވް ފެންވަރުގެ 57 އިންަސައްތައެވެ. މީގެ އިތުރުން ބާރ ކައުންސިލުން ސެޓިފިކެޓް ދީފައިވާ ލޯޔަރުން ކުރެ 49 އިންސައްތައަކ ދިވެހިރާއްޖޭގައި އަންހެނުންނެވެ. މިއީ ގިނަ ދާއިރާތަކެއްގައި އަންހެނުންގެ ދައުރު އިތުރުވަމުން އަންނަކަމުގެ ދަލީލެކެވެ.
"ދިވެހިރާއްޖޭގައި އަންހެން ކުދިން ޚިތާނުކުރުމުގެ އެއްވެސް ޢަމަލެއް މިހާރު ހިންގަމުންދާކަމުގެ އެއްވެސް ދަލީލެއް ނެތްކަމަށް ދަންނަވަމެވެ. އެފަދަ ކަމެއްގެ ޢިޝާރާތެއް އެންމެ ފަހުން ވެސް ވެފައި އޮތީ 2016/17 ގެ ޑިމޮގްރެފިކް އެންޑް ހެލްތު ސާރވޭގައެވެ. އޭގައި އޮތީ ޢުމުރުން ދުވަސްވެފައިވާ ބަޔަކު އެފަދަ ކަމެއް ތަޙައްމަލު ކޮށްފައި ވާ ކަމުގެ ވާހަަކައެވެ. މިއީ ދިވެހި ސަރުކާރުން އެންމެ މަތީ ދަރަޖައިގެ ސީރިއަސްކަމުގައި ބަލާ މައްސަލައެކެވެ. މިފަދަ އެއްވެސް ޢަމަލެއް ހިމެނޭނީ ޤާނޫނުލްޢުޤޫބާތާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނުން މަނާ، ކަންކަމަށެވެ."
"އަނިޔާ ލިބޭ މީހުންނަށް އަމާޒުކުރެވޭ ޚިދުމަތްތަކަކީ ނުހަނު އިސްކަންދޭ ކަމެކެވެ. ގެވެށި އަނިޔާއިން ސަލާމަތްވެފައިވާ މީހުންގެ ބޯހިޔާވަހިކަމާއި، އެފަދަ ޢާއިލާތަކުގެ ކުދިންނަށް ޢާއިލީވަންތަ، ޢާއިލީ ދިރިއުޅުމުގެ އިންތިޒާމުތަކެއް ހަމަޖެއްސޭނެ މަގުންނެވެ. މިކަމުން ޢާއިލީ ގުޅުންތައް ދެމެހެއްޓެއެވެ. އިތުރު އަނިޔާ ނުވަތަ ހުއްޓުން އެރުންތައް ފަރުވާގެ މުއްދަތުގައި ނުހިނގާނެކަން ޔަޤީންކުރެވެއެވެ. އުތުރާއި، މެދު އަދި ދެކުނުގެ ސަރަޙައްދުގައި ނޭޝަނަލް ޑޮމެސްޓިކް ވައިލެންސް ޕްރިވެންޝަން ސްޓްރެޓަޖީގެ ދަށުން ހިޔާވަހިތައް ޤާއިމުކުރާން ރާވާފައި ވެއެވެ. ވިޔަ ނުދިނުމާއި، ޙިމާޔަް ދިނުމާއި، ޖަވާބުދާރީ ކުރުވުމަށް މަގުފަހި ކުރުވާނެއެވެ. އަދި ގެވެށި އަނިޔާ މަނާކުރުމުގެ ޤާނޫނަށް އާރުލާ ގޮތުގައި ޢަމަލުކުރުަމަށް މުޅި ދިވެހި ސަރުކާރުން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރާނެއެވެ.
"....ކުޑަކުދިންނަށް ހަމަޖެހުމާއި، އެހީތެރިކަން އިތުރަށް ފޯރުކޮށްދޭން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނަށް ގެންނާންޖެހޭ ބަދަލުތައް ދިރާސާކުރާން ރާވާފައި ވެއެވެ. ނިމިދިޔަ މަހުއްސުރެ، އެކަނިވެރި މައިންބަފައިންނަށް ދޭ އެލަވަންސް ތިން ގުނަ ކޮށްފައިވާ ކަން ދިވެހި ސަރުކާރުން އުފަލާއެކު ފާހަގަކުރަމެވެ."
ބިދޭސީ މަސައްކަތްތެރިން
މަދަނީ މުޖުތަމަޢު
މަސްދަރު: އޭޑީއެމް
"ބިދޭސީ މަސައްކަތްތެރިންނާއި ބިދޭސީ ވަޒަންވެރިންނަށް ތަފާތުކުރުން އެކިގިނަ ފަށުން ތަޖުރިބާ ކުރާން ޖެހެއެވެ. އިންޞާފަށް އަދި ރައްކާތެރިކަމަށް ހުރީ މަދު ދޮރުތަކެކެވެ."
މަސްދަރު: އޭޑީއެމް އަދި ފޯރަމް އޭޝިޔާ
"ކާވެންޏާބެހޭ ޤާނޫނުގައި ބިދޭސީ ފިރިހެންނުނަށް ދިވެއްސަކާ އިންނަނަމަ މާލީ ލިޔާޤަތު ކަށަވަރުކޮށްދޭން ޖެހެއެވެ. ދިވެހި ފިރިހެނަކަށް ނުޖެހެއެވެ. މިއީ ކުޑަ މުސާރައަކަށް މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންނަށް، ޚާއްޞަކޮށް ބަންގްލަދޭޝް އަދި އިންޑިޔާ މީހުންނަށް އަސަރުކުރާ މިންވަރު ބޮޑުވާނެ ފަދައިން އޮތް މާއްދާއެކެވެ. އަދި ދިވެހި އަންހެނުންނާއި ބިދޭސީ މަސައްކަތްތެރިން އިނުމާމެދު ދެކެވޭ ކުށް އަދި ވަޠަނީ ހީތަކަށް ބާރުދޭވެސް ކަމެކެވެ."
ސަރުކާރުގެ ދިފާޢު
މަސްދަރު: މިނިސްޓަރ އިޙްސާން
"އިޞްލާޙީ ފިޔަވަޅުތަކާއި، ބައިވެރިކުރުވަނިވި ޚިދުމަތް ފޯރުކޮށްދިނުމުގެ ސިޔާސަތެއްގެ ތެރެއިން، ބިދޭސީ މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިކޮށް ބެލަހައްޓާން ސަރުކާރުން ޢަޒުމު ކަނޑައަޅާފައި ވެއެވެ. ވަޒީފާއާބެހޭ ޤާނޫނަށް 2024 ގައި އިޞްލާޙް ގެނެވި، ބޭރުގެ މަސައްކަތްތެރިންނާ މުޢާމަލާތް ކުރާންވީ ހަމަ އުޞޫލުތައް ޤާއިމުކޮށްފައިވެއެވެ. ވަޒީފާ ދޭ ފަރާތުގެ މަސްއޫލިއްޔަތުތަކާއި، ޚިލާފުވުމުން އެޅޭނެ ފިޔަވަޅުތައް ބަޔާންކޮށްފައި ވެއެވެ. ބިދޭސީ މަސައްކަތްތެރިންނަށް ޚާއްޞަ ޑިޕާޓްމަންޓެއް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގައި ޤާއިމުކޮށްފައި ވާނެއެވެ."
"މިއަހަރުގެ ޖޫންގައި، އިންޓަރނޭޝަނަލް އޯގަނައިޒޭޝަން ފޮރ މައިގްރޭޝަންއާ ދިވެހިރާއްޖެއިން ގުޅިގެން، ބިދޭސީ މަސައްކަތްތެރިންނަށް ރިސޯސް ސެންޓަރެއް ޤާއިމުކޮށްފައި ވާނެއެވެ. މިއީ އެއްތާކުން ބޭނުންވާ އެހީއާއި މަަދަދު ލިބޭ ގޮތަށް އިންތިޒާމުކޮށްފައިވާ ސެންޓަރެކެވެ. ބިދޭސީ މަސައްކަތްތެރިންގެ ޝަކުވާތައް ހުށަހެޅުމަށް އޮންލައިން ޕޯޓަލެއްވެސް ޤާއިމުކޮށްފައިވާނެއެވެ. އަދި ޝަކުވާތަކާއި ކަންބޮޑުވުންތަކަށް ޙައްލު ހޯދުމުގެ ނިޒާމެއްވެސް ބިދޭސީ މަސައްކަތްތެރިންނަށް ޤާއިމުކޮށްފައި ވާނެއެވެ.
"އޮޕަރޭޝަން ކުރަނގި އަކީ ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކުރާން މިސަރުކާރުން ފެށި މުހިންމު ޕްރޮގްރާމެކެވެ. އޮކްޓޫބަރު 30، 2025 ގެ ނިޔަލަށ 188،359 ބޭރުގެ މަސައްކަތްތެރިންގެ ބަޔޯމެޓްރިކް ޑޭޓާ ނަގާފައި ވާނެއެވެ."
"އަލުން ޤަވާއިދަށް ފެތުމުގެ ޕްރޮގްރާމެއް 2019 އިން ފެށިގެން ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށް ހިންގަމުން ދެއެވެ. ވަޒީފާ ދޭ ފަރާތުން ކަމާބެހޭ ޤާނޫނުތަކާ ޚިލާފުވާނަމަ އިތުރު ފައިސާ އެއް ދެއްކުމަކާ ނުލާ، އަދި ވަޒީފާ ދިން ފަރާތުގެ ރުހުމަކާނުލާ އެހެން ވަޒީފާއަކަށް ބަދަލުވުމުގެ ފުރުޞަތު އެޕްރޮގްރާމް މެދުވެރިކޮށް ފަހިކޮށްދެވިފައި ވާނެއެވެ. ބައިނަލްއަޤްވާމީ ހެޔޮ އުޞޫލުތަކުގެ ދަށުން، ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭނެ ޑޮމިޓޯރީ ޤާއިމުކުރުމުގެ ރޭވުންތައް ދަނީ ކުރިއަށެވެ."
"ބޭރު ޤައުމުތަކުގެ ރައްޔިތުންނަށް ޞިއްޙީ ފަރުވާއަށް ކަންފަހިކުރުމަށް ނޭޝަނަލް މައިގްރަންޓް ހެލްތު ޕޮލިސީ ޖުލައި 2025 ގައި ދިވެހިރާއްޖެއިން އިޢުލާން ކޮށްފައި ވާނެއެވެ."
"ވަޠަނީ އަނިޔާވެރިކަމުގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދާން، ޤާނޫނުލް ޢުޤޫބާތަށް ބަދަލު ގެނެސް، ނަފުރަތާއި އަނިޔާވެރިކަމުގެ ބަސްތައް ބުނެ، ހިތްވަރުދީ އުޅުން ޖިނާޢީ ކުށަކަށް ހަދާފައި ވެއެވެ. މޯލްޑީވްސް ޕޮލިސް ސަރވިސްއިން އެބާވަތުގެ ކޮންމެ މައްސަލައެއް ބަލާ، އަނިޔާ ލިބޭ ފަރާތްތަކަށް ސައިކޯސޯޝަލް ސަޕޯޓު ފޯރުކޮށްދެމުން ދެއެވެ."
މަސްދަރު: ބަންޑާރަ ނާއިބް
"މި މަރުޙަލާގައި، ދިވެހިރާއްޖެ ވަޞީލަތުގެ ގޮތަކުންވެސް އަދި ޤާނޫނީ ގޮތަކުންވެސް އޮތިއްޔަކީ މައިގްރަންޓް ވޯރކާޒް ކޮންވެންޝަން ނުވަތަ ދައުލަތަކަށް ނިސްބަތް ނުވާ މީހުންނާއި، ރެފިއުޖީންނާއި، ޙިމާޔަތް ހޯދާ މީހުންނާ ގުޅޭ މުޢާހަދާތަކަށް ފުރިހަމައަށް ޢަމަލުކުރެވޭފަދަ ޙާލަތެއްގައެއް ނޫނެވެ. ނަމަވެސް އެތެރޭގެ އޮނިގަނޑުތަކުން ބިދޭސީ މަސައްކަތްތެރިންނަށް އެކަށީގެންވާ ރައްކާތެރިކަން ފޯރުކޮށްދެއެވެ. އަދި ޖާނާއި ފުރާނައަށް ނުރައްކާވާ ޤައުމުތަކަށް މީހަކު ނުވަތަ ބަޔަކު ފޮނުވާނުލުމުގެ މަފްހޫމަށް ފުރިހަމައަށް އިޙްތިރާމް ކުރަންމެއެވެ.
މަދަނީ މުޖުތަމަޢު
މަސްދަރު: ފޯރަމް-އޭޝިޔާ އަދި އެމްޑީއެން
"2015 ގެ ޓެރަރިޒަމް މަނާކުރުމާބެހޭ ޤާނޫނުގައި - އެތައް ފަހަރެއްގެ މަތިން އިޞްލާޙު ކުރިނަމަވެސް، "ހިތްވަރުދިނުން"، "ތާޢީދުކުރުން"، އަދި "ހައްދުފަހަނައެޅި" ފަދަ ވަކި ޚާއްޞަ މާނައެއް ދޭހަކުރަން އުނދަގޫ ވާފަދަ ގޮތެއްގައި ލަފުޒުތައް ހިމަނާފައި އެބަހުއްޓެވެ. އަނގައިން ބުނާ ބަހަކުން ކުށްވެރިވާ ގިނަ ގޮތްތަކެއްވެސް ހިމެނެއެވެ. އދ ގެ ކައުންޓަރ ޓެރަރިޒަމް ެންޑް ހިއުމަން ރައިޓްސްގެ ޚާއްޞަ މަންދޫބު ވިދާޅުވަނީ މިފަދަ ސާފު މާނަ ދޭހަނުވާ ލަފުޒުތަކުން، ޚިޔާލު ފައުޅުކުރުމާއި، ޖަމާޢަތް ހެދުމުގެ މިނިވަންކަމަށް ބޮޑެތި ހިރާސްތަކެއް ކުރިމަތިކުރުވާ ކަމަކަށެވެ. އަދި އަމުދުން ނޫސްވެރިންނާއި، އެކްޓިވިސްޓުންނާއި، ސިޔާސީ ވާދަވެރިންނާ ދެކޮޅަށް މިޤާނޫނު ކުރިން ބޭނުންކޮށްފައިވާ ހިނދުއެވެ.
މަސްދަރު: އެޑްވޮކޭޓިންގް ދަ ރައިޓްސް އޮފް ޗިލްޑރަން (އާރކް)
"2009 ގައި 93 އިންސައްތައިގައި ހުރި ވެކްސިން ފުރިހަމަކުރުމުގެ ނިސްބަތް 2017 ގައި 77 އަށް ތިރިވިއެވެ. މިއީ ހާރޑް އިމިއުނިޓީއަށް ފުދޭ މިންވަރަށްވުރެ ކުޑަ ނިސްބަތެކެވެ. 2020 ގައި މިކަމުން، ހިމަބިހި ފެތުރުނެވެ. ވެކްސިން ޖަހާން ޖެހިލުންވަނީ ދީނީ ހަރުކަށީ ވިސްނުމުގެ ސަބަބުންނާއި، ކުށް މަޢުލޫމާތުގެ ސަބަބުންކަމަށް ރިޕޯޓު ކޮށްފައި ވެއެވެ.
ސަރުކާރުގެ ދިފާޢު
މިނިސްޓަރ އިޙްސާން
"އަނިޔާވެރި ހައްދުފަހަނައެޅުމުގެ ޢަމަލުތައް ހުއްޓުވުމާއި، އެކަންކަމަށް ކުރިމަތިލުމަށް ދިވެހި ސަރުކާރުން ކޮށްފައިވާ ޢަޒުމުގެ މަތީގައި ދެމި ތިބީމުެއެވެ. ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ޒިންމާތަކާއި، ޤާނޫނުގެ ވެރިކަމުގެ ހަމަތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ. ހައްދުފަހަނައެޅުން ހުއްޓުވުމާއި، އެމައްސަލައާ ކުރިމަތިލުމަށް އެކުލަވާފައިވާ ނޭޝަނަލް އެކްޝަން ޕްލޭން އަލުން މުރާޖަޢާކުރުމުގެ މަސައްކަތް ފެށިފައިވެއެވެ."
"ހައްދުފަހަނަ އެޅުން ހުއްޓުވާން ޒުވާނުންނާއި، ކިޔަވާދޭ މީހުންނާއި، މަދަނީ މުޖުތަމަޢާއި، ޢާންމުންނަށް އަމާޒުކޮށް ޤާއުމީ ފެންވަރުގައި ހިންގާފައިވާ ޕްރޮގްރާމްތަކުގައި 32 ރަށަކުން 23،828 މީހުން ބައިވެރިވެފައި ވެއެވެ."
"ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތައް ވަރުގަދަކުރާން، ދިވެހިރާއްޖެއިން އދ ގެ ގުނަންތަކާއި، އިންޓަރޕޯލް، ވިލާތުގެ އިއްތިޙާދު އަދި ދޭދޭ ޤައުމުތައް ހިމެނޭހެން ބައިނަލްއަޤްވާމީ ބައިވެރިންނާއެކު ގާތުންދަނީ މަސައްކަތް ކުރަމުންނެވެ.
ދީނީ މިނިވަންކަން
މަދަނީ މުޖުތަމަޢު
މަސްދަރު: ފޯރަމް-އޭޝިޔާ އަދި އެމްޑީއެން
"ދިވެހި ރައްޔިތުކަމާ މުސްލިަމަކަށް ވުމާ ބަނދެވިގެންވެއެވެ. ދީނީ ޚިޔާލުތަފާތުވުމާއި އެހެން ޢަޤީދާތަކަށް އިޙްތިރާމުކޮށް، ތަޙައްމަލުކުރާ މިންވަރު އިތުރުކުރާން ވަކާލާތު ކުރާ މީހުންނަކީ "މުރުތައްދުން"ގެ ގޮތުގައި ލޭބަލްކޮށް، ބިރުދައްކާ، ޖިނާޢީ ދަޢުވާކޮށް، އަނިޔާވެރިކަމުގެ ޢަމަލުތަކަށްވެސް ހުށަހަޅާފައި ވެއެވެ. މިކަންކަމާމެދު ކަންބޮޑުވާ ލިޔުންތެރިންނާއި ނޫސްވެރިންނަށް އަމާޒުކޮށް އަނިޔާދެމުން ދެއެވެ. ބައެއް މީހުންގެ ފުރާނަ ގެއްލި ހިނގައްޖެއެވެ. ފިޔަވަޅު ނޭޅުމާއި، ދައުލަތުގެ މަޤާމުތަކުގައި ތިބޭ މީހުންގެ ބައިވެރިވުން އޮވެގެން ނޫސްވެރިންނާއި، ލިޔުންތެރިންނާއި، މަދަނީ މުޖުތަމަޢުގެ ޙަރަކާތްތެރިންނަށް ޙަމަލާދީފައިވާތީ އުފެދިފައިވާ ބިރުގެ ޘަޤާފަތުގެ ސަބަބުން، ދީނީ މިނިވަންކަމާއި، ޚިޔާލު ފައުޅުކުރުމުގެ މިނިވަންކަމަށް ބޮޑުތަނުން ހުރަސް އެޅެއެވެ.
"ދީނީ އެއްބައިވަންތަކަމުގެ ޤާނޫނުން، އިންސާނީ ޙައްޤުތަކާއި، ބައެއް އަސާސީ ޙައްޤުތަކާއި މިނިވަންކަމުގެ މައްޗަށް ހުރި ޙިމާޔަތްތައް، މިސާލަކަށް މަރުގެ ޙުކުމް އުވާލުމަށް ވާހަކަދެއްކުމަކީ އިސްލާމްދީނާ ޚިލާފުވުންކަމަށް ދުށުމަށް ޖާގަ ދެއެވެ."
"ކޮންމެ މީހަކަށްމެ އެމީހަކު ޤަބޫލުކުރާ ދީނަކަށް އުޅުމާއި، އެއިޢުތިޤާދު ބަދަލުކުރުމުގެ ޙައްޤު ޔަޤީންކުރުމަށާއި،" "މުރުތައްދުގެ ކުށް އުވާލުމަށް" 2024 ޖުލައިގައި އދ ގެ އިންސާނީ ޙައްޤުތަކާބެހޭ ކޮމިޓީއިން ގޮވައިލާފައި ވެއެވެ.
ސަރުކާރުގެ ދިފާޢު
މަސްދަރު: ބަންޑާރަ ނާއިބް
"އަށް ޤަރުނަށްވުރެ ގިނަ ދުވަސްވެފައި މިވަނީ ދިވެހިރާއްޖޭގެ އައިޑެންޓިޓީއާއި އިޖުތިމާޢީ ގިއުގަނޑުގެ ތަރަހައަކީ އިސްލާމްދީންކަމުގައި އޮވެގެންނެވެ. ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއިން ރިވެލިކުރަނީ ދިވެހިރާެްޖޭގެ ޤާނޫނީ އޮނިގަނޑުގެ ތަރަހައަކީ އިސްލާމީ އުޞޫލުތައް ކަމުގައި ދިވެހި ރައްޔިތުންގެ އިސްތިޤްލާލީ އިޚްތިޔާރުން ނިންމާފައިވާ ކަމެވެ. ދިވެހިރާއްޖޭގެ ދުސްތޫރީ އަގުތަކާއި، ޘަޤާފީ ތަހަތައް ދެމެހެއްޓުމަށް ދިވެހިރާއްޖެ އޮންނާނީ ޢަޒުމު ކަނޑައަޅައިގެންނެވެ."
"ޤާނޫނުގެ ކުރިމަތީގައި ހަމަވުމާއި، ދިވެހިރާއްޖޭގެ އިޙްތިޞާޞްގައި ހިމެނޭ ކޮންމެ މީހަކަށްމެ އަސާސީ ޙައްޤުތަކުގެ ފުށުން ލިބޭ ޙިމާޔަތްތައް ކަށަވަރުކުރުމަށް އަޅުގަނޑުމެން ޢަޒުމުކޮށްގެން ތިބި ޙާލު، އިސްލާމްދީނުގެ ބޭރުން އެހެން ދީންތަކަށް އުޅުމުގެ މިނިވަންކަން ދިވެހި ޤާނޫނުން ބަލައެއް ނުގަނެއެވެ.
"އިސްތިޤްލާލީ ޑިމޮކްރެޓިކް ޤައުމެއްގެ ޙައިޘިއްޔަތުން، ދިވެހިރާއްޖޭގެ ކަންކަން ހިންގަނީ ދިވެހި ޤާނޫނުއަސާސީއާއި، ދުސްތޫރީ މައިގަނޑުތަކުގެ މައްޗަށެވެ. ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީންކަމުގައްޔާއި ޤާނޫނުތަކުގެ އަޞްލަކީ އިސްލާމީ އުޞޫލުތައްކަމުގައި ޤާނޫނު އަސާސީ ކަނޑައަޅައެވެ. އިސްލާމްދީނާ ޚިލާފު ޤާޏޫނެއް ރާއްޖެއަކު ނުހިންގޭނެއެވެ. ޤާނޫނުއަސާސީގެ އަލީގައި ނަޒަރު ކުރާއިރު، ދަންނަވާންޖެހެނީ، އައިސީސީޕީއާރް އަދި ސީއާރްސީ [ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް] އަށް ޢަމުލުކުރުމުގައި ދިވެހިރާއްޖެއިން އިޢުތިރާޟްކުރާ މާއްދާތަކުގެ މައްސަލައިގައި އިތުރު ގޮތެއް ހަދާކަށް ޤަސްތެއް ނުކުރަމެވެ."
"ނަހަމަ ނުކުރުމުގެ މަފްހޫމުގެ މައްޗަށް ދިވެހިރާއްޖެއިން ފުރިހަމައަށް އިޙްތިރާމްކުރާ އިރު، ހުރިހާ އެންމެންނަށްވެސް ޙައްޤުތަކާއި ޚިދުމަތްތަކަށް ކަންފަހިވެފައިވާކަން ކަށަވަރުކުރަމުއެވެ. ދުސްތޫރީ އަދި ޤާނޫނީ އޮނިގަނޑު ބިނާވެގެންވަނީ އިސްލާމީ އުޞޫލުތަކުގެ މައްޗަށެވެ. އެހެންކަމުން، ރާއްޖޭގެ ދީނީ އަދި ޘަޤާފީ ދާއިރާއިން ބޭރު ކަންކަމަކަށް ޤާނޫނީ ނިޒާމު ހުއްދައެއް ނުކުރާނެއެވެ. ވިސްނުމާއި، ޒާތީ ކަންކަން ބެހެއްޓުމުގައިވެސް މެއެވެ.
"ދިވެހިރާއްޖޭގެ އާބާދީއަކީ މުޅިންހެން އެއް ބަޔެކެވެ. ބޭރު މީހުން މައިގަނޑުކޮށް އުޅެނީ މަސައްކަތްތެރިންކަމުގައި އައިސް ދިރިއުޅޭތީއެވެ. ޤާނޫނުއަސާސީއާ އެއްގޮތްވާގޮތުގެ މަތިން، ދިވެހި ރައްޔިތުކަން ލިބޭނީ ހަމައެކަނި މުސްލިމުންނަށެވެ. ރައްޔިތުކަން ހޯދުމުގެ އިޖުރާޢަތުތަކަށް ފަސޭހަކަމާއި ލުއިކަން އިދާރީ ގޮތުން ވޭތިވެދިޔަ އަހަރުތަކުގައި ގެނެސްފައިވާއިރު، އިސްލާމަކަށް ވުމުގެ ދުސްތޫރީ ޝަރުޠަށް އެއް އިރެއްގައިވެސް ބަދަލު ގެނެސްފައެއް ނެތެވެ."
"އިސްލާމް ދީން ދިވެހި އައިޑެންޓިޓީ ފުންގޮތެއްގައި މޫލާފައި ވެއެވެ. އެއީ ދިވެހި ޤައުމީ ފޭރާމާއި ޤާނޫނު އަސާސީގައި އެކުލެވިފައިވާ ދޫދެވެންނެތް އަސާސެވެ. އަޅުގަނޑުމެންގެ އަގުތަކާއި، ޤާނޫނުތަކާއި، އިޖުތިމާޢީ އާދައުޅުންތަކާއި، ބުއްދިއާއި ހަމައިގެ މައިގަނޑަކީ އިސްލާމް ދީނެވެ."
ޖިންސީ، ޒާތީ ގުޅުންތަކާއި މިންތީގެ އައިޑެންޓިޓީ
މަދަނީ މުޖުތަމަޢު
މަސްދަރު: ފޯރަމް އޭޝިޔާ އަދި އެމްޑީއެން
"އެއްބަސްވާ ބޮޑެތި މީހުންގެ ތެރޭގައި އެއް ޖިންސުން ގުޅުމަކީ ޖިންސީ ކުށްތަކާބެހޭ ޤާނޫނާއި ޤާނޫނުލް ޢުޤޫބާތުން ކުށެކެވެ. ޖަލު ޙުކުމެއް އަންނާނެއެވެ. ތަޅާނެވެސް މެއެވެ. މިޤާނޫނުތައް ޙަރަކާތްތެރި ގޮތުގައި ތަންފީޛުކުރެއެވެ."
"ތިމާ ޖިންސީގޮތުން ހިތްކިޔާ ފަރާތާއި، މިންތީގެ އައިޑެންޓިޓީއާ ގުޅުވައި އަނިޔާވެރިކަމާއި، ނަފުރަތާއި، ތަފާތުކުރުން ހުއްޓުވާން އެކަށީގެންވާ ޤާނޫނީ ރައްކާތެރިކަމުގެ މިންގަނޑުތަކެއް ނެތަތީ، ދައުލަތް އަދި ދައުލަތުގެ ބޭރުންވެސް އެފަދަ މީހުންނަށް ޤަވާޢިދުން ޓާގެޓުކޮށް، ބިރުދައްކާ، ޙަމަލާދީ، ޖިސްމާނީ އަނިޔާގެ ބިރުދައްކައެވެ. އެބައިމީހުން ފަޟީޙަތް ކޮށް، ޒާތީ މަޢުލޫމާތު ޤަސްތުގައި އޮންލައިންކޮށް ލީކުކޮށް، އަގުވައްޓާލައި، ސިޔާސީންނާއި، ޢާންމުން ދަންނަ ޝަޚްޞިއްޔަތުތަކާއި، ނޫސްވެރިންނާއި، އެކްޓިވިސްޓުންގެ ދުވަސް ޢާންމުކޮށް ދުއްވާލަމުން ދެއެވެ."
"އަނިޔާ ލިބޭ މީހުން ގިނަ ފަހަރު ިޖިނާޢީގޮތުން ކުށްވެރިވެއެވެ. 2022 ގައި ދެ ފިރިހެނަކު ދެމެދުގައި، ޤަބޫލުވެގެން ހިންގި ޖިންސީ ގުޅުންތަކެއްގެ ވީޑިއޯ އޮންލައިންކޮށް ލީކުކޮށްފައި ވެއެވެ. 11 މީހުންނަށް ޤާނޫނުލް ޢުޤޫބާތުން ދަޢުވާ ކުރިއެވެ. 3 މީހަކަށް ޙުކުމް ކުރިއެވެ. އެހެން މީހުން ތިބީ ތަޙްޤީޤުގެ އެކި މަރުޙަލާތަކުގައެވެ."
މަސްދަރު: އެމްޑީއެން
"އެލްޖީބީޓީއައިކިޔު އަށް ނިސްބަތްވާ މީހުންނަކީ ރާއްޖޭގައި ނެތް ބަޔަކު ފަދައެވެ. އެމީހުންނަށް އަނިޔާކޮށް، ޖިނާޢީ އަދަބުތަކަށް ހުށަހެޅޭ ހިނދު މެނުވީއެވެ. ބިރާއި، ވަންހަނާގައި ދިރިއުޅޭން އެބައިމީހުންނަށް މަޖުބޫރު ކުރުވަތެވެ. އަބުރުވެރިކަމާއެކު ދިރިއުޅެމެއް އާރާސްތުކުރުމުގެ ޙައްޤުން މަޙްރޫމް ކޮށްފައެވެ.
ސަރުކާރުގެ ދިފާޢު
ސަރުކާރުން ހުށަހެޅި ލިޔުމުގައިވެސް، ދެއްކި ވާހަކައިގައިވެސް ދިފާޢެއްގެގޮތުން އެއްޗެއް ނުބުނެއެވެ.

